ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 16

5

ހެނދުނު އެގާރަޖަހާ ދިޔައިރު ވެސް އަނާރް ނުހޭލާތީ އުމެއިރާ ކަންބޮޑުވި އެވެ. ޝެޒާ ވަޒީފާއަށް ދިޔަ ފަހުން އެތައް ފަހަރަކު އޭނާ އަނާރަށް ގޮވައިފި އެވެ. މިނޫނީ އަދި އެހާ ގިނައިރު އަނާރް ނިދަން އޮތް ދުވަހެއް ނެތެވެ. ހެނދުނު ސައި ބުއިމެއް ވެސް ނެތި އޭނާ ނުތެދުވެ އޮތުމުން އުމެއިރާ ކަންބޮޑުވި އެވެ.

"ދަރިފުޅާ އަނާރް" އަނާރްގެ ބޯ ކައިރިން ހުއްޓެމުން އުމެއިރާ ގޮވައިލި އެވެ. މިފަހަރު އަނާރް ވަރުބަލިކަމާއެކު ދެލޯ ހުޅުވައިފި އެވެ. އޭނާގެ ދުޅަވެފައިވާ ދެލޮލާއި މޫނު ފެނުމުން އުމެއިރާގެ ކަންބޮޑުުވުން އިތުރުވި އެވެ.

"ރޮއެފަތަ؟ ދެލޮލާ މޫނަށް ކިހިނެއްވެފަ؟" ކަންބޮޑުވުމާއެކު އުމެއިރާ އަހައިލި އެވެ.

"ނޫން ނުރޮން. ރޭގަ ވަރަށް ބޮލުގަ ރިއްސާތީ އުޅުނީމަ ވަރަށް ލަހުން ނިދުނީ" އަނާރް ބުނެލި އެވެ.

"ތެދުވެގެން އާދެބަލަ. ދަރިފުޅު ގިނައިރު ނިދަން އޮތީމަ މާމަ މިއުޅެނީ ފޫހިވެގެން" ކޮޓަރިން ނިކުންނަމުން އުމެއިރާ ބުނެލި އެވެ.

ގައިމަތީގައި އޮތް ރަޖާގަނޑު ދުރުކޮށްލާފައި އަނާރް އެނދުގައި އިށީނެވެ. ހޭވިފައިވާ އިސްތަށިގަނޑު ދެއަތުން އެއްކޮށްލާފައި ހުޅިއެއް ޖަހައިލި އެވެ. ދެއަތުން މޫނުމަތި ފޮހެލާފައި ސައިޑްކަބަޑް މަތީގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލި އެވެ. އޭނާ ފޯނު ނަގާފައި އަންލޮކް ކޮށްލި އެވެ. އަބާންގެ އެތައް މެސެޖެއް އައިސްފައި އޮތްތަން ފެނުމުން އޭނާގެ ސިކުނޑީގައި ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެއް ހަނާ އަޅާލައިފި އެވެ. ވާންވީ ދެރަކަމެއް އުފާ ކަމެއް އޭނާއަށް ނޭނގުނެވެ. މުޅި ހަށިގަނޑުން ހީބި ނަގައިގަނެގެން ދިޔުމާއެކު ކުށްވެރިކަމުގެ އިހުސާސްތަކެއް އޭނާގެ ހަފަރާތުން ވަށާލައިފި އެވެ. ފޯނުން ނަޒަރު ވަކިކޮށް އިސްޖަހާލެވުނުއިރު ދެލޮލުން ކަރުނައެއް ތިރިއަށް ވެއްޓިއްޖެ އެވެ. ދެއަތުން ލޯކައިރި ފޮހެލާފައި އަބާން ފޮނުވާފައި ހުރި މެސެޖްތައް ފަހަރަކު މެސެޖެއް ކަމަށް ހުޅުވަމުން ކިޔަމުން ދިޔައެވެ.

"އަބާނަށް މަޢާފްކޮށްފިން. ހަމައެގޮތަށް އަހަރެން ވެސް މަޢާފަށް އެދެން" އަމިއްލަ ނަފްސަށް އިވޭ ވަރަށް އަނާރް ބުނެލި އެވެ.

ސައިކަލުގައި އައި ސައިފް އޮފީސް ދޮރުމައްޗަށް މަޑުކޮށްލުމާއެކު އަބާން އައިސް ސައިކަލަށް އަރައިފި އެވެ. ދެ އެކުވެރިން މިސްރާބު ޖެހީ ކޮފީ އަކަށެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. އެންމެ އަވިބާރު ވަގުތެވެ. ހުޅުމާލޭގެ އެކި މަގުތައް ހުރަސްކޮށް ދާން އުޅުނު ތަނަށް ދެ އެކުވެރިންނަށް ވަދެވުނީ ފަސް މިނިޓް ވަރަކަށް ދުއްވި ފަހުންނެވެ. ދެ ކޮފީއަށް އޯޑަރު ދީފައި އަބާން ކުރިމަތީގައި އިން ސައިފަށް ނަޒަރު ހުއްޓައިލި އެވެ.

