ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 13

2

ތޭރަވަނަ ބައި

"ކީއްވެ އަހަރެންދެކެ ތިހާ ނަފްރަތު ކުރަނީ؟ ކޮބާ އަހަރެންގެ ކުށަކީ؟" އަނާރް ދިޔަ ދިމާލަށް ބަލަންއިން ޝުހޭލްގެ ހިތުގައި ވިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ގަދަކަމުން ހިންދާލާފައި އޭނާ ކުރިއަށް ދުއްވައިލިއެވެ.

***

މުޅިން އާ ދުވަހެކެވެ. އުޑުމަތި ސާފުވެފައި އާދައިގެ ވަރަކަށް ވައި ޖެހެމުން ދިޔައެވެ. މެންދުރުގެ އެންމެ އަވިގަދަ ވަގުތެވެ. ބެލްކަނީގައި ބަހައްޓާފައި ހުރި ގަސްޕޮޓުތައް ކައިރީގައި އުންމީދާ މަސައްކަތެއްގައި ހުއްޓެވެ. ފޯނު ހިފައިގެން އަބާން އިނީ ތަންކޮޅެއް ދުރުގައި ހުރި ޖޯލީގައެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށެއް ނެތެވެ.

"މަންމާ! ބޭރަށް ގޮސްލަން އެބަޖެހޭ" ދުރުގައި ހުރި އުންމީދާއަށް ގޮވާލާފައި އަބާން ބުނެލިއެވެ. ވަގުތުން އުންމީދާ ދެކޮޅު ހެދިއެވެ.

"އޮފީހަށް ނުފޮނުވާ ތިއިނީ ކަމެއްވީމަ. ނިތްކުރިމަތީގައި ހުރި ބޭސްގަނޑު ނަގަންދެން އަބާން ތިއިނީ ގޭ ބަންދުވެފަ" އުންމީދާ ބުނެލިއެވެ. ހިތްހަމަނުޖެހުނެއް ކަމަކު މަންމަ ކުރިމަތީގައި އެއްޗެއް ނުބުނެ އޭނާ ހިމޭންކަން އިޚްތިޔާރު ކުރިއެވެ.

"ފިނިފިނި އަލަނާސި ޖޫސް" އަބާނާށް ޖޫސްތައްޓެއް ދިއްކޮށްލަމުން ޒައިނާ ބުނެލިއެވެ. ތަށީގައި އަބާން ހިފީ އުންމީދާ ހުރުމުން ދެކޮޅަށް އެއްޗެއް ބުނަން ނުކެރުމުންނެވެ.

"ޝުކުރިއްޔާ" ހީލާފައި އަބާން ބުނެލިއެވެ.

"މިއަދު ކްލާސް ނެތީމަ ވަރަށް ފޫހިވެގެން ދޯ ތިއުޅެނީ" ޒައިނާއަށް ބަލައިލަމުން އުންމީދާ ބުނެލިއެވެ. ޒައިނާ ބޯޖަހައިލިއެވެ.

އަތުގައި ހުރި ކަޅުވެލިތައް ފޮޅައިލަމުން އުންމީދާ ގޭތެރެއަށް ވަދެގެން ދިޔައެވެ. އެތަނުގައި އަބާނާ ޒައިނާ އެކަނިވިއެވެ. އަބާން ގޭތެރެއަށް ވަންނަން ބޭނުންވެފައި އިނުމުން ފައި އަރުވާފައި އިން ގޮނޑިން ދެފައި ނަގާ ފައިވާނަށް އެރިއެވެ.

"ވަރަށް މީރު" ޒައިނާ އަތަށް ތަށި ދެމުން އަބާން ބުނެލިއެވެ.

"އެކަމެއް ނޭނގުނު. އަހަރެން އަތަށް ތަށި ދިންއިރު އެންމެ ކޯވަރެއް މިއިނީ ބޮއެފަ. މީރުކަން އިނގޭ" ޒައިނާ ބުނެލިއެވެ.

"އަހަރެން ފަހުން ބޯނަން. މަތިޖަހާލާފަ ބަހައްޓާ" އަބާން ބުނެލިއެވެ. އޭނާ ތެދުވަން އުޅުނު ވަގުތު ޒައިނާ އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.

"އަހަރެން އިނީމަ ތަ ދާން ތިއުޅެނީ؟" ޒައިނާ އަހައިލިއެވެ. އަބާން ދެފަރާތަށް ބޯހޫރާލަމުން ނޫނެކޭ ބުނެލިއެވެ.

"އަބީ އާ އަހަރެން މިއުޅެނީ ރަނގަޅަށް ވާހަކަދައްކާ ނުލެވިގެން" ޒައިނާ ބުނެލިއެވެ.

