ސަތާރަވަނަ ބައި
"އަނާރް! ކޮންމެފަހަރަކު އަހަރެން ކައިރީގައި ބުނަން އުޅުނީތަ އެވާހަކަތަ..؟ ޝިޓް....." ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދިޔަ އަބާން އަމިއްލަ ނަފްސަށް ބުނެލިއެވެ.
"އަނާރް! އަހަރެން މޮޔަކޮށްލާފައި ނުދޭ..." އަބާން މަޑުމަޑުން ބުނެލިއެވެ.
***
ރޯގާގެ އަސަރު ހުރުމާއެކު އުމެއިރާ އަވަހަށް ނިދައިފިއެވެ. ފިލްމެއް ބަލަން ހޭލާ އޮތީ އަނާރް އެކަންޏެވެ. އަބާންގެ ހަބަރެއްނުވާތީ އަނާރް އިރުކޮޅަކާ ފޯނަށް ބަލައިލައެވެ. ނުދަންނަ ނަންބަރަކުން މާވަރަކަށް ގުޅާފައި އޮތުމުން އެކަމާވެސް އޭނާ އޮތީ ބޮލުގައި ރިއްސައިގަނެފައެވެ. ފިލްމު ނިމުމާއެކު އަނާރް އެނދުން ތެދުވިއެވެ. ނިދާފައި އޮތް ޝެޒާއަށް ބަލައިލާފައި ތިރީގައި ޕެކްކޮށްފައި ހުރި އޭނާގެ ފޮށިތަކާ ދިމާލަށް ބަލައިލިއެވެ. ދެވަނަ ފަހަރަށް އޭނާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އެންމެފަހު ފަހަރަށް އަބާން ދެކިވެސްނުލާ ހަމަ ފުރަންވީ ހެއްޔެވެ؟ ހުރިހާ ކަމެއް ދާނީ ހަމަ ރަނގަޅަށް ހެއްޔެވެ؟ އޭނާ އަލުން ފޯނު ނެގިއެވެ. ކޮޓަރިން ނިކުމެފައި ސިޓިންރޫމް ސޯފާގައި ޖައްސައިލިއެވެ. އަބާންގެ ނަންބަރަށް ގުޅިއެވެ. އަދިވެސް ނިވާލާފައެވެ.
"އަބާން! މިއަދު ހަތަރުދަމު ފޯނު ނިވަލާފަ. އަނެއްކާ...؟" ޓީވީ ބިއްދަށުން ކުޑަދޮރަށް މީހެއްގެ ހިޔަނި އެޅުމާއެކު އެދިމާލަށް އަނާރް ބަލައިލިއެވެ. އޭނާއަށް ހީވި ހީވުމެއް ނޫނެވެ. އެތަނުން މީހަކު ހުރަސްކޮށްފިއެވެ. ނޭނގެނީ އަންހެނެއްކަމެއް ނޫނީ ފިރިހެނެއް ކަމެވެ. ދޮރާ ދިމާލަށް ތެދުވެގެން ދާން އުޅުނު ވަގުތު މީހަކު ދޮރުފަތުގައި ޖަހާލައިފިއެވެ. ވަރަށް ބާރަށެވެ. އަނާރް ދިޔައީ ސިއްސައިގެންނެވެ. އޭނާ ފޯނުން ގަޑި ބަލައިލިއިރު އެއްގަޑި ބައިވާން އުޅެއެވެ.
"ކާކު...؟" ދޮރުފަތާ ގާތްވެލާފައި އަނާރް އަހައިލިއެވެ. އޭނާގެ މަގްސަދަކީ ގޭތެރެއިން މީހަކު ހޭލައިގެން އައުމުގެ ކުރިން އެމީހަކު އެތަނުން ފޮނުވާލުމެވެ.
"އަހަރެން. އަބާން. ޕްލީޒް ދޮރުހުޅުވަބަލަ" ދޮރުފަތުގެ ބިއްދަށުން އަބާންގެ އަޑު އިވުމާއެކު އަނާރްގެ މޫނުމަތީގައި ޙައިރާންކަން ވަށާލައިފއެވެ. އަނގަ ހުޅުވި އޭނާއަށް އެއީ އަބާންކަން ޤަބޫލުކުރަންވެސް ދަތިވިއެވެ. އޭނާ އަވަސް އަވަހަށް ދޮރުހުޅުވާލި ވަގުތު އެއީ އަޑެއް އިވިގެން ކޮޓަރިން ޝެޒާ ނިކުތް ވަގުތެވެ. އަނދިރިކަން ވެރިވެފައިވާ ސިޓިންރޫމުގެ ދޮރުކައިރިން ޝެޒާއަށް ދެހިޔަނި ފެނުމުން ފުރަތަމަ އެއީ ކޮންބައެއްކަން ނޭނގުނެވެ.
