ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 41

ސާޅީސްއެއްވަނަ ބައި

ޤަބޫލުކުރަން ދަތިވިޔަސް ޝުހޭލްއަށް ދެވުނީ ސަބީހާގެ އެނދުގެ ފަހަތުންނެވެ. އޭނާގެ ދެލޯ ފުރިފައިވަނީ ކަރުނަތަކުންނެވެ. ޝުހޭލްގެ ހަރަކާތްތަކަށް ބަލަމުން އަނާރް ދިޔައެވެ.

***

އާކާޝްއަށް އިސްއުފުލާ ބަލައިލެވުނީ ކުރިމަތީގައި ފަޔާޒް ހުއްޓުނު ވަގުތުގައެވެ. އޭނާގެ ފަހަތުގައި މިހުނާގެ އިތުރުން އާހިލް އާ ރާހިލްވެސް ތިއްބެވެ. ޒައިނާ ހޭއެރިކަމުގެ ހަބަރު ދިންތާ ވިހިމިނިޓް ތެރޭގައި ޒައިނާގެ އާއިލާ އެތިބީ ހޮސްޕިޓަލުގައެވެ.

"ފަހުން ހަބަރެއްވިތަ؟" ފަޔާޒް ހުއްޓިފައި އެހިއެވެ. ފަޔާޒަށް ކުއްލި ހައިރާންކަމެއް ލިބުނީ އާކާޝް ފަޔާޒްގެ ކަރުގައި ބެއްދުމުންނެވެ.

"ކިހިނެއްވީ؟ ކަމެއްވީތަ ޒައިއަށް؟ ޑޮކްޓަރު ކީކޭ ބުނީ؟" ހާސްވެފައި ފަޔާޒް އެހިއެވެ.

"ނޭނގެ. ޒައި އޮތީ ފާޑަކަށް. އަޅުގަނޑު ވަރަށް ވާހަކަދެއްކިން. ބަލަހައްޓައިގެން އޮންނަނީ" އާކާޝް ވާހަކަދެއްކިއެވެ.

"ފަހުން ޑޮކްޓަރ އައިތަ؟" ފަޔާޒް އެހިއެވެ.

"ނާދޭ. ދޮންބެ ދޭބަލަ. އަހާބަލަ ޑޮކްޓަރު ކައިރީގަ. ބަލާބަލަ ޒައިގެ ހަނދާނުގަ އެއްވެސް އެއްޗެއް ހުރިތޯ" އާކާޝް ވާހަކަދެއްކިއެވެ.

"އައްކި ހާސްނުވެބަލަ. ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ތިންކް ޕޮޒިޓިވް" އާކާޝްގެ ބުރަކަށީގައި ފިރުމާލަމުން މިހުނާ ބުނެލިއެވެ.

***

ޑޮކްޓަރުން ދިން ހަބަރާއެކު އަނާރަށް އަނގަމަތީގައި އަތްއެޅިއްޖެއެވެ. ދުރުގައި ހުރި ޝުހޭލްއަށް ބަލައިލެވިއްޖެއެވެ. ޑޮކްޓަރު ނިކުމެ އަނާރާ ވާހަކަދައްކަން ހުރިއިރުވެސް ޝުހޭލް އަޅައެއްނުލިއެވެ. ވީގޮތެއް ބަލަން ޝުހޭލް ނޫޅުނީތީ އެހަބަރު ޝުހޭލްއަށް ދޭން އަނާރް ބޭނުންނުވިއެވެ.

"ރުޝްދާއްތަ ވިހައިފި. ގާރލްއެއް" އަނާރާ ދިމާލަށް އައި ޝުރޫކް ބުނެލިއެވެ. އެއަޑު ޝުހޭލްއަށް އިވުނެވެ. އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއް ނުފެނުނެވެ. ދެވަނަ ފަހަރަށް ފާރުގައި ބޯވިއްދާލިގޮތަށް ވިސްނުމަކަށް ގެއްލިއްޖެއެވެ.

"ފިޔާޒާއްތަ އެބަހުރި އެތަނުގަ. ބުނީ ސަބީހާއްތަގެ ހާލެއް ބަލާލާފަ އަންނާށޯ. މިހާރު ކިހިނެއްވަނީ؟" ޝުރޫކް އެހިއެވެ.

"ވަރަށް ދެރަ. ވެންޓިލޭޓަރގަ. ލިވަރގެ އެއްވެސް ކަމެއް ނެތޯ. ވަރަށް ކްރިޓިކަލް ކަމަށް ބުނީ"" އަނާރް ވާހަކަދެއްކިއެވެ.

"އަސްލުތަ؟ ހާދަ ދެރައޭ. ޝުހޭލްއަށް އިނގޭތަ؟" ދުރުގައި ހުރި ޝުހޭލްއަށް އިޝާރާތްކުރަމުން ޝުރޫކް ބުނެލިއެވެ.

