އޮނަސާޅީސްވަނަބައި
"އަހަރެން ބޭނުމެއްނޫން ބަލާކަށް. އަނާރް އެ އަންހެންމީހާ އާ އެކު އުޅުނަސް އަހަރެންނަށް ހެޔޮ. އަހަރެންނަށް ރަނގަޅީ އަހަރެން ކައިރީގައި އެމީހާގެ ވާހަކަ ނުދެއްކިއްޔާ" ޝުހޭލް ބުނެލިއެވެ. އޭނާ ދާން ހިނގައިގަތް ވަގުތު އަނާރް ޝުހޭލްގެ އަތުގައި ހިފެހެއްޓިއެވެ. އެހިނދު ޝުހޭލް އެނބުރި އަނާރަށް ބަލައިލިއެވެ. އަނާރްގެ އެ އަތަށް އޭނާއަށް ބަލައިލެވުނީ ޙައިރާންވެފައެވެ. އަނާރްގެ އެންމެ ބީހިލުމަކުން އޭނާ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ.
"އަހަރެންނަށް އިތުބާރު ކުރަންތަ؟" ޝުހޭލް ބަލައިލުމާއެކު އަނާރް އެ އަތުން ދޫކޮށްލިއެވެ. އަދި ދުރުބަލައިލަމުން ބުނެލިއެވެ.
"އަހަރެން އަނާރަށް ވަރަށް އިތުބާރު ކުރަން. އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް" އަނާރްގެ ދެލޮލަށް ނަޒަރު ހުއްޓައިލަމުން ޝުހޭލް ބުނެލިއެވެ.
"އެހެންވިއްޔާ ސަބީހާއްތަ އާ އަހަރެން މިބާއްވާ ގުޅުން ކަނޑާލަން ޝުހޭލް މަސައްކަތް ނުކޮށްފާނަންތަ؟؟" އަނާރް ބުނެލިއެވެ. ޖަވާބެއްނުދީ އަނާރްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެފައި ޝުހޭލް ބޯޖަހާލައިފިއެވެ.
***
ރަސްމީ މަސައްކަތެއް ކުރުމަށްޓަކައި އޮފީހުގެ ފަރާތުން ހަފްތާއެއްހާ ދުވަހު އަތޮޅުތެރޭގައި ހުރެފައި ސައިފް މާލެ އައިގޮތަށް ގެއަށް ވެސް ނުގޮސް އެންމެ ފުރަތަމަ އައީ އަބާނާ ބައްދަލުކުރާށެވެ. އަބާންގެ ހަބަރު އޭނާއަށް ލިބުނީ މީހަކު އެ ހަބަރު ދީގެނެއް ނޫނެވެ. ނޫސްތަކުން ފެނިގެންނެވެ. އޭނާ އެތައްފަހަރަކު އަބާންގެ ނަންބަރަށް ގުޅަންވެސް ގުޅިއެވެ. އަބާންގެ އެއްވެސް ހަބަރެއް ނުވުމުން ކަންތައްތައް ރަނގަޅު ނޫންކަން ސައިފަށް އިނގުނެވެ.
ސައިފް ގޭތެރެއަށް ވަންއިރު ސޯފާގައި ވިސްނުމަކަށް ގެއްލިފައި ނަސީމް އިނެވެ. އޭނާ އަބާންގެ ކޮޓަރިއަށް ދާން ހިނގައިގަނެފައިވެސް ނަސީމާ ވާހަކަނުދައްކާ ކުރިއަށްދާން ނުކެރުނެވެ. އެހެންނަމަވެސް ނަސީމާ އެވަގުތު ދައްކާނެ ވާހަކައެއްވެސް އޭނާއަށް ނޭނގުނެވެ. ނަސީމް އިނީ މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. ކުރިން އެމޫނުމަތިން އަބަދުވެސް ފެންނަން ހުންނަ އުފާވެރިކަމާ ހިނިތުންވުން ވަނީ ގެއްލިފައެވެ.
"ނަސީމްބޭ" ނަސީމް ބަލައިލީ ސައިފް ގޮވާލި އަޑަށެވެ.
"އަނހަ ސައިފް. ރަނގަޅުތަ؟" ސައިފަށް ނަސީމް ބުނެލިއެވެ. ބޯޖަހާލާފައި ކުރިއަށް ހިނގައިގަތްތަނާ ފެންތަށި ހިފައިގެން ބަދިގޭން ނިކުތް އުންމީދާގެ ކުރިމައްޗަަށް އެރިއްޖެއެވެ.
