ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 02

1

ދެވަނަ ބައި

"މަޔޫރާ" ޖަވާބުދިނީ މަޔޫރާ އަމިއްލައަށެވެ. ހުރިހާކުދިން އެއްފަހަރާ ހީލިއެވެ.

"ވަރަށް ރީތިނަމެއް. މާޝާﷲ" އަބާން ބުނެލިއެވެ. ހުރިހާކުދިންގެ ފަހަތުން އަބާން ލަސްލަހުން ހިނގައިގަތެވެ. ވަކި ހިސާބަކަށް ދިޔުމަށްފަހު އަބާން ފަހަތަށް އެނބުރި ބަލައިލިއެވެ. ބޭނުމަކަށްވީ އަދި އެއްފަހަރު އެފަރި ސޫރައަށް ބަލައިލުމެވެ. އޭރު މަޔޫރާ ހުރީ ބަލަހައްޓައިގެންނެވެ. އަބާންގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައީ މަޔޫރާ އެއްލޯ މަރައިލުމުންނެވެ. އަބާން ބާރަށް ހިނގާފައި ގޮސް އޭނާގެ އެކުވެރިންނާއި އަރާ ހަމަކުރިއެވެ. މިހާރުވެސް ނުވަދިހަ ނުވަ ޕަސެންޓް އޭނާއަށް ކާމިޔާބުވެއްޖޭ ހިތަށް އެރިއެވެ.

ކެއުން ނިންމާލުމަށްފަހު ލައިވް މިޔުޒިކް ކުޅޭތަނުގައި އެކުވެރިން ޖައްސައިލުމުން އަބާން މިސްރާބުޖެހީ ސްކޫލުން ނިކުންނާށެވެ. މަގުމައްޗަށް ނިކުތުމަށްފަހު މިސްރާބުޖެހީ ގެއާއި ދިމާލަށެވެ. ކޮޓަރިއަށް ވަދެ އަލުން ފްރެޝްވެލައިގެން ބައިސްކަލް ތަޅުދަނޑިއާއި ބައްތި ހިފައިގެން ނިކުމެ މަގު ހުރިގޮތަށް ދުއްވައިލިއެވެ. އަބާން ބައިސްކަލް މަޑުކޮށްލީ ރަށުގެ މީހުން ނޫޅޭ ހިސާބެއްގައެވެ. ގަހެއް ކައިރީގައި މަޑުކޮށްލައިގެން ތިބި ދެއަންހެންކުދިން އަބާނަށް ފެނުނެވެ. އެހިސާބާއި އަރާ ހަމަވުމުން މަޔޫރާ ކައިރީގައި ހުރި ދެވަނަ އަންހެންކުއްޖާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ހީވާގޮތުން އެކުއްޖާއަކީ އެތަނަށް މަޔޫރާ ގެނެސްދިން މަޔޫރާގެ އެކުވެރިޔެކެވެ.

"މަޔޫރާ ކިހިނެއްތަ؟" އަބާން އަހައިލިއެވެ.

"ގުޑް. އަބާން ކިހިނެއްތަ؟" މަޔޫރާ އަހައިލިއެވެ. މަޔޫރާގެ އަޑު ކަންފަތުގައި ޖެހުމުންވެސް އަބާނަށް ހީވީ ކަންފަތްދަށުގައި ލުއި މިޔުޒިކެއް ކުޅެލިހެންނެވެ.

"އަބާން ވެސް ރަނގަޅު. މަޔޫރާ ވަރަށް ރީތި" ބުނާނެ އެއްޗެއް ނޭނގިގެން އަބާން ބުނެލިއެވެ. މަޔޫރާ ރަކިގޮތަކަށް ހީލިއެވެ.

"ސީރިޔަސްކޮށް. ވަރަށް އުފާވެއްޖެ މިތަނަށް އައިސްދިނީމަ. މޯޑުގެ ފޯނުން ނަންބަރު ހޯދީ ވަރަށް މަސައްކަތުން" އަބާން ވާހަކަދެއްކިއެވެ.

"މަޔޫރާއަށްވެސް މިރަށުން ފެނުނު އެންމެ ރީތިކުއްޖާ އަބާންތީ" މަޔޫރާ ބުނެލިއެވެ. އަބާން ރަކިވިއެވެ. އެހެންނަމަވެސް އެކަން މޫނުމަތިން ނުދައްކަން އޭނާ މަސައްކަތް ކުރިއެވެ.

"މަޔޫރާގެ ބޯއީފްރެންޑެއް ހުރޭތަ؟" އަބާން އަހައިލިއެވެ.

"ނޫން... އަދި ނެތް. އަދި ނުވިސްނަން" މަޔޫރާ ބުނެލިއެވެ.

