ސާޅީސްވަނަ ބައި
އެ އަތްތިލައިގާ ބޮސްދިންއިރު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ޒައިނާގެ އަތްތިލައިގެ ހުދު ހަމަށް ފޭދިގެން ހިނގައްޖެއެވެ.
"އައި ލަވް ޔޫ ޒައި" އާކާޝް ބުނެލިއެވެ.
ކޮޓަރިއަށް ވަންގޮތަށް ރުޝްދާއަށް ތެޅިގަނެވިއްޖެއެވެ. ސަބީހާއެއް ނެތެވެ. އޭނާ ފާހާނާވެސް ބެލިއެވެ. ސަބީހާ ފެންނަން ނެތެވެ. ގޭތެރެއަށް ނިކުމެ ހުރިހާ ދިމާލެއް ހޯދިއެވެ. ފަތިހުގެ ވަގުތަށް ވުމާއެކު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ފޯނު އެލާމްކޮށްގެން ރުޝްދާ ހޭލީ ފަތިސް ނަމާދަށެވެ. އޭގެފަހުން އޭނާގެ އެންމެ އިސްކަމަކީ ސަބީހާއަށް ކާއެއްޗެއް ދީފައި ބޭސްދިނުމެވެ. ނަމަވެސް ސަބީހާ ކޮޓަރީގައި ނެތުމުން އޭނާ ހާސްވެއްޖެއެވެ. ނުވަ މަހުގެ ބޮޑު ބަނޑާއެކު އޭނާއަށް ދުވެފައި ގޮސް ހުއްޓެވުނީ ޝޫހޭލްގެ ކޮޓަރި ދޮރުމަތީގައެވެ. އޭނާއަށް ދޮރުގައި ތަޅައިގަނެވުނީ ނުހަނު ބާރަށެވެ.
"ދޮންތާ...! ކިހިނެއްވީ؟" ކުއްލިއަކަށް ދޮރުހުޅުވާލާފައި ނުކުތް ޝުހޭލް ބުނެލިއެވެ. ކުރިމަތީގައި ހުރި ރުޝްދާ ރޯތަން ފެނި އޭނާގެ ހިތް އަވަސްވެއްޖެއެވެ.
"ރިއްސަނީތަ؟ ހޮސްޕިޓަލަށް ދާންވީތަ؟" ޝުހޭލް އެހިއެވެ.
ކޮޓަރިތަކުން ފިޔާޒާއާއި އަނާރާ ޝުރޫކް ނުކުމެ ރުޝްދާ ކައިރީގައި ހުއްޓިއްޖެއެވެ. ހަގީގަތުގައިވެސް ރުޝްދާ ބަނޑުގައި ރިއްސަނީކަމަށް ހީކޮށް އަނާރް ރުޝްދާގެ ދެކޮނޑުގައި ހިފާ ފަހަތުން ގާތްވެލިއެވެ.
"މަންމަ... މަންމަ ގޭގަ ނެތް. ގެއިން ގޮސްފި" ރުޝްދާ ބުނެލިއެވެ. އެހިނދު ޝުހޭލްގެ ބަސްތަކަށް ހުއްޓުމެއް އައިސްފިއެވެ. އުންމީދު ނުކުރާ މީހަކާ މީހެއްގެ ވާހަކަ ބުނުމުން އޭނާ ހިމޭންކަން އިހުތިޔާރުކުރިއެވެ.
"ކީކޭ...؟" ފިޔާޒާ ބުނެލިއެވެ.
"އާނ ދައްތާ! މަންމަ ނެތް. އަހަރެން މުޅި ގެ ބަލައިފިން" ރުޝްދާ ބުނެލިއެވެ. އަނާރް ސަބީހާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ.
"ކޮއްކޯ...! މަންމަ ނެތޭ. މަންމަ ހޯދައިދީ. މިހާރު މަގުތައްމަތި ފިނިކަމުން ކެތްނުވާނެ. މަންމައަކީ ހިނގަން އެނގޭ މީހެއް ނޫން. މަންމަ ކޮންތާކަށް ދާނީ؟ އެކްސިޑެންޓެއްވެސް ވެދާނެ" ޝުހޭލްގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ރުޝްދާ ބުނެލިއެވެ.
"ދޮންތަ ހަމަޖެހިބަލަ. އެއީ ކުޑަކުއްޖެއް ނޫނޭ. މިގަޑީގައި ނުކުންނަ އިރުވެސް އިނގޭނެ ދޯ ނުލާހިކު ފިނިގަދަކަން" ޝުހޭލް ބުނެލިއެވެ.