"އުންމިއްތާ! ކިހިނެއްތަ؟" ހިނިތުންވެލާފައި ސައިފް ވާހަކަދެއްކިއެވެ.
"ރަނގަޅޭ" އުންމީދާ ބުނެލީ އެވަރަށެވެ. އެދެމަފިރިންގެ ތުންފަތްމަތިން ބަސްމަދުވެފައިވާ މިންވަރު ފެނި ސައިފް ދެރަވިއެވެ.
ސައިފް ހިނގައިގަތެވެ. އަބާންގެ ކޮޓަރި އާ އަރާ ހަމަވެފައި ފަހަތަށް އެނބުރި އުންމީދާ އާ ނަސީމަށް ބަލައިލިއެވެ. އެހިނދު އޭނާއަށް ފެނުނު މަންޒަރަކުން ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. އުންމީދާގެ ދެލޮލުން ފޭބި ކަރުނަތިކި ނަސީމް ފޮހެދިނީ ނުލާހިކު ލޯބިންނެވެ. ސައިފް ހިތަށް އެރިއެވެ. އެދެމަފިރިން ކިހާ ދުވަހަކު އެހިތާމަ ކުރާނެބާއެވެ؟
***
މާބޮޑަށް ވަރުބަލިވެ ހަށިގަނޑު ލޮޑުވެފައި ހުންނާތީ އެދުވަހު އަނާރް ހުރިހާ ވަގުތެއް ހޭދަކުރީ ގޭގައެވެ. އޭނާއަށް ހުރިހާ ފިލާވަޅުތަކެއް ހޯދައިދިނުމަށް ޝުހޭލް އާ ޝުރޫކް މަސައްކަތް ކުރަމުން ދިޔައެވެ. ފެންވަރައިގެން ނިކުތް ގޮތަށް އަނާރް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ގަޔަށް ދޫކޮށް ހުރި ހުދުކުލައިގެ ކުރުތާ އިންވެސް އޭނާގެ ބަނޑު ފާހަގަވާން ހުއްޓެވެ. ކިރިޔާ ދެމަސް ވިއިރު އޭނާ ބަނޑު އެނިކުންނަނީ ހާދަ އަވަަހަކަށޭ ހިތަށް އެރިއެވެ. އަމިއްލަ ބަނޑުގައި އަތް ހާކާލެވުނުއިރު ދަރިފުޅު ގައިގާ ފިރުމާލެވުނު ހެން ހީވެ ހީލެވުނެވެ. އެހިނދު އޭނާގެ ހިޔާލީ ލޯގަނޑުގައި އަބާންގެ ތަސްވީރު ކުރެހިގެން ދިޔައެވެ. ދެފަރާތަށް ބޯހޫރާލީ އޭނާގެ ސިކުނޑިން އެތަސްވީރު ނެރެލުމުގެ ބޭނުމުގައެވެ. އަބާންގެ ތަސްވީރު އޭނާގެ ހިތާ ސިކުނޑިން ނެރެލިތާ ކިތަންމެ ދުވަހެކެވެ.
"ދަރިފުޅު ތިއީ ހަމައެކަނި މަންމިގެ ދަރިއެއް" ބަނޑުގައި ފިރުމާލާފައި އަނާރް ބުނެލިއެވެ. އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެލިއެވެ. ހިތަށް ސިފަކުރެވުނު ނުއުފަންނަ ތުއްތު ދަރިފުޅުގެ ތަސްވީރާއެކު އޭނާގެ ހިތުގައި މައިވަންތަ ލޯބި އުތުރު އަރައިގަތެވެ.
ތައްޔާރުވެގެން ބޭރަށް ނިކުތްއިރު މޭޒުކައިރީގައި ފިޔާޒާއާއި ރުޝްދާ އިނެވެ. އަނާރް ހީލާފައި ގޮސް ބަދިގެއަށް ވަނެވެ. ސަބީހާއަށް ބޭނުންވާވަރަށް ކާއެއްޗެހި އަޅައިގެން ހިނގައިގަތްތަނާ ރުޝްދާ ގޮވާލައިފިއެވެ.
"މިރެއަށް ރުޝްދާއްތަ އެއްޗެއް ކައްކަދެންތަ؟ އަނާރްވެސް ރެސްޓްކުރަން ވާނެއްނު" ރުޝްދާ ބުނެލިއެވެ.