"އެހެންވިއްޔާ ދެން ވިސްނާނީ ކޮންއިރަކުން؟" އަބާން އަހައިލިއެވެ.

"މިވަގުތުން ފެށިގެން" ހީލަމުން މަޔޫރާ ބުނެލިއެވެ.

"ޔޫ މީން..." އަބާން މަޔޫރާގެ މޫނަށް ބަލައިލިއެވެ. ދެމީހުންވެސް ތިބީ އެހިސާބުގައި ހަދާފައި ހުރި ފަޅު ގެއެއްގެ ފާރުކޮޅުގައި ލެގިގެންނެވެ.

"މިބުނީ އަބާންގެ ގާލްފްރެންޑަށް ވެދާނަމޭ... އަބާން ބޭނުންތަ؟" މަޔޫރާ އަހައިލިއެވެ. އަބާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ ހިތްހަމަޖެހުނު ވަރުންނެވެ. އޭނާގެ ހިތް އުފަލުން ނަށަން ފެށައިފިއެވެ. އޭނާ ކުރަން އުޅުނު ކަންތައް އެހާ ފަސޭހައިން ވެދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ.

"ވަރަށް ބޭނުން" އަބާން ބުނެލިއެވެ.

"އެކަމަކު މަޔޫރާ އަބާނަށް ވުރެ ބޮޑެއްނު. މިހާރު ޓްވެންޓީ ސިކްސްވެއްޖެ. އަބާނަށް އަދި ސިކްސްޓީން" މަޔޫރާ ބުނެލިއެވެ.

"ނެވަރ މައިންޑް" އަބާން ބުނެލިއެވެ.

"އެކަމަކު ވަރަށް ސޭޑް ނިއުސްއެއް ދޭން އޮތީ" މަޔޫރާ ބުނެލިއެވެ. އަބާން މަޔޫރާގެ މޫނަށް ބަލައިލިއިރު އޭނާގެ ހިތް ވަނީ އަވަސްވެފައެވެ.

"މަޔޫރާ މާދަމާ ފުރަން. މަޔޫރާ ކިޔަވަނީ އޮސްޓްރޭލިޔާގައި. މިއުޅެނީ ޗުއްޓީއަކަށް އައިސް. ކިޔެވުން އެއްކޮށް ނިންމާފައި އާދެވޭނީ އަދި ހައަހަރު ފަހުން" ތުއި ގޮތަކަށް މަޔޫރާ ބުނެލިއެވެ. އަބާން ހިތުގައި ޖެހުނެވެ. އޭނާގެ ޅަ ހިތުގައި އަލަށް އުފެދުނު ލޯބި މިޖެހުނީ އެއްދުވަހުން ފެނި ގެއްލޭށެވެ.

"އަސްލުތަ؟ ހާދަ ދެރައޭ" އަބާން ބުނެލިއެވެ.

"މަޔޫރާވެސް ވަރަށް ދެރަވޭ. އެކަމަކު ހަތަރު އަހަރުފަހުން އަންނާނަން އަބާން ކައިރިއަށް. އިންތިޒާރު ކުރާނަންދޯ" މަޔޫރާ ބުނެލިއެވެ.

"އަހަރެން ވަރަށް ލައިކްވޭ މަޔޫރާދެކެ. ވަރަށް ލޯބިވެސް ވެވިއްޖެ. ގޯޑް ޕްރޮމިސް. ބޭނުން މަޔޫރާއާއެކު ދާން" އަބާން ދެރަވިއެވެ. މަޔޫރާގެ އަތުގައި ހިފައިލަން ބޭނުންވިއެވެ. ނަމަވެސް މަޔޫރާ ދެކޭނެ ގޮތެއް ނޭނގޭތީ އަތުގައި ހިފާލާކަށް ނުކެރުނެވެ.

"މަޔޫރާވެސް. ފަތިހު ފުރުން އޮތީ. މިތާ ގިނައިރު ވަންދެން އަބާން ކައިރީގައި މަޑުކޮށްލެވިދާނެ" މަޔޫރާ ބުނެލިއެވެ.

"އެކަމަކު އަބާނަށް މަޑެއް ނުކުރެވޭނެ. މަންމައާއި ބައްޕަ އަބާން ގެއްލިގެން ހޯދާނެ. މާދަމާ ސްކޫލު ބަންދުވިޔަސް އަނެއްދުވަހު މޮކް އެގްޒާމް ފެށޭނެ" ދެރަވެފައި އަބާން ބުނެލިއެވެ.

