ނަވާވީސްވަނަބައި
އޭގައި އޮތް އެއްޗެއް އެތައް ފަހަރަކު ކިޔާލުމުންވެސް ބަދަލެއް ނުވިއެވެ. ޝުހޭލް ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އެހެންނަމަވެސް އަނާރާ މެދު ކުޑަވެސް ފޫހިކަމެއް އޭނާގެ ހިތުގައި އުފަން ނުވިއެވެ.
އަނާރް ހިތްވަރުކުރަން ބޭނުންވިއެވެ. އެއީ އަންނާނެ ދުވަހެއްކަން މާކުރިންވެސް އޭނާއަށް އިނގެއެވެ. ދެލޮލުން ފޭބި ކަރުނަތައް ދެއަތުން ފޮހެލާފައި އޭނާ ތެދުވަން ހިނގައިގަތެވެ. އެވަގުތު އޭނާ މެއަށް ނުބައި ގޮތެއްވެ އޯކާ ދެމިގަނެވުނެވެ. ޝުހޭލްއަށް އަނާރްގެ އަތުގައި ހިފަހައްޓައިލެވުނީ ބޭއިހްތިޔާރުގައެވެ. ފާހާނާ އާ ދިމާލަށް އަނާރް ދުއްވައިގަތުމާއެކު ޝުހޭލްއަށް ކޮޅަށް ތެދުވެވިއްޖެއެވެ. އަނާރް ދިޔަ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ދުނިޔެ އޭނާއަށް ދެއްކި މަންޒަރާމެދު ހިތުގައި ޝަކުވާ އުފެދިފައެވެ.
"ހިނގާ ގެއަށް ދާން" ދަބަހުން ނެގި ޓިޝޫއަކުން މޫނު ފޮހެމުން އައި އަނާރަށް ޝުހޭލް ބުނެލިއެވެ. ޝުހޭލްއަށް ބަލައިވެސްނުލާ އަނާރް ހިނގައިގަތެވެ. ކައުންޓަރުގައި އިން އަންހެންކުއްޖާ ގޮވައިލުމާއެކު ދެކުދިން އެކު ހުއްޓުނެވެ.
"ރިޕޯޓާ ހަވާލުވެލެއްވީ ޕޭޝަންޓްގެ ކޮން ބޭފުޅެއްތޯ" ކައުންޓަރުގައި އިން އަންހެންކުއްޖާ ސުވާލުކުރިއެވެ. އެކުއްޖާ ސުވާލުކުރީ ޝުހޭލާއެވެ. އޭނާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އަނާރަށް ބަލައިލާފައި އޭނާ ކައުންޓަރާ ގާތަށް ޖެހިލިއެވެ.
"ހަޒްބެންޑް" ޝުހޭލް ބުނެލިއެވެ. އަނާރްގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. އޭނާ ޙައިރާންކަމާއެކު ފަހަތަށް އެނބުރި ޝުހޭލްއަށް ބަލައިލިއެވެ. ޝުހޭލްވެސް އެއްފަހަރު އަނާރާ ނަޒަރު ބަދަލުކޮށްލާފައި ކައުންޓަރުގައި އިން އަންހެންކުއްޖާ ދެއްކި ތަނުގައި ސޮއި ކޮށްލިއެވެ.
"އަހަރެން ބަނޑުބޮޑު މިވީ ކައިވެނިން ބޭރުން" ޝުހޭލް އަރައި ހަމަވުމާއެކު އަނާރް ބުނެލިއެވެ. އެބަސްތައް އަހާފައި ޝުހޭލްއަށް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ހިތުގެ ރިހުން ވީ ގަދައެވެ. ދުވަހަކަވެސް އަނާރް މީހަކާ އެދަރަޖައަށް ކައިރިވެދާނެ ކަމަކަށް އޭނާއަށް އުންމީދު ކުރެވިފައެއްނެތެވެ. ކްލިނިކުން މަގުމައްޗަށް ނިކުތް އިރުވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެހިތުގައިވެސް ވީ ޝަކުވާއެވެ.
"ތެންކިޔު. ޝުހޭލް ގެއަށް ދޭ" ޓެކްސީއަކަށް އަތް ނަގަން ހުރި ޝުހޭލް އަނާރަށް ބަލައިލިއެވެ.
"އޭރުން އަރޫ އޯ" ޝުހޭލް ބުނެލިއެވެ.
