ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 23

ތޭވީސްވަނަބައި

"އަހަރެންގެ ހަށީގައި ފުރާނާ ހުރިހާ ހިނދެއްގައި ކަލެއަށް އަރޫ އާ ކުޅޭކަށް ލާހިކެއްނޫން. އަހަރެން އަތުން ކަލޭ އަދި މަރުވާނެ" މިފަހަރު ޝުހޭލްގެ ރުޅިވެރި ބަސްތައް އަމާޒުވީ ރޯމަންއަށެވެ.

***

ނަދުމާ އާ އެކު ކޮލެޖް ކުރިމަތީގައި ހުރި ކެފޭއަށް ޒައިނާ ވަން މަންޒަރު ހަނީފާއެކު ކޮލެޖް ކައިރިއަށް ސައިކަލުގައި މަޑުކޮށްލި އާކާޝްއަށް ފެނިއްޖެއެވެ. އޭނާ އެހިސާބަށް ބާލާފައި ހަނީފް ދުއްވާލުމާއެކު އޭނާގެ މިސްރާބު ބަދަކުކޮށްލީ ކެފޭ އާ ދިމާލަށެވެ. ވަކި ހިސާބަކުން ރާހިލްވެސް އާކާޝް ފަހަަތުން އަޅުވާލައިފިއެވެ.

"މިއަންނަނީ އިނގޭ. މިތާ ބޭރުގަ އިއްބެ އެބަހުރި" ނަދުމާ ތެދުވެގެން ހިނގައިގަތެވެ.

ކެފޭތެރެއަށް ވަން އާކާޝްއަށް ޒައިނާ އެކަނި އިންތަން ފެނި އެތަނަށް ހިނގައިގަތެވެ. އެހެންނަމަވެސް ރާހިލް ހުރުމުން އޭނާ މިސްރާބުޖެހީ އެހެން ދިމާލަކަށެވެ. ޒައިނާ ފެންނާނެހެން އޭނާ މޭޒެއް ކައިރީގައި މަޑުކޮށްލިއެވެ. އޭނާ ބޭނުންވަނީ ޒައިނާއަށް ވެސް ސިއްރުން އެމޫނަށް ބަލައިގެން ހިތްހަމަޖެހުން ހޯދާށެވެ. އޭނާގެ ލޯތްބަށް ޒައިނާ އިންކާރު ކުރިޔަސް އޭނާގެ ހިތުގައި ނުގުޑާ އަޒުމެއް ވިއެވެ. އެލޯބި އޭނާއަށް ލިބޭނެކަމުގެ ޔަގީންކަން އޭނާގެ ހިތުގައި އޮތެވެ.

"ކޮންތާކަށް އެވަރަށް ތިބަލަނީ" މާގިނައިން އާކާޝް ބަލާހެން ހީވެގެން ރާހިލް ބުނެލިއެވެ. ވަގުތުން އާކާޝްގެ ނަޒަރު ރާހިލްއަށް ސިދާކޮށްލިއެވެ.

"އެއްޗެއް ހިތަށްއެރީ" އަކާޝާ ބުނެލިއެވެ.

"ކޯޗެއް. މީހަކާ އިންނަންވީއޭތަ؟" ސަމާސާ އެކުލެވޭ ރާގެއްގައި ރާހިލް އެހިއެވެ.

"ރަނގަޅަށް ތިބުނީ" އާކާޝް ބުނެލިއެވެ.

"ދެން މިހާރު އިންނާނެ ކުއްޖެއް ހޯދައިފިންތަ؟ މީހަކާ އިނދެވޭނީ އިންނާނެ ކުއްޖަކު ހުރެގެނެއްނު" ރާހިލް ބުނެލިއެވެ.

"އެބަހުރި. އެކަމަކު އަދި ކާމިޔާބުވާގޮތެއް ނުވޭ" އާކާޝް ބުނެލިއެވެ. އޭނާ އިރުކޮޅަކާ ޒައިނާއަށް ބަލައިލައެވެ. ޒައިނާގެ ކޮންމެ އަދާއެއް އޭނާއަށް ކަމުގޮސްފިއެވެ.

"ރަނގަޅުތާ. އައްކިބެ މީހަކާ އިންނަ ދުވަހަަކަށް މިހާރު އިންތިޒާރުކުރެވެން ފަށައިފި" ރާހިލް ބުނެލިއެވެ.

"އެކަމަކު ވަރަށް ދެރަ. ހިއެއްނުވޭ މިތަނުގަ އެހާ ގިނައިރު އިނދެވޭނެ ހެނެއް. މަންމަ އާ ބައްޕަ މިއަދު އެބައުޅޭ އަތޮޅުތެރެއަށް ފުރަން. އަހަރެމެންވެސް ދަން. ޓޫ ޑޭސް އެކޮޅުގަ ތިބެފަ އަންނަނީ" ރާހިލް ބުނެލިއެވެ.

