ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 31

2

އެއްތިރީސްވަނަބައި

ގޭ ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ޒައިނާ ފައިބައިފިއެވެ. އޭނާގެ ނަފްސަށް ވެރިވެފައިވި ހަމަހިމޭންކަން އާކާޝްއަށް އުނދަގޫކުރިއެވެ. ބަހެއް ނުކިޔާ ޒައިނާ ގެއަށް ވަންނަން ހިނގައިގަތް ވަގުތު މަޑުޖެހުނީ އާކާޝް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ޒައިނާއަށް ސިހުން ލިބި ހުއްޓުނެވެ.

"ސޮރީ" ޒައިނާ ބަލައިލުމާއެކު އާކާޝް ބުނެލިއެވެ.

"އިޓްސް އޯކޭ" ޒައިނާ ބުނެލިއެވެ.

"ލަސްނުވަންޏާ އަދި އިރުކޮޅަކު މަޑުކޮށްލަންވިދާނެތަ؟" އަކާޝް އެދުނެވެ.

"މިތަނުގަތަ؟" ދެފަރާތް ބަލައިލަމުން ޒައިނާ ބުނެލިއެވެ.

"ހިނގާ އެތަނުގައި އިށީނދެލަން" ދެކުދިން ތިބި ފަރާތް ނޫން އަނެއް ފަރާތުގައި ހުރި ކުޑަކުދިންގެ ޕާކްގެ އެއްފަރާތުގައި ޖަހާފައި ހުރި ބެންޗުތަކެއް ދައްކައިލަމުން އާކާޝް ބުނެލިއެވެ. ޒައިނާ އެދިމާލަށް ހިނގައިގަތެވެ.

"ކް...ކިހިނެއްވީ؟" ޒައިނާ އެހިއެވެ.

"ވަޓްސް ރޯންގް. މާލެއިން ފެށިގެން އެހާ ދިގު ދަތުރެއް ކޮށްފައި އައިއިރު ޒައި އަނގައިން ނުބުނޭ. އިނގޭތަ އަހަރެން ވާހަކަދެއްވިވަރު. އެންމެފަހުން ރަކިވެގެން ހުއްޓާލި" އާކާޝް ވާހަކަދެއްކިއެވެ.

"ހިތަށް އުނދަގު އެބަކުރޭ. ސުވާލުތަކެއް އުފެދިއްޖެ. އައްކިއަށް އެސުވާލުތަކުގެ ޖަވާބު ދެވޭނެތަ؟" ޒައިނާ ވާހަކަދެއްކިއެވެ.

"އަހާބަލަ. އަހަރެންނަށް ޖަވާބު އިނގެންޏާ ޖަވާބުދޭނަން" އާކާޝް ބުނެލިއެވެ.

ޝުރޫކް ދެއްކި ވާހަކަތަކަށްފަހު ޝުހޭލް ޝުރޫކަށް ބަލައިލިއެވެ. އަދި ދެކުދިން އެކު ގަސްތަކާ ދިމާލަށް ހިނގައިގަތެވެ.

"އަހަރެން އަރޫދެކެ ލޯބިވޭ. އަރޫ މިއަދު އެހާލަތުގައި އިންދައި އަހަރެން ގޮސް ނުބުނާނަން އަހަރެންނާ އިންނާށޭ. އޭރުން އަރޫއަށް ހީވަނީ އޭނާއަށް އަހަރެން ހަމްދަރުދީވެގެނޭ އެ އުޅެނީ. އަހަރެންނާ އަރޫ އިންނާކަށް ނުޖެހޭ ކޮންމެހެން ޕްރެގް އޭ ކިޔާފައި. އަރޫ އާ މެރީނުކޮށްވެސް އަހަރެން އަރޫއަށް އެހީވެވޭނެ" ހިނގަމުން ދިޔަ ޝުހޭލް ވާހަކަދެއްކިއެވެ.

"އެ ކިހިނެއް؟ އަރޫ ބެދޭނީ ލަދެއްގައެއްނު. އެފަކީރުގެ މުޅި ޒަމާން ދިޔައީ ޔުނިވާސިޓީއަށް އެ ހަބަރު ފެތުރިއްޖިއްޔާ" ޝުރޫކް ބުނެލިއެވެ.

