ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 34

5

ސައުރަތިރީސްވަނަބައި

"އަހަރެން ބޭނުންވަނީ ވަރަށް ބޮޑު ހަގެއް. ވަރަށް ބާރަށް ބައްދާލަން" އާކާޝް ބުނެލިއެވެ. ޒައިނާގެ ދެލޯ ބޮޑުވިއެވެ.

"ޕްލީޒް... ވަން ލާސްޓް ހަގް...." އާކާޝްގެ އަޑު ކުރެހިއްޖެއެވެ. ހަށިގަނޑަށް އިތުރު ހަރަކާތެއް ގެންނަން ނޭނގި ހުރި ޒައިނާއަށް ހަމަހޭވެރިކަމެއް ވިއިރު އޭނާއަށް ހުރެވުނީ އާކަޝްގެ ދެއަތުގެ ތެރޭގައެވެ.

އެވަގުތުކޮޅު އެތައް ގަޑީރަކަށް ދެމިގެންދާނެނަމައޭ ދެލޯ މަރާލައިގެން ހުރި އާކާޝްގެ ހިތަށް އަރަމުން ދިޔައެވެ.

"ތެންކިޔު" ކުރިން ދުރުވެލީ ޒައިނާއެވެ.

"ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ވަގުތުކޮޅެއް" އާކާޝް ބުނެލިއެވެ.

"އައްކި ހިތްހަމަޖެހޭވަރުގެ ކަމެއް ކޮށްދެވުނީތީ އެ ހިތްހަމަޖެހުން ލިބިއްޖެ" ހިނދުކޮޅަކަށް އާކާޝް އާ ނަޒަރު ސީދާކޮށްލަމުން ޒައިނާ ބުނެލިއެވެ.

ދޮރުގައި ޓަކި ޖަހައިލި އަޑަށް ޒައިނާ އާ އާކާޝް އާ އެކު ފަހަތް ބަލައިލިއެވެ. އޭރު އުންމީދާ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. އެކޮޓަރި ތެރެއިން ފިރިހެނެއް ފެނުމުން އުންމީދާގެ ނަޒަރު އާކާޝްއަށް ހުއްޓިއްޖެއެވެ. ހިތަށް ލިބިފައިވާ ހިތްހަމަޖެހުން ބޮޑުކަމުން ޒައިނާ އާ މެދު ނުބައި ވިސްނުމެއް އޭނާގެ ހިތުގައި ނުއުފެދުނެވެ.

"މިއީ ކޮންކުއްޖެއް؟" އެތެރެއަށް ވަންނަމުން އުންމީދާ އެހިއެވެ.

"މިއީ އައްކި. ފްރެންޑެއް" ޒައިނާ ބުނެލިއެވެ. އާކާޝް އުންމީދާއަށް ހިނިތުންވެލިއެވެ.

"އައްކި! މިއީ އުންމިއްތަ އިނގޭ. އަބީގެ މަންމަ" ޒައިނާ ބުނެލިއެވެ.

"ދެން މިހާރު މަންމަ ކިޔަސް އެންމެ ރަނގަޅުވާނެ" ހީލަމުން އުންމީދާ ބުނެލިއެވެ. ޒައިނާ ހީލިއެވެ.

"ހިނގާ ދާން. އެންމެން ހަމަވެއްޖެ" އުންމީދާ ބުނެލިއެވެ. އުންމީދާއާއެކު ހިނގައިގަނެފައި ޒައިނާ އާކާޝްއަށް ބަލައިލިއެވެ. އޭރު އާކާޝްވެސް އެދެމީހުން ފަހަތުން ހިނގައިގަނެއްޖެއެވެ. އަކާޝްގެ މޫނުމައްޗަށް ވެރިވި ކުލަަވަރު ޒައިނާ ދުއްޓެވެ. އެހެންނަމަވެސް މިވަގުތު އަކާޝް ހިތްހަމަޖައްސަން އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ މީހެއްގެ އަންބަކަށް ވެގެންދާނެއެވެ. އެވެސް އޭނާގެ ހުވަފެންތަކުގެ ބައިވެރިޔާގެއެވެ.

"އުންމިއްތަ ދާންވީނުން. މިދަނީ އަހަރެން" ޒައިނާ ބުނެލިއެވެ.

"ލަސްނުކުރައްޗޭ" ޒައިނާގެ ބުރަކަށީގައި ފިރުމާލާފައި އުންމީދާ ހިނގައިގަތެވެ.