"ކީކޭ...؟ ހަމަ ތެދެއްތަ އެއީ" ސައިފް އަހައިފި އެވެ. އަބާންގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެލި އެވެ.

"ރަނގަޅު. ސައިފަށް އަދި އިނގޭނީ އިތުރު މީހަކަށް ނޭނގޭނެ" އަބާން ބުނެލި އެވެ.

"ހެހެހެ... ކިހިނެއް...؟" ސައިފްގެ މޫނުމަތިން ޙައިރާންކަމާ ހިނިތުންވުމަކާ އެކުވެގެން ކުލަވަރެއް ފާޅުވެލި އެވެ.

"ނޭނގެ. އޭނަ އަހަރެން ގޮތުގަ ހުއްޓަ ނުދިނީ. ޝީ އިޒް ޑިފަރެންޓް" އަބާން ބުނެލި އެވެ.

"އޯލްރައިޓް. އެކަމަކު އެއީ ޑޮކްޓަރެއްނޫން. ދެން؟ އަބީ ބުނި އެއްޗެއް އަދިވެސް ހަނދާން އެބަހުރި. އިތުރު މީހަކާ ކައިވެނިކުރަންޏާ ބޭނުންވަނީ ޑޮކްޓަރަކާ ކަމަށް. އެކަމަކު އެ ކުއްޖަކީ ރާއްޖެއިން ބޭރުން ކިޔެވި ކުއްޖަކަށް ވެގެންނުވޭ" އަބާން ކުރިން ދެއްކި ވާހަކަތަކެއް އެވަގުތު ސައިފް ހަނދާންކޮށްދިނެވެ.

"ނޭނގެ ދެން. އެތައް ކަމެއް ބަދަލުވެއްޖެ. ހީނުކުރާހާ ލޯބި ވެއްވިއްޖެ. އަހަރެން މޮޔަވެއްޖެ" ހުވަފެނީ ގޮތަކަށް އަބާން ވާހަކަދެއްކި އެވެ.

"ތިކަން އެބަ އިނގޭ. ހަމަ ހޭގަ ހުރި މީހަކު ކޮފީތައްޓަށް ފެނެއް ނާޅާނެ" ސައިފް ދިމާކޮށްލި އެވެ. އަބާން ބަލައިލި އެވެ. ތެދެކެވެ. އޭނައަށް ފެން އެޅުނީ ކޮފީތައްޓަށެވެ. އެވަގުތު އޭނައަށް ހެވިއްޖެ އެވެ.

ޝެޒާގެ ކަންފަތުގައި އަނާރް ރުއިމުގެ އަޑު ޖެހުނީ އޭނާއަށް ނިދެމުން ދަނިކޮށެވެ. މޫނާއެކު އަޅާފައި އޮތް ރަޖާގަނޑު ދުރުކޮށްލާފައި އޭނާއަށް އަނާރަށް ބަލައި ލެވިއްޖެ އެވެ. އަނާރް އަނެއް ފަރާތަށް އެނބުރި އޮތުމުން ޝެޒާ އަޅައެއްނުލި އެވެ. ހީވާހީވުމެއް ކަމަށް ބަލާފައި އޭނާ އަނެއްކާ ބޮލާއެކު ރަޖާއަޅައިލި އެވެ. މިފަހަރު އިވުނީ ކުރިއަށް ވުރެ ބާރަށެވެ. ޝެޒާ ތެދުވެ އެނދުގައި ކޮޅަށް ޖެހިއްޖެ އެވެ. ފާރު ކައިރިއަށް ގޮސް ނޫ ކުލައިގެ ނިދާބޮކި ނިއްވާފައި ލައިޓް ދިއްލައިފި އެވެ. އަނާރް އެ އޮތް ގޮތަށް އޮތެވެ. ޝެޒާ އަނާރާ ގާތަށް ޖެހިލުމުން ހަގީގަތަށް ވެސް އަނާރް ރޮނީކަން އިނގުނެވެ.

"ހޭއި. ޑާލިންގް. ވަޓްސް ރޯންގް" އަނާރް ކައިރީގައި އިށީން ނަމުން ޝެޒާ އެހި އެވެ.

"ޝެޒް! އަހަރެން ބޭނުމެއް ނޫން ފުރާކަށް. އަހަރެން ބޭނުމީ ކޯސް ދޫކޮށްލަން" ކަރުނަތައް ފޮހެލާފައި އަނާރް ބުނެލި އެވެ. ޝެޒާގެ މޫނުމަތިން ޙައިރާން ކަމެއް ފާޅުވެލި އެވެ. މީގެ ކުރިން ދުވަހަކު ވެސް އަނާރް އެފަދަ ވާހަކައެއް ބުނެފައިނެތެވެ. ކިޔެވުމަށް އެންމެ ފުރަތަމަ ފުރި ދުވަހު ވެސް އޭނާ ހުރީ ހިތްހަމަޖެހިގެންނެވެ.

