ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 19

2

ވިހިވަނަބައި

"އޭނާގެ އެއްވެސް ހަބަރެއް އަހަރެންނަށް ދީގެންނުވާނެ. މަޔޫރާވެސް މަރުވެއްޖެ. އަނާރްވެސް މަރުވެއްޖެ. އެއީ އަނިޔާވެރިިން. އެދެމީހުންގެ ފަރާތުންވެސް އަހަރެންނަށް ލިބުނީ ހިތްދަތި ހަނދާންތަކެއް. އެންމެން އަހަރެންނަށް އެހެން ހަދަން ކޮބާތަ އަހަރެންގެ ކުށަކީ...؟" އަބާން ވާހަކަދެއްކިއެވެ. އޭނާގެ އަޑު އައީ ކުރެހިގެންނެވެ. އަދިވެސް ދެލޯ ފުރިފައި ވަނީ ތާޒާ ކަރުނަތަކުންނެވެ.

ސައިފްގެ މޫނުމަތީގައި ޙައިރާންކަން ވަށާލައިފިއެވެ. އަނާރާ އަބާނާ މެދު މައްސަލަތަކެއް ޖެހިއްޖެކަން ޔަޤީންވިއެވެ.

"އަހަރެން މިއައީ އެއްވެސް މީހެއްގެ ހަބަރެއް ހިފައިގެނެއްނޫން" އަބާން ކައިރީގައި އިށީނދެލަމުން ސައިފް ބުނެލިއެވެ.

އަބާންގެ މިލާފައިވާ މޫނަށާއި ރަތްކަމެއް އެކުލެވިގެންވި ދެލޮލަށް އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި ސައިފް ހަށިގަނޑު ގުދުކޮށްލާފައި ދެއަތްތިލަ ގުޅުވާލާފައި އަބާނާ ނަޒަރު ވަކިކޮށްލިއެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟ ސައިފް އެހިއެވެ.

"ހުރިހާކަމެއް ނިމިއްޖެ" އަބާން ބުނެލިއެވެ.

"ތިހެން ބުނީމަ ނޭނގުނު. ކިޔައިދީބަލަ" ސައިފް ބުނެލިއެވެ.

ހިނދުކޮޅަކަށްފަހު އަބާން ސައިފަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. އަނާރާ ގާތަށް އޭނާއަށް ދެވުނު މިންވަރެވެ. ރާއްޖެއިން ބޭރުން އަނާރް ތަޢުލީމް ހާސިލްކުރަމުން އަންނަ ވާހަކައެވެ. އޭނާ އަނާރު ކައިރީގައި ނުދިޔުމަށް އާދޭސް ކުރި މިންވަރެވެ. އޭނަގެ ވާހަކަތަކަށް އަނާރް ބީރު ކަންފަތެއް ދިން ވާހަކައެވެ. އެންމެފަހުން އަނާރް ދިޔަ ވާހަކަ ބުނުމާއެކު އޭނާގެ އަޑު ކެނޑިއްޖެއެވެ.

"ހިނގާބަލަ އަހަރެންނާއެކު ކޮފީއަކަށް އަރަން" އެހުރިހާ ވާހަކަތަކަށްފަހު ސައިފް ބުނެލިއެވެ. އަބާން ސައިފަށް ބަލައިލިއެވެ. އެއްޗެއް ނުބުނެ އިންނަން ފެށުމުން އަނެއްކާވެސް ސައިފް ވާހަކަދެއްކިއެވެ.

"ހިނގާބަލަ" ސައިފް ބުނެލިއެވެ.

"މިހާރުތަ؟ އަހަރެންނަށް މިހާރު ނުދެވޭނެ" އަބާން ބުނެލިއެވެ.

"އަބީ އަހަރެން ކައިރީގައި ކޮންމެ ތަނަކަށް ދާން ބުންޏަސް އަދި ދުވަހަކުވެސް ތިގޮތަށް ނުބުނަން" ސައިފް ބުނެލިއެވެ. އަބާން ވިސްނައިލިއެވެ. ސައިފް އެބުނީ ތެދެކެވެ. އެކަމަކު މިވަގުތު އޭނާ އިނީ ދެވޭފަދަ ހާލަތަކު ނޫނެވެ.

"ރެޑީވެގެން އާދޭ. އަހަރެން ބޭރުގަ މަޑުކޮށްލާނަން" ސައިފް ހިނގައިގަތެވެ. އަބާން އަންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް އޭނާގެ ނެތެވެ. އެހެންވިޔަސް އޭނާ އުންމީދު ކަނޑައިނުލިއެވެ.

