ތިންވަނަ ބައި
މިވަގުތަކީ އޭނާ ހިތްވަރުކުރަންޖެހޭ ވަގުތުކަން އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. ގުނަމުން އެދަނީ މަޔޫރާގެ ހަޔާތުގެ ފަހު ވަގުތަތަކޭ ހިތް ބުނެލި ކަހަލައެވެ. އެހިނދު އޭނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ. ދެފަރާތަށް މޫނު ތަޅުވާލެވުނުއިރު އެފަދަ ވަގުތަކަށް ހިތް ނޭދެމޭ ބުނި ކަހަލައެވެ.
އެތައް ވަގުތެއް ވަންދެން ވިސްނާ ރުއިމުގައި ހޭދަކުރުމަށްފަހު އަބާނަށް ލޯމަރައިލެވުނީ ފަތިސްނަމާދުކޮށް ނިމިގެން ގޮނޑީގައި އިންދައެވެ. އޭނާއަށް ހޭވެރިކަމެއްވީ ނަރުހުންތަކެއް އެތެރޭގައި ހަރަކާތްތެރިވާ އަޑަށެވެ. އަބާން ގަދަކަމުން ދެލޯ ހުޅުވާލައިގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ފާރުގައި އަތްވިއްދާލުމަށްފަހު ކޮނޑުމަތިން މޫނު އަނބުރާލާފައި އެނދުގައި އޮތް މަޔޫރާއަށް ބަލައިލިއެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ދެލޯ ފުރިގެން އައެވެ. މަޔޫރާގެ ހަމައެކަނި ފުރާނަ ހުރިކަމެވެ. ނަރުހުން އެމީހުން ކުރަން އައި ކަންތައް ނިމުނުތަނާ ޖަލީލް ވަދެގެން އައެވެ. ޖަލީލް ކައިރީގައި މަޔޫރާގެ ދުރުތާ ތިމާގެ މީހެއްވެސް ހުއްޓެވެ.
"ދަރިފުޅު ގެއަށް ދިޔަސް ދެން އެންމެ ރަނގަޅު" ޖަލީލް އޭނާ ގެނައި ކޮތަޅު ކަބަޑުމަތީގައި ބަހައްޓަމުން ބުނެލިއެވެ. ޖަލީލާއި ކައިރީގައި ހުރި އަންހެންމީހާ އަނގައާއި ނޭފަތް ނިވާވާނޭހެން މާސްކަކުން ފޮރުވައިލީ އަބާން ބަލަން ހުއްޓައެވެ. އޭނާ ހިތުގައި ރިއްސާލިއެވެ.
މަރުވެފައިވާ މައްޔިތެއް ފަދައިން އަބާން ހިނގަމުން ދިޔައިރު އެމޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. ސައިކަލަށް އެރުމަށްފަހު ގެއާއި ދިމާލަށް ދުއްވާލިއިރު އުޑުމަތިން ވިއްސާރަ ވިލާތައް ކަނިޖަހަމުން ދިޔައެވެ. އަންނަން އުޅޭ ތޫފާނުގެ އިންޒާރުދޭ ކަހަލައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ހިލަމެއް އޭނާއަށް ނުވެއެވެ. އެއަށްވުރެ މާ ވަރުގަދަ ތޫފާނެއް އޭނާގެ ހިތާއި ހަށިގަނޑަށް ވަނީ ވެރިވެފައެވެ.