"ވަޓް...؟ އެބަ އިނގޭތަ ތިކިޔޭ އެއްޗެއް" ޝެޒާ އެހި އެވެ.

"އާނ. އަހަރެން އެއްގޮތަކަށްވެސް ދާހިތެއް ނުވޭ. އަހަރެން.... އަހަރެން ބޭނުމީ މް...މެރީކުރަން..." އަނާރް ބުނެލި އެވެ.

"ވައި...؟ ކުއްލިއަކަށް ކީއްވެ...؟ އަނެއްކާ ތި ދެމީހުން... ނޯ ނޯ.... އަރޫ އެކަހަލަ ކަޑަ ކަމެއް ނުކުރާނެ" ޝެޒާ ވާހަކަދެއްކި އެވެ. އެކަހަލަ ވާހަކައެއް އޭނާގެ ސިކުނޑިއަށް އައި ގޮތެއް ވެސް ނޭނގެ އެވެ. ނަމަވެސް އެ ވާހަކަތަކަށް އަނާރް ރައްދު ނުދޭކަން ފާހަގަވި އެވެ. އަނާރްގެ ދެލޮލުގެ ތެރޭގައި ކަރުނަ ހިލިގަތްކަން ވެސް އޭނާއަށް ފަހަގަވި އެވެ.

"ދެން...؟ ކީއްވެ އެހާ ކުއްލިއަކަށް މެރީކުރަން ބޭނުންވީ. ކުރީ ރެއެއްގައެއްނު އަރޫ ބުނީ ތިމަންމަ އެކަހަލަ ކަމަކާ ވިސްނާނީ ވެސް ކިޔަވާ ނިންމާފައޭ" ޝެޒާ ވާހަކަދެއްކި އެވެ.

"ޕްލީޒް ސްޓޮޕް ކްރައިންގް. އަހަރެންނަށް ވެސް ދެން ރޮވޭނީ. މަށަކީ އެހާ ހިތްވަރުގަދަ މީހެއް ނޫން ކަން އިނގެއެއްނު. އިނގެއެއްނު ފިލްމު ބަލާފަ ވެސް ރޮނީ އަހަރެންކަން" އަނާރް ދެލޯ ކައިރި ފޮހެދެމުން ޝެޒާ ވާހަކަދެއްކި އެވެ.

"ޝެޒް! މާމަ އޯކޭވާނެތަ އަހަރެން ކިޔެވުން ދޫކޮށްލިޔަސް" އަނާރް އެހި އެވެ.

"ނޭނގެ. އެކަމަކު... އެސޮރު ފޯސް ކުރަނީތަ؟" ޝެޒާ އެހި އެވެ. އަނާރް ދެފަރާތަށް ބޯ ހޫރަން ފެށި އެވެ.

އެނދުގައި ނުނިދިފައި އޮތް ޒައިނާ ދެފަރާށް ފުރޮޅެމުން ދިޔަ އެވެ. އޭނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ދެލޯ ކައިރިން ގިނަ އިރުތަކެއް ވަންދެން ރޮއެފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އެންމެފަހުން ނުނިދިގެން އޭނާ ކޮޅަށް ތެދުވެއްޖެ އެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓް މަތިން އަތްދިގު ޖެކެޓެއް ލައިގެން ކޮޓަރި ހުޅުވާލާފައި ނުކުތެވެ.

ބަދިގެއަށް ގޮސް ކޮފީއެއް ހަދައިގެން މޭޒު ކައިރީގައި އިންދާ ކައިރިން މީހެއްގެ ހިޔަނި ވެލައިފި އެވެ. ކުރިމައްޗަށް ނާރަނީސް އޭނާއަށް އެއީ އަބާން ކަން އިނގިއްޖެ އެވެ. އޭނާ އެ އިންގޮތަށް އިންދާ އަބާން އައިސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެ އެވެ.

"އަހަރެންވެސް ކޮފީއެއް ބޭނުން" އަބާން ބުނެލި އެވެ. ޒައިނާ ތެދުވެއްޖެއެވެ. އަބާން އެދުނު ފަދައިން ކޮފީ ތައްޓެއް ގެނެސް ދީފި އެވެ. އަބާން ޝުކުރު އަދާކުރި އެވެ.

"މިއަދު ހަތަރުދަމު ޒައި ތިއުޅެނީ އަހަރެންނަށް ފިލައިގެން. އަހަރެން ނުލާހިކު މުހިންމު ވާހަކައެއް ބުނަން އުޅުނީ" އަބާން ވާހަކަ ދެއްކި އެވެ. ޒައިނާއަށް ބަދަލުތަކެއް އައިސްފައިވާކަން އިގޭއިރު ވެސް އޭނާ އެކަން އިނގޭ ކަމަށް ހަދަން ބޭނުންނުވި އެވެ.

