ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 26

8

ސައްބީސްވަނަބައި

"އަހަރެން ހުއްޓުވަން ނޫޅޭ.... އަހަރެން ދެން އިތުރަށް ވިސްނާކަށް ބޭނުމެއްނޫން" ކޮފީތަށި ކުޑަމޭޒު މަތީގައި ބަހައްޓާފައި އޭނާ ދެއަތުން މޫނު ފޮރުވާލައިފިއެވެ.

"އަދިވެސް ވަގުތު އެބައޮތް. ތިކަމާމެދު ވިސްނާ" ސައިފް ބުނެލިއެވެ. ދެއަތުން މޫނު ނިވާކޮށްގެން އިން އަބާން ޖަވާބެއް ނުދެއެވެ.

***

ކޮލެޖްގެ ގޭޓު ކުރިމައްޗަށް މަޑުކުރި ޓެކްސީ އިން ފޭބި ޒައިނާއަށް ބަލަހައްޓައިގެން އާހިލް އާ ރާހިލް ތިއްބެވެ. ދެކުދިން ބަލަން ތިބިގޮތުން ޒައިނާއަށް ހިނިތުންވެވިއްޖެއެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ ހިނގައިގަތީ ދެކުދިންނާ ދިމާލަށެވެ.

"ކިހިނެއްތަ ދެކުދިން؟" ދެކުދިންނާ އަރާ ހަމަވެފައި ޒައިނާ ބުނެލިއެވެ.

"އަހަރެމެން ރަނގަޅު. ޒައިނާއްތަ ކިހިނެއްތަ؟" އާހިލް ބުނެލިއެވެ.

"އަލްހަމްދުﷲ. ވަރަށް ރަނގަޅު. ކީއްވެ އެތެރެއަށް ނުވަދެ ތި ތިބެނީ؟" ޒައިނާ އެހިއެވެ.

"އެއީ.... އެއީ އައްކިބެ އަންނަންދެން" ރާހިލް ބުނެލިއެވެ. ޒައިނާ ހީލާފައި އެތެރެއަށް ވަންނަން އުޅެނިކޮށް ރާހިލް ގޮވާލައިފިއެވެ.

"ޒައިނާއްތަ ޓެކްސީގަ ދަތުރުކުރާކަށް ދެން ނުޖެހޭނެ. ބައްޕަ ބުނި ކާރު ފޮނުވާނަމޭ. ޒައިނާއްތަ ގަބޫލިއްޔާ" ރާހިލް ބުނެލިއެވެ. ޒައިނާގެ މޫނުމަތިން ޙައިރާންކަން ފެނި ދެކުދިންނަށް ބަލައިލިއެވެ. އަދި ޒައިނާއަށް ނުފެންނާނެހެން ރާހިލްގެ އަތްތިލައިގައި ވިކާލިއެވެ.

"އެ ދޮގެއް" ހީލަމުން އާހިލް ބުނެލިއެވެ.

"ވަރަށް ސަމާސާ ބޮޑު ކުދިބައެއް" ރާހިލްގެ އިސްތަށިގަނޑުތެރޭގައި އަތް ހިންގައިލަމުން ޒައިނާ ބުނެލިއެވެ. ޒައިނާ ކުރިއަށް ހިނގައިގަތުމާއެކު އާހިލް ރުޅިވެރިކަމާއެކު ރާހިލްއަށް ބަލައިލިއެވެ.

"ރާލްއަށް ހަމަ ސާބަސް. ޒައިނާއްތަ ކީކޭ ހީކުރާނީ. އަދި ބައްޕަވެސް ވައްދައިފިއެއްނު ދެމެދަށް. އަހަރެމެން ވާހަކައިގެ އެންމެ ފުނަށް ފީނާކަށް ނުޖެހޭނެ. ބޮޑެތި މީހުން އެބައި ހަމަޖައްސާނެ" އާހިލް ވާހަކަދެއްކިއެވެ.

"ނުހުރެވުނީ. ވަރަށް ބޭނުން އެއްގެއެއްގަ އުޅެލަން ޒައިނާއްތަވެސް ގެންދަން. އޭރުންވެސް އަހަރެމެން ކިޔާނީ ޒައިނާއްތަ ތަ؟ ނޫނީ ދޮންތަ ތަ؟" ރާހިލް ބުނެލިއެވެ.

"އެއީ އަހަރެމެންގެ ދޮންތަ. ދެން ހިނގާ އަވަހަށް އެތެރެއަށް. ކޫބެއަށް ފެނިއްޖިއްޔާ ސުވާލުކުރާނެ" އާހިލް ބުނެލިއެވެ.

