ހަތްވަނަ ބައި
ހެނދުނު ހޭލައިގެން ޒައިނާ ބަދިގެއަށް ވަންއިރު މަސައްކަތްކުރާ މީހާއާއި އުންމީދާ ބަދިގޭގައި އުޅުނެވެ. ޒައިނާ ފެނުމާއެކު އުންމީދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ގުޑްމޯނިންގް" އުންމީދާ ބުނެލިއެވެ. ބަދަލުގައި ޒައިނާވެސް ހީލަމުން ހެނދުނުގެ ސަލާމް ކޮށްލިއެވެ.
"ކޮފީއެއް ކަހަލަ އެއްޗެއް ބޯންވީނުން. އުންމިއްތަ މިއަދު ހެނދުނު ޑިޔުޓީ އިނީ. އެހެންވެ އެއްޗެއް ތައްޔާރުކޮށްލާނެ ވަގުތެއްނެތް. ޕާން ގަނެފަ ހުންނާނީ. ޖޭމާ ބަޓަރ ހުންނާނެ. ބޭނުމިއްޔާ ބިސްގަނޑު އެޅިޔަސް މައްސަލައެއްނެތް" އަވަސް އަރުވާލާފައި ހުރި އުންމީދާ ވާހަކަދެއްކިއެވެ. ހީލާފައި ޒައިނާ ގޮސް މޭޒު ކައިރީގައި އިށީނެވެ.
"ނިކަން ތި ސައިތަށި ހަދާލަބަ. ޝުބް އަންނާނެ މިހާރު ތައްޔާރުވެގެން. އުންމިއްތައަށް ތަންކޮޅެއް ފަސޭހަވާނެ. ނަސީމްބެއަށް ނާދެވޭނެތީ މިއަދު ޝުބާ ސްކޫލަށް ލާފަ ދެވޭނީވެސް. އަބީވެސް ކުޑަކޮށް ބަލިކޮށް އުޅެނީ" އެއްނޭވައިން ހުރިހާ ވާހަކަތަކެއް އުންމީދާ ދައްކައިލިއެވެ. ޒައިނާ ތެދުވެގެން ގޮސް އުންމީދާ އެދުނު ފަދައިން ކަންތައް ކޮށްދިނެވެ.
"އުންމިއްތަ ދަނީ އިނގޭ. ނިޝާނާ ކައިރީގަ ބުނާތި ރަނގަޅަށް ސައިބޮއެގެން ހުންނައްޗޭ. މިއަދު އެބައިން ދޯ އެޕޮއިންޓްމަންޓްވެސް" އުންމީދާ ވާހަކަދެއްކިއެވެ. ޒައިނާ ބޯޖަހައިލިއެވެ.
"ޝުބްގެ ކޮޓަރިއަށް ކިރުތަށި ގެންދަންވީތަ؟" ނިކުމެނިކުމެ ހުރި އުންމީދާއަށް ޒައިނާ ބުނެލިއެވެ.
"އުނހު. ޝުބް މިހާރު އަންނާނެ ތިރިއަށް" އުންމީދާ ބުނެލިއެވެ.
އުންމީދާ ދިޔަތާ މާގިނައިރު ނުވަނީސް ޝުބާ އައިސް ވަދެއްޖެއެވެ. އޭނާ ހުރީ ވިލާކޮލެޖްގެ ޔުނީފޯމްގައެވެ. މޭޒުކައިރީގައި ކަޅުސައި ތައްޓަކާއި ނިއުޓްރޯ ދެ ބޮނޑި ބިސްކޯދު ހިފައިގެން ޒައިނާ ފެނުމުން ހީލައިފިއެވެ.
"އުންމިއްތަ ހުރީ ވަރަށް ލަސްވެފަ. ބުނީ އަވަސްކުރައްޗޭ" ޝުބާ އައިސް އިށީނުމުން ޒައިނާ ބުނެލިއެވެ.
"އަނެއް ކަންތައް. މަންމަ ކައިރީގަ ދޮންބެ ބުނި މިއަދު ހެނދުނުގެ ސަޔަށް ބޭކެޑްބީންސް ހަދައިދޭށޭ. އެކަމަކު މަންމަ ބިޒީވީމަ ނުވީ ދޯ. ހުންނާނެ މިއަދު ކަންތައް. ބުނާނެ ދޮންބެ ބުނާ އެއްޗެއް ހަދަންވީމަ މަންމައަށް ވަގުތެއް ނުވާނޭ. ގޭގަ މަސައްކަތްކުރަން ގެންގުޅޭ މީހާ ތައްޔާރުކުރާ ކާއެއްޗެހި ދޮންބެއަށް ކަމުނުދާނެ" ކިރުތަށި ބޯންއިން ޝުބާ ވާހަކަދައްކަމުން ދިޔައެވެ.
"ކޮބާ ދަރިފުޅާ އާދޭ އަވަހަށް" އިތުރު އެއްޗެއް ނުބުނެވެނީސް ގޭތެރެއިން އުންމީދާ ގޮވާލި އަޑު އިވުނެވެ.
