ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 27

4

ހަތާވީސްވަނަބައި

ކައިރީގައި ހުރި އަކާޝްގެ އަތުގައި އޭނާއަށް ހިފައިލެވުނީ ބޭއިހްތިޔާރުގައެވެ. އެހިނދު އާކާޝްއަށް ޒައިނާއަށް ނަޒަރެއް ދެވިއްޖެއެވެ.

ޒައިނާ ފިނިވެފައިހުރި މިންވަރު އިހުސާސްވުމާއެކު އާކާޝްގެ ނަޒަރު ފަޔާޒަށް ހުއްޓާލައިފިއެވެ. ތަނަށް ވެރިވެފައިވި ހިމޭންކަން ކަނޑުވާލަން ބޭނުންވެ އޭނާ ހީލި އަޑު ޒައިނާއަށް އިއްވާލައިފިއެވެ.

"އަޅުގަނޑު ހީކުރީ ޒައިއަށް ވެލްކަމް ކިޔާނީ މަންމަ ކަމަށް" އާކާޝް ބުނެލިއެވެ. މިހުނާ ޔުސްރާގެ އަތުގައި ކޮށްޓައިލުމާއެކު ޔުސްރާ ހިނގައިގަތެވެ. އެހިނދު ފަޔާޒް ހުރި ފިޔަވަޅުމަތީގައި ހުއްޓިއްޖެއެވެ. އޭނާއަށް ވިސްނާނުލާ ކުރެވެން އުޅުނު ކަމަކުން އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. ނޭނގޭކަމަށް ހަދާފައި އަތުގައި އޮތް ފޯނަށް ބަލައިލާފައި ކަންފަތުގައި ޖަހައިލިއެވެ.

"ޒައި! މިއީ މަންމަ" ޔުސްރާ އެހިސާބާ އަރާ ހަމަވިއެވެ. ޒައިނާ ކައިރިން އަޅާފައި ހުރަސްކުރަމުން ވަރަށް ފުން ނަޒަރަކުން ފަޔާޒް ޒައިނާއަށް ބަލައިލިއެވެ. ފިރިމީހާގެ މޫނުމަތި ހުރިގޮތުން ކަންތައްތައް ވަރަށް ގޯސްވެއްޖެކަން ދުރުގައި ހުރި މިހުނާއަށް އިނގުނެވެ. އެހެންކަމުން އޭނާ ދޮރާ ދިމާލަށް ހިނގައިގަތެވެ. ޒައިނާ އާ އަރައި ހަމަވެފައި ހުއްޓި ޒައިނާގެ މޫނަށް ބަލައިލިއެވެ. އޯގާތެރި ހިނިތުންވުމަކާއެކު ޒައިނާގެ މޫނުގައި ފިރުމާލާފައި ބޭރަށް ނިކުމެލިއެވެ.

"ކީއްވެ ނުވަދެ ތި ތިބެނީ. އާދޭ އަވަހަށް އެތެރެއަށް" ޒައިނާގެ އަތުގައި ހިފައިލަމުން ޔުސްރާ ބުނެލިއެވެ. އާކާޝްގެ މޫނަށް ބަލައިލާފައި ޒައިނާ އެތެރެއަށް ވަދެއްޖެއެވެ. ސޯފާ އާ ހަމައަށް ގޮސްފައި އާހިލް އާ ރާހިލްއަށް ޒައިނާ ބަލައިލިއެވެ.

"ޒައިނާއްތަ މިއަދު ވަރަށް ތަފާތު" ރާހިލް ބުނެލިއެވެ. ޒައިނާ ހީލިއެވެ. ވަކިން ހުރި ސޯފާގައި އިށިން އާކާޝް އާއިލާގެ ފަހަރަކު މީހަކު ޒައިނާއަށް ތަޢާރަފްކޮށްދިނެވެ. އެއިން ކޮންމެ މީހަކަށް ޒައިނާ ދިނީ ހިނިތުންވުމެކެވެ. ޒައިނާގެ ފުރަތަމަ ފެނިލުމާއެކުވެސް ހަނީފްގެ ހިތުގައި ހާއްސަ ޤަދަރަކާ ކުލުނެއް ޖެހިއްޖެއެވެ.

"އައްކި މިގެއަށް ވަރަށް ނުގެންނާނެ އެކުވެރިންނެއް. ތިއީ އަދި ފުރަތަމަ ކުއްޖާ" ޔުސްރާ ވާހަކަދެއްކިއެވެ. ޒައިނާ ހީލިއެވެ.