ޒައިނާ ބަލައިލީ ފަހަތުން އައި އާކާޝްއަށެވެ. އަދި އާކާޝްއާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ޒައިނާ އަންނަމުން ދިޔަ ވަރަކަށް އާކާޝްގެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ.

"އަހަރެން ވާހަކައެއް ބުނަން ބޭނުން" އަކާޝް ކުރިމަތީގައި ހުއްޓި އިސްއުފުލާ އާކާޝްގެ މޫނަށް ބަލައިލަމުން ޒައިނާ ބުނެލިއެވެ.

"ކޮންވާހަކައެއް؟" އާކާޝްގެ ހިތް ތެޅިލިއެވެ.

"އައްކި ހިތުގައިޖެހޭ ވަރުގެ ކަމެއް އަހަރެންނަށް ކުރެވިފައިވާނަމަ ނޫނީ ކުރިއަށް އޮތް ވަގުތެއްގައި ވެއްޖެނަމަ އަހަރެންނަށް މަޢާފްކޮށްދެއްޗެ" ޒައިނާ ބުނެލިއެވެ.

"ޒައިއަށް ދުވަހަކުވެސް އަހަރެންގެ ކައިރިން މަޢާފަށްއެދެންޖެހޭ ވަރުގެ ކަމެއް ނުކުރެވޭނެ" އާކާޝް ބުނެލިއެވެ. ޒައިނާގެ ކޯތާފަތުގައި ފިރުމާލަން އޭނާގެ އަތް އުފުލާލައިފައިވެސް ހިތާ ދެކޮޅަށް އަތް ތިރިކޮށްލިއެވެ.

"ހަގީގަތުގަ މިވަގުތު އަހަރެން މިހުރީ އުފަލުން. ކައިވެނި ކުރެވޭތީ. އަބާން އަހަރެންނަށް ދެރަގޮތެއް ނަހަދާނޭ ހިތް ބުނަން ފަށައިފި. ފަހަކަށް އައިސް އަހަރެންނާމެދު އޭނާގެ އަމަލުތައް ބެހެއްޓީ ވަރަށް ރަނގަޅަށް. އަހަރެން އޭނަ އާ ދިމާލަށް އެތައް ގޮތަކަށް ތީރު އުކިން. އެކަމަކު އެއިން އެއްވެސް ކަމެއް އޭނަ ސީރިޔަސްކޮށް ނުނެގި. އެކަމު ބުނަންތަ! މިކައިވެންޏަށް ފަހުވެސް އަހަރެންނަށް އަހަރެންގެ އެކުވެރިޔާ މުހިންމު އިނގޭ" އާކާޝް ހީލާފައި ބޯޖަހައިލިއެވެ. ޒައިނާގެ ވާހަކަތަކުން އޭނާގެ ހިތަށް ތަދުވެލިއެވެ. އެހެނަސް ޒައިނާއަށްޓަކައި އޭނާ އުފާކުރިއެވެ.

"ވިޝް ޔޫ އޯލް ދަ ބެސްޓް" އާކާޝް ބުނެލިއެވެ.

***

ކްލާސް ނިންމާފައި ޝުރޫކާ އަނާރް ގެއަށް އައިސް ވަނީ އެކީގައެވެ. ޝުހޭލް ވަނީ އެދެކުދިންގެ ފަހަތުންނެވެ. ކާމޭޒު ކައިރީގައި ސަބީހާއަށް ކާންދޭން އިން ރުޝްދާ ފެނި އެދިމާލަށް ކަޅިޖަހާނުލާ އަނާރަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއީ އޭނާއަށް ދުވަހަކުވެސް ނުފެންނަ މަންޒަރެކެވެ. އެ ބަލި އަންހެންމީހާ ވެސް އޭނާއަށް އެގެއިން އެފެނުނީ އަދި ކިރިޔާއެވެ.

"ކޮއްކޮ ފްރެޝްވެލައިގެން އާދޭ ކާން" ޝުހޭލްއަށް ރުޝްދާ ބުނެލިއެވެ.

"އަނާރް ކައިރީގައި ހުރިކަން ރުޝްދާއަށް އިނގުނީ ސަބީހާ ތުން ދޮއްވަން އުޅުނު ގަޑީގައެވެ.

"އަނާރް..! ކިހިނެއްވީ؟ އެއްޗެއް ބޭނުންވީތަ؟" ޒިންކާ ދިމާލަށް ދިޔަ ރުޝްދާ ބުނެލިއެވެ.

