ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 35

6

ފަންސަތިރީސްވަނަބައި

އުންމީދާގެ ކަންފަތް ދަށުގައި ނަސީމް ހާމަކުރި ހަގީގަތާއެކު އުންމީދާ ގަނޑުވި ކަހަލައެވެ. އޭނާގެ ހަށިގަނޑަށް ހަރަކާތެއްވެސް ގެންނަން ނޭނގުނެވެ. އެ މަންޒަރު ޒައިނާއަށް ފެނި ގޮނޑިން ތެދުވެގެން އެ ދިމާލަށް ހިނގައިގަތެވެ. ޒައިނާ އެ ދިމާލަށް އަންނަ މަންޒަރު ފެނުމުން އުންމީދާގެ ހާސްކަން އިތުރުވެއްޖެއެވެ. ޒައިނާ ފަހަތަށް އެނބުރި ބަލައިލިއިރު ގާޒީ އާއި ފަޔާޒާ ވާހަކައެއް ދައްކަން ތިބި މަންޒަރު ފެނުމުންނެވެ. އެވަގުތު ކައިވެނީގެ މިޖިލިސް ފަށަން މާބޮޑަށް ވެސް ލަސްވެއްޖެކަން ޒައިނާއަށް އެނގުނެވެ. އޭނާ ހާސްވާގޮތްވިއެވެ.

"ކިހިނެއްވީ؟ ކޮބާ އަބީ؟" އުންމީދާއާ ނަސީމާ އަރައި ހަމަވެފައި ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލަމުން ޒައިނާ އެހިއެވެ.

"ޒައި ދޭ އިށިންނަން. މަންމަ މި އަންނަނީ އަބާން ގޮވައިގެން" ޒައިނާއާ މާގިނަ ވާހަކަތަކެއް ދައްކަން އެވަގުތު އުންމީދާއަށް ފަސޭހަ ނުވިއެވެ. އެހެންކަމުން އޭނާ ބެލީ އަވަހަށް ޒައިނާ ފޮނުވާލެވޭތޯއެވެ.

ކުއްލިއަކަށް އުންމީދާ ހުއްޓުނީ އޭނާގެ އަތުގައި ޒައިނާ ހިފެހެއްޓުމުންނެވެ.

"އަބީ ރަނގަޅުތަ؟ އެއްވެސް މައްސަލައެއް އުޅެނީތަ؟" އުންމީދާ ބަލައިލުމާއެކު ޒައިނާ އެހިއެވެ.

"ރަނގަޅޭ. މި އަންނަނީ އަބީ ގޮވައިގެން. މަންމަ ބަލައި އައިމައޭ އަންނާނީ.. ހެހެހެ... އަބީ އަދިވެސް ބޮޑެއްނުވޭ" އުންމީދާއަށް މަޖުބޫރުވީ ދޮގެއް ހަދައިގެން ޒައިނާ ހިތްހަމަޖައްސައިދޭށެވެ. ވީވެސް އެހެންނެވެ. ޒައިނާގެ ހިތުން ކަންބޮޑުވުން ފިލައި ގޮސް ހިނިތުންވެވިއްޖެއެވެ. އުންމީދާ ހިނގައިގަތުމުން ނަސީމް ފަހަތުން ނުދިޔައެވެ. އަލުން ގޮނޑީގައި އިށީންނަން ދާން އުޅުނު ވަގުތު ޒައިނާގެ ސަމާލުކަން އަތުލައިގަތީ ބަސް ހުއްޓިފައި ހުރި ނަސީމް ފެނިފައެވެ. ނަސީމްގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމާއި ހާސްކަން ފެނި ޒައިނާ މަޑުޖެހުނެވެ.

"ނަސީމް...!" ޒައިނާ ސުވާލުކުރަން އުޅުނު ވަގުތު ދާދި ކައިރިން ފަޔާޒްގެ އަޑު އިވިއްޖެއެވެ.

"އަދި ކިހާ އިރެއްވާނެތޯ. ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑީގެ އިތުރުން ތިރީސް މިނިޓް ވެއްޖެ. ގާޒީ ސުވާލު ކުރައްވައިފި. ގަޑިއަށް ސަމާލުކަން ނުދެވުމަކީ އެންމެ ނިކަމެތި މީހާގެ ކުރިމަތީގައިވެސް އަނެއް މީހާގެ އަގުވެއްޓޭ ކަމެއް" ފަޔާޒް ވާހަކަދެއްކިއެވެ. ޒައިނާއަށް އެކަން ގަބޫލުކުރެވިއްޖެއެވެ. ދެވަނަ ފަހަރަށް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނީ ނަސީމަށް ޖަވާބެއް ނުދެވިގެން އުޅުނުތަން ފެނިފައެވެ.

