އެކާވީސްވަނަބައި
"އެކަން ކުރެވޭނީ އަބީ ބޭނުންވި ދުވަހަކުން. މަންމަ އާ ބައްޕަގެ އެއްވެސް މަޖުބޫރުކަމެއް ނެތް" އަބާންގެ މޫނުމައްޗަށް އައި ބަދަލު ފެނުމުން ނަސީމް ވާހަކަދެއްކިއެވެ.
ކައިވެންޏާ ބެހޭގޮތުން އުންމީދާ އިތުރަށް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް އަބާނަށް ވިސްނައިދިނެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަމާ ދުނިޔޭގައި ދިރިއުޅޭއިރު ކުރިމަތިވާ ކަންތައްތަކަށް ކެތްތެރިވާން ޖެހޭނެކަން ހަނދާން ކޮށްދިނެވެ. އަބާން ގިނައިރުތަކެއް ވަންދެން މަންމަ އާ ބައްޕަ ދިން ނަސޭހަތްތައް އަހަން ކޮޓަރީގައި އިނެވެ.
އަނބިމީހާ އެނދުގައި ހަމަޖެހިލުމުން ނަސީމް ބަލައިލިއެވެ. އަދި ދެމަފިރިން މެދުގައި އޮތް ކަންނެޔޮ ދުރުކޮށްލާފައި އަނބިމީހާ ގާތަށް ޖެހިލިއެވެ.
"އަހަރެމެންގެ އަބާން ހުރީ އަންހެންކުއްޖަކާ ހެދި މޮޔަވެފަ. އެކަން އިނގޭތަ އުންމިއަށް؟" ނަސީމް ވާހަކަދެއްކިއެވެ. އުންމީދާ ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެން ގެއަށް މިއައީ ސައިފް އާ ކުޑަކޮށް ވާހަކަދައްކާލާފަ. އަހަރެން ވަރަށް އަހައިގެން އެސޮރު ކިޔައިދިނީ" ނަސީމް ވާހަކަދެއްކިއެވެ.
"ކީކޭތަ އެސޮރު ކިއީ؟" އުންމީދާ އެހިއެވެ.
"އަބާން އެ އަންހެންކުއްޖާ އާ ލޯބީގެ ގޮތުން ގުޅުނުފަހުން އަދި މަހެއްހާ ދުވަސްވެސް ނުވާނެޔޯ ބުނީ. އެ އަންހެންކުއްޖާއަކީ ބޭރުގަ ކިޔަވާ ކުއްޖެއް. އެކުއްޖާ ކިޔެވުން ފުރިހަމަކުރަން ދާން އުޅުމުން އަބާން ދެކޮޅުވީ. އެކަމަކުވެސް އެ އަންހެންކުއްޖާ އަބާންގެ ބަސް ޤަބޫލުނުކޮށް ފުރައިގެން ދިޔައީ. އަބާނަށް އެބަދަލުތައް އައީ އެހެންވެ. އަހަރެމެންގެ ދަރިފުޅުގެ ސިކުނޑީގައި އަދިވެސް މަޔޫރާގެ ކަންތައް ހުރީ ހަރުލާފަ. އެހެންވެ އޭނަ އެ އަންހެންކުއްޖާ ދާން ދެކޮޅުއެވީ. އޭނަ ހިތުން އަދިވެސް އެބިރުވެރިކަން ފިލާނުދޭ" ނަސީމް ވާހަކަދެއްކިއެވެ.
"ރަނގަަޅަށް އެވީ. ތަނަކުން ފެންނަހާ ކުއްޖަކާ އަބާން ގުޅޭކަށް އަހަރެން ބޭނުމެއްނޫން. ތިބުނާ ކުއްޖާއަކީ އަބާންދެކެ ލޯބިވެގެން އޭނާގެ ދިރިއުޅުމަށް އައި ކުއްޖެއްނޫން" އުންމީދާ ވާހަކަދެއްކިއެވެ.
