ނަވާރަވަނަބައި
ސޯފާގައި އޮށޯވެގެން އޮތް އަނާރްގެ ދެލޮލުގައިވީ ވަރުބަލިކަމެވެ. މޫނުމަތީގައި އެއްވެސް އަސަރެއްނެތެވެ. އަދިވެސް އޭނާގެ ހަފަރާތުން ވަށާލާފައިވީ ލޯތްބާ އުމުރަށް ވަކިވީ ކަމުގެ ހިތްދަތި އިހުސާސްތަކެވެ. ބަދިގޭގައި ކާއެއްޗެއް ރޯފިލުވަން ހުރި ޝުރޫކް ބޯދިއްކޮށްލާފައި ސިޓިންރޫމަށް ބަލައިލިއެވެ. ގެއަށް ވަންގޮތަށް ސޯފާގައި އޮށޯތް މީހާ އަދިވެސް އޮތީ ހަމަ އޮތް ގޮތަށެވެ. ފޮށިވެސް ކޮޓަރިއަށް ނުވައްދައެވެ. ދަބަސްވެސް ކާޕެޓްމަތީގައި އޮތެވެ. ޓީވީ ވެސް ހުރީ ނިވާލާފައެވެ.
"އަރޫ! އަދިވެސް އޮތީތަ؟ ފެންވެސް ނުވަރަންތަ؟" ފޮތިގަނޑުން އަތް ފޮހެމުން ބަދިގެއިން ނިކުމެގެން އައި ޝުރޫކް ވާހަކަދެއްކިއެވެ.
"އެއްވެސް ކަމެއް ކުރާހިތެއްނެތް. ހުރިހާ ދިމާލަކުން ވެސް ފެންނަނީ ފޫހިކަން" ތެދުވެ އިށީންނަމުން އަނާރް ބުނެލިއެވެ.
"އަހަރެން ހިތަށްއަރާ އަރޫގެ މޫޑު ގެންނަން އަހަރެން ކީއްބާއޭ ކުރަންވީ. ހުވާ މިބުނީ މި އަހަރު އެއްކޮށް ދާނީ މިހާ ފޫހިކޮށް ކަންނޭނގެ" ވަކިން ހުރި ސޯފާއަށް ވެއްޓިގަންނަމުން ޝުރޫކް ބުނެލިއެވެ.
"ކޯޗެއް ހެދީ. އަހަރެން ވަރަށް ބަނޑުހައި" އަނާރް ބުނެލިއެވެ.
"ކޯޗެއް ހެދޭނީ. ކުޑަ ޝޮޕިންއެއް ކޮށްލަން ބޭރަށް ނިކުމެލަންޖެހޭނީ. ގެނައި މަސްދަޅުތަކުން އެއްދަޅު ހަދާފަ އެހެރީ. ފަރާޓާ ހުންނާނެ. ދެންވެސް ދޭބަލަ ފްރެޝްވެލައިގެން އަންނަން. އޭރުންނެއްނު ކެވޭނީ" ޝުރޫކް ބުނެލިއެވެ. އަނާރް ފޮށި ދަމަމުން ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.
***
އެނދުގެ ހެޑްބޯޑުގައި ލެގިގެން އިން ޒައިނާ އިނީ ދެކަކުލުގައި ބޯއަޅާލައިގެންނެވެ. އަޑުނީއްވާ ހިމޭންކަމާއެކު އޭނާ ރޮމުން ދިޔައެވެ. މިއަދު އަބާންގެ ފަރާތުން ފެނިގެން އެދިޔައީ ފެނިދާނެ ކަމަށް ދުވަހަކުވެސް އޭނާ ހީކުރި ކަމެއް ނޫނެވެ. އަނާރް އޭނާ ދޫކޮށްލާފައި ދިޔުން އެއީ އޭނާގެ އަމިއްލަ ކަމެއް ނޫން ހެއްޔެވެ؟
"އަބީ! އެކަމުގަ އަހަރެންގެ ކުށަކީ ކޮބާ؟" ރޮމުން ގިސްލަމުން ޒައިނާ އަމިއްލަ ހިތާ ސުވާލުކުރިއެވެ. ޒައިނާ އެނދުން ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާފައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިއްޖެއެވެ. ދެލޯ ފުރިފައިވަނީ ތާޒާ ކަރުނަ ތަކުންނެވެ. ދެލޮލަށް ރަތްކަމެއް ވެރިވެފައިވާއިރު ނޭފަތުކޮޅު ހުރީ ރަތްކުލައިގައެވެ. ކަރުނަތަކުން ކަރުދަށް ވެސް ވަނީ ތެންމާލާފައެވެ. ނޭފަތުގެ ދެފަރާތުން ރޯގާތައް ތާށިވުމާއެކު ނޭވާލާން އުނދަގޫވެ ފޮށިން ދެތިން ޓިޝޫ ދަމާލައިފިއެވެ. ފާހާނާއަށް އެ ހިފައިގެން ގޮސް ވަންތަނާ ކޮޓަރި ދޮރުގައި ޓަކިޖަހައިލި އަޑު އިވިއްޖެއެވެ.
