ބާވީސްވަނަބައި
ގޭތެރެއަށް ވަންގޮތަށް އަނާރާއި ޝުރޫކް ސޯފާގައި އިށީނެވެ. ގަނެގެން ގެނައި އެއްޗެހި މޭޒުމަތީގައި ބަހައްޓާފައި ޝުރޫކް އައިރު އަނާރް އިނީ ޝުރޫކްގެ ފޯނުން ލައިޓް އޮން ކޮށްގެނެވެ. އަދިވެސް ގޭތެރޭގައި ވަނީ އަނދިރިކަމެވެ.
"ވަރަށް ހޫނު. މިއަންނަނީ ކުޑަދޮރުތައް ހުޅުވާފަ" ޝުރޫކް ހިނގައިގަތެވެ.
ޝުރޫކް ކައިރީގައި އިށީނުމުންވެސް އަނާރް ވާހަކަނުދެއްކިއެވެ. އެކަން ޝުރޫކަށް ފާހަގަވިއެވެ.
"އަދިވެސް ރުޅިވެފަތަ ތީނީ އަހަރެންނާ. އަހަރެން އަރޫ ނުލާ ފިހާރައަށް ދިޔައިމަތަ؟ އަރޫ ބޭރަށްދާހިއްނުވާ ވާހަކަ ބުނީމަ ނުބުނެ ދިޔައީ. ސޮރީ ޑާލިންގް" ޝުރޫކް ބުނެލިއެވެ.
"އެހެންވެގެނެއްނޫން. އޭނަ ކީއްކުރަން މި ފްލެޓްގަ އުޅެންވީ. ހުވާ މިބުނީ. އަހަރެން ވަރަށް ފޫހިވެއްޖެ" އަނާރް ބުނެލިއެވެ.
"ފޫހިވާކަމެއް ނޭނގޭ އައްޓަމަހެއްހެން އޭނަގެ ގައިގަ ތަތްވެގެން ހުރިއިރު" ޝުރޫކް އަނާރާ ދިމާކޮށްލިއެވެ.
"އެއީ އަހަރެން ބިރުގަތްވަރުން ވާނުވާ ނޭނގުނީ. އަހަރެން ބޭނުމެއްނޫން މިތާ އުޅޭކަށް" އަނގައަށް ގޮތެއް ހަދައިލަމުން އަނާރް ބުނެލިއެވެ.
"ސާބަހޭ އަރޫއަށް. އޭނަ މިތަނުގަ އުޅުނޭ ކިޔާފަ އަރޫއަށް ކޮންކަމެއް. ކޮންމެކަމެއް ބޮޑު ކަމަކަށް ނަހަދަބަލަ. އިންސާނަކަށް ތިވަރަށް ނަފްރަތު ނުކޮށްބަލަ. އޭނަ އަރޫއަށް އުނދަގުކުރަމުން އެބަދުވޭތަ؟ ގަޔަށް އަތްލިތަ؟ މިއަދުވެސް އަރޫ ދޯ އޭނަގެ ގައިގަ ބައްދައިގަތީ" ޝުރޫކް ބުނެލިއެވެ.
"ޝުރޫ ހާދަ ވަރެކޭ ދޯ އޭނަ އާ ހެދި ތިވަނީ" އަނާރް ހިތްހަމަނުޖެހުނެވެ.
"އަހަރެން ވަރުތަކެއް ވަނީކީ ނޫން. މިކަހަލަ ތަނެއްގަ އިރުކޮޅަކާ އުޅޭތަން ބަދަލުކުރުން އެއީ ފަސޭހަކަމެއްނޫން. ރައްކާތެރިގޮތެއްވެސް ނޫން. މޫނުޖެހޭ ހިސާބުގަ ދިވެހިންގެ ބަޔަކު ތިބިކަންވެސް އެއީ އަހަރެމެންގެ ނަސީބު. ކަމެއް ދިމާވިޔަސް ދިވެހިން ދިވެހިންނަށް އަޅާލާނެކަމުގެ ޔަގީންކަން އޮންނާނެ ދޯ. އެހެންނޫނަސް މިގެއިން ދެގަޑިން ކާ ބޭހެއްހެން ކަރަންޓް އެބަދޭ. އެކަން ހައްލުކުރާ މީހުންނަށް ގުޅާލީމަ އެބުނަނީ ނަން ނޯޓްކޮށްފީމޯ. ތަރުތީބުންނޯ ދެވޭނީ. ދުވަހަކުވެސް އެތަނެއް ނާދޭ. މާދަމާ ކޮލެޖް ފަށަނީ. އެސައިމެންޓްތަކާ ފިލާވަޅުތައް އިންތިހާއަށް ހުންނާނެ. މިކަން ހައްލުކޮށްގެން އަހަރެމެންނަށް ކިޔެވެން އޮތީ. އެހެންވެ އަހަރެން ޝުހޭލް ކައިރީގައި ބުނެފިން މީހަކު ގެނެސްގެން ވިޔަސް މި މައްސަލަ ހައްލުކޮށްދޭށޭ" ޝުރޫކް ވާހަކަދެއްކިއެވެ.