"ނޫން. މިއީ ރުޝްދާއްތަގެ މަންމަތަ؟" އަނާރް އެހިއެވެ.

"އާނ. މިއީ އަހަރެމެންގެ މަންމަ. މަންމާ! މިއީ އަނާރް އިނގޭ. ކޮއްކޮގެ ވަރަށް ގާތް ފްރެންޑެއް" ސަބީހާގެ ތުނބުގައި ފެންތަށި ޖައްސަމުން ރުޝްދާ ބުނެލިއެވެ.

"މަންމައަށް އިނގޭ. މާލޭގަ އެއްދުވަހު ގެއަށް އައެއްނު. ހުރިހާ ކަމެއްވެސް ރަނގަޅުތަ؟" ބަލި އަޑަކުން ސަބީހާ އެހިއެވެ.

"ރަނގަޅު. ދައްތަ ކިހިނެއްތަ؟" އަނާރް އެހިއެވެ.

"މިކަހަލަ އޯގާތެރި ދަރިއަކު ހުރި މަޔެއް ރަނގަޅުނުވެ ނުދާނެއްނު" ރުޝްދާގެ އަތުގައި ހިފައިލަމުން ސަބީހާ ވާހަކަދެއްކިއެވެ. އޭނާ އަނާރާ ނަޒަރު ސީދާކޮށްލިއިރު ސަބީހާގެ ދެލޮލުގައި ކަރުނަ ގިނަވެފައިވި މަންޒަރު ފެނި ހިތަށް ތަދުވެލިއެވެ.

"އުންމީދަކީ އަހަރެން ލޯ މަރާލުމުގެ ކުރިން އެސޮރުގެ ހިތްވެސް އަހަރެން މައްޗަށް ހެޔޮވުން. އެސޮރުގެ މަޢާފް އަހަރެންނަށް ލިބުން" އަސަރާއެކު ސަބީހާ ވާހަކަދެއްކިއެވެ.

"މަންމާ! ތިއީ ދެން ކޮންވާހަކައެއް؟ ހިނގާ ކޮޓަރިއަށް ދާން. ކާންޖެހޭ ބޭސްވެސް އެބަހުރި. އަނާރް ވެސް ޗޭންޖް ކޮށްގެން އާދޭ ކާން" ގޮނޑިން ތެދުވަން ސަބީހާއަށް އެހީވަމުން ރުޝްދާ ވާހަކަދެއްކިއެވެ.

***

ކައިވެނިކުރަން ހަމަޖެހިފައިވަނީ ޓެރަސްމައްޗެވެ. ދޮރުން ނިކުންނަން ދިޔަ ޒައިނާގެ އެއްފަރާތުގައި ނިޝާނާ ހުރިއިރު އަނެއް ފަރާތުން ތަންކޮޅެއް ފަހަތުގައި އާކާޝް ހުއްޓެވެ. އޭނާގެ ހިތުގައިވި ހިތާމަތައް ފޮރުވާލަން ބޭނުންކުރާ ހިނިތުންވުން އޭރުވެސް އޭނާގެ ތުންފަތްމަތީގައި ވިއެވެ.

"ވަރަށް މީހުން ގިނަތަ މަތީގަ" ނިޝާނާއަށް ޒައިނާ ބުނެލިއެވެ.

"މިހާރު މީހުން ގިނަވޭ އެބަ" ނިޝާނާ ބުނެލިއެވެ. ދޮރުން ނިކުންނަމުން ޒައިނާ އަބާންގެ ކޮޓަރީ ދޮރަށް ބަލައިލިއެވެ. އެކޮޓަރީގެ ދޮރުން އެތެރޭގައި އޭނާގެ ފިރިމީހާ ހުންނާނޭ ހިތަށް އެރުމާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ސާބަހޭ. އިރުކޮޅަކުން ތިދެކުދިން ދެމަފިރިންގެ ގޮތުގައޭ ތިބޭނީ" ޒައިނާ އުޅުނުގޮތް ފެނުމުން ނިޝާނާ ބުނެލިއެވެ. ޓެރަސްއަށް ދާން ލިފްޓަށް އަރާފައި ޒައިނާ އާކާޝްއަށް ބަލައިލިއެވެ. އަކާޝްގެ ތުންފަތުން ހިނިތުންވުމެއް ފެންނަން ހުއްޓަސް ޒައިނާ ހިތަށް ހިތްދަތިކަމެއް ވެރިވެއްޖެއެވެ.