ހެނދުނު ކޮޓަރިއަށް ވަންގޮތަށް މެންދުރު ވިއިރުވެސް އަބާންގެ އެއްވެސް ހަބަރެއް ނުވެއެވެ. ބަދިގޭގައި ކައްކަން އުޅުނު މީހާއަށް އެހީވުމުގައި އުޅުނު އަބާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝުބާއަށް ގޮވާލުމަށްފަހު އަބާނަށް ގޮވަން ދިޔުމަށް ކޮޓަރިން ނިކުތް އުންމީދާ ބުނެލިއެވެ. ވަގުތުން ޝުބާ އެމަސައްކަތް ހުއްޓާލުމަށްފަހު އުންމީދާ ބުނި ކަންތައް ކުރުމަށް އަވަސްވެގަތެވެ. ޝުބާ ދެފަހަރަކު އަބާންގެ ކޮޓަރި ދޮރުގައި ޖަހައިލިއެވެ. ހަބަރެއް ނުވުމުން ތަޅުގައި ހިފާ އަނބުރާލިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން ޝުބާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ނަމަވެސް އޭނާގެ ނޭފަތުގައި ޖެހުނު ވަހަކުން މޭނބައިކޮށް ބޮލަށް އެނބުރުން އަރައިގަތެވެ. އޭނާ އޯކަށްދެމިލިއެވެ. ފާރުގައި އަތްކާއްތަމުން ގޮސް ލައިޓްތައް ޖައްސައިލިއެވެ. ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔުމާއެކު އެނދުގައި ހެޑްބޯޑު ހުރި ފަޅި ނޫން އަނެއްފަޅިއަށް ބޯލައިގެން ބަންޑުން ނިދާފައި އޮތް އަބާން ފެނިއްޖެއެވެ. އަބާންގެ ބޯދަށުގައި ބާލީހެއްވެސް ނެތެވެ. ކާޕެޓްމަތީގައި އެއްބާލީސް ގުޅަވެފައި އޮތްއިރު އަނެއް ބާލީސް އޮތީ ތިރީ ޓައިލްސްތައް މަތީގައެވެ. އެނދުގައި އަޅާފައި އޮތް ބެޑްޝީޓްވެސް އެއްފަރާތުން ވަނީ ކެހިފައެވެ. ފާހާނާއިގެ ދޮރުވެސް ހުރީ ހުޅުވާލާފައެވެ. އަބާނަށް ގޮވުމަށް ކައިރިއަށް ޖެހުނު ޝުބާއަށް ސައިޑްކަބަޑް މަތީގައި އަޅިކަނޑާފައި ހުރި އެއްޗާއި މަލްބަރޯ ސިގިރެޓް ކާޓޫނަކާއި ލައިޓަރ ފެނުމުން ހުއްޓުން އެރިއެވެ. މީގެކުރިން އޭނާގެ ދޮންބެއަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ނަފްރަތު ކުރާ މީހެކެވެ. މިއަދު ފެނުނު މަންޒަރު ބަލައިގަންނަން ޝުބާއަށް އުނދަގުވިއެވެ.
"މަންމާ!" ޝުބާއަށް ބާރަށް އުންމީދާއަށް ގޮވާލެވުނެވެ. އިރުކޮޅެއްފަހުން ބާރު ހިނގުމުގައި އުންމީދާ އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. އެންމެ ފުރަތަމަ އުންމީދާގެ ނޭފަތުގައިވެސް އައިސް ޖެހުނީ ސިނގިރެޓް ވަހެވެ. އިތުރު ކަމަކާ ވިސްނާނުލެވި އުޅެނިކޮށް އޭނާގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް އަބާނަށެވެ. ޝުބާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ނޭފަތާއެކު އަނގަމަތީގައި އަތް އަޅައިގެން ހުރެ އުންމީދާ އަބާން ކައިރީގައި ހުއްޓިލިއެވެ. އަދި ތިރީގައި ވެއްޓިފައި އޮތް ބާލީިސް ނަގާ އެނދުމައްޗަށް ލަމުން އަބާނަށް ގޮވައިލިއެވެ. އޭރު ހުޅުވާފައި ހުރި ފާހާނާއިގެ ދޮރު ލައްޕައިލުމަށްފަހު އެނދުގެ އަނެއްފަޅިން ޝުބާ ވެސް އިށީނދެއްޖެއެވެ.
"އަބާން! ދަރިފުޅާ!" ބަންޑުން އޮތް އަބާންގެ ބުރަކަށީގައި އަތްއަޅާ ތަޅުވަން ފެށުމާއެކު އަބާނަށް ހޭވެރިކަމެއް ވިއެވެ. އޭނާ ނިދިބަރުވެފައިވި ދެލޮލަށް ކުރިމަތީގައި އިން އުންމީދާ ފެނުނީ ކަޅު ހިޔަންޏެއްގެ ސިފައިގައެވެ.
"ދީބަލަ ތިހިރަ ފެންޖަގު" ސައިޑްކަބަޑަށް ބަލައިލިތަނާ އެތަނުގައި ހުރި ސާމާނު ފެނުމާއެކު އުންމީދާ އެދިމާލަށް ބަލަން ހުރެވުނީ ޤަބޫލުނުކުރެވިފައެވެ. ޝުބާ އުންމީދާ އަތަށް ފެންޖަގު ދިނުމާއެކު އަތަށް ކުޑަފެންފޮދެއް އަޅާލުމަށްފަހު އަބާންގެ މޫނުމަތީގައި ހާކައިލިއެވެ. ފަސޭހައިން އަބާނަށް ދެލޯ ހުޅުވުނީ ދެނެވެ. ހަމަހޭވެރިކަން ވުމާއެކު އޭނާގެ މުޅި ނަފްސު ހިޞޯރުކޮށްފައިވާ މާޔޫސްކަމާއި ހިތްދަތިކަން އަނެއްކާވެސް ވަށާލައިފިއެވެ. ކުރިމަތީގައި އިން އުންމީދާ ފެނުމާއެކު އަބާން ފުރަތަމަ ކަންބޮޑުވިއެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރަން ހިނދުކޮޅެއް ނެގިއެވެ.