"ޒައިނާއްތަ އަތުގަ އަނގަ އެބައިނެއްނު. ދެން ކީއްވެ ވާހަކަނުދައްކާ އަބަދު ހީލުމަކުން ތި ނިންމާލަނީ" ރާހިލް ބުނެލިއެވެ. އެންމެންނަށް އެއްފަހަރާ ހެވިއްޖެއެވެ.

"ވަރަށް އުފާވެއްޖެ އައްކިގެ ފެމެލީ އާ ބައްދަލުވީމަ. އެކަމަކު ކުރިން އެދިޔައީ ކޮންބައެއްކަމެއް ނޭނގޭ" ޒައިނާ ބުނެލިއެވެ.

"އެއީ އަހަރެމެންގެ މަންމަ އާ ބައްޕަ. ޒައިނާއްތަ ވެސް އެހެން ކިޔާބަލަ" ރާހިލް ބުނެލިއެވެ. އާހިލް ރާހިލްގެ އަތުގައި ވިކައިލިއެވެ.

"ސާބަހޭ. އެހިސާބަށް ދިޔައިމަ ޒައި ކިޔާނެ ތިކުދިން ނުބުންޏަސް. ހިނގާ ކާން ދާން" ޔުސްރާ ވާހަކަދެއްކިއެވެ.

***

މިހުނާ ބޭރަށް ނިކުމެ ދެފަރާތް ހޯދައި ބަލައިލިއެވެ. މައި ދޮރުގެ އެއްފަރާތުގައި ހުރި ވަރުގަދަ ރުނބާ ކައިރީގައި ހުރި ދެމީހުންގެ ޖާގައިގެ ޖޯލީގައި ފަޔާޒް އިސްޖަހާލައިގެން އިނެވެ. އެދިމާލަށް މިހުނާ ހިނގައިގަތެވެ. ކައިރިވަމުން ދިޔަ ވަރަކަށް ފިރިމީހާގެ ލޯކައިރިން ވިދަމުން ދިޔަ ކަރުނަތައް އޭނާއަށް ފެނިއްޖެއެވެ. ފަޔާޒް އެގޮތަށް އޭނާއަށް ފެނުނީ ހާދަ ދުވަހަކަށް ފަހުއެވެ. އެންމެފަހުން ފަޔާޒްގެ ލޮލުން ކަރުނައެއްގެ އަސަރު އޭނާ ދުށީ ބައްޕަ ނިޔާވި ދުވަހުއެވެ.

"ފަޔާ" ފަޔާޒް ބަލައިލީ ދާދި ކައިރިން މިހުނާގެ އަޑު އިވުމުންނެވެ. އޭނާ ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި ދެލޯކައިރި ފޮހެލިއެވެ.

"އެމަންޖެ ފެނުނީމަ އަހަރެންނަށް އިހުސާސްތައް ނުހިފެހެއްޓުނީ. މިހޫ! އަހަރެންގެ އަންހެންދަރިފުޅޭ އެއީ. ﷲއަށްޓަކައި ހަމަ ތެދެއް މިބުނަނީ. އެމަންޖެ ފެނުމާއެކު އަހަރެންގެ ހިތް ލޯބިން ފުރިއްޖެ. ދެ ފިރިހެންދަރިން ފެނިފަ ހިތަށް ނުލިބޭހާ ހިތްހަމަޖެހުން އަހަރެންގެ ހިތަށް ލިބިގެން ހިނގައްޖެ. އެންމެފަހަރަކު ނަމަވެސް އަހަރެންގެ މިދެއަތުގެ ތެރެއަށް އެމަންޖެ ގެންނަން ބޭނުން. އެންމެފަހު ނޭވާ އާ ހަމައަށް ބަފައެއްގެ ފަރާތުން ހިމާޔަތްދޭން ބޭނުން" ފަޔާޒް ވާހަކަދެއްކިއެވެ. ފަޔާޒްގެ ކަރުނަތައް ފެނި އިސާހިތަކު މިހުނާއަށް ރޮވިއްޖެއެވެ.

