ފަންސަވީސްވަނަބައި
ހެނދުނު ނާޝްތާ ކުރިއަށް ދިޔަ ވަގުތެވެ. އާކާޝްގެ އާއިލާ ހަމައަށް ތިއްބެވެ. އާއިލާ އެއްކޮށް އެއް ސުފުރާ މަތިން ބައްދަލުވާ ހަމައެކަނި ދުވަހަކީ ހަފްތާ ބަންދު ދެ ދުވަހެވެ.
"ދަރިފުޅު ބުނި ކަންތައް އަދިވެސް ކޮޅެއްގަ ނުޖެހެނީތަ؟" ޔުސްރާ އެހިއެވެ. ކާން އިން އޫ ތަށި ތެރެއަށް ލާފައި އާކާޝްގެ ނަޒަރު ޔުސްރާއަށް ހުއްޓައިލިއެވެ.
"މަންމާ! ބައްޕާ! އަޅުގަނޑު ޒައި ދެކެ ވަރަށް ލޯބިވޭ. އެކަމަކު ޒައި ލޯބިވަނީ އެހެން ކުއްޖެއްދެކެ. އަޅުގަނޑުގެ ހިތް ބުނޭ އަދި ޒައި އަޅުގަނޑަށް ލިބޭނޭ. އަޅުގަނޑު ބޭނުންވަނީ ވަގުތު" އާކާޝް ވާހަކަދެއްކިއެވެ. ޔުސްރާ އާ ހަނީފް އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ.
"ބައްޕަ ހަމަ ހައިރާންވެއްޖެ. ބައްޕަ ބޭނުންވަނީ އައްކި އަކީވެސް ބައްޕަ ފަދައިން ލޯބީގައި ކާމިޔާބު މީހަކަށް ވާން. ތިކަން ތިއީ ދަރިފުޅު ހެޔޮ ނިޔަތެއްގަ ކުރާ ކަމަަށް ވަންޏާ ކާމިޔާބު ނުވަނީސް ހުއްޓާނުލާތި. ތިކުއްޖާއަކީ މި އާއިލާ އާ ދުރު ކުއްޖެއްނޫން" ހަނީފް ވާހަކަދެއްކިއެވެ.
"ތިބުނީ؟ އަޅުގަނޑަށް ނޭނގުނު" އާކާޝް ބުނެލިއެވެ.
"އެބުނި އެއްޗެއްގެ މާނަ ދަރިފުޅަށް ވަރަށް ރަނގަޅަށް އިނގޭނެ. މިއަދު މެންދުރު ކެއުމުގަ ދޮންބެގެ ފެމެލީ ބައިވެރިވާނެ. އެކެއުމުގަ ދަރިިފުޅަށް ހުރިހާ އެއްޗެއް އިނގޭނެ" ޔުސްރާ ވާހަކަދެއްކިއެވެ. އާކާޝް ހައިރާންކަމާއެކު ޔުސްރާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
"އަޅުގަނޑު މިގެއަށް ޒައި ގެންނާނަން ވަރަށް އަވަހަށް އެކުވެރިއެއްގެ ގޮތުގަ. އަޅުގަނޑު ނުބުނަނީސް މަންމަ އެކަހަލަ އެއްވެސް ވާހަކައެއް ޒައި އާ ނުދައްކާތި. އެއީ ހަމައެކަނި މަންމަ އާ ކޫބެދައްތައަށް ދައްކާލަން ގެންނަ ގެނުމެއް" އާކާޝް ވާހަކަދެއްކިއެވެ.
***
ލިބުނު ބްރޭކް ވަގުތު އަނާރް ބޭރަށް ނިކުތެވެ. ގުރޫޕް މަސައްކަތެއްގައި ޝުރޫކް ބިޒީވެފައި އިން ވަގުތު އޭނާ ބޭރަށް ނިކުމެލީ ޝުރޫލް ކައިރީގައި ބުނެ ނުލައެވެ. މާބޮޑަށް އަބާން މަތިން ހަނދާންވާތީ އޭނާގެ މުޅި މޫޑްވަނީ ޚަރާބުވެފައެވެ. އާދައިގެ މަތިން އޭނާގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ ގަސް ދަށަށް ދާން ހިނގައިގަތް ވަގުތު ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. އެއީ ރޯމަންގެ އަޑުކަން އިނގުމާއެކު އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ކުރީ ދުވަހުގެ ކަންތަކަށްފަހު އޭނާ ރޯމަންދެކެ ޖެހިލުންވެއެވެ. ރޯމަންގެ ވާހަކަތަކުގައި ދެ މާނައެއް އެކުލެވޭކަން އޭނާއަށް ޔަޤީންވިފަހުން ރޯމަންދެކެ ފޫހިވެސް ވެއްޖެއެވެ.