ކައިވެނި ކުރެވޭ މާލަމަށް އާދެވުމާއެކު އާކާޝް މިސްރާބުޖެހީ ދުރުގައި ތިބި އޭނާގެ އާއިލާ ކައިރިއަށެވެ. ކައިވެނި ކުރެވޭ މޭޒުކައިރީގައި ވަށައިގެން މީހުން ތިއްބެވެ. އެހާ ބައިވަރު މީހުން އެއްތަނަކުން ފެނުމުން ޒައިނާ ހިތްބިރުގަންނަ ގޮތް ވެއްޖެއެވެ. މޭޒު ކައިރީގައި ޖަހާފައި ހުރި ގޮނޑި ތަކުގައި ތިބީ ކައިވެނިކޮށްދޭ މީހުންކަން އޭނާއަށް އިނގުނެވެ. އެހުރިހާ މީހުންގެ ތެރެއިން އޭނާގެ ދެލޯ ހޯދާލީ އަބާނެވެ. ކައިވެނިކުރެވޭ ހެދުމުގައި އޭނާ ހުރީ އަބާން ދެކިލާހިތުންނެވެ. އެހެންނަމަވެސް އޭނާއަށް އަބާން ނުފެނުނެވެ. ސަމީރު އައިސް ޒައިނާގެ ކުރިމަތީގައި ހުއްޓި ޒައިނާއަށް ބަލައިލިއެވެ.

"މާތް ﷲ ހުރިހާ އުފާވެރިކަމަކުން ދަރިފުުޅުގެ ހިތް ފުރުއްވާށީ" ޒައިނާގެ ބޮލުގައި ފިރުމައިލަމުން ސަމީރު ބުނެލިއެވެ. ޒައިނާ ހީލިއެވެ.

"އާދޭ އަވަހަށް" އުންމީދާ އައިސް ޒައިނާގެ އަތުގައި ހިފާލައިފިއެވެ. އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައި ހުރުމުން ޒައިނާ ލަދުގަތެވެ. އެކަން އުންމީދާ ކައިރީގައި ހުރި ޝުބާއަށް ފެނި ހީލިއެވެ.

"މަޑުކޮށްބަލަ. ޒައިނާއްތައަށް ފޮޓޮއެއް ދައްކާލަންތަ؟" ޝުބާ ޒައިނާ އާ ގާތަށް ޖެހިލާފައި ފޯނު ހުޅުވާލިއެވެ. ފޯނުން ފެންނަން އިން އަބާންގެ ތަސްވީރުން ޒައިނާއަށް ހެވިއްޖެއެވެ.

"މިއީ ދޮންބެ އަދި ރެޑީނުވަނީސް. ރީތި ދޯ" ކައިވެނިކުރާ ހެދުމުގައި ފެންނަން އިން އަބާންގެ ތަސްވީރަށް ބަލަހައްޓައިގެން ޒައިނާއަށް ހުރެވުނީ ހިނިތުންވެވިފައެވެ.

"ދޮންބެވެސް ހުރީ ވަރަށް އެކްސައިޓްވެފަހެން ހީވަނީ. ވަރަށް ބަސްމަދުވެފަ ހުރީ" ޝުބާ ބުންޏެވެ.

އުންމީދާއާއެކު މޭޒާ ދިމާލަށް ދިޔަ ޒައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. ފަޔާޒްވެސް ހުރީ އާއިލާގެ އެހެން މީހުން ފަދައިން ހުދުގަމީހާ ކަޅު ފަަޓްލޫނާއެކު ދަށަށް ޖަހައިގެންނެވެ. ފަޔާޒްގެ ކަޅި އެހެން ދިމާލަކަށް ބަދަލު ނުކުރެވުނެވެ. އަލަތު ކައިވެންޏަށް ތައްޔާރުވެގެން ހުރި އޭނާގެ ހުރި ހަމައެކަނި އަންހެންދަރިފުޅަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ދެލޮލުގައި ފެން ގިނަވެއްޖެއެވެ.