އެންމެފަހު ގަޑިއަކީ ޒައިނާ މާ ގަޔާވާ ގަޑިއަކަށް ނުވާތީ ނަދުމާ އާ ދެކުދިން ކްލާހުން ބޭރަށް ނިކުތެވެ. އެއްފަރާތުގައި އޮތް ޕާކުތެރެއަށް ވަދެގެން ގޮސް ދެކުދިން އިށީނީ މަސްފެންގަނޑު ކައިރީގައި ހުރި ބެންޗެއްގައެވެ.

"ލަންޗް ނަގައިގެން ދޯ ގެއަށް ދާނީ. އަހަރެން ދޭނީ" ނަދުމާ ބުނެލިއެވެ. ޒައިނާ ބޯޖަހައިލިއެވެ.

"އަހަރެން ވަރަށް އެކަނިވާނެ ނަދޫ ފުރީމަ. ގާތްގަނޑަކަށް ކިތައް ދުވަސްވާނެތަ އެކޮޅުގަ؟" ޒައިނާ އެހިއެވެ.

"ނޭނގެ. ބޮޑުދައިތަގެ ދަރިއެއް ފިރިއެއް ނުހުރޭ. އަހަރެން އެކަނި މުޅި ފެމެލީގަވެސް އަންހެން ދަރިއަކަށް ހުންނަނީ. އެހެންވީމަ ކޮންމެހެންވެސް ބައްޕަ ބޭނުންވޭ އަހަރެން ގެންދަން. އެހެންނޫނަސް މި ލިބެނީ ބޮޑު ބްރޭކެއްނު" ނަދުމާ ވާހަކަދެއްކިއެވެ.

"އާނ. އެކަމު އަދި ވަންވީކް ފަހުން" ޒައިނާ ބުނެލިއެވެ.

"ޒައި ކޮންކަމަކާ ފޫހިވާންވީ. އެހެރީނު އައްކިވެސް. ރާހިލް އާ އާހިލްވެސް އެތިބެނީ ޒައި އަޅާ ކޮންމެ ފިޔަވަޅަކަށް ބަލަބަލާ" ނަދުމާ ވާހަކަދެއްކިއެވެ.

"ވާހަކައެއް ބުނަންތަ؟ އަސްލު އަހަރެން ހީކުރި ވަރަށް ވުރެ އައްކި މާ ރަނގަޅު. އޭނަ ޕްރޮޕޯސް ކުރީމަ އަހަރެން އޭނަ ރިޖެކްޓް ކުރީ. ފަހުން އެކަމާ އެއްވެސް ޝަކުވާއެއްނުކުރޭ. ހީޒް ސޯ ސްވީޓް" ޒައިނާ ވާހަކަދެއްކިއެވެ.

"އަހަރެން ބުނަންތަ؟ ތި އަބާނަކަށް އިންތިޒާރު ކުރުމަށް ވުރެ އައްކި މާ ރަނގަޅުވާނެ. ހީވޭ ވަރަށް ކައިންޑް މީހެއްހެން" ނަދުމާ ވާހަކަދެއްކިއެވެ.

"އަހަރެން އަބީ ބޭނުން. އަބީއަކީ ގޯސް މީހެއްނޫން. ތަންކޮޅެއް ބޯހަރީ. ދިރިއުޅުމުގަ އަބީ ފޭސްކޮށްފަ ހުރި ވަރަށް ހިތްދަތި ކަންތައްތަކެއް. އެހެންވެ އޭނަ އަހަރެން ރިޖެކްޓްކުރީ. އަހަރެން ބޭނުމެއްނޫން އައްކިއަށް ވެސް ދެރަގޮތެއް ވާކަށް" ޒައިނާ ވާހަކަދެއްކިއެވެ.

"ޒައިގެ ލައިފް. ޒައިއަށް އިނގޭނީ. އެކަމަކު ޅަ އެއްޗެއް ނާޅާތި. ޒައި ކޮންމެ ކަމެއްވެސް ނިންމުމުގެ ކުރިން ސަތޭކަ ފަހަރު ވިސްނާތި" ނަދުމާ ވާހަކަދެއްކިއެވެ.

