ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 09

ނުވަވަނަ ބައި

އޭނާގެ ދުލުން ބޭރުވެގެންދިޔަ ކޮންމެ ޖުމްލައަކާއެކު ޝުހޭލްގެ ހިތް ތޮރުފަމުން ދިޔައެވެ. އެއްވެސް ކުށަކާނުލާ އަންހެންކުއްޖެއްގެ ދުލުން ބޭރުކުރަމުންދިޔަ ވިހަގަދަ ކޮންމެ ލަފްޒަކާއެކު ހިތަށް އަނިޔާދެމުން ދިޔައެވެ. ފިރިހެނަކަށް ވިޔަސް އެ ހިތްދަތިކަން އޭނާއަށް އެވަގުތުކޮޅު ބަރުދާސްތު ނުކުރެވުނެވެ. ހިތް ފޫއަޅުވާލާފައި ކަރުނަތައް އޮހިގަނެއްޖެއެވެ.

ހިތްހަމަނުޖެހިފައި ނިކުމެގެންދިޔަ އަނާރް ދޮރުހުޅުވާލި ވަގުތު އެއީ ބޭރުން ވަންނަން އައި ރުޝްދާވެސް ދޮރުހުޅުވާލި ވަގުތެވެ. ދެ އަންހެންކުދިންގެ ނަޒަރު ބައްދަލުވެލި ވަގުތު ހިނދުކޮޅަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. ރުޝްދާގެ މޫނުމަތިން ފެންނަމުން ދިޔައީ ޙައިރާންކަމެވެ. ދާދި ދެންމެއަކު ކޮއްކޮ އާ އެކު ފިހާރަ ތެރެއިން ފެނުނު އަންހެންކުއްޖާ ގޭތެރެއިން އިން ފެނުމުން ހިތުގައި ސުވާލު އުފެދުނެވެ. ނަޒަރު ވަކިކޮށް ކުރިން ހިނގައިގަތީ އަނާރެވެ.

"ކޮބާ ކޮއްކޮ" ދޮރުލައްޕާލާފައި އެތެރެއަށް ވަން ރުޝްދާ ވާހަކަދެއްކި އަޑަށް ސިޓިންރޫމުގައި ފޯނެއްގައި އިން ފިޔާޒާ ބަލައިލިއެވެ.

"ކޮޓަރީގަ ވެއްޖެ" ޖަވާބުދިނީ ބަދިގެއިން ބޯދިއްކޮށްލި ސަބީހާއެވެ.

ދެފަޔަށް ބާރުލާފައި ރުޝްދާ ހިނގައިގަތީ ޝުހޭލްގެ ކޮޓަރި އާ ދިމާލަށެވެ. ހުޅުވާލާފައި ހުރި ކުޑަދޮރު ކައިރީގައި ބޭރަށް ބަލަހައްޓައިގެން ޝުހޭލް ހުއްޓެވެ. މަޑުމަޑުން ރުޝްދާ ގޮސް ހުއްޓުނީ ޝުހޭލްގެ ފަހަތުގައެވެ. ކޮއްކޮގެ ނަޒަރު ހުއްޓިފައިވީ ދިމާލަށް ރުޝްދާ ބަލައިލިއެވެ. އޭރު ގޭޓުން ނިކުންނަން ދިޔަ އަނާރް ރުޝްދާގެ ލޮލުގައި އަޅައިގަނެއްޖެއެވެ. އެ އަންހެންކުއްޖާއަށް ޝުހޭލްގެ ކަޅި ހުއްޓިފައި ހުރިތަން ފެނުމުން އެއީ ކޮއްކޮއަށް ވަރަށް ޙާއްސާ ކުއްޖެއްކަން ރުޝްދާއަށް އިނގިއްޖެއެވެ. އޭނާ މަޑުމަޑުން ޝުހޭލްގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. ޝުހޭލް އެނބުރި ރުޝްދާއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ފެނުނު ކަރުނައިގެ އަސަރާ ހިތްދަތިކަން ރުޝްދާގެ ހިތުގެ އެންމެ ހިމަ ނާރަށް އަސަރުކޮށްލިއެވެ. ސުވާލެއް ކުރުމުގެ ކުރިން އޭނާގެ ކޮނޑުގައި ޝުހޭލް ބޯއަޅައިފިއެވެ. ހިތުގައި ޖެހިފައިވި ހާލު ކޮއްކޮގެ ބުރަކަށީގައި ފިރުމައިލުން ނޫން ކަމެއް އެވަގުތު އޭނާއަށް ނުކުރެވުނެވެ.

