"އައެމް ޕްރެގް... އައެމް ޕްރެގް...." ކުރިމަތީގައި ހުރި ކޮފީ ތައްޓަށް ބަލަހައްޓައިގެން އިން އަބާނަށް އަދިވެސް ހީވަނީ އަނާރްގެ އެ ޖުމްލަ އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުރި ހެންނެވެ.
އިރުކޮޅަކުން ހިތްހަމަނުޖެހިފައި ކޮފީތަށި ދުރަށް ކޮށްޕާލައިފިއެވެ. މޫނުމަތީގައި ހުރި އުދާސްތައް ދެއަތުން ފޮހެލުމަށްފަހު އަނެއްކާ ވެސް ކޮފީ ތައްޓަށް ނަޒަރު ސީދާކޮށްލައިފިއެވެ.
"ކޮންކަމަކު އެހާ އާޖެންޓްްކޮށް އަންނަން ބުނީ" ކައިރީ ހުރި ގޮނޑީގައި އިށިންނަމުން ސައިފް ބުނެލިއެވެ.
"އަނާރްގެ ކަންތަކާ ހުރެ އަހަރެން ބޯގޮވައިފި. އޭނަ އަހަރެން މީހަކާ އިނދެގެން އުޅުނަވެސް ނުދޭނެ" އަބާންގެ ހިތުގައިވި ހުރިހާ ރުޅިވެރިކަމެއްގެ ޝިކާރައަކަށް ހެދީ ކުށެތް ނެތް އަނާރެވެ.
"އަނާރް ކޮން އުނދަގުލެއް ކުރީ؟ މަށަކަށް ހިއެއް ނުވޭ ތި ކައިވެނި ކަލެއަށް ކުރެވޭނެ ހެނެއް" ސައިފް ބުނެލިއެވެ.
"ތިއީ ކޮންވާހަކައެއް. އަހަރެން މި ކައިވެނިކުރާނަން. އަނާރްގެ ނޯށަށް ކަރުނަ އަރާވަރު ކޮށްލާނަން" އަބާން ބުނެލިއެވެ.
"ލެޓްސް ސީ ކާކުގެ ނޯށުން ތޯ ކަރުނަ އަންނަނީ" ސައިފް ބުނެލިއެވެ.
"އަނާރް ރޭގަ މަށަށް ގުޅައިފި. ތިމަންނަ ބަނޑުބޮޑޭ ބުނީ" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަބާން ބުނެލިއެވެ.
"ވަޓް...؟" ދިރުވާލަން އުޅުނު ފެންފޮދާއެކު ސައިފް ކޮށިއަރައިގަތެވެ.
"އެހާވަރު ކޮށްލިންތަ އަނާރަށް" ސައިފް ބުނެލިއެވެ.
"އަހަރެން އޭނަ އާ ކްލޯޒްވިން. އެކަމަކު އެތަނުގަ އޭނާ އުޅޭނެ ގޮތަކަށް އުޅެފަ ބަނޑުބޮޑޭ ބުނާއިރަށް އަހަރެން ވީ ޤަބޫލުކުރަންތަ؟ އަހަރެން މިއީ މޮޔައެއް ކަމަށްތަ އޭނާ ހީކުރީ؟" އަބާން ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވީ ރުޅިވެރިކަމެވެ.
"ކީއްވެ އެއްޗެއް ނުބުނެ ތީނީ؟ ތި ވިސްނަނީ އެއީ އަހަރެންގެ ދަރިއެއް ކަމަށްތަ؟ ސައިފް ފާޑަކަށް އިނުމުން އަބާން ބުނެލިއެވެ.
"އަހަރެން ކީކޭ ބުނަންވީ؟ އެއީ އަބާންގެ ދަރިއަކަށް ވެއްޖެއްޔާ ހަލާކު އެވީ އަނާރްގެ މުޅި ލައިފް. ތިކައިވެނި ނުކޮށް އަބީ ނުރުހިއްޖިއްޔާ ޒައިގެ ލައިފް ވެސް ހަލާކުކޮށްލެވުނީ" ސައިފް ވާހަކަދެއްކިއެވެ.
"ކީއްވެ ތިބުނަނީ އަހަރެންގެ ދަރިއެކޭ. އަހަރެންނަށް ޔަޤީންވޭ އެއީ މަގޭ ދަރިއެއް ނޫންކަން. އަނާރް އަހަރެންގެ ދަރިއެކޭ އެބުނަނީ އަހަރެންގެ ދިރިއުޅުނަ ނުދޭން ވެގެން. ސައިފް ވެސް ދުށީމެއްނު އެ ވީޑިޔޯ" އަބާން އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ.
