އަށާވީސްވަނަބައި
"އަހަރެމެން މިއުޅެނީ މެރީކުރަން. ވަރަށް އަވަހަށް. އަބީ އަހަރެންނާ ކައިވެނިކުރަން ބޭނުންވޭ" ޒައިނާ ބުނެލިއެވެ. ވަގުތުން އަކާޝްއަށް ޒައިނާގެ އަތުން ދޫކޮށްލެވިއްޖެއެވެ. ގަނޑުވެފައިވާ މީހަކު ފަދައިން ކަޅިޖަހައިވެސްނުލާ ޒައިނާއަށް ބަލަހައްޓައިގެން އިނެވެ. ދެލޮލަށް ކަރުނަ ޖަމާވެއްޖެކަން އިނގުމާއެކު ޒައިނާގެ މޫނުން ނަޒަރު ވަކިކޮށް ދުރަށް ބަލަން ފެށިއެވެ. އޭރު އޭނާގެ ދެލޮލުން ރޮނގަކަށް ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ. އެމަންޒަރު ފެނުމާއެކު ޒައިނާގެ ހިތުގައި ރިއްސައިލިއެވެ. އޭނާއަށް މޭގައި އަތް އަޅައިލެވުނީ ހިތަށް ވޭނެއްގެ އިހުސާސް ކުރެވުމުންނެވެ.
ޒައިނާއަށް އިތުރަށް ވާހަކަ ނުދެއްކުނެވެ. އާކާޝްގެ ބަދަލުވަމުންދާ މޫނުމައްޗަށް ބަލަހައްޓައިގެން އިނދެވުނީއެވެ.
"ކޮންގްރެޖުލޭޝަންސް. އަހަރެންގެ ފަރާތުން ކޯޗެއް ބޭނުންވަނީ؟ އަހަރެން ބޭނުން ޒައިއަށް ހަދިޔާއެއް ދޭން" އާކާޝް މޫނުމައްޗަށް ހިނިތުންވުމެއް ގެނުވީ ގަދަކަމުންނެވެ.
"އައްކި އުފަލުންތަ ތީނީ؟" ޒައިނާ އެހިއެވެ.
"އަހަރެން ކީއްވެ އުފާނުވާންވީ. ޒައި އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެންގެ އެކުވެރިޔާގެ ކައިވެނި ކުރެވެންޏާ އަހަރެން އުފާނުވާންވީ ކީއްވެ؟ އަނެއްކާ ޒައި އުފަލުންތަ ތި އިނީ" އާކާޝް ވާހަކަދެއްކިއެވެ.
"ނޭނގެ. އަހަރެން ހާސްވަނީ. ޤަބޫލެއްނުކުރެވޭ" ޒައިނާ ބުނެލިއެވެ.
"އަލަށް ކަައިވެންޏަށް ކުރަން އުޅޭއިރު ބުނަން ނޭނގޭ ކަހަލަ އިހުސާސްތަކެއް ދެފަރާތަށްވެސް ކުރެވޭނެ. އެއީ މައްސަލައެއްނޫން" އާކާޝް ބުނެލިއެވެ.
"އަހަރެންނަށް ކުރެވެނީ ތިކަހަލަ އިހުސާސެއްނޫން. އަހަރެން އެކްސައިޓެއްނުވޭ. އެކަމަކު... އަހަރެން ވަރަށް ދެރަވޭއެބަ އައްކި ދެރަވީމަ" ޒައިނާގެ ވާހަކައިން އާކާޝް ޒައިނާއަށް ބަލައިލިއެވެ. އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިޔަސް އެތެރެހަށީގައި އޮތް ހިތް ރޮމުންދާކަން ޒައިނާއަށް އިނގުނީ ކިހިނެއް ހެއްޔެވެ؟
"އަހަރެން ވަރަށް އުފަލުން މީނީ. އަވަހަށް ރެޑީވޭ. އެމީހަކު އެންމެ ލޯބިވާ މީހަކު ލިބޭނީ ނަސީބުވެރިއަކަށް. ޒައިއަށް ތި ލިބުނީ ޒައި އެންމެ ލޯބިވި މީހާ" އާކާޝް ވާހަކަދެއްކިއެވެ. ޒައިނާ ހީލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުން އޭނާގެ ހިތުގެ އެންމެ ފުނަށް ނުފޯރިއެވެ.