"ނުފެތުރޭނެ. އަހަރެން ދުނިޔޭގައި ހުރިއްޔާ އަރޫ ބަދުނާމުވާކަށް ނުކެރޭނެ. އަރޫ އެންމެ ނަފްރަތުކުރާ އިންސާނާގެ މަގާމުގައި ހުރެގެން އަހަރެން އެލަދުން އަރޫ ސަލާމަތްކޮށްދޭނަން. އެކަމުގެ ސަބަބުން ފަހަރެއްގައި އަރޫ އަހަރެން ދެކެ ފޫހިވާވަރު އިތުރުވެސް ވެދާނެ. އެކަމަށް އަހަރެންގެ އެއްވެސް ފަރުވާލެއްނެތް" ޝުހޭލް ވާހަކަދެއްކިއެވެ. އޭނާގެ ހިތުގައިވީ ޔަގީންކަމެވެ. ޝުރޫކްއަށް ހިނިތުންވެވުނެވެ.

"ޝުރޫ އައިއިރު އަރޫ ކޮބާ؟ މިދުވަސްކޮޅު އެކްސްޓްރާ ކެއާ ދީގެން އޭނާ ވަރަށް ރަނގަޅަށް ބަލަންޖެހޭނެ. އަރޫގެ މައިންޑް އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރާނެ. ފިރިހެނަކަށް ވިޔަސް އަރޫއަށް ކުރާނެ އަސަރު އަހަރެންނަށް އިހުސާސްވޭ" ޝުހޭލް ވާހަކަދެއްކިއެވެ.

"އަހަރެން ނިކުތްއިރު ނިދިފައި އޮތީ. ބްރޭކަށްފަހު ފުރަތަމަ ގަޑި ނިންމާފައި ގެއަށް ދާނީ" ޝުރޫކް ބުނެލިއެވެ.

ހިމޭންވެފައި އިން ޒައިނާގެ އަތުގައި އަނެއްކާވެސް އާކާޝް ހިފައިލިއެވެ. ޒައިނާ އާކާޝްއަށް ބަލައިލިއެވެ.

"ކިހިނެއް ތިވަނީ؟ ކޮންކަމަކާ ތި ވިސްނަނީ؟" އަކާޝް އެހިއެވެ. ކަޅުކުލައިގެ އަނދުނުން ފަވާލެވިފައިވާ ބޮޑު ދެލޮލުން ޒައިނާ އަކާޝްއަށް ބަލަން އިންއިރު އެ ދެލޮލުގެ ތެރެއިން އަކާޝްއަށް އެއްވެސް އެއްޗެއް ދެނެގަނެވޭ ގޮތެއް ނުވިއެވެ.

"އަހަރެން ދުވަހަކުވެސް އެއްވެސް މީހަކަށް ބައްޕާއޭ ކިޔާ ގޮވައިނުލަން. އެކަމަކު މީހަކަށް ބައްޕަ ކިޔަން އަހަރެންނަށް ވަރަށް އެބަ އެދެވޭ" ޒައިނާ ބުނެލިއެވެ. ޒައިނާއަށް އެ އައި ބަދަލާ މެދު އާކާޝްއަށް ވިސްނައިލެވުނީ ދެނެވެ. އާހިލްއާއި ރާހިލް ދެއްކި ވާހަކަތަކުންނާއި ދޮންބޭބެގެ އަޖައިބުކުރުވަނިވި ބެލުންތަކުން ޒައިނާގެ ހިތުގައި ޝައްކުތަކެއް އުފެދިއްޖެކަން އާކާޝްއަށް އެނގުނެވެ.

"އައްކިއަށް ހީވޭތަ އާލްމެންގެ ބައްޕައަކީ އަހަރެންގެ ބައްޕައަށް ވެދާނެއޭ" އާކާޝްގެ އަތުގައި ޒައިނާގެ ފިނިވެފައިވާ އަތްތިލަ ޖައްސައިލަމުން ޒައިނާ ބުނެލިއެވެ. އަކާޝްއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ތެދު ހާމަކުރާނީ އޭނާއެއް ނޫނޭ ހިތް ބުނެލައިފިއެވެ.

"ޒައި އަހާލަންވީނުން" ދޮގެއް ހަދައިގެން ޒައިނާގެ ކުރިމަތީގައި ބޭޒާރުވާން އާކާޝް ބޭނުމެއްނުވިއެވެ.

"ނޭނގެ އަހަރެންނަށް އެހެން ހީވަނީ ކީއްވެގެންކަމެއް. އާލްމެންގެ ވާހަކަތަކާ އެގޭގައި އަހަރެންނަށްޓަކައި ތައްޔާރުކުރާ ކޮޓަރިއާ މިހުނާއްތަ އެއީ އަހަރެންގެވެސް ގެއޭ ބުނި ގޮތާ. މިހުރިހާ ވާހަކަތަކެއްގެ މާނައަކީ ކޮބާ؟ އަހަރެންނަށް ވަރަށް ވިސްނޭ އެބަ" އާކާޝްގެ މޫނަށް މައުސޫމް ގޮތަކަށް ޒައިނާ ބަލައިލިއެވެ. އަކާޝް ހިނިތުންވެލިއެވެ.

