ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 08

2

އަށްވަނަ ބައި

ދުވާލުގެ އެއްވެސް ކެއުމެއްގައި ދަރިންނާއެކު ބައިވެރި ނުވެވޭތީ އުމެއިރާ ބޭނުންވީ ހަވީރުގެ ސައެއް ތައްޔާރުކޮށް ދަރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެހެންކަމުން ވަޒީފާއިން އައި ގޮތަށް ނަމާދުކޮށް ނިންމައިގެން އޭނާ ބަދިގެއަށް ވަދެއްޖެއެވެ. ދެ ވައްތަރެއްގެ ކުޅި ހެދިކާއަކާ ފޮޮނި އެއްޗެއް ތައްޔާރުކޮށްލިއެވެ. މަސައްކަތްތަކުގެ ވަކި ހިސާބަކުން އަނާރްވެސް މާމަ އާ ބައިވެރިވިއެވެ.

"ޝެޒްއަށް އާދެވޭނެތަ؟" މޭޒު ކައިރީގައި އިން އަނާރް އަހައިލިއެވެ.

"އަންނާނެހެން ހީވަނީ. މާމަ ގުޅާލިން" މޭޒުމަތި ތައްޔާރުކުރަން ހުރި އުމެއިރާ ބުނެލިއެވެ.

"މިއީ ހާދަ މަދު އެތިކޮޅެކޭ މާމާ. މާމަ އާ ޝެޒް އެކަތި ކާންވާއިރަށް އަހަރެންނަށް މިތަން އެއްކޮށް ހުސްކޮށްލެވޭނެ. މިހާރުވެސް ކުޅުދިޔާވެއްޖެ" ދެ ތުންފަތުގައި ދޫ ހާކައިލަމުން އަނާރް ބުނެލިއެވެ.

"އަރޫއަށް ބަލައިލާފަވެސް އިނގޭ ވިއްޔާ މިތާ މިހުރި ހުރިހާ އެއްޗެއް ހުސްކުރެވިދާނެކަން. ބާރަށް ވައިރޯޅިއެއް ޖެހުނަސް މީހާ ދާނެ ބިމުން ނެއްޓިގެން" ހީލަމުން އުމެއިރާ ބުނެލިއެވެ.

"އެއްކަލާ މާމަ" އަނާރް ތުން ދަމައިލިއެވެ.

ގޭތެރެއަށް ވަދެގެން އައި ޝެޒާ އަތުގައި އޮތް ދަބަސް ސޯފާމައްޗަށް އެއްލާލި ގޮތަށް އައިސް މަޑުޖެހުނީ ކާމޭޒު ކައިރީގައެވެ. ގުޅައެއް ނަގަން ތައްޓާ ދިމާލަށް ގެންދިޔަ އަތް މަތީގައި އުމެއިރާ ޖަހައިލިއެވެ.

"އެންމެ ފުރަތަމަ ނަމާދުކޮށްގެން އާދޭ" އުމެއިރާ ބުނެލިއެވެ.

"އޮފީހުގައި ކުރިން. ވަރަށް ހައިވެފައި މިއިނީ. ހެނދުނު މާމަ ދިން ކޮފީ ތަށި ބުއި ގޮތަށް. އެހެންވެ އެހާ އަވަހަށް މިއައީ ވެސް" ޝެޒާ ވާހަކަދެއްކިއެވެ.

ތިންމައިން މާގިނަ ވާހަކަނުދައްކާ ސައިބޯން ފެށިއެވެ. ޝެޒާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. އެގޮތުން އުމެއިރާއަށް ޝެޒާއަށް ބަލައިލި ވަގުުތު ވެގެންދިޔައީ ޝެޒާވެސް ބަލައިލި ވަގުތެވެ. ވަގަކު ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއަރާ އުސޫލުން ޝެޒާއަށް ތެޅިގަނެވުނެވެ. އުމެއިރާގެ ނިތަށް ދެތިން ރޫ އަރައިގެން ދިޔައެވެ.

"ކޮން ވައްކަމެއް ތިކުރަނީ؟" އުމެއިރާ އަހައިލިއެވެ. އުމެއިރާއަށް ބަލައިލީ އަނާރާއި ޝެޒާ އެއްކޮށެވެ.

"އަސްލު ވާހަކައެއް ބުނަން އުޅުނީ؟" މަޑުމަޑުން ޝެޒާ ބުނެލިއެވެ.

"ކޮބާ ހީވޭ. މާމައަށް އިނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން" އަނާރަށް ބަލައިލަމުން އުމެއިރާ ބުނެލިއެވެ.