"ނޫނޭ. އެއީ ރަނގަޅު ކުއްޖެއް. މަޑުމައިތިރި ކުއްޖެއް. އެދެކުދިން އެއްތަނެއްގައި ތިއްބާ އަހަރެން ދުށިން. ހުރިހާ މައްސަލައެއް އުޅެނީ އަބާންގެ. އަބަދު އެވިސްނުން ހިފައިގެން އޭނަ ދިރިއުޅުމުގަ ކުރިއަށްދާނީ ކިހިނެއް؟" ނަސީމް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
"އެކަމުގަ އަބާންގެ ކުށެއް އެބައޮތްތަ؟ އެހާ ލޯބިން އޭނައަށް ވުރެ އެތައް ތަނެއް އުމުރުން ދޮށީ އަންހެނަކާ ކައިވެނިކުރީ. އޭނަ ކިހާ އުންމީދެއްކުރާނެ. އަނބިމީހާގެ ހަށިގަނޑުގަ އިނގިލި ކުރި ޖައްސާލަންވެސް ނުލިބި އެވަރުގެ ބޮޑު ކެއްސެއް ލިބުނީމަ ކިހިނެއް އެހާ ފަސޭހައިން އެކަން ހަނދާންނައްތާލާނީ. އަހަރުދުވަހުގެ މުއްދަތަކީ އެކަން ހަނދާންނައްތާލަން އެންމެ އެކަށީގެންވާ މުއްދަތުތަ؟ ހުރިހާ މީހުން އެއްގޮތެއް ނުވާނެ. އެއީ ކިހާވަރެއްގެ ކަމެއްކަން އިނގޭނީ އެކަހަލަ ކަމެއް ދިމާވެފައިވާ އަބާން ކަހަލަ އެހެން މީހަކަށް. އެކަމުގަ އަހަރެންގެ ދަރިފުޅުގެ ކުށެއް ނެތް" އުންމީދާ ވާހަކަދެއްކިއެވެ.
"މާދަމާ އޭނާގެ ދިރިއުޅުމަށް އެހެން މީހަކު އަޔަސް ގެންގުޅެވޭނީ ފިއްތައިގެން. އެއީކީ ރަނގަޅުގޮތެއް ނޫން. އުފާވެރި ދިރިއުޅުމަކަށް އެދެންޏާ އަބާން ޖެހޭނީ އެވިސްނުން ބަދަލުކުރަން" ނަސީމް ވާހަކަދެއްކިއެވެ.
"އަބާން ކައިވެނިކުރަން އަހަރެން ކުއްޖަކު ހޯދައިފިން. އެއީ އަބާންދެކެ ނުލާހިކު ލޯބިވާ ކުއްޖެއް. އެކުއްޖެއްގެ އުޅުމާ މިޒާޖާ އަހަރެންނަށް ވަރަށް ބޮޑަށް އިނގޭ ކުއްޖެއް. އަދި އަބާނަކީވެސް ކޮންކަހަލަ މީހެއްކަން އިނގޭ ކުއްޖެއް. އެކައިވެނި ކުރެވިއްޖިއްޔާ އަބާނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ" އުންމީދާ ވާހަކަދެއްކިއެވެ.
"އެއީ ކޮން ކުއްޖެއް؟" ޙައިރާންކަމާއެކު ނަސީމް އެހިއެވެ.
"ޒައިނާ" އުންމީދާ ބުނެލިއެވެ. ނަސީމް އިތުރަށް ބަހެއް ނުކިޔައެވެ.
"ނަސީމްގެ އެއްބާރުލުން އަހަރެން ބޭނުންވަނީ. އަހަރެން އަބާނާ ވާހަކަދައްކާނަން. ކައިވެންޏަށް އެއްބަސް ކުރުވާނަން. ބޭނުންވަނީ ވަގުތުކޮޅެއް" އުންމީދާއެކު އުންމީދާ ބުނެލިއެވެ.
***
ބަދިގޭގައި ތަރުކާރީ ކޮށަން ހުރި ރުޝްދާއަށް އެހީތެރިވުމުގައި ޝުހޭލް އުޅުނެވެ. ރާއްޖެއިން ބޭރަށް އައިފަހުން ދެބެންގެ ގުޅުން އިތުރަށް ބަދަހިވެފައިވެއެވެ. ގޭތެރޭގައި ހުރިހާ ވަގުތެއް ހޭދަކުރަނީ ދެބެން އެކީގައެވެ. އެހެންނަމަވެސް ސަބީހާ އާ މެދު ޝުހޭލްގެ ވިސްނުން އަދިވެސް ހަމަ އެގޮތުގައެވެ. އަދިވެސް އެ ނަފްރަތަށް ބަދަލެއް ނާދެއެވެ. ސަބީހާ ހުންނަ ތަނެއްގައި ހުންނަން އޭނާ ބޭނުމެއްނުވެއެވެ. އޭނާ ހުންނަ ތަންތަނަށް ދާން ސަބީހާވެސް ހުންނަނީ ޖެހިލުންވެފައެވެ. ލޯބިވާ ފިރިހެން ދަރިފުޅުގެ މޫނު ދުރުދުރުން ބަލައިލައިގެން އޭނާ ހިތަށް ހިތްހަމަޖެހުން ހޯދައެވެ.
"ދެން ކިޔައިދީބަލަ އެވާހަކަ" މޭޒުކައިރީގައި އިން ރުޝްދާ ބުނެލިއެވެ.