"އަހަރެން ކިހިނެއް އަބީއަށް ފިލައިގެން އުޅޭނީ. ކޮންމެ ދުވަހަކު އަހަރެން ކޮލެޖަށް ގެންގޮސް ގެނެސްދީ ހަދަނީ އަބީ އެއްނު. އެކަމަކު ދެން އަބީ އެބުރަ އުފުލާކަށް ނުޖެހޭނެ" ޒައިނާ ވާހަކަދެއްކި އެވެ. އޭނާގެ އަޑުގައިވަނީ މަޑުމައިތިރި ކަމެވެ.

"އެއީ ކީއްވެ؟ އުނހު. އޭރުން ކަމަކުނުދާނެ. މަންމަ ކީކޭ ހިތަށް އަރާނީ" އަބާން ކަންބޮޑުވި އެވެ. އުންމީދާގެ ސުވާލުތަކާ އެއްގޮތަކަށް ވެސް ކުރިމަތިލާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

"މިކޮޅުން ވަރަށް ރަނގަޅު އަންހެން އެކުވެރިއެއް ލިބިއްޖެ. އޭނަ ދާއިރު އަންނާނެ އަހަރެން ބަލާ" ޒައިނާ ބުނެލި އެވެ. އަބާން ކޮފީތަށީގައި އަތްޖައްސައި ނުލިޔަސް ވާހަަކައިގެ ތެރޭގައި އިނދެ ޒައިނާ އޭނާގެ ކޮފީތަށި ހުސްކޮށްފި އެވެ.

"ކޮން ވާހަކައެއް އަބީ ބުނަން އުޅުނީ. އަހަރެން ދާންވެއްޖެ. އަވަހަށް ބުނޭ" ޒައިނާ ބުނެލި އެވެ.

"އަހަރެން ކައިރީގައި ވަރަށް ކުއްޖަކު އެބައެދޭ ޒައިގެ ފޯނު ނަންބަރަށް. އަހަރެން ނުއެއްދެން. ދޭންވީތަ؟ އެއީ ވަރަށް ރަނގަޅު ކުއްޖެއް. ފުލުހެއް" އަބާން ވާހަކަދެއްކިއެވެ. އެގޮތަށް އެވާހަކަ ބުނީތީ ޒައިނާ އިންތިހާއަށް ދެރަވެއްޖެ އެވެ. އޭނަ އާ ހެދި މާބޮޑަށް ވެސް އަބާނަށް އުނދަގު ވެއްޖެހެން ހީވެއްޖެ އެވެ. އޭނާ ކޮޅަށް ތެދުވެ އަބާނަށް ފުރަގަސްދީފި އެވެ.

"ހެހެހެ... ކޮންކަމަކާ އަބީ ކަންބޮޑުތިވަނީ. އަހަރެން ތި ދެމީހުން ދެމެދަށް ވަންނަން އުޅެނީ އޭ ހީވަނީތަ؟ ނޫން. އަހަރެން މީ އެކަހަލަ މީހެއް ނޫން. އަހަރެންނަށް އިނގޭ އެމީހަކު ބެހެއްޓި ހިސާބެއްގަ ހުންނަން" ޒައިނާ ވާހަކަދެއްކި އެވެ.

"ޒައި ކީއްވެތަ އަބަދު ގޯސްކޮށް ވިސްނަނީ؟" ތެދުވެފައި އަބާން އަހައިލި އެވެ.

"އަހަރެންނަށް ގޯސްކޮށް ވިސްނުނީ ތަންކޮޅެއް ކުރިން. މިހާރު އަހަރެން މި ވިސްނަނީ ރަނގަޅަށް. ކޮންމެހެން އަހަރެންގެ ނަންބަރު މީހަކު ހޯދައޭ ކިޔާފަ އެހެން މީހަކާ އަހަރެން ހަވާލުކުރަން މަސައްކަތް ނުކުރިޔަސް ހެޔޮ. ކޮންމެ މީހަކީވެސް އަބީއެކޭ އެއްފަދައިން ވައުދާ ހިލާފުވާނޭ މީހެއްހެން އަހަރެންނަށް ހީވަނީ" ޒައިނާ ވާހަކަދެއްކި އެވެ.