"ނޫނޭ. ސަބީހާއްތައަށް ކައްކާ ކާންދިނުން އަޅުގަނޑަށް ބުރައެއްނޫން. އަޅުގަނޑު ވަރަށް ކުރާހިތުން ކުރާ ކަމެއް މިއީ" އަނާރް ހީލާފައި ބުނެލިއެވެ.
"ގޯޑް ބްލެސް ޔޫ" ފިޔާޒާ ބުނެލިއެވެ.
އަނާރް ހިނގައިގަތުމުން ފިޔާޒާ ރުޝްދާއަށް ބަލައިލިއެވެ. ދެމައިން އެކަކު އަނެކަކަށް ހިނިތުންވުމެއް ދިންއިރު ދެހިތަށްވެސް އެއްވަގުތެއްގައި އެކައްޗެއް އެރި ކަހަލައެވެ.
"ދައްތަ ހިތަކަށް ނާރާތަ ކޮއްކޮގެ ވިސްނުން އަނާރްގެ ސަބަބުން ބަދަލުވެދާނޭ" ރުޝްދާ ބުނެލިއެވެ.
"ދައްތަ މީނީ ވަރަށް އުފަލުން. އެ އަންހެންކުއްޖާ އެއީ ތަފާތު ކުއްޖެއް. ޝުހޭލްގެ ހިތުން ސަބީހާއަށް ޖާގަ ހޯދައިދޭނީ އަނާރް ކަން ޔަޤީން" ފިޔާޒާ ބުނެލިއެވެ.
***
ސައިފް ކޮޓަރިއަށް ވަނުމާއެކު ތަރުތީބު ގެއްލިފައިވާ ކޮޓަރިން އޭނާގެ ނޭފަތުގައި ވަހެއް ޖެހިއްޖެއެވެ. އެތެރެއަށް ނޭފަތް ދަމާލީ އެވަސް ޔަގީން ކުރުމަށްޓަކައެވެ. ސައިފްގެ ނަޒަރު ހުއްޓުނީ އެނދުގައި ހުސްގަޔާ ބަންޑުން އޮތް އަބާނެވެ. އޮށޯވެގެން އޮތްއިރު އެއްފަރާތުގައި އޮތް ސިގިރެޓް ފޮށި ފެނުމުން ސައިފް ދެފަރާތަށް ބޯހޫރާލިއެވެ.
"އަބާން" އަބާންގެ މަގަތުން އެނދުގައި އިށީނދެފައި ސައިފް ގޮވާލިއެވެ. ވަރުބަލިކަމާއެކު އަބާން ދެލޯ ހުޅުވާލާ ކައިރީގައި އިން ސައިފްއަށް ބަލައިލިއެވެ. ދެލޮލުގައި ރަތްކަމެއް ވީއިރު ތުނބުޅި ދިގުވެ ތަރުތީބު ގެއްލިފައި ވުމުން ގިނަދުވަސްތަކެއް ވަންދެން ބަލިކޮށް އުޅުނު މީހަކާ ތަފާތެއްވެސް ނެތެވެ.
"ކިހިނެއް ހަދައިގެން ތިއުޅެނީ؟" އަބާން އެނދުގައި އިށީނުމުން ސައިފް ބުނެލިއެވެ.
"އަބީ ފެގުވެސް ބޯންފެށީތަ؟" ސައިފް އަހާލިއެވެ.
"ނުބޮން. ރޭގަ ކުޑަކޮށް ބޮލުގަ ރިއްސާވަރުން ބުއީ" އަބާން ބުނެލިއެވެ. އަދި އެނދުމަތީގައި އޮތް ސިގިރެޓް ފޮށި ފައިންޖަހާ މުށިތަކުގެ މައްޗަށް ވައްޓާލިއެވެ.
"ކުރިން މަޝްހޫރުވެފައި އޮތީ ވަކީލަކަށް ވީމަ. މިހާރު މުޅި ރާއްޖެއަށް މަޝްހޫރުވެފަ އޮތީ އަމިއްލަ އެދުން ބޮޑު ބޭވަފާތެރިއެއްގެ ގޮތުގަ. ނޫސްތައް ބަލައިލިންތަ؟ އިނާމެއް ހައްގު" ސައިފް ބުނެލިއެވެ.