"ބޭބެމެންނަށް އެމަންޖެ އަހަރެންނާ ވައްތަރުވެގެން އެވާހަކަ ދެއްކިޔަސް އެމަންޖެގެ މޫނުން އަހަރެންނަށް އަހަރެންނެއް ނުފެނޭ. އެކަމަކު ސާދުނާގެ މޫނު އަހަރެންނަށް ސިފަވެއްޖެ. އެއީ ހަމަ އެހަށިގަނޑު. ހެދުން އެޅުމާ އިސްކޮޅުވެސް. މިހޫ! އެމަންޖެ އަހަރެންނަށް މަޢާފްކުރާނެތަ؟ އަހަރެން މިއީ ބައްޕަ ކަމަށް ޤަބޫލުކުރާނެތަ؟" މިހުނާގެ އަތްތިލަ އޭނާގެ އަތްތިލައިގެ ތެެރެއަށް ލަމުން ފަޔާޒް ވާހަކަދެއްކިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ފަޔާ މިވަގުތު މިތަނުގަ އިނީމަ ކަމަކުނުދާނެ. ހިނގާ އެތެރެއަށް. އަހަރެމެންގެ ދަރިފުޅު އަހަރެމެން ކައިރިއަށް އައި ފުރަތަމަ ފަހަރު މިއީ" ފަޔާޒްގެ ބުރަކަށީގައި ފިރުމައިލަމުން މިހުނާ ވާހަކަދެއްކިއެވެ.

"ހިނގާ. އަހަރެން ބޭނުން ހިތް ފުރެންދެން އެމަންޖެއަށް ބަލަން" ފަޔާޒް ބުނެލިއެވެ.

އެންމެން އެއް ސުފުރާ މަތިން ކައިގެން ތެދުވިއިރުވެސް ޒައިނާއަށް އެއްކަމެއް އުނދަގުކުރިއެވެ. ފަޔާޒްގެ އާދަޔާޚިލާފް ބެލުމެވެ. އޭނާއަށް ނޭނގި ފަޔާޒަށް ހިތުން ޤަދަރެއް ދެވިއްޖެކަންވެސް އިހުސާސްވިއެވެ.

"މަންމާ! އެހެން ފަހަރަކުން އަންނާނަން. ޒައި އެބަޖެހޭ އެހެން ތަނަކަށް ގެންދަންވެސް. ދެން ދަނީ" ޒައިނާ އެކު ތެދުވި އާކާޝް ބުނެލިއެވެ.

"ދަނީ" ހީލަމުން ޒައިނާ ބުނެލިއެވެ.

"ގުޑްނައިޓް ޒައިނާއްތާ" ރާހިލް ބުނެލިއެވެ.

ދޮރާ ހަމައަށް ގޮސްފައި ޒައިނާ ފަސްއެނބުރި ބަލައިލިއެވެ. އަދިވެސް ފަޔާޒްގެ ކަޅި ވަނީ އޭނާއަށް ހުއްޓިފައެވެ. އެ ދެލޮލުން އޭނާއަށް އެއްޗެއް ބުނެދޭން މަސައްކަތްކުރާ ކަހަލައެވެ. ދުވަހަކުވެސް އޭނާއަށް ނުކުރެވޭ އިހުސާސެއް ކުރެވިއްޖެއެވެ.

"އައްކިގެ ފެމެލީ ވަރަށް ސްވީޓް. އަދިވެސް އަންނަން ބޭނުން" ގޭޓާ ދިމާލަށް ދަމުން ޒައިނާ ބުނެލިއެވެ.

"ޒައި އަދި އެއްކޮށް ގެންނާނަމޭ މިގެއަށް" ޖީބުން ސައިކަލުގެ ތަޅުދަނޑި ނަގަމުން އާކާޝް ބުނެލިއެވެ.

"ވަޓް...؟" ޒައިނާއަށް ހުއްޓުނެވެ. ބުނެވުނު އެއްޗަކާ މެދު އާކާޝްއަށް ވިސްނައިލެވުނީ ދެނެވެ.

"ޒައި ތިހީކުރި ކަހަލަ ގޮތަށް މީންކޮށްފަ ބުނި އެއްޗެއް ނޫން. ވެދާނެއްނު މިގެ އާ ނޫނީ މިފެމެލީ ކޮންމެސް މީހަކާ ޒައި އާ ރިލޭޝަނެއް އޮންނަ ކަމަށް" ސައިކަލަށް އަރަމުން އާކާޝް ބުނެލިއެވެ.