"އަހަ...އަހަރެން މާމައާއި އަރޫއާ މީހަކާ ބައްދަލުކޮށްދޭން ބޭނުން" ޝެޒާ ބުނެލިއެވެ. އަނާރުގެ ދެލޯ ވިދައިގަތެވެ. އުމެއިރާގެ ތުންފަތް މަތީގައިވެސް ހިނިތުންވުމެއް ދުވެލައިފިއެވެ.

***

އޮފީހުގައި އިން އަބާންގެ ތުންފަތް މަތީގައިވި އާދަޔާ ޚިލާފު ހިނިތުންވުމަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ނަސީމަށް ހުރެވުނެވެ. އެ ހިނިތުންވުމުގެ މާނަ އެވީ ވަގުތުކޮޅުގައި އެތައް ގޮތަކަށް އޭނާ ނަގައިފިއެވެ. އޭނާގެ ހިތް ބުނެލި އެއްޗަކުން އުފަލުން ދެލޮލުން ކަރުނަ ނީރާލިއެވެ.

ދޮރުހުޅުވުނު އަޑަށް ނަސީމް ބަލައިލިއެވެ. ދޮރުމަތީގައި ހުރި ސައިފަށް ލޮލުން އަބާން ދައްކާލާފައި ހީލަމުން ނަސީމް ހިނގައިގަތެވެ. ސައިފް ގޮސް މޭޒު ކައިރީގައި ހުއްޓުމުންވެސްް އަބާނަށް ހޭވެރިކަމެއް ނުވިއެވެ. ކަޅި ޖަހައިވެސް ނުލައި އޭނާ އިނީ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ. ތުންފަތްމަތީގައި ވަނީ އަދިވެސް އެ ހިނިތުންވުމެވެ.

"އަހަރެންނަށްވެސް ތިބަލާ ބިޓެއް ދައްކަބަލަ" އަބާން ސިހުނީ ސައިފް ވާހަކަދެއްކި އަޑަށެވެ. ސައިފްއަށް ކަޅިއެއް ދެމުން އަވަސް އަވަހަށް ފޯނުގެ ހޯމް ބަޓްންއަށް ފިތާލައިފިއެވެ.

"ސައިފް! ކޮންއިރަކު އައީ؟" ލައިގެން ހުރި ފަޓްލޫމުގެ ޖީބަށް ފޯނު ކޮށްޕައިލަމުން އަބާން ބުނެލިއެވެ.

"އަހަރެން މިތަނުގައި ހުންނަތާ އަހަރެއްވެއްޖެ" ސަމާސާ އެކުލެވޭ ރާގެއްގައި ސައިފް ބުނެލިއެވެ.

"މިގަޑީގައި. ކަމަކުތަ؟ އޮފީހުގައިވެސް ނީނދެވުނީތަ؟" އަބާން އެހިއެވެ.

"ހިނގާބަލަ ބޭރަށް ޖެހިލަން. ސައިކު ގަރާޖަށް ގެންގޮސްފައި މިއައީ. އަމިއްލަ ކަމެއްގައި ތަނަކަށް ޖައްސައިލަން އެބަޖެހޭ" ސައިފް ބުނެލިއެވެ. ހުޅުވާފައި އޮތް ފައިލް ލައްޕާލާފައި އަބާން ސައިފާއެކު ނިކުންނަން ހިނގައިގަތެވެ.

"މިރޭ ކަމެއް އެބައޮތްތަ؟ ސައިކަލު ދުއްވަން އިން އަބާނަށް ސައިފް ބުނެލިއެވެ.

"ނެތް. އަދި ސައިފް ކައިރީގައި ހަމަ ތިހެން އަހަން އުޅުނީ. މިހާރު ނުވޭ ގޭގައި ހުންނަ ހިތެއް" އަބާން ބުނެލިއެވެ.

"ކުރިން އެއްގޮތަކަށްވެސް ގެއިން ނިކުންނަން ބޭނުންނުވާ މީހާ ތިހެން ބުނީމަ ވަރަށް ޖޯކު" ސައިފް ދިމާކޮށްލިއެވެ.

"ސީރިޔަސްކޮށް ބުނެބަލަ. މިރޭ ކޮންކަމެއް އޮތީ؟" އަބާން ބުނެލިއެވެ.

"ކޮފީއަކަށް އަރަންވެގެން. އެބަޖެހޭ އަބީ އާ ކުއްޖަކާ މީޓްކޮށްދެން" ސައިފް ބުނެލިއެވެ.

