ފަނަރަވަނަބައި
"ތިވަރަށް ބަލަންތަ އަހަރެން މިތަނަށް ގެނައީ" އަބާންގެ ލޮލުން ނަޒަރު ވަކިކޮށް އަނާރް ބުނެލިއެވެ.
"އަނާރާ ދިމާވިފަހުން މިގޮތަށް ތިމޫނަށް ބަލައިލަން އަހަރެންނަށް ހާދަ ފުރުސަތެއް ނުލިބެއޭ" އަބާން ބުނެލިއެވެ.
"މާމަމެން މިހާރު ދާން އުޅޭނެ ކަންނޭނގެ" އަނާރް ބުނެލިއެވެ.
"މިރޭ ބައްދަލުވާނެތަ؟" އަބާން އެހިއެވެ.
"މިތިބީ މިހާރުވެސް ބައްދަލުވެފައެއްނު" އަނާރް ބުނެލިއެވެ.
"ހެހެހެ... އަބަދުވެސް އަނާރް ކުރިމަތީގައި ހުންނަން ބޭނުމީ" އަބާން ބުނެލިއެވެ.
"ކީއްވެ؟" އަނާރް އެހިއެވެ.
"ނޭނގެ" އަބާން ބުނެލިއެވެ. އަދި އެއްއަތުން އަނާރްގެ ކޯތާފަތުގައި ފިރުމައިލިއެވެ. އެހިނދުކޮޅުގައި ވެސް ބަސްމޮށުންތެރިކަމަކާ ނުލާ އަނާރަށް މެސެޖެއް ދީފިއެވެ. އެވަގުތު އޭނާ އަބާންގެ ދެލޮލަށް ބަލައިލިނަމަ އަބާންގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ލިބުނީހެވެ.
ބުނީމެއްނު މުހިންމު ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ" އެއްޗެއް ހަނދާންކޮށްލަމުން އަބާން ބުނެލިއެވެ.
"ޔެސް. ބުނިން. އެކަމަކު އޭގެކުރިން އަހަރެން ސުވާލެއްގެ ޖަވާބު ބޭނުން" އަނާރް ވާހަކަދެއްކިއެވެ.
"ކޮން ސުވާލެއް" އަބާން ބުނެލިއެވެ.
"އަބާން އަހަރެންނާ މެދުު ދެކެނީ ކިހިނެއް؟ އަބާންގެ ދުލުން ތިބޭރުކުރާ ޖާދޫވީ ބަސްތަކުގެ މާނަ އަހަރެން ނަގަންވީ ކިހިނެއް؟" އަނާރް ބުނެލިއެވެ.
"އަދި އިނގޭނެ. އަނާރް އަޑުއަހަން ބޭނުންތިވާ ހުރިހާ ވާހަކަތަކެއް އަހަރެން ބުނާނަން. މިކަންފަތް ކައިރީގަ ވަރަށް ސިއްރުން" އަނާރްގެ ކަންފަތާ ގާތްވެލާފައި ފުމެލަމުން އަބާން ބުނެލިއެވެ. އެވަގުތު އަނާރްގެ މުޅި ހަށިގަނޑުގައި ކަރަންޓްގެ އޮއެވަރެއް ހިނގާލައިފިއެވެ. އޭނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިިލިއެވެ. ލަސްލަހުން އެސްފިޔަތައް އުފުލާލައިފައި އަބާނާ ހަތަރުކަޅި ހަމަކޮށްލިއެވެ. ހަމަ އެހިނދު ހީލާފައި އެސްފިޔަތައް ތިރިކޮށްލިއެވެ. އަބާނަށް އެގޮތުގައި ކެތްނުވިއެވެ. އަނާރްގެ ދެއަތްތިލައިގައި ހިފާފައި ކޮޅަށް ނެގިއެވެ. ހިނދުކޮޅެއް ވަންދެން އަނާރްގެ މޫނަށް ބަލަހައްޓައިގެން ހުރެފައި އަނާރްގެ މޫނާ ގާތްވެލައިފިއެވެ. ނޭވާ އިހުސާސްވާހާ ގާތަށް އައުމާއެކު އަނާރް އަބާންގެ ދެތުންފަތުގައި ކަނާއަތުގެ ޝަހާދަތް އިނގިލި ހުރަސްކޮށްލިއެވެ.
"އަހަރެންނާ މެދު ދެކޭގޮތް އަބާންގެ ދުލުން ނުބުނަނީސް އަހަރެން މިކަހަލަ ކަމަކަށް ފުރުސަތެއް ނުދޭނަން" އަނާރް ބުނެލިއެވެ.
އެންމެފަހުން އަބާން ބޮސްދިނީ އަނާރުގެ އިނގިލީގައެވެ.
