ހަވަނަ ބައި
"ޒައި ފެނުނީމަ އުންމިއްތަ ސާދުނާ މަތިން ވަރަށް ހަނދާންވޭ. ހާދަ ވައްތަރޭ ސާދު އާ. ހީވަނީ ހަމަ އެކަކުހެން" ކައިރީގައި އިން ޒައިނާއަށް ބަލައިލާފައި އުންމީދާ ވާހަކަދެއްކިއެވެ.
ސާދުނާއަކީ އުންމީދާގެ ކުޑައިރުގެ އެންމެގާތް އެކުވެރިޔާއެވެ. ބޮޑެތިވެ މީހުންނާ އިނދެ ދަރިން ލިބެންދެން ދެ ރަހްމަތްތެރިން އެކުވެރިކަން ދެމެހެއްޓިއެވެ. ނިމުނު އަހަރު ކިޑްނީ ފެއިލްވެ ސާދުނާ ނިޔާވެގެން ދިޔުމުން ޒައިނާގެ ހުރިހާ ޒިންމާއެއް ނެގީ ސާދުނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ ސަމީރެވެ. ސާދުނާގެ ހުރި ހަމައެކަނި ދަރިއަކީ ޒައިނާއަށް ވުމުން އަމިއްލަ ދަރިއެއް ފަދައިން ސަމީރު ޒައިނާދެކެ ލޯބިވެއެވެ.
"މައިންބަފައިން ދުނިޔޭގައި ނެތުމަކީ މީހާގެ ނަސީބުދެރަކަން ހާމަކޮށްދޭ ކަމެއްނޫން. އެކަމާ މާބޮޑަށް ނުވިސްނާތި އިނގޭ" އުންމީދާ ޒައިނާގެ އަތް މަތީގައި އަތް ބާއްވައިލަމުން ވާހަކަދެއްކިއެވެ.
"ދެން ކޮންގޮތަކަށް ނިންމާނީ؟ ޒައި ބޭނުމިއްޔާ އުންމިއްތަ ކައިރީގައި ހުރެގެން ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދެވިދާނެ" އުންމީދާ ބުނެލިއެވެ. އަދި އޭނާ ނަސީމަށް ބަލައިލީ އެކަމުގައި ނަސީމް ނިންމާ ގޮތެއް ބެލުމަށެވެ. ނަސީމް ހީލުމުން އޭނާގެ މައްސަލައެއް ނެތްކަން އުންމީދާއަށް އިނގުނެވެ.
"ޒައި ބޭނުންވޭ މަޑުކުރަން. އެކަމަކު ހަރަދާމެދު އެކުއްޖާ ވަރަށް ވިސްނާ. އަހަރެން ބުނިން ތިއްތިބެ ހުރިހާ ހަރަދެއް ބަލަހައްޓައިދޭނަމޭ. ޒައިގެ ބައްޕަ ފަރާތު އާއިލާ މީހުން ދުނިޔޭގައި ތިއްބަސް އެއިން އެއްވެސް މީހެއްގެ ފަރާތުން އެހީތެރިކަމެއް ލިބެނީކީނޫން" ސަމީރު ވާހަކަދެއްކިއެވެ.
"އެހެންވީމަ ވިސްނާފަ ބޭނުންވާގޮތެއް އުންމިއްތަ ކައިރީގަ ބުނާތި. މިގޭގަ ޒައި ހުންނާނީ އެއްވެސް ލާރިއެއްދޭ ގޮތަކަށް ނޫން. އެއީ އަހަރެންގެ އެކުވެރިޔާއަށްޓަކައި އަހަރެން ކޮށްދޭ ކަމެއް" އުންމީދާ ވާހަކަދެއްކިއެވެ.
"އަހަރެންގެ ޝުބާ ފަދައިން ދެކޭނަން. ކޮލެޖް ކަންތައްވެސް އަބާން ލައްވާ އަހަރެން ކޮށްދޭނަން. ދޯ އަބީ. އެހެންނޫނަސް މިދެކުދިންނަކީ ކުޑައިރު ވަރަށް އެއްކޮށް އުޅުނު ދެކުދިން. މިހާރު ބަލައިބަލަ ނުދަންނަކަމަށް ހެދިގެން ތިބިވަރު" އުންމީދާގެ ވާހަކަތަކުން އަބާނަށް އުނދަގޫވިއެވެ. ވާހަކަތައް ނިންމާލުމުގެ ކުރިން އޭނާގެ ނަން ދެމެދަށް ވައްދަންޖެހޭބާއޭ ހިތަށް އެރިއެވެ.