"ސަބީހާއްތަ ގެއިން ދާން ބޭނުންވެގެން ދިޔައީ" ސަބީހާގެ ކޮޓަރިން ނުކުތް އަނާރް ބުނެލިއެވެ. އެންމެން އަނާރަށް ބަލައިލިއެވެ. ރުޝްދާގެ މޫނުމަތިން ފެންނަނީ އަދިވެސް ކަންބޮޑުވުމެވެ.
"އަން. މިއީ ސަބީހާއްތަގެ އަތު ލިޔުމެއް ނޫންތަ؟" އަތުގައި އޮތް ހުދު ކަރުދާސްގަނޑު އަނާރް ދިއްކޮށްލީ ރުޝްދާއަށެވެ. އެހެންނަމަވެސް ކަރުދާސްގަނޑުގައި ހިފީ ފިޔާޒާއެވެ. އޭނާ ކަރުދާސްގަނޑަށް ބަލައިލާފައި ކިޔަން ފެށިއެވެ.
"ދައްތަ ބާރަށް ކިޔާބަލަ" އަނާރް ބުނެލިއެވެ. ހުރިހާ މީހުންނަށް ބަލައިލާފައި ފިޔާޒާ ކަރުދާސްގަނޑުގައި އޮތް އެއްޗެއް ބާރަށް ކިޔަން ފެށިއެވެ.
"މަންމަގެ ލޯބިވާ ފުރާނަފަދަ ދެދަރިންނަށް. ދަރިފުޅުމެންނާ މެދު މަންމައަށް ކަންތައް ކުރެވުނު އިހާނެތި ގޮތަށްފަހު ވެސް ތިކުދިންގެ ހިޔާވަހި ކަމުގައި މަންމަ ގެންގުޅެދިނީތީ ތިދެކުދިންނަށް މަންމަ ޝުކުރުވެރިވަން. ތިކުދިންނަށް ހިވެފައި އޮތީ އަދި މުޅިން ރަނގަޅަކަށް ނޫން. ތިކުދިންނަށް ފެނުނީ މަންމަގެ ދިރިއުޅުމަށް ތައްޔާރުކޮށް ލިޔެފައިވާ ފޮތުގެ ބޭރު ހަންގަނޑު. އެތެރެ ފުށް މަންމަ ތިކުދިންނަށް ނުދައްކަން. މަންމަ ދެކެ ދަރިފުޅުމެން އަންނަން ފެށި ރުޅިއަކީ މަންމައަށް ހައްގު ރުޅިއެއް. މަންމަގެ ޝަކުވާއެއް ނެތް. އެކަމަކު ދަރިފުުޅުމެންނޭ. މަންމަގެ ހަޔާތް ފެށުނީވެސް ނިކަމެތި ފަގީރެއްގެ ގޮތުގައި. މަންމަ ނިިމި މިދަނީވެސް އޯގާތެރި ދެދަރިން ތިބެމެ ނިކަމެއްޗެއްގެ ގޮތުގައި. މަންމައަށް ކުރެވުނު ކުށަށް މައާފުކޮށްދީ. މަންމަގެ ޝުހޭލްއަކީ މި މަންމަގެ ހިތުގެ ވިންދު. އެ ދަރިފުޅު ހިތްރުހޭ އެއްވެސް ކަމެއް ދުވަހަކުވެސް މަންމައަށް ކުރެވިފައި ނެތް. ދަރިފުޅުގެ ރަހުމެއް ނެތް ބަސްތަކުން ދުވަހަކަށް ފަހު ދުވަހެއް މި މަންމަ އަންދަމުންދާ ކަހަލަ އިހުސާސެއް ކުރެވޭ. މަންމަގެ މި ބައްޔަށް ޑޮކްޓަރީ ކިތަންމެ ބޭހެއްވެސް ކުރެވިދާނެ. އެކަމަކު އެއިން މަންމަގެ ވޭންތަކަށް ލުޔެއް ނުލިބޭ. މަންމަގެ މި ބަލީގެ ފަރުވާއަކީ ތިދެދަރިން. ތިދެކުދިން ހެޔޮ ހާލުގައި ދުނިޔޭގައި ތިބިއްޔަ މަންމަ ދެލޯމަރާލާނީ އުފަލުން. މަންމަގެ ދެދަރިންނަށްވެސް މަންމަގެ ހިތް ހެޔޮ. ދަރިފުޅުމުންނަށް ދުނިޔޭގައިވެސް އާޚިރަތުގައިވެސް އުފާވެރިކަން