"ދެން ނޭނގެ. ކޮންއިރަކުން ރަންކިޔުން އޮތީ؟" އެ މައުޟޫއަށް ވާހަކަދައްކަން ސައިފް ބޭނުމެއް ނުވި އެވެ. އަބާންގެ އެ ކަންތައްގަނޑުގެ ތެރެއަށް ފީނި ވަރަކަށް އޭނާއަށް ފެންނަނީ އަބާންގެ ކޮށި ވިސްނުމުގެ ސަބަބުން ހަލާކުވަމުންދާ ދެ އަންހެން ކުދިންގެ ދިރިއުޅުމެވެ. އޭނާގެ ނަޒަރުގައި ކުށްވެރިވަނީ އަބާނެވެ. އެހެން އޭނާ ކިތަންމެ ބުނަން ބޭނުން ވިޔަސް އަބާން ގޮތް ދޫނުކުރާނެކަން އިނގެއެވެ. އަބާންގެ ނަޒަރުގައި އޭނާއަކީ ސާފު ހުދު ފޮތިކޮޅެކެވެ.
ޒައިނާގެ އަތުގައި ހިފައިގެން ޔުސްރާ ވަނީ ކޮޓަރި އަށެވެ. ދޮރުމަތީގައި މަޑުކޮށްގެން ހުރި އަކާޝްގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. އެވަގުތު ކޮޅު ތެރޭގައި އޭނާއަށް އެތައް ހިޔާލީފޮލާއެއް ކައްކައިފި އެވެ. ޒައިނާ އޭނާގެ އަންބަކަށް ވުމަށް ހިތާ ހިތުން ދުއާ ކޮށްލި އެވެ.
އެހެން ނަމަވެސް އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. ޒައިނާ އެދަނީ މީހެއްގެ އަންބަކަށް ވުމަށް ތައްޔާރުވަމުންނެވެ. ހީލާފައި ގޮސް އޭނާ މަޑުކޮށްލީ ސޯފާގައެވެ. ޒައިނާ ގޮވައިގެން ޔުސްރާ ކޮޓަރިން ނުކުންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.
ކޮޓަރިއަށް ވަންގޮތަށް ޒައިނާ އެކި ދިމާލަށް ނަޒަރު ހިންގައިލި އެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކްއީން ސައިޒްގެ ބޮޑު އެނދެއް ހުރިއިރު މުޅި ކޮޓަރި ތެރެއިން ފެންނަނީ ކަޅާ ހުދެވެ. އެކޮޓަރި ޒައިނާއަށް ވަރަށް ކަމުދިޔަ އެވެ.
"ކިހިނެއްތަ އައްކިގެ މަންމަ؟" ޔުސްރާ ދެއްކި ތަނުގައި އިށީންނަމުން ޒައިނާ އެހިއެވެ.
"އަލްޙަމްދުލިއްލާހް. ޒައި ކިހިނެއްތަ؟" ހިނިތުންވެލަމުން ޔުސްރާ ބުނެލި އެވެ.
"ވަރަށް ރަނގަޅު" ޒައިނާ ޖަވާބުދިނެވެ.
"ވަރަށް ބޮޑަށް މަރުހަބާ. އައްކި ބުނި ކައިވެނިކުރަން އުޅޭ ވާހަކަ" ޔުސްރާ ބުނެލިއެވެ.
"ލައްބަ. އެހެން ކިޔައިގެން މިއުޅެނީ. އެކަމަކު ކޮންވާހަކައެއް ބުނަން ވެގެންތަ އައްކިގެ މަންމަ ބައްދަލުކޮށްލަން ބޭނުންވީ" ޒައިނާ އެހިއެވެ.
"ނޭނގެ. ވާހަކަދައްކާލަން. މަންމަ ވާހަކައެއް އަހާލަންތަ؟ އެއްޗެކޭ ހީނުކުރަންޏާ" ޔުސްރާ ވާހަކަދެއްކިއެވެ.
"އައްކިގެ މަންމަ އަހާކަށް ވެސް ނުޖެހޭނެ. އަވަހަށް އަހާ" ޒައިނާ ބުނެލިއެވެ.
"ވަރަށް އުފަލުންތަ ތީނީ އެސޮރާ ކައިވެނި ކުރެވޭތީ" ޔުސްރާ އެހިއެވެ.