"ތިކަމަށް މާދިގު އިންތިޒާރެއްކުރަން ނުޖެހޭނެ" އަބާން ބުނެލިއެވެ.
"އަހަރެން ދަނީ. ޔަޤީން މިހާރު މާމަ ހުންނާނީ ލަސްވެފަ. ހިތަށްއަރާނެ ނުވެސްދަންނަ ގެއަކަށް އައިސްފައަހަރެން ގެއްލިއްޖޭ. އަބާންވެސް ނެތީމަ އެމީހުން ޝައްކުކޮށްފާނެ" އަނާރް ވާހަކަދެއްކިއެވެ.
"އޯކޭ... އެކަމަކު ވަރަށް އަވަހަށް ބައްދަލުކުރަން އަހަރެން ބޭނުން" އަބާން ބުނެލިއެވެ.
"ހޫމް... ދަނީ" ހީލާފައި ނިކުންނަން ދިޔަ އަނާރް އެނބުރިލިއެވެ.
"ވެއިޓް. ދިޔުމުގެ ކުރިން އަހަރެންވެސް ސުވާލެއް ކޮށްލަން ބޭނުން" އަނާރް އަތުގައި ހިފަމުން އަބާން ބުނެލިއެވެ.
ކޮން ސުވާލެއް. އަބާން ކުރި ކޮންމެ ސުވާލަކަށް އަހަރެން ޖަވާބުދޭނަން" އަބާނަށް ބަލައިލަމުން އަނާރް ބުނެލިއެވެ.
"އަނާރް އަހަރެންނާ މެދު ދެކެނީ ކިހިނެއް؟" އަބާން ބުނެލިއެވެ. އަނާރް އަބާންގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އަބާންގެ މޭގައި ބޯއަޅާލައިފިއެވެ.
"އައިލަވްޔޫ އަބާން. އައި ރިއަލީ ލަވްޔޫ" އަބާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ދެއަތުން އަނާރްގެ ހަށިގަނޑުގައި ވަށާލާފައިފިއެވެ. ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ފަދައިން އަނާރްގެ ހަށިގަނޑު އޭނާގެ މެއާ ލާ ފިއްތަމުން ދިޔައެވެ.
***
ޖޫސްތަށި ހިފައިގެން ފިޔާޒާ ހިނގައިގަތުމުން ރުޝްދާ ހުއްޓުވިއެވެ. ފިޔާޒާ ބަލައިލުމާއެކު އޭނާ ޖޫސްތަށީގައި ހިފައިފިއެވެ.
"އަހަރެން މި ގެންދާނަން. ދައްތަ މަޑުކޮށްލަދީ މިތަނުގަ. އަހަރެންނަށް ވަރަށް ކޮއްކޮ ހިތުގަ ޖެއްސިއްޖެ" ރުޝްދާ ބުނެލިއެވެ. ފިޔާޒާ ހިނިތުންވެލިއެވެ. އޭނާ ރުޝްދާއަށް ފުރުސަތުދިނެވެ. އިއްޔެގަ ގޭތެރޭގައި ހިނގާދިޔަ ކަންތަކަށްފަހު އަދިވެސް ޝުހޭލްގެ ހާލަތު ހަމަޔަކަށް ނޭޅެއެވެ.
"އަވަހަށް ދޭ. ރުޝް އޭނާ އާ ވާހަކަނުދައްކާ ހުރީމަ ރޭގަ ނިދެންދެން އެ ޝަކުވާ ވަރަށް ކުރި" ފިޔާޒާ ބުނެލިއެވެ.
ރުޝްދާ ހިނގައިގަތެވެ. ޝުހޭލްގެ ކޮޓަރި ދޮރަށް އަރާފައި ހަމަޖެހިލިއެވެ. ތަޅުގައި ހިފާލާފައި އެތެރެއަށް ހުޅުވާލިއެވެ. ލެޕްޓޮޕުން އެއްޗެއް ބަލަހައްޓައިގެން ކަންފަތަށް ހެޑްފޯނު ގުޅައިގެން އިނުމުން ކޮޓަރި ދޮރުހުޅުވުނު ކަމެއް ޝުހޭލްއަށް ނޭނގުނެވެ. ޝުހޭލްގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމާ މޫނުމަތި ބަދަލުވެފައިވާވަރު ފެނި ރުޝްދާގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ.
ޝޫހޭލްއަށް ބަލައިލެވުނު ގޮތަކުން މީހަކު ކައިރީގައި އައިސް ހުއްޓުނުކަން އިނގުނެވެ. ކަންފަތުން ހެޑްފޯނު ވަކިކޮށްލާފައި އޭނާ ރުޝްދާއަށް ބަލައިލިއެވެ.