"އަހަރެންދެކެ ރުޅި އައިއްސަތަ؟ ބަލާބަ. އަނެއްކާ އެ މޮޔަ ޝުހޭލް އަހަރެންނަށް ދިން އަނިޔާ. އަދިވެސް ހީވަނީ އަނގައިން ލޭ ރަހަ ލާހެން" އަނާރާ އެއްހަމައެއްގައި ހިނގަމުން ދިޔަ ރޯމަން ވާހަކަދެއްކިއެވެ.
"އަހަރެން ހިތަށް އަރާ އޭ މިތަނުގަ އެހުންނަނީ ކީއްކުރަންބާއޭ. އޭނަ އެހެރީ މޮޔަވެފަ. މޮޔައިންގެ މަރުކަޒަކަށް ގެންގޮސްގެން އަންހެނަކާ ދެވަންވެފަ ހުރި މީހެއް އެއީ" ރޯމަން ވާހަކަދެއްކިއެވެ. އަނާރް ހަމަ އަނގައިން ބުނެލުމެއްނެތި ކުރިއަށް ދިޔައެވެ.
"ކީއްވެ އަނގައިން ނުބުނެ ތިހެރީ. ދެން ކޮންއިރަކުން މަށާއެކު ތަނަކަށް ކާލަން ދާނީ. އެރޭވެސް އޭނަ އާ ހެދި ފަނިވީ" ރޯމަން ބުނެލިއެވެ.
"އަހަރެން ބުނަންތަ ވާހަކައެއް. ފިރިހެނުންނާއެކު ތަންތަނަށް ދިޔުމަކީ އަހަރެން ކުރާހިއްވާކަމެއްނޫން. މިގަޑީގަ ރޯމަން ދޭ. އަހަރެން ބޭނުންވަނީ އިރުކޮޅަކު އެކަނިހުރެލަން" އަނާރް ބުނެލިއެވެ.
"ބަލީތަ؟" ރޯމަން އަނާރްގެ އަތުގައި ހިފިއެވެ. އެވަގުތު އަނާރަށް ހީވީ އޭނާގެ އަތަށް ބިޗުލެއް ކަށި ޖެހިހެންނެވެ. އަތް ފޮޅުވާލައިފިއެވެ. ރޯމަންއަށް ޤަބޫލުނުކުރެވި އަނާރަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު އަނާރާ ގާތުން މާކޯނިތައް ދަށުން ނިކުތް ޝުހޭލް ރޯމަންއަށް ފެނިއްޖެއެވެ.
"އޯވް... އަދިވެސް ޝުހޭލްއަށް ފުރުސަތުދެން ދޯ. އަދިވެސް ލޯބިވޭ ދޯ. އެކަމަކު އަހަރެން ކައިރީގަ ބުނި އެކަން ނިމިއްޖޭ" ރޯމަން ބުނެލިއެވެ. ރޯމަން ބަލަހައްޓައިގެން ހުރި ދިމާ އަނާރް ބަލައިލިއެވެ. އޭރު އެދިމާލަށް އަންނަމުންދިޔަ ޝުހޭލް އަނާރަށް ފެނިއްޖެއެވެ.
"މިފަހަރު ކަލެއަށް އަދަބު ނުލިބުނީ ޔުނިވަރސިޓީން ބޭރުގަ އަހަރެންނަށް ހަމަލާ ދިނީމަ. މިވަގުތު އަތް އިސްނުކުރާތި. އަހަރެންގެ ދިފާއުގަ ނިކުންނާނެ ކިތަންމެ ކުއްޖަކު މި ޔުނިވަރސިޓީގަ އުޅޭ" ޝުހޭލް އަރާ ހަމަވުމާއެކު ރޯމަން ބުނެލިއެވެ.
"ކަލެއަށް ބިރުދެއްކޭނީ އެހެން މީހުންނަށް. އަހަރެން ބިރެއްނުގަނޭ. ބޮޑުވަރަކަށްވެސް އަހަރެންނަށް އެޅޭނެ ފިޔަވަޅަކީ މިތަނުން ވަކިކުރުން. އަރޫއަށްޓަކައި އެވަރުކަމެއް ވިޔަސް އަހަރެންގެ އެއްވެސް މައްސަލައެއްނެތް" ޝުހޭލް ބުނެލިއެވެ. ދެމީހުން ކުރަމުންދިޔަ ބަހުސް އަޑުއަހަން ހުރި އަނާރަށް އުނދަގުވަމުން ދިޔައެވެ.