"ކޮންވާހަކައެއް؟" ޒައިނާ އެގޮތަށް ބުނުމުން އަބާނަށް ތެދުވަން ނުކެރުނެވެ.

"އަހަރެމެން ދެމީހުންނާ ބެހޭ ވާހަކައެއް. އަހަރެން ބޭނުން އަބީއަށް ކަމެއް ހަނދާންކޮށްދެން" ޒައިނާ ބުނެލިއެވެ. އަބާނާ ވީ ދިމާލަށް މޫނު އެއްކޮށް އަނބުރާލައިގެން އިންއިރު އެހާ ކައިރީގައި އަބާން އިނީތީ އޭނާގެ ތުންފަތަށް ހިިނިތުންވުމެއް ވެރިވެފައިވިއެވެ.

"އަހަރެންނަށް ކޮންކަމެއް ހަނދާންކޮށްދެން" އަބާން އަހައިލިއެވެ.

"ހެހެހެ... އަބީގެ ތި ބިޒީ ޝެޑިޔުލްއިން މަށަށް ވަގުތުކޮޅެއް ދީފާނަންތަ. އަހަރެން ބޭނުމީ މިއަށްވުރެ ހަމަޖެހިގެން ވާހަކަދައްކާލަން. އަބީއަށް މިއަދު ދެވޭނީ މަށަށް ގަޑިއެއް ދީފަ" ޒައިނާ ބުނެލިއެވެ.

***

ސައިކަލުން ފޭބިގޮތަށް ތަޅުދަނޑި ހިފައިގެން ޝުހޭލް މިސްރާބުޖެހީ ލޮނުޒިޔާރަތްކޮޅު ގާގަނޑު މަތީގައި އިން އަންހެންކުއްޖާ އާ ދިމާލަށެވެ. ޝުހޭލް އަރައި ހަމަވުމާއެކު ޝުރޫކް ބަލައިލާފައި ހީލައިފިއެވެ. އަދި ޝުހޭލް އިށިންނަން ތަން ދެއްކިއެވެ. އަތުގައި ހުރި ޕޮޕްކޯން ގޮށި ދިއްކޮށްލުމުން ޝުހޭލް އެކަތި ނަގާފައި އަނގައަށް ލިއެވެ.

"އަރޫ ބުނި ޝުހޭލް މިކޮޅުގަ ހުރި ވާހަކަ. ކޮންއިރަކުން ފުރަނީ؟" ޝުރޫކް އެހިއެވެ.

"ފުރަންވީ ދެން" ޝުހޭލް ބުނެލިއެވެ.

"އަސްލު ކީއްވެ ބައްދަލުކޮށްލަން ބުނީ؟" ޝުރޫކް އެހިއެވެ.

"ކީއްވެތަ ކުއްލިއަކަށް އަރޫ އަހަރެންދެކެ އެހާ ރުޅިއަންނަނީ. އަހަރެން އަރޫ އާ ރައްޓެހިވީ ގަދަބާރަކުން ނޫން. އަރޫވެސް ރުހިގެން. ދުވަހަކުވެސް އަރޫ އަހަރެން ކައިރީގައި ލޯބިވާ ވާހަކައެއް ނުބުނޭ. އެކަމަކު އޭނާގެ އަމަލުތަކުން އަހަރެން ހީކުރިން އަހަރެންދެކެ އަރޫ ވަރަށް ލޯބިވާކަމަށް" ޝުހޭލް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި އެކުލެވިގެންވި ރިހުން ޝުރޫކަށް އިހުސާސްވިއެވެ. އޭނާގެ ހިތުގައި ޝުހޭލާ މެދު ހަމްދަރުދީ އުފެދުނެވެ.

"އަހަރެން އަރޫ ވަރަށް ބޭނުން. ދުވަހަކުވެސް އެހެން އަންހެންކުއްޖަކަށް ބަލައިލަންވެސް ބޭނުމެއްނޫން. އަހަރެންގެ ހިތާ ހަމައަށް ވާސިލްވެވުނު ފުރަތަމަ އަންހެންކުއްޖާ އެއީ. އަހަރެން ވަރަށް ލޯބިވޭ. ދުވަހަކުވެސް އަރޫއަށް ދެރައެއް ދޭން އަހަރެން ނުވިސްނާނަން" ޝުހޭލް ވާހަކަދެއްކިއެވެ.

"އަރޫއަށް ބަދަލެއް އައިކަން އަހަރެންނަށް އިނގުނީ އޭނަ އަހަރެން ކައިރީ ބުނެނުލާ ފުރައިގެން އައިމަ. އަހަރެންނަށް ވިސްނާ ވިސްނާވެސް ނޭނގުނު އަހަރެންނަށް ކުރެވުނު ކަމެއް" ޝުހޭލް ވާހަކަދެއްކިއެވެ.