"އަރޫ...! ކޮންތާކަށް؟ ގަޑިން ކިހާއިރެއް؟" ލޯފޮހެލަމުން ޝެޒާ އަހައިލިއެވެ. އަބާން ފާރާ ނިވާވެލާފައި ކުޑަކޮށް ބޯދިއްކޮށްލާފައި ޝެޒާއަށް ބަލައިލިއެވެ. އަނާރް ދުވެފައި އައިސް ހުއްޓުނީ ޝެޒާ ކުރިމަތީގައެވެ. އަދި އަތުން އިޝާރާތެއް ކޮށްލާފައި މަޑުން ވާހަކަދެއްކުމަށް ބުނެލިއެވެ.
"ޝެޒް ދޭ ކޮޓަރިއަށް. އަހަރެން އެބަދަން މީހަކާ ބައްދަލުކޮށްލާފަ" އަނާރް ވައިއަޑުން ބުނެލިއެވެ. ޝެޒާ ދެލޯބޮޑުކޮށް އަނާރަށް ބަލައިލިއެވެ. އޭނާގެ ނިދިވެސް ހިނގައްޖެއެވެ.
"މިގަޑީގަތަ؟ ނޯ... އޭނަ ފޮނުވާލާ. މާމަ ނިކުމެއްޖިއްޔާ ކަންތައްތައް އެހާ ރަނގަޅެއް ނުވާނެ" ޝެޒާ އަނާރްގެ އަތުގައި ހިފައިގަންނަމުން ބުނެލިއެެވެ.
"ޝެޒް ޕްލީޒް. އަހަރެން މިއަދު އެއްކޮށް އޭނަ އާ ބައްދަލެއްނުކުރަން. މާދަމާ އަހަރެން ފުރަމެއްނު. މިގަޑީގަ އޭނަ އަންނާނީ ކޮންމެސްކަމެއް ވީމައެއްނު. ޕްލީޒް. އަހަރެން އެއްވެސް ގޯސްކަމެއް ނުކުރާނަން" އަނާރް އާދޭހާއެކު ވާހަކަދެއްކިއެވެ. އެންމެފަހުން ޝެޒާ ކޮޓަރިއަށް ވަދެއްޖެއެވެ.
ޝެޒާ ކޮޓަރިއަށް ވަދެ ދޮރުލެއްޕިކަން އިނގުމާއެކު އަބާން ގޭތެރެއަށް ވަދެގެން އައިސް އަނާރްގެ ކޮނޑުގެ ދެފަރާތުގައި ހިފައިފިއެވެ. އަނާރް ނުވިސްނާ ހުއްޓާ އޭނާގެ ހަށިގަނޑުގައި ބައްދައިގަތެވެ. މޫނުގެ އެތަން މިތާ ބޮސްދީފިއެވެ. އަނާރަށް ބަހެއްކިޔާނެ ފުރުސަތެއްވެސް ނުދިނެވެ.
"އަބާން! އަހަރެން ވަރަށް ގުޅައިފިން. ފޯނު ނިވާލާފަ އޮތީމަ އަހަރެން ހިތަށް ވަރަށް ފާޑުފާޑުގެ އެއްޗެހި އަރައިފި" އަނާރް ބުނެލިއެވެ.
"ފޯނެއް ނެތް. އަހަރެންވެސް ވަރަށް ގުޅިން" އަބާން ބުނެލިއެވެ. އަނާރް ވިސްނާލިއެވެ. ނުދަންނަ ނަންބަރަކުން އެވަރަށް ގުޅީ އަބާން ހެއްޔެވެ؟
"ނުދަންނަ ނަންބަރަކުން ގުޅީމަ އަޅާނުލީ. މެސެޖެއް ކޮށްލިނަމަ" އަނާރް ބުނެލިއެވެ.
"އަނާރް... އަނާރް.... އަހަރެންނަށް މަޢާފްކުރޭ" ކެތްތެރިކަން ކުޑަވެފައިވާ އަޑަކުން އަބާން ބުނަމުން ދިޔައެވެ.
"ކިހިނެއްވެގެން އަނެއްކާ ތިއުޅެނީ؟ ހިނގާބަލަ ތަނެއްގަ އިށިންނަން" އަނާރް ބުނެލިއެވެ. އަބާން ދާކަށް އެއްބަހެއް ނުވިއެވެ.
"އަހަރެންނަށް އަނާރް އެވަރަށް ބުނަން އުޅުނު ވާހަކަ އިނގިއްޖެ. އެވާހަކަތަކަށް ކުރިން ފުރުސަތު ނުދެވުނީމަ މަޢާފަށް މިއެދެނީ" އަބާން ބުނެލިއެވެ. އަބާންގެ އަތުތެރޭގައި ހުރި އަނާރްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"އަހަރެން ކީއްކުރީމާތަ އަނާރް ނުދާނީ. އަހަރެން އެކަނި މިތަނުގަ ބަހައްޓާފަ ނުދޭ" އަބާން ބުނެލިއެވެ. ވަގުތުން އަނާރްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
"އަބާން...! މުޖޭ ޖާނާ ހޭ! ތިހެން ނުބުނޭ. އަހަރެންނަށް އެންމެ އަހަރެއް ދީ. އަހަރެން އެނބުރި އަންނާނީ އަބާން ކައިރިއަށް. އިތުރު އެއްވެސް މީހެއް ކައިރިއަކަށް ނޫން" އަބާންގެ މޫނުގެ ދެފަރާތުގައި ހިފައިލަމުން އަނާރް ބުނެލިއެވެ.
