ބާރަވަނަ ބައި
އުނދަގުލުން ދެލޯ ހުޅުވާލިއިރު ކައިރީގައި ސައިފް ހުއްޓެވެ. މުޅިތަނަށް ނަޒަރު ހިންގައިލުމުން އެއީ ހޮސްޕިޓަލްކަން އިނގުނެވެ. ތެދުވަން އުޅުނު ވަގުތު ނިތްކުރިމަތިން ތަދެއްގެ އިހުސާސްވިއެވެ. އޭނާ އެތަނުގައި އަތް ޖައްސާލިއިރު ބޭސްއަޅާފައި ހުރިކަން އިނގުނެވެ.
"ކިހިނެއްވީ؟" އަބާން އަހައިލިއެވެ.
"އަބީ މޮޅަށް ސައިކު ދުއްވީ. ތިއޮތީ އޭޑީކޭ އެމެޖެންސީގަ" ސައިފް ބުނެލިއެވެ.
"އަހަރެން މާބޮޑަކަށް ހަނދާނެއްނެތް. މަންމަމެންނަށް އިނގޭތަ؟" އަބާން ބުނެލިއެވެ.
"ނޭނގޭ މީހަކީ ތިއީ. ރާއްޖޭގެ މީޑިޔާތަކަށް އިނގިގެން ހަބަރުވެސް ބްރޭކްކޮށްފި" ސައިފް ބުނެލިއެވެ.
"ޝިޓް. ކޮބާ އެންމެން. އަހަރެން ގެއަށް ފޮނުވާކަށް ނޫޅޭތަ؟" އަބާން ބުނެލިއެވެ.
"އެބަތިބި ބޭރުގަ. ނަސީމްބެ ވީ އޮޕަރޭޝަން ތިއޭޓަރ ކައިރީގަ. ޕިކަޕްގަ އިނީ ބިދޭސީއެއް. އެމީހާ ކުޑަ އޮޕަރޭޝަނެއް ކުރަނީ. ފުލުހުންނާ ގުޅިގެން މިކަން ތަންކޮޅެއް އަވަހަށް ނިންމޭތޯ އެ އުޅެނީ" ސައިފް ވާހަކަދެއްކިއެވެ.
"އެމީހާއަށް ވަރަށް ބޮޑުވަރު ވެފަތަ އޮތީ. ސީރިޔަސްކޮށް އަހަރެންނަށް ނޭނގެ ވީގޮތެއް. އެއްޗެއްގަ ޖެހުނުކަން އިނގެނީ" އަބާން ބުނެލިއެވެ.
"އަބީގެ ނަސީބު ތަންކޮޅެއް ރަނގަޅީ. އެމީހާ އަތުގަ ލައިސަންސް ވެސް ނެތް. އަނެއްކާ ދުއްވާފައި އައީ ވަންވޭ ފަޅާފަ" ސައިފް އިތުރަށް އޮޅުންފިލުވައިދިނެވެ.
"އަނާރްވެސް އެބައިން ބޭރުގަ. އުންމިއްތަމެން ތިބީމަ މިތަނަށް ވަންނަން ނުކެރިފަ" ސިއްރުން ސައިފް ބުނެލި ޖުމްލައާއެކު އަބާނަށް ސައިފަށް ބަލައިލެވިއްޖެއެވެ. އޭނާގެ ހިތަށް ގޮތެއް ވެލައިފިއެވެ. އަނާރް ދުށުމަށް ހިތް އެދިލައިފިއެވެ. އެކަމަކު ސައިފް ކައިރީގައި ބުނަން ބޭނުންނުވިއެވެ.
"ކާކު އޭނަ ކައިރީގަ ބުނީ؟" އަބާން އަހައިލިއެވެ.
"އަހަރެން. އޭނަ ވައްދާލަންވީ ދޯ އަބީ ގެއަށް ފޮނުވާލުމުގެ ކުރިން. އެހެންނޫނީ މިއަދު އަބީ ދެކިލުމުގެ ފުރުސަތެއް އެމަންޖެއަށް ނުލިބިދާނެ" ސައިފް ބުނެލިއެވެ. އަބާން ބަހެއް ނުކިޔާ އިނަސް އޭނާ އެދެމުން ދިޔައީ އެގޮތަށެވެ.
ސައިފް ނިކުމެގެން ދިޔުމާއެކު އަބާން ވިސްނާލިއެވެ. މީގެކުޑައިރުކޮޅެއް ކުރިން ޒަކީ އާ ދިމާވެގެން މަޔޫރާ އާ ގުޅިގެން ދެއްކި ވާހަކަތައް ހަނދާންވެފައި މޫޑު ބަދަލުވާން އުޅޭކަހަލަ އިޝާރާތެއް ސިކުނޑި ދީފިއެވެ. ނަމަވެސް ހަމަ އެވަގުތު އަނާރް ހިތަށް ސިފަވުމާއެކު އެހުރިހާކަމެއް މަތިން ހަނދާންނެތިއްޖެއެވެ.