"އަނާރް ދޯ. އަލަށް ފެނުނީވެސް މިތަނުން. ވަރަށް ވާހަކަދައްކާހިއްވެގެން އަނާރްގެ އެކުވެރިއަކަށް ވީ. ޔުނިވަރސިޓީގަ އުޅޭނެ ރުހާން ކިޔާ އައްޑޫ ސޮރެއް. އޭނަ ހުންނާނީ އަނާރާ ހެދި މޮޔަވެފަ. ނިޔަތް ނުބައި ފިރިހެނެއް. އެންމެން އޭނައަށް ގޮވާނީ ރޯމަން އޭ ކިޔާފަ. އަހަރެންނަށް ވުރެ މާބޮޑަށް އޭނަ އަނާރާ އެކުވެރި. އެހެންވެ އަނާރް ކައިރީގައި އޭނަގެ ވާހަކަދައްކަން ނުކެރޭ. އެހެން އުޅެނިކޮށް އަހަރެންނަށް ނޭނގުނު އަނާރަށް ފޯލް ވި ގޮތެއްވެސް. މޮޔަވާވަރަށް ލޯބިވެވިއްޖެ. އަނާރްގެ ލޯ ރީތިވެގެން އެއްކަލަ ލަވަވެސް ކިޔަން ފެށިއްޖެ. އޭރުގަ އަނާރްވެސް ހީލާ ގޮތުންނާ އަހަރެންނަށް ބަލާލާ ގޮތުން އަހަރެންނަށް އިހުސާސް ކުރެވުނީ އޭނަވެސް އަހަރެންނަށް ފޯލްވީއޭ. އެކަމަކު...." އެހިސާބުން ޝުހޭލްގެ ވާހަކަތައް ހުއްޓިއްޖެއެވެ. އަނާރް އޭނާދެކެ ލޯބިނުވާކަން އިހުސާސް ވުމާއެކު ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. އެވާހަކަ އޭނާގެ ދުލާ ހަމައަށް ގެންނަންވެސް ތަކުލީފަކަށް ވެއްޖެއެވެ.
"ދެން..؟ ޝުހޭލްގެ ވާހަކަތައް ހުއްޓުމާއެކު ރުޝްދާ ބުނެލިއެވެ.
"އަހަރެންނާ އެއްދުވަހު ބާސްކެޓް ގްރައުންޑުން ރޯމަން އާ ބައްދަލުވި. އޭރު އޭނައަށް އިނގޭ އަހަރެމެން ރައްޓެހިވެގެން އުޅޭކަން. އަނާރާ ބެހޭގޮތުން އޭނަ ވަރަށް ހަޑި ވާހަކަތަކެއް ދެއްކި. ތިމަންނަ އަނާރާ އެކު މިވެނި ކަމެއް ކޮށްފީމޯ. އަނާރްގެ މިވެނި ތަނެއް ހުންނަނީ މިވެނި ގޮތަކަށޭ. އަނާރްގެ މިވެނި ތަނެއްގަ ވަރަށް ލޯބި ކަޅުތިލައެއް އިނދެޔޯ. އަނާރް މިއީ ވަރަށް ފައްކާ ކުއްޖެއްކޯ... އެހެންގޮސް ހުތުރުވެގެންވާ ހުރިހާ ވާހަކަތަކެއް ދެއްކި. އެވާހަކަތައް އަހަން އަހަރެންނަށް ކެތްނުވީ. ރުޅިގަނޑު ފަޅައިގެން ދިޔައީ. ވީގޮތެއްވެސް ނޭނގުނު. މިވާހަކަދައްކާއިރުވެސް އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅާއެބަ. އެ މައްސަލައިގަ އަހަރެންނަށް ފިޔަވަޅުވެސް އެޅި. އެންމެ ފުރުސަތެއް ދިނީ. އިނގޭ ރޯމަން ވަރަށް ސީރިޔަސްވިކަން. އަހަރެން ފަހުން ދެރަވެސްވި. އެކަމަކު އެވާހަކަތައް ދެއްކި އަނގައަށް އެވަރު ކޮށްލެވުނީމަ އުފާވެސްވި. އަނާރް އަހަރެން ދެކެ ފޫހިވީ އެކަމާ. އަނާރް ބުނާގޮތުން އަހަރެން މާ ރުޅިގަދައީ. އޭނަ އަހަރެންދެކެ ބިރުގަނޭ. ފަހުން އަނާރް ބުނި އަހަރެންދެކެ ލޯބިވެވިގެނެއް ނޫނޭ ރައްޓެހިވީ. ހީކުރީ އެކީގަ އުޅެންފެށީމަ ލޯބިވެވޭނެ ކަމަށޭ. ރޯމަންއަށް އެވަރު ކޮށްލީމަ އިނގިއްޖޭ ދުވަހަކުވެސް ލޯބިނުވެވޭނެކަން. ދޮންތައަށް އިނގޭތަ؟ އަނާރް ރާއްޖެ ދިޔައީ އަހަރެން ކައިރީ ބުނެވެސްނުލާ އަހަރެންނަށް ފިލައިގެން. އަހަރެންނަށް އަނާރް ފެނުނުއިރު ހުރިހާކަމެއް ބަދަލުވެއްޖެ. އަނާރްގެ ހިތް އެހެން މީހަކަށް ދީފި. އެލޯތްބެއް އަހަރެންނަށް ނުލިބުނު" ޝުހޭލްގެ އަޑު ކުރެހިއްޖެއެވެ. އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ.