"އަހަރެން ފެނުނީމަ އަރޫގެ މޫނަށް ވެރިވާ ކުލަަވަރު ފެނިފަ އަހަރެން ހިތްފަޅައިގެންދާވަރު ވޭ. އަރޫގެ ދުލުން ބޭރުވާ ކޮންމެ ލަފްޒަކާއެކު އަހަރެންގެ ހިތަށް ތަދުވޭ. ހަގީގީ ދިރިއުޅުމުގައިވެސް އަހަރެންނަކީ މާބޮޑު އުފަލެއް ލިބިފައިވާ މީހެއް ނޫން. ލިބުނު ހަމައެކަނި އުފަލަކީ އެއީ. އެކަމަކު އަރޫ އަހަރެން ދޫކޮށް އެހެން ކުއްޖަކާ ގުޅިއްޖެ" އެންމެފަހުން ޝުހޭލްގެ އިހުސާސްތައް ނުހިފެހެއްޓުނެވެ. ދެލޮލުގެ އެތެރޭގައި ގަދަހަދަމުން ދިޔަ ކަރުނަތިކި ވެއްޓިއްޖެއެވެ.

"ދެން ހުއްޓާލާ. އަހަރެން ކައިރީގައިވެސް އަރޫ ބުނި ކުއްޖަކާ ރައްޓެހިވިވާހަކަ. އަހަރެން ވަކި ކީއްކުރާނީ. އަހަރެންނަށް އަރޫ ނުހިފެހެއްޓޭނެ" އަސަރާއެކު ޝުރޫކް ބުނެލިއެވެ. ޝުހޭލްގެ ވާހަތަކުން އޭނާގެ ހިތުގައި ރިއްސައިގަތް ވަރުން އެއްވެސްކަމެއް ކުރާހިތެއް ނުވިއެވެ. އަތުގައި އޮތް ޕޮޕްކޯން ގޮށިވެސް އެއްކައިރި ކުރިއެވެ.

"ޝުރޫކް ތިއީ އަރޫ އެންމެ އިތުބާރުކުރާ އެކަކު. ކޮންމެސް އެއްޗެއް ޝުރޫކަށް އިނގޭނެ. އަހަރެން ރަނގަޅުކުރަންވީ ކަމެއް އަހަރެން ކައިރީގަ ބުނޭ. އަހަރެން އުންމީދު ގެއްލުވައެއް ނުލާނަން" ޝުހޭލް ބުނެލިއެވެ.

"އެހެންވިއްޔާ ބުނެބަލަ ރޯމަންއަށް އެވަރު ކުރީ ކީއްވެތަ؟" ޝުރޫކް އަހައިލިއެވެ.

"އެއީ ރޯމަން އަހަރެން ކައިރީގަ ދެއްކި ހަޑި ވާހަކަތަކެއްގެ ސަބަބުން. އަރޫ އާ ބެހޭގޮތުން. އަހަރެންގެ ކަންފަތަށް އެވާހަކަތައް އަހަން ކެތްނުވީ. އެދުވަހު އަހަރެން ހިތަށް އެރި ދޫކޮށްލާނީ އޭނަ މަރުވީމައޭ. އެހާ ރުޅި އައި" ޝުހޭލް ވާހަކަދެއްކިއެވެ.

"ޝުހޭލް އެހާ އަނިޔާވެރިވީމަ މައްސަލައަކީ. އަރޫ ބިރުގަތީ" ޝުރޫކް ބުނެލިއެވެ.

"ހެހެހެ... ނޫން. ދުރުވާން ބޭނުންވެފައި ހުންނަ މީހަކަށް އަނެއް މީހާ ނޭވާލާގޮތް ވެސް ކަމަކުނުދާނެ. އެއީ ސަބަބެއް ކަމަށް ބަލާފައި ދުރުވާނެ. އަރޫއަށް ވެސް ވީ އެހެން" ޝުހޭލް ބުނެލިއެވެ.

"އަރޫ ކައިރީގައި ބުނޭ އަހަރެން ދުނިޔޭގައި ހުރިހާ ހިނދެއްގައި އަރޫ ދޫކޮށެއްނުލާނަމޭ. އަރޫއަށްޓަކައި ކިތަންމެ ބޮޑު ހަނގުރާމައަކާ ވެސް އަހަރެން ކުރިމަތިލާފާނަމޭ" ޝުހޭލް އިންތަނުން ތެދުވިއެވެ. ލޮލުގެ ރަވަ ދަށުން ފޭދުނު ކަރުނަތިކި އެއް އިނގިލިން ފޮހެލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. އެމަންޒަރު ފެނުމުން ޝުރޫކް ދެރަވެފައި ބަލަހައްޓައިގެން އިނެވެ.