"އަހަ....އަހަރެން.... އަބާން...." ވާހަކަދައްކަން ނުކުޅެދިފައިވާ މީހެއް ފަދައިން ނަސީމް އަނގަ ހަލުވަން ފެށުމުން ޒައިނާ ނަސީމްގެ އަތުގައި ހިފެހެއްޓިއެވެ. އެހިނދު ނަސީމްގެ ނަޒަރު ޒައިނާއަށް ހުއްޓިއްޖެއެވެ. ޒައިނާ ކޮށްފާނެ ސުވާލެއް ނޭނގޭތީ ނަސީމްގެ ނިތްމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ.

ފާހާނާއަށް ވަދެފައި އަނާރް ނިދަން އެނދަށް އެރިއިރު ޝުރޫކް ވާހަކަ ފޮތެއް ހުޅުވައިގެން އެނދުގައި އިނެވެ. ޝުރޫކަށް އުނދަގޫވެދާނެތީ ބެޑްލައިޓްގެ އަލި ފަނޑުކޮށްލަން ނުކެރުމުން އަނާރް ޝުރޫކާ ޖެހިގެން އިށީނދެފައި ވާހަކަފޮތަށް ނަޒަރު ހުއްޓާލައިފިއެވެ.

"ދަ ގްރޭޓް ގެޓްސްބައި" ފޮތުގެ ބޭރު ހަންގަނޑުގައިވާ ނަން އަނާރް ކިޔާލިއެވެ.

"އަހަރެން ކިޔައިފިން" އަނާރް ބުނެލިއެވެ.

"އަރޫ ކޮންއިރަކު ކިއީ؟" ޝުރޫކް އެހިއެވެ.

"މިކޮޅަށް އައިތަނާ މިއުޅޭ ރޯމަންގަނޑު އެއްދުވަހު ގެނެސްދިނީ. ކިޔައިލެވިއްޖެ ދެތިން ދުވަސްތެރޭގައި. މީގެ 90 އަހަރު ކުރީގެ ފޮތެއްނު" އަނާރް ބުނެލިއެވެ.

"ޔެސް.. ކްލިނިކްގައި ޔޫވިކާގެ މަންމަ ގެންގުޅުނު ތަން ފެނުނީ. ކިޔާލަން ބޭނުމޭ ބުނީމަ ދީފި" ޝުރޫކް ބުނެލިއެވެ.

"ދެން މިރެއަށް ބާއްވަބަލަ. އަހަރެން މުހިންމު ވާހަކައެއް ބުނަންވެގެން" އަނާރް ބުނެލިއެވެ. ޝުރޫކް އަނާރްގެ މޫނަށް ބަލައިލާފައި ގަނޑުގެ ކަނުން ކުޑަތަންކޮޅެއް ލަންބާލުމަށްފަހު ފޮތް ލައްޕާލިއެވެ. އަދި ސައިޑް ކަބަޑް މަތީގައި ފޮތް ބޭއްވުމަށްފަހު އަނާރަށް ބަލައިލިއެވެ.

"ޝުރޫއަށް އެނގޭތަ މިގޭތެރޭގައި ހިނގާ ކަންތައްތައް" އަނާރް ބުނެލިއެވެ. ޝުރޫކްގެ ދެބުމަ ގޮށްޖެހުނެވެ.