***

ބުރިޖުމަތިން ދިޔަ އަބާންގެ ސައިކަލްގެ ސްޕީޑް ބާރެވެ. ފަހަތުގައި އިން ޒައިނާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. ޖެހިލުންވެފައި އިންވަރުން އަބާންގެ ބަނޑައި ދިމާލުން ޒައިނާ ހިފަހައްޓައިގެން އިނުމުން އަބާނަށް އިތުރަށް ސްޕީޑްގައި ހިފައިލެވިއްޖެއެވެ. އޭނާއަށް ނޭނގުނީ އޭނާގެ އެ އަމަލުގެ ސަބަބުން ޒައިނާ ބިރުގަނެފައި އިން ވަރެވެ.

ހުޅުމާލެއަށް އެރުމާއެކު އަބާން ބުރަކި ޖައްސައިލިއެވެ. އެ ހިނދު ޒައިނާ އައިސް އަބާންގެ ބުރަކަށީގައި ބާރަކަށް ޖެހިއްޖެއެވެ. އެހާ އަވަހަށް އަބާން ފަސްއެނބުރި ޒައިނާއަށް ބަލައިލިއެވެ. އަވިއައިނު އަޅާފައި އިނުމުން ޒައިނާއަށް އަބާންގެ ދެލޮލަށް ވެރިވެފައިވާ އަސަރެއް ނުފެނުނެވެ.

"ހަމައިގަ އިނދެތަ ތި ދުއްވީ" ޒައިނާ އަހައިފިއެވެ.

"އަހަރެން ދެން ފަހަރަކުން މި ސައިކަލަށް ނާރާ ވަރު ދޯ ތިކުރީ" އަބާން ބަހެއް ނުކިޔުމުން ޒައިނާ ބުނެލިއެވެ.

"ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓެއް ވިނަމަޔޯ" ޒައިނާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. އަބާން ކުރިމައްޗަށް ނަޒަރު ހިންގައިލިއެވެ. ޒައިނާގެ ސުވާލުތަކަށް ޖަވާބު ދިނުމެއްނެތި ސައިކަލް ސްޓާޓް ކޮށްލައިފިއެވެ.

"މަޑުކުރޭ. އަހަރެން ގެއަށް ދާން ބޭނުމީ ހިނގާފަ. އަބީ ތިހާ އަވަސް އަރުވާލާފައި ދާން ބޭނުންވާ ތަނަކަށް ދޭ. އަހަރެން އެހާ އަވަހަށް މަރުވާކަށް ބޭނުމެއްނޫން" ޒައިނާ ސައިކަލުން ފައިބަން އުޅުމުން އަބާން ޒައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޒައިނާ ބަލައިލުމާއެކު އެހާ އަވަހަށް އަތުން ދޫވެސްކޮށްލައިފިއެވެ.

"އަހަރެންނަށް އަދި މި އިނގުނީ ޒައިއަށް ރުޅިއަންނަން އިނގޭކަން" ހަމަޖެހިލަމުން އަބާން ބުނެލިއެވެ.

"އަހަރެން ރުޅިއެއް ނާދޭ. އެކަމަކު ވަރަށް ދެރަވެއްޖެ އަބީ ތިގޮތަށް ކަންތައްކުރީމަ. އަބީގެ ލައިފްގަ ހިނގާފަ ހުންނަ ކަންތައްތައް ސިކުނޑި ތެރެއަށް ލައިގެން އެކަމުގެ ރުޅި އަހަރެންނަށް ނުބާލަފާނަންތަ؟" ހިތްހަމަނުޖެހިފައި ހުރިވަރުން ނުބުނަން ހުރި އެތިވެސް ޒައިނާއަށް ބުނެވިިއްޖެއެވެ.

"ތިކަހަލަ ކަމެއްވެގެނެއް ނޫން. ބަލާބަލަ އުޑަށް. ވެހިގަންނަން ތައްޔާރުއެވަނީ. އެހެންވެ އަހަރެން އެހާ ސްޕީޑުގަ ހިފާލީ. ހައިވޭގަ އެއްވެސް ތަނެއްގަ މަޑެއް ނުކުރެވޭނެ" އުޑަށް އިޝާރާތްކޮށް މައްޗަށް ބަލައިލަމުން އަބާން ބުނެލިއެވެ. ނުބަލަން ހުރެފައި ޒައިނާވެސް އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. ތެދެކެވެ. ވާރޭ ވެހިގަންނަން ތައްޔާރުވެއްޖެއެވެ. ބަހެއް ނުބުނެ ޒައިނާ ހިމޭނުން ހުންނަން ފެށުމުން އަބާން ސައިކަލް ސްޓާޓް ކޮށްލިއެވެ. އޭރު ވާރޭގެ ތިކިތައް ދެކުދިންގެ ހަށިގަނޑުގައި ބީހެން ފަށައިފިއެވެ.

