ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 33

4

ތެއްތިރީސްވަނަބައި

"މުޅި އުމުރަށް. އަހަރެންގެ ފުރާނަ ހަށިގަނޑާ ވަކިވުމާ ހަމައަށް. ދުވަހަކުވެސް ތިނޫން އެހެން އަންހެނެއް ބޭނުމެއްނޫން" އާކާޝް ބުނެލިއެވެ. އޭނާ ޒައިނާއަށް ޖަވާބުދިނީ ދުރު ބަލަހައްޓައިގެން އިނދެއެވެ. ޒައިނާގެ ފަރާތުން ޖަވާބެއް ނައުމުން އާކާޝް ބަލައިލިއެވެ. އެހިނދު ދެކުދިންގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވެލިއެވެ. ދެކުދިންގެ ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ބަސްމޮށުންތެރިކަމަކާ ނުލާ އެތައް ވާހަކައެއް ދައްކައިފިއެވެ.

ޒައިނާ އާ ނަޒަރު ވަކިކޮށް ދުރަށް ބަލަން ފެށީ އާކާޝްއެވެ. އޭނާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ޒައިނާގެ ކުރިމަތީގައި އެ މައުޟޫއަށް ވާހަކަނުދައްކަން ނިންމައިގެން ހުއްޓާ އޭނާގެ އިހްތިޔާރުން ބޭރުގައި އެވާހަކަ ދެއްކުނީތީ އަމިއްލަ ނަފްސުދެކެ ހިތްހަމަނުޖެހުނެވެ.

"ލެޓްސް ގޯ" ދެކުދިންގެ މެދުގައި ވާހަކައެއް ނުދެކެވޭތާ ހިނދުކޮޅެއް ފާއިތުވީފަހުން އާކާޝް ބުނެލިއެވެ.

***

ނަމާދުކޮށް ނިމި ސިޓިންރޫމަށް ނިކުތް ރުޝްދާއަށް ކުރިމަތީގައި ހުރި ކޮޓަރި ހުރަސްކުރި ވަގުތު ހުޅުވާލާފައި ހުރި ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރެ އަންހެންކުއްޖެއް ފެނި ހުއްޓުނެވެ. ފުރަގަހުން ފެނުމުން އެއީ ކާކުކަން އޭނާއަށް ނޭނގުނެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް ޝުހޭލް މަތިން ހަނދާންވެފައި އޭނާ ހިނގައިގަތެވެ.

"މެގަޒިންއެއް ހުޅުވައިގެން ބަލަން އިން ޝުހޭލް ރުޝްދާ އައިސް ހުއްޓުމާއެކު މެގަޒިން ލައްޕާލާފައި ހިނިތުންވެލިއެވެ. އަދި ރުޝްދާ އިށިންނަން އެހީތެރިވެދިނެވެ.

"ކާކުތަ އެއީ؟" ރުޝްދާ އެހިއެވެ. ރުޝްދާ އެދެއްކީ އަނާރްގެ ވާހަކަ ކަން ޝުހޭލްއަށް އިނގުނެވެ.

"އެއީ އެއީ... އަނާރް" ޝުހޭލް ބުނެލިއެވެ. ރުޝްދާގެ މޫނުމަތިން ޙައިރާންކަމެއް ފާޅުވެލިއެވެ.

"އޭނަ ކީއްވެ މިގޭގަ" ރުޝްދާ އެހިއެވެ.

"ލުކް ދޮން. އަހަރެން ދައްކަން އުޅުނު ވާހަކައަކީ އެއީ. އެ އަންހެންކުއްޖާއަށް މިއަދު އަހަރެމެންގެ އެހީތެރިކަން ވަރަށް ބޭނުން" ޝުހޭލް ބުނެލިއެވެ.

"ކިހިނެއްވީ؟ ކިޔައިދީބަލަ" ރުޝްދާ ބުނެލިއެވެ.

***

އުންމީދާ އޮށޯތުމާއެކު ނަސީމް ލެޕްޓޮޕް ނިއްވާލާފައި އަނބިމީހާއަށް ބަލައިލިއެވެ. އަދި ވާހަކައެއްދައްކަން ބޭނުންވާ ކަމުގައި ބުނެލިއެވެ.

"އަންނަ ހުކުރުގަ ކައިވެނި. އެތައް ބަޔަކަށް ދައުވަތު ދެވިއްޖެ. އަހަރެންގެ ދަރިފުޅުގެ ކައިވެނި ކުރެވޭތީ އަހަރެން މިހުންނަނީ ވަރަށް އުފަލުން. އުންމިއަށް ހީވޭތަ އަބާން އުފަލުން ހުރިހެން" ނަސީމް ވާހަކަދެއްކިއެވެ.