"އަހަރެންނާމެދު ނުވިސްނާ. އަހަރެންގެ މަންޒިލް އޮތީ ކޮންދިމާލެއްގަ ކަމެއް ނޭނގޭ" އަނާރް ބުނެލިއެވެ. އެ އަޑުގައި ރިހުމެއް އެކުލެވިގެންވިއެވެ.
"ތިހެންނުބުނޭ. މާބޮޑަށް ދަންވަނީ. އާދޭ ގެއަށް ދާން. ޝުރޫ މިހާރު ހުންނާނީ ލަސްވެފަ" ޝުހޭލް ބުނެލިއެވެ.
"އަހަރެން މިބުނީނު ޝުހޭލް ދާށޭ. އަޑެއްނީވޭތަ؟" އަނާރްގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. އޭނާ ޝުހޭލާއެކު ވަގުތުތަކެއް ހޭދަކުރަން ބޭނުމެއްނުވެއެވެ. ޝުހޭލްއަށް އޭނާ ނަފްރަތު ކުރެއެވެ. އެ ހަޤީޤަތް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ.
"އަހަރެންނަށް އަޑުއިވޭ. އަހަރެން މިބުނަނީ އަރޫ މިތަނަށް ދޫކޮށްފަ އަހަރެން ނުދާނަމޭ. އަމުދުން ތިހާލަތުގަ. އަހަރެން މިދައްކާ ވާހަކަ އަރޫއަކަށް އަޑެއްނީވޭތަ؟" މިފަހަރު ޝުހޭލްގެ އަޑުވެސް ކުރިއަށް ވުރެ ބާރުވިއެވެ.
"ކީއްވެ؟ ކީއްވެތަ އަހަރެން ފަހަތުން ނުނެއްޓިގެން ތިއުޅެނީ؟ އަހަރެން މިވަރުގެ ބޮޑު ގޯހެއް ހެދީމަވެސް. ކީއްވެތަ؟" އަނާރް ހަޅޭއްލަވައިގަތެވެ.
"ލޯބިވާތީ. ވަރަށް ބޮޑަށް ލޯބިވާތީ. ކުރިއަށް ވުރެވެސް ބޮޑަށް ލޯބިވާތީ. އަހަރެން އަރޫއަކަށް މަޖުބޫރު ކުރާކަށް ނެތިން. އެކަމަކު އެކުވެރިއެއްގެ ހައިސިއްޔަތުން ރަނގަޅު ނަޞޭޙަތްދޭން ބޭނުން. އެހީތެރިވާން ބޭނުން. އަހަރެންނަށް ހަމައެކަނި އެފުރުސަތު ދީ" އަނާރްގެ ދެކޮނޑުގައި ހިފަމުން ޝުހޭލް އާދޭހާއެކު ވާހަކަދެއްކިއެވެ. އަނާރް ރޯލަރޯލާ ހުރިއިރު އޭނާގެ ހިތުގައި ވީ ހަމައެކަނި އަބާންގެ ތަސްވީރެވެ. ދުލުކުރީގައިވީ އަބާންގެ ނަމެވެ.
"އަބާން...! އަބާން" އަނާރް ބުނަމުން ދިޔައެވެ.
***
ޒައިނާގެ ކައިވެންޏާ ގުޅިގެން ވާހަކަދެކެވެމުން ދިޔަ ވަގުތެވެ. އެ މަޖިލީހުގައި ނެތީ ހަމައެކަނި އަބާނެވެ. ކުރިމަތީގައި ހުރި ވަށްމޭޒު މައްޗަށް ހެދިކާ އާ ސައި އެރުވީ ޝުބާ އާ ޒައިނާއެވެ. ސަމީރު ޒައިނާއަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ޒައިނާ ހީލާފައި އުންމީދާ އިން ގޮނޑީގެ އަތްގަނޑު މަތީގައި އިށީނެވެ.
"ޒައިގެ ބައްޕައަށް އިނގެން ޖެހޭނެއްނު" ކޮފީތަށިން ކޯވަރެއް ބޯލާފައި ސަމީރު ބުނެލިއެވެ.
"ބައްޕަ ކޮންތާކުން ހޯދާނީ؟" ޒައިނާ ބުނެލިއެވެ.
"ދޮންބެއަކަށްވެސް އުޅޭ އެޑްރެސްއެއް ނޭނގޭ. އެކަމަކު މަސައްކަތް ކުރެވިދާނެ" ސަމީރު ބުނެލިއެވެ.