"ހިއެއްނުވޭ. އޭނައަށްވެސް ފާޑެއްގެ ގޮތެއްވެފަ ހުރީ" އަނާރް ބުނެލިއެވެ.

"އަހަރެން މިދަނީ. ހަބަރެއްވާތި އިނގޭ. ޝުހޭލް އާ ވާހަކަދައްކާލައްޗެ" އަނާރްގެ އަތުގައި ހިފައި ފިތާލަމުން ޝުރޫކް ބުނެލިއެވެ.

***

ދޮރުމަތީގައި ހުރި ޑޮކްޓަރު ވަށާލާފައި އާއިލާގެ ހުރިހާ މެންބަރުން ތިއްބެވެ. ވަދެގެން އައި ހަނީފާ ޔުސްރާވެސް ތިއްބެވެ. ހިތްއަވަސްވެފައިވާ އާކާޝްގެ އަތްތިލައިގައި ޔުސްރާ ހިފާލިއެވެ. އެހިނދު އާކާޝް ޔުސްރާގެ މޫނަށް ބަލައިލިއެވެ. ދަރިފުޅަށް ހިތްވަރު ދިނުމުގެ ގޮތުން ޔުސްރާ އާކާޝްގެ އަތްތިލައަށް ފިތައިލިއެވެ.

"ޕޭޝަންޓް ރަނގަޅުވަމުން އަންނަނީ. އިތުރުކަމެއް ދިމާނުވަންޏާ މިރޭގެ ވަގުތެއްގައި ވެންޓިލޭޓަރ އިން ނަގާފަ ސައުވީސްގަޑިއިރަށް ބަލާފަ ހުރިހާކަމެއް ރަނގަޅަށް ހުރިއްޔާ ފައި އޮޕަރޭޝަން ކުރެވޭނީ. ދެކަށިގަނޑު އިނީ ބިނދިފަ" ދިވެހި ޑޮކްޓަރ ވާހަކަދެއްކިއެވެ.

"ޑޮކްޓަރ. ޕޭޝަންޓްގެ ވާހަކަދެއްކުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ހަނދާނުގެ އެއްވެސް މައްސަލައެއް އެބައުޅޭތޯ؟" ކެތްމަދުވެފައިވާ އާކާޝް ސުވާލުކުރިއެވެ.

"ސިކުނޑިއަށް ގެއްލުންވެފަ ވަނީ. ރަނގަޅުވާނެ. އިންޝާﷲ. ހަނދާނުގަ ހުރިހާކަމެއް އެބަހުރި. އެކަމަކު ފެނުމުގަ ކުޑަ ކަމެއް އެބައުޅޭހެން ހީވަނީ. އެކަން އަޅުގަނޑުމެން މިދަނީ ޔަޤީންކުރަމުން" އިތުރަށް ޑޮކްޓަރު ވާހަކަދެއްކިއެވެ. އާކާޝްގެ ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ.

"ޑޯންޓް ވޮރީ. ރަނގަޅުވާނެ" ފަޔާޒްގެ ކޮނޑުގައި ޖަހާލާފައި ޑޮކްޓަރު އަލުން އައިސީޔޫ ތެރެއަށް ވަދެއްޖެއެވެ.

***

ސަބީހާ ކައިރިއަށް ވަދެވުނީ ހަމައެކަނި އަނާރަށެވެ. ޝުހޭލް ހުރިތަނުން ގުޑާވެސް ނުލިއެވެ. އޭނާ ދުނިޔެއިން މޮޔަވެފައި ހުރި ކަހަލައެވެ. އަނގައިން ނުބުނި ތަނުގައި އެހެން މީހަކު ދައްކާ ވާހަކައަކަށް ސަމާލުކަމެއްވެސް ނުދެއެވެ. އަނާރް ބޭރަށް ނިކުމެ ދެކޮޅު ބަލައިލިއެވެ. ޝުހޭލް ފެންނަން ނެތެވެ. އޭނާ ދުރަށް ހިނގާލާފައިވެސް ހުރިހާ ތަނެއް ހޯދިއެވެ. ޝުހޭލް ނުފެނުނެވެ. ރުޝްދާ އޮތް ކޮޓަރިއަށް ދިޔައީ އޭ ހިތާ އަނާރް ޑޮކްޓާރާ ވާހަކަދައްކާލަން މަޑުކޮށްލިއެވެ. އެއަށްފަހު ފޯނު ނަގައިގެން ޝުރޫކަށް ގުޅިއެެވެ. ވާހަކަތަކެއް ދައްކާލާފައި އޭނާ ހިނގައިގަތެވެ.