***

ސަލާމް ގޮވައިލުމާއެކު އަނާރް ގޮސް ދޮރު ހުޅުވާލައިފިއެވެ. ބިޑި ހެދުމުގައި ކުރިމަތީގައި ހުރި އަންހެންމީހާއަށް އަނާރް ދިނީ ހިތްހެޔޮ ހިނިތުންވުމެކެވެ. އަދި ތަންކޮޅެއް ބޮޑަށް ދޮރުހުޅުވާލާފައި އަންހެންމީހާ ވަންނަން ތަން ދެއްކިއެވެ. ވަދެގެން ދިޔަ އުންމީދާގެ މޫނުމަތީގައިވީ ނުތަނަވަސްކަމެވެ.

"ކޮބާ އެމަންޖެ؟" ކަންބޮޑުވެފައިވާ ހާލު އުންމީދާ އަހައިލިއެވެ.

"އާދޭ އެތެރެއަށް. މާމަ ކޮޓަރީގަ ވީ" ފަހަތަށް އެނބުރި ހިނިތުންވެލަމުން އަނާރް ބުނެލިއެވެ. އުންމީދާ އަނާރްގެ ފަހަތުގައި ހުރެ ހިނގަމުން ގޮސް އުމެއިރާގެ ކޮޓަރިއަށް ވަނެވެ. އޭރު އެނދުގައި އޮތް ޝުބާގެ މަގަތުން އިށީނދެގެން އުމެއިރާ އިނެވެ. ދެލޯ މެރިފައި އޮތް ޝުބާގެ ނިތްމަތީގައި ތެތް ތުވާލި އަޅަމުން ދިޔަ އުމެއިރާ އުންމީދާއަށް ބަލައިލިއެވެ.

"ޝުބްއަށް ކިހިނެއްވީ؟" އުންމީދާއަށް ޝުބާ ފެނުމާއެކު ދުވެފައި އެނދާ ދިމާލަށް ދެވިއްޖެއެވެ. އުމެއިރާ ތެދުވި ތަނުގައި އުންމީދާ އިށީނެވެ. އަދި ޝުބާގެ މޫނުގައި ފިރުމައިލިއެވެ.

"ތިއީ މި މަންޖެގެ މަންމަ ދޯ. އަހަރެން ގޭ ކައިރި ފިހާރައަށް ނިކުތްވަގުތު ފާރުގައި ހިފަހައްޓާލައިގެން ހުއްޓަ ފެނުނީ. ކައިރިވެލިތަނާ އަހަރެންގެ ގައިގަ ހިފަހައްޓައިފި. ގޭތެރެއަށް ވައްދާފަ ހުންގަދަކަމުން ބޭހެއް ދޭން އުޅުނީމަ ނުކެއި. އަހަރެންގެ ދަރިފުޅު އެމަންޖެ ދަބަސް ބަލައިގެން އާއިލާ މީހެއްގެ ނަންބަރު ހޯދީ" އުމެއިރާ އޮޅުންފިލުވައިދިނެވެ.

"އެހާ ކަންބޮޑުނުވޭ. މިހާރު ހުން ވަރަށް ބޮޑަށް ވިހެލައިފި" އުންމީދާގެ ކޮނޑުގައި އަތްޖައްސައިލަމުން އުމެއިރާ ވާހަކަދެއްކިއެވެ.

"ވަރަށް މުހިންމު ކްލާހަކަށޭ ކިޔާފަ ގެއިން ނިކުތީ. ކުޑަކޮށް ރޯގާ ވައްތަރުވެފައި ހުރުމުން އަހަރެން ބުނިން ރެސްޓްކުރާށޭ. އެކަމަކު އެއީ ދުވަހަކުވެސް އެއްވެސް ކްލާހެއް މިސްކޮށްލާފަ ހުރި ކުއްޖެއްނޫން" އުންމީދާ ވާހަކަދެއްކިއެވެ.

"އޭނަ އެންމެ ކުޑައިރުން ފެށިގެން ބައްޔެއް ވިޔަސް ބޭސްދެވޭނީ ވަރަށް މަސައްކަތުން. ތިކޮށްދިން ހެޔޮކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ހިނިތުންވެލަމުން އުންމީދާ ވާހަކަދެއްކިއެވެ.

"މިއީ އެވަރުކަމެއް ނޫން. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަބަދުވެސް އެހީތެރިވާންވާނެ. މާދަމާ އަނެއް މީހާއަށް ކުރިމަތިވާނެ ކަމެއް ކިހިނެއް އިނގޭނީ" އަނާރް ވާހަކަދެއްކިއެވެ. އުންމީދާގެ ސަމާލުކަން އަނާރަށް ހުއްޓިއްޖެއެވެ. އަންހެންކުއްޖާގެ ރީތިކަމާ އެއްވަރަށް ލިބިފައިވާ ތަރުބިއްޔަތަށްވެސް ސަތޭކަ ދޭހާވެއެވެ.