"ބައްޕަ ދުނިޔޭގައި ހުރެ އަދި ކައިވެންޏާ ދެކޮޅު ނަހަދާހާ ހިނދެއްގައި ގާޒީ މެދުވެރިކޮށް ވަލީ ނެގުން އެހާ ރަނގަޅު ނޫންހެން އަހަރެންނަށްވެސް ހީވަނީ" ނަސީމް ވާހަކަދެއްކިއެވެ.
"އެހާތަނަށް އަހަރެން ފަޔާޒް ހޯދާނަން" ސަމީރު ބުނެލިއެވެ.
"ފަޔާޒް... އަހަރެންގެ ބައްޕައަށް ކިޔަނީ ފަޔާޒްތަ ދޮންބޭ" ޒައިނާ ބުނެލިއެވެ. ބައްޕަގެ ނަން އިނގުނު ކަމަށްޓަކައިވެސް އޭނާ ހެއްދެވި ފަރާތަށް ޙަމްދު ކުރިއެވެ. ސަމީރު ބޯޖަހައިލިއެވެ.
"އެހެންވީމަ މިރޭ ކޮންމެސް ވަގުތަކުން ޒައި ވާނެ އުންމިއްތަ އާއެކު ފަހާތަނަށް ދާން. މިންނެގުނީމަ ކުރިއަށް ދާނީ. ނިޝާނާވެސް ވާނެ އަހަރެމެންނާއެކު ދާން" އުންމީދާ ވާހަކަދެއްކިއެވެ.
"އެހެންވީމަ މިހާރުން ފެށިގެން ޒައިނާއްތަގެ ނަން ދޮންބެދައްތައަށް ބަދަލުކުރަންވީ ދޯ" ހީލުމަކާއެކު ޝުބާ ބުނެލިއެވެ. އެ އަޑު ގޭތެރެއަށް ވަދެގެން އައި އަބާނަށް އިވިއްޖެއެވެ. އޭނާގެ ހިތަށް އުނދަގޫ ގޮތެއް އިހުސާސްވެއްޖެއެވެ. އެހެންނަމަވެސް ހިނިތުންވެލާފައި އައިސް ވަކިން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ދަރިފުޅު ލިސްޓު ތައްޔާރު ކުރީތަ؟ ބައްޕަ ބުނީމެއްނު ތިދެކުދިން ދައުވަތު ދޭން ބޭނުންވާ މީހުންގެ ލިސްޓް ހަދާށޭ" ނަސީމް ބުނެލިއެވެ.
"އަހަރެން ދައުވަތުދޭކަށް މާގިނަ މީހުނެއް ނެތް. އައްކިގެ ފެމިލީ އެކަނި" ޒައިނާ ބުނެލިއެވެ.
"އައްކި އެއީ ކާކު؟" ނިޝާނާ އެހިއެވެ.
"ކޮލެޖް ފްރެންޑެއް" ޒައިނާ ބުނެލިއެވެ.
ކުއްލިއަކަށް އޭނާ ސިހުނީ އަތު ތެރޭގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ބަލައިލިރު އަރާފައި އިނީ އާކާޝްގެ ނަމެވެ. އޭނާ ފޯނު ހިފައިގެން ދުރަށް ޖެހިލިރު ތުންފަތްމަތީގައި ހިިނިތުންވުން ފަނޑުވެއްޖެއެވެ. ބުނެދޭން ނޭނގޭ ރިހުމެއް ހިތަށް އިހުސާސް ވެއްޖެއެވެ.
***
ކެފޭ ތެރޭގައި ކުރިމަތީގައި އިސްޖެހިފައި އިން އަނާރަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެން ޝުހޭލް އިނެވެ. އެ ދެމެދުގައި ވާހަކައެއް ނުދެކެވެއެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ.
"ކީއްވެ ގެއަށް ދާން ބޭނުންނުވަނީ؟" ޝުހޭލް އެހިއެވެ.
"ނޭނގެ. ޝުރޫ ވަރަށް ސުވާލުކުރާނެ" އަނާރް ބުނެލިއެވެ.
"ޝުރޫކް ނޫނީ މިތަނުގައި އަރޫއަށް އެހީވާން ހުރީ ވަކި ކާކު؟ އޭނައަށް ތިވާހަކަތައް ކިޔައިދީ. އެއީ އެންމެ ރަނގަޅު ގޮތް" ޝުހޭލް އޭނާގެ ހިޔާލު ފާޅުކުރިއެވެ.