ފިޔާޒާ ދިން ފެންތަށިން އެތިފޮދެއް ބޯލުމަށްފަހު ރުޝްދާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ކައިރީގައި އޮތް އޭނާގެ ދެލޮލުގެ ނޫރުފަދަ ލޯބިވާ ތުއްތު ދަރިފުޅަށް ބަލައިލިއެވެ. އެދަރިފުޅު އެހާ ތުއްތު އިރުގައިވެސް ޝިމާޒްގެ ބޮލުގައި އޮންނަ ކަހަލަ ފަން އިސްތަށިކޮޅެއް އޮތެވެ. ރުޝްދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަނާރް ދޮރުހުޅުވާލާފައި ވަނީ އެވަގުތުއެވެ. އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ރުޝްދާ ކައިރީގައި އޮތް ދަރިފުޅެވެ.

"އޯވް... މާޝާﷲ... ހާދަ ލޯތްބޭ" އޭނާއަށް ފުރަތަމަވެސް އައިގޮތަށް ކުޑަކުއްޖާގެ ފުށްކޮޅެއް ފަދަ ކޮލުގައި އިނގިލިން ކޮށްޓާލިއެވެ.

"އުރާލާން ބޭނުންތަ؟" ހީލައިގެން އިން ފިޔާޒާ އެހިއެވެ.

"ނޫން. ނުކެރޭނެ. ވެއްޓިދާނެ" ޖެހިލުންވެފައި ހުރި އަނާރް ކުޑަކޮށް ފަހަތަށް ޖެހިލަމުން ބުނެލިއެެވެ. މައުސޫމް ބެލުމަކުން ކުޑަކުއްޖާއަށް އަނާރް ބަލަން ހުރުމުން ހުރިހާ މީހުންނަށް ހެވިއްޖެއެވެ.

"އަނާރް... މަންމަ ކޮބާ؟ ހުރިހާކަމެއް ރަނގަޅުތަ؟ މަންމަ އިނގޭތަ އަހަރެން ވިހައިފިކަން" ރުޝްދާ އެހިއެވެ. އަނާރް އިސްޖަހާލިއެވެ. އޭނާއަށް ދޮގެއް ހަދަން ބޭނުން ނުވިއެވެ. ތެދު ބުނެގެން ރުޝްދާއަށް ޝޮކެއް ލިބޭކަށްވެސް އޭނާ ނޭދޭއެވެ.

"އަނާރް...! ކަމެއްވީތަ؟ ކޮއްކޮވެސް ނުފެނޭ" ރުޝްދާ ކަންބޮޑުވުން ފާޅުކުރިއެވެ.

"ފަހުން ހަބަރުދީގެން ލިބޭނެ ޝޮކް ބޮޑުވެދާނެ. އެހެންވީމަ މިފަހަރު އެންމެ ރަނގަޅު ގޮތަކީ ތެދަށް ބުނުން" އަނާރް ހިތަށް އެރިއެވެ.

"ރުޝްދާއްތާ! ސަބީހާއްތަ ވަރަށް ބަލި. ވެންޓިލޭޓާރ ގަ އޮތީ. ވަރަށް ކްރިޓިކަލް" މަޑުމަޑުން އަނާރް ބުނެލިއެވެ. ރުޝްދާ ގަނޑުވިކަހަލައެވެ. ވަގުތުން އޭނާއަށް ރޮވިއްޖެއެވެ. އަނގަމަތީގައި އަތްއެޅީ އަޑު އެތެރެއަށް ހިންދާލުމުގެ ބޭނުމުގައެވެ. ވަގުތުން އެމަންމަ ދުށުމަށް ދާން ބޭނުންވިއެވެ.

"ކެތްކުރޭ ދަރިފުޅާ. ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" ރުޝްދާ އަތުގައި ފިރުމަމުން ފިޔާޒާ ހިތްވަރުދެމުން ދިޔައެވެ.

"އަހަރެން މަންމަ ކައިރިއަށް ގެންދޭ" ރުޝްދާ ބުނެލިއެވެ.

"އިރުކޮޅަކުން ވަދެވޭނެކަމަށް ބުނީ" އަނާރް ބުނެލިއެވެ.

"ކޮއްކޮ ކޮބާ؟ އަހަރެންނަށް ޔަޤީން ކޮއްކޮ ކިތަންމެ ހިތް ހަރުވިޔަސް މިހާރު ހުންނާނީ ވަރަށް އަސަރުކޮށްފަކަން" ދެލޮލުން ފައިބައިގަތް ކަރުނަތައް ފޮހެލަމުން ރުޝްދާ ވާހަކަދެއްކިއެވެ.

"އެބުނާހެން. ކޮބާ ޝުހޭލް. ސަބީހާއްތަ އައިސީޔޫއަށް ގެންދިޔައިރުވެސް ހުރި. އަހަރެން އެތަނަށް ވަދެފަ ނިކުތްއިރު ނެތް. ހީކުރީ މިކޮޅަށް އައިކަމަށް. ވަރަށް ފާޑަކަށް ހުރީ. ވާހަކަދެއްކީމަ އަޅައެއްވެސްނުލި" އަނާރް ވާހަކަދެއްކިއެވެ.