"ބަލާކަށް ނެތް އިންޓްރެސްޓެއް" ފަރުވާކުޑަ ގޮތަކަށް އަބާން ބުނެލިއެވެ.
"އަދިވެސް އަމިއްލަ ކުށެއް އިހުސާސެއް ނުކުރެވޭ ދޯ. ތިއީ އޭ އަބީގެ މައްސަލައަކީ. އަމިއްލަ ކުށް އިހުސާސް ނުކުރެވޭ މީހަކަށް ދުވަހަކުވެސް އިސްލާހެއް ނުވެވޭނެ" ސައިފް ބުނެލިއެވެ.
"ސައިފްވެސް އަހަރެން ކުށްވެރި ތިކުރަނީ ކީއްވެ؟ އަހަރެންނަށް އެކައިވެނި މަތީގައި ދެމިނުހުރެވޭނެކަން އިނގޭތީ ނުކުރީ. ކޮބާތަ އެކަމުގަ އަހަރެން ގޯސްވެފަ" އަބާން ވާހަކަދެއްކިއެވެ.
"ގޯހީ އެހިސާބަށް އެކަން ގެންދިޔައިމަ. ކަލޭ ބޭނުންނަމަ އެހިސާބަށް އެކަން ނުދަނީސް ހުއްޓުނީސް. ތިކުރީ ވަރަށް ދެރަކަމެއް" ސައިފް ބުނެލިއެވެ. އަބާން ބަހެއް ނުކިޔާ ކޮޓަރީގެ ދޮރަށް ބަލަހައްޓައިގެން އިނެވެ.
"މިގޭ ތެރެއަށް ވަނީމަ އަހަރެންނަށް ފެނުނީ އުންމިއްތަ އާ ނަސީމްބެގެ މޫނުމަތި. އަހަރެން ހިތަށް އެރި ނުވަދެވުނު ނަމައޭ. ވަރަށް ހިތަށް އަސަރުކުރި. އަނެއްކޮޅުން ޒައިނާ ފަކީރަށް ކޮން ހާލެއް އެޖެހުނީ. އަބާން ފަހު ވަގުތު އެގޮތަށް ކަންތައް ނުކުރިނަމަ އެ އަންހެންކުއްޖާ ހުންނާނީ ހާދަ އުފަލުންނޭ" ސައިފް ވާހަކަދެއްކިއެވެ.
"އެއްވެސް މީހަކު އަހަރެންނާ މެދު ނުވިސްނަނީ ކީއްވެތަ؟ ޒައިނާ ޒައިނާ. އެންމެންގެ ދުލުގަ ޒައިނާ" އަބާން ރުޅިއައެވެ.
"ކަންތައްތައް ވެފައި ގޮތުން އެންމެންނަށްވެސް ކިޔޭނީ ޒައިނާގެ ނަން. ޒައިނާއަށް ހާލު ޖެހުނީ އެކައިވެންޏަށް ފަހުވަގުތު އަބީ ދެކޮޅުހެދީމަ އެކަމާ ހިތްދަތިވެގެން ގެއިން ނިކުމެގެން ދިޔަ ވަގުތު. އެހެންވީމަ މިދަނޑިވަޅުގައި ކޮންމެ މީހެއްގެވެސް ދުލު ކުރީގައި އޮންނާނީ ޒައިނާގެ ނަމެއްނު" ސައިފް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވެސް ވީ ހިތްހަމަނުޖެހުމެވެ.
"އާނ. ކުށްވެރިއަކީ އަހަރެން. އިތުރަށް އެއްވެސް މީހެއް ލަދުގަންނަވަން އަހަރެން މިގޭގަ ހުންނަން ނެތިން. އަހަރެން އެއްވެސް މީހެއްގެ ލޮލަށް ނުފެންނަ ހިސާބު ދުރަށް ހިނގައިދާނަން. އަހަރެންނަށް ބަދަލުތަކެއް އައިސްފި. އެހުރިހާކަމެއް ވީ އެ އަނާރްގެ ސަބަބުން. އޭނާ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފި" އަބާން ވާހަކަދެއްކިއެވެ. އެންމެފަހުން އަބާން އަނާރްވެސް ކުށްވެރި ކުރީއެވެ. ސައިފް އިނީ ޤަބޫލުނުކުރެވިފައެވެ. ދުވަހަކުވެސް އަބާން އޭނާގެ ކުށްޤަބޫލުކުރާނެ ވަގުތެއް އަންނާނެ ހެއްޔެވެ؟
"ގެއިން ނިކުމެގެން ދިޔުމަކީ ހުރިހާ މައްސަލަތަކެއްގެ ހައްލެއްނޫން" ސައިފް ބުނެލިއެވެ.