***
ވެހެމުންދާ ވާރެއަށް ނަޒަރު ހުއްޓާލައިގެން ކުޑަދޮރު ކައިރީގައި ހުރި ފިރިހެންކުއްޖާގެ ކޮނޑުގައި ހިފައިލުމާއެކު އެނބުރި ބަލައިލިއެވެ.
"ކޮފީ" ފިޔާޒާ ދިއްކޮށްލި ކޮފީތަށީގައި ހިފާފައި އަނެއްކާވެސް ޝުހޭލްގެ ނަޒަރު ވާރޭ ތެރެއަށް ހުއްޓާލައިފިއެވެ.
"ކޯޗެއް މެންދުރުކާން ތައްޔާރުކުރަންވީ؟" ކުރިން ޝުހޭލް ބަހެއް ނުބުނާނެކަން އިނގޭތީ ފިޔާޒާ ވާހަކަދެއްކިއެވެ.
"މަންމަ ބޭނުން އެއްޗެއް" ޝުހޭލް ބުނެލިއެވެ.
"އެކޮޅަށް ފުރާނީ ކޮންއިރަކުން؟" ފިޔާޒާ ވާހަކަދެއްކިއެވެ. ހަށީފުރާ ނޭވައެއްލާފައި ޝުހޭލް ހިނގައިގަތެވެ. ކޮޓަރި ތެރޭގައި ހުރި ސޯފާގޮނޑީގައި އިށީނދެފައި ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ.
"ނޭނގެ" ޝުހޭލްގެ ޖަވާބު ކުރެވެ. ދަރިފުޅުގެ މޫނަށް ބަލަން އިނދެފައި ފިޔާޒާ ދެފަރާތަށް މޫނު ތަޅުވާލިއެވެ.
"މަންމަ މިދަނީ ދޮންތަގެ ކޮޓަރިއަށް. މި މަހުގެ ކުލިވެސް ދޮންތައަށް އަދި ނުދީ މިއުޅެނީ؟" ފިޔާޒާ ހިނގައިގަތެވެ. ކޮޓަރިތެރޭގައި އެކަނިވުމާއެކު ޝުހޭލް ކޮފީތަށި ބަހައްޓާފައި ތެދުވެލިއެވެ. ހިނގާފައި ގޮސް ހުއްޓުނީ ކޮޓަރި ތެރޭގައި ހުރި އަލަމާރި ކައިރީގައެވެ. ވަތްގަނޑު ހުޅުވާލާފައި ނެގި ފޮޓޯ ފްރޭމް ހިފައިގެން ގޮސް އެނދުގައި އިށީނދެފައި ބަލައިލިއެވެ.
"އަރޫ! ދެޓްސް ނޮޓް ފެއަރ" ޝުހޭލް ބުނެލިއެވެ. އޭނާގެ ދެލޮލުން ކަރުނައެއް ވެއްޓިގެން އައެވެ.
***
މުޅިން އާ ދުވަހެކެވެ. ރޭގައި ވެހުނު ވާރޭ ވަނީ ހުއްޓާލާފައެވެ. ފަޒާގައި ހިފާލާފައިވަނީ ތެތްފިނި ކަމެކެވެ. އާދައިގެ ވަރަކަށް ވައިޖެހެމުން ދިޔައެވެ. ގަޑިން ހެނދުނު ދިހައެއް ޖެހިއިރު ޝުރޫކް ހުރީ އަނާރުގެ އެޕާޓްމަންޓްގައެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔަ އަނާރަށް ބަލަހައްޓައިގެން ޝުރޫކް އިނީ އެނދުގައެވެ.
"އެޑްރެސް ލިބިއްޖެތަ؟" އަނާރް އަހައިލިއެވެ.
"އެބައިން އެޑްރެސް. ސައިކުގަ ދާނީ. ދޮންބެގެ ސައިކް އެބައިން" ޝުރޫކް ބުނެލިއެެވެ.
"ސައި ބޮއެގެންތަ ތިއައީ" އަނާރް އަހައިލިއެވެ.
"ކޮންމެސް ގޮތެއް ހަދައިލިން" ޝުރޫކް ބުނެލިއެވެ.
"ދަމުނަމާދަށް ހޭލިގޮތަށް މާމަ ނުނިދާނެ. ވަޒީފާއަށް ދިޔައީ ސައިހަދާފަ. ކުޑަކޮށް ސައިބޮއެގެން ދޯ ދާނީ. އެހެންނޫނީ މާމަ ދެރަވާނެ" އަނާރް ބުނެލިއެވެ.
"ތައްޔާރުވެގެން ދަބަސް ހިފައިގެން ދެކުދިން ނިކުމެ ކާބަޔާއި ދިމާލަށް ހިނގައިގަތެވެ.
***
ދޮރުގައި މީހަކު ޓަކިޖަހައިލި އަޑަށް ފައިލަށް ބަލަހައްޓައިގެން އިން އަބާން ބަލައިލިއެވެ. ދޮރުމަތީގައި ހީލައިގެން ހުރި ނަސީމް ފެނުމުން އަބާން ހީލިއެވެ.