***

ރެސްޓޯރަންޓަށް ވަދެގެން ދިޔަ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައި ތިއްބެވެ. ހަ މަހުގެ ބަނޑެއް އޮތް އިރުވެސް ރުޝްދާ ލައިގެން ހުރީ ކަކުލަ ހަމައަށް އަންނަވަރުގެ ބަނޑުބޮޑު ހެދުމެކެވެ. ކަކުލުން ތިރި އޮތީ ހާމައަށެވެ. ޝުހޭލްގެ އަތުގައި ހިފަލައިގެން ހުރިއިރު ބަލާ މީހަކަށް ހީވާނީ ދެ ލޯބިވެރިންހެންނެވެ.

"ރޭގައި ބޭރުން ކާން ބުނި މީހާ އޭ ކޮއްކޮ ތިއީ" މޭޒު ކައިރީގައި އިށީންނަމުން ރުޝްދާ ބުނެލިއެވެ.

"ދޮންތަ ބިޒީވީމައެއްނު ނާދެވުނީ" އިށީނދެ ލައިގެން އިން ވައިލެޓް ކުލައިގެ ގަމީހުގެ އަތްކުރި އޮޅައިލަމުން ޝުހޭލް ބުނެލިއެވެ.

"ކޮންއިރަކުން ފުރަނީ؟" ރުޝްދާ އެހިއެވެ.

"ވަރަށް އަވަހަށް. އެކަމު ދިޔުމުގެ ކުރިން ދޮން ވާނެ އެހެން އެޕާޓްމަންޓަކަށް ބަދަލުވާން. އަހަރެން ހުރިހާ ކަމެއް ހަމަޖައްސާފައި ދާނީ" ޝުހޭލް ބުނެލިއެވެ.

"ނޫން. ބޭނުމެއްނޫން. ދޮން އެންމެފަހު ނޭވާވެސް ލާން ބޭނުމީ އެގޭ ތެރޭގައި. އެއީ ޝިމާޒް ދެކެ ދޮން ވާ ލޯތްބަށްޓަކައި. މިދަރިފުޅަށްޓަކައި" ރުޝްދާ ބުނެލިއެވެ.

"އެތަން ބޭނުންވެގެން އެ ތެޅޭ މީހުންނަށް ދީފައި ދޮން ނިކުމެބަލަ. ދޮން ބަލަންޖެހޭ މީހަކީ މިހާރު އަހަރެންނޭ" ޝުހޭލް ހިތްހަމަނުޖެހުނެވެ.

"އެކަމަކު..."

"ޕްލީޒް ދޮންތާ! ދޮންގެ މި ކޮއްކޮއަށްޓަކައި" ޝުހޭލް ރުޝްދާގެ އަތުގައި ހިފައިލިއެވެ.

"އޯކޭ. އެކަމަކު މަންމައަށް ހުރެވެންޏާ ދޮން ހުންނާނީ" ޝުހޭލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ރުޝްދާ ބުނެލިއެވެ. ވަގުތުން ރުޝްދާގެ އަތުން ޝުހޭލް ދޫކޮށްލިއެވެ. ރުޝްދާ އިތުރު އެއްޗެއް ބުނަން އުޅެނިކޮށް އޯޑަރ ދިން ކާއެއްޗެހިތައް އަންނަން ފަށައިފިއެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟ ދޮން ވާހަކައެއް އަހާލަންތަ؟" ބަހެއް ނުބުނެ ދުރު ބަލަހައްޓައިގެން އިން ޝުހޭލަށް ބަލައިލަމުން ރުޝްދާ ބުނެލިއެވެ.

"ރަނގަޅީ އޭނާގެ ވާހަކަ ނުދެއްކިއްޔާ. ދޮންއަށް ރަނގަޅު ގޮތް ވާން އަބަދުވެސް ބޭނުންވަނީ. ބޭނުންވަނީ ވިހައި ގަދަވަންދެން އަހަރެން ކައިރީގައި ބަހައްޓަން. އެކަމަކު ދޮން އެގޮތް ބޭނުންނުވާތީ އަހަރެންގެ އަމިއްލަ ހަރަދުގައި އެޕާޓްމަންޓެއް މި ހިފީ. އެތަނުގައި ދޮން ބޭނުން މީހަކު ބެހެއްޓިދާނެ" ފެންތަށިން ކޯވަރެއް ބޯލަމުން ޝުހޭލް ވާހަކަދެއްކިއެވެ.

"ހެހެހެ.. އެވާހަކައެއް ނޫން ބުނަން އުޅުނީ؟ ކޮއްކޮގެ ބައްޕަ އެހެރީ ހަތްބުރީގެ ބޮޑު ގެެއެއް ކޮއްކޮގެ ނަމަށް ބަދަލުކޮށްދީފައި. މަހަކު އެތަނަށް ލިބޭ ލައްކައަކަށް ގާތްކުރާ އަދަދަށް ރުފިޔާ. އެ ހުރިހާ ފައިސާއެއް ޖަމާވަނީ ކޮއްކޮގެ އެކައުންޓަށް. ކީއްވެ އެތަނުން އެޕާޓްމަންޓަކަށް ދޮންތަ ބަދަލުނުކުރީ. އަތުން ލާރިއެއްވެސް ނުދާނެއްނު" ރުޝްދާ ވާހަކަދެއްކިއެވެ.