"އަހަރެންނަށް އެނގޭ. ހުސް އަންހެނުން އުޅޭ ގެއެއްގައި އެންމެ ފިރިހެނެއް ހުންނަނީ. ރުޝްދާއްތަ ބަނޑުބޮޑު. މާދަމާ ވެސް ވިހާފާނެ. ދެން ވަރަށް ފަހުން ޝުހޭލް މެރީކޮށްގެން އަންހެންކުއްޖެއް ގެނެސްފި. އަހަރެންވެސް މިހުރީ އައިސް. މިގޭގައި ހުރިހާ އިރެއްގައި ކެއުން ރެޑީވެފައި ހުރޭ. ރުޝްދާއްތަ ބުނި މިގޭގައި ކުރިން ހުރި ކައްކާ މީހާ ގައުމަށް ހިނގައްޖެއޭ. ރަސްމީކޮށް އަހަރެން ބަދިގެއާ ހަވާލުވާނަން. ދެން ކޮންކަމެއް؟ އާނ... ޝުހޭލްގެ މަންމަ މާދަމާ އަންނާނެ ވަހަކަ ބުނި" ވަރަށް ސީރިޔަސް މޫޑެއްގައި ހުރެ ޝުރޫކް ދައްކަމުންދިޔަ ވާހަކަތަކަށްފަހު އަނާރަށް ހެވިއްޖެއެވެ. މިއިން ދުވަހަކުވެސް ނުހޭ ވަރަށް އޭނާއަށް ހެވިއްޖެއެވެ. ދެލޮލުން ފެންވެސް އަތުވެއްޖެއެވެ. އަނާރް ހުނުން ކޮންޓްރޯލްކޮށްފައި ޝުރޫކަށް ބަލައިލިއިރު ޝުރޫކަށްވެސް އިނީ ހެވިފައެވެ.

"ތިގޮތަށް އަބަދުވެސް ހެވިފައި އަރޫ ހުރެބަލަ" ޝުރޫކް ބުނެލިއެވެ.

"ދެން މަޖަލެއް ނޫނޭ ޝުރޫ. އަހަރެން ވަރަށް ސީރިޔަސްކޮށޭ އެހެން ބުނީ" އަނާރް ބުނެލިއެވެ.

"މިގޭގައި ހިނގާ ކޮންކަމަކާ އަރޫ ތިހާވަރަށް ތި ވިސްނަނީ" ޝުރޫކް ބުނެލިއެވެ.

"ސަބީހާއްތަ. އަސްލު ކޮބާތަ ޝުހޭލްގެ މަންމައަކީ އެތަނުން؟ އަހަރެންނަށް އަދި ނުފެނޭ ސަބީހާއްތައާ ޝުހޭލް ވާހަކަދެއްކި ތަނެއް. މިރޭވެސް ރުޝްދާއްތަ ދެއްކި ވާހަކަތަކަށްފަހު ޝުހޭލް ބުނި އެއްޗެއް ޝުރޫއަށް އަޑުއިވުނެއް ނޫންތަ؟" އަނާރް ވާހަކަދެއްކިއެވެ.

"އާނ. ކޮންމެސްކަމެއް އެބައުޅޭ. ބަލަންޖެހޭނީ" ޝުރޫކް ބުނެލިއެވެ.

"ކީއްވެތަ؟ ޝުހޭލްގެ ނޭނގޭ ކަންތައްގަނޑެއް އެބައުޅޭ. އަހަރެން އެކަންތައް ހޯދަން ބޭނުން" އަނާރް ބުނެލިއެވެ.

"ރައްޓެހިވެގެން އުޅުނުއިރު ތިހުރިހާ ކަމެއް ބެލިނަމައެއްނު" ޝުރޫކް ބުނެލިއެވެ.

"އޭރުގައި އެނގެނީ އެއީ އެކަނި ޝުހޭލް ކަން. އިތުރު އެއްވެސްކަމެއް ނޭނގޭ" އަނާރް ބުނެލިއެވެ.

"އަރޫ ޝުހޭލް ކައިރީގައި އަހައިގެން އޮޅުންފިލުވަންވީނުން. އޭރުން ތިދެމީހުންގެ މެދުގައި އޮތް ބީރައްޓެހިކަންވެސް ފިލައިދާނެއްނު" ޝުރޫކް ބުނެލިއެވެ. އަނާރް ބޯޖަހައިލިއެވެ.

އަބާންގެ ކުރިމަތީގައި ހުރި އުންމީދާ ހުރީ އޭނާގެ ދަރިފުޅުގެ ވިޔާނުދާކަން ފެނި ކިޔާނެ އެއްބަސްވެސް ނޭނގިފައެވެ. އެއީ އޭނާގެ ދަރިފުޅުކަން ގަބޫލުނުކުރެވިފައެވެ. ކަރުނައާއި ރުޅިވެރިކަމާއި ލަދުވެތިކަމާއި މަސްހުންވެގެން އުފެދިފައިވާ އިހުސާސްތަކެއްގެ ތެރޭގައި ބަނދެވިފައެވެ.