އެދެމުން މަންމަ މިގެއިން މިދަނީ. މިދާ ތަނެއް މަންމައަށްވެސް ނޭނގޭ. މަންމަ ދިޔަޔަސް ރުޝްދާ ދަރިފުޅު ނުރޮއްޗޭ. މިއީ މަންމަގެ ފަރާތުން ޝުހޭލްއަށް ދޭ ވަރަށް ބޮޑު ހަދިޔާއެއް. އެސޮރު ދުވަހަކު ނުކުރާހާ އުފާ މިއަދު ކުރާނެ. މަންމައަށް ޔަގީން ދަރިފުޅާ ފިޔާޒާދައްތަ ގޮވައިގެން އެސޮރު ވަރަށް އުފަލުގައި އުޅޭނެކަން. ވަކިވެލަން. – ދަރިފުޅުމެންދެކެ ނިހާޔަތަށް ލޯބިވާ މަންމަ-" ފިޔާޒާގެ ދުލުން ބޭރުވެގެން ދިޔަ ކޮންމެ ޖުމްލައަކާއެކު ރުޝްދާއަށް ހީވީ އޭނާގެ ހިތުގައި ތީރަކުން ފޫއަޅުވަމުންދާ ހެންނެވެ. އޭނާއަށް ބަނޑާއެކު ތިރިވެވިއްޖެއެވެ. އެހިނދު ޝުރޫކާ އަނާރު ގޮސް ރުޝްދާ ގައިގާ ހިފަހައްޓައިފިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ފިޔަޒާއަށް ހުރެވުނީ ޝުހޭލްއަށް ބަލަހައްޓައިގެންނެވެ. މުޅި ތަނަށް ގުޑުން އަރައިގެން ދިޔައީ ކޮޓަރިއަށް ވަދެފައި ޝުހޭލް ބާރަށް ދޮރުޖެހި އަޑަށެވެ.
***
ކޮލެޖް ނިންމާފައި ގެއަށް ދިޔުމުގެ ބަދަލުގައި ސައިކަލުގައި އަބާން މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ. ޒައިނާ ކައިރިއަށް މަޑުނުކޮށް ގޭގައި އޭނާއަށް މަޑުނުކުރެވޭނެކަން އޭނާއަށް އެނގެއެވެ. ހޮސްޕިޓަލަށް ވަދެގެން ގޮސް އައިސީޔޫއާ ދިމާލަށް އެނބުރިލި ވަގުތު އެކޮޅުން ނުކުންނަން ދޮރާ ދިމާލަށް ދިޔަ މީހަކާ އޭނާ މުޑި އަރައިފިއެވެ. މައާފަށް އެދިފައި ބަލައިލިއިރު އޭނާއާ އެއް އުމުރެއްގެ ޒުވާނެއް ކުރިމަތީގައި ހުއްޓެވެ. އެ މޫނު ކޮންމެވެސް ތަނަކުން ދުށް ހަނދާނެއްވިއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން އޭނާ ހަނދާންކުރަން ބޭނުންނުވިއެވެ. ޒުވާނާއަށް ހިނިތުންވުމެއްދީފައި އާކާޝް ހިނގައިގަތް ވަގުތު ޒުވާނާ ފަސްއެނބުރި އާކާޝްއަށް ބަލައިލިއެވެ. އިރުކޮޅަކުން އެދިމާލަށް އައި ސައިފްއާއެކު ޒުވާނާ ހިނގައިގަނެއްޖެއެވެ.
"ދޮންބެދައްތަ ދާންވީނުން ގެއަށް. އަޅުގަނޑު މަޑުކޮށްލާނަން" ގޮނޑީގައި އިން މިހުނާ އާކާޝްގެ އަޑަށް ބަލައިލިއެވެ.
"ދޮންބެދައްތަ ފާހާނާއަކަށް ދާންވެފައި މި އިންނަނީވެސް. ކޮންމެވެސް މީހަކަށް ގުޅަން އުޅެނިކޮށް އައްކިއަށް ތިއާދެވުނީ" ތެދުވެ ދަބަހަށް އަތުގައި އޮތް ފޯނު ލަމުން މިހުނާ ވާހަކަދެއްކިއެވެ.
