ސަތުތިރީސްވަނަބައި
"އެކަކު ލިބިއްޖެ. އަޅުގަނޑު އެބަ އަންނަން އޭނަ ގޮވައިގެން" ފަޔާޒަށް ބަލައިލާފައި އާކާޝް ހިނގައިގަތެވެ.
***
ވަޒީފާއިން އައި ގޮތަށް ސޯފާމައްޗަށް ދަބަސް އެއްލާލާފައި ޝެޒާ މިސްރާބުޖެހީ ބަދިގެ އާ ދިމާލަށެވެ. ހެނދުނު ސައިބޮއެގެން ދިޔަފަހުން އޭނާ އަދި ކާއެއްޗެއް ނުކައެވެ. މަސައްކަތުގެ ބުރަކަމާ ހުރެ އޭނާ ކާއެއްޗެއް ކެއުމަށް ވުރެ ބޮޑު އިސްކަމެއް ދިނީ ނަމާދު ކުރުމަށެވެ.
ޝެޒާ މަޑުޖެހުނީ އުމެއިރާގެ ކޮޓަރި ހުޅުވާފައި ހުރި ތަންކޮޅުން އެތެރެއަށް ބަލައިލި ވަގުތު އެނދުގައި އިން މާމަ އަލްބަމެއް ބަލަހައްޓައިގެން އިންތަން ފެނިފައެވެ. އުމެއިރާ ކައިރިއަށް ދާން އުޅެފައިވެސް އޭނާ މިސްރާބުޖެހީ ބަދިގެ އާ ދިމާލަށެވެ. މީހަކާ ވާހަކަދެއްކުމުގެ ހިތްވަރުވެސް އޭނާއަށް ލިބޭނީ ގޮހޮރުގައި ކާއެތިކޮޅެއް ޖެހުނީމައެވެ. ބަދިގެއަށް ވަންގޮތަށް ތެލިތަކުގެ މަތި ނަގަމުން ދިޔައީ ކާހިތްވާ ކަހަލަ އެއްޗެއް ހުރިތޯއެވެ. ތައްޓެއް ހިފައިގެން އައިސް ބަތް އަޅާފައި ގަރުދިޔަ އެޅިއެވެ. އެއަށްފަހު އައިސްއަލަމާރިން ލުނބޯ ކޮޅަކާ ފުނޑާފައި ހުރި ލޮނު މިރުސްތަށިން ކުޑަ މިރުސްކޮޅެއް ތަށީގެ އެއްކައިރީގައި ބާއްވާފައި މޭޒުމަތީގައި ބެހެއްޓިއެވެ. އައިސް އަލަމާރިން ނެގި ޖޫސްޕެކެޓުން ދެ ބިއްލޫރިތަށި ނަގާފައި އެއްތައްޓަށް ޖޫސްއަޅާފައި އަނެއް ތައްޓަށް ފެން އަޅާފައި ބަތްތައްޓާ ކައިރިކޮށްލިއެވެ. ޒިންކު ކައިރިއަށް ގޮސް ރަނގަޅަށް އަތް ދޮވެލައިގެން އައިސް ގޮނޑީގައި އިށީނދެފައި ދިމާކުރިމަތީގައި ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލިއެވެ. ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. ހަވީރުގެ ސައި ވަގުތުގައި މެންދުރުގެ ކެއުން ނަގަން ޖެހުމުން ފޫހިވިއެވެ. ޖީބުގައި އޮތް ފޯނު ނަގާފަފައި އޭނާ ބަލަން ފަށާފައި އިން ސީރީސްގެ އެންމެފަހުން ބަލަން ފަށާފައި އިން ހިސާބުން އަޅުވާފައި އޭނާއަށް ފެންނާނޭހެން ސަމްސާތައް ލާ އެތީގައި ލައްގާލިއެވެ. އޭނާ ކާން ފެށީ އެހުރިހާ ސަކަރާތަކަށް ފަހުގައެވެ.
ބަދިގެއިން ތަށި ތަޅުވާ އަޑަށް ކޮޓަރީގައި އިން އުމެއިރާ މަޑުމަޑުން ހިނގާފައި އައިސް ބަދިގޭ ދޮރު މައްޗަށް އެރިއެވެ. އޭނާއަށް ފުރަގަހަށް ވާގޮތަށް ކާންއިން ޝެޒާ ފެނުމުން އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. އަދި ހިނގާފައި އައިސް ޝެޒާ ކުރިމަތީގައި މަޑުކޮށްލިއެވެ.