"ވެއިޓް... ކޮއްކޮ ކޮންއިރަކު ދިވެހި ލަވަ އަޑުއަހަން ފެށީ" އެނދު ކައިރީގައި ހުރި ރުޝްދާއަށް ޝުހޭލް އަޑުއަހަމުން ދިޔަ ލަވައިގެ އަޑު ކޮންމެސް ވަރަކަށް އިވުނެވެ.
"އަޑެއް ނާހަންް. އެންމެ ލަވައެއް. އެއީ ދުވަހަކުވެސް ހަނދާނުން ފިލާނެ ލަވައެއްނޫން" ޝުހޭލް ބުނެލިއެވެ. އަދި ރުޝްދާއަށް ފާހަގަނުވާނެހެން ލެޕްޓޮޕް ލައްޕައިލިއެވެ.
"ދޮންތަ ކަމަކުތަ؟" ޝުހޭލް އެހިއެވެ.
"ހޫމް. ތި ބަލާ އެއްޗެއް ދޮންއަށްވެސް ދައްކަބަލަ" ޝުހޭލް ކައިރީގައި އިށީންނަމުން ރުޝްދާ ބުނެލިއެވެ.
"އެއީ އެއްޗެއް ނޫން. ކޮލެޖްގެ ބައެއް ވީޑިޔޯތައް. ދޮންތަ ބެލިޔަސް އެއްޗެއް ނޭނގޭނެ. އޭގަ ތިބީ ހުސް ފްރެންޑުން" ޝުހޭލް ބުނެލިއެވެ.
"އެއްކަލަ އަންހެންކުއްޖާ ހުންނާނެތަ؟ މިބުނީ ފިހާރައިން ދިމާވި" ރުޝްދާ އެހިއެވެ. ޝުހޭލް ބޯޖަހައިލިއެވެ. އޭނާގެ ދެލޮލުން ރިހުމެއް ފާޅުވެލިއެވެ.
"ދޮންއަށް ކޮންއިރަކުން އެ ސްޓޯރީ ކިޔައިދޭނީ" ރުޝްދާ އެހިއެވެ.
"އެކޮޅަށް ގޮސް ކިޔައިދޭނަން. މިދުވަސްކޮޅު ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފަ" ޝުހޭލް ބުނެލިއެވެ
ރުޝްދާ ޝުހޭލްގެ އަތުގައި ހިފައިލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ކޮއްކޮގެ އަތްތިލައަށް ފިތާލިއެވެ. އެ އަންހެންކުއްޖާގެ ސަބަބުން އޭނާގެ ކޮއްކޮ ވިސްނުންތަކެއް ވިސްނާކަން އޭނާއަށް އިނގެއެވެ. އޭނާއަށް ނޭނގެނީ އެ ސަބަބެވެ. އެ އަންހެންކުއްޖާ ކޮއްކޮއަށް ނަފްރަތުކުރާ ސަބަބު ހޯދަން އޭނާ އިނީ އިންތިހާއަށް ބޭނުންވެފައެވެ.
***
އަބާނާ ނަސީމް ކައިގެން ތެދުވުމުން ޝުބާ އަދި ޒައިނާއަށް ގޮވާލާފައި އުންމީދާ ކާންއެރިއެވެ. އެހެން ދުވަސްތަކަށް ވުރެ ބޮޑަށް ޒައިނާ ބަސްމަދުވެފައި އިންކަން އުންމީދާއަށް ފާހަގަވިއެވެ. ތައްޓަށް އަޅާފައި ހުރި ބަތްކޮޅު ވެސް މަދުކަން އުންމީދާއަށް ފާހަގަވިއެވެ.
"މަންމާ! ވަރަށް މަސައްކަތް އެބަހުރި މާދަމާއަށް ނިންމަންވެފަ. މިދަނީ ކޮޓަރިއަށް" ޝުބާ ތެދުވިއެވެ. އުންމީދާ ޝުބާގެ ތައްޓަށް ބަލައިލިއެވެ. ކައިފަ ހުރީ ކުޑަ އެތިކޮޅެކެވެ.
"އެކަމަކު ދަރިފުޅާ! އިސްރާފުކުރަން ނުވާނެ" އުންމީދާ ބުނެލިއެވެ.
"ސޮރީ މަންމާ. މިރޭ އެހާ ބަނޑުހައިވެފައެއް ނޫން ހުރީ" ޝުބާ ހިނގައިގަތެވެ.
އުންމީދާ ދެން ނަޒަރު ސީދާކޮށްލީ ކުރިމަތީގައި ކާން އިން ޒައިނާއަށެވެ. އަޅާފައި ހުރި ކުޑަ ބަތްކޮޅު ހުސްކޮށްލާފައި ޒައިނާ ތެދުވަން އުޅުނު ވަގުތު އުންމީދާ ވާހަކަދެއްކިއެވެ.