"ތިކަމުގަ ކޮއްކޮގެ ކުށެއްނެތް. ތި އަންހެންކުއްޖާ ތަންކޮޅެއް ހިތްމޮޅީ. އެކަހަލަ ކުއްޖަކާ އަހަރެންގެ ކޮއްކޮއަކާ ނުވެސް ގުޅޭ. ކޮއްކޮގެ ޕްރިންސަސް އަދި ނުފެނިގެން ތިއުޅެނީ" ޝުހޭލްގެ އަތުގައި ފިރުމައިލަމުން ރުޝްދާ ވާހަކަދެއްކިއެވެ.
"ނޫނޭ ދޮންތާ. އަނާރަކީ ގޯސް ކުއްޖެއްނޫން. އަހަރެންގެ ހިތް އިންތިޒާރުކުރޭ އެބަ. އަހަރެންގެ ހިތް ބުނޭ އެބަ އަހަރެންނަށް އެލޯބި ލިބޭނޭ" އުންމީދާއެކު ޝުހޭލް ބުނެލިއެވެ.
"ތި އަންނަ ރުޅި ތަންކޮޅެއް މައިތިރިކޮށްބަލަ. ހެޔޮނުވާނެ. އެހާ ރުޅިގަދަވެގެން ފަހުން ހިތާމަކުރަންޖެހޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ" ރުޝްދާ ވާހަކަދެއްކިއެވެ.
"އެ އަންހެންމީހާ އަހަރެންގެ ލޯމައްޗަށް ފެންނަހާ ދުވަހެއްގައި އަހަރެންގެ ރުޅި މައިތިރިއެއްނުވާނެ" ކުރިމަތިން ހުރަސްކުރި ސަބީހާއަށް ދެލޯ އަޅަމުން ޝުހޭލް ވާހަކަދެއްކިއެވެ. ރުޝްދާ ހިތުގައިޖެހި ދެލޯ ފެންކަޅިވިއިރުވެސް ރައްދުގައި އެއްޗެއް ނުުބުނެއެވެ.
***
ކޮލެޖްގެ ގޯތި ތެރޭގައި ފެންފުޅިއެއް ހިފައިގެން ހުރި އާހިލްއަށް ލައިބްރަރީ ފަހަތުން ފެނުނު މަންޒަރަކުން މޫޑް ޚަރާބުވިއެވެ. އަތުގައި އޮތް ފެންފުޅި މަތިބާރުކޮށްފައި ބެކްޕެކްގެ އަރިމަތީ ޖީބަށް ކޮށްޕައިލިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އޭނާ ހުއްޓުނީ އެތަނުގައި ހުރި އަންހެންކުއްޖާ އާ ފިރިހެންކުއްޖާ ކައިރީގައެވެ.
"ހަމަ މިހާރު ދޫކޮށްލާ" އާހިލް ބުނެލިއެވެ.
"ކަލޭ ތިއީ ކާކު؟ ދުރަށް ދޭ" މުޝައްރަފް ރުޅިވެރިކަމާއެކު ބުނެލިއެވެ.
"ފޮޓޯ ނަގާފަ ހުރިހާ ގްރޫޕްތަކަށް އަޕްލޯޑްކުރާނަން" ޖީބުގައި އޮތް ފޯނު ނަގާފައި ފޮޓޯނަގާކަމަށް ހަދަމުން އާހިލް ބުނެލިއެވެ.
"ނޫން. ފޮޓޯ ނުނަގާތި. އޭރުން އަހަރެން ވަރަށް ލަދުގަންނާނެ. އަހަރެންގެ އަތުން ދޫކޮށްލާ" ބިރުން ވިރިވިރި ހުރި ޒައިނާއަށް ރޮވިއްޖެއެވެ. މުޝައްރަފް އޭނާގެ އަތުގައި ހިފައިގެން ހުރީ އެހާވެސް ބާރަށެވެ.
"މައްސަލައަކީ އަހަރެން މީނަގެ އަތުގަ ހިފައިގެން ހުރީމަތަ؟ ކަލޭ ބަލާބަލަ. އަންހެންކުއްޖަކު ހުރި ކޮންމެތަނެއްގަ ފިރިހެންކުއްޖަކު އެބަހުރި. މިއީ އެވަރުކަމެއް ނޫނޭ ބުރޯ" މުޝައްރަފް ބުނެލިއެވެ.
