ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 36

14

ސަތިރީސްވަނަބައި

ބޮޑުމަގަށް ސައިކަލުގައި އެޅިތަނާ އެކްސިޑެންޓެއް ހިނގައިގެން އުޅޭ މަންޒަރު އޭނާއަށް ފެނިއްޖެއެވެ. އެވަގުތު އޭނާއަށް ރުޅިއާދެވުނީ ވަގުތުދެކެއެވެ. އެކްސިޑެންޓް ވާންޖެހެނީވެސް އެވަގުތުގަ ހެއްޔެވެ؟ އެދިމާލުން ކުރިއަށް ދުއްވޭގޮތް ނުވުމުން އޭނާއަށް ޖެހުނީ އަނބުރާލާފައި ދާށެވެ. އެކްސިޑެންޓް ހިނގައިގެން އުޅޭ ތަނަށް ދާން އޭނާ ބޭނުމެއްނުވިއެވެ. އޭނާއަށް ނޭނގުނީ އެތަނަށް އޭނާ ދިޔަނަމަ ޒައިނާގެ ލެއިން ކަޅިވެފައި އޮތް ހަށިގަނޑު ހޮސްޕިޓަލަށް ގެންދަންޖެހޭނީ އޭނާ އަތްމަތިން ކަމެވެ.

ނަސީބު ދިމާކުރި ގޮތުން މީހުންތަކުގެ ތެރެއިން އެތެރެއަށް ވަދެވުނީ ފަޔާޒަށެވެ. ލޯބިވާ ދަރިފުޅު އޮތް ހާލު ފެނި ފަޔާޒަށް ހީވީ ނޭވާވެސް އެތެރެހަށީގައި ތާށިވީ ހެންނެވެ.

"އެންމެން ދުރަށްޖެހޭ" ޒައިނާ އަތްމައްޗަށް ނަގަމުން ފަޔާޒް ބުނެލިއެވެ. ފޮޓޯ ނަގަން ތިބި މީހުންތައް ގިނަ އެސަރަހައްދުން ދެތިން މީހަކު ފަޔާޒަށް އެހީތެރިވެދިނެވެ. އެމްބިޔުލާންސް ވެސް ފަސް މިނިޓް ތެރޭގައި އެތަނާ ކައިރިކޮށްފިއެވެ.

"ޝުކުރިއްޔާ" ކައިރީގައި ތިބި މީހުންނަށް ޝުކުރުއަދާ ކުރުމަށްފަހު އެމްބިޔުލާންސަށް އަރަމުން ފަޔާޒް ބުނެލިއެވެ. އޭނާ ޖީބުގައި އޮތް ފޯނު ނަގާފައި އެންމެފުރަތަމަ ގުޅީ ސަމީރަށެވެ.

***

މުޅިން އާ ދުވަހެކެވެ. ކުލާސްތައް ނިންމާފައި އަނާރާ ޝުރޫކް ގެއަށް އައި ގޮތަށް ތައްޔާރުވާން ފެށިއެވެ. ސަބީހާ ގޮވައިގެން ހޮސްޕިޓަލަށް ދާން ތައްޔާރުވަމުން ދިޔައިރު އަނާރްގެ މޫނުމަތިން ވަރުބަލިކަމެއްގެ އަސަރު ފާޅުވާން ހުއްޓެވެ.

"އަހަރެން އެބަޖެހޭ ހޫނު ގޮޮނޑިއަށް އަރަން" ލޯގަނޑު ކުރިމތީގައި ހުރި ޝުރޫކަށް އަނާރް ބުނެލިއެވެ.

"އެއީ؟ ފިޔާޒާއްތަ ދޯ" ޝުރޫކް ބުނެލިއެވެ.

"އާނ. ވަރަށް ރެސްޕެކްޓް ކުރެވޭގޮތަށް ހުންނަ މީހެއް. ޝުރޫ ހުންނާނަން ދޯ އަހަރެން ކައިރީގަ" އަނާރް ބުނެލިއެވެ. އޭނާ އިނީ ތައްޔާރުވެ ނިމިގެން އެނދުގައި އިށީނދެގެންނެވެ. ކުއްލިއަކަށް ދެކުދިން ދޮރާ ދިމާލަށް ބަލައިލީ ދޮރުފަތުގައި ޓަކި ޖަހާލި އަޑު އިވުމުންނެވެ. އަނާރް ތެދުވެގެން ގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ފިޔާޒާ އާ ޝުހޭލް ތިއްބެވެ.

