ސަތުތިރީސްވަނަބައި
"އައިމް ސޮރީ" ފަޔާޒްގެ ކޮނޑުގައި އަތް އަތްޖައްސާލަމުން ދިވެހި ޑޮކްޓަރ ބުނެލިއެވެ. އެހިނދު އާކާޝްއަށް ހީވީ އޭނާގެ ފަހު ވަގުތުކޮޅު އައިސް ޖެހިއްޖެ ހެންނެވެ. ދެފައިގައި އެއްވެސް ވަރެއް ނެތް މީހެއް ފަދައިން ދެތިން ފިޔަވަޅު އެޅިއްޖެއެވެ.
އާކާޝްގެ ދެކޮނޑުގައި ފަހަތުން އައި ހަނީފް ހިފަހައްޓާލިއެވެ. އެވަގުތު އެއީ ހަނީފް ކައިރީގައި ޔުސްރާ ވެސް އައިސް ހުއްޓުނު ވަގުތެވެ.
"ނޫން...ނޫން..." އާކާޝްއަށް ބަހެއް ނުކިޔުނެވެ. އޭނާ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.
"ޒައި މަރެއް ނުވާނެ" މަޑުމަޑުން އާކާޝް ބުނެލިއެވެ.
"ދަރިފުޅާ...!" ޔުސްރާ ދަރިފުޅަށް ގޮވައިލިއެވެ. ހުރިހާ މީހުންގެ ސަމާލުކަން އާކާޝްއަށް ހުއްޓިފައިވިއެވެ. ޑޮކްޓަރުން ވެސް ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލާފައި އާކާޝްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ތިއްބެވެ.
"ހަމަޖެހިބަލަ ދަރިފުޅާ... މިއީ ކެތްތެރިވާންވީ ވަގުތު" ޔުސްރާގެ ކޮނޑުގައި ބޯއަޅައިލި އާކާޝްގެ ބުރަކަށީގައި ފިރުމަމުން ޔުސްރާ ވާހަކަދެއްކިއެވެ.
***
ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެންމެ ލައިޓެއް ނޫން ބާކީ ހުރި ލައިޓްތައް ނިއްވާފައި ހުރުމުން ކޮންމެސް ވަރެއްގެ އަލިކަމެއް ގޭތެރޭގައި ހުއްޓެވެ. އަބާންގެ ކޮޓަރި ދޮރުހުޅުވާފައި ނިކުތް ޝުބާއަށް ގޭތެރޭގައި ހުރި ނަސީމް ފެނުމާއެކު ދުވެފައި އައިސް ބައްޕަގެ ކޮނޑުގައި ބޯއަޅައިފިއެވެ.
"މަންމަ ދޮންބެއަށް ވަރަށް އަނިޔާކޮށްފި. އަދިވެސް ހަޅޭއްލަވަން ހުރީ. މަންމަ މިވަގުތު ހުރީ ހަމަޔަކު ނޫން" ރޮމުން ޝުބާ ބުނަމުން ދިޔައެވެ. ނަސީމް ޝުބާ ގޮވައިގެން ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިސް ހުޅުވާފައި ހުރި އަބާންގެ ކޮޓަރިއަށް ވަދެއްޖެއެވެ.
"އަހަރެން މިހާރު ހިތަށް އަރާ އަލަތު ކައިވެނި ކައިވެންޏަށްފަހު އަހަރެންނަށް ދަރިއަކު ނުލިބިގެން ކުރިހާ ބޭސްފަރުވާއަށް ފަހުވެސް ދަރިއަކު ނުލިބުނު ނަމައޭ. އަހަރެންގެ ބަނޑުން އުފަންވާނީ ތިކަހަލަ ވިޔާނުދާ އަމިއްލަ އެދުން ބޮޑު ދަރިއެއްކަން ކުރިން އިނގުުނަމަ ކަލޭ މިދުނިޔެއަށް ގެންނަން އަހަރެން މަސައްކަތެއް ނުކުރީމުސް" އުންމީދާ ހަޅޭއްލަވަމުން ދިޔައެވެ. ބައެއްފަހަރު އޭނާގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފާޅުވަމުންދާއިރު އަނެއްބައި ފަހަރު ރުޅިވެރިކަންވެސް ފާޅުވަމުން ދިޔައެވެ.
"އަހަރެންގެ ކުރިމަތިން ކަލޭ ދުރަށް ދޭ" އެނދުގައި އިން އަބާނާ ދިމާލަށް އުންމީދާ މަޅާލި ފިހިގަނޑުގައި ނަސީމް ހިފެހެއްޓިއެވެ. ނަސީމާ ހަތަރުކަޅި ހަމަވުމާއެކު އުންމީދާއަށް ރޮވިއްޖެއެވެ.