"ހީވަނީ ޑޮކްޓަރު ދުރުވާނީ ތަންކޮޅެއް ލަހުންހެން. ޒައިގެ ހާލު ގޯސްވާ ވާހަކައެއް ނުބުނޭ. ދަނީ އިނގޭ" މިހުނާ ހިނގައިގަތެވެ. އާކާޝް ގޮނޑީގައި އިށީނެވެ. ފޯނު ނަގާފައި އެއަށް ބަލަހައްޓައިގެން އިނެވެ. އިރުކޮޅަކުން ގެލެރީ ހުޅުވާލާފައި އޭނާ އާ ޒައިނާ ނަގާފައި ހުރި ފޮޓޯތައް ބަލަން ފެށިއެވެ. އެހިނދު އޭނާގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފާޅުވެލިއެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ޒައިނާގެ ނަމުން ގޮވާލީމައެވެ. އޭނާ ބާރު ހިނގުމުގައި ގޮސް ނަރުސްކުއްޖާ ކުރިމަތީގައި ހުއްޓުނެވެ. ހިތް ބިރުގަތީ ނަރުސް ކުއްޖާ ދޭނެ ހަބަރަކާ މެދު ވިސްނައިލެވުނީމައެވެ. އެހެންނަމަވެސް އޭނާ ހުއްޓިގެން ހުރީ ސާބިތުކަމާއެކުގައެވެ. ކޮންމެ ހަބަރެއްވިޔަސް އޭނާ އަޑުއަހާނަމޭ ބުނާ ކަހަލައެވެ. އެ ހިތްވަރު އޭނާގެ އެބަހުއްޓޭ ހިތް ބުނެލި ކަހަލައެވެ.
"ޕޭޝަންޓް ހޭއަރައިފި" ނަރުސް މީހާ ބުނެލި ޖުމްލައާއެކު އާކާޝްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނެވެ. ހެއްދެވިފަރާތަށް ހަމްދު ކުރެވުނެވެ. އުފާވެރިކަމުގެ ސަޖިދައެއް ޖެހިއެވެ.
"އަޅުގަނޑު ބަލައިލަން ބޭނުން. ވަދެވިދާނެތަ؟" އާކާޝް ބުނެލިއެވެ.
"ތިއީ ޕޭޝަންޓްގެ ކޮން ބޭފުޅެއްތޯ" ބޯޖަހާލާފައި ނަރުސް މީހާ އެހިއެވެ.
"އަޅުގަނޑަކީ ޒައިގެ....." ބުނަންވީ ކީކޭ ކަމެއް އާކާޝްއަށް ނޭނގުނެވެ.
"ޒައިގެ ކަޒިންއެއް" ބުނަން ބޭނުންވީ އެތި ހިތުގެ ކަނެއްގައި ފޮރުވަލާފައި އާކާޝް ބުނެލިއެވެ. ނަރުސް މީހާގެ ހުއްދަ ލިބުމާއެކު އާކާޝް އެތެރެއަށް ވަންއިރު ޒައިނާ ދެލޯ ހުޅުވައިގެން އޮތްތަން ދެކިލާހިތުން އޭނާގެ ހިތް ތެޅިފޮޅެމުން ދިޔައެވެ. ގޭ މީހުންނަށް އެ ހަބަރު ދޭހިއްވިއެވެ.
***
ސަބީހާ ހޯދަން ނުކުތީ ޝުރޫކާ އަނާރެވެ. ފިޔާޒާއަށް ޖެހުނީ ހުއްޓާނުލައި ރޮމުންދިޔަ ރުޝްދާ މަސަލަސް ކުރަން ގޭގައި މަޑުކުރާށެވެ. ރޮމުން ރުޝްދާ ގޮވަމުން ދިޔައީ އޭނާގެ މަންމަ ހޯދައިގެން ގެނެސްދިނުމަށެވެ. އޭނާގެ މަންމައަކީ ބަލި މީހެއް ކަމުގައެވެ. ބޭސްކާގަޑި ފަހަނައަޅައި ހިނގައްޖެ ކަމުގައެވެ. މަންމަ ހޯދަން މަގުމައްޗަށް ނުކުންނަން ބޭނުންވާ ވާހަކަ ތަކުރާރުކޮށް ގޮވަމުން ދިޔައެވެ.
ޖެހިގެން ހުރި ކޮޓަރިން ރުޝްދާ ރޯ އަޑު އިވޭވަރަކަށް އެނދުގައި އިން ޝުހޭލްއަށް އުނދަގުވަމުން ދިޔައެވެ. ދުވަހަކުވެސް އޭނާގެ ދޮންތަ އެހާ އަޑުބާރުކޮށް ރޮއެ އަޑު އޭނާ ނާހައެވެ. އޭނާ ހަށިގަނޑަށް ލޮޅުމެއްހާ ހިސާބު ނުގެނެސް އިންއިރު ދެލޯ ހުރީ މެރިފައެވެ. ފިޔާޒާ ކިއި ސިޓީގެ ކޮންމެ ލަފްޒެއް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ ކަހަލައެވެ. އޭނާ ދެރަވާން ބޭނުންނުވިޔަސް އަޑުނުވީއްލާ އޭނާގެ ހިތް ރޮމުން ދިޔައެވެ. ކަރުނައިގެ އަސަރު ދެލޮލުގައި ނެތަސް ހިތް ޝަކުވާ ކުރަމުން ދިޔައެވެ. ސަބީހާއާ މެދު އޭނާ ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވާން އުޅޭ ކަމުގެ ރަތް ސިގުނަލް ލިބެން އުޅެފައިވެސް ކުޑައިރު އޭނާއަށް ޖެއްސި އިހާނެތި ގޮތްތައް މަތިން ހަނދާންވެ ހުރިހާކަމެއްގެ މަތިން ހަނދާން ނެތެމުން ދިޔައެވެ.
