ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 11

2

އެގާރަވަނަ ބައި

ޕޭވްމަންޓް މަތީގައި ދެކުދިން ތިބިއިރު ވަގުތުގެ ގޮތުން މަގުމަތިން ފެންނަނީ މަދު މީހެކެވެ. އެމަގުން ދުއްވާ އެއްޗެއްވެސް ދަނީ ހާލަކުން ފަހަރަކުއެވެ.

"އަބާން..." އަބާންގެ ދެލޯ އަމާޒުވެފައި ވަނީ އަނާރްގެ ދެލޮލަށެވެ. އަދިވެސް އަނާރްގެ ދެލޯ ކައިރިން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އަނާރްގެ ދެލޮލަށް ސާފު ކަރުނަތައް ޖަމާވި މަންޒަރު އަބާނަށް މިފަހަރު ފެނިއްޖެއެވެ. އަބާންގެ އަތް ލަސްލަހުން ހިއްލާލީ އެކަރުނަތައް ފޮހެލުމަށެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އަބާންގެ އަތުގައި އަނާރް ހިފަހައްޓައިފިއެވެ. އަބާނަށް އަނާރްގެ އެ އަތަށް ބަލައިލެވިއްޖެއެވެ.

"މިކަރުނަތައް ނުހުއްޓުވާ" އަނާރް ބުނެލިއެވެ.

"އެއީ އުފާވެރިކަމުގެ ކަރުނަ" އަނާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"އަބާން ކީއްވެ އަހަރެން ތިހުއްޓުވީ؟" އަނާރް ސުވާލުކުރިއެވެ.

އެއްޗެއް ބުނަން އުޅޭ ކަހަލަ ގޮތަކަށް އަބާންގެ ދެތުންފަތް ފޭވިއެވެ. ކަޅިޖަހައިވެސްނުލާ އަނާރަށް ބަލަން ހުރިއިރު އެންމެ ސިކުންތަކަށްވެސް އެ އަންހެކުއްޖާ އޭނާގެ ލޯމަތިން ގެއްލެން ނޭދޭ ކަހަލައެވެ. އަނާރް ހިފަހައްޓައިގެން ހުރި އަތް ނޫން އަނެއް އަތް އަބާން ހިއްލާލިއެވެ. އޭނާ ވިސްނާވެސްނުލާ އަނާރްގެ މޫނުގެ އެއްފަރާތުގައި ހިފަހައްޓާލައިފިއެވެ. އަދި އަނާރްގެ ކޯތާފަތުގައި ފިރުމާލައިފިއެވެ. އަނާރަށް ހުރެވުނީ އަބާންގެ އެ ހަރަކާތުން ނަގަންވީ މާނައެއް ނޭނގިފައެވެ.

"އަބާން! އަހަރެންނާ ވާހަކަދައްކަބަލަ" އަނާރް ބުނެލިއެވެ.

"އަހަރެންނާއެކު ގެއަށް ވަދެވޭނެތަ؟" އަބާން ބުނެލިއެވެ. އަނާރްގެ ދެތުންފަތް ދެފަރާތަށް ދެމިލިއެވެ. މާޔޫސްކަން ވެރިވެފައިވި އޭނާގެ މޫނުމައްޗަށް އުފާވެރިކަމެއް ވެރިވެއްޖެއެވެ.

"ދެވޭނެތަ؟" އަނާރު އެކަމަށް ޖަވާބެއް ނުދިނުމުން ދެވަނަ ފަހަރަށް އަބާން އަހައިލިއެވެ. ވަގުތުން އަނާރް ބޯޖަހާލައިފިއެވެ.

***

ކެއްސާތީ ނުނިދިފައި އޮތް އުމެއިރާ ތެދުވީ ހޫނު ފެންފޮދެއް ބޯލުމަށް ބަދިގެއަށް ދާށެވެ. އޭރު ގަޑިން ދޭއް ޖަހަން ގާތްވެއްޖެއެވެ. ކޮޓަރިން ނިކުތްއިރު ސިޓިންރޫމް އޮތީ ލައިޓް ދިއްލާފައެވެ. ދެ ދަރިން ނިދަން ކޮޓަރިއަށް ވަނުމުން ހުރިހާ ތަނެއް ނިއްވާފައި އެންމެފަހުން ކޮޓަރިއަށް ވަނީ އޭނައެވެ.

"އެވާނީ ކޮންމެސް އެއްކުއްޖަކު ބޭރަށް ނިކުމެލީ ކަމަށް" ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު އޭނާ އަމިއްލައަށް ދީފައި ގޮސް ވަނީ ބަދިގެއަށެވެ.