"ދަރިފުޅު މަންމަ ގޮވައިގެން ކޮޓަރިއަށް ދޭބަލަ" އުންމީދާ އަތުން ފިހިގަނޑު އަތުލަމުން ޝުބާއަށް ނަސީމް ބުނެލިއެވެ. އެހިނދު އުންމީދާ އަތުގައި ހިފައިގެން ޝުބާ ކޮޓަރިން ނިކުމެއްޖެއެވެ.
އުންމީދާ އެވަރަށް އަނިޔާކޮށްފައި ދިޔައިރުވެސް އަބާންގެ ދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓެއެވެ. އޭނާ އިސްޖަހައިގެން އިންގޮތަށް އިންއިރު އުންމީދާގެ ވާހަކަތަކަށް ރައްދެއްވެސް ނުދެއެވެ. ނަސީމް މަޑުމަޑުން އަބާން ކައިރިއަށް ގޮސް އެނދުގައި އިށީނދެއްޖެއެވެ. މަޑުމަޑުން އަބާންގެ ދެފަޔާ ދެއަތަށް ބަލައިލިއެވެ. އެހިނދު އޭނާގެ ފުރާނަވެސް ރޮއެގަތް ފަދައެވެ. އުންމީދާ ފިހިގަނޑުން ތަޅާފައި ހުރި ތަންތަން ނޫފައިގަނެފައި ހުރި މަންޒަރު ފެނުމުން އެތަންތަނުގައި އޭނާއަށް ފިރުމައިލެވިއްޖެއެވެ.
"ތިކުރީ ވަރަށް ދެރަކަމެއް. ތިކަހަލަ ލަދެއްގަ ބައްޕަ ބައްދާލަން ކޮބާ ބައްޕަގެ ކުށަކީ؟" ނަސީމް ބުނެލިއެވެ. އޭނާގެ ދެލޯ ފުރިފައިވަނީ ކަރުނަތަކުންނެވެ. އަޑުގައިވަނީ މަޑުމައިތިރިކަމެވެ.
"މަގުމަތީގައި ބައްޕަ އުޅޭނީ ކިހިނެއް؟ ވަގުތު އޮތްއިރު ދަރިފުޅު ބޭނުންވާގޮތް ހާމަނުކުރީ ކީއްވެ؟ ކުރިން ވިސްނައިލިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެއްނު. ހޮސްޕިޓަލުން ގެއަށް އައި މަގުމަތީގައިވެސް އަހަރެންނަށް ހީވީ ގަސްތަކާ އިމާރާތްތަކާ މަގުމަތިން ފެނުނު ޖަނަވާރުންތަކާ މީހުންވެސް އަހަރެންނަށް މަލާމާތްކޮށްފަ ހޭހެން" ނަސީމް ވާހަކަދައްކަމުން ދިޔައެވެ. ހިނދުކޮޅެއް ނަސީމް ރުއިމުގައި ހޭދަކޮށްފިއެވެ. ބައްޕަގެ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ އަސަރެއް އަބާންގެ ހިތަށް ކޮށްފިއެވެ. އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިއްކެއް އެކަމުގެ ހެއްކަކަށް ފުދެއެވެ.
"ޒައިނާގެ ހާލު ކިހިނެއް؟" ނަސީމްގެ އެ ހުރިހާ ވާހަކަތަކެއް އަޑުއެހުމަށްފަހު އަބާން އެހިއެވެ.
"އެ މަންޖެއެއް ނެތް. އަބާންއަށް އުނދަގުކުރަން އެމަންޖެ ދެން ދުވަހަކުވެސް ނާންނާނެ" ނަސީމް ތެދުވެގެން ހިނގައިގަތީ އޭނާގެ ކަރުނަތައް ނުހިފެހެއްޓޭވަރަށް ފައިބަން ފެށުމުންނެވެ. އެހެންނޫނަސް އެވާހަކަތައް މިހާރު އަބާން ކައިރީގައި ދައްކައިގެން އެ ލަދުގައި އޭނާގެ އާއިލާ ނުބެދޭކަމަކަށް ނުވާނެތީއެވެ.
