އަށާރަވަނަބައި
ފްލައިޓް އުދުއްސައިލުމާއެކު އަނާރްގެ ރުއިން ގަދަވެގެން ދިޔައެވެ. އޭނާ މޫނުމަތީގައި އަތް އަޅައިފިއެވެ. އެ އަޑު ކައިރިން އިވެމުންދާ ވަރަކަށް ޝުހޭލްގެ ހިތުގައި ރިއްސަމުން ދިޔައެވެ. އަނެއްފަރާތަށް މޫނު އަނބުރައިލުމުން ހިތާ ދިމާއިން މޭގައި ފިރުމާލައިފިއެވެ.
"ކީއްވެތަ އަހަރެންދެކެ ތިހާވަރަށް ލޯބިނުވީ" ޝުހޭލް ޝަކުވާ ކުރީ އޭނާގެ ހިތާއެވެ.
ދަތުރުކުރަންވީ މިސްރާބަށް ފްލައިޓް އަނބުރާލާލުމާއެކު ކަމަރުތައް ނައްޓުވަން ކުރޫއިން އެންގިއެވެ. އެއާއެކު ޝުހޭލް ކަމަރު ނައްޓުވާލާފައި ކެޕް ހިއްލާލާފައި އަނާރްގެ މޫނުން ކުޑަ މިންވަރެއް ވިޔަސް ފެނޭތޯ ބަލައިލިއެވެ. ޝީޓުގައި ބޯއަޅާލައިގެން ދެލޯމެރިފައި އޮތްއިރު އަދިވެސް އޭނާގެ ދެލޯ ކައިރިން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ޝުރޫކް ބަލައިލަން އުޅޭހެން ހީވެގެން އަވަހަށް ކުރިން އިނގޮތަށް ހަމަޖެހިލިއެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ޖީބަށް އަތްލާފައި ފޯނެއް ނަގައިފިއެވެ. އަރިމަތީ އިން ފިތަކަށް އޮށްބާލުމާއެކު ފޯނު ދިއްލިއްޖެއެވެ. އަބާންގެ ކަރުގައި ފަހަތުން ބައްދާލައިގެން އިން އަނާރަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. އަނާރްގެ ތުންފަތްމަތީގައިވި ފަރި ހިނިތުންވުން ފެނި ބޭއިޚްތިޔާރުގައި އޭނާއަށް ވެސް ހިނިތުންވެވުނެވެ.
"އަބާން! ކީއްވެ އަހަރެންގެ އަރޫގެ ހިތް ހަލާކުތިކޮށްލީ" ޝުހޭލް ހިތާހިތުން ބުނެލިއެވެ.
އެ ފޯނު އޭނާއަށް ލިބުނުއިރު އެއީ އެއްގޮތަކަށްވެސް އަބާންގެ ފޯނު ކަމެއް ނޭނގެއެވެ. ރުޝްދާ މަގުމަތިން ހޮވައިގެން ގެނައި ފޯނު ހަވާލުކުރީ ޝުހޭލާއެވެ. އޭގައި އަނާރްގެ ތަސްވީރު އިންކަން އިނގުމުން އޭނާ ފުލުހުންނާ ފޯނު ހަވާލުކުރަން ބޭނުންނުވީއެވެ. ފުރަން ވަގުތުކުޑަތަންވެފައި އޮތުމުން ފޯނުގެ ވެރިފަރާތް ހޯދަންވެސް އޭނާއަށް ނޫޅެވުނީއެވެ.
***
ބަދިގެތެރޭގައި މަސައްކަތެއްގައި ހުރި އުންމީދާ ސިހިގެން ދިޔައީ ކޮޓަރިތެރެއިން އިވުނު ބާރުގަދަ އަޑުފަށްގަނޑަކުންނެވެ. އަތުގައި އޮތް ވަޅި ތިރިއަށް ދޫކޮށްލާފައި ދޮރާ ދިމާލަށް ދުއްވައިގަތެވެ. ބެލްކަނީގައި ފޯނެއްގައި ހުރި ނަސީމްވެސް ކުއްލިއަކަށް އެތެރެއަށް ވަދެއްޖެއެވެ
"ކޮންއަޑެއް؟" އުންމީދާ ނަސީމް ކުރެން އަހައިލިއެވެ. ކޮޓަރިން ނިކުތް ޒައިނާވެސް ޙައިރާންކަމާއެކު އުންމީދާގެ މޫނަށާއި ނަސީމްގެ މޫނަށް ބަލަމުން ދިޔައެވެ.
"ބޭރަކުން ނޫން. މިގޭތެރެއިން" ނަސީމް ބުނެލިއެވެ.