"އެއްކަލަ ޝުރޫ. ހެވޭ މަށަށް ފިލާވަޅު ނަގައިނުދިނަސް. އޭނަ ތިބުނާ މީހަކު ގޮވައިގެން އަންނަނީ ކިހާ އިރަކުތަ؟" އަނާރް އެހިއެވެ.
"ނޭނގެ. ގަޑިއެއް ނުބުނޭ" ޝުރޫކް ބުނެލިއެވެ.
***
ހެނދުނު ހޭލައިގެން އަބާން އަންނަންވާއިރަށް އުންމީދާ އަތްމަތި އަވަސްކޮށްލާފައި ސައި ތައްޔާރުކޮށްލިއެވެ. ޝުބާ ގޮވައިގެން ނަސީމް ދިޔުމުން ގޭގައި އެވަގުތު ތިބީ ޒައިނާ އާ އުންމީދާ އެކަންޏެވެ. ކޮލެޖަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތް ޒައިނާ މިސްރާބު ޖެހީ ބަދިގެ އާ ދިމާލަށެވެ. އެތެރޭގައި ހުރި އުންމީދާ ފެނިފައި ޒައިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ޒައި! އަވަހަށް އާދޭ ސައިބޯން" ޒައިނާ ފެނުމާއެކު އުންމީދާ ބުނެލިއެވެ. ގޮނޑިއެއް ދަމާލާފައި އޭގެ މަތީގައި ދަބަސް ބާއްވާފައި ޒައިނާ އަވަސްވެލީ ކޮފީތައްޓެއް ހަދާށެވެ.
"ޒައި ދޭބަލަ އިށީންނަން. ހެދުމުގަ ވަސް ހިފާފާނެ" އުންމީދާ ބުނެލިއެވެ.
ޒައިނާ އައިސް ގޮނޑީގައި އިށީނދެ ތައްޓަށް މަސްހުނިކޮޅެއް އެޅިތަނާ ކައިރިން މީހެއްގެ ހިލަންވެގެން ބަލައިލިއެވެ. އޭރު އަބާން އައިސް ގޮނޑީގައި އިށީނދެއްޖެއެވެ. އެހާ ގިނަ ވަގުތުތަކަށްފަހު ކުރިމަތިން އަބާން ފެނުމުން ޒައިނާގެ ހިތް ތެޅިލައިފިއެވެ. ޖެހިލުމެއްވެސް ހިނގާލައިފިއެވެ. އަބާނަށް ބަލައިލެވޭ ގޮތަކުންވެސް އޭނާ ހިތްހަމަނުޖެހިދާނެތީ ޒައިނާ އިނީ ކަންބޮޑުވެފައެވެ. އުންމީދާ ގެނެސްދިން ކޮފީތަށި ހޫނުކޮށް ހުއްޓާ އެއްފަހަރުން ދަމާލާފައި ޒައިނާ ތެދުވިއެވެ. އެމަންޒަރު އުންމީދާއަށް ފެނުނެވެ. ޒައިނާގެ އަމަލުތައް ހުންނާނީވެސް އެގޮތަށްކަން އޭނާއަށް އިނގެއެވެ.
"ދަނީތަ؟ ރަނގަޅަށް ސައިވެސް ނުބޮމެއްނު" ދަބަސް ހިފައިގެން ޒައިނާ ދާން އުޅުމުން އުންމީދާ ބުނެލިއެވެ.
"ރަނގަޅުވާނެ. މިހާރު ނަދޫ އިންނާނެ ބަލާ އައިސް" ޒައިނާ ހިނގައިގަތެވެ. ފެންތަށި ބޮއެލައިގެން އަބާން ހިނގައިގަތީ ޒައިނާ ހިނގައިގަތްތާ އިރުކޮޅެއް ވީތަނާއެވެ. އެމަންޒަރު އުންމީދާއަށް ފެނި ދެކުދިންގެ ފަހަތުން ދިޔައެވެ.