"އެކުވެރިއެއްގެ ހައިސިއްޔަތުން އަހަރެން ބުނާ އެއްޗެއް އަޑުއަހާފާނަންތަ؟" ހިނދުކޮޅަކަށްފަހު ޝުހޭލް ބުނެލިއެވެ. އަނާރް އިސްއުފުލާ ޝުހޭލްއަށް ބަލައިލިއެވެ.
"އަބާނަށް ގުޅަންވީނުން. އަރޫ ތިއިން ހާލަތު އޭނައަށް އިނގެންޖެހޭނެ. ތިކަން އިނގުނީމަ ފަހަރެއްގަ އޭނަގެ ވިސްނުން ބަދަލުވެދާނެ. ތިހާލަތުން އަރައިގަނެވިދާނެ. އަދިވެސް ވަގުތު އެބައޮތް" ޝުހޭލް ބުނެލިއެވެ.
"އަހަރެން.... ހަމަ ގުޅަންވީތަ؟" ދެވިސްނުމެއްގައި އިނދެފައި އަނާރް ބުނެލިއެވެ. ޝުހޭލް ބޯޖަހައިލިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ދަބަހުގައި އޮތް އޭނާގެ ފޯނު ނެގިއެވެ.
"އޭގެކުރިން އަހަރެން އަރޫ އާ އެއްޗެއް ހަވާލުކުރަން ބޭނުން" ޝުހޭލް ބުނެލިއެވެ. އަނާރް ޝުހޭލްއަށް ބަލައިލިއެވެ.
ޖީބުން ނަގާފައި ޝުހޭލް ދިއްކޮށްލި ފޯނު ފެނުމާއެކު އަނާރަށް އެއީ އަބާންގެ ފޯނު ކަން އިނގިއްޖެއެވެ. އޭނާއަށް އެ ފޯނު ނަގާ ވަށައިގެން ބަލައިލެވިއްޖެއެވެ. ފޯނު ހުޅުވިގެން ދިޔުމާއެކު އޭނާއަށް ފެނުނީ އެ ފޯނުގެ ޑިސްޕްލް އިން ފެންނަން އިން އޭނާ އާ އަބާންގެ ތަސްވީރެވެ.
"މިއީ އަބާން ގެއްލިގެން އުޅުނު ފޯނު. މި ކިހިނެއް ޝުހޭލްއަށް ލިބުނީ؟" ޙައިރާންކަމާއެކު އަނާރް އެހިއެވެ.
"ދޮންތަ މަގުމަތިން ހޮވީ. އެދުވަހު އަހަރެމެން މިކޮޅަށް އަންނަން ފުރީ. އަރޫގެ ފޮޓޯ ފެނުނީމަ އަހަރެންނަށް އިނގުނު ތިއީ އެސޮރުގެ ފޯނުކަން. ކޮންމެތަނަކަށް ދިޔަސް އަހަރެންގެ ޖީބުނަ ތި ފޯނު އޮންނާނެ. ހުރީ ކޮންމެސް ދުވަހަކުން އަރޫ އާ ހަވާލުކޮށްދެން" ޝުހޭލް ވާހަކަދެއްކިއެވެ. އަނާރް ޝުހޭލްއަށް ބަލަހައްޓައިގެން އިނުމަށްފަހު ފޯނަށް ބަލައިލިއެވެ. އަބާންގެ ނަންބަރު ހޯދާލާފައި ޑަޔަލް ކޮށްލިއެވެ.
***
ސައިފަށް ގުޅަން ފޯނު ނެގިތަނާ ބޭރު ނަންބަރަކުން ގުޅަން ފަށައިފިއެވެ. އަބާންގެ ހިތް ތެޅިލީ އޭނާއަށް ސިހުން ގެނުވާހާ ބާރަށެވެ. އަނާރް އޭ އޭނާގެ ހިތް ބުނެލީ އެހާ އަވަހަށެވެ. އެ ކޯލު ބޭކާރުވާން ނޭދޭތީ ނަގާފައި ސްޕީކަރ އަށް ލިއެވެ. އަދި އެނދުގައި ހަމަޖެހިލިއެވެ.
"އަބާން...!" ދުވަސްތަކަށްފަހު އަނާރްގެ އަޑު ޖެހުމުން އަބާންގެ ނަފްސަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަދި އެއްފަހަރު އޭނާގެ ނަމުން އަނާރް ގޮވާލާ އަޑު އަހައިލަން ހިތްއެދުނެވެ. ދެލޯމަރައިލެވުނީ ބޭއިހްތިޔާރުގައެވެ. އޭނާއަށް ހީވީ އޭނާގެ ކަންފަތް ކައިރިން އަނާރްގެ ނޭވާގެ އިހުސާސްވެގެން ދިޔަހެންނެވެ.