ހޫނުފެންތަށި ހިފައިގެން ބަދިގެއިން ނިކުމެފައި ހިނގައިގަތެވެ. ދެ ދަރިންގެ ކޮޓަރި ދޮރާ ހަމަވެފައި މަޑުޖެހުނީ ދޮރު ރަނގަޅަށް ނުލެއްޕި ހުރިތަން ފެނުމުންނެވެ. އޭނާ ދޮރާ ގާތަށް ޖެހިލާފައި ކުޑަކޮށް ހުޅުވާލާފައި އެތެރެ ބަލައިލީ ވަކި އެއްޗެއް ހިތަށް އަރައިގެނެއް ނޫނެވެ. ނަމަވެސް އެނދުގައި އަނާރް ނެތްކަން އިނގުމުން ޙައިރާންކަމެއް ލިބުނެވެ. ފާހާނާ ނިވާފައި ހުރިކަން އިނގުމުން އޭނާގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިއަށް ވަދެފައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގައިފިއެވެ. އަނާރް އެހާ ދަންވަރު ދިޔަތަނެއް ނޭނގޭތީ ހާސްކަން އިތުރުވަމުން ދިޔައެވެ. އެތައް ފަހަރަަކު އަނާރްގެ ފޯނަށް ގުޅިިރުވެސް ޖަވާބެއް ނުދިނެވެ. އުމެއިރާއަށް ރޮވެން އުޅޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެއީ ދުވަހަކުވެސް އަނާރްގެ ފަރާތުން ފެނުނު ކަމެއް ނޫނެވެ. އަނާރަކީ އަބަދުވެސް ޝެޒާއަށް ވުރެ ކަންކަމުގައި ވިސްނޭ ކުއްޖެކެވެ. ރުންކުރުކަމެއް ނުހުންނަ އަމާން އޮމާން ސާދާ ކުއްޖެކެވެ. ރުޅިއަންނަން ނޭނގޭ މަޑުމައިތިރި ކުއްޖެކެވެ.

***

އަނާރްގެ އަތުގައި ހިފައިގެން ގޮސް އަބާން ވަނީ އޭނާގެ ކޮޓަރިއަށެވެ. އެގެއަށް ވަން ފުރަތަމަފަހަރު ކަމަށްވާތީ އަނާރްގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. މެންދަމުގެ ހަމަހިމޭން ވަގުތު ކަމުގައި ވިޔަސް އޭނާއަށް އަނދިރިކަމުގެ ތެރެއިން ގޭތެރޭގެ ހުރިހާ ދިމާލަކަށް ބެލިއެވެ. ކޮޓަރި ތެރެއަށް ވަދެ އަބާން ދޮރުލައްޕާލުމާއެކު އޭނާއަށް ކޮޓަރިތެރެ ވެސް ހުރިހާ ދިމާލަކަށް ބެލުނެވެ. ފިރިހެންކުއްޖަކާ ގުޅޭނެ ގޮތަށް ފަރުމާކޮށްފައިވާ ކޮޓަރިއެކެވެ. އެނދުމަތީގައި ތަރުތީބެއްނެތި ހުރި ގަނޑުތައް ފެނުމުން އޭނާއަށް އަބާނަށް އުނދަގުކުރެވުނީ މަސައްކަތެއްގައި ވަނިކޮށް ކަން އިނގުނެވެ. އޭނާ އެނބުރި ފަހަތުގައި ހުރި އަބާނަށް ބަލައިލައިފިއެވެ.

"އަހަރެންނަށް އުނދަގުކުރެވުނީ އަބާން ބިޒީކޮށް އުޅެނިކޮށް ދޯ. ސޮރީ" އަނާރް ބުނެލިއެވެ. އަދިވެސް އަބާންގެ ނަޒަރު އަމާޒުވެފައި ހުރީ އަނާރްގެ މޫނަށެވެ. ހުދުކުލައިގެ އަތްދިގު ކުރުތާއާއި ހަމަ އެކުލައިގެ ދޫ ހަރުވާޅެއްގައި އަނާރްގެ ބުޅި އިސްތަށިގަނޑު ހުރީ އެއްކޮށް ނަގާ މައްޗަށް އައްސާލާފައެވެ. އަނާރްގެ އެސްޓައިލް ވަގުތާ ނުގުޅުނު ކަމުގައި ވިޔަސް އެގޮތް އަބާނަށް ކަމުދިޔައެވެ.

"އަނާރްގެ ގޭ މީހުން ނުހޯދާނެތަ؟" އަބާން އަހައިލިއެވެ.