"ހީވީ އެއްޗެހިތަކެއް ވެއްޓި ތެޅުނު އަޑުހެން. އެއްވެސް ކުއްޖަކު ގޭގަ ހުރީކީ ނޫން" އުންމީދާއަށް އެހިސާބަށް ބުނެވުނުތަނާ އަނެއްކާވެސް އަޑުފަށްގަނޑެއް އިވިއްޖެއެވެ. އެއްޗަކުން ބިއްލޫރިތަކެއްގައި ތަޅާކަހަލަ އަޑެކެވެ. މިފަހަރު އަޑުއައި ދިމާލަށް ހުރިހާ މީހުންނަށް ބަލައިލެވުނީ އެކީގައެވެ.
"އަބާން... އަނެއްކާ ކިހިނެއްވީބާ؟" އުންމީދާ ބުނެލިއެވެ.
"ނޭނގެ. އަހަރެން އޮފީހުން ނިކުތްއިރު އިން އޮފީހުގަ. ވަރަށް ފަތިހާ މިއަދު ރައްޓިއްސަކު ފުރުވާށޭ ކިޔާފަ އެއަރޕޯޓަށް ދިޔަކަން އިނގޭ. އޭގެފަހުން ފާޑަކަށް އިނީ" ނަސީމް ބުނެލިއެވެ. އުންމީދާ އެ ކޮޓަރި އާ ދިމާލަށް ދުއްވައިގަތެވެ. ތަޅުގައި ހިފައިލި ނަމަވެސް އެތެރެއިން ތަޅުލާފައި ހުރުމުން ހުޅުވޭގޮތެއް ނުވިއެވެ. އުންމީދާ ދޮރުގައި ތަޅަން ފެށިއެވެ.
ތަންކޮޅެއް ފަހަތުގައި ހުރި ޒައިނާގެ މޫނުމަތީގައިވީ މާޔޫސްކަމެވެ. އަބާނަށް އެއައި ބަދަލުގެ ފަހަތުގައިވާ ސަބަބު އޭނާއަށް އިނގެއެވެ. އޭނާ ދެރަވަނީ އެލޯބި އަބާނަށް އޭނާދެކެ ނުވެވުނީތީއެވެ.
"ދަރިފުޅާ އަބާން. ދޮރުހުޅުވަބަލަ" ދޮރުގައި ތަޅަމުން އުންމީދާ ގޮވަމުން ދިޔައެވެ.
"އަބާން...އަބާން. ދަރިފުޅާ ބައްޕައޭ. ދޮރުހުޅުވަބަލަ" ތަންކޮޅެއް ބާރަށް ދޮރުގައި ޖަހައިލަމުން ނަސީމް ގޮވަން ފެށިއެވެ.
"އަނެއްކާ މަގޭ ދަރިއަށް ކިހިނެއްވީބާ...؟" އުންމީދާއަށް ރޮވެން އުޅުނެވެ. އޭނާ ބާރަށް ހިނގާފައި ގޮސް ހުއްޓުނީ ދުރުގައި ހުރި ޒައިނާ ކުރިމަތީގައެވެ.
"ޒައިއަށް އިނގޭތަ ވީގޮތެއް. ތިދެކުދިންގެ މެދުގައި މައްސަލައެއް ޖެހުނީތަ؟" އުންމީދާ ފެށި ވާހަކައަކުން ޒައިނާއަށް ލަދުވެތިކަމެއް އިހުސާސްވިއެވެ. އަބާން އާއި އޭނަ އާ މެދު މައްސަލައެއްޖެހޭނީ އެދެމެދުގައި ގުޅުމެއް އުފެދުނު ނަމައެއް ނޫން ހެއްޔެވެ؟
"ނެ.. ނޭނގެ. އަބީ ރޭގަވެސް ވަރަށް ހަމަޖެހިފަ ހުރީ" ޒައިނާ ބުނެލިއެވެ.
"ކޮންމެސްކަމެއް ގޯސްވެއްޖެ.. އުންމީ ތަޅުދަނޑި ގެނެސްބަލަ" ދޮރުކައިރީގައި ހުރި ނަސީމް ބުނެލިއެވެ.
އުންމީދާ ދުވެފައިކަހަލަ ގޮތަކަށް އޭނާގެ ކޮޓަރި އާ ދިމާލަށް ދުއްވައިގަތެވެ. ގޭ ހުރިހާ ތަޅުދަނޑި ހިމެނޭ ވަރުގަދަ ތަޅުދަނޑިފަތި ހިފައިގެން ދުވެފައި އައިސް އަބާންގެ ކޮޓަރި ދޮރުމަތީގައި ހުއްޓިއްޖެއެވެ. ތުރުތުރުއަޅަމުން ދިޔަ އަތުން އެކޮޓަރީގެ ތަޅުދަނޑި ވަކިކޮށް ތަޅަށް ހެޔޮވަރު ކޮށްލިއެވެ. އެތެރެއަށް ދޮރުހުޅުވިގެން ދިޔުމާއެކު އެތެރެއަށް ނަސީމާ އުންމީދާ އެކީގައި ދެމިގަތެވެ. ނަމަވެސް އެތެރެއިން ފެނުނު މަންޒަރުން ދެމަފިރިން ހުއްޓުންއެރިއެވެ. ކޮޓަރި ތެރޭގައި ހެދިފައިވާ ލޭގެ ކޯރު ފެނު އުންމީދާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
***
ދޮރުން ވަދެގެން އައި ފިރިހެންކުއްޖާ ފެނި ކޮޓަރިން ނިކުތް ޖިޔާނާ ހީލައިފިއެވެ. ފިރިހެންކުއްޖާގެ ކަރުގައި އަޅުވާފައި އޮތް ކެމެރާ ނަގަން އުޅުނު ވަގުތު އޭގެ ވާގަނޑުގައި ކުޑަކުޑަ އަތަކުން ހިފައިފިއެވެ.