"ޒައި..." ގޭދޮރުން ނިކުމެ ނިކުމެ ހުރި ޒައިނާ ހުއްޓިއްޖެއެވެ. ނަމަވެސް އޭނާ އެނބުރި ބަލައިނުލިއެވެ. އަބާން ބަހެއް ނުކިޔާ އިރުކޮޅަކު ހުރުމުން ޒައިނާ ކުރިއަށް ހިނގައިގަތެވެ. ނަދުމާގެ ސައިކަލު ކުރިއަށް ދުއްވައިލިއިރުވެސް އަބާން ހުރީ ބަލަހައްޓައިގެންނެވެ. އެމަންޒަރު ބަލަންހުރި އުންމީދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ކީއްކުރަން އެމަންޖެއަށް ތިގޮވަނީ" ފަހަތުގައި ހުރި އުންމީދާ ވާހަކަދެއްކި އަޑަށް އަބާން ފަސްއެނބުރި ބަލައިލިއެވެ.
"ވާހަކަދައްކާލަން އުޅުނީ. އެކަމަކު ނުވި އެކަމެއް. އިނގޭ އެދުވަހު ޒައި ވަރަށް ދެރަކޮށްލެވުނުކަން" އަބާން ވާހަކަދެއްކިއެވެ.
"ޒައި އަކީ މީހުން ކުރާހާ ކަމެއް ހިތުގައި އަޅައިގެން އުޅޭ ކުއްޖެއްނޫން. އެއަށްވުރެ މާ މާތް އަންހެންކުއްޖެއް އެއީ. ދަރިފުޅު އެގޮތަށް ކަންތައްކުރީމަވެސް އެއްޗެއް ބުނިތަ؟ މަންމަ ބޭނުމީ އަބީ އެކަހަލަ ކުއްޖަކާއެކު ދިރިއުޅުމެއް ފަށަން" އުންމީދާ ވާހަކަދެއްކިއެވެ. އަބާނަށް އެތަނުގައި ހުންނަން އުނދަގުވިއެވެ. އުންމީދާގެ ވާހަކަތަކުގެ މިސްރާބު ހުރީ ދިމާ އޭނާއަށް ކަމުނުދިޔައެވެ.
"މި އަންނަނީ ކޮޓަރިއަށް ވަދެލާފަ" އަބާން ހިނގައިގަތެވެ.
***
ރޭގަނޑު ނިދަން ވީ ވަގުތު އަނާރްގެ ލޮލަށް އެންމެ ނިންޖެއްވެސް ނައެވެ. އޭނާ އެނދުގައި ދެފަރާތަށް ފުރޮޅި އޮތީ އަބާންގެ ހަނދާނުގައެވެ. އެންމެފަހުން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލައިފިއެވެ. ފޯނު ނަގައިގެން އަބާނާއެކު ގައިގޯޅިކޮށް ނަގާފައި ހުރި ފޮޓޯތައް ބަލަމުން ދިޔައެވެ. ޓެލެގްރާމުގައި ދެކުދިން ދައްކާފައި ހުރި ވާހަކަތައް ކިޔަން ފަށައިފިއެވެ. ފުރަތަމަކޮޅު އަބާންގެ ވާހަކަނުދައްކައިގެން އޭނާ އަމިއްލައަށް ދައްކާފައި ހުރި ވާހަކަތައް ފެނި ހިނިއަންނަގޮތް ވިއެވެ. ހަމަ އެހިނދު ތުންފަތްމަތިން ހިނިތުންވުން ފިލައިނުދަނީސް އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ދެ ދުވަހަށް ލޯބި ލިބިފައި ވަކިވާން ޖެހުނީތީ އޭނާ ހިތަށް ތަދުވެލައިފިއެވެ. އަބާންގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރަނީބާއޭ ހިތަށް އަރައިފިއެވެ.
ފޯނު ނަގާފައި އަބާންގެ ނަންބަރަށް އޭނާ ޑަޔަލް ކޮށްލީ ކެތްނުވާވަރަށް އިހުސާސްތައް ހިތުގެ ތެރޭގައި ގަދަވެ ގަތުމުންނެވެ. އިވެމުންދިޔަ ކޮންމެ ރިންގަކާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވެލައެވެ. އަބާން ފޯނަށް ޖަވާބުދޭތޯ ހިތާހިތުން ދުޢާކޮށްލައެވެ.