"އަހަރެން އަބާނަށް ދިން ތަރުބިއްޔަތުން ކޮންކަމެއް އުނިވެގެން ތިފާޑަށް ތިއުޅެނީ؟" އުންމީދާގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

"އަހަރެން މިބުނީނު ސޮރީ އޭ މަންމާ. އަހަރެންނަށް ޒައިނާ ކަމަކުނުދޭ. އަހަރެންނަށް މި ކައިވެންޏެއް ނުކުރެވޭނެ" އަބާން ބުނެލިއެވެ. އޭނާގެ ކައިވެނީގެ ހެދުން އެނދުމައްޗަށް ހޫރާލާފައި އޮތެވެ.

"މިކަންތައް މިހާ ހިސާބަށް އައިމަތަ އަބާނަށް ތިހެން ބުނަން އެނގުނީ. އެނގޭތަ އަބާންގެ ތި ނިންމުމުގެ ސަބަބުން ނިކަމެތި އަންހެން ކުއްޖެއްގެ މުޅި ދިރިއުޅުންކަން ހަލާކު ތިކޮށްލެވުނީ" އުންމީދާގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

"އެނގޭ މަންމާ. އެކަމަކުވެސް އަޅުގަނޑަކަށް ނުވާނެ މަންމާ" އަބާން ބުނެލިއެވެ. އޭނާ އެނދުގައި އިށީނދެފައި ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލިއެވެ.

"ތިހެން ނަހަދާ ދަރިފުޅާ" އަބާންގެ ކައިރީގައި އުންމީދާ އިށީނެވެ.

"އެތައް މެހެމާނުންނެއް ގެއަށް އައިސް އެބަތިބި. ބައްޕަގެ ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ސަރުކާރުގެ އިސްބޭފުޅުންނާ ރާއްޖޭގެ ނަން މަޝްހޫރު ވަކީލުން. މަންމަ އާއި ބައްޕަގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެވިގެންދާނެ. އެންމެންގެ ކުރިމަތީގައި މަންމަމެން ބޭޒާރުވެ ފަޟީހަތްވެދާނެ. ތި ނިންމުން ބަދަލުކޮށްލާ. ތައްޔާރުވެގެން ހިނގާ ދާން. މަންމައަށްޓަކައި. މި ލަދުން މަންމަ އާއި ބައްޕަ ސަލާމަތްކޮށްދީ ދަރިފުޅާ. މަންމަގެ ދަރިފުޅަކީ އެހާ ކޮށި ވިސްނުމެއްގެ ވެރިއެއް ނޫން. ހިނގާ ދާން" އަބާންގެ ބުރަކަށީގައި ފިރުމަމުން އުންމީދާ ވާހަކަދައްކަމުން ދިޔައެވެ. އުންމީދާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު އަޑުގައިވަނީ މަޑުމައިތިިރިކަމެވެ. އޭނާ ބޭނުންވީ ލޯތްބާއެކު ނަސޭހަތްދީގެން އަބާނަށް ވިސްނައިދޭށެވެ. މޫނުމަތީގައި އަތް އަޅައިގެން އަބާން އިންއިރު އޭނާ އިންތަނުން ގުޑިވެސް ނުލައެވެ.

"ޒައިނާ ކިހާ އިތުބާރެއް ކުރި ދަރިފުޅަށް. ވިސްނާލަބަލަ. އެކުއްޖާގެ އުފާވެރިކަމާ ނޫންތަ ތިކުޅެވެނީ. އެ މަންޖެއަށް ދެރައެއްދީފަ މާދަމާ ދަރިފުޅަށް ވަކި އުފާވެރިކަމެއް ލިބޭނެތަ؟ ﷲ އަށްޓަކައި. ހިނގާ ދާން" އުންމީދާ ވާހަކަދައްކަމުން ދިޔައެވެ.

"އަޅުގަނޑު މިބުނީނު ޒައިނާ ދެކެ އަޅުގަނޑު ލޯތްބެއް ނުވެއޭ. އެންމެ ފުރަތަމަ ދުވަހުވެސް ޒައިނާ އޭ އަޅުގަނޑު ފަހަތުން އުޅުނީ. މަންމަ ވިސްނަބަލަ އެންމެ ފަހަރުކުވެސް އަޅުގަނޑާ މެދު. ތިނޫން ކޮންމެސް އެހެން ވާހަކައެއް ދައްކަބަލަ މަންމާ" އިންތަނުން ފުންމައިގެން އަބާން ތެދުވިއެވެ.