"އަލްކޮ ބޭނުންވީ. ދޫކޮށްލާ ދަރިފުޅު. ދޮންބެގެ ކެމެރާ ހަލާކުވެދާނެ" ދޮރުމަތީގައި ހުރި ޖިޔާނާ ބުނެލިއެވެ.
"އަހަރެން ހިތަށްއަރާ ކެމެރާ ހިފައިގެން ކޮލެޖަށް ދާން ހުއްދަ އޮންނަނީ އައްކިއަށް އެކަނިބާއޭ" ބެލްކަނީގައި ގަސްތަކަށް ފެންދޭން ހުރި ޔުސްރާ ވާހަކަދެއްކިއެވެ.
"އޯ މަންމާ. ކާކު މެނޭޖްމަންޓަކީ. ހާއްސަ ހުއްދައެއް އޮންނަންވާނެއްނު" އާކާޝް ހީލާފައި ތިރީގައި ހުރި އަލްވިން އުރާލާފައި ކޮލުގައި ބޮސްދީފިއެވެ.
"އިނގެއޭ. އެކަމަކު ދަރިފުޅާ. ކޮންމެ ތަނެއްގެވެސް ގަވައިދުތަކެއް އޮންނާނެ" ފެންހޮޅި ދުރުގައި ބާއްވާފައި ޔުސްރާ އައިސް އާކާޝް ކުރިމަތީގައި ހުއްޓުނެވެ.
"ސޮރީ އޭ މަންމާ. އިނގެއެއްނު ކަމެއްވީމަކަން ގެންދިޔައީ. މިއަދު މިއައީ ކާމިޔާބުކޮށްގެން. ހުރިހާ މައުލޫމާތެއް ހޯދައިފިން. މަންމަ އެކަމާ އުޅެދީބަލަ" ޔުސްރާގެ ކޮނޑުގެ ދެފަރާތުގައި ހިފައިލަމުން އާކާޝް ވާހަކަދެއްކިއެވެ.
"ދައްކަބަލަ މަންމަ ބަލައިލަން. މަންމަ ބޭނުން އެ މަންޖެއަކީ މަންމަގެ އައްކި އާ ހުރިހާ ގޮތަކުން ގުޅޭ ކުއްޖެއްތޯ ބަލަން" ހީލަމުން ޔުސްރާ ބުނެލިއެވެ.
"އޯކޭ. އެކަމަކު އޭގެކުރިން ވާހަކައެއް ބުނެފާނަން. ޝީޒް ނޮޓް ފްރޮމް މާލެ. އެއީ އުތުރުގެ ރަށަކަށް ނިސްބަތްވާ ކުއްޖެއް" އަކާޝް ބުނެލިއެވެ.
"ވާހަކައެއްބުނަންތަ ދަރިފުޅާ. މުއްސަނދިކަމަކީ ހެއްދެވިފަރާތުން އެކަލާނގެ އިރާދަކުރެއްވި ބަޔަކަށް ދެއްވާ ނިޢުމަތެއް. އެކަލާނގެ އެނިޢުމަތް މިއާއިލާއަށް ދެއްވީތީ އެކަމާ މަންމަ ބޮޑައެއްނުވަން. އެހެންވީމަ މަންމަ ދަރިފުޅުގެ ހަޔާތަށް އަންނަ ކުއްޖަކީ ދިރިއުޅުމުގެ ކިހާ ފެންވަރެއްގެ ކާކުތޯ ބަލާކަށް ބޭނުމެއްނޫން. މަންމަ ބޭނުންވަނީ ދަރިފުޅުގެ ހޮވުމަކީ ކޮންކަހަލަ ކުއްޖެއްތޯ ބަލާލަން. އެކަމަކު މަންމަގޮތަށް ބުރުގާ އަޅާފައި ހުރިއްޔާ މަންމައަށް ވަރަށް ކަމުދާނެ އިނގޭ. އެއީ ޕްލަސް ޕޮއިންޓެއް. ކޫބެގެ ހަޔާތަށް ފަހަރި ގެންނަންވެސް މަންމަ އެންމެ ބޭނުންވީ އެމަންޖެގެ ހެދުން އެޅުން ހުރި ގޮތުން. ކުއްޖާގެ މޫނުމައްޗަށް ބަލައިލާފައި މަންމަ ދެނެގަންނާނަން" ޔުސްރާގެ ވާހަކަފަތި ތަކުން ހުރިހާ މީހުންނަށް ތިބީ ހެވިފައެވެ.