"ބޮޑަށް ހީވަނީ ގެއަށް ހެން އެދިޔައީ. ދައްތަ އަންނާނަން ގެއަށް ވަދެލާފަ" ފިޔާޒާ ބުނެލިއެވެ.

"ނޫން. ދައްތަ މަޑުކުރޭ. އަހަރެން ޝުހޭލް ކައިރިއަށް ހިނގައިދާނަން. އަހަރެން އޭނަ އާ ވާހަކަދައްކަން ބޭނުން" ވަގުތުން އަނާރް ބުނެލިއެވެ. ފިޔާޒާގެ ރުހުން އެކަމަށް ލިބުމުން އޭނާ ހިނގައިގަތެވެ.

"އަހަރެން ދޭތަ؟" ނިކުންނަން އުޅުނު ވަގުތު އެތެރޭގަ އިން ޝުރޫކް ބުނެލިއެވެ. އަނާރް ދެފަރާތަށް ބޯހޫރާލިއެވެ.

***

ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި އޮތް އަބާން ބޭރަށް ނިކުތީ ސައިފް އާދޭސްކުރާ ވަރުންނެވެ. ދެ އެކުވެރިން ސައިކަލަށް އަރައިގެން ގޮސް މަޑުކޮށްލީ ކެފޭއެއްގެ ކައިރިއަށެވެ. އެތެރެއަށް ވަދެގެން ގޮސް ހިތްފަސޭހަ ދިމާލެއްގައި މަޑުކޮށްލާފައި ސައިފް އަބާނަށް ބަލައިލިއެވެ.

"ކޮންއިރަކު އެންމެފަހުން ކެއީ؟" އަބާންގެ ވަޅުވަދެފައިވާ ދެލޮލަށް ބަލައިލަމުން ސައިފް އެހިއެވެ.

"ނޭނގެ" އަބާން ބުނެލިއެވެ.

"އަބީ ކާއެއްޗެއް ގެނޭ. އަހަރެން ކޮފީއެއް ބޯލާނީ" ސައިފް ބުނެލިއެވެ.

"ނެތް ކާހިތެއް" ވަގުތުން އަބާން ދެކޮޅު ހެދިއެވެ. އެގޮތް ސައިފް ބޭނުންނުވިއެވެ. ވެއިޓަރަކަށް ގޮވާލާފައި އަބާނަަށް ޗިކަން ކޮއްތު ރޮއްޓަކާ އޭނާއަށް ކަޅުކޮފީއެއް ގެންނަން ބުންޏެވެ. މިފަހަރު އަބާން ދެކޮޅު ނަހަދައެވެ. ބަހެއްނުކިޔާ ސައިފް ބަލަހައްޓައިގެން އިންނަން ފެށުމުން އަބާނަށް އުނދަގުވިއެވެ.

"ކިހިނެއްވީ؟" އަބާން އެހިއެވެ.

"ކަމެއްނުވޭ. ކަށްވަޅަކުން ގަބުރެއް ނަގައިގެން އާދެވުނީމަ ހަމަ ބެލެނީ. މި އަހަރުމަތީގަވެސް ފެންވަރާފަ ހުރި ހެނެއް ހިއެއްނުވޭ. އިންސާނެއްގެ ސިފައެއްނުޖަހާ. ހީވަނީ ކަނޑު ފުރޭތައެއްހެން" ސައިފް ވާހަކަދެއްކިއެވެ.

"ކަލޭ ދެކުނިންތަ ކަނޑު ފުރޭތައެއް" އެއްތުންފަތުން ހީލަމުން އަބާން އެހިއެވެ.

"އާނ. އެވާހަކައެއްނު މިބުނީ. އަހަރެން ކުރިމަތީގަ މިހާރުވެސް އެބައިން" ސައިފް ބުނެލިއެވެ.

"ބޭރަށް ނިކުންނަ ހިތެއްނުވޭ. މިހެން އިނީމަ މީހުންނަށް އަހަރެން ދެނެގަންނަން ފަސޭހައެއް ނުވާނެއްނު. ނޫސްވެރިންވެސް އަހަރެންދެކެ ހާދަ ލޯތްބެކޭ ވެގެން އެ އުޅެނީ. ހަބަރުތައް ބަލައިލީމަ ބައެއްފަހަރު ހިނިވެސް އާދޭ" އަބާން ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ކުރިން ނުހުންނަ ކަހަލަގެ ބަރުކަމެއްވެސް ހުއްޓެވެ.

