އެއްވަނަ ބައި
އެމެޖެންސީރޫމު ބޭރުގައި ފާރުގައި އެއް އަތް ވިއްދަލައިގެން އަބާން ހުއްޓެވެ. އޭނާގެ ދެލޮލުގައި ވޭނެއް ވިއެވެ. އިސްޖަހައިގެން ހުއްޓާ އޭނާ ސިހިގެން ދިޔައީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވައިލުމުންނެވެ. ބަލައިލިއިރު ކުރިމަތީގައި ހުރީ އެކުވެރިޔާ ސައިފްއެވެ. އަބާންގެ ދެލޮލުން ފާޅުވާން ހުރި ނުތަނަވަސްކަން ބޮޑުކަމެއް ހިނގައިފިކަން އަންގައިދެމުން ދިޔައެވެ.
"ކިހިނެއްވެގެން މިއުޅެނީ....؟" ސައިފް އަހައިލިއެވެ. އަބާންއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެމެޖެންސީރޫމް ދޮރު ހުޅުވިގެން ދިޔައެވެ. އެނދެއްގައި ނެރުނު ބަލިމީހާގެ ފަހަތުން ލަސް ފިޔަވަޅުތަކެއްގައި އަބާންއާއި ސައިފް ހިނގައިގަތެވެ. އަބާންގެ މޫނުމަތިން ފެންނަނީ އިންތިހާދަރަޖައިގެ މާޔޫސްކަމެވެ.
ޕްރައިވެޓް ރޫމަކަށް ބަލިމީހާ ވެއްދުމާއެކު އެތެރެއަށް ނުވަދެ އަބާން މަޑުކޮށްލީ ބޭރުގައެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން ފާރުގައި ލެގިލިއިރު އޭނާގެ ދެތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. އަނގައިން ބަހެއް ބޭރު ނުވިއެއްކަމަކު އޭނާގެ މުޅި ހަށިގަނޑު އޭނާއަށް ލިބިފައިވާ ހިތްދަތިކަން ހާމަކޮށްދެމުން ދިޔައެވެ. އެއްޗެއް ބުނަން އުޅޭހެން ބައެއްފަހަރު އަބާންގެ ދެތުންފަތް ހަރަކާތްކޮށްލައެވެ. ނަމަވެސް އަޑެއް ބޭރެއް ނުވެއެވެ. އޭނާގެ ހިތަށްވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ހުރިހާ ކަމެއްވީ މަދު ހިނދުކޮޅެއްގެ ތެރޭގައެވެ. އުންމީދުނުކޮށް ހުއްޓާ ބިރުވެރި ރާޅެއް އެއްވެސް ރަހުމެއްނެތި އޭނާގެ ދިރިއުޅުމަށް ބިންދައިލީއެވެ. ވިސްނާލާނެ ފުރުސަތެއްވެސް ދިނުމެއްނެތިއެވެ.
"ބަޑީ! ކަމެއް އުޅެނީތަ...؟ ނުބުނެވޭވަރުގެ ކަމެއްތަ؟" އަބާންގެ މޫނުމައްޗަށް އަންނަ ބަދަލުތަކަށް ބަލަންހުރެ ސައިފް އަހައިލިއެވެ. ސިކުނޑިތެރޭގައި އެނބުރެމުން ދިޔަ ހައިޖާނުގަނޑުގެ އަސަރު ހިތާއި ހަމައަށް ފޯރާ އިސާހިތަކު އަބާންގެ ދެލޮލުން ކަރުނަ ހިލުވާލިއެވެ. ކުޑަކުއްޖަކު ނުރޯން މަސައްކަތްކުރާ ފަދައިން އަބާން ދެތުންފަތް ފިއްތާލާފައި ދެލޮލުގެ ކަރުނަވަޅުގައި ދެ އިނގިލީ ކުރި ޖައްސައިލަމުން ފެންތައް ހިންދާލިއެވެ. އޭނާ ސައިފްއަށް ފުރަގަސްދިނެވެ.
"ބޭނުމީ އެކަނިވެލަން" އަބާން ބުނެލިއެވެ. ސައިފް ވަކިއެއްޗެއް ނުބުނެއެވެ. އެކުވެރިޔާގެ ހާލަތު އޭނާއަށް ވިސްނޭއެވެ.
"ތިބުނީ އަހަރެން މިތަނުން ދާށޭތަ؟" ސައިފް އަހައިލިއެވެ.