"ކަލޭ ކީއްވެތަ އަރޫ ފަހަތުން ތިއުޅެނީ؟ އަރޫ ކަލޭ ބޭނުމެއްނުވޭ. ދެން އަހަރެންނަށް ފުރުސަތު ދޭންވީނުން" ރޯމަން ބުނެލިއެވެ.
"ދީފިން. ކަލެއަށް ފުރުސަތު ދީފިން. އަހަރެން ދުރުގަ ހުންނާނަން ބަލަން. އެކަމަކު ކަލެ އާ އެކު ގުޅުމެއް ފަށަން އަރޫ ރުހުނިއްޔާ ކަލެއަށް ކުރިއަށްދެވޭނީ" ޝުހޭލް ބުނެލިއެވެ. އެވަގުތު ރޯމަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވެއްޖެއެވެ. އަނާރް ކުރިމައްޗަށް އަރާފައި ލޯބިން އެ މޫނަށް ބަލައިލިއެވެ. ޝުހޭލް ކުރިމަތީގައި އަނާރްގެ ލޯތްބަށް އެދެން އޭނާ ބޭނުންވިއެވެ.
"އަރޫ! އަހަރެންނާ ރައްޓެހިވާންވީނުން. މީނައަށް ވުރެ މާ ލޯބިން އަހަރެން އުޅޭނަން" ކުޑަކޮށް އުފުލިލާފައި ގަހުން މާކޯންޏެއް ބިނދެލާފައި އަނާރަށް ދިއްކޮށްލިއެވެ. އަނާރް ރޯމަންއަށް ބަލައިލިރު އޭނާގެ އެތެރެހަށީގައި ދައުރުވަމުންދިޔަ ލޭތައް ކެކެން ފަށައިފިއެވެ.
"އަހަރެން މިބުނާ އެއްޗެއް ކަލޭމެން ދެމީހުންވެސް ރަނގަޅަށް އަޑުއަހާ. އަހަރެން ތިއިން އެކަކާވެސް ރައްޓިހިވާހިތަކުން ނޫޅެން. މޮޔަ ހީކުރުންތައް ހީނުކުރޭ. އެކަކު މާލޯބިވާކަމަށް ހެދިގެން ހުރެ އަހަރެންގެ އެކުވެރިންނަށް ހަމަލާދެމުން ދުވި މީހާ. ދެވަނަ މީހާއަކީ އަހަރެންގެ އެކުވެރިއެއްގެ ގޮތުގައި ހުރެ އަހަރެންނަށް އޮޅުވާލައިގެން އަހަރެންގެ ފުށުން ފައިދާތަކެއް ހޯދަން މަސައްކަތްކުރި މީހާ. އަހަރެންގެ ފަހަތުން އެކަކުވެސް ނޫޅެތި. ތިއިން އެކަކަށްވެސް އަހަރެން ޝައުގުވެރިކަމެއްނެތް. އަހަރެންނަށް އުނދަގުކުރަމުން ދުވަންޏާ މިތަނުގަ މައްސަލަ ޖައްސާނަން" އަނާރް ހިނގައިގަތެވެ. ރަކިވެފައި އަނާރް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރީ ރޯމަންއެވެ. ޝުހޭލް ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ.
"ލަދުގަނެއްޖެ ދޯ. ކަލޭގެ ހަގީގަތް އަރޫއަށް އަހަރެން ދައްކައިދިނިން. އަރޫ އެކަމަަށް އަހަރެންނަށް ޝުކުރުވެސްއަދާކުރި. ގަދަކަމުން ލޯބި ހޯދުމުގެ ވިސްނުމެއް އަހަރެންގެ ނެތް. އަހަރެންނަށް ފުދޭ އަހަރެނަށް ފެންނަ ހިސާބުގައި އަރޫ ހުރީމަ. ކަލޭ ވައްތަރަށް އަބަދު ބޮލަށް އަރައިގެން އަހަރެން ނޫޅެން. އަހަރެންނަށް އިނގޭ ލޯބި ލިބޭނީ ލޯބި ދީގެންކަން. ހަށިގަނޑު ޖަހައިގަނެގެން ނޫންކަން" ޝުހޭލް ވާހަކަދެއްކިއެވެ.
ރޯމަން ބަހެއްވެސް ނުކިޔާ ހުއްޓެވެ. އަނާރްގެ ކުރިމަތީގައި އޭނާ އެހާ އަވަހަށް ބޭޒާރުވެދާނެ ކަމަށް އޭނާ ހީކޮށްފައެއް ނެތެވެ. ކަންތައް އެވީ އޭނާ އުންމީދުކުރި ގޮތަކަށް ނޫނެވެ. އަނާރްގެ ޗާލު ހަށިގަނޑަށް އޭނާ ހިތްޖެހުނުތާ ކިތަންމެ ދުވަހެކެވެ. އެހަށިގަނޑުން ފޮނި މީރުކަމެއް އޭނާއަށް ހާސިލް ނުކުރެވެނީސް އެހާ އަވަހަށް ދުރަށްދާން ޖެހުމުން ހިތުގައި ބަދަލުހިފުމުގެ ޝައުގެއް އުފެދިއްޖެއެވެ.