"އަހަރެންގެ މާމަ ދަރިފުޅު. އަދި އެއްދަރި ހުންނާނެ. މިވަގުތު ގެއަކު ނެތް" އުންމީދާ އަނާރަށް ބަލަހައްޓައިގެން އިނުމުން އުމެއިރާ ވާހަކަދެއްކިއެވެ.

***

ރޭގަނޑުގެ ކެއުމަށްފަހު ކޮޓަރިއަށް ވަންގޮތަށް އަބާން ވިސްނައިލިއެވެ. ޒައިނާއަށް ގަޑިއެއް ދިނީ އޭނާ އަމިއްލައަށެވެ. އެއްގޭތެރޭގައި އުޅޭއިރު އޭނާއަށް ޒައިނާއަށް ފިލައިގެން އުޅެވޭކަށް ނެތެވެ. އޭނާ ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ފުންކޮށް ނޭވައެއް ލިއެވެ. އަދި ލައިގެން ހުރި ޓީޝާޓަށް ދަމާލާފައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ގޯތިތެރެއަށް ނިކުތްއިރު މަސްފެންގަަނޑު ކައިރީގައި ޒައިނާ ހުއްޓަ ފެނުނެވެ. އޭނަ މަޑުމަޑުން ގޮސް ޒައިނާ ކައިރީގައި ހުއްޓިއްޖެއެވެ. ޒައިނާ ފަހަތް ބަލައިލީ ފަހަތުން ދިގުވަމުން އައި ކަޅު ހިޔަނި އޭނާގެ ބޯމަތިން ގޮސް ކުރިމައްޗަށް ހުއްޓުމުންނެވެ.

"ޒައި މިރޭ ހާދަ ތަފާތޭ" އަބާން ބުނެލިއެވެ. ޒައިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަބާންގެ ދުލުން އެފަދަ އެއްޗެއް ބުނުމުން އޭނާ ހިތަށް އެތައް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

"ތެންކިޔު އަހަރެންނަށް ވަގުތުކޮޅެއް ދިނީތީ" ޒައިނާ ބުނެލިއެވެ.

"ހިނގާބަލަ އެތަނުގައި އިށީނދެލަން" ޒައިނާ ބުނެލިއެވެ. އޭނާ ބޭނުންވަނީ އަބާނާ ވަރަށް ހަމަޖެހިލައިގެން ވާހަކަދައްކާލާށެވެ. އުނދޯލިގެއަށް ވަދެލާފައި ދެކުދިން ފުޅާ އުނދޯލީގައި އިށީނެވެ. އުނދޯލީގެ ވާގަނޑުގައި ހިފަހައްޓާލާފައި ޒައިނާ އަބާނަށް ބަލައިލިއެވެ.

"އަހަރެން ބުނީމެއް އަބީއަށް ކަމެއް ހަނދާންކޮށްދޭނަމޭ" ޒައިނާ ބުނެލިއެވެ.

"ހޫމް..." އަބާން ބުނެލިއެވެ.

"އަބީ ކައިވެނި ކުރުމުގެ ކުރިން އެންމެފަހުން ފޯނުން ވާހަކަދެއްކި ދުވަހު އަބީ ބުނި އެއްޗެއް. އަޅެ ކުޑަކޮށްވެސް ހަނދާނެއް ނެތްތަ؟" ޒައިނާ ބުނެލިއެވެ.

"ހެހެހެ... އެހެން ކިހިނެއް ހަނދާންހުންނާނީ. އޭގެފަހުން ވަރަށް ބައިވަރު ކަންތައްތައް ހިނގައިފިއެއްނު" ކުޑަކޮށް ހީލަމުން އަބާން ބުނެލިއެވެ.

"ވަރަށް ދެރަވެއްޖެ. އެކަމަކުވެސް އަހަރެން ހަނދާންކޮށްދޭނަން. އަބީ ބުނި ކޮންމެސްކަމެއް ވީމަ އަހަރެންގެ އަތުގައި ހިފާނަމޭ. ބުނި އަހަރެންގެ ލޯބި ޤަބޫލުކުރާނަމޭ. ބުނި އަހަރެންނަށް ފުރުސަތު ދޭނަމޭ. އަދިވެސް އަހަރެން މިހުރީ އަބީއަށްޓަކައި. އަބީ ވަޢުދުވީމެއްނު" ޒައިނާ ވާހަކަދެއްކިއެވެ. އެވާހަކަތައް އަހަން އަބާނަށް އުނދަގޫވިއެވެ. އޭނާއަށް އެބަސްތައް ހަނދާން ހުއްޓެވެ. އެކަމަކު އެވާހަކަ ބުނަން ބޭނުންނުވީއެވެ. އޭނާގެ ފަރާތުން ކުޑަވެސް އިޝާރާތެއް އެހެން އަންހެންކުއްޖަކަށް ދޭން ބޭނުންނުވެއެވެ.