***
ގޭގައި އަނާރް ހޭދަކުރާ ހުރިހާ ވަގުތެއްގައި ސަބީހާއައެކު ހޭދަކުރާތީ ޝުހޭލްއަށް ކަމަކުނުދިޔައެވެ. އޭނާއަށް އަނާރާ ދިމާލަށް އެހެން ބުނަން ނުކެރޭތީ ހިތަށް އުނދަގޫވަމުން ދިޔައެވެ. އޭނާ ލޯބިވާ މީހުން ސަބީހާ އާ މާ ގާތްވުމަކީ އޭނާ ރުހޭކަމެއް ނޫނެވެ. ރުޝްދާވެސް ޅައިރު ލިބުނު އަނިޔާތައް އެހާ ފަސޭހައިން ހަނދާން ނައްތާލީތީ އެކަމާވެސް އޭނާ ނުރުހުން ފާޅުކުރިއެވެ.
"ޝުރޫ އަރޫ ކައިރީގައި ބުނަންވީނުން ގޭތެރޭގެ އެއްވެސް މަސައްކަތެއްގައި އަރޫ އުޅޭނެކަމެއްނެތޭ" ބަދިގެއަށް ފެންބޯން ވަން ޝުހޭލް އުނދުން ކައިރީގައި ހުރި ޝުރޫކަށް ބުނެލިއެވެ. ޝުރޫކް ޝުހޭލްއަށް ބަލައިލާފައި ދެބުމަ ގޮށްޖަހައިލިއެވެ.
"އަރޫވެސް ރުޝްދާއްތަވެސް ބަދިގެ ތެރޭގައި ބުރަކޮށް މަސައްކަތްކުރުމަކީ އަހަރެންވެސް ބޭނުންވާ ގޮތެއްނޫން. އެހެންނޫނަސް އަރޫ އެއްވެސް މަސައްކަތެއް ނުކުރޭ" ދޭފަތް ތެލި ތެރެއަށް ލައިގެން ދެފަރާތަށް ހަލަމުންދިޔަ ޝުރޫކް ބުނެލިއެވެ.
"އެއްވެސްކަމެއްގެ މާނައަކީ ހަމަ އެއްވެސް ކަމެއް. މީހުންގެ ކަންތައްތައް ކުރާކަށް އަރޫއަކަށް ނުޖެހޭނެ. އަހަރެން މިހެން ބުންޏޭ ނުބުނެ އަރޫއަށް އެކަން ވިސްނައިދީބަލަ" ޝުހޭލް ބުނެލިއެވެ. ޝުހޭލް ދައްކަމުންދިޔަ ވާހަކަތަކުގެ މިސްރާބު ހުރި ދިމާ ޝުރޫކަށް ނަގައިގަނެވިއްޖެއެވެ. އޭނާއަށް ހުރެވުނީ ޝުހޭލް ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. ސަބީހާއްތައަށް ޝުހޭލް އެހާ ނަފްރަތު ކުރަނީ ކީއްވެގެން ހެއްޔެވެ؟
ޝުހޭލް ނިކުތް ދޮރުން އަނާރް ވަދެގެން އައީވެސް ޝުރޫކް އެހެން ހުއްޓައެވެ. އަނާރް އައިސް ހުއްޓުނީ ޝުރޫކް ކައިރީގައެވެ.
"ސަބީހާއްތަގެ ކާއެއްޗެހި ނިމިއްޖެތަ؟" ތެލިތަކުގެ މަތިތައް ނަގަމުން އަނާރް އެހިއެވެ.
"އަރޫ ތިހެންއުޅޭތީ ޝުހޭލް އެހުންނަނީ ހިތްހަމަނުޖެހިފަ" ޝުރޫކް މަޑުމަޑުން ބުނެލިއެވެ.
"ޝުހޭލް ހިތްހަމަނުޖެހޭ ގޮތަކަށް އަހަރެން ނޫޅެން" އަނާރް ބުނެލިއެވެ.
"ސަބީހާއްތަގެ ކަންތައްތަކުގައި އަރޫ އުޅޭކަށް ޝުހޭލް އެހާ ހިތްހަމައެއްނުޖެހޭ. އަހަރެން ކައިރީގައި ބުނި އަރޫ ކައިރީގަ ބުނާށޭ..."
"އަހަރެންނަށް އަޑުއިވުނު. އެކަމަކު އޭނަ ހިތްހަމަޖެހެންޏާތަ އަހަރެން ކުރަންބޭނުންވާ ކަންތައްތައް ކުރަންވީ؟ އަހަރެން އޭނަގެ އަންބަކަށްވީ ނަމަކަށް. ހަމަ އެކަނި ދުލުން އެހެން ބުނެލަން ފަސޭހައަކަށް" އަނާރް ބުނެލިއެވެ. ހަށަން ބަނދެލިއިރު މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ހާމަވަމުން ދިޔައެވެ.