***
ލެޕްޓޮޕް ނަގައިގެން އެސައިމެންޓެއްގެ މަސައްކަތެއްގައި އިނދެފައި ޝުރޫކް ފުންމައިގެން ތެދުވިއެވެ. ސިޓިންރޫމުގައި އެވަގުތު ޝުހޭލްވެސް އިނެވެ. ތިންކުދިން އެއްކޮށް ކިޔަވަން ތިބެފައި އަނާރް ފާހާނާއަށް ދިޔަފަހުން އިރުކޮޅެއް ވެއްޖެއެވެ.
"ކިހިނެއްވީ؟" ޝުރޫކް ތެދުވިގޮތުން ޝުހޭލް އެހިއެވެ.
"އެއްކަލަ އަބާން މޮޅުކަމެއް ކޮށްފިއެއްނު" ޝުރޫކް ބުނެލިއެވެ.
"އަބާން..." ޝުހޭލް އެނަން މަޑުމަޑުން ކިޔާލިއެވެ. އެއީ ކާކުކަން ހަނދާންވުމާއެކު އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
"އަރޫ! ބަލާބަ އެ އަބާން އިންނަން އުޅުނު ކުއްޖާއަށް ލަނޑެއްދީފަ ފިލީއޯ" އެތަނަށް އައިސް ހުއްޓުނު އަނާރަށް އަތުގައި އޮތް ފޯނު ދައްކައިލަމުން ޝުރޫކް ބުނެލިއެވެ. އަހަރެމެން ފެމެލީ ވައިބަރ ގުރޫޕްގަ ހަބަރުތަކުގެ އެސްއެސްތައް އެބައުޅޭ" ޝުރޫކް ބުނެލިއެވެ. އަނާރްގެ މޫނުމަތިން ޙައިރާންކަމެއް ފާޅުނުވިއެވެ. އޭނާ ޝުރޫކްގެ ފޯނަށް ބަލައިލިއެވެ.
"މަޝްހޫރު ވަކީލު އަބާން ނަސީމް ކައިވެނިކުރަން ހަމަޖެހިފައި އޮތް ވަގުތު ފިލައިފި"
"ވަކީލް އަބާން އިންނަން އުޅުނު އަންހެންކުއްޖާއަށް ހިތްދަތިކަން ބަރުދާސްތު ނުކުރެވުނު. މިހާރު ދަނީ ހޮސްޕިޓަލުގައި މަރާ ހަނގުރާމަކުރަމުން"
"ވަކީލެއްގެ ފަރުވާކުޑަ އަމަލުތަކެއްގެ ސަބަބުން ޒުވާން އަންހެންކުއްޖެއްގެ ދިރިއުޅުން ބަރުބާދު. ކައިވެނި ނުކުރާނަމޭ ބުނީ ފަހުވަގުތު"
ޝުރޫކް ފޯނުގައި ހުރި ހުރިހާ މެސެޖްތަކެއް އަނާރް ކިޔައިލިއެވެ. ކޮންމެ މީޑިޔާއެއްގެ ފަލަ ސުރުހީގައި ވަނީ އަބާންގެ ނަމެވެ. އަބާންގެ ފޮޓޯތަކާއެކު ޒައިނާގެ ފޮޓޯ ހުރީ ބްލާކޮށްފައެވެ. އެހުރިހާ ހަބަރުތަަކެއްގެ ސުރުހީތައް ކިޔާފައި އަނާރް ޝުރޫކަށް ބަލައިލިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް ސޯފާގައި އިށީނެވެ. ޝުހޭލް އިނީ ކަޅިޖަހާވެސްނުލާ އަނާރްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.
"އަޅޭ. އެއީ އެގޭގަ އުޅޭ ޒައިނާ. އަބާން ހާދަ ނުލަފައޭ ދޯ" ކައިރީގައި ޝުރޫކް އިށީނުމާއެކު އަނާރް ވާހަކަދެއްކިއެވެ.
"އޭނާގެ ހިތުގައި އަންހެނުންނަށްޓަކައި އެއްވެސް ގަދަރެއް އިހުތިރާމެއް ނެތް. ބިންމަތީގައި އޮންނަ ވެލިފުކުގެ އިއްޒަތް މާ މަތިވެރި. ހުންނަ ނުބައިކަން" އަނާރް ބުނެލިއެވެ.