"އެސޮރު އުފަލުން ނެތްނަމަ އިރުއިރުކޮޅުން އެކައިވެނީގެ ވާހަކަ ދައްކާނެތަ؟ އަހަރެންނަށް އިނގޭ އަބާން ކައިވެނިކުރަން ބޭނުންވެފަ ހުރިކަން. ހިތުގަ ނުތަނަވަސްކަމެއް އޮތަސް ކައިވެނި ކުރެވުމާއެކު އެބައި ނެތިގެން ހިނގައިދާނެ" އުންމީދާ ވާހަކަދެއްކިއެވެ.

"އެދެކުދިންނަށް ދޭނެ ކައިވެނީގެ ހަދިޔައަކާ މެދު ވިސްނައިފިންތަ؟" ނަސީމް އެހިއެވެ.

"ހަފްތާއަކަށް ރިސޯޓަކަށް ފޮނުވަން ވިސްނައިގެން މިހުންނަނީ. އެވާހަކަ އަދި ނަސީމް ކައިރީގައި ނުދެއްކިގެން މިއުޅެނީ" އުންމީދާ ވާހަކަދެއްކިއެވެ.

"އެހެންވީމަ ތިގޮތަށް ނިންމާ. ހަރަދަށް އަރާވަރު އަހަރެން ކައިރީގަ ބުނޭ" ނަސީމް ބުނެލިއެވެ.

"ދެން ހިނގާ ނިދަން އުޅެމާ. ވަރަށް ހެނދުނާ ޒައި ގޮވައިގެން ވެޑިންޑްރެސް ހެޔޮވަރު ކުރަން ދާންޖެހޭ. ޝުބާގެ ހެދުމުގެ ކަމެއްގަ އަދި އެއްވެސް ވަރަކަށް ނޫޅެވޭ. މާދަމާ އެކަންވެސް ކުރަންޖެހޭނެ" އުންމީދާ ބުނެލިއެވެ.

"ބާއްޖަވެރި ރޭގަނޑަކަށް އެދެން" އުންމީދާގެ ކޯތާފަތުގައި ފިރުމައިލަމުން ނަސީމް ބުނެލިއެވެ.

***

ފާހާނައިން ނިކުތް ޒައިނާއަށް ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން ގަޑިއަށް ބަލައިލެވުނެވެ. ބާރަޖަހަން ފަސްމިނިޓް ހުއްޓެވެ. ލައިގެން ހުރި އެއްޗިއްސާއެކު ދޮރު ނުހުޅުވޭނެތީ އޭނާ ދޮރާ ކައިރިވެލާފައި ކާކު ހެއްޔޭ އަހައިލިއެވެ.

"މަޑުކޮށްލާ. މިހުޅުވަނީ" ދޮރުން ބޭރުގައި ހުރީ އަބާން ކަން އިނގުމުން ޒައިނާ ބުނެލިއެވެ. ހެދުން ބަދަލުކޮށްލައިގެން ޒައިނާ ދޮރު ހުޅުވާލިއިރު ދޮރުމަތީގައި އަބާން ހީލައިގެން ހުއްޓެވެ.

"އަބީ ކަމަކުތަ؟" ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ޒައިނާ އެހިއެވެެެެެެެެ.

"އަހަރެން ވަނަސް ހެޔޮތަ؟" އަބާން ބުނެލިއެވެ. ޒައިނާ ދޮރު ބޮޑަށް ހުޅުވާލަފައި އެއްފަރާތް ވެލިއެވެ.

އެކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަބާންގެ ސިކުނޑީގައި މަޔޫރާގެ ހަނދާންތައް ހަނާ އަޅަން ފެށިއެވެ. އެކޮޓަރި ތެރޭގައި އޭނަ މަޔޫރާގެ ލޯތްބަށް އެދި އިންތިޒާރު ކުރި ރޭތައް ހިތަށް ސިފަވާން ފަށައިފިއެވެ. މަޔޫރާގެ ލޯތްބަށްޓަކައި ކަރުނަ އެޅި ރޭތައް ހަނދާންވާން ފެށުމުން އޭނާ ނޭވާ ހަސްވާން ފަށައިފިއެވެ. އެހަނދާންތައް އޭނާ ހިތާއި ސިކުނޑިން ނެރުނުތާ ކިތަންމެ ދުވަހެކެވެ.

"މިކޮޓަރިއަށް ވަނުމުން އަހަރެންނަށް އިނގޭ އަބީއަށް ވާނެވަރު" ޒައިނާ ބުނެލިއެވެ. އަބާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

"ތިބުނީ ތެދެއް. މިކޮޓަރި ތެރެއިން އަހަރެންނަށް ބޭވަފާތެރިންނާ ކެހިވެރިންގެ ވަސް ވަރަށް ދުވާ. ހަޔާތަށް ފުރަތަމަ ގެނެވުނީވެސް ކެހިވެރިއެއް. ދެން އައީވެސް. ތިންވަނަ މީހާއަކީ އަނެއްކާ..."