"ނޭނގެ. އައިރު ނިދާފަ ތިބީ" އަނާރް ބުނެލިއެވެ. އަބާން އަނާރާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ދެއަތުން އަޅައިގެން ހުރި ކުޑަ ދަބަހުގައި ހިފަހައްޓާލައިގެން ހުރިއިރު އެނާ ހުރީ އެސްފިޔަ ޖަހައިލަންވެސް ހަނދާން ނެތިފައެވެ. އަބާން ކައިރިވަމުން ދާ ވަރަކަށް އޭނާގެ ހިތްއަވަސްވަމުން ދިޔައެވެ.

"ކީއްވެ އަނާރް ތިހެން ތިއުޅެނީ؟" އަނާރާ ދާދި ގާތުގައި ހުއްޓުމަށްފަހު އަބާން އަހައިލިއެވެ.

"އެއީ އަހަރެންނަށް އަބާން ކަމުދާތީ" ފަސްޖެހުމެއްނެތި އަނާރް ބުނެލިއެވެ. ދެއުކުޅުގައި އަތްއަޅުވައިލަމުން އަބާން ހީލައިފިއެވެ. އަބާންގެ ތުންފަތްމައްޗަށް ވެރިވި އަޖައިބެއް ކަހަލަަ ހިނިތުންވުން އަނާރްގެ ހިތާ އެވަގުތުވެސް ކުޅެލައިފިއެވެ.

"މީހަކު މީހަކަށް ކަމުދާނެ އެތައްގޮތެއް ހުރެދާނެ. އަނާރަށް އަހަރެން ކަމުދަނީ ކީއްވެ؟" އަބާން އަހައިލިއެވެ.

"އަބާން ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންނަށް އަބާން ކަމުދޭ. އަހަރެންނަށް މިހާރު އިހުސާސްކުރެވޭ އަހަރެންނަށް އަބާންދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެކަން. އަބާން އަހަރެންނާ ދުރަށްދާން މަސައްކަތްކުރާ ސަބަބެއް ނޭނގޭ. މިގޮތަށް ކަންތައްކުރީ އަހަރެންނަށް ކެތްނުވީމަ. އަބާން ވާހަކަނުދައްކާތީ ސިކުނޑި ފަޅައިގެންދާވަރަށް އަހަރެން ވިސްނިން. އަބާނާ ނުލާ އަހަރެން އުޅޭކަށް ބޭނުމެއްނޫން" އަބާންގެ ކުރިމަތީގައި ހިތުގައި އޮތް ހުރިހާ އެއްޗެއް އަނާރް ހާމަކޮށްލައިފިއެވެ. ދުވަހަކުވެސް ފިރިހެނެއްގެ ކުރިމަތީގައި ހުރެ އެފަދަ ހިތްވަރެއް ކުރަން ޖެހިދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ.

އަނާރްގެ ވާހަކަތައް އަހާފައި އަބާނަށް ހީވީ އޭނާގެ ދުލުގައި ތަޅެއް ލެވިގެން ދިޔަ ހެންނެވެ. ދުވަހަކުވެސް އޭނާގެ ކުރިމަތީގައި އަންހެންކުއްޖަކު އެހާ ފާޅުކަން ބޮޑު ގޮތެއްގައި އޭނާގެ ލޯތްބަށް އެދިފައެއްނެތެވެ. ޒައިނާ ލޯތްބަށް އެދުނު ގޮތާ އަނާރްގެ ދުލުން ނިކުތް ބަސްތައް ތަފާތުވެފައި ހިތާ ކުޅެލާގޮތް ހުއްޓެވެ.

"އަހަރެން އަބާނަށް ގަދަބާރު ދައްކާކަށް ނެތިން. އަހަރެން ބޭނުންވަނީ އަބާން އަހަރެންނާ ވާހަކަނުދައްކާ ސަބަބެއް ބަލަން. އޭރުންވެސް އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭނެ" އަނާރް ވާހަކަދެއްކިއެވެ.

"އަބާން އަހަރެންނާ ދޭތެރެ ދެކެނީ ކިހިނެއްކަމެއް ނޭނގޭ. ފަހަރެއްގައި ބޮލުގެ ރިހުމަކަށްވެސް ވެދާނެ. އަހަރެން ޤަބޫލުކުރަން އަހަރެންނަށް އަމަލުކުރެވިފައި ވެސް ހުރީ އެގޮތަށްކަން. ބުނެބަލަ؟ އަބާން އަހަރެން އެވަރަށް ވާހަކަދައްކާއިރުވެސް އަނގައިން ނުބުނަނީ ކީއްވެ؟" އަނާރް ވާހަކަދެއްކިއެވެ.