***

"އަބީ އަންނާނެ އިރުކޮޅަކުން ބޭރަށް. އެއްވެސް މީހަކު އޭނަ އާ އިހަށް ސުވާލެއް ނުކުރާތި އިނގޭ. އަހަރެން މިދަނީ އޭނަ ގޮވައިގެން ބޭރަށް. ގެއަށް އަންނައިރު އޭނާގެ މޫޑު ރަނގަޅުވެފަ ހުންނާނެކަމަށް ބަލާނީ" ބޭރަށް ނިކުމެ ސައިފް ވާހަކަދެއްކިއެވެ. އުންމީދާ އާ ނަސީމް އެކަކު އަނެކަކަށް ބަލާލާފައި ބޯޖަހައިލިއެވެ. އެވަރަށް ވެސް ނިކުމެލަން އަބާން ވިސްނީތީ ދެމަފިރިންގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފާޅުވިއެވެ.

***

ޓެރަސްމަތީގައި ހިއްކަން ބަހައްޓާފައި ހުރި އެއްޗެހިތައް ހިފައިގެން އައިރު ސޯފާގައި އިން ފަޔާޒް ފެނި މިހުނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާއަށް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުނީ އެހެންޏާ ނުފެންނަ ގަޑިއެއްގައި ގޭތެރެއިން ފަޔާޒް ފެނުމުންނެވެ.

"ބައްޕަ ބަލިވީތަ؟" މިހުނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކޮޓަރިން ނިކުތް ރާހިލް ސުވާލުކުރިއެވެ. ސިހިފައި ފަޔާޒް ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

"ނޫނޭ. ބައްޕަ ބައްޔެއްނޫން. އާދެބަލަ މިތަނުގަ އިށީންނަން" ފަޔާޒް ބުނެލިއެވެ.

"މިހޫވެސް ތި އެއްޗެހިތައް ލާފަ އާދެބަލަ. އަންނަމުން އާހިލް ކައިރީގައިވެސް ބުނެލާތި އަހަރެން އެބަ ގޮވައޭ" ފަޔާޒް އިތުރަށް ބުންޏެވެ. މިހުނާ ކޮޓަރިތަކާ ދިމާލަށް ހިނގައިގަތެވެ. އަތުގައި ހުރި ހެދުންތައް ކޮޓަރީގައި ބަހައްޓާފައި އާހިލްގެ ކޮޓަރި ދޮރުހުޅުވާލައިފިއެވެ.

"ކަމެއް ނުވަންޏާ މިގަޑީގަ ފަޔާޒް ގެއިން ފެނުނީ ކީއްވެ؟ އަހަރެން ވަރަށް ކަންބޮޑުވެއްޖެ" ސޯފާގައި އިށީންނަމުން މިހުނާ ބުނެލިއެވެ.

"މިއުޅެނީ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން. މިއީ އަހަރެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް" ފަޔާޒް ވާހަކަދެއްކިއެވެ. މިހުނާ ހިންދިރުވައިލިއެވެ. ކޮންފަދަ ހަބަރެއްބާއޭ ހިތާ ހަތަރެސްފައި ފިނިވެލައިފިއެވެ. އާހިލް އާ ރާހިލް އެކަކު އަނެކަކަށް ނަޒަރެއް ބަދަލުކޮށްލިއެވެ.

"މީގެ ތޭވީސް އަހަރު ކުރިން އަހަރެން ކައިވެންޏެއް ކުރިން" ފަޔާޒް އެހެން ބުނުމާއެކު މިހުނާއަށް ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. އެއީ އަދި އޭނާއަށް ނޭނގޭ ކަމެކެވެ. ކައިވެނީގެ ހުރިހާ ކަމަކާ އުޅުނީ ފަޔާޒެވެ. އެހެންކަމުން ކައިވެނީގެ ފޯމާ ސެޓްފިކެޓްގައި އޮތް އެއްޗެއް ބަލަން އޭނާއަށް އެއްވެސް ވަރަކަށް މަސައްކަތް ކުރެވިފައެއްނެތެވެ.

"ކް...ކީކޭ...؟ އަހަރެން ހީކުރީ..."

"އަހަރެންނަށް އިނގޭ މިހޫއަށް ޤަބޫލުކުރަން ދަތިވާނެކަން. އެކަމަކު ހަޤީޤަތަކަީ އެއީ. އެކައިވެންޏަށް އަހަރެންނަށް ވަނީ އަންހެންދަރިއަކު ލިބިފައި" ފަޔާޒް ބުނެލިއެވެ. ނިއުޅެމުންދިޔަ މަންޒަރުތަކާއެކު މިހުނާއަށް އުނދަގޫ އިހުސާސްތަކެއް ވާން ފަށައިފިއެވެ. އޭނާއަށް އެތަނުގައި އިންނަން އުދަގޫވެއްޖެއެވެ. ކައިވެންޏަށް ވިހި އަހަރު ވިއިރު އޭނާ ދުވަހަކުވެސް ފިރިމީހާ އާ ކަމެއްގަ ދެބަސް ވެފައެއްނެތެވެ. އެހެންކަމުން އެވަގުތުވެސް އޭނާ އިޚްތިޔާރުކުރީ ހިމޭންކަމެވެ.