"އަހަރެންނަކީ ތި ހީކުރަކަހަލަ މީހެއް ނޫން. އަހަރެން ދުވަހަކުވެސް މީހަކާ ރައްޓެހިނުވަން. އަހަރެން އަބީ އާ މެރީކުރަން މިއުޅޭއިރު އަދި އަބީ އަކާވެސް ރައްޓެހިނުވަން. އަހަރެންގެ ހަޔާތަށް ފިރިއަކަށް ވެގެން ކޮންމެ މީހަކު އައި ކަމުގައި ވިޔަސް އަހަރެން އެމީހަކަށް ތެދުވެރިވާނަން. ތިމާގެ ހަޔާތުގެ ބައިވެރިއަކަށް ވާ މީހާއަކީ ތިމާ އިންތިހާ ދަރަޖައަށް ލޯބިވާ މީހެއް ކަމުގައިވުން ކޮންމެހެން ލާޒިމެއް ނޫން" ޒައިނާ ވާހަކަދެއްކިއެވެ

"ތިބުނީ ވަރަށް ބޮޑު ތެދެއް. ޒައި އަހަރެންދެކެ ލޯބިވޭ. އެކަމަކު އަހަރެން..." އަބާނަށް ޒައިނާގެ މޫނަށް ބަލައިލެވިއްޖެއެވެ.

"ހެހެހެ.. އިނގޭ އަބީ އަހަރެންދެކެ ލޯބިނުވާކަން. އަހަރެންދެކެ ފޫހިވާކަން. އެހެންވެ އަހަރެން ބިރުގަންނަނީ. އަބީގެ ފަރާތުން އަހަރެންނަށް ބަރުދާސްތު ނުކުރެވޭވަރުގެ ހިތާމައެއް ލިބިދާނެތީ" ޒައިނާ އަބާނަށް ފުރަގަސްދިނެވެ.

"އާނ. އަހަރެންނަށް ޒައިދެކެ ލޯތްބެއްނުވެވޭ. އެކަމަކު އަހަރެން ޒައިދެކެ ފޫއްސެއްނުވޭ. ތިއީ އަހަރެންގެ ވާން އުޅޭ އަނބިމީހާ. ކައިވެންޏަށްފަހު އަހަރެން މަސައްކަތްކުރާނަން އަނބިމީހާދެކެ ލޯބިވާން" ޒައިނާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އަބާން ވާހަކަދެއްކިއެވެ.

"ލޯބީގެ މައުޟޫއަށް ވާހަކަދައްކަން އަހަރެން ބޭނުމެއްނޫން. ބުނެބަލަ ކޮންކަމަކު ތިއައީ؟" ޒައިނާ އެހިއެވެ. އަދި އެނދުގައި އިށީނދެފައި އެއްފައި މައްޗަށް އަނެއް ފައި އަރުވާލާފައި އަބާނަށް ބަލައިލިއެވެ.

"އަހަރެން ޒައިއަށް އެއްޗެއް ގަނެދޭން ބޭނުން. މާދަމާ އަހަރެންނާއެކު ފިހާރައަށް ދެވޭނެތަ؟" އަބާން އެހިއެވެ.

"ކިހާއިރަކު؟" ޒައިނާ އެހިއެވެ.

"ޒައި ފްރީ ގަޑިއަކުން" އަބާން ބުނެލިއެވެ.

"މާދަމާ ބިޒީ ދުވަހެއް. ހެނދުނު އުންމިއްތަ އާއެކު ފަހާ މީހާގެ ގެއަށް ދާންޖެހޭ. އެފަހުން ކޮލެޖްވެސް އިންނާނެ. ހަވީރު އޯކޭވާނެތަ؟" ޒައިނާ އެހިއެވެ. އަބާން ބޯޖަހާލިއެވެ.

***

ޝުހޭލް ދެއްކި ވާހަކަތައް ރުޝްދާ އިނީ ޤަބޫލުނުކުރެވިފައެވެ. ވިސްނާނުލާ އޭނާގެ ކޮއްކޮ އެފަދަ ފީކަޅާ ނިންމުމެއް ނިންމީތީ ޝުހޭލްދެކެ ހިތްހަމަނުޖެހިފައެވެ.

"އިނގޭ ދޮންތަ ތީނީ ވަރަށް ހިތްހަމަނުޖެހިފަކަން. އެކަމަކު ޕްލީޒް މިކަމުގައި ދޮންތަގެ އެއްބާރުލުން ބޭނުން" ޝުހޭލް ބުނެލިއެވެ.