"ވަރުބަލިވެފައެއްނު ތިހުރީ. ޝުރޫކް ތައްޔާރުވާން ވާއިރަށް ހިނގާ އެއްޗެއް ކާލަން" ހިތްހެޔޮކަމާއެކު ފިޔާޒާ ބުނެލިއެވެ. ފަހަތުގައި ހުރި ޝުރޫކަށް ބަލައިލާފައި ލަސްލަހުން އަނާރް ޝުހޭލް އާ ނަޒަރު ސީދާކޮށްލިއެވެ. އެހިނދު ޝުހޭލް ލުއިލުއި ހިނިތުންވުމެއް އަނާރަށް ދިނެވެ.

"ތިހާލަތުގައި ބަނޑުހައިވެގެން އެހާ ގިނައިރު ހުރުމަކީ ރަނގަޅު ކަމެއްނޫން. ހިނގާ. އަދި ވަގުތު އެބައޮތް" އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ފިޔާޒާ ބުނެލިއެވެ.

ފިޔާޒާގެ ފަހަތުން އަނާރް ހިނގައިގަތުމާއެކު ޝުހޭލް އެތެރެއަށް ވަނެވެ. އެވަގުތު ޝުރޫކް އައިސް ޝުހޭލް ކުރިމަތީގައި ހުއްޓިއްޖެއެވެ.

"އަހަރެން ދަންތަ؟" ޝުރޫކް އެހިއެވެ.

"ނޫން. މަންމަ އަރޫއަށް ރުޅިވެރިކަމާއެކު މުހާތަބެއް ނުކުރާނެ. މަންމަ ބޭނުންވީ ހަމައެކަނި ވާހަކަދައްކާލަން" ޝުހޭލް ބުނެލިއެވެ.

"އަރޫ ބޭނުންވާނެ އަހަރެން ކައިރީގަ ހުންނަން" ކަންބޮޑުވުމާއެކު ޝުރޫކް ބުނެލިއެވެ.

"އެކަނި ކަންތައްތަކާ ކުރިމަތިލާން އަރޫ ދަސްކުރަންޖެހޭ. ޝުރޫ ހަމަޖެހިބަލަ" ޝުހޭލް ބުނެލިއެވެ.

ފިޔާޒާއާއެކު އަނާރް މޭޒުކައިރީގައި އިށީންތައް ބަދިގެއަށް ފެންބޯން ވަން ރުޝްދާއަށް ފެނި ހިނިތުންވެލިއެވެ.

"ދައްތާ! އަނާރް އަވަހަށް ފޮނުވައްޗޭ. ޓެކްސީ އެހާ ގިނައިރު މަޑެއްނުކުރާނެ" ނިކުންނަމުން ރުޝްދާ ބުނެލިއެވެ. ފިޔާޒާ ހިނިތުންވެލިއެވެ.

"މިހާރު ކިތައް މަސް؟" އަނާރް ހިމޭނުން އިންނަން ފެށުމުން ފިޔާޒާ އެހިއެވެ.

"ދެމަސް ވަނީ" އަނާރް ބުނެލިއެވެ. އޭނާ އިނީ ދުވަހަކުވެސް ނުދެކޭ އަންހެނެއް ކުރިމަތީގައި އެމައުޟޫއަށް ވާހަކަދައްކަން ޖެހުމުން އުނދަގުވެފައެވެ.

"އަހަރެންނަށް ޝުހޭލް ހުރިހާ ވާހަކަތަކެއް ކިޔައިދީފި. އަހަރެންގެ ހިތެއް ނުބުނޭ އަނާރަކީ ގޯސްކުއްޖެކޭ. އެކަހަލަ ފާޑެއް އަހަރެންނަށް އަނާރްގެ ކިބައިން ނުފެނޭ. އަހަރެންގެ ހިތް އަނާރަށްޓަކައި ވަރަށް ސާފު" އަނާރްގެ ކުރިމަތީގައި ފުރުޓްތަށި ބަހައްޓާފައި އެއަށް ސަމްސަލެއް ލަމުން ފިޔާޒާ ވާހަކަދެއްކިއެވެ.

"ޝުކުރިއްޔާ" އަނާރަށް ބުނެވުނީ އެވަރަށެވެ. މާގިނައިން ވާހަކަދައްކަން އޭނާއަށް ނުކެރުނެވެ.

"އަހަރެންގެ ދަރިފުޅަށް އަނާރް އެހާ ކަމުދަނީ ކީއްވެގެންކަން މިހާރު އިނގިއްޖެ. ތިއީ މާޝާﷲ. ވަރަށް ރީތި ކުއްޖެއް. ހަގީގަތުގަވެސް ޝުހޭލް އަނާރްދެކެ ވަރަށް ލޯބިވޭ" ފިޔާޒާ ވާހަކަދެއްކިއެވެ. އަނާރް ތުންފަތަށް ހިނިތުންވުމެއް ގެނުވީ ގަދަކަމުންނެވެ.