"އަހަރެންނަށް ވަރަށް ތަދުވޭ އެބަ. ދޫކޮށްލާ އަހަރެން އަތުން" މިފަހަރު އާހިލްގެ ނަޒަރު ޒައިނާއަށް ހުއްޓިއްޖެއެވެ. ޒައިނާގެ ދެލޮލުގެ ތެރެއިން ކަރުނަ ފެނުމާއެކު އާހިލްގެ ލޭ ކެކިގެންދިޔަ ކަހަލައެވެ. ދެއަތްމުށްކެވި ރުޅިވެރިކަމާއެކު މުޝައްރަފަށް ބަލައިލިއެވެ. އޭނާ އިތުރަށް ވިސްނަންވެސް ބޭނުންނުވިއެވެ. މުޝައްރަފްގެ މޭގައި އަތްއަޅާ ފަހަތަށް ކޮށްޕައިލިއެވެ. އެހިނދު ޒައިނާ ދުރަށް ޖެހިއްޖެއެވެ. ވެއްޓިފައި އޮތް މުޝައްރަފް ތެދުވި ގޮތަށް އައިސް ހިފީ އާހިލް ލައިގެން ހުރީ ގަމީހުގެ ކަރުވަޅުގައެވެ. ބޮޑު ތަޅާފޮޅުންގަނޑެއް އުފަންވީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ހުރިހާކުދިންގެ ތެރެއިން ދުވެފައި އައި އާކާޝް އާއި ރާހިލްއަށް އެމަންޒަރު ފެނުމުން އައިސް އާހިލް އަތުގައި ހިފާ ދުރުކޮށްފިއެވެ.
"ކިހިނެއްވެގެން މިއުޅެނީ؟" ރުޅިވެރިކަމާއެކު އާކާޝް ސުވާލުކުރިއެވެ.
"މައްސަލަ ނިންމާނީ އޮފީހުން. ހުރިހާ އެންމެން އޮފީހަށް އާދޭ" އަޑު އައި ދިމާލަށް ހުރިހާ ކުދިންނަށް ބަލައިލިއިރު ލެކްޗަރާއަކު ދާދި ކައިރީގައި ހުއްޓެވެ. އެ ހުރިހާ ކުދިންގެ ތެރެއިން އާކާޝްގެ ލޮލުގައި އަޅައިގަތީ ވަކިން ހުރި ޒައިނާއެވެ. ޒައިނާ ހުރީ ބިރުން ސިހިސިހިއެވެ. އާކާޝް ކުރިއަށް ޖެހުނީ ޒައިނާ އާ ގާތަށް ފިޔަވަޅެއް އަޅާލުމަށެވެ. އެހިނދު ރާހިލް އާކާޝް އަތުގައި ހިފެހެއްޓިއެވެ.
"ދޮންބެ އަންނަންވާއިރަށް ހިނގާ މިކަން ނިންމަން" ދެކުދިން ހިނގައިގަތީ އެކުގައި އާހިލްވެސް ގޮވައިގެންނެވެ.
***
ކްލާސް ގަޑި ނިމި ޒައިނާ ހިނގައިގަތީ ރައްޓިހި ނަދުމާ އާ އެކުގައެވެ. އަދިވެސް ޒައިނާ ހުރީ ބިރުގަނެފައެވެ. އަލަށް މައްސަލައެއްގަ އޮފީހަށް ގެންދިޔުމުން އެހާ ލަދުވެސް ގަނެފައެވެ.
"އޭތް. އަދިވެސް ގަބުވެފަ. ދެން އެކަން އެނިމުނީނު. ދެން ތިހެން ނުހުރެބަލަ" ސައިކަލާ ދިމާލަށް ދަމުން ނަދުމާ ބުނެލިއެވެ.
"އެ މުޝައްރަފަކާ ހެދި އަހަރެންނަށް ބޮޑު އުނދަގުލަކަށް ވެއްޖެ. ހުވާމިބުނީ. ހާދަ ޖެއްސުމެއްކުރެއޭ. މިއަދު މިވީގޮތުން ވަރަށް ލަދުގަނެއްޖެ. ފައިޓް ހިންގި ދެ ފިރިހެނުން މެދުގަ އަހަރެން އެކަނި އަންހެނަކަށް" ޒައިނާ ވާހަކަދެއްކިއެވެ.
"ވެރިންގެ އާއިލާ އޮތީ ޒައި ގެ ކޮޅަކަށްނު. އޯކޭއެއްނު. މުޝައްރަފަށް ވެސް އަދަބު ލިބިއްޖެއްނު" ނަދުމާ ބުނެލިއެވެ.
"މަބުނީ އާހިލް އާ ރާހިލް މިއީ ޓްވިންސުން ދޯ. އެދެކުދިން އެއްތަނަކުން އަދި ކިރިޔާ މިފެނުނީ. މިއަދު އާހިލް ނައިނަމަ މުޝައްރަފް އަހަރެންނަށް ހަދާލާނެ ގޮތެއްވެސް ނޭނގޭ" ޒައިނާ ބުނެލިއެވެ.