"ކޮއްކޮއަކަށް ހިއެއްނުވޭތަ މިވަގުތަކީ ކޮއްކޮ އެ އަންހެންކުއްޖާ އާ ދުރަށް ދާންވީ ވަގުތުހެން. އެކުރި ކަންތަކުންވެސް އިނގޭ ދޯ އެއީ ރަނގަޅު ކުއްޖެއް ނޫންކަން" ރުޝްދާ ވާހަކަދެއްކިއެވެ.

"ތިހެން ނުބުނޭ ދޮންތާ. ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. އަނާރަކީ ވިޔާނުދާ އުޅުމެއް އުޅޭ ކުއްޖެއްނޫން. އޭނަގެ ގޮތް އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ. މީހަކުދެކެ މާބޮޑަށް ލޯބިވުމަކީ ކުށަކަށް ވަންޏާ އަހަރެން ބުނާނަން އަނާރް ކުށެއް ކޮށްފިއޭ" ޝުހޭލް ވާހަކަދެއްކިއެވެ.

"ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ" ރުޝްދާ ބުނެލިއެވެ.

"ނޫނޭ ދޮންތާ. ރުހުމުގެ ލޮލަށްވެސް އައިބު ފެންނާނެ. ޤަބޫލުކުރަން ބޭނުންނުވަނީ. އަނާރަކީ ފިރިހެނުންގެ ތަންމަތި ފަޅުފިލުވަމުންދާ އަންހެން ކުއްޖެއްނޫން. ކިތައް އަހަރު އަނާރް ފެންނަ ހިސާބުގަ މިއުޅެނީ. އަބަދުވެސް ފެންނާނީ ފިރިހެނުންނާ ދުރުމިނެއް ބަހައްޓާތަން. މިފަހަރު ރާއްޖެ ގޮސް އޭނައަށް ކުއްޖެއްދެކެ މާބޮޑަށް ލޯބިވެވުނީ. އެކުއްޖާ އާ ލޯބީގެ ގޮތުން ގުޅިގެން ކުރެވުނުކަމެއް އެއީ. އެ އަބާނަށް އޭނާއަށް މާބޮޑަށް އިތުބާރު ކުރެވުނީ. ދޮންތާ! އެކަމުގަ އެބައޮތްތަ އަނާރްގެ ކުށެއް. މިހާރު އެ އަންހެންކުއްޖާއަކީ ﷲ ގެ ހަޟްރަތުގައި ދުވަހަކުވެސް ކުށެއް ނުކުރާ ސާފު ހުދު ފޮތިކޮޅެއްފަދަ އަންހެންކުއްޖެއް. ކުރެވުނު ފާފައަށް އޭނަ އެހެރީ ތައުބާވެގެން. އަހަރެން މަސައްކަތް މިކުރަނީ އެލަދުން އޭނަ ސަލާމަތްކުރަން. އެކަމުގަ އަހަރެން އެންމެ އިތުބާރުކުރާ މީހާ، އަހަރެންގެ ދޮންތަގެ އެހީއަކަށް މިއެދެނީ. ދޮންތަ މިކަމަށް ނުރުހެންޏާ އަހަރެން އަނާރް އެހެން ތަނަކަށް ބަދަލުކޮށްފާނަން. ހާލަތު ނިޔާކުރާ ގޮތުން އަނާރް ހުންނަ ތަނެއްގަ މިވަގުތު އަހަރެންވެސް ހުންނަން ޖެހޭނީ" ޝުހޭލް ވާހަކަދެއްކިއެވެ. އެހުރިހާއިރު ރުޝްދާ އިނީ ޝުހޭލްގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ދޮންތަގެ ހިތަށް އަރާ ކޮއްކޮ ހިތުގަ އެ އަންހެންކުއްޖާއަށް..."

"ރަނގަޅަށް ދޮންތައަށް ތި ހީވަނީ. އަދިވެސް އަނާރްދެކެ ވަރަށް ލޯބިވޭ. އެކަމަކު މިފަހަރު މިގޮތަށް ކަންތައް މިކުރަނީ އެލޯބީގެ ހައްގުގައެއް ނޫން. އިންސާނިއްޔަތަށްޓަކައި" ޝުހޭލް ވާހަކަދެއްކިއެވެ.

"އެންމެ ރަނގަޅު. ކޮއްކޮގެ ތި ނިންމުމަށް ދޮންތަ އިހުތިރާމް ކުރާނަން. މާބަނޑު އަންހެނަކަށް އެހެން ބައެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ދޮންތައަށް ވުރެ ބޮޑަށް ވަކި ކާކަށް އިނގޭނީ" ރުޝްދާ ވާހަކަދެއްކިއެެވެ.