"ދަރިފުޅަށް ދުވަހަކުވެސް ތިނޫން ވަރެއް ވާނެތަ؟" އުމެއިރާ އެހިއެވެ.
"ކީއްކުރާނީ. ބަނޑުހައިވެގެން ގޮސް ކިރިޔާ ގެޔާ ހަމަޔަށް އާދެވުނީ" ޝެޒާ ވާހަކަދެއްކިއެވެ.
"މާމަ ޝޫޓިންގ ނިންމާފަތަ ތިއައީ؟" ޝެޒާ އެހިއެވެ. އުމެއިރާ ދެބުމަ ގޮށްޖަހާލާފައި ގޮނޑި ދަމާލާފައި އިށީނެވެ.
"ކޮން ޝޫޓިންއެއް؟" އުމެއިރާ އެހިއެވެ.
"އަހަރެން އައި ގަޑީގަ ދުށިން މާމަ ކާފަގެ ފޮޓޯއަށް ބަލަން އިންދަ. މާމަ ކައިރިއަށް ނުވަދެ އައީ ޝޫޓިން ހަރާބުކޮށްނުލަން ވެގެން" ޝެޒާ ވާހަކަދެއްކިއެވެ. އުމެއިރާ ހީލިއެވެ.
"ކާފަގެ ފޮޓޮއަށް ބެލީއެއްނޫން. ތިކުދިންގެ މަންމަމަތިން މާބޮޑަށް ހަނދާންވެގެން ފޮޓޯތައް ބަލައިލީ. މިއަދު ވީގޮތަކީ އެމީހުންގެ ފޮޓޯ ބަލަމުން ދަނިކޮށް ފެނިއްޖެ މާމަ ވަރަށް ލޯބިން ގާތްކޮށް ގެންގުޅުނު މީހެއް. ހިތަށް މިއަރަނީ މިހާރު އޭނާ ކޮބައިބާވައޭ. މާމައަށް އިނގޭ ދެދަރިން ލިބުނުފަހުން އޭނަގެ ކައިވެނި ރޫޅުނުކަން. އެހެންވެ އެކަންކަމާ ކުޑަކޮށް ވިސްނާލަން އިނީ" އުމެއިރާ ވާހަކަދެއްކިއެވެ.
"ތިބުނާ މީހާއަކީ އަހަރެމެންނާ ތިމާގެ މީހެއްތަ؟" ތަށި ހިފައިގެން ޒިންކާ ދިމާލަށް ދަމުން ޝެޒާ އެހިއެވެ.
"ކޮންމެސް ވަރަކަށް. މާމަ މިއީ އޭނަގެ ބައްޕަ ފަރާތު ބޮޑުދައިތަ. ދަރިފުޅަށް އިނގޭތަ. އޭނައަށް ދިމާވީ ހާދަ ހިތްދަތި ގޮތެކޭ" އުމެއިރާ ވާހަކަދެއްކިއެވެ.
"ކޮންގޮތެއް؟" ފެންތަށި ބޯން އަލުން ގޮނޑީގައި އިށިން ޝެޒާ އެހިއެވެ.
"އެވާހަކަތައް އަނާރްވެސް އިނދެގެން މާމަ ބޭނުމީ ކިޔައިދޭން. އެކަމަކު އޭގެކުރިން މާމަ ބޭނުން އޭނަ ވީތަނެއް ހޯދަން" އުމެއިރާ ވާހަކަދެއްކިއެވެ.
***
"އަހަރެން ހަނދާން ހުންނަން ފެށިއްސުރެ ފެށިގެން އަހަރެންގެ މައިންބަފައިން ނުދެކެން. ހަނދާންހުރޭ ރަށުގަ އުޅުނުއިރު މީހުން ދޭ ކާއެތިކޮޅު ކާލައިގެން އުޅުނު ހަނދާން. އުމެއިރާއްތައަކީ އަހަރެންގެ ބައްޕަ ފަރާތު ބޮޑުދައިތަ. އަހަރެންނަށް އެހީވީ އެ އޯގާތެރި އަންހެނާ. ޝަޒީނާ އާ ޝަޒްނާ އާއެކު އުމެއިރާއްތަ މާލެ އައީ އަހަރެން ގޮވައިގެން" ސަބީހާގެ ވާހަކަތަކުން އަނާރް އަނގަ ހުޅުވިއްޖެއެވެ. އުމެއިރާއަކީ އޭނާގެ މާމައެވެ. އޭނާގެ މަންމައަށް ކިޔަނީ ޝަޒީނާކަން މާމަގެ ފުށުން އޭނާއަށް ވަނީ އަޑުއިވިފައެވެ.