ދެކުދިންގެ ވާހަކަތައް އެހިސާބަށް ދިޔަތަނާ ކުރިމަތިން ހިނގާފައި އައި ޒުވާނާ ފެނި ޒައިނާ ނަދުމާ އާ ގާތަށް ޖެހިލައިފިއެވެ.
"ހިނގާ ދާން" ނަދުމާއަށް ޒައިނާ ބުނެލިއެވެ.
"ކީއްވެ ދެކޮޅު ތިހަދަނީ. އެއީ ޒައިގެ ނަސީބު ކަންނޭނގެ" ޒައިނާގެ ކަންފަތާ ގާތްވެލާފައި ނަދުމާ ބުނެލިއެވެ.
"މަށެއް ނޫޅެން" ޒައިނާ ބުނެލިއެވެ. އެހިސާބަށް ބުނެވުނުތަނާ އާކާޝް ދެކުދިންނާ އަރާ ހަމަކޮށްފިއެވެ.
"ދެން ހިއެއްނުވޭ މުޝައްރަފްގެ އެއްވެސް އުނދަގުލެއް ވާނެހެނެއް" އާކާޝް ވާހަކަދެއްކީ އިސްއޮބާލައިގެން ހުރި ޒައިނާ އާއެވެ. ޒައިނާ ބަހެއް ނުކިއިއެވެ.
"ވާހަކަދައްކާލަން އަހަރެމެން ދެމީހުންނަށް ވަގުތުކޮޅެއް ދެވިދާނެތަ؟" މިފަހަރު އާކާޝް ވާހަކަދެއްކީ ނަދުމާއާއެވެ.
"އަހަރެން މަޑުކުރާނަން ޒައި އަންނަންދެން" ނަދުމާގެ އަތުގައި ހިފައިގެން ހުރި ޒައިނާގެ އަތް ނައްޓުވާލަމުން ނަދުމާ ވާހަކަދެއްކިއެވެ. ސައިކަލަށް އަރައިގެން ނަދުމާ ދުރަށް ޖެހެންދެން ހުރެފައި ޒައިނާ އާކާޝްއަށް ބަލައިލިއެވެ. އާކާޝްގެ ތޫނު ދެލޯ އޭނާއަށް އަމާޒުވެފައިވިތަން ފެނި އަނެއްކާވެސް އިސްޖަހައިލިއެވެ.
"ޒައި އާ އެކަނި އިނދެ ވާހަކަދައްކާލާހިތުން އުޅޭތާ ކޮންދުވަހެއް. މިތާ ކޮޅަށް ހުރެތަ ވާހަކަދައްކާނީ. ހިނގާބަލަ ތަނެއްގަ އިށީންނަން" ކޮލެޖްގެ އެތެރެއިން ފެންނަން ހުރި ބެންޗަކާ ދިމާލަށް އާކާޝް ހިނގައިގަތެވެ. ފަހަތުން ޒައިނާ ނާންނަހެން ހީވެގެން އޭނާ ފަސްއެނބުރި ބަލައިލިއެވެ. ޒައިނާ ހިނގައިގަތީ ދެނެވެ.
"ޒައި! ކީއްވެތަ މުޝައްރަފް އެވަރަށް އުނދަގު ކުރާއިރު އެވާހަކަތައް ނުބުނީ. ޒައި ވާހަކަނުދެއްކިޔަސް ކޮންމެދުވަހަކު އަހަރެން ޒައި އާ ވާހަކަދައްކަމެއްނު. އެވާހަތައް ކުރިން ބުނެފަ އޮތްނަމަ ޒައި އާ އެހާ ގާތަށް މުޝައްރަފަށް ނުދެވުނީސް" އާކާޝް ވާހަކަދެއްކިއެވެ. ބެންޗުގެ ދެކޮޅުގައި ދެކުދިން ތިބިއިރު މެދުގައި އަދި އެކަކަށް އިނދެވޭނެ ޖާގަ ހުއްޓެވެ.
"އަދި އަހަރެން ވަރަށް މުހިންމު ވާހަކައެއް ޒައި ކައިރީގައި ބުނަން ބޭނުން. އެންމެ ފުރަތަމަ އަހަރެން ބޭނުންވަނީ ޒައި އަށް ނޭނގި އަހަރެންނަށް ކުރެވުނު ކަމަކަށް މަޢާފަށްއެދެން" އާކާޝް ވާހަކަދެއްކިއެވެ. ޒައިނާ ޙައިރާންކަމާއެކު އަކާޝްގެ މޫނަށް ބަލައިލިއެވެ.
"މިވީ ދުވަސްތަކުގަ އަހަރެންނަށް ވަރަށް ގިނައިން ޒައި ގެ ފޮޓޯ ނެގިއްޖެ. އަހަރެން އަތުގައި އެބަހުރި ހުރިހާ ފޮޓޯތަކެއް. ޒައި ބޭނުމިއްޔާ ދީފާނަން" އާކާޝް ވާހަކަދެއްކިއެވެ.