"މިއީ މަންމަގެ ފަރާތުން ޝުހޭލްއަށް ދޭ ވަރަށް ބޮޑު ހަދިޔާއެއް. އެސޮރު ދުވަހަކު ނުކުރާހާ އުފާ މިއަދު ކުރާނެ" ސަބީހާގެ އެ ޖުމްލަ ތަކުރާރުކޮށް އޭނާއަށް އުނދަގުކުރަމުން ދިޔައެވެ. އެބުނާހާ އުފާކުރަން ބޭނުންވިޔަސް އެ އުފާވެރިކަން އޭނާ ނުލިބިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
***
ޔޫވީކާއަށް ގުޅައިގެން އޭނާގެ މަންމަގެ ކާރުގައި ޝުރޫކާ އަނާރް މަގުމަތީގައި ދުއްވަމުން ދިޔައެވެ. ކާރު ދުއްވަން އިނީ ޔޫވިކާއެވެ. އަނާރް ބަސްމަދުވެފައި އިނުމުން ޝުރޫކް އިނީ ކަންބޮޑުވެފައެވެ. އޭނާ އަނާރަށް ސިކުންތަކު އެއްފަހަރު ބަލައިލައެވެ.
"އަރޫ ދެން ތިހެން ނީނދެބަލަ" އެންމެފަހުން ޝުރޫކް ބުނެލިއެވެ.
"އަހަރެން ވަރަށް ދެރަވޭ އެބަ. އަސްލު ސަބީހާއްތަ ހާދަ ކެތްތެރިއޭ. އަހަރެން އަދި ސަބީހާއްތަގެ ސްޓޯރީ ޝުރޫއަށް ކިޔައިނުދެމެއްނު. އިނގިއްޖިއްޔާ ޝުރޫ ގިސްލާ ރޯނެ" ހިމޭނުން އިން އަނާރް ބުނެލިއެވެ.
"ކޮން ސްޓޯރީއެއް" ޝުރޫކް އެހިއެވެ.
"ޝުހޭލް ސަބީހާއްތައަށް އެހާ ނަފްރަތުކުރާ ސަބަބު. ސަބީހާއްތަގެ ދުލުން މަށަށް ކިޔައިދިނީ. އަދި އެންމެ ޝޮކިންގ ހަބަރަކީ ކޮބައިކަން އެނގޭތަ؟" އަނާރް ބުނެލިއެވެ. ޝުރޫކް ޙައިރާންކަމާއެކު އަނާރަށް ބަލަން އިނެވެ.
"ސަބީހާއްތައަކީ އަހަރެންގެ އާންޓްއެއް. ސަބީހާއްތަ ބެލީ މާމަ. ސަބީހާއްތަ އަތުގަ އެބަހުރި އޭރުގެ ވަރަށް ބައިވަރު ފޮޓޯތައް. އަހަރެންގެ މަންމައާ ޝެޒްގެ މަންމަ އާއެކު ބޮޑުވަމުން އައިރުގެ ފޮޓޯތައް. ސަބީހާއްތައަށް އަދި ނޭނގޭނެ އަހަރެން މިއީ ކާކު ކަމެއް" އަނާރް ވާހަކަދެއްކިއެވެ.
"އަސްލުތަ؟ މިއީ އިއްތިފާގެއްތަ؟ ޝުހޭލްއަށް އެނގޭތަ އެކަން" ޝުރޫކް އެހިއެވެ.
"އަހަރެން ބުނިން އާންޓްއެކޭ. އޭނާއަށް އަޑުއިވުނުކަމެއް ނޭނގޭ. އެކަމާ ގުޅުވައިގެން އެވާހަކައެއް ނުދައްކާ" އަނާރް ބުނެލިއެވެ.