"ބަލީތަ؟ މިރޭ ހާދަ ތަފާތޭ" އުންމީދާ އެހިއެވެ.
"ނޫން. މިރޭ ކުޑަކޮށް ބޮލުގަ ރިއްސާވަރުން މިއުޅެނީ" ޒައިނާ ބުނެލިއެވެ.
"އުންމިއްތައަށް ފާހަގަކުރެވޭ މި ދެތިންދުވަހު ޒައި ވަރަށް ބަސްމަދުކަން. މިގޭތެރެއިން ހިތްހަމަނުޖެހޭ ކަމެއްވީތަ؟ އެކަހަލަ ކަމެއް އުޅެންޏާ ނުބުނެ ނުހުންނައްޗޭ" އުންމީދާ ބުނެލިއެވެ.
"އެކަހަލަ ކަމެއް ނޫޅޭ. އެއީ އުނދަގޫ ޓެސްޓެއް ކުރިއަށް އޮތީމަ އެކަމާ ވިސްނެނީ. އެހާ ރަނގަޅަށް އެ މައްދާއެއް ނޭނގޭ" ޒައިނާ ވާހަކަދެއްކިއެވެ.
"އެއީ ކޮންމާއްދާއެއް" އުންމީދާ އެހިއެވެ.
***
ސައިފް ގުޅާފައި ބޭރަށް ދާން އެދުމުން އަބާން ދާން ބޭނުންނުވިއެވެ. އޭނާ ބޭނުންވީ ހަމަޖެހިލައިގެން އަނާރާ ފޯނުން ވާހަކަދައްކާލާށެވެ. އޭނާގެ ހުރިހާ ވަގުތެއް މިހާރު ގުޅިފައިވަނީ ހަމައެކަނި އަނާރާއެވެ. އެ ނަން މަތިން އޭނާ ހަނދާންނެތޭ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. އަބަދުވެސް ހިތްއެދެމެންދަނީ އެ އަންހެންކުއްޖާ އާ ކައިރީގައި ވުމަށެވެ. ނިދީގައިވެސް ހޭލާ ހުންނައިރުވެސް އޭނާއަށް ފެންނަނީ އަނާރެވެ. އަނާރްގެ ސަބަބުން އޭނާއަށް ނުވެސް އިނގި އޭނާއަށް އެތައް ބަދަލެއް އައިސްފިއެވެ. އަބާން ފެނުމާއެކު ކޮންމެސް މީހެއްވެސް އެންމެ ފުރަތަމަ އަޅައިގަންނަނީ އޭނާގެ ތުންފަތަށް ވެރިވެފައި ހުންނަ ހިނިތުންވުމުގައެވެ. އެއީ މީގެކުރިން އޭނާގެ ތުންފަތްމަތިން ގެއްލިފައިވާ އެއްޗެކެވެ.
"ދަރިފުޅާ!" ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވާލާފައި އުންމިދާ ވަނެވެ. ކަންފަތާ ގުޅާލެވިފައި އޮތް ހެޑްސެޓް ނައްޓާލާފައި އޭނާ އުންމީދާއަށް ބަލައިލިއެވެ.
"ކަމެއްގަތަ ތިއުޅެނީ؟" ދޮރުމަތީގައި ހުރެ އުންމީދާ އެހިއެވެ.
"ނޫން. މުހިންމު ފޯނެއްގަ. ކްލައިންޓެއް ގުޅައިގެން" އަބާން ބުނެލިއެވެ.
"އެހެންތަ. އެހެންވިއްޔާ ތިކޯލު ނިންމާފައި ޒައިއަށް އޭނަ ބުނާ އެއްޗެއް ކިޔައިދީބަލަ. އެމަންޖެ ޓެސްޓް ފެށެނީ" އުންމީދާ ބުނެލިއެވެ. ވަގުތުން އަބާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަނާރާއެކު ލިބުނު އުފާވެރި ވަގުތުކޮޅަށް ޒައިނާގެ ސަބަބުން ނިމުން ގެންނަން ޖެހުމުން ފޫހިވިއެވެ.
"މިހާރުތަ މަންމާ" އަބާން އެހިއެވެ.
"އާނ. މަންމަ ގޮސް ޒައި މިފޮނުވަނީ" އުންމީދާ ބުނެލިއެވެ.
އޭނާ ދޮރުލައްޕާލާފައި ދިޔުމުން އަބާން ހެޑްސެޓް ކަންފަތަށް ޖަހާލާފައި އަނާރަށް ގޮވައިލިއެވެ.