"އާކާޝް ކީއްކުރަން އަހަރެންގެ ފޮޓޯ ނަގަނީ. އެއީ އަހަރެން ޤަބޫލުކަމެއްނޫން. އާކާޝް އާ މުޝައްރަފާ ކޮބާ ތަފާތެއް" ޒައިނާ ހިތްހަމަނުޖެހުނެވެ. އެތަނުގައި އިންނަންވުމުންވެސް އިނީ އުދގުވެފައެވެ.
"ހެެހެހެ... އެންމެ ފުރަތަމަ ކަމަކަށް އެމީހަކީ އަހަރެންގެ ގާތް މީހެއްގެ ގޮތުގައި އަހަރެން ދެކޭ މީހުން އަހަރެންނަށް 'އަކާޝް' ގެ ނަމުން މުހާތަބް ކުރަން އަހަރެންނަށް އެހާ ކަމަކުނުދޭ. ޒައި ވެސް އައްކި ގެ ނަމުން ކިޔަންޏާ އަހަރެން ވަރަށް އުފާވާނެ. އަނެއް ކަމަކީ މުޝައްރަފާ އަހަރެންނާ އެއްފަދަ ކުރީތީ އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެންނަކީ އެހާ ދަށު ދަރަޖައިގެ މީހެއްނޫން" އާކާޝް ވާހަކަދެއްކިއެވެ.
"ދެން ކޮބާ އަހަރެންނަށް ސިއްރުން އަހަރެންގެ ފޮޓޯތައް ގެންގުުޅުމުގެ ބޭނުމަކީ. މި އިމާރާތަކީ ތި އާއިލާ އާ ގުޅުން އޮތް ތަނަކަށް ވިޔަސް މިތަނުން އަހަރެން ތަޢުލީމް ހާސިލްކުރަނީ އަތުން ހަރަދުކޮށްގެން. އެއްވެސް މީހަކަށް އަހަރެންނަށް ބޭނުންގޮތެއް ނެހެދޭނެ" ޒައިނާ ވާހަކަދެއްކިއެވެ.
"އަހަރެން ދުވަހަކުވެސް ޒައިއަށް ދެރަގޮތެއް ނަހަދާނަން. ދުވަހަކުވެސް ދެރައެއް ލިބެން ނޭދޭނަން. އެ ފޮޓޯތައް އަހަރެންނަށް ނެގުނީތީ އަހަރެން ނިހާޔަތަށް މަޢާފަށްއެދެން. އެކަން ކުރެވުނީ ސަބަބެއް ނެތިއެއްނޫން. މުޝައްރަފް ޒައި އާ ގާތްވާން އުޅުނީ ނުބައި ނިޔަތެއްގަ. އަހަރެންގެ ނިޔަތް ވަރަށް ސާފު. އަހަރެންނަށް ޒައި ކަމުދޭ. އަހަރެންގެ ހިތާ ހަމައަށް ދުވަހަކުވެސް ޒައި ނޫން އެހެން އަންހެންކުއްޖަކަށް އާދެވިފައެއްނެތް. އަހަރެން ޒައި އާ ރައްޓެހިވެގެން ލޯބިވެރިއެއްގެ ގޮތުގައި ޒައި ބަހައްޓާކަށް ބޭނުމެއްނޫން. އަހަރެން ބޭނުންވަނީ ޒައި އާ އިންނަން" އާކާޝް ދެއްކި ވާހަކަތަކުން ޒައިނާއަށް ޙައިރާންކަން ލިބި އާކާޝްގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ދެލޮލުގައިވީ ކަރުނައެވެ.
"ވިލް ޔޫ ބީ މައިން ފޯރއެވަރ" ފޮތް ތެެރެއިން ނެގި ފިނިފެންމަލެއް ޒައިނާއަށް ދިއްކޮށްލަމުން އާކާޝް ބުނެލިއެވެ. ޒައިނާއަށް ކޮޅަށް ތެދުވެވިއްޖެއެވެ. އާކާޝްގެ އެ ހުށަހެޅުން އޭނާއަށް ޤަބޫލުކުރެވޭކަށް ނެތޭ ހިތަށް އެރިއެވެ. ދެފަރާތަށް ބޯހޫރަމުން ދިޔައިރު ބުނަން ބޭނުންވާ ބަސް ދުލާ ހަމައަށް ގެނެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"ނޫން....ނޫން.... އަހަރެންނަށް ތި ހުށަހެޅުން ޤަބޫލުކުރެވޭކަށް ނެތް. އަހަރެން މިހުރީ އަބީގެ އިންތިޒާރުގަ. އަހަރެން ލޯބިވަނީ އަބީދެކެ. ހަމައެކަނި އަބީދެކެ" ދެލޮލުން ވެއްޓުނު ކަރުނަތިކި އަތުން ފޮހެލާފައި އޭނާ އާކާޝްއަށް ފުރަގަސްދިނެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅައިލުމަށްފަހު ކުރިއަށް ދުއްވައިގަތެވެ. ޒައިނާ އެގޮތަށް ކަންތައް ކުރުމުން އާކާޝް ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ އަލުން މާ ފޮތްތެރެއަށް ލާފައި ކޮޅަށް ތެދުވިއެވެ.