"އަހަރެން ދުޢާ އަކީ ތިދެކުދިން އެކުގައި މިދުނިޔޭގައިވެސް އަދި އެ ދުނިޔޭގައިވެސް ލެއްވުން" ފިޔަޒާ ބުނެލިއެވެ.

"ރުޝްދާއްތަމެން ތިބޭނީ މިހާރު ލަސްވެފަ. އަޅުގަނޑު ދަނީ" އަނާރް ތެދުވެގެން ހިނގައިގަތެވެ. އަނާރް ލަދުގަނެއްޖެކަން ހީވެ ފިޔާޒާއަށް ހެވިއްޖެއެވެ.

ޓެކްސީ ތެރޭގައި ޝުހޭލް އިންކަން އަނާރަށް އިނގުނީ އެއަށް އެރި ފަހުންނެވެ. އޭނާ ޝުހޭލްއަށް ބަލައިލާފައި ވެސް ސުވާލެއް ނުކުރިއެވެ. އަދިވެސް އަނާރް ޝުހޭލް އާ ވާހަކަދެއްކުން މަދެވެ. އެކަން މާބޮޑު ކަމަކަށް ޝުހޭލް ނަހަދައެވެ. ވަގުތާއެކު ހުރިހާ ކަމެއްވެސް ބަދަލުވާނެކަން އޭނާއަށް އިނގެއެވެ.

"އަހަރެން ވަރަށް އަވަހަށް ތިމީހުންނާ ޖޮއިން ކުރާނަން އިނގޭ. މަންމަ ގޮވައިގެން އަރަންވީ ސެކަންޑް ފްލޯއަށް" ހޮސްޕިޓަލްގެ ތެރެއަށް ވަދެވުމާކު ރުޝްދާ ވާހަކަދެއްކިއެވެ. ރުޝްދާގެ ފަހަތުން ޝުހޭލް ހިނގައިގަތީ އަނާރާ ޝުރޫކް ބަލަހައްޓައިގެން ތިއްބައެވެ.

"ސަބީހާއްތާ! ގޮނޑި ގެންނަންވީތަ؟ ވަރުބަލި ދޯ" ޝުހޭލް ދިޔަ ދިމާލަށް ފެންކަޅިވެފައި ބަލަހައްޓައިގެން ހުރި ސަބީހާ ބަލައިލީ އަނާރްގެ އަޑުންނެވެ.

"ނޫން ދައްތައަށް މަޑުމަޑުން ހިނގާލާފަ ދެވޭނެ" ދެލޯކައިރި ފޮހެލަމުން ސަބީހާ ބުނެލިއެވެ. ސަބީހާ އަތުގައި ހިފައިގެން އަނާރް ހިނގައިގަތެވެ. ސަބީހާގެ މެޑިކަލް ޑޮކިޔުމަންޓްސްތައް އަޅާފައި ހުރި ފައިލްތައް އޮތީ ޝުރޫކްގެ އަތުގައެވެ.

"މިތަނަށް ވަނަސް އަހަރެން މޭނުބައި ކުރާގޮތްވޭ" ނޭފަތް އެތެރެއަށް ދަމާލާފައި އަނގަ ހަދައިލަމުން އަނާރް ބުނެލިއެވެ.

***

ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި އާކާޝް މަޑުޖެހުނީ އެމެޖެންސީރޫމާ ހަމައިންނެވެ. ގޮނޑީގައި ތިބި ސަމީރާއި ޔުސްރާ އަދި މިހުނާ ތިބި ގޮތް ފެނުމުން އާކާޝްގެ ހިތް އަވަސްވެލިއެވެ. އޭނާ އެތެރެއަށް ވަންނަން އުޅުނު ވަގުތު ހަނީފް އޭނާ ހިފަހައްޓައިފިއެވެ.

"އެންމެންނަކަށް އެތެރެއަށް ނުވަދެވޭ" ހަނީފް ބުނެލިއެވެ.

"ދޮންބެ ވެއްޖެ އެތެރޭގަ" އިތުރަށް ހަނީފް ބުނެލިއެވެ.

އާކާޝް ދެކޮޅަށް ހިގަން ފެށިއެވެ. ޒައިނާގެ ހަބަރެއް އޮޅުންފިލުވަން ބޭނުންވެފައި ހުރިވަރުން އޭނާގެ މޭގެ ތެރޭގައި އޮތް ހިތް ހީވަނީ މޭފަޅާލާފައި ނިކުންނަން އުޅެނީ ހެންނެވެ. އާކާޝްއަށް ވަމުންދާ ގޮތް ފެނި ގޮނޑީގައި އިން ޔުސްރާ އައިސް އާކާޝް އަތުގައި ހިފަހައްޓައިފިއެވެ.