***
ތައްޔާރުވެގެން ކޮޓަރިން ނިކުތް ޝުރޫކަށް ޙައިރާންކަމެއް ލިބުނެވެ. އަނާރަކީ އަބަދުވެސް އޭނައަށް ވުރެ ކުރިން ތައްޔާރުވެގެން ސިޓިންރޫމުގައި އިންތިޒާރުކުރަން އިންނަ މީހާއެވެ. މިއަދު އަނާރް ފެންނަން ނެތެވެ. އޭނާ އަނާރްގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ތައްޔާރުވެގެން އެނދުގައި އޮތް އަނާރް ފެނި ޝުރޫކް ދެފަރާތަށް ބޯ ހަލުވާލިއެވެ.
"ތިއީ ކޮންކަމެއް. ބޭރަށް ދާން ރެޑީވެގެން ތިއޮތީ އަރާ އެނދުގަ" އެތެރެއަށް ވަންނަމުން ޝުރޫކް ބުނެލިއެވެ.
"ނޭނގޭ. ބޯއަނބުރަނީ" އަނާރް ބުނެލިއެވެ.
"އަރޫއަށް މިހާރަކަށް އައިސް ކިހިނެއްތަ ތިވަނީ؟ ކެވޭ ކަހަލަ އެއްޗެއް މިގެއަކު ނެހެދޭ. ބޭރުން އެއްޗެއް ގެނެޔަސް ނުކެވޭ. އަބަދު ތިކިޔަނީ ބޯއަނބުރާ ވާހަކަ" ޝުރޫކް ވާހަކަދެއްކިއެވެ.
"އަހަރެންނަކަށްވެސް ނޭނގެ. ޝުރޫ މިފަހަރު ބޯއީފްރެންޑާއެކު ގޮސްލާ. އަހަރެން ރެސްޓްކޮށްލާނަން" އަނާރް ބުނެލިއެވެ.
"އަރޫ ތިހާ ބަލިކޮށް އުޅެނިކޮށް އަހަރެންވެސް ނުދާނަން. ދިޔަސް އަރޫ މިސްވާވަރުން އަހަރެންނަށް ރަނގަޅަށް އެއްކަމެއްވެސް ނުކުރެވޭނެ. މިފަހަރު ކެންސަލްކޮށްލާނީ" ޝުރޫކް ބުނެލިއެވެ.
"ނޫނޭ އެހެން ނަހަދާ. އެއީ ޝުރޫ ނުލާހިކު ދާހިތުން އުޅުނު ތަނެއް. އަހަރެން މާބޮޑުވަރު ވަންޏާ ގުޅާނަމޭ. މިރޭ އަހަރެން ޔުނިވަރސިޓީއަށް ވެސް ދާންޖެހޭ ގުރޫޕް މަސައްކަތުގަ. އެހާއިރަށް ނިދާލެވޭތޯ ބަލާނީ" އަނާރް ބުނެލިއެވެ.
"އޯކޭ. އެކަމު ތިކަންކަން ރަނގަޅު ނުވަންޏާ ޑޮކްޓަރަށް ދައްކަން ދާންވާނެ އިނގޭ. ނުދިޔައިއްޔާ އަހަރެން ގުޅާނީ އުމެއިރާއްތައަށް" އިންޒާރެއްދޭ ފަދައިން ޝުރޫކް ބުނެލިއެވެ. އަނާރް ބޯޖަހައިލިއެވެ.
ޝުރޫކް ނިކުތުމާއެކު އޭނާ ވިސްނައިލިއެވެ. ފޯނު ހޯދާލުމަށްފަހު ޔޫވިކާއަށް ގުޅާލާފައި ވާހަކައެއް ދެއްކިއެވެ. ފޯނު ބޭއްވުމަށްފަހު އެއްއަތްތިލަ ބަނޑުގައި ޖައްސައިލިއެވެ. އޭނާގެ މުސްތަގުބަލް އަނދިރިވާން އުޅޭކަހަލަ އިހުސާސެއް ކުރެވިއްޖެއެވެ. އެހިނދު އޭނާގެ ދެލޯ ފުރިގެން އައެވެ.
***
ގެއަށް ވަންގޮތަށް ސޯފާގައި އާކާޝް އިށީނެވެ. އޭނާ އިނީ ފިކުރެއްގައެވެ. ދުވަހަކުވެސް ހިތުގަނުޖެހޭ ވަރަށް ހިތުގަ ޖެހިފައެވެ. ފިރިހެނަކަށް ވީތީ ފިނޑިވާން ބޭނުންނުވިޔަސް އެކަން އޭނާއަށް ކާމިޔާބު ނުވިއެވެ. އަބަދުގެ އަބަދަށް އޭނާއަށް ޒައިނާ ގެއްލެނީއެވެ. އެހެން މީހެއްގެ ހައްގަކަށް ޒައިނާ ވުމަށްފަހު އޭނާއަށް އެކުވެރިއެއްގެ މަގާމު ލިބޭނެކަމެއްވެސް ނޭނގެއެވެ. އޭނާ ބޯހާސްވާން ފެށިއެވެ. ގޭތެރެއިން މީހަކު ފެނި ސުވާލުކުރުމުގެ ކުރިން ތެދުވެގެން ކޮޓަރި އާ ދިމާލަށް ހިނގައިގަނެއްޖެއެވެ. އެކަމަކު ޔުސްރާއަށް އެމަންޒަރު ފެނިއްޖެއެވެ. އޭނާ އާކާޝް ފަހަތުން ހިނގައިގަތެވެ.