ޒައިނާ ދޮރުހުޅުވަން ދިޔައީ ނޭފަތް ސާފުކޮށް ދެލޯ ކައިރިވެސް ފޮހެގެންނެވެ. ދޮރުހުޅުވައިލިއިރު ކުރިމަތީގައި ހުރި ޝުބާ ފެނުމުން އޭނާ ހިނިތުންވެލަން މަސައްކަތް ކުރިއެވެ. ޒައިނާ ކިތަންމެ އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އޭނާ ރޮއެފައި ހުރިކަން ޝުބާއަށް އިނގުނެވެ.
"އެކަކުވެސް ކާން ނައި. އަހަރެން އެކަނި އިންނަން ފޫހިވެގެން މިއައީ. ހިނގާ ކާން" ޝުބާ ބުނެލިއެވެ.
"ކޮބާ އުންމިއްތަ؟" ޒައިނާ އެހިއެވެ.
"ސިޓިންރޫމުގަ އެބައިން. ވާހަކަދައްކާ ބަހެއް ނުކިއި. ބައްޕައަށްވެސް ގުޅައިފިން. މިހާރު ބައްޕަ އެބައާދޭ" ޝުބާ ވާހަކަދެއްކިއެވެ.
"ހިނގާ ކާން" ކާހިތްވެފައި ނެތަސް ޝުބާ ބަނޑުހައިވެގެން އައިސް ބުނުމުން ޒައިނާ އެކުގަ ދާން އެއްބަސްވިއެވެ.
"އަސްލު ދޮންބެއަށް ކިހިނެއްވެގެންތަ އެ އުޅެނީ" ހިނގައިގަންނަމުން ޝުބާ އެހި ސުވާލަށް ދޭނެ ޖަވާބެއް ޒައިނާއަށް ނޭނގުނެވެ. އަބާން ކަންތައްކުރި ގޮތް ހިތަށް އެރުމާއެކު އަނެއްކާޥެސް އޭނާ ދެލޯ ފެންކަޅި ވެއްޖެއެވެ.
***
ގަޑިން ރޭގަނޑު ނުވައެއްޖެހުމާ ގާތްވެއްޖެއެވެ. އަނދިރިކަން ފެތުރިފައިވާ ސިޓިންރޫމު ދޮރަށް ތަޅުދަނޑިޖެހި އަޑަށް ސޯފާގައި އިން އުންމީދާ ބުރަކަށި ސީދާކޮށްލައިފިއެވެ. ދޮރުހުޅުވުމާއެކު ނަސީމްގެ ދެލޯ އަނދިރީގެ ތެރެއަށް ހާނުވާލިއެވެ. ކުއްލިއަކަށް އޭނާގެ ހަށިގަނޑުގައި މީހަކު ހިފައިގަތެވެ. އަނބިމީހާގެ ވަސް ނޭފަތުގައި ޖެހުމާއެކު އޭނާ ލޯތްބާއެކު އުންމީދާގެ ބޮލުގައި ފިރުމާލައިފިއެވެ.
"ލައިޓްތައް ޖައްސާނެހާ ހިތްވަރެއްވެސް މަގޭ އަނބިމީހާގެ ނެތީތަ؟" އުންމީދާ އަތުލަފިކޮށް ހިނގައިގަންނަމުން ނަސީމް ވާހަކަދެއްކިއެވެ.
"އަހަރެން ހަނދާނެއްވެސް ނެތް އިރުއޮށްސުނުކަމެއް. އަބާން...!!" ލައިޓްތައް ޖެއްސިގެން ދިޔައެވެ. ނަސީމަށް އުންމީދާގެ މޫނުމަތި ފެނުމާއެކު ކަންތައްތައް ވަރަށް ގޯސްވެއްޖެކަން އިނގުނެވެ. ރަތްވެފައިވާ އުންމީދާގެ ދެލޮލުގައި އަދިވެސް ވަނީ ކަރުނައެވެ.
"ކައިފިންތަ؟" ލޯތްބާއެކު ނަސީމް އެހިއެވެ.
"ނޭނގެ. ދޭބަލަ. ބަލައިބަލަ އެސޮރުގެ ހާލެއް" އުންމީދާ ބުނެލިއެވެ.
