ސައުވީސްވަނަބައި
"އަރޫ...!! ރޯމަންގެ ނިޔަތް ގޯސް. އޭނަ އުޅުނީ އަރޫ އާ... އަހަރެން އަތުގަ ޕްރޫފް އެބަހުރި" އެނދުގައި އިން ޝުރޫކް ބުނެލިއެވެ.
އަނާރް ހައިރާންކަމާއެކު ޝުރޫކަށް ބަލައިލިއެވެ. އަދި ފާޑަކަށް ހީލައިފިއެވެ.
"ޕްރޫފޭ. އެ ޝުހޭލް ދިން. އޭނަގެ ފާޑެއް އަދިވެސް ޝުރޫއަށް ނޭނގޭތަ؟ އަހަރެން ޤަބޫލެއްނުކުރާނަން" ފަރުވާކުޑަގޮތަކަށް އަނާރް ބުނެލިއެވެ. ޝުރޫކް ހިތްހަމަނުޖެހުނެވެ.
"އަހަރެން ބޭނުންވަނީ މިކަަމުގައި ޝުހޭލް ކުއްވެރި ކުރާކަށްނޫން. އަހަރެން ކަންބޮޑުވަނީ އަރޫ އާ މެދު. މިކަހަލަ ތަނެއްގަ އާއިލާ އާ ވަކިން އަންހެންކުއްޖަކު އުޅޭއިރު ވިސްނަންޖެހޭ ކިތަންމެ ކަމެއް ހުންނާނެ. އަރޫއަށް ރޭގަ ރޯމަން ކަމެއް ކުރިނަމަޔޯ. ޝުހޭލްއަށް ނުދެވުނު ނަމަ ކިހިނެއްވާނީ. އަހަރެން އަތުގަ އޮތް ޕްރޫފަކީ މީހަކު ހަދާފައި އިން ވީޑިޔޯއެއް ނޫން. އަހަރެން އަރޫގެ ފޯނަށް އެ ވީޑިޔޯ ފޮނުވައިފިން" ޝުރޫކް އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. އަނާރް ބާރު ހިނގުމުގައި ހިނގާފައި ގޮސް ސައިޑް ކަބަޑް މަތީގައި އޮތް ފޯނު ނަގާފައި އަންލޮކް ކޮށްލިއެވެ.
އަނާރްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ޝުރޫކަށް ފެނުމުން ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. އިސާހިތަކު އަނާރްގެ ނިތްމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ.
"ރޯމަން ހާދަ ގޯހޭ. އޭނައަށް ކިހާ އިތުބާރެއްކޮށްފަ އަހަރެން ދިޔައީ. ކުރިން އަހަރެންގެ ސަބަބުން އޭނައަށް ބޮޑު އަނިޔާއެއް ލިބިފައި ހުރީމަ އެކަން ފޫބައްދަންވެގެން އަހަރެން ދާން އެއްބަސްވީ. އެކަމަކު.... އަހަރެން ހިތަށްވެސް ނާރާ..." އަނާރް ވާހަކަދެއްކިއެވެ.
"އަލްހަމްދުﷲ ގަޑިއަށް ޝުހޭލްއަށް އެތަނަށް ދެވުނުކަން. ތެދުވެރި ލޯތްބަކީ އެއީ. މީހަކު ދެކެ ލޯބިވާންވާނީވެސް ރުޅި އަންނަން ވާނީވެސް ވަކި މިންވަރަކަށް" ޝުރޫކް ވާހަކަދެއްކިއެވެ. މިފަހަރު އަމިއްލަ ކުށް އިހުސާސްވެ އަނާރް ބަހެއް ނުކިޔައެވެ.
