ދިހަވަނަ ބައި
"ދެކުދިން ވާހަކަދައްކާލާ. އަހަރެން އެބައަންނަން" ތެދުވެގެން ހިނގައިގަތް ސައިފަށް ބަލައިލާފައި އަނެއްކާވެސް އަބާންގެ ނަޒަރު ހުއްޓުނީ ސައިފް ތެދުވި ގޮނޑީގައި އިށިން އަނާރަށެވެ.
އަބާން އިތުރަށް ވިސްނާކަށްވެސް ބޭނުމެއްނުވިއެވެ. މޭޒުމަތީގައި ބޭއްވި ފޯނު ހިފައިގެން ހިނގައިގަންނަން އުޅުނެވެ. އޭނާ އެންމެ މިނިޓަކުވެސް އެތަނުގައި އިންނަން ބޭނުންނުވިއެވެ. ކުއްލިއަކަށް ހުއްޓެން މަޖުބޫރުވީ އަނާރް އޭނާގެ އަތުގައި ހިފުމުންނެވެ. އަބާނަށް އަނާރަށް ބަލައިލެވުނީ ޤަބޫލުނުކުރެވިފައެވެ. އެހާ ބައިވަރު މީހުންގެ ތެރޭގައި އެގޮތަށް އަންހެންކުއްޖަކު އޭނާގެ އަތުގައި ހިފެހެއްޓުމުން ލަދުވެސްގަތެވެ.
"ކޮންތާކަށް ދާން ތިދަނީ؟ އިށީނދެބަލަ" އަނާރް ބުނެލިއެވެ. މީހުންގެ ނަޒަރު އެދިމާލަށް ހުއްޓިފައިވިތަން ފެނުމުން އަބާން އިށީނެވެ.
"އަހަރެން މިއައީ ކުއްލިއަކަށް ނޫނެއްނު. ރޭގައި ބުނީމެއްނު މިރޭ ބައްދަލުކުރަން ބޭނުމޭ. އަބާން އިންކާރެއް ނުކުރަމެއްނު" އަނާރް ވާހަކަދެއްކިއެވެ. އަބާން އެންމެފަހަރަކުވެސް އަނާރަށް ބަލައިނުލައެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ ހަމަޖެހުން ގެއްލިފައިވި ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ. ކުރިމަތީގައި ހުރި ފެންތަށިން ކޯވަރެއް ބޯލީ އެހާ އަވަހަށެވެ.
"އަބާން ހާދަ ބިރެއް ތިގަންނަނީ. އަހަރެން ހުންނަނީ ހަންޑިއެއް ގޮތަށްތަ؟" އަނާރް އަހައިލިއެވެ. އަބާން ޖަވާބެއް ނުދިނެވެ.
"ކީއްވެތަ އަބާން އަހަރެންނާ ވާހަކަނުދައްކަނީ؟ އަހަރެންނަށް ވަރަށް ވިސްނޭ އެކަމާ" އަނެއްކާވެސް އަނާރް ވާހަކަދެއްކިއެވެ. މިފަހަރުވެސް އަބާން ވާހަކަނުދެއްކިއެވެ. ފަހުން އަނާރް ބަހެއް ނުކިއިއެވެ. އަބާންގެ މޫނަށް ބަލަހައްޓައިގެން ހިމޭންކަމާއެކު އިނެވެ. އަބާންގެ މޫނުމައްޗަށް ވެރިވަމުންދާ ކުލަވަރަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެ ދިޔަފަހުން އަބާންގެ ނަޒަރު އަނާރަށް ހުއްޓާލައިފިއެވެ. އެކަން އިނގުމާއެކު އަނާރް ހީލައިފިއެވެ. ހިނިތުންވެލަން އުޅޭކަހަލަ ގޮތަކަށް އަބާންގެ ތުންފަތް ދެމިލަން އުޅެފައިވެސް ނަޒަރު އެހެންދިމާލަކަށް ހުއްޓާލައިފިއެވެ.
"ހެހެހެ. އަހަރެން ދުވަހަކުވެސް މިހާ ލަދުކުޑަވެގެނެއް ނޫޅެން" އަނާރް ބުނެލިއެވެ. އެހެން ބުނުމާއެކު އަނެއްކާވެސް އަބާންގެ ނަޒަރު އަނާރަށް ހުއްޓިއްޖެއެވެ.
"މިބުނީ. ކުރިންވެސް އަހަރެންގެ ހަޔާތުގަ މީހަކަށް ހާއްސަ މަގާމެއް ދިނީމޭ. އެކަމަކު އެމީހާ އަހަރެންނާ ވާހަކަނުދައްކަނީސް މިގޮތަށް ފަހަތުން ނުދުވަން. ދެމީހުން އެކަނި ތިބެ އަހަރެން ހުސް އަނގަތަކެއް ނުތަޅަން. ހެހެހެ... މީހުން ހިތަށް އަރާނެ ދޯ އަހަރެން މޮޔައޭ" އަނާރް ވާހަކަދެއްކިއެވެ.