"އަހަރެން....." އަބާން އެއްޗެއް ބުނަން އުޅުނެވެ. "ގުޑްނައިޓް..." ޒައިނާ ހިނގައިގަތެވެ. އަބާން ބޮލުގައި ރިއްސައި ގަނެއްޖެ އެވެ. ޒައިނާގެ ވާހަކަތަކުން އޭނާގެ ހިތަށް އަސަރުކޮށްފި އެވެ. ވަޢުދު އުވާލެވިއްޖެކަން ހުދު އޭނާގެ އަމިއްލަ ނަފްސު ވެސް އެއްބަހެވެ. އެކަމަކު އެކަމުގައި އޭނާ ކުރާނީ ވަކި ކީއްހެއްޔެވެ؟ އެއްވެސް މީހެއްދެކެ ގަދަކަމުން ލޯބި ވެވިދާނެ ހެއްޔެވެ؟ ލޯތްބަކީ އިންސާނާގެ ހިތުގައި ގުދުރަތީ ގޮތުން އުފެދޭ ޖަޒުބާތަކަށް ކިޔައިއުޅޭ ނަމެކެވެ. މީހަކު ހަމަ ލޯބިވެޔޭ ބުނާއިރަށް ރައްދުގައި ތިމަންނަ ވެސް ލޯބިވެޔޭ ބުނާ ބުނުމަށް ކިޔާ ނަމެއް ނޫނެވެ. ބައެއް މީހުންނަށް އެކަން ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟

އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް އޮންނާނެ ކަމެއް ނޫނެވެ. ހާލަތު ކިތަންމެ އަވަހަކަށް ވެސް ބަދަލުވެދާނެ އެވެ. މީގެ ކުރިން އޭނާ ހީކުރީ މަޔޫރާ ނޫނީ އެހެން އެއްވެސް އަންހެން ކުއްޖަކަށް އޭނާގެ ހިތާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށެވެ. ދުވަހަކު ވެސް އޭނާގެ ހިތުން އަންހެން ކުއްޖަކަށް ޖާގައެއް ނުދެވޭނެ ކަމަށެވެ. އެކަމަކު އޭނާ އާ ބައްދަލުވި އަންހެން ކުއްޖެއް އެ ހުރިހާ ކަމެއް ބަދަލުކޮށްފި އެވެ. އެ އަންހެން ކުއްޖާ އާ ގުޅުމެއް ނުއުފައްދަން އޭނާ ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު އެކަން އެހެން ނުވި އެވެ. އަނާރަކީ ހުޝިޔާރު އަންހެން ކުއްޖެކެވެ. ފާޅުގައި ލޯބިވާ ވާހަކަ ވެސް ބުނީ އެވެ. އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެވެ. އެ އަންހެން ކުއްޖާ ހުއްޓާލީ ވެސް އޭނާގެ އަނގަ ހުޅުވައިފަ އެވެ.

"ސޮރީ ޒައި. އަބަދު އަހަރެންނަށް އެއްކަމެއްގެ މަތިން ހަނދާންކޮށް ނުދީބަލަ. އަހަރެންނަށް ލޯބިވެވުނީ" ގޮނޑީގައި އިށީންނަމުން އަބާން ބުނެލި އެވެ.

އެނދުގައި ފޯނެއްގައި އިން އުމެއިރާ ސިހުނީ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. ކުރިމަތީގައި ތިބި މާމަ ދެ ދަރީންގެ ތެރެއިން އޭނާ އަށް ސަމާލުކަން ދެވުނީ ޝެޒާ ކައިރީގައި ރޮވިފައި ހުރި އަނާރަށެވެ. ފޯނު ދުރުގައި ބާއްވާފައި އުމެއިރާއަށް އަނާރު ކައިރިއަށް ދެވިއްޖެ އެވެ. އަނާރް ރޯތަން ފެނުމުން އުމެއިރާ ކަންބޮޑުވެއްޖެ އެވެ. އެހެނީ މިއިން ދުވަހަކު ވެސް އެ ކުއްޖާގެ ދެލޮލުން ކަރުނައެއް ވެއްޓުނު މަންޒަރެއް އޭނާއަށް ނުފެނެ އެވެ. ވީއިރު މިހާރު އަނާރް ރޯނީ ބޮޑުކަމެއްވެގެންކަން އުމެއިރާއަށް އިނގެ އެވެ. ސުވާލުގެ ނަޒަރަކުން އޭނަ ޝެޒާއަށް ބަލައިލި އެވެ. ޝެޒާ ދެފަރާތަށް ބޯހޫރާލުމުން އުމެއިރާގެ ނަޒަރު އަނާރަށް އަމާޒުވި އެވެ. އަނާރްގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދައިފި އެވެ.

"ކިހިނެއްވީ ދަރިފުޅާ. ތަނެއްގަ ރިއްސަނީތަ؟" އަނާރްގެ އިސްތަށިގަނޑުގައި ފިރުމާލާފައި އޯގާތެރިކަމާއެކު އުމެއިރާ އެހި އެވެ. އަނާރް ދެފަރާތަށް ބޯހޫރާލައިފި އެވެ.