"އަހަރެން އެކަން ކާމިޔާބުކުރާނަން. މިއަދު ނޫނަސް. ކަލޭ ބަލަން ހުންނާތި" ރޯމަން ދޫކުރަން ބޭނުމެއްނުވިއެވެ.
"ތިބުނާ ދުވަސް އަންނައިރު އަހަރެން ކައިރިއަށް އަރޫ އަންނާނެ. އޭރުން އަހަރެން ހުންނާނީ އަބަދުވެސް ހިޔަނިހެން އަރޫގެ ގާތުގައި" ޝުުހޭލް ބުނެލިއެވެ. އޭނާ ދާން ހިނގައިގަނެފައި ދުރަށް ބަލައިލިއިރު ރޯމަން އާ އެންމެ ގާތުން އުޅޭ ދެތިން އަންހެންކުދިން ތުއިވަމުން ރޯމަން އާ ދިމާލަށް އަންނަމުން ދިޔަތަން ފެނިއްޖެއެވެ.
"ކަލެ އާ އެންމެ ގުޅޭ ކުދިންކޮޅު އެބައާދޭ. އެކުދިންކޮޅު ގޮވައިގެން ކަރުހިއްކުން ފިލުވާލަންދޭ" މަލާމާތުގެ ރާގެއްގައި ޝުހޭލް ބުނެލިއެވެ. ރޯމަން އެދިމާލަށް ބަލައިލިއެވެ.
***
އުންމީދާ އާ އެކީގައި މެންދުރުގެ ކެއުން މޭޒުމައްޗަށް އަރުވަމުން ދިޔަ ޒައިނާއަށް އިރުކޮޅަކާ އުންމީދާ ބަލައިލައެވެ. އެކަން ޒައިނާއަށް ފާހަގަވީ އިރުކޮޅެއް ފަހުންނެވެ. އެންމެފަހުން އޭނާ އުނދުން ކައިރީގައި ހުއްޓިފައި ފުން ނަޒަރަކުން އުންމީދާއަށް ބަލައިލިއެވެ.
"އުންމިއްތަ ހާދަ ޗޭންޖޭ މިއަދު" ޒައިނާ ބުނެލިއެވެ.
"އާނ. ހިތަށް މިއަރަނީ ޒައި ކައިރީގައި މިވާހަކަ ބުނަންވީބާއޭ. ނޫނީ އަދި މަޑުކުރާނީބާއޭ" އުންމީދާ ބުނެލިއެވެ. ވީކަމެއް ނޭނގުނަސް ޒައިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"އަނެއްކާ ކިހިނެއްވީ؟ އަޑުއަހާހިއްވެއްޖެ" ޒައިނާ ބުނެލިއެވެ. އަދި ހަދާފައި ހުރި ކުކުޅުކޮޅު ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ.
"ނޫން. އުންމިއްތަ ބުނެފިއްޔާ ޒައިއަށް އެހާ އުފާވެރިކަމެއް ނުލިބޭނެ. އެކަމަކު ބުނަން ބޭނުންވާ މީހާ ބުނެފިއްޔާ އެހެނެއްނުވާނެ. އެހެންވީމަ އަދި މަޑުކޮށްލާނީ" އުންމީދާ ބުނެލިއެވެ. ޒައިނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވެލިއެވެ. އޭނާގެ ހިތުން އަބާންގެ ނަން ކިޔައިލިއެވެ. އެވާހަކަ އާ އަބާނާ ގުޅުމެއް ވާކަން އޭނާއަށް އިހުސާސްވެއްޖެއެވެ.
"އަނެއްކާ އަބާން އަހަރެންނާ ރައްޓިހެވާން.... ނޫން ނޫން... އަބާން އަހަރެންނާއެކު ތަނަކަށް ދާން.... ނޫން އެހެނެއްވެސް ނޫން. އަބާން އެ އުޅެނީ... ނޭނގެ..." ޒައިނާ ހިތާހިތުން ވާހަކަދެއްކިއެވެ. ޒައިނާގެ ތުންފަތްމަތީގައިވި ހިނިތުންވުމަށް ދުރުގައި ހުރި އުންމީދާ ބަލަމުން ދިޔައެވެ. އޭނާއަށް މިހާރުވެސް އެދުވަހަށް އިންތިޒާރުކުރެވެން ފަށައިފިއއެވެ. އަނާރްގެ ބޭވަފާތެރިކަން އަބާންގެ ހިތް ބަދަލުކުރީތީ އުންމީދާ އިންތިހާއަށް އުފާވިއެވެ. ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ.