ނަސީމް ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ނިދާ ހެދުމުގައި ކޮޓަރިން ނިކުތް ޝުބާ ކައިރީގައި އުންމީދާ ކައިރީގައި މަޑުކުރަން ބުނުމަށްފަހު އޭނަ އަބާންގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.
***
ގޭތެރެ ސާފުކޮށް ހަމަޔަކަށް އަޅުވާލުމަށްފަހު ކުނި ކޮތަޅު ހިފައިގެން އެޕާޓްމަންޓް ބޭރަށް ނިކުތް ޝުރޫކްގެ ލޮލުގައި ކުރިމަތީ ހުރި އެޕާޓްމަންޓް ދޮރުމަތީގައި ހުރި މާބަނޑު އަންހެންމީހާ ފެނި ހުއްޓުން އެރިއެވެ. އެއީ ފްލައިޓް ތެރެއިން ފެނުނު މީހާކަން އިނގުމުން ހިނިތުންވުމެއް ރައްދު ކުރިއެވެ.
"ތި އެޕާޓްމަންޓްގަ ކަރަންޓް އެބަހުރިތަ؟" ރުޝްދާ ހިނިތުންވުމަކާއެކު އަހައިފިއެވެ.
ޝުރޫކް ބޯޖަހައިލިއެވެ. އޭނާ ހިނގައިގަތްވަގުތު ދޮރުމައްޗަށް އެރި ޝުހޭލް ފެނި އަނެއްކާ ހުއްޓިއްޖެއެވެ.
"ޝުރޫކް! ކޮބާ އަރޫ؟ ރަނގަޅުތަ ހުރިހާ ކަމެއް؟ ކަމަކަށް ދަތިވަންޏާ އަންގާލައްޗެ. ހިއެއް ނުކުރަން މިގޮތަށް އެއް އިމާރާތެއްގަ ތިބެވިދާނެ ކަމަކަށް" ހީލަމުން ޝުހޭލް ވާހަކަދެއްކިއެވެ.
"އައި ގޮތަށް ނިދިފަ އޮތީ. ރަނގަޅަށް ނުވެސް ކައި އަދި. އަހަރެން ދަނީ. މިތާ ޝުހޭލް ކައިރީގަ އަހަރެން ހުރިކަން އިނގުނިއްޔާ ވަރަށް ކަންތައްތައް ގޯސްވާނެ" ކުނި ކޮތަޅު ބޮޑު ޑަސްބިނަށް ވައްޓައިލުމަށްފަހު ބާރު ހިނގުމުގައި ހިނގާފައި ގޮސް ޝުރޫކް އެތެރެއަށް ވަނެވެ. އެމަންޒަރު ބަލަން ހުރި ރުޝްދާގެ މޫނުމަތީގައިވަނީ ޙައިރާންކަމެކެވެ.
"ހިނގާ. ކަރަންޓް އައިތާ ކޮންއިރެއް؟" ރުޝްދާގެ ކޮނޑަށް އަތް އެއްލަމުން ޝުހޭުލް ބުނެލިއެވެ. ޝުހޭލް އާ އެކުގައި އެތެރެއަށް ވަންއިރުވެސް އޭނާ ޙައިރާންކަމާއެކު ޝުހޭލަށް ބަލަމުން ދިޔައެވެ.
***
ނަމާދު ވަގުތަށް އަނާރަށް ހޭލެވުނުއިރު އޭނާގެ ސިކުނޑި އެއްކޮށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ދެލޯ ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް އޭނާއަށް ފެނިގެންދިޔައީ އަބާންގެ ތަސްވީރެވެ. އެވަގުތު އޭނާގެ ހަޔާތުގައި އަބާން ނެތްކަން ހަނދާންވެ މުޅި ނަފްސު މަރުވެގެންދިޔަ ކަހަލަ އިހުސާސެއް ވިއެވެ. މޭތެރޭގައި އޮތް ހިތް ރޯލި އަޑު އިވިލިއެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. އެނދުން ތެދުވެ ވުޟޫކުރަން ވަނުމުގެ ކުރިން ފޯނު ނަގާފައި ބަލައިލިއެވެ. އުމެއިރާ އާއި ޝެޒާ ގުޅާފައި އޮތްކަން އިނގުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"މެޑަމް! ނަމާދުކޮށްގެން އާދޭ ކާން" ކޮޓަރި ދޮރު ހުޅުވާލާފައި ވަން ޝުރޫކް ބުނެލިއެވެ. އަނާރް ހީލިއެވެ.