***

މުޅިން އާ ދުވަހެކެވެ. އުޑުމަތި ބަނަކޮށްފައި އޮތްއިރުވެސް ވިއްސާރައެއްނޫނެވެ. ހިތްގައިމު ވަރަކަށް ފަނޑު އަތްވެއް ދިއްލާފައި އޮތް ދުވަހެކެވެ. ވައިރޯޅިއެއްގެ ހިލަމެއް ނުވިޔަސް ހޫނު ދުވަހެއް ނޫނެވެ. ހަފްތާ ބަންދަށް ވުމާއެކު ޒައިނާ އުޅުނީ އުންމީދާއާއެކު ގޭތެރެ ސާފުކުރުމުގައެވެ.

"ޒައި! ދޭބަލަ އަބީ ކޮޓަރިއަށް. ދޮރުފޮތިތައް ހިފައިގެން އާދޭ" މަސައްކަތުގެ މެދުތެރެއިން އުންމީދާ ބުނެލިއެވެ. ޒައިނާ ހިނގައިގަނެފައި ވިސްނާލިއެވެ. އެންމެފަހުން އެކޮޓަރިއަށް ވަން ދުވަހު އަބާން ވަނީ އޭނާ އަތުގައި ހިފާ ނެރެފައެވެ. އަދިވެސް އެ ބިރުވެރިކަން އޭނާގެ ހިތުގައި ވިއެވެ.

"އަހަރެން" ދޮރުގައި އެއްފަހަރު ޓަކި ޖަހައިލުމާއެކު އެތެރޭގައި ހުރި އަބާން ކާކުތޯ ސުވާލުކުރުމުން ޒައިނާ ބުންޏެވެ.

"ވަދޭ" އަބާން ބުނެލި އަޑު އިވުނެވެ. ޒައިނާ ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. ރޯޔަލްބްލޫ ކުލައިގެ ތުވާލި އުނުގައި އައްސައިގެން ހުސްގަޔާ ހުރި އަބާން ފެނުމުން ޒައިނާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. އެގޮތަށް އަބާން ހުއްޓާ އޭނާއަށް އެފެނުނީ އަލަށެވެ.

"ކަމަކުތަ؟" ޒައިނާގެ ހަބަރެއް ނުވުމުން ލޯގަނޑު ކުރިމަތީގައި ހުރެ އިސްތަށިގަނޑުގައި ޖެލް ހާކަމުން ދިޔަ އަބާން ބުނެލިއެވެ. ޒައިނާއަށް ހުރެވުނީ ހާމައަށް ހުރި އަބާންގެ ބުރަކައްޓަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެންނެވެ. އަބާންގެ ބުރަކަށީގައި އިނގިލިތަކުން ފިރުމާލަން އިންތިހާއަށް ބޭނުންވެފައެވެ. އޭނާއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. އަބާން ފަސްއެނބުރި ބަލައިލުމާއެކު ޒައިނާއަށް ހީވީ މުށިތަކުގެ މަތީގައި ފައިތިލަ ތަތްވިހެންނެވެ. ހަށިގަނޑު ގުޑުވާވެސް ނުލެވުނެވެ. އުފުލިފައިވާ އަބާންގެ ތަނަވަސް މޭމަތީގައި ބޯއަޅާލާހިއްވިއެވެ.

"ޒައި...!" އަބާން ގޮވައިލިއެވެ. ޒައިނާއަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. ދާދި ކައިރީގައި އަބާން ހުރިތަން ފެނުމުން މޫނު ދެފަރާތަށް ހޫރާލާފައި ހަމަޖެހިލިއެވެ. އަބާން އެއްޗެއް ހީކޮށްފާނެތީ ލަދުވެތިކަމެއް އިހުސާސްވިއެވެ. އޭނާ ކުޑަދޮރުތަކާ ދިމާލަށް އެނބުރުނެވެ.

"އާނ. އުންމިއްތަ ބުނެގެން މި ބަލާ މި އައީ" ޒައިނާ ވާހަކަދެއްކިއެވެ. އެވީ ވަގުތުކޮޅުގައި ޒައިނާއަށް ބަދަލެއް އައިކަން އަބާނަށް އިނގުނެވެ. އޭނާ ޒައިނާ އާ ގާތަށް ފިޔަވަޅެއް އެޅިއެވެ.

"ޔަގީންތަ ތި ބަލާކަން އައީ؟" އަބާން ބުނެލިއެވެ. ޒައިނާ ބޯޖަހާލާފައި ހިނގައިގަތެވެ. ކުއްލިއަކަށް ޒައިނާއަށް ހުއްޓެން މަޖުބޫރުވީ އޭނާގެ އަތުގައި އަބާން ހިފެހެއްޓުމުންނެވެ. އަތުގައި ހުރި ދޮރުފޮތިތައްވެސް އެވަގުތު އޭނާ އަތުން ދޫވިއެވެ.