"އެއީ ޒައިގެ ބައްޕައަކީ. ޒައި ގެ ވަލީވެރިޔާ" ނިޝާނާ ޒައިނާގެ ކަންފަތް ދަށުގައި ބުނެލިއެވެ. އެހިނދު ޒައިނާގެ ދެލޯ ނިތަށް އަރައިގެން ދިޔައެވެ. އޭނާއަށް ހީވި ހީވުން ޔަޤީންވެ ކަށަވަރު ވުމުން ދެފައިގައި ތުރުތުރުލުމެއް އުފެދިއްޖެއެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ފަޔާޒާ ގާތަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނުއިރު ދެފަރާތު އާއިލާގެ މެންބަރުން އެތަނަށް ޖަމާވެއްޖެއެވެ. ރޮވިފައި ހުރި ޒައިނާއަށް ނުބަލަން އާކާޝް މޫނު އަނބުރާލިއެވެ. އެވަގުތުގެ ނާޒުކުކަން އެތަނުގައި ތިބި ކޮންމެ މީހެއްގެ މޫނުމަތިން ހާމަވަމުން ދިޔައެވެ.

"މިވަގުތަކު ނޫން. ދަރިފުޅުގެ ކުރިމަތީގައި ކުއްވެރިއެއް ބައްޕައަކީ" ޒައިނާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ފަޔާޒް ބުނެލިއެވެ. ޒައިނާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް މިހުނާ އަތުގައި އޮތް ޓިޝޫކޮޅުން ފޮހެލައިދީފިއެވެ.

"ޒައި! މިގަޑިއަކު ނޫން. މޭކަޕް ހަޑިވެދާނެ. އޭރުން ހައްތަހާ ލަސްވާނީ" މިހުނާ ލޯތްބާއެކު ބުނެލިއެވެ.

"ދަރިފުޅުގެ ހިތުގައި އުފެދިފައިވާ ކޮންމެ ސުވާލަކަށް ބައްޕަ ޖަވާބުދާރީ ވާނަން" ފަޔާޒް ބުނެލިއެވެ. އޭނާގެ އަތް މަޑުމަޑުން ޒައިނާގެ މޫނާ ދިމާލަށް އުފުލާލައިފިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އޭނާ ޒައިނާގެ މޫނުގައި ފިރުމާލައިފިއެވެ. އެހިނދު ޒައިނާގެ ހިތަށް ފުން އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. ދުނިޔޭގައި ނެތް މަންމަ މަތިން ހަނދާންވެ ރޮވިއްޖެއެވެ.

"މަންމަ...!" ތުރުތުރުލަމުން ދިޔަ ޒައިނާގެ ދެތުންފަތް ދޭތެރެއިން ބޭރުވެއްޖެއެވެ. އެހިނދު ޒައިނާގެ ގާތަށް މިހުނާ އާ އުންމީދާ އެކު ޖެހިލައިފިއެވެ. ހަނީފް ކައިރީގައި ހުރި ޔުސްރާވެސް ޒައިނާ އާ ގާތަށް ފިޔަވަޅެއް އަޅައިފިއެވެ. އެ ތިން އަންހެނުންގެ ތެރެއިން ޒައިނާ 'މަންމަ' ގެ ނަމުން މުހާތަބް ކުރީ ކާކަށް ކަމެއް އެކަކަށްވެސް ނޭނގެއެވެ.

***

"ކޮބާ ޝުހޭލް؟" އަނާރްގެ އެސުވާލުން ރުޝްދާއާއި ޝުރޫކަށް އެއްކޮށް އަނާރަށް ބަލައިލެވިއްޖެއެވެ. ދުވަހަކުވެސް ޝުހޭލް ވީތަނެއް އޮޅުންފިލުވާފައި ނުވާ އަނާރަށް ބުނެވުނު އެއްޗަކާ މެދު ވިސްނާލެވުނީ މާފަހުންނެވެ.

"ކާކު އަހަރެން ހޯދީ" މޭޒު ކައިރިއަށް އައިސް ހުއްޓެމުން ޝުހޭލް ބުނެލިއެވެ. އެވަގުތު ހުރިހާ މީހުންގެ ނަޒަރު އަނާރަށް ހުއްޓިއްޖެއެވެ. އަނާރް އިސްޖަހާލިއެވެ.

"އެންމެން ކާން އައިރު ކޮއްކޮ ނެތީމަ އަހާނެއްނު. ދެންވެސް އާދޭ" ރުޝްދާ ބުނެލިއެވެ. ޝުހޭލް ގޮސް އިށީނީ ރުޝްދާ އާ ޖެހިގެން ހުރި ގޮނޑީގައެވެ.

"ކޮންއިރަކުން ފައިންލަ އެގްޒާމް އޮތީ؟" ރުޝްދާ އެހިއެވެ.

"މިއަންނަ ހަފްތާގަ އިނގޭނެ" ޝުރޫކް ބުނެލިއެވެ.