"މަންމަ ބަހައްޓާ. ބައްޕަ ފަހުން މަންމައަށް ވިސްނައިދޭނަން" ރާހިލް އާ އާހިލްގެ ނަޒަރު ކޮޓަރިއަށް ދިޔަ މިހުނާއަށް ހުއްޓިފައިވިތަން ފެނުމުން ފަޔާޒް ބުނެލިއެވެ.

"އާރ ޔޫ ސީރިޔަސް ބައްޕާ..." އާހިލް ބުނެލިއެވެ.

"އާނ. ބައްޕަ އެކައިވެނިން ބޯދަމައިގަތްތާ ކިހާ ދުވަހެއް. ހަޤީޤަތުގަ ކުށްވެރިޔަކީ ބައްޕަ. ބައްޕަ ފާފަވެރިވެއްޖެ. ކުށަކަށް ވީ މިހުރިހާ ދުވަހު ދަރިފުޅުމެންގެ މަންމައަށް އެކަން ސިއްރުކުރެވުނުކަން" ފަޔާޒް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.

"އެހެންވިއްޔާ އަޅުގަނޑުމެންގެ ދޮންތައަށް ދޯ ވާނީ. ކޮންއިރަކުން ބައްދަލުކޮށްދޭނީ" ރާހިލް ބުނެލިއެވެ.

"އަދި މި އިނގުނީ އެމަންޖެ ދުނިޔޭގައި ހުރިކަން. އުޅޭތަނަކާ ހުންނަ ގޮތެއް ބައްޕައަށް ނޭނގޭ. ބައްޕަ އެމަންޖެގެ މަންމަ ދޫކޮށްލާފައި އައިރު ބަނޑުބޮޑު ކަމެއް ނެނގޭ. އެކަމަކު ބަނޑުބޮޑުވި ހަބަރުދޭން އެއްފަހަރު ބައްޕައަށް ގުޅި. ބައްޕަ ގަސްތުގައި އެވަހަކަތަކަށް ބީރު ކަންފަތެއް ދިނީ. އޭރު ދަރިފުޅުމެންގެ ކާފަ އާ މާމަ އޮތީ ބައްޕަގެ ކައިވެނި މަންމަ އާ ހަމަޖައްސާފަ. ބައްޕައަށްވެސް އެކަމާ ދެކޮޅެއް ނުވެވުނު. ދަރިފުޅުމެންގެ މަންމަ ވެގެން ދިޔައީ ބައްޕައަށް މި ރާއްޖެއިން ފެނުނު އެންމެ ރީތި އަންހެނާއަށް. އެހެންވެ ބައްޕަ ބޭނުންވީ މުޅި އުމުރަށް މިހުނާ އާ އެކު އުޅެން" ފަޔާޒް ވާހަކަދެއްކިއެވެ.

"ދެން މިހާރު ބައްޕަ ކީއްވެގެންތަ ތި ވާހަކަތައް ތިދެއްކީ؟ އެކުއްޖާ... އައި މީން ދޮންތަ އަންނަނީތަ މިގޭގަ އުޅެން" އާހިލް ސުވާލުކުރިއެވެ.

"ނޫން. އައްކިބެ އެމަންޖެ އާ އިންނަން ބޭނުންވެގެން އުޅެނީ. ބޭބެމެންނަށް އެމަންޖެގެ ފޮޓޯ ދެއްކީމަ އެހިސާބުން މިކަމެއް މިވީ. ބައްޕަ އާ ވައްތަރުވީ އެމަންޖެ އާ. ކިހާ ބޮޑު އިއްތިފާގެއް. ބައްޕައަށް ވެސް މިހާރު ޔަޤީންވެއްޖެ. އެގޭމީހުން އެމަންޖެ އާ ބައްދަލުކުރަން ދާއިރު ދަރިފުޅުމެން ވާނެ ދާން" ފަޔާޒް ވާހަކަދެއްކިއެވެ.

"ބައްޕަ މިއަންނަނީ މަންމަ ހަމަޔަކަށް އަޅުވާލާފަ" ފަޔާޒް ގޮނޑިން ތެދުވެގެން ހިނގައިގަތެވެ.

***

ސައިފްގެ ސައިކަލް ފަހަތުގައި އިން އަބާން ކެފޭ އާ ހަމައަށް ދެވެންދެންވެސް އަނގައިން ނުބުނެއެވެ. އިތުރަށް ވާހަކަދައްކަން ސައިފްވެސް މަސައްކަތެއް ނުކުރެއެވެ. ކެފޭއަށް ވަދެ ގޮނޑީގައި ހަމަޖެހިލިތަނާ ވެއިޓަރަކު އައިސްފިއެވެ. ކޮފީއަށް އޯޑަރ ދީފައި ސައިފް އަބާނަށް ބަލައިލިއެވެ.