"ދޮންތައަށް ވެވުނު އެހީތެރިކަމެއް އަނާރަށް ވެދޭނަން. އައި ޕްރޮމިސް..." ޝުހޭލްގެ އަތް މަތީގައި އަތް ބާއްވައިލަމުން ރުޝްދާ ބުނެލިއެވެ.

***

ޒައިނާ ގޮވައިގެން ގޮސް އަބާން މަޑުކޮށްލީ މަޖީދީމަގު ފިހާރައެއް ކައިރިއަށެވެ. ސައިކަލުން ފައިބައިގެން އައިސް ޒައިނާ މަޑުކޮށްލީ ފިހާރަ ކުރިމަތީގައެވެ. ދުރުގައި ސައިކަލް ޕާކްކޮށްފައި އައިސް އަބާން އަރައި ހަމަވުމާއެކު ޒައިނާ ބަލައިލިއެވެ.

"މިތަނަށްތަ ތިއައީ އަހަރެން ގޮވައިގެން" ޒައިނާ ބުނެލިއެވެ.

"އާނ. ކިހިނެއްވީ؟ އަހަރެން ބުނީމެއްނު ޒައިއަށް އެއްޗެއް ގަނެދޭން ބޭނުމޭ" އަބާން ބުނެލިއެވެ.

"ކޯޗެއް؟ މިވަގުތު އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. އަދި އެއްވެސް އެއްޗަކަށް ދައްޗެއްނުވޭ" ޒައިނާ ބުނެލިއެވެ.

"ޒައިވެސް އަހަރެން ކުރަން އުޅޭ ކަންތައްތަކަށް ހުރަސް ނާޅަބަލަ. މާދަމާ އިން ފެށިގެން ތިއީ އަހަރެންގެ އަނބިމީހާ. މިހާރުވެސް އަހަރެން ދެކެނީ އެގޮތަށް. މިފިހާރައިން އަންހެންކުއްޖަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބޭނެ. ޒައި ބޭނުން ކޮންމެ އެއްޗެއް ނަގާބަލަ" އަބާން ބުނެލިއެވެ. ޒައިނާ އިތުރަށް ވާހަކައެއް ނުދައްކައެވެ. ފިހާރައަށް ވަންނަން ހިނގައިގަތެވެ. ޒައިނާގެ ފަހަތުގައި ހުރި އަބާން ވިސްނަމުން ދިޔައެވެ. އޭނާއަށް ޒައިނާދެކެ ލޯބިނުވެވޭއިރު އެހެން އެއުޅެނީ ހަމައެކަނި އެންމެ ސަބަކަށްޓަކައެވެ. އަމިއްލަ ހިތަށް އޮޅުވާލުމުގެ ބޭނުމުގައެވެ. އޭނާ ކައިވެންޏެއް ކުރަން އުޅޭކަން އެހެން މީހުންނަށް އަންގައިދިނުމުގެ ބޭނުމުގައެވެ. އޭނާ އާ އެތައް މޭލެއް ދުރުގައި ހުރި އަންހެންކުއްޖަކަށް ދެރައެއް ދިނުމުގެ ބޭނުމުގައެވެ. ސުވާލަކީ ހިތާ ދެކޮޅަށް އޭނާއަށް އެކައިވެނި ކުރެވޭނެބާއެވެ؟

"އަހަރެން އެތާ ދުރުގަ މަޑުކޮށްލާނަން އިނގޭ. ކޮންމެެހެންވެސް މާދަމާ ރެއަށް ނިދަންލާނެ ރަނގަޅު އެއްޗެއް ނަގާތި. ބޮޑަށް ރަނގަޅީ...."

ޒައިނާ އަބާނަށް ބަލައިލިއެވެ. ޒައިނާއަށް އެއްލޯ މަރާލާފައި އަބާން ދުރަށް ހިނގައިގަތެވެ. ޒައިނާ ދެބުމަ ގޮށްޖަހައިގެން އަބާނަށް ބަލަން ހުއްޓެވެ. އިރުކޮޅަކުން ފެނުނީ މޫނުމަތީގެ ކުލަވަރު ބަދަލުވެ ތުންފަތަށް ހިނިތުންވުމެއް ވެރިވިތަނެވެ. އަބާންގެ އެ ސަމާސާއިން އޭނާއަށް ހެވިއްޖެއެވެ. ދުވަހަކުވެސް އަބާން އެކަހަލަ ސަމާސާއެއް ކޮށްފައިނުވާތީ އެ ކައިވެންޏާ މެދު އަބާން ސީރިޔަސްކަން ޒައިނާއަށް އިނގުނެވެ.