***
މުޅިން އާ ދުވަހެކެވެ. އެތައް ބައެއްގެ ދުވަސް އުފާވެރިކަމުގެ ރަން އަކުރުން ފަށަން ތައްޔާރުވަމުން ދިޔައެވެ. ގަޑިން ހެނދުނު އެގާރަ ޖެހިއިރުވެސް ވިސްނުންތަކާ ފިކުރުތަކުގެ ކަނޑެއްގައި ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް ފަތަމުން ދިޔައީ އަބާނެވެ. މިއަދަކީ އޭނާއަށް ބޮޑު ދުވަހެކެވެ. ކޮންމެހެނެއްވެސް އުންމީދާއަށް ޖަވާބެއްދޭން ޖެހެއެވެ. އޭނާގެ ވިސްނުންތަކާ ގުޅިފައިވަނީ އަނާރެވެ. އިރުކޮޅަކާ ދެލޯ ކައިރިން ފާޅުވާ ކަރުނަތިކި ފޮހެލާނެއެވެ. އަނާރްދެކެ ލޯބިވެވުނީތީ އަމިއްލަ ހިތާ ޝަކުވާ ކޮށްލާނެއެވެ. އިރުކޮޅަކުން ފުންމައިގެން ތެދުވެ ކޮޓަރީގައި ދެކޮޅަށް ހިނގަން ފަށައިފިއެވެ. އެއްޗެއް ހަނދާންވެގެން ކުއްލިއަކަށް ގޮސް ފޯނު ނަގައިފިއެވެ. ކޮންޓެކްޓް ލިސްޓަށް ގޮސް މަޑުޖެހިލީ 'ޔާލް އޮސްޓްރޭލިޔާ' ނަމުން ސޭވްކޮށްފައި އިން ނަންބަރަކަށެވެ. ދެ ވިސްނުމެއްގައި ހުރެފައި އެ ނަންބަރަށް ޑަޔަލް ކޮށްލައިފިއެވެ. އެ ނަންބަރަށް ގުޅޭ ގޮތް ނުވެގެން ރުޅިވެރިކަމާއެކު ކަންފަތާ ފޯނު ދުރުކޮށްލައިފިއެވެ. އެނދުމައްޗަށް ފޯނު ހޫރާލަން އުޅުނު ވަގުތު ފޯނު ރިންގުވާން ފަށައިފިއެވެ. ކުރިން ގުޅި ނަންބަރު އަރާފައި އިންތަން ފެނުމުން ފޯނު ނަގާފައި ކަންފަތުގައި ފޯނު ޖަހައިފިއެވެ.
"ޔާލް! ކޮބާ އަހަރެން ބުނި ކަންތައް. މަންމަ އަބީބެގެ ކައިވެނި ކުރުވަން އުޅެނީ. މިއަދު މަންމައަށް ޖަވާބެއްދޭންޖެހޭ. އެހެންވެ އަބީބެއަށް ޖަވާބެއް ދެވޭނީ ޔާލް ދޭ ޖަވާބަކަށްފަހު. އުޅުނިންތަ އެކަމާ؟" އެކޮޅުން ޝިޔާލް ފޯނު ނެގުމާއެކު އަބާން ހުރިހާ ވާހަކަތަކެއް އެއްފައްޗަކަށް އަމުނާލިއެވެ.
"އަބީބެ ހަމަޖެހިބަލަ. މަށަށް ވެސް ވާހަކަދައްކަން ފުރުސަތު ދިނީމަ ދޯ ވާހަކަދެއްކޭނީ. އުޅުނީމޭ އެކަމާ" ޝިޔާލް ވާހަކަދެއްކިއެވެ. ޝިޔާލްއަކީ ސައިފްގެ އެއްބަނޑު ކޮއްކޮއެވެ. ޝިޔާލްއަކީ އެންމެ ކުޑައިރުން ފެށިގެން ބައްޕައާއެކު އޮސްޓްރޭލިޔާގައި ދިރިއުޅޭ ކުއްޖެކެވެ. ސައިފްދެކެ އިންތިހާއަށް ލޯބިވާ ކުއްޖެކެވެ.
"ދެކުނިންތަ އޭނަ؟" ކެތްތެރިކަން ކުޑަވެފައިވާ އަޑަކުން އަބާން އެހިއެވެ.
"ދެކުނިން ރޭގަ. އަބީބެގެ ހީކުރުން ހަމަ ރަނގަޅު. މެއިލް ޗެކްކޮށްބަ. އިންނާނެ އެއްޗެއް މެއިލްކޮށްފަ. ކޮލެޖް ނެތިއްޔާ ހުރިހާ ވަގުތެއް ހޭދަކުރަނީ އެގޭ ކައިރީގަ ނޫނީ އެ ޔުނިވަރސިޓީ ކައިރީގަ" ޝިޔާލް ވާހަކަދެއްކިއެވެ. ފަހުން ގުޅާނެ ކަމުގައި ބުނެފައި އަބާން ފޯނު ކަނޑާލައިފިއެވެ. ސްޓަޑީ ޓޭބަލް މައްޗަށް ބަލައިލިރު ލެޕްޓޮޕް ފެންނަން ނެތުމުން އިތުރަށް ރުޅިގަދަވިއެވެ. މަސައްކަތެއް ކުރަން ލެޕްޓޮޕް އޮފީހަށް ގެންދެވުނުކަން އިނގުމުން އޮފީހަށް ދާން ކޮޓަރިން ނިކުތެވެ. އޭނާގެ ހިތްވަނީ އަވަސްވެފައެވެ.
އޮފީހަށް ވަންއިރު މޭޒު ކައިރީގައި ނަސީމް އިންތަން ފެނުމުން އަބާންގެ ހަރަކާތްތަކަށް ލަސްކަމެއް އަތުވެއްޖެއެވެ. އަބާން ފެނުމުން ނަސީމް ހިނިތުންވެލައިފިއެވެ. މަސައްކަތުން އަބާނަށް ކުރު ޗުއްޓީއެއް ދިނީ ނަސީމެވެ.