"އައި ޑޯންޓް ތިންކް. ބަޓް ދެޓް ވިއަރޑް ލުކް. އަހަރެންނަށް އަދިވެސް ފެންނަ ކަހަލަ" ފަހަތަށް އަރައި އިށީންނަމުން ޒައިނާ ބުނެލިއެވެ. ޒައިނާ އެބުނީ ކާކުގެ ވާހަކަ ކަން އާކާޝްއަށް އިނގުނެވެ. ސައިކަލުގެ ލޯގަނޑުން އޭނާ ޒައިނާގެ މޫނަށް ބަލައިލިއެވެ. އެހިނދު ޒައިނާ އާކާޝްއަށް ދިނީ ލޯބިން ފުރިގެންވި ހިނިތުންވުމެކެވެ.

"މާބޮޑަށް ކަންތައްތަކާ ނުވިސްނާ. ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް. ޒައި އެދިއެދި ހުރި އެތައް އެއްޗެއް ޒައިއަށް ލިބޭނެ ކޮންތާކަށޭތަ ބުނީ" ސައިކަލް ސްޓާޓް ކުރަމުން އާކާޝް އެހިއެވެ. އެވަގުތު އެއީ ޒައިނާގެ ފޯނަށް މެސެޖެއް އައި ވަގުތެވެ. އޭނާ ބަލައިލިއިރު އަބާން މެސެޖް ކޮށްލާފައި އޮތެވެ. ދާންވީ ތަން އޭނާ އާކާޝް ކައިރީގައި ބުނެލިއެވެ.

"ކީއްކުރަން މިތަނަށް" ރަސްފަންނު ކައިރިއަށް ސައިކަލް މަޑުކޮށްލާފައި އާކާޝް ބުނެލިއެވެ.

"އަބާން އަހަރެންނާ މީޓްކޮށްލަން ބޭނުމޭ ބުނީމަ" ސައިކަލުން ފައިބަމުން ޒައިނާ ބުނެލިއެވެ. އެވަގުތު އަކާޝްއަށް ސައިކަލުގެ މުއްގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ.

"އަހަރެން ދާންވީތަ؟ ނޫނީ..."

"އިހަށް މަޑުކުރޭ. ކޮބާތަ އޭނަ؟" ފޯނުން އަބާނަށް ގުޅަމުން ޒައިނާ ބުނެލިއެވެ. އާކާޝްގެ މޫނުމައްޗަށް ވެރިވެފައިވި ކުލަަަވަރު އޭނާއަށް ނުފެނެއެވެ.

"އެހެރީ. ދަނީ" ހިނިތުންވެލަމުން ޒައިނާ ބުނެލިއެވެ.

"ވެއިޓް. ޒައި ގެއަށްދަނީ އޭނަ އާ އެއްކޮށްތަ؟ އެހެން މިބުނީ ދެމީހުން އުޅެނީ އެއް ގެއެއްގައޭ ބުނީމަ" އާކާޝް ވާހަކަދެއްކިއެވެ.

"އަހަރެން ގެނައީ އައްކިއެއްނު. އެހެންވީމަ ހުރި ތަނަށް ގެންގޮސްދޭންވެސް ޖެހޭނީ އައްކި. އައި ކާންޓް ޓްރަސްޓް ހިމް. ކުއްލިއަކަށް އެ އަންނަ ރުޅީގަ އޭނަ އަހަރެން މި ދިމާލުން މޫދަށް އެއްލާވެސްލާފާނެ" ޒައިނާ ބުނެލިއެވެ.

"އެހެންވިއްޔާ ޒައި ގެއަށް ދާންވީމަ ގުޅާ އިނގޭ" އާކާޝް ބުނެލިއެވެ. ޒައިނާ އަބާން ހުރި ހިސާބަށް ދަންދެން މަޑުކޮށްގެން އާކާޝް ހުއްޓެވެ. އޭނާގެ މޫނުމަތި ވަނީ މިލާފައެވެ. އެހެން ފިރިހެނެއްގެ އަތްދަށަށް ޒައިނާ ދޫކޮށްލާފައި ދާން އޭނާ ހިތް އެއްބަހެއް ނުވިއެވެ. ސައިކަލް އަނބުރާލާފައި ގޮސް މަޑުކޮށްލީ އެއްފަރާތުގައި ހުރި ރުކެއް ކައިރީގައެވެ. ޒައިނާގެ ހަރަކާތްތައް ފެންނަ ހިސާބުގައެވެ. އޭނާ އިން ތަނުން އެ ދެމީހުން ފެންނަނީ ދެ ލޯބިވެރިން ފަދައިންނެވެ. އެހިނދު އޭނާގެ ހިތަށް ތަދުވެލިއެވެ.