"ޒައިއަށް ނޭނގޭ ކަންތައްތަކެއް އުޅެންޏާ ވަރަށް އަވަހަށް އެނގޭނެ" އާކާޝް ބުނެލީ ހަމައެކަނި އެވަރަށެވެ. އެވަރުން ޒައިނާއަށް ނުފުދުނެވެ. އާކާޝްގެ އެ ޖުމްލައިން އޭނާގެ ހިތުގައި އުފެދިފައިވި ސުވާލު ފައްޗަށް ބޮޅެއް އިތުރުވެގެން ދިޔައެވެ.

"އަހަރެން ބޭނުން ހަގީގަތް ބަލަން. ދޮންބެ ބުނި އަހަރެންގެ ބައްޕައަށް ކިޔަނީ ފަޔާޒްއޭ. އާލްމެންގެ ބައްޕައަށް ވެސް ކިޔަނީ ހަމަ އެހެން. މިއީ އިއްތިފާގެއްތަ؟ ޒައިނާ ސުވާލުކުރިއެވެ.

"ޒައި އަހަން އަހަރެންނަށް ފެންނަނީ" އާކާޝް ބުނެލިއެވެ.

"އެންމެ ރަނގަޅު. މިސާލަކަށް އެއީ ޒައިގެ ބައްޕައަށް ވިއްޔާ ޒައި ކިހިނެއް ކަންތައްކުރާނީ؟ ޒައި މައާފުކުރާނަންތަ؟ ނޫނީ ރުޅި އަންނާނީތަ؟" އާކާޝް އެހިއެވެ.

"އަހަރެންގެ ބައްޕަ މަންމައާ މެދު އަދި އަހަރެންނާ މެދުވެސް ކަންތައްކުރީ ރަނގަޅަކަށް ނޫން. އެކަމަކުވެސް އަހަރެންގެ ހިތުގައި ބައްޕައާ މެދު އެއްވެސް ޝަކުވާއެއް ނެތް. އަހަރެން ބޭނުން ބައްޕަ. މަންމަ ދުނިޔޭގައި ހުރި ނަމަވެސް އަހަރެން ބައްޕައާ ދުރުކުރަން މަސައްކަތެއް ނުކުރާނެ" ޒައިނާ ވާހަކަދެއްކިއެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" އާކާޝް އެހިއެވެ. ޒައިނާ ބޯޖަހައިލިއެވެ.

"ޒައި ތީ ކޮންކަހަލަ އަންހެން ކުއްޖެއްތަ؟ ކޮންކަހަލަ ހިތެއް ތި މޭގެ ތެރޭގައި އޮންނަނީ. އަހަރެން ހިތަށްއަރާ ޒައިގެ ހަށިގަނޑުގައި ނަފްރަތާއި ރުޅިވެރިކަމޭ މިކިޔާ އެއްވެސް އިހުސާސެއް ނެތީބާއޭ" އާކާޝް ވާހަކަދެއްކިއެވެ. ޒައިނާ ހީލިއެވެ. އާކަޝްއަށް އިނދެވުނީ ކަޅިޖަހާލަންވެސް ހަނދާންނެތި ޒައިނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