"ހޭހުރިތަ ގެނައިރު. ވަރަށް ބޮޑަށްތަ ޒަޙަމްވެފަ ހުރީ. މަންމަ ދެކުނިންތަ؟" ޔުސްރާއި ހަތަރުކަޅި ހަމަވުމާއެކު އާކާޝްގެ ސުވާލުތައް އަމުނާލިއެވެ.

"މަންމަ ނުދެކެން. އެކަމަކު އެހާ ރަނގަޅެއްނޫން. ދަރިފުޅާ! މިއީ ހިތްވަރު ކުރަންވީ ވަގުތު" ޔުސްރާ ބުނެލިއެވެ. އާކާޝްއަށް ހީވީ އޭނާގެ އެތެރެހަށީގައިވާ ލޭތަކަށްވެސް ހުއްޓުމެއް އައި ހެންނެވެ. އޭނާގެ މޫނުމަތި އެއްކޮށް ހުދުވެގެން ދިޔަ މަންޒަރު ޔުސްރާއަށް ފެނުނެވެ.

ކުއްލިއަކަށް އެމެޖެންސީ ރޫމުން ބޭރަށް ފަޔާޒް ނިކުތްތަން ފެނުނެވެ. އެއްވެސް މީހަކަށް ސުވާލެއް ނުކުރެވިގެން އުޅެނިކޮށް އެނދެއް ނެރެފިއެވެ. ހުދު ފޮތިގަނޑަކުން ނިވާކޮށްގެން ނެރުނު އަންހެންކުއްޖާއަށް އޭރުވެސް ނޭވާލައްވަން ނަރުހުންނާ ޑޮކްޓަރުން މަސައްކަތްކުރަމުން ދިޔައެވެ. އާކާޝްގެ ދެލޮލުން ކަރުނަ އޮހިގަތީ އޭނާގެ ހިތުގެ ވިންދު ދެލޯ ނޭދި އެދޭ އަންހެންކުއްޖާ މަރާ ހަނގުރާމަ ކުރަމުންދިޔަ މަންޒަރު ފެނިފައެވެ. އާއިލާގެ ހުރިހާ މެންބަރުން އެނދު ފަހަތުން ހިނގައިގަތެވެ. އެންމެ ކުރީގައި ތިބީ ފަޔާޒާ އާކާޝްއެވެ.

"ސިކުނޑިއަށް ލޭ އެޅިފަކަމަށް ޑޮކްޓަރުން ބުނީ. ވަގުތުން ސާޖަރީއަކަށް ނުގޮސްފިއްޔާ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނީ. ސަތޭކަ ޕަސެންޓް ނުދޭ ސަލާމަތްކުރެވިދާނެ ކަމަށް. އެއް ފައިވެސް ބިނދިފަ. އެކަމަކު އެންމެ ފުރަތަމަ ފަރުވާދޭނީ ބޮޑު ކަންތަކަށް" އާކާޝް ނޭހިއެއް ކަމަކު ކުރީގައި ހުރެ ފަޔާޒް ކިޔައިދެމުން ދިޔައެވެ. އެއިން ކޮންމެ ލަފްޒަކާއެކު އާކާޝްއަށް ހީވީ އޭނާގެ ހިތް ތޮރުފަމުން ދިޔަހެންނެވެ. ޒައިނާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު ވަކިނުވެއެވެ. ހުދު ފޮތިތައްމަތީގައި ލޭގެ އަސަރު ފާޅުވާން ހުއްޓެވެ. މޫނުގެ އެއްފަރާތް ވަނީ ދުޅަވެ އަރާފައެވެ. ޒައިނާގެ މޫނުމަތީގައި އަދިވެސް ކައިވެންޏަށް ތައްޔާރުކުރި މޭކަޕްގެ އަސަރުތައް ހުއްޓެވެ.

ޒައިނާއާއެކު އެމްބިޔުލޭންސަށް އެރީ މިހުނާ އާއި ފަޔާޒްގެ އިތުރުން ސަމީރެވެ. ސައިކަލުގައި ފަހަތުން އާކާޝް ދިޔައިރު ބާކީ ތިބި މީހުން ގޮވައިގެން ކާރުގައި ހަނީފް ހިނގައްޖެއެވެ.