"އަހަރެން ބުނާ އެއްޗަކުން އަބީ ރުޅިނާންނާތި. އަހަރެމެން ދެމީހުންގެ އެކުވެރިކަމަށް މިހާރު އަހަރުތަކެއްވެއްޖެ. އަބީ އަހަރެން ކައިރީގައި ދައްކާފައި ހުރި ހުރިހާ ވާހަކަތަކަށް އަހަރެން އަބީއަށް ޚިޔާލުދީ ހިތްވަރުދިނިން. އެކަމަކު ތިކަމަކަށް އަހަރެން އަބީ އާ އެއްކޮޅަކަށް ނޫން މިހިރީ. އަނާރްގެ މައްސަލައިގައި އަބީގެ ވިސްނުން ގޯސް" ސައިފް ވާހަކަދެއްކިއެވެ. ފެންފުޅިއަށް ބަލަހައްޓައިގެން އިންއިރު އަބާން ސައިފްގެ ވާހަކަތައް އަހަމުން ދިޔައެވެ.

"ވިސްނަބަލަ. ދުނިޔޭގައި އުޅޭ ކޮންމެ އަންހެންކުއްޖަކީ މަޔޫރާއެއް ނޫނޭ. މީހަކު ދެކެ ލޯބިވެގެން ކައިވެންޏަކާ ހަމައަށް ދެވޭނީ އެދެމެދުގައި އިތުބާރޭ މިކިޔާ އެއްޗެއްވެސް އޮވެގެން. އަބީގެ މައްސަލައަކީ އަދިވެސް މަޔޫރާގެ ކަންތައް ހިތުގަ އަޅައިގެން އުޅުން. އަހަރެންގެ ހިތެއް ނުބުނޭ އަނާރަކީ އެކަހަލަ އަންހެންކުއްޖެކޭ" ސައިފް ވާހަކަދެއްކިއެވެ.

"އެކަމަކު ރާއްޖެއިން ބޭރުގަ އާއިލާ އެއްވެސް މީހަކު ނެތި އޭނާ އެ ހޭދަކުރާ މުއްދަތުގަ އުޅޭނީ ކިހިނެއް ކަމެއް އަހަރެންނަށް ނޭނގޭ. އެނބުރި އައިސް އަނެއްކާ މަޔޫރާ ގޮތަށް..."

"ތިއޭ އަބީގެ މައްސަލައަކީ. ތި ނެގެޓިވް ވިސްނުންތަކާއެކު އުޅެންވިއްޔާ އަބީއަށް ދުވަހަކުވެސް ހެޕީ ލައިފެއް ނުލިބޭނެ. އަބީ އަހަރެން ކައިރީގަ އަބަދުވެސް ބުނާނެ ތިމަންނަ ބޭނުންވަނީ ޑޮކްޓަރަކާ އިންނާށޭ. އިއްތިފާގަކުން ވިޔަސް އަބީއަށް ލިބުނީ ޑޮކްޓަރެއް" ސައިފް ވާހަކަދެއްކިއެވެ.

"އަހަރެން އަނާރްދެކެ ވަރަށް ބޮޑަށް ލޯބިވޭ. އޭނަ އެތަނުގައި ހުންނަން އަހަރެން ބޭނުމެއްނޫން. ދެމީހުން ރައްޓެހިވެގެން އުޅެންޏާ އަހަރެންނަށްވެސް ކޮންމެސް މިންވަރެއްގެ ޙައްޤެއް އޮންނަންވާނެއްނު. އަހަރެންގެ ބަސްޤަބޫލުކޮށް ނުގޮސް ހުރިނަމަ އަހަރެން ކިހާ އުފާވީސް" އަބާން ވާހަކަދެއްކިއެވެ.

"ކިޔެވުުމުގެ ދެބައިކުޅަ އެއްބައި ފުރިހަމަކޮށް ނިންމަންވީ ހިސާބުން އަތްދޫކޮށްލަންވީމަ އެކުރެވުނީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމެއްނު. އަބީ ކޮންއިރަކު ތިހާ ސެލްފިޝް ވީ. ކަމޯން އަބީ... ދުނިޔެއަކީ އަބަދު އެއްކަމެއް ހިނގާ ތަނެއް ނޫނޭ. ކޮންމެ މީހަކުވެސް ތަފާތުވާނެ. އެންމެ މީހަކު ކުރި ކަމެއްގަ ހުރިހާ އަންހެންވެރިން ކުށްވެރިވާކަށް ނުޖެހެއޭ. ގުޅުމެއްގަ އިތުބާރު ނެތިއްޔާ ކިހިނެއް ދިރިއުޅޭނީ؟" ސައިފް މަސައްކަތްކުރީ އަބާނަށް ވިސްނައިދޭށެވެ. ނަމަވެސް އަބާންގެ ވިސްނުން ވަނީ މީހަކު އެއްޗެއް ކިޔައިގެން ބަދަލުވާނެ ވަރަށް ވުރެ ބޮޑަށް ކިލަނބުވެފައެވެ.