"އަހަރެން އަދި ތިކަމާ ނުވިސްނަން" އަބާނަށް އިންތަނުން ކޮޅަށް ތެދުވެވިއްޖެއެވެ. އޭނާއަށް ފާޅުގައި އިންކާރުކުރަން ނުކެރުނެވެ.

"އެހެންވިއްޔާ އަބީ ކޮންއިރަކުން ވިސްނާނީ" ޒައިނާ އަހައިލިއެވެ.

"ނޭނގެ. ފަހަރެއްގައި ޒައި އުންމީދުކުރާ ފަދަ ޖަވާބެއް އަހަރެންގެ ފަރާތުން ނުލިބިވެސް ހިނގައިދާނެ" އަބާން ބުނެލިއެވެ. އޭނާ ހުރީ ޒައިނާއަށް ފުރަގަސްދީގެންނެވެ.

"ނޫން... އަބީ އަކީ ވީ ވަޢުދެއް އުވާލާނެ މީހެއްނޫން" އަބާންގެ ބުރަކަށީގައި މޫނު ޖައްސަލައިލަމުން ޒައިނާ ބުނެލިއެވެ. ވަގުތުން އަބާން ދުރަށް ޖެހުނެވެ.

"ޒައި! ޒައިވެސް ވާނެ ހަގީގަތް ޤަބޫލުކުރަން. ވަޢުދުވެވިދާނެ. އެކަމަކު އިންސާނެއްގެ ހިތް އެމީހާއަށް މަޖުބޫރުކުރާކަމެއް ކިހިނެއް ބަދަލުކުރާނީ؟" އަބާން ވާހަކަދެއްކިއެވެ. ޒައިނާގެ ލޮލުން ކަރުނައެއް ވެއްޓިއްޖެއެވެ.

"އަބީ ކުއްޖަކާ ރައްޓިހިވީތަ؟ ކީއްވެ؟ ވަޢުދުއުވާލާ މީހުންނަކީ ވަރަށް ގޯސް ބައެއް" ޒައިނާ ވާހަކަދެއްކިއެވެ.

"އަހަރެން މިބުނީ ފަހުން ޖަވާބެއްދޭނަމޭ. ޒައި ހަމަޖެހިގެން ހުންނައްޗެ. އަހަރެން މިދަނީ" ޒައިނާގެ ދެކޮނޑުގައި ހިފައިލަމުން އަބާން ހިނގައިގަތެވެ.

އުނދޯލި ގެއިން ނިކުމެގެން ގޮސް ޒައިނާ ހުއްޓުނީ މަސްފެންގަނޑު ކައިރީގައެވެ. އޭނާ ދެލޮލުން ފައިބަމުން ދިޔަ ކަރުތައް ފޮހެލާފައި އަނދިރިކަން ވެރިވެފައިވި އުޑަށް ނަޒަރު ހުއްޓައިލިއެވެ. ތަރިތަކާ ހަނދުގެ އެއްވެސް އިޝާރާތެއް އުޑުމަތީގައި ނުވާތީ ދުނިޔެމަތިން ފަޅުކަމެއް އިހުސާސްވިއެވެ. ނަމަވެސް އެއީ ވަގުތީ ފަޅުކަމެއްކަން އޭނާއަށް އިނގުނެވެ. އުޑުމަތި މިރޭ އެގޮތަށް އޮތަސް ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހާލަތު ބަދަލުވެދާނެއެވެ. އޭނާ ހިތާހިތުން ދުޢާކޮށްލިއެވެ. އެފަދަ ފަޅުކަމެއް އޭނާގެ ހިތަށް ވެރިނުކުރުމަށް އެދިއެވެ. އެނާގެ ހިތުން އެދުން ހާސިލްނުވި ނަމަވެސް ދާއިމީ ފަޅުކަމެއް އޭނާގެ ހިތަށް ވެރިނުކުރުމަށް އެދިއެވެ. ހަނދާއި ތަރިތަކުން އުޑުމައްޗަށް ދިރުން ގެނެސްދޭ ފަދައިން އަބާންގެ ލޯބިން އޭނާގެ ދިރިއުޅުމަށް އުޖާލާކަމާ އުފާ ފާގަތިކަން ގެނެސްދެއްވުމަށް އެދިއެވެ. ކަޅު ފުސް ވިލާތަކުން އުޑުގެ ރީތިކަން ނަގަލާ މަސައްކަތްކުރާ ފަދައިން އޭނާއާއި އަބާންގެ ދެމެދަށް ތިންވަނަ މީހެއްގެ އުނދަގުލެއް ނުފޯރުމަށް އެދިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދުރުގައި އުންމީދާއާ ނަސީމް ތިބިކަމެއް ނޭނގެއެވެ.