އަނާރާ ޝުރޫކް ދިވެހިބަހުން ދައްކަމުން ދިޔަ ވާހަކަތައް އަހަން އިނދެފައި ޔޫވިކާ ދެފަރާތަށް ބޯހޫރާލިއެވެ. އެއިން އެއްވެސް އެއްޗެއް އޭނާއަށް ނޭނގުނެވެ. ކުއްލިއަކަށް ކާރު މަޑުޖައްސައިލުމުން ދެކުދިން އެއްކޮށް ޔޫވިކާއަށް ބަލައިލިއެވެ.
"ކީކޭ ތިކިޔަނީ. ކޮންތާކަށް މިހާރު ދާންވީ" ފަހަތަށް އެނބުރިލާފައި ޔޫވިކާ އެހިއެވެ.
"ފަހުން ހުރިހާ ވާހަކައެއް ޔޫ އަށް ކިޔައިދޭނަން. އިހަށް ދުއްވަބަަލަ މި މަގު ހުރިގޮތަށް. ހިއެއްނުވޭ ސަބީހައްތައަށް އެހާ ދުރަށް ހިނގޭނެހެނެއް" އަނާރް ޔޫވިކާ އާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.
ޔޫވިކާ ކުރިއަށް ދުއްވަމުން ދިޔަ ވަރަކަށް އަނާރްގެ މަގުގެ އެކި ދިމާލަށް ލޯ އުކަމުން ދިޔައެވެ. އޭނާ ހިތާހިތުން ދުއާ ކުރަމުން ދިޔައީ ހެޔޮހާލުގައި ސަބީހާ ފެންނާނެ އިރަކަށެވެ.
"ޝުހޭލްއަށް ކެތްވޭތަ އަޅެ" އެންމެފަހުން ޝުރޫކް ބުނެލިއެވެ.
"އޭނާގެ ކުށެއްވެސް އަސްލު އެކަމުގަ ނެތް" އަނާރް ބުނެލިއެވެ.
***
ދެލޯ ހުޅުވައިގެން އޮތް ޒައިނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައި ހުރި އާކާޝްއަށެވެ. އާކާޝްގެ ލޮލުން ވެއްޓުނު ކަރުނަތިކި ޒައިނާއަށް ފެނުނެވެ. އެއްޗެއް ބުނަން ބޭނުންވެގެން އުޅޭހެން އޭނާ އަނގަ ހަރަކާތްކޮށްލިއެވެ. އެހެންނަމަވެސް ބުނެވޭގޮތެއް ނުވިއެވެ. ހިތަށް ކުރި އަސަރެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ޒައިނާގެ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ.
"ނޯ..ނޯ... ޑޯންޓް ކްރައި..." އާކާޝް ގުދުވެލާފައި ޒައިނާގެ ދެލޯ ކައިރި ފޮހެދީފިއެވެ. އަދި ޒައިނާގެ ނިތުގައި ބޮސްދިނެވެ. އެހިނދު ޒައިނާއަށް ދެލޯ މަރައިލެވިއްޖެއެވެ.
"އަލްހަމްދުލިއްލާހް. ޒައި އަހަރެންނަށް ތިގޮތަށް ބަލަން އޮތީމަ އަހަރެން ހާދަ އުފަލެއްވެއްޖެއޭ. ޒައި އަހަރެން ދައްކާ ވާހަކަ އެބަ އަޑުއިވޭތަ؟" ޒައިނާގެ ބޮލުގައި ފިރުމައިލަމުން އާކާޝް ބުނެލިއެވެ. ޒައިނާ ބަހެއް ނުބުނެ އާކާޝްއަށް ބަލަހައްޓައިގެން އޮތެވެ.
"އަޑުއިވެންޏާ ބޯޖަހާލަބަލަ" އަކާޝް ބުނެލިއެވެ. ޒައިނާ އެއްވެސް ހަރަކާތެއް ނުކުރިއެވެ.
"ޒައި ޕްލީޒް. އަހަރެން ބިރުއެބަގަނޭ. ޒައި ރަނގަޅުތަ؟ އަހަރެންގެ އަތަށް ބާރުކޮށްލަބަ" ޒައިނާގެ އަތު ތެރެއަށް އަތްތިލަ ލައްވާލަމުން އާކާޝް ބުނެލިއެވެ. ޒައިނާގެ އެއްވެސް ހަބަރެއް ނުވިއެވެ. އާކާޝްއަށް ބަލަހައްޓައިގެން އޮތުން ފިޔަވައި އެއްވެސް ކަމެއް ޒައިނާގެ ނެތެވެ.
ނަރުސް މީހާ އައިސް ހުއްޓުމާއެކު އާކާޝް ބަލައިލިއެވެ.