"ބުނީމެއްނު ކްލައިންޓެއް އަންނަ ވާހަކަ" ނަސީމް ބުނެލިއެވެ.
"އާނ. ދިހައެއްޖަހާއިރަށް ގަޑި ދިނީ" އަބާން ބުނެލިއެވެ.
"ބައްޕަގެ އެހީއެއް ބޭނުންތަ؟" އެތެރެއަށް ވަންނަމުން ނަސީމް ބުނެލިއެވެ.
"ނޫނޭ. ރަނގަޅުވާނެ" އަބާން ބުނެލިއެވެ.
"ބައްޕަ ރައްޓެއްސަކާ ބައްދަލުކޮށްލަން ބޭރަށް މިނިކުމެލަނީ. ކަމެއް ބޭނުމިއްޔާ ގުޅާލާ އިނގޭ" އަބާންގެ ކޮނޑުގައި ޖަހާލާފައި ނަސީމް ހިނގައިގަތުމުން އަނެއްކާވެސް އޭނާގެ ނަޒަރު އަތުގައި އޮތް ފައިލަށް ހުއްޓައިލިއެވެ.
ވިހިމިނެޓް ފަހެވެ. މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން އަބާންގެ ސަމާލުކަން ފޯނަށް ހުއްޓުނެވެ. އަތުގައި އޮތް ފައިލް ލައްޕާލުމަށްފަހު ފޯނު ނަގާފައި ކަންފަތުގައި ޖަހައިލިއެވެ. އިރުކޮޅަކުން ފޯނު ހިފައިގެން ހިނގައިގަތެވެ. ބައްދަލުކުރާ ކޮޓަރިއަށް އަބާން ވަންއިރު މޭޒުކައިރީގައި ހުރި ގޮނޑީގައި ފުރަގަހަށް ތިބި ދެ އަންހެކުދިން ފެނުމާއެކު އަބާނަށް އުނދަގުގޮތެއް ވިއެވެ. ދެކުދިން ކުރިިމައްޗަށް އަރަން އޭނާއަށް އުނދަގުވިޔަސް މަޑުމަޑުން ދޮރުލައްޕާލާފައި ހިނގައިގަތެވެ.
އަނާރަށް އަބާން ފެނުނީ ކުރިމަތީގައި ހުރި ގޮނޑީގައި އިށިން ވަގުތުގައެވެ. ވަގުތުން އޭނާއަށް ގޮނޑީގައި ހަށިގަނޑު ސީދާކޮށްލެވިއްޖެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދެ އަންހެންކުދިންނާ އަބާން ސުވާލުކުރީ އެދެކުދިންނަށް ބަލައިލުމެއް ނެތިއެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހެދި އަނާރަށް ބަލައިލެވިއްޖެއެވެ. އަނާރްގެ ހިނިތުންވެފައިވާ ތުންފަތާއި އުޖާލާވެފައިވާ ދޮންމޫނު ފެނުމުން އެބެލުން ހިނދުކޮޅަކަށް ދިގުދެމިގެން ދިޔައެވެ. އެކަން ޝުރޫކަށްވެސް ފާހަގަވިއެވެ.
"ތިކަހަލަ މައްސަލަތަކަށް ވާކާލާތު ކޮށެއް ނޫޅެން" ޝުރޫކްގެ ބޭނުން ކިޔައިދީ ނިމުމާއެކު އަތުގައި އޮތް ގަލަމަށް ބަލަހައްޓައިގެން އިނދެ އަބާން ބުނެލިއެވެ. ޝުރޫކްގެ ނިތަށް ރޫއަރައިގެން ދިޔައެވެ.
"އެފަރާތުން ވަނީ ވަރަށް ބޮޑު އަގެއް ކިޔާފައި" ޝުރޫކް ބުނެލިއެވެ.
"ސޮރީ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ އަޅުގަނޑު އެއްވެސް އިރެއްގައި ވާކާލާތު ކުރާ މައްސަލަތަކެއް ނޫން. އެކްސްކިއުޒްމީ..." އަބާން ތެދުވެގެން ހިނގައިގަތެވެ.
"ނަންބަރުވެސް ލިބުނީ. ގުޅާލާނަން އިނގޭ" ނިކުމެ ނިކުމެ ހުރި އަބާންގެ ކަންފަތުގައި އަނާރްގެ އަޑު ޖެހުމާއެކު ފިޔަވަޅުތަކަށް ލަސްކަމެއް އަތުވެއްޖެއެވެ. ފަސްއެނބުރި ބަލައިނުލާ އަބާން ނިކުތުމުން އަނާރަށް ހެވިއްޖެއެވެ.
"ކޮންކަހަލަ މީހެއް. އޯކޭތާ ރީތިކޮށް އެކަހަލަ މައްސަލަތަކަށް ވަކީލުކަން ނުކޮށްދެމޭ ބުންޏަސް. އެހާ ރޫޑުވާން ޖެހޭތަ؟" އަނގަ ހަދައިލަމުން ޝުރޫކް ބުނެލިއެވެ. ދެކުދިން އެކުގައި ނިކުންނަން ހިނގައިގަތެވެ.