"އަބާން! ތިއީ ހާދަ ރަހުމުކުޑަ އިންސާނެކޭ. އެންމެ ފުރަތަމަ ދުވަހުވެސް މިކަންތައް މި ހިސާބަށް ނުގެންދިޔަނަމަ އަހަރެން މިވާހަކަތަކެއް ނުދެއްކީމުސް. ތިއީ އަހަރެންގެ ދަރިއެއް ނޫން" އުންމީދާއަށް ރުއިން ހުއްޓައެއް ނުލެވުނެވެ.

"ކިހިނެއް މިވަނީ؟ އަބާން...!" ކުއްލިއަކަށް ކޮޓަރި ދޮރުމައްޗަށް އެރި ޒައިނާ ފެނި އުންމީދާ ހަދާނެގޮތް ހުސްވިއެވެ. ޒައިނާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އުންމީދާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނިފައެވެ. އޭނާގެ ފަހަތުން ފަޔާޒާ ނަސީމްވެސް އެކޮޓަރިއަށް ވަދެގެން އައެވެ.

"އަބީ...! ކީއްވެ ނުދާން ތިހުންނަނީ. އަހަރެން ދެކެ ރުޅިއައިސްފަތަ؟" ޒައިނާއަށް އަބާންގެ އަތުގައި ހިފެހެއްޓުނެވެ. އެ މަންޒަރު ފެނުމުން އުންމީދާގެ މޭގެ ރިހުން އިތުރުވިއެވެ. ޒައިނާއަށް ދެން އެއްވެސް ކަމެއް ސިއްރުނުކުރެވޭނެކަން އޭނާއަށް އެނގިއްޖެއެވެ. އުންމީދާ ރޯ މަންޒަރު ފެނި ނަސީމް އައިސް ފުރަގަހުން އަނބިމީހާގެ ދެ ކޮނޑުގައި ހިފަހައްޓައިލިއެވެ.

"ޒައި! ލިސެން. އަހަރެން ޒައިއަށް ދެރައެއް ދޭން ބޭނުމެއް ނޫން. މި ކައިވެނި އަހަރެން ނުކުރަން ނިންމައިފިން" ޒައިނާގެ ދެކޮނޑުގައި ހިފަމުން އަބާން ބުނެލިއެވެ. ފުރަތަމަ ސިކުންތުގައި ޒައިނާއަށް އަބާން ބުނި ޖުމްލަ ގަބޫލެއް ނުކުރެވުނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި މަންޒަރު ފެނިފައި އުންމީދާ ތުންފިއްތައިލިއެވެ.

"ވެރީ ފަނީ. އޯކޭ. ތި ސަމާސާ އަހަރެންނަށް ވަރަށް ކަމުގޮސްފި. ދެން ހިނގާ ދާން" އަބާންގެ އަތުގައި ހިފައި ދަމައިލަމުން ޒައިނާ ބުނެލިއެވެ.

"މިއީ ސަމާސާއެއް ނޫން. އަހަރެން ޒައިނާ ދެކެ ލޯތްބެއް ނުވަން. ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ. އަހަރެން ކައިވެނިކުރާކަށް ބޭނުމެއް ނޫން" ކުރިއަށް ވުރެ ބާރަށް އަބާން ވާހަކަދެއްކިއެވެ. ޒައިނާއަށް ސިހުން ލިބި ހިތުގައި މިޔަ ތޫނު ވަޅިއަކުން ޅިޔަ އަޅުވާލިހެން ހީވިއެވެ. މޫނު މައްޗަށް އަނދުރިވެ ވެއްޓެންދިޔަ ކަހަލަ އިހުސާސެއް ކުރެވުނު ވަގުތު ފަހަތުން މީހަކު ހިފަހައްޓާލައިފިއެވެ. އޭނާއަށް ހިމާޔަތްދިނީ ބައްޕަ ކަމެއް އޭނާއަށް ނޭނގޭއެވެ.