ފާހާނާއިން ނިކުތް އަބާނަށް އެނދުގައި އޮތް ފޯނު ދިއްލެމުންދާ މަންޒަރު ފެނުމުން ކައިރިވެލާފައި ބަލައިލިއެވެ. ބޭރު ނަންބަރެއް އަރާފައި އޮތްތަން ފެނުމުން ފުރަތަމަވެސް އޭނާގެ ހިތަށް އައިސް ވަނީ އަނާރްގެ ތަސްވީރެވެ. ހިތްތެޅިލި ގޮތުން ހިތާ ދިމާލުން މޭގައި ފިރުމާލައިފިއެވެ. އެންމެފަހުން ފޯނު ކެނޑުނުއިރުވެސް އޭނާގެ ހަށިގަނޑަށް އިތުރު ހަރަކާތެއް ގެންނަން ނޭނގުނެވެ. ދެވަނަ ފަހަރަށް ރިންގުވާން ފެށުމުން އަބާންގެ އަތް މަޑުމަޑުން ފޯނާ ދިމާލަށް ދިޔައެވެ. އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖަހާލައިފިއެވެ. ދެފަރާތުންވެސް ބަހެއް ނުކިޔާ ހިނދުކޮޅެއް ހިނގައްޖެއެވެ. އަނާރް އެތެރެއަށް ނޭފަތް ދަމާލި އަޑު އިވި އޭނާ ރޯކަން އަބާނަށް އިނގިއްޖެއެވެ. އެހިނދު އަބާނަށް ދެލޯ މަރާ ބާރުކޮށްލެވިއްޖެއެވެ.
"އަބާން! އައި މިސްޔޫ ބޭބީ.." ދުވަސްތަކަކަށްފަހު އަނާރްގެ އަޑު އިވުމުން އަބާންގެ ދެލޯ ފުރިގެން އައެވެ. އޭނާ ކިތަންމެ ހިތްހަރުކޮށްގެން ހުރި ނަމަވެސް އަނާރްގެ އަޑު އިވުމާއެކު މުޅި ހިތަށް ލޮޅުން އައިސްފިއެވެ.
"އަހަރެންނާ ވާހަކަދައްކަބަލަ" އަނާރް ބުނެލައިފިއެވެ.
ހުޅުވާލާފައި ހުރި ކުޑަދޮރު ކައިރީގައި މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރި އަނާރް ސިހިގެންދިޔައީ ވާހަކަނުދައްކާ އަބާން ފޯނު ކަނޑާލުމުންނެވެ. ޒަޙަމްވެފައިވާ އޭނާގެ ހިތުގައި ހީވީ ލޮނުމިރުސްގަނޑެއް ލެވުނު ހެންނެވެ. ދުވެފައި ގޮސް އެނދަށް އަރާ ބާލީސް ތެރޭގައި މޫނު ފޮރުވާލައިފިއެވެ. ހިމޭންކަމާއެކު އޭނާއަށް ރޮމުން ދިޔައީ ކުޑައިރުކޮޅަކުއެވެ. ކޮޓަރި ތެރެއިން އޭނާގެ ރުއިލުމުގެ އަޑު އިވެން ފަށައިފިއެވެ.
***
ޖާގަބޮޑު ގޯތިތެރޭގައި ހުރި ގުރާކޮށި ކައިރީގައި ހުރި ހަނީފް ކައިރީގައި ޔުސްރާ ހުއްޓިއްޖެއެވެ. އަދި އަތުގައި ހުރި ފެންތަށި ފިރިމީހާއަށް ދިއްކޮށްލައިފިއެވެ. ވަގުތަކީ މެންދުރު ކުރީގެ ވަގުތެވެ. ކެމެރާ ހިފައިގެން ގޭޓުން ވަދެގެން އައި އާކާޝްއަށް ޔުސްރާ ގޮވައިލިއެވެ. އާކާޝް އައިސް މަންމަ އާ ބައްޕަ ގާތުގައި ހުއްޓިއްޖެއެވެ.
"އާދެބަލަ އިށީނދެލަން. މިއީ ކޮފީތަށި ބޮއެގެން ހުޅުމާލެއަށް ދިޔަ މީހާ" ޔުސްރާ ބުނެލިއެވެ. ދެމައިން ގޮސް އިށީނީ ގޭ މައިދޮރު ކައިރިން އެއްފަރާތުގައި ހުރި ޖޯލިފަތީއެވެ.
"އަޅުގަނޑު ކުރަންދިޔަ ކަންތައްތައް ނިމުނުތާ ކޮންއިރެއް؟ ލަސްވީ އާހިލް އާ ރާހިލް ބަނޑުހައިވެގެން ބުނީމަ އެ ދެބެންނަށް ސައިދޭންވެގެން" އާކާޝް ވާހަކަދެއްކިއެވެ.