"އޭނަ ރޫޑުތަ؟ އެބުނީނު ރީތިކޮށް" އަބާން ދިފާއުކުރަމުން އަނާރް ބުނެލިއެވެ.
"މައްސަލައެއްނެތްތާ. ދޮންބެއަކަށް ނުބުނެވޭނެއްނު އަހަރެން ޓްރައިއެއް ނުކުރެއޭ" ޝުރޫކް ބުނެލިއެވެ.
***
އެދިޔަ ބާރުމިނުގައި އަބާން ގޮސް އެރީ ލިފްޓަށެވެ. އޭނާ މަޑުޖެހުނީ އެޕާޓްމަންޓާއި ހަމައަށް އާދެވުމުންނެވެ. ކާޑުޖަހާލާފައި ވަދެގެން ދިޔައިރު ސޯފާގައި އިން ޒައިނާ އޭނާއަށް ނުފެންނަ ކަހަލައެވެ. އެހެންޏާ ގެއަށް ނާންނަ ވަގުތެއްގައި އަބާން ފެނުމުން ޒައިނާއަށް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވިއްޖެއެވެ.
އެނދުކައިރީގައި ދެކޮޅަށް ހިނގަހިނގާ ހުރި އަބާން ކަމެއް ހަނދާނުން ފޮހެލަން މަސައްކަތްކުރާ ކަހަލަ ގޮތަކަށް މޫނު ދެފަރާތަށް ތަޅުވާލިއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ބަލައިލީ އެހާ އަވަހަށެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް އަނާރް ގުޅާފާނެކަމަށް އިންތިޒާރުކުރެވެން ފަށައިފިއެވެ. އިރުކޮޅަކުން ފެނުނީ އެނދުމައްޗަށް ފޯނު އެއްލާލިތަނެވެ. ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނީ އެނދުގައި އިށިން ވަގުތުގައެވެ.
"ކާކު؟" ތަންކޮޅެއް ބާރަށް އަހައިލެވިއްޖެއެވެ.
"އަހަރެން. ޒައި" ދޮރުން ބޭރުގައި ހުރި ޒައިނާ ބުނެލިއެވެ.
"ކީއްކުރަން" އަބާންގެ ގޮތް ރަނގަޅަށް އިނގޭތީ އޭނާ އެގޮތަށް ވާހަކަދެއްކުމުން މިފަހަރު ޒައިނާގެ ހިތަށް މާބޮޑު އެއްޗެއް ނޭރިއެވެ.
"އެއްޗެއް ދޭންވެގެން. ހުޅުވަބަލަ އަބީ" ޒައިނާ ބުނެލިއެވެ. އަބާން ދޮރުހުޅުވީ ޒައިނާ އެތަނުގައި މަޑުކޮށްގެން ހުންނަތާ އިރުތަކެއް ފަހުންނެވެ.
"ކޮފީ" އަބާނަށް ކޮފީތަށި ދިއްކޮށްލަމުން ޒައިނާ ބުނެލިއެވެ. ހިފަން ނުހިފަން އުޅޭ ކަހަލަ ގޮތަކަށް އަބާން ކޮފީތަށީގައި ހިފިއެވެ. ދޮރުލައްޕަން އުޅެނިކޮށް ޒައިނާ ދޮރުފަތުގައި ހިފަހައްޓައިފިއެވެ.
"އަހަރެންދެކެ ހާދަ ބިރުން ތިއުޅެނީ. ނޫޅެމޭ ކަމެއްކުރާކަށް" ޒައިނާ ބުނެލިއެވެ.
"ނޫން. ކަމަކުތަ؟" ނޫން ގޮތަކަށް އަބާން ބުނެލިއެވެ.
"މެންދުރުކާން ގެއަށް އަންނާނަންތަ؟ އެއްޗެއް ތައްޔާރުކޮށްލަންވެގެން. ކައްކާ މީހާ ބަލިވެގެން ގެއަށް ހިނގައްޖެ" ޒައިނާ ބުނެލިއެވެ.
"ނޫން. އަހަރެން ސައިފާއެކު ބޭރަށް ދާނީ ކާން. ޝުބް އާއި މަންމަ އަންނަންވާއިރަށް އެއްޗެއް ރެޑީކޮށްލީމަ އޯކޭވާނެ" އަވަސް އަވަހަށް އަބާން ބުނެލިއެވެ.
"ދަނީތަ؟" ކޮޓަރި ދޮރުލައްޕާލާފައި އަބާން ހިނގައިގަތުމުން ޒައިނާ ބުނެލިއެވެ.
"އާނ. އެއްޗެއް ހޯދަން އައީ" އަބާން ބުނެލިއެވެ.
***
އުންމީދާ ފާހާނާއިން ނިކުތްއިރު ނަސީމް އެނދުގައި އޮތުމުން ޙައިރާންކަމެއް ލިބުނެވެ. އޭނާ ފާހާނާއަށް ވަންއިރު މުހިންމު ލިޔުންތަކެއް ޗެކްކުރަން އިން މީހަކު ވިސްނުމެއްގައި އޮތްތަން ފެނުމުން ހިތުގައި ސުވާލު އުފެދުނެވެ. އޭނާ އައިސް ނަސީމްގެ މަގަތުން އިށީނެވެ. އަތުގައި އޮތް ތުވާލި ހަރުގައި އަޅުވާލަންވެސް އޭނާ ހަނދާނެއްނެތެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ފިރިމީހާ ވިސްނަމުންދާ ކަންތައްތައް ހޯދުމުގެ ޝައުގުވެރިކަން ބޮޑެވެ.