"އަރޫ ބުނިހެން ޝުހޭލް އާ ސަބީހާއްތަގެ ވަރަށް ބޮޑު މައްސަލައެއް އެބައުޅޭ. ޕަތާލަގާނާ ޕަޅޭގާ.." އިންވެސްޓިގޭޝަން އޮފިސަރެއްހެން ކަނާއަތުގެ ޝަހާދަތް އިނގިލިން ބޮލުގައި ޖަހައިލަމުން ޝުރޫކް ބުނެލިއެވެ.
"އަހަރެން ބުނީމެއްނު. އަހަރެން ސަބީހާއްތަ އާ ވާހަކަދައްކައިގެން ތިހުރިހާ ކަމެއް ހޯދާނަން. ޝުހޭލް ކައިރީގައި ބުނޭ ތިމަންނަ އެހެން ބުނީމަ އަރޫ ބުންޏޭ ތިމަންނަ ކުރާ ކަންތައްތަކާ ނުބެހޭށޭ" އަނާރް ބުނެލިއެވެ.
"އައި އެމް އޯލްސޯ ވެރީ ކިޔުރިޔަސް" ބޯޖަހައިލަމުން ޝުރޫކް ބުނެލިއެވެ.
***
ބަހެއް ނުބުނެ އެނދުގައި އިން ސަބީހާއަށް ބަލަހައްޓައިގެން ޝުބާ އިނެވެ. އޭނާގެ ދެލޮލުން ނިދީގެ އަސަރު ފާޅުވާން ހުއްޓެވެ. އޭރު ގަޑިން ބާރަޖަހަން ގާތްވެއްޖެއެވެ.
"މަންމާ...!" ޝުބާ އެތައް ފަހަރަކު އުންމީދާއަށް ގޮވައިފިއެވެ. އޭނާ ވާހަކަނުދެއްކިއެވެ. ކުއްލިއަކަށް ދިރިއުޅުމަށް ހީވެސްނުކުރާ ކަހަލަ ލޮޅުމެއް އައުމުން މަންމަ ޝޮކަކަށް ހިނގައިދާނެތީ ޝުބާ އިނީ ކަންބޮޑުވެފައެވެ. ދޮރުހުޅުވާލާފައި ނަސީމް ވަނީ އޭނާ އެކަހަލަ ވިސްނުމެއް އިންދައެވެ.
"ބައްޕާ! މަންމަ ވާހަކައެއް ނުދެއްކި" ނަސީމް ފެނުމާއެކު ޝުބާ ބުނެލިއެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން ނަސީމް އައިސް އުންމީދާގެ މަގަތުން އިށީނދެއްޖެއެވެ. ކުއްލިއަކަށް ކަންތައްތައް ބަދަލުވެގެން ދިޔަގޮތުން އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ.
"ކޮންމެ ގޮތަކަށް އަހަރެމެންނާ މެދު ކަންތައް ކުރިޔަސް އެއީ އަހަރެމެންގެ ދޮށީ ދަރިފުޅު. ހުރި ހަމައެކަނި ފިރިހެން ދަރިފުޅުވެސް މެ. ބޮޑުވެފައި ހުރި ފިރިހެން ދަރިއަކަށް އުންމި އަތް އިސްކޮށްގެން ނުވާނެއްނު. އެކުއްޖާގެ މުޅި ގައި އޮތީ ނުފައިގަނެފަ. ތަދުވެޔޭ ނުބުންޏަސް އޭނާގެ މޫނުމަތިންނާ ދެލޮލުން ވޭން އަހަރެން ދުށިން. އެއީ ކިޔަމަންތެރި ބަސްނާހާ ދަރިއެއްނަމަ މިއަދު މިގެއިން ނެރެން ޖެހުނީހީ އުންމިގެ ފުރާނަ ނެތް މަސްގަނޑު. އަބާން އެންމެފަހަރަކުވެސް އުންމިއަށް އަތް އިސްކުރިނަމަ އުންމި އޭނަ އަތްދަށުން ސަލާމަތްވީސް ތަ؟. ދަރިންނަށް އަތް އިސްކުރުމުގެ ޙައްޤެއް އެއްވެސް މަޔަކަށް ލިބިގެނެއްނުވޭ. އެއީ ކުޑަކުއްޖަކަށް ވިޔަސް" ނަސީމްގެ ވާހަކަތައް އަހާފައި ޝުބާއަށް ރޮވިއްޖެއެވެ. އޭނާގެ އުފާވެރި އާއިލާ އަށް ކުރިމަތިލާން އެޖެހުނީ ކާކުގެ ނުބައި އެސްފީނާއެއް ބާއެވެ؟ ކުރިމަތީގައި ތިބި މަންމަ އާ ބައްޕަ ރޯމަންޒަރު ފެނި އޭނާގެ މުޅި އުފާވެރިކަން ވެއްޔާ މޮޑެވިގެން ހިނގައްޖެއެވެ.