"ވަރަށް ދެރަ. ހަނދާނަކަށް ކޯޗެއް ދޭނީ. އޭރުން ހަތަރު އަހަރު ވަންދެން މަޔޫރާ އިންތިޒާރުކޮށްކޮށް ހުންނާނަން އެހަނދާނުގެ ބާރުގަ" މަޔޫރާ ބުނެލިއެވެ. އަބާން ވިސްނާލިއެވެ. ވަގުތުން ވައަތުގެ ކުޑަވައި އިނގިލީގައި އިން ރިހި އަނގޮޓި ނެގިއެވެ. މަޔޫރާއަކީ ހިކިކޮށް ހުންނަ ކުއްޖަކަށް ވާތީ އޭނާގެ ވައަތުގެ ކަށި އިނގިއްޔަށް ވަރަށް ފަސޭހައިން އެ އަނގޮޓި ވަދެގެން ދިޔައެވެ.

"މިއީ އަބާންގެ ކާފަގެ ހަނދާނަކަށް އަބާންގެ އަތުގައި އޮތް ހަމައެކަނި އެއްޗަކީ. މި މަޔޫރާއަށް މި ހަދިޔާކުރީ އަބާންގެ ހިތާއެކު. އަމާނާތަށް ހިޔާނަތްތެރިނުވާތި. އަބަދުވެސް ވަރަށް ހަނދާންވާނެ މަޔޫރާ މަތިން. އަބާން އަބަދުވެސް މަޔޫރާއަށް އިންތިޒާރުކުރާނަން" އަނގޮޓި އެޅުވި އަތްތިލައިގާ ހިފަހައްޓައިލަމުން އަބާން ބުނެލިއެވެ. އެވަގުތު މަޔޫރާއާއެކު އެކު އައިސް ހުރި ކުއްޖާ ތަންކޮޅެއް ދުރުގައި ހުރެ މަޔޫރާއަށް ގޮވާލުމަށްފަހު އެކުއްޖާ މަންމަ ގުޅާ ވާހަކަ ބުނެލިއެވެ. މަޔޫރާ ދާން ހިނގައިގަތެވެ.

"ދާންވެއްޖެ" މަޔޫރާ ބުނެލިއެވެ.

"އަބާންވެސް ހަނދާނެއް ބޭނުން. ކޮންމެސް އެއްޗެއް ދީފަދޭ. މައްސަލައެއްނެތް ކޮންމެ އެއްޗަކަސް. މަޔޫރާ ބޮލުގަ ތިއިން ދަތި ވިޔަސް އޯކޭ" މަޔޫރާގެ އަތުގައި ހިފާ ހުއްޓުވަމުން އަބާން ބުނެލިއެވެ. މަޔޫރާ އިރުކޮޅަކު ހުރުމަށްފަހު އަބާންގެ ހަށިގަނޑުގައި ބައްދައިލިއެވެ. މަޔޫރާގެ ހަށިގަނޑުގައި އަބާންގެ ދެއަތް ވަށައިލުމާއެކު މަޔޫރާ އަބާންގެ ތުންފަތުގައި ބޮސްދިނެވެ. އެކަންތައްތައް ވީ އަބާނަށް އާ ކަންތައްތަކަށެވެ. ނަމަވެސް މަޔޫރާ އިސްނަގައިގެން ކުރިއަށް ދިޔައިރު އެއީ އޭނާ އަލަށް ކުރަމުން ދިޔަ ކަންތައްތަކެކޭ ހިއެއް ނުވެއެވެ. ދެން މަޔޫރާ ކޮށްލި ކަމަކުން އަބާންގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ހަޔާތުގައިވެސް އެފަދަ ބީހުމެއް އިހުސާސްކޮށްފައި ނުވާތީ އަބާންގެ މުޅި ހަށިގަނޑުން ބާރުދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. މަޔޫރާގެ ހަތަރުކަޅި އަބާންއާ ހަމަވެގެން ދިޔައިރު އަބާންގެ މޫނުމަތިން ފެންނަމުން ދިޔައީ މަޔޫރާގެ އެބީހުންތަކަށް އޭނާ މަރުހަބާ ކިޔާ ކަހަލަ ކުލަވަރުތަކެކެވެ. އެގޮތުގައި ދެމީހުން ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ.

***

ގެއަށް ވަދެގެން ދިޔަ އަބާންގެ ތުންފަތްމަތީގައިވި ހިނިތުންވުން އުންމީދާއަށް ސިއްރެއް ނުވިއެވެ. ހޯލުގައި އުންމީދާ އިން ކަމެއްވެސް އަބާނަށް ނޭނގެއެވެ.

"ދަރިފުޅާ! ކޮންތާކު އުޅެފަ ގެއަށް ތިއައީ؟" ކޮޓަރިއާ ދިމާލަށް ދިޔަ އަބާން ސިއްސައިގެން ދިޔައީ އުންމީދާގެ އަޑުންނެވެ.