"ކަމެއްވީތަ؟" އުންމީދާ އަހައިލިއެވެ.
"މިއަދު އަނެއްކާ އޭނަގެ ފޯނުކޯލެއް އައިއްސި" ނިތްމަތިން އަތް ނަގާފައި އަނބިމީހާ އާ ދިމާލަށް އެނބުރިލަމުން ނަސީމް ބުނެލިއެވެ.
"ކާކު؟ ސައީދުތަ؟" އުންމީދާ އެހިއެވެ.
"އާނ. ދެން ކާކު؟" ނަސީމް ބުނެލިއެވެ.
"އަނެއްކާވެސް ފައިސާއަށްތަ ކިއީ" އުންމީދާ އެހިއެވެ.
"އާނ. މިދިޔަ ހަފްތާގަވެސް ބަރާބަރު ސަތާރަ ހާހަށް ވުރެ ގިނަ ރުފިޔާ އަހަރެން އޭނައަށް ދީފިން" އަސަރާއެކު ނަސީމް ބުނެލިއެވެ.
"އަހަރެން ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް. ނަސީމަކީ ލާރި އަޅާ ގަހެއްނޫން. ސައީދަކީވެސް ބޮޮޑު ފިރިހެނެއް. ހަށިގަނޑުގަ ވަރުހުރި ޖާނުން ބޮޑުމީހެއް. ދިރިއުޅުމަށްޓަކައި އޭނައަށްވެސް މަސައްކަތްކުރެވޭނެ. ދެއަތުން ކުރެ ބަރު އަތެއް ބަލަން އެހެން ހުރި މީހަކަށް ނަސީމް އެހީވާކަށް ނުޖެހޭނެ. ދަށަށް ޖަހައިގެން ގަޔަށް ސެންޓް ބުރުވައިގެން އަންހެނުން ހޯދަން އުޅުނަކަސް ނުވާނެ" އުންމީދާގެ އަޑުގައިވީ ނުރުހުމެވެ. ނަސީމް އެއްޗެއް ނުބުނެއެވެ. އަނބިމީހާގެ ވާހަކަތަކާ އޭނާ ދެކޮޅެއްނޫނެވެ. ސައީދަށް ވިސްނައިދީދީ އޭނާ ވަރުބަލިވެއްޖެއެވެ. އޭނާ ސައީދަށް ހަރަދުކުރުން ހުއްޓާލަންވެސް މަސައްކަތްކުރިއެވެ. ނަމަވެސް މަރު ތަންމަތީގައި ބައްޕަ ދެއްކި ވާހަކަތައް އެކަމަށް ހުރަސް އަޅަނީއެވެ.
"އަހަރެންނަށް އިނގޭ އަހަރެން މިވާހަކަތައް ދެއްކީމަ ނަސީމް ހިތްހަމަނުޖެހޭނެކަން. އެކަމަކު ވިސްނާލަބަލަ. އޭނަ އެ އުޅެނީ އުޅުމެއްތަ؟" އުންމީދާ ވާހަކަދެއްކިއެވެ.
"އަހަރެން އުންމުގެ ވާހަކަތަކާ ދެކޮޅޭ ނުބުނަމެއްނު" ނަސީމް ބުނެލިއެވެ.
"އެހެންޏަ މިހެން ބުނާނެއްނު. ބައްޕަމެންނާ ދެކޮޅަށް ކައިވެނިކުރީ. އޭނަގެ ދަރިއެއް އުފަންކުރަން އުޅުމުގެ ތެރޭގަ އަނބިމީހާ މިދުނިޔެއިން ނިމިގެން ދިޔައީ. ދަރިފުޅު އެއްލާލާފަ ރައްކާވިގޮތަށް އުޅުނުތަނެއް އިނގެނީއެއްނޫން. މިހާރު އައިސް ނަސީމް ކައިރީގަ ލާރިއަށް ކިޔަންވީ ކީއްވެ؟ މިހުރިހާ ދުވަހު އޭނަ އުޅުނުތަނެއް އޮންނާނެއްނު" އުންމީދާ ވާހަކަދެއްކިއެވެ.
"އުންމި ދެން ރުޅިމަޑުކުރޭ. އަހަރެން ކޮންމެސްގޮތެއް ހަދާނަން" އުންމީދާގެ އަތުގައި ފިރުމައިލަމުން ނަސީމް ބުނެލިއެވެ.
***
ސައިމޭޒުދޮށުގައި އިން ޝުހޭލްގެ އިސްތަށިގަނޑުގައި މީހަކު ފިރުމައިލުމުން ބަލައިލިއެވެ. ހެވިފައި ހުރި ފިޔާާޒާ ފެނުމުން އޭނާ ހީލިއެވެ.