"މަން.....މަންމަ...." ބަރުއަޑަކުން އަބާނަށް ބުނެލެވުނެވެ.
"އަބީއަށް ރަނގަޅަށްތަ ތިއުޅެވެނީ؟ މިއީ ކޮންކަމެއް؟ މީގެ އަމަލު ކުރަންފެށި ކޮންއިރަކު؟ ތިމާގެ ހަލާލު އަނބިމީހާ ހޮސްޕިޓަލުގައި މަރާއި ހަނގުރާމަ ކުރަމުން އެދަނީ. މިވަގުތު އަބީގެ އަމަލުތައް ހުންނަންޖެހޭ ގޮތަކީ ތީތަ؟ މިހުރިހާ ދުވަހު މަޔޫރާ ދެކެވީ ލޯބި ކޮންތާކަށް ދިޔައީ؟ އަބީ ތިހާ ރަހުމުކުޑަވީ ކޮންއިރަކު؟" އުންމީދާގެ ބަސްތައް އަބާނަށް އަމާޒުވަމުން ދިޔައިރު އޭނާ އެއްވެސް ބަހެއް ނުބުނެ އެނދުގައި އިނެވެ. އިސްއުފުލާ ބަލައިލަންވެސް ބޭނުންނުވެފައެވެ. މަންމަ ކުރިމަތީގައި މަޔޫރާގެ ހިތި ޙަޤީޤަތް ހާމަކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އުންމީދާގެ ކިތަންމެ ވަރަކަށް ސުވާލު ކުރި ނަމަވެސް އޭނާގެ ފަރާތުން ދެވެން އޮތް ޖަވާބަކީ ހަމައެކަނި ހަމަހިމޭންކަމެކެވެ.
"އަބާނާއޭ މަންމަ މި ވާހަކަދައްކަނީ. މި ބާލީހަކާ ނޫނޭ" އުންމީދާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަބާން އިސްއުފުލާ އުންމީދާއަށް ބަލައިލުމަށްފަހު އިސްޖަހާލިއެވެ. އަމިއްލަ ދިފާއުގައި އެއްޗެއް ބުނާނެ ހިތްވަރެއް އަބާނަށް ނުލިބުނެވެ. އެވަގުތު އަބާންގެ ފޯނުގެ ރިންގްގެ އަޑު އިވެންފެށިއެވެ. އަބާނަށް ހަމަ ކުޑަވެސް ގުޑުމެއް ނާދެއެވެ. އޮޅުންބޮޅުން ވެފައިވާ ބެޑްޝީޓް ތެރެއިން ފޯނު ހޯދީ ޝުބާއެވެ. އޭނާ ފޯނަށް އަރާފާއިން ނަން ބަލައިލުމަށްފަހު ދިއްކޮށްލީ އުންމީދާއަށެވެ. އޭރުވެސް އަބާން އިސްޖެހިފައި އިނެވެ.
"މިހާރުވެސް އެގުޅަނީ ހޮސްޕިޓަލުން. މަޔޫރާގެ ބައްޕަ ކަމަކުއޭ އެގުޅަނީ. ބަލަ މަޔޫރާގެ ޒިންމާނަގަންޖެހޭ މީހަކީ ތީއޭ" އުންމީދާ އަބާނަށް ފޯނު ދިއްކޮށްގެން އިންދާ އެކޯލް މިސްވިއެވެ. އަބާންގެ އަމަލުތައް އެގޮތަށް ހުރުމުން ޤަބޫލުނުކުރެވިފައި އުންމީދާ އިނީ އަބާނަށް ބަލަހައްޓައިގެންނެވެ. ދެވަނަ ފަހަރަށް ޖަލީލް ގުޅަންފެށީ އުންމީދާ އެގޮތަށް އިންދައެވެ.
"އަހަރެން ހަމަ ހައިރާންވެގެން ކިޔާނެ އެއްވެސް އެއްޗެއް ނޭނގިފަ މިއިނީ. އަހަރެން ހިތަށް އަރާ ތިއީ ހަމަ އަހަރެން މިބަނޑުގައި ނުވަމަހު ބާއްވައިގެން ވޭނާއެކު މިދުނިޔެއަށް އުފަންކޮށް ގަނަތެޅިގެން ބޮޑުކުރި އަހަރެންގެ ދަރިއެއްބާއޭ" އުންމީދާއަށް ބުނެލެވުނެވެ. އެވަގުތު އަބާނަށް އުންމީދާއަށް ބަލައިލެވުނެވެ. އުންމީދާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުމުން އަބާން ހިތުގައި ޖެހިއްޖެއެވެ. މަންމައަށް ހަގީގަތް ކިޔައިދޭނެހާ ހިތްވަރު އޭނާއަށް ނުލިބިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
"މަންމާ އަޅުގަނޑަށް މަޢާފްކުރޭ. ތި ފޯނަށް މަންމަ ޖަވާބުދީބަލަ. ހެޔޮނުވާނެ" އާދޭހާއެކު އުންމީދާގެ އަތުގައި ހިފައިލަމުން އަބާން ބުނެލިއެވެ. އުންމީދާ އަބާންގެ މޫނަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ފޯނު ނެގީ ތިންވަނަ ފަހަރަށް ކޯލު އަންނަން ފެށުމުންނެވެ.