"ކިހިނެއް ތިހެދީ؟ އަހަރެން ކަމަކު އެދެން އުޅުނީ" އެއްޗެހިތައް ނަގަން ޒައިނާއަށް އެހީވެދެމުން އަބާން ބުނެލިއެވެ.

"ބުނޭ. އަހަރެންނަށް ކުރެވޭވަރު ކަމެއްވިއްޔާ ކުރާނަން" ޒައިނާ ބުނެލިއެވެ.

"މިރޭ އެއްވެސް ކަމެއް ނެތިއްޔާ މަށާއެކު ކޮފީއަކަށް ދެވޭނެތަ؟" އަބާން އެހިއެވެ. ޙައިރާންކަމާއެކު ޒައިނާއަށް އަބާންގެ މޫނަށް ބަލައިލެވިއްޖެއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. އޭނާ ގޮވައިގެން އަބާން ކޮފީއަށް ދަނީ ކީއްވެތޯ ސުވާލު އުފެދުނެވެ.

"ދެވޭނެތަ؟" ޒައިނާ ޖަވާބުނުދީ ހުރުމުން ދެވަނަ ފަހަރަށް އަބާން އެހިއެވެ.

"ކިހާއިރަކު؟" ޒައިނާ އެހިއެވެ.

"ޒައިއަށް ފަސޭހަ ގަޑިއެއްގަ" އަބާން ބުނެލިއެވެ.

"މިރޭ ރައްޓެހިކުއްޖެއް އެބައޮތް ދައުވަތެއްދީފަ. އެތަން ނިންމާފަ އޯކޭވާނެތަ؟" ޒައިނާ އެހިއެވެ.

"ކިހާއިރެއްވާނެ" އަބާން އެހިއެވެ.

"ނޭނގެ. އައްކި ގުޅާލާފަ ގަޑިއެއް ކޮންފަރމް ކޮށްލަން ޖެހޭނީ" ޒައިނާ ބުނެލިއެވެ.

"ބައި ދަ ވޭ. ހޫ އިޒް އައްކި؟" އަބާން އެހިއެވެ.

"ފްރެންޑެއް. ގަޑިއެއް ހަމަޖައްސާފަ އަހަރެން ބުނާނަން އިނގޭ" ޒައިނާ ހިނގައިގަތެވެ. އަބާން ވިސްނާލިއެވެ. އަނެއްކާ ޒައިނާގެ ހިތް އެހެން މީހަކަށް ދިނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އަހަރެން އޭނާގެ ކައިވެންޏަށް އެދުން ރަނގަޅުވާނެ ހެއްޔެވެ؟

***

ކްލިނިކުން ލިބުނު ވަޒީފާއަށް ދާން ގެއިން ނިކުތީ އަނާރާ ޝުރޫކް އެކީގައެވެ. ދެކުދިން ހިނގާފައި ދަނިކޮށް އިމާރާތް ބޭރުން ޝުހޭލް ބައްދަލުވިއެވެ. ވަގުތުގެ ގޮތުން ޝުހޭލް ކުރިމައްޗަށް އެރުމުން އަނާރަށް ފޫހިކަމެއް އިހުސާސްވިއެވެ. ފުރަތަމަވެސް އޭނާގެ ދެލޯ ސީދާވީ އަނާރަށެވެ. މޫނުމަތީގައި ބަލިގޮތެއް ހުއްޓެވެ.

"ޔޫ އޯކޭ އަނާރް؟" ޝުހޭލަށް ސުވާލުނުކޮށް ނުހުރެވުނެވެ.

"އާނ. އަރޫ މިއަދު ކުޑަކޮށް ބޯ އަނބުރާތީ އުޅޭ ދުވަހެއް" އަނާރް ޖަވާބެއް ނުދޭނެކަން އިނގޭތީ ޖަވާބު ދިނީ ޝުރޫކެވެ.

"ދެކުދިން ކޮންތަނަކަށް ތިދަނީ؟" ޝުހޭލް އެހިއެވެ.

"މިއުޅެނީ ޕާޓް ޓައިމް ޖޮބެއްގަ. އެތަނަށް މިދަނީ" ޝުރޫކް ބުނެލިއެވެ.

"ޝުހޭލް ކޮންކަމެއްގަ ތިއުޅެނީ؟" ޝުރޫކް އެހިއެވެ.