"ދަރިފުޅާ" ޑްރެސިންޓޭބަލްގެ ދެފަރާތުގައި ދެއަތްތިލަ ވިއްދައިގެން ލޯގަނޑަށް ކުރިމަތި ލައިގެން ދެލޯ މެރިފައި ހުރި އާކާޝް ސިހުނެވެ. ފަހަތުން މަންމަ އައިކަން އިނގި ނަފްސު ހަމަޔަކަށް އަޅުވާލަން އޭނާ މަސައްކަތް ކުރިއެވެ.
"މަންމާ! ކަމަކުތަ؟" ފަހަތަށް އެނބުރިލަމުން އާކާޝް ބުނެލިއެވެ. އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިޔަސް އެ ހިނިތުންވުމުގެ ފަހަތުގައި ކޮންމެސް އެހެންކަމެއް ވާކަން ޔުސްރާއަށް އިނގިއްޖެއެވެ.
"ބަލީތަ؟ އައްކިގެ ހަރަކާތްތަކަށް މަންމަ ބަލާތާ ވަރަށް ގިނައިރުވެއްޖެ. ކޮންކަމެއް ދަރިފުޅުގެ ސިކުނޑިއަށް އުނދަގުކުރަނީ؟" އެތެރެއަށް ވަންނަމުން ޔުސްރާ އެހިއެވެ. އާކާޝްއަށް ދޮގުހަދަން ނުކެރުނެވެ. ތެދު ހާމަކޮށްގެން މަންމަ ދެރަކޮށްލަންވެސް އޭނާ ބޭނުން ނުވިއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ޖަވާބެއް ނުދީ ހުރުންކަން އޭނާއަށް އިނގުނެވެ.
"އައްކި އާ އޭ މަންމަ މިވާހަކަދައްކަނީ؟ އާކާޝްގެ އަތުގައި ހިފައިލަމުން ޔުސްރާ ބުނެލިއެވެ. އޭނާގެ ފަރާތުން ޖަވާބެއް ނުލިބެނީސް ޔުސްރާ ހުއްޓާނުލާނެކަން އިނގޭތީ އޭނާ ގޮތްހުސްވިއެވެ. ހުރި ދިމާލުން ތިރީގައި އިށީނދެވުނީ ދެކަކުލުން ވާގި ދިޔަހެން ހީވެގެންނެވެ. އެއްވެސް ދަރިއަކަށް މައިމީހާއަށް ކަމެއް ސިއްރުކޮށްގެން ނުހުރެވޭނެކަން އޭނާއަށް އިނގެއެވެ.
"ދަރިފުޅާ! މަގޭދަރި" އާކާޝް އާ އެއްހަމަޔަކަށް ޔުސްރާ ތިރިވިއެވެ. އާކާޝްގެ ގައިގައި ބައްދާލިއެވެ. ދަރިފުޅުގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނި ޔުސްރާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ފިތައިލި ހެންނެވެ. ފުރަތަމަވެސް ހިތަށް އައިސްވަނީ ޒައިނާގެ ނަމެވެ.
"ކިހިނެއްވީތަ ދަރިފުޅާ!" ޔުސްރާ އަހަމުން ދިޔައެވެ. ކެތްކުރަން މަސައްކަތްކުރި ނަމަވެސް އާކާޝްގެ ހިތަށް މާބޮޑަށް އަސަރުކޮށްފިއެވެ. އެކަނި ހުރިނަމަ އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރީހެވެ. އެހެންނަމަވެސް އެ ހިތްދަތި ވަގުތުގައި މަންމަ ފެނި ސުވާލުކުރަން ފެށުމުން މާބޮޑަށް ހިތުގައި ޖެހުނީހެވެ.
"މަންމާ! އަޅުގަނޑަށް އަޅުގަނޑުގެ ފުރަތަމަ ލޯބި ކާމިޔާބު ނުވި. ޒައި އުޅެނީ މީހަކާ އިންނަން" އާކާޝް ބުނެލިއެވެ. ޔުސްރާ ބަސްހުއްޓުނެވެ. ޒައިނާދެކެ އާކާޝް އެހާ ލޯބިވަކަން އޭނާއަށް އިނގުނީ އަދި ކިރިޔާއެވެ.