"ދެން ބުނެބަލަ މާމަ ކައިރީގަ" އަނާރްގެ ކޮނޑުގައި ކޮނޑުން ޖަހައިލަމުން ޝެޒާ ބުނެލި އެވެ. އުމެއިރާ ޝެޒާއަށް ބަލައިލާފައި އަނާރަށް ބަލައިލި އެވެ. އަނާރްގެ ދެލޯކައިރި އަތުން ފޮހެލާފައި އަނާރްގެ ދެއަތްތިލައިގައި ހިފަހައްޓާ ލައިފި އެވެ.

"މާމާ! އަހަރެން ފުރަން ބޭނުމެއް ނޫން. މިކޮޅުގަ މަޑުކުރަން ބޭނުމީ" އެންމެ ފަހުން އަނާރް ބުނެލި އެވެ. ޝެޒާއެކޭ އެއް ފަދައިން އުމެއިރާގެ މޫނުމަތިން ވެސް ޙައިރާން ކަމެއް ފާޅުވެލި އެވެ.

"ކީއްވެތަ ދަރިފުޅާ. ފަހުއަހަރެއްނު. މި ވޭތުވެދިޔަ ފަސްއަހަރު ދުވަހު ކުރި ހުރިހާ މަސައްކަތްތައް ބޭކާރެއްނު އެވީ" ލޯތްބާއެކު އުމެއިރާ އަނާރަށް ވިސްނައިދިނެވެ.

"ކީއްވެގެން ބޭނުންނުވަނީ. ކޮބާ ސަބަބަކީ...؟" އުމެއިރާ އަހައިފި އެވެ.

"މެރީކުރަން ބޭނުމީ" އަނާރް ބުނެލި އެވެ. އެހިނދު އުމެއިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އަނާރްގެ ނިތުގައި ބޮސްދީފި އެވެ.

"މާމަ ވަރަށް އުފާވެއްޖެ މާމަގެ ދެދަރީން ބޮޑެތިވެއްޖެކަން އިނގުނީމަ. އެކަމަކު ދަރިފުޅު ކިޔެވުން ފުރިހަމަކޮށްފައި އައިސް މެރީކުރަން މާމައަށް ފެންނަނީ. ދަރިފުޅު ތި ކިޔެވުން ނިންމާލީމަ މާމަ ހާދަ ހިތްހަމައެއް ޖެހޭނޭ. ދަރިފުޅުގެ މަންމަ ދުނިޔޭގައި އަބަދުވެސް ބުނާނެ ތިމަން އަށް ލިބޭ ދަރިއެއް އިންސާނިއްޔަތަށް ޚިދުމަތްކުރާ ދަރިއެއްގެ ގޮތުގަ ދިވެހި ގައުމަށް ޚިދުމަތްކުރާތަން ބަލަން ވަރަށް ބޭނުމޭ. ދަރިފުޅުގެ ތި ކިޔެވުމާ ކަށްވަޅުގައި އޮތް ދަރިފުޅުގެ މަންމަ އާ އަދި މާމަގެ ވެސް އެތައް އުންމީދެއް ވަނީ ގުޅިފައި" އުމެއިރާ ނަސޭހަތްތެރިވަމުން ދިޔަ އެވެ.

"އެކަމަކު މާމާ...އަހަ...އަހަރެން ވަރަށް ބިރުގަނޭ..." އަނާރް ބުނެލި އެވެ.

"ކޮންކަމަކާ. މާމަގެ ދަރިން ބިރުގަންނަން ޖެހޭނީ ހަމައެކަނި ހެއްދެވި ފަރާތްދެކެ. ކީއްވެތަ ކުއްލިއަކަށް ތިކަހަލަ ނިންމުމެއް ތި ނިންމީ. ދަރިފުޅު ވިސްނާލީމަ ވެސް އިނގެ އެއްނު ތިއީ ވަރަށް ވިޔާނުދާ ވިސްނުމެއްކަން" އުމެއިރާ ވާހަކަދެއްކި އެވެ.

"ދަރިފުޅު އިންނަން ތިކިޔަ ކުއްޖާ ބޭނުންވަނީތަ އަރޫ މަޑުކުރަން. ކިޔެވުން މެދުކަނޑާލަން" އުމެއިރާ އަހައިފި އެވެ. އަނާރް ދެ ފަރާތަށް ބޯހޫރާލައިފި އެވެ.

"އަހަރެންވެސް ބުނިން. އެސޮރު އަރޫދެކެ ލޯބިވަންޏާ އަރޫ ކިޔަވައިގެން އަންނަންދެން މަޑުކުރާނެ ދޯ. އަރޫއަށް ހިތްވަރުދޭނެ ދޯ. ނޫންތަ މާމާ؟" ޝެޒާ ވާހަކަދެއްކި އެވެ.