"ޝުކުރިއްޔާ އައިސްދިނީމަ" މޫދާ ދިމާލަށް ކުރިތިލައިގެން ހުރި އަބާން ޒައިނާ އައިސް ހުއްޓުމާއެކު ބުނެލިއެވެ. އޭނާ އެނބުރި ޒައިނާއަށް ބަލައިލިއެވެ.

"ޒައި ވަރަށް ތަފާތު" ޒައިނާ އެއްޗެއް ބުނުމުގެ ކުރިން އަބާން ބުނެލިއެވެ. ޒައިނާ ޝުކުރުއަދާކުރިއެވެ.

"ކޮންކަމަކު އަންނަން ބުނީ؟" ޒައިނާ އެހިއެވެ.

"އުޅުނީ ޑިނަރ އަކަށް ދާން. އެކަމަކު ޒައި ފްރެންޑެއްގެ ގެއަށް ދާ ވާހަކަ ބުނީމަ އެޚިޔާލު ދޫކޮށްލީ. ކައިގެންތާ ހުންނާނީ" އަބާން ބުނެލިއެވެ.

"ކިހިނެއްވީ އަނެއްކާ؟ އަހަރެންނާ ބައްދަލުކުރަން ބޭނުންވީ އަނެއްކާ އަހަރެންނަށް އަބީ ހިތްހަމަނުޖެހޭވަރު ކަމެއް ކުރެވުނީތަ؟" ޒައިނާ ވާހަކަދެއްކިއެވެ.

"އެވާހަކަ ދޯ. ޒައި ބޭނުންތަ އަހަރެންނާ އިންނަން" އެއްވެސް ފަސްޖެހުމެއްނެތި އަބާން ބުނެލިއެވެ. ޒައިނާގެ މޫނުމަތީގައި ޙައިރާންކަން ވަށައިލިއެވެ. އޭނާއަށް އަބާންގެ މޫނަށް ބަލައިލެވިއްޖެއެވެ.

"ބުނެބަލަ. ބޭނުންތަ؟" ޒައިނާ ބަލަހައްޓައިގެން ހުރުމުން ދެވަނަފަހަރަށް އަބާން އެހިއެވެ.

"ކޮންކަހަލަ ސަމާސާއެއް ތިއީ؟ ތިކަހަލަ ސަމާސާއެއް ކުރަން މިކަހަލަ ތަނެއް ނޫނީ ނުފެނުނީތަ؟" ޒައިނާ ބުނެލިއެވެ.

"މިއީ ސަމާސާއެއް ނޫން. އައިމް ސީރިޔަސް." ޒައިނާގެ މޫނުން ނަޒަރު ވަކިކޮށް ކުރިމަތީގައި އޮތް މޫދަށް ނަޒަރު ހިންގައިލަމުން އަބާން ބުނެލިއެވެ.

"އަހަ.. އަހަރެންނަށް ޤަބޫލެއްނުކުރެވޭ. މިއީ ހުވަފެނެއްތަ؟" ޒައިނާ ދެއަތަކަށް މޫނު ތަޅުވާލިއެވެ.

"ނޫން. މިއީ ޙަޤީޤަތް" އަބާން ބުނެލިއެވެ.

"އަހަރެންނަށް އަހާލެވިދާނެތަ ތިކަހަލަ ނިންމުމެއް އަބީ ނިންމަންޖެހުނު ސަބަބެއް" ޒައިނާ ބުނެލިއެވެ.

"އެއީ އަހަރެން ލައިފެއް ފަށަން ބޭނުންވާތީ. އަހަރެންނަށް ޒައި އަށް ވުރެ ރަނގަޅު ކުއްޖެއް ހިއެއްނުވޭ ލިބިދާނެހެނެއް" އަބާން ބުނެލިއެވެ.

"ދެން އަނާރް..."

"ބޭކާރު މީހުންގެ ވާހަކަނުދައްކާ" އަބާން ބުނެލިއެވެ.

"އެކަމަކު..."

"ކޮބާ ޒައިގެ ޖަވާބަކީ؟ ވިސްނަން ވަގުތު ބޭނުންތަ؟" އަބާން ބުނެލިއެވެ.