"ލައްބަ. އުފާވޭ. އަބަދުވެސް ދެކެން ބޭނުންވި ދުވަހެއް. އަބީގެ ފެމެލީ އަކީ ވެސް އަޅގަނޑަށް ވަރަށް ރަނގަޅު ބައެއް. އެމީހުން އަޅުގަނޑުދެކެ ވަރަށް ލޯބިވޭ" ޒައިނާ ވާހަކަދެއްކިއެވެ.
"ތިކަހަލަ ކުއްޖަކު ދެކެ ލޯބިނުވާނެ މީހަކު ނުހުންނާނެ" ޒައިނާގެ ދަތްދޮޅީކޮޅުގައި ހިފައި ކުޑަކޮށް އުފުލައިލަމުން ޔުސްރާ ބުނެލިއެވެ.
"އެކަމަކު... ނޭނގެ ކީއްވެގެން ކަމެއް. ހިތަށް އަރަނީ އަޅުގަނޑުގެ މި ނިންމުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ހިތުގަ އެބަޖެއްސެޔޭ. އެހެންވެ އަސްލު އެހާ އުފަލެއްނުވޭ" ޒައިނާ ބުނެލިއެވެ.
"އެއީ؟ ކޮންބައެއްގެ ވަހަކަ ތިބުނަނީ؟ މީހަކު އެކަހަލަ އެއްޗެއް ބުނީތަ؟" ޒައިނާގެ އެ ވާހަކަތަކާ ޔުސްރާ ގަޔާވިއެވެ. ޒައިނާގެ ފަރާތުން އޭނާ ޔަގީންކުރަން ބޭނުންވާ ހިސާބަށް ދެވެން ކައިރިވެއްޖެއެވެ.
"އެހެން މިބުނީ އައްކި...." އެހިސާބަށް ބުނެފައި ޒައިނާ ޔުސްރާގެ މޫނަށް ބަލައިލިއެވެ. އޭނާއަށް ޖުމްލަ ފުރިހަމަކުރަން ނުކެރުނެވެ.
"މަންމައަށް ވިސްނިއްޖެ. އެކަމަކު އައްކިއަކީ ވަރަށް ވިސްނޭ ކުއްޖެއް. އެއްވެސް މީހަކާމެދު ގަދަބާރު ކަމެއް ނުދައްކާނެ. އައްކިއަށް އިނގޭނެ ކަންކަމުގަ ކެތްތެރިވާން" ޔުސްރާ ވާހަކަދެއްކިއެވެ. ޒައިނާ އިސްޖަހައިލިއެވެ. އޭނާ ބުނުމަކާ ނުލާ އެ މަންމައަށް ހުރިހާ ކަމެއް އިނގިއްޖެއެވެ.
"މަންމަ ދެކެނީ ތިއީ މި މަންމަގެ ދަރިއެއްގެ ގޮތުގަ. މަންމަ އަބަދުވެސް އެދެނީ ޒައިއަށް އުފާވެރި މުސްތަގުބަލަކަށް. ކައިވެންޏަށްފަހު ވެސް މަންމަ ކައިރިއަށް އައިސް ހެދިއްޔާ ވަރަށް އުފާވާނެ" ޒައިނާގެ މޫނުގައި ފިރުމައިލަމުން ޔުސްރާ ވާހަކަދެއްކިއެވެ.
ކޮޓަރި ތެރެއިން އިވެމުންދަނީ އަނާރްގެ ގިސްލުމުގެ އަޑެވެ. ފާރުގައި އެއްފައި ވިއްދައިގެން ހުރި ޝުހޭލް ހުރީ އެއަޑު އިވި އިންތިހާއަށް ދެރަވެފައެވެ. އިރުކޮޅަކާ ފާރުގައި ބޮލުގެ ފުށްކިބަ ވިއްދާލާފައި މައްޗަށް ނަޒަރު ހުއްޓާލާނެއެވެ. އަނާރްގެ މަގަތުން އިން ޝުރޫކް އިނީ އެކުވެރިޔާގެ ލޮލުން ފައިބަމުން އަންނަ ކަރުނަތައް ފެނި ހަދާނެ ގޮތް ހުސްވެފައެވެ. އަނާރް ހުއްޓުވަން ދައްކަންވީ ވާހަކައެއް އޭނައަށް ނޭނގުނެވެ. އަބާނާ ގުޅުވައިގެން ބޭކާރު އުންމީދުތަކެއް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
"ހެޔޮނުވާނެ އަރޫ. ދެން ހުއްޓާލާ. އެއްވެސް އިންސާނަކަށް އެކަލާނގެ ދެރަގޮތެއް މިންވަރު ނުކުރައްވާނެ. އަރޫ ތިކަމުން ތައުބާ ވެސް ވީމެއްނު. ދުނިޔެ މަތިން އިންސާނާއަށް ކުރިމަތި ކުރުވާ ކޮންމެ ކަމަކީ އިމްތިހާނެއް. އެކަންކަމަށް ކެތްތެރިވި އަޅަކަށް އުފާވެރިކަން އޮތީ" ޝުރޫކް ވާހަކަދެއްކިއެވެ. އޭނާ އެނދު ރަޖާގަނޑު އަތަށް ބޮނޑިކޮށްގެން އޮވެ ރޮމުން ދިޔަ އަނާރަށް ވިސްނައިދެމުން ދިޔައެވެ.