"ދަނޑިބުރި އަކުން އެސޮރުގެ ގައިގަ އެވަރަށް ތެޅިއިރު އުންމިއަށް ކެތްވިތަ؟" ރޮވިފައިވާ އަޑަކުން ނަސީމް ބުނެލިއެވެ. ބަހެއް ނުކިޔާ އިނަސް އުންމީދާގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ.
"އޭނައަށް ކުރެވުނު ވަރު އަދި ކުޑަ. އޭނަގެ ސަބަބުން ކިހާ ގެއްލުމެއްވެއްޖެ. އަހަރެން ވިސްނާ ވިސްނާ މޮޔަވާން ކައިރިވެއްޖެ. އެކަހަލަ ދަރިއެއް އަހަރެން ބޭނުމެއްނޫން" އުންމީދާ ވާހަކަދެއްކިއެވެ.
"އެއީ ކިޔަމަންތެރި ދަރިއެއްނޫން. އެހެންނަމަ އަހަރެންގެ ބަސް އޭނަ ޤަބޫލުކުރީސް. ފަހަރެއްގަ އެ އަނިޔާއިން ޒައިނާ ސަލާމަތްވީސް. ކަންތައްތައް ވާނެގޮތެއް ކާކަށް ކިހިނެއް އިނގޭނީ" ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން އުންމީދާ ވާހަކަދެއްކިއެވެ.
"ޒައިނާ މިހާރު ކިހިނެއް؟" ކުއްލިއަކަށް އުންމީދާ އަހައިފިއެވެ.
"ދެންމެ ސަމީރުގެ ފޯންކޯލް ލިބިއްޖެ. ވަރަށް ދެރަ" ނަސީމް ބުނެލިއެވެ. އެހިނދު އުންމީދާ ގަނޑުވިކަހަލައެވެ. ކޮޓަރީ ހަތަރުފާރުން އެތެރޭގައި އޭނާ ފިއްތާލަން އުޅޭހެން ހީވެ ދެފަރާތުން ކަންފަތުގައި އަތް އެޅިއެވެ.
***
އަކާޝް ގޮވައިގެން ޔުސްރާ ދުރަށް ޖެހިލިއެވެ. ގޮނޑީގައި ބައިންދާފައި އޭނާގެ އަތްދަބަސް ތެރެއިން ނެގި ކުޑަ ފެންފުޅިއެއް މަތި ނަގާފައި އާކާޝްއަށް ދިއްކޮށްލިއެވެ. އަކާޝް އޭނާގެ އަތުން ފެންފުޅި ދުރުކޮށްލިއެވެ. ހިތް ހީވަނީ މޭތެރޭގައި ނެތް ހެންނެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ ހަނދާންނެތިއްޖެއެވެ. ދުނިޔެމަތިން ފޫހިވެއްޖެއެވެ.
"ދަރިފުޅާ! ފިރިހެނުންނަކީ އެހާ ފަސޭހައިން ގިވްއަޕް ކުރާ ބައެއްނޫން. ދޮންބެ އާ އެންމެ ކައިރިން މިއަދު ހުންނަންޖެހޭ މީހަކީ އައްކި. ބަލައިބަލަ. ރާހިލް އާ އާހިލް ހުއްޓާނުލާ ރޮނީ. އެކުދިންނަށް ހިތްވަރަކަށްވެސް ދަރިފުޅު ވާންއެބަޖެހޭ" އާކާޝްގެ ބުރަކަށީގައި ފިރުމަމުން ޔުސްރާ ނަޞޭޙަތްތެރިވަމުން ދިޔައެވެ.
"ތިމާ އެންމެ ލޯބިވާ މީހަކަށް ނިސްބަތްކޮށް އެއީ ތިމަންގެ މިލްކެކޭ ކިޔަމުން ދާއިރު އެއީ ހަގީގަތެއްނޫން. ހަގީގަތަކީ އެއްވެސް މީހަކީ އެއްވެސް މީހެއްގެ ހައްޤެއްނޫން. މާތްﷲ ފުރާނަ އަޅުއްވާފައި މިދުނިޔެއަށް ފޮނުވި ކޮންމެ މަޚްލޫގަކީވެސް ހަމައެކަނި އެފަރާތުގެ މިލްކެއް. ގެންދަވަންވީމަ ގެންދަވާނެ. އެހެންވީމަ ބުނަނީ އިންސާނުންނަކީ ދެރަ ނިކަމެތި ބަޔެކޭ" ހިތަށް ކޮށްފައިވާ ފުންއަސަރުތަކާއެކު ވެސް ޔުސްރާ މަސައްކަތްކުރީ އާކާޝްއަށް ހިތްވަރު ދިނުމަށެވެ.