"ދަރިފުޅު ކަމަކުތަ؟" ނަސީމް އެހިއެވެ. އަބާން ގޮސް ހުއްޓުނީ އޭނާގެ މޭޒު ކައިރީގައެވެ. ހުޅުވާފައި ހުރި ލެޕްޓޮޕް ނަގަމުން އޭނާ ނަސީމަށް ބަލައިލާފައި ގަދަކަމުން ހީލިއެވެ.
"މި ބަލާ މިއައީ" ނަސީމް އިތުރު ސުވާލެއް ކުރުމުގެ ކުރިން އޭނާ އަވަސް އަވަހަށް ނަސީމްގެ ކުރިމަތިން ގެއްލިއްޖެއެވެ.
***
މުޝައްރަފް މަޑުކޮށްގެން ހުރީ ކޮލެޖް ބޭރުން ޒައިނާ އާ ދިމާކުރުމަށެވެ. އޭނާއަށް ބަލަމުން އެތަނާ ސައިކަލުގައި މަޑުކުރި އާހިލް ފެނުމުން ނުލަފާ ޒާތަކަށް އާހިލްއަށް ބަލައިލިއެވެ.
"ކަލޭ ކޯޗެއް ތިބަލަނީ؟" އާހިލް ބަލާކަން އިނގުމުން މުޝައްރަފް ބުނެލިއެވެ.
"ކަލެއަށް މިބަލަނީ. ދެން ކީއްކުރެވޭނީ؟" އާހިލްވެސް ދޫކުރަން ބޭނުމެއް ނުވިއެވެ.
"ކަލޭ މިހާރު ސައިޒުގަ ދޯ" މަލާމާތުގެ ރާގެއްގައި އާހިލް ބުނެލިއެވެ. އެ ޖުމްލަ މުޝައްރަފަށް ހަޖަމެއް ނުކުރެވުނެވެ. ފުންމައިގެން ސައިކަލުން ފޭބިތަނާ ކޮލެޖުން އޭނާއަށް އެޅި ފިޔަވަޅު ހަނދާންވެއްޖެއެވެ. އެހެންކަމުން އަލުން މަޑިމަތީގައި އިށީނދެއްޖެއެވެ. ގޭޓާ ދިމާލަށް އައި ޒައިނާ ފެނި އޭނާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ކަލޭ މިތަނުން ދޭ. އަހަރެންގެ ހިތުގެ ހަމަޖެހުން އެހެރަ އަންނަނީ" މުޝައްރައްފު ބުނެލިއެވެ. އާހިލް އެދިމާ ބަލައިލިއެވެ. މުޝައްރަފް އެބުނީ ޒައިނާގެ ވާހަކަ ކަން އިނގުމުން ނަފްރަތުން ފުރިގެންވީ ބެލުމަކުން މުޝައްރަފަށް ބަލައިލިއެވެ.
"ކަލޭ އޭނަ އާ ވައިވެސް އެޅިގެންނުވާނެ" އާހިލް ބުނެލިއެވެ.
"ކިހިނެއްވީ؟ ކަލޭވެސް އަޅައިގަތީ ދޯ" ނުލަފާ ޒާތަކަށް ހީލަމުން މުޝައްރަފް ބުނެލިއެވެ.
"އެންމެންނަކީ ކަލެއެއްނޫން. އަހަރެންނަށްޓަކައި އެއީ އަހަރެންގެ ދައްތައެއް. ކަލޭ ހަނދާންކުރާތި. އެ އަންހެންކުއްޖާއަށް ނުބައި ގޮތަކަށް ބަލައިލިޔަސް ނަތީޖާ ރަނގަޅެއް ނުވާނެ" އާހިލް ވާހަކަދެއްކިއެވެ. ކުރިން އެތެރެއަށް ވަންނަ ޚިޔާލުކޮށްފައިވެސް އެޚިޔާލު އޭނާ ދޫކޮށްލިއެވެ. އެ ފިރިހެނާ ޒައިނާއަށް ކުރާނެ ޖެއްސުމެއް އިނގެނީއެއްވެސް ނޫނެވެ. އެއްބަފާ ކޮއްކޮއެއް ފަދައިން މުޝައްރަފާ ޒައިނާ އާ މެދު ހުރަހަކަށް އޭނާ ވިއެވެ.
ގޭޓުން ނިކުތް ޒައިނާއަށް އޭނާއަށް ފުރަގަސް ވާގޮތަށް ހުރި އާހިލް ފެނުމުން ހުއްޓިއްޖެއެވެ.
"އާހިލް!" ފުރަގަހަށް ހުރިއިރުވެސް އޭނާއަށް އެއީ އާހިލްކަން އިނގިއްޖެއެވެ.