***

މަޑުމަޑުން ހިނގަމުން އައިސް ކޮޓަރިއަށް ވަން އަނާރް ފެނުމުން އެނދުގައި ކަންފަތާ ހެޑްސެޓް ގުޅައިގެން އޮތް ޝުރޫކް ބަލައިލިއެވެ. ފެންބޮވާކަމަށް ބުނެ އަނާރް ކޮޓަރިން ބޭރަށް ނިކުތްތާ އަދި ސިކުންތެއްވެސް ނުވެއެވެ.

"ކިހިނެއްވީ؟" އެނދުގައި ހިމޭނުން އިން އަނާރަށް ޝުރޫކް ބުނެލިއެވެ. އަނާރް ބަހެއް ނުކިޔުމުން ޝުރޫކް ތެދުވެ އަނާރް ކައިރީގައި އިށީނދެއްޖެއެވެ.

"އަރޫގެ ސަބަބުން މިހާރަކަށް އައިސް އަހަރެން މިހުންނަނީ ރެޑް އެލަރޓްގަ. ހީވަނީ އަބަދުވެސް އަރޫއަށް ކޮންމެސްކަމެއް ވެއްޖެއޭ. މިހާރުވެސް އިނގޭ ކޮންމެސްކަމެއް ވެއްޖެކަން" ޝުރޫކް އަނާރްގެ އަތުގައި ހިފައިލިއެވެ.

"ކޮންމެސް ކަމެއްވީމަ އަރޫގެ ލޮލުން ކަރުނަ ފެންނާނީ. ކިހިނެއްވީ؟ އަބާން މިސްވަނީތަ؟" ޝުރޫކް އެހިއެވެ. އަނާރް ދެފަރާތަށް ބޯހޫރާލަމުން ދެލޯ ކައިރި ސާފުކޮށްލިއެވެ.

"އަބާނާ މެދު އަހަރެން ނުވިސްނަން. ހިތަށް އަރަނީ އަހަރެންނަށް ވަފާތެރިކަމާ ބޭވަފާތެރިކަން ވަކިކުރަން ނޭނގުނީ ކީއްވެގެންބާއޭ. ޝުހޭލްގެ ފުށުން އަހަރެންނަށް ފެންނަމުންމިދާ ހިތްހެޔޮކަމާ އޯގާތެރިކަން އަބާންގެ ފުށުން ނުފެނުނީ ކީއްވެގެންބާއޭ" އަނާރް ވާހަކަދެއްކިއެވެ. ޝުރޫކްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޝުހޭލްގެ ރަނގަޅުކަން އަނާރަށް ފާހަގަވުން އެއީ ހެޔޮ ފާލެއް ކަމުގައި ޝުރޫކްގެ ހިތް ބުނެލިއެވެ.

"ހަގީގަތުގައިވެސް ޝުހޭލް އަހަރެންދެކެ ވަރަށް ލޯބިވާކަން މިއަދު އިނގިއްޖެ. އެހެން ފިރިހެނަކު އަހަރެން ކަހަލަ އަންހެނަކަށް އެހާ އޯގާތެރިވެދާނެތަ؟ އަމުދުން މިފަދަ ހާލަތެއްގަ އިންދަ. ޝުހޭލްއަށް ބޭވަފާތެރިވީ އަހަރެން. އެކަމުގެ ހައްޤު އަދަބު އަހަރެންނަށް މިލިބުނީ. އެހެންވެ ބުނަނީ މީހަކަށް ދެރައެއް ދީފަ އަނެއް މީހާއަށް ވަކި އުފަލުން ނުހުރެވޭނޭ" އަނާރް ވާހަކަދެއްކިއެވެ.

"އަރޫ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ. އަރޫއަށް ތިގޮތަށް ކަންތައް ދިމާވީމަ ދުނިޔޭގެ ހުރިހާ ކަމަކާ ތިކަމާ ގުޅުވަން ޖެހޭތަ؟ ޝުހޭލްގެ ހެޔޮކަން އަރޫއަށް ނުފެނުނީ އަބާންގެ ޖާދޫގައި ޖެހި އަރޫ ހައްޔަރުވެފައި ހުރުމުން. އަބާން ނޫން އެހެންވެސް އެއްޗެއް އަރޫއަށް ނުފެނޭ.... ދެން އެހެންނޫނަސް ބޭކާރު ކަންތައްތައް ތި ސިކުނޑިން ނެރެބަލަ. ހިނގާބަލަ ހަވީރުން ބޭރަށް ނިކުމެލަމާ" ޝުރޫކް ވާހަކަދެއްކިއެވެ.

"ޝުރޫއަށް އިނގޭތަ. ރުޝްދާއްތަ އެހާ ހިތްހަމައެއްނުޖެހޭ އަހަރެން މިގޭގަ ހުންނަން. ޝުހޭލް އާ ރުޝްދާއްތަ ދެއްކި ވާހަކަތައް އަހަރެން އަޑުއެހިން. ފަހަރެއްގަ އަހަރެން ބަނޑުބޮޑުވެފައި ނެތްނަމަ..."