"ހަމަ އެކައްޗެއްވެސް ނުބުނާނަންތަ؟ އެހެންވިއްޔާ ބުނެބަލަ. އަހަރެންގެ ފޮޓޯ ރީތިތަ؟" އަނާރް އަހައިލިއެވެ. އަބާން ހީލިއެވެ. އެމަންޒަރު ފެނި އަނާރްގެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. އޭނާގެ ފޮޓޯ އަބާނަށް ކަމުދިޔަކަމަށް އޭނާގެ ހިތް ނިންމައިފިއެވެ.
"އަހަރެންނަށް ކޮމްޕްލިމެންޓެއްވެސް ނުދޭނަންތަ؟ އެހާވަރަށް އަންހެންކުދިން ހިތުގައިޖައްސަން ނުވާނެ" އަނާރް ބުނެލިއެވެ. ވަގުތުން އަބާންގެ ތުންފަތްމަތީގައިވި ހިނިތުންވުން ގެއްލިއްޖެއެވެ. އަންހެންކުއްޖަކު ހިތުގައި ޖެއްސި ދުވަހެއް އޭނާ ހަނދާނެއްވެސް ނެތެވެ. އެކަމަކު އަންހެންކުއްޖަކު ވަނީ އޭނާ ހިތުގައި ޖައްސާފައެވެ. އަނެއްކާވެސް އެފަދަ ފުރުސަތެއް އަންހެންކުއްޖަކަށް ދެވެން އުޅޭހެން ހީވެ އެކަމަށް އޭނާގެ ސިކުނޑި މަނާކުރަން ފަށައިފިއެވެ. ގޮތެއް ނިންމަން އޭނާގެ ސިކުނޑި އިންޒާރުދެމުން ދިޔައެވެ.
"އަހަރެން ދަނީ" އަބާން ފުންމައިގެން ތެދުވިއެވެ. މިފަހަރު އަނާރަށް އަބާންގެ އަތުގައި ނުހިފުނެވެ.
"އަބާން...! މާދަމާ ރޭވެސް މިގަޑީގަ ހަމަ މިތަނުގައި އަހަރެން އިންތިޒާރުކުރާނަން" އަބާން މަޑެއް ނުކުރިއެވެ. އޭނާ ދިޔަގޮތަށް ދިޔައީއެވެ. އަނާރް ބުނެލި ޖުމްލަ އޭނާއަށް އަޑު އިވުނުކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ.
"އަޖައިބެއްކަހަލަ އިންސާނެއް. އަނެއްކާ އަހަރެންނަށް ކީކޭ ބުނެވުނީބާ؟" އަމިއްލަ ހިތާ ސުވާލުކޮށްލަމުން އަނާރް ގޮނޑީގައި ހަމަޖެހިލިއެވެ. ކުރިމަތީގައި ހުރި ފެންތަށިން ކޯވަރެއް ބޯލަމުން ތެދުވަން އުޅުނު ވަގުތު ސައިފް އައިސް ހުއްޓިއްޖެއެވެ.
"އަހަރެން އިށީންނަންތަ؟" ސައިފް ބުނެލިއެވެ. އަނާރް ހީލުމުން ގޮނޑި ދުރުކޮށްލާފައި ސައިފް އިށީނދެއްޖެއެވެ.
"އަހަރެން ބުނީ ކޮބާތަ އަބާންގެ މައްސަލައަކީ؟ ވިއްސަކަށް މިނިޓް ވަންދެން މިތަނުގައި އިންއިރު އޭނާ އަހަރެންނާ އަނގައިންވެސް ނުބުނޭ. ހުރިހާ ވާހަކައެއް ދެއްކީ އަހަރެން" އަނާރް އަހައިފިއެވެ.
"އަހަރެންނަށް އިނގޭ ސައިފްއަށް ކޮންމެސް އެއްޗެއް އިނގޭކަން" އަނާރް ބުނެލިއެވެ.
"ހަޔާތުގަ އެކި މީހުންނަށް ކުރިމަތިލާންޖެހެނީ އެކި ކަންތައްތައް. ޒުވާން އުމުރުގައި އަބީ ވަނީ ވަރަށް ބޮޑު ހިތްދަތިކަމެއް ބަރުދާސްތުކޮށްފައި" ސައިފް ބުނެލިއެވެ.