"ޒައިނާއްތަ. ކާރުގަ ގެއަށް ދާންވީނުން" އާހިލް ބުނެލިއެވެ. އާހިލްގެ ފުރަގަހުން ނިކުތް މުޝައްރަފް ޒައިނާއަށް ފެނުނީ އޭގެފަހުންނެވެ. ވަގުތުން އޭނާގެ ހަތަރެސްފައި ފިނިވެއްޖެއެވެ. ދަބަހުގައި ބާރަށް ހިފަހައްޓާ ލެވިއްޖެއެވެ.
"ހިނގާ މަށާއެކު" މުޝައްރަފް ބުނެލިއެވެ. ޖެހިލުންވެފައި ހުރި ޒައިނާ ޖެހިލީ އާހިލް އާ ގާތަށެވެ.
"ތިފާޑަށް ނުބަލައްޗެ. އަހަރެންނަށް މި އަންހެކުއްޖާ އާ ހަމައަށް ނާދެވޭނީ ހަމައެކަނި ކަލޭމެންގެ މި އިމާރާތުގެ ހަތަރުފާރުން އެތެރޭގަ" މުޝައްރަފް ބުނެލިއެވެ.
މުޝައްރަފާ އާހިލް ޒުވާބުކުރާ އަޑުއަހަން ބޭނުންނުވާތީ ޒައިނާ ގޭޓުން އެތެރެއަށް ދެމިގަތެވެ. ކުއްލިއަކަށް މުޝައްރަފް އެއްލި އަތުން ހިފީ ޒައިނާގެ އަތުގައެވެ. ޒައިނާ ބަލައިލީ ސިހިފައެވެ.
"މިހާރު އޭނަ އަތުން ދޫކޮށްލާ" ދާދި ކައިރިން އިވުނު އާކާޝްގެ އަޑުން ހުރިހާ މީހުން އެދިމާލަށް ބަލައިލިއެވެ. މުޝައްރަފްގެ އަތުން އަތް ދަމައިގަނެފައި ޒައިނާ ގޮސް ހުއްޓުނީ އާކާޝް ކުރިމަތީގައެވެ. ފަހަތުން މުޝައްރަފް އަންނާނެ ކަމަށް ހީކޮށް އޭނާ ފަހަތް ބަލައިލިއެވެ. ވީވެސް އެހެންނެވެ. މުޝައްރަފް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ޖެހިލުންވެފައި ހުރި ޒައިނާއަށް އާކާޝްގެ އަތުގައި ހިފުނީ ނޭނގުމުގެ ތެރެއިންނެވެ.
"ޒައި ދޭބަލަ އެތެރެއަށް" ޒައިނާގެ ހިފައިގެން ހުރި އަތުގައި ހިފައިލަމުން އާކާޝް ބުނެލިއެވެ. އާކާޝްގެ އަތުގައި ހިފިފައި ހުރިކަން ޒައިނާއަށް އިނގުނީ އެހިސާބުންނެވެ. އޭނާ އަވަސް އަވަހަށް އާކާޝްގެ އަތުން ދޫކޮށްލިއެވެ. އަދި ގޭޓުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
"އާލް ދޭބަލަ އޭނަ ގޮވައިގެން ރެސްޓިން އޭރިޔާއަށް" އާކާޝް ބުނެލިއެވެ. ކުރިއަށްދިޔަ ޒައިނާގެ ފަހަތުން އާހިލް ހިނގައިގަތެވެ.
"ކަލޭ ތިއީ ކާކު؟" މުޝައްރަފް ދޫކުރަން ބޭނުމެއްނުވިއެވެ.
"މިހާރުވެސް ތިހެރީ އަދަބެއްގެ ތެރޭގަ. އަހަރެން ކަލެ އާ ދެބަސްވެ މިތަނުގަ ފައިޓެއް ކްރިއޭޓްކުރާކަށް ބޭނުމެއްނޫން. އެކަމަކު އެއްކަމެއް ޔަޤީންކޮށްދެން ބޭނުން. މި ކޮލެޖުން ކިޔެވޭނެ ވަރަކަށް ކަލެއަށް ތިހެރީ ކިޔެވިފަ" އާކާޝް ހިނގައިގަތުމުން މުޝައްރަފް ދަތްކުނޑި ވިކައިގަތެވެ.
***
ބޯތައްޓަކަށް ފެން އަޅައިގެން ބަދިގެއިން ނިކުތް ރުޝްދާ ގޮސް ވަނީ ސަބީހާ އޮތް ކޮޓަރިއަށެވެ. އެވަގުތު ގޭގައި ތިބީ އެ ދެމައިން އެކަންޏެވެ. އޭނާ އިންތިޒާރު ކުރަމުންދަނީ ޝުހޭލް ޔުނިވާސިޓީ ނިންމާފައި އަންނާނެ ވަގުތަށެވެ.