"އަބާން...!" ކުއްލިއަކަށް އަބާނަށް ދެލޯ ހުޅުވައިލެވިއްޖެއެވެ. އޭނާއަށް އެ އައި ބަދަލުން އަމިއްލަ ނަފްސުދެކެ ރުޅިއައެވެ. އެނދުގައި ހަމަޖެހިލާފައި އެއްޗެއް ބުނަން އުޅުނެވެ.
"އަބާން! ޕްލީޒް ފޯނު ކަނޑައިނުލައްޗޭ. އައި ލަވް ޔޫ އަބާން. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން" އަނާރް ވާހަކަދެއްކިއެވެ. އަބާން އެއްޗެއް ނުބުނެއެވެ. އަނާރްގެ އަޑުގައި ރިހުމެއް އެކުލެވިގެންވާކަން އޭނާއަށް އިހުސާސްވިއެވެ.
"އަބާން! މިއީ އަހަރެމެން ދެމީހުންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް. މިކަމުގައި އަހަރެންނާ އެއްވަރަށް އަބާންވެސް ހިއްސާވޭ. މިކަންކުރީ އަހަރެމެން ދެމީހުން އެއްކޮށް" އަނާރް ވާހަކަދެއްކިއެވެ. އަބާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަނާރް އެދައްކަނީ ކޮންކަމެއްގެ ވާހަކަ ހެއްޔެވެ؟ އޭނާ އޮޅުންފިލުވަން ބޭނުންވިއެވެ.
"ބޭކާރު ވާހަކަތައް އަހަން އަހަރެންނަށް ވަގުތެއް ނެތް. ތިބުނަން އުޅޭ އެއްޗެއް ބުނެފަ އަވަހަށް ފޯނު ބައްވާ" އަބާން ބުނެލިއެވެ. އޭނާގެ އަޑުގައި އެކުލެވިގެންވި ރުޅިވެރިކަން އިހުސާސްވެފައި އަނާރަށް އޭނާގެ މޭގައި ފިރުމައިލެވިއްޖެއެވެ.
"އަހަރެން ފުރުމުގެ އެއް ރޭ ކުރިން އަބާން އަހަރެންނަށް ދިން ހަދިޔާ މިއީ" އަނާރް ބުނެލިއެވެ. އޭނާ މަސައްކަތްކުރީ ދުރުދުރުން އަބާނަށް ވިސްނައިދޭށެވެ.
ކުއްލިއަކަށް އަބާނަށް އެނދުން ތެދުވެވިއްޖެއެވެ. އެރޭގެ ހަނދާންތައް އޭނާގެ ސިކުނޑީގައި އަލުން ކުޅެލި ކަހަލައެވެ. އަނާރް ފެނި އޭނާގެ ހިތް މޮޔަވިގޮތެވެ. އޭނާ އަނާރް ކަންފަތްދަށުގައި ދެއްކި ފޮނިފޮނި ވާހަކަތަކެވެ. މަޑުމަޑުން އޭނާއަށް އަނާރާ ގާތްވެވުނު ގޮތެވެ. އެއަންހެންކުއްޖާގެ އެންމެ ބީހިލުމަކުން އޭނާ ދުނިޔޭގެ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ގޮތެވެ. ކައިވެނިން ބޭރުގައި ދެމީހުންނަށް އިންފަހަނައަޅާ ދެވުނު ގޮތާ އަނާރް މާޔޫސްވެގެން ދެއްކި ވާހަކަތަކެވެ. އަނާރް ހިތްހަމަޖައްސައިދިނުމަށްޓަކައި އޭނާ ދެއްކި ވާހަކަތަކެވެ. އަބާން ދެފަރާތަށް މޫނު ތަޅުވާލީ އެދުވަސް އޭނާ ހަނދާންކުރަން ބޭނުންނުވާތީއެވެ.
"އަބާން! ވިސްނޭތަ އަހަރެން ބުނަން މިއުޅޭ އެއްޗެއް. ވާހަކަދައްކަބަލަ" އަނާރް ބުނެލިއެވެ. އަބާނަށް ދެއަތުން ބާރަށް ފޯނުގައި ހިފުނެވެ.
"ކީކޭ ކިޔަން ތިއުޅެނީ؟" ހަރުކަށިކަމާއެކު އަބާން ބުނެލިއެވެ.