"އަހަރެން ބުނާނަން. އެކަމަކު މިވަގުތަކު ނޫން" އަބާން ބުނެލިއެވެ. އަނާރް އެކަން ޤަބޫލުކޮށްފައި ބޯ ޖަހައިލިއެވެ.

ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އިސްއޮބާލައިގެން ހުރި އަނާރަށް އިހުސާސްވަމުންދާ ހަމައެކަނި ކަމަކީ އަބާން އޭނާއަށް ބަލަމުންދާ ކަމެވެ. އެންމެފަހުން އަނާރްގެ ނަޒަރު އަބާނަށް ސީދާވެއްޖެއެވެ.

"އަހަރެން ދަނީ. ވަރަށް ލަސްވެއްޖެ" އިތުރަށް އެތާ ހުރުމުގެ ބޭނުމެއްނެތްކަން އިނގުމުން އަނާރް ހިނގައިގަތެވެ. ކުއްލިއަކަށް އަބާން އެއްލި އަތުން ހިފީ އަނާރްގެ އަތުގައެވެ. އަނާރް ބަލައިލިއެވެ.

"އަހަރެންނާއެކު ސައިކަލުގަ ދާނަންތަ؟ މިގަޑީގަ އަނާރް އެކަނި ފޮނުވާލަން އަހަރެން ބޭނުމެއްނޫން" އަބާން ބުނެލިއެވެ.

"ކީއްވެ؟" އަނާރް އެހިއެވެ.

"އެއީ ތިއީ އަންހެންކުއްޖަކަށް ވީމަ" އަބާން ބުނެލިއެވެ.

"ހަމައެކަނި އެހެންވެގެންތަ؟" އަނާރް އަހައިލިއެވެ. އަބާނަށް ޖަވާބެއް ނުދެވުނެވެ. އޭނާ ހިމޭނުން ހުއްޓެވެ.

"ހެހެހެ.. ހިނގާ ދާން" އަނާރް ކުރީގައި ހުރެ ނިކުތުމުން ސައިކަލް ތަޅުދަނޑި ހިފައިގެން އަބާން ނިކުތެވެ.

އަބާންގެ ސައިކަލް ފަހަތުގައި އަނާރް އިން ދިހަވަރަކަށް މިނިޓް ތެރޭގައި އެކަކު އެކަކާވެސް އަނގައިން ނުބުނެއެވެ. ދެހިތުންވެސް ތަފާތު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އަނާރް ބުނި ހިސާބަށް އަބާން ސައިކަލް މަޑުކޮށްލިއެވެ. ގެއަށް ވަންނަންވީކަން އަނާރަށް އިނގުނެވެ. ސައިކަލުން ފައިބާފައި އަނާރް އަބާނަށް ބަލައިލިއެވެ. އަދި ޝުކުރުއަދާ ކުރިއެވެ.

"މިގޭ ކިތައްވަނަ ފްލޯރގަ" އަބާން އެހިއެވެ.

"އެންމެ މަތީގަ" އަނާރް ބުނެލިއެވެ. އަބާން އެ އިމާރާތަށް ބަލައިލިއެވެ.

"ލިފްޓު ހުރޭދޯ" އަބާން އެހިއެވެ.

"ހުރޭ. އެކަމަކު މިވަގުތު ހަލާކުވެފަ" އަނާރް ބުނެލިއެވެ.

"ދެން ހިނގާފަ ހަވަނަ ފްލޯރްއަށް އަރަނީ؟" އަބާންގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"އާނ. އަހަރެން އަރާނާން ދުވެލާފަ. ބިރުގަންނަނީ ވަގުތުގެ ގޮތުން. އަހަރެން ފޭބިއިރުވެސް އޮތީ އަނދިރިކޮށް" އަނާރް ބުނެލިއެވެ.

"މަޑުކުރޭ އަހަރެން އެޕާޓްމަންޓް ދޮރާ ހަމައަށް ދާނަން" ސައިކަލް ޕާކްކޮށްލާފައި އަބާން އައިސް ކައިރީގައި ހުއްޓުމުން އަނާރް ހުރީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އަބާނަށް އޭނާ މުހިންމު ވާންވީ ސަބަބެއް އޭނާއަށް ނޭނގުނެވެ. މުހިންމު ވިޔަސް އަބާންގެ ދުލުން އެކަން ފާޅުނުކުރާތީ ސުވާލު އުފެދުނެވެ.

ސިޑިން އަރައިގެން ދިޔައިރު ވަކި ހިސާބަކުން އަނާރަށް އަބާންގެ އަތުގައި ހިފުނީ ކުޑަ ބުޅެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެކަން އަބާނަށް އިނގުމުން އަނާރްގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ.