"މަންމަ ދުވަހަކުވެސް ނުދެކެން ދަރިފުޅު ކަރުނައަޅަ ރޮއެ މަންޒަރެއް. ސްކޫލު ދުވަސްވަރުގައިވެސް އަނިޔާއެއް ވިޔަސް މަންމަގެ އައްކި ރޮއެފައެއްނެތް. މިއަދު މަންމައަށް އިނގިއްޖެ ޒައިދެކެ ދަރިފުޅު އިންތިހާދަރަޖައަށް ލޯބިވވާކަން" ޔުސްރާ ވާހަކަދައްކަމުން ދިޔައިރު އާކާޝް އިނީ ދެކަކުލުގެ ވިއްދާލާފައި ގެނެސްފައި އިން ދެއަތުގެ ތެރޭގައި މޫނު ނިވާކޮށްގެންނެވެ. އެއްވެސް ކަމެއް ކުރާނެހާ ހިތްވަރެއް އޭނާގެ ހަށިގަނޑުގައި ނެތެވެ.
"ކީއްވެ މިހެންމިވީ މަންމާ...!" ޔުސްރާގެ ކަންފަތަށް އާކާޝްގެ އަޑު އިވިގެން އައީ ކުރެހިގެންނެވެ.
"މަންމަގެ ދަރިފުޅާ! ތިހެން ނުބުނާތި ދެވަނަ ފަހަރަކުން. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް. އެއީ އެކަމެއްގެ ފަހަތުގައި ރަނގަޅު ކޮންމެސް އެހެން ސަބަބެއް އޮތީމަ. އެސަބަބު އަހަރެމެން އިންސާނުންނަށް ނޭނގުމުގަވެސް ކޮންމެސް ހިކުމަތެއް އޮންނާނެ. އަހަރެމެން އަތުން އެއްޗެއް ބީވެގެން ދިޔުމަކީވެސް އެކަނލާނގެ ދެއްވާ ނިޢުމަތެއް. އެއަށްވުރެ މާ ރަނގަޅު އެއްޗެއް އޭގެ ބަދަލުގައި އަހަރެމެންނަށް ދެއްވާނެކަން އެއީ ޔަޤީންކަމެއް" ޔުސްރާ ވާހަކަދައްކަމުން ދިޔައެވެ.
"އެކަމަކު...." އާކަޝްއަށް ވާހަކަނުދެއްކުނެވެ.
"އެއްވެސް އަޅަކަށް އެ އަޅަކަށް ނުއުފުއްލެވޭރުގެ ތަކްލީފެއް އެކަލާނގެ ނުޖައްސަވާނެ ކަމަށް އެކަލާނގެ ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކުރައްވާފައި... ހިތްވަރުކުރޭ ދަރިފުޅާ. ތެދުވޭ ތިތަނުން. ގޮސް އާހިލް އާ ރާހިލް ހުއްޓުވާ. އެކުދިންނަށް ނަމޫނާއަކަށްވޭ. ދޮންބެވެސް އެހުރީ ވަރަށް ދެރަވެފަ. އެންމެ މާތް މީހުންނަކީ މުސީބާތުގެ ވަގުތު ކެތްތެރިވާ މީހުން" ޔުސްރާ ވާހަކަދެއްކިއެވެ. މަންމަގެ ވާހަކަަތަކުން އިބްރަތް ލިބިގަނެގެން އާކާޝް ތެދުވިއެވެ. އާހިލް އާ ރާހިލް އާ ދިމާލަށް އޭނާ ހިނގައިގަތްއިރު އޭނާގެ މުޅި ރޫހްވަނީ ގެއްލިފައެވެ.
***
ހަވީރު ވަގުތު ޖެހުމާއެކު ސަބީހާ ތައްޔާރުކޮށްލައިގެން ކޮޓަރިން ނިކުތް އަނާރް ގޮސް ރުޝްދާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލިއެވެ. ރުޝްދާ ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި ސަބީހާ ފެނި ހިނިތުންވެވިއްޖެއެވެ.
"މަންމަ. ތަނަކަށް ދަނީތަ؟" ސަބީހާ ރީތިވެލައިގެން ހުރިތަން ފެނުމުން ރުޝްދާ އުފަލުން ހިނިތުންވެލައިފިއެވެ.