"އޭނަ އާ ގުޅުންހުރި އެއްވެސް ތަނަކަށް ދާހިތެއް ނުވޭ. ޕްލީޒް ދޮން! މޫޑްއޮފް ނުކޮށްބަލަ ދެން" ޝުހޭލް ބުނެލިއެވެ.

"އޯކޭ. ސޮރީ... އެކަމަކު އަހަރެމެން ދާއިރު މަންމަމެންނަށް ކާއެއްޗެއް ޕެކްކޮށްގެން ދޯ ދާނީ" ރުޝްދާ ބުނެލިއެވެ. ޝުހޭލް ބޯޖަހައިލިއެވެ.

***

ގޭތެރޭގައި އޮވެ ފޫހިވެގެން އަނާރް ބޭރަށް ނިކުންނަން ނިންމިއެވެ. އެކީގައި ދާން ޝުރޫކަށް ގުޅުމުން އޭނާއަށް ބައިވެރިއެއް ނުވެވުނެވެ. އޭނާގެ މައިންބަފައިން އަންނާތީ އެވަގުތު ބޭރަށް ނުދެވޭނެކަމަށް ބުނުމުން އަނާރް ފޫހިވިއެވެ. އެހެންނަމަވެސް ކޮންމެހެން ގަންނަން ޖެހޭ އެއްޗެހިތަކެއް ހުރުމުން ތައްޔާރުވެލައިގެން ބޭރަށް ނިކުތެވެ.

މަގުގެ އެއްކައިރިން ހިނގާފައި ގޮސް އަނާރް ނިކުތީ މަޖީދީމަގަށެވެ. ފައިވާން ވިއްކާ ފިހާރައެއް ކުރިމަތީގައި ހުއްޓުމަށްފަހު އެ ފިހާރައިގެ ނަން ބަލައިލިއެވެ. ހިނިތުންވެލާފައި ފިހާރައަށް ވަދެގެން ގޮސް އޭނާ ހުއްޓުނީ މަޅިގަނޑު އަޅުވާ ފައިވާންތަކެއް ހުރި ހަރުގަނޑެއް ކައިރީގައެވެ. އޭރު އޭނާގެ ތުންފަތްމަތީގައިވީ ލުއިލުއި ހިނިތުންވުމެކެވެ. ހުސް ކަޅު ހިމެނޭ ފައިވާނެއް ނަގާފައި ވަރަށް ފަރުވާތެރިވެ ބަލައިލިއެވެ. އެއަށްފަހު އަމިއްލަ ހިތާ ވާހަކަތަކެއް ދެއްކުމަށްފަހު އެ ފައިވާނުން ކަމުނުދާ އެއްކަމެއް އޭނާ ފާހަގަކުރިއެވެ. އަލުން ފައިވާން އިންތަނުގައި ބައިންދާފައި އެނބުރިލީ އެހެން ދިމާލަކަށް ދާށެވެ. ނަމަވެސް މޫނުޖެހޭހާ ގާތުގައި ހުރި ޒުވަނާ ފެނުމުން އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އަތްފައި ފިނިވެ ފުންނޭވާތަކެއް ލާން ފެށިއްޖެއެވެ. ދެއަތުން އަޅުވައިގެން ހުރި ދަބަހުގައި ބާރަށް ހިފިއްޖެއެވެ. ލޮނުޒިޔާރަތްކޮޅުން އޭނާއަށް އެދުވަހު ފެނުނީ ޝުހޭލްކަން ޔަގީންވެއްޖެއެވެ. އަވަހަށް ދާން ހިނގައިގަތް ވަގުތު ޝުހޭލްގެ އަޑު އޭނާގެ ކަންފަތުގައި ޖެހިއްޖެއެވެ.

"ފައިނަލީ... ތޭންކް ގޯޑް" ޝުހޭލް ބުނެލިއެވެ.

"ތިކަހަލަ ލުކް ނުދީބަލަ. އަރޫގެ ތި ބެލުން ފެނިފައި އަހަރެން މޮޔަވީ ވެސް" ޝުހޭލް ބުނެލިއެވެ. އެއްވެސް ވާހަކައެއް ދައްކަން އަނާރް ބޭނުމެއްނުވިއެވެ.