"އާނ ތިކަހަލަ ވާހަކައެއް ބައްޕަ ބުނުއްވި. ރާހިލް ދާންވީނުން. އައްކިބެ ދާނީ އަދި އިރުކޮޅަކުން" އާކާޝް ބުނެލިއެވެ. ރާހިލް ހިނގައިގަތެވެ. ޒައިނާ ކައިރިން ހުރަސްކުރި ވަގުތު ޒައިނާ ފެނި އެހިސާބުގައި މަޑުޖެހިލައިފިއެވެ. ޒައިނާ އާ ވާހަކަނުދައްކާ ދާން އޭނާގެ ހިތް އެއްބަސް ނުވީއެވެ.

"ކިހިނެއްތަ؟" ރާހިލް އެހިއެވެ.

"ރަނގަޅު. އަލްޙަމްދުﷲ. ރާހިލް ކިހިނެއް؟" ޒައިނާ އެހިއެވެ. ބޮޑުވައި އިނގިލި އުފުލައިލަމުން ރަނގަޅު ކަމުގައި ރާހިލް ބުނެލާފައި ހިނގައިގަތެވެ. އެހިނދު ޒައިނާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި އާކާޝްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޒައިނާ އާ ހެދި އޭނާ މޮޔަވާވަރު ވެއްޖެއެވެ.

ފޯނު ކަންފަތުގައި ޖަހައިގެން އިނދެފައި ޒައިނާ ބަލައިލީ ކޭޝް ކައުންޓަރާ ދިމާލަށެވެ. އިރުކޮޅަކުން ތެދުވެ އެދިމާލަށް ހިނގައިގަންނަން އުޅޭހެން ހީވެ އާކާޝް ގޮނޑިން ތެދުވެއްޖެއެވެ. ޒައިނާއަށް ދުރަށް ނުދެވެނީސް އާކާޝް އައިސް ކުރިމަތީގައި ހުއްޓިއްޖެއެވެ. ޒައިނާ ދިޔައީ ސިއްސައިގެންނެވެ. އާކާޝް ހީލިއެވެ. ފަހުދުވަހު އާކާޝް އޭނާ އާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާންވެފައި ޒައިނާ އިސްޖަހައިލިއެވެ.

***

ރޯމަންގެ ސައިކަލް މަޑުކޮށްލި ހިސާބާ ތަންކޮޅެއް ދުރުގައި ޝުހޭލް އައި ޓެކްސީ މަޑުކޮށްލިއެވެ. އޭނާ ޓެކްސީއަށް ފައިސާ ހަވާލުކޮށްފައި އެދެމީހުންނަށް ނުފެންނާނެހެން ނިވާވެލިއެވެ. ބޮލުގައި އެޅުވި ހެލްމެޓް ނަގާފައި ރޯމަން އަނާރާ ވާހަކައެއް ދައްކާލިތަން ޝުހޭލްއަށް ފެނުނެވެ. އެދެމީހުން ފަހަތުން ޝުހޭލް ހިނގައިގަތެވެ. އޭރު އޭނާގެ ހިތުގައި ރޯމަން އާ މެދު ރޯވެފައިވާ އަލިފާނުގައި ހުޅުފަޅަން ތައްޔާރުވެއްޖެއެވެ.

އިރުކޮޅަކުން އަނާރް ހުއްޓުނުކަން އިނގުމާއެކު ރޯމަން ފަސްއެނބުރި ބަލައިލިއެވެ. ދެ ވިސްނުމެއްގައި ހުރި އަނާރް ފެނުމުން ރޯމަން ހިތްނުތަނަވަސްވިއެވެ. އެހިސާބަށް އޭނާ އަނާރް ގެނައީ އެތައް އުންމީދަކާ އެކުގައެވެ. އޭނާގެ މަގްސަދު ހާސިލްވާން އެހާ ގާތްވެފައި ވަނިކޮށް އަނާރްގެ ވިސްނުން ބަދަލުވެދާނެތީ އޭނާ ކަންބޮޑުވިއެވެ.

"ކިހިނެއްވީ؟" ރޯމަން އެހިއެވެ.

"މިއީ ކްލަބެއްނު. މިކަހަަލަ ތަންތަނަށް އަންނަނީ ކޮންކަހަލަ ބައެއްކަން އަހަރެންނަށް އިނގޭ. ރޯމަންވެސް މިކަހަލަ ތަންތަނަށް އަންނަންތަ؟" އަނާރް އެހިއެވެ.