"ސަބީހާއްތަ ގޮވައިގެން އަޅުގަނޑު ހިނގާލަން މިނިކުމެލަނީ" ދޮރަށް އެރި އަނާރް ބުނެލިއެވެ. އެހިނދު ރުޝްދާގެ ހިނިތުންވުން ފުޅާވިއެވެ. ސަބީހާ އާ މެދު އަނާރް ބަހައްޓާ ގާތްކަން ފެނި ރުޝްދާ ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ.
"އަވަހަށްދޭ. އެކަމަކު އެހެން ކުއްޖަކަށް ބައިވެރިވެވޭނެތަ؟" ހީލަމުން ރުޝްދާ އެހިއެވެ.
"މިއަދު ދާނީ އަޅުގަނޑާ ސަބީހާއްތަ އާ ދޯ" ސަބީހާއަށް ބަލައިލަމުން އަނާރް ބުނެލިއެވެ. ސަބީހާ ބޯޖަހައިލިއެވެ.
"މާދުރަށް ނުދާނަމޭ. ދޯ" އަނާރް ބުނެލިއެވެ.
ބޭރުން އައިސް ވަން ޝުހޭލް ކުރިމައްޗަށް ސަބީހާއަށް އެރުމާއެކު އޭނާ މަޑުޖެހިއްޖެއެވެ. ލޯބިވާ ދަރިފުޅުގެ ނުރުހުންވެފައިވާ ބެލުން އޭނާއަށް އަމާޒުވެފައިވީތަން ފެނި ހިތްފުރެންދެން ދަރިފުޅު މޫނަށް ބަލައިލަންވެސް ސަބީހާއަށް ނުކެރުނެވެ.
"ވަރަށް ބޮޑަށް ފެންބޮވައިގަނެގެން ދިޔައީ. ލަސްވެއްޖެ ދޯ" ސަބީހާ އާ އަރާ ހަމަކުރި އަނާރް ބުނެލިއެވެ. ސަބީހާ ހިމޭންވެފައިވީތަން ފެނި އަނާރަށް ޝުހޭލްއަށް ބަލައިލެވިއްޖެއެވެ. ޝުހޭލްގެ ނަޒަރު ލަސްލަހުން އަނާރަށް އަމާޒުވުމުން އަނާރް ހީލަން މަސައްކަތް ކުރިއެވެ.
"އަރޫ ކޮންތާކަށް؟" ޝުހޭލް އެހިއެވެ. އަނާރްގެ ހިތްގައިމު މޫނުކޮޅު ފެނުމާއެކު އޭނާގެ ހިތް އުފަލުން ފުރިއްޖެއެވެ.
"މިދަނީ ސަބީހާއްތަ ގޮވައިގެން ހިނގާލަން" އަނާރް ބުނެލިއެވެ. އަދި ސަބީހާ އަތުގައި ހިފައިގެން ނިކުމެއްޖެއެވެ. ޝުހޭލް އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ބޭރަށް ނިކުމެ ދޮރުލައްޕައިފިއެވެ. ހަމަޖެހުމުގެ ނޭވައެއް އޭނާ ދޫކޮށްލީ ދެނެވެ.
"ސަބީހާއްތަ ކީއްވެ ޝުހޭލްދެކެ އެހާ ޖެހިލުންވަނީ" މަގުމައްޗަށް ނިކުމެވުމާއެކު ދެމީހުންގެ މިސްރާބަކަށްވީ ތަންކޮޅެއް ދުރުން ފެންނަން އޮތް ޕާކެކެވެ. އަނާރްގެ ސުވާލުން ސަބީހާއަށް އަނާރަށް ބަލައިލެވިއްޖެއެވެ.
"އަޅުގަނޑަށް އެކަން ވަރަށް ފާހަގަކުރެވިގެން މިއެހީ" ސަބީހާގެ އަތުގައި ހިފައިގެން މަގު ހުރަސްކޮށް އަނެއް ފަރާތަށް އަރަމުން އަނާރް ވާހަކަދެއްކިއެވެ.
"އެއީ ވަރަށް ދިގުވާހަކައެއް. އަނާރް ތިހާ ބަލަން ބޭނުމިއްޔާ ސަބީހާއްތަ ކިޔައިދީފާނަން" ސަބީހާ ވާހަކަދެއްކިއެވެ. އަނާރް ބޯޖަހާލާފައި އަނާރް ހީލިގޮތުން އޭނާ އެވާހަކަ ހޯދަން ބޭނުންވެފައިވާ މިންވަރު ސަބީހާއަށް އިނގުނެވެ.