"ދެންވެސް ނުހުރެ އަރާ. ދެން ނޭނގެ ނުތެމި ގެއާ ހަމައަށް ދެވޭނެކަމެއްވެސް" އަބާން ބުނެލިއެވެ. ހިމޭނުން ހުރި ޒައިނާ ބަހެއްނުކިޔާ ސައިކަލަށް އަރާ އިށީނދެއްޖެއެވެ.

ގެއާ ދިމާލަށް ސައިކަލް ދަތުރުކޮށްފައި ދިޔައިރު އަބާންގެ މޫނުމަތިން ފެންނަންހުރީ ހިތްހަމަނުޖެހުމެވެ. އޭނާ ބާރަށް ސައިކަލް ދުއްވީ ވިއްސާރައިގަ ނުޖެހި ގެއަށް ދިޔުމަކަށް ނޫނެވެ. ޒައިނާ ގެންގޮސް ގެއަށް ގެނައުން އުންމީދާ އޭނާގެ ބޮލުގައި އެޅުވީތީ އެކަމުގެ ހިތްހަމަނުޖެހުމެވެ.

***

ރޭގަނޑުގެ ކެއުމަށްވެސް އަނާރް ބޭރަށް ނުނިކުތެވެ. ޝުހޭލްގެ ސަބަބުން އޭނާގެ މުޅި މޫޑު ޚަރާބުވެއްޖެއެވެ. ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ފިލައި ނުދިޔައެވެ. ރެއަށް ހަމަޖައްސާފައިވާ ޕްލޭންވެސް އެކަމަކާ ހެދި ކެންސަލް ކޮށްފިއެވެ. އޭނާގެ ބޮލުގެ ރިހުން ފިލައި ނުދެއެވެ. އެހެންކަމަކާ އޭނާއަށް ނުވިސްނެއެވެ. ބުނެދެން ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި ވިއެވެ. ކޮޓަރި ދޮރުގެ ތަޅުގައި މީހަކު ހިފައިލިހެން ހީވީ އެވިސްނުމުގައި އޭނާ ކޮޓަރީގައި ދެކޮޅަށް ހިނގަން ހުއްޓައެވެ.

"މިރޭ ނުކަންހޯ މާމަ ބުނީ" ކޮޓަރިއަށް ވަނީ ޝެޒާއެވެ.

"ނެތް ކާހިތެއް. މާމަ އާ ޝެޒް ކާލާ" އެނދުގައި އިށިންނަމުން އަނާރް ބުނެލިއެވެ.

"އަހަރެން ތިހެން މާމަ ކައިރީގަ ގޮސް ބުނެފާނަން. އެކަމަކު ހިއެއްނުވޭ އަރޫއަށް ޑިނަރ ސްކިޕް ކުރިޔަދޭނެހެން. މާމަ އަންނާނެ" ޝެޒާ ބުނެލިއެވެ.

އަނާރްގެ މޫޑު ރަނގަޅު ނޫންހެން ހީވުމުން ޝެޒާ އިތުރު ސުވާލެއް ނުކުރިއެވެ. ބޯހާސްވެފައި ހުންނަ ވަގުތުތަކުގައި މީހަކު މާގިނައިން ސުވާލު ކުރަން ފެށުމުން އަނާރްގެ ނަފްސަށް އުނދަގުވެ ރުޅި އިސްކުރެވޭކަން ޝެޒާ ހަނދާނެއް ނުނެތެއެވެ.

***

ކޮޓަރީގައި ޓަކި ޖަހައިލި އަޑު އިވުނީ ސަބީހާ ނިދަން ތައްޔާރުވަމުން ދަނިކޮށެވެ. ގައިމަތީގައި އަޅާން ތައްޔާރުކޮށްލި ރަޖާގަނޑު ތިރިކޮށްލާފައި އޭނާ ހެޑްބޯޑުގައި ލެގިލައިފިއެވެ. ދޮރު ހުޅުވާލާފައި ވަދެގެން އައި ރުޝްދާ އިށީނީ ސަބީހާގެ މަގަތުންނެވެ.

"މަންމަ ބުނީމެއްނު އެ ފައިގަ ރިއްސާ ވާހަކަ. ކުޑަ ބާމްކޮޅެއް ހާކާލައިގެން ނިދާލާފަ ތެދުވާއިރު ލުއިވާނެ" ރުޝްދާ ބުނެލިއެވެ. ސަބީހާ ހިނިތުންވެލަމުން ތަދުވާ ފައި ރުޝްދާއަށް ދައްކައިލިއެވެ. ހިމޭނުން އިނދެ ސަބީހާގެ ފައި މަސާޖްކުރަމުން ދިޔަ ރުޝްދާއަށް ބަލަހައްޓައިގެން އިންއިރު ސަބީހާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ އަހަރުތަކެއް ކުރީގެ ވޭނުން ފުރިގެންވީ ހިތި ހަނދާނެކެވެ.