"ދަރިފުޅާ...!" ހުމާ ފިހިފައި އޮތް ސަބީހާ ކޮޓަރިއަށް ވަން ރުޝްދާއަށް ގޮވައިލިއެވެ.
"މަންމައަށް ހީވަނީ މަންމަގެ ފަހު ވަގުތުކޮޅު މިޖެހެނީ ކަންނޭނގެ. މަންމައަށް މިވާގޮތެއް ބުނާކަށް މަންމައަކަށް ނޭނގޭ" ސަބީހާ ވާހަކަދެއްކިއެވެ.
"އެއްކަލަ. މަންމަ ބައްޔެއް ވާއިރަށް އެކަހަލަ ވާހަކަދައްކަން ފަށާނެ. ތިއީ އާދައިގެ ހުމެކޭ މަންމާ. ކޮއްކޮ އައިމަ ދާނަމޭ މަންމަ ގޮވައިގެން ހޮސްޕިޓަލަށް" ސަބީހާގެ ގައިގައި ފެންފޮތި ލަމުން ރުޝްދާ ވާހަކަދެއްކިއެވެ.
"ނޫން. މަންމަގެ އެއްވެސް ކަމެއްގައި ކޮއްކޮއަށް ތަކުލީފެއް ނުޖައްސާތި" ވަގުތުން ސަބީހާ އެކަން މަނާކުރިއެވެ. ރުޝްދާ ހިތުގައި ޖެހުނެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެއެވެ.
ގޭތެރޭގައި މީހަކު އުޅޭހެން ހީވެގެން ރުޝްދާ ނިކުތްއިރު ޝުހޭލް ސިޓިންރޫމުގައި ހުއްޓެވެ. ކައިރިއަށް އައިސް ހުއްޓުނު ރުޝްދާ ފެނިފައި ޝުހޭލް ހީލައިފިއެވެ. ވަގުތުން އޭނާ ރުޝްދާގެ ދެކޮނޑުގައި ހިފާފައި އަނބުރާލިއެވެ. ކޮއްކޮގެ އުފާވެރިކަން ފެނި ރުޝްދާ އުފާވިއެވެ.
"ކިހިނެއްވީ މާއުފާވެފަ" ރުޝްދާ އެހިއެވެ.
"މިއަދު އަރޫ އަހަރެންނާ ކުރިން ވާހަކަދެއްކި. ރޭގަ ނުބައި ތަނަކުން އޭނާ ސަލާމަތްކޮށްދިނީމަ ޝުކުރުވެސް އަދާކުރި" ޝުހޭލް ވާހަކަދެއްކިއެވެ.
"ކޮއްކޮ އުފަލުން ހުރީމަ ދޮންތަ ވަރަށް އުފާވެއްޖެ. ތި ލިބުނު އުފަލަށްޓަކައި ދޮންތައަށް ކަމެއް ކޮށްދޭންވެއްޖެ" ރުޝްދާ ވާހަކަދެއްކިއެވެ.
"ކޮންކަމެއް؟ އަވަހަށް ބުނޭ. އުފަލެއް ލިބުނަސް ނުލިބުނަސް ދޮންތަ ބުނި ކޮންމެ ކަމެއް ކުރާނަން. އިންޝާﷲ" ޝުހޭލް ބުނެލިއެވެ.
"ދޮންތަ ބޭނުން ހޮސްޕިޓަލަށް ދާން" ރުޝްދާ ބުނެލިއެވެ.
"ބަނޑުގަ ރިއްސަނީތަ. ނިކުމޭ ރެޑީވެލައިގެން" އަވަސް އަވަހަށް ޝުހޭލް ބުނެލިއެވެ.
"ދޮންތައަށް ކަމެއްނުވޭ. އެކަމަކު މަންމަ ވަރަށް ބަލި. މަންމަ ހޮސްޕިޓަލަށް ގެންދަން ބޭނުމީ. ކޮއްކޮ ހަމައެކަނި ހޮސްޕިޓަލުން ނިންމަންޖެހޭ ނިންމުންތައް ނިންމައިދީ" ރުޝްދާ ވާހަކަދެއްކިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޝުހޭލްގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. އޭނާ ޖަވާބެއްނުދީ ހުންނަން ފެށުމުން ރުޝްދާ އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.
"ޕްލީޒް ކޮއްކޯ. ނޫނެކޭ ނުބުނާތި. މަންމަ ވަރަށް ހުންގަދަ. އިންސާނަކަށް އެވަރު ވާއިރު މިހެން ބަލަންތިބެން ހެޔޮނުވާނެ. އެއީ އަހަރެމެންގެ މަންމަ" ރުޝްދާ ވާހަކަދެއްކިއެވެ.