ކެހިގެންދިޔަ ފަރުދާގެ ފަހަތުން ސައިފްއަށް ވުރެ ފަހަތުގައި ހުރެ ހިނގާފައި އައި އަނާރް ފެނުމާއެކު އަބާންގެ ހިތް އަވަސްވެލިއެވެ. އެހިނދުކޮޅުގައި އަނާރްގެ ފައިން ފެށިގެން ބޮލާ ހަމައަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. ކަޅުކުލައިގެ އަތްދިގު ޓޮޕްކޮޅު ހުރީ ބުޑުނިވާވާ ވަރަށެވެ. ސާފު ހުދުކުލައިގެ ސްކިނީގައި ހީލްއަކަށް އަރާފައި ހުރުމުން އިތުރަށް ހިކިކަމަށް ދައްކައެވެ. އިސްތަށިގަނޑު ފަހަތަށް ގެންގޮސް ފަތުރާލާފައި ހުރުމުން އަބާން ހަނދާންވީ އަނާރާއި ދެވަނަ ބައްދަލުވި ދުވަސް މަތިންނެވެ. އެ އަންހެންކުއްޖާގެ ކޮންމެ އަދާއެއް އޭނާއަށް ކަމުގޮސްފިއެވެ.
އެމެޖެންސީރޫމުގެ ވަކި ހިސާބަކަށް ވަދެވުމުން އަނާރްގެ ދެލޯ ހުރިހާ ދިމާލަކަށް ދަތުރުކޮށްލައިފިއެވެ. އެންމެފަހަތަށް ހުރި އެނދާއި ދިމާލަށް ބަލައިލި ވަގުތު މީހަކު ނިވާވިހެން ހީވުމުން އެއީ އަބާން ކަމުގައި އޭނާގެ ހިތް ބުނެލައިފިއެވެ.
"އެއީ އަބާން ދޯ" އަނާރް އަހާލީ ސައިފް ކުރެންނެވެ. ސައިފް ހީލާފައި ބޯޖަހާލައިފިއެވެ.
އަބާންގެ އެނދު ކައިރީގައި އަނާރް ގޮސް ހުއްޓުމާއެކު އަބާން އަނާރަށް ބަލައިލިއެވެ. އަދި ހިނިތުންވެލައިފިއެވެ.
"އަހަރެން މަޑުކޮށްލާނަން ބޭރުގަ. ނަސީމްބެ ކޮންމެ ގަޑިއެއްގަވެސް އެތެރެއަށް ވަދެދާނެ" ސައިފް ބުނެލިއެވެ. އޭނާ ބޭރަށް ނިކުމެ އެތަން ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ. އެތެރެއަށް ވަން ނަރުހެއް ބޭރަށް ނިކުތީ ފަރުދާއިން އަބާންގެ އެނދު ނިވާކޮށްލާފައެވެ.
"އަބާން! ކިހިނެއްތަ؟" އަނާރް އަހައިލިއެވެ.
"ރަނގަޅު" އަބާން ބުނެލިއެވެ.
އަަނާރްގެ ނަޒަރު އަބާންގެ ނިތްމަތިން ބޭސްއަޅާފައި ހުރިތަނަށް އަމާޒުވެއްޖެއެވެ. އޭނާ މަޑުމަޑުން އެތަނުގައި އިނގިލިތައް ޖައްސައިލިއެވެ.
"ވަރަށް ތަދުވޭ ދޯ" އަނާރް ބުނެލިއެވެ. އަނާރްގެ މޫނަށް ބަލަހައްޓައިގެން އިން އަބާން ބޯޖަހައިލިއެވެ. އަދި އޭނާގެ ނިތްމަތީގައި ޖައްސާލެވިފައިވި އަނާރްގެ އިނގިލިތަކާއެކު އަތްތިލައިގައި ހިފަހައްޓައިލިއެވެ. އަނާރްގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ނަސީބެއްނު ބޮޑު އަނިޔާއެއް ނުލިބުނުކަން. އިނގޭތަ އަހަރެން ބިރުގަތްވަރު" އަނާރް ބުނެލިއެވެ.