"ކޮންކަމެއް އަނެއްކާ؟ އަބާން މެރީޑްތަ..؟" އަނާރް އަހައިލިއެވެ. އޭނާ އެސުވާލުގެ ޖަވާބު އިނގެން ބޭނުންވެފައި އިންވަރުން އޭނާގެ ހުރިހާ ސަމާލުކަމެއް ސައިފަށް ދެވިއްޖެއެވެ.
"އަހަރެން އޮޅުންފިލުވާލަން ބޭނުން އަނާރް ކީއްވެގެން ތޯ އަބީ އާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވަނީ" ސައިފް އެހިއެވެ.
"އަހަރެންނަށް އަބާން ވަރަށް ކަމުދޭ" އަނާރް ބުނެލިއެވެ.
"އަބީ އާ ބެހޭގޮތުން އެންމެބޮޑަށް ކިޔައިދެވޭނީ އޭނައަށް. އަހަރެންނަށް ފެންނަނީ އަނާރް އަބީ ކައިރީގަ އަހަން" ސައިފް ބުނެލިއެވެ.
"އަހަރެން ކިހިނެއް އޭނަ ކައިރިން އެއްޗެއް އަހާއޮޅުންފިލުވާނީ. އަހަރެން ފެނުނީމަ ވަގުތުން އޭނަ މަންމަނަކަށް ވަނީ. އަހަރެންނާ އެކަނިތަ އަބާން ވާހަކަނުދައްކަނީ؟" ޙައިރާންކަމާއެކު އަނާރް އަހައިލިއެވެ.
"ނޫން. މަށާވެސް ވާހަކަދައްކާ" ސައިފް ބުނެލިއެވެ.
"އަހަރެންނަށް ހީވަނީ އަހަރެންނަށް މާބޮޑަށް އަބާނަށް އުނދަގުކުރެވެނީހެން. ނޫންތަ؟" އަނާރް އަހައިލިއެވެ.
"ތިއެއް ނޭނގެ" ގޮނޑީގައި ލެގިލާފައި ސައިފް ބުނެލިއެވެ.
***
އަނެއް ދުވަހު ހެނދުނެވެ. ހޮނިހިރު ދުވަހަށްވާތީ ހުރިހާ މީހުން ގޭތެރޭގައި ހަމައެވެ. ހެނދުނުގެ ސައިގައި ހުރިހާ މީހުން ބައިވެރިވެގެން ތިބި ވަގުތެވެ. ޝުބާ އިރުކޮޅަކާ އަބާނަށް ބަލައިލައެވެ. އެކަން އަބާނަށް ފާހަގަނުވިޔަސް އުންމީދާއަށް ފާހަގަވެއްޖެއެވެ.
"ޝުބް ކީއްވެތަ މާ ފާޑަކަށް ދޮންބެއަށް ތިބަލަނީ" އުންމީދާ އަހައިފިއެވެ. އަބާންގެ ސަމާލުކަންވެސް ޝުބާއަށް ދެވިއްޖެއެވެ.
"ދޮންބެ ރޭގަ އަޅުގަނޑުގެ ރައްޓެހިކުއްޖެއް ގޭގަ މަތީގަ ހުންނަ ކެފޭއަށް ދިޔައިންތަ؟" ޝުބާ އަހައިލިއެވެ.
"އާނ. ސައިފް އާ ދެމީހުން . ކިހިނެއްވީ؟ ޝުބްއަށް ކިހިނެއް އިނގުނީ؟" އަތުގައި އޮތް ސަމްސާ ތަށިތެރެއަށް ދޫކޮށްލާފައި އަބާން އަހައިލިއެވެ.
"ތެދެއް ދަރިފުޅު ކީއްވެ އެހެން ތިއެހީ؟" ނަސީމް އަހައިލިއެވެ.
"އެއީ ނަދާ ބުނީ ދޮންބެ އެތަނުގަ ހުއްޓޯ. އަދި ރޭގަ ހުޅުވީ އެތަން. ޔަގީންތަ ދޮންބެ ކައިރީގަ ހުރީ ސައިފްބެ ކަން" ޝުބާ އިތުރަށް އަހައިލިއެވެ. އަބާނަށް އުނދަގޫ ގޮތެއް އިހުސާސްވާން ފަށައިފިއެވެ. އަނާރް ހުރިކަން ޝުބާއަށް އެންމެންގެ ތެރޭގައި އެކަން ހާމަކޮށްފާނެތީ ކަންބޮޑުވިއެވެ.
"އެބުނީނު ސައިފް އޭ" އުންމީދާ ބުނެލިއެވެ.
"އެކަމު ނަދާ ބުނި ދޮންބެ އިނީ ގާލްއަކާ އެކުގައޭ. އަދި ބުނި..."