"ކޮން އުމެއިރާއެއް؟" ސަބީހާގެ ވާހަކައިގެ ތެރެއިން އަނާރް އެހިއެވެ.
"އަހަރެން ކިހިނެއް ބުނާނީ؟ އޭނާގެ ފިރިމީހާއަށް ކިޔަނީ ޢަބްދުﷲ. އަހަރެން އަތުގައި ހުންނާނެ ފޮޓޯ. ގެއަށް ގޮސްފައި ދައްކާލާނަން އިނގޭ" ސަބީހާ ބުނެލިއެވެ. އަނާރް ބޯޖަހައިލިއެވެ. އޭނާ އިނީ ޝުހޭލްގެ މަންމައަކީ އޭނާ އާ ލޭގެ ގުޅުމެއް އޮތް މީހެއްކަން އިނގި ޙައިރާންވެފައެވެ. އެހެންކަމަށްވާނަމަ ޝުހޭލް އާ ވެސް އޭނާ ކޮންމެވެސް ވަރަކަށް ތިމާގެ ވާނެތާއެވެ.
"އަހަރެން ފުރާވަރަށް އެޅިތަނާ ޒާހިދު އާ ދިމާވެއްޖެ. އޭރު އަހަރެން މަސައްކަތްކުރީ މާލޭގެ ހާބަރު ކަޑައެއްގަ. ޒާހިދަކީ އެ ކަޑައަށް އަބަދު އަންނަ މީހެއް. އެގޮތަށް އައުމުގެ ތެރޭގައި ޒާހިދަށް އަހަރެން ފެނި ކަމުދިޔައީ. އެހެން ދުވަސްތައް ދަނިކޮށް ޒާހިދު އަހަރެން ކައިރިން އިންނަން އަހައިފި. އަހަރެން ޒާހިދާ ލޯބީގެގޮތުން ގުޅުމުގެ ކުރިން އުމެއިރާއްތަގެ ހިޔާލު ހޯދިން. އަހަރެން ވިސްނާފަ ޒާހިދު ކައިރީގައި ބުނިން އަހަރެންވެސް ކައިވެނިކުރަން ބޭނުންވާވަހަކަ. އަހަރެން ބުނިން އަހަރެންނަކީ ކިހާ ފެންވަރެއްގެ މީހެއްކަން. ޒާހިދަކީ މާލޭގެ ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ދަރިފުޅުކަން އަހަރެންނަށް އިނގުނު ހިސާބުން ފެށިގެން އަހަރެން ބިރުގަތް. ހިތަށްއެރި ކުރަން މިއުޅެވެނީ އަހަރެންނާ އެކަށީގެންވާ ކަމެއްބާއޭ؟" ސަބީހާ ވާހަކަދައްކަމުން ދިޔައެވެ. އިރުކޮޅަކުން އޭނާ ދެތުންފަތުގައި ދޫހަކާލި ގޮތުން އޭނާ ފެން ބޭނުންވިކަން އިނގުމުން އަނާރް ދަބަސް ތެރެއިން ފެންފުޅިއެއް ނަގާފައި ސަބީހާއަތަށް ދިނެވެ.
"ވަރުބަލިވާވަރުން އެހާ ގިނައިރު ވާހަކަވެސް މިހާރު ނުދެއްކޭ. ކިޑްނީ ފެއިލްވިފަހުން ދިރިއުޅުމަށް ދަތިއްވެއްޖެ" ސަބީހާ ބުނެލިއެވެ.
"އެހެންވީމަ ސަބީހާއްތަ އެހާ ވަރަށް ވާހަކަނުދައްކާ. އިރުކޮޅަކު މަޑުކޮށްލާފަ ގެއަށް ދާނީ" ސަބީހާގެ ބުރަކަށީގައި ފިރުމައިލަމުން އަނާރް ބުނެލިއެވެ.
"އާނ. މިއީ ވަރަށް ދިގު ވާހަކައެއް. އެއްކޮށް ކިޔައިދޭން ވަގުތު ނަގާނެ. އެކަމަކު އަދި އޮތް ވަގުތުކޮޅުގައި ތަންކޮޅެއް ކިޔައިދޭން ބޭނުން" ސަބީހާ ބުނެލިއެވެ. އަނާރް ހިނިތުންވެލިއެވެ.