"ހެހެހެ. އަރޫއަށް ހީވޭތަ އަހަރެން މިކަހަލަ ތަންތަނަށް އަންނާނެހެން. އަހަރެމެން އަރާނީ މައްޗަށް. ވަރަށް ހިތްފަސޭހަ އޯޕަން މާހައުލެއްގަ ހަމަޖެހިގެން ކޮފީއެއް ބޯލައިގެން ދާނީ. އަރޫ ބުނި ގަޑިއަށް ގެއަށް ގެންގޮސްދޭނަން" ރޯމަން ވާހަކަދެއްކިއެވެ. އަނާރް ހިނގައިގަތުމުން ރޯމަން ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. އަނާރަށް ފާރަލަމުން އައި އެހެން މީހަކު އެމަންޒަރުތަކުގެ ފޮޓޯ ނެގިކަން އެއިން އެއްވެސް މީހަކަށް ނޭނގެއެވެ.

***

ދެއަތް މުށްކެވިފައި ހުރި ޝުހޭލް އެތަނަށް ވަންއިރު ރޯމަން އާ އަނާރް ފެންނާކަށް ނެތެވެ. ކަންފަތް ފަޅައިގެންދާ ވަރަށް މިޔުޒިކްގެ އަޑު އިވިއިވި ހުއްޓެވެ. ދެޖިންސުގެ ޒުވާނުން ގައިގޯޅިކޮށް ނަށަމުން ދިޔައިރު ގިނަ މީހުން ތިބީ ހަމަޔަކު ނޫނެވެ. ބައެއް މީހުން ޖޯޑު ޖޯޑަށް ސިޑިން އަރައިގެން ކޮޓަރިތަކަށް ވަންނަ މަންޒަރުވެސް ފެނެއެވެ. އަނެއްބަޔަކު ނަށަމުން ދިޔައިރު ފާޙިޝް އަމަލުތަކުގައި ބަނދެވިގެން އުޅޭ މަންޒަރުވެސް ފެންނަމުން ދިޔައެވެ. މުޅި ސަރަޙައްދުގައި ހިފާފައިވަނީ ރަލުގެ ވަހެވެ. މޭނުބައިކޮށް ހޮޑުލަވާ ކަހަލަ ގޮތެއްވެ އޭނާގެ ލައިގެން ހުރި ޓީޝާޓްގެ ކަރުވަޅުގެ ބަޔަކުން ނޭފަތް ނިވާކުރިއެވެ. ބޭރު އަންހެންކުއްޖަކު އައިސް އޭނަގެ އަތުގައި ހިފައިލުމާއެކު އޭނާއަށް ރުޅިވެރިކަމާއެކު އަތް ފޮޅުވާލެވިއްޖެއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މުޅި ސަރަހައްދު އޭނާ ސްކޭން ކޮށްލައިފިއެވެ. އަނާރް އޭނާގެ ލޮލުގައި އަޅައިނުގަތެވެ. އެހެންނަމަވެސް ކައުންޓަރ ކައިރީގައި ވެއިޓަރަކާ ވާހަކަދައްކަން ހުރި ރޯމަން އޭނާއަށް ފެނިއްޖެއެވެ. އެންމެންތަކުގެ ތެރެއިން ރޯމަން އާ ގާތަށް ހިނގައިގަނެއްޖެއެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ދެފަރާތް ބަލައިލުމަށްފަހު ވެއިޓަރ ހިފައިގެން ހުރި ތައްޓަށް ރޯމަންގެ ޖީބުން ނެގި ކަރުދާސްގަނޑެއްގައި ހުރި ހުދު ކުލައިގެ ކުނޑިތަކެއް އެޅި މަންޒަރު ފެނިފައެވެ. ޝުހޭލްގެ ހިތުގައި ހުޅުފަޅާފައިވާ އަލިފާނުގެ އަސަރު ދެލޮލުން ފާޅުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ނަމަވެސް އެރުޅިވެރިކަމުގެ މައްޗަށް އޭނާ ކުރި ހޯދާފައި އަތުގައި އޮތް ފޯނުން އެމަންޒަރު ވީޑިޔޯ ނަގައިފިއެވެ. އޭނާ ރޯމަން އާ ދިމާލަށް ހިނގައިގަތީ އެއަށްފަހުގައެވެ.

***

"ޒައި! ކިހިނެއްތަ؟" ހިތްހެޔޮކަމާއެކު އާކާޝް އެހިއެވެ.

"ރަނގަޅު" ޒައިނާ ޖަވާބު ކުރެވެ. އޭނާއަށް އާކާޝް އާ ނަޒަރު ސީދާކޮށްލަން ނުކެރުނެވެ.

"ދަނީތަ؟ އަދި އިރުކޮޅަކު މަޑުކޮށްލަންވީނުން" އާކާޝް ބުނެލިއެވެ. ދަބަސް ކޮނޑުގައި އަޅުވައިގެން ހުރި ޒައިނާ ވަކި ޖަވާބެއް ނުދިނެވެ.

"އައި ޕްރޮމިސް. ޒައި ހިތްހަމަނުޖެހޭ ފަދަ އެއްވެސް ވާހަކައެއް އަހަރެން ނުދައްކާނަން" އާކާޝް ބުނެލިއެވެ. ޒައިނާ އަލުން ގޮނޑީގައި އިށީނުމުން އާކާޝް ހީލިއެވެ.