"ސަބަހޭ އަރޫއަށް. ކޮންމެ ކަމަކަށްވެސް ފެށުމަކާ ނިމުމެއްވޭ. އަރޫ ތިހުރި ހާލަތަށް ކަންބޮޑުނުވެބަލަ. ރުޝްދާއްތައަކީވެސް ޝުހޭލް ފަދައިން ހިތްހެޔޮމީހެއް. އޭނަގެ މޫނުމަތިން ހަރުކަށި ފާޑެއް ނުޖަހާ" ޝުރޫކް ވާހަކަދެއްކިއެވެ.

***

ގޭތެރެއަށް ވަނީ ހަލަބޮލިކަން އައިސްފައެވެ. އުންމީދާގެ އަތްމަތި އަވަހެވެ. ތިމާގެ ދެތިން ކުއްޖަކުވެސް އުންމީދާއަށް އަތްގާތް ކޮށްދިނުމުގައި ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ފިރިހެން ގުރޫޕަކާއެކު ގޭތެރޭގައި ނަސީމްވެސް ހަރަކާތްތެރިވާން ހުއްޓެވެ. މުޅި ގޭތެރެ ވަނީ ރަތްކުލައިގެ ތަފާތު މާތަކުން ޒީނަތްތެރި ކޮށްލާފައެވެ. ހިތްތަކަށް ދިރުން ގެނުވާފަދަ ތާޒާ ވަހަކުން މުޅި ސަރަހައްދު ވަނީ އެއްވަސް ކޮށްލާފައެވެ.

"ކޮބާ އަބާން؟ އިރުކޮޅަކުން ކޯޓު ބޭފުޅުން ދުރުވާނެ. އުންމި ތިހުންނަނީ އަދި ތައްޔާރުވެސްނުވެ" އުންމީދާ އާ ދިމާލަށް އައި ނަސީމް ވާހަކަދެއްކިއެވެ.

"ނޭނގެ. މިއަދު ހަތަރުދަމު އަހަރެން އަބާން ނުދެކެން. އަހަރެން ހުންނާނީ އެކޮޓަރިއަށް އަބާންގެ އެއްޗެހި އިސްތިރިކޮށްފަ ވައްދާފަ. ބަޔަކުލައްވާ ތައްޔާރުވާން ބުނީމަވެސް އެސޮރު ބުނެފި ބޭކާރު ކަމެކޭ. ތިމަންނަ އެކަނި ވާނެޔޭ" އުންމީދާ ވާހަކަދެއްކިއެވެ.

"ކޮބާ ޒައި؟" ސިޑިން ފައިބައިގެން އައި ނިޝާނާއަށް އުންމީދާ ބުނެލިއެވެ.

"ޒައި އިނީ ނިމިފަ. އެބައިން ކޮޓަރީގަ. ބުނީ ތިމަންނައަށް އުނދަގޫތަކެއް އެބަވެޔޭ. އެންމެން ހަމަވީމަ ތިމަންނަ ބަލާ އަންނާށޭ. އަހަރެންނަށް ފެންނަނީ ޒައި ބުނިހެން އިރުކޮޅަކު އެކަނި ބައިންދަން. އޭރުން ކުޑަކޮށް މީހާ ހަމަޔަކަށް އެޅިދާނެ" ނިޝާނާ ވާހަކަދެއްކިއެވެ.

"މިތާ ކަންތައްތައް ބަލާލައްޗެ އިނގޭ. އުންމިއްތަ ވަރަށް އަވަހަށް ތައްޔާރުވެގެން މިއަންނަނީ" އުންމީދާ ސިޑިން މައްޗަށް އަރައިގެން ދިޔުމުން ނިޝާނާ ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރި ސަމީރު ކައިރީގައެވެ.

"ފަޔާޒްބެ ބުނި ގަޑިއަށް އަންނާނަމޭ" ސަމީރު ބުނެލިއެވެ.

***

"ޒައި ތި ހެދުމުގަ ހުއްޓަ އަހަރެން ބޭނުން ބަލާލަން. ހުރިހާ އެންމެންނަށް ވުރެ ވެސް ކުރިން" އެނދުގައި އިން ޒައިނާ ފޯނަށް އައި މެސެޖް ކިޔާލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އާކާޝްގެ މެސެޖްގެ ބަދަލުގައި އޭނާ ޖަވާބެއް ލިޔެލަން އުޅުނު ވަގުތު މަޑުމަޑުން މީހަކު ދޮރުހުޅުވާލިހެން ހީވެގެން ފަހަތް ބަލައިލިއެވެ.