"މަންމާ... ރުޝްގެ ފައިގަ ތަދުވަނީ. މިއަދު ކޮއްކޮ އާ ދެކުދިން ބޯލް ކުޅެން ހުއްޓަ ވެއްޓުނީ" ލޯގަނޑު ކުރިމަތީގައި މޭކަޕްކުރަން ހުރި ސަބީހާ ބަލައިލީ އުމުރުން ހަ އަހަރުގެ ރުޝްދާ ވާހަކަދެއްކި އަޑަށެވެ. އޭނާއާ ގާތަށް ކޮރެއް ޖަހަމުން އައި ކުޑަކުޑަ ދަރިފުޅު ނުފެންނަ ކަހަލައެވެ.

"މަންމާ" ސަބީހާ ލައިގެން ހުރި ހެދުމަށް ދަމައިލަމުން ރުޝްދާ ގެ ޅަ އަޑުން ގޮވާލިއެވެ. އޭނާ ބަލައިނުލާ ހުރެ ރުޝްދާގެ އަތް ފޮޅުވާލިއެވެ. އޭނާ އެންމެ ފަހަރަކުވެސް ރުޝްދާގެ މައުސޫމް މޫނަށް ބަލައިލިނަމަ އެކުއްޖާގެ ދެލޮލުން ކަރުނަތިކި ފެނުނީހެވެ.

"އިނގުނީ ދޯ މިރޭ އަހަރެން އެކުވެރިންނާއެކު ބޭރަށް ދާން އުޅޭކަން" ސަބީހާގެ ބާރު އަޑުން ރުޝްދާ ދިޔައީ ސިހިގެންނެވެ.

"ރުޝް ދޮގު ނަހަދަން. މަންމާ. ހަމަ އަސްލުކޮށްވެސް ރުޝްގެ ފައިގަ އެބަ ތަދުވޭ" ރުޝްދާ ބުނެލިއެވެ.

"ކޮބާތަ ކަލޭމެންގެ ބަފާގަނޑު. އޭނަ ކައިރިއަށް ދޭ. އަހަރެންގެ ސިކުނޑި ކާނެ ކަމެއްނެތް" ކުޑަކުޑަ ރުޝްދާއަށް އަމާޒުކުރަމުން ދިޔަ އެ ރަހުމުކުޑަ ބަސްތަކުގެ މާނަ އެކުއްޖާއަށް ނޭނގުނަސް މަންމަ ހިތްހަމަނުޖެހި ރުޅިގަދަވެފައި ހުރިކަން އިނގުމުން އިތުރަށް ބިރުގަނެ ރޯންފެށުނެވެ. ސަބީހާ އަޅައެއްނުލިއެވެ. ދަބަސް ހިފައިގެން ކޮޓަރިން ނިކުމެގެން ދިޔައީ ރުޝްދާއަށް އެންމެފަހަރަކުވެސް ބަލައި ނުލައެވެ.

ރުޝްދާ ބަލައިލީ ސަބީހާ ނޭފަތް ދަމައިލި އަޑު އިވުމުންނެވެ. އޭރު ސަބީހާގެ ދެލޮލުން ކަރުނަތައް ފައިބައިގަނެއްޖެއެވެ. އެހެންނަމަވެސް އެކަރުނަތައް ފޮހެލާފައި ހިނިތުންވެލައިފިއެވެ.

"މަންމަ ރޮނީތަ؟ މާބޮޑަށް ތަދުވަނީތަ؟" ސަބީހާގެ ހަރުވާޅު ދަމާލާ ފައިގެ ކަށިމަތި ފޮރުވައިލަމުން ރުޝްދާ ބުނެލިއެވެ.

"އެހެންވެގެނެއްނޫން. ދަރިފުޅުގެ ރަނގަޅުކަމާ ކިޔަމަންތެރިކަން ފެނި މަންމައަށް ރޮވުނީ" ސަބީހާ ބުނެލިއެވެ. ރުޝްދާ ހިނިތުންވެލާފައި ސަބީހާގެ ގައިގައި ބައްދައިލިއެވެ.

"މާޒީ ހަނދާންކޮށް މިހާރު ރުއިމުގެ ބޭނުމެއްނެތް މަންމާ. އެދުވަސްތައް ހަނދާންނައްތާލާ. މަންމަ މިހާރު ތިއީ އޭރުގެ މަންމައެއް ނޫނެއްނު" ސަބީހާގެ ބުރަކަށީގައި ފިރުމަމުން ރުޝްދާ ވާހަކަދެއްކިއެވެ. ސަބީހާގެ ލޮލުން ވެއްޓިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ.

"ދެން މާބޮޑަށް ނުވިސްނާ ނިދާލާ" ބާމްފުޅި ހިފައިގެން ނިކުންނަން ރުޝްދާ ހިނގައިގަތެވެ. ދޮރާ ހަމައަށް ގޮސްފައި އޭނާ ބަލައިލީ ސަބީހާ ގޮވާލިއަޑަށެވެ.