"އޭނާއަށް އެގޮތަށް ކަންތައް ކުރަން ކެރުނުކަން. ހިތެއްވެސް ނެތް އިންސާނެއްތަ؟ މަޑުމަޑުން އަނާރް ބުނެލިއެވެ. ޝުރޫކް ޝުހޭލްއަށް ބަލައިލިއެވެ. އެދެކުދިންނަށް ހީވީ އަނާރް ރޯންފަށަން އުޅުނު ހެންނެވެ.
"އައިމް ފައިން. މިހާރު މިއީ ކުރީގެ އާނާރެއް ނޫން. ނައު އައި ޗޭންޖްޑް. މިހިތެއް ދެން އަބާނަކަށް ނޭދޭނެ" ޝުރޫކާ ޝުހޭލް ބަލަން ތިބިކަން އިނގުމުން އަނާރް ބުނެލިއެވެ. އެހިނދު ޝުހޭލްގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ދުވެލިއެވެ.
***
އުންމީދާއަށް އަބާން ގެއިން ދިޔަކަން އިނގުނީ ހަވީރު ވިއިރުވެސް އޭނާ ކޮޓަރިން ނުނިކުތުމުންނެވެ. އުންމީދާ ބުނި ބުނުމަކަށް އަބާނަށް ކާއެއްޗެއް ހިފައިގެން ކޮޓަރިއަށް ދިޔައީ ޝުބާއެވެ. ޝުބާ އެނބުރި ކޮޓަރިން އައީ އަބާން ނެތް ހަބަރު ހިފައިގެންނެވެ.
"މަންމާ...!" ބަދިގޭ ދޮރަށް އަރާފައި ވަރަށް ބާރަށް ޝުބާ ގޮވާލިއެވެ. އެވަގުތު އުނދުން ކައިރީގައި ހުރި އުންމީދާ ސިހިފައި ބަލައިލިއެވެ.
"ނުކެއީތަ؟" އެއްވެސް އަސަރެއް ނެތް ގޮތަކަށް އުންމީދާ އެހިއެވެ.
"ނޫން. ދޮންބެ" ޝުބާއަށް ނުބުނެވެނީސް ގޭތެރެއިން ނަސީމް ގޮވާލި އަޑު އިވިއްޖެއެވެ.
އުނދުން ނިއްވާލާފައި އުންމީދާ ހިނގައިގަތެވެ. މޭޒުމަތީގައި ކާއެއްޗެހި ތަބަށް ބަހައްޓާފައި މަންމަ ފަހަތުން ޝުބާވެސް ހިންގައިގަތެވެ.
"ކިހިނެއްވީ؟ އެހާ ބާރަށް ނުގޮވިޔަސް އަހަރެންށް އަޑުއިވޭނެ" ގޭތެރެއަށް ނިކުމެފައި އުންމީދާ ބުނެލިއެވެ.
"އަބާން... އަބާން އަހަރެމެން ދޫކޮށްފަ ގެއިން ހިނގައްޖެ" ނަސީމް ބުނެލިއެވެ. އުންމީދާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ.
"ތިބުނީ؟ ތިބުނީ ކިހިނެއް ދިޔަ ވާހަކަ. ކޮޓަރީގަ ނެތްތަ އޭނަ؟" ފިރިމީހާ ގާތަށް ޖެހިލާފައި އަތުގައި ހިފަމުން އުންމީދާ ބުނެލިއެވެ.
"މިގެއިން. އޭނަ އަހަރެންނަށް މެސެޖެއް ފޮނުވާފަ އޮތީ. މަންމަ އާ ބައްޕަގެ ގާތުން މަޢާފަށްއެދެމޭ. ދުވަހަކުވެސް ދެން ތިމަންނަގެ ފަރާތުން މަންމަމެން ލަދުގަންނަންޖެހޭ ފަދަ ކަމެއް ނުވާނޭ. ތިމަންމަ އާ މެދު އެހާ ބޮޑަށް ނުވިސްނައްޗޭ. އަބަދުވެސް މަންމަމެން ހެޔޮހާލުގައި ލެއްވުން އެދި ދުޢާ ކުރާނަމޭ" މެސެޖްގައި އަބާން ލިޔެފައިވާ ލިޔުން ކުރުކޮށް ނަސީމް ކިޔައިދިނެވެ. އުންމީދާ ހިތުގައިޖެހުނެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އެދަރިއަކާ މެދު އެތައް އުންމީދެއް ކުރެވުުނު ދަރިފުޅު އެހާ ހިތްހަރުވެދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ. މައިލަގޮނޑިއަށް ބާރުވެގެން ދިޔުމާއެކު އުންމީދާއަށް ހިންދިރުވާލެވުނެވެ. ކިތަންމެ ކެތްކުރި ނަމަވެސް އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ނަސީމްގެ ކޮނޑުގައި ބޯލައްކޮށްލެވުނީ ބޮލަށް އެނބުރުން އެރުމުންނެވެ.