***
ހެޑްބޯޑުގައި ލެގިލައިގެން ދެކަކުލުގައި ބޯއަޅައިގެން އިން އަބާން ބޯހިއްލާލީ ކޮޓަރިއަށް މީހަކު ވަންކަން އިނގުމުންނެވެ. މަޑުމަޑުން އޭނާ އާ ގާތަށް އައި ނަސީމް ފެނުމުން މިފަހަރު އެއްޗެއް ނުބުނެއެވެ. ނަމަވެސް ބޮޑުވެފައިވާ ފިރިހެން ދަރިފުޅުގެ ދެލޯ ފެނި ނަސީމް ވަރަށް ހިތްވަރުކުރިއެވެ. ވެގެން އުޅޭ ގޮތެއް އިނގޭނީ ދަރިފުޅު ފަދައިން ފިނޑިވެގެން ނޫންކަން ނަސީމަށް އިނގެއެވެ.
"ދަރިފުޅާ!" އަބާންގެ މަގަތުން އިށީނދެ ކަކުލުގައި އަތް ޖައްސައިލަމުން ނަސީމް ގޮވައިލިއެވެ.
"އަޅުގަނޑަށް އެއްވެސް މީހަކު އުނދަގުނުކުރޭ. މިގޮތަށް ބައިންދަބަލަ" ބޯހިއްލާނުލާ އަބާން ބުނެލިއެވެ.
"އެކަމަކު... ވީގޮތެއް ބުނީމަ ބައްޕައަށް އެހީއެއްވެވޭނީ..." ނަސީމް ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ އޯގާތެރިކަމެވެ.
"ޕްލީޒް ބައްޕާ! އިހަށް މިތަނުން ދޭ" އަބާން ބުނެލިއެވެ. ބޯހިއްލާނުލާ އިން އަބާން މޫނުގެ ދަށުން ގޮދަޑި މައްޗަށް ކަރުނައެއް ފައިބައިގެންދިޔަ ތަން ފެނި އެވަގުތުވެސް އަބާން ރޮނީކަން ނަސީމަށް އިނގުނެވެ. އޭނާގެ ހިތުގައި ރިއްސައިލިއެވެ. އަންހެންކުއްޖެއް ދަރިފުޅުގެ ދިރިއުޅުމަށް އައިސް ބޮޑު ކަންތައްގަނޑެއް ހިނގައިފިކަން އޭނާގެ ސިކުނޑި ދެނެގަތެވެ. އަބާން ބުނި ފަދައިން އެއްވެސް ސުވާލެއް ކުރުމެއްނެތި އޭނާ މަޑުމަޑުން ތެދުވެގެން ދިޔައެވެ.
ކޮޓަރިން ނަސީމް ނިކުތުމާއެކު އުންމީދާ އައިސް އަތުގައި ހިފައިފިއެވެ. އަނބިމީހާގެ މޫނަށް ނަސީމް ބަލައިލިއެވެ. އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. އެހިނދު އަބާންގެ ފަރާތުން އެއްވެސް ކަމެއް ނޭނގުނުކަން އުންމީދާއަށް އިނގުނެވެ.
"ދަރިފުޅު ދޭ ނިދަން" ދެމަފިރިން ކައިރީގައި ހުރި އަންހެންދަރިފުޅަށް ނަސީމް ބުނެލިއެވެ. ޝުބާ ހިނގައިގަތުމުން އަނބިމީހާ ގޮވައިގެން ނަސީމް ކޮޓަރިއަށް ވަދެއްޖެއެވެ.
"އެއްވެސް ކަމެއް ގޯސްކޮށް ނުވިސްނައްޗޭ. އިހަށް އެސޮރަށް ވަގުތު ދީ. މާދަމާވެސް ހާލަތު ބަދަލުވެދާނެ" ނަސީމް އުންމީދާއަށް ވިސްނައިދިނެވެ.
***
އޮފީސް ކައިރީގައި ހަނީފް މަޑުކޮށްލައިގެން އިނީ ފަޔާޒް އަންނަންދެނެވެ. ފަޔާޒަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ދުނިޔޭގައި ތިބީ ހަމައެކަނި އެދެބެންނެވެ. މާގިނައިރު އިންތިޒާރުކުރަން ނުޖެހުނެވެ. ސައިކަލުގައި ފަޔާޒް އައިސް މަޑުކޮށްލައިފިއެވެ.
"ކުޑަކޮށް ލަސްވެއްޖެ ދޯ. އާހިލް ސައިކަލް ހަލާކުވެފަ ހުރީމަ އޭނަ ތަނަކަށް ލާފަ މިއައީ" ފަޔާޒްް ބުނެލިއެވެ.
"ހިނގާބަލަ ކެފޭއަށް އަރަން" ފަޔާޒްގެ ކޮނޑަށް އަތްލަމުން ހަނީފް ބުނެލިއެވެ.