"އަހަރެންނަށް ވިސްނަން ވަގުތު ދިނުމުގެ ކުރިން އަހަރެން މިދެނީ އަބީއަށް ވިސްނަން ވަގުތު. ހަމަޖެހިލައިގެން ތަނެއްގަ އިނދެ ވަރަށް ރަނގަޅަށް ވިސްނަބަލަ ތި ނިންމުން ތިއީ ރަނގަޅު ނިންމުމެއްތޯ. އަހަރެން ގޮވައިގެން އަންބެއްގެ ލޯބި އަހަރެންނަށް ދީގެން ލައިފް އެއްކޮށް އުޅެވޭނެތޯ. އެއަށްފަހު އަހަރެން ކައިރީގައި ބުނޭ ނިންމި ގޮތެއް. ޔަގީނުންވެސް ގަދަކަމުން ލޯބި ހޯދަން އަހަރެން މަސައްކަތެއް ނުކުރާނަން. އަހަރެން ދެން ދަނީ" ޒައިނާ ހިނގައިގަތެވެ.

"މަޑުކޮށްބަލަ. ކިހިނެއް ދާން ތިއުޅެނީ؟ އަހަރެން ޒައި ގެންގޮސްދޭނަން. މީގެފަހުން އަހަރެން ޒައިގެ ހުރިހާ ޒިންމާއެއް ނަގާނަން" އަބާން ބުނެލިއެވެ.

"އަދިނުވޭ. އަބީ އެހާ ތަކުލީފު އުފުލާނެކަމެއް ނެތް" އަބާނަށް ބަލައިލަމުން ޒައިނާ ބުނެލިއެވެ.

އާކާޝްއަށް ޒައިނާ ޑަޔަލްކުރީ މަގަށް ނިކުމެފައެވެ. ކުއްލިއަކަށް އާކާޝް ކައިރިކޮށްލިއިރު އަދި ރިންގުވާން ނުފަށައެވެ. ޒައިނާ ފޯނު ކަނޑާލާފައި ދަބަހަށް ލިއެވެ.

"ނުދަންތަ؟" ސައިކަލަށް އަރަމުން ޒައިނާ އެހިއެވެ.

"ނޫނޭ. ދާން އުޅެނިކޮށް ކުރީގެ ފްރެންޑަކާ ދިމާވެގެން ވާހަކަދައްކާލަން މަޑުކޮށްލީ. ނައްޓާލަން އުޅެނިކޮށް ފެނިއްޖެ ޒައި އަންނަންތަން" އާކާޝް ބުނެލިއެވެ. ތެދު ހާމަކުރަން އޭނާ ބޭނުން ނުވީއެވެ.

***

މެންދުރުގެ ކެއުން ކުރިއަށްދިޔަ ވަގުތު އަބާން ނަސީމަށް ގޮވައިލިއެވެ. ދެބަފައިންވެސް ތިބީ ރަސްމީ ހެދުމެއްގައެވެ. ޝުބާ ވެސް އިން ވަގުތެއް ކަމުން އަބާން ބޭނުންވީ އެންމެންގެ ކުރިމަތީގައި އޭނާ ބޭނުންވާ ގޮތް ޙާމަކުރާށެވެ.

"ބައްޕަ ބޭނުން އަބާނާ ވާހަކައެއް ދައްކަން" ނަސީމް ބުނެލިއެވެ.

"ހަމަ ދައްކަންވީ. އެކަމަކު އޭގެކުރިން އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން. މިވަގުތު" އަބާން ބުނެލިއެވެ. އަދި ކާން އިން ޒައިނާއަށް ބަލައިލިއެވެ.

"ކޮންވާހައެއް؟" އުންމީދާ ހިތުގައި ޝައްކުގެ އޮއިވަރެއް ދުވެލިއެވެ.

"އަޅުގަނޑު ޒައި އާ މެރީކުރަން ބޭނުން. އަޅުގަނޑުގެ ގަސްދަކީ ޒައިއަށް ދެރައެއް ދިނުމެއްނޫން. ދިރިއުޅެން ބޭނުންވަނީ" ޒައިނާ އިސްއުފުލާ އަބާނަށް ބަލައިިލިއެވެ. އަދި އިސްޖަހައިލިއެވެ.