"ނޫން. ނުދޭ. އަހަރެން ބޭނުމެއްނޫން އަނާރް ފޮނުވާކަށް. މިފަސްގަނޑުން އެންމެ ސިކުންތަކަށްވެސް އަނާރް ބޭރުވާކަށް ނޭދެން" އަބާން ބުނެލިއެވެ. އޭނާގެ ދެލޮލުން ކަރުނައެއް ވެއްޓިއްޖެއެވެ.
"އަބާން! ޓްރައި ޓު އަންޑަސްޓޭންޑް މައި ލަވް. މިހުރިހާ ދުވަހު މަސައްކަތްކޮށްފަ ކާމިޔާބުވާން ދެތިން ދުވަހަށްވީމަ ކިޔެވުން ދޫކޮށްލަންވީތަ؟ އަބާން ކީއްވެ އަހަރެންނަށް ސަޕޯޓް ނުދެނީ. އަހަރެންނަށް ހިތްވަރުދީބަލަ. އަހަރެންގެ މުޅި ދުނިޔެއަކީ ތިއީ..." އަނާރް ވާހަކަދެއްކިއެވެ.
"އިނގިއްޖެ. ތިއުޅެނީ އަނާރް އަޑުއަހަން ބޭނުންވާ ވާހަކަތައް އަހަރެން ނުބުނެ ލަސްކުރާތީ ދާން ދޯ. އަހަރެން ނުބުނެ ހުރީ އެވަގުތުކޮޅު އަހަރެމެން ދެމީހުންގެ ހަޔާތުގަ ވަރަށް ސްޕެޝަލް މޮމެންޓަކަށް ހަދަންވެގެން. އަހަރެން އިންތިހާއަށް ލޯބިވޭ އަނާރްދެކެ. ހިއެއް ނުކުރަން ދުވަހަކުވެސް މިހާވަރަށް ކުއްޖަކުދެކެ ލޯބިވެވިދާނެ ކަމަށް. އަހަރެންވެސް ވިސްނުންތަކެއް އެބަ ވިސްނަން. އަނާރާ ކައިވެނިކޮށް އުފާވެރި ހަޔާތެއް ބޭނުން. އާއިލާއެއް ބިނާކުރަން ބޭނުން. ކައިވެނީގެ ބޭރުން އަހަރެންނަށް އަނާރާ ގާތްވެވުނީވެސް ލޯބިވާވަރުން ކެތްނުވެގެން. އަހަރެން މޮޔަވެއްޖެ. ނުދާނަން ދޯ. މަޑުކުރާނަން ދޯ" އަބާން ވާހަކަދެއްކިއެވެ. އަނާރް ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އަބާންގެ ވާހަކަތަކުގައި އޭނާ އުފަލުން ހިތްހުއްޓޭވަރުގެ ލަފްޒުތަކެއް އަޑު އިވިއްޖެއެވެ. އެހެންނަމަވެސް އެ ލަފްޒުތައް ނިމިގެން އެދިޔައީ އޭނާގެ ހިތް ރޮއްވާލާފައެވެ. އަބާނަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟
"އަބާން ކީއްވެތަ ނުވިސްނެނީ. ކީއްވެތަ އަހަރެން ހިފަހައްޓަން ތިއުޅެނީ. އަހަރެން މިބުނީނު އަހަރެން ހުންނާނީ ހަމައެކަނި އަބާނާ އެކުގައޭ. އެނބުރި އަންނައިރު އަހަރެންނަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް. އުފަލެއްނުވޭތަ؟ މިކަމަކީ އަހަރެންގެ މުޅިދިރިއުޅުމާ ގުޅިފައިވާ ކަމެއް" އަނާރް ވާހަކަދެއްކިއެވެ. އަނާރް ޑޮކްޓަރަކަށް ވާންއުޅޭކަން އިނގުމުން މިފަހަރު އަބާނަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ.
"އެހެންވިޔަސް ހެޔޮ. އަނާރް ނުދާނެ. ފުރުން ކެންސަލްކޮށްލާ. މިކޮޅުންވެސް ކިޔެވިދާނެ" އަބާން ވިސްނަން ބޭނުންނުވިއެވެ.
"އަބާން..." ކުއްލިއަކަށް އަނާރް އަބާންގެ އަތުތެރެއިން ވީއްލިގެން ދުރަށް ޖެހުނެވެ.