"ކޮއްކޮ އެއްވެސް އެއްޗެއް ކެއިތަ؟" ސަބީހާ އަހައިލިއެވެ.

"ދެންމެ އަޅުގަނޑު ގެންދިޔަ ނޫޑްލްސް ތަށިން ކުޑަކޮށް ކެއި. އެ އަންހެންކުއްޖާ އާ ހެދި ވަރަށް ހާޓްވެފަ ހުރީ. މަންމަ ނުވިސްނާ. ދެން ނިދާލާ. ބާއްޖަވެރި ރޭގަނޑަކަށް އެދެން" ހިނިތުންވުމަކާއެކު ވާހަކަދައްކާފައި ރުޝްދާ ދޮރުލައްޕައިލިއެވެ.

***

ނިދާ ވަގުތު ފަހަނައަޅާ ދިޔައިރުވެސް އަނާރްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އިރުއިރުކޮޅުން ފޯނަށް ބަލައިލެވެނީ ޝުހޭލްގެ މެސެޖެއް ނުވަތަ ފޯންކޯލެއް އަތުވެދާނެ ކަމަށެވެ. އޭނާގެ ހިތަށް އަދިވެސް ހަމަޖެހުމެއް ނުލިބެއެވެ.

ކުއްލިއަކަށް އޭނާގެ ހިތަށް އައިސްވަނީ އަބާންގެ ނަމެވެ. އެހިތްގައިމު ސޫރަ ހިތަށް ސިފަވުމާއެކު އިސާހިތަކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ސިކުނޑިއަށް ލުއިވެ ނަފްސު ހިތްހަމަޖެހިގެން ދިޔައެވެ. ކައިރީގައި އޮތް ފޯނު އަތަށް ނަގާފައި ޓެލެގްރާމް އިން އެންމެފަހުން އަބާނާ ދައްކާފައިވާ ވާހަކަތަކުގެ މަތިން ފޯނުގެ ސްކްރީނުގައި އިނގިލިން ފިރުމާލައިފިއެވެ. ޝުހޭލްގެ ސަބަބުން ނަފްސަށް ލިބިފައިވާ ނުތަނަވަސްކަން އެކު ހަނދާންނައްތާލުމަށް އޭނާގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ.

ފައިލެއް ހިފައިގެން ކޮޓަރި ދެކޮޅުގައި ހިނގަން ހުރި އަބާންގެ ދެލޯ އަމާޒުވެފައި ވަނީ އެނދުމަތީގައި ބާއްވާފައި އޮތް ފޯނަށެވެ. ނަމުގަ ފައިލް ހުޅުވައިގެން މަސައްކަތެއްގައި ހުއްޓަސް އޭނާގެ ދެލޯ އަމާޒުވެފައި ވަނީ އަމިއްލަ ފޯނަށެވެ. ދަންވަރުގެ އެ ހިތްގައިމު ވަގުތުގައި އަނާރްގެ މެސެޖްތަކަށް ހުއްޓުމެއްނެތި އޭނާއަށް އިންތިޒާރުކުރެވެމުން ދިޔައެވެ. ފޯނަށް މެސެޖެއް އައިކަން އިނގުނީ އެގޮތުން އެއްފަހަރު އޭނާ ފޯނާ ދިމާލަށް ބަލައިލި ވަގުތުގައެވެ. އެދިމާލަށް އޭނާއަށް ދެވުނީ ނިކަން ބާރަށް ހިނގާފައެވެ. އެނދުގެ ކަނެއްގައި ފައިގެ ކުޑަވައި އިނގިލި ޖެހި މުޅި ހަށިގަނޑަށް އެތަދު އަރައިގެން ދިޔައިރުވެސް އެތަދު އޭނާ ހަނދާންނައްތައިލިއެވެ. މުހިންމު ކަމަކަށްވީ އެގަޑީގައި އައީ ކާކުގެ މެސެޖެއްތޯ ބެލުމެވެ.

"ހާއި ހޭންޑްސަމް" އަނާރްގެ މެސެޖް ކިޔާލާފައި އަބާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"މިސް ޔޫ" އަނާރްގެ ދެވަނަ މެސެޖެވެ.

"މާދަމާ ރޭ ބައްދަލުވެދާނެތަ؟" އަނާރްގެ ތިންވަނަ މެސެޖް ކިޔާލާފައި އަބާނަށް އެނދުން ތެދުވެވިއްޖެއެވެ. އެމެސެޖަށް ޖަވާބުދޭން އޭނާ ބޭނުންވިޔަސް އެހިތްވަރު ނުކުރެވުނެވެ. އޭނާގެ ސިކުނޑި ހިމޭންކަމާއެކު ފޮނުވާލި މެސެޖް އިނގިލިތަކުގައި ހިފަހައްޓައިލި ކަހަލައެވެ.