"ކީކޭ؟؟؟؟......." އުންމީދާ އަތުން ފޯނު ދޫވެގެން ތިރިއަށް ވެއްޓުނުއިރު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގަނެއްޖެއެވެ. އޭނާއަށް ގަބޫލެއްނުކުރެވުނެވެ. އެއީ ހުވަފެނަކަށް ވާނެ ނަމައޭ ހިތަށް އެރިއެވެ. ކަންފަތުގެ ހިނދުރީގައި ހިފާލައިފިވި ޖަލީލްގެ އެ ޖުމްލަ ތަކުރާރުކޮށް އޭނާއަށް އިވެމުން ދިޔަހެން ހީވެ މޫނު ދެފަރާތަށް ތަޅުވައިލިއެވެ.
"ކިހިނެއްވީ މަންމާ" ޝުބާ އަވަހަށް އައިސް އުންމީދާގެ ގައިގާ ހިފައިގަތެވެ. އުންމީދާ ކަރުނަވީ ދެލޮލަކުން ބަލައިލީ އަބާނަށެވެ. ލިބުނު ޚަބަރަކުން އުންމީދާގެ ހަށިގަނޑުގައި ދައުރުވަމުންދާ ލޭވެސް ހުއްޓިފައިވާ ކަހަލައެވެ. އެ ލިބުނު ހިތާމަ އޭނާގެ ދަރިފުޅަށް ބަރުދާސްތު ކުރެވިދާނެބާއެވެ؟ ވަގުތުން އޭނާގެ ހިތް އަބާންގެ މައްޗަށް ރަހުމުން ފުރިއްޖެއެވެ. ކަރުނަވީ ދެލޮލުން ދަރިފުޅަށް ބަލަން އިނދެވުނީ އެވާހަކަ ބުނާނެ ގޮތެއް ނޭނގިފައެވެ.
"ދަރިފުޅާ......" އުންމީދާ އަބާނަށް މަޑުމަޑުން ގޮވައިލިއެވެ.
"ނިޔާވީތަ.....؟" ތުރުތުރުލެވިފައިވި އަޑަކުން އަބާން އަހައިލިއެވެ. ޝުބާ ދެލޯބޮޑުވެ އަނގަމަތީގައި އަތްއެޅިއެވެ. އަދި ޙައިރާންކަމާއެކު އަބާނަށް ބަލައިލިއެވެ. އުންމީދާ ބޯޖަހައިލުމާއެކު އަބާންގެ ހިތުގައި ހީވީ ކޮށިވަޅިއަކުން ޅިޔަ އަޅުވާ ބުރި ކޮށްލިހެންނެވެ. ވަގުތުން އޭނާ އުންމީދާގެ އުނގުގައި ބޯއަޅައިފިއެވެ. އަޑުން އަޑުނަގާ ރޯންފެށި ގޮތުން ފެނުނު ކޮންމެ މީހެއްގެ ފުރާނަވެސް ރޮއިގަންނާނެކަން ކަށަވަރެވެ. އުންމީދާއަށް ވެސް ކަރުނަތައް ނުހިފެހެއްޓުނެވެ. ޝުބާއަށް އެމަންޒަރުތައް ބަލަން ކެތްނުވުމުން ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު ނަސީމަށް ގުޅާފައި އެ ޚަބަރުދިނެވެ.