"ނުނިދައްޗޭ. ގުޅާނަން އިރުކޮޅަކުން" އަބާން ބުނެލިއެވެ.
ފޯނު ކަންފަތާ ދުރުކޮށްލި އަނާރަށް ސިހުމެއް ލިބުނީ އޭނާގެ އަތުގައި މީހަކު ކޮށްޓާލުމުންނެވެ. ކުއްލިއަކަށް ބަލައިލަންވެގެން އެނދުން ނުވެއްޓުނީ ކިރިޔާއެވެ.
"ޝެޒް! މި އެނދުގަ ކީއްކުރަނީ. ޕްލީޒް. ދޭ ޔޫ ގެ އެނދަށް. ސީރިޔަސްލީ. ކައިރީގައި މީހަކު ބާއްވައިގެން މަށަކަށް ނުނިދޭނެ" ގައިމަތީގައި ރަޖާއަޅައިލަމުން އަނާރް ބުނެލިއެވެ.
"ވަރަށް ހީވޭ. ދެން މާ ލޯބިން ތިވާހަކަދައްކާ ސޮރު ކޮންތާކު ބާއްވަނީ ކައިވެނިކޮށްގެން" ކުރުއަތް މައްޗަށް އޮތް ޝެޒާ ބުނެލިއެވެ.
"ކައިވެންޏޭ. ހެހެ... ތިއީ އަދި ވަރަށް ފަހުގެ ކަމެއްނު" އަނާރް ބުނެލިއެވެ.
"މަށަކަށް ހިއެއްނުވޭ ލަސްވާނެހެނެއް. ފޯނު ކަންފަތާ ދުރުކޮށްލާ އެންމެ ހިނދުކޮޅެއް ނާދޭ" ޝެޒާ ދިމާކޮށްލިއެވެ. އަނާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ހަނދާންވީ ތިހެން ބުނީމަ. މިއަދު ހަމަ ސިކުންތަކު އެއްފަހަރު އެބަގުޅާ. އަހަރެން ކުރާ ހުރިހާކަމެއް އެބަބަލާ. ކައިފިތޯ ރޭގަ ރަނގަޅަށް ނިދިތޯ ބަލިތޯ ގޭ މީހުން ކިހިނެއްތޯ. ސީރިޔަސްކޮށް. އަހަރެން މޮޔަވެއްޖެ. އޭނަގެ ވާހަކަތައް އަހާފައިވެސް އަންހެންކުއްޖަކު ދުނިޔެއިން މޮޔަވެދާނެ" އެނދުގެ ހެޑްބޯޑުގައި ލެގިލަމުން ހުވަފެނީ ގޮތަކަށް އަނާރް ވާހަކަދެއްކިއެވެ.
"އަރޫ...!! ކިހިނެއް ތިވަނީ؟ އެހާ އަވަހަށް މީހުންނަށް އިތުބާރުކުރާކަށް ނުވާނެ" އަނާރްގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޝެޒާ ބުނެލިއެވެ.
"އެކުގަ އުޅެން ބޭނުންވަންޏާ އިތުބާރުވެސް ކުރަންއެބަޖެހޭ. އިތުބާރު ގެއްލެންދެން އަހަރެން އޭނައަށް އިތުބާރުކުރާނަން" އަނާރް ބުނެލިއެވެ.
"މަށަކަށް ނުފެނޭ ތިހާ ލޯބިވާ ދެމީހުން އެހާ ގިނަދުވަހު މެރީނުކޮށް ތިބޭކަށް. ހިނގާ އަހަރެމެން ދެމީހުން އެއްކޮށް ނިންމަން. މާމަ ވަރަށް އުފާވާނެ" ޝެޒާ ވާހަކަދެއްކިއެވެ.
"އަހަރެން ނިންމާފަ އައިސް. އަހަރެއްހާ ދުވަހު އަދި މަޑުކޮށްލާނީ. އެކަމަކު ތެދެއް ބުނަންތަ! އަހަރެންނަށް ގޯހެއް ހެދިދާނެތީ ވަރަށް ބިރުގަނޭ. އަހަރެމެން ދެމީހުންގެ މެދުގައި ކަމެއް ވާން އުޅުނަސް އަހަރެންނަށް ހިއެއްނުވޭ އޭނާ ދުރުކޮށްލެވޭނެ ހެނެއް" އަނާރް ވާހަކަދެއްކިއެވެ.
"ޔާރައްބީ. ތިއީ ވަރަށް ނުރައްކާތެރިކަމެއް. އަހަރެން މިހާރު މިވަގުތު ތިދެމީހުން ކައިވެނިކުރުވަން ބޭނުން. ގުޅާ އެސޮރަށް. އަހަރެން ވަގުތީގޮތުން ގާޒީއަކަށް ވާނަން" ޝެޒާ ބުނެލިއެވެ. އަނާރް ކައިރިއަށް ހިނިއައެވެ.
"ދެން މިހާރު ބުނެފިންތަ ތިންދުވަސް ފަހުން ފުރާ ވާހަކަ. އަނެއްކާ ބޭގަށް އެސޮރު ލައިގެންތަ ދަނީ" ޝެޒާ އެހިއެވެ.
"ނުބުނެވޭ. ހިތަށް އަރަނީ އޭނަ ރިއެކްޓް ކުރާނީ ކިހިނެއްބާއޭ" އަނާރް ބުނެލިއެވެ.
***
ޒައިނާ ދެއްކި ހުރިހާ ހިސާބަކުން އަބާން އޭނާއަށް އޮޅުންފިލުވައިދިނެވެ. ސާޅިސްފަސް މިނިޓް ވަންދެން ކިޔައިދިނެވެ. ނިންމާފައި ފޮތްތައް އެއްކޮށްލާފައި ޒައިނާ ތެދުވަން އުޅުނު ވަގުތު ކޮންމެވެސް ސަބަބަކާ ހުރެ އަބާނަށް ޒައިނާގެ މޫނަށް ބަލައިލެވިއްޖެއެވެ.
"ޒައި! ބަލީތަ؟" އެންމެފަހުން އަބާން އެހިއެވެ.
"ނޫން. ކިހިނެއްވީ؟" ޒައިނާ ބުނެލިއެވެ.
"މިރޭ ހީވޭ ފާޑަކަށް ހުންނަހެން. ބޮޑު ކްލާހެއް ނިމިގެން ދިޔައިރު އަހަރެން އަހައިގެން ނޫނީ ޒައި އަނގައިން ނުބުނޭ" އަބާން ބުނެލިއެވެ.
"ނުބުނޭތަ. އަހަރެންނަށް ފާހަގައެއްނުވޭ" ޒައިނާ ބުނެލިއެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ދަނީ. ގުޑްނައިޓް" ޒައިނާ ގޮނޑިން ތެދުވެގެން ހިނގައިގަންނަން އުޅުނު ވަގުތު އަބާން ޒައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޒައިނާ ހައިރާންވިއެވެ. ފަހަތަށް އެނބުރިި އަބާންގެ މޫނަށް ބަލައިލިއެވެ. އަބާން ހީވީ ބިޗުލެއް ކަށިޖަހައިގެން އުޅުނު ހެންނެވެ. އަވަސް އަވަހަށް ޒައިނާގެ އަތުން ދޫކޮށްލައިފިއެވެ.
"ސޮރީ. ޑޯންޓް ގެޓް މީ ރޯންގް" އަބާން ބުނެލިއެވެ.
"އިޓްސް އޯކޭ. އަހަރެންނަށް އަބީގެ ޖަވާބު ލިބިއްޖެ" ޒައިނާ ބުނެލިއެވެ.
"ކޮންޖަވާބެއް. ނުވިސްނުނު" އަބާން ބުނެލިއެވެ.
"އެއްކަލަ ރޭގަ. ބުނީމެއްނު" ޒައިނާ ބުނެލިއެވެ. އަބާން ވިސްނައިލިއެވެ. ޒައިނާ އެބުނީ ކީކޭކަން އޭނާއަށް އިނގިއްޖެއެވެ.
"އަހަރެން ޖަވާބު ނުދެން. ދެން ކިހިނެއް އިނގެނީ އަހަރެން ޒައިއަށް ދޭނީ ކޮންޖަވާބެއްކަން" އަބާން ބުނެލިއެވެ.
"ބުނެބަލަ ދޮގެކޭ. ބުނެބަލަ އަބީގެ ލައިފްގަ ހާއްސަ ކުއްޖެއް ނެތޭ. ބުނެބަލަ އަބީގެ ހިތް އެހެން ކުއްޖަކަށް ހިބައިން ނުދެމޭ. ބުނެބަލަ އަބީ އަހަރެން ކައިރީގައި ވީ ވައުދަކީ އެއްވެސް އެއްޗެއް ނޫނޭ" ޒައިނާ ވާހަކަދެއްކިއެވެ.
"ސޮރީ ޒައި. އެރޭގަ އަހަރެން ޒައި ދެރަކޮށްލަން ބޭނުންނުވީ. އަހަރެން ގަސްތަކުނޫން" އަބާން ބުނެލިއެވެ.
ޒައިނާ ޖަވާބެއް ނުދިނެވެ. އޭނާ ބާރަށް ހިނގާފައި އެކޮޓަރިން ނިކުމެއްޖެއެވެ. އިތުރަށް އަބާނާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާއަށް ނުލިބުނެވެ. އަބާނަށް އެނދުގައި އިށީނދެވިއްޖެއެވެ. ދެއަތުން މޫނު ފޮރުވާލެވިއްޖެއެވެ. ޒައިނާއަށް ތެދު ހާމަކުރެވުމުން ހިތަށް ލުއިކަމެއްވެސް އިހުސާސްވެއްޖެއެވެ.
އެކަމާ ވިސްނައިގެން އިތުރަށް ބޯހާސްކުރަން ބޭނުންނުވާތީ އޭނާ ފޯނު ނަގާފައި އަނާރަށް ޑަޔަލްކޮށްލިއެވެ. އޭނާގެ ކަންފަތުގައި އަނާރްގެ އަޑު ޖެހުމާއެކު ހިތަށް ހިތްހަމަޖެހުން ލިބިއްޖެއެވެ.
***
މުޅި ދުވަހު އުޑުމަތި ސާފުކޮށް އޮތުމަށްފަހު ވާރޭ އޮށްސާލީ ރޭގަނޑު އެގާރަޖަހާ ބޮޑުވަފަހުންނެވެ. ރޭގަނޑު ކެއުމުގެ ފަހުން ހުރިހާ ކުދިން ތަންކޮޅެއް އަވަހަށް ކޮޓަރިތަކަށް ވަދެއްޖެއެވެ. ގޭތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އުންމީދާ ކިޔައިގެން އެވަގުތު ނަސީމް ބޭރަށް ނިކުތީ ހުރިހާ ކުޑަދޮރުތަކެއް ލެއްޕިފައިތޯ ޗެކްކުރުމަށެވެ.
"މަޑުކޮށްލާފަ ދޯ ދާނީ. ވާހަކައެއްވެސް ދައްކަންވެފަ އޮތީމަ" ބޭރަށް ނިކުމެ ހުރި އުންމީދާ ބުނެލިއެވެ. އޭރުވެސް އާދައިގެ ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ.
"މިއަށްވުރެ ރަނގަޅު ތަނެއްނެތީތަ ތިވާހަކަދައްކަން" ނަސީމް ބުނެލިއެވެ.
"ހިނގާބަލަ. އުނދޯލިގެއަށް ވާރޭ ނުވެހޭނެއްނު. ނަސީމް އެދިމާލަށް ހިނގައިގަނޭ. އަހަރެން އަންނާނަން ހޫނު ކޮފީއެއް ހިފައިގެން" އުންމީދާ ހިނގައިގަތެވެ.
އިރުކޮޅަކުން ކޮފީތަށި ހިފައިގެން އައިސް އުނދޯލީގައި އިން ނަސީމަށް ދިއްކޮށްލިއެވެ.
"ކޮންވާހަކައެއް ދައްކަން އުޅުނީ" ނަސީމް އެހިއެވެ.
"ހިއެއްނުވޭތަ އަހަރެމެންގެ އަބާނަށް ބަދަލުތަކެއް އަތުވެއްޖެހެން" އުންމީދާ ބުނެލިއެވެ.
"އަހަރެންނަށް ވަރަށް މަންޒަރު އެބަފެނޭ. ވަރަށް ބޮޑު ބަދަލެއް އެސޮރަށް އަތުވެއްޖެ" ކޮފީތަށިން ކޯވަރެއް ބޯލާފައި ނަސީމް ބުނެލިއެވެ.
"އަހަރެންނަށް ހީވަނީ ޒައި އާ އަބާނަށް އެކަކު އަނެކަކު ވަރަށް ކަމުދާހެން. ނޫންތަ؟ އެއްކަލަ ރޭގައިވެސް އެދެކުދިން މިތާ ވަރަށް ގިނައިރު ވާހަކަދައްކަން ތިބިތަން އަހަރެމެންނަށް ފެނުނެއްނު" އުންމީދާ ބުނެލިއެވެ.
"އަހަރެންނަކަށް ހިއެއްނުވޭ އެސޮރު އެ މަންޖެއާ ގުޅުމެއް އޮންނަހެނެއް. އެއީ އެމަންޖެގެ ކަމެއްނޫން" ނަސީމް ބުނެލިއެވެ.
"އަހަރެންނަށްވެސް އަބާންގެ ފަރާތުން ކަމެއް ފެނުނީމަ މިހެން މިބުނީ. ދެން ހުރެބަލަ ކާކުގެ ބަސްތޯ ތެދުވަނީ ބަލަން" ނަސީމް ބުނެލިއެވެ.