އެހެން އޮތްއިރު އޭނާގެ ކަންފަތަށް އަބާން ދެއްކި ލޯބީގެ ފޮނިފޮނި ބަސްތައް އިވެމުން ދިޔައެވެ. އެބަސްތަކުގެ ޖާދުލުގައި ޖެހި އޭނާ ހައްޔަރުވެގެން ދިޔަގޮތް ހިތަށް ސިފަވަމުން ދިޔައެވެ. އަބާން އޭނާ އާ ގައިގޯޅިވި ގޮތާ އެ ހުރިހާ ކަމަކަށް އޭނާ އަބާނަށް ހިތްވަރުދެމުން ދިޔަ ގޮތް ހަނދާންވުމާއެކު ރުއިން ގަދަވެގެން ދިޔައެވެ. އެންމެ ނުބައި ވަގުތުގައި އަބާން މީހަކާ އިންނަން އުޅޭ ހަބަރު ވެސް އޭނާއަށް ލިބިއްޖެއެވެ. ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟
"އަހަރެން ދެން ކިހިނެއް ހަދާނީ؟ އަރޫ އެވަރަށް ހުއްޓާނުލާ ރޮންޏާ އަހަރެން މޮޔަވެދާނެ. އަހަރެންގެ ހިތް ފަޅައިގެންދާވަރު އެބަވޭ" ކަރުނަތަކުން ބަރާވެފައިވާ ދެލޮލުން ޝުރޫކް ބަލައިލީ ދުރުގައި ހުރި ޝުރޫކަށެވެ. ހުދު ޝުހޭލް ވެސް ހުރީ އެހާލަތުގައެވެ. އަނާރް ހުއްޓުވަން ދައްކާނެ ވާހަކައެއް އޭނާއަށް ވެސް ނޭނގުނެވެ. ޝުހޭލް އިޝާރާތުން ބޭރަށް ނުކުންނަން ޝުރޫކް ކައިރީގައި ބުނެލިއެވެ. ޝުރޫކް ނުކުތުމުގެ ކުރިން އަނާރްގެ އިސްތަށިގަނޑުގައި ފިރުމާލާފައި އަތުގައި ބޮސްދިނެވެ.
"އަހަރެންނަށް ފެންނަނީ އަރޫއަށް ވަގުތު ދޭން. އޭނަ ހިތްފުރޭ ވަރަށް ރޯލެވުނީމަ ހަޔަކަށް އެޅިދާނެ" ޝުހޭލް ކައިރީގައި އައިސް ހުއްޓުނު ޝުރޫކަށް ޝުހޭލް ބުނެލިއެވެ.
"އެކަމަކު އަހަރެން ވަރަށް ދެރަ އެބަވޭ. ދެން ކީއްކުރާނީ ދޯ. ޝުހޭލް ބުނިހެން އިރުކޮޅަކަށް އޭނަ އެކަނި ދޫކޮށްލަންވީ ކަންނޭނގެ" ޝުރޫކް ބުނެލިއެވެ. ޝުހޭލް ބޯޖަހައިލިއެވެ.