"މައި ގާރލް... ޒައި...! ފައިޓްކުރޭ ބޭބީ. ޔޫ އާރ އަ ރިއަލް ފައިޓަރ. އައިމް އޯލްވޭޒް ވިދް ޔޫ މައި ޑާރލިންގް" އެމްބިޔުލާންސް ދިޔަ ބާރުމިނުގައި އާކާޝް ވެސް ދިޔައީ ސައިކަލް ދުއްވަމުންނެވެ. އޭނާގެ ކަންފަތްދަށުން ބޫންއަޅުވާފައި އިވެމުންދިޔަ ވައިއަޑަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތެވެ.

***

ހަތަރު ގަޑިއިރުވުމުގެ މާކުރިން ޑޮކްޓަރަށް ދައްކާ ނިންމާފަ ރުޝްދާއަށް އަނާރުމެން ތިބި ހިސާބަށް އާދެވިއްޖެއެވެ.

"ބޭބީ ރަނގަޅުތަ؟" ޝުރޫކް އެހިއެވެ.

"އަލްޙަމްދުލިﷲ. ވަރަށް ރަނގަޅު. އަނާރްވެސް މި ޑޮކްޓަރަށް ދައްކަންވީނުން. މީނަ ވަރަށް ރަނގަޅުވާނެ. ވަރަށް ކެއަރިންގ މީހެއް" ރުޝްދާ ވާހަކަދެއްކިއެވެ.

"ކްލިނިކްގަ އިން ޑޮކްޓަރ ވަރަށް ރަނގަޅު. ހިލޭ ހުރިހާ ކަމެއް އެތަނުން ކޮށްދޭ. ވިހަންވީމަ މިކޮޅަށް ބަދަލުވާނީ" އަނާރް ބުނެލިއެވެ. ރުޝްދާ ހީލިއެވެ.

"ކޮބާ ޝުހޭލް؟ ގެއަށް ދިޔައީތަ؟" އަނާރް އެހިއެވެ. ޝުރޫކާ ރުޝްދާ އޭނައަށް ބަލައިލިގޮތުން އަވަސް އަވަހަށް އެދެމީހުންނާ ނަޒަރު ވަކިކޮށްލިއެވެ.

"އައިމީން އެންމެން އެއްކޮށް އައިމަ. ސަބީހާއްތަ އަދި ނުނިމޭ ވިއްޔަ" އަނާރް ބުނެލިއެވެ. ރުޝްދާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"ކޮއްކޮއަކީ ތަންކޮޅެއް ބޯހަރު ކުއްޖެއް. ގެއަށް ހިނގައްޖެ" ރުޝްދާ ހީލާފައި ބުނެލިއެވެ.

ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން އަނާރް ކޮޓަރިން ނިކުތްއިރު ސޯފާގައި ޓީވީ ހުޅުވައިގެން ޝުހޭލް އިނެވެ. އޭނާ ބަދިގެ އާ ދިމާލަށް ދަމުން ޝުހޭލްއަށް ބަލައިލިއެވެ. ޝުހޭލް ހިނިތުންވުމެއް ދިނުމުން ރައްދުގައި އަނާރްވެސް ހީލިއެވެ.

"ދޮންތަ ކައިރީގައި ބުނައްޗެ އަހަރެން ކައިފީމޭ" އަނާރް ތަންކޮޅަކަށް ހިނގައިގަތްތަނާ ޝުހޭލް ބުނެލިއެވެ. އަނާރް ބޯޖަހާލިއެވެ.

"އައިރު ދައްތަ ހުރީ ކާން ހަދާފަ . އަންނަމުން ކޮއްކޮ ކައިރީގައި ބުނެލިނަމަ" ސަބީހާގެ ކާއެއްޗެހި ތައްޔާރުކުރަން ހުރި ރުޝްދާ ބުނެލިއެވެ.

"ބުނީ ތިމަންމަނަ..."

"އޭނަ ކައިފި އައިގޮތަށް. ވަރަށް ހައިވެގެންނޯ އެހާ އަވަހަށް ގެއަށް އައީ" ބަދިގެ ތެރެއަށް ވަން ފިޔާޒާ ވާހަކަދެއްކިއެވެ.

"ކޮބާ އަނެއް މަންޖެ؟" އަނާރް އެކަނި ހުރިތަން ފެނުމުން ފިޔާޒާ އެހިއެވެ.

"ފާހާނާއިގަ. އަންނާނެ އިރުކޮޅަކުން" އަނާރް ބުނެލިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް ހުއްޓުނީ ރުޝްދާ ކައިރީގައެވެ.