"އެއްކަހަލަ މަންމަ. ވާހަކަ ހުހެއްނުވާނެ. އިށީނދޭ ފޮޓޯ ބަލަން" ޔުސްރާގެ އަތުގައި ހިފާ ސޯފާގައި ބައިންދަމުން އާކާޝް ބުނެލިއެވެ. މެދަށް އާކާޝް ވާގޮތަށް ޖިޔާނާ އިށީނީ އާކާޝްގެ ވައަތް ފަރާތުންނެވެ. އަލްވިން ލޮލީޕޮޕެއް ހިފައިގެން އިށީނީ ޖިޔާނާ އުނގުގައެވެ.
"މާޝާﷲ. ގުދުރަތުން ރީތިކަމެއް ދެއްވާފައިވާ ކުއްޖެއް. މަންމައަށް ވަރަށް ކަމުގޮސްފި. ބައްދަލުވެ ވާހަކަދއްކާލީމަ އިތުރަށް އެއްޗެއް ބުނަން އިނގޭނީ" ހީލަމުން ޔުސްރާ ބުނެލިއެވެ. އާކާޝް ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. އެއްވެސް މީހަކަށް ނޭނގުނީ ޔުސްރާއަށް އައި ބަދަލެވެ.
"ކޮބާ މަށަށްވެސް ދައްކަބަަލަ" އެތެރެއަށް ވަދެގެން އައި ދެފިރިހެނުންގެ ތެރެއިން ހަގުމީހާ ވާހަކަދެއްކި އަޑަށް އެންމެން ބަލައިލިއެވެ.
"ޑެޑީ..." ޖިޔާނާގެ އުނގުގައި އިން އަލްވިން ކައިޝް އާ ދިމާލަށް ދުއްވައިގަތެވެ.
"ކޯޗެއްތަ އެންމެންނަށް މިދައްކަނީ" ވަކިން ހުރި ސޯފާގައި އިށިން ހަނީފް ވާހަކަދެއްކިއެވެ. ޔުސްރާ އާކާޝްގެ މޫނަށް ބަލައިލާފައި ދެން ބަލައިލީ ހަނީފްގެ މޫނަށެވެ.
"ބޭފުޅާގެ ދަރިފުޅު ބޮޑުވަނީ" ހީލަމުން ޔުސްރާ ބުނެލިއެވެ. ހަނީފް ބަރުއަޑަކުން ހީލިއަޑު އިވުނެވެ.
"ދައްކަބަލަ" ކައިޝް ފޮޓޯ ބަލައިލަން ތިރިވެލިއެވެ.
"ނޫން. ކޫބެއަށް ދައްކާނީ އެންމެފަހުން. ހުރިހާކަމެއް ސެޓްލްވީމަ" އާކާޝް ބުނެލިއެވެ.
"ދައްތައަށް އިނގޭތަ. މީނަ ކްލާސްތެރޭގަވެސް ބައެއްފަހަރު ގޮވާލާނެ ކޫބެ އޭ ކިޔާފަ" އާކާޝްގެ ބޮލުގައި ޖަހައިލަމުން ކައިސް ބުނެލިއެވެ.
"ދެން އެހެން ދޯ ވާނީ. އެންމެފުރަތަމަ ވީ އަހަރެންގެ ކޫބެއަށް. އޭގެފަހުން ލެކްޗަރާއަކަށް ވީ" އާކާޝް ބުނެލިއެވެ.
"ދޮގެއްވެސް ނޫން" ޖިޔާނާ ބުނެލިއެވެ.
***
އެނދުގައި އޮތް އަބާނަށް އޮތީ ލޯމެރިފައެވެ. އޭނާގެ މަގަތުން އިށީނދެގެން އިން އުންމީދާ އިނީ ރޮވިފައެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަންހުރި ނަސީމުވެސް ބަހެއް ނުކިޔައެވެ. ތަޅައިގެން ގޮސްފައި ހުރި ބިއްލޫރިތަކާ ލޭތައް ސާފުކުރުމުގައި އުޅުނު ޒައިނާ އިރުކޮޅަކާ އެނދުގައި އޮތް އަބާނަށް ބަލައިލައެވެ. އޭނާގެ ދެލޮލުގައި ކަރުނަ ނެތަސް މޫނުމަތީގައި ވަނީ މާޔޫސްކަން ވަށާލާފައެވެ.
"ހިނގާ ބޭރަށް. ޑރ. ބުނި އޭނަ ހޭލާއިރު ހަމަޖެހިފައޭ ހުންނާނީ" އުންމީދާގެ ކޮނޑުގައި އަތްޖައްސައިލަމުން ނަސީމް ބުނެލިއެވެ. ތެދުވަން ނުތެދުވަން އުޅޭ ކަހަލަ ގޮތަކަށް އުންމީދާ ތެދުވީ އަބާންގެ މޫނުގައި ފިރުމާލާފައެވެ.