އުންމީދާގެ އުނގުގައި އޮވެ އަބާން ރޮމުން ދިޔައިރު އޭނާގެ ހިތުގައި މަޔޫރާއާއެކު ހޭދަވީ އެކި ދުވަސްތައް ހަނދާނަށް އަންނަމުން ދިޔައެވެ. އޭނާއަށް ދެން ދުވަހަކުވެސް އެ ލޯތްބެއް ނުލިބޭނެއެވެ. އެ މޫނެއްވެސް ނުފެންނާނެއެވެ. މަޔޫރާ ވަކިވެގެން އެދިޔައީ އޭނާގެ އުފާވެރިކަމާ މުޅި ރޫހް ހިފައިގެންނެވެ. އޭނާގެ ހިތުގައި ފޫހިކަމެއް އުފެދުނީ މަޔޫރާގެ އަމަލުކުރި ގޮތްތައް ދެކެއެވެ. އަދިވެސް އެލޯބި ތާޒާކަން މަޔޫރާ ނިޔާވި ޚަބަރު ލިބުނު ވަގުތުން ފެށިގެން އޭނާއަށް އިހުސާސްވެއްޖެއެވެ. ހުއްޓުމެއްނެތި އުންމީދާގެ އުނގު ތެރޭގައި އޮވެ ހިތުގައިޖެހި އަބާން ރޮމުން ދިޔައެވެ. ބަނޑުހައިވެފައިވާ ތުއްތު ކުއްޖަކު ކާއެއްޗަކަށް އެދި ރޮމުންދާ އުސޫލުން އަބާން ރޮމުން ދިޔައިރު އުންމީދާއަށް ހީވީ އޭނާގެ ހިތް ވިރިގެން ފައިބައިގެންދާ ހެންނެވެ. އަބާންގެ އަތު ތެރޭގައި ބޮނޑިކޮށްލެވިފައިވި އުންމީދާގެ ހެދުމުގެ ފަސްބައިގެ ތެރެއަށް އޭނާގެ ކަރުނަތައް ހިނދެމުން ދިޔައިރު އެކަރުނަތައް ފަދައިން މަޔޫރާވެސް މި ކެހިވެރި ދުނިޔެއާއި އަލްވަދާޢު ކިޔައިފިކަން ޤަބޫލުކޮށްފިއެވެ. އޭނާ މިދުނިޔޭގައި ދެން އުޅެންޖޭހޭނީ މަޔޫރާއާއި ވަކިންކަން ޤަބޫލުކުރެވިއްޖެއެވެ. ދެމަފިރިންގެ ލިސްޓުން އޭނާގެ ނަން އުނި ކުރެވިއްޖެކަން ޤަބޫލުކުރެވި ރުއިން އިތުރަށް ގަދަވަމުން ދިޔައެވެ.
ދުވަހުގެ އަޞުރުނަމާދަށްފަހު މަޔޫރާގެ ކަށުކަމާކެމީގެ ކަންތައް ނިންމާލިއެވެ. އަބާނަށް ހިފަހައްޓައިލެވުނީ ބޭސްކައިގެންނެވެ. އޭނާގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. ވަދެ ނިމުގެންދާ ކޮންމެ މީހަކު ދަނީ ތަޢުޒިޔާގެ ބަސްތައް އަބާނަށާއި އާއިލާއަށް ރައްދު ކުރުމަށް ފަހުގައެވެ. ހުރިހާކަމެއް ނިމުމަށްފަހު އަބާންގެ އާއިލާ ގެއަށް ދިޔުމަށް ކާރަށްއެރި ވަގުތު ފަހަތުން މީހަކު އަބާނަށް ގޮވައިލިއެވެ. އަބާން ފަހަތް ބަލައިލިއިރު ކުލަމަރުވެފައިވާ ފަތެއްހެން ހުރި މޯޑް ފެނުމުން އަބާން ހުއްޓުނެވެ. ކުރިއާ ހިލާފަށް މިހާރު މޯޑް ހުރީ ވަރުގަދަވެފައި ހަށިގަނޑުގައި މަސްޖަހާލާފައެވެ. އިތުރަށް ދޮންހެންވެސް ހީވެއެވެ. މޯޑް ދައްކަން ބޭނުންވާ ވާހަކަދައްކަން އަދި މީ އެންމެ ރަނގަޅު ގަޑިއޭ އޭނާގެ ހިތެއް ނުބުންޏެވެ. އެހެންކަމުން އަބާންގެ ކޮނޑުގައި ޖަހައިލުމަށްފަހު ފަހުން ބައްދަލުކުރާނަމޭ ބުނެލިއެވެ.
ހަމަ އެދުވަހުގެ ރެއެވެ. ސަހަރާއިން އައި ގޮތަށް އަބާން ކޮޓަރިއަށް ވަދެއްޖެއެވެ. އެއްވެސް މީހަކާ ބައްދަލުކުރަން އޭނާ ބޭނުމެއްނުވިއެވެ. މާލޭގައި ދިރިއުޅޭ އާއިލާގެ ބައެއް މެންބަރުން އެ ހިތާމައިގައި ބައިވެރިވުމަށް އައުމުންވެސް އަބާން ކޮޓަރިން ނުނިކުތެވެ. އުންމީދާއާއި ނަސީމްވެސް ތިބީ ހިމޭންވެފައެވެ. އެދެމަފިރިންގެ ދުލު ކުރީގައި ވަނީ އަބާންގެ ނަމެވެ. ހުރި ހަމައެކަނި ފިރިހެންދަރިފުޅުގެ އަނބިމީހާ ޒުވާން އުމުރުގައި މި ފަނާކުރުވަނިވި ދުނިޔެއާއި އަލްވަދާއު ކިއީއެވެ.
"ހާދަ ވަރެކޭ މަޔޫރާއަށް ވެފަ އޮތީ" ކޮޓަރިއަށް ވަންނަމުން ނަސީމަށް އުންމީދާ ބުނެލިއެވެ.