"އާނ. ޔަގީނެއްނު. މާދަމާ ނޫން އަނެއް ދުވަހު ފުރާނެ. އެސްފިޔަ ޖާހާލާ އަވަހަށް އަހަރެއް އަރައިގެން ހިނގައިދާނެ. އެނބުރި އައިސް ދެން އޮތީ އުފާވެރި ދުވަސްތަކެއް. ކެތްތެރިވާންވާނެ ދަރިފުޅުމެންނޭ. އެއްވެސް ކަމެއްގަ އަވަސް އަރުވާލާކަށް ނުވާނެ" އުމެއިރާ ވާހަކަދެއްކި އެވެ.

"އެކަމަކު މާމަމެން ތި ހީކުރާގޮތަށް އެއްވެސް ކަމެއް ނުވެއްޖިއްޔާ. ނޭނގި ހުއްޓާ ހުރިހާ ކަމެއް ބަދަލުވެއްޖިއްޔާ. ދެން؟" އަނާރް ވާހަކަދެއްކި އެވެ.

އަދިވެސް އޭނާގެ ހިތުގައި ނުތަނަވަސް ކަމެއްވި އެވެ. ކަރުނަތައް ބަރާވެފައި ހުރި އަނާރްގެ ދެލޮލަށް ބަލަހައްޓައިގެން އުމެއިރާއަށް އިނދެވުނީ ވިސްނުމެއްގަ އެވެ.

ގެއަށް ވަންގޮތަށް އަބާން އައިސް އިށީނީ ސޯފާގަ އެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން ޝުބާ އާ ޒައިނާ އިނެވެ. ފޯނުގެ އަތްގަނޑު ނަގާފައި އަބާން ޝުބާއަށް ބަލައިލި އެވެ.

"ޝުބްއަށް ޔަޤީންތަ ދޮންބެގެ ފޯނު ކޮޓަރީގަ ނެތްކަން" އަބާން އެހި އެވެ.

"ނެތޭ. ދޮންބެ ނުދާނެ ދޯ އެއްވެސް ތަނަކަށް ފޯނު ބާއްވާފައެއް. މުޅި ގެ ހޯދައިފިން. ދޯ ޒައިނާއްތާ" ޝުބާ ޒައިނާއަށް ބަލައިލާފައި ވާހަކަދެއްކި އެވެ.

"ބައްޕަ އެބައުޅޭތަ ގޭގަ" އަބާން އެހި އެވެ.

"އަދި ނާދޭ ގެއަށް. ހީވަނީ މެންދުރުކާން އަންނާނެހެން" ޝުބާ ބުނެލި އެވެ.

ސައިފަށް ގުޅައިގެން އިންއިރު އަބާންގެ ހިތްވަނީ އަވަސްވެފަ އެވެ.

"ބިޒީތަ..؟ ނޫނިއްޔާ ޖައްސަބަލަ ގޭ ކައިރިއަށް" ސައިފް ފޯނު ނެގުމާއެކު އަބާން ބުނެލި އެވެ. އެނާ ފޯނު ބޭއްވި އިރު މޫނުމަތިން އުދާސްވެރިކަމެއް ފެންނަން ހުއްޓެވެ. ސައިފް ވެސް އަންނަން އިރުކޮޅެއް ނަގާނޭ ބުނުމުން އޭނާ ގޮތްހުސްވި އެވެ. އޭނަ ބޭނުންވަނީ މިހާރުން މިހާރު ވެސް އޭނާ ދިޔަ ތަންތަނަށް ދާށެވެ. ލައިގެން ހުރި ގަމީހުގެ ދަށަށް ޖަހާފައި ހުރި ބައި ނައްޓަމުން ކޮޓަރި އާ ދިމާލަށް ދިޔަ އަބާނަށް އެރުނީ ކޮޓަރިން ނިކުތް އުންމީދާގެ ކުރިމައްޗަށެވެ.

"ނިމުނީތަ؟ ހާދަ އަވަހަކަށް" އުންމީދާ އެހި އެވެ.

"ނެތް މަސައްކަތެއް ކުރާހިތެއް. ފޯނު ނޭނގުނު ބޭއްވުނުތަނެއް. ވަރަށް ފޫހި ދުވަހެއް" އަބާން ބުނެލި އެވެ.

"ކޮންތަނެއްގަ ބޭއްވީ. ދަރިފުޅު ތަންކޮޅެއް ފަރުވާތެރިވާން ވެއްޖެ" އުންމީދާ ބުނެލި އެވެ.

"ސައިކުގަ ޕެޓްރޯލެއް ނެތް. ބައްޕަ ވެސް ގެއަކު ނެތް. ސައިފަށް ގުޅައިގެން މިއުޅެނީ. މިއަދު ކޮފީއަކަށް އެރިން ކްލައިންޓަކާއެކު. އެތަނުގައި ބޭއްވުނީ ކަންނޭނގެ" އަބާން ބުނެލި އެވެ.