ދޮރާ ހަމައަށް ދެވުމުން ދޮރުގެ ތަޅަށް ތަޅުދަނޑި ޖެހުމުގެ ކުރިން އަނާރް އަބާނަށް ބަލައިލިއެވެ.

"ތެންކިޔު" އަނާރް ބުނެލިއެވެ. ދޮރާ ދިމާލަށް އެނބުރުނު ވަގުތު އަބާން އަނާރްގެ އަތުގައި ހިފައިލިއެވެ. އަނާރް ބަލައިލުމާއެކު އަނާރްގެ ހަށިގަނޑު ގެނެސް އޭނާގެ މޭގައި ފިއްތާލިއެވެ. އަނާރަށް ނޭވާލާނެ ފުރުސަތު ހަނިކޮށްލިއެވެ. އަބާންގެ އެ ހަރަކާތުގައި އަނާރް ބައިވެރިވިއެވެ. އަނާރަށް ވާހަކަދައްކާނެ ފުރުސަތު ނުދީ އޭނާގެ އަމަލުތަކުން އަނާރްގެ ހިތުގައި އުފެދިފައިވި ސުވާލުތަކުގެ ޖަވާބުދިނެވެ.

***

ގޭތެރެއަށް ވަދެގެން ދިޔަ އަނާރްގެ ފިޔަވަޅަށް ހުއްޓުމެއް އައީ ކުއްލިއަކަށް މުޅި ގޭތެރެއަށް އަލިވެގެން ދިޔުމުންނެވެ. އޭނާ ސިހިފައި ކުރިމައްޗަށް ނަޒަރު ހިންގައިލިއިރު ހިތްހަމަނުޖެހިފައި ހުރި އުމެއިރާ އޭނާ އާ ދިމާލަށް އަންނަނީއެވެ. އަނާރަށް ހަށިގަނޑަށް އިތުރު ހަރަކާތެއް ގެންނަން ނޭނގުނެވެ. ކުށްވެރިއެއް ފަދައިން އިސްޖަހައިލިއެވެ. މާމަ ނުރުހިފައި ހުރިތަން ފެނުމުން ދެރަވެސް ވެއްޖެއެވެ.

"ގަޑިން ވީއިރެއް އިނގޭތަ؟" އަނާރްގެ ކުރިމަތީގައި ހުއްޓެމުން އުމެއިރާ އަހައިލިއެވެ.

"މެންދަމުން އަލި ތިނެއް ޖަހައިފި. އަނާރަށް އިނގޭތަ ތިއުޅެވޭ ގޮތެއް. ތިއީ އަންހެންކުއްޖެކޭ. ތީތަ އަނާރަށް އަހަރެން ދިން ތަރުބިއްޔަތަކީ؟" އުމެއިރާ ހުރިހާ ހިތްހަމަނުޖެހުމެއް ނެރެލިއެވެ.

"މާމާ! ސޮރީ" އަނާރް ބުނެލިއެވެ.

"އަހަރެންނަށް އަނާރަކީ އިތްފަތްތެރި އަންހެންކުއްޖެކޭ ބުނެވިދާނެތަ؟ ވިސްނޭ ހެޔޮލަފާ ކުއްޖެކޭ ބުނުމުގެ ފުރުސަތު އެބައޮތްތަ؟" އުމެއިރާ ވާހަކަދެއްކިއެވެ.

"މާމާ...!" އަނާރް ބުނެލިއެވެ. ކުށެއް ކުރެވިއްޖެކަން އިހުސާސްވެ އެވަގުތު އަމިއްލަ ދިފާއުގައި ވާހަކަދައްކަން އޭނާ ބޭނުމެއް ނުވިއެވެ.

"ދޭ ނިދަން. މިވަގުތު އެއްވެސް ވާހަކައެއްދައްކަން އަހަރެން ބޭނުމެއްނެތް" އުމެއިރާ ބުނެލިއެވެ. އުމެއިރާ ކޮޓަރިއަށް ވަދެ ދޮރުލެއްޕުމުން އިސްޖަހާލައިގެން ހުރެ އަނާރް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

***

ކޮލެޖް ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ޒައިނާ ފައިބައިފިއެވެ. އަބާން ސައިކަލް ދުއްވާލަން އުޅުނު ވަގުތު ޒައިނާ ގޮވާލައިފިއެވެ.