"ޑިނަރ ނައިޓަށް ގޮށްސައެއްނު" އަބާން ބުނެލިއެވެ. އަދި ހުރި ފިޔަވަޅުމަތީގައި ހުއްޓިގެން ހުރީ އުންމީދާ އެދިމާލަށް އަންނާތީއެވެ.

"ނިމުނުތާ ކޮންއިރެއް؟ ނިންމާފައި މަންމަ ނުބުނަންތަ ގެއަށް އަންނަންވާނޭ" އުންމީދާ ވާހަކަދެއްކިއެވެ.

"ސޮރީއޭ މަންމާ. ނިންމާފައި އެމީހުން ލައިވް މިޔުޒިކް ކުޅޭތަނުގަ މަޑުކޮށްލީމަ އަޅުގަނޑުވެސް މަޑުކޮށްލީ. މަންމަ މިރޭ ޑިޔުޓީއޭ ބުނީމެއްނު. ނުދަންތަ؟" އަބާން ވާހަކަ އޮޅުވާލިއެވެ. އަބާންގެ މަންމައަކީ އެރަށުގައި އަލަށް ތަރައްޤީ ކޮށްފައިހުރި ބޮޑު ހޮސްޕިޓަލުގައި މަސައްކަތްކުރާ ސީނިއަރ ނަރުހެކެވެ.

"މިރޭ މަންމަ ކުޑަކޮށް ބަލިކޮށް އުޅޭތީ ގޭގައި މަޑުކޮށްލީ. ދެން ދޭ ކޮޓަރިއަށް. ފެންވަރައިގެން ނިދަން އުޅޭ" އުންމީދާ ބުނެލިއެވެ.

"މަންމާ މަޑުކޮށްބަލަ. ބައްޕަ އަޅުގަނޑު ގެއަށް އައިލެއް ލަސްކަމުން ހުންނެވީ ރުޅި ދުރުވެފައިތަ ނޫނީ ހަމަޖެހިފަތަ؟" އުންމީދާ މަޑުކުރުވާފައި އަބާން އަހައިލިއެވެ.

"ބައްޕަ ނިދައިފި. ވަރަށް ބޮޑަށް ރޯގާގެ އަސަރުކޮށްފައި ހުރީމަ ދަރިފުޅުގެ އެއްވެސް ވާހަކައެއް ނުދައްކާ" ހީލަމުން އުންމީދާ ބުނެލިއެވެ. އަބާން ދުވެލާފައި ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލޮކްކުރިއެވެ.

"އޯ މަޔޫރާ މަޔޫރާ. ޔޫ މޭޑް މީ ކްރޭޒީ ހަނީ... ލަވްޔޫ ސޯމަޗް..." އަބާން ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. ކުރިމަތިން ފެންނަންހުރި އޭނާގެ އަމިއްލަ ސޫރައަށް ބަލައިލަމުން ދެންމެ އޭނާއާއި މަޔޫރާ ދެމެދު ހިނގާދިޔަ ކަންތައްތައް ހިޔާލަށް ގެނައެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާފައި އެނދަށް ހޫރާލިއެވެ. އޭނާގެ މޭމަތީގައާއި ކަރުދޮށުގައި ވަނީ މަޔޫރާ ހަދިޔާ ކުރި ހަނދާންތަކެވެ. އެތަންތަނުގައި އަބާން އަތް ހިންގާލިއެވެ. ދެލޯ މަރާލެވުނު ވަގުތު ހީވީ ދެވަނަ ފަހަރަށް މަޔޫރާގެ ޖާދޫވީ ތުންފަތުގެ ބީހުން އިހުސާސް ކުރެވިގެން ދިޔަހެންނެވެ. ހަށިގަނޑުގައި ހުރި ހުރިހާ އަންނައުނުތައް ހަށިގަނޑާއި ވަކިކޮށްލުމަށްފަހު ފާހާނާއަށް ވަދެ ހޫނު ފެނުން ފެންވަރާލައިގެން ނިކުތް އިރުވެސް ހުރެވުނީ އަނގައިން ލޯބީގެ ލަވައެއްގެ ރާގު އަޅުވާލެވިފައެވެ.

"މަޔޫރާ! ނަސީބެއްނު ލިބުނު ވަގުތުކޮޅު ކުޑަވިކަން. އެހެންނޫނީ މިރޭ މަޔޫރާގެ ތި ހަށިގަނޑު އަހަރެންގެ އަތްދަށުން ސަލާމަތްނުވީސް. ވަރަށް އުފާވެއްޖެ ކުޑަވަގުތުކޮޅަކަށް ނަމަވެސް ތި ލޯބި ފިރުމުންތައް ލިބުނީމަ. ތީ ހާދަ ހުޝިޔާރު ކުއްޖެކޭ... އެއީ އުމުރުން ބޮޑުވީމަތަ އެހާ މޮޅީ... ހެހެހެ.... ހިތަށް އަރާ އަހަރެންގެ މީހަކަށް މަޔޫރާ ވާނީ ކޮން ދުވަހަކުންބާއޭ.... ކަމް ބެކް ސޫން ބޭބީ... ނީޑް ޓު ސްޕެންޑް މޯރ ޓައިމް ވިދް ޔޫ" އަބާން ވާހަކަދެއްކީ އޭނާގެ ފޯނުން ނަގާފައި އިން މަޔޫރާގެ ފޯޓޯއަކާއެވެ.