***
ހުރިހާ އެންމެން ހަމަވުމާއެކު ހަނީފް މުޅި ތަނަށް ނަޒަރު ހންގައިލިއެވެ. ބޮޑު މޭޒު ވަނީ އާއިލާ މީހުންތަކުން ފުރާލާފައެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ކައިރީގައި އިން ޔުސްރާ ހަނީފްގެ އަތުގައި ހިފައިލިއެވެ.
"އަލްޙަމްދުﷲ. މިގޮތަށް އަހަރެންގެ އާއިލާ އެއް މޭޒެއް ކައިރިން އެބައްދުލުވީ ހާދަ ދުވަހަކަށް ފަހުއޭ" ހަނީފް ބުނެލިއެވެ.
"އަސްލު މިގޮތަށް ހަފްތާގެ ކޮންމެސް އެއްދުވަހަކު ހުރިހާ އެންމެން ކާލަން އަރަންވީއޭ. ރަހިމުގެ ގުޅުން ދަމަހައްޓަންވާނެ" ފަޔާޒް ވާހަކަދެއްކިއެވެ.
"އަބަދުވެސް ފަޔާ ކިޔާނެ އަހަރެން ކައިރީގަ ބާބަކިޔުއެއް ކަހަލަ އެއްޗެއް ހަދަން. އަހަރެންނަށް ފަހަން ހަވާލުކޮށްފައި ހުންނަ އެއްޗެހި ގިނަކަމުން ވަގުތެއް ނުވަނީ" ޔުސްރާ އާއެކު މޭޒު މައްޗަށް ކާއެއްޗެހި އަރުވަމުން ދިޔަ މިހުނާ ބުނެލިއެވެ.
"ކާން އަރާފަ ބޭކާރު ވާހަކަދެއްކުމަކީ ކޮންކަހަލަ ކަމެއް." ރާހިލް ބުނެލިއެވެ. މޭޒުމަތީގައި ހުރި ކާއެއްޗެހިތަކަށް އޭނާ ބަލަން އިންނަތާ އިރުގަނޑެއްވެއްޖެއެވެ.
"ހިނގާ ފަށަން. އަހަރެމެންގެ މިތިބަ ފިރިހެން ދަރިންނާ އިނދެގެން މިގެއަށް އަންހެންދަރިއަކު އައިމަ މި މޭޒުމަތި އިތުރަށް ފުރިހަމަވެގެންދާނެ" ހަނީފް ވާހަކަދެއްކިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ބައްޕަމެންގެ ތި އުންމީދު ފުރިހަމަކޮށްދޭނީ އަހަރެންގެ ޒައި" އާކާޝް ހިތާހިތުން ބުނެލިއެވެ. އެހިނދު އޭނާގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ކެއުމަށްފަހު ހުރިހާ މީހުން ބޮޑު ހޯލުގައި މަޑުކޮށްލައިގެން ތިއްބެވެ. ޓީވީ ހުޅުވާފައި ހުއްޓެއްކަމަކު އެއްވެސް މީހެއްގެ ނަޒަރުު ޓީވީއަށް އަމާޒުވެފައި ނެތެވެ.
"އަސްލު ތިކުދިން ކައިރީގައި ވާހަކައެއް ދައްކަން އުޅުނީ. ބޮޑު ހަޤީގަތެއް ކިޔައިދޭން" ފަޔާޒް ވާހަކަދެއްކިއެވެ. އެވަގުތު ފޯނަށް ނަޒަރު ހުއްޓާލައިގެން ތިބި ތިންކުދިން ފަޔާޒަށް ބަލައިލިއެވެ.
"މިކަން އާލް އާ ރާލްއަށް އިނގޭނެ. އެކަމަކު އައްކިއަށް ނޭނގޭނެ" ފަޔާޒް ބުނެލިއެވެ. އާކާޝް މޫނުމަތިން ހައިރާންކަމެއް ފާޅުވެލިއެވެ.
"އަނެއްކާ ކޮންކަމެއްބާ؟" އާކާޝް އެހިއެވެ.
"ދޮންބެގެ އަންހެންދަރިއެއް ހުރޭ. ކިޔަވަނީ ތިކޮލެޖްގަ" ފަޔާޒް ބުނެލިއެވެ. އާކާޝްއެކޭ އެއްފަދައިން މިފަހަރު އާހިލް އާ ރާހިލްގެ މޫނުމަތިންވެސް ހައިރާންކަމެއް ފެނިއްޖެއެވެ.