އޭސީއާއި ފަންކާ ނުޖަހާ ހުރިއިރުވެސް ކޮޓަރިތެރެ ހީވަނީ ގަނޑުވެފައި ހުރި ހެންނެވެ. އެހެންކަމުން އަނާރް ލައިގެން ހުރީ މުށިކުލައިގެ ކަރުބެއްދި ބޯ ޓީޝާޓެކެވެ. ތިރިން ފުޅާ ހަރުވާޅެއް ލައިގެން ހުރިއިރު ހުދާއި ނޫކުލައިގެ ބޮޑު ތުވާލި އިސްތަށިގަނޑު އޮޅާލާފައި އޮތެވެ. ފެންވަރައިގެން ނިކުތް ގޮތަށް އަނާރް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާ އަމިއްލަ ސޫރައަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ނެތަސް ދެލޮލުގައި އަދިވެސް ރަތްކަމެއް ވިއެވެ. މޫނުމަތީގައި ކުރިން ހުންނަ އުޖާލާ ކަމެއް ނެތެވެ. ހިމަހިމަ ހަށިގަނޑަށް ބަލައިލފައި ބަނޑުމަތީގައި އަތް ޖައްސައިލިއެވެ. އޭނާގެ ދެލޯ ފެންކަޅި ވިއެވެ. އޭނާގެ އެތެރެހަށީގައި އެހެން ފުރާނައެއް ހެދިބޮޑުވަމުންދާކަން އެނގި މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެއީ އޭނާއަށް ދުނިޔެއަކީ ކޮންކަހަލަ ތަނެއްކަން ދަސްކޮށްދޭން ދުނިޔެއަށް އަންނަ ދަރިއެއްކަން ޔަގީނެވެ. އެހެން ހިތަށް އެރުމާއެކު އޭނާއަށް ބަނޑުގައި ފިރުމައިލެވިއްޖެއެވެ. އެވަގުތުން ފެށިގެން އެ ފުރާނަ ދުށުމަށް އޭނާ ހިތް އެދި ގޮވަން ފަށައިފިއެވެ.

ފޯނު ރިންގުވާން ފެށި އަޑަށް ބަލައިލި އިރު އަރާފައި އިނީ އުމެއިރާގެ ނަމެވެ. އޭނާގެ އަތް ލަސްލަހުން ފޯނާ ދިމާލަށް ދިޔައެވެ. އެ ހަބަރު އޭނާއަށް ލިބުނުފަހުން އުމެއިރާގެ އެންމެ ކޯލަކަށްވެސް އޭނާ ޖަވާބު ނުދެއެވެ. އޭނާއަށް އުނދަގުވަނީއެވެ. މާމައަށް ބޮޑު ލަނޑެއް ދެވިއްޖެ ކަމުގެ އިހުސާސް ކުރެވެނީއެވެ.

"އަނާރް ދަރިފުޅު" އުމެއިރާގެ އަޑު ކަންފަތުގައި ޖެހުމާއެކު އަނާރަށް ދެލޯ މަރާ ބާރުކޮށްލެވިއްޖެއެވެ.

"މާމާ!" އަނާރް އުމެއިރާއަށް ގޮވައިލިއެވެ.

"ހާދަ އެހެން ގޮތަކަށް. ވަރަށް ބުރަކޮށް އުޅެނިކޮށްތަ މިގުޅުނީ. ދަރިފުޅު ފޯނު ނުނަގާތީ މާމަ ހިތް ބިރުގަނެގެން އަތުން އެއްވެސް ކަމެއް ނުކުރެވިގެން މިއުޅެނީ؟ ހުރިހާކަމެއްވެސް ރަނގަޅުތަ؟ ދަރިފުޅުގެ ޠަބީއަތު ރަނގަޅުތަ؟" އުމެއިރާ ސުވާލުކުރިއެވެ.

"ރަނގަޅޭ މާމާ. ނިދިފަ އޮތް ގަޑިއެއްގައި މާމަ ގުޅާފައި އިނީ. އެހެންވެ ފޯނު ނުނެގުނީ" އަނާރް ބުނެލިއެވެ.

"މާމަމެން ރަނގަޅުތަ؟ ކޮބާ ޝެޒް؟" އަނާރް އެހިއެވެ. އޭނާގެ އަޑުން ކަމެއް ގޯސްވެއްޖެކަން މާމައަށް އަންގަން ބޭނުން ނުވިއެވެ.

"ފޮތި ގަންނަން ދާން ތައްޔާރުވަނީ. މާމަ ވެސް މިދަނީ ތައްޔާރުވެލަން. އިހަށް ބާއްވަނީ އިނގޭ ދަރިފުޅާ" އުމެއިރާ ބުނެލިއެވެ.

"މާމަމެން ތަނަކަށް ދާންތަ ފޮތި ގަންނަނީ" އަނާރް އެހިއެވެ.