"ނަސީބެއްނު މިހެންވިކަން. އެހެންނޫނީ އަހަރެންނަށް އަނާރްގެ މިއަތުގައި ހިފާލާނެ ފުރުސަތު ގެއްލުނީހެއްނު" އަނާރްގެ އަތްތިލަ އޭނާގެ ތުންފަތުގައި ޖައްސާލައިފިއެވެ. އަނާރަށް ލަދުވެތިކަމެއް އިހުސާސްވެ ދެތިންފަހަރު އެސްފިޔަ ޖަހައިލަމުން އެސްފިޔަތައް ތިރިކޮށްލައިފިއެވެ. އަނާރްގެ އެ ލޯބިވެތި އަދާ އަބާނަށް ވަރަށް ކަމުދިޔައެވެ. އޭނާ ހިނިތުންވެލައިފިއެވެ. އަދި އޭނާގެ އަތު ތެރޭގައިވި އަނާރްގެ މަޑުމަޑު އަތްތިލައަށް ފިތާލިއެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އަބާނަށް އަނާރް އަހައިލިއެވެ.
"އަހާ. އަނާރް ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދެވޭތޯ އަހަރެން މަސައްކަތް ކުރާނަން" އަބާން ބުނެލިއެވެ.
"ރޭގައި އަހަރެމެން ދެމީހުން މެދުގައި ހިނގި ކަންތައް. އަބާން އިސްނެގީ. އަހަރެން އެކަން މާނަކުރަންވީ ކޮން ގޮތަކަށް" އަނާރް އަހައިލިއެވެ. ރޭގެ އެވަގުތުން ފެށިގެން އޭނާ ހިތަށް އުނދަގުކުރަމުންދިޔަ ސުވާލު ދުލާ ހަމައަށް ގެނައެވެ.
"ހެހެހެ... އަނާރް ކީއްވެ އަޅަނުލާ ހުރީ. ކީއްވެ ދުރަށް ނުދިޔައީ" އަބާން ބުނެލިއެވެ.
"ބިކޯޒް އައި ލަވް ޔޫ. އަހަރެން ކިހިނެއް ދުރަށްދާނީ. އަހަރެންނަށް ހުރެވުނީ މުޅިން އެހެން ދުނިޔެއެއްގަ. މީގެކުރިން އެކަމަށް އަހަރެން ކުރީ އިންކާރު. އެކަމަކު އަބާނަށް ނޫނެކޭ ނުބުނެވުނު" އަނާރް ބުނެލިއެވެ. އަނާރް ވާހަކަދެއްކީ އަބާނަށް ހަތަރުކަޅި ހަމަކުރަމުންނެވެ.
"ދެން ބުނެބަލަ؟ އަބާން މަޖާކޮށްލަން ނޫނީ ފޫހިފިލުވާލަން ކުރި ކަމެއްތަ އެއީ" އަނާރް އަހައިލިއެވެ.
"އަހަރެން..."
ކުއްލިއަކަށް އެތަނަށް ވަން ސައިފް ފެނި އަބާނަށް އަނާރްގެ އަތުން ދޫކޮށްލެވިއްޖެއެވެ. އެމަންޒަރު ސައިފަށް ފެނުމުން ވަގުތުގެ ގޮތުން އަޅައެއް ނުލިއެވެ.
"އުންމިއްތަ އެބަވަދޭ" ސައިފް ބުނެލިއެވެ.
"އަހަރެން ދަނީ" އަނާރް ބުނެލިއެވެ. އަދި ނިކުންނަން ހިނގައިގަތުމުގެ ކުރިން އަބާނަށް ވަރަށް ފުންނަޒަރަކުން ބަލައިލިއެވެ.
"ގުޅާނަން އިނގޭ" އަބާން ބުނެލިއެވެ. އަނާރް ހީލިއެވެ.
***
ކާމޭޒުމަތީ ބެހެއްޓި ޓިކެޓްތަކަށް ރުޝްދާ ބަލައިލިއެވެ. ދެވަނަ ނަޒަރު އޭނާ ސީދާކޮށްލީ ކުރިމަތީގައި ހުރި ޝުހޭލްއަށެވެ. ފިޔާ އެއްޗެއް ކޮށަން އިން ފިޔާޒާވެސް ޝުހޭލްއަށް ބަލައިލިއެވެ.
"ހަފްތާއެއް ފަހުން ފުރަންވީ. ތައްޔާރުވާތި. ގަންނަން ބޭނުންވާ އެއްޗެއް އޮތިއްޔާ ގަނެ ހަމަކުރޭ" ގޮނޑި ދަމާލާފައި އިށީންނަމުން ޝުހޭލް ބުނެލިއެވެ.
"ކޮންބައެއް ދަނީ؟" ރުޝްދާ އަހައިލިއެވެ. އޭނާ ފަހަތް ބަލައިލީ އެމީހުން ދައްކާ ވާހަކަތައް އިވޭ ހިސާބުގައި ސަބީހާ ހުރިތޯއެވެ.