"ހަމައެކަނި ދޮންތަގެ. އަހަރެންގެ މަންމައެއް ނޫން. ގޮވައިގެން އާދޭ. އަހަރެން ހުންނާނަން ތިރީގަ" ޝުހޭލް ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.
***
ބެންޗުގައި އިން ޒައިނާ ކައިރީގައި އާކާޝް އިށީނެވެ. އާހިލްވެސް އެތަނުގައި ހުއްޓެވެ. އާކާޝްއަށް ބަލައިލާފައި ޒައިނާ ދުރަށް ނަޒަރު ސީދާކޮށްލިއެވެ.
"ޒައިއަށް ކެރޭނެތަ ފުލުހުންނަށް މައްސަލަ ހުށަހަޅަން. އަންހެނެއްގެ ފަހަތުން އެކަހަލަ ފިރިހެނަކު އުޅުމަކީ ނުރައްކާތެރި ކަމެއް" އާކާޝް ވާހަކަދެއްކިއެވެ.
"އެއީ ތެދެއް. މާދަމާ އޭނަ ހަދާނެގޮތެއްވެސް ނޭނގޭ. އަބަދު ކައިރީގައި މީހަކު ބަހައްޓައިގެން ކިހިނެއް އުޅޭނީ" އާހިލް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
"އަހަރެންގެ ރަހްމަތްތެރިކަން ޤަބޫލުކުރީމެއްނު. ހިނގާ އަހަރެންނާއެކު" އާކާޝް ބުނެލިއެވެ. ޒައިނާ ޙައިރާންކަމާއެކު އާކާޝްގެ މޫނަށް ބަލައިލިއެވެ.
"ކޮންތާކަށް؟" ޒައިނާ އެހިއެވެ.
"ތަނަކަށް. ހިނގާބަލަ" ޒައިނާގެ އަތުގައި ހިފާ ނަގަމުން އާކާޝް ބުނެލިއެވެ.
"ޒައިގެ އެކުވެރިޔާ މިއަދު ނާންނަ ދުވަހެއްތަ؟" ހިނގައިގަންނަމުން އާކާޝް އެހިއެވެ.
"އައި. އެކަމަކު ގޭ މީހަކު އެޑްމިޓްކޮށްފަ އޮތީމަ ހޮސްޕިޓަލަށް ދިޔައީ" ޒައިނާ ބުނެލިއެވެ.
ޒައިނާ އާއި އާކާޝް އެކުގަ ދާ މަންޒަރު ބަލަން އާހިލް ހެވިފައި ހުއްޓެވެ. އާކާޝް އާ ޒައިނާގެ ޖޯޑަށް އާހިލް ތައުރީފް ކޮށްލިއެވެ.
***
މަގުމައްޗަށް ނިކުމެފައި އާކާޝް ސައިކަލަށް އެރުމުން ޒައިނާ ފަސްޖެހުނެވެ. ދުވަހަކުވެސް އޭނާ އަބާން ނޫން އެހެން ފިރިހެނެއްގެ ސައިކަލް ފަހަތަށް އަރާފައެއް ނެތެވެ. އާކާޝްގެ ފަހަތަށް އަރަންވުމުން އޭނާއަށް އުނދަގުވިއެވެ.
"ކޯޗެއް ތިވިސްނަނީ؟" ޒައިނާ ހިމޭނުން ހުންނަން ފެށުމުން އާކާޝް އެހިއެވެ. ޒައިނާ ދެފަރާތަށް ބޯހޫރާލިއެވެ.
"ޒައިގެ އަބީ ހިތްހަމަނުޖެހޭނެތަ އަނެއްކާ. އެހެންވިއްޔާ ޓެކްސީގަވެސް ދެވިދާނެ" އާކާޝް ބުނެލިއެވެ.
"ނޫން. އަބީއަށް ހެޔޮވާނެ އަހަރެންނަށް ކޮންމެގޮތެއް ވިޔަސް" ޒައިނާ ބުނެލިއެވެ. އަދި މަޑުމަޑުން އާކާޝްގެ ފަހަތަށް އަރާ އިށީނެވެ. އެހިނދު އާކާޝްގެ ގައިން ދުވި ލުއިލުއި މީރުވަސް އޭނާގެ މޫޑު ބަދަލުކޮށްލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ކުރިއަށް ސައިކަލް ދުއްވައިލިއިރު އާކާޝް އިނީ އެންމެފަހުން ޒައިނާ ބުނެލި ޖުމްލަ އާ މެދު ވިސްނާށެވެ.
***
އުންމީދާ އަބާންގެ ކޮޓަރިއަށް ވަންއިރު ފެނުނު މަންޒަރަކުން ދެލޯ ބޮޑުވިއެވެ. ދުވަސްތަކަކަށްފަހު ދަރިފުޅު އެގޮތަށް ރޯންއިން މަންޒަރު ފެނުމުން އޭނާއަށް ދުރުގައި ނުހުރެވުނެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އަބާން ކައިރީގައި އިށީނެވެ. އެހިނދު އަބާން ބޯ އެޅީ އުންމީދާގެ އުނގުގައެވެ.