"އަހަރެން މިދަނީ ހޮސްޕިޓަލަށް ދޮންތަ ބަލާ. ކަމެއް ގޯސްވަންޏާ ގުޅާތި އިނގޭ" ޝުހޭލް ބުނެލިއެވެ. ޝުރޫކް ބޯޖަހާލާފައި ގޮސް އަނާރްގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. އަދިވެސް އެނދުގައި އޮތް އަނާރްގެ ރުއިމަކަށް ބަދަލު ނާދެއެވެ. ކޮޓަރި ތެރެއިން އެއް އަޑަކަށް އިވެމުންދަނީ އަނާރްގެ ރުއިމުގެ އަޑެވެ. އެ އަޑުގައި އެތައް ވޭނަކާ ރިހުމެއް އެކުލެވިގެންވި ހިތްހަލާކުވާ ފަދަ ރުއިމެކެވެ. އެތެރެއަށް ނުވަދެ ޝުރޫކް ގޮސް އިށީނީ ސޯފާގައެވެ. ކުއްލިއަކަށް ލިބުނު ހަބަރާއެކު އޭނާގެ މުޅި ދުވަސް ޚަރާބު ވެއްޖެއެވެ.
ގޭތެރޭގައި ހުރި އެންމެ ބޮޑު ކޮޓަރީގައި ދިރިއުޅެނީ ފަޔާޒާ މިހުނާއެވެ. އެހެން ނަމަވެސް އެ ދެމަފިރިން ޖެހިގެން ހުރި ކޮޓަރިއަށް ހުރިހާ ސާމާނެއް ބަދަލުކުރިތާ މިއީ ތިންވަނަ ދުވަހެވެ. އެކޮޓަރި އަލުން މަރާމާތުކޮށް ފާހާނާ ވެސް އެންމެ ޒަމާނީ ފެންވަރަށް ބަދަލުކުރަމުން ދިޔައެވެ. ފަޔާޒް ބޭނުންވަނީ އަންހެން ކުއްޖަކާ ގުޅޭނެ ހުރިހާ ކުލަތަކުން އެކޮޓަރި ޖަރީކުރާށެވެ.
"ހާދަ ވަރަކަށް އެކޮޓަރިއަށް ތިބަލަނީ" ކޮޓަރި ތެރޭގައި މަސައްކަތް ކުރަމުން ދިޔަ މީހުންނަށް ބަލަހައްޓައިގެން ހުރި ފަޔާޒް ކައިރީގައި މިހުނާ ގޮސް ހުއްޓުނެވެ.
"ހަމަ މަޑުކޮށްލައިގެން ހުރީ މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލަން" ހީލަމުން ފަޔާޒް ބުނެލިއެވެ. އަދި އަނބިމީހާ ދިއްކޮށްލި ކޮފީތަށީގައި ހިފަމުން ހުސްކޮށް އޮތް އަތުން އަނބިމީހާގެ ކޮނޑުގައި އަޅުވާލާފައި ކައިރިކޮށްލިއެވެ. ދެމަފިރިން ހިނގާފައި ގޮސް މަޑުކޮށްލީ މައިދޮރާއި ދޮރާއްޓާ ދެމެދުގައި ހުދު އަކިރިން ފަރުމާކޮށްފައި ހުރި ހިސާބުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައެވެ.
"އަހަރެންންގެ ހިތް ބުނޭ ކޮންމެސް ދުވަހަކުން އަހަރެންގެ ހިމާޔަތުގެ ދަށަށް އެމަންޖެ އަންނާނޭ. ނަޔަސް ވެސް އެމަންޖެއަށް ހާއްސަކޮށް އެކޮޓަރި އަބަދު ވެސް ހުންނާނެ. އެކޮޓަރިއަށް އެއްވެސް މީހަކަށް ނުވަދެވޭނެ. މިހޫ ވެސް ސާފުކޮށްލަން ވަދެލާނީ" ފަޔާޒް ވާހަކަދެއްކިއެވެ. މިހުނާ ހީލިއެވެ. މާޒީގައި ކުރެވިފައިވާ ކުށެއް ރަނގަޅު ކުރަން ފިރިމީހާ ކުރަމުން އަންނަ މަސައްކަތް ފެނި މިހުނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ފަޔާ ތިކުރާ ކޮންމެ ކަމަކަށް އަހަރެންގެ އެއްބާރުލުން ލިބޭނެ" ފިރިމީހާގެ އަތްތިލައަށް ފިތާލަމުން މިހުނާ ބުނެލިއެވެ.