ތިންބުރިއަށް ހިއްލާފައިވާ އިމާރާތުގެ ދެވަނަ ފްލޯރގައި ހުންނަ ކެފޭއަށް އަރައި ދެބެން ހަމަޖެހިލިއެވެ. ކޮފީއަށް އޯޑަރުދިނުމަށްފަހު ފަޔާޒް ފުން ނަޒަރަކުން ހަނީފަށް ބަލައިލިއެވެ.
"ހީވޭ ވަރަށް މުހިންމު ވާހަކައެއްހެން ބުނަން ތިއުޅެނީ" ހީލަމުން ފަޔާޒް ބުނެލިއެވެ.
"ވަރަށް ބޮޑު. ބޭބެ ކައިރީގައި އަދި މިހާތަނަށް ފަޔާ ދޮގެއް ހަދާފައެއްނެތް. އެހެންވީމަ މިއަދުވެސް ދޮގެއް ނުބުނާނެކަމަށް ބޭބެ އުންމީދުކުރަން" ހަނީފް ބުނެލިއެވެ. ފަޔާޒްގެ މޫނުމައްޗަށް މަޑުމަޑުން ބަދަލު އައެވެ. ހަނީފް ދައްކަން އުޅޭ ވާހަކައިގެ ސީރިޔަސްކަން އޭނާއަށް އިހުސާސްވެއްޖެއެވެ. އެހެންނޫނަމަ މަސައްކަތުގެ މެދުތެރެއިން ވަގުތު ހުސްކޮށްގެން ކެފޭއަށް އޭނާ ނައީހެވެ.
"ބުނޭ. ﷲ އިރާދަކުރެއްވިއްޔާ ދޮގެއް ނަހަދާނަން" ޔަޤީންކަމާއެކު ފަޔާޒް ބުނެލިއެވެ.
"އެހެންވިއްޔާ ބުނެބަލަ. މީގެ އަހަރުތަކެއް ކުރިން ފެށިގެން ފަޔާ ގެނގުޅުނު 'އެސް' އަކުރެއް ޖަހާފައި އިން ސްކާފްގެ ހަގީގަތަކީ ކޮބާ؟ އޭރުގަވެސް ބޭބެ އެހިން. މިއަދުވެސް ވަރަށް ބޮޑަށް އެކަން ހަނދާން އެބަހުރި" ހަނީފް ވާހަކަދެއްކިއެވެ. ފަޔާޒްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. މާޒީގެ ފުން ޚިޔާލުތަކެއްގެ ތެރެއަށް އޭނާގެ ސިކުނޑި މިސްރާބުޖަހަން އުޅުނެވެ. ނަމަވެސް ދެފަރާތަށް ބޯހޫރާލާފައި އޭނާގެ ނަޒަރު ކުރިމަތީގައި އިން ހަނީފަށް ހުއްޓާލައިފިއެވެ.
"އެއްގޮތަކަށްވެސް ކަންބޮޑުނުވޭ. މާޒީގައި ކިތަންމެ ބޮޑު ގޯހެއް ހެދިފައި ވީނަމަވެސް އެކަމަކުން މުސްތަގުބަލަށް ކުރާނެ އަސަރެއް ނޯންނާނެ. އެއީ އެމީހަކު ހިތްވަރާއެކު ދިރިއުޅެން މަސައްކަތް ކުރިއްޔާ" ހަނީފް ވާހަކަދެއްކިއެވެ.
"ތިސުވާލަށް ޖަވާބުދީފާނަން. އެކަމަކު އޭގެކުރިން އަހާލަން ބޭނުން ތިސުވާލު މިހާ ދުވަސްފަހުން ބޭބެ ކުރަން ޖެހުނު ސަބަބެއް" ފަޔާޒް ބުނެލިއެވެ.
"އާކާޝް ކުއްޖަކުދެކެ ލޯބިވެއްޖެ. އެމަންޖެ އާ ކައިވެނިކުރަން އެބަ ބޭނުންވޭ. އެމަންޖެގެ ފޮޓޯ އެންމެންނަށް ދައްކައިފި. އެފޮޓޯ ބޭބެވެސް ބަލައިފިން. މިހެން ބުނާކަށް ބޭނުމެއްނޫން. އެކަމަކު ހަމަ ޝައްކެއްވާތީ. ބުނެބަލަ. އެކަހަލަ ކަމެއް ވެދާނެތަ؟" ފަޔާޒް ދެލޯ ބޮޑުކޮށްގެން ހަނީފަށް ބަލަން އިނެވެ. މާޒީގައި އޭނާއަށް ކުރެވުނީ ފާފައެއް ނޫނެވެ. ނަމަވެސް ކުރެވުނީ އޭނާ ފާފަވެރި ނުވާނެ ވަރުގެ ކަމެއްވެސް ނޫނެވެ. ހަމައެކަނި ލޯބިދޭންޖެހޭނީ އުމުރުން ވިހި އަހަރު ގުނަމުން ދާ އެއްމާބަނޑު ދެފިރިހެން ދަރިިންނަށް ނޫންކަން އޭނާއަށް އިނގެއެވެ. އަންހެންދަރިއަކު ދޫކޮށްލެވިއްޖެކަން އޭނާ ހަނދާންވިއެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ހަނީފް ބަލަހައްޓައިގެން އިންދައެވެ.