ކައި ނިމި ހުރިހާ މީހުން ބޮޑު ހޯލުގައި މަޑުކުރުމުން އަބާނާއި ޝުބާ ވަނީ ކޮޓަރިއަށެވެ. އެތަނުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒައިނާ ތެދުވެގެން ހިނގައިގަތެވެ. އޭނާ ގޮސް ހުއްޓުނީ އަބާންގެ ކޮޓަރި ދޮރުމަތީގައެވެ. އަބާންގެ ކޮޓަރި ދޮރުގައި ޒައިނާ ޓަކި ޖަހައިލިއެވެ. އެމަންޒަރު އުންމީދާއަށް ފެނުނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަބާންގެ ހަޔާތަށް ހެޔޮލަފާ އަންހެންކުއްޖަކު އައުމަކީ އޭނާ އެދޭ އެދުމެކެވެ. އެކުއްޖަކީ ޒައިނާ ކަމުގައި ވެއްޖެނަމަ އޭނާ އިތުރަށް އުފާވާނެއެވެ. ހަށިގަނޑު ކުޑަކޮށް ފަލަކޮށް ހުރިނަމަވެސް ޒައިނާއަކީ ހުތުރު ކުއްޖެއް ނޫނެވެ. ބުރުގާ އަޅާފައި ހުރުމުން އުންމީދާއަށް މާބޮޑަށްވެސް ކަމުދިޔައެވެ.
"ކީއްކުރަން...؟" ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ޒައިނާ ފެނުމުން އަބާން އެހިއެވެ.
"ހަދަ ރޫޑޭ..." ހީލަމުން ޒައިނާ ބުނެލިއެވެ. ބުނެވުނު އެއްޗަކާމެދު އަބާނަށް ވިސްނައިލެވުނީ ދެނެވެ. އެހެންކަމުން ގަދަކަމުން އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.
"ރޫޑުތަ؟ އެއީ ވަރަށް މުހިންމު ކަމެއްކުރަން އުޅުނީ" އަވަސް އަވަހަށް އަބާން ބުނެލިއެވެ.
"މިއައީ ކުޑަކޮށް ވާހަކަދައްކާލަން ވެގެން" ޒައިނާ ބުނެލިއެވެ. ވަގުތުން އަބާންގެ މޫޑް އޮފްވިއެވެ. އޭނާ ކުރާހިއްނުވާ ކަމެއް ކުރާނީ ކިހިނެއް ހެއްޔެވެ؟
"އެހެންތަ! އެހެންވިއްޔާ ދައްކަބަލަ" އަބާން ބުނެލިއެވެ. ޒައިނާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އަބާންގެ ވާހަކަދެއްކުމުގައި އޭނާ އެތަނުން ފޮނުވާލަން އުޅޭހެން ހީވެ ދެރަވެއްޖެއެވެ.
"މިތަނުގަތަ ވާހަކަދައްކާނީ" ޒައިނާ އެހިއެވެ.
"މިތަން ކިހިނެއްވީ؟ ރަނގަޅެއްނު ހަމަ" އަބާން ބުނެލިއެވެ. އޭނާ ވާހަކަދެއްކީ ދޮރުގައި ހިފަހައްޓާލައިގެން ހުރެ އަނެއް އަތުން ފޯނާ ކުޅެމުންނެވެ.
"ޔޫ އާރ ޗޭންޖްޑް. އިނގޭތަ އެކަން" މަޑުމަޑުން ޒައިނާ ބުނެލިއެވެ. ކޮޓަރިއަށް ވަންނަން ދައުވަތު ނުދިނުމުން ޒައިނާ ބުނެލިއެވެ.
"އެއީތަ ދައްކަން އުޅުނު ވާހަކަ" އަބާން ބުނެލިއެވެ.
"ދެން އެހެންފަހަރަކުން ދޯ. ގުޑްނައިޓް" ހީލަމުން ޒައިނާ ބުނެލިއެވެ. އަބާންގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ޒައިނާގެ އަނގައިގައި ބަހުގެ އެއްބައި އޮށްވާ ދޮރުލައްޕައިފިއެވެ. ޒައިނާ ދިޔައީ ސިހިގެންނެވެ. އެއީ ދުވަހަކުވެސް އަބާންގެ ފަރާތުން ފެނިފައިވާ ސިފައެއް ނޫނެވެ.