"އަޅުގަނޑުގެ ކޮލެޖްގައޭ. ކޮންކުއްޖެއް. ނަން ބުނެބަލަ. އޭރުން ފަހަރެއްގަ އިނގިދާނެ" އާކާޝް ބުނެލިއެވެ. އެހިނދު ފަޔާޒް އާ ހަނީފް ހިނިތުންވުމަކާއެކު އެކަކު އަނެކަކަށް ބަލައިލިއެވެ.
"ޒައިނާ. އައްކިއަށް އިނގޭތަ ޒައިނާ..." ފަޔާޒް ބުނެލިއެވެ. ފުރަތަމަ އާކާޝްއަށް ހީވީ އެމީހުން އޭނަ އާ ކުރާ ސަމާސާއެއް ހެންނެވެ. އެހެންކަމުން އެއްޗެއް ބުނަން އުޅުނު ވަގުތު އާހިލް ފުންމައިގެން ތެދުވެއްޖެއެވެ.
"ޒައިނާއްތަ...ހެހެހެ... ސީރިޔަސްކޮށްތަ ބައްޕާ" އާހިލް އެހިއެވެ.
"އާނ. އެއްކަލަ ދުވަހު ޒައިނާއްތަގެ ރަށުން ދިމާވި ބޭބެވެސް ބުންޏެއްނު މިއީ ޒައިގެ ބައްޕައޭ" ރާހިލް ބުނެލިއެވެ. އެހިނދު ފަޔާޒް ބޯޖަހައިލިތަން އާކާޝްއަށް ފެނުނެވެ.
"އޯއެމްޖީ... މިއީ އިއްތިފާގެއްތަ؟ ޒައި އަކީ އަޅުގަނޑުގެ ފަސްޓް ކަޒިންއެއްތަ؟" ހީލުމަކާއެކު އާކާޝް ބުނެލިއެވެ.
"ތިހީވީ ރަނގަޅަށް ދަރިފުޅާ. ޒައިނާއަކީ ދޮންބެގެ ކުއްޖެއް. އެއީ ވަރަށް ކުރިން ދޮންބެ އިން މީހަކަށް ލިބުނު ދަރިފުޅު. ދޮންބެއަށްވެސް އެދަރިފުޅަކީ ޒައިނާ ކަން އިނގުނީ ބޭބެ ބުނީމަ" ފަޔާޒް ވާހަކަދެއްކިއެވެ.
"އަދި ދަރިފުޅުމެންނަށް ނޭނގެއެއްނު. އައްކިބެ ލޯބިން އިންނަން އެއުޅެނީ ޒައިނާ އާ. އެކަން ތިއިން ކުއްޖަކަށް އިނގޭތަ؟" މިހުނާ ވާހަކަދެއްކިއެވެ. އާހިލް އާ ރާހިލް އާކާޝްއަށް ބަލައިލިއެވެ.
"އައްކިބޭ...! ނުވެސްބުނޭ. މިއަދު މިއީ ހާދަ އުފާވެރި ދުވަހެކޭ" އާހިލް ބުނެލިއެވެ.
"ކޮލެޖުން ނުލަފާ ފިރިހެނެއް ޒައިނާއްތަ އާ ދިމާކޮށްލައިގެން އުޅެނިކޮށް ޒައިނާއްތަ ސަލާމަތްކޮށްދިނިން. އެދުވަހުވެސް ތިކަހަލަ އިހުސާސެއް ކުރެވުނީ. އެހެންވީމަ ދެން އެންމެ އަވަހަށް ދެވޭ ދުވަހަކު ވާނެ ޒާއިނާއްތަ ކައިރީގައި މިވާހަކަ ބުނަން" ރާހިލް ބުނެލިއެވެ.
"ނޫން. އަދި ނުބުނާތި. އެވާހަކަ އެމަންޖެ ކައިރީގައި ބުނާނީ ބައްޕަ. ބައްޕަ މިއީ އެމަންޖެ ކުރިމަތީގައި ކުއްވެރިއެއް. ތިއިން ކުއްޖަކު އެކަހަލަ ވާހަކައެއް ނުދައްކާތި" ފަޔާޒް ބުނެލިއެވެ.
"އައްކި އެމަންޖެ މިގެއަށް ގެންނާނެ ވަރަށް އަވަހަށް. އެދުވަހުން މިހުނާވެސް ވާނެ އެމަންޖެ އާ ބައްދަލުކޮށްލަން" ޔުސްރާ ވާހަކަދެއްކިއެވެ.