"އަހަރެންވެސް ބޭނުމެއްނޫން ކިޔަވަންދާކަށް. އެކަމަކު އަހަރެންނަށް މާމަ ވިސްނައިދީފި. އަހަރެން ދާނަން. އަބާން ނުރުހުނަސް އަހަރެން ކިޔެވުން ފުރިހަމަކުރަން ބޭނުން" އަނާރް ބުނެލިއެވެ.
"ތިހެން ނުބުނޭ. އިނގޭތަ ތިހެން ބުނީމަ އަހަރެން ދެރަވާނެވަރު. ބޭރަށް ކިޔަވަންދާ ކުދިން ބެދެނީ ވަރަށް ނުބައި މަޅިއެއްގަ. އެކަންތައްތައް ފަހުން ވެގެންދަނީ ބޮޑު ބައްޔަކަށް. އަހަރެންނަށް އަނާރާ ދުރުގަ ހުންނަން ކެތެއްނުވާނެ. ދެވަނަފަހަރަށް އެ ހިތި ތަޖުރިބާކުރަން އަހަރެން ބޭނުމެއްނޫން. އަހަރެންނަށް ތިހެންނަހަދާ" އަބާން އަނެއްކާވެސް އަނާރް އޭނާގެ އަތުތެެއަށް ގެނެސް ލައިފިއެވެ.
"އަބާން އަހަރެންނަށް އިތުބާރުކުރަންތަ. އަހަރެންނަކީ ގޮތްގޮތަށް އުޅޭ އަންހެންކުއްޖެއްނޫން. އެކަން އަހަރެން އޮންނާނީ އަބާނަށް ސާބިތުކޮށްދީފަ" އަނާރް ބުނެލިއެވެ. އަބާން ހުރީ އަނާރްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އޭނާގެ ދެލޮލުގައިވީ ކަރުނައެވެ. އެކަރުނަތައް އަނާރްގެ ހިތަށް ތަދުކުރަމުން ދިޔައެވެ.
"އެންމެފަހަރަކުވެސް ބުނެބަލަ ނުދާނަމޭ. އަހަރެންނަށްޓަކައި. ޕްލީޒް! ނުދަންނަ ބައެއްގެ ތެެރެއަށް އަނާރް ފޮނުވަން އަހަރެން ހިތެއްނޭދޭ" އަބާން ބުނެލިއެވެ. އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.
"ކޮބާތަ ނުދަންނަ ބަޔަކީ އަބާން. އަހަރެންނާއެކު ކިޔަވަންތިބޭނީ އަހަރެންގެ އެކުވެރިން. ނުލާހިކު ރަނގަޅު ޓީޗަރުން. އަހަރެން ހުންނަނީ އަހަރެންގެ އެންމެގާތް އެކުވެރިޔާއާއެކު އެއް ފްލެއްޓެއްގަ. ޔުނިވަރސިޓީއަކީ ދުރުތަނެއް ނޫން. އަހަރެން އެތަނުގައި ހުއްޓަސް ހުންނާނީ ހަމަ އަބާނާއެކު. ސޯޝިއަލް މީޑިޔާ ކިޔާ އެއްޗެއްވެސް އޮންނަނީ ކަމަކުއެއްނު. ކޮންމެދުވަހެއްގަ އަހަރެންގެ ޝެޑިޔުލް އަބާނަށް ކިޔައިދޭނަން. އަބާންގެ ރުހުންނެތި ކޮލެޖްގެ ކަމެއްގަ ނޫން ގޮތަކަށް ބޭރަށް ނުނިކުންނާނަން. ޕްރޮމިސް. އަހަރެންވެސް ހިތާ ފުރާނައިން އަބާންދެކެ ލޯބިވޭ. އަބާންގެ މީހަކަށްވާހިތުން އަހަރެންނަށްވެސް ކެތްނުވޭ" އަނާރް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވަނީ އާދޭހެވެ. އަބާންގެ ވިސްނުން ބަދަލުކުރެއްވުމަށް އެދި އޭނާގެ ހިތާހިތުން ދުޢާ ކުރަމުން ދިޔައެވެ. ކުއްލިއަކަށް އަނާރް ސިއްސައިގެން ދިޔައީ އަބާން އޭނާގެ ދެކޮނޑުގައި ހިފާ ދުރަށް ޖެއްސުމުންނެވެ.
"ދޭ. އެކަމަކު ހަނދާންކުރާތި. މި ފަސްގަނޑުން ފްލައިޓް ހިއްލާލުމާއެކު އަހަރެންނާ އަނާރާ ދެމެދު އޮތް ގުޅުމުގަ ފުލުސްޓޮޕް ޖެހިގެންދާނެކަން" އަބާން ބުނެލިއެވެ. ކުއްލިއަކަށް އަނާރް އައިސް އަބާންގެ ގައިގައި ބައްދައިފިއެވެ. އޭނާއަށް ރޮވިއްޖެއެވެ.