"ދޮންތަގެ މަންމަ ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އޮތީމަ އެތަނުގަ ހުރެފަ މިއައީ" ޝުހޭލް ބުނެލިއެވެ. އޭނާގެ އަޑުގައިވި ތަފާތުކަމެއް މިފަހަރު ފާހަގަވީ އަނާރަށެވެ.

"އަރޫ ރަނގަޅަށް ބޭސްކައިގެން ހުންނައްޗޭ" ދެކުދިން ހިނގައިގަތުމުން ޝުހޭލް ބުނެލިއެވެ. އަނާރް ހީނުލިޔަސް ޝުރޫކް ހީލިއެވެ.

"ހުރިހާ ކަމަކަށް އަނގަ ބާނަން ޖެހޭތަ؟" ޓެކްސީއަށް އަރަމުން އަނާރް ބުނެލިއެވެ.

***

ކްލިނިކުން ދެކުދިންނަށް މަރުހަބާ ކިއީ ޔޫވިކާއާއި އޭނާގެ މަންމަ ޔާމިނީއެވެ. ބިޔަ ހަށިގަނޑެއްގެ ވެރި ދޮން އަންހެނެކެވެ. އިސްތަށިގަނޑު ހުރީ ބުޅިކޮށް ކަނދުރާއާ ހަމައަށެވެ. ލައިގެން ހުރީ ގަޔަށްބާރު އަޅިކުލައިގެ ގަމީހެކެވެ. ތިރިން ލައިގެން ހުރީ ހަމަ އެކުލައިގެ މެދުން ރޫ ނަގާފައިހުރި ފަޓްލޫނެކެވެ. އަތުގައި ވަރުގަދަ ދަބަހެއް އޮތެވެ. ފުރަތަމަ ނަޒަރުން ދިން ހިނިތުންވުމާ އެކުވެސް އެއީ ހިތްހެޔޮ އަންހެނެއްކަން ދެކުދިންނަށް އިނގުނެވެ. މާބޮޑު ކްލިނިކެއް ނޫނަސް މީހުން ފަރުވާ ހޯދަން އައިސް ތިއްބެވެ. ގިނައީ މާބަނޑު މީހުންނެވެ. ޔާމިނީ އަނާރާ ޝުރޫކާ ސަލާންކޮށްލާފައި ގޮވައިގެން އެތެރެއަށް ދިޔައެވެ.

"ޔޫވިކާ ކިޔައިދިން ތި ދެކުދިންގެ ވާހަކަ. މެޑިސިންގް ހަދަންޏާ ހުރިހާ ބަލިތަކާބެހޭ މައުލޫމާތު ލިބިފައި ހުރުން މުހިންމު. އެކްސްޕީރިއަންސް އަކީ ދިރިއުޅުމުގަ ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗެއް. އެހެންވީމަ މަސައްކަތްކުރަން މިޖެހެނީ ހަތަރު ގަޑިއިރު. މަސައްކަތުގެ ވަގުތަށް ބަލާފައި އެކަށީގެންވާ މުސާރައެއްވެސް ދޭނަން" ޔާމިނީ ވާހަކަދެއްކިއެވެ. އޭނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. އަނާރް އިނީ އެތެރޭގައި ހިފާފައި ހުރި ވަހުން މޭނުބައިކޮށްފައެވެ.

"އެހެންވީމަ އަނާރް މިހާރު ދާންވީ ގައިނީ ޑޮކްޓަރ ރިހާނާގެ ރޫމަށް. ޝުރޫކް އާދޭ މަށާއެކު ސްކޭން ރޫމަށް" ޔާމިނީ ހިނގައިގަތެވެ. ޔާމިނީއަކީ އެ ކްލިނިކްގެ ސްކޭންކުރާ ޑޮކްޓަރެވެ.

"ޔޫވިކާ ދޭ ރެސްޓްކޮށްލަން. މަންމާ ގުޅާލީމަ އަންނާތި" ޔޫވިކާއަށް ބަލައިލަމުން ޔާމިނީ ބުނެލިއެވެ.

"އޯލް ދަ ބެސްޓް ގާރލްސް" ޔޫވިކާ ބުނެލިއެވެ.

***

ތައްޔާރުވެގެން ނިކުތް ޒައިނާ ހިނގަމުން ގޮސް ހުއްޓުނީ އުންމީދާގެ ކޮޓަރި ދޮރުމަތީގައެވެ. އޭނާ ޓަކިޖަހާލާފައި މަޑުކޮށްލީ ދޮރު ހުޅުވަންދެކަށެވެ.