"ކައިވެނިކޮށްގެން ޒާހިދު އަހަރެން ގެންގޮސް ވެއްދީ ގަނޑުވަރެއް ކަހަލަ ގެޔަކަށް. އެގޭގަ ތިބެނީ ތިން މީހުން. އަހަރެމެންގެ ދެމަފިރިންނާ ބައްޕަ. ޒާހިދުގެ ބައްޕަ އަމިއްލަ ދަރިއެއް ފަދައިން އަހަރެން ބަލައި ގަތުމުން އަހަރެންގެ ހިތަށް ވަރަށް ފަސޭހަވި. އެދެބަފައިން އަހަރެން ވަޒީފާއަދަކުރަން އެއްބަހެއްނުވި. އަހަރެން ހިތަށްއެރި އެހިސާބުން އަހަރެންގެ ދިރިއުޅުމަށް ލުއިފަސޭހަކަމެއް އަތުވެއްޖޭ. ކައިވެންޏަށް ދުވަސްވަމުން ދާވަރަކަށް ޒާހިދުގެ އޯގާތެރިކަން ފެނި އަހަރެންނަށް ދުވަހަކުވެސް އޭނާ އާ ވަކިނުވެވޭރަަށް ލޯބިވެވިއްޖެ. އަހަރެންނަށް އިހުސާސްވަނީ އަހަރެންނަށް ދުނިޔެމަތީގެ ސުވަރުގޭގަ އުޅެވޭހެން" ވާހަކަތައް އެހިސާބަށް ގެންގޮސްފައި ސަބީހާ ފުން ނޭވައެއް ދޫކޮށްލިއެވެ. ވަރުބަލިވެގެން ގޮސް ހިތުގެވިންދު އަވަސް ވެއްޖެއެވެ.
"އާނ ދެން އޯކޭ. މިއަދަށް ނިމުނީ" ސަބީހާގެ ބުރަކަށީގައި ފިރުމައިލަމުން އަނާރް ބުނެލިއެވެ. މާނޭވާ ލެވޭވަރުން ވާހަކަނުދެއްކިފައި އިން ސަބީހާ އަނާރްގެ މޫނަށް ބަލައިލާފައި ހިނިތުންވެލިއެވެ.
***
އޮޕަރޭޝަންގެ ހުރިހާކަމެއް ނިމި ޒައިނާ ތިއޭޓަރުން ނެރުނީ އޮޕަރޭޝަނަށް ވެއްދިތާ ބާރަގަޑިއިރު ފަހުންނެވެ. އައިސީޔޫ ދޮރުމަތީގައި ދެފަރާތުގެ އާއިލާ ހަމައަށް ތިއްބެވެ. އެހުރިހާ ވަގުތެއް ފާއިތުވިއިރުވެސް އެއްވެސް މީހަކު ގެއަށް ދާން ބޭނުމެއް ނުވިއެވެ. ޒައިނާގެ އާއިލާ މީހަކު ހޯދަން ގޮވައިލުމާއެކު އެދިމާލަށް ދިޔައީ ފަޔާޒެވެ. އާކާޝްއަށް ވެސް އެދިމާލަށް ހިނގައިގަނެވުނެވެ. އާކާޝް މަޑުޖެހުނީ ފަޔާޒް ތިއޭޓަރުގެ ތެރެއަށް ވަނުމުންނެވެ. އޭނާ ހިފައިގެން ނިކުންނާނެ ހަބަރެއް ނޭނގޭތީ އާކާޝްގެ ހިތް ބިރުގަތެވެ.
ފަހަތަށް ފިޔަވަޅު އަޅަމުން ދުރަށް ޖެހެމުން ގޮސް އާކާޝް ދުރުގައި މަޑުކޮށްލިއެވެ. އޭނާގެ ކަޅި ހުއްޓިފައިވަނީ އައިސީޔޫ ދޮރަށެވެ. ފަޔާޒް ނިކުންނާނެ އިރަކަށް އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައެވެ.
"ދަރިފުޅުމެން ދެން ދޭ ގެއަށް. ރެސްޓްކޮށްފަ އެތެރެއަށް ވަދެވޭ ގަޑިއަށް އާދޭ. މަންމަ ދާނަން ބައްޕައާއެކު" ރާހިލް އާ އާހިލް ކައިރީގައި މަޑުކޮށްލަމުން މިހުނާ ބުނެލިއެވެ.
އެވަގުތު އެއީ ފަޔާޒް އައިސީޔޫ އިން ނިކުމެގެން އާއިލާ އާ ދިމާލަށް އައި ވަގުތެވެ. ޒައިނާގެ ހަބަރު އެންމެ ފުރަތަމަ ދޭން އޭނާ ބޭނުންވީ ސަމީރަށެވެ. އެހުރިހާ ވަގުތަކު މާބަނޑު އަނބިމީހާ ގޮވައިގެން އޭނާވެސް އެއިންނަނީ ހޮސްޕިޓަލް ތެރޭގައެވެ.