*********************************************

ފުންނިންޖަކުން ހޭލެވޭ ފަދައިން އެނދުގައި ހިޔާލުތަކުގެ ފުން ކަނޑަށް ޣަރަޤުވެފައި އޮތް އަބާން ފުންމައިގެން ތެދުވިއެވެ. އޭރު އޭނާގެ ދެލޮލުން ވަނީ ކަރުނަ ނީރާލާފައެވެ. މަޔޫރާގެ ލޯބިވެތި ހަނދާންތައް އޭނާ ރޮއްވާލައިފިއެވެ. އޭނާ ކިތަންމެ ބޭނުންވި ނަމަވެސް ދެން އެއުފާތަކެއް ނުލިބޭނެއެވެ. މިހުރިހާ ދުވަހު މަޔޫރާ އޭނާ ޅޮސް އުނދޯއްޔަށް އަރުވާފައި ބޭންދީއެވެ. އެއްވެސް ރަހުމެއް ނުކުރީއެވެ. ސަބަބެއް ނުދައްކާ މަޔޫރާ އޭނާގެ ކެތްތެރިކަން އިމްތިހާން ކުރުވީއެވެ. ކައިވެންޏަށް ތިންމަސް ފާއިތުވެގެން ދިޔައިރު އެނގުނު ހަމައެކަނި ކަމަކީ ދިގު އިންތިޒާރެއްގައި އެކުލެވިގެންވާ އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުމެވެ. ލޯބިވާ އަނބިމީހާ ކައިރީގައި ހުންނައިރު އިނގިލިކުރި ޖައްސައިލުމުގެ ހުއްދައެއްވެސް ނެތެވެ. ހުންނަން ބޭނުންވަނީ އަބަދުވެސް ވަކި ދުރުމިނެއްގައެވެ. މަޔޫރާގެ ހިތުގައި އެއްވެސް އިހުސާސެއް ނުވާއިރު ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ؟ އުމުރުގައި އެހާ ބޮޑު ތަފާތެއް ހުރިއިރުވެސް ކައިވެނި ކުރާނީ އަހަރެންގެ ހިތުގައި މަޔޫރާއަށްޓަކައި ޙާއްސަ ޤަދަރަކާއި ލޯތްބެއް ވާތީކަން މަޔޫރާއަށް ނުވިސްނުނީ ހެއްޔެވެ؟ އަބާންގެ ހިތުގައި މުޅިންވެސް އުފެދިފައިވަނީ ޖަވާބު ނުލިބޭ ސުވާލުތަކެވެ.

"ދަރިފުޅާ!" އަބާން ސިހުނީ ބޭރުން އިވުނު އުންމީދާގެ އަޑުންނެވެ. އަބާން ދެލޯ ފޮހެލުމަށްފަހު އުންމީދާއަށް ޖަވާބުދިނެވެ.