"އަބީ! ވައި؟ ވަގުތު އައިސް ޖެހުނީމަތަ ތިގޮތަށް ކަންތައްކުރަން އެނގުނީ. ގޮތް ނިންމަން އަހަރެން އަބީއަށް ކިހާ ވަގުތެއް ދިނިން. ކީއްވެ އޭރުގައި ނުވިސްނީ؟ އެހެން އަންހެން ކުއްޖެއް އަބީގެ ހިތް ހަލާކުކޮށްލީމަ އޭގެ އަދަބު އަހަރެންނަށް ތިދިނީ ކީއްވެ؟ ކޮބާ އަހަރެންގެ ކުށަކީ؟ އަހަރެންތަ އަބީގެ ފަހަތުން ކައިވެންޏަށް އެދި ދުވުނީ؟ އަހަރެންގެ އިހުސާސްތަކާ ތިގޮތަށް ކުޅެލީ ކީއްވެ؟ އެނގޭތަ ފާއިތުވެ މިދިޔަ މަދު ހިނދުކޮޅު ތެރޭގައި އަހަރެން ކިހާ ހުވަފެންތަކެއް ދެކެފިކަން. އަބީއާއެކު އަހަރެންގެ މުސްތަގުބަލަށް ކުރި ފޮނި އިންތިޒާރު. އަބީގެ ވާހަކަތަކަށް އަހަރެންނަށް އިތުބާރު ކުރެވުނުކަން އެނގޭތަ؟ ދެން ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ؟ އަހަރެންގެ މިއީ މައެއް ބައްފައެއް ނެތް އެކަނިވެރިޔަކަށް ވީމަތަ؟" ޒައިނާގެ ވާހަކަތަކުން އަބާން އިސްޖަހައިލިއެވެ. ފަޔާޒުގެ ލޮލުން ކަރުނައެއް ވެއްޓިގެން ދިޔައެވެ.

"އަބީ ތިހެން ނަހަދާ. ތި ވިސްނުން ބަދަލުކުރޭ. އަބީއަށް އަހަރެން ދެކެ ލޯބިވެވެންދެން އަހަރެން އިންތިޒާރުކުރާނަމޭ. އަބީ ބޭނުން ވަގުތު ދޭނަމޭ. ކައިވެނިކުރަން މަދު ވަގުތުކޮޅަކަށް ވީމަ ތިހެން ހެދީމަ އަހަރެންވެސް ލަދުގަންނާނެއެއްނު" ޒައިނާ އަބާންގެ އަތުގައި ހިފާލިއެވެ. އެއީ އެތަނަށް ސަމީރާއި ނިޝާނާވެސް އައިސް ވަން ވަގުތެވެ.

"ސޮރީ ޒައިނާ. އަހަރެންނަށް ތިކަން ކުރެވޭކަށް ނެތް. ކައިވެނި ނުކުރެވެނީސް އަހަރެން މިގޮތަށް ނިންމީ ޒައިނާއަށް ރަނގަޅަކަށް" އަބާން ޒައިނާގެ އަތް ނައްޓުވައިލިއެވެ. އެއްވެސް މީހަކަށް ބެލުމެއްނެތި އަބާން ނުކުމެގެން ދިޔުމާއެކު ޒައިނާ ހިމޭންވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ ދެކުނު ހުވަފެން ވިއްސި ވިހާލިވެގެން ދިޔައީއެވެ. ހުޅުވާފައި ހުރި ކުޑަދޮރުގެ ދޮރު ފޮތިތައް ވަޔާއެކު ހެލެން ފެށުމުން އުންމީދާ އެދިމާ ބަލައިލިއެވެ. ވާރޭ އޮއްސާލީ ހަމަ އެހިނދުކޮޅު ތެރޭގައެވެ.

"ކޯޓުން އައި މީހުން ހިނގައްޖެ" ނިޝާނާ ބުނެލިއެވެ. ސަމީރު އައިސް ހުއްޓުނީ ޒައިނާގެ އެއްފަރާތުންނެވެ. އޭނާ އެއް އަތުން ޒައިނާގެ ބޮލުގައި ފިރުމާލުމާއެކު ޒައިނާ އެ ހުރިހާ މީހުންނާ ދުރަށް ޖެހުނެވެ.