"އަދިވެސް ދުވަހެއް ނުބުނާތީ ބައްޕަ ސުވާލުކުރޭ އެބަ. އެމަންޖެގެ ނަމެއްވެސް އަދި ނުބުނޭ" ޔުސްރާ ވާހަކަދެއްކިއެވެ. ފަހުދުވަހު ޒައިނާ ކައިރީގައި ދެއްކި ވާހަކަތައް ހަނދާންވެފައި އޭނާ ޔުސްރާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ.
"އޭނައަށް ކިޔަނީ ޒައިނާ. މަންމަމެން އެގެއަށް ދާންވީމަ އަޅުގަނޑު ބުނާނަން" އާކާޝް ބުނެލިއެވެ. އާކާޝް ތެދުވެގެން ދާން ހިނގައިގަތެވެ. އިތުރަށް ޔުސްރާ ސުވާލުކުރާނެތީ އެތަނުގައި އިންނަން އޭނާ ބޭނުންނުވިއެވެ.
"މަޑުކޮށްބަލަ" އަކާޝްގެ އަތުގައި ހިފަހައްޓަމުން ޔުސްރާ ބުނެލިއެވެ. އޭނާ އަލުން އިށީނެވެ.
"އައްކި ޒައިނާ އާ ވާހަކަދައްކަންތަ؟ އެއީ ހިތްހެޔޮ ކުއްޖެއްތަ؟" ޔުސްރާ އެހިއެވެ.
"މަންމާ! އެއީ ވަރަށް ހިތްހެޔޮ ކުއްޖެއް. ވަރަށް ރީތިވެސް ކުއްޖެއް. އަޅުގަނޑާ ވާހަކަވެސްދައްކާ. އެކަމަކު އަދި އެގެއާ ހަމައަށް ދާން ވަގުތުނަގާނެ" އަކާޝް ބުނެލިއެވެ. ޔުސްރާ ހީލިއެވެ.
***
ފްލެޓުން ނިކުމެގެން ފަނަރަ މިނިޓަށްފަހު ޝުރޫކާ އަނާރް ޔުނިވަރސިޓީއަށް ވަދެއްޖެއެވެ. ގޭޓުން އެތެރެ ވެވުމާއެކު ފުރަތަމަވެސް އަނާރްގެ ލޮލުގައި އަޅައިގަތީ މާދުރުން ވިނަތައް މަތީގައި ހެދިފައި ހުރި އޭނާ އެންމެ ގަޔާވާ ބޮޓަލްބްރަޝް ގަހެވެ. މާބޮޑަށް ކަމަކާ ފިކުރު ކުރެވެން ފެށިއްޖެނަމަ އޭނާ ވަގުތު ހޭދަކުރަނީ އެގަސް ދަށުގައެވެ. އެތަނުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބެއެވެ.
"އަހަރެން ބޭނުމީ ކްލާސް ފެށެންދެން އެތާ އިންނަން" އަނާރް ބުނެލިއެވެ.
"އަރޫ އެތަނުގަ މަޑުކޮށްލާ. އަހަރެން މިއަންނަނީ ޝޮޕަށް ވަދެލާފަ" ޝުރޫކް ބުނެލިއެވެ. އަނާރް ގަހާ ދިމާލަށް ހިނގައިގަތެވެ. ގަސް ކައިރިއަށް ދެވުމާއެކު އެގަހަށް އަނާރް ބަލައިލިއެވެ. ފެހިކުލައިގެ ފަތްތަކުގެ ތެރެއިން ފާޅުވާން ހުރި ރަތްކުލައިގެ މާކޯނިތައް ތިރިއަށް އެލިފައިވާ ގޮތް އޭނާއަށް ވަރަށް ކަމުދިޔައެވެ. އަބާންގެ ސަބަބުން މިހުރިހާއިރު އޭނާ ހުރި ހިތުގައި ޖެހިފައެވެ. އެހެންނަމަވެސް އެއިން މަލެއްގަ އަތް ބީއްސާލެވުމާއެކު އޭނާގެ ކެކުޅުންތައް ފިލައިގެން ދިޔަ ކަހަލައެވެ. ދުރުދުރަށް ނަޒަރު ހިންގައިލުމުން އޭނާއަށް އެކި ވައްތަރުގެ ގަސްތައް ފެނިއްޖެއެވެ. އަދިވެސް ތާޒާއެވެ. އެގަސްތައް އެހާ ތާޒާ ކަންމަތީގައި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ އުމުރުން ދުވަސްވީ ފިރިހެންމީހާ އަނާރްގެ ލޮލުގައި އަޅައިގަތެވެ. އަދިވެސް އެދަނީ ގަސްތަަކުގެ ފަތްތައް ކޮށާ އެއްވަރު ކުރަމުންނެވެ.