"ނޫން... ތިކަހަލަ ބަސްތައް ބޭނުންނުކުރޭ. އަބާނާ ގުޅުން ކަނޑާލައިގެން އަހަރެންނަށް ރަނގަޅަށް ނުވެސް ކިޔެވޭނެ. އަހަރެންނަށް ހިތްވަރުދީބަލަ. ބުނެބަލަ އަހަރެން އެނބުރި އަންނަންދެން އިންތިޒާރުކުރާނަމޭ" ރޮމުން އަނާރަށް ރޮވިއްޖެއެވެ.
"އަހަރެން އިތުރަށް އެއްވެސް އެއްޗެއް އަޑުއަހަން ބޭނުމެއްނޫން. ގޮތް ނިންމާނީ އަނާރް" އަނާރް ދުރަށްލަމުން އަބާން ބުނެލިއެވެ.
"ތިއީތަ އަބާން އަހަރެންދެކެ ލޯބިވާ ގޮތަކީ؟" ޝަކުވާގެ ރާގަކަށް އަނާރް ބުނެލިއެވެ.
"އަހަރެންގެ ހިތުގައި އަނާރަށް އޮތް ލޯބީގައި ކުޑަވެސް ޝައްކެއްނުވާނެ. އަހަރެން މިހުރީ ކޮންމެފަދަ ހާލެއްގަވެސް އަނާރާއެކުގަ އުޅެން ތައްޔާރަށް. މިހާރުން މިހާރަށްވެސް ކައިވެނީގެ ކަންތައް ނިންމިދާނެ. އަނާރް ބޭނުންނަމަ އަހަރެންގެ އަންބެއްގެ ގޮތުގައި އަހަރެންގެ ކުރިމަތީގައި ހުރެ ބޭނުންވަރަކަށް ކިޔަވަންވީ. އަހަރެން އަނާރް ބޭނުންވާ ހުރިހާ ހަރަދެއް ކޮށްދޭނަން" އަބާން ވާހަކަދެއްކިއެވެ.
"އަބާން! އަހަރެންގެ ވިސްނުން ބަދަލެއްނުވާނެ. އަހަރެން ދާނަން. އަބާން ނިންމާމެގޮތަކަށް ނިންމާ. އަބާންގެ ކޮންމެ ނިންމުމަކަށް އަހަރެން އުފަލާއެކު މަރުހަބާ ކިޔާނަން" ދެލޯކައިރި ފޮހެލަމުން އަނާރް ބުނެލިއެވެ. އަބާން ގޮތްހުސްވިއެވެ. އިތުރަށް އަނާރް ކައިރީގައި އާދޭސްކުރަން ބޭނުންނުވިއެވެ. އޭނާ އަނާރަށް ފުރަގަސްދިންއިރު އިންތިހާއަށް ހިތުގައި ރިއްސަމުން ދިޔައެވެ.
"އަހަރެން ހީކުރީ މާދަމާ އަހަރެން ފުރާކަން އިނގި އަހަރެންނާއެކު ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އައި ކަމަށް. ހިތްފުރެންދެން އަހަރެންނަށް ބަލައިލަން އައި ކަމަށް. ލޯބީގެ އެތައް ވާހަކަތަކެއް ދައްކާ އެތައް ވަޢުދެއްވާނެ ކަމަށް. އެކަމަކު އެހެނެއްނުވި. އަހަރެންނަށް އަބާންދެކެ ވެވުނީ ހުވަފެންފަދަ ލޯތްބެއް. ދެރައީ އަހަރެންނަށް ވަގުތުފާއިތުވި ފަހުން އެކަން ވިސްނުނީމަ" އަނާރް ވާހަކަދެއްކިއެވެ. އަނާރްގެ އެ ޖުމްލަތަކުން އަބާންގެ ހިތުގައި އަޅަމުންދިޔަ ރިހުންތައް ވީ އިތުރެވެ. އޭނާ ފަސްއެނބުރި ބެލުމެއްނެތި ހިނގައިގަތެވެ.
"އަހަރެން މާދަމާ އެއަރޕޯޓުގައި އަބާނަށް އިންތިޒާރުކުރާނަން" ދޮރުން ނިކުމެނިކުމެ ހުރި އަބާނަށް އަނާރްގެ އެބަސްތައް އަޑު އިވުނެވެ.
***
މުޅިން އާ ދުވަހަކަށް ދުނިޔެ މަރުހަބާ ކިޔައިފިއެވެ. އުޑުމަތީގައި އެންމެ ވިލާރޮއްޖެއްވެސް ނުވަ ސާފު ނަލަ ދުވަހެކެވެ. ހިތްހަމަޖެހޭ ވަރަކަށް ވައިޖެހެމުން ދިޔަސް އެކަމު އުފާ ހާސިލްކުރަމުންދަނީ މަދު ބަޔެކެވެ.