***
ކާން އިނދެފައި ކުއްލިއަކަށް ޒިންކާ ދިމާލަށް ދުވެފައި ދިޔަ އަނާރަށް ޝުރޫކް ބަލައިލިއެވެ. އޭނާ މޭޒުމަތީގައި ހުރި ކާއެއްޗެހި ތައްޓަށް ބަލައިލިއެވެ. ކައްކާފައި ހުރީވެސް އަނާރަށް އެންމެ މީރު އެއްޗިއްސެވެ.
"ކިހިނެއްވީ؟" ތުން ފޮހެމުން އައި އަނާރް ގޮނޑީގައި އިށީނުމުން ޝުރޫކް އެހިއެެވެ.
"މިއަދު އެހާ މީރުކޮށެއްނޫން ކެއްކުނީ. ނުބައި" އަނގަ ހަދައިލަމުން އަނާރް ބުނެލިއެވެ.
"އެކަމަކު އަރޫއަށް އެންމެ މީރު އެއްޗިއްސެއްނު ސްޕެގެޓިއަކީ. ނުބައެއްނޫން. ވަރަށް މީރު" ޝުރޫކް ބުނެލިއެވެ.
"އަހަރެން ކާނަން ފަހުން. ވަގުތުގެ ގޮތުން ކަންނޭނގެ ނުބައީ" ޖޫސްތަށި ބޯލަމުން އަނާރް ބުނެލިއެވެ.
"މިއުޅެނީ ޔޫވިކާމެންގެ ފެނެލީ އިން ހިންގާ ކްލިނިކަށް ޕާޓް ޓައިމް ޖޮބަކަށް ދާން. ގޭގައި އިނީމަ އަހަރެން ބޯގޮވަނީ. އަބާން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފި" އަނާރް ބުނެލިއެވެ. ޝުރޫކް ބަލައިލިއެވެ.
"ހަމަޖެހިއްޖެތަ؟ އެއީ މާބަނޑު މީހުންގެ ކްލިނިކެއްނު" ޝުރޫކް ބުނެލިއެވެ.
"އާ އިނގެއޭ. ޔޫވިކާ ބުނި ހަމަޖެހޭނޭ" އަނާރް ބުނެލިއެވެ.
"ދެން އެހެންވީމަ އަހަރެންތާ ގޭތެރޭގަ ވައިވެގެން އެނބުރޭނީ" ޝުރޫކް ބުނެލިއެވެ.
"ނޫނޭ. އަހަރެން ދާނީ ޝުރޫ ގޮވައިގެން. ބުނިން ޔޫވިކާ ކައިރީގަ. ޕްލީޒް ހިނާގަބަ ދާން. އަހަރެން ބޭނުމީ އަހަރެންގެ ލައިފް ވަރަށް ބިޒީކޮށްލަން" އަނާރް ބުނެލިއެވެ. ޝުރޫކް ބޯޖަހައިލިއެވެ.
"އަބާންގެ ހަނދާންތަކުން ނިކުންނަން އަރޫ ތިކުރާ މަސައްކަތުގަ އަހަރެންގެ އެއްބާރުލުން ލިބޭނެ" އަނާރްގެ އަތުގައި ހިފައިލަމުން ޝުރޫކް ބުނެލިއެވެ.
***
އަސުރުނަމާދަށްފަހު ގޭތެރެއަށް އައިސް ވަން އަބާނަށް އުންމީދާ ބަލައިލިއެވެ. އަބާނާއެކު ސައިފް ހުރުމުން އުންމީދާ ސައިފަށް ހިނިތުންވުމެއް ދިނެވެ.
"ސައިފް މިހާރު ނުވެސްފެނޭ" ހިނިތުންވުމަކާއެކު އުންމީދާ ބުނެލިއެވެ.
"ހަމަ ބިޒީކަމުން. މިއަދު ވަގުތުކޮޅެއް ލިބުނީމަ ހިތަށް އެރީ އަބީ އާ އެއްކޮށޭ އުޅޭނީ" ސައިފް ބުނެލލިއެވެ.
"މަންމާ! ކޮފީއެއް ލިބޭނެތަ؟" އަބާން ބުނެލިއެވެ. އުންމީދާ ބޯޖަހާލާފައި ބަދިގެ އާ ދިމާލަށް ހިނގައިގަތެވެ. އަބާނާ ސައިފް ވަނީ ކޮޓަރިއަށެވެ.
"ދެން ކިހިނެއް ވިސްނަނީ. އެއްކޮށް އަނާރް ދޫކޮށްލީތަ؟" ސައިފް އެހިއެވެ. އަދި ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނެވެ.