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫން. އަބީ ކައިވެންޏެއްކޮށް ދަރިންތަކެއް ގޮވައިގެން އުޅޭ މަންޒަރު ބަލަން ބައްޕަވެސް ބޭނުން. އެކަމަކު މީހަކަށް ދެއްކުމުގެ ނިޔަތުގައި އެހެން އަންހެންކުއްޖެއްގެ ހިތާ ކުޅުމަކީ ރަނގަޅު ކަމެއްނޫން. އަމުދުން ޒައިގެ. އެހެންވީމަ ތިއީ އަބީގެ ފަހުގެ ވިސްނުންތަ؟" ނަސީމް ވާހަކަދެއްކިއެވެ.

"ލައްބަ. އަޅުގަނޑު ރޭގަ ޒައި ކައިރީގައި މިވާހަކަ ދައްކައިފިން. ޒައި އަޅުގަނޑަށް ޓްރަސްޓެއް ނުކުރޭ. ޒައި މި ކައިވެނި ރިޖެކްޓް ކުރަން ބޭނުންވަންޏާ އެފުރުސަތު އެބައޮތް" އަބާން ބުނެލިއެވެ.

"މަންމަ ޒައި އާ ވާހަކަދައްކާނަން. އެއަށްފަހު ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދާނީ" އުންމީދާ ވާހަކަދެއްކިއެވެ. މިހާރުވެސް އުފަލުން އޭނާގެ ހިތް ނަށަން ފަށައިފިއެވެ.

***

ކޮޓަރިއަށް ވަންގޮތަށް ޒައިނާއަށް ވިސްނެން ފެށިއްޖެއެވެ. އަބާންގެ އެ ނިންމުން އޭނާ ހިތަށް ލިބެންވާ އުފާވެރިކަމެއް ނުލިބުނެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ ހިތުގައި ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. ފޯނު ހުޅުވާލާފައި ގެލެރީއަށް ގޮސް މަޑުކޮށްލީ އަބާންގެ ފޮޓޯއަކަށެވެ.

"އަހަރެން އަބީދެކެ އިންތިހާއަށް ލޯބިވޭ. އަބީގެ އަނގައިން އަހަރެންގެ ކައިވެންޏަށް އެދޭ އަޑު އިވޭނެ ދުވަހަކަށް އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ. އެކަލާނގެ އަހަރެންނަށް އެ ދުވަސް ދައްކަވައިފި. އެކަމަކު.... އަހަރެން އެބަ ބިރުގަނޭ. އަބީ ކޮންމެސް ނުބައެއް ހަދަން އުޅެޔޭ އަހަރެންގެ ހިތް އެބަބުނޭ" ޒައިނާ ވާހަކަދެއްކީ އަބާންގެ ފޮޓޯއަށް ބަލަން އިނދެއެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން ސިހިފައި ބަލައިލިއެވެ. ދޮންބެގެ ނަން އަރާފައި އޮތްތަން ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.

***

އުންމީދާ ވަދެގެން އައިރު އެނދުގައި ޒައިނާ އިސްޖެހިފައި އިނެވެ. އޭނާ އިނީ ސަމީރު ދެއްކި ވާހަކަތަކާ މެދު ވިސްނާށެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރުތަކަކީ އޭނާއަށް ޤަބޫލުކުރަންދަތި ކަންތައްތަކެކެވެ. ސަމީރު އެ ދެއްކީ ޔަގީނުންވެސް ދޮގު ވާހަކަތަކެއް ނޫނެވެ. އެއީ ކޮންމެހެންވެސް އޭނާއަށް އިނގެންޖެހޭ ކަމެކެވެ.

"ޒައި! ކޮންވިސްނުމެއްގަ" ޒައިނާ ކައިރީގައި އިށީންނަމުން އުންމީދާ ބުނެލިއެވެ.

"މިހާރު ފެންނަ ކަންކަމާމެދު ވިސްނާލަނީ. ދޮންބެ ބުނި.... އަހަރެންގެ.... އަހަރެންގެ ބައްޕަ ރަށަށް އައި ވާހަކަ. އަހަރެން ހޯދަން. ބައްޕައަކީ މާލޭ މީހެކޭ. ވަރަށް އަސަރުކޮށްފަ ހުރި ވާހަކަ" ޒައިނާ ވާހަކަދެއްކިއެވެ. އުންމީދާގެ މޫނުމަތިން ޙައިރާންކަމެއް ފާޅުވެލިއެވެ.