"އަދި ކުޑަ ވަގުތުކޮޅެއް އެބައިން. މަޑުކޮށްލެވިދާނެތަ؟ ވާހަކައެއް ބުނަންވެގެން" ޒައިނާ ބުނެލިއެވެ. އަބާން އެއްޗެއް ނުބުނެއެވެ. ސައިކަލް ނިވާލާފައި ޒައިނާ އެދުނު ފަދައިން މަޑުކޮށްލިއެވެ.

"އަބީ އުޅެނީ ބިޓެއް ނަގައިގެންތަ؟" ޒައިނާ އަހައިލިއެވެ. ކޮލެޖަށް ވަދެ ނިކުމެ ހަދާ ކުދިންގެ ސަމާލުކަން އެދެކުދިންނަށް ލިބުނަސް އެކަމާ މާބޮޑު ފަރުވާލެއްނެތެވެ.

"ކީއްވެ އެހި އެއްޗެއް؟" ޖަވާބު ދިނުމުގެ ބަދަލުގައި އަބާންވެސް ކޮށްލީ ސުވާލެކެވެ.

"އެހެން ހީވާތީ. ރޭގަ ފާޑެއްގެ ހުވަފެނެއްވެސް ފެނުނީމަ" ޒައިނާ ބުނެލިއެވެ. އަބާން ޒައިނާއަށް ބަލައިލިއެވެ.

"ކޮންކަހަލަ ހުވަފެނެއް. ޒައި އަދިވެސް އަހަރެންގެ ހުވަފެން ބަލަންތަ؟" ކުޑަކޮށް ހީލަމުން އަބާން ބުނެލިއެވެ.

"އަބީ އާ އެކު ގާރލްއެއް އުޅެނިކޮށް. އަހަރެން ހޭލާ ހުންނައިރުވެސް އަބަދު ހުރެވެނީ އަބީގެ ހުވަފެން ބަލަބަލާ" ޒައިނާ ބުނެލިއެވެ.

"ފަހަރެއްގަ ވެދާނެ ތެދަކަށްވެސް. ނެތޭ ވަގުތެއް. ދިޔައީ" އަބާން ސައިކަލް ދުއްވައިލިއެވެ.

ޒައިނާއަށް މޭގައި އަތް އަޅައިލެވިއްޖެއެވެ. އޭނާ ހުވަފެނެއްގެ ވާހަކަ ބުނީކީ ކޮންމެހެން ފެނިގެނެއްވެސް ނޫނެވެ. އަބާން ދޭ ޖަވާބެއް ބަލައިލުމުގެ ބޭނުމުގައެވެ. މިވީގޮތުން ރަނގަޅަށް ކްލާހުގައި ބައިވެރިވެވޭނެ ކަމެއްވެސް އޭނާއަށް ނޭނގެއެވެ. އަބާން އެދިޔައީ އޭނާ އެހެން ކުއްޖަކާ ގުޅެން އުޅޭކަމަށް އިޝާރާތެއް ދީފައެވެ. ޒައިނާގެ ހިތުގައި ރިއްސާލައިފިއެވެ. ދެވަނަ ފަހަރަށް އަބާންގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލަން ވިސްނަން ފެށިއެވެ. އެކަމަށް އަބާން އިންކާރުކޮށްފިނަމަ އަބާން ވެގެންދާނީ ދުލުގެ އެއްވެސް އިތުބާރެއްނެތް މީހަކަށެވެ.

***

ހެނދުނުގެ ހޭލައިގެން އެއްތަށިމަތިން ސައިބުއި ނިމުނުއިރުވެސް އުމެއިރާ އަނާރާ އަނގައިން ނުބުނެއެވެ. އެކަމާ އަނާރް އިންތިހާއަށް ދެރަވެއްޖެއެވެ. އެއްވެސް ކަމެއް ކުރާހިތްނުވެފައި އެކަނި އޭނާ ގޭގައި އިނީ ވަޒީފާ ނިންމާފައި މާމަ ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ފެންވެރުމެއް ކެއުމެއްވެސް ނެތިއެވެ. އަބާނާ އިތުރަށް އަނގައިން ބުނަން އޭނާ ބޭނުންވަނީ މާމައަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ފަހުގައެވެ.

އުމެއިރާ ގެއަށް އައިސް ވަނުމާއެކު ސޯފާގައި އޮތް އަނާރް ފުންމައިގެން ތެދުވިއެވެ. ރޮއެރޮއެ އޭނާގެ ދެލޯ ވަނީ ފާރުވެފައެވެ. ނުފެންނަ ކަމަށް ހަދާފައި އުމެއިރާ ކޮޓަރިއަށް ވަދެގެން ދިޔުމާއެކު މާބޮޑަށް އަނާރް ހިތުގައި ޖެހިއްޖެއެވެ. ސޯފާއިން ތެދުވެގެން އޭނާ އުމެއިރާގެ ކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. ތަޅުގައި ހިފާ އަނބުރާލިއިރު ކޮޓަރި ތެރެއިން އުމެއިރާ ފެންނަން ނެތެވެ. ފާހާނައިން ފެންއަޑު އިވުމުން އުމެއިރާ ވީ ފާހާނާގައި ކަން އަނާރަށް އިނގުނެވެ.