ވިސްނުމެއްގައި ހުރެ ކޮޓަރިއާއި ދިމާލަށް ހިނގާފައި ދިޔަ ޒައިނާ އެނބުރި އަބާންގެ ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ. އަބާން ކަންތައްކުރި ގޮތް އަދިވެސް އޭނާ ހުރީ ޤަބޫލުނުކުރެވިފައެވެ. އެދެމެދުގައި އެކުވެރިކަން އޮތީ ހަމައެކަނި ކުޑައިރު އެކަންޏެއް ނޫނެވެ. އަބާންގެ ހަޔާތަށް އަންބެއްގެ ގޮތުގައި މަޔޫރާ އަންނަންދެން އެކުވެރިކަން އޮތެވެ. އޭގެފަހުންވެސް މަދުމަދުން އެކަކު އަނެކަކަށް ގުޅާ ހާލު ބަލާ ހެދިއެވެ. ކޮޓަރިއަށް ވަނަސް އެހާއަވަހަށް އޭނާއަށް ނުނިދޭނެތީ އޭނާގެ މިސްރާބު ބަދަލުކޮށްލީ ޝުބާގެ ކޮޓަރިއާ ދިމާލަށެވެ.
އެންމެފަހަރަކު ޓަކި ޖަހައިލުމާއެކު ޝުބާ ދޮރުހުޅުވާލައިފިއެވެ. ޒައިނާކަން އިނގުމުން ޝުބާގެ ތުންފަތަށް ވެރިވީ ހިތްހެޔޮ ހިނިތުންވުމެކެވެ.
"ޒައިނާއްތަ. ކަމަކުތަ؟ އާދޭ އެތެރެއަށް" ދޮރު ބޮޑަށް ހުޅުވައިލަމުން ޝުބާ ބުނެލިއެވެ. ހީލަމުން ޒައިނާ އެތެރެއަށް ވަނެވެ.
"ޝުބް ފިލާވަޅުތައް ދަސްކުރަނިކޮށް ދޯ މިއާދެވުނީ" އެނދުމަތީގައި ހުޅުވާފައިވާ ފޮތްތައް ފެނުމުން ޒައިނާ އެހިއެވެ. އެތެރެއަށް ވަދެ ޝުބާ ދެއްކި ގޮނޑީގައި އިށީނެވެ.
"ނޫނޭ. ސަންޑޭގަ ޓެސްޓެއް އޮތީމަ ކުޑަކޮށް ފޮތްތައް ބަލައިލީ. ވަރަށް ދަސްކުރެވިއްޖެ. މާގިނައިން ދަސްކުރަންޏާވެސް ކަމަކުނުދާނެއްނު. ޒައިނާއްތައަށް ތިއާދެވުނީ ނިދަން ރެޑީވާން އުޅެނިކޮށް" ޝުބާ ބުނެލިއެވެ.
"އެހާ އަވަހަށް ނިދޭތަ؟ ޒައިނާއްތަ ކިތަންމެ މަސައްކަތެއް ކުރިޔަސް ލާހިކެއްނޫން ބާރައިގެ ކުރިން ނިދާކަށް" ހިނިތުންވުމަކާއެކު ޒައިނާ ބުނެލިއެވެ.
"ހެހެހެ... ސްކޫލަށްދާން ވަރަށް ފަތިހު ހޭލަންޖެހޭ. ގިނައިރު ހޭލާ އޮތުމަކީ މަންމަ މަނާކޮށްފަ އޮތް ކަމެއް. އެކަމު ވީކެންޑްގަ ދޮންބެއާއެކު ފިލްމެއް ބަލައިލަން ތަންކޮޅެއް ގިނައިރު މަޑުކޮށްލަން" އެނދުގައި އިށީންނަމުން ޝުބާ ބުނެލިއެވެ. އަދި ހުރިހާ ފޮތްތައް ލައްޕާލުމަށްފަހު ނަގަން ފެށިއެވެ.
"ދޮންބެ ދޯ. މިހާރު ހާދަ ބަދަލުވެއްޖޭ. ޒައިނާއްތައަށް ބަލައިލަނީވެސް ސްޓްރޭންޖަރ އަކަށް ބަލާހެން" ޒައިނާ ބުނެލިއެވެ. އޭނާ އެކޮޓަރިއަށް އައީވެސް އަބާނާ ބެހޭގޮތުން ވާހަކަދައްކާށެވެ.
"އާނ. ދޮންބެ ލައިފްގަ ވަރަށް ހިތްދަތި ކަންތައްތައް ހިނގައިފިއެއްނު. ދޮންބެދައްތަގެ މަރު. އަދިވެސް އެކަންތައް ކަންނޭނގެ އެ އުޅެނީ" ޝުބާ ބުނެލިއެވެ.
"މަޔޫރާ ދޯ. އަސްލު ކިހިނެއްވެގެން ނިޔާވީ. އަޑުއެހިން ވަރަށް ބަލިކޮށް އުޅުނު ވާހަކަ. ފަހަކަށް އައިސް އަބީއަށް ގުޅިޔަސް މާ ވާހަކައެއް ނުދައްކާ. އިނގޭ ވަރަށް ދެރަވެފަ ހުންނަކަން" ޒައިނާ ވާހަކަދެއްކިއެވެ. މަޔޫރާގެ ހަގީގަތް ހާމަކުރަން ޝުބާ ފަސްޖެހުނެވެ. އޭނާ ހިނދުކޮޅަކު ހިމޭނުން ޒައިނާއަށް ބަލަން އިނެވެ.