"ސައިފް އަނާރުގެ ކޮޅަށް ތި ހިފަނީ ކީއްވެ؟ އަހަރެން އޭނައަށް ކިޔެވުމުގެ ފުރުސަތު ނުދީ ފިއްތާލީކީ ނޫނޭ. އަހަރެން ބުނިން އަހަރެންނާ ކައިވެނިކޮށްފަ އަހަރެން ކައިރީގަ ހުރެގެން ކިޔަވާށޭ" އަބާން ބުނެލިއެވެ.

"އަނާރްގެވެސް އުންމީދުތަކެއް ވާނެ. އޭނަގެ މާމަގެ ވެސް އޭނަ އާ މެދު އުންމީދުތަކެއް ކުރާނެ. އަބާންގެ ވިސްނުން ބަދަލުނުވީތީ އޭނަވެސް ހިތާމަކުރާނެ. ދެން ނޭނގެ. އަބީއަށް އެއްޗެއް ވިސްނައިދިނުމެކޭ ހުދު ގަނޑެއްގަ ހުދު ދެލިން ލިޔަން އުޅުމެކޭ ވާނީ އެގޮތް" އެންމެފަހުން ސައިފް ބުނެލިއެވެ. މިފަހަރު އަބާން ޖަވާބެއް ނުދިނެވެ.

"އަނާރްގެ ކަންތައް އަބީގެ ލައިފުން ބޭރުވެއްޖެއްނު. އެވާހަކަތައް އިތުރަށް ދައްކަން އަހަރެން ނޫޅެން. އަބީ ތިގޮތަށް ކޮޓަރިން ނުނިކުމެ ބަންދުވެގެން ރޮއެ ހިތާމަކުރާ މަންޒަރު ބަލަން އުންމިއްތަ އާ ނަސީމްބެ އެހުންނަނީ ނުލާހިކު ދެރަވެފަ. އުންމިއްތަ އެހުންނަނީ ފާޑަކަށް ބިރުގަނެފަ" ސައިފް ވާހަކަދެއްކިއެވެ.

"އަހަރެންނަށް މަންމަ އާ ދިމާލަށް ބާރަށް އެއްޗެކޭ ބުނެވުނު. އެކަމަށް އަހަރެންގެ މަންމަގެ ކިބައިން މަޢާފަށްއެދޭނަން. އެހުރިހާކަމެއް ވީ އެ އަނާރާ ހެދި. އަހަރެން އޭނައަށް ނަފްރަތުކުރަން" އަބާން ވާހަކަދެއްކިއެވެ. ސައިފް ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން ކީކޭ ބުނާނީ. ހިނގާ ދާން" ސައިފް ބުނެލިއެވެ.

"އަހަރެން ދުވަހަކުވެސް މީހަކާ ނީންނާނަން. އަންހެނަކު ފިރިހެނަކަށް ވަފާތެރިނުވާނެ ދުވަހަކުވެސް" އަބާން ބުނެލިއެވެ.

"ތިހެންނުބުނޭ. ގިނަ ކައިވެނިތައް ވަނީ ސަލާމަތްވެފަ. އަލަށް ކައިވެނިކުރާ މީހުން ދަރިންގެ ދަރިންނަށް ދަރިން ލިބެންދެކަށްެވެސް އެބަތިބި. ބަދަލުކުރަންޖެހޭ އެއްޗަކީ އިންސާނުންގެ ވިސްނުން" ސައިފް ވާހަކަދެއްކިއެވެ.

"އަހަރެން ބޭނުމީ ގެއަށްދާން" އަބާން ބުނެލިއެވެ.

***

ރޭގަނޑުގެ ކެއުމަށް އަބާން ބޭރަށް ނުނިކުމެއެވެ. އުންމީދާ ކާއެއްޗެހި ތަބަށް ހިފައިގެން ހިނގައިގަތީ ދެ ފިކުރެއްގައި ހުރެއެވެ. ދޮރާ ހަމަވިތަނާ ދޮރުހުޅުވާލާފައި އަބާން ނިކުމެއްޖެއެވެ. އުންމީދާ ދިޔައީ ސިހިގެންނެވެ. އަބާނަށް ބަދަލެއް އައިސް ކާއެއްޗެހިތައް އުކާލަފާނެތީ ދެއަތުގައި ތުރުތުރުއަޅައިގަތެވެ. އޭނާއަށް ޙައިރާންކަމެއް ލިބުނީ އަބާންގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ވެރިވިތަން ފެނުމުންނެވެ.