"އަނހަ. ޒައި! ތަނަކަށް ދަނީތަ؟" އުންމީދާ އެހިއެވެ.

"ރައްޓެހި ކުއްޖަކާއެކު ބޭރަށް ގޮސްލާފަ އަންނާނަން" ޒައިނާ ބުންޏެވެ. އުންމީދާ ބޯޖަހައިލިއެވެ.

"ވަރަށް އުފާވެއްޖެ ޒައި ތިގޮތަށް ހެދުން އަޅާފަ ހުރީމަ. ތިހެދުން ދިންއިރު އެއްގޮތަކަށްވެސް ހިއެއްނުކުރަން ޒައިއަށް ކަމުދާނެ ކަމަކަށް" ޒައިނާގެ އަތުގައި ހިފައިލަމުން އުންމީދާ ވާހަކަދެއްކިއެވެ.

ޒައިނާ ނިކުތްއިރު އާކާޝް ދުރުގައި މަޑުކޮށްލައިގެން އިނެވެ. ދުރުން އަންނަ ޒައިނާއަށް ބަލަހައްޓައިގެން އާކާޝް އިނީ ދުވަހަކުވެސް ހިތަށް ނުލިބޭހާ ހިތްހަމަޖެހުން ލިބިފައެވެ. ދިގުކޮށް ހެދުމެއް އަޅަން އޭނާ ޒައިނާ ކައިރީގައި ބުނީ އެގޮތަށް އެކަން ޒައިނާ ކުރާނެކަމަށް އުންމީދުކޮށްފައެއް ނޫނެވެ. އޭނާގެ މަންމައަށް ޒައިނާ ފެންނަ ފުރަތަމަ ފަހަރު ކަމަށްވާތީ އެމަންމަގެ ހިތުގައި ޒައިނާއަށްޓަކައި އޮތް ލޯބި އިތުރަށް ވަރުގަދަ ކުރުމަށްޓަކައެވެ.

"ބިއުޓިފުލް." ޒައިނާ އަރައި ހަމަވުމާއެކު އާކާޝް ބުނެލިއެވެ. ތެދެކެވެ. ރަތްކުލައިގެ އަބާޔާ ހެދުމުގައި ހުރިއިރު ޒައިނާގެ ތަފާތު ރީތިކަމެއް ހުއްޓެވެ.

"ހިނގާ ދާން" ހީލަމުން ޒައިނާ ބުނެލިއެވެ. ފަހަތުގައި ޒައިނާ އިށީނުމާއެކު އާކާޝް ސައިކަލް ކުރިއަށް ދުއްވައިލިއެވެ. ހުޅުމާލެ ފަސްދީ ބުރިޖުމައްޗަށް އަރާފައި އާކާޝްގެ ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. އެއީ މާބާރަށް ދުއްވުމުން ޒައިނާ ބިރުގަނެދާނެތީއެވެ.

"އަހަރެން މިރޭ ޒައި ކައިރީގަ ކަމަކު އެދޭނަން އިނގޭ" އާކާޝް ބުނެލިއެވެ.

"އެ ކޮންކަމަކު" ޒައިނާގެ އެހެން ބުނީ ވަރަށް އަވަހަށެވެ.

"ހެހެހެ... ޑޯންޓް ވޮރީ. އެކުވެރިއެއްގެ ހައިސިއްޔަތުން ޒައި އަހަރެންނަށް ތިކުރާ އިތުބާރަށް ލޮޅުންއަރާ ކަހަލަ އެއްވެސް ކަމަކު އަހަރެން ނުކިޔާނަން. ދުވަހަކުވެސް ތިއެކުވެރިޔާ ގެއްލެން އަހަރެން ނޭދެން" އާކާޝް ބުނެލިއެވެ. ޒައިނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ހިތުގައި އާކާޝްއަށްޓަކައި ހާއްސަ ޤަދަރެއް އުފެދުނެވެ.

"ނޭނގެ ބުނެދޭކަށް. އަހަރެންނަށް ބުނަން ނޭނގޭ ކަހަލަ އިހުސާސް އެބަކުރެވޭ. ހިއެއްނުވޭ ތިގެއަކީ އަހަރެންނަށް ބީރައްޓެހި ތަނެކޭ. އަނެއްކާ ވަރަށް ބައިވަރު މީހުން އުޅޭ ގެއެއްތަ؟ ކައިސް ސަރ ހުންނާނެތަ؟" ޒައިނާ ވާހަކަދެއްކިއެވެ.