"އާނ. މާމަ ބުނީމެއްނު އެއްކަލަ އުންމީދާގެ ދަރި ސޮރު މީހަކާ އިންނަ ވާހަކަ. އެބައޮތް ކާޑު ފޮނުވާފައި. ދެން ދަރިފުޅަށް އިނގެއެއްނު ޝެޒާގެ ވައްތަރު. އެކަހަލަ ތަނަކަށް ދާން އޮތިއްޔާ އޭނަ ތައްޔާރުވާނެވަރު" އުމެއިރާގެ ވާހަކަތައް ނުނިމެނީސް އަނާރްގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. އަބާން މަތިން އޭނާ ހަނދާން ނައްތާލައިގެން ހުއްޓަސް އޭނާ ހިތާ ސިކުނޑިއަށް އޭނާއަށް ބާރުފޯރުވޭ ގޮތެއް ނުވިއެވެ. އޭނާގެ ދިރިއުޅުމަށްޓަކައި ބިނާ ކުރަމުން އައި ގަނޑުވަރު ވެއްޔަށް ހަދާލާފައި އަބާން އެދަނީ އޭނާގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި ގަނޑުވަރެއް ބިނާ ކުރަމުންނެވެ. އެއީ އިންސާފެއް ހެއްޔެވެ؟ އަބާނަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އަބާނާ އަހަރެން ދިމާވީ ކީއްވެގެން ހެއްޔެވެ؟ އަނާރްގެ ހިތުގައިވީ ޝަކުވާތަކުން ފުރިފައެވެ. އަބާންގެ ހަޔާތަށް އެހެން އަންހެނަކު ގެންނަން އުޅޭކަން އިނގުނީއްސުރެ އޭނާގެ ހިތް އެދަނީ ކޮންމެ ދުވަހަކު އެތައް ސަތޭކަ މަރަކުން މަރުވަމުންނެވެ. ހިމޭންކަމާއެކު ކަރު އަޅަމުންނެވެ. ފޯނު ހިފައިގެން ހުރި އަނާރަށް ހުރި ދިމާލުން ތިރީގައި އިށީނދެވިއްޖެއެވެ. ހިމޭންކަމާއެކު ރޮމުން ދިޔަސް އިސާހިތަކު އޭނާގެ އަޑު ކޮޓަރި ތެރެއަށް ފެތުރިއްޖެއެވެ.

އާ ދުވަހެކެވެ. ހެނދުނުން ފެށިގެން ވެހެމުންދިޔަ ވާރޭއަށް އަދި ބަދަލެއް ނާދެއެވެ. ސަމީރު ވަދެގެން ގޮސް ހުއްޓުނީ ހެންވޭރުކޮޅުގައި ތިން ބުރިއަށް ހިއްލާފައި ހުރި އިމާރާތެއްގެ ތެރެއަށެވެ. ލައިގެން ހުރި ވާރޭކޯޓުގެ ބޯމަތީގައި އަޅާފައި އިން ބައި ތިރިއަށް ވައްޓާލާފައި އޭނާ އިމާރާތުގެ ދެފަރާތަށް ބަލައިލިއެވެ. އެއްފަރާތު ފާރުގައި އޭނާ އައި ތަނުގެ ނަން ޖަހާލާފައި އޮތުމުން ލިފްޓަށް އެރިއެވެ. ދެ ނަންބަރަށް ފިއްތާލާފައި އޭނާ ހަމަޖެހިލިއެވެ.

ލިފްޓުން ނިކުމުތުމުގެ ކުރިން ޖީބުގައި އޮތް ފޯނު ނެގީ އޭނާ ބައްދަލުކުރަން ބޭނުންވާ މީހާއަށް ގުޅުމަށެވެ. އެ ހިޔާލު އޭނާ ދޫކޮށްލީ އޮފީސް ކުރިމަތީގައި މަޑުކޮށްލައިގެން ހުރި ފަޔާޒް ފެނުމުންނެވެ.

"އައްސަލާމްއަލައިކުމް" ފަޔާޒް އިސްވެ ސަލާން ގޮވިއެވެ. ސަމީރު ސަލާންކޮށްލާފައި ހިނިތުންވެލިއެވެ. ދެމީހުން އެތެރެއަށް ވަދެގެން ގޮސް މަޑުކޮށްލީ ދެފަރާތު ސޯފާ ޖަހާފައިވާ ހޯލެއްގެ ތެރޭގައެވެ. ލައިގެން ހުރި ކޯޓު ބާލަފައި ވަކިން ހުރި ގޮނޑިއެއްގެ މަތީގައި ބާއްވާފައި ފަޔާޒް ދެއްކި ތަނުގައި ސަމީރު އިށީނެވެ. ސަމީރަށް ފިނިވެފައި އިންހެން ހީވެ ފަޔާޒް ތެދުވެގެން ގޮސް އޭސީ އޮފްކޮށްލިއެވެ.

"ވަރަށް ވިއްސާރަ ދުވަހަކާ ދޯ މި ދިމާވީ" ސޯފާގައި އިށީންނަމުން ފަޔާޒް ބުނެލިއެވެ.