"އަޅުގަނޑު ކާނީ ބޭރުގަ އިނދެ" އަބާން ބުނެލިއެވެ. އުންމީދާ ހިނގައިގަތެވެ. ފަހަތުން އަބާންވެސް ދިޔައެވެ.

އަބާން ބައިވެރިވިތަން ފެނުމުން ނަސީމްގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ކުރިމަތީގައި އިން ދަރިފުޅަށް އޭނަ ބަލައިލީ ނުހަނު ލޯބިންނެވެ. ޝުބާވެސް ކަޅިޖަހައިނުލާ އިނީ އަބާނަށް ބަލަހައްޓައިގެންނެވެ.

"ކޮބާ އެމަންޖެ؟" ނަސީމް އަހައިލިއެވެ. އޭނާ އެހީ ޒައިނާގެ ވާހަކަ ކަން އުންމީދާއަށް އިނގުނެވެ.

"ގޮވާ އެމަންޖެއަށް. އަހަރެން ބޭނުންވަނީ އަހަރެންގެ ހުރިހާ ދަރިން އެއްތަނެއް ތިބެ ކާން" ނަސީމް ބުނެލިއެވެ. ޒައިނާ އެތަނަށް ގެންނަން އުންމީދާ ޖެހިލުންވިއެވެ. ދެވަނަ ފަހަރަށް އަބާންގެ ފަރާތުން އެފަދަ ކަމެއް ފެނިދާނެތީ ކަންބޮޑުވިއެވެ.

"ދޭބަލަ މަންމާ. ވަރަށް ބަނޑުހައޭ" އަބާން އެހެން ބުނުމުން އުންމީދާއަށް ހެވިއްޖެއެވެ. ޒައިނާގެ ކޮޓަރި އާ ދިމާލަށް އޭނާ މިސްރާބު ޖަހައިފިއެވެ.

***

ކޮލެޖުން އައި ގޮތަށް ސައިތައްޓެއް ބޮއެގެން ޒައިނާ ވަނީ ކޮޓަރިއަށެވެ. ބޭރަށް ނިކުމެ އުޅެން އޭނާ ޖެހިލުންވެއެވެ. ނޭނގިގެންވެސް އަބާންގެ ކުރިމައްޗަށް އަރަން އޭނާ ބޭނުންނުވެއެވެ. އަބާންގެ އަމަލުތައް ހުރީ ހައްދުން ނައްޓާފަކަން އޭނާއަށް އިނގެއެވެ. ދޮރުގައި ޓަކި ޖަހަންފެށީ އޭނާ މޭޒުކައިރީގައި ފިލާވަޅުތައް ނިންމަން އިންދައެވެ. މިރޭވެސް އެކަނި ކާންވުމުން ޝުބާ އައި ކަމަށް ހީކޮށް އޭނާ ހިނގައިގަތެވެ.

ކުރިމަތީގައި ހުރި އުންމީދާ ފެނުމުން ޒައިނާ އިސްޖަހައިލިއެވެ.

"އުންމިއްތަ! ކަމަކުތަ؟" ޒައިނާ އަހައިލިއެވެ. ގަދަކަމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ.

"ހިނގާ ކާން. އެއްގެއެއްގައި އުޅުނަސް ޒައި ނުފެންނަތާ މިއީ ދެވަނަ ދުވަސް" އުންމީދާ ބުނެލިއެވެ.

"ނޫން. ބަނޑުހައެއްނުވޭ" ޒައިނާ ބުނެލިއެވެ.

"އެހެންނުވާނެ. ދެކޮޅު ތިހަދަނީ ކީއްވެ؟ އަބާންދެކެ ބިރުންތަ؟" އުންމީދާ އެހިއެވެ. ޒައިނާއަށް އުންމީދާއަށް ބަލައިލެވިއްޖެއެވެ. އަބާންގެ ނަން ކިޔުމުން ކުރީ ދުވަހުގެ ހާދިސާ އޭނާ ހަނދާންވެއްޖެއެވެ. އިސާހިތަކު އޭނަގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

"ނުކެރޭނެ ދާކަށް. ދެވަނަ ފަހަރަށް އަބީ އެގޮތަށް ކަންތައްކޮށްފިއްޔާ އަޅުގަނޑުގެ ހިތް...." ޒައިނާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެެވެ. އުންމީދާ ކޮޓަރި ތެރެއަށް ވަދެ ޒައިނާ ކުރިމަތީގައި ހުއްޓިއްޖެއެވެ.

"އަބީދެކެ ލޯބިވޭތަ؟" ޒައިނާގެ ދެއަތުގައި ހިފައިލަމުން އުންމީދާ އެހިއެވެ. ޒައިނާ ދެލޯބޮޑުކޮށް ކަރުނަތަކާއެކު އުންމީދާއަށް ބަލައިލިއެވެ.