"ޒައި! ކޮޓަރި ދޮރުލައްޕާލާފަ އިނގޭ ދާނީ" އުންމީދާ ބުނެލިއެވެ.
އުންމީދާގެ ދެމަފިރިން ނިކުތްކަން އިނގުމާއެކު ޒައިނާ ތެދުވިއެވެ. މޮޕް ދުރުގައި ބަހައްޓާފައި އައިސް އަބާންގެ ބޮލާ ދިމާލުން ހުއްޓިއްޖެއެވެ. އުންމީދާ ތެދުވި ތަނުގައި އިށީނދެފައި ވަރަށް ކައިރިން އަބާންގެ މޫނަށް ބަލައިލިއެވެ. ބޮލުންނާ ދެއަތުގައި ހުރި ޒަޙަމްތައް މަދެއް ނޫނެވެ. ޒައިނާ އަބާންގެ އަތް މަތީގައި އަތް ބާއްވައިލިއެވެ.
"އަބީ! ކޮންޓްރޯލް ޔުއަރ ސެލްފް. އޭނަ ނެތަސް އަހަރެން އަބަދުވެސް އަބީ އާ އެއްކޮށް ހުންނާނަން" މަޑުމަޑުން ޒައިނާ ބުނެލިއެވެ. ޒައިނާ އަބާންގެ މޫނާ ދިމާލަށް ގުދުވެލިއެވެ. އަބާންގެ ނިތުގައި ބޮސްދީފައި އޭނާ މޫނު ހިއްލާލި ވަގުތު ދެލޮލުން ވެއްޓުނު ކަރުނަތިކި ގޮސްޖެހުނީ އަބާންގެ ކޯތާފަތުގައެވެ. އެހިނދު އަބާން ދެލޮލަށް ބާރުކޮށްލިއެވެ. ނަމަވެސް ދެލޯ ހުޅުވާ ނުލައެވެ.
***
ދިގު ދަތުރަކަށްފަހު ފްލައިޓް ލޭންޑްކުރި ވަގުތު އަނާރް ދެލޯ ހުޅުވައިލިއެވެ. އިނދެވުނީ ފްލައިޓް ތެރޭގައި ކަމާއި އޭނާގެ ލޯތްބާ އެތައް މޭލެއް ދުރުގައިކަން ހަނދާންވުމާއެކު މޫނުމަތީގެ އުޖާލާކަން ކެނޑިގެން ދިޔައެވެ. ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގޮސް ދެލޮލުގައި ކަރުނައިގެ ކޯރެއް ހެދިއްޖެއެވެ.
"މީހުން ބުނަނީ ތެދެއް. ކިތަންމެ ކުޑައިރުކޮޅަކު ނިދާލުމަކީ ސިކުނޑިއަށް ހަމަޖެހުމާ ހިތަށް އުފާވެރިކަން ލިބޭ ކަމެއް" އަނާރް ވާހަކަދެއްކި އަޑަށް ޝުރޫކް ބަލައިލިއެވެ.
"މިހާރު އޯކޭ ދޯ. އަހަރެން އަދި ދުވަހަކުވެސް މިހާ ފޫހި ދަތުރެއް ނުކުރަން" ޝުރޫކް ބުނެލިއެވެ.
"އަހަރެންވެސް. މިހުރިހާއިރު އަހަރެން އުޅުނީ އަބާނާއެކު. ހޭލެވޭއިރަށް ވީނުވީއެއް ނޭނގި އަބާން ގެއްލިއްޖެ" އަސަރާއެކު އަނާރް ބުނެލިއެވެ.
"އަނެއްކާ އެވާހަކަ. ޕްލީޒް ނޮޓް އަގެއިން. ހިނގާ ފައިބަން" ޝުރޫކް ބުނެލިއެވެ.
ހޭންޑްބޭގް އަޅުވައިގެން ދެކުދިން ކޮޅަށް ތެދުވި ވަގުތު އަނެއްފަރާތުގައި އިން ރުޝްދާއަށް އަނާރް ފެނިއްޖެއެވެ. އޭނާ ވަގުތުން ބަލައިލީ ދެކުދިންގެ ފަހަތުން ކޮޅަށް ތެދުވި ޝުހޭލަށެވެ. ރުުޝްދާގެ މޫނަށް ބަލަން އިރުކޮޅަކު އަނާރް ހުއްޓެވެ. އޭނާ ކޮންމެވެސް ތަނަކުން ދެކެފައިވާ މޫނަކާ ވައްތަރުވިއެވެ.
"ފާރޫގް އަންނާނެތަ؟ ރުޝްދާ ވާހަކަދެއްކިއިރު އެދެކުދިންގެ ފަހަތަށް ބަލާހެން ހީވެގެން އަނާރް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރި ޝުހޭލް އަނާރަށް ފެނި ދެކުދިންގެ ނަޒަރު ބައްދަލުވެއްޖެއެވެ. ޝުރޫކްވެސް ބަލައިލާފައި ޙައިރާންކަމާއެކު އަނގަމަތީގައި އަތް އަޅައިފިއެވެ.