"އަހަރެންގެ ހުށަހެޅުމަށް ޒައި އިންކާރު ކުރިޔަސް އަހަރެންގެ ހިތުގަ އެއްވެސް ޝަކުވާއެއްނެތް. އަހަރެން ދެން އެވާހަކަތައް ޒައި ކައިރީގަ ނުދައްކާނަން" އާކާޝް ބުނެލިއެވެ. ޒައިނާ ބަހެއްނުކިޔާ އިނެވެ. ދަބަސް އޮތީ އަދިވެސް ކޮނޑުގައެވެ.

"އަހަރެން ވާހަކައެއް އަހައިފިއްޔާ ތެދަށް ޖަވާބުދޭނަންތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އާކާޝް އެހިއެވެ. ޒައިނާ ބޯޖަހައިލިއެވެ.

"އަހަރެން މިއީ ވަރަށް އަހުލާގެއްނެތް މީހެއްތަ؟ ޒައި ގެ ނަޒަރުން ވިސްނާލާފަ ބުނެބަލަ؟" އާކާޝް ބުނެލިއެވެ. ޒައިނާ އާކާޝްއަށް ބަލާލައިފައި ހަމަ އެހިނދު ނަޒަރު ބަދަަލުކޮށްލައިފިއެވެ.

"ނޫން. އަހަރެން އެގޮތަށް ނުދެކެން" ޒައިނާ ބުނެލިއެވެ.

"ދެން އެހެންވިއްޔާ ޒައި ކީއްވެ އަހަރެންނާ ވާހަކަނުދައްކަނީ. ގައިމުން ދެންމެ ރާހިލް އާ ވެސް ހީލާފައި ވާހަކަދެއްކިތަން އަހަރެން ދުށިން" އާކާޝް ބުނެލިއެވެ.

"އަހަރެން... ކުޑަކޮށް އުނދަގުތަކެއްވޭ. އަހަރެންނަށް އާކާޝް..."

"ޕްލީޒް! ސޭ އައްކި...." ޒައިނާގެ ވާހަކަތައް ހުއްޓުވާފައި އާކާޝް ބުނެލިއެވެ.

"އައް...އައްކިގެ ހުށަހެޅުން..." ޒައިނާ ބުނަން އުޅުނެވެ.

"އަހަރެން ބުނެފީމެއްނު އެކަން އަހަރެންގެ ހިތުގަ ނެތޭ. އެންމެރަނގަޅު. އަހަރެންނަށް ޒައިގެ އެކުވެރިއަކަށް ވެވިދާނެތަ؟" އާކާޝް ވާހަކަދެއްކިއެވެ. ޒައިނާ ބޯޖަހައިލިއެވެ.

"އެހެންވިއްޔާ މިއަދުން ފެށިގެން އަހަރެމެންނަކީ ދެ އެކުވެރިން. އެހެންނު. އެހެންވިއްޔާ ސަލާންކޮށްލާ" އާކާޝް ދިއްކޮށްލި އަތުގައި ޒައިނާ ހިފިއެވެ. އެހިނދު އާކާޝްގެ ހިތުގައި ލޯބި އުތުރި އަރައިގަތެވެ. އެ އަތުން ދޫކޮށްލަން ބޭނުންނުވިއެވެ. ލޯބިވެރިއަކަށް ވުމުގެ ކުރިން އޭނާ ބޭނުންވަނީ ޒައިނާގެ އެކުވެރިކަމެވެ. ލޯތްބެއް ހާސިލްކުރެވޭނީ ގުރުބާންތަކެއްވެސް ވެގެންކަން އާކާޝްއަށް އިނގެއެވެ.

***

ސިޓިންރޫމާ ވަކިން ހުރި ބަދިގޭ ކައިރީގައި ހުރި ޖޯލީގައި އިން ނިޝާނާ ދޮރާ ދިމާލަށް ބަލައިލީ ފިރިހެން އަޑަކުން ސަލާމް ގޮވައިލި އަޑު އިވުމުންނެވެ. ހަމަ އެހިނދުގައި އޭނާ ސަލާމް ބަލައިގަތެވެ. ދޮރުމަތީގައި ތިބި ހަތަރު މީހަކު ފެނުމުން އެއީ ކޮންބައެއްކަން ނިޝާނާއަށް ނޭނގުނެވެ. އެހެންނަމަވެސް މެހްމާނުން އިށިންނަން ބޭރުގަ ފައްތަރުކޮށްފައި ހުރި އަދަރާދު ގޮނޑިތައް ދެއްކިއެވެ.