"އިނގެއެއްނު. ދަގަށްފާނު ދަގަނޑަށް ދަމާނެކަން. އަރޫ އައިމަ އަހަރެން ކިހިނެއް އެތަނުގައި ހުންނާނީ" ޝުހޭލް ބުނެލިއެވެ.

އިރުކޮޅަކުން އަނާރްގެ ނަޒަރު ހުއްޓުނީ ޝުހޭލް ކައިރީގައި އައިސް ހުއްޓުނު ބަނޑުބޮޑު އަންހެން މީހާއަށެވެ.

"މިއީތަ ޝުހޭލްގެ ފެންވަރަކީ؟ އެކަކުން ނުފުދިގެންތަ އަހަރެންގެ ފަހަތުން ނުނެއްޓެވިގެން ތިއުޅެނީ؟" ޝުހޭލް ކައިރީގައި އައިސް ހުއްޓުނު ރުޝްދާގެ ތުންފަތްމަތީގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. އެއްބަނޑު ކޮއްކޮއާ ގުޅުވައިގެން ނުވެސް ދަންނަ އަންހެނަކު ބުނެލި ޖުމްލަތަކުން އޭނާ ލަދުގަނެ ދެރަވާގޮތް ވެއްޖެއެވެ. ހައިރާންކަމާއެކު ޝުހޭލްގެ މޫނަށް އޭނާއަށް ބަލައިލެވިއްޖެއެވެ.

"ޔެސް. މިއީ އަހަރެންގެ ގާލްފްރެންޑް. އަހަރެންގެ ދޮންތަ" ރުޝްދާގެ އަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ޝުހޭލް ބުނެލިއެވެ. އަނާރަށް ކިޔާނެ ބަހެއް ނޭނގުނެވެ. ޝުހޭލްއާ އެގޮތަށް ވާހަކަދެއްކުނީތީ މައާފަށް އެދެންވެސް ބޭނުމެއް ނުވިއެވެ. އޭނާ ހިނގައިގަތީ ޝުހޭލަށް ދެލޯއަޅާލައިފައެވެ.

"ދޮންތަ ޓެކްސީއެއް ނަގައިގެން ގެއަށް ދޭ އިނގޭ. އަހަރެން ވަރަށް އަވަހަށް ގެއަށް ދާނަން. އަން. މިއޮތީ ކްރެޑިޓް ކާޑް" ޖީބުން ވޮލެޓް ނަގާފައި އޭގެތެރޭގައި އޮތް ކާޑް ރުޝްދާ އަތަށް ދެމުން ޝުހޭލް ހިނގައިގަތެވެ. އޭނާގެ ހަރަކާތްތަކުގައި ވަނީ އަވަސްކަމެވެ. އެހާ ދުވަސްފަހުން ހިތުގެ މަލިކާ ފެނިފައި ގެއްލެން ނޭދޭތީ އޭނާ ފިހާރައިގެ ދޮރާ ދިމާލަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ޝުހޭލް އުޅުނު ގޮތުން އެއީ އާދައިގެ އަންހެނެއް ނޫންކަން އެނގުނެވެ. ބޭރަށް ނިކުތް ޝުހޭލްގެ ހަރަކާތަތްކަށް ބަލަހައްޓައިގެން ފިހާރައިގެ އެތެރޭގައި އޭނާ ހުއްޓެވެ.

***

ޝުހޭލް މަގަށް ނިކުމެފައި ދެފަރާތް ބަލައިލިއިރު ޓެކްސީއަކަށް އަތް ނަގަން ހުރި އަނާރް ލޮލުގައި އަޅައިގަތެވެ. އެ ދިމާލަށް ދާން އޭނާ މިސްރާބު ޖެހިއެވެ. އޭނާ ދުރުދުރުގައި ފިޔަވަޅު އަޅަން ފެށީ އަނާރާ ދާދި ގާތަށް މަޑުކޮށްލި ޓެކްސީ ފެނުމުންނެވެ. އަނާރް އިށިން ތަނާ ޓެކްސީގެ އަނެއް ދޮރުފަތް ހުޅުވަލާފައި ޝުހޭލް އިށީނދެއްޖެއެވެ. ސިހިފައި އަނާރް ބަލައިލުމާއެކު އެއްލޯ މަރާލައިފިއެވެ. ދާންވީ ތަނުގެ ނަން ޝުހޭލް ބުނުމުން އަނާރް ކަންބޮޑުވިއެވެ.

"މިތަނަށް މަޑުކޮށްލާ" އަނާރް ބުނެލިއެވެ. ޝުހޭލް ބުނާ ތަނަށް ފައިބަން އޭނާ ބޭނުން ނުވިއެވެ.