"އައެމް ޕްރެގް އަބާން. ޕްލީޒް ހެލްޕް މީ" އަނާރަށް ރޮވިއްޖެއެވެ. އެ ބަސްތައް އިވުމާއެކު އެންމެ ފުރަތަމަ އަބާންގެ ސިކުނޑި މަސައްކަތް ނުކުރިއެވެ. އޭނާ ހިތްބިރުގަތެވެ. މަޑުމަޑުން އޭނާގެ ވިސްނުން ބަދަލުވާން ފެށިއެވެ. އަނާރް އޭނާގެ ބަސްޤަބޫލުނުކޮށް ފުރައިގެން ދިޔަ ގޮތާ ފިރިހެނަކާއެކު ކްލަބަށް ދިޔަ ވީޑިޔޯ އޭނާ ހަނދާންވެއްޖެއެވެ.
"ކީއްވެ އަހަރެން ކައިރީގައި ތިވާހަކަތައް ތިދައްކަނީ؟ ކޮންމެހެން ތިކަން އަހަރެންގެ ބޮލުގަ އަޅުވާނެކަމެއްނެތް. ބޭވަފާތެރިޔާ. މީގެފަހުން އަހަރެންނަށް ގުޅައިގެންނުވާނެ. އަހަރެން ދަންނަ އަނާރެއް ދުނިޔޭގެ އެއްވެސް ތަނެއްގަ ނޫޅޭނެ" އަބާނަށް ހަމައެކަނި އިވެމުން ދިޔައީ ފޯނުގައި ހުރި އަނާރް ރޮމުންދިޔަ އަޑެވެ. އެކަހަލަ އަނިޔާވެރި ބަސްތައް ބޭނުން ނުކުރުމަށް އެދި އަނާރް އާދޭސްކުރާ އަޑެވެ. އޭނާއަށް އިތުބާރު ކުރުމަށް އަބާން ކައިީގައި އެދެމުން ދިޔަ އަޑެވެ.
"ކަލޭ ތިއީ އިންސާނެއްތަ؟ ހަދަ ރަހުމުކުޑައޭ. މީހަކަށް ދެރައެް ދީފަ ވަކި ކަލެއަށްވެސް އުފަލުގަ ނޫޅެވޭނެ. ތިކަހަލަ މީހަކަށް ފިރިހެނެކޭވެސް ނުކިޔާނެ. ޒިންމާނަގަން ނުކެރި އަންހެނަކަށް ވުރެ ތިމާ ފިނޑިއިރު އަންހެންކުދިންނާ ކައިރިނުވާނީ މޭން" އަނާރް ހުއްޓާނުލާ ރޯ މަންޒަރު ބަލަން ޝުހޭލްއަށް ކެތްނުވީއެވެ. އަބާން އެދެއްކި ވާހަކަތައް އަހަން އޭނާއަށް ނުއިނދެވުނީއެވެ. ޝުހޭލް ތެދުވެގެން ގޮސް އަނާރް ކައިރީގައި އިށީނެވެ. އެހިނދު އަނާރް ބޯއެޅީ ޝުހޭލްގެ ކޮނޑުގައެވެ.
"އަހަރެން ދެން ކިހިނެއް ހަދާނީ؟ އަހަރެން ހާދަ އިތުބާރެއް ކުރީމޭ އަބާނަށް. މިއީ އަހަރެންގެ ކުށް. ތަނަކުން މީހަކު ފެންނައިރަށް އަހަރެންނަށް ގޮތް ބަލައިނުލާ ގާތްވެވުނީ. ފަހުން ނިކުމެދާނެ ނަތީޖާއަކަށް ބެލުމެއްނެތި އޭނަ އާ އަހަރެންގެ ހަށިގަނޑު ހަވާލުކުރެވުނީ. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ. މާމައަށް އިނގިއްޖިއްޔާ ހިތްފަޅައިގެންގޮސް މަރުވާނެ. އަހަރެން ބޭނުމެއްނޫން ދުނިޔޭގަ ހުންނަން. އެއްވެސް މީހަކަށް އުނދަގުލަކަށް ވާން އަހަރެން ބޭނުމެއްނޫން" އަނާރް ވާހަކަދައްކަމުން ދިޔައެވެ. އިސާހިތަކު ޝުހޭލްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނާއަށް އަނާރްގެ އިސްތަށިގަނޑުގައި ބޮސްދެވިއްޖެއެވެ.