"އަނެއްކާ ކިހިނެއްވީ ދަރިފުޅާ؟" އުންމީދާ އެހިއެވެ. އަބާން ޖަވާބެއް ނުދެއެވެ. އޭނާ ހިތުގައި އުފެދިފައިވި ހުރިހާ ހިތާމައާ ހިތްދަތިކަން އެކީ އެކައްޗަކަށް ބޭރުކުރަން އުޅޭ ކަހަލައެވެ. އުންމީދާ ނަޒަރު ސީދާކޮށްލީ ކައިރީގައި ހުޅުވާފައި ހުރި ލެޕްޓޮޕަށެވެ. މެދުތެރެއިން ޕޯސްކޮށްފައި އިން ވީޑިޔޯ އުންމީދާ ޕްލޭކޮށްލިއެވެ. އެ ވީޑިޔޯ އިން ފިރިހެނެއްގެ ފަހަތުން ބޭރު ގައުމެއްގެ ކްލަބަކަށް އެ ވަންނަނީ ކާކުކަމެއް އޭނާއަށް ފުރަތަމަ އޭނާއަށް ނޭނގުނެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ޕްލޭ ކުރުމުން އިނގިއްޖެއެވެ. އެއީ އަނާރް ކަން އޭނާއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. ބަލައި ބެލުމަށް މަޑުމައިތިރި އަންހެންކުއްޖެކެވެ. އެއްވެސް އަދަބެއް އަޚްލާޤެއް ނެތްކަން ފެނުނު ވީޑިޔޯ އިން އޭނާއަށް އިނގިއްޖެއެވެ. ދެން އޭނާގެ ނަޒަރު ސީދާކޮށްލީ އުނގުތެރޭގައި އޮވެ ހިތުގައިޖެހި ރޮމުންދިޔަ ލޯބިވާ ދަރިފުޅަށެވެ. އެދަރިފުޅު އެވަރަށް ކަރުނަ އެ އޮހޮރަނީ އެ އަންހެންކުއްޖާގެ ސަބަބުންކަން އިނގުމުން އަނާރާ މެދު އުންމީދާގެ ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ.
"ތިކުރަނީ ބޭކާރުކަމެއް ދަރިފުޅާ. ދަރިފުޅަށްޓަކައި މިދުނިޔޭގައި ނުވާ މީހަކަށްޓަކައި ތިގޮތަށް ކަރުނަ ބޭކާރުނުކުރޭ" އަބާންގެ އިސްތަށިގަނޑުގައި ފިރުމަމުން އުންމީދާ ވާހަކަދެއްކިއެވެ.
"ތިގޮތަށް ދަރިފުޅު ރޮއެ ހިތާމަކުރި މަންޒަރު ހަޔާތުގަ އެއްފަހަރު މަންމައަށް ދައްކަވައިފި. އިތުރަށް ބަލަން މަންމަ ބޭނުމެއްނޫން. މަންމަ ބޭނުންވަނީ ދަރިފުޅު އުފަލުގަ ހުންނަން. ބުނޭ... ދަރިފުޅު ކޮންގޮތެއް ބޭނުމީ؟ ދަރިފުޅަށްޓަކައި މަންމަ އަނާރާ ވާހަކަދައްކަންވީތަ؟ އަބާން އެވަރަށް ރޯތަން ފެނި އުންމީދާގެ ހިތަށް އަސަރުކޮށްފިއެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.
***
އަކާޝް ސައިކަލް މަޑުކޮށްލީ ބޮޑުތަކުރުފާނުމަގުގައި ހުރި ޓޭކްއަވޭ ހިންގާ މަޝްހޫރު ތަނެއް ކައިރީގައެވެ. އޭނާ ދެ ކުރުނބަލަށް އޯޑަރ ދީފައި ޒައިނާއަށް ބަލައިލިއެވެ.
"އައްކިއަށް ކިހިނެއް އިނގުނީ އަހަރެންނަށް ކުރުނބާ މީރުކަމެއް" ޒައިނާ އެހިއެވެ.
"ހެހެހެ... އިނގިގެނެއްނޫން. ބޭނުމީ ކޯޗެއްހޭ އަހައިފިއްޔާ ޒައި ޖަވާބުދޭން އެތައް އިރެއް ނަގާނެ. އެހެންވެ އަހަރެންނަށް އެންމެ މީރު ބުއިމަށް މި އޯޑަރދިނީ" އާކާޝް ވާހަކަދެއްކިއެވެ.