"ކޮފީއަކުން އަހަރެންގެ ބަނޑެއް ނުފުރޭ. ހިނގާ ކާން. ވަރަށް ހައިވެއްޖެ. އާހިލްއާ ރާހިލް ކޮޓަރީގަ އެބައުޅޭތަ؟" ފަޔާޒް އެހިއެވެ. މިހުނާ ބޯޖަހާލާފައި ތެދުވަން އުޅެނިކޮށް ދޮރާށި ހުޅުވުނު ތަން ފެނިއްޖެއެވެ. އިރުކޮޅަކުން ފެނުނީ ދޮރުމައްޗަށް އެރި އާކާޝްއެވެ. ފަޔާޒްގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އެހެން ނަމަވެސް އާކާޝްގެ ފަހަތުން ދޮރަށް އެރި ޒައިނާ ފެނި އެހިނިތުންވުން ފަނޑުވެއްޖެއެވެ. ފުޅާ ހިނިތުންވުމަކާއެކު މިހުނާ ގޮސް ޒައިނާއާ އަރައި ހަމަކޮށްފިއެވެ.
"އަވަހަށް އާދޭ އެތެރެއަށް. ހިއެއްވެސް ނުކުރަން މިގެއަށް އަންނާނެ ކަމަކަށް. އަވަހަށް އާދޭ. މިއީ ޒައިގެ އަމިއްލަ ގެއެއް" ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން މިހުނާއަށް އުޅެވުނު ގޮތެއް ވެސް ނޭނގެއެވެ. ޒައިނާގެ އަތުގައި ހިފައިގެން އައިސް ބޭންދީ ފަޔާޒާ ޖެހިގެން ހުރި ޖޯލީގައެވެ. އާކާޝް އިށީނީ ވަކިން ހުރި ގޮނޑިއެއްގައެވެ.
"މިއަންނަނީ އާލްމެންނަށް ގޮވާލާފަ. ޒައި މިގޭގަ އިންކަން އިނގިއްޖިއްޔާ ޔަގީން ދެބެން ވެސް ވަރަށް އުފާވާނެކަން" މިހުނާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ފަޔާޒްގެ ނަޒަރު ހުއްޓިފައިވަނީ އޭނާއާ ދާދި ކައިރީގައި އިން ލޯބިވާ ދަރިފުޅަށެވެ. އޭނާގެ ދެލޮލުން ވެއްޓެން ތައްޔާރުވެފައި އިން ކަރުނަތިކި ފެނުމާއެކު އާކާޝް ކޮޅަށް ތެދުވިއެވެ. ދެބަފައިންނަށް ވަގުތުކޮޅެއް ދީފައި އޭނާ ފޯނު ކަންފަތުގައި ޖަހާލައިގެން ދުރަށް ޖެހިލިއެވެ.
"ދް....ދަރިފުޅު ކިހިނެއްތަ؟" އެބަސް ދުލުން ބޭރުކޮށްލަން ފަޔާޒަށް ޖެހުނީ އެތައް މަސައްކަތް ކުރާށެވެ. އަނގަ ނޯޅުނީ ވެސް ކިރިޔާއެވެ.
"އަޅުގަނޑު ރަނގަޅު. އާލްމެންގެ ބައްޕަ ކިހިނެއްތަ؟" ޒައިނާ ބުނެލިއެވެ. އަދި ފަޔާޒަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. ފަޔާޒްގެ ދެލޯ ފެންކަޅިވެފައިވީ ތަން ފެނި ޒައިނާގެ ހިތުގައި ސުވާލު އުފެދުނެވެ.
"އާލްމެންގެ ބައްޕަ އެކަންޏެއް ނޫން. ޒައި ވެސް ބައްޕަ ކިޔާ. އޭރުން ވަރަށް އުފާވާނެ" ފަޔާޒް ބުނެލިއެވެ. ޒައިނާ ހައިރާންވެފައި ފަޔާޒަށް ބަލައިލާފައި އެއްޗެއް ބުނަން އުޅުނު ވަގުތު ސިއްސައިގެން ދިޔައީ ކުރިމަތީގައި އައިސް ޖެހުނު އާހިލްއާ ރާހިލް ފެނިފައެވެ.
"މިގެއަށް އައިއްޔާ އެހާ އަވަހަކަށް ނުއެއްދެވޭނެ. އާދޭ އެތެރެއަށް" ރާހިލް ހިފީ ޒައިނާގެ އަތުގައެވެ. ޒައިނާއަށް ޖެހުނީ ތެދުވެ ރާހިލް ފަހަތުން ހިނގައިގަންނާށެވެ. އަނެއް ފަރާތުގައި ހުރި ރާހިލް ވެސް އާހިލްއަށް ހިތްވަރުދެމުން ދިޔައެވެ.