"އަހަރެންވެސް ތިހެން ހިތަށް އެރި. އާއިލާ މެންބަރުން ނޫން އެއްވެސް މީހަކަށް މޫނުވެސް ނުދެއްކިއެއްނު" ނަސީމް ވާހަކަދެއްކިއެވެ.
ރޭގަނޑުގެ ކެއުން ހިފައިގެން އަބާންގެ ކޮޓަރިއަށް ދިޔައީ އުންމީދާއާއި ނަސީމް އެކީގައެވެ. މަޔޫރާގެ ކަންތައް ދިމާވިފަހުން އަބާން ރަނގަޅަށް ކާއެއްޗެއް ނުކާކަން އެދެމަފިރިންނަށް އިނގެއެވެ. ކޮޓަރީ ދޮރުހުޅުވުމާއެކު ލިބުނީ ޙައިރާންކަމެކެވެ. ފާރުގައި ހަރުކޮށްފައި ހުރި ދެކުދިންގެ ކައިވެނީގެ ދުވަހު ނަގާފައި އިން ފޮޓޯ ހަލާކުކޮށްފައި ދޮރާއި ދިމާލަށް އެއްލާލާފައި އޮތެވެ. އެނދުމަތީގައި އޮތް ބާލީހުގެ އުރައާއި ބެޑްޝީޓްވެސް ބޮނޑިކޮށް ކަނަކަށް ޖަހާފައި އޮތެވެ. މަޔޫރާގެ ފަރާތުން ލިބިފައިހުރި ކާޑުތަކާއި އެކި ހަދިޔާތައް ހަލާކުކޮށް މުޅި ކޮޓަރި ތެރެއަށް އުކާފައި ހުއްޓެވެ. އުންމީދާއަށް ޙައިރާންކަމާއެކު ނަސީމްގެ މޫނަށް ބަލައިލެވިއްޖެއެވެ. ކޮޓަރި ތެރެއިން އަބާން ފެންނަން ނެތެވެ. އުންމީދާ ބެލްކަނިވެސް ބަލައިލިއެވެ. ފާހާނާއިން ފެންއޮހޭ އަޑު އިވިއިވި ހުރުމުން އަބާން ވީ އެތެރޭގައިކަން އިނގުނެވެ. ނަސީމް ކުރިއަށްޖެހިލިއެވެ. ފާހާނާ ދޮރުމަތީގައި ހުއްޓުމަށްފަހު އެތެރެއަށް ކޮށްޕައިލިއެވެ. އޭނާ ބޯދިއްކޮށް އެތެރެއަށް ބަލައިލިއިރު ދޫކޮށްފައި ހުރި މާގަނޑުދަށުގައި ތިރީގައި ފާރުގައި ލެގިލައިގެން އަބާން އިނެވެ. ތިރިން ލައިގެން އިނީ ގޭތެރޭގައި ލައި އުޅޭ ކަހަލަ ސޯޓެކެވެ. ފާހާނާ ތެރެއަށް ވަދެގެން ނަސީމަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ލޯބިވާ ދަރިފުޅު އެހާލުގައި އިންތަން ފެނުމުން އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ވީގޮތެއް ނޭނގި އުންމީދާއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވިއްޖެއެވެ. އަބާންގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ފާހާނާއިން ނިކުމެގެން އައި ނަސީމް ފެނުމުން އުންމީދާއަށް ރޮއެގަނެވިއްޖެއެވެ. އެނދުމަތީގައި ކާއެއްޗެހިތަށި ބަހައްޓާފައި އަބާން ކައިރިއަށް ދުވެފައި ދެވިއްޖެއެވެ. އަބާނަކީ މީގެކުރިން ދުވަހަކުވެސް ރުއި ކުއްޖެއްނޫނެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރު ތަފާތެވެ. އަދިވެސް އަބާންގެ ރުއިމަކަށް ބަދަލެއް ނާދޭއެވެ. ދަރިފުޅު އެހިތާމަތަކުން އަރައިގަންނަން ކިހާ މުއްދަތެއް ނަގާނެބާއޭ އުންމީދާގެ ހިތަށް އެރިއެވެ.
"ދަރިފުޅާ! މުސީބާތުގެ ވަގުތު ރޮއެ އަޑުގަދަ ކުރުމަކީ ރަނގަޅު ކަމެއް ނޫން. އަހަރެމެންނަށް އޮތީ ކެތްތެރިވުން. ފިރިހެނަކަށްވީތީ ނިކަން ހިތްވަރުގަދަކޮށްބަލަ" އެނދުގައި އިން އަބާންގެ ބުރަކަށީގައި ފިރުމަމުން އުންމީދާ ވަހަކަދެއްކިއެވެ. ވާހަކަދައްކާނެ ހިތްވަރެއް އަބާނަށް ނުލިބުނެވެ.