"ތިކުދިން ފަށާ. އަހަރެން މިއަންނަނީ މަންމައަށް މި ކާއެތިކޮޅު ދެވޭތޯ ބަލާފަ. މަންމައަށް މިތަނަށް ނުނެރެވޭނެ މިއަދު. ވަރަށް ވަރުބަލިކޮށް އޮތީ" ތަބަށް ހިފައިގެން ދަމުން ރުޝްދާ ބުނެލިއެވެ. އެވަގުތު އަނާރް ރުޝްދާގެ އަތުގައި ހިފަހައްޓާލިއެވެ.

"އިފް ޔޫ ޑޯންޓް މައިންޑް އަހަރެން ދަންތަ ސަބީހާއްތައަށް ކާންދޭން" ރުޝްދާ ބަލައިލުމުން އަނާރް އެހިއެވެ.

"ނޫނޭ. އަނާރް ދޭ ކާން. އެހެންނޫނީ ލަސްވެދާނެ. ވައިގެ އުނދަގުކުރަން ފަށާފާނެ" ރުޝްދާ ބުނެލިއެވެ.

"އަދި އެހާ ބަނޑުހައެއްނުވޭ. ޕްލީޒް" އަނާރް ބުނެލިއެވެ. ރުޝްދާ ބަލައިލީ އުނދުން ކައިރީގައި ހުރި ފިޔާޒާއަށެވެ. ފިޔާޒާ ބޯޖަހައިލުމާއެކު ރުޝްދާ އަނާރް އަތަށް ތަބަށް ދީފިއެވެ. އަދި ޝުކުރުއަދާކޮށްފައި ހިނގައިގަތެވެ.

"އެއީ ވަރަށް ރަނގަޅު އޯގާތެރި ކުއްޖެއް" ފިޔާޒާ ބުނެލިއެވެ. އެގޭތެރޭގައި އަނާރާއި އެކު ހޭދަވީ މަދު ވަގުތުކޮޅު ތެރޭގައި އޭނާއަށް އެތައް ގޮތަކަށް އަނާރް ކަމުގޮސްފިއެވެ.

"ޝުރޫ ބަލިވީތަ؟" ކާއެއްޗެހި ތަބަށް ހިފައިގެން ދާތަން ފެނި ސޯފާގައި އިން ޝުހޭލް އަނާރާ ސުވާލު ކުރިއެވެ.

"ނޫނޭ. މިއީ ސަބީހާއްތައަށް. މިއަދު އަހަރެން ކާންދެނީ" އަނާރް ބުނެލިއެވެ. އެހިނދު ޝުހޭލްގެ މޫނުމަތި ބަދަލުވެގެން ދިޔަ ގޮތް އަނާރަށް ފެނުނެވެ. އެހެންނަމަވެސް އޭނާ އިތުރު ސުވާލެއް ނުކުރެއެވެ.

***

އުންމީދާ ދޮރުހުޅުވާލިއިރު ކޮޓަރި ތެރެއިން ފެންނަން އޮތީ ކަނު އަނދިރިކަމެވެ. އޭނާ ހިތުގެ ލަފައަށް ހިނގާފައި ގޮސް ލައިޓްތައް ޖެއްސިއެވެ. އެނދުމަތީގައި ބަންޑުން ނިދާފައި އޮތް އަބާން ފެނި އުންމީދާ ރުޅިއައެވެ. އަބާން ހޭލައްވަން އޭނާ ކުރީ ދުވަހަކުވެސް ނުކުރާ ކަމެކެވެ. ޓީވީ ހުޅުވާލުމަށްފަހު ވޮލިޔުމް އެންމެ ބާރުކޮށްލިއެވެ. އެހިނދު އަބާން ފުންމައިގެން ތެދުުވެއްޖެއެވެ. ކުރިމަތީގައި ރިމޯޓް ހިފައިގެން ރޮވިފައި ހުރި މަންމަ ފެނި ފުންމައިގެން އައިސް އަބާން ޖެހުނީ އުންމީދާގެ ކުރިމަތީގައެވެ.

"މަންމާ!" އަބާން ގޮވާލިއެވެ. އޭރުވެސް އުންމީދާ ބަހެއް ނުކިޔައެވެ. އެއްޗެއް ބުނަން އުޅޭހެން ނޭވާ އަވަސްވެ އަބާނަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކުން ދުވެފައި އައި ޝުބާ އުންމީދާ ކައިރީގައި ހުއްޓިއްޖެއެވެ.

"މަންމާ! ހިނގާ ދާން" އުންމީދާ ތެދުވީ ޝުބާއަށް ނިދިޖެހިފައި އިން ވަގުތުގައެވެ.