"ބަލައިބަލަ. މިއީ ބައްޕަ ޒައިނާއްތައަށް ހަދައިދޭ ރޫމް. މިއީ ޒައިނާއްތަގެ ގެއެއްނު" ރާހިލް ވާހަކަދައްކަމުން ދިޔައެވެ. އެ ޖުމްލަތައް އަހާފައި ޒައިނާއަށް ހައިރާން ކަމެއް ލިބުނެވެ. އޭނާ އެނބުރި ފަހަތުން އައި ފަޔާޒަށް ބަލައިލިއެވެ. އެ ދެ ލޮލުން އޭނާއަށް ބަފައެއްގެ ލޯތްބާއި ކުލުނު ފެނިއްޖެއެވެ. ދުވަހަކު ވެސް ނުކުރެވޭ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވެން ފަށައިފިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ. ބައްޕަގެ ލޯތްބަށް އެދި ހިތް ގޮވަން ފަށައިފިއެވެ.
"މިއައީ ކާޑު ހިފައިގެން" ޒައިނާ ބުނެލިއެވެ.
ޝުރޫކް އަނާރްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީ ތަން ހިމޭންވެ އަނާރްގެ އަޑު ކެނޑުމުންނެވެ. އޭނާ ދޮރުމައްޗަށް އެރި އިރު އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެން އަނާރް އިނީ ދެލޯ މެރިފަ އެވެ. މުޅި މޫނުމަތިން އޭނާ ރުއި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަދިވެސް އިރުކޮަޅަކާ ގިސްލެވެމުން ދިޔައެވެ. އެމަންޒަރު ފެނުމުން ޝުރޫކްގެ ހިތަށް ތަދުވެލިއެވެ. އޭނާ އެތެރެއަށް ވަދެގެން ގޮސް އަނާރް ކައިރީގައި މަޑުކޮށްލިއެވެ.
"އަރޫ...!" އަނާރްގެ އަތުގައި އަތް ޖައްސައިލަމުން ޝުރޫކް ގޮވައިލިއެވެ. އެހިނދު ވަރުބަލިކަމާއެކު އަނާރް ދެލޯ ހުޅުވާލާފައި ޝުރޫކަށް ބަލައިލިއެވެ. ޝުރޫކް ފެނުމާއެކު އަނެއްކާ ވެސް އަނާރްގެ ދެލޮލުން ކަރުނަ އޮހިގަތެވެ. އެދޮލޯ ވަނީ ދުޅަވެ ވަރުބަލި ވެފައެވެ.
"އަރޫ! އިނަފް ނައު. ހިނގާ އެއްޗެއް ކާލަން ދާން" އޯގާތެރިކަމާއެކު އަނާރްގެ ދެލޯ ކައިރި ފޮހެދެމުން ޝުރޫކް ބުނެލިއެވެ.
"ނޫން. ބަނޑުހައެއް ނުވޭ" ކުރެހިފައިވާ އަޑަކުން އަނާރް ބުނެލިއެވެ. ވަގުތުގެ ގޮތުން އިތުރަށް އަނާރަށް މަޖުބޫރު ކުރަން ޝުރޫކް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ އަނާރަށް ބަލަހައްޓައިގެން އިނެވެ.
"ޝުރޫ! މިއީ އަހަރެންނަށް ނުވިސްނުމުގެ ނަތީޖާ. މާމަ ދިން ތަރުބިއްޔަތު އަހަރެން ސިކުނޑިން ފޮހެވުނު ވަގުތުކޮޅު އެއީ އަބާންގެ ލޯބީގައި އަހަރެން ދީވާނާ ވީ. މާބޮޑަށް އިތުބާރު ކުރެވުނީ. އެއީ އޭނާ ގަސްތުގަ ކުރި ކަމެއް. އަހަރެންނަށް އެފާފަ ކުރެވިއްޖެ. މި ދަރިފުޅަށް ގެއްލުމެއްދީގެން ފާފައިގެ މައްޗަށް ފާފަ ކުރަން އަހަރެން ބޭނުމެއް ނޫން. އަހަރެން މި ދަރިފުޅު ދުނިޔެއަށް ގެންނާނަން. އަހަރެން ހިތްވަރު ކުރާނަން. އަބާން އަހަރެންނަށް އެދިން އަނިޔާ ދުވަހަކު ވެސް އަހަރެންގެ ހިތުން ފިލައިގެން ނުދާނެ. އަހަރެންގެ އެތެރެހަށީގައި ކެނޑި ބުރި ނުވާ އެންމެ ނާރެއް ވެސް ނެތް. މުޅި ހިތް ފުނޑުފުނޑު ވެއްޖެ. ކެހިވެރި ލޯތްބެއްގެ ދަލުގައި ޖެހި އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ވެއްޖެ. ހިނދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެމަތިން ފޫހިވެއްޖެ. އެލޯބީގެ ސަބަބުން އޯގާތެރިންނާ ކެހިވެރިން ވަކިކުރަން އަހަރެންނަށް ނޭނގުނު. ޔަޤީން އަބާން އަހަރެންނާ ގާތްވީ ފޫހިފިލުވާލަންކަން. ﷲ އިރާދަކުރެއްވިއްޔާ އޭނަ އަހަރެންނަށް ދެއްކި މިދުވަސް އެކަލާނގެ އޭނައަށް ވެސް ދައްކަވާނެ. މިއަދު އަހަރެން ވޭނުގަ މި ރޯ ގޮތަށް މާދަމާ އޭނާ ވެސް ރޯން ޖެހޭނެ. އަހަރެންގެ ދުޢާއަކީ އެއީ" އަނާރް ވާހަކަދެއްކިއެވެ.