"އުންމިއްތާ. އަހަރެން ބައްޕަ ބޭނުން. މީގެކުރިން އަހަރެން ހީކުރީ އަހަރެންނަކީ މައެއް ބަފައެއް ނެތް ނިކަމެއްޗެއް ކަމަށް. އެކަމަކު ބައްޕަ ހުރިކަން އިނގުނީމަ އަހަރެން ހިތަށް ވަރަށް ހިތްހަމަޖެހުން ލިބިއްޖެ. އަހަރެން ބައްޕަ އާ ބައްދަލުކުރަން ބޭނުން" އުންމީދާގެ އަތުގައި ހިފައިލަމުން ޒައިނާ ވާހަކަދެއްކިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުވާނެ" އުންމީދާ ބުނެލިއެވެ.

"އުންމިއްތަ މިއައީ އެހެން ވާހަކައެއް ދައްކަން" އުންމީދާ ބުނެލިއެވެ.

"އިނގޭ. އަބީ އާ މެރީކުރަން ވަރަށް ބޭނުން. އެކަމަކު ބިރެއް އަހަރެންގެ ހިތުގައި ރަސްކަން އެބަކުރޭ. އަހަރެން އިސްތިޚާރާ ނަމާދުކުރަން ބޭނުން" ޒައިނާ ބުނެލިއެވެ. އުންމީދާ ހިނިތުންވެލަމުން ޒައިނާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

***

ރެސްޓޯރަންޓަށް ވަންގޮތަށް ޒައިނާ ބަހެއް ނުކިޔާ އިންނަން ފެށުމުން އާކާޝްއަށް ކަމުނުދިޔައެވެ. އޭނާ މޭޒުމަތީގައި އޮތް ޒައިނާގެ އަތް މަތީގައި އަތް ބާއްވައިލިއެވެ.

"ހާދަ އެހެން ގޮތަކަށް. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެނޭ ބުނީ ބައްދަލުކުރީ. އަހަރެން މީނީ އަޑުއަހަން" އަކާޝް ވާހަކަދެއްކިއެވެ. ޒައިނާ އާކާޝްއަށް ބަލައިލިއެވެ.

"ނާހާނަންތަ ރޭގަ އަބީ އަހަރެން ކައިރީގައި ދެއްކީ ކޮން ވާހަކައެއްތޯ" ޒައިނާ ބުނެލިއެވެ.

"އަހަރެންނަށް އެ ޙައްޤު އެބައޮތްތަ؟ އެއީ ޒައިގެ ހިތުގެވެރިޔާ. ތިދެމީހުން ދެމެދުގައި ދެކެވޭ ވާހަކަ އިނގެން އަހަރެން ބޭނުމެއްނޫން" އާކާޝް ބުނެލިއެވެ.

"އައްކި!..." ޒައިނާ ގޮވައިލިއެވެ. އާކާޝްއަށް އެހަބަރު ދޭން އޭނާއަށް އުނދަގުވަނީ ކީއްވެގެން ހެއްޔެވެ؟

"ކޮންމެސް ކަމެއްވެއްޖެ. ބުނެބަލަ. އަހަރެން އަޑުއަހަންށޭ މީނީ" ހީލަމުން އާކާޝް ބުނެލިއެވެ.

"އަހަރެމެން މިއުޅެނީ މެރީކުރަން. ވަރަށް އަވަހަށް. އަބީ އަހަރެންނާ ކައިވެނިކުރަން ބޭނުންވޭ" ޒައިނާ ބުނެލިއެވެ. ވަގުތުން އަކާޝްއަށް ޒައިނާގެ އަތުން ދޫކޮށްލެވިއްޖެއެވެ. ގަނޑުވެފައިވާ މީހަކު ފަދައިން ކަޅިޖަހައިވެސްނުލާ ޒައިނާއަށް ބަލަހައްޓައިގެން އިނެވެ. ދެލޮލަށް ކަރުނަ ޖަމާވެއްޖެކަން އިނގުމާއެކު ޒައިނާގެ މޫނުން ނަޒަރު ވަކިކޮށް ދުރަށް ބަލަން ފެށިއއެވެ. އޭރު އޭނާގެ ދެލޮލުން ރޮނގަކަށް ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ. އެމަންޒަރު ފެނުމާއެކު ޒައިނާގެ ހިތުގައި ރިއްސައިލިއެވެ. އޭނާއަށް މޭގައި އަތް އަޅއިލެވުނީ ހިތަށް ވޭނެއްގެ އިހުސާސް ކުރެވުމުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