"އާނ. މުހިންމު ކަމެއް ޖެހުނީމަ ވިއްސާރައަކަށް ނުބެލޭނެ ދޯ. ފަޔާޒްމެން ކަހަލަ އިއްޒަތްތެރިން އަތުޖެއްސުމަކީ އެހާ ފަސޭހަކަމެއް ނޫން" ސަމީރު ވާހަކަދެއްކިއެވެ. ފަޔާޒް ސަމީރަށް ބަލައިލާފައިވެސް އެއްޗެއް ނުބުނެއެވެ. އެ އާއިލާ ކޮންމެ މީހެއްގެ ކުރިމަތީގައި އޭނާއަކީ ކުށްވެރިއެކެވެ.

"ކިހާ ވަރެއްގެ ކަމެއްބާ" ފަޔާޒް އެހިއެވެ.

"ފަޔާޒްގެ ދަރިފުޅު މީހަކާ އިންނަން އުޅެނީ. އެމަންޖެގެ ވަލީވެރިޔަކީ ތީކަމަށްވާތީ" ސަމީރު ބުނެލިއެވެ.

"އަހަރެންނަށް އެނގޭ. އަހަރެންގެ ދަރިފުޅަށް ވަލީދޭނަން ހިތުން ރުހުމުން" ސޯފާގައި ބުރަކަށި ލައްކޮށްލަމުން ފަޔާޒް ބުނެލިއެވެ.

"ކިހިނެއް އެނގުނީ؟ އަބާން ފަޔާޒާ ބައްދަލުކުރީތަ؟" ސަމީރު ހައިރާންވިއެވެ.

"ހެހެހެ... ނޫނޭ. އަބާނެއް ނޫން. އެކަމަކު ޒައި އަހަރެންނާ ބައްދަލުވެއްޖެ. އަހަރެންގެ ގެއަށްވެސް އަތުވެއްޖެ. އެމަންޖެގެ އެއްބަފާ ކޮއްކޮމެންނާ އޮތް ގުޅުންވެސް ވަރަށް ރަނގަޅު. އެކަމަކު ޒައިއަށް އަހަރެން މިއީ ބައްޕަކަން އަދި އިނގޭހެނެއް ހިއެއް ނުވޭ" ފަޔާޒް އޮޅުންފިލުވައިދިނެވެ.

"ޒައިގެ ހިތް ފަޔާޒަށް ހެޔޮވާނެކަމަށް އަހަރެން އުންމީދުކުރަން. މިވަގުތު ގޮސްލަނީ. އަބާން ކައިރީގައި އަހަރެން ބުނާނަން ހުރިހާ ކަމެއް ކުރިއަށް ގެންދާށޭ" ފަޔާޒާ ސަލާންކޮށްލުމަށްފަހު ސަމީރު ހިނގައިގަތެވެ.

ވޯޑުގައި އޮތް ސަބީހާއަށް އޮތީ ނިދިފައެވެ. އެތަނަށް ވަންގޮތަށް ޝުހޭލް ހުރީ ދާން ނުކެރިފައެވެ. ސަބީހާ ފެންނަ ހިސާބުގައި ހުންނަންވެސް ބޭނުން ނުވެފައެވެ. އޭނާ ޔުނިވާސިޓީ ނިންމާފައި ހޮސްޕިޓަލަށް ވަދެލީ އެތަނުގައި ރުޝްދާ އިން ކަމަށެވެ. އެހެންނަމަވެސް ރުޝްދާ ފެންނަން ނެތުމުން ސަބީހާ ނުދަންނަ ބައެއްގެ ތެރެއަށް ދޫކޮށްލާފައި ދާން ނުކެރުނެވެ.

"ދޮންތަ ކޮންތާކު؟" ރުޝްދާއަށް ފޯނު ނެގުނީ ޝުހޭލް ގުޅާތާ އެތައް އިރެއް ފަހުންނެވެ.

"ހޮސްޕިޓަލްގައި" ރުޝްދާ ބުނެލިއެވެ.

"ނެތް މިތަނުގައި" ޝުހޭލް ބުނެލިއެވެ.

"ކޮއްކޮ ހޮސްޕިޓަލުގަތަ؟" ރުޝްދާ އެހިއެވެ.

"ހިތަށް އެރީ ދޮންތަ ކައިރިއަށް ވަދެލާފައޭ ދާނީ. ކޮންތާކު ތިއުޅެނީ؟" ޝުހޭލް ބުނެލިއެވެ.