"އަހަރެންގެ ބެލުމުގެ ދަށުގަ މިގޭގަ ދިރިއުޅޭ މީހެއް ވިއްޔާ ދާނެ" ފަރުވަކުޑަ ގޮތަކަށް ޝުހޭލް ބުނެލިއެވެ. ރުޝްދާ ބަލައިލީ ކައިރީގައި އިން ފިޔާޒާއަށެވެ.
"ކޮއްކޯ! މަންމަ އެކަނި މި މާލެ ތެރެއަށް ދޫކޮށްލާފަ ދޮންތަ ކިހިނެއް ދާނީ؟ ކާކު މަންމަ ބަލާނީ. އެއީ ރަނގަޅު ގޮތެއް ނޫނެއްނު" ޝުހޭލްގެ އަތުގައި ފިރުމައިލަމުން ރުޝްދާ ވާހަކަދެއްކިއެވެ.
"ދޮންތަ ބޭނުމީ މިތާ މަޑުކުރަންތަ؟ ބޭބީ ވިހާފަ ދޮންތަބެ އާއިލާއާ ހަވާލުކުރަންތަ. ނޫނީ ބޭބީ ގޮވައިގެން އުފަލުން އުޅެންތަ؟" ޝުހޭލް ވާހަކަދެއްކިއެވެ.
"ހުރިހާ ކަމަކަށް ވުރެވެސް މިއަދު ދޮންތައަށް މަންމަ މުހިންމު" ރުޝްދާ ބުނެލިއެވެ.
"އެހެންވިއްޔާ ދޮންތަ މާލޭގަ ހުރޭ. ދޮންތަބެގެ ފެމެލީ ހެދިގާ ގޮތަކަށް ރުހިގެން ހުރޭ" ހިފައިގެން ހުރި ފެންފުޅި ދުރަށް ކޮށްޕައިލަމުން ޝުހޭލް ބުނެލިއެވެ. އޭނާ ހިތްހަމަނުޖެހުނީކަން އޭނަގެ އެ އަމަލުން ރުޝްދާއަށް އިނގުނެވެ. އެހެންވިޔަސް މިއަދު ނިކަމެތި މަންމަ ދޫކޮށްލާފައި ކޮއްކޮގެ ފަހަތުން ދެވެން އޭނައަށް ނެތެވެ. ކޮއްކޮއަށް އެވަރު ވިސްނޭނެ ނަމައޭ ހިތަށް އެރިއެވެ.
"ވިސްނަބަލަ ކޮއްކޯ. އަހަރެމެން ދެކުދިން ފުރައިގެން ދިޔައިމަ މަންމަ ކިހާ އެކަނިވާނެ. މަންމަ ނުލާހިކު ބަލި. އަބަދު އެއުޅެނީ ބޮލެއްގަ ރިހޭތީ" ރުޝްދާ ޝުހޭލްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"އަހަރެން ވިސްނަނީ އަހަރެންނާ މެދު ވިސްނި މީހަކާ މެދު. އޭނަ އަހަރެމެންނަށް ހެދިހާ ގޮތަކާ ނަފްސާނީ ގޮތުންނާ ޖިސްމާނީގޮތުން ދިންހާ އަނިޔާތައް ދުވަހަކުވެސް އަހަރެން ހަނދާނެއް ނުނެތޭނެ" ޝުހޭލްގެ އަޑު ބާރުވިއެވެ. ވަގުތުން ރުޝްދާގެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވެއްޖެެވެ.
"ދަރިފުޅާ! ރުޅިމަޑުކުރޭ. އަދި ރުޅިއަންނަންޖެހޭ ވަރުގެ ކަމެއް ނުވެއެއްނު" ފިޔަޒާ ޝުހޭލްގެ އަތުގައި ފިރުމަމުން ދިޔައެވެ.
"އެހެންޏާ ދޮންތަ ބަލާބަލަ. އެންމެންނަށް ޓިކެޓް ނަގައިގެން އަހަރެން މިއައީ. އަހަރެންގެ ބެލުމުގެ ދަށުން ދާނީ ދޮންތަ އާ މަންމަ. ދޮންތަގެ ބެލުމުގެ ދަށުން މި މާލޭގަ އުޅޭ އެންމެން ގެންދިޔަސް މަށަށް ހެޔޮ" ހިތްހަމަނުޖެހިފައި ޝުހޭލް ވާހަކަދެއްކިއެވެ. އޭނާ އެތަނުންވެސް ތެދުވެގެން ހިނގައިގަތެވެ. ފަހަތުގައި ރޮވިފައި ހުރި ސަބީހާއަށް ބެލުމެއްނެތި އޭނާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
***
ގޭތެރެއަށް ވަން ޝެޒާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. އޭނާގެ އިންތިޒާރުގައި ސިޓިންރޫމުގައި ތިބި އުމެއިރާއާއި އަނާރް އެކީ ކޮޅަށް ތެދުވެލިއެވެ. ޝެޒާގެ ފަހަތުން އައިސް ހުއްޓުނު އިސްކޮޅުން ދިގު ޒުވާނާއަށް އުމެއިރާ އަދި އަނާރް ބަލައިލިއެވެ.