"ރަނގަޅުތާ. އެކަކު ލޯބި ނުވިޔަސް ނޫސްވެރިން ލޯބިވަންޏާ" އަބާންގެ އަޑުގައި ރިހުމެއްވިއެވެ. އޭނާގެ އެޖުމްލަ ރައްދު ކުރަން ބޭނުންވި މީހާ އިވޭ ހިސާބުގައި ނެތުުމުން ހިތަށް ތަދުވެލިއެވެ.

"އަހަރެން މަންމައަށް ހުރިހާ އެއްޗެއް ކިޔައިދީފިން. ބުނި އަބީ ގޮވައިގެން ގެއަށް އަންނާށޭ" ސައިފް ބުނެލިއެވެ.

"ނޫން. އޭރުން މަންމަ އެންމެ ފުރަތަމަވެސް އަހަރެން ހޯދަން އަންނާނީ ތިގެއަށް" އަބާން ބުނެލިއެވެ

"އުންމިއްތަމެން އަބާން ހޯދަން މަސައްކަތެއްނުކުރޭ. ކުރާނަމަ ކުޑަމިނުން އަހަރެންނަށް ގުޅީހެއްނު ވީތަނެއް އަހަރެންނަށް އިނގޭތޯ ބަލަން. އެކަމަކު ނުގުޅައެއްނު" ސައިފް ވާހަކަދެއްކިއެވެ.

"ހަހަ... އަހަރެން މިއީ ހާދަ ވިޔާނުދާ އިންސާނެކޭ ދޯ. އަހަރެންނަށް ހާދަ މީހަކު ހިތުގައިޖެއްސިއްޖެޔޭ" މޭޒުގައި އަބާން ބޯއެޅިއެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް އެންމެފަހުން އޭނާގެ ދުލުން އެހެން ބުނެވިއްޖެއެވެ. އެކުވެރިޔާއަށް ވީގޮތް ފެނި ސައިފްވެސް ހިތުގައިޖެހުނެވެ.

"ޒައިނާގެ ހާލެއް އިނގޭތަ؟" ބޯއަޅައިގެން އޮތް އަބާނަށް ސައިފް ބުނެލިއެވެ.

"ދިޔައިން އެންމެންނަށް ވަގަށް. އައިސީޔޫ ގަ އޮތީމަ ނުވަދެވުނު. މީހަކަށް ފެނިދާނެތީ އަވަހަށް އައީ" އެ އޮތްގޮތަށް އޮވެ އަބާން ވާހަކަދެއްކިއެވެ.

***

އަނާރް ގޭތެރެއަށް ވަންއިރު އެއްވެސް ދިރޭ ފުރާނައެއްގެ ނިޝާނެއްވެސް ފެންނަން ނެތެވެ. އޭނާ އެންމެ ފުރަތަމަވެސް ގޮސް ހުއްޓުނީ ޝުހޭލް ކޮޓަރި ދޮރުމަތީގައެވެ. ޝުހޭލް ގޭގައި ހުރިކަމުގެ ޔަޤީންކަމެއް ނެތަސް އޭނާ އެންމެ ފުރަތަމަ ގެއަށް އައީ ޝުހޭލް ގޭގައި ހުރެދާނެ ކަމަށެވެ. ދޮރުމަތީގައި ހުއްޓިފައި ކުޑަކޮށް ޓަކިޖަހައިލިއެވެ. ހަބަރެއް ނުވުމުން ދެވިސްނުމެއްގައި ހުރެފައި ތަޅުގައި ހިފާ އަނބުރާލިއެވެ. ވަރަށް ފަސޭހައިން އެތެރެއަށް ދޮރުހުޅުވިގެން ދިޔައެވެ. އޭނާ އެތެރެއަށް ވަދެފައި ހުރިހާ ދިމާލެއް ބަލައިލިއެވެ. ޝުހޭލް ފެންނަން ނެތެވެ. އެހެންނަމަވެސް ލޮލުގައި އަޅައިގަތް އެއްޗަކުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ޝުހޭލްގެ ނިދާ އެނދާ ދިމާލު ފާރުގައި ހަރުކޮށްފައިވާ ފްރޭމްގައި ވަނީ އޭނާގެ ތަސްވީރެވެ. އެ ފްރޭމް އަނާރްގެ އުނގަނޑުން މައްޗަށް ހުންނާނެކަން ޔަޤީނެވެ. ކަޅާއި ހުދު އެކުލެވޭ އެ ފޮޓޯ ނެގި ދުވަހާ ވަގުތު އަނާރްގެ ސިކުނޑީގައި ރޯލްވެއްޖެއެވެ. އެވަގުތު އޭނާއަށް ހެވިއްޖެއެވެ. އެނދާ ގާތަށް މަޑުމަޑުން ފިޔަވަޅު އަޅަމުން ދަނިކޮށް އޭނާ އަތުގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމުން ބަލައިލިއެވެ.