"އުންމީދުކުރަންވީތަ؟ ޖަވާބުނުދިނީމަ އަހަރެން މި ނިންމީ މާދަމާ ރޭ ބައްދަލުވާނެކަމަށް" އަނާރް އެންމެފަހުން ފޮނުވާލި މެސެޖް ކިޔާލުމަށްފަހު އޭނާ ފޯނު ބާލީސްދަށަށް ލާފައި ދެލޯ މަރާލިއެވެ. ހެޑްބޯޑުގައި ލެގިލާފައި އަމިއްލަ ހިތާ ވާހަކަދައްކާލަން އޭނާ ވަގުތުކޮޅެއް ހުސްކޮށްލިއެވެ.

"އަހަރެންނަށް ހުރިހާ އަންހެނުންދެކެ ފޫހިވެއެވެ. އަހަރެންގެ ހަޔާތުން އިޝްގީ ލޯތްބަކަށް ޖާގައެއް ނެތެވެ. އަންހެނެއްގެ ފަރާތުން ފިރިހެނަކު ބެދޭނެ އެންމެ ކެހިވެރި މަޅީގައި އަހަރެން ބަނދެވިއްޖެއެވެ. ޒުވާން އުމުރުގައި ވެވުނު ލޯބި ނާކާމިޔާބުވެގެން ދިޔައީ އަހަރެންގެ ކަރުބުޑުގައި ހިތިރަހަ ލައްވާލާފައެވެ. ވީއިރު އެ ގޮތް ނޭނގޭ އަންހެންކުއްޖާގެ ކޮންމެ އަދާއެއް އަހަރެންނަށް ކަމުދާންވީ ކީއްވެގެން ހެއްޔެވެ؟ ނިދާފައި އޮންނައިރުވެސް ހޭލާ ހުންނައިރުވެސް އެ އަންހެންކުއްޖާގެ ޚިޔާލުތައް އަހަރެންނަށް އުނދަގުކުރަނީ ކީއްވެގެން ހެއްޔެވެ؟ މުޅި ދުނިޔެއިން އެންމެ ރީތި ނަން ކަމުގައި އެ ނަން ވީ ކީއްވެގެން ހެއްޔެވެ؟ ތާއަބަދު ދުލުކުރީގައި އެނަން ވީ ކީއްވެގެން ހެއްޔެވެ؟ އަބަދު ހަނދާންވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ އެދުމަކާނުލާ އެ އަންހެންކުއްޖާ އަމިއްލައަށް ފޮނުވި ފޮޓޯ އަހަރެންނަށް ކަމުދިޔައީ ކީއްވެގެން ހެއްޔެވެ؟ ނުރުހުުމުގެ އެންމެ ލަފްޒެއްވެސް ނުބުނެވުނީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ ވަގުތެއްގައި އެފޮޓޯއަށް ބަލައިގެން ހިތްހަމަޖެހުން ހޯދެނީ ކީއްވެގެން ހެއްޔެވެ؟

އަބާން ފުންމައިގެން ތެދުވެއްޖެއެވެ. އޭނާގެ ހިތުގައި އުފެދުނު އެންމެ ސުވާލަކަށްވެސް ޖަވާބެއް ނުލިބުނެވެ. އެނދުގައި އޮތް ފޯނަށް ދެވަނަ ނަޒަރެއް ދެވުނީ މިސެޖެއް އައި އަޑަށެވެ. ބަލަން ނުބަލަން ހުރެފައިވެސް ފޯނު ބަލައިލެވިއްޖެއެވެ. ވަރަށް ލޯބިން ރޭގަނޑުގެ ފަހު ސަލާންކޮށް އަނާރް ފޮނުވާލާފައިވާ މެސެޖެކެވެ. އެ މެސެޖް އޭނާގެ ހިތުގެ އެންމެ ހިމަ ނާރާ ކުޅެލައިފިއެވެ.

***

ފާހާނާއަކަށް ދާންވެފައި ހުރުމުން ބަދިގެއަށް ދިޔުމުގެ ބަދަލުގައި ރުޝްދާ މިސްރާބުޖެހީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިން ނިކުމެގެން ޝުހޭލް އައީ އޭގެ އިރުކޮޅެއްފަހުންނެވެ. ލަސްހިނގުމެއްގައި ހިނގާފައި ގޮސް ސައި މޭޒު ކައިރީގައި އިށިންއިރު ބަދިގެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ސަބީހާ އޭނާއަށް ނުފެނެއެވެ. އެހާ ގިނައިރު ފަހުން ދަރިފުޅު ފެނުމުން ސަބީހާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

"މަންމާ! ކޮބާ ކޮފީ؟" ހެނދުނުގެ ސައިގެ ކުރިން އަބަދުވެސް އޭނާ ބޭނުންވަނީ ކަޅު ކޮފީއެއްކަން އެއީ ސަބީހާއަށް ވެސް އިނގޭ ކަމެކެވެ. ޝުހޭލް އެގޮވީ ފިޔާޒާއަށް ކަން އިނގޭއިރުވެސް ސަބީހާ އަވަސްވެގަތީ ޝުހޭލްއަށް ކޮފީ ހަދައިދިނުމަށެވެ.