"ދެން އަވަހަށްދޭ. ދަރިފުޅު ފޯނު ނުނަގާތީ ގޭގެ ލައިނަށް ސައިފު ދެންމެ ގުޅައިފި" އުންމީދާ ބުނެލިއެވެ. އަބާން އާއެނކޭ ބުނެ އުންމީދާ އެތަނުން ފޮނުވާލިއެވެ. އެނދުން ތެދުވުމަށްފަހު ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. ފެން މާގަނޑު ދަށުގައިވެސް ހިތާއި ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯ އެތައް އިރަކު އޭނާ ހުއްޓެވެ. ފެންވަރައިގެން ނިކުމެ ލޯގަނޑު ކުރިމަތީ ހުރެ ތައްޔާރުވާން ފެށިއެވެ. އޭނާގެ ހަރަކާތްތަކުގައި ވަނީ ލަސްކަމެވެ. އޭނާ ކޮޓަރިން ބޭރަށް އެންމެ ފިޔަވިއްސެއް ވެސް އަޅާކަށް ބޭނުމެއްނޫނެވެ. މަޔޫރާ ދެކެ ވެވުނު ވޭންދެނިވި ލޯބީގެ ޙައްޤުގައި އިތުރަށް ނަފްސާއި ހަނގުރާމަ ކުރާނެ ހިތްވަރެއް އަބާންގެ ނެތެވެ. ނަމަވެސް މިއަދު އޭނާއަށް އެނޫންގޮތެއް ނެތެވެ. އޭނާގެ މޫނުމަތީގައި 'ފޭކް' މާސްކެއް އަޅައިގެންވެސް ހޮސްޕިޓަލުން ނެރެގެން މަޔޫރާ ގެއަށް ގެންނަން އެބަޖެހެއެވެ. ސަބަބަކީ މައިންބަފައިންގެ ފަރާތުން އަތުވެދާނެ ސުވާލުތަކަށް އަބަދު ދޮގަކުން އޭނާއަށް ޖަވާބުދެވެން ނެތީމައެވެ. ނުވަތަ އަނބިމީހާ އެހާލުގައި އޮތްއިރު ތެދު ހާމަކޮށްގެން މައިންބަފައިން ކުރިމަތީގައި އަނބިމީހާގެ ތަސްވީރަށް ހަޑިނަމެއް ލިބެން ނޭދޭތީއެވެ. އަދިވެސް އެއީ އޭނާގެ އަނބިމީހާއަށް ވީތީއެވެ. ދުނިޔޭގައި އޮތްހާ ހިނދެއްގައި މަޔޫރާ ވާނީ އޭނާގެ އަނބިމީހާ އަށެވެ. އެކަމެއް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އެ މަގާމެއް އިތުރު އެހެން އެއްވެސް އަންހެނަކަށް ނުދެވޭނެއެވެ.

***

ލަސް ހިނގުމެއްގައި ފިޔަވަޅު އަޅަމުން ދިޔަ އަބާން މަޑުޖެހިލީ ގޮނޑީގައި ފޯނާއި ކުޅެން އިން ސައިފް ފެނިފައެވެ. އަބާން ފެނުމާއެކު ސައިފް އެދިމާލަށް އައެވެ. އަބާން އެއްވެސް އަސަރެއްނެތް ހިނިތުންވުމެއް ސައިފްއަށް ހަދިޔާ ކޮށްލިއެވެ.

"ސޮރީ... ވަރަށް ލަސްވެއްޖެ ދޯ" އަބާން ބުނެލިއެވެ.

"އިޓްސް އޯކޭ. އެތެރޭގަ އިނީ މަޔޫރާ ބައްޕަ. ވަރަށް އެހި އަބާންގެ ވާހަކަ. ފާޑަކަށް ދެރަވެފައި އިނީ. ނުބައެއް އުޅެނީތަ؟" ސައިފް ބުނެލިއެވެ.

"ހޫމް... އެކަމު މިގަޑީގަ ކިޔައެއް ނުދެވޭނެ. މާދަމާ ކޮފީއަކަށް އަރާނީދޯ" އަބާން ހީލަމުން ބުނެލިއެވެ. ސައިފް އަބާންގެ ކޮނޑުގައި ޖަހައިލުމަށްފަހު ހޮސްޕިޓަލުން ނިކުންނަން ދިޔައެވެ.

ސައިފް ދިޔުމުން އަބާން ކޮޓަރިއަށް ނުވަދެ ބޭރުގައި މަޑުކޮށްލިއެވެ. މަޔޫރާ ގެ ސަބަބުން އޭނާގެ ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ. މަޔޫރާ ދެކެ އޭނާ ކިހާ ލޯތްބެއްވި ހެއްޔެވެ؟ އެހާ އަވަހަށް އެލޯބި ފޫހިކަމަށް ބަދަލުވީ ހެއްޔެވެ؟ އަބާން ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލިތަނާ އެތެރެއިން ތަޅު އަނބުރާލިއެވެ. ބޭރަށް ނިކުތް މަޔޫރާގެ ބައްޕަ ޖަލީލް ފެނި އަބާން މަޑުޖެހުނެވެ. އަބާން ޖަލީލަށް ފުން ނަޒަރަކުން ބަލައިލިއެވެ. ޖަލީލްގެ ރޫޖެހިފައިވާ މޫނުމަތި ވަނީ މިލާފައެވެ. ދެލޯ ރަތްވެ ވަނީ ދުޅަވެފައެވެ. ޖަލީލް ފެނި އަބާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ދަރިއަކު އެހާލުގައި އޮންނަތަން ބަލަން އެއްވެސް މަޔަކަށް ބަފަޔަކަށް ކެތެއްނުވާނެއެވެ. އަނބިމީހާގެ ކުއްލި ވަކިވުން ބަރުދާސްތު ނުކުރެވި އުޅެނިކޮށް ކުއްލިއަކަށް މިކަހަލަ ކަމެއް ދިމާވުމުން ކޮޅަށް ހުރެވޭނީވެސް ނިކަން ހިތްވަރުގަދަ މީހަކަށެވެ. ޖަލީލްގެ ކެތްތެރިކަމަށް އަބާން ހިތުން ތަޢުރީފް ކުރިއެވެ.