"ކެތްކުރޭ ދަރިފުޅާ. ތަގުދީރުގެ ރޭވުމާ އެއްވެސް މީހަކަށް ދެކޮޅެއް ނުވެވޭނެ" އާކާޝްގެ ބުރަކަށީގައި ފިރުމަމުން ޔުސްރާ ބުނެލިއެވެ. ދެލޯ ކައިރިން ފައިބަމުންދިޔަ ކަރުތައް ފޮހެލާފައި އޭނާ ހަމަޖެހެން މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ހިތްވަރުގަދަކަން އެހެން މީހުންނަށް ސާބިތުކޮށްދޭން ބޭނުންވިއެވެ.
"ހުދު އެމަންޖެ މަންމަގެ ދަރިއަކަށްވާން މަންމަވެސް ބޭނުން. ބައްޕައަށް އިނގުނިއްޔާ ވަރަށް ދެރަވާނެ" ޔުސްރާ ވާހަކަދެއްކިއެވެ.
"މަންމާ! ޒައިއަށް ހިތްބުރަ ނުކުރައްޗޭ. ޒައިއަށް އެ ލިބެނީ އޭނާ ކުޑައިރުން ފެށިގެން ލޯބިވިކުއްޖާ. އަޅުގަނޑު މިހުރީ ޒައިއަށްޓަކައި އުފަލުން" ކާޕެޓްމަތިން ތެދުވެ އެނދުގައި އިށީންނަމުން އާކާޝް ބުނެލިއެވެ.
"ކީއްވެ ޒައި އެގޮތަށް ކަންތައް ކުރީ. ދަރިފުޅު ޒައިދެކެވާ ލޯބި ޒައިއަށް އިހުސާސްނުވީ ކީއްވެ؟" ޔުސްރާ ހިތުގައި ވީ ޝަކުވާއެވެ.
"ޒައި ހިތުގަ އެ ލޯބި އުފެދިއްޖެ އަޅުގަނޑާ ދިމާވުމުގެ މާކުރިން. މަންމާ! އެއްވެސް މީހެއް ކައިރީގައި ނުބުނައްޗޭ އަޅުގަނޑު ރުއި ވާހަކަ. އަޅުގަނޑު ބޭނުމެއްނޫން އެހާ ފިނޑިވާކަށް" އާކާޝް ބުނެލިއެވެ. ޔުސްރާ ބޯޖަހައިލިއެވެ.
"ޒައިގެ ކައިވެނި ކުރެވުމުގެ ކުރިން އެއްފަހަރު މަންމަ ބޭނުން ޒައި އާ ބައްދަލުކޮށްލަން. އެމަންޖެ މިގެއަށް ގެނެސްދޭންވީނުން" ޔުސްރާ އެދުނެވެ.
"މަސައްކަތް ކުރާނަން" އާކާޝް ބުނެލިއެވެ.
***
ކޮޓަރިން ނިކުތްގޮތަށް ޒައިނާ މިސްރާބުޖެހީ އަބާންގެ ކޮޓަރި އާ ދިމާލަށެވެ. ނިދަންލާ ވަޅުފެހި ކުލައިގެ އަތްކުރުޓީޝާޓްގެ މަތިން އަތްދިގު ޖެކެޓެއް ލައިގެން ހުރިއިރު ތިރިން ލާފައި ހުރީ ބޮޑު ހަރުވާޅެކެވެ. އެތައް އިރަކު އޭނާ ވިސްނައިފިއެވެ. އޭނާ އިސްތިޚާރާ ނަމާދުކޮށް ނިމުނީ ދާދި ދެންމެއަކުއެވެ. އެންމެ ފުރަތަމަވެސް ބޭނުންވީ އާބާނާ ބައްދަލުކޮށް އޭނާ ހިތް ނިންމި ގޮތް ހާމަކުރާށެވެ. "ޒައި..." ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ޒައިނާ ފެނުމުން އަބާން ބުނެލިއެވެ.
"އަހަރެން މިއައީ އަބީއަށް ޖަވާބެއްދޭން" ޒައިނާ ބުނެލިއެވެ.
"ވަދޭ އެތެރެއަށް" ބޮޑަށް ދޮރު ހުޅުވާލަމުން އަބާން ބުނެލިއެވެ. ޒައިނާ އެތެރެއަށް ވަދެ ހުއްޓުނެވެ.
"ކޮޅަށްތަ ހުންނަނީ. އާދޭ އިށީންނަން" އަބާން ބުނެލިއެވެ.
"ނޫނޭ. ރަނގަޅުވާނެ" ޒައިނާ ބުނެލިއެވެ.