"އަލްޙަމްދުލިﷲ. އޮޕަރޭޝަނަށްފަހު އެމަންޖެގެ ކަޅި ހަރަކާތް ކުރޭޔޭ ބުނީ. ސާޅިސް އަށް ގަޑިއިރު ބަލާނީޔޯ ބުނީ ވަރަށް ގާތުން. އޭގެ ފަހުންނޭ އިތުރު އެއްޗެއް ބުނަން އިނގޭނީ" އާއިލާ މީހުންނަށް ފަޔާޒް ބުނެލިއެވެ. ހަމަޖެހުމުގެ ނޭވައެއް އާކާޝްއަށް ލެވުނީ ދެނެވެ.
"މިތާ އެކަކު މަޑުކޮށްފަ އެންމެން ގެއަށް ދާންވީނުން. ރޭ އެއްކޮށް އެއްވެސް މީހަކު ނުނިދާ ތިއުޅެނީ" ފަޔާޒް ބުނެލިއެވެ.
"އަޅުގަނޑު މަޑުކޮށްލާނަން. ނިދާލާފަ ހަމަޖެހިލައިގެން ކޮންމެސް އެކަކު އަންނަންދެން އަޅުގަނޑު މަޑުކޮށްލާނަން" ވަގުތުން އާކާޝް ބުނެލިއެވެ. އާކާޝްއަށް އެހެން ބުނެވުނީ މަޑުކުރަން ބޭނުންވާކަމަށް ސަމީރު ބުނަން އުޅެނިކޮށެވެ. އެހެންނަމަވެސް އާކާޝް އަމިއްލައަށް އެހެން ބުނުމުން ސަމީރުގެ ހިތުގައި ސުވާލު އުފެދުނެވެ. އެފިރިހެންކުއްޖާ އަކީ ޒައިނާގެ ކާކު ހެއްޔެވެ؟
"އެކަމަކު އައްކިގެ ކްލާސް ވެސް އޮންނާނެއްނު" ޔުސްރާ ހަނދާންކޮށްދިނެވެ.
"މިވަގުތު ކްލާހަށް ވުރެ ޒައި މުހިންމު" އާކާޝް ބުނެލިއެވެ.
"އެކަމަކު ދަރިފުޅާ..." ޔުސްރާ ބުނެލިއެވެ. ހަނީފް ޔުސްރާގެ އަތުގައި ހިފާލާފައި ލޮލުން އިޝާރާތެއް ކޮށްލުމުން އިތުރަށް އާކާޝް އެވާހަކަތަކެއް ނުދެއްކިއެވެ. އާކާޝް އެދުނުގޮތަށް ހުރިހާ މީހުން ގެއަށް ދިޔައީ ހޮސްޕިޓަލުގައި އާކާޝް ބަހައްޓާފައެވެ.
***
ސަމީރާއި ނިޝާނާ ގެއަށް ވަންކަން އިނގުމާއެކު ބަދިގެ ތެރޭގައި ހުރި އުންމީދާ ބޯއަރިކޮށްލާފައި ބަލައިލިއެވެ. މޭޒު ކައިރީގައި އިން ނަސީމްވެސް ބަލައިލިއެވެ.
"އެމަންޖެ ކިހިނެއް؟" އަހަން ނުކެރިފައި އިނދެ ނަސީމް އެހިއެވެ.
"އަލްޙަމްދުލިﷲ. މިވަގުތަށް ވަރަށް ރަނގަޅު" ސަމީރު ބުނެލިއެވެ.
ނަސީމް ބަލައިލީ ޒިންކު ކައިރީގައި ހުރި އުންމީދާއަށެވެ. އަނބިމީހާއަށް ވެފައި ހުރިގޮތުން އޭނާގެ ހިތަށް ތަދުވެލިއެވެ.
"ކޮބާ ޝުބާ އާ އަބާން؟" ނަސީމް އެހިއެވެ.
"ޝުބާ ސްކޫލަށްވެސް ނުދިޔަ. ނުކެރޭނެޔޯ ދާކަށް. އަބާންގެ ހަބަރެއްނުވޭ" އުންމީދާ ބުނެލިއެވެ.
"ހިތާމަނުކުރޭ. މިދުވަސްވެސް ހިނގައިދާނެ. ކެތްތެރިވޭ" ނަސީމް ބުނެލިއެވެ.