"މާމާ! މިއީ ރީހާން...." ގޭތެރެއަށް ވަންނަމުން އުމެއިރާއަށް ރީހާން ތަޢާރަފްކޮށްދިނެވެ.
"ރީހާން! މިއީ މާމަ. ދެން މިއީ މައި ސިސްޓަރ އަނާރް" އަނާރް އަތުގައި ހިފައިލަމުން ޝެޒާ ވާހަކަދެއްކިއެވެ.
ހަވީރު ސައިގައި ތަފާތު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އެންމެ ގިނައިން ވާހަކަދެއްކީ އުމެއިރާއެވެ. ޝެޒާއަކީ ކޮންކަހަލަ ކުއްޖެއްކަން ރީހާނައަށް ކިޔައިދިނެވެ. ރީހާންގެ އާއިލާ އާ ބައްދަލުކުރަން ބޭނުންވާކަން ހާމަކުރިއެވެ.
"ރައްޓެހިވެގެން ގިނަދުވަހު އުޅެން މާމަ އެހާ ޤަބޫލެއްނޫން. ކިރިޔާ ފުރުސަތެއް އޮތަސް ދެކުދިން އަވަހަށް ކައިވެނިކުރޭ" އުމެއިރާ ނަޞޭޙަތްތެރިވިއެވެ. ރީހާނާ ޝެޒާ އެކަކު އަނެކަކަށް ބަލައިލިއެވެ.
"މާމާ! ރީހާން އަދި މަސައްކަތްކުރަނީ އޭނަގެ ބައްޕަގެ ވިޔަފާރީގަ ތެރޭގަ. އޭނަ އަހަރެންނާ ކައިވެނިކުރަން ބޭނުންވަނީ އެހެން ޖޮބަކަށް ބަދަލުވެފަ" ޝެޒާ ވާހަކަދެއްކިއެވެ.
"އެހެންނޫނަސް އަރޫއަށް ހުރެވޭ ދުވަހެއްގަ ދޯ ކައިވެނި ކުރެވޭނީ" ޝެޒާ ބުނެލިއެވެ.
"ތިހެންވިއްޔާ ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަސްތެރޭގަ ތިކަން ކުރޭ" ހީލުމަކާއެކު އަނާރް ބުނެލިއެވެ.
"އެއީ...؟" ޝެޒާ ބުނެލިއެވެ.
"ފުރަންޖެހިދާނެ. ދެދުވަސްފަހުން ފުރާގޮތަށް ހަމަޖެހިފަ އަނެއްކާ ޑިލޭވެއްޖެ" އަނާރް ބުނެލިއއެވެ.
"ތިހެން ޑިލޭވަމުން ގޮސް އަހަރެއްވެސް ވެދާނެ. އެހެންވިއްޔާ ރަނގަޅީ. ދޯ މާމާ" ޝެޒާ އުމެއިރާއަށް ބަލައިލަމުން ބުނެލިއެވެ.
"އަހަރެން ބޭނުމީ އަވަހަށް ފުރަން. ބާކީ އޮތީ އެންމެ އަހަރެއް. އަވަހަށް ނިންމާފަ އަންނަން ބޭނުމީ" އަނާރް ވާހަކަދެއްކިއެވެ.
"އެހެންބުނާނެއްނު. އެމަންޖެވެސް ކަމެއް ފަށައިގެން އެ އުޅެނީ" ދަރިންގެ ވާހަކަތަކާ ބައިވެރިވެލަމުން އުމެއިރާ ބުނެލިއެވެ.
"އޯއެމްޖީ... ހުވާތަ! އަންގާވެސްނުލާ. ކޮން ނަމެއްކިޔާ ބޯއީއެއް" ކައިރީގައި އިން އަނާރްގެ ބުރަކަށީގައި ތަދުނުވާނޭހެން ބޮނޑިއެއް އަޅާލަމުން ޝެޒާ ބުނެލިއެވެ.
"އެއީ އަދި ސިއްރެއް. ކައިވެނީގެ މަޖިލީހުން ފުރަތަމަވެސް ދައްކާލާނީ" ސަމާސާ އެކުލެވޭ ރާގެއްގައި އަނާރް ބުނެލިއެވެ. އެއާއެކު ހުރިހާ މީހުން އެއްފަހަރާ ހީލައިފިއެވެ.