ކޮޓަރިއަށް ވަންގޮތަށް އަބާން އެނދުމައްޗަށް ވެއްޓިގަތެވެ. ފޯނަށް ވީނުވީއެއް ނޭނގުނީމަ އޭނަ ވަރަށް ދެރަވެއްޖެ އެވެ. މުހިންމު ޑޮކިއުމަންޓްސްތައް ހުރެގެނެއް ނޫނެވެ. އަނާރްގެ ފޮޓޯތަކާ މެސެޖްތައް ވެސް ގެއްލިގެން ދިޔައީތީ އެވެ. އަނާރްގެ ނަންބަރު ހިތުން އިނގޭކަން ނަސީބެކޭ ހިތަށް އެރި އެވެ.

މިރޭވެސް ނިދަން އޮށޯތުމުގެ ކުރިން ޒައިނާ ކޮފީބޯން ބޭނުންވި އެވެ. އޭނާ ބަދިގެ އަށް އައިސް ކޮފީތައްޓެއް ހަދައިލި އެވެ. މޭޒުކައިރީގައި އިށީނދެފައި ބޯދިއްކޮށްލާފައި އަބާންގެ ކޮޓަރިއާ ދިމާލަށް ބަލައިލި އެވެ. އަބާނާ ބައްދަލުކޮށް ވާހަކައެއްދައްކަން އޭނާ އިނީ ބޭނުންވެފަ އެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ކޮފީތަށި ހުސްވާން އުޅެނިކޮށެވެ. އަބާން އައިސް މޭޒާ އަރާ ހަމަކޮށްފި އެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟ ހަމަ އެކުވެރިއެއް ހައިސިއްޔަތުން" ޒައިނާ ބުނެލި އެވެ.

"ޒައި ކުރިން ވާހަކަދެއްކީމަ ވަރަށް އުފާވެއްޖެ. އަވަހަށް އަހާބަލަ" ގޮނޑި ދަމާލާފައި އިށީންނަމުން އަބާން ބުނެލި އެވެ.

"އަބީއަށް ކެތްވާނެތަ؟ އެއްއަހަރު ކެތްވާނެތަ؟" ޒައިނާ އެހި އެވެ. އަބާންގެ ދެބުމަ ގޮށްޖެހުނެވެ. ޒައިނާ އެދައްކާ ވާހަކައެއް އޭނާއަށް ނޭނގުނެވެ.

"ކީކޭ ތިބުނީ...؟" އަބާން އެހިއެވެ. "މިއަދު އަހަރެން އަނާރާ މަގުމަތިން ބައްދަލުވި. ކުރިން އޭނަ ސަލާންކޮށްލާފަ ވާހަކަދެއްކީ. މިގެއިން އަހަރެން ފެނުނު ވާހަކަ ބުނެލި. ވަރަށް ހިތްހެޔޮ ކުއްޖެއް. އެކަމަކު ބޭރު ފުށުން ފެންނަ ރީތިކަމެއް މީހާގެ އަހްލާގެއް ބުނެނުދޭނެ" ޒައިނާ ވާހަކަދެއްކި އެވެ.

"އަބީ ކިހިނެއް އެހާ އަވަހަށް މީހުންނަށް އިތުބާރުކުރަން ދަސްކުރީ" ޒައިނާ އެހި އެވެ. އަބާން ބަހެއް ވެސް ނުކިޔާ ޒައިނާގެ ވާހަކަތައް އަހަން އިނެވެ.

"އަބީއަށް އިނގޭތަ މާދަމާ ހެނދުނު އަނާރް ފުރާކަން. އޭނަ އަންނަނީ އޮސްޓްރޭލިޔަގަ ކިޔަވަަމުން. ފަސް އަހަރު ނިންމާފަ ބާކީ އޮތީ އެންމެ އަހަރެއް. އެ ހުރިހާ ބައްދަލުވުމަކަށްފަހު ވެސް އަނާރް އެވާހަކަތައް ބުނިތަ؟" ޒައިނާގެ ވާހަކަތައް ނުނިމެނީސް އަބާން ފުންމައިގެން ތެދުވި އެވެ. ކޮޓަރިއަށް ވަންގޮތަށް ސައިކަލް ތަޅުދަނޑި ހިފައިގެން ސިޑިން ފައިބައިގެން ދިޔައީ އެހާ ބާރަށެވެ. ސައިކަލަށް އަރާފައި އެދަންވަރުގައި މާލެދާން ނައްޓައިލި އެވެ. އަނާރާ ބައްދަލުކޮށް ހުއްޓުވަން އޭނާ ބޭނުންވި އެވެ.

"އަނާރް! ކޮންމެ ފަހަރަކު އަހަރެން ކައިރީގައި ބުނަން އުޅުނީތަ އެވާހަކަތަ..؟ ޝިޓް....." ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދިޔަ އަނާރް އަމިއްލަ ނަފްސަށް ބުނެލި އެވެ.

"އަނާރް! އަހަރެން މޮޔަކޮށްލާފައި ނުދޭ..." އަބާން މަޑުމަޑުން ބުނެލި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