އަނާރަށް ނޭނގުނީ އޭނާގެ ކޮންމެ ހަރަކާތެއް ބަލަމުން ޝުހޭލް ދިޔަ ކަމެވެ. އެއް ކްލާހެއްގައި ތައުލީމް ހާސިލު ކުރިޔަސް ކްލާހުން ނޫން ތަނަކުން އަނާރަށް ފެންނަން އޭނާ ބޭނުން ނުވެއެވެ.
"ހޭއި ގޯޖަސް" އަނާރް ފަހަތް ބަލައިލީ ދަންނަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އަތްދިގު ކަޅުކުލައިގެ ބޯ ޓީޝާޓްގައި ހުރި ރޯމަން ފެނުމުން އަނާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
ރޯމަން! ސޯ ހެޕީ ޓު ސީ ޔޫ ފިޓް އެންޑް ހެލްދީ. އަލްހަމްދުﷲ" އަނާރް ބުނެލިއެވެ.
"ތެންކިޔު. ކްލާސް ފަށަން އަދި ވަގުތު އެބައޮތް. އާދެބަލަ އިށީންނަން ވާހަކަދައްކާލަން" ރޯމަން ބުނެލިއެވެ. އަނާރް ހިނގައިގަތެވެ.
"ސޮރީ. އަހަރެންގެ ސަބަބުން ދޯ ރޯމަންއަށް އޭނަ އެވަރުކޮށްލީ" އަނާރް ބުނެލިއެވެ.
"ނޫނޭ. އެވާހަކަނުދައްކާ. އަހަރެން މިހާރު އެކަން ހަނދާނެއްވެސް ނެތް" ރޯމަން ބުނެލިއެވެ. އަނާރް ހީލިއެވެ.
"ކިހިނެއް ލައިފް. ދެކުދިން ނޫޅެންތަ މެރީކުރާކަށް" ރޯމަން އަހައިފިއެވެ.
"ނޯ... އަހަރެން އެކަން ނިންމާލައިފިން. އެކަހަލަ މީހަކާއެކު އުޅެން އަހަރެން ބޭނުމެއްނޫން" އަނާރް ބުނެލިއެވެ. ރޯމަންގެ ތުންފަތަށް ވެރިވި ވިހަ ހިނިތުންވުން އަނާރަށް ނުފެނެއެވެ. އެހެންނަމަވެސް ދުރުގައި ހުރި ޝުހޭލްއަށް އެމަންޒަރު ފެނުނެވެ. އޭނަގެ ދެއަތް މުށްކެވިގެން ދިޔައެވެ. ވަގުތުން އެތަނަށް ދާން އޭނާ ފިޔަވަޅެއް އެޅިއެވެ. އެހެންނަމަވެސް ކޮންމެސް ސަބަބަކާ ހުރެ އޭނާ މަޑުޖެހިއްޖެއެވެ.
"މިރޭ ހިނގާބަ ޑިނަރ އަކަށް ދާން" ރޯމަން ބުނެލިއެވެ. އެއަށް ދޭނެ ޖަވާބެއް ނޭނގި އަނާރް ފާޑަކަށް ހީލިއެވެ. އޭނާ ދާން ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ.
***
ރޭގަނޑު އެންމެން ކައިގެން ދިޔުމުން ޒައިނާ ތަށިތައް ނަގަން ބަދިގޭގައި ހުއްޓެވެ. އުންމީދާ ފާހާނައަކަށް ކަމަށް ބުނެ ކޮޓަރިއަށް ދިޔަފަހުން އިރުކޮޅެއް ވެއްޖެއެވެ. ޒިންކު ކައިރީގައި ހުރި ޒައިނާ ބަލައިލީ ބަދިގެއަށް މީހަކު ވަންހެން ހީވުމުންނެވެ. އަބާން ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ޒައިނާ އަޅައެއް ނުލިއެވެ. އެހެންނަމަވެސް އޭނާގެ ހަރަކާތްތައް އަވަސްވިއެވެ.
"ޒައި! މަޑުކޮށްބަ" ތުވާލިކޮޅުން އަތް ފޮހެލާފައި ބޭރަށް ނިކުންނަން ހިނގައިގަތް ޒައިނާއަށް އަބާން ގޮވައިލިއެވެ.
"ކީއްކުރަން އަހަރެން މަޑުކުރަންވީ. އަހަރެންނަށް ގޮވަލާނެ އިތުރު އެއްޗެއް އޮތީތަ؟" ފަސްއެނބުރި ނުބަލާ ޒައިނާ ޖަވާބުދިނެވެ. އަބާން އިސްޖަހައިލިއެވެ.