***
އަބާން ގެއަށް ގެނެވުނީ ދުވަހުގެ އިރުއޮށްސުނު ފަހުންނެވެ. ނިތްކުރިމަތިން ފަޅައިގެން ދިޔަތަން ފިޔަވާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް އަތުގެ އުނޅަބޮށިންނާއި ފައިގެ ކަށިމަތިން މަށައިގެން ގޮސްފައި ހުއްޓެވެ.
ކޮޓަރިން އުންމީދާ ނިކުތްއިރު ދޮރުމަތީގައި ޒައިނާ ހުއްޓެވެ. ޒައިނާގެ ދެލޮލުން ކަންބޮޑުވުން ފެނި އުންމީދާ މަޑުޖެހިލިއެވެ.
"އަބީއަށް މާބޮޑު ކަމެއް ނުވޭ. ވަދެލާފަ އާދޭ" ޒައިނާގެ ބުރަކަށީގައި ފިރުމައިލަމުން އުންމީދާ ބުނެލިއެވެ. ކުޑަކޮށް ހީލުމަށްފަހު ޒައިނާ ހިނގައިގަތެވެ. އުންމީދާ ވިސްނައިލިއެވެ. ޒައިނާގެ ހިތުން އަބާނަށް ހާއްސަ މަގާމެއް ދީފައިވާކަން އޭނާގެ ވިސްނުންތޫނު ސިކުނޑި ދެނެގެންފިއެވެ.
"އަބީ" ދޮރުމަތީގައި ހުރި ޒައިނާ ގޮވައިލި އަޑަށް ފޯނަށް ބަލަހައްޓައިގެން އޮތް އަބާން ބަލައިލިއެވެ. އަދި ހީލައިފިއެވެ.
"އަދިވެސް ތަދުވޭތަ؟" ޒައިނާ އިށީނީ އަބާންގެ މަގަތުންނެވެ. އެހިނދު އަބާނަށް ކުޑަކޮށް ފެއަށް ޖެހިލެވިއްޖެއެވެ. އެކަން ޒައިނާއަށް އިހުސާސް ވިޔަސް އެއްޗެއް ނުބުނެއެވެ.
"މާބޮޑަށްވެސް ރަނގަޅު. މަންމަމެން އުޅެނީ ބޮޑުކޮށްލައިގެން" އަބާން ބުނެލިއެވެ.
"އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާ. ހުވާ. ހާދަ ބިރެއްގަތޭ" މޭގައި އަތް އަޅައިލަމުން ޒައިނާ ވާހަކަދެއްކިއެވެ.
"ކީއްވެ؟ ޒައި ގެ ހިތް ހުއްޓެންވީ ކީއްވެ؟ އެކްސިޑެންޓްވި އެއްވެސް މީހަކު މަރެއް ނުވެއެއްނު" އަބާން ބުނެލިއެވެ.
"ނޭނގޭތީތަ ތި އަހަނީ. އަހަރެން މިހާވަރުން އުޅޭއިރުވެސް......"
ޒައިނާއަށް ވާހަކަ ފުރިހަމަނުކުރެވުނީ ދޮރު ހުޅުވަލާފައި އެތެރެއަށް ވަން އުންމީދާއާއި ނަސީމް ފެނުމުންނެވެ. ޒައިނާ ފުންމައިގެން ތެދުވެ އަބާންގެ ބޮލާ ދިމާލުގައި ހުއްޓިއްޖެއެވެ. އުންމީދާ އިށީނީ އަބާންގެ ފަޔާ ދިމާލުން އެނދުގައެވެ. ނަސީމް އެނދު ކައިރީގައި ކޮޅަށް ހުއްޓެވެ.
"އަލްޙަމްދުލިﷲ. އެމީހާގެ އޮޕަރޭޝަން ކާމިޔާބުވެއްޖެ. އެމީހާ ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލަންދެން ބެލެހެއްޓުން އެއީ އަހަރެމެންގެ ޒިންމާއެއް" ނަސީމް ވާހަކަދެއްކިއެވެ.
"ހުރިހާކަމެއް ނިމުނީތަ؟" އަބާން އަހައިލިއެވެ.
"މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިކަން މާބޮޑު ކަމަކަށް ނުވި. ބައްޕަގެ ނަޒަރުގައި އަބާންވެސް ކުށްވެރިވޭ. މަގުމަތީގައި ދުއްވާއިރު ވިސްނަންޖެހޭނީ ހަމައެކަނި ތިމާ މީހާއަށް އެކަންޏެއްނޫން. މިފަހަރު މިހާ ފަސޭހައިން މިކަން ނިމުނަސް ހުރިހާ ފަހަރަކު މިހެން ނުވާނެ" ނަސީމް ވާހަކަދެއްކިއެވެ.