އުޑުމައްޗަށް ވެރިވެފައިވާ ނޫ ކުލައާއި ގުޅުވާލައިގެން އަނާރް ލައިގެން ހުރީ ގަޔަށް ދޫ އަތްދިގު ލޭސްފޮތީގެ ކުރުތާއެކެވެ. ތިރިން ކަޅުކުލައިގެ ސްކިނީއެއްގައި ހުރިއިރު ދެލޮލަށް ހެޔޮވަރު ކޮށްލާފައި އޮތީ އަވި އައިނެކެވެ. ރޭގައި އެއްކޮށް ނުނިދާ ހުރުމުގެ ސަބަބުންނާއި، ގިނައިރު ރުއިމުގެ ސަބަބުން ދެލޮލަށް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. އުމެއިރާއާއި ޝެޒާގެ ސުވާލުތައް އަމާޒުވުމުގެ ކުރިން އޭނާގެ ދެލޯ ފޮރުވައިފިއެވެ. ޓެކްސީ އަންނަންދެން ގޭ ދޮރުމަތީގައި ހުރިއިރު އޭނާގެ ދެލޯ ހޯދަމުންދަނީ އެންމެ އިންސާނެކެވެ. މަގުމަތިން ދާ ކޮންމެ މީހެއް އޭނާއަށް ސިފަވަމުން ދަނީ އަބާންގެ ސިފައިގައެވެ. އޭނާގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ވިޔަސް މޭތެރޭގައި އޮތް ހިތް ރޮމުން ދިޔައެވެ. އަބާން ގުޅާފައި އިން ނަންބަރަށް އެތައް ފަހަރަކު އޭނާ ގުޅައިފިއެވެ. ކުރިން އެ ނަންބަރަށް ގުޅުނަސް މިހާރު އޮތީ ނިވާލާފައެވެ.
"ދަރިފުޅާ ހުރިހާ އެއްޗެއް ހަމަވާނެތަ؟ ރަނގަޅަށް ބެލިންތަ؟" ތައްޔާރުވެގެން ގޭ ދޮރުމައްޗަށް ނިކުތް އުމެއިރާ އަހައިލިއެވެ. އަނާރް ބޯޖަހައިލިއެވެ.
"ކޮބާ ޝެޒް؟" އަނާރް އެހިއެވެ.
"އަހަރެން މިހިރީ. ލެޓްސް ގޯ. އަދިވެސް ޓެކްސީ ނާދޭ ދޯ" އަނާރް ކައިރީގައި ހުއްޓެމުން ޝެޒާ ވާހަކަދެއްކިއެވެ.
އަނާރާ ޝުރޫކް ބައްދަލުވީ އެއަރޕޯޓުންނެވެ. ޝުރޫކްގެ މައިންބަފައިން އަނާރްގެ ބޮލުގައި ފިރުމާލީ ލޯތްބާ ކުލުނާއެކުއެވެ. ދުވަހަކުވެސް ދެކުދިންގެ މެދުގައި އޮތް އެކުވެރިކަން ކަނޑުވާނުލުމަށް ނަޞޭޙަތްތެރިވިއެވެ. ޝުރޫކާއެކު ފިހާރަކަށް ދާން ދަނިކޮށް މީހަކު ބަލަން ހުރިހެން ހީވެގެން އެދިމާލަށް އަވަސް ނަޒަރެއްދީފިއެވެ. އެމީހަކީ އަބާން ކަމަށް ހީކޮށް ހިތްތެޅިލައިފިއެވެ. ނަމަވެސް މީހެއްގެ ހިލަމެއް ނުވުމުން އަލުން ހިނގައިގަތެވެ. އެހިނދު ހިތް މޯޅިވެގެން ދިޔައެވެ. ދެވަނަ ފަހަރަށްވެސް އެދިމާލަށް ބަލައިލެވިއްޖެއެވެ. އޭނާއަށް ނޭނގުނީ ހިތްހަލާކުވެފައިވާ ހާލު އަބާން އޭނާގެ ކޮންމެ ހަރަކާތަކަށް ބަލަމުން ދިޔަކަމެވެ.
ބޯރޑިންއަށް ގޮވައިލުމާއެކު އަނާރް އޭނާގެ އާއިލާއަށް ބަލައިލިއެވެ. އޭނާ ގޮސް އުމެއިރާ ކުރިމަތީގައި ހުއްޓިއްޖެއެވެ. ލޯބިވާ މާމަ ގައިގައި ބައްދައިލިއެވެ.
"މާމާ! އަހަރެންނަށް ކިތަންމެ ބޮޑު ކުށެއް ކުރެވިފައިވީ ނަމަވެސް މަޢާފްކޮށްދެއްޗެ. މާމަ އާ ޝެޒް ނުލާ އުޅެން އުނދަގުވާނެ. ދާކަށް ބޭނުމެއްނޫން. އެކަމަކު ދާންޖެހޭ" އަނާރަށް ރޮވިއްޖެއެވެ.