"ބުނޭ" ޒައިނާ އާ އެއްހަމައެއްގައި ހުރެ އަބާން ބުނެލިއެވެ.
"އަބީއަށް އިނގެއެއްނު އަހަރެން އަބީދެކެ ވަރަށް ލޯބިވާކަން. އަހަރެންގެ ޖަވާބަކީ އާއެނކޭ. އަހަރެންނަކަށް ނޭނގޭ އަބީގެ ހިތުގައި އޮތީ ކީކޭ ކަމެއް. ޔަގީނުންވެސް އަހަރެން ކައިވެނި މިކުރަނީ އަބަދަށްޓަކައި އަހަރެންގެ ފިރިމީހާއަށް ކިޔަމަންވެގެން އުފަލުގަ އުޅެން ބޭނުންވާތީ. އަހަރެންނަށް އިނގޭ އެއްޗަކީ މި ކައިވެންޏަކީ އަހަރެންނަށް ފައިދާއެއް އޮތް ކަމެއް ނޫންނަމަ މިކަމުން އަހަރެންގެ ވެރި ރައްބު އަހަރެން ދުރުކޮށްދެއްވާނެކަން. އަބީގެ ދުލުން އަނބިގަބޫލުކޮށްފީމޭ ބުނުމާ ހަމައިން އަހަރެން ޤަބޫލުކުރާނަން ހެއްދެވިފަރާތުން އަހަރެންނަށް ހެޔޮކޮށްކަން މިކަން ނިމިގެން ދިޔައީ" ޒައިނާ ވާހަކަދެއްކިއެވެ. އަބާން ބަހެއްވެސް ނުކިޔާ ޒައިނާގެ ވާހަކަތައް އަހަން ހުއްޓެވެ.
"އަހަރެން ރޮއްވާ ހިތުގައިޖެހޭފަދަ ކަމެއް ނުވަތަ އަހަރެން ލަދުގަންނަންޖެހޭ ފަދަ ކަމެއް އަބީގެ ފަރާތުން ކުރެވިދާނެކަމަށް އަބީއަށް ހީވާނަމަ މިކައިވެނި ނުކުރުން އަހަރެން އެދެނީ. އަހަރެން އަބީ އާ އިންނަން މި ނިންމީ ހަމައެކަނި އަހަރެން ލޯބިވާތީ. އަހަރެންނާ އިންނާނެ މީހުން ހުސްވެގެނެއްނޫން" ޒައިނާ ވާހަކަދެއްކިއެވެ.
"އަބީ އެއްޗެއް ބުނަން ނެތިއްޔާ އަހަރެން ދަނީ. ގުޑްނައިޓް" ޒައިނާ ބުނެލިއެވެ.
"ގުޑްނައިޓް" އަބާން ބުނެލީ ހަމައެކަނި އެވަރަށެވެ.
***
"އަހަރެންނަށްވެސް ނޭނގޭ އަހަރެން ކުރަން މިއުޅެނީ ކިހާ ވަރެއްގެ ކަމެއް ކަން. އަހަރެން ބޭނުންވަނީ އަނާރަށް ކަމެއް ސާބިތުކޮށްދޭން. އަހަރެންނާވެސް އިންނާނެ މީހުން ތިބިކަން އޭނައަށް އަންގަން ބޭނުން. އައި ހޭޓް ޔޫ އަނާރް..." އަބާން ބުނެލިއެވެ. އަނާރްދެކެ ނަފްރަތުކުރާކަން އޭނާ ދުލުން ކިތަންމެ ވަރަކަށް ބޭރުކުރިޔަސް އޭނާ ހިތްއެދި ގޮވާ ގޮވުންތަކަށް ބަދަލެއް ނާދޭއެވެ. މިހާރުވެސް އޭނާ ހަމައެކަނި އިންތިޒާރު ކުރެވެނީ އަނާރްގެ ކޯލަކަށެވެ. ފޯނަށް މެސެޖެއް އަޔަސް ކޯލެއް އަޔަސް އެންމެ ފުރަތަމަ ހިތަށް އައިސް ވަންނަނީ އަނާރްގެ ނަމެވެ. އެއީ އަނާރް ނޫންކަން އިނގުމުން އޭނާގެ ހިތް މާޔޫސްކޮށްލައެވެ. އޭނާގެ ހިތުގައި އަނާރަށްޓަކައި އޮތް ލޯބި ޤަބޫލުކުރަން އޭނާ ބޭނުން ނުވަނީއެވެ.