***
ކޮޓަރިއަށް ވަންގޮތަށް ނިޝާނާ އެނދުގައި އިށީނެވެ. އޭނާގެ މޫނުމަތިން ވަރުބަލިކަމެއް ފާޅުވާން ހުއްޓެވެ. ފާހާނާއިން ނިކުމެގެން އައި ސަމީރު ކައިރީގައި އިށީނުމުން ނިޝާނާ ބޯއެޅީ ސަމީރުގެ ކޮނޑުގައެވެ.
"އަހަރެން ބޭނުމެއްނޫން މިގޭގަ ހުންނާކަށް. އަހަރެމެންގެ ޒައިއަށް އެހާ އަނިޔާވެރިވީ މިގެއިން" ނިޝާނާ ބުނެލިއެވެ.
"ތިހެންނުބުނޭ. ކުރި ކަމެއްކުރީ އަބާން. އެކަމުގައި ނަސީމްބެ އާ އުންމިއްތަގެ އެއްވެސް ކުށެއްނެތް. ފެނުނުތަ އަހަރެމެން ފެނުނީމަ އުންމިއްތަ މޫނަށް ވީގޮތް. މިދަނޑިވަޅުގަ އަހަރެމެން މިގެއިން ދިޔައިއްޔާ އެމީހުން ވަރަށް ދެރަވާނެ. އެހެންނޫނަސް ގޮސް ވަންނާނީ ކޮންތާކަށް؟ ޒައިގެ ހާލު ރަނގަޅު ނުވަނީސް އަހަރެން ރަށަށް ދާން ބޭނުމެއްނޫން. އަދި ނިޝްވެސް އަހަރެންނާ ވަކިން ރަށަށް ފޮނުވާކަށް ބޭނުމެއްނޫން" ނިޝާނާގެ އަތުގައި ހިފައިގެން އިނދެ ސަމީރު ވާހަކަދެއްކިއެވެ.
"ފަޔާޒްބެ ހާދަ ރަނގަޅޭ. އެގޭ އެހެން ކުދިންވެސް. ޒައިއަށް ބޮޑު ފެމެލީއެއް ދޯ އެލިބުނީ" ނިޝާނާ ބުނެލިއެވެ.
"އަހަރެންވެސް ތިހެން ހިތަށްއަރާ. މިހާރު އިނގިއްޖެ ޒައިއަށް އޯގާތެރިވާނެ އަޅާލާނެ ބަޔަކު ދުނިޔޭގައި ތިބިކަން. ތިހެން ބުނީމައޭ ހަނދާންވީ. އެތަނުގަ ހުއްޓެއްނު ފަޔާޒްބެ ކައިރީގަ ފިރިހެން ކުއްޖެއް. އައްކި އެކޭ ކިއެއްނު. އެއީ ކާކު؟" ފަޔާޒް އެހިއެވެ.
"އެއީ ފަޔާޒްބެގެ އެއްބަނޑުއެއްބަފާ ހަނީފްބެގެ ދަރިފުޅު. ފަޔާޒްބެގެ އަންހެނުން މަށަށް ކިޔައިދިނީ. އައްކި އޭ އެކިޔާ ކުއްޖާ ޒައިދެކެ ވަރަށް ލޯބިވެގެން އިންނަން ބޭނުންވެގެން އުޅޭތީ އެވާހަކަދައްކަން ދާން ކިޔައިގެން އުޅެނިކޮށް ޒައި އަބާނާ އިންނަން އުޅޭކަން އިނގުނީ. ޒައި އަށްވެސް އެކަން އިނގޭނެޔޯ" ނިޝަނާ އޮޅުންފިލުވައިދިނެވެ.
"އަލްޙަމްދުލިﷲ. މަގޭ ދަރިފުޅުގެ ނަސީބު ވަރަށް ރަނގަޅު. އެކަމަކު ޒައި ގަދަވެގެން ހޮސްޕިޓަލުން ނިކުމެވޭނެ ރަޙްމަތެއް މެދުވެރިވެއްޖެނަމަ އޭނަ މިގެއަށް ނާންނާނެ. ކިޔެވުން ދޫކޮށްލާފަ ރަށަށް ދާން އުޅެފިއްޔާ ދެން ކިހިނެއްހަދާނީ؟" ސަމީރު އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.
"ނުދާނެ. ފަޔާޒްބެ އޭނަ އެގެއަށް ގެންދާނެކަން ޔަޤީން. އެކަމަށް ޒައި އިންކާރެއް ނުކުރާނެ. ބަލާތި" ނިޝާނާ ވާހަކަދެއްކިއެވެ.