"ސޮރީ. ޒައިއަށް އިގެއެއްނު އެދުވަހު އަހަރެންނަށް އެހެން ކަންތައްކުރެވުނީ ކީއްވެގެންކަން" އަބާން ބުނެލިއެވެ.
"އިނގޭ. އެކަމަކު އޭނަ އަބީ އާ މެދު އެގޮތަށް ކަންތައްކުރީމަ އޭގަ ކޮބާ އަހަރެންގެ ކުށަކީ. ކީއްވެ ހުރިހާ ވަރެއް އަހަރެންނަށް ކުރީ. އަބީއަށް އިނގޭތަ އަހަރެން ލަދުގަތްވަރު" ޒައިނާ އެނބުރި އަބާނާ ހަތަރުކަޅި ހަމަކުރަމުން ވާހަކަދެއްކިއެވެ.
"ވީކަމެއް ނުވާކަމަކަށް ނުވާނެއްނު. އަހަރެނަށް ކަންތައްކުރެވުނީ ގޯސްކޮށް ކަމަށް އަހަރެންނަށް ޤަބޫލުކުރެވޭތީ މަޢާފަށް މިއެދުނީ" އަބާން ވާހަކަދެއްކިއެވެ.
"އިޓްސް އޯކޭ" ޒައިނާ ބުނެލިއެވެ. އަބާން ހީލިތަން ފެނުމުން ޒައިނާ ހިތަށް އުފާވެރިކަމެއް ލިބިއްޖެއެވެ.
"އަހަރެންނަށް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެންގެ ހިތުން އަބީއަށް ދީފައިމިވާ މަގާމަށް ކުޑަވެސް ބަދަލެއް ނާންނާނެ. އެހެންވީމަ އަހަރެން ކިހިނެއް ރުޅިން ހުންނާނީ" ޒައިނާ ބުނެލިއެވެ. ޒައިނާގެ އެ ބަސްތަކުން އަބާނަށް އުނދަގޫވިއެވެ. އޭނާ ދާން އުޅެނިކޮށް ޒައިނާ ގޮވާލައިފިއެވެ.
"ތިއީ އަބީގެ ވައްތަރަކީ. އަހަރެން ދަނިކޮށް އަހަރެން ހުއްޓުވާފަ އަބީ ދައްކަން ބޭނުންވާ ވާހަކަތައް ދައްކާ ނިމުނީމަ ދާންވީ" ޒައިނާ ބުނެލިއެވެ. އަބާން ހުއްޓުނެވެ.
"އަހަރެންނަށް އިނގެނީ އަބީގެ ހަޔާތުން އަނާރް ހިނގައްޖެކަން. އޭނާ އަބީއަށްޓަކައި ހުންނާނެޔެކޭ އަހަރެންގެ ހިތެއް ނުބުނޭ. އަދި އަބީވެސް އޭނަ އާ ގުޅުން ކަނޑާލިކަން އަހަރެންނަށް އިނގޭ" ޒައިނާ ވާހަކަދެއްކިއެވެ.
"ޒައި ކީކޭ ކިޔަން ތިއުޅެނީ؟" އަބާން ބުނެލިއެވެ.
"އަހަރެންނަށް ހަމަ އެންމެ ފުރުސަތެއްވެސް ތި ހިތުން ދެވެން ނެތީތަ؟ އަހަރެން އަބަދުވެސް ހުންނާނީ އަބީއަށްޓަކައި" އަސަރާއެކު ޒައިނާ ބުނެލިއެވެ.
"އަނާރް ދިޔައީ އަހަރެންގެ ހަޔާތުން. އަހަރެންގެ ހިތަކުން ނޫން. އަހަރެންގެ ހިތުން އެއްވެސް އަންހެންކުއްޖަކަށް ޖާގައެއް ނެތް. ޒައި ތިވާހަކަތައް ތިދައްކަނީ އަހަރެންގެ މޫޑު ބަދަލުކުރަންތަ؟" އަބާން ބުނެލިއެވެ. ޒައިނާއަށް ވާހަކަނުދެއްކުނެވެ. އަބާން ހިނގައިގަތުމުން ދެވަނަ ފަހަރަށް ހުއްޓުވަން ހިތް ގޮވިއެވެ. ނަމަވެސް އޭނާއަށް އެ ހިތްވަރު ނުލިބުނެވެ. އޭނާއަށް މާ އަވަހަށް އަބާން ކުރިމަތީ ޖަޒުބާތީވެވުނީއޭ ހިތާ އަމިއްލަ ނަފްސަށް މަލާމަތް ކޮށްލިއެވެ.