"އަހަރެން ގެއަށް މިދަނީ" ޝުރޫކް މެސެޖް ކިޔާލާފައި އަނެއްކާވެސް އަނާރްގެ ސަމާލުކަން ފޮޓޯގަނޑު އަތުލައިފިއެވެ. ކުއްލިއަކަށް އޭނާ ޝުހޭލް ހޯދަން އައި ކަން ހަނދާންވެގެން ހުއްޓިއްޖެއެވެ. ފާހާނައިގަ ވެސް ނެތްކަން ޔަޤީންކޮށްފައި ނިކުންނަން އުޅުނު ވަގުތު ވަޔާ ހިއްލެމުންދިޔަ ދޮރުފަތިގަނޑު ބިއްދަށުން ހުޅުވާފައި ހުރި ބެލްކަނި ފެނުނެވެ. އޭނާ އެދިމާލަށް ހިނގައިގަތެވެ. ކޮންމެހެން އެތަނުގައި ޝުހޭލް އިން ކަމަކަށް ނޫނެވެ. އެތަންވެސް ބަލައިލުމުގެ ބޭނުމުގައެވެ.

ފާރުގައި ލެގިގެން މުށިތަކުގެ މަތީގައި ދެކަކުލުގައި ބޯއަޅާއިގެން އިން ޝުހޭލް ފެނި އަނާރަށް މޭގައި އަތްޖައްސައިލެވުނެވެ. ދުވަހަކުވެސް އެހާލުގައި ޝުހޭލް އިންދާ އޭނާ ނުދެކެއެވެ. އޭނާ ފިޔަވަޅު އަޅަމުން ގޮސް ޝުހޭލް ކައިރީގައި ކުރުކަކޫ މައްޗަށް އިށީނެވެ.

"ޝު...ޝުހޭލް" އަނާރް މަޑުމަޑުން ގޮވައިލިއެވެ. ޝުހޭލް އިސްއުފުލާ އަނާރަށް ބަލައިލިއެވެ. ރަތްވެފައިވާ ޝުހޭލްގެ ދެލޮލުގައި އެވަގުތު ކަރުނައެއްނެތެވެ. އެހެންނަމަވެސް ރަތްވެފައިވާ ދެލޮލުން އަންގައިދެނީ އޭނާ އެތައް އިރަކު ރޮއެފިކަމެވެ.

"އަހަ...އަހަރެން..." އަނާރް އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރިއެވެ.

ކުއްލިއަކަށް ޝުހޭލް ކޮށްލި ހަރަކާތަކާއެކު ލައިގެން ހުރި ޓީޝާޓްގެ އަތްކުރި ހިއްލާފައި ކޮނޑުމަތިން ދުވަސްވެފައިވާ ލަފެއް އަނާރަށް ދެއްކިއެވެ.

"ފެނޭތަ މިތަން. މިއީ ލަކުނެއް. އަހަރެން ކުޑައިރު ލިބުނު އެންމެބޮޑު އަނިޔާ. އިނގޭތަ މި އަނިޔާ އަހަރެންނަށް ދިނީ ކާކުކަން؟ އިނގޭތަ އަހަރެން ރުއިވަރު އެދުވަހު؟ އަދިވެސް އަހަރެންގެ ސިކުނޑިއަކުން ހިތަކުން އެހަނދާންތަކެއް ފިލައިގެންނުދޭ. އިނގޭތަ އޭރުގަ އަހަރެންނަކީ އެންމެ ހަ އަހަރުގެ ކުޑަކުޑަ ކުއްޖެކޭ. ކުޑަކުއްޖަކު އަނިޔާއެއް ލިބޭ ހިނދު އެންމެ ބޮަޑަށް ފިރުމުން ބޭނުންވާނީ ކާކުގެ ކަން އިނގޭތަ؟ އިނގޭތަ ހޮސްޕިޓަލުގަ އޮވޭ އަހަރެން އެމީހާއަށް ކިހާ އިންތިޒާރެއް ކުރިކަން. ރޮއެރޮއެފަ ޑޮކްޓަރުންނާ ނަރުހުން ކައިރީގަ އޭނާ ގެނެސްދޭށޭ ކިއީ ކިހާ ވަރަކަށް ކަން އިނގޭތަ؟" ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ޝުހޭލްއަށް އަނާރްގެ ދެކޮނޑުގައި ހިފައިގެން ކޮޅަށް ތެދުވެވިއްޖެއެވެ. އަދިވެސް އެލަކުނާ ހަމައަށް އޭނާ ޓީޝާޓްގެ އަތްކުރި ޖެއްސި ގޮތަށް ހުއްޓެވެ. ޝުހޭލް ދައްކަމުން ދިޔަ ވާހަކަތަކަށް ވުރެ ބޮޑަށް އޭނާއަށް ސަމާލުކަން ދެވުނީ އެ ލަކުނަށެވެ. ލަކުނުގައި ހުރި ކަޅުކުލަ ފަނޑުވެފައި ވީނަމަވެސް ބޮޑެވެ. ފަހާފައި ހުރިކަން ވަރަށް ރީއްޗަށް އިނގެއެވެ.