"ޝުހޭލް. އަހަރެންނަށް ކަމެއް ކޮށްދެންޏާ މިވާހަކަ އެންމެންނަށް އަދި ސިއްރުކޮށްދެއްޗެ... އަހަރެން މިއުޅެނީ އެންމެންގެ ލޯ މައްޗަށް ގެއްލެން" އަނާރް އެއްފަހަރު ޝުހޭލްއަށް ބަލައިލާފައި އަނެއްކާވެސް ޝުހޭލްގެ ކޮނޑުގައި ބޯއަޅައިފިއެވެ.
"ޕްލީޒް އަރޫ ތިކަހަލަ ވާހަކަތައް ނުދައްކާ" ޝުހޭލް ބުނެލިއެވެ.
"އަހަރެންގެ މާމަ އާ ދިމާވި ދުވަހަކުން ބުނައްޗެ އަހަރެންނަށް މަޢާފްކޮށްދެއްޗޭ. އެއީ އަހަރެންނަށް ނޭނގި ކުރެވުނު ކަމެކޭ" އަނާރް ވަހަކަދައްކަމުން ދިޔައެވެ. އިންތިހާއަށް ޝުހޭލްގެ ހިތުގައި ޖެހިއްޖެއެވެ. މޭޒުމަތީގައި އޮތް އަނާރްގެ ފޯނަށް ޝުރޫކް ގުޅަމުން ދިޔަތަން ފެނުނަސް އެފޯނަށް މިވަގުތު އަނާރަށް ޖަވާބުނުދެވޭނެކަން އޭނާއަށް އިނގެއެވެ. އެ ކޯލު ކެނޑުނު ގޮތަށް ޝުރޫކްގެ ދެވަނަ ކޯލު އަންނަން ފެށީ ޝުހޭލްގެ ފޯނަށެވެ.
"އެގުޅަނީ ޝުރޫކް. ލަސްވެގެން އެގުޅަނީ. ދެން ހިނގާ ގެއަށްދާން. އިރުކޮޅަކުން މިތަން ބަންދުވެސްކުރާނެ. މިތަނުގައި ނުތިބެވޭނެ" އަނާރްގެ އަތުގައި ހިފައިލަމުން ޝުހޭލް ބުނެލިއެވެ. އަނާރްގެ ހަބަރެއް ނުވެގެން ޝުހޭލް ބަލައިލިއިރު އަނާރްގެ ދެލޯ މެރިފައި އޮތް މަންޒަރު ފެނި އޭނާގެ ހިތުގެ ވިންދު އަވަސްވެލިއެވެ. އޭނާގެ ދެއަތް މައްޗަށް އަނާރް އުފުލާލީ ލުއިލުއި ފަތެއް އުފުލާލާނެހާ ފަސޭހައިންނެވެ.
***
ޒައިނާ ބޭރަށް ނިކުތްތަނާ ސައިކަލު މަތީގައި ތަންކޮޅެއް ދުރުގައި އިން އާކާޝް ހަނާއަޅައިލިއެވެ. އޭނާ ހިނިތުންވެލާފައި އެދިމާލަށް ހިނގައިގަތެވެ.
"ކިހިނެއްވީ އަނެއްކާ؟ ސައިކަލަށް އަރަމުން ޒައިނާ ބުނެލިއެވެ.
"ނޭނގެ. މަންމަ ބޭނުންވަނީ އޯ ޒައި އާ ބައްދަލުކޮށްލަން. ތިކަހަލަ ރަނގަޅު ކުއްޖަކާ ކޮންމެ މީހަކުވެސް ބައްދަލުކުރާހިއްވާނެއްނު. އެހެންނޫނަސް މެރީކުރީމަ ދެން ޒައިއަށް އަހަރެންނާއެކު ތަންތަނަކަށް ނުދެވޭނެއެއްނު" ސަމާސާ ރާގަކަށް އަކާޝް ބުނެލިއެވެ.
"އަހަރެން މެރީކުރިޔަސް އައްކިގެ އެކުވެރިކަން ހަމަ އެގޮތުގައި އޮންނާނެ. އަހަރެން ބަދަަލެއްނުވާނެ" ޒައިނާ ބުނެލިއެވެ.
"ޔަޤީންތަ؟" އާކާޝް އެހިއެވެ.