"ކޮންކަހަލަ ވާހަކައެއް ދަރިފުޅު ތިދައްކަނީ. އަބަދުވެސް މާމަގެ ހިތް ދަރިފުޅަށް ހެޔޮވާނެ. ކޮންމެތަނެއްގަ ހުއްޓަސް ހަނދާންނައްތާނުލާތި ދަރިފުޅު ތިއީ ހެއްދެވިފަރާތުގެ އަޅެއްކަން. ކޮންމެތަނެއްގަ ހުއްޓަސް ނަމާދު އަދާކުރާތި. ރޯދާހިފާ ޞަދަޤާތްކުރާތި. ލާރިއަކަށް ބޭނުމިއްޔާ މާމައަށް އަންގާތި. ބަލިވެއްޖިއްޔާ ސިއްރުނުކުރާތި. ހިތްވަރާއެކު ކިޔަވާތި. މާﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދަރިފުޅު މާމަމެންނާ ބައްދަލުވާނެ. އަދި ދަރިފުޅަށް ކާމިޔާބަށް އެދެން" އަނާރްގެ އިސްތަށިގަނޑުގައި ފިރުމަމުން އުމެއިރާ ވާހަކަދެއްކިއެވެ. އޭރުވެސް އަނާރަށް ރޮވެމުން ދިޔައެވެ. އޭނާގެ ހިތުގައި ދުވަހަކު ނާޅާ ވޭން އަޅަމުން ދިޔައެވެ. ކަރުނަތަކުން މުޅި މޫނުމަތި ބަދަލުކޮށްލައިފިއެވެ.
"ދެން ހުއްޓާލާފަ އަވަހަށް ދޭ. ދެވުނީމަ މާމައަށް އަންގާލާތި އިނގޭ" އަނާރްގެ ކޮލުގައި ބޮސްދެމުން އުމެއިރާ ވާހަކަދެއްކިއެވެ. ކައިރީގައި ހުރި ޝެޒާގެ ގައިގައި ބައްދާލާފައި ޝުރޫކާއެކު އަނާރް ހިނގައިގަތެވެ. އަނާރް އެތެރެއަށް ވަދެ ގެއްލެންދެން އުމެއިރާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ދަރިފުޅުގެ ލޮލުން ފޭބި ކަރުނަތައް ފެނި އޭނާގެ ހިތަށްވެސް އަސަރުކޮށްފިއެވެ. ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އަނާރްގެ އެ ކަރުނަތަކުގެ ފަހަތުގައި ކޮންމެސް އެހެން ސަބަބެއް އޮތްކަމަށް އޭނާގެ ހިތް ބުނެލައިފިއެވެ.
"ޝެޒްއަށް ހީވޭތަ އެމަންޖެ އެވަރަށް އެރުއީ ފުރާތީހެން. މާމައަކަށް ހިއެއްނުވޭ" ޓެކްސީގައި އިނދެފައި އުމެއިރާ ބުނެލިއެވެ.
"އަހަރެންވެސް ހިތަށް އެރި. އަހަރެންވެސް ދެރަވެއްޖެ އަރޫ އެވަރަށް ރުއީމަ" ޝެޒާ ބުނެލިއެވެ.
"އެހެން ބުނާނެއްނު. އަލަށް ފުރައިގެން ދިޔަ ދުވަހު ލޮލުން އެންމެ ކަރުނައެއްވެސް ވައްޓާނުލާ. މިއަދު ކިހިނެއްބާވީ؟ އޭނަ ރައްޓެހިސޮރާ އޮތް ގުޅުން ރަނގަޅުބާ؟ އެސޮރު އޭނަ ފުރުވަންވެސް ނައި ވިއްޔާ. އެހެންވެ ކަމަށްވާނީ. މާބޮޑަށް ހިތުގަޖެހުނީ އެ" އުމެއިރާ ވާހަކަދެއްކިއެވެ.
***
ތިންމީހުންނަށް ތިބެވޭ ގޮތަށް ހުރި ޝީޓުގައި އަނާރާ ޝުރޫކް އިށިންއިރު އެންމެ އެތެރެއަށް ހުރި ޝީޓުގައި ފިރިހެނަކު އިންކަން ދެކުދިންނަށް ފާހަގައެއްނުވެއެވެ. އެމީހާގެ ބޮލުގައި އަޅާފައި އިން ކެޕުން މޫނުމަތި ނިވާކޮށްލައިގެން އިންއިރު ދެކަންފަތަށް ޖަހާލާފައި އިން ހެޑްސެޓުން އިވެމުންދިޔަ ލަވައިގެ ތެރެއަށް ގެއްލި އޭނާގެ ދެލޯ ވަނީ މެރިފައެވެ.
"އެކްސްކިޔުޒް... ޝީޓް ބަދަލުކޮށްލެވިދާނެތަ؟" ޝުރޫކް ބަލައިލީ އޭނާގެ އަތުގައި މީހަކު ކޮށްޓައިލުމުންނެވެ. އަނެއްފަރާތު ޝީޓުގައި މަގާ އެންމެ ގާތަށް އިން މާބަނޑު އަންހެންކުއްޖާ ޝުރޫކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ވަރަށް ބޮޑަށް ސޮރީ. އަހަރެންގެ އެކުވެރިޔާގެ ހާލު މިވަގުތު އެހާ ރަނގަޅެއްނޫން" ޝުރޫކް ބުނެލިއެވެ.