ޒައިނާ ދެއްކި ވާހަކަތަކަށްފަހު އަބާންގެ ހިތަށް ނުތަނަވަސްކަމެއް ލިބިއްޖެއެވެ. ވަޢުދުނުފުއްދާ މީހެކޭ ބުނެ ޒައިނާ އޭނާއަށް އަބަދު އިނގިލި ދިއްކުރާނެ ފުރުސަތު ދޭން ބޭނުންނުވެއެވެ. އެހެންނަމަވެސް ހިތުގެ ރާނީ އެއްފަރާތްކޮށް އެޖާގަ އެހެން މީހަކަށްވެސް ދެވެން ނެތެވެ.

"ސޮރީ ޒައި! އަހަރެންނަށް އެހެން ކުއްޖަކު ކަމުދިޔައީ ކިހިނެއް ކަމެއް ނޭނގޭ. މިވޭތުވެދިޔަ އެންމެ ދުވަހަކުވެސް އަހަރެން ޒައި މަތިން ހިތަށް ނާރާ" އެނދުގައި އިށީންނަމުން އަބާން ބުނެލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި އޭނާ ތެދުވެއްޖެއެވެ. ހަރުގައި އޮތް ތުވާއްޔާ ނިދަން ލާ ދޫ ހަރުވާޅު ހިފައިގެން ގޮސް ފާހާނާއަށް ވަދެއްޖެއެވެ.

އަބާން ފާހާނާއިން ނިކުތްއިރު ފޯނު ރިންގުވާ އަޑު އިވިއިވި ހުއްޓެވެ. އޭނާ ފޯނުގައި އަތްލި ވަގުތު ފޯނު ކެނޑިއްޖެއެވެ. އެއީ އަނާރް ކަން އިނގުމުން ހިތް އަވަސްވެލައިފިއެވެ. އަތުގައި އޮތް ތުވާލި އެނދުމައްޗަށް ހޫރާލާފައި ފޯނު ހިފައިގެން އެނދަށް އަރާ އަނާރްގެ ނަންބަރަށް ގުޅައިފިއެވެ.

"ކީކޭ ދޫންޏާ...؟" އަނާރްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަބާން ބުނެލިއެވެ.

"ނުފެންނަތާ ދެ ދުވަސްވެއްޖެ. ހީވަނީ ދެގަރުނު ވެއްޖެހެން. އަޑު އަހާލާހިތުން ނުނިދިގެން މިގުޅީ" އަނާރް ބުނެލިއެވެ. އަބާން ހީލައިފިއެވެ.

"ކެރޭނެތަ އަހަރެންނަށް ވީޑިޔޯ ކޯލެއް ކުރަން" އަބާން ބުނެލިއެވެ. އަނާރް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ދެވަނަ ފަހަރަށް އަބާން އަހައިލިއެވެ.

"މިހިރީ ނިދާ ހެދުމުގަ" އަނާރް ބުނެލިއެވެ.

"ރަނގަޅުވާނެ. ޕްލީޒް އެންމެފަހަރަކު. ބޭނުމީ އެންމެފަހަރަކު ތި ލޯބި މޫނު ބަލައިލަން. އެބަގުޅަން އިނގޭ. ޕްރޮމިސް. އިތުރު ތަނަކަށް ނުބަލާނަން" އަބާން ބުނެލިއެވެ.

އިރުކޮޅަކުން އޭނާގެ ފޯނުން ފެންނަން އިން އަނާރް ފެނިއްޖެއެވެ. އަޅިކުލައިގެ ނިދަންލާ ޕިޖާމާގައި އަނާރް ވަރަށް ޗާލެވެ. އިސްތަށިގަނޑު އެއްކޮށްލާފައި އެއްފަރާތުން ކުރިމައްޗަށް ގެނެސްފައި ހުރުމުން ތަފާތުގޮތެއް ހުއްޓެވެ. އަނެއްފާރާތުން އަނާރްގެ ދޮން ކަރުން ބައެއް ފެންނަން ހުރުމުން އެ ހިސާބުގައި ފިރުމާލާހިއްވެ އަބާނަށް ދެއަތުން ފޯނު ހިފަހައްޓާލެވިއްޖެއެވެ.

"ނިދަންދާ ގަޑީގައިވެސް ހާދަ ހާދަ ރީއްޗޭ. ކޮބާތަ ސިއްރަކީ؟" އަބާން ބުނެލިއެވެ.