"ޒައި ރަނގަޅުތަ؟ އޭނައަށް އަޑުއިވޭނެތަ؟ އެއްވެސް ހަރަކާތެއް ނުކުރޭ. އޭނާ ހުރިހާކަމެއް ހަނދާން އެބަހުރިތަ؟" ނަރުސް މީހާއާ ހުރިހާ ސުވާލެއް އެއްފަހަރާ އާކާޝް ކޮށްލިއެވެ.
"އިހަށް ބޭރުގަ މަޑުކޮށްލާ. ޕޭޝަންޓް ހޭއެރި ފަހުން އަދި ވީ ކުޑައިރުކޮޅެއް. ޑޮކްޓަރު ދުރުވެ ޗެކް ކޮށްލާފައި ޕޭޝަންޓްގެ ފެމެލީއަށް ވާގޮތެއް އަންގާނެ. ބޭރަށް ދުރުވަންވީ ނޫންތޯ" ނަރުސްކުއްޖާ ވާހަކަދެއްކިއެވެ. އެ ޖަވާބުން އާކާޝް ހިތްހަމައެއް ނުޖެހުނެވެ. އެހެންނަމަވެސް އެވަގުތު ނަރުސް އެދުނު ފަދައިން ކަންތައް ނުކޮށްވެސް ވާކަށް ނެތެވެ. ބޭނުންވިޔަސް އޭނާއަށް ޒައިނާ ކައިރީގައި މަޑުކުރެވޭކަށް ނެތެވެ. ޒައިނާއަށް ބަލަމުން ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް އާކާޝް ނިކުތެވެ. އެއާއެކު ފަރުދާ ކަހާލާފައި ޒައިނާ އޮތް އެނދު ނިވާކޮށްލާފައި ނަރުސް ނުކުތެވެ.
އައިސީޔޫ އިން ބޭރަށް ނުކުތްގޮތަށް އާކާޝް ފޯނު ނަގާފައި ފަޔާޒަށް ގުޅާފައި ޒައިނާ ހޭއަރައިފި ކަމުގެ ހަބަރު ދިނެވެ. އަދި އަވަހަށް ހޮސްޕިޓަލަށް އައުމަށް އެދުނެވެ.
***
ފޯނު ކަނޑާލާފައި މޭޒުމަތީގައި ބާއްވާފައި ނަސީމް ކައިރީގައި އިން އުންމީދާއަށް ބަލައިލިއެވެ. އަދި ފަނޑު ހިނިތުނވުމެއް ވެރިކޮށްލާފައި ޒައިނާގެ ހަބަރު އުންމީދާއަށް ދިނެވެ. އެހިނދު އުންމީދާއަށް މޫނުގައި ހަމްދު އެޅުނެވެ.
"އަހަރެން އެމަންޖެ ދެކިލަން ދާން ބޭނުން. އެކަމަކު ވަރށް ލަދުގަނޭ ބޭރަށް ނުކުމެ އުޅެން" އުންމީދާ ބުނެލިއެވެ.
"އަހަރެންވެސް ގެއިން ފެށިގެން ފިހާރައަކަށް ދާންވެސް ނުކެރޭ" ނަސީމް ބުނެލިއެވެ.
"މިއަދު ޝުބާ ސްކޫލަށް ދިޔަ ވަގުތު ޝުބާގެ ކްލާސް ކުދިންގެ ބެލެނިވެރިންތަކެއް އަހަރެން ފެނިގެން ވަރަށް ފާޑުފާޑުގެ ބަސް އުކި. ޝުބާއަށް ވެސް އަޑުއިވޭނެ. އަހަރެންނަށް ނުކެރުނު އެއްޗެއް ބުނަން. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވައިގެން އަވަހަށް އެއަށް އެރީ" އުންމީދާ ވާހަކަދެއްކިއެވެ.
"ކީއްކުރާނީ. ކެތްކޮށްލައިގެން ތިބޭނީ ދޯ. މިދުވަސްވެސް ހިނގައިދާނެ" ނަސީމް އުންމީދާގެ އަތުގައި ފިރުމައިލިއެވެ. އެދެމަފިރިންނެކޭ ޖަލެއްގެ ތެރޭގައި ދިރިއުޅޭ ބަޔެކޭ އެއްވެސް ތަފާތެއް ނެތެވެ.
"އަހަރެން ޝުބާ ބަލާ ދާން މިދަނީ" އުންމީދާއަށް ރަނގަޅަށް ނުތެދުވެވެނީސް ދޮރުން ވަދެގެން އަންނަ ޝުބާ ފެނިއްޖެއެވެ. ދެމަފިރިން އެކަކު އަނެކަކަށް ބަލައިލިއެވެ. އުންމީދާއަށް ޝުބާއާ ދިމާލަށް ދެވިއްޖެއެވެ.