"އެއީ ނަދާއަށް ހީވި ގޮތް" އަވަސް އަވަހަށް އަބާން ބުނެލިއެވެ.
ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ޒައިނާ ހިތް ބިރުގަންނަން ފަށައިފިއެވެ. އޭނާގެ ކުރިމަތީގައި އަނެއްކާވެސް އަބާންގެ ހިތް އެހެން މީހަކަށް ދިނީއޭ ހީވާން ފަށައިފިއެވެ. ދުވަހަކުވެސް އެހެން ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަބާނާ ވާހަކަދައްކަން އޭނާ ބޭނުންވިއެވެ. އެހެންނޫނީ އޭނާ ޖެހޭނީ އެއްގޭތެރޭގައި އަބާންގެ އަނބިމީހާގެ ކުރިމަތީގައި ހުންނާށެވެ. ކާމޭޒު ކައިރިން އޭނާ ދުރަށް ޖެހިލީވެސް ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ.
"ޒައި...!" އުންމީދާ ގޮވައިލި އަޑު އިވުމާއެކު ޒައިނާ އެދިމާލަށް ހިނގައިގަތެވެ.
"އަހަރެންނަށް ހީވަނީ އަހަރެމެންގެ އަބާނަށް ކުއްޖަކު ވަރަށް ކަމުގޮސްފިހެން" އުންމީދާ ބުނެލިއެވެ. އަބާނަށް އެތަނުގައި އިންނަވެސް އުނދަގުވެއްޖެއެވެ. އެކަހަލަ ޝައުގުވެރިކަމެއް ނެތޭ މައިންބަފައިން ކައިރީގައި ބުނަން ބޭނުންވިއެވެ.
"ކް...ކީކޭ؟ އަބީ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟" ޒައިނާ އަހައިލިއެވެ. އޭނާ އިނީ އެސުވާލުގެ ޖަވާބު އިނގެން ނުހަނު ބޭނުންވެފައެވެ.
"ނޭނގެ. ނަސީމްވެސް ބުނި ކުރިން ދުވަހެއްގެ އޮފީސްތެރޭގަ ވެސް ފޯނަށް ބަލަހައްޓައިގެން ޒާތަކަށް ހިނިއައިސްފަ އިނޭ. ވެދާނެއްނު އަބީ ހިތްހަމަޖެހޭކަހަލަ ކުއްޖަކު ފެނުނީކަމަށް" އުންމީދާ ބުނެލިއެވެ.
"އާނ. ނަދާވެސް ބުނީ ދޮންބެގެ އަތުގައި ހިފާލައިގެން އެ އަންހެންކުއްޖާ ހުއްޓޯ" ޝުބާވެސް ބުނެއްޖެއެވެ. އަބާން ފުންމައިގެން ތެދުުވެއްޖެއެވެ. ހިނިތުންވެލާފައި ޝުބާގެ ބޮލުގައި ޖަހާލިއެވެ. އަދި އެތަނުން ހިނގައިގަތެވެ.
"އަސްލު އަޅުގަނޑު ހީކުރީ ދޮންބެ ރުޅިއަންނާނެ ކަމަށް" ހީލާފައި ޝުބާ ބުނެލިއެވެ.
ޝުބާއަކީ އަބަދުވެސް އޭނާގެ ދޮންބެއަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކުއްޖެކެވެ. ދޮންބެއަށް ޖެއްސުމަށް އެއްޗެއް ބުނެލާ ދިމާކޮށްލަނީ ވަރަށް މަދު ފަހަރެއްގައެވެ. އެހެންނަމަވެސް އެދެމެދުގައި އޮތީ ސާފު ލޯތްބެކެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެކުދިންނެވެ. އެހެންނަމަވެސް މީހުން ތެރެއަށް އެކަން ފާޅެއް ނުކުރެއެވެ.
***
ކޮޓަރިން ނިކުތްގޮތަށް ޝުހޭލް މިސްރާބުޖެހީ ރުޝްދާގެ ކޮޓަރިއާ ދިމާލަށެވެ. ޓަކިޖަހާލާފައި ރުޝްދާ ދޮރުހުޅުވަންދެން މަޑުކޮށްލިއެވެ. މާގިނައިރު ނުވަނީސް ރުޝްދާ ދޮރުހުޅުވާލައިފިއެވެ. ކުރިމަތީގައި ހުރި ކޮއްކޮ ފެނުމާއެކު ރުޝްދާ އަނެއް ފަރާތަށް އެނބުރިއްޖެއެވެ. އޭނާގެ ދެލޮލުން ރޮއެފައި ހުރިކަން ކޮއްކޮއަށް އަންގަން ބޭނުމެއްނުވިއެވެ.
"ދޮން! އާރ ޔޫ އޯކޭ" އެތެރެއަށް ވަންނަމުން ޝުހޭލް އަހައިލިއެވެ.