"މަންމާ!" އަބާން މަސައްކަތްކުރީ އުންމީދާގެ އަތުގައި ހިފާށެވެ. އެހިނދު އުންމީދާ އަބާންގެ އަތް ދުރަށް ފޮޅުވާލައިފިއެވެ.

"މިއީ ކަލޭގެ މަންމައެއްނޫން. ތިއީ މަގޭ ދަރިއެއްވެސް ނޫން. ތިކަހަލަ ހިތެއްނެތް ދަރިއަކު މަށެއް ނުވިހަން. ހެޔޮވާނީ ކިހިނެއް އެކުއްޖާއަށް އެހެން ހަދަން. ތިއީ އިންސާނެއްތަ؟ މޮޅަށް ކިޔަވައިގެން ހޯދާފައި ހުރި ސެޓްފިކެޓްތަކަކީ ހަމަ ބޭކާރު ކަރުދާސްތަކެއްކަން އަދި ކިރިޔާ މި އިނގުނީ. މީހާގެ އަމަލުތަކުން ބުނެދެނީ އެމީހަކީ ކިހާ ފެންވަރެއްގެ މީހެއްކަން. އަހަރެންގެ ކުރިމަތީގައި ތިއީ އެއްވެސް މީހެއްނޫން" އުންމީދާ ހަޅޭއްލަވައިގަތުމުން އަބާނަށް އެއްވެސް ބަހެއް ކިޔަން ނުކެރުނެވެ. އިސްޖަހާލިގޮތަށް ހުއްޓެވެ. ޝުބާވެސް ދެލޯ ބޮޑުވެފައި ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. އޭނާއަށް މިހާރު ފެންނަމުންދަނީ ދުވަހަކުވެސް އޭނާގެ މަންމަގެ ފުށުން ފެނިފައިވާ މަންޒަރެއްނޫނެވެ.

"އުފާކުރޭ. ކަލޭގެ ސަބަބުން އެ އަންހެންކުއްޖާ އެދަނީ ދިރިއުޅުމާ މަރާ މެދު ހަނގުރާމަ ކުރަމުން. މިހާރުވެސް ދުނިޔޭގައި އޮތް ކަމެއް ނޭނގެ. ތިހެރީ މޮޅު އެވޯޑެއް ދޭންވެފަ. އެހެންނުވާނީ މައިންބަފައިން މުޅި ދުނިޔެއަށް ބޭޒާރުކޮށްލައިފި. ނޫސްތަކުގަ އެހެން ވާހަކައެއް ނެތް. އަހަރެން ހިތަށް އަރާ އަހަރެން ބިންފަޅާފަ އަޑިއަށް ދާނެނަމައޭ. އަހަރެންގެ ލެއިން ކާންދީގެ ކަލޭ ދުނިޔެއަށް ގެނެސް ބަލައި ބޮޑުކޮށް މީހަކަށް ހެދީ މިދުވަސް ދެކެންތަ؟ އަހަރެމެންނަށް ކަލޭދެކެ މާބޮޑަށް ލޯބި ވެވުނީމަތަ އަހަރެމެން މިހާ ބޮޑު ލަދެއްގަ ތިބައްދާލީ" އުންމީދާ ހަޅޭއްލަވަމުން ދިޔައެވެ. އޭރުވެސް ޝުބާ އުންމީދާ އަތުގައި ހިފާ ކޮޓަރިން ނެރެން މަސައްކަތް ކުރަމުން ދިޔައެވެ.

"އެމަންޖެ އެހާލުގައި އޮތްއިރު ކަލޭ މިތާ ދެފައި ދަމާފަ ނިދަން އޮތުން އެއީ އިންސާފެއްނޫން. ކަލެއަށްވެސް ޙައްޤު އަދަބު ލިބެންޖެހޭ. އެ އަދަބު ކަލެއަށް ދޭނީ އަހަރެން" އަތުގައި އޮތް ރިމޯޓުން އަބާންގެ އަތްމަތީގައި ޖަހަމުން އުންމީދާ ބުނެލިއެވެ. އަނގައިން އަޑެއް ލައްވާލާފައި އަބާން ދުރަށް ޖެހުނެވެ. ރިމޯޓުން ޖެހި ތަނުގައި އަބާން ފިރުމަމުން ދިޔައެވެ. ހުދު އޭނާވެސް ހުރީ ކުއްލިއަކަށް މަންމައަށް އެ އައި ބަދަލު ޤަބޫލުނުކުރެވިފައެވެ. ޝުބާ ކުރި މަސައްކަތުން އުންމީދާ އަތުން ރިމޯޓް އަތުލިއެވެ.