"މިގޭގަ ދެން ރޭގަނޑު އެހާ ފޫހިވެގެން އުޅޭކަށް ނުޖެހޭނެ ދޯ. ވާނެ ދޯ މަޖާކޮށްލަން. މި ކޮއްކޮ ނިދާނެ އަހަރެން އުނދަގޫކޮށްކޮށް ހުއްޓަ" ރުޝްދާ ވާހަކަދެއްކިއެވެ.

"ތިއީ ވަރަށް ރަނގަޅު ކަމެއް. އެހާ އަވަހަށް ނިދަން އަހަރެންވެސް ވަރަށް ފޫހިވޭ" ޝުރޫކް ބުނެލިއެވެ.

"އެކަމަކު މިރެއަކު ނޫން އިނގޭ ދޮންތާ. ފަތިހު އަހަރެން ދާންޖެހޭ އެއަރޕޯޓަށް. އެހާ ގިނައިރު މި ފިނިތެރޭގަ މަންމަ ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން" ޝުހޭލް ބުނެލިއެވެ. ރުޝްދާ ބޯޖަހައިލިއެވެ. ޙައިރާންކަމެއް ފާޅުވެލީ އަނާރްގެ މޫނުމަތިންނެވެ. ޝުހޭލް އާ ރުޝްދާގެ މަންމައަކީ ސަބީހާއެއް ނޫން ހެއްޔެވެ؟ ވީއިރު އިތުރު އަންހެނެއްގެ ވާހަކަ ޝުހޭލް އެބުނީ ކީއްވެ ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟ ސަބީހާއަށް ޝުހޭލް ވާހަކަދައްކާ މަންޒަރެއް ގޮވާލާ މަންޒަރެއް ނުފެނެއެވެ. އަނެއްކާ އެއީ ޝުހޭލްގެ ދޮންމަންމަ ހެއްޔެވެ؟ އަނާރްގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދިއްޖެއެވެ. އޭނާ ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އެއްވެސް މީހެއްގެ މޫނުމަތިން ތަފާތުކަމެއް ފާހަގައެއް ނުވެއެވެ.

"މާދަމާ މަންމަ ޑަޔަލިސިސްއަށް ގެންދަންޖެހޭ. ދޮންތަވެސް އެޕޮއިންޓްމަންޓް އެބައިން މާދަމާއަށް. ކިހިނެއް ހަދާނީ؟" ރުޝްދާ ވާހަކަދެއްކިއެވެ.

"ސަމަންތާއަށް ގުޅަންވީނުން" ފަރުވާކުޑަ ގޮތަކަށް ޝުހޭލް ބުނެލިއެވެ. ހިތަށް ތަދުވީވަރުން ރުޝްދާ އެއްޗެއް ނުބުނެ ޝުހޭލްއަށް ބަލަހައްޓައިގެން އިނެވެ.

"ސަމަންތާ ގައުމަށް ހިނގައްޖެ. ކޮއްކޮއަށް އެކަމެއް ނޭނގޭތަ؟" ރުޝްދާ ބުނެލިއެވެ.

"ދެން ވަކި ކާކު ހުންނާނީ ދާން. މަންމަވެސް ހުންނާނީ ނުލާހިކު ދަތުރު ވަރުބަލިވެފަ" ޝުހޭލް ބުނެލިއެވެ. ރުޝްދާގެ ދެލޯ ފެންކަޅިވިއެވެ. އުފަން މަންމައަށްޓަކައި ކުޑަވެސް ވަގުތުކޮޅެއް ކޮއްކޮއަށް ދެވެން ނެތީ ހެއްޔެވެ؟ އަނާރާ ޝުރޫކް އެކަކު އަނެކަކަށް ބަލައިލިއެވެ. އަނާރްގެ ހިތުގައި އުފެދުނު ސުވާލުތައް އިތުރުވިއެވެ. އޭނާއަށް ނޭނގޭ ކަންތައްތަކެއް ޝުހޭލްގެ ހިތުގައި ފޮރުވިފައި ހުރިކަން އިނގި އެކަންތައްތައް ހޯދުމުގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.