"ސޮރީ ބައްޕާ. އެގަޑީގަ ވަރަށް ބޮލުގަ ރިއްސައިގަނެފަ ހުރީ. އެހެންވެ މަގަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވުނީ" އަބާން ވާހަކަދެއްކިއެވެ.
"އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ސައިކަލަށް ނޭރުން އެންމެ ބުއްދިވެރި ގޮތަކީ. ބައްޕަ އުންމީދުކުރަން މީގެފަހުން އަބާން މިކަންކަމާ ވިސްނާނެކަމަށް" އަބާން ބޯޖަހައިލުމުން ނަސީމް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
"ޒައި އާދެބަލަ. މި ރަތްބޭސް އަބާންގެ މެށިފަ މިހުރި ތަންތަނުގަ ހާކަބަލަ. އުންމިއްތަ މިއައީ އުނދުން މައްޗަށް އެއްޗެއް އުދާފަ" އުންމީދާ ވާހަކަދެއްކިއެވެ.
"ނޫން. މަންމަ އުނގުޅަންވީނުން" އެ ލަފްޒުތައް ބޭރުވެގެން ދިޔައީ އަބާންގެ ހިތުންނެވެ. އޭނާގެ ދުލާ ހަމައަށް ނައެވެ. އެންމެފަހުން އުންމީދާ ތެދުވި ތަނުގައި ޒައިނާ އިށިންނަންދެން އަބާނަށް ބަލަހައްޓައިގެން އިނދެވުނެވެ. ޒައިނާ އަތްޖައްސައިލުމާއެކު އަބާނަށް ފައި ދުރަށް ލެވިއްޖެއެވެ.
"ކިހިނެއްވީ؟" ޒައިނާ އަހައިލިއެވެ.
"ކަމެއްނުވޭ. އެތަނުގަ ވަރަށް ތަދު އެބަހުރި" ހަލާކުވެފައި ހުރިތަނަށް އިޝާރާތްކުރަމުން އަބާން ބުނެލިއެވެ.
"ބަލައިގެން ވަރަށް މަޑުމަޑުން ހާކާނީ" ޒައިނާ ބުނެލިއެވެ.
ހިތްނޭދުނަސް އަބާނަށް ޖެހުނީ މައިތިރިވެގެން އޮންނާށެވެ. އެހެން އޮތްއިރު އޭނާ އަނާރް ހަނދާންކުރަމުން ދިޔައެވެ. އެވަގުތު ޒައިނާ އިން މަގާމުގައި އަނާރް އިންނަމައޭ ހިތަށް އަރަމުން ދިޔައެވެ. އޭނަގެ ހަށިގަނޑުގައި އަނާރް ނޫން އެހެން އެއްވެސް އަންހެންކުއްޖަކު އަތް ނޭދޭ ފަދައިން ފައި ކުރުކޮށްލައިފިއެވެ.
"ދެން އޯކޭވާނެ" ޒައިނާ ބަލައިލުމާއެކު އަބާން ބުނެލިއެވެ.
"ކުޑަކޮށް ފައި މަސާޖްކޮށްލަދެންތަ؟" ޒައިނާ ބުނެލިއެވެ.
"ނޯ ތޭންކްސް. ނިދާލަން ބޭނުމީ" އޭނާ ބޭނުންވީ އަނާރާ ވާހަކަދައްކާލަން ކުޑަވަގުތުކޮޅެކެވެ. އެހާ ފަސޭހައިން ޒައިނާ ނުދާނެތީ އެންމެފަހުން ދެލޯ މަރައިފިއެވެ.
***
ޝުރޫކްގެ ހަބަރެއްނުވާތާ ހަފްތާއެއް ފަހުން ވީގޮތެއް ބަލަން އަނާރް ގުޅައިފިއެވެ. ބަލިކަން އިނގުމުން އޭނާ ބޭނުންވީ ޝުރޫކާ ބައްދަލުކުރަން އެގެއަށް ދިޔުމަށެވެ. އުމެއިރާ ކައިރީގައި ބުނެލާފައި އަނާރް ގެއިން ނިކުތީ ދުވަހުގެ އިރުއޮށްސެން އުޅެނިކޮށެވެ. މަގުމަތިން ޓެކްސީއެއް ހުއްޓުވަން އުޅެ އެކަމެއް އޭނާއަށް ކަމިޔާބެއް ނުވިއެވެ. ފޯނުން ގުޅައިގެންވެސް ނަންބަރެއް ލިބޭގޮތް ނުވިއެވެ. އެހެންކަމުން ހިނގާފައިދާން އޭނާ ނިންމިއެވެ.