"މަންމާ! ދޮންބެއަށް ތަދުވެއްޖޭ" އަބާން ހުރިގޮތުން އޭނާއަށް ވަރަށް ބޮޑަށް ތަދުވެފައި ހުރިކަން ޝުބާއަށް އިނގުނެވެ.

"ހެވޭ ތަދުވިޔަސް. ދުރަށްދޭ..." ޝުބާ ދުރަށް ކޮށްޕާލާފައި އުންމީދާ ނެގީ ދޮރުފަތް ބިއްދަށުގައި ފިހިގަނޑެވެ. އެހިނދު ޝުބާއަށް އަނގަމަތީގައި އަތް އެޅިއްޖެއެވެ.

***

ގޮނޑިތަކުގައި ތިބީ ދެފަރާތުގެ އާއިލާ އެކަންޏެވެ. ތަނަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. ވަކިން ހުރި ގޮނޑީގައި އާކާޝް އިންއިރު އިރުކޮޅަކާ ތެދުވެގެން ގޮސް ތިއޭޓަރ ކުރިމަތީގައި ހުއްޓެއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި އަނެއްކާވެސް އައިސް ގޮނޑީގައި އިށިންނާނެއެވެ. އާކާޝް އުޅޭގޮތުން ފާރު ކައިރީގައި ހުރި ނަސީމް ހުރީ ސުވާލު އުފެދިފައެވެ. އެއީ ޒައިނާގެ ކާކު ހެއްޔެވެ؟ މިތާ ތިބި ހުރިހާ މީހުންނަކީވެސް ޒައިނާގެ އާއިލާ މީހުން ހެއްޔެވެ؟ ޝުބާގެ ފޯނުކޯލް ނަސީމަށް ލިބުނީ އޭނާ އެވިސްނުންތަކުގެ ތެރޭގައި ހުއްޓައެވެ. ފޯންކޯލަށްފަހު ނަސީމް ބާރު ހިނގުމުގައި ހޮސްޕިޓަލުން ނިކުންނަން ހިނގައިގަތެވެ.

"މަންމާ! ޒައިނާއްތަ ރަނގަޅުވާނެތަ؟" ރޮވިފައި އިން ރާހިލް މިހުނާއަށް ބުނެލިއެވެ. އެ އަޑު އާކާޝްއަށް ވަރަށް ސާފުކޮށް އިވިއްޖެއެވެ. އޭނާ ރާހިލް ކައިރިއަށް ހުއްޓި ރާހިލް އަތުގައި ހިފާފައި ނެގިއެވެ. އަދި ރާހިލްގެ ދެކޮނޑުގައި ހިފާފައި ނަޒަރު ސީދާކޮށްލީ ރާހިލްގެ ދެލޮލަށެވެ.

"ޔުއަރ ސިސްޓަރ އިޒް އަ ވެރީ ބްރޭވް ގާރލް. އޭނަ ފައިޓްކުރާނެ. އިންޝާﷲ. އަހަރެމެން ކައިރިއަށް ޒައި އެނބުރި އަންނާނެ. ވާނެ ދޯ ޒައިއަށް ވަރަށް ބޮޑު ވެލްކަމް ބެކް ޕާޓީއެއް ދޭން" އާކާޝް ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމައާ ހިތްދަތިކަން ފެނުނީ ޔުސްރާއަށެވެ. ހަނީފްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ޔުސްރާ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ދަރިފުޅުގެ ހިތްވަރުގަދަކަން ފެނި އެދަރިފުޅަށް ސާބަސް ދިނެވެ.

ހަ ގަޑިއިރު ފަހެވެ. އޮޕަރޭޝަން ތިއޭޓަރ ދޮރު ހުޅުވިގެން ދިޔުމާއެކު ދެފަރާތުގެ އާއިލާ އެކުގައި ކޮޅަށް ތެދުވެއްޖެއެވެ. ޑޮކްޓަރުންގެ ޓީމް ބޭރަށް ނިކުތްއިރު އާކާޝް ، ފަޔާޒްގެ އިތުރުން ސަމީރު ދޮރާ އަރާ ހަމަކޮށްފިއެވެ.

"އައިމް ސޮރީ" ފަޔާޒްގެ ކޮނޑުގައި އަތް އަތްޖައްސާލަމުން ދިވެހި ޑޮކްޓަރ ބުނެލިއެވެ. އެހިނދު އާކާޝްއަށް ހީވީ އޭނާގެ ފަހު ވަގުތުކޮޅު އައިސް ޖެހިއްޖެ ހެންނެވެ. ދެފައިގައި އެއްވެސް ވަރެއް ނެތް މީހެއް ފަދައިން ދެތިން ފިޔަވަޅު އެޅިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