"މަންމަ އާ ބައްޕަގެ އިތުރުން ކޫބެގެ ވައިފް ދެން އެމީހުންގެ ކުޑަ ދަރިފުޅު. އަދި މިއުޅޭ އާހިލް ރާހިލް ގެ އިތުރުން އެމީހުންގެ މަންމަ ބައްޕަ ހުންނާނެ. އެމީހުންގެ ބައްޕައަކީ އަހަރެންގެ ބޮޑުބެ. އެންމެންވެސް ޒައިދެކެ ވަރަށް ލޯބިވާނެ" އާކާޝް ބުނެލިއެވެ. އޭރު ބުރިޖު ހުރަސްކޮށް ސައިކަލުގެ މިސްރާބު ބޮޑުތަކުރުފާނު މަގުން ދެކުނަށް އަޅައިފިއެވެ.

"ކީއްވެ އަހަރެންނާ ބައްދަލު ނުވަނީސް އެމީހުން އަހަރެންދެކެ އެހާ ލޯބިވަނީ" ޒައިނާ ބުނެލިއެވެ.

"ދެން ހުރިހާ ވާހަކައެއް ދައްކާނީ ސައިކަލް މަތީގައި އިނދެތަ؟ ނޫނީ ގެއަށް ގޮސްތަ؟' އާކާޝް ބުނެލިއެވެ. ޒައިނާ ހީލިއެވެ.

***

ސިޓިންގރޫމުގައި ޓީވީން ދައްކަމުންދިޔަ ސިޔާސީ ޕްރޮގްރާމެއް ބަލަން އިން ނަސީމަށް ކޮފީތަށި ދިއްކޮށްލާފައި ކައިރީގައި އުންމީދާ އިށީނެވެ. ޓިވީ އަޑު މަޑުކޮށްލާފައި ނަސީމްގެ ހުރިހާ ސަމާލުކަމެއް އަނބިމީހާއަށް ދިނެވެ.

ނިމުނީތަ؟" ނަސީމް އެހިއެވެ.

"ހޫމް. ދެން ކިޔާބަލަ ތި ކިޔަން އުޅޭ އެއްޗެއް" ކޮފީތަށިން ކޯވަރެއް ބޯލާފައި ނަސީމް ބުނެލިއެވެ.

"ފަހަރެއްގަ ނަސީމަށް ޤަބޫލުކުރަން އުނދަގުވެދާނެ. ނޫނީ ހިތްހަމަވެސްނުޖެހިދާނެ" އުންމީދާ ބުނެލިއެވެ.

"ދެން ބުނީމަތާ އިނގޭނީ. އެއްކަމެއް ޔަގީން. އަހަރެންގެ އަނބިމީހާއަށް އިނގޭނެ އަހަރެން ހިތްހަމަނުޖެހޭނީ ކޮންކަހަލަ ވާހަކަަތަކެއް ދެއްކީމަކަން" ނަސީމް ވާހަކަދެއްކިއެވެ.

"އަބާން ކައިވެނިކުރަން ބޭނުންވެގެން އަހަރެން ކައިރީގައި ކިޔާތާ ހަފްތާއެއްހާ ދުވަސް މިވަނީ" އުންމީދާ ބުނެލިއެވެ.

"އެހެންތަ؟ އެއީ އަނެއްކާ... ކުއްލިއަކަށް ކިހިނެއްވީބާ؟" ނަސީމް އެހިއެވެ.

"އޭނަ ރައްޓެހިވެގެން އުޅުނު ކުއްޖާ އެއީ ވަރަށް ނުބައި ކުއްޖެއް. އެކަން އަބާނަށް އިނގިގެން ވަރަށް ރުއި. އަހަރެން ކައިރީގައި ބުނީ އެހަނދާންތަކުން ނިކުންނަން ބޭނުންވާވަހަކަ. އަހަރެން އެންމެ ފުރަތަމަ އުޅުނީ އޭނަ ޒައިނާ އާ ކައިވެނިކުރުވަން. އެކަމަކު އަނާރްދެކެ އޭނަ ވާ ލޯބި އަހަރެންނަށް އިހުސާސްވެފައި އޭނަ އެވަރަށް ހިތާމަކުރާ މަންޒަރު ފެނުމުން އަހަރެން އެވިސްނުން ދޫކޮށްލައިގެން ހުއްޓަ އޭނަ އަމިއްލައަށް އެދުނީ ކައިވެނި އަވަސްކޮށްދެން. އަހަރެން ބުނިން އެހާ އަވަސް އަރުވައިނުލާށޭ. ވިސްނާށޭ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫނޭ" އުންމީދާ ވަހަކަދެއްކިއެވެ.