***
ދެކުދިންގެ ވާހަކަތައް އަހަން ހުރި އުންމީދާ ލަސް ފިޔަވަޅުތަކެއް އަޅަމުން ކޮޓަރި އަ ދިމާލަށް ހިނގައިގަތެވެ. ޒައިނާ އަބާންދެކެ ވާ ލޯބި ފެނި އޭނާ ޙައިރާންވެއްޖެއެވެ. މިފަދަ ޒަމާނެއްގައި އެގޮޮތަށް ފިރިހެނެއް ކުރިމަތީގައި ތެދުވެރި ލޯތްބަކަށް އަންހެނަކު އެދިދާނެ ހެއްޔެވެ؟ ނަސީބު އަތުގައި ކުރިމަތީގައި ހުރިއިރުވެސް އަބާނަށް ނުވިސްނޭތީ އޭނާ ދެރަވިއެވެ.
"އެކަމަކު އަނާރް.. އަހަރެން ކޮންމެސްތަނަކުން އެ ނަން އަޑުއެހިން. އެކަމަކު ކޮންތާކުން؟" އުންމީދާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ކޮޓަރިއަށް ވަދެވަދެ ހުރެފައި އުންމީދާ މަޑުޖެހިއްޖެއެވެ. އަނާރް އެއީ ކާކު ކަން އޭނާ ހަނދާންވެއްޖެއެވެ. ޝުބާއަށް އެހީތެރިވި އަންހެންކުއްޖާކަން އިނގުމުން އުންމީދާއަށް ޙައިރާންކަމެއް ލިބިއްޖެއެވެ. އެދުވަހު ގޭތެރެއިން އަބާން ފެނުމުން އަނާރް ބުނެލި ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމާލައިފިއެވެ.
"އެއީތަ އަބާން ލޯބިވާ ކުއްޖަކީ؟ ނަސީމް ބުނި ފަދައިން ވަރަށް ރީތި މަޑުމައިތިރި ކުއްޖެއް. އެކަމަކު އަނާރް ކީއްވެބާ އަބާންގެ ލޯތްބަށް ފުރަގަސްދިނީ. އަހަރެން އަބާނާ ވާހަކަދައްކަން ބޭނުން" އުންމީދާ ހިތާހިތުން ވާހަކަދައްކަމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
***
އެޕާޓްމަންޓުން ނިކުމެގެން އަނާރް ހިނގައިގަތްއިރު ޝުރޫކް ދޮރުމަތީގައި ހުއްޓެވެ. އަނާރް ލިފްޓަށް އެރުމުން ޝުރޫކް ގޭތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. ބެލްކަނިން ބަލަން ހުރި ޝުހޭލް ވަރަށް ބާރަށް އައިސް ދޮރުހުޅުވާލާފައި އަނާރްގެ ފަހަތުން ހިނގައިގަތެވެ. އެހާ ރީތިވެގެން އަނާރް އެކަނި ނިކުތުމުން އޭނާ އަނާރް ދާތަނެއް ބަލަން ބޭނުންވިއެވެ. ސައިކަލުގައި އައިސް މަޑުކޮށްލި ރޯމަން ކައިރީގައި އަނާރް ހުއްޓުމުން ޝުހޭލްގެ ނޭވާ އަވަސްވެގެން ދިޔައެވެ. އަނާރް ރޯމަންގެ ސައިކަލް ފަަހަތަށް އަރައި އިށީނީ އިރުކޮޅަކު ވާހަކަދައްކަން ހުރެފައެވެ.
"ނޯ... ނޯ... އަނާރް. އޭނަ އާ އެކު ނުދޭ. އަރޫގެ ލައިފް ބަރުބާދުކޮށްލާނެ" މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވަމުން އަމިއްލަ ނަފްސާ ޝުހޭލް ވާހަކަދެއްކިއެވެ. އޭނާ ރޯމަންގެ ފަހަތުން ދާން ބޭނުންވިއެވެ. ރޯމަން އަނާރް ވައްޓާލަން އެ އުޅޭ އަނދަވަޅުން ސަލާމަތްކުރަން ބޭނުންވިއެވެ.
"އަހަރެންގެ ހަށީގައި ފުރާނާ ހުރިހާ ހިނދެއްގައި ކަލެއަށް އަރޫ އާ ކުޅޭކަށް ލާހިކެއްނޫން. އަހަރެން އަތުން ކަލޭ އަދި މަރުވާނެ" މިފަހަރު ޝުހޭލްގެ ރުޅިވެރި ބަސްތައް އަމާޒުވީ ރޯމަންއަށެވެ.
(ނުނިމޭ)