***
ނިދަން އުޅެއުޅެވެސް އަނާރަށް ނިދޭގޮތެއް ނުވިއެވެ. ރޭގަނޑުގެ ކެއުމަށްފަހު ސަބީހާ ދެއްކި ވާހަކަތަކާމެދު އޭނާއަށް ވިސްނެނީއެވެ. ސަބީހާ ދެއްކި ފޮޓޯތަކުން އޭނާއަށް ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުން ލިބިއްޖެއެވެ. އޭނާގެ މަންމަ ޒުވާން އިރުގެ ފޮޓޯތައްވެސް ފެނިއްޖެއެވެ. އެފޮޓޯތައް އޭނާ ޝެޒާއަށްވެސް ފޮޓޯ ނަގާފައި ފޮނުވިއެވެ. ފޯނަށް މެސެޖެއް އައި އަޑަށް ބަލައިލިއެވެ.
"ހޭލާތަ؟" ޝުހޭލް ފޮނުވާފައި އިން މެސެޖް އަނާރް ދެތިން ފަހަރު ކިޔާލިއެވެ. އޭނާ ޖަވާބެއްނުދީ އިރުކޮޅަކު އިނެވެ. އޭނާ ހޭލާ އުޅޭތޯ ޝުހޭލް ބަލަންވީ ކީއްވެގެން ހެއްޔެވެ؟ ޝުހޭލްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނާ ދެވިސްނުމެއްގައި އިނދެފައި މެސެޖްގެ ޖަވާބު ލިޔެލާފައި ފޮނުވާލިއެވެ.
"ހޭލާ" އަނާރް ލިޔެލީ ހަމައެކަނި އެވަރަށެވެ.
"އަހަރެން ވާހަކަދައްކާލަން ބޭނުން. އަމިއްލަ ވާހަކައެއް" ދެވަނަ ސިކުންތުގައި ޝުހޭލްގެ ދެވަނަ މެސެޖް ލިބިއްޖެއެވެ.
"ކޮންތާކަށް އަހަރެން ދާންވީ؟" އަނާރް މެސެޖް ލިޔެލާފައި ފޮނުވާލިއެވެ.
"ސިޓިންރޫމުން ނިކުމެވޭ ބެލްކަންޏަށް" ޝުހޭލް މެސެޖްކޮށްލިއެވެ.
ލައިގެން ހުރި ހެދުން ބަދަލުކޮށްލައިގެން އަނާރް ބޭރަށް ނިކުތެވެ. ސިޓިންރޫމަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ހިނގާލާފައި ގޮސް ކަހާލެވޭ ދޮރު އެއްފަރާތަކަށް ދަމާލާފައި ބޭރަށް ނިކުތެވެ. އޭރު ރެއިލިން ކައިރީގައި ޝުހޭލް ހުއްޓެވެ. އަނާރް ގޮސް ހުއްޓުނީ ޝުހޭލާ ތަންކޮޅެއް ދުރުގައެވެ. ޝުހޭލް އަނާރަށް ކުރިމަތި ވާގޮތަށް ހުރިއިރު އަނާރް ހުރީ މަގުމައްޗަށް ކުރިމަތި ލައިގެންނެވެ.
"ކޮންވާހަކައެއް؟" އަނާރް ބުނެލިއެވެ.
"އެ އަންހެންމީހާ އާ އެހާ ގާތްވެގެން ނޫޅޭ" ޝުހޭލް ބުނެލިއެވެ. އަނާރްގެ މޫނުމަތިން ޙައިރާންކަން ފެނުނެވެ. އޭނާ ޝުހޭލްއަށް ބަލައިލިއެވެ.
"ކޮބާ މައްސަލައަކީ؟" އަނާރް ބުނެލިއެވެ.
"އެއީ އަހަރެން އެހާ ހިތްހަމަޖެހޭކަމެއް ނޫން. އަހަރެންގެ ބެލުމުގެ ދަށުގައި ތިބޭ މީހުން....."
"ވަޓް...؟ އަހަރެން މިގޭގަ މިހުރީ ޝުހޭލްގެ ބެލުމުގެ ދަށުގައި ދޯ. އެހެންވީމަތަ އަހަރެން ސަބީހާއްތަ އާ ގުޅުން ކަނޑާލަން ތިބުނަނީ. ޝުހޭލްއަށް އިނގޭތަ ސަބީހާއްތައަކީ އަހަރެންގެ އާންޓްއެއް" އަނާރް ވާހަކަދެއްކިއެވެ.