"ބޭހެއް ނަގަން އައިސް. ތިތަނުގައި މަޑުކޮށްލައްޗޭ. މިއަންނަނީ. ކިޔު ބޮޑުކަމުން ލަސްވީ. މިހާރު މި ނިމުނީ" ރުޝްދާ ބުނެލިއެވެ.

އެތެރެއަށް ނުވަދެ ބޭރުގައި މަޑުކޮށްލައިގެން ހުރި ޝުހޭލް އިރުކޮޅަކާ ސަބީހާ އޮތް އެނދާ ދިމާލަށް ބަލައިލައެވެ. އަދިވެސް ސަބީހާއަށް އޮތީ ނިދިފައެވެ. އަތަށް ގުޅާފައިވާ އައިވީ ހުސްވާން ކައިރިވއްޖެއެވެ. ސަބީހާގެ މޫނަށް ޝުހޭލްއަށް ބަލައިލެވުނީ ނޭނގިއެވެ. އޭނާއަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ. ހީވަނީ އެތައް ޒަމާނެއް ވަންދެން ބަލި ތަންމަތީގައި އޮތް މީހެއް ހެންނެވެ. އެ މޫނު މަތީގައި އެއްވެސް ދިރުމެއް ނެތެވެ. ސަބީހާގެ މޫނުން ޝުހޭލްގެ ނަޒަރު ވަކިވީ ސަބީހާ އޮތް އެނދާ ޑަކްޓަރެއް ކައިރިވެމުންނެވެ.

"ދޮންތާ! ބީ ކެއާފުލް..." ކުރިމައްޗަށް ނަޒަރު ސީދާކޮށްލިއިރު މީހުންތަކުގެ ތެރެއިން ކޮތަޅަކާއެކު ހިނގާފައި އައި ރުޝްދާ ފެނިއްޖެއެވެ. އަށްމަހުގެ ބަނޑާއެކުވެސް ރުޝްދާ އަރާފައި ހުރީ އެހާ އުސް ފައިވާނަކަށެވެ. ޝުހޭލްއަށް އެހެން ބުނެވުނީ ރުޝްދާ އަރިއަޅާލި ވަގުތުގައެވެ.

"ހިނގާބަލަ. އެބައޮތޭ މުހިންމު ވާހަކައެއް ދައްކަންވެފަ" ޝުހޭލްގެ އަތުގައި ހިފައިލަމުން ރުޝްދާ ބުނެލިއެވެ.

"މިއަންނަނީ ބޭސް ހަވާލުކޮށްލާފަ. މަންމައަށް ނިދިފަ ދޯ އޮތީ" ރުޝްދާ އެތެރެއަށް ވަދެފައި އެހާ އަވަހަށް އައިސް ޝުހޭލް ކުރިމަތީގައި ހުއްޓިއްޖެއެވެ. ދެމީހުން ވާހަކަދައްކަން މަޑުކޮށްލީ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހުރި ވައިލެޓް ކުލައިގެ ފަތްތަކެއް އަޅާފައި ހުރި ގަހެއްގެ ކައިރީގައެވެ. މުޅި އެސަރަހައްދު ވަނީ އެކުލައިގެ ފަތްތަކުން ބޯވެފައެވެ. ބަލާ ބެލުމަށް ހީވަނީ ވައިލެޓް ކުލައިގެ ކާޕެޓެއް އަޅާފައި އޮތް ހެންނެވެ. އުޑު ފެންނަ ހިސާބަށް ނިކުމެވުމާއެކު ދެމީހުންގެ މުޅި ހަށިގަނޑުގައި ތުރުތުރު އަޅައިގަތެވެ.

މަންމަގެ ޓެސްޓުތައް ބަލާފައި ޑޮކްޓަރު ބުނި ވަރަށް ސަކަރާތޭ. މަންމަ ވަރަށް ބައްޔޭ" ރުޝްދާ ބުނެލިއެވެ. ޝުހޭލްގެ މޫނުމަތިން ތަފާތު އަސަރެއް ނުފެނެއެވެ.

"އަވަހަށްވެސް މަންމަ ޑިސްޗާޖު ކުރެވެން ނެތް. މަންމަ ޑަޔިލިސިސް ހަދަން ބުނެފި" އަސަރާއެކު ރުޝްދާ ބުނެލިއެވެ.

"އެމީހަކު ދުނިޔޭގައި އުޅުނު ގޮތެއް އެމީހަކަށް ދައްކަވާނެ" ޝުހޭލް ބުނެލިއެވެ. ރުޝްދާ އިންތިހާއަށް ދެރަވެއްޖެއެވެ. އެހާލަތުގައި ޝުހޭލްގެ ދުލުން އެހެން ބުނުމުން ރުޝްދާއަށް ރޮވިއްޖެއެވެ.