"ޝުހޭލް. ނުވެސް އިނގޭ މިހުރިހާއިރު..."
"ހިނގާ ދާން" ޝުރޫކަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަނާރް ބުނެލިއެވެ. އަދި ޝުރޫކްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެމަންޒަރު ފެނުމުން ޝުހޭލް ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި ހިތްދަތިކަން ރުޝްދާއަށް ފެނުނެވެ.
އެއަރޕޯޓް ސަރަހައްދުން ދެކުދިންނަށް ކާރެއް ލިބުނީ އެތަނުގައި ކޮޅަށް ހުންނަތާ ވިއްސަކަށް މިނިޓް ފަހުންނެވެ. ކާރަށް އަރާ ދެކުދިން ހަމަޖެހިލިއިރު އެދެކުދިންނަށް ނޭނގުނީ އެ ކާރު އެތަނަށް ފޮނުވީ ޝުހޭލްކަމެވެ.
"މިހުރިހާއިރު އޭނަ އިނީ އަރޫ ކައިރީގަ. ނުވެސް އިނގޭ ދޯ" ކާރު ކުރިއަށް ދުއްވައިލުމާއެކު ޝުރޫކް ބުނެލިއެވެ.
"ނަސީބެއް ނޭނގުނުކަންވެސް. އިނގުނުނަމަ އަހަރެންގެ މޫޑު އިތުރަށް ޚަރާބުވީސް" އަނގަ ހަދައިލަމުން އަނާރް ބުނެލިއެވެ.
"މިކޮޅުގަ އެތިބީ އޭނަގެ ފެމިލީ ދޯ. އެތާހުރި އަންހެންކުއްޖާ ހުރޭ ދޯ ޝުހޭލާ ވައްތަރު ގޮތެއް" ޝުރޫކް ބުނެލިއެވެ.
"ޝުރޫ ހާދަ ވަރެއް އެބަހުއްޓޭ ދޯ އޭނަގެ ވާހަކަދައްކަން. އޭނައަށް ކޮންމެގޮތެއް ވިޔަސް އައި ޑޯންޓް ކެއަރ" ފޫހިކަމާއެކު އަނާރް ބުނެލިއެވެ. ފަހުން ޝުރޫކް އެއްވެސް ބަހެއް ނުކިޔައެވެ. އިތުރަށް އަނާރްގެ މޫޑު ޚަރާބުވާން ނޭދޭތީ އޭނާ ހިމޭނުން އިނެވެ.
***
ކާރުގައި ލޯ މަރާލައިގެން ޝީޓުގައި ލެގިގެން އިން ޝުހޭލްއަށް ބަލައިލީ ރުޝްދާ އާ ފިޔާޒާ އެކީގައެވެ. ފްލައިޓް މަތިން އަނާރް ފެނުމަށްފަހު ޝުހޭލްއަށް އައި ބަދަލު އެ ދެމީހުންނަށް ފާހަގަވިއެވެ. އޭގެފަހުން ޝުހޭލް އަނގައިން ނުބުނާތީ ރުޝްދާ އިނީ ކަންބޮޑުވެފައެވެ.
"އަޅެ. ހުރިހާ ލިޔުންތަކެއް ބަހައްޓާފަ މި އާދެވުނީ" ކުއްލިއަކަށް ރުޝްދާ ބުނެލިއެވެ. ޝުހޭލް ދެލޯ ހުޅުވާލީ ކުއްލިއަކަށެވެ.
"އޭރުވެސް ދޮން ކައިރީގަ ބުނިން" ޝުހޭލް ބުނެލިއެވެ. ރުޝްދާއަށް ހެވިއްޖެއެވެ. ފިޔާޒާވެސް ހީލައިގެން އިނުމުން ޝުހޭލް ދެބުމަ ގޮށްޖަހާލާފައި ފަހަރަކު މީހެއްގެ މޫނަށް ބަލާލައިފިއެވެ.
"ކޮއްކޮ ބަހެއް ނުކިޔާ އިނީމަ އެހެންބުނީ" ރުޝްދާ ބުނެލިއެވެ.
ޝުހޭލް ބަހެއްނުބުނެ އަނެއްކާ ކުރިން އިންގޮތަށް ރުޖޫޢަވިއެވެ.
"ދޮންތަ ވާހަކައެއް އަހަންތަ؟" ރުޝްދާ ބުނެލިއެވެ.