"އެހެންވީމަ ބޭބެ އާ ފަހަރިއަށް މި ހީކުރެވުނީ ރަނގަޅަށްތާ" ހަނީފް ބުނެލިއެވެ.
***
ކުރިމަތީގައި ހުރި ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން އަނާރް އިނެވެ. އޭނާ އާ ޖެހިގެން އިން ޝުރޫކް އުނގުމަތީގައި ހުރިި ލެޕްޓޮޕަށް ބަލަހައްޓައިގެން އިނެވެ. އެވަގުތުވެސް އޭނާ އިނީ ލޯބިވެރިޔާ އާ ވާހަކަދައްކާށެވެ.
"ކޮންތާކަށް؟" ކުއްލިއަކަށް އަނާރް ތެދުވެގެން ހިނގައިގަތުމުން ޝުރޫކް އެހިއެވެ.
"ބަދިގެއަށް. މިރެއަށް ރަނގަޅު އެއްޗެއް ހަދަން" އަނާރް ބުނެލިއެވެ.
"ކީއްކުރަން. އަހަރެން ކަނީ އޭނަ އާ އެކު ބޭރުން. އަރޫވެސް ދާންވީނުން" ޝުރޫކް ބުނެލިއެވެ.
"ހެހެހެ.. ދެ ލޯބިވެރިންގެ މެދުގައި އަހަރެން އިންނަންވީ ތިދެމީހުން ދައްކާ ވާހަކަތަކާ ކުރާ ކަންތައްތައް ސިއްރުން ބަލަންތަ؟ ކޮންމެހެން އަހަރެން ގެންދާނެކަމެއް ނެތް. އަހަރެން މިތާ ބައިންދާ" އަލުން ގޮނޑީގައި އިށިންނަމުން އަނާރް ބުނެލިއެވެ.
"އެކަމަކު އަރޫ އެކަނި ބައިންދާފަ ދާން އަހަރެން ވަރަށް ކަންބޮޑުވޭ" ޝުރޫކް ބުނެލިއެވެ.
"އޯ މެޑަމް! އަހަރެން މިތާ އެކަނި ބައިންދާފައި ތިދެމީހުން ރޮމޭންސްކުރަން ތަންތަނަށްދާ ފުރަތަމަ ފަހަރެއް ނޫނެއްނު މީ. އަހަރެން ބިރެއްނުގަނޭ. ޔުނިވަރސިޓީ ހުޅުވުނީމަ ނޫނީ ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އަޅަންވެސް އަހަރެން ބޭނުމެއްނޫން" އަނާރް ބުނެލިއެވެ.
"ކަމެއްވެގެނޭ މިހެން މިބުނީ" ޝުރޫކް ބުނެލިއެވެ.
"ޑްރާމާ ކްއީން. އަހަރެން ނޫޅެން ދާކަށް. އަހަރެން މިދަނީ ޕާސްތާގަނޑެއް ހަދަން. އަހަރެން ކަހަލަ ނަސީބެއްނެތް ކުދިން ކާނީ އެކަނި" އަނާރް ހިނގައިގަތުމުން ޝުރޫކް ބަލަހައްޓައިގެން އިނެވެ. ދޮރުމަތީގައި އޭނާ އެންމެ ނަފްރަތުކުރާ އިންސާނާ އުޅޭ ވާހަކަ ބުނަން ޝުރޫކަށް ނުކެރުނެވެ. ދިރިއުޅޭ ތަން ބަދަލުކުރަންވެސް އަނާރް ފަހެއް ނުޖެހޭނެކަން އޭނާއަށް އިނގެއެވެ.
***
ބެލަކނީގެ ކުޑަ ފާރުކޮޅާ ދިމާލަށް ރުޝްދާ ދިޔައީ ހިތްގައިމު ރާގެއްގެ އަޑު އިވޭތީއެވެ. ދިވެހި ލަވައެއްގެ ރާގު އޭނާއަށް ކުރިންވެސް ވަނީ އިވިފައެވެ.
"ކޮއްކޮތަ...؟" ފާރުކޮޅުމަތީގައި އިށީނދެގެން އިން ޝުހޭލް ފެނުމުން ރުޝްދާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝުހޭލް ހީލިއެވެ. އަތުގައި އޮތް ގިޓާ ފާރު ކައިރީގައި ލައްކޮށްލާފައި އެތެރެއަށް ދެފައި އެލުވާލާފައި ފާރުކޮޅުމަތީގައި ހަމަޖެހިލިއެވެ.