"ދޮންތަ ތި ރޮނީ ކީއްވެ؟ ދޮންތައަށްޓަކައި އަހަރެން ހުރިހާ ހަރަދެއް ކޮށްދޭނަން. ދޮންތަ ބުނި ކޮންމެ ކަމެއް ކުރާނަން" ރުޝްދާގެ ދެލޯ ކައިރި ފޮހެދެމުން ޝުހޭލް ބުނެލިއެވެ.

ޝުރޫކާއެކު ހިނގާފައި އައި އަނާރް ހުރީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. އަނާރްގެ ކަނާތް ފަރާތުގައި ޝުހޭލްވެސް ހުއްޓެވެ. ދެތިން ފަހަރަކު ޝުހޭލް އަނާރަށް ބަލައިލިއެވެ. އެހެންވިޔަސް އަނާރްގެ އެއްވެސް ސަމާލުކަމެއް ޝުހޭލްއަށް ނުލިބުނެވެ.

"ހޮޑުލަވާތަ؟" ޝުރޫކް އެހިއެވެ. އަނާރް ދެފަރާތަށް ބޯހޫރާލިއެވެ.

"ނިދާ ހޭލާ ގަޑީގައި ލަވަނީ. ދެން ބްރަޝްކުރާ ގަޑީގައި" އަނާރް ބުނެލިއެވެ.

"ކޮންގްރެޖުލޭޝަންސް އެންޑް ސެލެބްރޭޝަންސް...." ކްލާސް ތެރެއަށް ވަނުމާއެކު އަނާރް ހުއްޓުން އެރީ ކްލާސް ރޫމް ޒީނަތްތެރިކޮށްފައިވާވަރު ފެނިފައެވެ. ޔޫވީކާ ކުރީގައި ހުރެ އެންމެން އަތްޖަހަމުން ދިޔައެވެ. ކްލާސް ރޫމު މެދުގައި ހުރި މޭޒެއް މަތީގައި ބޮޑު ކޭކެއް ހުއްޓެވެ. އަނާރްގެ އެ ކަންތައްގަނޑު ފަޅާއެރީކަމަށް ހީކޮށް އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ޝުހޭލް އާ ޝުރޫކްގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ.

"އަރޫ. ޔޫ... ދެކުދިން މެރީކޮށް އެހާބޮޑު ކަމެއް ނިންމާލިއިރު ނުވެސް ބުނަމެއްނު. އެހެންވެގެން ދޯ ދެކުދިން އެއްކޮށް ގައުމަށް ނައްޓާލީ" ޔޫވީކާ އައިސް އަނާރްގެ ގައިގާ ބައްދާލިއެވެ. އަނާރް ހުރީ ވާނުވާ ނޭނގިފައެވެ.

"ރާއްޖެ ގޮސް ނިންމާލައިގެން ދޯ އައީ. އެކަމު ދެން ސިއްރުކުރާނެ ކަމެއް ނެތް. އަހަރެމެން އެންމެންނަށް އެނގިއްޖެ ޕްރެގްކަން. ކޮންގްރާ ބޯތު. ގޯޑް ބްލެސް ޔޫ ލަވް..." ޔޫވިކާ އަނާރްގެ ނިތުގައި ބޮސްދިނެވެ. އަނާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ ގަދަކަމުންނެވެ. ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލެވުމާއެކު އޭނާގެ ނަފްސަށް އަރާމުވެއްޖެއެވެ.

"ކް...ކިހިނެއް އެނގުނީ؟" އަނާރް އެހިއެވެ.

"ރިސެޕްޝަނުގައި އިން ޓްރިޝާ ބުނީ. ރިޕޯޓް ނެގި ތަނުގައި ޝުހޭލްގެ ނަން އިނދެފައި އަދި ހަޒްބެންޑް ކަމަށް އިނީމަ އިނގޭނެއްނު. ޓްރީޓް އިންނާނެ ދޯ" ޔޫވީކާ ބުނެލިއެވެ. އަނާރް ބޯޖަހައިލިއެވެ. ކްލާސް ރޫމް ތެރޭގައި އެންމެން ކޭކް ފަޅާ އުފާފާޅުކުރަމުން ދިޔަ ވަގުތު އަނާރް ލަސްލަހުން ޝުހޭލްއަށް ބަލައިލިއެވެ. އެވަގުތު އެއީ ޝުހޭލްވެސް އަނާރަށް ބަލަން ހުރި ވަގުތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