"އަހަރެންނާ އެއްވެސް މީހަކު ކައިރިނުވޭ. ކައިރިނުވޭ. އަހަރެން މިއީ އެންމެންނަށް ހުރި އުނދަގުލެއް. ބުރައެއް. އަހަރެންނާ އެއްވެސް މީހަކު ގުޅުމެއް ބާއްވާނެކަމެއް ނެތް. އަހަރެންނަކީ ނަސީބުވެރި އަންހެން ކުއްޖެއް ނޫން. އަހަރެން ތުއްތުއިރު މަންމަވެސް އަހަރެން ދޫކޮށްލާފައި ދިޔައީ. އަހަރެން ބުރައަކަށްވެ ބައްޕަވެސް އަހަރެން ބިކަކޮށްލީ. އެންމެ ލޯބިވި މީހާވެސް ކައިވެނީގެ ހެދުން އަހަރެންގެ ހަށިގަނޑަށް ހެޔޮވަރު ކޮށްލުމާއެކު އެ ދިޔައީ" ދޮރާ ގާތަށް ފަހަތަށް ފިޔަވަޅު އަޅަމުން ޒައިނާ ބުނަމުން ދިޔައެވެ.

"ދަރިފުޅާ...!" ޒައިނާއަށް ގޮވައިލެވުނީ ސަމީރާއި ފަޔާޒަށް އެކީގައެވެ.

"އަހަރެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނޫން. އަހަރެންނަށް ހެއްދެވި ފަރާތް ފުދޭ. އެކަކުވެސް އަހަރެން ފަހަތުން ނާންނާތި" ލައިގެން ހުރި ބޮޑު ހެދުން ދެއަތުން އުފުލާލާފައި ދޮރާ ދިމާލަށް ދުއްވައިގަތެވެ. ފަޔާޒާއި ސަމީރަށް ޒައިނާ އަތުގައި ހިފުނީ ދޮރާ ހަމައިންނެވެ. އެއީ އަރައިގެން ހުރި ފައިވާނުން އޭނާ އަރިއަޅާލި ވަގުތުގައެވެ. އެހެންނަމަވެސް އޭނާ އެދެމީހުން އަތު ތެރެއިން ދެމިގަނެގެން ދުއްވައިގަތީ ދެފައިވާން ދުރަށް ހޫރާލައިފައެވެ. ނަސީމްގެ ގައިގާ ހިފަހައްޓައިގެން ހުރި އުންމީދާ އަޑުވީއްލާ ރޮމުން ދިޔައެވެ.

ވެހެމުންދިޔަ ވާރޭ ތެރޭގައި ދެއަތް އުފުލާލައިގެން އާކާޝް ހުރީ އުޑަށް ބަލަހައްޓައިގެންނެވެ. ދާދި ދެންމެއަކު އުޑުމަތީގައި ރަނިކަން ކުރަމުންދިޔަ ހަނދު ގެއްލިއްޖެއެވެ. ދުނިޔެއަކީ އެކަހަލަ ތަނެކެވެ. ހާލަތު ބަދަލުވާން ހިނދުކޮޅެއްވެސް ނުނަގައެވެ. އާކާޝްގެ ދެ ތުންފަތް ދޭތެރެއިން އިރުކޮޅަކާ ޒައިނާގެ ނަން ބޭރުވެގެންދެއެވެ.

"ޒައި އަކީ މިހާރު މީހެއްގެ އަންބެއް" އާކާޝްގެ ކަންފަތް ދަށުގައި އޭނާގެ ޒަމީރު ބުނެލި ކަހަލައެވެ. ވާރޭ ތެރެއިން މަޑުމަޑުން ހިނގާފައި އައި އާކާޝް ޕާޓީ އޮތްތަނަށް ނިކުތްއިރު އެތަނުން އެއްވެސް ކަމެއް ނެތެވެ. ކައިވެނި ކުރާ މޭޒުމަތި ހުރީ ހުހަށެވެ. ކޭޓްރިން ކަންތަކާ ހަވާލުވެގެން އުޅުނު ގްރޫޕް ނޫނީ އެހެން މީހަކު އެތަނުން ފެންނާކަށް ނެތެވެ. ފޯނު ރިންގުވާން ފެށުމުން އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. ފެން ނުވަދެ ފޯނު ސަލާމަތުން އޮތީތީ އޭނާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

"ލައްބަ ދޮންބޭ" ގުޅަނީ ފަޔާޒްކަން އިނގުމާއެކު ފޯނު ކަންފަތުގައި ޖަހާފައި އާކާޝް ބުނެލިއެވެ.