"އެ ދޮގެއް. އަޅުގަނޑު ވައިފް ކުޑަކޮށް ބޮޑާހާކާ ދުވަހެއް" ޑްރައިވަރު ބަލައިލުމުން ޝުހޭލް ބުނެލިއެވެ. އަނާރަށް ޝުހޭލްގެ މޫނަށް ބަލައިލެވިއްޖެއެވެ.

***

ހަވީރުގެ ސަޔަށް އިންސާފު ކުރަމުންދިޔަ ދަރިފުޅަށް ބަލަހައްޓައިގެން އުންމީދާ އިނެވެ. އޭނާ ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭތާ ދެތިން ދުވަސްވެއްޖެއެވެ. އަބާން އަމަލުކޮށްފާނެ ގޮތެއް ނޭނގޭތީ ބުނަން ނުކެރިފައި އިނީއެވެ.

"މަންމަ ހާދަ ވަރަކަށް ތިބަލަނީ؟" އެންމެފަހުން އަބާން ބުނެލިއެވެ. އުންމީދާ ވިސްނައިލިއެވެ. ސީދާ މައުލޫއަށް ދިޔުމުގެ ކުރިން ވާހަކައެއްގެ ތެރެއިން ދައްކަން ބޭނުންވާ ވާހަކަ ބުނުން މާރަނގަޅު ވާނެއެވެ.

"ދަތުރަކު ދާންވީން" އުންމީދާ ބުނެލިއެވެ.

"އެހެން ބުނަންވެގެންތަ ފާޑަކަށް ބަލަން ތި އިންނަނީ؟" އަބާން ބުނެލިއެވެ.

"އާނ. ވިސްނީ އެކަމާ. ކީކޭ އަބީ ބުނަނީ؟" އުންމީދާ ބުނެލިއެވެ.

"ޝުބް ޓެސްޓްތައް ފަށައިގެނެއްނު އެ އުޅެނީ؟" އަބާން ބުނެލިއެވެ.

"ނިމުނީމައޭ ދާނީ. ބައްޕަ ކައިރީގައި ބުނާނަން ކުރިން ދިޔަ ރިސޯޓް ހަމަޖައްސައިދޭށޭ. ފެމެލީ ދާނީ. ޒައިވެސް ކިހާ އުފާވާނެ" އުންމީދާ ވާހަކަދެއްކިއެވެ. ޒައިނާގެ ވާހަކަ ބުނުމުން ވަގުތުން އަބާންގެ ޚިޔާލު ބަދަލުކުރިއެވެ.

"އޯކޭވާނެ. އަޅުގަނޑު ނުދިޔަސް ރަނގަޅުވާނެއްނު" އަބާން ބުނެލިއެވެ. އުންމީދާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.

"ޒައިގެ ވަހަކަ ބުނީމަތަ ޚިޔާލު ބަދަލު ތިކުރީ؟ ކީއްވެތަ ޒައިއާ މެދު އަބީ ހިތްހަމަނުޖެހެނީ؟" އުންމީދާ ބުނެލިއެވެ. ހަގީގީ މައުލޫއަށް ދެވުމުން ހުއްޓައިލަން އޭނާ ބޭނުމެއްނުވިއެވެ.

"ޒައި އެއީ ދުރު ކުއްޖެއް ނޫނޭ. މިހާރު ދަރިފުޅު ސައިފް އާއެކު ތިއުޅޭ ވަރަށް ވުރެ މާ ގާތްކޮށް އޭރު ޒައިއާ އެއްކޮށް އުޅުނީ. ހަނދާނެއް ނެތްތަ؟ މަންމައަށް ވަރަށް ބޮޑަށް ފާހަގަކުރެވިގެން މިވާހަކަ މިދެއްކީ" އުންމީދާ ވާހަކަދެއްކިއެވެ. އެ ވާހަކަތަކަށް ދޭނެ ޖަވާބެއް އަބާނަށް ނޭނގުނެވެ. ސައި ހުސްކުރި ޖޯޑުގައި ދެއަތުން ހިފާލައިގެން އިންއިރު އޭނާ އިނީ އިސްޖަހައިގެންނެވެ.

"ޒައި އަކީ މަންމަގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅު. އަދި މިހާރު އެހުރީ މަންމަގެ ޒިންމާގެ ދަށުގައި. މަންމަގެ ކޮންމެ ކަމަކީ ދަރިފުޅު ބަލަންޖެހޭ ކަންތައްތައް" އުންމީދާ ވާހަކަދެއްކިއެވެ.