"އެއްކަލަ އަބާން" ލަދުރަކި ހީލުމަކާއެކު އަނާރް ބުނެލިއެވެ. އަނާރް އަބާނަށް ނުބަލަން އުޅޭކަން އަބާނަށް އިނގުނެވެ. އޭނާއަށް ސަބަބުވެސް ވިސްނާލުމުން އިނގިއްޖެއެވެ.

"އަހަރެން ޓީޝާޓް ލީމަތަ އަހަރެންގެ މޫނަށް ބަލާލާނީ" އަބާން ބުނެލިއެވެ. އެހިނދު އަނާރް އަބާނަށް ބަލައިލައިފިއެވެ.

"ނޫން.. ކޮންއިރަކުން ބައްދަލުވާނީ؟" އަނާރް އެހިއެވެ.

"މިހާރުވެސް. އަންނަންވީނުން އަހަރެން ކައިރިއަށް" އަބާން ބުނެލިއެވެ.

"ނޫން. ކުރިން ރެޔަކު ދަންވަރު މީހެއް ކައިރީގަ ނުބުނެ ދިޔައިމަ މާމަ ހުރީ ވަރަށް ހިތްހަމަނުޖެހިފަ. އަހަރެން ހާދަ ދެރައެއްވިއޭ" އަނާރް ބުނެލިއެވެ.

"އަހަރެންވެސް އަދި ގެއިން ނިކުތުން މަންމަ އޮތީ މަނާކޮށްފަ. އެކަމަކު އަހަރެންގެ އަނާރް ކައިރިއަށް ދެވިދާނެ އެންމެންނަށް ވަގަށް. ކުޑައިރުކޮޅެއް ދީ އިނގޭ. ތިގޭ ކައިރިއަށް ގޮސް ގުޅީމަ އަހަރެން ވައްދައްޗެ" އަބާން ވާހަކަދެއްކިއެވެ.

"ނޫން. ވަރަށް ގެންނަން ބޭނުން. ވަރަށް ދެކިލާހިތުން މިހުރީ. އެކަމަކު މިކޮޓަރީގަ މަށާއެކު ކޮއްކޮއެއް އެބައޮތް. އެހެންވީމަ ނުވާނެއްނު" އަނާރް ބުނެލިއެވެ.

"ދެން ކިހިނެއްހަދާނީ؟" އަބާން ބުނެލިއެވެ.

"ނޭނގެ. އަހަރެން ވަރަށް މުހިންމު ވާހަކައެއްދައްކަން ބޭނުން" އަނާރް ބުނެލިއެވެ.

"އަހަރެން ކޮންމެސްގޮތެއް ވިސްނާނަން އިނގޭ" އަބާންގެ ޖުމްލައިން އަނާރް ހިތްހަމަޖެހުނެވެ.

***

އުނދުން ކައިރީގައި ހުރި އުންމީދާ އަބާނަށް ބަލައިލިއެވެ. އަދި މޫނު މައްޗަށް ހިތްހަމަނުޖެހިފައި ހުރިހެން ގޮތެއް ހަދައިލިއެވެ.

"އަބީ ޖެހޭނީ އެގަޑީގަ ގޭގަ ހުންނަން. ބޭސްގަނޑު ނެގިޔަސް އެވަގުތުކޮޅު މަޑުކޮށްލެވެންޖެހޭނެ" އުންމީދާ ބުނެލިއެވެ.

"މަންމާ! ވަރަށް ކަންތައްތައް ނުކުރެވި އެބަހުރި. ހަމަ މަސްޓް ތަ މަޑުކުރުން. އެހެންނޫނަސް ކޮންބައެއްތަ އެއީ؟" ފެންފުޅި ހިފައިގެން ގޮސް މޭޒުކައިރީގައި އިށީންނަމުން އަބާން ވާހަކަދެއްކިއެވެ.

"އެއީ ޝުބް ބަލިވި ދުވަހު އެހީވި މީހުން. އެއީ ވަރަށް ހިތްހެޔޮ ބައެއް. އެމީހުންނަށް މިގެއަށް ސަޔަށް ދަޢުވަތު ދިނީ ބައްޕަ. މަންމައެއްނޫން. މާގިނަބައެއް ނުވެސް އަންނާނެ. ދެ އަންހެންކުދިންނާ އެދެކެދިންގެ މާމަ" އުންމީދާ ވާހަކަދެއްކިއެވެ.

"އޯކޭ. ދެން ހުންނާނީ ދޯ" ފޫހިކަމާއެކު އަބާން ބުނެލިއެވެ. އަބާނަށް ވެފައި އިންގޮތުން އުންމީދާއަށް ހެވިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