"ކެތްތެރިވޭ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ" ލޯބިވާ އަނބިމީހާގެ ގަޔާ ކައިރިކޮށްލަމުން ނަސީމް ބުނެލިއެވެ. ނަސީމްގެ ހިތަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
***
ކޮޓަރިން ނިކުތްގޮތަށް މަޑުމަޑުން ހިނގަމުން ސަބީހާ ބޭރަށް ނިކުތެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ވަރުބަލިވެގެން ފާރުގައި ހިފަހައްޓައިގެން ހުރީ ހަށިގަނޑު ލޮޑުވެފައި ހުރުމުންނެވެ. މޭނުބައި ކުރަތާ އިރުކޮޅެއް ވެއްޖެއެވެ. އޭނާ ނިކުތީ ބަދިގެއަށް ފެންފޮދެއް ބޯން ދިޔުމަށެވެ. ސިޓިންރޫމު ބެލްކަނިން ބަޔަކު ވާހަކަދައްކާ އަޑު އިވިއިވި ހުއްޓެވެ. އެހެންކަމުން އެންމެން ވީ އެތަނުގައި ކަން އޭނާއަށް އިނގުނެވެ.
"ފޯނުގައި ހުރެ ގޭތެރެއަށް ވަން ޝުހޭލް ސަބީހާއަށް ފެނުނެވެ. އެހީއަކަށް އެދަރިފުޅުގެ ކައިރިން އެދެން އުޅެފައިވެސް އޭނާ ހިމޭންވިއެވެ. އެދަރިފުޅުގެ ފަރާތުން ހިތްދަތިކަން ނޫން އެހެން އެއްޗެއް ނުލިބޭނެކަން އޭނާއަށް އިނގެއެވެ. ހިތްވަރުކޮށްފައި ކުރިއަށް ފިޔަވަޅު އަޅާލިތަނާ ނޭފަތުގެ ތިރިން ހިންޏެއް ކަހަލަ އެއްޗެއް ދިރޭހެން ހީވެގެން އަތްޖައްސާލިއެވެ. އެހިނދު އޭނާގެ އިނގިލިތަކުގެ ކުރިން ތެތްކަމެއް އިހުސާސް ކުރެވިގެން ބަލައިލާފައި ދެލޯ ބޮޑުވިއެވެ. އަތުގައި ހޭކިފައި ހުރި ކަޅު ލޭ ފެނުމާއެކު ނޭފަތުން ލޭފައިބަމުންދާކަން އޭނާއަށް އިނގުނެވެ. އަވަސް އަވަހަށް އަތުގެ ނުފުށުން ލޭތައް ފޮހެލާފައި ކުރިއަށް ހިނގައިގަތެވެ. އެމަންޒަރުތައް ޝުހޭލްއަށް ފެނުނަސް އިނގޭކަމަށް ހަދަން އޭނާ ބޭނުން ނުވިއެވެ. އޭނާއަށް ނޭނގުނު ކަމަކީ އެފޯނުކޯލަށް ވުރެ ބޮޑަށް އޭނާއަށް ސަބީހާއަށް ސަމާލުކަންދެވެމުންދާ ކަމެވެ.
"ދަރިފުޅާ...! މަންމަ ފެންފޮދެއް ބޯން އެހިސާބަށް ގެންގޮސްދީބަލަ" އަމިއްލައަށް ކުރިއަށް ނުދެވޭނެކަން އިނގުމުން ސަބީހާ ޝުހޭލް ކައިރިން އެހީއަށް އެދުނެެވެ. ޝުހޭލް ހިތްހަމަނުޖެހިފައި ފޯނު ބޭއްވިއެވެ. އަދި ބަދިގެ އާ ދިމާލަށް ގޮސްފައި އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް ސަބީހާއަށް ދިނެވެ.