"ތެދަށް ބުނައްޗޭ. އަބީދެކެ ލޯބިވޭތަ؟" އުންމީދާ އެހިއެވެ. ޒައިނާ ބޯޖަހައިލިއެވެ.

"މިއަދަކު ނޫން. މާކުރިން. އަޅުގަނޑަށް ވުރެ ކުރިން އަބީދެކެ ލޯބިވި ފުރަތަމަ އަންހެނަކީ އުންމިއްތަ. އެދުވަހު އަބީ އެގޮތަށް ކަންތައް ކުރުމުން ވަރަށް ވަރަށް ދެރަވި. ރޮވުނު. ލަދުވެސްގަތް. ހިތަށް އެރި ރަށަށް ދާނީ އޭ ވެސް" ޒައިނާ އިތުރަށް ވާހަކަދެއްކިއެވެ. އުންމީދާގެ ތުންފަތްމަތިން ފާޅުވަމުންދަނީ ހިނިތުންވުމެކެވެ.

"އެދުވަހުގެ ވާހަކަނުދައްކާ. ކުރިއަށް ވާންހުރި ކަންތައްތަކާ ވިސްނަންވީ. ފަހަރެއްގަ އުފާވެރި ހަބަރެއްވެސް ލިބިދާނެއްނު. ދެން ހިނގާ ކާން. ހުރިހާ މީހުން އެބަތިބި" އުންމީދާ ބުނެލިއެވެ.

"ނުކެރޭނެ. ހުރިހާ މީހުން ކައިގެން ވަނީމަ އަޅުގަނޑު ގޮސް އެއްޗެއް ކާލާނަން. އުންމިއްތަ އަޅުގަނޑަށް ހިތް ބުރަނުކޮށް ދޭ" ޒައިނާ ބުނެލިއެވެ.

ޒައިނާ ބުނާ އެއްޗަކަށް ބެލުމެއްނެތި އުންމީދާ ގޮސް އެނދުމަތީގައި އޮތް ބުރުގާ ނެގިއެވެ. ޒައިނާގެ ބޮލުން ބުރުގާ ތިރިކޮށްލާފައި އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާ ޒައިނާ އަތުން ދޫކޮށްލީ މޭޒާ ހަމައިންނެވެ. ޖެހިލުންވެފައި ހުރި ޒައިނާގެ ނަޒަރު ލަސްލަހުން މޭޒު ކައިރީގައި އިން އަބާނަށް ހުއްޓިއްޖެއެވެ. އޭނާ މޭޒު ވަށާލާފައި ގޮސް އިށީނީ ޝުބާ އާ ޖެހިގެންނެވެ. އަބާނާ ވީހާވެސް ދުރުގައެވެ.

"ދެން ހިނގާ ފަށަން. ގޭގަ އެންމެން ހަމައަށް ތިބިއްޔާ އަހަރެން ބޭނުން ހުރިހާ ވަގުތެއްގަ އެންމެން އެއްކޮށް ކާން އަރަން" ނަސީމް އިއްވާލިއެވެ.

***

މިހުނާއަށް ފިރިމީހާދެކެ ހިތްހަމަނުޖެހިފައި ނުހުރެވުނެވެ. ފަޔާޒް ފާހާނާއިން ނިކުތްތަނާ މިހުނާ ގޮސް ފުރަގަހުން ފަޔާޒްގެ ގައިގައި ބައްދައިލިއެވެ. މިހުނާގެ އެ އަމަލުން ފަޔާޒް ކައިރިއަށް ހިނިއައެވެ.

"އަހަރެންނަށް އިތުރު މީހަކާ ފަޔާ ޝެއަރ ނުކުރެވޭނެ" މިހުނާ ބުނެލިއެވެ.

"ހެހެހެ... ކާކު ބުނީ އަހަރެން އެބައުޅެޔޭ އިތުރު މީހެއް ކައިރިއަށް ދާން" ހީލާފައި މިހުނާ އާ ވީ ދިމާލަށް އެނބުރިލަމުން ފަޔާޒް ބުނެލިއެވެ.

"އަހަރެން ހީކުރީ އަހަރެން ވިސްނައިދޭންޖެހޭނީ ދެ ފިރިހެން ދަރިންނަށް ކަމަށް. އެކަމަކު މިވީ ކިހިނެއް؟" ފަޔާޒް ބުނެލިއެވެ.

"އަހަރެން ނުވިސްނިގެން ހުރީއެއްނޫން. ދެރަވީ. ފަޔާގެ އިތުރު ދަރިއެއް ހުރިކަން ބަލައިގަންނަން އުނދަގުވީ. އަހަރެން ފަޔާ އާ މެދު ޝަކުވާއެއްނެތް. އެއީ އަހަރެންގެ އަންހެންދަރިފުޅު ކަމުގައި ދެކޭނަން. މިގެއަށް އަވަހަށް ގެނޭ" ހިނިތުންވުމަކާއެކު މިހުނާ ވާހަކަދެއްކިއެވެ. ފަޔާޒްގެ ހިތުގައި މިހުނާއަށްޓަކައި ލޯބި އުތުރި އަރައިގަތެވެ. އޭނާ ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އަނބިމީހާ އުރައިލެވިއްޖެއެވެ.