"މިއަދު ހުރިހާ އެއްޗެއް ކެއްކީ މަންމަ. ދަރިފުޅު ރަނގަޅަށް ކާންވާނެ އިނގޭ މިއަދު" ޝުހޭލްގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ފިޔާޒާ ވާހަކަދެއްކިއެވެ. ޝުހޭލް ބޯޖަހައިލިއެވެ.
"ދޮންއަށް ލާރި ހަވާލުކުރީތަ؟" ޝުހޭލް އެހިއެވެ.
"ތިކަން ނިމިއްޖެ. އަސްލު ދޮންތަ ބޭނުމެއްނޫން އަހަރެމެން އަތުން ލާރިނަގާކަށް. އެކަމަކު ޝިމާޒްގެ އާއިލާގެ ނުފޫޒުގަދަކަން އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑު" ޝުހޭލް ކައިރީގައި އިށީންނަމުން ފިޔާޒާ ވާހަކަދެއްކިއެވެ.
"މިހާރު ކޮބާ ދޮން؟" ޝުހޭލް އެހިއެވެ.
"އެބައާދޭ ސައިބޯން" ފިޔާޒާ ބުނެލިއެވެ.
ހަމަހުގެ ބޮޑު ބަނޑާއެކު މޭޒުކައިރިއަށް އައި ރުޝްދާ ފެނުމުން ޝުހޭލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެހެންނަމަވެސް އެ ހިނިތުންވުން ފިލައިގެން ދިޔައީ ރުޝްދާއާ އެއްހަމައެއްގައި ހުރި ސަބީހާ ފެނުމުންނެވެ. އެތަނުން ތެދުވެގެން ދާން އުޅެފައިވެސް ޝުހޭލް މަޑުކުރީ ފިޔާޒާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
"އަދި ސައިވެސް ނުބޮމެއްނު. ކޮންތާކަށް ދާން ތިދަނީ؟" ފިޔާޒާ ބުނެލިއެވެ.
"ނެތް ސައިބޯހިތެއް" ޝުހޭލް ބުނެލިއެވެ.
"ތިހެންނަހަދާ. ދޮން މިއައީވެސް ކޮއްކޮ އާ އެކު ސައިބޯހިއްވެގެން" ރުޝްދާ ޝުހޭލް އާ ކައިރިވެލަމުން ބުނެލިއެވެ.
"ދޮން އަޅުގަނޑާއެކު މެންދުރުން ކާންދާން ރެޑީވޭ. މިގަޑީގަ އަޅުގަނޑު ބަނޑުހައެއްނުވޭ" ޝުހޭލް ބުނެލިއެވެ.
"އޭނަ މިގަޑީގަ ދިޔަދީ" ރުޝްދާ ބުނެލިއެވެ. އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާއަށް ވިސްނުނީތީއެވެ. ވަގުތުން ޝުހޭލްގެ އަތުން ފިޔާޒާ ދޫކޮށްލިއެވެ. ޝުހޭލް ހިނގައިގަތުމާއެކު ރުޝްދާ ބަލައިލީ ކައިރީގައި ހުރި ސަބީހާއަށެވެ. ސަބީހާގެ ދެލޮލުގެ ތެރެއިން ކަރުނަ ވިދަމުންދާ މަންޒަރުު ފެނި ރުޝްދާ ދެރަވެއްޖެއެވެ.
"ނުރޮއި މަންމާ. އަދި ކޮއްކޮއަށް ވިސްނޭނެ. ކޮއްކޮއަށް ވަގުތު ދީ" ސަބީހާގެ ދެލޮލުގައި ބޮސްދެމުން ރުޝްދާ ބުނެލިއެވެ. ފިޔާޒާވެސް ތެދުވެގެން އައިސް ސަބީހާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.
"އެސޮރު ބޭނުމެއްނުވޭ އަހަރެން ފެންނަ ހިސާބުގަ ހުންނަންވެސް" އަސަރާއެކު ސަބީހާ ބުނެލިއެވެ.
***
ޒައިނާއަށް އޭނާ ބޭނުންވާ ފުރުސަތު ލިބުނީ ހަފްތާ ބަންދުގައެވެ. ގިނަވަގުތު އަބާން ގޭގައި ހުރުމުން އޭނާ ބަލަމުން ދިޔައީ އަބާނާއި ހަމަޖެހިގެން ވާހަކަދައްކާލެވޭނެ ވަގުތަކަށެވެ. އެވަގުތު އޭނާއަށް ފަހިކޮށްދިނީ އުންމީދާއެވެ.
"އަބީ ދޭބަލަ ޒައި ގޮވައިގެން" ކޮފީތަށި ތުނބުގައި ޖަހައިގެން އިން އަބާނަށް ކޮފީފޮދު ދިރުވާލަން ޖެހުނީ ގަދަކަމުންނެވެ. ދެމައިން ވާހަކަދައްކަން ތިބީ ކާބައިގައެވެ.