"މިހިރީ ފެން. ބޮއެބަލަ" ޝުހޭލް ހިނގައިގަތެވެ. ދަރިފުޅު ރަހުމެއް ނުހުންނާނެކަން އިނގޭ އިރުވެސް އޭނާއަށް ކަމަކު ބުނެވުނީ ކުރެވުނު އުންމީދަކުންނެވެ. އެހެންނަމަވެސް ކަންތައް ވެގެން އެދިޔައީ އޭނާ އުންމީދުކުރި ގޮތަށެވެ. އޭނާއަށް ރަނގަޅަށް ފެންފުޅީގައި ނުހިފެނީސް ދޫކޮށްލާފައި އެދިޔައީ ފަސްއެނބުރި ބެލުމެއްނެތިއެވެ. އެތަނުގައި އިތުރަށް މަޑުނުކުރަންވެގެން ސަބީހާ އައިކޮޅަށް އަނބުރާލިއެވެ.
"ދަރިފުޅަށް އުނދަގުކުރަން މަންމަ ބޭނުމެއްނޫން. މަންމައަށް މަޢާފްކުރޭ ލޯބިވާ ދަރިފުޅާ. މަންމަގެ އޮތީ އެންމެ އެދުމެއް. މަރުވުމުގެ ކުރިން އެންމެފަހަރަކު ދަރިފުޅު މޫނުގައާ ދެލޮލުގައި ބޮސްދިނުން" އެނދުގައި ދެއަތް ޖޯޑުކޮށްލައިގެން އިނދެ ރޮމުންދިޔަ ސަބީހާ އަމިއްލަ ނަފްސަށް ބުނެލިއެވެ.
"މަންމަ ހިނގައިދާނަން ދަރިފުޅުގެ ދިރިއުޅުމުން. އެހެން ހުރިހާކަމަކަށް ވުރެ ބޮޑަށް ތިދެކުދިންގެ އުފާވެރިކަން މަންމައަށް މުހިންމު" މަޑުމަޑުން ސަބީހާ ބުނެލިއެވެ.
***
ޒައިނާ ކައިރީގައި އާކާޝް މަޑުކޮށްލިއެވެ. ޒައިނާގެ ގައިމަތީގައި ހުދުކުލައިގެ ފޮތިގަނޑެއް އަޅާފައި އޮތަސް އޭނާގެ ހަށިގަނޑަށް ގުޅާފައިވާ ހޮޅިތައް އެނދުގެ ވަށައިގެން ފެންނަން އޮތެވެ. ބޮލުގެ ވަށައިގެން ބެންޑޭޖް އަޅާފައި އޮތްއިރު އަނގައަށް ލައްވާފައި އިން ހޮޅީގެ ސަބަބުން ކުޑަކޮށް އަނގަ ހުޅުވިފައި ހުއްޓެވެ. އެނދާ ގާތަށް ޖެހިލާފައި އާކާޝް ގުދުވެ ޒައިނާ ކަންފަތާ ގާތްވެލިއެވެ.
"ޒައި..! މަގޭ ޖާނާ. އަވަހަށް ތެދުވޭ. ޒައި ހޭލާނެ އިރަކަށް އަހަރެން އިންތިޒާރު އެބަކުރަން" އާކާޝް ބުނެލިއެވެ. އޭނާ ތެދުވެ ޒައިިނާގެ މޫނަށް ބަލައިލިއެވެ. ކަޅާއި ފަނޑު ފިޔާތޮށި ކުލައެއް ވެރިވެފައިވާ ޒައިނާގެ ތުންފަތުން ހިނިތުންވުމެއް ފެނިދާނޭ ހީވާ ކަހަަލައެވެ. ގައިމަތީގައި އަޅާފައި އޮތް ހުދު ފޮތިގަނޑު ހިއްލާލާފައި ޒައިނާގެ އަތްތިލައިގާ އޭނާ ހިފާލާފައި ގުދުވެލިއެވެ. އެ އަތްތިލައިގާ ބޮސްދިންއިރު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ޒައިނާގެ އަތްތިލައިގެ ހުދު ހަމަށް ފޭދިގެން ހިނގައްޖެއެވެ.
"އައި ލަވް ޔޫ ޒައި" އާކާޝް ބުނެލިއެވެ.
(ނުނިމޭ)