"އިހަށް ހިނގާ ދޯ ތަނެއްގަ އިށިންނަމާ. ސަބީހާއްތަ ލޮޑުވެއްޖެ މިހާ ހިސާބަށް ހިނގާލީމަވެސް" ސަބީހާ ބުނެލިއެވެ. އަނާރް ސަބީހާގެ އަތުގައި ކުރިއަށް ވުރެވެސް ބާރަށް ހިފާލިއެވެ. ސަބީހާގެ ހާލު ރަނގަޅު ނޫންކަން އިނގި ހުރެވެސް އަނާރް ބޭނުންވީ އެކަހެރި މާހައުލެއްގައި ސަބީހާ އާ ވާހަކަދައްކާށެވެ.
"ސަބީހާއްތަ ބޭނުމިއްޔާ ކިޔައިދޭނީ. އެހާ މުހިންމެއްނޫން" ޕާކް ތެރެއަށް ވަދެގެން ގޮސް އާސާރީ އައްޓެއްމަތީގައި ސަބީހާ ބައިންދަމުން އަނާރް ބުނެލިއެވެ.
"ނޫނޭ. ސަބީހާއްތަގެ ދިރިއުޅުމުގެ އެއްބައި އެކުދިންނަށް އިނގޭނީ. އެދެކުދިންނަށް އިނގޭނީ އެކުދިންނަށް އަހަރެން ދެއްކި މަންޒަރުތައް. ފަރުދާގެ ފުރަގަހުގައި ވީ އެއްވެސް ކަމެއް އެއިން ކުއްޖަކަށް ނޭނގޭނެ. އެވާހަކަތައް ސަބީހާއްތަ އަނާރަށް ކިޔައިދޭނަން. އެއީ އަނާރަކީ ސަބީހާއްތައަށް ދުރު ކުއްޖެއްނޫން. އަހަރެންގެ ދަރިފުޅު ނުލާހިކު ލޯބިވާ ކުއްޖެއް ތިއީ. ކުރިންވެސް ސަބީހާއްތަ މިވާހަކަތައް ސަބީހާއްތަގެ ބޮޑުދައިތައަށް ކިޔައިދިނިން. ބޮޑުދައިތަ ސަބީހާއްތައަށް ވަރަށް ނަޞޭޙަތްދިން. އެކަމަކު ސަބީހާއްތަ އަޑުނޭހީ" ސަބީހާ އިތުރަށް ވާހަކަދެއްކިއެވެ. ސަބީހާ އޭނާ އާ މެދު އެހާ ގާތްކޮށް ދެކުނީތީ ހިތްހަމަޖެހުނެވެ. އެހެންނަމަވެސް ޝުހޭލްގެ ސަބަބުން އޭނާ ސަބީހާއަށް ހާއްސަވީކަން އިނގުމުން ހިތުގައި ރިހުމެއް އުފެދިއްޖެއެވެ.
***
"އޯ ނެގެޓިވް. އަދި ތިން ޑޯނަރުން ބޭނުންވާ ކަމަށް ބުނީ" ވަކިން ހުރި ގޮނޑި ބަރީގައި އާހިލް އާ ރާހިލް އާ ދެމެދުގައި އިން އާކާޝްއަށް ފަޔާޒް ބުނެލިއެވެ. އާކާޝް ފުންމައިގެ ތެދުވެފައި ފޯނު ނެގިއެވެ. ނަންބަރުތަކަށް ގުޅަމުން ދެކޮޅަށް ހިނގަން ފެށިއެވެ. އެމަންޒަރު ބަލަން އިން ޔުސްރާ ކައިރީގައި އިން ފިރިމީހާއަށް ބަލައިލިއެވެ.
"އައްކިއަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި. އެންމެފުރަތަމަ ޑޮކްޓަރުން ނިކުމެ ސޮރީ އޭ ބުނީމަ އޭނާއަށް ހީވީ ޒައި ނިޔާވި ހަބަރުދޭން އުޅެނީކަމަށް. ހަގީގަތުގައި ޑޮކްޓަރުން އެހެންބުނީ ޒައި ވަރަށް ސީރިޔަސްވެ ކޯމާއަކަށް ހިނގައިދާނެކަމުގެ ބިރު އޮތުމުންކަމެއް އޭނާއަށް ނޭނގޭ. އޭނަ މިވަގުތު ދެފައި މައްޗަށް ކޮޅަށް އެހެރީ އަހަރެން ވަރަށް ވިސްނައިދިނީމަ" ޔުސްރާ ވާހަކަދެއްކިއެވެ.
"އެކަކު ލިބިއްޖެ. އަޅުގަނޑު އެބަ އަންނަން އޭނަ ގޮވައިގެން" ފަޔާޒަށް ބަލައިލާފައި އާކާޝް ހިނގައިގަތެވެ.
(ނުނިމޭ)