"ޒައިނާއްތަ ނުބުނާތި ޝުބް އޭ ބުނީ އިނގޭ. އެހެންނޫނީ ވަރަށް ކަންތައް ގޯސްވާނެ. މަންމަވެސް ބައްޕަވެސް އޮތީ ގޭތެރޭގަ އެވާހަކަތައް ދެއްކުން މަނާކޮށްފަ. ޙާއްސަކޮށް ދޮންބެއަށް އިވޭ ހިސާބުގަ" ޝުބާ ވާހަކަދެއްކިއެވެ. ޒައިނާ ގަޔާވިއެވެ.
***
ހަފްތާ ބަންދަށް ވުމާއެކު ޝުރޫކް މަޑުކުރީ އަނާރާއި އެކީގައި އެގޭގައެވެ. ޝުރޫކްގެ މައިންބަފައިން ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގައި ހުރުމުން ގޭގައި އެކަނި އޮންނަން އޭނާ ބޭނުންނުވީއެވެ. ޝުރޫކަކީ މާލޭގެ ރައްވެއްސެކެވެ. އާއިލާގެ އެންމެބޮޑު މީހާއަށް ވެފައި ޝުރޫކްގެ އިތުރުން އޭނާގެ އެއްމާބަނޑު ދެ ފިރިހެންކުދިން ހަގަށް ތިބެއެވެ. އޭނާގެ މައިންބަފައިން ފުރައިގެން ދިޔައީ ދެކުދިންވެސް ގޮވައިގެންނެވެ.
ޝުރޫކާއި އަނާރް އެކުވެރިކަން އުފެދުނީ އޮސްޓްރޭލިޔާއިންނެވެ. ނަސީބު ދިމާކުރި ގޮތުން ދެކުދިންގެ ކިޔެވުންވެސް ހަމަޖެހުނީ އެއް ކޮލެޖަކުންނެވެ. ތަފާތު ދެ އެއްޗެއް ކިޔެވި ކަމުގައި ވިޔަސް ދެކުދިން ދިރިއުޅެނީ އެއް ފްލެޓެއްގައެވެ. ޗުއްޓީއަށް ރާއްޖެ އައީވެސް ދެކުދިން އެކީގައެވެ. އަނާރާއި ޚިލާފަށް ޝުރޫކަކީ އަލިކަޅެއްގެ ވެރި އާދައިގެ އިސްކޮޅެއް ލިބިފައިވާ ކުއްޖެކެވެ. އަނާރެކޭ އެއްފަދައިން ޝުރޫކްގެ އިސްތަށިގަނޑުވެސް ބުޅިއެވެ. އެކަމަކު އަނާރުގެ އިސްތަށިގަނޑަށް ވުރެ ދިގެއް ނޫނެވެ.
"އަހަރެން ހަމަ ޙައިރާންވެއްޖެ. ދުނިޔެ ހާދަ ރީތިކޮށް އޮވެފައޭ ވިއްސާރަ ވާން އެފެށީ" ކޮފީތަށި ހިފައިގެން ކާގޭ މޭޒު ކައިރީގައި އިން ޝުރޫކް ބުނެލިއެވެ.
"ސާބަހޭ. އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެ. ދުނިޔެއަކީ އެކަހަލަ ތަނެކޭ" ކޮފީތަށި ގިރައިގެން އައިސް ޝުރޫކާއި ދިމާލުން އިށީންނަމުން އަނާރް ބުނެލިއެވެ.
"އަޅޭ ހާދަ ރޮމޭންޓިކް ނައިޓެކޭ. އަހަރެންގެ އާރްވީ ކައިރިއަށް އަވަހަށް ދާން ބޭނުމީ" ދެއަތް ދެއަތާއި ހާކާލަމުން ޝުރޫކް ބުނެލިއެވެ.
"އެއްކަލަ ޝުރޫ... ދެން ދާންވީނުން. މަ ރަނގަޅު ނަޞޭޙަތެއްދެންތަ؟ ތިދެމީހުން މާގިނަ ދުވަހު މެރީނުކޮށް ހުންނަން މަށަކަށް ނުފެނޭ. މިހާރުވެސް ކައިވެނިން ބޭރުން ކޮށްގެންނުވާ ކިތަންމެ ކަމެއް ކޮށްފި" އަނާރް ވާހަކަދެއްކިއެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި ޝުރޫކްގެ ނަޒަރު އަނާރަށް ހުއްޓައިލިއެވެ.