***
މަސައްކަތްކުރަން ޖެހުުނު ގުރޫޕުގައި ޝުހޭލް އިނުމުން އަނާރް ފޫހިވިއެވެ. އޭނާ ޝުހޭލަށް ބަލައިވެސްނުލާ މަސައްކަތުގައި އުޅުނެވެ. ޝުރޫކާ ތަފާތު ދެ ވަގުތެއްގައި ޔުނިވަރސިޓީގައި އުޅެން ޖެހުމުން އެކަމާވެސް އޭނާ ހުންނަނީ ފޫހިވެފައެވެ. އަދިވެސް ބޮލަށް ހުންނަނީ ބަރުވެފައެވެ. އެއްވެސް ކަމެއް ކުރާހިތްނުވެފައެވެ.
"އާރ ޔޫ އޯކޭ އަނާރް" ކޮޅަށް ތެދުވި އަނާރް އަރި އަޅާލިތަން ފެނުމުން ކައިރީގައި އިން ކުއްޖަކު ބުނެލިއެވެ. ޝުހޭލް އަނާރަށް ބަލައިލިއެވެ. އޭނާ އަންނަން އުޅެނިކޮށް ޝުރޫކްގެ މެސެޖެއް ލިބުނެވެ. އަނާރް ބަލިކޮށް އުޅޭ ވާހަކަ ޝުރޫކް މެސެޖްގައި ބުނެފައި އޮތެވެ. އަނާރަށް ރަނގަޅަށް ބަލައި ދިނުމަށްވެސް މެސެޖްގައި އޮތެވެ.
"އަރޫ! އާރ ޔޫ އޯކޭ" އަނާރް ކައިރީގައި އިން އަންހެންކުއްޖާ ދުރަށް ޖެހުނު ވަގުތު ޝުހޭލް އަނާރާ ގާތަށް ޖެހިލިއެވެ.
"އައިމް ފައިން" އަނާރް ބުނެލިއެވެ. ކުރީގައި ޝުހޭލްއަށް ބަވާފައި ވާހަކަދެއްކިޔަސް އެކަން މިހާރު އޭނާ ރަނގަޅުކޮށްފިއެވެ. އިސްނާސަނަށް ނަފްރަތު ކުރިޔަސް ޙައްދުފަހަނައަޅާ ނުދިޔުމަށް އޭނާ ކައިރީގައި ބުނީ ޝުރޫކެވެ.
ކްލާސް ނިމުނުވަގުތު ހުރިހާ ކުދިން ގެއަށްދާން ނިކުތެވެ. ޝުހޭލް ގޭޓު ކައިރީގައި މަޑުކޮށްލައިގެން ހުރީ އަނާރް ހިނގައިގަތުމުން ފަހަތުން ދިޔުމަށެވެ. ކްލާހުގައި ބައިވެރިވި ހުރިހާ ކުދިން ނިކުމެ އެމީހެއްގެ މަންޒިލަށްދާން ނައްޓާލިއިރުވެސް އަނާރްގެ ހަބަރެއް ނުވިއެވެ. ޝުހޭލް ފަހަތަށް އެނބުރި ހޯދައިލިއެވެ. އޭނާގެ ލޮލުގައި އަނާރް އަޅައިނުގަތެވެ. އެހެންކަމުން އޭނާ އެތެރެއަށް ވަނެވެ. ފަރާތް ފަރާތް ހޯދަމުން ދިޔައެވެ. ޖީބުގައި އޮތް ފޯނު ނަގާފައިވެސް ގުޅަން ނުކެރުނެވެ. އޭނާގެ ހިތް ބިރުގަތީ އަނާރަށް ކަމެއްވެއްޖޭ ހިތް ބުނި ވަގުތުގައެވެ. އޭނާގެ ހިނގުން ބާރުވެލިއެވެ. ކްލާސް ރޫމަށް ވަންއިރު މޭޒުގައި ބޯ އަޅައިގެން އޮތް އަނާރް ފެނި އޭނާ އެތެރެއަށް ވަނެވެ.
"އަރޫ...!" ކައިރިއަށް ހުއްޓި ޝުހޭލް ގޮވައިލިއެވެ.
"އަނާރް.." އަނާރްގެ އަތުގައި ކޮއްޓާލަމުން ޝުހޭލް ގޮވައިލިއެވެ. އަނާރްގެ ހަބަރެއް ނުވިއެވެ. އަނާރް އޮތީ ހަބަރު ހުސްވެފައިކަން ޝުހޭލްއަށް އިނގުނީ އަނާރްގެ ބޯހިއްލާލި ވަގުތު އެނާގެ ދެލޯ މެރިފައި އޮތްތަން ފެނުމުންނެވެ. އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާގެ ބަނޑާ ހަމައިގައި ލައްވެލައިގެން އިން އަނާރްގެ ކޯތާފަތުގައި ދެފަހަރަކު ޖަހައިލިއެވެ. ހިތް އަވަސްވެފައި ހުރި ޝުހޭލް އަނާރްގެ ވިންދު ޗެކްކޮށްލިއެވެ. މޭޒު މަތީގައި އޮތް އަނާރްގެ ދަބަސް ކައިރީގައި ހުރި ފެންފުޅި ނަގާފައި އަތަށް އޮއްސާލިއެވެ. އަނާރްގެ މޫނުގެ ވަށައިގެން ފެންހާކަން ފެށުމާއެކު ވަރުބަލިކަމާއެކު ދެލޯ ހުޅުވާލިއެވެ.