"ތެންކިޔު މަންމާ" އެއް އަތުން ނިތާއެކު އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ޝުހޭލް ބުނެލިއެވެ. އޭނާއަށް ފަހަތުން އައިސް ކޮފީތަށި ބެހެއްޓި ސަބީހާ ނުފެނެއެވެ. ފުރަތަމަ ކޯވަރާއެކު ޝުހޭލްއަށް އޯކާ ދެމެން ފެށުނެވެ. އޭނާއަށް އެތަނުގައި ހުރީ ފިޔާޒާ ނޫންކަން ވަގުތުން އިނގިއްޖެއެވެ. އެހެންނޫނަމަ ކޮފީތައްޓަށް ހަކުރު އަޅައިގެން ނުގެނައީހެވެ. ފަހަތަށް އެނބުރިލުމާއެކު ޝުހޭލްއަށް ދެއަަތް މުއްކެވިއްޖެއެވެ. ތުރުތުރުއަޅާ ހާލު ހުރި ސަބީހާ އިސްޖަހައިލީ ދަރިފުޅުގެ ދެލޮލުން ފާޅުވަމުންދިޔަ އަލިފާން ބަލަން އޭނާގެ ނަފްސު ޖެހިލުންވީ ވަރުންނެވެ. އަވަސް ނޭވާތަކެއް ލަމުންދިޔަ ޝުހޭލްއަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ނުކުރެވުނެވެ ކޮފީތަށި ނަގާފައި ބާރަކަށް ސަބީހާގެ ފައި ބުޑަށް ޖަހައިފިއެވެ. އިވުނު އަޑުފަށްގަނޑާއެކު ދެކަންފަތުގައި އަތް އެޅުމާއެކު ސަބީހާއަށް ދެތިން ފިޔަވަޅު ފަހަތަށް އެޅިއްޖެއެވެ. އެ އަޑަށް ކޮޓަރީގައި ތިބި ފިޔާޒާ އާ ރުޝްދާ އެކީގައި ނިކުމެގެން ދުވެފައިކަހަލަ ގޮތަކަށް އަތުވެއްޖެއެވެ.

"ކަލޭ ކައިރީގައި ކާކު ބުނީ އަހަރެންނަށް ކޮފީ ހަދައިދޭށޭ" ޝުހޭލްގެ ރުޅިގަނޑުގައި ހުޅުފަޅައިގެން ދިޔައެވެ.

"މަންމާ...!" ބޮޑު ބަނޑާއެކު ރުޝްދާއަށް ދެވުނީ ބިރުންހުރެ ރޮމުންދިޔަ ސަބީހާގެ ކައިރިއަށެވެ. ފިޔާޒާއަށް ދެވުނީ މޭޒު ކައިރީގައި ހުރެ ފުން ނޭވާތަކެއް ލަމުންދިޔަ ޝުހޭލް ކައިރިއަށެވެ.

"ހިނގާ ދާން ކޮޓަރިއަށް" ޝުހޭލްގެ އަތުގައި ހިފާ ދެފަހަރަކު ދަމައިލުމުންވެސް އޭނާގެ ފައި ހުރިތަނުން ގުޑާ ނުލިއެވެ. ނަމަވެސް ތިންވަނަ ފަހަރު އޭނާ ފިޔާޒާ އާ އެކު ކޮޓަރި އާ ދިމާލަށް ހިނގައިގަނެއްޖެއެވެ.

"މަންމާ! ހުއްޓާލާ. މަންމައަށް ކޮއްކޮގެ ގޮތް އިނގޭއިރު ކީއްކުރަން ކައިރިވީ" ގޮނޑީގައި ސަބީހާ ބައިންދަމުން ރުޝްދާ ވާހަކަދެއްކިއެވެ.

"މައިލަގޮނޑިއަށް ކެތްނުވީ. މިދެއަތުން އެއްޗެއް ތައްޔާރުކޮށްފައި ދޭހިތްވީ. މަންމަ ހީކުރީ އެސޮރަށް ކަމުދާނެކަމަށް" ރޮމުން ދިޔަ ސަބީހާ ވާހަކަދެއްކިއެވެ.