"އަހަރެން ގަސްތުގަ ކުރި ކަމެއްނޫން އެއީ. މިކަހަލަ ވިއްސާރަ ރެއެއް އަހަރެމެން ދެމީހުންނަށް ދިން ލަނޑެއް އެއީ" އަނގަ ހަދައިލަމުން ޝުރޫކް ބުނެލިއެވެ.
"ތީ އެންމެ ރަނގަޅުގޮތް. ކަންކުރީ ތިދެމީހުން. ކުށްވެރިތިކުރީ އެރޭ ކުރި ވިއްސާރަ. އަހަރެން ހަމަ ހެޔޮކޮށް މިބުނީ. އެއީ މިސްރު ކުއްޖެއް. މުސްލިމެއް. ނުލާހިކު ރަނގަޅުކުއްޖެއް. އޭނާގެ މައިންބަފައިންނާ ޝުރޫ އާ ބައްދަލުކޮށްދީފި. ދެން މެރީކުރަންވީނުން" އަނާރް ވާހަކަދެއްކިއެވެ.
"އެއްކަލަ އަރޫ ދެން އެވާހަކަ ހުއްޓައެއްނުލާނެ. އަހަރެން އެބަ ވިސްނަމޭ. އަހަރެންގެ ވާހަކަ ބާއްވަބަަލަ. ކޮބާތަ އަރޫގެ ބޯއީ" ދެލޮލުގެ ބޮނޑި މައްޗަށް އަރުވާލަމުން ޝުރޫކް ވާހަކަދެއްކިއެވެ.
"އަހަރެންގެ ކޮން ބޯއީ އެއްތަ؟" އަނާރް އަހައިލިއެވެ.
"ރިސޯޓް ބިޓު" ޝުރޫކް ބުނެލިއެވެ. އޭނާގެ ތުންފަތްމަތީގައިވީ ލާނެއް ހިނިތުންވުމެކެވެ.
"އޭނަ ދޯ. އަބާން. އޭނަގެ ވާހަކަނުދައްކާ. އޭނަ އާ މެދު ވިސްނާވިސްނާ އަހަރެންގެ ބޮލުގަރިއްސަން ފަށައިފި" އަނާރް ބުނެލިއެވެ.
"ދެވަނަ ފަހަރު ދިމާވެއްޖެތަ. ނުވެސް ބުނަމެއްނު" ޝުރޫކް ބުނެލިއެވެ.
"ހަމައެކަނި ދިމާވެގެން އަހަރެން ހުސް އަނގަތަކެއް ތެޅީ. ސަލާމްވެސް ކޮށްނުލި. ޑެވިލްއެއް" އަނގަ ހަދައިލަަމުން އަނާރް ބުނެލިއެވެ.
"އެއީ ފޮނި މީހުންގެ ވައްތަރު. އޭނަގެ ކަންތަކާ އުޅޭނެކަމެއް ނެތެއްނު. ނިކަން ޝުހޭލް އާ މެދު ވިސްނަބަލަ" ޝުރޫކް ބުނެލިއެވެ.
ޝުހޭލްގެ ނަން އިވުމުންވެސް އަނާރްގެ މުޅިހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލައިފިއެވެ. ޝުހޭލް އާ އެކު ހޭދަކުރި ބިރުވެރި ދުވަސްތައް ހަނދާނަށް އައިސް އޭނާގެ ހިތް ބިރުގަންނަވާލައިފިިއެވެ. ވަގުތުން އޭނަގެ މޫނުމަތީގައިވި ހަމަޖެހުން ގެއްލިގެން ހިނގައްޖެއެވެ.
"އޭތް... ސޮރީ... ރުޅިނާންނައްޗެ އަނެއްކާ. އަހަރެން އެހެން ބުނި އެއްޗެއް ނޫން" އަނާރަށް އައި ބަދަލު ފެނިފައި އަވަސް އަވަހަށް ޝުރޫކް ބުނެލިއެވެ.
"އިޓްސް އޯކޭ. އަހަރެން ބޭނުމެއްނޫން އެ އިންސާނާގެ ނަންވެސް އިވޭކަށް. އެއީ އެއްވެސް ރަހުމެއްނެތް އިންސާނެއް. އޭނާ އަހަރެންދެކެ ވީ ލޯތްބެއްނޫން. އޭނަގެ ފަރާތުން އަހަރެންނަށް ލިބުނީ އަނިޔާ" އަނާރް ވާހަކަދެއްކިއެވެ.