"އާނ. ކޮއްކޮ ކަމަކުތަ؟" އެނދުގައި އިށީންނަމުން ރުޝްދާ އަހައިލިއެވެ.
"ދޮންތައަކަށް ދޮގުހަދާކަށްވެސް ނޭނގުނު" ރުޝްދާ ކައިރީގައި އިށީންނަމުން ޝުހޭލް ބުނެލިއެވެ.
"ދޮންތަ ދޮގެއްނަހަދަން. ދެން ބުނެބަލަ. ކަމަކުތަ ތިއައީ؟" ހީލަމުން ރުޝްދާ އަހައިލިއެވެ.
"ހުވާކޮށްފަ ބުނޭ ކަމެއްނުވެޔޭ" ޝުހޭލް ބުނެލިއެވެ.
ރުޝްދާ ހިމޭންކަން ޚިޔާރުކުރިއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އިންއިރު ދެވަނަ ފަހަރަށް ކަރުނަތަކުން އޭނާގެ ދެލޯ ފުރާލައިފިއެވެ. އިސާހިތަކު އޭނާއަށް ރޮވެން ފެށިއްޖެއެވެ. އެކަރުނަތައް ހިފަހައްޓަން މިފަހަރު އޭނާ މަސައްކަތެއް ނުކުރެއެވެ. ކަރުނަތަކަށް ބާރު ފޯރުވާފޯރުވާ އޭނާ ވަރުބަލިވެއްޖެއެވެ. އިތުރަށް އެކަރުނަތަކާ ހަނގުރާމަ ކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.
"ދޮންތާ! ހުއްޓާލާ. ކިހިނެއްވީ؟" ރުޝްދާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން ޝުހޭލް ބުނެލިއެވެ. ރުޝްދާ ކޮޅަށް ތެދުވިއެވެ. ކޮޓަރި ތެރޭގައި މަޑުމަޑުން ހިނގަން ފެށިއެވެ. ހިތަށް އުނދަގުކުރަމުން ދިޔަ ކަންތައް ޝުހޭލްއަށް ކިޔައިދޭން ފެށިއެވެ.
"ކޮންމެ އިންސާނަކަށްވެސް ފެންނާނީ ދޮންތަގެ ހިނިތުންވެފައިވާ މޫނު. އެހިނިތުންވުމުގެ ފަހަތުގައިވާ ހިތާމަ އާ ހިތްދަތިކަން ކާކަށް އިނގޭނީ" ރުޝްދާ ބުނެލައިފިއެވެ.
"ޝިމާޒް ނިޔާވިފަހުން އޭނާގެ އާއިލާ މީހުން ގުޅައިގެން އުނދަގުނުކުރާ ދުވަހެއް ނުދޭ. ކޮއްކޮ ބުނިހެން އެމީހުން ބޭނުންވަނީ މިގެ. ޝިމާޒް އަހަރެންނަށް މިގެ ދިނީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގަ. ދަރިފުޅު އުފަންވުމުން ގެ އިތުރަށް ހަދަން ޝިމާޒްގެ ވިސްނުމުގަ ހުރީ. އެކަމަކު ތަގުދީރުގައި އޮތީ އެހެންގޮތެއް" ރުޝްދާ ވާހަކަދައްކަމުން ދިޔައެވެ. އެވާހަކަތައް ހަނދާނަށް ގެންނަން ފެށުމުން އޭނާ އިތުރަށް ހިތްދަތިވެއްޖެއެވެ. ހިތުގައި އުފެދުނު ވޭން ގަދަވެއްޖެއެވެ. ޝިމާޒްގެ ކޮންމެ ހަނދާނެއް އޭނާ މަރާ ގާތްކުރަމުން ދިޔައެވެ.
"މިއަދުވެސް އެގުޅީ އެމީހުން. އެމީހުން މިހާރު ޑިމާންޑު އެކުރަނީ އަހަރެންގެ ދަރިފުޅަށް. ދަރިފުޅު އުފަންވުމާއެކު ގެންދާނަމޭ އެބުނީ. އެއީ ޝިމާޒްގެ ހަނދާނަކަށް ދުނިޔެއިން އެމީހުންނަށް ފެންނާނެ ހަމައެކަނި ނިޝާނަށް ވީމަ. އަޅެ އެއީ އިންސާނުންތަ؟ އަހަރެންނަކީ ނިކަމެތި އަންހެނެއްކަން އެމީހުން ހަނދާންނެތެނީ ކީއްވެ؟ ފިރިމީހާ ކުއްލި މަރެއްގައި މަރުވެގެން ދިޔައިރު އެހިތާމަ އަދި ނުފިލާ. ކިރިޔާ އުފަލެއްވެސް އޮތީ މިދަރިފުޅާއެކު. އަހަރެން ދެން ކިހިނެއްހަދާނީ؟" ރުޝްދާއަށް އެނދުގައި އިށީނދެވިއްޖެއެވެ.