"ދެން އަޅާނުލާ. މަންމަ ކެތްކޮށްލާ. ގިނަގިނައިން ނަމާދުކޮށްފަ ދުޢާކުރޭ. ޒިކުރުކުރުން ގިނަކޮށްފަ ހުރިހާ ކަމެއް އެކަލާނގެއަށް ދޫކޮށްލާ. މަންމަ ހީވެސްނުކުރާ ކަހަލަ ގޮތްގޮތަށް ކަންތައްތައް އެކަލާނގެ ރަނގަޅުކޮށްދެއްވާނެ" ސަބީހާގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެދެމުން ރުޝްދާ ވާހަކަދެއްކިއެވެ.

"މަންމަ ކުށްވެރިޔަކީ. ތިދެކުދިންގެ ކައިރިންވެސް މަންމަ މަޢާފަށްއެދުނީމެއްނު. ދަރިފުޅު މާފުކުރިއިރު އެސޮރަށް މަޢާފްނުކުރެވުނީ ކީއްވެ؟" ސަބީހާ ވާހަކަދެއްކިއެވެ.

"ވެދާނެ ކޮއްކޮއަށް އަޅުގަނޑަށް ވުރެ މާބޮޑަށް އަސަރުކޮށްފަ ހުރިކަމަށް. މަންމަ ދެން އެކަންކަމާ ވިސްނާނެކަމެއް ނެތް. އަޅުގަނޑު ވަރަށް މަސައްކަތް އެބަކުރަން ކޮއްކޮއަށް ވިސްނަދެވޭތޯ" ރުޝްދާ ވާހަކަދެއްކިއެވެ.

"މަންމައަށް އިނގޭ ވެދިޔަ އެއްވެސް ކަމެއް މަންމައަށް ބަދަލެއް ނުކުރެވޭނެކަން. އެކަމަކު މާތްﷲ ގަންދީ ހުވާކޮށްފަ މިބުނަނީ ތިދެކުދިންނަށް ވުރެ މުހިންމު އެއްވެސް އެއްޗެއް މިހާރު މަންމައަށް ނެތް. ތިދެކުދިން ނެތް ދުނިޔެއެއް މަންމަ ބޭނުމެއްނޫން" ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ރުޝްދާގެ ނަޞޭޙާތްތަކާއެކުވެސް ސަބީހާއަށް ކަރުނަތަކަށް ނިމުމެއް ނުގެނެވުނެވެ.

"މި މަންމަގެ ލަގޮނޑިއަށް ހާދަ އަސަރެއް ކުރެއޭ. މަންމަ ކުރިމަތީގަ ގޭތެރޭގަ މަސައްކަތްކުރަން ގެންގުޅުނު އަންހެނަކަށް އެސޮރު މަންމަ އެކިޔަނީ. އެހެން ގޮވާލާ އަޑުއިވޭ ކޮންމެފަހަރަކު މަންމަގެ ހިތް ހީވަނީ ހުއްޓިދާނެހެން" ސަބީހާގެ ދެލޮން ފޭބި ކަރުނަތައް ފެނި ރުޝްދާގެ އިހުސާސްތައް ހިފަހައްޓަން އުނދަގުވިއެވެ. އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ. މަންމަގެ ގައިގާ ބައްދައިގަނެވުނީ ހިތަށް ކުރި ފުންއަސަރެއްގެ ބޮޑުކަމުންނެވެ.

***

ސައިފް އާ އެކު މީހަކާ ބައްދަލުކުރަން ކެފޭއަށް ވަދެގެން ދިޔަ އަބާންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ވަގުތުގެ ގޮތުން އޭނާގެ މޫޑު ވަރަށް ރަނގަޅެވެ.

"ވަލީވެރިޔާ އާ ބައްދަލުކޮށްދެންތަ؟" މޭޒު ކައިރީގައި އިށީންނަމުން އަބާން ބުނެލިއެވެ.

"މިވަގުތުގެ ގޮތުން އަހަރެން މިއީ ވަލީވެރިޔަކީ" ސައފް ބުނެލިއެވެ. އަބާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ކައިރީގައި އައިސް ހުއްޓުނު އަންހެންކުއްޖާއަށް އަބާނަށް ބަލައިލެވިއްޖެއެވެ. ހިނިތުންވެފައިވާ އަނާރް ގެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނި އަބާނަށް އެބެލުން ބަދަލުކޮށެއް ނުލެވުނެވެ. އެކަން އިނގި ސައިފަށް ހެވިއްޖެއެވެ.

"ދެކުދިން ވާހަކަދައްކާލާ. އަހަރެން އެބައަންނަން" ތެދުވެގެން ހިނގައިގަތް ސައިފަށް ބަލައިލާފައި އަނެއްކާވެސް އަބާންގެ ނަޒަރު ހުއްޓުނީ ސައިފް ތެދުވި ގޮނޑީގައި އިށިން އަނާރަށެވެ.

(ނުނިމޭ)