"މިއަދު ނިޝާނާ އެޑްމިޓްއެކުރީ. ސަމީރުވެސް ހުކުރަށްދާން ބޭނުންވާނެއްނު. ދޭބަލަ ހޮސްޕިޓަލަށް ޒައި ގެންގޮސްދީފަ އަންނަން" އުންމީދާ އިތުރަށް އޮޅުންފިލުވައިދިނެވެ.
"ޓެކްސީއެއްގަ ފޮނުވަންވީނުން" އަބާން ބުނެލިއެވެ. ކެރެޓް ކޮށަން އިން އުންމީދާ އަބާނަށް ބަލައިލިއެވެ.
"އަޅުގަނޑު ފާހާނާއަކަށް ދާންޖެހިގެން" އުންމީދާގެ ބަލައިލުމުގައިވާ ތަފާތުކަން ފާހަގަވުމާއެކު އަބާން ބުނެލިއެވެ.
"އެހެންވިއްޔާ ފާހާނާ ކޮށްގެންދޭބަލަ. މިހާރު އެމަންޖެ ތައްޔާރުވެގެން އަންނާނެ" އުންމީދާ ބުނެލިއެވެ.
އަބާން ތެދުވީ އިތުރުގޮތެއް ނެތިގެންނެވެ. އޭނާގެ މޫނުމަތިން ގަޔާނުވެފައި ހުރިކަން ފާހަގަވަމުން ދިޔައެވެ.
"އަދި ހުކުރުފަހުން ޒައި ގެނެސްދޭންވެސް ވާނެ އިނގޭ" އަބާން ހިނގައިގަތުމާއެކު އުންމީދާ ބުނެލިއެވެ.
***
ސައިކަލުގައި އަބާން މަޑުކޮށްލައިގެން އިނީ ގޭދޮރުމަތީގައެވެ. ޒައިނާ ނިކުންނަންދެންނެވެ. ފޫހިކަމާއެކު އަތުކުރީގައި އޮތް ގަޑިއަށް އިރުކޮޅަކާ ބަލައިލައެވެ.
"އަދި މިއާދެވުނީ އެއްޗެއް ބާއްވާފަ. މިއަންނަނީ" ގޭދޮރުމައްޗަށް ނިކުތްގޮތަށް ޒައިނާ ގޭތެރެއަށް ވަދެގެން ދިޔައެވެ.
"ހާދަ ލަހޭ. އަހަރެން ތަނަކަށް ދާންވެއްޖެ" ޒައިނާ އައިސް ހުއްޓުމާއެކު އަބާން ބުނެލިއެވެ. ޒައިނާ ހުރީ ހިނިތުންވެލައިގެންނެވެ. އަބާނާއި އެހާ ގާތުގައި އިންނަން ފުރުސަތު ލިބުމުން އޭނާ ހުރީއިންތިހާއަށް އުފާވެފައެވެ.
"ޒައިއަށް އޯކޭވާނެތަ ޓެކްސީއެއްގަ ދާން" އަބާން ބުނެލިއެވެ. ވަގުތުން ޒައިނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
"އަހަރެން ގެއަށް އައިމަ އުންމިއްތަ އަހާނެ. އަހަރެން ދޮގެއް ނަހަދާނަން. އެކަމަކު އަބީއަށް މަޖުބޫރެއްނޫން ކޮންމެހެން އަހަރެން ގެންދާކަށް" ޒައިނާ ހިނގައިގަތެވެ. އަބާނަށް އުނދަގުވިކަން އިނގުމުން ހަގީގަތުގައިވެސް ޒައިނާ ދެރަވެއްޖެއެވެ.
"މަޑުކޮށްބަލަ. އެ އަހަރެން މަޖަލަކަށް ބުނި އެއްޗެއް. ހިނގާދާން" ޒައިނާ އާ އެއްވަރަށް ސައިކަލް ދުއްވާލަމުން އަބާން ދުއްވައިލިއެވެ. ޒައިނާ ހުއްޓި އަބާނަށް ބަލައިލާފައި ހީލިއެވެ. އަދި އަބާންގެ ދެކޮނޑުގައި ހިފައިލުމަށްފަހު ސައިކަލްގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ. އަބާނަށް ކުރިއަށް ޖެހިލެވުނީ ބޭއިހްތިޔާރުގައެވެ.
"އަނެއްކާ އެކަހަލަ ވާހަކައެއް މަންމަ ކައިރީގަ ނުދައްކާތި އިނގޭ. ކަމަކުނުދާނެ" ސައިކަލް ދުއްވައިލަމުން އަބާން ބުނެލިއެވެ.