"އަޅުގަނޑަށް ކިޔަނީ ފަޔާޒް. މިއީ އަޅުގަނޑުގެ އަނބިމީހާ މިހުނާ. ދެން މިތިބީ އަޅުގަނޑުގެ ދެ ދަރީން" ފަޔާޒް ވާހަކަދެއްކިއެވެ.

"މަޢާފްކުރައްވާ އަދި އަޅުގަނޑަށް ނޭނގުނު ތިއީ ކޮންބޭފުޅުންނެއް ކަމެއް" ޖޯލީގައި ހުރި ހަނޑޫ ދޮލަނގު ބަދިގެ ކައިރީގައި ހުރި ފުނޑާ ދައި މަތީގައި ބަހައްޓާފައި އައި ނިޝާނާ ވާހަކަދެއްކިއެވެ.

"އަޅުގަނޑުމެންނަކީ ބޭފުޅުންނެއްނޫން. މިގޭގަ އިތުރު ބަޔަކު ނޫޅެނީތޯ" ފަޔާޒް ވާހަކަދެއްކިއެވެ.

"ނޫނޭ. އަޅުގަނޑުގެ ފިރިމީހާ މިވަގުތު ވީ ގިފިލީގަ. އިރުކޮޅަކުން ނިކުމެދާނެ. އަޅުގަނޑު އެބަ އަންނަން" ހަތަރު މަހުގެ ބަނޑާއެކު ބަދިގެ އާ ދިމާލަށް ނިޝާނާ ހިނގައިގަތުމުން މިހުނާ ފަޔާޒަށް ބަލައިލިއެވެ.

"ރާއްޖެތެރޭގަ ދިރިއުޅުމަކީ ހަމަ ސުވަރުގެ. ބަލާބަލަ ހިތްފަސޭހަކަން. ދުއްވާ އެއްޗެއްގެ އަޑެއް ނީވޭ. އެހެރަ ގަސްތަކެއްވެސް. މިޖެހޭ ފިނިފިނި ވައިރޯޅިތަކެއް. ވާވާ..." މިހުނާ ކިޔާލިއެވެ. ރާހިލް އާ އާހިލްއަށް ހެވިއްޖެއެވެ.

ބަދިގެއިން އައި މިހުނާ ދަގަނޑު ތަށިތަކުގައި ގެނައި ސަންކުއިކްޖޫސް އެންމެން އަތަށް ދިއްކޮށްލާފައި ހިނިތުންވެލިއެވެ. ދަންނަ ބައެއް ނޫނަސް އެއީ އާދައިގެ ބައެއް ނޫންކަން އެމީހުން ހެދުން އަޅާފައި ހުރި ގޮތުންނާ ކޮނޑުގައި އޮތް އަގުބޮޑު ދަބަހާ ފޯނުތައް ފެނުމުން އިނގުނެވެ.

"ކޮންބައެއްތަ ނިޝް.." ތުވާލި ހިފައިގެން ގިފިލިން ނިކުތް ސަމީރުގެ ވާހަކަދެއްކި އަޑަށް ހުރިހާ މީހުން އެދިމާލަށް ބަލައިލިއެވެ. ކަކުލުން ތިރިއަށް ހުރި ސޯޓުގައި ހުރި ސަމީރު ކައިރިއަށް ނިޝާނާ ހުއްޓުނެވެ. އަދި ސަމީރު އަތުގައި އޮތް ތުވާލި އަތުލާފައި ރޯނުގައި އޮތް ޓީޝާޓް ގެންގޮސް ސަމީރު އަތަށް ދިނެވެ. ޓީޝާޓު ބޮލުން ވައްޓާލާފައި ސަމީރު ގޮސް ހުއްޓުނީ ފަޔާޒް ކުރިމަތީގައެވެ. ފަޔާޒަށް އައިސްފައި ހުރި ބަދަލު ފެނުމުން ފުރަތަމަ ނަޒަރުން ސަމީރަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާ ވިސްނައިލުމުން މީގެ އަހަރުތަކެއް ކުރިން އޭނާގެ ދައްތަގެ މުޅި ދިރިއުޅުމާ ކުޅުނު މީހާކަން އިނގިއްޖެއެވެ. ސަމީރުގެ ދެބުމަ ގޮށްޖެހިގެން ދިޔަ ތަން ފެނުމުން ފަޔާޒް ކޮޅަށް ތެދުވެލިއއެވެ. އަދި ސަލާމަށް އަތްދިއްކޮށްލިއެވެ.

"ވަޢަލައިކުމުއްސަލާމް މާލޭ ބޭފުޅާ" ސަމީރު ބުނެލިއެވެ. ސަމީރުގެ އަޑުގައިވި މަލާމާތުގެ ރާގުން ހުރިހާ މީހުންނަށް ޙައިރާންކަމެއް ލިބިއްޖެއެވެ. ނިޝާނާ ސަމީރުގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ކީއްކުރަން މިރަށަށް ތިއައީ؟ ކޮބާ ކަލޭގެ ބޭނުމަކީ؟" ސަމީރުގެ އަޑުގައިވީ ނަފްރަތެވެ.