***

ނިދާ ވަގުތު ޖެހުނު ވަގުތު އުންމީދާ ފާހާނާއިން ނިކުންނަންދެން ނަސީމް އެނދުގައި އިނެވެ. އަބާނާ ބެހޭގޮތުން ސައިފް ދެއްކި ބައެއް ވާހަކަތައް އަނބިމީހާ އާ ހިއްސާކުރަން އޭނާ އިނީ ބޭނުންވެފައެވެ. އުންމީދާ ފާހާނާއިން ނިކުތް ވަގުތާ ކޮޓަރި ދޮރުގައި ޓަކިޖެހި ވަގުތު ވެގެންދިޔައީ އެއް ވަގުތަކަށެވެ.

"މިއަންނަނީ" ނަސީމް ދޮރާ ދިމާލަށް ހިނގައިގަތެވެ. ލޯޝަންފުޅި ހިފައިގެން އައިސް އުންމީދާ އެނދުގައި އިށީނެވެ.

"ދަރިފުޅުތަ؟ އަވަހަށް ވަދޭ" ދޮރުމަތީގައި ނިދާ ހެދުމުގައި އިސްޖަހައިގެން ހުރި އަބާން ފެނުމުން ނަސީމް ބުނެލިއެވެ. އަބާން އެތެރެއަށް ވަނެވެ. އެނދުގައި އިން އުންމީދާ ފެނުމުން އޭނާ ދިޔައީ އުންމީދާ އާ ދިމާލަށެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާ އުންމީދާގެ އުނގުގައި ބޯއަޅާލަމުން ތިރީގައި އިށީނެވެ.

"މަންމާ! ސޮރީ" އަބާން ބުނެލިއެވެ. އުންމީދާ ލޯތްބާއެކު އަބާންގެ ބޮލުގައި ފިރުމައިލިއެވެ.

"މަންމަގެ ހިތުގަ ޝަކުވާއެއްނެތް" އުންމީދާ ބުނެލިއެވެ.

"ބައްޕަވެސް. އަޅުގަނޑާ ހަމަ އެއްވެސް ސުވާލެއް ނުކުރާނަންތަ؟" އަބާން ބުނެލިއެވެ.

"ވީގޮތެއް ކިޔައިދޭންވީނުން...."

"ނޫނޭ. ދަރިފުޅުގެ އަމިއްލަ ކަމެއްނު. ބައްޕަމެން އެއްވެސް އެއްޗެއް ނާހާނަން. ބައްޕަމެންނަށް މުހިންމީ ދަރިފުޅު" ނަސީމް ބުނެލިއެވެ. އެހާ އަވަހަށް ނަސީމް ދެކޮޅުހެދީތީ އުންމީދާ ނަސީމަށް ބަލައިލިއެވެ. ނަސީމް ލޮލުން އަނބިމީހާއަށް އިޝާރާތެއް ކޮށްލިއެވެ.

"ދަރިފުޅު އިތުރު މީހަކު ކައިރިން މަޢާފަށްއެދެން ޖެހޭހެން ހީވޭތަ؟" އުންމީދާ ބުނެލިއެވެ.

"ކާކު...؟" އަބާން ބުނެލިއެވެ.

"އެ ރުޅިގަނޑުގެ ތެރޭގައި އަންހެންކުއްޖަކު ދެރަކޮށް ލަދުގަންނަވާލެވުނުކަން އިނގޭތަ؟" އުންމީދާ ބުނެލިއެވެ.

"ޒައިނާ ތަ...؟" ނަސީމް ބުނެލިއެވެ. އުންމީދާގެ އުނގުތެރެއިން މަޑުމަޑުން ބޯހިއްލާލާފައި އުންމީދާއަށް ބަލައިލިއެވެ.

"ދަރިފުޅު އިތުރު ކައިވެންޏަކާ މެދު ނުވިސްނަންތަ؟" އުންމީދާ ލޯތްބާއެކު އެހިއެވެ. އަބާން ޖަވާބެއްނުދީ އިސްޖަހައިލިއެވެ.

"އެކަން ކުރެވޭނީ އަބީ ބޭނުންވި ދުވަހަކުން. މަންމަ އާ ބައްޕަގެ އެއްވެސް މަޖުބޫރުކަމެއް ނެތް" އަބާންގެ މޫނުމައްޗަށް އައި ބަދަލު ފެނުމުން ނަސީމް ވާހަކަދެއްކިއެވެ. 


(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