"ސީރިޔަސްކޮށް. އަހަރެން އެނބުރި ކިޔަވަންދާންވެސް މިހާރު ފަސްޖެހޭ. ދެވިސްނުމެއްގަ މިހުންނަނީ. އޭނަ ހުންނަ ތަނަކަށް ދާން އަހަރެން ބޭނުމެއްނޫން" އަނާރް ބުނެލިއެވެ.
"އަސްލު ކޮބާތަ މައްސަލައަކީ؟ އަރޫ އައިފަހުންވެސް އޭނަ އަހަރެންނަށް ގުޅައިގެން ވަރަށް އަރޫގެ ވާހަކަތައް ދެއްކި. އޭނަގެ ވާހަކަތަކުން އަހަރެންނަށް ހީވި އަރޫދެކެ އޭނަ ވަރަށް ލޯބިވެޔޭ" ޝުރޫކް ވާހަކަދެއްކިއެވެ.
"އޭނަ އަހަރެންގެ ހިތަށް ފުންމައިލި ގޮތެއްވެސް ނޭނގޭ. އަހަރެން ބޭނުމެއްނޫން އޭނަގެ ވާހަކަދައްކާކަށް. ހިނގާ ނިދަން ދާން. ޝެޒްއަށް ހޭލެވިއްޖިއްޔާ ފިޓަކަށްދާނެ. ވިއްސާރަރޭރޭ ތަކުގަ ޝެޒް ވަރަށް ބިރުގަންނާނެ" ކޮފީ ހުސްކުރި ޖޯޑު ހިފައިގެން ގޮސް ޒިންކަށް ލަމުން އަނާރް ބުނެލިއެވެ. ޝުރޫކް އިނީ އަނާރަށް އައި ބަދަލު ފެނި ދެރަވެފައެވެ. ޝުހޭލްގެ ވާހަކަ ނުފެށުނު ނަމައޭ ހިތަށް އަރާފައެވެ.
އަނާރް ޝުހޭލްދެކެ ބިރުގަނެއޭ ބުންޏަސް ޝުހޭލްގެ ފަރާތުން ޝުރޫކަށް ފެނިފައިވާ މަންޒަރު ތަފާތެވެ. އަނާރްދެކެ ޝުހޭލް ވާ ލޯބި ކޮންމެދުވަހަކު އޭނާއަށް ދިޔައީ ފެންނަމުންނެވެ. ކޮލެޖްގައި އުޅޭ އެހެނިހެން ނުލަފާ ފިރިހެނުންގެ ލޯތަކުން ތިމާ ލޯބިވާ އަންހެންކުއްޖާ ސަލާމަތްކުރަން އުޅުން އެއީ އަނިޔާވެރިއެއްގެ ކިބައިން ފެނިދާނެ ސިފައެއްނަމަ ޝުހޭލްއަކީ ވަރަށް ބޮޑު އަނިޔާވެރިއެކެވެ.
***
ގަޑިން ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. އަދިވެސް ޒައިނާގެ ލޮލުގައި ނިންޖެއް ނެތެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ މަޔޫރާ އާ ބެހޭގޮތުން ޝުބާ ދެއްކި ވާހަކަތަކެވެ. އަބާންގެ ހިތްވަރުގަދަކަން ފެނި ޒައިނާ ހިތުން އަބާނަށް ތަޢުރީފް ކުރިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އޭނާގެ ފިރިއަކަށް އަބާން ވާނެ ކަމަށް ކުރި އުންމީދުތައް ހާސިލްވާން އުޅޭ ކަމުގެ ކުލަވަރުތައް ފެންނަން ފެށުމުންނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އަންނަން ފެށީ ފާއިތުވެގެން ގޮސްފައިވާ ދުވަހެއްގައި ފޯނުން އޭނާއާ އަބާނާ ދެމެދު ދެކެވުނު ވާހަކަތަކެކެވެ.
"އަހަރެން ބުނީމެއްނު ޒައި ކައިރީގައި ތިކަހަލަ ވާހަކަނުދައްކާށޭ. އަހަރެންންނަށް އެންމެ ފުރަތަމަވެސް ލޯބިވެވުނީ މަޔޫރާދެކެ. އިނގޭ އޭނަ އަހަރެންނަށް ވުރެ އުމުރުން ދޮށިކަން. އެކަމަކުވެސް އަހަރެންނަށް ލޯބިވެވިއްޖެ" ފޯނުން ޒައިނާއާ ވާހަކަދައްކަމުން ދިޔަ އަބާން ބުނެލިއެވެ.