"މާދަމާ ނޫނީ ވަރަށް ކައިރި މުސްތަގުބަލެއްގަ ޒައި އަހަރެން ކައިރިއަށް އަންނާނެ. އެވެސް ޒައި ގެ ރުހުމުގަ" އޭނާ ހިނގައިގަތެވެ. އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ތިބި ކުދިންނަށް ބެލުމެއްނެތިއެވެ.
***
ކައިރި ފިހާރައަކަށް ދިޔުމަށް ޝުރޫކް ގެއިން ނިކުތް ވަގުތެވެ. އިޝާނަމާދުކޮށްގެން ކޮޓަރިން ނިކުތް އަނާރަށް ހީވީ އޭނާގެ ދެލޯ އަނދިރިވި ހެންނެވެ. މުޅި ގެއިން ކަރަންޓް ކަނޑައިގެން ދިޔުމުން އޭނާގެ ހިތުގައި ބިރުވެރިކަމެއް ވަށާލައިފިއެވެ. އަތުގައި ފޯނެއްވެސް ނެތެވެ. ދުވެފައި ކަހަލަ ގޮތަކަށް މައިދޮރާ ދިމާލަށް ދާންވެގެން އެއްފަރާތުގައި ހުރި ބޮޑު ގަހެއްގައި އަޅައިގަނެފައި ވެއްޓިއްޖެއެވެ. ދޮރާ ހަމައަށް އާދެވުނުކަން އިނގުމާއެކު ދޮރު ހުޅުވާލާފައި ނިކުމެއްޖެއެވެ.
ރުޝްދާ އާއެކު ފްލެޓްގެ ލިފްޓުން ނިކުތް ޝުހޭލްގެ ގައިގައި އަނާރް ބައްދައިގަތެވެ. ތަނަށް އަލިވެފައި ވިޔަސް އެކަން އޭނާއަށް އިހުސާސްނުވާ ކަހަލައެވެ.
"އަރޫ! ކިހިނެއްވީ..."؟ ޝުހޭލްގެ މޭގައި ލެގިގެން ފުން ނޭވާތަކެއް ލަމުންދިޔަ އަނާރަށް ހަމަހޭވެރިކަމެއްވީ ޝުހޭލްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭނާއަށް އިސްއުފުލާ ޝުހޭލްއަށް ބަލައިލެވިއްޖެއެވެ.
"ކަލޭތަ؟ މިތަނަށްވެސް އައީތަ؟ ކީއްވެތަ އަހަރެންގެ ފަހަތުން ނުނެއްޓިގެން ތިއުޅެނީ؟" ކަމުގެ ދެކޮޅު ބެލުމެއްނެތި އަނާރް ހަޅޭއްލަވައިގަތެވެ.
"އެކްސްކިއުޒް މީ. އެހެން މީހުން އަތުގައިވެސް އަނގަ ހުރޭ. ދައްކާނެ ވާހަކަވެސް ހުރޭ. އެއްޗެއް ބުނުމުގެ ކުރިން ވިސްނާލާ" އަނާރް ޝުހޭލްއަށް އެއްޗެހި ގޮވަން ފެށުމުން ރުޝްދާއަށް ހިމޭނުން ނުހުރެވުނެވެ.
"އަރޫ! ގޭގަ ކަރަންޓް ނެތީތަ؟" އޯގާތެރިކަމާއެކު ޝުހޭލް އެހިއެވެ. އަނާރް ބަހެއް ނުކިއިއެވެ. ޝުހޭލްއަށް ދެލޯ އަޅަމުން އޭނާ ނަޒަރު ސީދާކުރީ ފަހަތުން ހިނގާފައި އައި ޝުރޫކަށެވެ.
"އަންހެނަކު އެވަރަށް އެއްޗެހި ގޮވާއިރުވެސް ކޮއްކޮއަށް ހުރެވޭކަން" ގޭތެރެއަށް ވަންނަމުން ރުޝްދާ ބުނެލިއެވެ.
"އަނާރްގެ ހިތް ހޯދަން އަހަރެން ބޭނުމީ އެހުރިހާ އެއްޗިއްސަކަށް ކެތްކޮށްގެން. އަހަރެން މާބޮޑު އެއްޗެއް ހިތަށް ނާރާ" ޝޫހޭލް ބުނެލިއެވެ.
(ނުނިމޭ)