"ކޮންމެ އިންސާނަކީވެސް މަރުވެގެންދާނެ އިންސާނެއް. އަހަރެމެންނާ މަރު ބައްދަލުކުރާނެ ވަގުތެއް ނޭނގޭ. އޮތީ އެވަގުތަށް އަބަދުވެސް ތައްޔާރުވެގެން ތިބުން" ނަސީމް އަބާނަށް ނަޞޭޙަތްތެރިވަމުން ދިޔައެވެ.
"ދެން ހުއްޓާލާ. ތިހާ ފިނޑިނުވޭ. އަދި ދަރިފުޅު ދުނިޔޭގަ އުޅެން ހެއްދެވިފަރާތުން ފުރުސަތު ދެއްވާފައި ވަނީ. އެއްވެސް މީހަކަށް އެމީހެއްގެ ދިރިއުޅުމުގައި މާދަމާ ވާނެ ގޮތެއް ނޭނގޭނެ" ހަރުގައި އޮތް ތުވާލި ހިފައިގެން އައި އުންމީދާ އަބާންގެ އިސްތަށިގަނޑު ފޮހެމުން ވާހަކަދެއްކިއެވެ.
"އިނގޭ ދަރިފުޅަށް މަޔޫރާ މަތިން ހަނދާން ނައްތާލަން ފަސޭހައެއްނުވާނެކަން. ދެން ކީއްވެ އެހުރިހާ ހަނދާންތަކެއް މިކޮޓަރިން ބޭރުކުރަން ބޭނުންވަނީ. އެ ފެންނަން ހުރީމަ ދަރިފުޅުގެ ހިތަށް ހަމަޖެހުން ލިބޭނެއްނު" އުންމީދާ ވާހަކަދެއްކިއެވެ.
"މަޔޫރާއާއި ގުޅުންހުރި އެއްވެސް އެއްޗެއް އަޅުގަނޑު ބޭނުމެއްނޫން. މިކޮޓަރީގައި އުޅެންވެސް އަޅުގަނޑު ބޭނުމެއްނޫން" ކަރުނަތަކާއެކު އަބާން ވާހަކަދެއްކިއެވެ.
"އަޅުގަނޑު ބޭނުމީ އެކަނި އޮވެލަން. މަންމަމެން ދޭ" އަބާން ބުނެލިއެވެ. އުންމީދާ ބަލައިލީ ނަސީމަށެވެ. ނަސީމް ކޮށްލި އިޝާރާތަކާއެކު އުންމީދާ ދާން ހިޔާލުކުރިއެވެ.
"މަންމަމެން ގޮސްދާނަން. އެކަމަކު އޮންނަންވާނީ ކައިގެން. އެހެންނޫނީ މަންމަ މިތަނަށް އަންނާނެ. ދަރިފުޅުގެ ބޮލަށް އުނދަގުކުރާނެ" އުންމީދާ ބުނެލިއެވެ. އަބާން ބޯޖަހައިލިއެވެ. މަންމައާއި ބައްޕަ އެތަނުން ފޮނުވާލަން ބޭނުންވެފައިވާ ކަހަލައެވެ.
ހަފްތާއެއް ފަހެވެ. މަޔޫރާގެ މަރަށްފަހު އޮފީހަށް ދިޔުމާއި ކޮޓަރިން ބޭރަށް ނިކުމެ އުޅުމަކީ އަބާން ކޮށްއުޅޭ ކަމެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައެވެ. މެންދުރުގެ ކެއުން ހިފައިގެން އަބާންގެ ކޮޓަރިއަށް ދިޔައީ އުންމީދާއާއި ނަސީމް އެކީގައެވެ. އޭރު އަބާން އުޅުނީ ފާހާނައިގައެވެ. ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުން ގުދުރަތީ އަލި ވަނީ ކޮޓަރިތެރެއަށް ފެތުރިފައެވެ. ކޮޓަރި ތެރެއިން ފެންނަނީ ތާޒާކަމެވެ. ޑެކަރޭޝަން ހުރީ ބަދަލުކޮށްފައެވެ. އެއީ އެތެރޭގައި ހުރެ އަބާން ކުރި މަސައްކަތެވެ. އަބާން ފާހާނާއިން ނިކުތްއިރު ނަސީމާއި އުންމީދާ ފެނުމުން ހީލައިފިއެވެ. އުންމީދާއާއި ނަސީމްގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައީ އަބާންގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނުމުންނެވެ. މޭޒުމަތީގައި ހުރި ކާއެއްޗެހި ތަބަށް ފެނުމުން އަބާނަށް އެމީހުން އެއައީ އޭނާއަށް ކާންދޭންކަން އެނގުނެވެ.