"ތީ ނުބައެއް. އަބާން އެކަހަލަ ނިންމުމެއް ނިންމައިގެން ނުވާނެ" ނަސީމް ބުނެލިއެވެ.

"އެއީ ކީއްވެ؟ އެކަމަކީ އަހަރެން ވަރަށް ރުހޭ ކަމެއް. އަބާން ރުހިގެން ކުރަންޏާ ކޮބާ މައްސަލައަކީ" އުންމީދާ ބުނެލިއެވެ.

"މައްސަލައަކީ އަބާން ކައިވެންޏެއް ކުރާތީއެއްނޫން. މައްސަލައަކީ ކަމަކާ ގުޅުވައިގެން އަބާން ކައިވެނިކުރަން އުޅޭތީ. މާދަމާ އަނާރް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނީމަ ޒައިނާގެ އަތުން ދޫކޮށްލާފައި އަނާރް ފަހަތުން ދިޔައިއްޔާ އެހަލާކޮށްލެވުނީ ނިކަމެތި އަންހެންކުއްޖެއްގެ ދިރިއުޅުން. އޭނާގެ ހިތުގަ ޒައިނާއަށްޓަކައި އެއްވެސް އިހުސާސެއް ނެތްއިރު އެގޮތަށް ނިންމުމެއް ނިންމައިގެން ނިކުންނާނީ އެހާ ރަނގަޅު ނަތީޖާއެއް ނޫން. އެއީ ވަރަށް ދެރަކަމެއް. ޒައިނާ އާ މެދުވެސް ވިސްނަންވާނެ. އެއީވެސް އަހަރެމެންގެ ދަރިއެއް ކަހަލަ ކުއްޖެއް. އަބާން އެހާ އަވަސް އަރުވާލައިގެން އެވަރުގެ ބޮޑުކަމެއް ނިންމާއިރު އަހަރެމެން އެކަމަށް ރުހި އަތްޖަހަން ތިބެގެން ނުވާނެ" ނަސީމް ވާހަކަދެއްކިއެވެ.

"ދެން ކިހިނެއްހަދާނީ؟ އަބާން ހުރީ ދޫކުރާ ގޮތަކަށްނޫން. އަހަރެން އޭނައަށް ވަރަށް ނަސޭޙަތްދިނިން. އެއީ ގޮތްދޫކުރަން ބޭނުންވާ ކުއްޖެއްނޫން" އުންމީދާ ވާހަކަދެއްކިއެވެ.

"އުންމި އަޅާނުލާ. ތިކަމަށް ގޮތެއް ނިންމުމުގެ ކުރިން އަހަރެން އަބާނާ ވާހަކަދައްކާނަން" ނަސީމް ބުނެލިއެވެ.

***

ދޮރުމައްޗަށް އެރި އަކާޝް ފެނުމާއެކު ޔުސްރާ ކޮޅަށް ތެދުވެއްޖެއެވެ. އާކާޝްގެ ފަހަތުން ހުއްޓުނު ޒައިނާ ފެނުމާއެކު ޔުސްރާއަށް ހިނިތުންވެވިއްޖެއެވެ. ޔުސްރާއަށް ވުރެ ކުރިން ޒައިނާ އާ ދިމާލަށް ހިނގައިގަތީ ފަޔާޒެވެ. އެމަންޒަރު ބަލަން އެންމެންނަށް ތިބެވުނީ ޙައިރާންވެފައެވެ.

ޒައިނާއަށް އިސްތިރިކޮށްލެވުނީ އެ އެންމެންގެ ތެރެއިން ފިރިހެނަކު އޭނާ އާ ދިމާލަށް އަންނަ މަންޒަރު ފެނުމުންނެވެ. އޭނާ ޙައިރާންކަމެއްވެސް ލިބުނެވެ. އެހުރިހާ މީހުންގެ ތެރެއިން އޭނަ އާ ދިމާލަށް ފިރިހެނެއް އަންނަންވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އެއީ އައްކިގެ ބައްޕަ ހެއްޔެވެ؟ ކައިރީގައި ހުރި އަކާޝްގެ އަތުގައި އޭނާއަށް ހިފައިލެވުނީ ބޭއިހްތިޔާރުގައެވެ. އެހިނދު އާކާޝްއަށް ޒައިނާއަށް ނަޒަރެއް ދެވިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