"މަންމަ ކައިރީގައި ޒައި އެއްވެސް ވާހަކައެއް ނުދައްކާ. އެކަމަކު އިނގޭ އެ މަންޖެ އެކަންތަކާ ވަރަށް ވިސްނާކަން" އުންމީދާ ބުނެލިއެވެ. އަބާން އިސްއުފުލައި އުންމީދާއަށް ބަލައިލިއެވެ. ހިނިތުންވެލި ގޮތުން ހީވީ ދޭނެ ޖަވާބެއް ވިސްނިގެން ބަލައިލި ހެންނެވެ.

"މަންމައަށް ތި ހީވަނީ އަދި އެންމެ ރަނގަޅަކަށް ނޫން. ނޭނގެއެއްނު ޒައިގެ ދިރިއުޅުމުގައި ޙާއްސަ މީހަކު ހުރިކަމެއްވެސް ނޫނީ ނެތްކަމެއްވެސް. އަސްލު އެހެން ހިތަށް އަރާފައި ދުރުވެވެނީ" އަބާން ވާހަކައެއް ހަދައިލިއެވެ. ހަގީގީ ސަބަބު ހާމަކުރަން އޭނާ ފަސްޖެހުނީއެވެ.

"ތިހެންވިއްޔާ މަންމަގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތް. މީގެ ފަހުން އަބީ ޖެހޭނެ ކޮންމެ ވަގުތެއްގައި ޒައި ކޮލެޖަށް ގެންގޮސް ގެނެސްދީ ހަދަން. މަންމަ ބޭނުމެއް ނޫން އެއްވެސް ކަމެއްގައި އެ މަންޖެއާ މެދު ފަރުވާކުޑަ ކުރާކަށް. އަހަރެމެންގެ ފަރާތުން އަންހެން ކުއްޖަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެ މަންޖެއަށް އުނިކުރާކަށް މަންމަ ބޭނުމެއް ނޫން" އުންމީދާ ވާހަކަދެއްކިއެވެ. އަބާން ބޯޖަހައިލީ ހިތާ ދެކޮޅަށެވެ.

***

ޝުހޭލް ބުނި ތަނަށް ޓެކްސީ ހުއްޓާލުމާއެކު އަވަސް އަވަހަށް އަނާރް ފައިބައިފިއެވެ. ޑްރައިވަރަށް ފައިސާ ދީފައި ފޭބި ޝުހޭލްއަށް އަނާރްގެ ކުރިމައްޗަށް އެރުނީ ކިރިޔާއެވެ. އަނާރް ހިނގައިގަތުމާއެކު ޝުހޭލް ހިފެހެއްޓީ އަނާރްގެ އަތުގައެވެ.

"ކޮން ސަމާސާއެއްތަ ތިކުރަނީ؟. މިއީ މަގުމައްޗޭ" އަތް ފޮޅުވައިލަމުން އަނާރަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ސޮރީ. އަހަރެން ބުނާ އެންމެ ވާހަކައެއް އަހާލަން މަޑުކޮށްލަދީ" އަސަރާއެކު ޝުހޭލް ބުނެލިއެވެ. އަނާރް އެއްބަސްވިއެވެ. ޝުހޭލްގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކުރާނެކަމެއް ނުކޮށް ދޫކޮށްލާ މީހުންގެ ތެރޭގައި ޝުހޭލް ނުހިމެނޭކަން އޭނާއަށް އެނގެއެވެ. އެތަން އޭނާ ހުރީ އަނާރަށް ދައްކައިވެސް ފައެވެ. މިވަގުތު ޝުހޭލް ބުނި ގޮތަށް ކަންތައް ނުކޮށްދެނީސް އޭނާގެ އަތްދަށުން ސަލާމަތްނުވާނެކަން އާނަރަށް އެނގެއެވެ.

***

ސޯފާގައި އިން ފިޔާޒާއަށް ޙައިރާންކަމެއް ލިބުނީ ގޭތެރެއަށް ވަދެގެން އައި ޝުހޭލް ކައިރީގައި އަންހެނަކު ހުރިތަން ފެނުމުންނެވެ. ބަދިގެއިން ނިކުމެގެން އައި ސަބީހާއަށް ވެސް ޙައިރާންކަމެއް ލިބި ބަލަހައްޓައިގެން ހުރެވުނެވެ. ގެއިން ގޮވައިގެންދިޔަ މީހާގެ ބަދަލުގައި އެހެން ކުއްޖަކު ގޮވައިގެން އައުމުން އެއްޗެއް އަހާލަންވެސް އޭނާއަށް ނުކެރުނެވެ. ކޮޓަރިއަށް ދެކުދިން ވަދެ ދޮރުލެއްޕިގެން ދިޔުމާއެކު ސަބީހާއާއި ފިޔާޒާ އެކަކު އަނެކަކަށް ނަޒަރެއް ބަދަލުކޮށްލިއެވެ.