"ގެއަށް ގޮސް ވަހަކަދައްކަމާ" ޝުހޭލް ބުނެލިއެވެ. އޭނާ އެއްވެސް ވާހަކައެއްދައްކަން ބޭނުންނުވާކަން ރުޝްދާއަށް އިނގުނެވެ. އެހެންކަމުން އޭނާ ފަހުން ވާހަކައެއް ނުދައްކައެވެ. ދަރިން ދެއްކި ވާހަކަތައް އަޑުއަހަން ހިމޭންކަމާއެކު ސަބީހާ އިނެވެ. ދޭތެރެއަކުން އޭނާގެ ނަޒަރު ކާރުގެބިއްލޫރިގަނޑުން ބޭރަށް ހުއްޓާލައެވެ. ދުވަހަކުވެސް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިނުވާތީ ފެންނަމުންދިޔަ ހުރިހާ ކަންތަކެއް ވީ އޭނާއަށް އާ ކަންތައްތަކަކަށެވެ.
***
ގަރާޖުގައި އޮތް ކާރު ކައިރީގައި މަސައްކަތެއްކުރަން ހުރި ހަނީފް ކައިރިއަށް ޔުސްރާ ހުއްޓިއްޖެއެވެ. ހަނީފް ބަލައިލުމާއެކު އަތުގައި ހުރި ކޮފީތަށި ދިއްކޮށްލިއެވެ. އަތުގައި އޮތް ފޮތިގަނޑު ބާއްވާފައި ހަނީފް ހިނގައިގަތެވެ. ދެމަފިރިން އެކުގައި އައިސް އިށީނީ ބަގީޗާތެރޭގައި ހުރި ހަޓް ތެރޭގައެވެ.
މަސައްކަތް މިކުރަނީ އައްކިގެ އުފަންދުވަހުގެ ހަދިޔާއަކަށް މި ކާރު ނެރެވޭތޯ. ލިޔުންތައްވެސް ހުންނާނީ މިހާރު ނިމިފަ" ކޮފީތަށިން ކޯވަރެއް ބޯލަމުން ހަނީފް ވާހަކަދެއްކިއެވެ.
"މިސްކިތް ކަންތައްވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ޔުސް ވާނެ އިނގޭ އެކަންތައް ކުރިއަށްދާގޮތް ބަލައިލަން އަހަރެންނާއެކު އެރަށަށް ޖައްސާލަން" ހަނީފް ވާހަކަދެއްކިއެވެ. ޔުސްރާ ވާހަކަނުދައްކާތީ އޭނާ ޔުސްރާގެ މޫނަށް ބަލައިލިއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އަނބިމީހާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންކަން އޭނާއަށް ފާހަގަވިއެވެ.
"ޔުސް..." ޔުސްރާގެ ކޮނޑުގައި އަތްބާއްވައިލަމުން ހަނީފް ގޮވައިލިއެވެ. އެހިނދު ޔުސްރާއަށް ހީވީ އޭނާއަށް ހުވަފެނަކުން ހޭލެވުނު ހެންނެވެ. ހިޔާލީ ދުނިޔެއިން އޭނާއަށް ހަމަ ބިމަށް އާދެވިއްޖެއެވެ. އެހާ އަވަހަށް ފިރިމީހައަށް ބަލައިލާފައި ހިނިތުންވެލައިފިއެވެ.
"އަނބިމީހާގެ ސިކުނޑީގައި ތި ހިނގާ ކަންތައްތަކުގެ ތެރެއިން އަހަރެންނަށް ބައެއް އަޅަންވީނުން. އޭރުން ތަންކޮޅެއް ލުއިވާނެ ކަންނޭނގެ: ކުރިމަތީގައި ހުރި މޭޒުމަތީގައި ހުސްކުރި މަގު ބަހައްޓަމުން ހަނީފް ވާހަކަދެއްކިއެވެ.
"އެ އަންހެންކުއްޖާ އާ ކައިވެނިކުރަން އައްކި ވަރަށް ބޭނުން. އޭނަ ބޭނުންވޭ އަހަރެމެން އެގެއަށް ގޮސް އެކުއްޖާގެ އާއިލާ އާ ބައްދަލުކުރަން" ޔުސްރާ ވާހަކަދެއްކިއެވެ.
"ހެހެހެ... އެހެންވެތަ ތި ވިސްނަނީ؟ ދެން ދާނީ. ދުވަހެއް ހަމަޖައްސާފަ ބުނޭ އަހަރެން ކައިރީގަ" ހަނީފް ބުނެލިއެވެ.
"މި ވިސްނެނީ އެހެންވެއެއްނޫން. ހަނީއަށް އެމަންޖެ ފޮޓޯ ނުފެނެއެއްނު. ފެނުނު ނަމަ އަހަރެން މި ވިސްނާ ކަންތައް އިނގުނީސް" ޔުސްރާ ބުނެލިއެވެ. ހަނީފް ޙައިރާންކަމާއެކު ޔުސްރާގެ މޫނަށް ބަލައިލިއެވެ.
"ކިހިނެއްވީ..؟" ހަނީފް އެހިއެވެ.