"އެހެންވެއެއްނޫން. އަހަރެން އަނާރްގެ އެއްވެސް ކަމަކާ ބެހޭކަށް ބޭނުމެއްނޫން. އެކަމަކު އެ އަންހެންމީހާ އާ އަނާރް އެހާ ގާތްކޮށް އުޅޭތަން ފެނުނީމަ އަހަރެންނަށް އުނދަގުވޭ" ޝުހޭލް ބުނެލިއެވެ.
"އެއީ އަންހެންމީހާއެއް ނޫނޭ. އެއީ ޝުހޭލްގެ މަންމައޭ" އަނާރްގެ އަޑު ތަންކޮޅެއް ބާރުވިއެވެ.
"އެއީ އަހަރެންގެ މަންމައެއް ނޫން. އަހަރެންގެ މަންމައަކީ ފިޔާޒާ" ޝުހޭލް ބުނެލިއެވެ.
"ފިޔާޒާ އަކީ ޝުހޭލްގެ މަންމައެއް ނޫން. ޝުހޭލްގެ މަންމައަކީ ސަބީހާއްތަ. ޝުހޭލް ކިހިނެއްތަ އެހަޤީޤަތް ބަދަލުކުރާނީ. ކީއްވެތަ ސަބީހާއްތަދެކެ ތިހާ ރުޅިއެއް ތިއަންނަނީ؟ އަނާރް ބުނެލިއެވެ.
"އަނާރަށް އެކައްޗެއްވެސް ނޭނގޭނެ. އެ އަންހެންމީހާ..."
"އަހަރެންނަށް ހުރިހާ އެއްޗެއް އިނގޭ. ސަބީހާއްތަގެ އެއްވެސް ކުށެއްނެތް" އަނާރް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
ޝުހޭލް މިފަހަރު ބަހެއް ނުކިއިއެވެ. އަނާރްގެ ކައިރިން އޭނާއަށް ކުރިއެރުމެއް ނުލިބޭނެކަން އޭނާއަށް އިނގުނެވެ. ސަބީހާގެ ކުށެއްނެތޭ އަނާރްގެ އަނގައިން ބުނީތީ އެކަމާ ޝުހޭލް ދެރަވެއްޖެއެވެ. ހުރިހާކަމެއް ހިނގީ އޭނާގެ ކުރިމަތީގައެވެ.
"ނިމުނީތަ؟" ޝުހޭލް ހިނގައިގަތުމުން އަނާރް އެހިއެވެ.
"އެ އަންހެންމީހާގެ އެއްވެސް ވާހަކައެއް އަހާކަށްވެސް ދައްކާކަށްވެސް އަހަރެން ބޭނުމެއްނޫން. އެއީ އަނިޔާވެރިއެއް. އަމިއްލަ އެދުމުން ފޯވެފައިވާ ހިތް ނުބައި މީހެއް. ހުރިހާކަމެއް ހިނގީ އަހަރެންގެ ކުރިމަތީގައި. އެކަމަށް ދޮންތަވެސް ހެކިވާނެ" ހިނގައިގަނެފައިވެސް އެނބުރި އަނާރަށް ބަލައިލަމުން ޝުހޭލް ވާހަކަދެއްކިއެވެ.
"ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަގީގަތެއްނޫން" އަނާރް ބުނެލިއެވެ. އޭނާ ޝުހޭލް އާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ޝުހޭލް ބަހެއް ނުކިޔާ ހުއްޓެވެ.
"އަހަރެން ޝުހޭލްއަށް ސަބީހާއްތަގެ އެއްވެސް ކުށެއްނެތްކަން ސާބިތުކޮށްދީފާނަން" ޝުހޭލް ކުރިމަތީގައި ހުއްޓެމުން އަނާރް ބުނެލިއެވެ.
"އަހަރެން ބޭނުމެއްނޫން ބަލާކަށް. އަނާރް އެ އަންހެންމީހާ އާ އެކު އުޅުނަސް އަހަރެންނަށް ހެޔޮ. އަހަރެންނަށް ރަނގަޅީ އަހަރެން ކައިރީގައި އެމީހާގެ ވާހަކަ ނުދެއްކިއްޔާ" ޝުހޭލް ބުނެލިއެވެ. އޭނާ ދާން ހިނގައިގަތް ވަގުތު އަނާރް ޝުހޭލްގެ އަތުގައި ހިފެހެއްޓިއެވެ. އެހިނދު ޝުހޭލް އެނބުރި އަނާރަށް ބަލައިލިއެވެ. އަނާރްގެ އެ އަތަށް އޭނާއަށް ބަލައިލެވުނީ ޙައިރާންވެފައެވެ. އަނާރްގެ އެންމެ ބީހިލުމަކުން އޭނާ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ.
(ނުނިމޭ)