"އެއީ ކިތަންމެ ބާރެއް އޮތް ބައެއް ނަމަވެސް ތި ދަރިފުޅާ ދޮންތަ އާ ވަކި ނުކުރެވޭނެ. ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް ތިކަމެއް ނުވާނެ" ޝުހޭލް ރުޝްދާ އާ ގާތަށް ޖެހިލިއެވެ. އަދި ދޮންތަގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.
"ކުރާނެ. އެމީހުން ބުނި ކަމެއް ކުރާނެ. އަހަރެން ޖެހޭނީ ޝިމާޒް ފަދައިން މިދަރިފުޅު އަހަރެންގެ ލޯމަތިން ގެއްލޭތަން ބަލަން ހުންނަން" އަސަރާއެކު ރުޝްދާ ބުނެލިއެވެ.
"އަހަރެން ބުނާ ކަމެއްކުރަން ދޮންތަ ތައްޔާރުވޭ" ޝުހޭލް ބުނެލިއެވެ. ރުޝްދާ ޝުހޭލްއަށް ބަލައިލިއެވެ.
***
ގެއަށް ދިޔަފަހުން އަނާރަށް ހަމަޖެހުމެއް ނުލިބުނެވެ. ދުވަހަކުވެސް ފިރިހެންކުއްޖެއްގެ ފަރާތުން ނުފެންނަ ކަންތައްތަކެއް ފެނި އޭނާ ހުރީ އެހުރިހާކަމެއް އިނގެން ބޭނުންވެފައެވެ. އޭނާ ހިތް އެދި ގޮވަމުން ދިޔައީ އަބާނާ އަދި އެއްފަހަރު ބައްދަލުކުރާށެވެ. އަބާނާ ގިނައިން ވާހަކަދައްކައިގެން އޭނާގެ އަނގަ ހުޅުވަން ބޭނުންވެއެވެ.
ޝެޒާ ނިދަންދެން އެނދުގައި ރަޖާގަނޑު މުޅި ބޮލާއެކު އަޅައިގެން އޮވެފައި ފުންމައިގެން ތެދުވީ ޝޭޒާގެ ނިދި ހަރުވެ ނޭވާގެ އަޑު ކޮޓަރި ތެރޭގައި ފެތުރުމުންނެވެ. އަލަމާރި ކައިރީގައި ހުރެ ހެދުން ބަދަލުކޮށްގެން ކުޑަގޮތަކަށް ތައްޔާރުވެލިއެވެ. ކަންފަތުގެ ދެފަރާތަށް ސެންޓް ޖަހައިލުމަށްފަހު ދަބަހާ ފޯނު ހިފައިގެން މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް ކޮޓަރި ދޮރުހުޅުވާލާފައި ނިކުތެވެ.
***
ނިތަށް އަތް އެއްލައިގެން އެނދުގައި އޮތް އަބާން ފިކުރުތަކާ ގުޅިފައިވަނީ އަނާރެވެ. މާދަމާއަކީ އޭނާއަށް ބޮޑު ދުވަހަކަށް ވީއިރު އޭނާ ބޭނުންވީ ރޭގަނޑު ގިނަވަގުތު ހޭލާ އިނދެގެން އޭނާ ވަކާލާތު ކުރާ މައްސަލައާ ބެހޭގޮތުން ސްޓަޑީ ކުރާށެވެ. އޭނާ އެތައް ފަހަރަކު ލިޔުންތައް ނަގައިގެން އިނދެފިއެވެ. އެއްކަމެއްވެސް ނުކުރެވުނެވެ. އަނާރް ނޫން އެހެން އެއްޗެއް އޭނާގެ ހިތާ ސިކުނޑީގައި ނެތެވެ. އެންމެފަހުން އޭނާ ޖެހުނީ ފައިލްތައް އެއްކައިރި ކުރާށެވެ.
އޭނާ އަނާރުގެ އަޑު އަހާހިތްވެއެވެ. އެކަމަކު ފަސްޖެހެވެނީއެވެ. ވާހަކަދައްކާހިތްވެއެވެ. އެކަމަށްވެސް ފަސްޖެހެނީއެވެ. ދެކިލާހިތުން މާލޭގެ މަގުތަކުގައި އެތައް ފަހަރަކު ދުއްވައިފިއެވެ. ހިތްއެދުނަސް އޭނާ ހިތުގައި އުފެދިފައިވާ ބިރުވެރިކަން އެހުރިހާ ކަމަކަށް ވުރެ ބޮޑެވެ.
ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށް އަބާން ދިޔައީ ސިއްސައިގެންނެވެ. ބަލައިލިއިރު އަނާރްގެ ނަން އަރާފައި އޮތެވެ. ފޯނު ނަންބަރު ލިބުނު ފަހުން އެގޮތަށް އަނާރް ގުޅާ މިއީ ފުރަތަމަ ފަހަރެވެ. އަބާނަށް އެނދުގައި ހަށިގަނޑު ސީދާކޮށްލެވިއްޖެއެވެ. އޭނާ އެމީހަކާ މެދު ވިސްނަމުންދާ މީހާ ގުޅަމުންދާތަން ފެނި ހިތް އަވަސްވެލައިފިއެވެ. ކޯލު ކެނޑުނީ އޭނާ އެގޮތަށް ފޯނަށް ބަލަހައްޓައިގެން އިންދައެވެ.
"އަބާން!" އަބާން ފޯނު ނެގީ ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށުމުންނެވެ.
"އަބާން! ޕްލީޒް ވާހަކަދައްކަބަލަ" އަނާރްގެ އަޑަށް ބަދަލެއް އައިކަން އަބާނަށް އިނގި ފޯނުގައި ދެއަތުން ހިފަހައްޓާލެވިއްޖެއެވެ.
"އަހަރެންނަށް ތިހެން ނަހަދާ އަބާން. މިދަންވަރު އަބާނާ މެދު ވިސްނޭވަރުން އަހަރެންނަށް ގޭގަ ނޯވެވިގެން އައިސް މިހިރީ. އެންމެފަހަރަކު އަހަރެންނާ ވާހަކަދައްކަބަލަ. ޕްލީޒް. ކޮންކަމެއްތަ އަބާނަށް އުނދަގޫކުރަނީ. އަހަރެންނާ ޝެއަރ ކޮށްބަލަ. އަހަރެން އަބާނަށް އެހީވާނަމޭ. އަހަރެންނަކީ އެހެން އަންހެންކުދިން ކަހަލަ އަންހެންކުއްޖެއް ނޫނޭ. ދުވަހަކުވެސް އަހަރެންނަށް މިކަހަލަ އިހުސާސެއް ކުރެވިފައެއްނުވޭ. އަބާން!! އެބަ އިވޭތަ؟" އަނާރް ވާހަކަދައްކަމުން ދިޔައެވެ.
އަބާންގެ ދެލޮލުން އޭނާއަށް ނުވެސް އެނގި ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ. އެއްއަތުން އެކަރުނަތިކި ފޮހެލާފައި އަބާން ބަލައިލިއެވެ. އޭނާގެ ހިތުން އަނާރަށް ޙާއްސަ ގަދަރެއް ދެވިފައިވިކަން އެކަރުނަތިކި އޭނާއަށް ސާބިތުކޮށްދީފިއެވެ. އެކަން އޭނާއަށް އިހުސާސްވުމާއެކު ދެލޮލަށް ކަރުނަތައް ޖަމާވަން ހިނދުކޮޅެއްވެސް ނުނެގިއެވެ.
"އަބާން! ހ.ލަކީހައުސް. މިގޭ ކުރިމަތީގައި މިރޭ އިރުއަރަންދެން އަހަރެން ހުންނާނާން. އަބާން ނިކުމެ އަހަރެންނާ ސުވާލުކުރުމުން ނޫނީ މިހުރި ތަނުން އެންމެ ފިޔަވަޅެއްވެސް ނާޅާނަން" ފަހު ޖުމްލަ އިއްވާލާފައި އަނާރް ފޯނު ކަނޑައިލިއެވެ.
އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އަބާނަށް ހުރެވުނީ އަނާރް ދެއްކި ވާހަކަތައް ޤަބޫލުނުކުރެވިފައެވެ. އޭނާ އާ ހެދި އަންހެންކުއްޖަކު އެވަރު ވެދާނެބާއޭ ހިތަށް އަރާފައެވެ. ލަސްލަހުން ހިނގާފައި ގޮސް ބެލްކަންޏަށް ނިކުމެ ބަލައިލިއެވެ. އެހާ ދުރުންވެސް އޭނާގެ ލޮލުގައި އަނާރް އަޅައިގަނެއްޖެއެވެ. އެގޭ ދޮރުމަތީގައި ދެކޮޅަށް ހިނގަން ހުރި އަނާރް ފެނި އޭނާގެ ހިތުގައި ހަމްދަރުދީ އުފެދިއްޖެއެވެ. އެދިޔަ ބާރުމިނުގައި އަބާން ގޮސް އެނދުގައި އިށީނދެއްޖެއެވެ. ހިތާ ދެކޮޅަށް ގޮތެއް ނުނިންމިގެން އޭނާއަށް ބުނެދޭން ނޭނގޭ އުނދަގުތަކެއް ވާން ފަށައިފިއެވެ. ފިރިހެނަކަށް ވެ ހުރެ މާބޮޑަށްވެސް އޭނާ ފިނޑިވެއްޖެއެވެ. އެގޮތުގައި ސާޅީސްފަސް މިނިޓް ފާއިތުވެގެން ހިނގައްޖެއެވެ.