"ފޫހިވާތީ. ހިތަށް އެރީ މިއަދު ގިޓާ ކުޅެލާނީއޭ" ޝުހޭލް ބުނެލިއެވެ.
"ލޮލުގެ ޖަޒްބާތުން. ޤަތުލުނުކުރާށޭ.... އެލަވަ. ކޮންމެސް ގުޅުމެއް އެބައޮތް. ބުނެބަލަ. އެ ގާރލް އާ ގުޅުން ހުރި ލަވައެއް ދޯ" ގޮނޑީގައި ޖައްސައިލަމުން ރުޝްދާ އެހިއެވެ.
"ހޫމް. ލަވައަކަށް ހަމައެކަނި އަހާ ލަވަ އެއީ. ދޮންއަށް އިނގޭތަ. ވަރަށް ލޯބި ހަނދާނެއް އެއީ. ދުނިޔެއިން މަށަށް ފެނުނު އެންމެ ފުރިހަމަ އަންހެންކުއްޖާ އަނާރް. ވަރަށް ރީތި ލޮލެއް އިންނާނީ. އަހަރެންނަށް އެންމެ ފުުރަތަމަ ނަޒަރުންވެސް އޭނާގެ ދެލޯ ކަމުގޮސްފި" ހުވަފެނީ ގޮޮތަކަށް ޝުހޭލް ވާހަކަދެއްކިއެވެ.
"ހޫމް... އިނގިއްޖެ. ދޮންއަށްވެސް އެކުއްޖާގެ ދެލޯ ވަރަށް ރީތިވި. ފިހާރައިން ފެނުނު ގަޑީގަ" ރުޝްދާ ބުނެލިއެވެ.
"ދެން ކިޔާދޭންވީނުން އެވާހަކަ" ރުޝްދާ ބުނެލިއެވެ. ޝުހޭލް ފާރުމަތިން ފުންމައިލިއެވެ. އަނާރްގެ ވާހަކަދައްކަން އޭނާ ހިތަށް ތަދުވިއެވެ. ނަމަވެސް އެވާހަކަތައް ލޯބިވާ ދޮންތަ އާ ހިއްސާކުރަން ބޭނުންވިއެވެ.
***
ދެބެން އެކުގައި ކެފޭއިން ނިކުމެގެން އައިސް ފަޔާޒް ސައިކަލަށް އަރާފައި ހަނީފަށް ބަލައިލިއެވެ.
"ކުރެވުނު ކަމެއް ކުރެވުނީ މީގެ ތޭވީސްއަހަރު ކުރިން. މައްސަލައަކީ އިންމީހާއަށް ދަރިއަކު ލިބެން އުޅޭކަން އިނގި ރަހުމުކުޑަ ކޮށްލާފަ އައިކަން. އަދި އެކަން އަހަރެންނަށްވެސް އަދި ބައްޕައަށްވެސް ސިއްރުކުރިކަން. މިހުނާއަށްވެސް ކިޔައިނުދިނީމަ ކުޑަކުޑަ މައްސަލައެއް ނިކުމެދާނެ. އެކަމަކު އެކަން ރަނގަޅުކުރަންވީ ވަގުތު އައިސް ޖެހިއްޖެ" ފަޔާޒްގެ ބުރަކަށީގައި ފިރުމައިލަމުން ހަނީފް ވާހަކަދެއްކިއެވެ.
"ތެދަށް ބުނަންޏާ ހަނދާންވޭ. އެކަމަކު ނޭނގެ ވީގޮތެއް. އޭރު ބައްޕަދެކެ ޖެހިލުންވީވަރުން އެރަށުގައި ހުރެފަ އަވަހަށް މާލެ އައީ. އެކަމަކު މިހާރު އުފާއެބަވޭ އެއީ ހަލާލު ދަރިއެއްކަން އިނގުނީމަ" ފަޔާޒް ވާހަކަދެއްކިއެވެ. އޭނާގެ އަޑުން އެކަނިވެސް މިހާރު އޭނާ ކަންބޮޑުވެފައިވާ މިންވަރު އިނގެއެވެ.
"މިރޭ މިހުނާއަށްވެސް އަދި އާހިލް އާ ރާހިލްއަށް ތިވާހަކަތައް ކިޔައިދޭތި. އެމަންޖެ އާ ބައްދަލުކުރަން ދާއިރު އާއިލާ ހަމައަށް ތިބެން އަހަރެން ބޭނުން" ހަނީފް ބުނެލިއެވެ. ފަޔާޒް ބޯހަޖައިލިއެވެ.