އޭނާގެ އަޑުގައި ޖޯޝެއްވިއެވެ. އެހެން ނަމަވެސް އަދިވެސް ދެލޯ ފުރިފައިވަނީ ތާޒާ ކަރުނަތަކުންނެވެ.
"އަހަރެން ބަލާނެ އަބާންގެ އެންމެފަހު ހުވަފެން ބަލައި ނިމިއްޖެ. ޝުރޫ! އަހަރެން ދެން އަބާން ބޭނުމެއް ނޫން. އަހަރެންގެ ދަރިފުޅު ބޮޑު ކުރާނީ އަބާންގެ އެހީއާ ނުލާ. މާމަގެ ރުޅިވެރިކަމާ ވެސް އަހަރެން ކުރިމަތިލާނަން. އެކަމަކު ދުނިޔޭގެ ލަދާ އަހަރެން ކުރިމަތިލާނީ ކިހިނެއް؟" އަނާރް ވާހަކަދެއްކިއެވެ.
"ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. މީހުން ބުނޭ އާޚިރަތުގެ ގިންޏަށްވުރެ ދުނިޔޭގެ ލަދު މާބޮޑޭ. އެހެންވީމަ ތިލަދުން އަރޫ ސަލާމަތްވާނެ އަހަރެން ބުނަ ގޮތަށް އަރޫ ކަންތައް ކުރިއްޔާ" ޝުރޫކް ވާހަކަދެއްކިއެވެ. އަނާރް ޝުރޫކަށް ބަލައިލިއެވެ.
"ކޮންމެގޮތެއް ވިޔަސް ކިޔެވުން ފުރިހަމަކުރަން އެބަޖެހޭ. ހިތްވަރާއެކު ކިޔަވަން އެބަޖެހޭ. އަރޫގެ އަދި މާމަގެ ވެސް ހުވަފެންތައް ހަގީގަތަކަށް ވާނީ ޑޮކްޓަރުގެ ކަށިގަނޑު އަރޫގެ ކަރުގައި އެޅޭ ހިސާބުން. އަރޫ އަހަރެން މިބުނަން އުޅޭ އެއްޗެއް ގަބޫލުކުރާނަންތަ؟" ޝުރޫކް ވާހަކަދެއްކިއެވެ.
"މިތަނުގައި އަހަރެންނަށް އަޅާލަން ހުރި މީހަކީ ތީ. ޝުރޫ އަހަރެންނަށް ދެރައެއް ދިނުމަށް މަސައްކަތެއް ނުކުރާނެ" އަނާރް ބުނެލިއެވެ.
"އައި ހޭޓް ޔޫ އަބާން. ދުވަހަކު ވެސް މައާފެއް ނުކުރާނަން. އަބާން އަދި އާދޭސް ކުރަން އަހަރެންގެ ފައިބުޑަށް ވެއްޓޭނެ. އެ ދުވަހަކުން ދާންޖެހޭނީ ހުސްއަތާ" އަނާރް ބުނެލިއެވެ.
ޝުރޫކް އަނާރްގެ ގައިގާ ބައްދައިލިއެވެ. ނިތުގައި ބޮސްދިނެވެ. އެކުވެރިޔާއަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކޮށްލިއެވެ.