ސާދަވަނަ ބައި
"އެއީ ޝުބް ބަލިވި ދުވަހު އެހީވި މީހުން. އެއީ ވަރަށް ހިތްހެޔޮ ބައެއް. އެމީހުންނަށް މިގެއަށް ސަޔަށް ދަޢުވަތު ދިނީ ބައްޕަ. މަންމައެއްނޫން. މާގިނަބައެއް ނުވެސް އަންނާނެ. ދެ އަންހެންކުދިންނާ އެދެކެދިންގެ މާމަ" އުންމީދާ ވާހަކަދެއްކިއެވެ.
"އޯކޭ. ދެން ހުންނާނީ ދޯ" ފޫހިކަމާއެކު އަބާން ބުނެލިއެވެ. އަބާނަށް ވެފައި އިންގޮތުން އުންމީދާއަށް ހެވިއްޖެއެވެ.
***
ގެއަށް މަދުވެފައި ހުރި ބައެއް އެއްޗެހި ގަންނަން ބޭރަށް ނިކުތީ އުންމީދާއާއި ނަސީމް އެކީގައއެވެ. ގޭ ކައިރީގައި ހުރި ޝޮޕިންމޯލްއިން ދެމަފިރިން އެކުގައި ނިކުމެ ދޮރުމަތީގައި ހުއްޓިއްޖެއެވެ. ގަތް އެއްޗެހި އަޅާފައި ހުރި ކޮތަޅު އުންމީދާ އަތަށް ދީފައި ނަސީމް ދުރަށްޖެހިލީ ސައިކަލް ބަލައި ދިއުމަށެވެ. ކުއްލިއަކަށް ނަސީމްގެ ކައިރީގައި މީހަކު ހުއްޓުނުތަން އުންމީދާއަށް ފެނިއްޖެއެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާ އަޅިކުލައިގެ ފަޓްލޫނަކާއެކު އެމީހަކު ދަށަށް ޖަހާފައި ފުރަގަހަށް ވާގޮތަށް ހުރުމުން އެއީ ކާކުކަން އުންމީދާއަށް ނޭނގުނެވެ. އެންމެފަހުން އެދިމާލަށް އުންމީދާ ހިނގައިގަތީ އެމީހާ އާ ވާހަކަދައްކަން ނަސީމް މާގިނައިރު ހުރެފައި އެތަނުގައި މާގިނައިރު ކޮޅަށް ހުންނަން ވުމުން އޭނާގެ ފައިގައި ރިހުމެއް އުފެދުމުންނެވެ.
ނަސީމް ބަލަންހުރި ދިމާލަށް އެމީހަކު އެނބުރިފައި ބަލައިލިއެވެ. އުންމީދާ ފެނުމުން އެމީހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެ ހިނިތުންވުމުގައި އެއްވެސް ހެވެއް ނުވާކަން އުންމީދާއަށް އިނގެއެވެ.
"ފަހަރިވެސް ގޮވައިގެން ދޯ" ސައީދު ބުނެލިއެވެ. އުންމީދާ ބަހެއް ނުކިޔަވެ.
"ބޭބެ ކައިރީގައި އަހަރެން މި ކިޔަނީ ސައި ތައްޓެއް ބޯލަން މިހިރަ ހޮޓަލަށް ވަންނަން ސަތޭކައެއްހާ ރުފިޔާ ދީބަލާށޭ" ސައިދު އުންމީދާއަށް ބުނެލިއެވެ.
"އަހަރެންނަށް ހީވަނީ އަތުންފައިން މަސައްކަތެއް ނުކޮށް ހުރެ ތިގޮތަށް މީހުން ކައިރީގައި ބުނެ ކިޔައިގެން ލާރި ހޯދުމަށް ވުރެ ކޮންމެސް ހަލާލު މަސައްކަތެއްކޮށް ލާރި ހޯދައިގެން އެ ހޮޓަލަށް ވަދެ ސައިބޮއެފިއްޔާ މާ ރަނގަޅު ވާނެހެން" ހިތްހަމަނުޖެހިފައި އުންމީދާ ވާހަކަދެއްކިއެވެ. ނަސީމް ބަހެއްވެސް ނުކިޔާ ހުއްޓެވެ. އުންމީދާގެ އަނގައިގައި ނުހިފެހެއްޓޭނެކަން އޭނާއަށް އިނގޭއެވެ.
"ބަލަ. ބޭބެވެސް ބޭނުން އެކުރަނީ ބައްޕަގެ ފައިސާއެއް ނޫންތަ؟ އެއީ ހަމަ އަހަރެންގެވެސް ފައިސާ" އުންމީދާގެ ލޯމަތީގައި ޖެހޭނުޖެހޭ ހިސާބުގައި ފުއްޓަތްކެއް ޖަހައިލަމުން ސައީދު ބުނެލިއެވެ.
"ބައްޕަގެ އެއްޗަކީ އެ އިމާރާތް. ނަސީމުގެ ވޮލެޓުގަ ހުރި ފައިސާއަކީ އޭނާ ރެއާ ދުވާލު ދާ އޮހޮރުވައިގެން ހަލާލު މަސައްކަތުން ހޯދިފައިސާ" ހުރެވުނީ މަގުމަތީގައި ކަން އިނގޭތީ އޭނާ ވާހަކަދެއްކީ ބާރަކަށް ނޫނެވެ. "އުންމި ރުޅިމަޑުކޮށްބަލަ. އަހަރެން ސައީދު އާ ވާހަކަދައްކާނަމޭ" އަނބިމީހާގެ ކޮނޑުގައި ހިފަހައްޓައިލަަމުން ނަސީމް ބުނެލިއެވެ.
"ނަސީމް ހުރެބަލަ. އަހަރެން ލައްކަ ދުވަހު ކެތްކޮށްފިން އެއްޗެއް ނުބުނެ" އުންމީދާ ބުނެލިއެވެ.
"އަގުބޮޑު އެއްޗެހި ލައިގެން ބޫޓަށް އަރާލައިގެން ސެންޓްވަސް ދުއްވާލައިގެން އުޅޭއިރު ތި ފައިސާ ހޯދާ ތަނެއްވެސް އޮންނާނެއްނު. ތިހެން ނޫޅެ މާ ތާހިރުވާނެ ތިމާގެ ލެއިން އުފެދިފައިވާ ދަރި ހޯދަން މަސައްކަތް ކުރިއްޔާ" އުންމީދާ ދިމާލަށް ބުނެލިއެވެ.
"އަހަރެން މިވަގުތު ދަނީ. އަސްލު ވަރަށް ހައިވެފަ ހުރީމަ ލާރިއަކަށް އެދުނީ. މިވަގުތު ވަޒީފާއެއް ނެތް. ކަނޑާލީ އެތަނުން" ސައީދު ބުނެލިއެވެ.
"ލާރިއެއް ދެވޭކަށް ނެތް. ތިހާ ބަނޑުހައިވަންޏާ ގެއަށް އާދޭ. ސައިދޭނަން. އަން މިވަގުތަށް މި ޕެކެޓް ބޯލައިގެން ބަނޑުފުރާލާ" އުންމީދާ ކޮތަޅުގެ ތެރެއަށް އަތްލާފައި ޝުބާއަށް ގަތް ޕެކެޓްތަކުގެ ތެރެއިން ޕެކެޓެއް ނަގާފައި ސައީދަށް ދިއްކޮށްލިއެވެ. އަދި ނަސީމްގެ ފަހަތުގައި އަރާ އިށީނދެއްޖެއެވެ.
***
ސައިކަލުގައި ވަކި ހިސާބަކަށް ދިޔައިރުވެސް އުންމީދާ ބަހެއް ނުކިޔާތީ ނަސީމަށް އުނދަގުވިއެވެ. އެހެންކަމުން އަނބިމީހާ އާ ސަމާސާއެއް ކޮށްލާނަމޭ ހިތާ ކުއްލިއަކަށް ސައިކަލް ހުއްޓައިލިއެވެ. އެހިނދު އުންމީދާ ގޮސް ޖެހުނީ ނަސީމްގެ ބުރަކަށީގައެވެ.
"ސާބަހޭ. ކީއްތިކުރީ" އުންމީދާ ބުނެލިއެވެ.
"ހެހެހެ. އަނބިމީހާ ބަހެއްނުކިޔާ އިނީމަ އަހަރެން ހީކުރީ މަންމަންވީ ކަމަށް. އެހެންވެ ޓެސްޓްކޮށްލީ" ހިނިގަނޑަކަށްފަހު ނަސީމް ބުނެލިއެވެ.
"ހިތްހަމަނުޖެހޭނެއްނު. އަހަރެން ހިތަށްއަރާ ނަސީމް ކީއްވެބާއޭ އޭނަ ގައިގަ އެވަރަށް ފިރުމާފަ ވާހަކަދައްކަނީ. ބޭބެގެ ހައިސިއްޔަތުން ރަނގަޅު ނަޞޭޙަތްވެސް ދޭންޖެހޭނެ. އެއްބަނޑު އެއްބަފާ ނޫނަސް ބައްޕަ އޭނަ ބޮޑުކުރީވެސް ނުލާހިކު ލޯބިން" އުންމީދާ ވާހަކަދެއްކިއެވެ.
"އަސްލު އޭނަ ފެނުނީމަ ރުޅިއިސްނުކުރެވެނީ. ބައްޕަ ދެއްކި ވާހަކަތައް ހިތަށް އަންނަނީ" ނަސީމް ވާހަކަދެއްކިއެވެ.
"ތެދަށް ބުނަންޏާ އަހަރެމެންނަށްވެސް ކަންތައް ކުރެވުނީ ރަނގަޅަކަށްނޫން. އޭނައަށް ލިބުނު ދަރިފުޅު ވީތަނެއްވެސް ބަލައިނުލެވުނު ތަނުގައި އެކުއްޖާއަށް ކިޔާ ނަމެއްވެސް ނޭނގޭ. ދިރިއުޅޭ ތަނެއްވެސް އުޅޭ ހާލެއްވެސް ބަލައިނުލެވޭ. އެހެންވީމަ އެންމެފުރަތަމަ އެކަން ރަނގަޅު ކުރެވޭތޯ ބަލަންވީ" ނަސީމް ވާހަކަދެއްކިއެވެ.
***
ގޭތެރެއަށް ވަން ޝުހޭލްއަށް ރުޝްދާގެ ހަޅޭކުގެ އަޑު އިވި ހުއްޓުން އެރިއެވެ. ފިޔަވަޅުތަކަށް ބާރުލާފައި އޭނާ ދުވެފައި ގޮސް ވަނީ ރުޝްދާގެ ކޮޓަރިއަށެވެ. އެކޮޓަރިން އޭނާއަށް ރުޝްދާ ނުފެނުނެވެ. ބޭރަށް ނިކުންނަން އުޅެނިކޮށް ފިޔާޒާ އައިސް ދޮރުމައްޗަށް އަރައިފިއެވެ.
"ސަބީގެ ކޮޓަރިން ކަންނޭނގެ" ފިޔާޒާ ސަބީހާގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ޝުހޭލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެކޮޓަރީގެ ވައިއެޅޭ ހިސާބަށް ދާންވެސް އޭނާ ބޭނުމެއްނުވެއެވެ. އެހެންވިޔަސް ލޯބިވާ ދޮންތައަށް ކަމެއްވީއޭ ހިތާ ހުޅުވާލާފައި ހުރި ކޮޓަރި ދޮރުމައްޗަށް އޭނާ އަރައިފިއެވެ.
"އާދެބަލަ ދަރިފުޅާ. މަންމަ އަނބުރައިގަތީ. މަންމަ ނަގާފަ މި އެނދުގަ ބާއްވަދީބަލަ" ދޮރުމަތީގައި ހުއްޓުނު ޝުހޭލްގެ އަތުގައި ހިފަމުން ފިޔާޒާ ވާހަކަދެއްކިއެވެ. ނަމަވެސް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އޭނާ ނޭޅިއެވެ.
"އޭނަ ބަހައްޓާ. ދައްތަ ހިފާބަލަ" ރޮވިފައި ހުރި ރުޝްދާ ބުނެލިއެވެ.
"ޝުހޭލް! މިވަގުތު މިއީ ހިތްހަރުކުރަންވީ ވަގުތެއްނޫނޭ" ހިތްހަމަނުޖެހިފައި ފިޔާޒާ ބުނެލިއެވެ.
ސަބީހާއަކީ ހިކިކޮށް އިސްކޮޅުން ކުރުކޮށް ހުންނަ މީހަކަށް ވާތީ ދެ އަންހެނުން ވެގެން އޭނާ ނަގާފައި އެނދުގައި ބާއްވަން އުނދަގޫ ނުވިއެވެ. އެހެންނަމަވެސް ރުޝްދާއަކީ މާބަނޑު މީހަކަށް ވާތީ އޭނާގެ އުނަގަނޑާ ހަމައިގަ ރިހުމެއް އުފެދުނެވެ. އެމަންޒަރު ބަލަން ހުރެފައި ޝުހޭލް މަޑުމަޑުން އެކޮޓަރި އާ ދުރަށް ހިނގައިގަތެވެ.
"ދައްތަ އަހަރެންނަށް ފެންތައްޓެއް ގެނެސްދީ. މަންމަ މާބޮޑަށް ހުންގަދަވީ. ނޭނގެ ބޭސްކެއި ކަމެއްވެސް" ސަބީހާގެ ބޮލާ ދިމާލުން އިށީންނަމުން ރުޝްދާ ބުނެލިއެވެ.
އެނދުގެ ފަޑީގައި ލެގިގެން އިން ޝުހޭލް އިނީ ކަކުލުގައި ބޯއަޅާލައިގެންނެވެ. ކޮޓަރީގައި ހުޅުވާފައި ހުރި ޓީވީގެ ވޮލިޔުމް ވަނީ އެންމެ ގަދަކޮށްލާފައެވެ. އެގޮތަށް އެ އަޑު އިވިއިވި ހުރީ އިރުކޮޅެއް ވަންދެނެވެ. އެ އަޑާ އެކުވެގެން ކޮޓަރި ތެެރެއިން އެހެން އަޑެއް އިވެން ފަށައިފިއެވެ. އާއެނކެވެ. ޝުހޭލްގެ ރުއިމުގެ އަޑާއި ދެ އަޑު އެކުވެގެން ކޮޓަރި ހީވަނީ ވެއްޓެން އުޅޭ ހެންނެވެ. ވެއްޓިފައި އޮތް ސަބީހާ އޮތް ގޮތް ފެނި އެމަންޒަރު އޭނާގެ ހިތާ ސިކުނޑިން ނުނެރެވުނެވެ. ކައިރިއަށް ގޮސް އެ މަންމަ ނަގާފައި އެނދަށް ލާން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާގެ ނަފްސު އެއްބަހެއް ނުވިއެވެ.
"އަހަރެންނަށް ހެޔޮ އޭނަ މަަރުވިޔަސް. ދުރަށް ދޭ މިތަނުން. މާ އުނދަގޫ ބޮޑުވަންޏާ ފާހާނާއަށް ވައްދާފަ ތަޅުލާނީ" ހަތަރު އަހަރުގެ ކުޑަ ފިރިހެންކުއްޖާ ތުންފަތް ފިއްތާލާފައި ރޯން ފެށިއެވެ. ދެލޮލުން ފޭބި ކަރުނަތައް ދެއަތްތިލައިން ފޮހެލާފައި އެކުއްޖާ ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. ފޮނި ކާއެއްޗިއްސަށް ލޯބިކުރާ އަންހެން މީހާ ކާން އިން ކޭކްފޮތި ހުސްކޮށްލާފައި ޓިޝޫއަކުން ދެއަތް ފޮހެލިއިރު ހިތަށް އެކައްޗެކޭވެސް ނާރައެވެ.
"ދަރިފުޅާ! ދެން މަންމައަށް އުނދަގޫކުރަން ނުދާތި. ބައްޕަ ރަނގަޅޭ. ކުޑަކޮށް ފައިގަވެސް ރިއްސަނީ. އެއްކަލަ ބޭބެ ބުނި ފައިގަ ބޭސްގަނޑެއް އަޅައިދޭން އަންނާނަމޭ. ބައްޕަ ކުޑަކޮށް ނިދާލާނަން. ދަރިފުޅު ދޭ ދޮންތަ ކައިރިއަށް. ހަވީރު ވީމަ ތިދެކުދިން ގޮވައިގެން ބައްޕަ ބަލާނަން ފިހާރައަށް ދެވޭތޯ ކޭކް ގަންނަން. އެންމެ ރަނގަޅުތަ؟" އެކުޑަކުއްޖާގެ ދޮން ފުށްކޮޅެއްފަދަ ކޯތާފަތުގައި ބޮސްދެމުން ފިކުރީ ވާހަކަދެއްކިއެވެ.
ޝުހޭލްއަށް ބޯހިއްލާލެވުނީ ކުއްލިއަކަށެވެ. ބައްޕަ މަތިން ހިތަށްއަރާފައި މާބޮޑަށް ހިތުގައި ޖެހިއްޖެއެވެ. މީގެ އިރުކޮޅެއް ކުރިން ސަބީހާ އާ މެދު އޭނާގެ ހިތުގައި އުފެދުނު ލޯތްބާ ހަމްދަރުދީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ. ފުންމައިގެން ތެދުވިގޮތަށް ދެއަތުން މޫނު ފޮހެލައިފިއެވެ. ސަބީހާ އާ މެދު ހަމްދަރުދީ ވެވުނީތީ އޭނާ އަމިއްލަ ނަފްސުދެކެ އިންތިހާއަށް ރުޅިއައެވެ. އެ ރުޅިގަނޑު ކޮންމެސް އެއްގޮތަކަށް ބޭރުނުކުރެވެނީސް އޭނާއަށް ހަމަޖެހުމެއް ނުލިބޭނެކަން އޭނާއަށް އިނގެއެވެ. ކޮޓަރި މެދުގައި ހުރެ ފުން ނޭވާތަކެއް ލާފައި ކުއްލިއަކަށް އެނދުގައި އޮތް ބެޑްޝީޓް ދަމައިގަތެވެ. ބާލީސްތަކާއެކު ބެޑްޝީޓް ކޮޓަރީގެ އެތަންމިތަނަށް ހޫރާލިއެވެ. ފައިދަށުގައި އައިސް ޖެހުނު އޭނާގެ ފޯނު ނަގާފައި ކުރިމަތީގައި ހުރި ޑްރެސިންޓޭބަލާ ދިމާލަށް އެއްލައިލިއެވެ. އެހިނދު ބާރުއަޑުފަށްގަނޑަކާއެކު ލޯގަނޑުގެ އެތިކޮޅުތައް ކޮޓަރިތެރެއަށް ބުރައިގެން ދިޔައެވެ. އެ އަޑަށް ފިޔާޒާ ދޮރުހުޅުވާލީ ކުއްލިއަކަށެވެ. ފިޔާޒާ އާ ދިމާލަށް ޝުހޭލް ބަލައިލިރު ކަރުނައާ ހިތާމަ ޔާ މާޔޫސްކަަމާ ރުޅިއާ ނަފްރަތު އެކުވެ އުފެދިފައިވާ އިހުސާސްތަކުގެ ކުލަވަރު ޝުހޭލްގެ ދެލޮލުން ފެންނަމުން ދިޔައެވެ. އެތެރެއަށް ވަދެ ދޮރުލައްޕާލާފައި ފިޔާޒާ މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.
"ދަރިފުޅާ!" ފިޔާޒާ އެކޮޓަރިއަށް ވަނީ ހިތްހަމަނުޖެހިފައި ހުރެއެވެ. އެހެންނަމަވެސް ކޮޓަރި ތެރެއިން ފެނުނު މަންޒަރާ ދަރިފުޅު ހުރި ހާލު ފެނި އޭނާ ހިތުގައި އުފެދިފައިވި ހިތްހަމަނުޖެހުމުގެ މައްޗަށް ލޯބި އިސްކުރިއެވެ. ޝުހޭލްގެ ކޮނޑުގައި ފިޔާޒާ އަތްޖެހުމާއެކު އޭނާ ފިޔާޒާގެ ގައިގައި ބައްދައިގަތެވެ. އޭނާ އަޑުގެ ނެތްތަނަށް ރޯންފެށިއްޖެއެވެ. އަދިވެސް ސަބީހާ ވެއްޓިފައި އޮތް މަންޒަރު އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެކަން ހަނދާންކުރަން ބޭނުންނުވާ މީހަކު ފަދައިން އޭނާ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.
"މިއަދު ބޭސް ކެއިންތަ؟" ޝުހޭލްގެ ބުރަކަށީގައި ފިރުމަމުން ފިޔާޒާ އެހިއެވެ. ޑޮކްޓަރުގެ ހާއްސަ ހުއްދައަކާއެކު އެފަދަ ގަޑިތަކުގަ ކާ ބޭހެއް އަބަދުވެސް ޝުހޭލް ބޭނުންކުރެއެވެ.
"އަހަރެންގެ ކުރިމަތީގައި ބައްޕަ ފަހުނޭވާ ދޫކުރީ. އެވަގުތުވެސް ބައްޕަ އަތްދިއްކޮށްލީ އޭނައަށް. އޭނަ ބައްޕަގެ އަތް ދުރަށް ފޮޅުވާލި ތަން އަހަރެން ދެކުނިން. ބައްޕަ އަތުގަ ކިތަންމެ ފައިސާއެއް ހުއްޓަސް އޭގެއިން ކުރާނެ ބޭނުމެއް އޭރު އަހަރެންނަށްވެސް ދޮންތައަށްވެސް ނޭނގުނު. އެހީވާނެ ހަމަ އެކަކުވެސް ނެތް. އަޅާލާނެ އަންބެއްގެ ލޯތްބާ ފަރުވާ ނުލިބި ބައްޕަ ދުނިޔެ ދޫކޮށް ދިޔައީ. އަހަރެންނާ ދޮންތައަށް އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ހާލު މުޅި ދުނިޔެއަށް ގިނަވީ. އޭނަ ހިތާވެގެން އުޅުނު ފިރިހެންމީހާ ބައްޕަގެ ކާޑުތަކާ ގޭ ރަޖިސްޓްރީ ވަގަށް ނަގައިގެން ދާން އުޅުމުން އަހަރެންގެ ކުޑަކުޑަ އަތުން އެމީހާ ހިފެހެއްޓީ. އަހަރެން ދަތްއަޅާ އޭނާގެ އަތުގެ މަސްގަނޑު ކާލީ. ޔަޤީން އަދިވެސް ލަކުނު ހުންނާނެކަން. އަހަރެމެންގެ ދެބޭންނަށް އެހީވުމަށް ހެއްދެވިފަރާތުން މަދަދުވެރިއެއްގެ ގޮތުގަ މެދުވެރިކުރެއްވި ފަރާތަކީ ތި މަންމަ. އަހަރެން ދުވަހަކުވެސް އެ އަންހެނާއަށް ހިތް ހެވެއް ނުވާނެ. އޭނާގެ ފަރާތުން އަހަރެންނަށް ދުވަހަކުވެސް މައެއްގެ ލޯބި އިހުސާސްވެފައެއް ނެތް. ދުވަހަކުވެސް ލޯބިން އަހަރެންގެ އަތުގަ ފިރުމާލި ތަނެއް ލޯބިން ބަލައިލި ހަނދާނެއްނުވޭ. ފެނުނު އެއްޗަކީ މަރު ތަންމަތީގައި އޮތް ބައްޕައަށް ދިން އަނިޔާ. ދެން އަހަރެމެން ދެބެންނަށް ކުރި ނަފްރަތު. އެއީ ހިތުގަ އެއްވެސް ރަހުމެއްނެތް އިންސާނެއް. އިންސާނެއްގެ ސިފައިގަ ހުއްޓަސް އެމޭގެ ތެރޭގައި ހިތެއް ވާކަމަށް ދުވަހަކުވެސް އަހަރެން ޤަބޫލެއްނުކުރާނަން" ޝުހޭލްގެ ވާހަކަތަކުން ފިޔާޒާއަށް ރޮވިއްޖެއެވެ. މާބޮޑަށް އޭނާގެ ހިތަށް އަސަރުކޮށްފިއެވެ.
އެދުވަހުގެ މަންޒަރުތައް އޭނާގެ ލޯ ކުރިމަތީގައި ކޮކާފިޔަ ޖަހާލައިފިއެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ އެފަދަ ހިތްދަތި މަންޒަރުތަކެއް ފެނިފައިވާތީ އެކުއްޖާގެ ސިކުނޑިއަށް އެކަމުގެ އެތައް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާނެކަން އޭނާއަށް އިނގެއެވެ. ކަންކަމުގަ އެހާ އަވަހަށް އޭނާއަށް ރުޅިއިސްކުރެވެނީ އެހެންވެގެންކަން އޭނާއަށް އިނގެއެވެ. އެހާ ހިތްވަރުވެސް ގަދައެވެ. އުމުރުން ދިހަ އަހަރު ނުވަނީސް ލޯބިވާ ދައްތަގެ ހުރިހާ ޒިންމާތަކާ ހަވާލުވިއެވެ. އަމިއްލަ ދިރިއުޅުން ކޮޅަށްޖެހޭތޯ ހިތްވަރާއެކު މަސައްކަތް ކުރިއެވެ.
"ދަރިފުޅާ ދެން ހުއްޓާލާ. ތިވާހަކަތައް ނުދައްކާ. ހިތަށް ކެތްނުވާވަރަށް ރިހުން ނޫންކަމެއް ނުވާނެ" ޝުހޭލްގެ ބުރަކަށީގައި ފިރުމަމުން ފިޔާޒާ ވާހަކަދެއްކިއެވެ.
"އެހުރިހާ ކަމަކަށް ފަހުގަވެސް އަހަރެންނަށް އެމީހާ ވެއްޓިފައި އޮތްތަން ފެނުމުން އުނދަގޫ މިވަނީ ކީއްވެ؟ އެކަން ހިތުން ފޮހެނުލެވިގެން މިއުޅެނީ ކީއްވެ؟ އަހަރެން އޭނައަށް ރަހުމުކުރާކަށް ބޭނުމެއްނޫން" ޝުހޭލް ވާހަކަދެއްކިއެވެ.
"ހިނގާބަލަ މަންމަ އާ އެކު އެނދުގަ އިށީނދެލަން" ޝުހޭލް އަތުގައި ހިފަހައްޓާލައިގެން ފިޔާޒާ އެނދާ ދިމާލަށް ހިނގައިގަަތެވެ. ތިރިއަށް ވެއްޓިފައި އޮތް ބާލީސްނަގާފައި އެނދުގެ ހެޑްބޯޑުގައި ލައްކޮށްލިއެވެ. އަދި އެނދުގައި ޝުހޭލް ބައިންދާފައި ޝުހޭލްގެ މަގަތުން އިށީނެވެ. ލޯތްބާއެކު ޝުހޭލްގެ ދެލޮލުގައި ބޮސްދިނެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލިއެވެ.
"މަންމަ މިއަންނަނީ ބޭސްހިފައިގެން" ފިޔާޒާ ތެދުވަން އުޅުމުން އޭނާގެ އަތުގައި ޝުހޭލް ހިފެހެއްޓިއެވެ.
"މަންމާ! ދުވަހަކުވެސް ތިނޫން މީހަކަށް މަންމަ ކިޔާކަށް އަހަރެން ބޭނުމެއްނޫން. މަންމަ އެކަމަށް ފޯސް ނުކުރައްޗޭ" ޝުހޭލް ބުނެލިއެވެ. ޝުހޭލްގެ އެ ޖުމްލައިން ފިޔަޒާ ހިތުގައި ޖެހިއްޖެއެވެ. އޭނާ ޝުހޭލްގެ މޫނުގައި ފިރުމައިލިއެވެ.
"އަހަރެން ވަރަށް ބޮޑަށް ބޮލުގަރިއްސާ. މަންމަގެ އުނގުގަ ނިދާލަން ބޭނުމީ" ޝުހޭލް ފިޔާޒާގެ އުނގުގައި ބޯއެޅިއެވެ. ދެލޯ މަރާލިއިރު އޭނާގެ މޫނުމަތިން ވަރުބަލިކަމެއްގެ އަސަރު ފާޅުވާން ހުއްޓެވެ.
***
އުމެއިރާގެ އާއިލާއަށް ނަސީމް ތަޢާރަފްކޮށްދީފައި ހިނިތުންވެލައިފިއެވެ. އުމެއިރާ ހީލިއެވެ. އަދި އޭނާގެ ދެދަރިންގެ ނަން ބުނެލިއެވެ. ނަސީމްގެ ނަޒަރު ފަހަރަކު ކުއްޖެއްގެ މޫނަށް އަމާޒުވިއެވެ. އަނާރަށް ބަލަހައްޓައިގެން ތަންކޮޅެއް ގިނައިރު އޭނާއަށް ހުރެވުނެވެ. އަނާރްގެ މޫނުން އޭނާ ނަޒަރު ވަކިކޮށްލީ ގަދަކަމުންނެވެ.
"އަހަރެމެންގެ ދަޢުވަތު ޤަބޫލުކޮށް އައިސްދިނީމަ ވަރަށް އުފާވެއްޖެ" އުންމީދާ ބުނެލިއެވެ. އަދި ތިން މައިން އިށީންނަން ގޮނޑި ދެއްކިއެވެ.
"މުސްލިމަކު ދަޢުވަތެއް ދީފިއްޔާ އެ ދަޢުވަތު ޤަބޫލުކުރުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދެންޖެހޭ ހައްޤެއް" އުމެއިރާ ވާހަކަދެއްކިއެވެ.
"ކޮބާ ޝުބް؟" އަނާރް އަހައިފިއެވެ.
"އެބަތިބި ދެ ދަރިންވެސް ގޭގަ. އިރުކޮޅަކުން އަންނާނެ. ﷲ ގެ އިރާދަފުޅުން އެމަންޖެ އެއްކޮށް ރަނގަޅުވެއްޖެ" އުންމީދާ ވާހަކަދެއްކިއެވެ.
"ހާދަ ޒަމާނެއް ކޮށްފައޭ ހުޅުމާލެ އާ ހަމައަށް މި އާދެވުނީ" އުމެއިރާ ވާހަކަދެއްކިއެވެ.
އެ ގެއަށް ވަނިއްސުރެ ފެށިގެން އަނާރްގެ ހިތްވަނީ އަވަސްވެފައެވެ. އެއްފަހަރު އެގެއަށް އައިސްފައިވުމުން އެއީ އަބާންގެ ގެ ކަން އޭނާ އިނގިއްޖެއެވެ. ޝުބާއަކީ އަބާންގެ ކޮއްކޮ ކަން އިނގުމުން އޭނާ ހިތުގައި ޝުބާއަށް ހާއްސަ ލޯތްބެއް އުފެދިގެން ދިޔައެވެ.
"އެ އަންނަނީ އެދެކުދިން" ސިޑިން ފައިބައިގެން އައި އަބާނަށް މަޑުޖެހިލެވުނީ އުންމީދާ އާ އެންމެ ކައިރީގައި އިން އަނާރް ފެނިފައެވެ. ޙައިރާންކަމެއްގެ ބަދަލުގައި އެވަގުތު އޭނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ހަފްތާއަކަށްފަހު އަނާރް ފެނުމުން ހިތްފުރެންދެން ބަލައިލަން ބޭނުންވިއެވެ. ނަމަވެސް ދެފަރާތުގެ އާއިލާ އެތަނުގައި ތިބުމުން އޭނާގެ އިހުސާސްތައް ހިފެހެއްޓިއެވެ. އަނާރަށް އަބާން ބަލަަންހުރި ގޮތް ބަދިގެއިން ނިކުތް ޒައިނާއަށް ފެނުމުން އަނާރާ މެދު އޭނާގެ ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ. އަނާރަށް ބަލައިލީ ފާޑަކަށެވެ.
"މިއީ އަބާ....."
"އަބާން ކިހިނެއްތަ؟ ވަރަށް ވަރަށް މިސްވި" އުންމީދާގެ ވާހަކަތައް ކުރިއަށް ނުގެންދެވުނެވެ. އަނާރް ބުނި ޖުމްލައާއެކު ހުރިހާ މީހުންގެ ނަޒަރު އަނާރަށް ހުއްޓިއްޖެއެވެ. އަބާން ލަދުގަނެފައި ހުރިއިރު ޝެޒާގެ މޫނުމަތިން ޙައިރާންކަމެއް ފެންނަން ހުއްޓެވެ.
"ތިދެކުދިން އެކަކު އަނެކަކަށް އިނގޭ ދޯ" އުންމީދާ ބުނެލިއެވެ. ބުނެވުނު އެއްޗަކާމެދު އަނާރަށް ވިސްނާލެވުނީ ދެނެވެ. އަބާނަށް ނަޒަރެއްދިންއިރު އޭނާ ލަދުގަނެފައި ހުރިކަން އަނާރަށް އިނގުނެވެ.
"އަނގަ ގަދަަވިޔަސް އެންމެން ކުރިމަތީގައި ތިގޮތަށް ތިބުނީ ކީއްވެތަ؟" އަބާން އަނާރަށް ދިން ނަޒަރާއެކު އަބާންގެ ހިތުގައި އޮތް އެތި އަނާރަށް އިވުނު ކަހަލައެވެ.
"އަހަރެންގެ ފްރެންޑެއްގެ ފްރެންޑެއް އަބާނަކީ. ވަކީލެއްނު. އެއްދުވަހު އައިން މައްސަލައެއްގަ ޑިސްކަސްކޮށްލަން" އަވަސް އަވަހަށް އަނާރް ބުނެލިއެވެ. އަބާނަށް ހަމަޖެހުމެއް ލިބިއްޖެއެވެ.
"ދޮގެއްވެސްނޫން. މިދެބަފައިން ނުދަންނަ މީހަކު މާލޭގަ ނޫޅޭނެ" ހީލަމުން އުންމީދާ ބުނެލިއެވެ.
"ދައްތާ! ސައި ތައްޔާރުވެފަ ހުރީ" ޒައިނާ ބުނެލިއެވެ.
ހުރިހާ މީހުން މޭޒުކައިރިއަށް ޖަމާވެފައި ތިއްބެވެ. އަނާރާ އަބާން އެކަކު އަނެކަކަށް ސިއްރު ނަޒަރުތައް ބަދަލުކުރަމުން ދިޔައެވެ. އަތުގައި އޮތް ފޯނު ނަގާފައި އޭނާ އަނާރަށް މެސެޖެއް ފޮނުވާލިއެވެ. ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލައިލާފައި އެމެސެޖް އަނާރް ހުޅުވާލައިފިއެވެ. އަދި އަބާނަށް ސިއްރުން ބަލައިލާފައި ލަދުރަކި ހީލުމެއް ހީލައިފިއެވެ. އަބާންގެ ދެވަނަ މެސެޖާއެކު އަނާރް ޝުބާއަށް ބަލައިލިއެވެ.
***
ކެތްމަދުވެފައި އޮފީހުގައި ހުރި އަބާނަށް ބިއްލޫރި ދޮރުފަތުގެ ފަހަތުގައި ހުރި އަނާރް ފެނުމާއެކު ހިތްތެޅިލައިފިއެވެ. ދޮރު ކަހާލާފައި އަނާރް ވަންނަން ތަން ދައްކައިފިއެވެ. އަނާރް ފައިން ފެށިގެން ބޮލާ ހަމައަށް އޭނާގެ ނަޒަރު ދަތުރުކޮށްލީ އެވަގުތުއެވެ. ކަޅުކުލައިގެ ޓޮޕްކޮޅު ހުރީ ގަޔަށް ހިފާލާފައެވެ. ނޫކުލައިގެ ޖިންސާއެކު ދަށަށް ޖަހާފައި ހުއްޓެވެ. ޓޮޕްކޮޅު މަތިން ލައިގެން ހުރީ ތިރިން ލައިގެން ހުރި ޖީންސް ފޮތީގެ ޖެކެޓެކެވެ. އިސްތަށިގަނޑު މައްޗަށް ނަގާފައި އެއްކޮށް އައްސާފައެވެ. ކަރުގައި އޮތް ރިހިކުލައިގެ ފަށް މޭމައްޗަށް ވުރެ ތިރިއަށް ހުއްޓެވެ.
"އަބާން..." އެގޮތަށް އަބާން ބަލަން ހުރުމުން އަނާރް ލަދުގަތެވެ.
"ހަމަ ތެދެއް މިބުނީ. ބުނާނެ އެއްޗެއް ނޭނގިފަ މިހުންނަނީ" އަނާރް ދެއަތުގައި ހިފައިގެން ގޮސް އޭނާއަށް ހާއްސަކޮށްފައި ހުރި ބޮޑު ގޮނޑީގައި އަނާރް ބޭންދިއެވެ. އަދި އޭނާ އެއްފައި މައްޗަށް އިށިންއިރު ގުޅުވާލެވިފައިވި ދެ ޒުވާނުންގެ އަތްތިލަ އޮތީ އަނާރްގެ އުނގުތެރޭގައެވެ.
ދެޒުވާނުން އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބިއިރު ދުލުގައި ތަޅެއް ލެވިފައިވާ ކަހަަލައެވެ. އެހެންނަމަވެސް އެކަކު އަނެކަކުގެ ލޮލުން ހިމޭންކަމާއެކު އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ.
(ނުނިމޭ)