"އާނ. ސައިފްވެސް އެ ވީޑިޔޯ ބަލައިފީމެއްނު. އަނާރްގެ ދިފާއުގަ އެއްވެސް އެއްޗެއް ނުބުނެއްވުނެއްނު. އެއީ ޙަގީގަތަކީ. އަހަރެން ބޭނުމެއްނޫން ދެވަަނަ ފަހަރަށް އެއް އަނދަވަޅަކަށް ވެއްޓޭކަށް" އަބާން ބުނެލިއެވެ.
"ސައިފް! އަހަރެން އަދިވެސް ވަރަށް ލޯބިވޭ އަނާރްދެކެ. އެކަމަކު އަނާރް ކީއްވެ އެހެން އެއުޅެނީ؟ އަހަރެން މޮޔަވެދާނެ. މިހާރުވެސް އަހަރެން މިއުޅޭ ހާލު ހެއްދެވިފަރާތް ދެނެވޮޑިގެންވާނީ. އަހަރެންގެ ހިތެއް ނުބުނޭ އަނާރް ރަނގަޅޭ" އަބާންގެ އަޑުގައިވި މަޑުމޮޅިކަން ސައިފަށް ފާހަގަވިއެވެ. މިފަހަރު އަނާރްގެ ދިފާއުގައި ސައިފް ވާހަކަނުދެއްކިއެވެ. އޭނާއަށްވެސް އެ ވީޑިޔޯ ފެނިއްޖެއެވެ. ކްލަބަކަށް އެކަހަލަ ވަގުތެއްގައި އަންހެންކުއްޖަކު ދާނީ އެންމެ ބޭނުމެއްގައެވެ. އެއީ ހަމަ ތެދެއްބާއެވެ؟
އުންމީދާ ގެނައި ދެ ކޮފީތަށި ދީފައި ހިނގައިގަތްތަނާ އުންމިދާ ހުއްޓުނީ އަބާން ގޮވައިލުމުންނެވެ.
"މަންމަ އެބަ އުޅެންތަ އެކަމާ" އަބާން އެހިއެވެ.
"ތިއީ ހަމަ ފަހުގެ ނިންމުންތަ؟" އުންމީދާ އެހިއެވެ. އަބާން ބޯޖަހައިލިއެވެ.
"އެހެންވީމަ އެންމެ ރަނގަޅުވާނީ ތިވާހަކަ އަބީ ޒައި ކައިރީގަ ބުނިއްޔާ. ކުރަން ތިކިޔަނީ ކުޑަކަމެއްނޫން" އުންމީދާ ވާހަކަދެއްކިއެވެ.
އުންމީދާ ކޮޓަރިން ނިކުތުމާއެކު ސައިފް އަބާނަށް ބަލައިލިއެވެ. ޒައިނާއަކީ އަބާނާ ހެދި އުޅޭ ކުއްޖެއްކަން ސައިފަށް އިނގެއެވެ. އޭނާ އަބާނަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.
"އަހަރެން ޒައިނާ އާ މެރީކުރަން މިއުޅެނީ؟" ސައިފްގެ ހިތުގައި އުފެދިފައިވާ ސުވާލަށް އެހުމަކާނުލާ އަބާން ޖަވާބުދިނެވެ.
"ވަޓް...؟ އަބީ...؟ އަދި ތިކަހަލަ ނިންމުމެއް ނިންމަން ގާތްވެސްނުވޭ. ލައިފެއް ފަށަން ތިކިޔަނީ އަނާރްމެދު ހިތުގައި ޝައްކުތަކެއް އުފެދިގެން. އެގޮތް އަބީ ބޭނުންވެގެނެއްނޫން. ނިންމުމެއް ނިންމަންޖެހޭނީ މީހާގެ ސިކުނޑި ހަމަޖެހިފަ ހުންނަ އިރެއްގަ" ސައިފް ވާހަކަދެއްކިއެވެ.
"އަހަރެން ވިސްނައިފިން. އެމީހަކު ލޯބިވާ މީހަކަށް ވުރެ އެމީހަކު ދެކެ ލޯބިވާ މީހަކު ހޯދިއްޔާ ރަނގަޅުވާނީ" އަބާން ބުނެލިއެވެ.
"އަބީ...!" ސައިފް ބުނަން އުޅުނެވެ.
"އަހަރެން ހުއްޓުވަން ނޫޅޭ.... އަހަރެން ދެން އިތުރަށް ވިސްނާކަށް ބޭނުމެއްނޫން" ކޮފީތަށި ކުޑަމޭޒު މަތީގައި ބަހައްޓާފައި އޭނާ ދެއަތުން މޫނު ފޮރުވާލައިފިއެވެ.
(ނުނިމޭ)