***
ދުވަހުގެ މެންދުރުވާން ކައިރިވިއިރުވެސް އަބާން ކޮޓަރިން ނުނިކުމެއެވެ. ނަސީމް ހިފައިގެން ދިޔަ ޖޫސްތަށި ނޫން އެހެން އެއްވެސް އެއްޗެއް އޭނާގެ އަރުން އެތެރެއަށް ނުލައެވެ. ޒައިނާގެ ހަބަރެއް ނުވާތީ އެކަމާ ވެސް އުންމީދާ ވިސްނަމުން ދިޔައެވެ. އޭނާ އިނީ ޒައިނާގެ ކުރިމައްޗަށް އަރަންވެސްް ނުކެރިފައެވެ. އަބާން ކަންތައްކުރި ގޮތުން ޒައިނާ ހިތުގައިޖެހޭނެ ވަރު އޭނާއަށް އިހުސާސްވެއެވެ.
ޝުބާ ހުޅުވާލި ދޮރުން އެތެރެއަށް ވަން ސައިފް ފެނުމާއެކު ސޯފާގައި ތިބި އުންމީދާ އާ ނަސީމް އެކީގައި ތެދުވިއެވެ. ނަސީމަށް ވުރެ ކުރިން ސައިފާ ދިމާލަށް ހިނގައިގަތީ އުންމީދާއެވެ. ވާނުވާ ނޭނގި ސައިފްގެ މޫނުމަތީގައިވީ ކަންބޮޑުވުމެވެވެ.
"ވަޓްސް ރޯންގް. އަބީ ކޮބާ؟ ފޯނަކަށް ނުވެސް ގުޅޭ" ސައިފް ވާހަކަދެއްކިއެވެ. އެވަގުތު ނަސީމް އައިސް ސައިފް ކައިރީގައި ހުއްޓިއްޖެއެވެ.
"އަބީ ކޮޓަރީގަ ވެއްޖެ. އިއްޔެއިން ފެށިގެން ވަރަށް ފާޑެއްގެ ގޮތަކަށް އުޅެނީ. އެއްވެސް މީހަކު އެ ކޮޓަރިއަށް ވަންނަން ހުއްދައެއް ނެތް. ހާއްސަަކޮށް ޒައިނާ. އެއްވެސް އަންހެނެއް ނުވަންނާށޯ ބުނީ. އަހަރެންވެސް ނުވަންނަން" އުންމީދާ ވާހަކަދެއްކިއެވެ.
"ކިހިނެއްވީ އަބީއަށް؟ އަހަރެން ވަންނަންތަ؟" ޙައިރާންކަމާއެކު ސައިފް ބުނެލިއެވެ. އުންމީދާ ބޯޖަހައިލިއެވެ.
"އިހަށް މަޑުކޮށްބަލަ" ނަސީމް ބުނެލިއެވެ. ސައިފް އެނބުރި ނަސީމަށް ބަލައިލިއެވެ.
"އަބާން އުޅުނީ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންތަ؟" ނަސީމް ސުވާލު ކުރިއެވެ. ސައިފް ބޯޖަހައިލިއެވެ. ނަސީމާ އުންމީދާ އެކަކު އަނެކަކަށް ބަލައިލިއެވެ.
"ދޭބަލަ. އަބާންގެ އަނގަ ހުޅުވޭނީ ހަމައެކަނި ސައިފަށް" އުންމީދާ ބުނެލިއެވެ. ސައިފް ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އަބާންގެ ކޮޓަރީ ދޮރުހުޅުވައިލިއެވެ. އެނދުގައި އިން އަބާނަށް ސައިފް ފެނުމާއެކު އިސްއުފުލާ ބަލައިލިއެވެ. ބަހެއްނުކިޔާ އިނީ ސައިފް ކައިރިވަންދެނެވެ.
"އޭނާގެ އެއްވެސް ހަބަރެއް އަހަރެންނަށް ދީގެންނުވާނެ. މަޔޫރާވެސް މަރުވެއްޖެ. އަނާރްވެސް މަރުވެއްޖެ. އެއީ އަނިޔާވެރިިން. އެދެމީހުންގެ ފަރާތުންވެސް އަހަރެންނަށް ލިބުނީ ހިތްދަތި ހަނދާންތަކެއް. އެންމެން އަހަރެންނަށް އެހެން ހަދަން ކޮބާތަ އަހަރެންގެ ކުށަކީ...؟" އަބާން ވާހަކަދެއްކިއެވެ. އޭނާގެ އަޑު އައީ ކުރެހިގެންނެވެ. އަދިވެސް ދެލޯ ފުރިފައި ވަނީ ތާޒާ ކަރުނަތަކުންނެވެ.
(ނުނިމޭ)