"ސަމީރް! ކިހިނެއް ތިވާހަކަދައްކަނީ؟" ފިރިމީހާ ގާތަށް ޖެހިލާފައި ސިއްރުން ނިޝާނާ ބުނެލިއެވެ.

"ނިޝްއަކަށް ނޭނގޭނެ. މިއީ އަހަރެމެންގެ ޒައި ގެ ބައްޕައެއްނު. އަހަރެންގެ ހުރި ހަމައެކަނި ދައްތަ އެމީހަކަށްޓަކައި އެތަކެއް އުފާތަކެއް ގުރުބާންކޮށް ހަޔާތުގެ ހުރިހާ ދުވަސްތަކެއް ހޭދަކުރި އިންސާނާ.. އަހަރެންނަށް އަހާލެވިދާނެތަ އެހާ ދުވަސް ފަހުން ބޭފުޅާ ތިކުރެއްވީ ކޮންކަހަލަ ޒިޔާރަތެއްތޯ؟ ސަމީރު ވާހަކަދެއްކިއެވެ. ހަގީގަތް އިނގުމާއެކު ނިޝާނާގެ ހިތުގައިވެސް އެމީހުންނާ މެދު ފޫހިކަމެއް އުފެދިއްޖެއެވެ.

"ހިނގާދާން..." ފަޔާޒްގެ އަތުގައި ހިފައިލަމުން މިހުނާ ބުނެލިއެވެ. އޭނާގެ ކުރިމަތީގައި ބަޔަކު ފިރިމީހާގެ އަގުވެއްޓޭފަދަ ގޮތަކަށް ވާހަކަދެއްކީތީ އޭނާ ހިތްހަމަނުޖެހުނެވެ. ރައްދުގައި ވާހަކަދައްކަން ބޭނުންވިޔަސް އެގެއަށް ވަނުމުގެ ކުރިން ފަޔާޒް ވަނީ އޭނާ އާ ދަރިންނަށް އެއްވެސް އެއްޗެއް ބުނުން މަނާކޮށްފައެވެ.

"އަހަރެން... އަހަރެން ޤަބޫލުކުރަން އަހަރެންނަކީ ކުއްވެރިއެއްކަން. އަހަރެން ބޭނުންވަނީ ސާދުގެ ކިބައިން މަޢާފަށްއެދެން" ފަޔާޒް ވާހަކަދެއްކިއެވެ.

"ހެހެހެ.... ސާދު އޭ... މިގެއިން ނިކުމެގެން ހުރި ސީދަލަށް ގޮސް މޫނުޖެހޭ ހިސާބަށް ދެވުނީމަ ކަނާތް ފަރާތަށް އަޅާނީ. އެންމެ ފުރަތަމައަށް އިންނަ ގޯޅި ތެރެއިން ފުރަތަމަ ފެންނާނީ ސަހަރާ. އެތަނުގައި ދައްތަ ވީ. މިހާރު ހަމައެކަނި ފެންނަން އިނީ މަހާނައިގެ ދެކޮޅަށް ޖަހާފައިން ދެ ގާ. އެވެެސް ފެހަ ޖަހައިގެން މިހާރު ނެތިގެން ދާން ފަށައިފި. ދޭ ގޮސް މަޢާފަށް އެދެން" ސަމީރު ވާހަކަދެއްކިއެވެ. އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ފަޔާޒަށް އިސްޖަހައިލެވިއްޖެއެވެ. ލަދުވެސްގަތެވެ.