"އެކަމަކު... އޯކޭ... ދެން ތިބުނީ އަހަރެން ހިތުގައި މިވަނީ އަބީއަށްޓަކައި އެއްވެސް އެއްޗެއް ނޫނޭތަ. އެންމެ ކުޑައިރުން ފެށިގެން އަހަރެން އަބީދެކެ ލޯބިވޭ. ހަނދާންވޭތަ! އަބީ ގްރޭޑް ސެވަންގަ އުޅެނިކޮށް އަހަރެން ލޯބިވެޔޭ ބުނި ދުވަސް" ޒައިނާ ވާހަކަދެއްކިއެވެ.
"އަހަރެން ހަނދާން އެބަހުރި. އެކަމަކު އަހަރެން އަބަދުވެސް ދެކުނީ ޒައި ތިއީ ހެޔޮއެދޭ ފްރެންޑެއްގެ ގޮތުގަ" އަބާން ބުނެލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ޒައިނާއަށް ނޭނގުނެވެ. ހިތުގައި އަލަށް އުފެދުނު ލޯބި ނާކާމިޔާބުވިކަން އިނގުނު ހިނދު ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"އޯލްރައިޓް. އަހަރެން މިއަދަށްފަހު އަބީގެ ހަޔާތުގައި ތިބުނާ އަންހެންކުއްޖަކު ހުރިހާ ހިނދެއްގައި ލޯބީގެ އެއްވެސް ވާހަކައެއް ނުދައްކާނަން. އެކަމަކު އެކުވެރިކަމަށް ބުރޫ އަރައިގެން ނުވާނެ. އަދި އެއްވާހަކަ އެބައޮތް" ޒައިނާ ވާހަކަދެއްކިއެވެ.
"ޔަޤީން. މި އެކުވެރިކަން އަހަރެންގެ ކައިވެންޏަށްފަހު ވެސް އޮންނާނެ. ދެން އޮތް ވާހަކައަކީ ކޮބާ؟" އަބާން އަހައިލިއެވެ.
"އެއްވެސް ސަބަބެއް މެދުވެރިވެގެން އަބީގެ ދިރިއުޅުމުން އެ އަންހެންކުއްޖާ ހިނގައްޖެނަމަ އަހަރެންނަށް ފުރުސަތު ދޭނަންތަ؟ އެހެން ކުއްޖަކާމެދު ވިސްނުމުގެ ކުރިން އަހަރެންގެ އަތުގައި ހިފާނަންތަ؟" ޒައިނާ ވާހަކަދެއްކިއެވެ.
"އާނ އާނ. ޔަޤީން. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ މަޔޫރާ އާ އަހަރެން ވަކިވާންޖެހޭ ފަދަ ދުވަހެއް ނުދައްކަވާނެ" އަބާން ބުނެލިއެވެ.
"އަހަރެންގެވެސް ދުޢާއަކީ ތީ. އެކަމަކު އެދުވަސް އަތުވެއްޖެނަމަ އަހަރެންގެ ލޯބި ޤަބޫލުކުރާނަމޭ ބުނެފީމެއްނު. ވަޢުދުވާން ކެރޭނެތަ؟" ޒައިނާ ވާހަކަދެއްކިއެވެ.
"އަހަރެން ވަޢުދުވަން" އަބާން ބުނެލިއެވެ.
ލަސްލަހުން ދެލޯ ހުޅުވާލި ޒައިނާއަށް ހީވީ އޭނާގެ ކަންފަތް ދަށުގައި އަބާން އެހެން ބުނެލި ހެންނެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަބާނަށް ދެރަގޮތަކަށް ކަމެއް ދިމާވުމަކީ އޭނާ ދުވަހަކުވެސް އެދުނު ގޮތެއް ނޫނެވެ. އެހެންނަމަވެސް ތަޤުދީރުގައި ލިޔެވިފައި އޮތް ކަމެއް ބަދަލުކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެނެއް ނުވެއެވެ. އޭނާގެ ލޯބި ތެޅެމުން ފޮޅެމުން އޭނާގެ ގާތަށް އަންނަން ފަށައިފިއެވެ. އޮތީ އެންމެ އިންތިޒާރެކެވެ. އަބާންގެ އާބަހެވެ. އޭނާގެ ކައިރީގައި އަބާން ވީ ވައުދު ހަނދާންވެ އިސްވެ އެވާހަކަތައް ބުނާނެ ދުވަހެކެވެ.
***
މަޖީދީމަގު ހުރިގޮތަށް ގޮސް އަނާރް ނިކުތީ އާޓިފިޝަލް ބީޗާ ދިމާލަށެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ދެޖިންސުގެ އެކި އުމުރުފުރާތަކުގެ މީހުންތަކުން މުޅި ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. ކާރުބާރުބޮޑު މަގު އަނާރަށް ހުރަސްކުރެވުނީ ވަރަށް އުނދަގުލުންނެވެ. މަގުގެ އަނެއް ފަރާތުގައި ހުރި ޝުރޫކް ކައިރީގައި ހުއްޓުމަށްފަހު ދެއެކުވެރިން ބްރިޖާ ދިމާލަށް ހިނގައިގަތެވެ.