***
ޓެކްސީ އިން ފައިބައިގެން އައި އަނާރަށް ގޭ ދޮރުމަތީގައި ހުރި އަބާން ފެނި ހިނިތުންވެލައިފިއެވެ. މަގުގެ ދެފަރާތަށް ބަލައިލާފައި އަބާން އައިސް ހިފީ އަނާރްގެ އަތުގައެވެ. ހިނގައިގަނެފައި އަނާރްގެ އަތްތިލައަށް ބޮސްދީފިއެވެ.
"އަބާން ތިއުޅެނީ މީހަކަށް ފެނިދާނެތީ ބިރުންތަ؟ އެހެންވެތަ އަހަރެން ބަލާނައީ" އޮފީސް ތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ.
"ޖެހިލުމެއްނުވޭ. މަންމަމެންގެ މީހަކަށް ފެނިދާނެތީ ލަދުގަނޭ. ދެން އެވާހަކަ ބާއްވަބަލަ. މިރޭ ހާދަ ރީއްޗޭ" އަބާން ބުނެލިއެވެ. އަނާރް ގޮވައިގެން އަބާން ވަނީ އޮފީހުގައި ހުންނަ ރެސްޓްރޫމަށެވެ. އެތަނުގައި ބޮޑުސޯފާއެއްގެ އިތުރުން ކޮފީ މެޝިނެއް ހުރެއެވެ. ފާރުގައި ވަރުގަދަ ޓީވީއެއް ހަރުކޮށްފައި ހުރިއިރު ފާހާނާއެއްވެސް ހުއްޓެވެ.
"އަބާން ކީއްވެ މިރޭ އެހާ ބައްދަލުކުރާހިތުން އުޅުނީ" އަނާރް ބުނެލިއެވެ.
"އަނާރާ ދުރުގައި ހުންނަހިތެއް ނެތް. އެހެންވެ" އަބާން ބުނެލިއެވެ.
ދެކުދިން ވާހަކަދައްކަމުން ގޮސް އިށީނީ ސޯފާގައެވެ. އިރުކޮޅަކުން އަބާން ގޮސް ހުއްޓުނީ ކޮފީމެޝިން ކައިރީގައެވެ. ދެކޮފީ ހަދާލައިގެން އައިސް ކުރިމަތީގައި ހުރި މޭޒުމަތީގައި ބަހައްޓައިފިއެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން" އަބާނާ ހަތަރުކަޅި ހަމަކޮށްލަމުން އަނާރް ބުނެލިއެވެ.
"ތިވާހަކަ ބާއްވަބަލަ. އިނގޭ ބުނަން ތިއުޅެނީ އަހަރެންދެކެ ވަރަށް ލޯބިވާ ވާހަކަކަން. އަހަރެން އެކަން ޤަބޫލުކުރަމޭ" އަބާން ބުނެލިއެވެ. އަނާރް ދެފަރާތަށް ބޯހޫރާލިއެވެ.
"މިއީ ވަރަށް މުހިންމު...."
"ޝްޝްޝް.... އިނގޭތަ އެހެން ހުރިހާ ކަމަކަށް ވުރެ މިވަގުތުކޮޅު އަހަރެންނަށް މުހިންމުކަން. އަހަރެންނަށް ބުނެދެން ނޭނގޭ ގޮތެއްވޭ އެބަ. އަނާރް އަހަރެންނަށް ކިހިނެއް ތިހެދީ. އަހަރެން ހުއްޓުވަބަލަ. އެހެންނޫނީ އަހަރެންނަށް އަނާރް ކައިވެސްލެވިދާނެ" ހިނދަކަށްފަހު ހިނދެއް އަބާން ދިޔައީ އަނާރާ ގާތްވަމުންނެވެ. އަބާން ހުއްޓުވާށޭ ބުންޏަސް އަނާރަށް އެކަން ނުވިއެވެ. އެހާ ގާތުން އަބާންގެ މޫނު ފެނި އޭނާއަށް އަބާންގެ މޫނުގައި ފިރުމާލެވިއްޖެއެވެ. ދިގު ސޯފާގައި އަބާން ބުރަކަށި ދަމައިލީ އަނާރް ގޮވައިގެންނެވެ. ވާންއުޅޭގޮތެއް ދެ ޒުވާނުންނަށްވެސް ނޭނގޭ ކަހަލައެވެ.
"އަބާން..." އަބާން ކޮށްލި ހަރަކާތަކާއެކު އަނާރްގެ ލުއި ހަށިގަނޑު އަބާންގެ ގައިމަތީގައި ބާއްވައިލިއެވެ. އެވަގުތު އަނާރްގެ ދެތުންފަތް ދޭތެރެއިން އަބާންގެ ނަން ބޭރުވެގެން ދިޔައެވެ.
(ނުނިމޭ)