"ޔަޤީން. މިދަނީ އައްކި މަންމަމެންނާ އާލްމެންގެ ފެމެލީއަށް ކާޑުވެސް ހިފައިގެން" ޒައިނާ ބުނެލިއެވެ. އާކާޝްގެ މޫނަށް އައި ބަދަލު ލޯގަނޑުން ޒައިނާއަށް ފެނުނެވެ. އޭނާ ދެރަވިއެވެ. އާކާޝް ގެނައި ހަރަކާތަކާއެކު ލޯގަނޑު ތިރިކޮށްލިއެވެ. އެމަންޒަރު ޒައިނާއަށް ފެނުމުން އިންތިހާއަށް ދެރަވެއްޖެއެވެ. އާކާޝް އޭނާގެ އިހުސާސްތައް ސިއްރުކުރަން އުޅޭކަން އޭނާއަށް އިނގުނެވެ.
ހައިވޭއަށް އަރާ ހިސާބުގައި މަޑުކޮށްލާފައި އާކާޝް ސައިކަލުން ފޭބިއެވެ. އަދި ސައިކަލުން ފައިބަން ޒައިނާއަށް އެހީވެދިނެވެ.
ސައިކަލްގެ މަޑިދަށް ހުޅުވާލާފައި ހެލްމެޓް ނަގާފައި ޒައިނާގެ ބޮލަށް ހެޔޮވަރު ކޮށްލިއެވެ.
"މިއީ މިއަދު ޒައިއަށް އަހަރެން ގަތް ހެލްމެޓެއް. ކުރިން ޒައި ބަލާ އަންނަނީ ކޫބެގެ ހެލްމެޓް ހިފައިގެން" އާކާޝް ވާހަކަދެއްކިއެވެ. އެހުރިހާއިރު ޒައިނާއަށް ހުރެވުނީ އާކާޝްއަށް ބަލަހައްޓައިގެންނެވެ. އިހުސާސްތައް ފޮރުވަން އާކާޝް ހާދަ ކުޅަދާނައޭ ހިތަށް އެރިއެވެ. އަޅި ކުލައިގެ ޝޯލްގެ ތެރެއިން ފާޅުވާން ހުރި ޒައިނާގެ މައުސޫމް މޫނަށް އާކާޝްގެ ނަޒަރު ހުއްޓުމާއެކު އެ ނަޒަރު އެހެން ދިމާލަށް ބަދަލުކޮށްލަން އޭނާއަށް އުނދަގުވިއެވެ. އޭނާއަށް ހެލްމެޓްގެ ލޮކް ބާރުކޮށްލެވުނީ ޒައިނާގެ މޫނަށް ބަލަން ހުރެއެވެ.
"އައުޗް..." ދަތްދޮޅިދަށަށް ބާރުވުމާއެކު ޒައިނާއަށް ބުނެވުނެވެ.
"ސޮރީ ތަދުވީތަ؟" އާކާޝް ބުނެލިއެވެ. ޒައިނާ ހީލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
"އަހަރެންނަށް ކުށެއްތަ މިކުރެވެނީ؟ އެހެެންކަމަށްވާނަމަ އަހަރެންނަށް މަޢާފްކޮށްދެއްޗެ" ސައިކަލަށް އަރަމުން ޒައިނާ ބުނެލިއެވެ.
"ކީއްވެ މަޢާފަށް ތިއެދެނީ؟" އާކާޝް ބުނެލިއެވެ.
"ނޭނގެ. އަހަރެންނަށް އެކަހަލަ އިހުސާސެއް އެބަކުރެވޭ" ޒައިނާ ބުނެލިއެވެ.
"ކޮންކަހަލަ އިހުސާސެއް؟" އާކާޝް އެހިއެވެ.
"ހިތަށް އަރަނީ ނޭނގިނަމަވެސް އަހަރެންނަށް އައްކިގެ ހިތަށް އަނިޔާއެއްބާއޭ މިދެވެނީ. އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކުށްވެރި އެބަކުރެވޭ. އަހަރެންނަށް އައްކި އާ މެދު ވަރަށް ވިސްނޭ" ޒައިނާ ވާހަކަދެއްކިއެވެ.
"ހެހެހެ... ޒައި ކޮންއިރަކު އަހަރެންނާ މެދު ވިސްނަން ފެށީ. އިންޓްރެސްޓިންގް...." ހީލުމަކާއެކު އާކާޝް އެހިއެވެ. ޒައިނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ.
***
"އައެމް ޕްރެގް... އައެމް ޕްރެގް...." ކުރިމަތީގައި ހުރި ކޮފީތައްޓަށް ބަލަހައްޓައިގެން އިން އަބާނަށް އަދިވެސް ހީވަނީ އަނާރްގެ އެ ޖުމްލަ އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުރި ހެންނެވެ.
(ނުނިމޭ)