އުމެއިރާ ފާހާނައިން ނިކުތީ އަނާރް އެނދުގައި އިށިންތަނާއެވެ. އަނާރް ކޮޓަރި ތެރެއިން ފެނުމުންވެސް އުމެއިރާ މާބޮޑު ސަމާލުކަމެއް ނުދިނެވެ. މުސައްލަ ހިފައިގެން އައިސް ނަމާދަށް އެރިއެވެ. އަނާރް އެހުރިހާއިރު އުމެއިރާއަށް ބަލަހައްޓައިގެން ހުރެފައި ހިނގައިގަތެވެ. އުމެއިރާ ސަލާންދީ ނިމުނުތަނާ ގޮސް މުށިގަނޑު މަތީގައި އިށީނދެފައި އުމެއިރާގެ އުނގުގައި ބޯއަޅައިފިއެވެ.

"ސައިބުއިންތަ؟" އެ އިންގޮތަށް އިނދެ އުމެއިރާ އަހައިލިއެވެ.

"ނޫން" އަނާރް ބުނެލިއެވެ.

"ކީއްވެ؟ މެންދުރު ނުވެސްކަން ދޯ" އުމެއިރާ އަހައިފިއެވެ.

"ކިހިނެއް ކާނީ. މާމަ އެހާ ދެރަކޮށްލީމަ" ކުޑަކުއްޖެއް ފަދައިން ދެތުންފަތް ފިއްތާލަމުން އަނާރް ބުނެލިއެވެ.

"މާމާ! އަހަރެންނަށް މަޢާފްކުރޭ. ދެން ދުވަހަކުވެސް ނުދާނަން އެގަޑީގަ" އަނާރް ބުނެލިއެވެ.

"އަނާރް ކީއްވެ އެގަޑީގަ ދިޔައީ. އަންހެންކުދިން އުޅެން އެއީ ވަރަށް ހަޑިގޮތެއް އަބުރުވެރި އަންހެންކުއްޖެއް އެމަގުން ނުދާނެ. މާމަ ކިޔައިނުދެންތަ؟" އުމެއިރާ ވާހަކަދެއްކިއެވެ.

"ކެތްނުވީ މާމާ. އަބާން ވާހަކަނުދައްކާތީ ނުހުރެވުނީ. ހަމަ އެއްގޮތަކަށްވެސް ހިތަށް ހަމަޖެހުމެއް ނުލިބުނީމަ ނިކުތީ އެގަޑީގަ" އަނާރް ވާހަކަދެއްކިއެވެ. އުމެއިރާގެ މޫނުމަތިން ޙައިރާންކަން ފާޅުވިއެވެ.

"އަބާން. އެއީ ކާކު؟" އުމެއިރާ އެހިއެވެ.

"އެއީ ވަކީލެއްކަން އިނގެނީ. އާއިލާއެއް އެހެން އެއްވެސް ކަމެއް އަދި ނޭނގޭ. އިނގެނީ އަހަރެންނަށް ވަރަށް ލޯބިވެވިއްޖެކަން. އެއީ ވަރަށް އެހެންކަހަލަ ކުއްޖެއް" އަނާރް ތެދުވެފައި އުމެއިރާ އާ ނަޒަރު ސީދާކޮށްލިއެވެ. އުމެއިރާގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެއްޖެއެވެ. ލޯތްބާއެކު އަނާރްގެ ބޮލުގައި ފިރުމައިލިއެވެ.

"އެހެންވެއްޖިއްޔާ ތެދަށް ބުނޭ. ރޭގަ ތިދެކުދިން ދެމެދުގަ...."

"މާމަ! ތިހީުކުރާކަހަލަ އެއްވެސް ކަމެއް ނުވޭ. މާމަ އިތުބާރު ނުކުރަންތަ؟" އަނާރް ބުނެލިއެވެ.

"މާމަ ޤަބޫލުކޮށްފިން. ދެން ދޭ ކޮޓަރިއަށް ގޮސް ނަމާދުކޮށްގެން އާދޭ. މާމަ އައީ ސައިބޯން ހެދިކާވެސް ހިފައިގެން" އުމެއިރާ ވާހަކަދެއްކިއެވެ.