"އަރޫ..! ކިހިނެއްވީ...؟" ކައިރިން އިވުނީ ޝުހޭލްގެ އަޑުކަން އިނގުމުން އަނާރް ފޫހިވިއެވެ. ދުރަށްޖެހެން އުޅެފައިވެސް އޭނާ ޚިޔާލު ބަދަލުކުރިއެވެ. އަދިވެސް ހުރީ ބޮލަށް އެނބުރުން އަރާފައެވެ.
"އަހަރެންނަށް ކިހިނެއްވީ؟" އަނާރް ބުނެލިއެވެ.
"ފެއިންޓްވީ. ހިނގާ ގެއަށްދާން. އަރޫ މިއަދު ރަނގަޅަށް ކެއިންތަ؟" ޝުހޭލް ބުނެލިއެވެ.
"އަހަރެން ގެއަށްދާން ބޭނުމެއްނޫން" އަނާރް ބުނެލިއެވެ. ޝުހޭލް ޙައިރާންވިއެވެ. ގެއަށް ނޫން އަނާރް ދެން ދާން އޮތީ ކޮންތަނެއް ހެއްޔެވެ؟
"ދެން މިތަނުގަތަ މަޑުކުރަން ބޭނުންވަނީ. ހިނގާ ދާން. އަހަރެން ޝުރޫއަށް ގުޅަންތަ؟" ޝުހޭލް ބުނެލިއެވެ. އަދިވެސް އަނާރް އިނީ ޝުހޭލްގެ ގައިގައި ލައްވެލައިގެންނެވެ.
"ނޫނޭކޭ މިބުނީނު. އަހަރެން ވަރަށް ބޯއަނބުރާ އެބަ. އަހަރެން ޔޫވިކާމެންގެ ކްލިނިކަށް ގެންގޮސްދީ" އަނާރް އެދުނެވެ. ޝުހޭލް އަނާރް އަތުގައި ހިފައިގެން ހިނގައިގަތެވެ.
"އަނާރް ގޮވައިގެން ޝުހޭލް ޓެކްސީއަށް އެރީ ސައިކަލު ފަހަތުގައި އަނާރަށް ނީނދެވޭނެތީއެވެ. އެކުގައި ޝުހޭލް އިނުމުން މިފަހަރު އަނާރްގެ ހިތަށް މާބޮޑު އެއްޗެއް ނޭރިއެވެ.
"ކީއްވެ އެތަނަށް" އަހަން ނާހަން އިނފެފައިވެސް ޝުހޭލް އެހިއެވެ.
"އަހަރެން ކިޔާ އެއްޗެހި ޝުރޫ ކައިރީގައި ގޮސް ކިޔާނީއެއްނޫން. އަހަރެންނަށް މިވާގޮތް އަހަރެންނަށް އިނގޭ. އަހަރެން ބޭނުންވަނީ ޔަޤީންކުރަން " އަނާރް ބުނެލިއެވެ. ޝުހޭލްގެ ދެބުމަ ގޮށްޖެހުނެވެ.
***
ސިޓިންގރޫމަށް އެންމެން ޖަމާވެފައި ތިއްބެވެ. ޒައިނާ އާ އަބާން އިނީ އެއް ސޯފާގައެވެ. މަޑުކޮށްލައިގެން ތިބީ ނަސީމް އަންނަދެނެވެ.
"ސަމީރުމެން ކިހާއިރަކު އަންނަނީ؟" އުންމީދާ އެހިއެވެ.
"މާދަމާ ފުރަނީ. އަހަރެން ކައިވެނިކުރާ ވާހަކަ ބުނީމަ ތިބީ ޤަބޫލުނުކުރެވިފަ" ޒައިނާ ބުނެލިއެވެ.
ނަސީމް އައިސް އިށީނުމާއެކު ކައިވެނީގެ ވާހަކަތައް ދެކެވެން ފެށުނެވެ. ޒައިނާ އާ އަބާން ލޯބީގެ ގޮތުން ގުޅިގެން އުޅެން ބޭނުންވާ ވާހަކަ ނަސީމް ބުނެލިއެވެ.