އަލިކިލެގެފާނުމަގު ހުރަސްކޮށް މަޖީދީމަގަށް ނިކުތްތަނާ ފަހަތުން އައިސް ސައިކަލެއް މަޑުކޮށްލީ އަނާރާ ދާދި ގާތަށެވެ. އަނާރް ދިޔައީ ސިހިގެންނެވެ. އަނގައިން އަޑެއްވެސް ލެއްވުނެވެ. ސައިކަލް މަތީގައި އިން ޝުހޭލް ފެނުމުން އޭނާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ނަމަވެސް ޝުހޭލްގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވާން ހުއްޓެވެ.
"އަހަރެން ހީކުރީ އެދުވަހުގެ ފަހުން ތި އިންސާނާގެ އުނދަގުލެއް ނުވާނެކަމަށް" އަނާރް ބުނެލިއެވެ.
"ހެހެހެ... އަހަރެން މަގުމަތީގައި ދުއްވާތާ ކޮންއިރެއް. ހަމައެކަނި އަނާރް ދުށުމަށް. މަގެއްމަތިންވެސް ފެނޭތޯ. މިއޮތީ ފެނިފަ. އަޅެ އަޖައިބެއްނުވޭތަ؟" ޝުހޭލް ވާހަކަދެއްކިއެވެ.
"ހުން..." ތުންއަނބުރާލާފައި އަނާރް ހިނގައިގަތެވެ. ހަމަ އެވަގުތު ޝުހޭލް ކުރިއަށް ޖައްސާލާ އަނާރަށް ކުރިއަށް ނުދެވޭގޮތަށް މަޑުކޮށްލިއެވެ.
"ކިހާ ދެރަކަމެއް" އަނާރް ބުނެލިއެވެ.
"އަހަރެންނަށް އިނގޭ އަހަރެންގެ ހިތަށް ހިތްހަމަޖެހުން ހޯދަދޭން" ޝުހޭލް ބުނެލިއެވެ. އަނާރް ނުވިސްނާ ހުއްޓާ އޭނާ އަނާރްގެ އަތުގައި ހިފައިފިއެވެ. ގަދަހާލާފައިވެސް އަނާރަށް ޝުހޭލްއަށް ބަލައިލެވިއްޖެއެވެ. ކައިރިންދިޔަ ދެތިން މީހެއްގެ ނަޒަރު އެދެމީހުންނަށް ހުއްޓުމުން ލަދުވެސްގަތެވެ.
"ތިއީ ކޮންކަމެއް؟" އަނާރް ބުނެލިއެވެ.
"އަރޫ ހިނގާފައިދާ މަންޒަރު ފެނުމުން އަހަރެން ވަރަށް ހިތުގަޖެހޭ. އަރާ ސައިކަލަށް. ތިދާތަނަކަށް ގެންގޮސްދީފަ އަހަރެން ހިނގައިދާނަން" ޝުހޭލް ބުނެލިއެވެ.
"އިހަށް އަހަރެންގެ އަތުން ދޫކޮށްލާ" އަނާރް ބުނެލިއެވެ. ވަގުތުން ޝުހޭލް އަނާރްގެ އަތުން ދޫކޮށްލައިފިއެވެ. ދެވިސްނުމެއްގައި ހުރެފައި ޝުހޭލްގެ ފަހަތުގައި އަރައި އަނާރް އިށީނދެއްޖެއެވެ.
"ހެޔޮނުވާނެ. އަހަރެންގެ ފަހަތުން އުޅުން ހުއްޓާލާ. އަހަރެން ޝުހޭލާ ގުޅުން ކަނޑާލިތާ ކޮން ދުވަހެއް. އަހަރެން ކުއްޖަކާ ރައްޓެހިވެއްޖައިން" ޝުރޫކް ގެ ގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ސައިކަލުން ފައިބާފައި އަނާރް ބުނެލިއެވެ. ޝުހޭލް އެއްޗެއް ބުނުމުގެ ކުރިން އަނާރް އެގޭ ދޮރުން ވަދެއްޖެއެވެ.
"ކީއްވެ އަހަރެންދެކެ ތިހާ ނަފްރަތު ކުރަނީ؟ ކޮބާ އަހަރެންގެ ކުށަކީ؟" އަނާރް ދިޔަ ދިމާލަށް ބަލަންއިން ޝުހޭލްގެ ހިތުގައި ވިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ގަދަކަމުން ހިންދާލާފައި އޭނާ ކުރިއަށް ދުއްވައިލިއެވެ.
(ނުނިމޭ)