"މިއީ ބިިޗުލެއް އަރާފަ ހުރިތަނެއް ނޫނޭ. މިއީ މީހަކު ވަޅިންޖަހާފަ ހުރިތަނެއް" ޝުހޭލްއަށް ރޮވިއްޖެއެވެ. އަނާރަށް ޝުހޭލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ.

***

ފަޔާޒް ވަދެގެން ގޮސް އެނދު ކައިރީގައި ހުއްޓުނުއިރުވެސް ޒައިނާ އޮތީ ބަލަހައްޓައިގެންނެވެ. އޭނާ ކަޅިޖަހައިވެސް ނުލައެވެ. ލޯބިވާ ދަރިފުޅަށް ހިނިތުންވުމެއް ދެވޭތޯ ފަޔާޒް މަސައްކަތް ކުރިއެވެ. ޒައިނާ އޮތީ ހަށިގަނޑުގެ އެތަން މިތަނަށް ގުޅާފައިވާ ހޮޅިތަކުން މިންޖުވެފައެވެ. ހަމައެކަނި އައިވީ އާއި އޮކްސިޖަން އެކަންޏެވެ.

"ދަރިފުޅާ...!" އަނާރްގެ އަތްތިލައިގައި ހިފާލަމުން ފަޔާޒް ގޮވައިލިއެވެ. ޒައިނާ ބަލަން އޮތެވެ.

"ނިކަން ބައްޕައަށް ގޮވާލަަބަލަ" އެނދު ކައިރީގައި ހުރި ގޮނޑީގައި ފަޔާޒް އިށީނެވެ. އަދި ޒައިނާގެ ބޯ އެއްކޮށް ނިވާކޮށްފައި އޮތް ބޭސް ބެންޑޭޖް މަތިން ބޮލުގައި ފިރުމާލިއެވެ.

"ދަރިފުޅު ރަނގަޅުތަ؟ ތަންތަން ރަނގަޅަށް ފެނޭތަ؟ އެބައަޑުއިވޭތަ؟" ފަޔާޒްގެ އަޑު ކުރެހިއްޖެއެވެ.

"އިރުކޮޅަކުން ދަރިފުޅު ރޫމަށް ގެންދާނެ. އެހިސާބުން މާދަމާ އޮޕަރޭޝަނާ ހަމައަށް އާއިލާގެ ހުރިހާ މީހުން ތިބޭނީ ދަރިފުޅު ކައިރީގައި" ފަޔާޒް ވާހަކަދައްކަމުން ދިޔައެވެ. ޒައިނާގެ ނަޒަރުު މަޑުމަޑުން ފަޔާޒްގެ މޫނުން ނެއްޓި ދުރަށް އަމާޒުވިއެވެ.

"ބައްޕައަށް ވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައި. ދަރިފުޅު ބައްޕައަށް މަޢާފްކޮށްދީ. މާތްﷲ ގަންދީ ހުވާކޮށްފަ ދަރިފުޅު އަތުގަ މި ވައުދުވަނީ. ބައްޕަ މުޅިން ބަދަލުވެއްޖެ. ލަހުންވިޔަސް ބައްޕައަށް ހެޔޮ ގޮތް ވިސްނިއްޖެ. ދުުވަހަކުވެސް ދަރިފުޅު އެކަނި ދޫކޮށެއްނުލާނަން. އެންމެފަހަރަކު ދަރިފުޅު ބައްޕާ އޭ ކިޔާފަ ގޮވާލާނެ އިރަކަށް ބައްޕަ އިންތިޒާރު ކުރާނަން" ފަޔާޒް ވާހަކަދައްކަމުން ދިޔައެވެ. ޒައިނާގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނާތީ އޭނާގެ ހިތަށް އިތުރު ތަކްލީފެއް ލިބެމުން ދިޔައެވެ.

"ބައްޕަ މިދަނީ ބޭރަށް. އެހެންކުދިންވެސް ތިބީ މިތަނަށް ވަންނަން ބޭނުންވެފަ" ފަޔާޒް ގޮނޑިން ތެދުވެގެން ހިނގައިގަތެވެ. އެހިނދު ޒައިނާ ކުއްލިއަކަށް ފަޔާޒްގެ އަތުގައި ހިފައިފިއެވެ.

"ބައް....ބައްޕާ...." ޒައިނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ފަޔާޒަށް ރޮވިއްޖެއެވެ. ޒައިނާއަށް ދިމާލަށް ގުދުވިގޮތަށް ނިތުގައި ބޮސްދީފިއެވެ. އަދި އެއްފަހަރު ގޮވާލުމަށް އެދުނެވެ.