"އެބައޮތް ގޮތެއް. އަހަރެމެން ދާނަން ސަބީހާއްތަ ގޮވައިގެން. ދެން ރުޝްދާއްތަ ނިންމާފަ އާދެވޭނެއްނު. ދޯ އަރޫ" ޝުރޫކް އަނާރަށް ބުނެލިއެވެ. ރުޝްދާގެ ހިތުގައި ޝަކުވާ އުފެދުނެވެ. އަމިއްލަ ދަރިފުޅަށް ވުރެ ދުރުހިލޭ މީހުންވެސް އެމަންމައަށް ހެޔޮ އޭ ހިތަށް އެރި ހިނދު ހިންދިރުވާލެވިއްޖެއެވެ.

"އެކަމު މާދަމާ އެބައޮތެއްނު ޕީޕީޓީ ހުށައެޅުން. އެއަށް ރެޑީވާން ޖެހޭނެއްނު" ޝުހޭލް ބުނެލިއެވެ.

"އޭތި މިރޭ އަހަރެމެން ނިންމާލަން ދޯ އަރޫ" ޝުރޫކް ބުނެލިއެވެ. އަނާރް ބޯޖަހާލިއެވެ. މާދަމާ ސަބީހާ ގާތުން އަހާ ހުރިހާ އެއްޗެއް އޮޅުންފިލުވާނީއޭ އަނާރްގެ ހިތް ބުނެލިއެވެ.

***

ޒައިނާއަށް ބަލަން ހުރެފައި އާކާޝް އެންމެންގެ ތެރެއިން ދުރަށް ހިނގައިގަތެވެ. ޕާޓީއަށް ހާއްސަކޮށްގެން ލައިޓްތައް ހަރުކޮށްފައިވާ ހިސާބުން އަނދިރީގެ ތެރެއަށް ނިކުމެވުމާއެކު އޭނާ ފަހަތް ބަލައިލިއެވެ. ޕާޓީއަށް އައިސް ގޮސްވާ އެއްވެސް މީހަކު އެހިސާބުން ނުފެނެއެވެ. އެހެންނަމަވެސް މަޑުމަޑުން އިވެމުންދިޔަ މިޔުޒިކްގެ އަޑާއި މީހުންގެ އަޑު ނުކެނޑި އިވެމުން ދިޔައެވެ. އޭނާ އެތަނާ ދުރުވެލީ ހިތަށް ކެތްނުވުމުންނެވެ. އޭނާގެ ކުރިމަތީގައި ޒައިނާ އެހެން މީހެއްގެ އަންބަކަށް ވެގެންދާ މަންޒަރު ބަލަން އޭނާގެ ދެލޮލަށް ކުޅަދާނަ ނުވާނެތީއެވެ. މިިވަންކަމާއެކު ޖައްވުގެ ތެރެއަށް ނޭވާ ލުމުގެ ބޭނުމުގައެވެ. ހިތަށް ވިސްނައިދީ ހިތަށް ކުރަމުންދިޔަ ބާރު ކުޑަކުރުމުގެ ބޭނުމުގައެވެ. ރެއިލިންގްގައި ދެއަތް އަޅުވާލާފައި އޭނާ ފަޒާގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލިއެވެ. ދުރުދުން ކަނޑުގެ ސަތަހަ ފެންނަން އޮތްއިރު ނިވި ދިއްލޭ އުޅަނދުތައް އެކި ކޮޅުކޮޅަށް ދަތުރުކުރާ މަންޒަރުން ހިތަށް ހިތްހަމަޖެހުން ގެނުވައިދެއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމާއެކު އަނެއްކާވެސް އޭނާގެ ހިތުގައި ހިފާފައިވާ ރިހުން އިތުރަށް ގަދަވެލައިފިއެވެ. މިހާރު ކައިވެނީގެ މަޖިލިސް ކުރިއަށްދާން ފަށައިފާނޭ ހިތަށް އެރުމާއެކު އެއްއަތުން މޭގައި ފިރުމައިލެވިއްޖެއެވެ. ފާއިތުވެެގެންދާ ކޮންމެ ސިކުންތަކާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އުޑުމެދުގައި ރަނިކަން ކުރަމުންދިޔަ ޝާއްބަ ހަނދަށް އޭނާގެ ނަޒަރު ހުއްޓުމާއެކު ދެތުންފަތް ދޭތެރެއިން ޒައިނާގެ ނަން ބޭރުވެގެން ދިޔައެވެ.