***

ކޮޓަރިއަށް ވަންގޮތަށް އަނާރް ޝުހޭލްއަށް ބަލަހައްޓައިގެން ހުއްޓެވެ. ޝުހޭލް ދެއްކި ގޮނޑީގައި އިށީންނަން ވެސް ބޭނުންނުވިއެވެ.

"ބުނަން ބޭނުންވާ އެއްޗެއް ބުނޭ. އަހަރެންނަށް މަޑުކުރެވޭކަށް ނެތް. މާމަ ގެއަށް ދިޔުމުގެ ކުރިން އަހަރެން ގެއަށް ދާން ބޭނުން" އަނާރް ވާހަކަދެއްކިއެވެ.

"އަހަރެން ހިތް ފުރެންދެން ބަލައިލާފައި އިތުރުކަމެއް ކުރެވޭނީ" ޝުހޭލް ބުނެލިއެވެ. ވަގުތުން ކޮޓަރިން ނިކުންނަން އަނާރް ހިނގައިގަތެވެ. އަބާން ދުވެފައި ގޮސް ހުއްޓުނީ ދޮރުމަތީގައެވެ. ފަހަތަށް އަތް ގެންގޮސް ތަޅުލާފައި ތަޅުދަނޑި ނަގާ ލައިގެން ހުރި ޖީންސްގެ ފަހަތު ޖީބަށް ލިއެވެ.

"ކީއްވެތަ އަހަރެން ދެކެ ތިހާ ބިރުގަންނަނީ؟ ކީއްވެތަ އަހަރެންނަށް ފިލައިގެން އައީ؟ މިކޮޅަށް އައިގޮތަށް ނަންބަރު ބަދަލުކުރީ ކީއްވެ؟ ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ؟" އަނާރާ ގާތަށް ލަސްލަހުން ފިޔަވަޅު އަޅަމުން ޝުހޭލް ވާހަކަދެއްކިއެވެ.

"ޓެލްމީ ވަޓް އައި ޑިޑް ރޯންގް؟ އަހަރެން ކުރި ކަމެއް ކުރީ އަރޫއަށްޓަކައި. ވަރަށް ބޮޑަށް ލޯބިވާތީ" ޝުހޭލް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ރިހުމެއްވިއެވެ. ދެލޮލުން ފާޅުވަމުންދަނީ ހިތްދަތިކަމެވެ.

"އެއީ އަހަރެން ބޭނުންނުވާތީ. އަހަރެން ރައްޓެހިވީ ވެސް ލޯބިވެވިގެނެއް ނޫން. އެކުގައި އުޅުނީމަ ލޯބި ވެވިދާނެކަމަށް. އެވީ ދުވަސްކޮޅުގައި އަހަރެންނަށް ކަލޭގެ ފަރާތުން އެނގުނީ އަނިޔާއަކީ ކޮބައިކަން. އަނިޔާވެރި ވާހަކަދައްކަން. ރުޅިގަދަކަމާއި ބޯހަރުކަން. އަހަރެން ފިލައިގެން އައީ ކަލޭ ދެކެ ބިރުން. މާދަމާ އަހަރެންނަށް ކޮށްލާނެ ވަރު ކިހިނެއް އެނގޭނީ. މިހާރުވެސް ރޯމަން ދުނިޔޭގައި އޮތްކަމެއް ނޭނގޭ. އެފަކީރަށް ކޮށްލިވަރު.... ހުނ... އެހެންނޫނަސް މިހާރު އަހަރެން ބޭނުމެއް ނޫން ކަލެއާ އެކު އެއްވެސް ގުޅުމެއް ބާއްވަން. އަހަރެން ހިތް އެދޭ ކަހަލަ ޒުވާނެއް އަހަރެންނަށް ފެނިއްޖެ" އަނާރް ވާހަކަދެއްކިއެވެ. އޭނާގެ ދުލުން ބޭރުވެގެންދިޔަ ކޮންމެ ޖުމްލައަކާއެކު ޝުހޭލްގެ ހިތް ތޮރުފަމުން ދިޔައެވެ. އެއްވެސް ކުށަކާނުލައި އަންހެނެއްގެ ދުލުން ބޭރުކުރަމުންދިޔަ ވިހަގަދަ ކޮންމެ ލަފްޒަކާއެކު އޭނާގެ ހިތަށް އަނިޔާދެމުން ދިޔައެވެ. ފިރިހެނަކަށް ވިޔަސް އެ ހިތްދަތިކަން އޭނާއަށް އެވަގުތުކޮޅު ބަރުދާސްތު ނުކުރެވުނެވެ. ހިތް ފޫއަޅުވާލާފައި ކަރުނަތައް އޮހިގަނެއްޖެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