"ބައްޕާ! އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް. އެއްވެސް މީހަކާ މެދު. އަޅުގަނޑަށް މިހާލުޖެހެން މެދުވެރިވި މީހުންނާ މެދުވެސް" ޒައިނާ ވާހަކަދެއްކިއެވެ. ފަޔާޒް ޒައިނާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

"ތިއީ ހަމަ ސާދުނާ. މަންމަގެ ދަރި. ތަފާތެއްވެސް ނެތް. އުޅުމާ އަޚްލާގް. ހަމަ ސަތޭކަ" ހިނިތުންވުމަކާއެކު ފަޔާޒް ވާހަކަދެއްކިއެވެ.

"އަހަރެން އަބާނަށްވެސް ހިތްހެޔޮ" ފަޔާޒް ނިކުމެގެން ދިޔަ ދޮރާ ދިމާލަށް ބަލަން އޮވެފައި އަމިއްލަ ހިތަށް އިވޭވަރަށް ޒައިނާ ބުނެލިއެވެ.

***

"އިނގޭ އަހަރެންނަށް. ވަޅިންޖެހީ ސަބީހާއްތައެއް ނޫން. ކައިރީގަ ހުރި ނިޒާރު. އެއީ ސަބީހާއްތަގެ ލޯބިވެރިޔާއެއްނޫން. އެއީ ސަބީހާއްތަ އާ ހެދި ހޭބަލިވެގެން އުޅުނު މީހެއް. އެއީ ސަބީހާއްތަ ކުރިން މަސައްކަތްކުރި ކަޑަ ހިންގި މީހާ" އަނާރް ވާހަކަދެއްކިއެވެ. ޝުހޭލް ހިތްހަމަނުޖެހި ހިފައިގެން ހުރި އަނާރްގެ ދެކޮނޑުގައި ހިފާ ފަހަތަށް ކޮށްޕާލިއެވެ.

"އެދުވަހު ޝުހޭލް ދިޔައީ ސަބީހާއްތަ ބޮލުގައި ރިއްސާކަން އިނގުނީމަ ބޭސްހިފައިގެން. އެވަގުތަކީ ސަބީހާއްތަ އާ ނިޒާރު ކަމެއްގަ ދެބަސްވަމުން ދިޔަ ވަގުތެއް. ނިޒާރު ހިތްހަމަނުޖެހުނީ އެހެންވެ. އޭނަ ފުރަތަމަ ބުނީ ސަބީހާއްތަ ކައިރީގަ ޝުހޭލްގެ އަތް ވަޅިންޖަހާ ޒަހަމްކޮށްލާށޭ. އެކަމަށް ފާޅުގަ ސަބީހާއްތަ އިންކާރުކުރީ ތިއީ އޭނާ ވޭނާ ކެކުޅުމުގަ ދުވަސްނުފުރާ ވިހޭ ދަރިފުޅު ވީމަ. ތިދަރިފުޅަށްޓަކައި ހަށިގަނޑުން އެތައް ލެޔެއެއް ބޭކާރުވެގެން ގޮސް ހޮސްޕިޓަލުގަ ހުރިހާ ޑޮކްޓަރުން އުންމީދު ކަނޑާލާފަ އޮތީ. ސަބީހާއްތަ ނިޒާރާ ދިމާލަށް ބުނީ އެ ވަޅިން ސަބީހާއްތަ އަމިއްލައަށް މަރުވާން ޖެހުނަސް އަމިއްލަ ދަރިފުޅަށް އެނިޔަތުގަ ބަލާވެސްނުލާނަމޭ. ތިމަންމައަށް ވާނޭ ކިޔާފަ ނިޒާރު އެކަންކުރީ" އަނާރް ވާހަކަދައްކަމުން ދިޔައެވެ.

"އަނާރަށް ކިހިނެއް ތިހުރިހާކަމެއް އިނގުނީ؟" ޝުހޭލް އެހިއެވެ.

"އަހަރެންނަށް ހުރިހާކަމެއްވެސް އިނގޭ. ސަބީހާއްތަ މީހަކާ އިނުމާ ހަމައަށް އުޅުނީ އަހަރެންގެ މާމަ ކައިރީގަ. ސަބީހާއްތަ އެއީ އަހަރެންގެ ބޮޑުދައިތައެއް" އަނާރް ބުނެލިއެވެ. އެހިނދު ޝުހޭލްގެ މޫނުމަތީގައި ޙައިރާންކަން ވަށާލައިފިއެވެ. އަނާރަށް ބަލަހައްޓައިގެން ހުރެވުނީ ޤަބޫލުނުކުރެވިފައެވެ.

(ނުނިމޭ)