"މުއްސަނދިކަމުގެ ނަމުގައި ތިމާއަށް ކީރިތިވަންތަ ﷲ ފައިސާ އާ މުދާ ދެއްވީމަ ދުނިޔެމަތިން ހަނދާންނެތުނީ. ކައިވެނިކޮށްލާފަ ދިޔައިރު ވިސްނާލިންތަ އަހަރެންގެ ދައްތަ އުޅޭނެ ހާލު. ޒިންމާއަށް ފިލައިގެން ދިޔައިރު އަޅެ ހިތެއްވެސް ނެތީތަ؟ އަހަރެންގެ ދައްތައަށް އެހެން ހެދިއިރު ކޮބާތަ ދައްތަގެ ކުށަކީ؟ ދަރިއަކު ލިބެން އުޅޭކަން ތި ބޭފުޅާ ކައިރީގައި އަހަރެންގެ ދައްތަ ގުޅާފައި ބުނިއިރު އަހަރެން އިނީމޭ ކައިރީގަ. ފޯނު ބާއްވާފައި އަހަރެންގެ ދައްތަ ގިސްލާފައި ރޯންފެށި ގޮތް އަދިވެސް އަހަރެންގެ ހިތުން ނުފިލާ. މާލެގޮސް މީހަކާ އިނދެގެން ދަރިން ހޯދާލިއިރު އެންމެ ފަހަރަކުވެސް ހިތަށް ނާރާތަ ތިމަންނަގެ ލެއިން އުފަންވެފައިވާ އެހެން ދަރިއަކު އެބަހުރިއޭ. ހާލު ބަލައިލަން މީހެއް ކައިރީގައިވެސް އަހާލިންތަ؟ އެންމެފަހުން ވިސްނުންތަކާ ފިކުރުތަކުގެ ޝިކާރައަކަށް އަހަރެންގެ ދައްތަ ވެގެންދިޔައީ. އެކުޑަ ކުއްޖާ ދުނިޔެއަށް އައިތާ މާގިނަ ދުވަހެއްނުވެ އަހަރެންގެ ދައްތަ މިދުނިޔެއާ ވަކިވެއްޖެ. އިނގޭތަ ދައްތަ ނިޔާވުމުގެ ކުރިން އަހަރެން ކައިރީގައި ދެއްކި ވާހަކައެއް؟ ބުނީ ދުވަހެއްގައިވެސް ދަރިފުޅު ބޭނުންވެގެން ބޭފުޅާ އައިއްޔާ ތިމަންގެ ދަރިފުޅު އެދަރިފުޅުގެ ބައްޕަ އާ ވަކި ނުކުރައްޗޭ. އެދަރިފުޅު ބައްޕައަކީ ހުލްޤު ހެޔޮ އިންސާނެކޭ. އެހެރީ ދައްތަ ލޯބިވީ މިންވަރު" ސަމީރުގެ ވާހަކަތަކުން ހުރިހާ މީހުންގެ ލޯތައް ކަރުނުން ތެންމާލައިފިއެވެ.

"މިހާރު އަހަރެން ހިތަށް އަރާ ކޯޗެއް ސާބިތުކޮށްދޭންބާއޭ ދައްތަ ކައިރިން މަޢާފަށްއެދެން ތިއައީ. ވިސްނާލަބަ ﷲ ހަޟްރަތުގައި ތިމާއަށް ހުރި އަޒާބާ މެދު" ސަމީރު ބުނެލިއެވެ.

"ހުއްޓާލާ. ކުށެއް ކުރެވުނުކަން އިނގި އެކަން އިހުސާސް ވިއިރު ވަގުތު ފާއިތުވެފައި ވިޔަސް ފަޔާއަށް ތިގޮތަށް އެއްޗެހި ނުގޮވާ. ކުރެވުނު ފާފައަށް އޭނާ ތަޢުބާވެއްޖެ. ތަޢުބާވެފައިވާ އިންސާނަކީ އެކަލާނގެ ހަޟްރަތުގައި ހުދު ފޮތިކޮޅެއް ފަދަ. ކުރެވުނު ފާފަ ހަނދާންކޮށްދީގެން ތިމާމެންނަށް ވެސް އެކުރެވެނީ އަޒާބު ލިބޭނޭ ކަމެއް" ރޮވިފައި ހުރި ފަޔާޒްގެ އަތުގައި ހިފައިގެން މިހުނާ ހިނގައިގަތެވެ. އެމަންޒަރު ބަލަން ހުރި ސަމީރުގެ ދެލޮލުގައި އަދިވެސް ވީ ކަރުނައެވެ. ގެއަށް އައި މެހްމާނުންނަށް އެފަދަ ގޮތަކަށް މަރުހަބާ ކިޔަން އޭނާވެސް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަށް އިހުސާސްތައް ނުހިފެހެއްޓުނީއެވެ.

***

އަބާން ނިދަން އުޅުނު ވަގުތު އުންމީދާ ކޮޓަރިއަށް ވަން މަންޒަރު ފެނުމުން ޙައިރާންވިއެވެ. އަބާން އެނދުން ތެދުވެގެން އައިސް އުންމީދާ ކުރިމަތީގައި ހުއްޓިއްޖެއެވެ.

"މަންމަ ވާހަކައެއް ބުނަންވެގެން. އާދެބަލަ އިށީންނަން" އަބާންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އުންމީދާ ބުނެލިއެވެ. އުންމީދާ ދައްކަން އުޅޭ ވާހަކައެއް ނޭނގި އަބާންގެ ހިތް ނުތަނަވަސްވާން ފެށިއެވެ.

"ދަރިފުޅު ލޯބިވާ ކުއްޖާ އާ ކައިވެނިކުރަން ބޭނުންތަ؟" ފުރަތަމަވެސް އުންމީދާ ބުނެލި ޖުމްލައާއެކު އަބާންގެ މޫނުމަތީގައި ޙައިރާންކަން ވަށާލިއެވެ. އޭނާއަށް މަންމަގެ މޫނަށް ބަލައިލެވުނެވެ.