ކޮޓަރިން ނިކުންނަން ހިނގައިގަތް އަނާރްގެ ތުންފަތްމަތިން މިހާރު ފެންނަންހުރީ ހިނިތުންވުމެކެވެ. އޭނާ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. އަބާން އެތައް ފަހަރަކު ގުޅާފައި އޮތެވެ.

***

ކެފޭތެރޭގައި އަބާންގެ ކުރިމަތީގައި އިނީ އޭނާގެ އެކުވެރިއެކެވެ. ޒަކީ އާ އޭނާގެ އެކުވެރިކަން ފެށިގެން އައީ މަޔޫރާގެ ފަރާތުންނެވެ. އަބާން ނުބުންޏަސް ޒަކީއަށް މަޔޫރާ އާ ބެހޭގޮތުން ވަނީ ހުރިހާ ކަމެއް އިނގިފައެވެ. މަގުމަތިން ދިމާވެގެން ކުރިން ކޮފީއަށް ދައުވަތު ދިނީ ޒަކީއެވެ.

"މަޔޫރާ.... މިހާރު ދެން އޭނަގެ ވާހަކަ އަބީ ކައިރިގަ ދެއްކުމުގެ ބޭނުމެއްވެސް ނެތްތާ ދޯ. އަހަރެން ދުލުގަ ހިފެހެއްޓީ މަޔޫރާ. އޭނަ އަބީދެކެ ލޯބިވާކަމެއް ނުވާ ކަމެއް ބުނަން މަށަށް ނޭނގޭ. އިނގޭ އެއްޗަކީ މުޅި ކޮލެޖްގައިވެސް އޭނާގެ ހަށިގަނޑުގައި ނުބީހޭ ފިރިހެނެއް ނެތްކަން" ޒަކީގެ ވާހަކަތަކުން އަބާންގެ ދެއަތް މުށްކެވެމުން ދިޔައެވެ.

"ކްލަބްތަކަށް ދާނެ. ގެއަށް ނިދާކަށް ނުދާނެ. އަހަރެން އެއްދުވަހު ގެއަށް ގެންދިޔައިން ބަރަހަނާ ހާލުގަ ރާބޮއެގެން ހުއްޓަވެސް" ޒަކީ އިތުރަށް ވާހަކަދެއްކިއެވެ.

"އަހަރެން ބުނަންތަ ވާހަކައެއް. ދިރިއުޅުމަށް މީހަކު ބޭނުންވަންޏާ ދިރިއުޅުމުގެ ދެބައިކުޅަ އެއްބައި ރާއްޖެއިން ބޭރުގަ ހޭދަކޮށްފަ ހުރި ކުއްޖަކު ޚިޔާރުނުކުރާތި. އެކަހަލަ މީހަކަށް އެއްވެސް އިތުބާރެއް ނޯންނާނެ" ޒަކީ ވާހަކަދެއްކިއެވެ. އަބާން ފުންމައިގެން ތެދުވިއެވެ. ޒަކީ ގޮވާލުމުންވެސް ބަލައިލުމެއްނެތި މަގަށް ނިކުތްގޮތަށް ސައިކަލަށް އަރާފައި ދުއްވައިލިއެވެ. ދެވޭނުދެވޭ ތަނެއް ވަކިވާވަރަށް ވުރެ ބޮޑަށް އޭނާގެ ދެލޮލަށް ވަނީ ފުސްކަމެއް ވެރިވެފައެވެ. ދުއްވާފައި ދިޔަ ބާރުމިނުގައި ދެލޮލުން ވެއްޓުނު ކަރުނަތިކި އެކި ދިމާލަށް ބުރައިގެން ދިޔައީ އޭނާގެ ހަށިގަނޑުގައި ޖެހިފައި ބުރިބުރި ވަމުންދިޔަ ވައިރޯޅިތަކުގެ ބާރުގައެވެ.

ދެކަންފަތް ދަށުގައި ބޫން އަޅުވާފައި އިވެމުންދިޔަ ވައިތައް ފޫއަޅުވާލާފައި ޒަކީ ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ސައިކަލުން ފައިބާފައި ބާރަށް ހަޅޭއްލަވައި ގަންނަން އޭނާ ބޭނުންވިއެވެ.

މަގުން ނިކުތް ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ދިޔައީ އަބާން ދުއްވާފައި އައި ސައިކަލާ ދިމާލަށެވެ. އެމަންޒަރު އަބާނަށް ނުފެންނަ ކަހަލައެވެ. އޭނާގެ ސައިކަލުގެ ސްޕީޑަކަށް ބަދަލެއް ނާދެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