"ކޮންކަމެކޭ ވީ؟" އަނާރް އަހައިލިއެވެ.
"އިނގެއެއްނު ދޮންބެ. މަންމަގެ އެއްބަނޑު ހުރި ހަމައެކަނި މީހާ" ޝުރޫކް ބުނެލިއެވެ.
"އަދި އަލަށްވެސް ނުދެކެން. އެކަމު ޝުރޫ އަބަދު ދޮންބެއެއްގެ ވާހަކަ ދައްކާތީ އަހަން" އަނާރް ބުނެލިއެވެ.
"ދޮންބެގެ އެކުވެރިއެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާތަކެއް ކުރި މައްސަލައެއް ފެންމަތިވެގެން އުޅެނީ. ދޮންބެ މިއަދު ގުޅާފަ ކިޔައިފި ވަރަށް ރަނގަޅު ވަކީލެއް ހޯދައިދީބަލާށޭ" ޝުރޫކް އޮޅުންފިލުވައިދިނެވެ. އެކުގައި ހިނގާފައި ގޮސް ދެ އެކުވެރިން މަޑުކޮށްލީ ލޮނުޒިޔާރަތްކޮޅުގައި އަލަށް ހުޅުވި ޕާކްތެރޭގައެވެ. ހިތްފަސޭހަ މައިދާނެކެވެ. ސިކުނޑިއަށް އަރާމެއް ބޭނުންނަމަ ޚިޔާރުކުރަންވީ އެކަހަލަ ފެހި ޕާކެކެވެ.
"ދެން؟ އަހަރެންނަށް ނޭނގޭ މާގިނަ ވަކީލުންނެއް. އެކަމަކު މާމަ ކައިރީގަ އަހައިގެން ވަކީލެއްގެ ނަންބަރ ހޯދިދާނެ" އަނާރް ވާހަކަދެއްކިއެވެ.
"އަހަރެންނަށް ނަންބަރެއް ލިބިއްޖެ. މާދަމާއަށް އެޕޮއިންޓްމަންޓެއްވެސް ލިބިއްޖެ. އަރޫ ދާނަން ދޯ މަށާއެކު. އަސްލު ބޭނުމެއްނޫން މިކަހަލަ ކަންތަކުގެ އެއްވެސް މީހަކަށް އެހީއެއް ވާކަށް. އެކަމަކު ދޮންބެ ވީމަ ނުކެރުނު އެއްޗެއް ބުނާކަށް" ޝުރޫކް ވާހަކަދެއްކިއެވެ.
"ދެން ދާނީ ދޯ. މިހެން އުޅެނިކޮށް ދޯ މަށަށް އޭނަވެސް ފެންނާނީ" ހީލުމަކާއެކު އަނާރް ބުނެލިއެވެ.
ދެއެކުވެރިން ހިނގައިގަތްތަނާ ކުރިމަތިން ހުރަސްކުރިި ޒުވާނާ ފެނި އަނާރްގެ ދެފައިގައި ހީވީ ކަސްތޮޅުއެޅުވިގެން ދިޔަހެންނެވެ. ތެޅެމުންދިޔަ ހިތާ ދިމާލުން މޭގައި އަތް އަޅުވާލާފައި ދެވަނަ ފަހަރަށް އެދިމާލަށް ބަލައިލިއިރު އެތަނުގައި ހަމަ އެމީހަކު ހުއްޓެވެ. އެއީ އޭނާގެ ހިތުގައިވާ ޒުވާނާ ތޯ ޔަޤީންކުރުމަށްޓަކައި ޒުވާނާއާ ތަންކޮޅެއް ގާތަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. ކައިރިވީ ވަރަކަށް އޭނާގެ ދެއަތްތިލަ ފިނިވަމުން ދިޔައެވެ.
ޝުރޫކް އަނާރްގެ މޫނަށް ބަލައިލީ އޭނާގެ އަތްތިލައިގައި އަނާރް ހިފައިލުމުންނެވެ. އެ އަތްތިލަ ފިނިވެފައިވާވަރު އިހުސާސްވުމާއެކު ޙާއިރާންކަމާއެކު އަނާރްގެ މޫނަށް ބަލައިލިއެވެ. ދެން ލަސްލަހުން އޭނާގެ ނަޒަރު ސީދާކޮށްލީ އަނާރްގެ ދެލޯ އަމާޒުވެފައިވީ ދިމާލަށެވެ.
(ނުނިމޭ)