މިފަހަރުވެސް އަބާނަށް ހަމަ ބިމަށް އާދެވުނީ އަނާރްގެ ފޯނުކޯލް އަންނަން ފެށުމުންނެވެ. ހަމަ އެހާ އަވަހަށް އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖަހައިފިއެވެ. ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުމެއްޖެއެވެ.
"އަބާން! އަހަރެންނަށް ނުބައި ބަޔަކު ވަރަށް ބަލާ. އަހަރެން މިތަނުން ހިނގައިދާނަން. މިތަނުން އެކަންޏެއްނޫން. އަބާންގެ ދިރިއުޅުމުންވެސް. ދުވަހަކުވެސް ދެން އަހަރެންގެ އުދަގުލެއްނުވާނެ. އައި ޕްރޮމިސް. އަހަރެން ދެދުވަސްތެރޭގަ ފުރާނަން. ހަމަ އެންމެ ކަމެއް ކޮށްދީ. އަހަރެން ފަހު ފަހަރަށް އަބާން ދެކިލަން ބޭނުން. އެންމެ މިނިޓަކަށް ނިކުމެދީފާނަންތަ؟" އަނާރް ވާހަކަދެއްކިއެވެ. ހަގީގަތުގައިވެސް އޭނާ ހުރީ އިންތިހާއަށް ހިތުގައިޖެހިފައެވެ. ދުވަހަކުވެސް އޭނާއަށް އެދަރަޖައަށް މީހަކު ކަމުގޮސްފާނެ ކަމަކަށް ހީކޮށްފައެއްނެތެވެ.
އަނާރްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެފައި އަބާން ހިނގައިގަތީ އަނާރް މަގު ހުރިގޮތަށް ހިނގައިގަތުމުންނެވެ. އޭނާ ކޮޓަރިއަށް ދެމިގަތް ގޮތަށް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފަށައިފިއެވެ. އެއްކޮޅުގައި ޖައްސާފައި އަނެއްކޮޅަށް ހިނގައިގަންނަނީ އެހާ އަވަހަށެވެ.
"ހުރިހާ އަންހެންކުދިންނަކީ މަޔޫރާއެއް ނޫނޭ އަބާން. މިފަހަރު ތިލިބުނީ އަބާންގެ ނަސީބު ކަންނޭނގެ. އެކުއްޖާގެ އަތުން ދޫކޮށްނުލާ. ފަހުން ހިތާމަކުރަން ޖެހިދާނެ" އަބާނަށް ހީވީ އޭނާގެ ކަންފަތްދަށުގައި މީހަކު ޖުމްލަތަކެއް އަތުރާލިހެންނެވެ.
"ނޫން. އަހަރެން އޭނަ ދިޔަ ނުދޭނަން" އަބާނަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ. ލައިގެން ހުރި ދޫ ހަރުވާޅުގެ ޖީބަށް ފޯނު ކޮށްޕާލާފައި ކޮޓަރިން ނިކުމެ ދުއްވައިގަތެވެ.
މަގުމައްޗަށް ނިކުމެފައި އަބާން ދެކޮޅު ބަލައިލިއެވެ. ތަންކޮޅެއް ދުރުން އޭނާއަށް އަނާރް ފެނިއްޖެއެވެ. މާޔޫސްވެފައިވާ ހާލު އެ އަންހެންކުއްޖާ މަޑުމަޑުން ކުރިއަށްދާ މަންޒަރު ފެނި އަބާންގެ ހިތުގައި ރިއްސާލައިފިއެވެ.
"އަނާރް" ސިކުނޑި ދެކޮޅުހަދަމުން ދަނިކޮށް ފުރަތަމަ ފަހަރަށް އޭނާ އަނާރްގެ ނަމުން ގޮވާލައިފިއެވެ. އަނާރް އެނބުރި ބަލައިލުމާއެކު ދުވެފައިގޮސް އަނާރްގެ ކުރިމައްޗަށް އަރައިފިއެވެ. ދެކުދިންގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވެގެން ދިޔަ ވަގުތު ދެހިތުން ތަފާތު ވިންދެއް ޖަހާލައިފިއެވެ.
(ނުނިމޭ)