***
އެނދުގައި އޮތް އަބާން ނިދަން މަސައްކަތްކުރާތާ އެއްގަޑިއިރަށް ވުރެ ގިނައިރު ވެއްޖެއެވެ. މިހާރު ގަޑިން ދަންވަރު އެކެއްޖަހަން ގާތްވެއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަނުޖެހިފައިވާ ކަމުގެ އަސަރުތަކެވެ. ބޭނުންނުވިޔަސް އަނާރްގެ ތަސްވީރު އޭނާގެ ހިތުން ބޭރުނުކުރެވުނެވެ. އޭނާގެ ބަސްނާހާހިތް އިންތިޒާރުކުރަމުން އެދަނީ އަނާރްގެ ފޯނު ކޯލަކަށެވެ. ނޭނގޭކަމަށް ހަދަން އަމިއްލަ ނަފްސަށް އެތައް ފަހަރަކު އޭނާ އޮޅުވާލައިފިއެވެ. ހަމަ ހިލާ ބަދަލެއް ނައެވެ. އެންމެފަހުން އެނދުން ތެދުވެ ހެޑްބޯޑުގައި ލެގިލައިފިއެވެ. ސައިޑްކަބަޑް މަތީގައި ހުރި ލެޕްޓޮޕްނަގާފައި އޮންކޮށްލައިފިއެވެ. އެފްބީއަށް ލޮގިން ވެލީ ނުލާހިކު އަވަހަށެވެ. ވާހަކަދައްކާލަން ބޭނުންވާ އެއްވެސް މީހަކު އޮންލައިންގަ ނެތެވެ. ލެޕްޓޮޕް އެއްކައިރިކޮށްލަން އުޅުނު ވަގުތު މީހަކު ހައި ޖަހައިފިއެވެ. ޒައިނާ ކަން އިނގުމުން ފޫހިވިއެވެ. އަޅާނުލާ ލެޕްޓޮޕް ބާއްވާފައި ބާލީސް ކައިރީގައި އޮތް ފޯނު ނެގި ވަގުތު މެސެޖެއްކަން އަނގައިދޭ އެލަރޓްގެ އަޑު އިވިއްޖެއެވެ. ވަގުތުން އޭނާގެ ހިތަށް އައިސް ވަނީ އަނާރްގެ ނަމެވެ. އަވަސްވެފައިވާ ހިތަކާއެކު ބަލައިލިރު ޓެލެގްރާމަށް މެސެޖެއް އައިސްފައިވިތަން ފެނުނެވެ.
"ހައި... އިޓްސް މީ އަނާރް. އަބާން!" އަބާނަށް އެތަންކޮޅު އެތައްފަހަރަކު ކިޔައިލެވިއްޖެއެވެ. އޭނާއަށް ހީީވީ އޭނާގެ ކަންފަތްދަށުން އަނާރްގެ އަޑު އިވިގެން ދިޔަހެންނެވެ.
"އަބާން! މެސެޖްތައް ބަލާކަން އިނގޭ. ކީއްވެތަ ވާހަކަނުދައްކަނީ" އަނާރް ބުނެލިއެވެ. އަނާރް ބުނި ފަދައިން ހުރިހާ މެސެޖްތަކެއް ބަލަމުން އަބާން ދިިޔައެވެ. އެހެންނަމަވެސް އަނާރާއި ވާހަކަދައްކަން އޭނާގެ ސިކުނޑި އެއްބަހެއް ނުވިއެވެ. ހިތްއެދެމުން ދިޔައީ އިތުރަށް ވާހަކަދައްކާލަން މަޑުކޮށްލުމަށެވެ.
"އަ....ބާ....ން.....! އަހަރެން އޮވެދާނަން ފަތިސްވަންދެންވެސް މިގޮތަށް އަބާނަށް ގޮވާލަ ގޮވާލާ" އަނެއްކާވެސް އަނާރްގެ މެސެޖެއް އަބާން ކިޔައިލިއެވެ. އޭނާގެ ދެތުންފަތް އަރިއަކަށް ދެމިލީ ހިނިއައި ވަރުންނެވެ. ހަމަ އެހިނދުގައި ސީރިޔަސްވެލާފައި އަމިއްލަ ނަފްސަށް މަކަރެއް ހަދައިފިއެވެ. އަނާރްގެ މެސެޖްތަކުން އޭނާއަށް ހިތްހަމަޖެހުން ލިބެމުންދާކަން ޤަބޫލުކުރަން އޭނާ ބޭނުންނުވާ ކަހަލައެވެ.
"އަބާން އުޅެނީ ހުޅުމާލޭގަތަ؟ އަހަރެން ދަންތަ ހުޅުމާލެއަށް ތިގޭ ކައިރިއަށް. އަބާން ދެކިލާހިތުން. އަޅެ މަށަށް ފޮޓޮއެއް ފޮނުވަދީފާނަންތަ؟" އަނާރް ވާހަކަދެއްކިއެވެ. އަބާނަށް އެނދުގައި ހަށިގަނޑު ސީދާކޮށްލެވިއްޖެއެވެ. އަނާރް ދެކެން އޭނާގެ ބަސްނާހާހިތް ގޮވާލައިފިއެވެ.
"އައި ޑޯންޓް ވޯންޓް ޓު ސީ ޔޫ..." އަބާން ބުނެލިއެވެ. އެހެންނަމަވެސް މެސެޖަކުން ނޫނެވެ. އޭނާގެ އަމިއްލަނަފްސަށެވެ. އޭނާގެ ހިތް ބޭނުންވާގޮތް ޤަބޫލުނުކޮށް ދުލުން ބޭރުކޮށްލީ އެހެން ޖުމްލައެކެވެ.
(ނުނިމޭ)