"ދަރިފުޅާ!" ރޮވިފައިވި އަޑަކުން ޖަލީލް އަބާނަށް ގޮވާލިއެވެ.

"ހިނގާބަލަ. ބައްޕަ ވާހަކައެއް ދައްކަން ބޭނުން" އަބާންގެ ކޮނޑުގައި ޖަހައިލަމުން ޖަލީލް ބުނެލިއެވެ. އަބާނަށް ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޖަލީލަށް އަބަދުވެސް އޭނާ ގަދަރުކުރެއެވެ. ވެދިޔަ ކަންތަކުގައި ޖަލީލު ކުށްވެރިވާކަށް ނުޖެހެއެވެ. ޖަލީލް އަބާން ގޮވައިގެން ގޮސް މަޑުކޮށްލީ ބޭރު ފެންނަގޮތަށް ހުރި ހުޅުވާފައި ހުރި ކުޑަދޮރެއް ކައިރީގައެވެ. ގުދުރަތީ ސާފު ވައިރޯޅި އެއްވެސް ހުރަކަކާއި ނުލާ ބީހިލަނީ މޫނުގައެވެ.

"ބައްޕައަށް އިނގޭ މިވަގުތު ދަރިފުޅުގެ ހިތަށް ކުރާނެ އަސަރު. ބައްޕައަށް މަޢާފްކުރޭ" ޖަލީލް އިސްޖަހާލިއެވެ. އަބާނާއި ލޮލާއި ލޯ ދިމާކުރަން ޖަލީލަށް ނުކެރުނީއެވެ. ޖަލީލްގެ ލޮލުން ކަރުނަ ތިއްކެއް ތިރިއަށް ދަތުރުކޮށްލި މަންޒަރު އަބާނަށް ފެނުނެވެ.

"ބައްޕައާއި މެދު ވެސް އަދި މޯޑާ މެދުވެސް އަޅުގަނޑުގެ އެއްވެސް ޝަކުވާއެއްނެތް. އަޅުގަނޑު ޝަކުވާއޮތީ މަޔޫރާއާ މެދު. މަޔޫރާ އަޅުގަނޑު އެވައްޓާލީ ދުވަހަކުވެސް އަރައިނުގަނެވޭނެ ފަދަ އަނދަވަޅަކަށް. އެކަމަށް އަޅުގަނޑަށް ދުވަހަކުވެސް މަޔޫރާއަށް މަޢާފެއް ނުކުރެވޭނެ" އަބާން ބުނެލިއެވެ. އެހެން ބުނަން އޭނާ ހިތަށް ތަދުވެސް ވިއެވެ. ނަމަވެސް ނުބުނެ ހުންނަން ބޭނުމެއްނުވިއެވެ.

"ބައްޕަގެ މި ދުނިޔޭގައި ހުރީ ހަމައެކަނި އެދެކުދިން. މުޙައްމަދު އެއުޅެނީ އަބަދުވެސް ރާއްޖެއިން ބޭރުގައި. ކުރިމަތީގައި ހުރީ ހަމައެކަނި އެ މަންޖެ. ބައްޕަ ނޭދެން އެމަންޖެއަށް އެއްވެސް ހާލެއްޖެހެން. ބައްޕައަށް އިނގޭ އެމަންޖެ ކަންތައްކުރީ ރަނގަޅަކަށް ނޫންކަން. ބައްޕަ މަޔޫރާ ކުށްވެރިކުރަން. އެކަމަކު އެހާލުގައި އޭނާ ހިތްރޮށްވާކަށް ބައްޕަ ހިތްނޭދޭ. ދަރިފުޅާމެދު ވެސް ބައްޕަ ޝަކުވާއެއްނެތް. ބައްޕަ ބޭނުންވަނީ މަޔޫރާ ހޮސްޕިޓަލުން ދޫކޮށްލާނެ ރަހްމަތެއް ލައްވައިފިނަމަ އެމަންޖެ ބައްޕަގެ ގެއަށް ގެންދަން" ޖަލީލް ރޮމުން ގިސްލަމުން ވާހަކަދައްކަމުން ދިޔައެވެ.

"ކޮންމެ ހާލެއްގަވެސް ބައްޕަ އެމަންޖެ ބަލާނަން. ލޯބޯ ފިއްސައިގެން ވިޔަސް ކާންދޭނަން" ޖަލީލްގެ އަޑު ކުރެހިގެން ދިޔައެވެ. ރޮމުން ގިސްލަމުން ޖަލީލް ދެލޯ ފޮހެލިތަން ފެނުމުން އަބާނަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ފިތައިގަތް ހެންނެވެ. ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުން އަބާނަށް ހިތްދިރުވައިލެވިއްޖެއެވެ.