"ވަޓް...؟" ފަޔާޒް ދެއްކި ވާހަކަތަކަށްފަހު އާކާޝްއަށް ބުނެވުނީ އެވަރަށެވެ. ދެން ފެނުނީ އޭނާ ލިފްޓާ ދިމާލަށް ދުއްވައިގަތް ތަނެވެ. ލިފްޓު އަންނަލެއް އޭނާއަށް ލަސްވިއެވެ. ކެތްމަދުވެފައިވާ ހާލު ސިޑިން ފައިބަން ފެށީ ދުވަމުންނެވެ.

ރޮމުންދިޔަ އުންމީދާގެ ގައިގާ ހިފަހައްޓާލައިގެން އިން ޝުބާވެސް އިނީ ދޮންބެ ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހިފައެވެ. ޕާޓީގައި ތިބި މީހުންތައް އެ އާއިލާއަށް ރައްދުކުރި ބަސްތައް އަދިވެސް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުއްޓެވެ. އިރުކޮޅަކުން މީޑިޔާތަކުގެ ސަމާލުކަމަށް އެކަން އަންނާނެކަންވެސް ޔަގީނެވެ.

"ޒައިނާއަށް ގެއްލުމެއް ވިއްޔާ އެކަމުގައި ކުށްވެރިވާނެ ބަޔަކީ އަހަރެމެން. އެހެންވީމަ އެކުއްޖާ ވީތަނެއް ހޯދަން އަހަރެންވެސް ނުކުންނަން ޖެހޭ. ދަރިފުޅާ! މަންމަ ބަލައްޗޭ. ބައްޕަ މިދަނީ މަގުމައްޗަށް" ނަސީމް ދެރަވެފައި ހުރި މިންވަރު އޭނާގެ އަޑުން އެކަނިވެސް އެނގެއެވެ. އުންމީދާއަށް އެއްވެސް ވާހަކައެއް ދެއްކޭވަރު ނުވެއެވެ. އަމިއްލަ ލެއިން އުފެދުނު ދަރިފުޅު ހުދު އޭނާއަށްވެސް ބޭވަފާތެރިވީ ކަމުގައި އޭނާ ހިތް ބުނަމުން ދިޔައެވެ.

ސައިކަލުގައި ހުޅުމާލޭގެ މަގުތަކުގައި ދުއްވަމުންދިޔަ އާކާޝްގެ ދެލޯ މަގުގެ އެކި ދިމާލަށް ދަތުރުކުރަމުން ދިޔައެވެ. ވެހެމުންދިޔަ ވާރޭއަކަށް ޖެހެމުންދިޔަ ވަޔަކަށް ބެލުމެއް ނެތިއެވެ. އޭނާގެ ދުލު ކުރީގައި ވަނީ ޒައިނާގެ ނަމެވެ. އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. އަބާން ދެކެ އިންތިހާއަށް ރުޅި އައިސްފައެވެ.

"ގޯޑް... ވީތަނެއްގައި ޒައި ސަމާލަތުން ލަހައްޓަވާށި" ހިތާހިތުން އާކާޝް ބުނެލިއެވެ.

ބޮޑުމަގަށް ސައިކަލުގައި އެޅިތަނާ އެކްސިޑެންޓެއް ހިނގައިގެން އުޅޭ މަންޒަރު އޭނާއަށް ފެނިއްޖެއެވެ. އެވަގުތު އޭނާއަށް ރުޅި އާދެވުނީ ވަގުތު ދެކެއެވެ. އެކްސިޑެންޓް ވާން ޖެހެނީވެސް އެވަގުތުގައި ހެއްޔެވެ؟ އެ ދިމާލުން ކުރިއަށް ދުއްވޭގޮތް ނުވުމުން އޭނާއަށް ޖެހުނީ އަނބުރާލާފައި ދާށެވެ. އެކްސިޑެންޓް ހިނގައިގެން އުޅޭ ތަނަށް ދާން އޭނާ ބޭނުމެއް ނުވިއެވެ. އޭނާއަށް ނޭނގުނީ އެތަނަށް އޭނާ ދިޔަނަމަ ޒައިނާގެ ލެއިން ކަޅިވެފައި އޮތް ހަށިގަނޑު ހޮސްޕިޓަލަށް ގެންދަންޖެހޭނީ އޭނާ އަތްމަތިން ކަމެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