"އައްކި...." ހުދުކުލައިގެ އަތްދިގު ގަމީހުގައި ދަށަށް ޖަހައިގެން ހުރި އާކާޝް ފެނުމާއެކު ޒައިނާ އެނދުން ތެދުވެއްޖެއެވެ. އެއްވެސް އުފާވެރިކަމެއްނެތް އެމޫނުމަތި ވަނީ އެއްކޮށް މިލާފައެވެ. ކުރިމަތީގައި ކޮޅަށް ހުރި ޒައިނާގެ ފައިން ފެށިގެން ބޮލާ ހަމައަށް އާކާޝް ބަލައިލިއެވެ. ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ޒައިނާ ވަރަށް ތަފާތެވެ. ހިކިހެންވެސް ހީވެއެވެ. އެ ހެދުމުގައި ޒައިނާ ހީވަނީ ރަސްދަރި ކަނބަލެއް ހެންނެވެ. ކޮށްފައިވާ މޭކަޕްވެސް ޒައިނާ އާ އެހާ ގުޅެއެވެ. ދެއަތުން ހެދުން އުފުލާލައިގެން މަޑުމަޑުން ހިނގާފައި އައިސް އާކާޝް ކުރިމަތީގައި ޒައިނާ ހުއްޓިއްޖެއެވެ.

"ބިއުޓިފުލް" އާކާޝްގެ އަޑުގައިވި ހިތާމަވެރި އަސަރު ޒައިނާއަށް ފާހަގަވިހެން ހިއެއް ނުވެއެވެ.

"އެންމެންނަށް ވުރެ ކުރިން އައްކި ތިއައީ ހަމަ އަހަރެން ދެކިލާހިތުންތަ؟" ޒައިނާ ބުނެލިއެވެ. ޒައިނާގެ ދޫ ބަންދުވީ އާކާޝްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައެވެ. އޭނާ އާ ހަތަރުކަޅި ހަމަނުކުރަން މަސައްކަތް ކުރަމުންދިޔަ އާކާޝްގެ މޫނަށް ބަލަހައްޓައިގެން ޒައިނާއަށް ހުރެވުނީ ބުދެއް ފަދައިންނެވެ.

"އެއްވެސް ޝަކުވާއަކާނުލާ އަހަރެން ބުނާ އެއްޗެއް ދީފާނަންތަ؟ މިރެއަށް ފަހު ދުވަހަކުވެސް އަހަރެން ޒައިގެ ފަރާތުން އެއްވެސް އެއްޗަކަށް ނޭދޭނަން. ރަހްމަތްތެރިކަން ނޫނީ. އައި ޕްރޮމިސް" އަކާޝް ބުނެލިއެވެ.

"އައްކި ބުނި ކޮންމެ އެއްޗެއް، ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން. އަވަހަށް ބުނޭ" ޒައިނާ ބުނެލިއެވެ. އެހެން މީހެއްގެ އަންބަކަށް ވެގެން އޭނާއަށް އާކާޝްގެ ހިތަށް އެދެވެނީ އިތުރު އަނިޔާއެއްކަން އިނގޭތީ އެވަގުތު އޭނާ ބޭނުންވީ އާކާޝް އެދުނު ކޮންމެ ކަމެއް ކޮށްދޭށެވެ. އޭނާއަށް ނޭނގި އޭނާގެ ދެލޮލުގައިވެސް ކަރުނަތައް ގިނަވެއްޖެއެވެ.

"ހޭއި... ބޭބީ ޑޯންޓް ކްރައި... " ޒައިނާގެ ދެލޮލުގައި އާކާޝްއަށް ފިރުމައިލެވުނީ ބޭއިހްތިޔާރުގައެވެ. އާކާޝްގެ އެ އަތުގައި ޒައިނާގެ ފިނިފިނި އަތްތިލައިން ހިފައިލިއެވެ. އާކާޝްއަށް އެ އަތަށް ބަލައިލެވިއްޖެއެވެ. ދެން މަޑުމަޑުން އޭނާގެ ނަޒަރު ސީދާކޮށްލީ ޒައިނާގެ މޫނަށެވެ.

"އަހަރެން ބޭނުންވަނީ ވަރަށް ބޮޑު ހަގެއް. ވަރަށް ބާރަށް ބައްދާލަން" އާކާޝް ބުނެލިއެވެ. ޒައިނާގެ ދެލޯ ބޮޑުވިއެވެ.

"ޕްލީޒް... ވަން ލާސްޓް ހަގް...." އާކާޝްގެ އަޑު ކުރެހިއްޖެއެވެ. ހަށިގަނޑަށް އިތުރު ހަރަކާތެއް ގެންނަން ނޭނގި ހުރި ޒައިނާއަށް ހަމަހޭވެރިކަމެއް ވިއިރު އޭނާއަށް ހުރެވުނީ އާކަޝްގެ ދެއަތުގެ ތެރޭގައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