"ބައްޕަ ބޭނުން ދަރިފުޅުގެ ކައިވެނި ވަރަށް ކުލަގަދަކޮށް ބާއްވަން. ބައްޕަގެ ގާތް އެކުވެރިންތަކަކަށް ދައުވަތުދޭން" ނަސީމް ވާހަކަދެއްކިއެވެ. އަބާންގެ ފަރާތުން ޖަވާބެއް ނައެވެ. އޭނާ އިނީ ވިސްނުމެއްގެ ތެެރެއަށް ގެއްލިފައެވެ.
"އަބީ" އުންމީދާ އަބާނަށް ގޮވައިލިއެވެ.
"އެބަ އަޑުއިވޭތަ؟" ނަސީމް ބުނެލިއެވެ.
"ބައްޕަ އަބީއަށް ވަރަށް އިތުބާރުކުރަން. އަބީ ގޯހެއް ނަހަދައްޗެ. މާދަމާ ދައުވަތު ކާޑު ހަދަން ހަވާލުކުރާނަން" ނަސީމް ވާހަކަދެއްކިއެވެ. ޒައިނާގެ ހިތް ތެޅިލިއެވެ.
"މާދަމާ ރަން ކިޔުމުގެ ކަންތައްތައް ކުރިއަށްދާނެ. މާދަމާ ރެއަށް ސަމީރުގެ ދެމަފިިންވެސް ތިބޭނެއްނު" ނަސީމް އުންމީދާއަށް ބުނެލިއެވެ. މަންމަ އާ ބައްޕަ ކައިވެންޏާ ގުޅުވައިގެން އެތައް ވާހަކައެއް ދައްކަމުން ދިޔައިރުވެސް އެވާހަކަތަކާ އަބާނަށް ގަޔާނުވެވުނެވެ. އޭނާގެ ވިސްނުން ވަނީ އެހެން ކަމަކާ ގުޅިފައެވެ. ޒައިނާއަށް އިނދެވުނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެންމެ ލޯބިވާ މީހާ އާ ކައިވެނި ކުރެވެން އުޅުނަސް ހިތަށް ލިބެންވާ ހިތްހަމަޖެހުން ނުލިބުނެވެ. އޭނާގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި ނުތަނަވަސްކަމެއް އުފަންވަމުން ދިޔައެވެ.
***
ރިސެޕްޝަނުގައި އިން އަންހެންކުއްޖާ ދިއްކޮށްލި ކަރުދާސްގަނޑު ހިފީ ޝުހޭލްއެވެ. ގޮނޑިބަރީގައި އިން އަނާރަށް ބަލައިލާފައި އޭނާ ކަރުދާސްގަނޑު ހިފައިގެން އެދިމާލަށް ހިނގައިގަތެވެ. ޝުހޭލް ގޮސް ކަރުދާސްގަނޑު އަނާރަށް ދިއްކޮށްލިއެވެ. އަދި އަނާރާ އެއްގޮނޑި ދޫކޮށް އިށީނެވެ.
"ހުރިހާކަމެއްވެސް ރަނގަޅުތަ؟" ދުރު ބަލަން އިނދެ ޝުހޭލް ބުނެލިއެވެ. އަނާރް ބަހެއް ނުކިޔައެވެ.
"ޓެސްްޓްތަކުގަ މައްސަލައެއް އުޅެނީތަ؟" ޝުހޭލް އެހިއެވެ.
ޝުހޭލް އަނާރަށް ބަލައިލީ އަނާރްގެ ފަރާތުން ޖަވާބެއް ނައުމުންނެވެ. އެހިނދު އޭނާ ގަނޑުވިއެވެ. ކަރުދާސްގަނޑު އޮތީ އަނާރްގެ އުނގު ތެރޭގައެވެ. ދެލޮލުން ފައިބަމުންދިޔަ ކަަރުނަތައް ފެނި ޝުހޭލްއަށް އަނާރާ ގާތަށް ޖެހިލިއެވެ. އަނާރާ އިތުރު ސުވާލެއް ކުރުމުގެ ބަދަލުގައި އޭނާ ބަލައިލީ ކަރުދާސްގަނޑަށެވެ. އެހިނދު އޭނާއަށް ހީވީ އުޑުބޮލަށް ވެއްޓުނު ހެންނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަ ހެންނެވެ. އޭގައި އޮތް އެއްޗެއް އެތައް ފަހަރަކު ކިޔާލުމުންވެސް ބަދަލެއް ނުވިއެވެ. ޝުހޭލް ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އެހެންނަމަވެސް އަނާރާ މެދު ކުޑަވެސް ފޫހިކަމެއް އޭނާގެ ހިތުގައި އުފަން ނުވިއެވެ.
(ނުނިމޭ)