"އަނާރް. އުމެއިރާއްތަގެ މަންޖެ. އެއީއެއްނު އަބީ ލޯބިވާ ކުއްޖަކީ" އުންމީދާ ބުނެލިއެވެ. އަބާން ބަހެއްވެސް ނުކިޔާ އުންމީދާގެ މޫނަށް ބަލަމުން ދިޔައެވެ.

"ކީއްވެތަ މަންމަގެ މޫނަށް ތިހެން ތިބަލަނީ. އަބީގެ ޖަވާބު މަންމަ ބޭނުން" އުންމީދާ ބުނެލިއެވެ.

"އަޅުގަނޑު އެކަނި ލޯބިވީ. އޭނައެއް ލޯތްބެއްނުވޭ. އަޅުގަނޑު އޭނަ އާ ގުޅުން ކަނޑައިފިން. ބޭނުމެއްނޫން. އޭނަގެ ކުރިމަތީގައި އަޅުގަނޑު ވީ ލޯބީގެ އެއްވެސް ގަދަރެއްނެތް" އަބާން ބުނެލިއެވެ. އުންމީދާއަށް ހަމަޖެހުމެއް ލިބިއްޖެއެވެ. އޭނާ އަހަން ބޭނުންވި ޖުމްލަތައް އަބާންގެ ދުލުން ބޭރުކޮށްފިއެވެ.

"އެހެންވިއްޔާ މަންމަ ދައްކާ މީހަކާ ކައިވެނިކުރަން އަބީ ތައްޔާރުވޭ. މަންމަ ދުވަހަކުވެސް ދަރިފުޅަށް ދެެރައެއް ލިބުމަށް ނޭދޭނަން. ދަރިފުޅު ކައިވެންޏެއްކޮށް ދަރިން ލިބޭ މަންޒަރު ބަލަން މަންމަ އިންތިހާއަށް ބޭނުން. މަރުވުމުގެ ކުރިން މާމަ ދަރިންނާއެކު ވަގުތުކޮޅެއް މަންމަ ބޭނުން. މަންމަގެ މި އެދުން ފުރިހަމަކޮށްދެވޭނެ ދަރިއަކަށް ހުރީ ހަމައެކަނި އަބީ. ދަރިފުޅުދެކެ ދީވާނާއެއް ފަދައިން ލޯބިވާ ކުއްޖެއް މަންމައަށް ފެނިއްޖެ" އުންމީދާ ވާހަކަދެއްކިއެވެ.

"ޒައިނާ ތަ؟" އަބާން އެހިއެވެ. އުންމީދާ ބޯޖަހައިލިއެވެ.

"މަންމައަށް އިނގޭ އަބީއަށް ޖަވާބެއްދޭން އުނދަގޫވާނެކަން. އެހެންވީމަ ވިސްނާނެ ވަރަކަށް ވިސްނާފަ މަންމައަށް ޖަވާބެއްދީ. މަންމަ އުންމީދުކުރަން މަންމަ މިއެދުން ބޮލާލާ ނުޖަހާނެކަމަށް. އަދި ހަމަ ދަރިފުޅުގެ ކޮންމެ ނިމުމަކަށް މަންމަ ރުހޭނަން" އަބާންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އުންމީދާ ވާހަކަދެއްކިއެވެ. އޭނާ ކޮޓަރިން ނިކުމެގެން ދިޔައީ އަބާން ވިސްނުންތަކެއްގެ ތެރެއަށް ދޫކޮށްލާފައެވެ.

***

"އަހަރެން ރޯމަން އާ އެކު ދިޔައީ ރޯމަން އާ ހިތާވެގެނެއްނޫނޭ. އޭނަ ޖެހޭތަ މާ ވަރުގަދަ މީހަކަށްވެގެން ރޯމަންއަށް ހަމަލާދެން. އޭނަ އެގޮތަށް ކަންތައްކޮށްގެން ހީކުރީތަ އަހަރެންގެ ހާސިލްކު ރެވިދާނޭ. އަހަރެން ހައްތަހާ ފޫހިވަނީ އޭނަދެކެ. ރޯމަންގެ މުޅި އަނގަމަތި ފަޅާލާފައޭ އޮތީ" ކޮޓަރީގައި ދެކޮޅަށް ހިނގަން ހުރި އަނާރްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

އޭނާއަށް އެތަނަށް ދެވުނީ އަޑުގަދަވާހެން ހީވެގެންނެވެ. އޭރު ޝުހޭލްގެ ހަމަލާތައް ރޯމަންއަށް އަމާޒުވެ ނިމިއްޖެއެވެ.

"އަރޫ...!! ރޯމަންގެ ނިޔަތް ގޯސް. އޭނަ އުޅުނީ އަރޫ އާ... އަހަރެން އަތުގަ ޕްރޫފް އެބަހުރި" އެނދުގައި އިން ޝުރޫކް ބުނެލިއެވެ.

(ނުނިމޭ)