"މަންމަ އަދި ދާން މިއުޅެނީ. ޝުބް ކީއްވެ މާ އަވަހަށް ތިއައީ. މަންމައަށް ގުޅައިލިނަމަ އަވަހަށް ނިމުނީމަ" އުންމީދާ ވާހަކަދެއްކިއެވެ. ބަހެއްނުކިޔާ ވަދެގެން އައިސް ޝުބާ އިށީނީ ވަކިން ހުރި ސޯފާގައެވެ. އޭނާއަށް މޫނުގައި ދެއަތް އަޅާފައި ގިސްލާ ރޯންފެށިއްޖެއެވެ. އެހިނދު ބުމަރެއްހެން އުންމީދާ ގޮސް ޖެހުނީ ޝުބާ ކައިރީގައެވެ.
"ދަރިފުޅާ! ކިހިނެއްވީ؟ މީހަކު އެއްޗެއް ބުނީތަ؟" އުންމީދާ އެހިއެވެ.
"އަޅުގަނޑު ދެން ސްކޫލަށް ނުދާނަން. ކްލާސް ކުދިން ދައްކާ ވާހަކަތަކުން އަޅުގަނޑު ބޯފަޅައިގެންދާވަރުވޭ. ބޮލުގައި ރިއްސާވަރުން މިއައީ" ޝުބާ ބުނެލިއެވެ. އުންމީދާ ވަކި ޖަވާބެއް ނުދިނެވެ. ވިސްނާނުލާ އަބާން ނިންމި އެންމެ ނިންމުމެއްގެ ސަބަބުން ލޮޅުންއަރައިގެން ދިޔައީ އެކަނި އެދެމަފިރިންނަކަށް ނޫނެވެ. އެކަމުގެ ނޭދެވޭ އަސަރުތައް ޝުބާގެ ކިޔެވުމަށްވެސް ކޮށްފިއެވެ.
***
ބަނޑަށް ތަދު އަރައިގަތް ރުޝްދާ އަތްމައްޗަށް ލައިގެން ނުކުތް ޝުހޭލް ގޮސް އެމްބިޔުލާންސަށް އެރިއެވެ. ދުއްވާލި ވަގުތު އޭނާ ޖީބުގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. ވަގުތުގެ ނާޒުކުކަމުން އޭނާއަށް އެފޯނަށް ޖަވާބެއް ނުދެވުނެވެ. ގުޅަނީ ކާކުތޯވެސް ނުބެލުނެވެ.
ހޮސްޕިޓަލުގެ ގޭޓުން ދެ އެމްބިޔުލާންސް އެއްކޮށް ކަހަލަ ގޮތަކަށް ވަނެވެ. ރުޝްދާ އެމެޖެންސީއަށް ވައްދަން އެނދަށް އެރި ވަގުތު ދެވަނަ އެމްބިޔުލާންސް އިން އަނާރާ ޝުރޫކް ފޭބިތަން ފެނުނެވެ. އަނގަމަތި ލެއިން ކަޅިވެފައި އޮތް ސަބީހާ ނެރުނު ވަގުތު އެމަންޒަރު ރުޝްދާއަށް ނުދައްކަން ޝުހޭލް ރުޝްދާ ކުރިމައްޗަށް އެރިއެވެ. އޭނާގެ ކުރިމަތިން ގެންދިޔަ ސަބީހާ އެތެރެއަށް ވެއްދިއިރުވެސް އޮތީ އޭނާއަށް ބަލަހައްޓައިގެންނެވެ.
"ހިނގާ އަވަހަށް. ސަބީހާއްތަ އަނގަ އާއި ނޭފަތުން ވަރަށް ބައިވަރު ލޭ ފައިބާ އެބަ. ކުރީ ދުވަހު ދިޔަ ޕާކްތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ" ޝުހޭލްއާ އަރާ ހަމަވެފައި އަނާރް ބުނެލިއެވެ. އޭރު އެތެރެއަށް ވެއްދި ރުޝްދާ ފަހަތުން ފިޔާޒާ ގޮސްފިއެވެ. ގަބޫލުކުރަން ދަތިވިޔަސް ޝުހޭލްއަށް ދެވުނީ ސަބީހާ ފަހަތުންނެވެ. އޭނާގެ ދެލޯ ފުރިފައިވަނީ ކަރުނަތަކުންނެވެ.
(ނުނިމޭ)