"މިހާރުން ފެށިގެން ތިޔަ ލޯތްބާ ދުރަށް ދިޔުމަށް އަހަރެން މަސައްކަތް ފަށައިފިން. އެކަމަކު ޒައި އާ ދުރަކަށް ނުދެވޭނެ" އަމިއްލަ ހިތަށް އެކަނި އިވޭ ވަރަށް އާކާޝް ބުނެލިއެވެ. ހިތަށް ލިބެމުންދިޔަ ވޭން ކުޑަކުރުމަށް ގަދަކަމުން ތުންފަތަށް ވެރިކުރުވި ހިނިތުންވުން މަޑުމަޑުން ފަނޑުވަމުން ގޮސް އިސާހިތަކު އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އެހިނދު އޭނާއަށް ގަމީހުގެ ދަށަށް ޖަހާފައި ހުރި ހިސާބުގައި ހިފާފައި އެއްބައި ނައްޓާލެވިއްޖެއެވެ.

***

އިށީންނަން ހަމަޖެހިފައިވާ ގޮނޑީގައި ޒައިނާ ހަމަޖެހިލުމާއެކު ކޯޓުން އައިސް ތިބި ބޭފުޅުންގެ ކުރިމަތީގައި ބަހައްޓާފައި ހުރި ފައިލްތައް ފެނިއްޖެއެވެ. އެ ފައިލްތަކުގެ ތެރޭގައި އޭނާ އާ އަބާންގެ ކައިވެނީގެ ސެޓްފިކެޓް އޮންނާނޭ ހިތާ ހިނިތުންވެލައިފިއެވެ. އޭނާގެ ކޮނޑުގައި އަތް އަޅައިގެން ގުދަށް ކަހަލަ ގޮތަކަށް އޮތް އުންމީދާ ކަންފަތާ ގާތްވެލާފައި އެއްޗެއް ބުނުމާއެކު ބޯޖަހާލައިފިއެވެ. އުންމީދާ ހިނގައިގަތުމާއެކު ޒައިނާއަށް ބަލައިލެވުނީ އޭނާ އާ އެއްގޮނޑި ދޫކޮށް އިށިން ފަޔާޒަށެވެ. އެބައްޕަގެ ކުރިމަތީގައި އަދިވެސް އޭނާއަށް ހިނިތުންނުވެވޭކަން ހަނދާންވެފައި ގަދަކަމުން ހިނިތުންވެލައިފިއެވެ.

"ދަރިފުޅާ ޝުބާ! އާދެބަލަ" އެކުވެރިންތަކެއް ކައިރީގައި ހުރި ޝުބާއަށް ގޮވާލާފައި އުންމީދާ ބުނެލިއެވެ. އޭނާ ހުރީ ކައިވެނިކޮށްދޭ ވަގުތު ޖެހުނުއިރުވެސް ނަސީމާއި އަބާން ޓެރަސްއަށް ނާންނާތީ ކަންބޮޑުވެފައެވެ.

"ދޭބަލަ ބައްޕަ އާ ދޮންބެ ވީތަނެއް ބަލާލާފަ އަންނަން. އެކަކުވެސް ފޯނެއް ނުނަގާ" ޝުބާ އައިސް ހުއްޓުމުން އުންމީދާ ބުނެލިއެވެ. އޭނާ ހިނގައިގަންނަން އުޅުނު ވަގުތު ލަސްލަހުން ހިނގާފައި އަންނަ ނަސީމް ފެނިއްޖެއެވެ. ހިނިތުންވެލާފައި އުންމީދާ ނަސީމާ ދިމާލަށް ދިޔައެވެ.

"ސާބަސް ތިދެބައިންނަށް. ދެންވެސް އަވަސްކުރޭ. ލަސްވެގެން ގާޒީ ސުވާލުވެސް ކޮށްފި" އުންމީދާ ބުނެލިއެވެ. ނަސީމް ހިނގައިނުގަތުމުން އުންމީދާ ނަސީމްގެ މޫނަށް ބަލައިލިއެވެ. ކޮންމެސްކަމެއް ގޯސްވެއްޖޭ އޭނާގެ ހިތް ބުނެލީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަދި އުންމީދާގެ އަތުގައި ހިފައިލަމުން އެއްފަރާތަކަށް ޖެހިލިއެވެ.

އުންމީދާގެ ކަންފަތް ދަށުގައި ނަސީމް ހާމަކުރި ހަގީގަތާއެކު އުންމީދާ ގަނޑުވި ކަހަލައެވެ. އޭނާގެ ހަށިގަނޑަށް ހަރަކާތެއްވެސް ގެންނަން ނޭނގުނެވެ. އެ މަންޒަރު ޒައިނާއަށް ފެނި ގޮނޑިން ތެދުވެގެން އެދިމާލަށް ހިނގައިގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