"ތަފާތެއްވެސް ނެތް. ހަމަ އެ ދެލޯ. ހީލައިގެން އިންއިރު ކޯތާފަތަށް އެޅިފައި އިން އަޑިކޮޅު. ނިތްކުރިމަތިވެސް. ނޭފަތްވެސް. އަހަރެންނަކީ މީހުން މީހުންނާ ވައްތަރުވިޔަސް އެކަން މާބޮޑަށް ފާހަގަވާ މީހެއް ނޫން. އެކަމަކު އެފޮޓޯ އަހަރެންނަށް ވަރަށް ތަފާތުވެއްޖެ. އަހަރެންނަށް އަޅާނުކިޔޭ އެންމެ ތަންކޮޅެއްވެސް ނެތް" ޔުސްރާ ވާހަކަދެއްކިއެވެ.
"ކާކު؟ އަހަރެން ބަލާހިއްވެއްޖެ" ހަނީފް ބުނެލިއެވެ.
"ހަނީގެ ކޮއްކޮ ފަޔާޒް. ހިތަށްއަރަނީ މިހުނާއަށް އެ ފޮޓޯ ފެނިއްޖިއްޔާ ކިހިނެއްބާއޭ ވާނީ. އަހަރެންގެ މި ހީކުރުން ތެދަކަށްވިއްޔާ ރާހިލް އާ އާހިލް ކަންތައްކުރާނީ ކިހިނެއްބާއޭ" ޔުސްރާ ވާހަކަދެއްކިއެވެ.
"މިއަދު އައްކި އައިމަ އެންމެފުރަތަމަ ކަމަކަށް ތި ފޮޓޯ ބަލާނީ. އޭގެފަހުން އަހަރެން ފަޔާޒާ ވާހަކަދައްކާނަން. ފަޔާޒް އަހަރެންނަށް ދޮގެއް ނަހަދާނެ" ޔަޤީންކަމާއެކު ހަނީފް ބުނެލިއެވެ.
***
ދެލޯ ހުޅުވަލުމާއެކު އަބާނަށް އެނދުގައި އިށީނދެވިއްޖެއެވެ. އަނާރް މަތިން ހަނދާންވެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އުންމީދާ ކޮޓަރިއަށް ވަނީ އަބާން ބަލަހައްޓައިގެން އިންދައެވެ.
"ދަރިފުޅާ! ކިހިނެއްތަ މިހާރު" އަބާންގެ ކައިރީގައި އިށީންނަމުން އުންމީދާ އެހިއެވެ.
"ރަނގަޅު. މަންމާ! އަޅުގަނޑާ އެއްވެސް ސުވާލެއް ނުކުރައްޗޭ" އެންމެ ފުރަތަމަވެސް އަބާން ބުނެލި ޖުމްލައިން އުންމީދާއަށް ޙައިރާންކަމެއް ލިބިއްޖެއެވެ.
"އަޅުގަނޑު ބޮލުގަ ވަރަށް އެބަރިއްސާ. ނޭނގެ މިވާގޮތެއް. މަންމާ! އަހަރެން މަރުވަން ދޫކޮށްލާ. މިކަހަލަ ތަނެއްގަ އުޅުމަށް ވުރެ މަރުވުންވެސް މާ ރަނގަޅު. ބޮލުގެ ދެފަރާތުގައި ހިފަހައްޓައިލަމުން އަބާން ވާހަކަދެއްކިއެވެ. އުންމީދާއަށް އަނގަމަތީގައި އަތް އެޅިއްޖެއެވެ. އޭނާ ހާސްވެ ގައިން ދާހިއްލާލައިފިއެވެ. ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަސްތަކުގައި ވެސް އަބާންގެ އަނގައިން އެފަދަ ލަފްޒުތަކެއް ބޭރުވެފައެއް ނުވެއެވެ.
"އަބީ... ނޫޑްލްސް ސޫޕް" ދެކަކުލުގައި ބޯއަޅާލައިގެން އިން އަބާން ބަލައިލީ ޒައިނާގެ އަޑަށެވެ. އޭނާ ހިތްހަމަނުޖެހުނެވެ. ފުންމައިގެން ތެދުވި ގޮތަށް އައިސް ހިފީ ޒައިނާގެ އަތުގައެވެ. ސިއްސައިގެންދިޔަ ވަރުން ޒައިނާއަތުން ނޫޑްލްސް ތަށި ދޫނުވީ ކިރިޔާއެވެ.
"އަހަރެންގެ ކޮޓަރިއަށް އެއްވެސް އަންހެނަކު ވަންނަން އަހަރެން ޤަބޫލެއްނޫން. އެންމެން ނިކުމޭ..." އަބާން ހަޅޭއްލަވައިގަތެވެ. ލަދުގަނެ ދެރަވީވަރުން ޒައިނާއަށް ރޮވިއްޖެއެވެ. ފެނުނު މަންޒަރުން ހިތްބިރުގަނެފައި ހުރި އުންމީދާވެސް ރޯންފަށައިފިއެވެ. ކުއްލިއަކަށް އަބާނަށް އެ އައި ބަދަލާމެދު އޭނާ ބޮލުގައި ރިހޭވަރަށް ވިސްނަން ފެށިއްޖެއެވެ.
(ނުނިމޭ)