"އިޓްސް އޯކޭ..." އަންހެންކުއްޖާ ޝީޓުގައި ހަމަޖެހިލިއެވެ. އެކުއްޖާއަށް އަނާރެއް ނުފެނެއެވެ.
"މިހާރު އަހަރެންނަށް ރޮވޭވަރުވެއްޖެ. އަރޫ ދެން ހުއްޓާލަންވީނުން. ތިމާ އެމީހެއްދެކެ ވީ ލޯބި އަގުވަޒަން ނުކުރި މީހަކަށްޓަކައި ތިހާ ވަރަށް ކަރުނައަޅާކަށް ނުޖެހޭނެ. ތި ކަރުނަތައް ބޭކާރުގޮތުގައި ނުބާލަބަލަ. ހަމަޖެހިލަބަލަ. މިއީ ނުލާހިކު ދިގު ދަތުރެއް. އަރޫ ތިހެން އިންނަންޏާ އަހަރެން ކިހާ ފޫހިވާނެ" ޝުރޫކް ވާހަކަދެއްކިއެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް އަނާރަށް އެކަން ކާމިޔާބު ނުވިއެވެ. ހަގީގަތުގައިވެސް އަބާން އޭނާދެކެ ލޯބިނުވާކަން އެންމެފަހު ވަގުތު އޭނާއަށް އިނގި ހާމަވެއްޖެއެވެ.
"އަހަރެން ވާހަކައެއް ބުނަންތަ؟ ކަރުނައަކީ ދިރިއުޅުމުގަ ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެއް. ވިސްނަބަލަ. އިންސާނާ ދުނިޔެއަށް އައުމާއެކު ދުނިޔެއަށް މަރުހަބާ ކިޔަނީ ކަރުނައަކުން. ހަމައެގޮތަށް އިންސާނާ މިދުނިޔެއިން ދާ ވަގުތު ދަނީ އެތައް ބައެއްގެ ލޮލުން ކަރުނަތަކެއް ބާލާފައި. އެދެމެދުގައި ހޭދަކުރަންވީ އަގުހުރި ވަގުތުތަކެއް. އަބާން ކަހަލަ ލޯތްބަށް އެއްވެސް ގަދަރެއްނުކުރާ މީހަކަށްޓަކައި ތިހާވަރު ނުވޭ" ޝުރޫކް ވާހަކަދެއްކިއެވެ.
އެވަގުތު ކައިރީގައި އިން ޒުވާނާ ޕްލޭކޮށްފައި އިން ލަވަ ޕޯސްކޮށްލާފައި އިނުމުން ޝުރޫކް ދެއްކި ވާހަކަތައް އަޑު އިވުނެވެ. ދަންނަ އަޑަކާ ވައްތަރުވިޔަސް ބަލައިލާކަށް އޭނާއަށް ނުކެރުނެވެ.
"އަރޫއަށްޓަކައި ތިބި މީހުން މަދެއްނޫނެއްނު. އެތަނުންވެސް މިތަނުންވެސް. ކޮންކަމަކާ ހާސްވާންވީ" އަނާރްގެ ދެލޯ ކައިރި ފޮހެލަމުން ޝުރޫކް ވާހަކަދެއްކިއެވެ. އޭރު ފްލައިޓް ނައްޓައިލުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައެވެ.
ޝުރޫއަށް އިނގޭތަ؟ މި ފްލައިޓް ނައްޓައިލުމަށްފަހު އަހަރެންނަށް އަބާން އެއްކޮށް ގެއްލުނީ. ކީއްވެގެންތަ އަބާން އެގޮތަށް ކަންތައްކުރީ؟ އަހަރެމެން ދެމީހުން މެދުގައި އުފެދުނީ އެއްވެސް މާނައެއް ނެތް ލޯތްބެއްތަ؟" އަނާރް ބުނެލިއެވެ.
ޝުހޭލްގެ ކަންފަތުގައި އަނާރްގެ އަޑު ޖެހުމާއެކު އޭނާއަށް ހަށިގަނޑު ސީދާކޮށްލެވިއްޖެއެވެ. އަނާރް ރޯކަން އިނގި ހިތުގައި ރިއްސައިލިޔަސް ބަލައިލަން ނުކެރުނެވެ. އޭނާ ކައިރީގައި އިންކަން އިނގި އަނާރް ޝީޓު ބަދަލުކުރަންވެސް ފަހެއް ނުޖެހޭނެއެވެ. އެހެންކަމުން އެވަގުތުކޮޅު ލިބުނު އުފާ އިހުސާސްކުރަން އޭނާ ބޭނުންވިއެވެ.
(ނުނިމޭ)