ދުރުގައި ސައިކަލް ޕާކްކޮށްފައި ދެކުދިން ހިނގައިގަތީ ބުރިޖާ ވީ ދިމާލުން ގާތަކާ ދިމާލަށެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތަށް ވުމާއެކު އެސަރަހައްދުގައި ހޭލަމޭލަވެ އުޅޭ މީހުން ގިނައެވެ. އެކި އުމުރުފުރާގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ.
"އަހަރެން ވާހަކައެއް އަހައިފިއްޔާ އެއްޗެއް ހީނުކޮށް ޖަވާބުދޭނަންތަ؟" އާކާޝް އެހިއެވެ. ޒައިނާ އާކާޝްއަށް ބަލައިލާފައި ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.
"ކުރިން ހިތަށްއެރި ޒައި އުޅުނީ އަބީ އާ ރައްޓެހިވެގެންނޭ. އެކަމަކު މިއަދު ފާޑެއްގެ އެއްޗެއް ބުނެފި" އާކާޝް ބުނެލިއެވެ.
"ނޫން. ބައެއް މީހުންނަށް އެމީހަކު އެންމެ ލޯބިވާ މީހަކާ އެކު އުޅުމުގެ ފުރުސަތެއް ނުލިބޭ. އެލިސްޓުން އަހަރެންނަށް ޖާގަ ލިބުނީ" ޒައިނާ ބުނެލިއެވެ.
"މާނައަކީ؟" އާކާޝް އެހިއެވެ.
"އަބާންދެކެ ލޯބިވަނީ އަހަރެން. އެވެސް އެންމެ ކުޑައިރުން ފެށިގެން. އަބާން ހަދަނީ އަހަރެންނަށް ހަދާނެގޮތެއް. ބޭނުންވީމަ ބާވާލާފަ ބޭނުންވީމަ ގާތް އެކުވެރިއަކަށް ހަދާފަ. އަބާން ބުނި ދުވަހަކުވެސް އޭނާގެ ހަޔާތުން ލޯބިވެރިއެއްގެ މަގާމެއް އަހަރެންނަށް ނުދެވޭނޭ" އަސަރާއެކު ޒައިނާ ވާހަކަދެއްކިއެވެ.
"އެއީ...؟ އޭނަ ކީއްވެ ޒައިއަށް ނޯ ބުނީ. މީހަކު ނޯ ބުނާވަރު ކުއްޖެއް ނޫން ޒައިއަކީ. ހުރިހާ ގޮތަކުން ބެލިޔަސް ހަމަ އެއްވަނަ" އާކާޝް ދެމާނަ އެކުލެވޭ ޖުމްލައެއް ބުނެލިއެވެ.
"އަހަރެން ކަމުދިޔައީ އައްކިއަށް. އަހަރެންގެ ފުުށުން އައްކިއަށް ފެނުނު ކަންތައްތަކެއް އަބާނަށް ނުފެނުނު. އޭނަ ލޯބިވަނީ އެހެން ކުއްޖެއްދެކެ" ޒައިނާ ވާހަކަދެއްކިއެވެ. ޒައިނާގެ ވާހަކަތަކުން އާކާޝްއަށް އުފާވެރި ހަބަރެއް އިވިއްޖެއެވެ. އޭނާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.
***
"ނޫން މަންމާ! އެއީ ބޭކަރު ކަމެއް. އޭނަވެސް އެވީ ހަމަ މަޔޫރާއަށް. އަޅުގަނޑު ބޭނުންވަނީ އެލޯބި ހަނދާނުން ފޮހެލަން. މަންމާ! އަޅުގަނޑަށް އެހީވެދީ. އެހެންނޫނީ އަޅުގަނޑު މޮޔަވެދާނެ" އަބާން ވާހަކަދެއްކިއެވެ. މާގިނައިން ރުއިމުގެ ސަބަބުން އޭނާގެ އަޑު ވަނީ މުޅިން ކުރަކިވެފައެވެ.
"މަންމަގެ ފަރާތުން ކޮން އެހީތެރިކަމެއް ދަރިފުޅު ބޭނުންވަނީ؟" އުންމީދާ އެހިއެވެ.
"އަޅުގަނޑުގެ ކައިވެނި އަވަސްކޮށްދީ" އަބާން ބުނެލިއެވެ. އުންމީދާއަށް ޙައިރާންކަމެއް ލިބުނެވެ.
"މިވަގުތު ދަރިފުޅުގެ ހިތް ތިވަނީ ހަލާކުވެފަ. ކައިވެނި އަވަސްކޮށްދޭށޭ ތިބުނަނީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން. ދަރިފުޅު އަދި އެއްފަހަރު ވިސްނާލާ. އެއަށްފަހު ނިންމި ގޮތެއް މަންމަ ކައިރީގަ ބުނޭ" އުންމީދާ ވާހަކަދެއްކިއެވެ.
(ނުނިމޭ)