"އަޅުގަނޑު ކީކޭ ބުނާނީ. މަޔޫރާ ކުރިމައްޗަށް ދިޔުމަކީ އަޅުގަނޑަށް ފަސޭހަކަމެއްނޫން. އެކަމަކު އަޅުގަނޑުގެ ހިތަށް މިވާގޮތް.... އަޅުގަނޑު ހާދަ ލޯތްބެއްވީމޭ މަޔޫރާ ދެކެ. އަޅުގަނޑު އެންމެ ފުރަތަމަ ލޯބިވި ކުއްޖާއޭ އެއީ. އެކަމަކު..." މޭ ފިތޭހެން ހީވުމުން އަބާނަށް ވާހަކަދައްކަން އުނދަގޫވެ މޭގައި ފިރުމައިލެވިއްޖެއެވެ.

"ބައްޕަ ބޭނުންގޮތެއް...." ދެން އިތުރަށް ވާހަކަނުދެއްކޭނެކަން އިނގުމުން އަބާން އެތަނުން ދުރަށް ޖެހުނެވެ. އަބާން ގޮސް ވަނީ މަޔޫރާ އޮތް ކޮޓަރިއަށެވެ. ޖަލީލް އެދިމާ ބަލަން ހުރިއިރު ނުރޯން އުޅޭ ފަދައަކުން ދެތުންފަތް ފިއްތަމުން ދިޔައެވެ.

އެއްވެސް ހަރަކާތެއްނެތި ދެލޯ މެރިފައި އޮތް މަޔޫރާގެ މޫނަށް ބަލަން އަބާނަށް އުނދަގުވިއެވެ. މަޔޫރާގެ ހަށިގަނޑުވަނީ އަނަރޫފަވެ ނިކަމެތި ވެފައެވެ. އިންސާނެއްގެ ސިފައިގައި އޮތް ކަށިގަނޑެކޭވެސް ބުނެވިދާނެއެވެ. އެއްވެސް ދިރުމެއް އެމޫނުގައި ނުވެއެވެ. ދޮން ހަށިގަނޑުގެ ވަށައިގެން ވަނީ ރަތް ފިތްތަކެއް ނަގާފައެވެ. ބަލާބެލުމަށް މަޔޫރާއާ ވައްތަރެއްވެސް ނޫނެވެ. ތުންފަތްވަނީ އެކި ދިމާލުން ފަޅަފަޅައިގެން ގޮސް ދުޅަވެ ލޭއަރާފައެވެ. ބޮލުގައި އިސްތައްޓެއް ނުވެސް ނެތެވެ. ކޮޓަރި ތެރެއިން އެއް އަޑަކަށް އިވެނީ މަޔޫރާގެ ހަށިގަނޑާއި ގުޅާފައިވާ މެޝިންތަކުގެ އަޑެވެ. އަބާނަށް ގޮނޑިއަށް ވެއްޓިގަނެވުނީ މަޔޫރާ އެހާލުގައި އޮތްތަން ބަލަން ކެތްނުވުމުންނެވެ. އެއީ އެއް އިރެއްގައި އޭނާގެ ހަށިގަނޑުގެ އެއްބަޔެވެ. އޭނާ ދިރިހުރުމަށްޓަކައި އެތެރެއަށް ދަމާލުމަށްފަހު ބޭރަށް ދޫކޮށްލާ ނޭވައެވެ. ހަށިގަނޑުގައި ކޫރުމެއް އެޅެން ދުވަހަކުވެސް ބޭނުންނުވާ އޭނާގެ މުޅި ދުނިޔެއެވެ. އިސާހިތަކު ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައީ އަބާންގެ ރުއިމުގެ އަޑެވެ. އަބާނަށް މޫނުމަތީގައި އަތް އެޅުނީ ކުރިމަތީގައި މަރާއި ހަނގުރާމަ ކުރަމުންދާ އަނބިމީހާއަށް ބަލަން ކެތްނުވުމުންނެވެ.

ހިތްހަމަޖެހޭވަރަށް ރޯލުމަށްފަހު އަބާން މޫނުމަތިން އަތް ނެގިއެވެ. ރަތްވެފައިވާ ދެލޯ ފޮހެލުމަށްފަހު އަނެއްކާވެސް ބަލައިލެވެނީ މަޔޫރާއަށެވެ. މިވަގުތަކީ އޭނާ ހިތްވަރުކުރަންޖެހޭ ވަގުތުކަން އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. ގުނަމުން އެދަނީ މަޔޫރާގެ ހަޔާތުގެ ފަހު ވަގުތަތަކޭ ހިތް ބުނެލި ކަހަލައެވެ. އެހިނދު އޭނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