"ދަރިފުޅާ ކާންވީނުން" ނަސީމް ލޯތްބާއެކު ބުނެލިއެވެ. އުންމީދާ ކާއެއްޗެހި މަތިނަގަން އުޅުމުން އަބާން އެކަން މަނާކުރިއެވެ. އުންމީދާ އަބާނަށް ބަލައިލިއެވެ.
"އަޅުގަނޑު އަބަދު މިހެން އުޅޭކަށް ބޭނުމެއްނޫން. އަޅުގަނޑު ދުނިޔެއާއި ކުރިމަތިލާން ބޭނުން. ވެދިޔަކަންތައް ހަނދާން ނައްތާލަން ބޭނުން. އަޅުގަނޑަށް އިނގޭ މަންމައާއި ބައްޕަ އަޅުގަނޑުގެ ފަރާތުން އިނގެން ބޭނުންވާ ކަންތައްތަކެއް ހުރިކަން. އަޅުގަނޑު ޖަވާބުދޭން ބޭނުން. މަންމަމެންނަށް އެއްވެސް ކަމެއް ފޮރުވުމުގެ ބޭނުމެއް މިހާރަކު ނެތް" އަބާން އުންމީދާ ކައިރީގައި ހުރި ހުސްތަންކޮޅުގައި އިށީންނަމުން ބުނެލިއެވެ. އުންމީދާ ހިތްހަމަޖެހުނެވެ. މަޔޫރާގެ މަރަށްފަހު އުންމީދާ ހީކުރީ އޭނާގެ ދަރިފުޅުގެ އުފާވެރިކަން އަނބުރާ އައުމަށް ދުވަސްތަކެއް ނަގާނެ ކަމަށެވެ. އެކަމަކު އެދަރިފުޅުގެ ހިތްވަރުގަދަކަން ފެނި އުންމީދާގެ ބޮލުން ހީވީ އެތައް ޓަނެއްގެ ބުރަދަން ނެއްޓިގެން ދިޔަހެންނެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ނަސީމަށް އަބާންގެ ބޮލުގައި ފިރުމައިލެވިއްޖެއެވެ. އަބާން އޭނާގެ މަންމައާއި ބައްޕަގެ އަތްތިލައިގާ ބޮސްދިނެވެ.
"ދިރިއުޅެވޭނީ އިންސާނާގެ ކިބައިގައި ކޮންމެވެސް ވަރެއްގެ ކެތްތެރިކަމެއްވެސް ހުރެގެނެއްނު" އަބާން ބުނެލިއެވެ. ލޯބިވާ ދަރިފުޅު ހިތްވަރުކުރަން މަސައްކަތް ކުރާވަރު ފެނި އުންމީދާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"އަޅުގަނޑު މިހެން ކިތަންމެ ދުވަހަކު އުޅުނަސް މަޔޫރާ އެނބުރި އަންނާނެތަ؟ ނޫނީ މަޔޫރާ އަޅުގަނޑަށް އޮޅުވާލިކަމުގައި ނުވާނެތަ؟ އަބާންގެ އަޑުގައި ވޭނީ ރިހުމެއްވިއެވެ.
ރޭގަނޑުގެ ކެއުމަށްފަހު އަބާނާއި އޭނާގެ އާއިލާ މަޑުކޮށްލައިގެން އިނީ ހޯލުގައެވެ. އިރުކޮޅަކުން ސައިފް ވެސް އައިސް އެމީހުންނާއި ބައިވެރިވިއެވެ. އަބާން މަޔޫރާއާއި ގުޅޭ ހުރިހާ ވާހަކައެއް ދައްކަން ބޭނުންވީ ސައިފްގެ ވެސް ހާޟިރުގައެވެ. އަބާން ކުރި ހިތާމަތަކުގެ ފަހަތުގައިވާ ސަބަބު ހޯދަން ސައިފްވެސް ބޭނުންވެފައި ވުމުންނެވެ.
"ދަރިފުޅު ދާންވީނުން އެތެރެއަށް" ކައިރީގައި އިން ޝުބާއަށް ބަލައިލަމުން އުންމީދާ ބުނެލިއެވެ.
"ނޫނޭ.. ޝުބް އިނަސް ރަނގަޅުވާނެ" ވަގުތުން އަބާން ބުނެލިއެވެ. އަބާން ހަށީފުރާ ނޭވައެއް ލުމަށްފަހު ވާހަކަދެއްކުމަށް ތައްޔާރުވެލިއެވެ.
"މާތްﷲ މަޔޫރާގެ ފާފަތައް ފުއްސަވާ އޭނާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވާށި... އާމިން...." ކަރުނަތަކުން ދެލޯ ފުރިފައިވި ހާލު އަބާން މަޔޫރާގެ މައްޗަށް ހެޔޮ ދުޢާ ކޮށްލިއެވެ.
(ނުނިމޭ)