"ނޫން... އަހަރެން އެބައަންނަން ބޭރަށް ޖެހިލާފައި. ސައިފް މިތާ މަޑުކޮށްލާ. މަޔޫރާގެ ބައްޕަ ކަމަކަށް ބޭނުންވެއްޖިއްޔާ އެކަމެއް ކޮށްލަދީ. މިތަނުގަ އިތުރަށް ހުންނަންވެއްޖިއްޔާ އަހަރެން މޮޔަވެދާނެ. އަހަރެންގެ މައިންޑް ފްރެޝްކޮށްލަން ބޭނުންވަނީ. ޕްލީޒް މަޑުކޮށްލާނަން ދޯ" އަބާން ސައިފަށް ބަލައިލީ އަދޭސްކުރާ ފަދައަކުންނެވެ. ސައިފް ބޯޖަހައިލިއެވެ.
"އެކަމަކު. މަޔޫރާއަކީ އަބީގެ ވައިފްކަން ހަނދާންކުރައްޗޭ. މިވަގުތު މަޔޫރާއަށް އެންމެ ބޭނުންވާނީ އަބީގެ އެހީތެރިކަން. އަބީ ތިގޮތަށް ކަންތައްކުރިކަން އެނިއްޖިއްޔާ މަޔޫރާ ވަރަށް ދެރަވާނެ" ސައިފް އަބާންއަށް ހަނދާންކޮށްދިނެވެ. އަބާން ބޯޖަހައިލިއެވެ. ބަހެއް ނުބުނެ އޭނާ އެތަނުން ނިކުންނަން ހިނގައިގަތެވެ. އަބާން ނިކުމެގެންދާ މަންޒަރު ބަލަން ސައިފް ހުރީ އެކުވެރިޔާއާ މެދު ކަންބޮޑުވެފައެވެ. ވީގޮތެއް ނޭނގި އޭނާގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.
ހޮސްޕިޓަލުން ނިކުތް ގޮތަށް މަގުމަތީގައި އަބާން ހުއްޓިލިއެވެ. ކަރުގައި އަޅާފައި އޮތް މަޑު ވައިލެޓް ކުލައިގެ ހިމަ ޓައީއަށް ދަމާލިއެވެ. ކަނދުރާއާ ހަމައަށް އަރާ އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލެވުނުއިރު ދެވަނަ ފަހަރަށް ދެލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. އުޑާއި ދިމާލަށް ބަލައިލަމުން އަބާން ހަށީފުރާ ނޭވައެއްލިއެވެ. އަދިވެސް ޑޮކްޓަރުގެ ނަތީޖާ އޭނާ ޤަބޫލެއްނުކުރެއެވެ. ފުރަތަމަ ފަހަރަށް ނަތީޖާ ޤަބޫލުނުކުރެވުމުން އެވަނީ ދެވަނަ ފަހަރަށް ޓެސްޓް ރިޕީޓްކޮށްފައެވެ. ބަދަލުވީ ޓެސްޓް ހެދި ވަގުތާއި ގަޑިތަކެވެ. ބަދަލުނުވި އެއްޗަކީ ނަތީޖާއެވެ.
ސައިކަލަށް އަރާ އަބާން ކުރިއަށް ދުއްވާލީ ދާންވީ ވަކި މިސްރާބެއް ނެތިއެވެ. އޭނާ ދާންވީ ދިމާލެއް އޭނާއަށް ނޭނގޭއެވެ. ފަޓްލޫނު ޖީބުގައި އޮތް ފޯނު ރިންގްވާކަން އެނގިހުރެވެސް އޭނާ ފޯނު ނަގާކަށް ބޭނުމެއްނުވިއެވެ. މިވަގުތު އޭނާ ބޭނުމީ އެކަނިވެރިކަމެވެ. އެކި މަގުތަކުގައި އާދައިގެ ވަރަކަށް އޭނާ ދުއްވަމުން ދިޔައިރު ހަޔާތުގެ ފަހަތަށް ދޫވެ ގޮސްފައިވާ ދުވަސްތަކާމެދު ވިސްނާލިއެވެ. މަޔޫރާއަކީ އޭނާގެ ހިތުގެ ވިންދެވެ. އެލޯބި ވަނީ އޭނާގެ ހިތާ ވިންދާ ލެޔާ ގުޅިލާ މެހިފައެވެ. އެއީ ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯތްބެވެ. ދުވަހަކުވެސް ދުރުގައިވުން ހިތްނޭދޭ ލޯބިވެރިޔާއެވެ. އަދި އޭނާގެ އަލަތު އަނބިމީހާއެވެ. އެންމެފަހު ނޭވާވެސް ހަށިގަނޑާ ވަކިވަން ބޭނުންވަނީ މަޔޫރާގެ އުނގުތެރޭގައި އޮވެއެވެ. މަޔޫރާ ހީނުކުރާހާ ލޯބި އޭނާ މަޔޫރާދެކެ ވެއެވެ. ނަމަވެސް އޭނާގެ އެއްވެސް ހުވަފެނެއް ހަގީގަތަކަށް ނުވިއެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުނުކަން އެކަންޏެވެ. ކައިވެނީގެ ފޮނިމީރު ކަމެއް ނުލިބުނެވެ. އަރުތެރޭގައި ލައްވައިލީ ހިތިރަހައެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ. ހަގީގަތުގައިވެސް މަޔޫރާ އޭނާދެކެ ލޯބިވިބާއެވެ؟ އެސުވާލުތައް އޭނާ މަޔޫރާއާ ކުރަން ބޭނުންވިޔަސް އަލުން އެފުރުސަތު ލިބިދާނެބާއެވެ؟ ޖަވާބުދޭން މަޔޫރާ ދެލޯ ހުޅުވާނެބާއެވެ؟
ހުޅުމާލޭގެ އެކި ހިސާބުތަކުގައި ސައިކަލުގައި ދުއްވުމަށްފަހު އޭނާ މިސްރާބު ބަދަލުކޮށްލީ ގެއާއި ދިމާލަށް ދިޔުމަށެވެ. ހޮސްޕިޓަލަށް ދާން އޭނާ ބޭނުމެއްނުވިއެވެ. މަޔޫރާއާއި މެދު އެއް ހިނދުގައި ރުޅިވެރިކަން އުފެދިޖިއްޔާ އަނެއް ސިކުންތުގައި ޙަމްދަރުދީ ވެވެއެވެ. އަނެއް ސިކުންތުގައި ޖަޒުބާތުގައި ޖެހި ރޮވެން އުޅޭހެން ހީވެއެވެ. އެހެންކަމުން ސިކުނޑިއަށް ހަމަޖެހުމެއް ހޯދަން އޭނާ ބޭނުންވީ ގެއަށް ދާށެވެ. އޭނާގެ ހިތުގައި އުފެދިފައިވި އެއްވެސް ސުވާލެއްގެ ޖަވާބު އޭނާއަށް ނުލިބުނެވެ. ބޮލުގެ ރިހުން ގަދަވުން ނޫންކަމެއް ނުވިއެވެ. މުޅި ދުނިޔެވެސް އޭނާއަށް ކެހިދީފިއެވެ. ހަށިގަނޑުގެ ވަރުދޫވެ ބާކީވެގެން ދިޔަ ކަހަލަ އިހުސާސްތަކެއް ކުރުވައިފިއެވެ. ހިތް ދެފަޅިވެ އެތިކޮޅުތަކަށް ބުރައިގެން ގޮސްފިއެވެ. ދިރިހުއްޓަސް މަރުވެފައިވާ މައްޔިތެއް ފަދައެވެ.
ކާޑު ޖަހައިލުމަށްފަހު ހުޅުވުނު ދޮރުން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އޭނާ މަޑުޖެހުނީ ކުރިމަތީގައި ހުރި މަންމަ އުންމީދާ އާއި ބައްޕަ ނަސީމް ފެނުމުންނެވެ. އެދެމީހުންގެ މޫނަށް ބެލުން މިވަގުތު އަބާންއަށް ފަސޭހައެއް ނުވިއެވެ. އެތެރެއަށް ވަދެގެން ގޮސް އެމީހުން ކުރިމަތިން ހުރަސްކޮށް ކޮޓަރިއާއި ދިމާލަށް ދިޔަ އަބާންއަށް ހުއްޓެން މަޖުބޫރުވީ ނަސީމްގެ ބަރު އަޑުން ގޮވައިލުމުންނެވެ.
"އާދެބަލަ މިކޮޅަށް" ނަސީމް އަމުރުކުރިއެވެ. އަޑުގައިވަނީ ހަރުކަށިކަމެވެ. އަބާންކީ ބައްޕަގެ އަމުރަށް އަބަދުވެސް ކިޔަމަންވާ ދަރިއަކަށް ވުމާއެކު އޭނާ އަނބުރާލާފައި އައިސް ނަސީމް ކުރިމަތީގައި ހުއްޓިއްޖެއެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީސް މަތިން ލާފައި ހުރި ކަޅު ކުލައިގެ ކޯޓް އޮތީ ވަކިން އަތު ތެރޭގައެވެ. ބެގީ ގެ އެއްބައި ވަނީ ނެއްޓިފައެވެ. އަބާން މަސައްކަތްކުރީ އޭނާގެ މައިންބަފައިންނާއި ހަތަރުކަޅި ހަމަނުކުރުމަށެވެ. އޭނާގެ ހަ ފަރާތުން ވަށާލާފައިވާ ހިތްދަތިކަމާއި ވޭނާއި ކެކުޅުން މައިންބަފައިންނަށް ސިއްރުކުރާށެވެ.
"ދަރިފުޅާ އާދެބަލަ މިތާ އިށީންނަން" އުންމީދާ ލޯތްބާއެކު ބުނެލިއެވެ. އަބާން މަޑުމަޑުން އައިސް އުންމީދާ އާއި ނަސީމާއި ދެމެދުގައި އިށީނެވެ.
"ކޮބާ މައްސަލައަކީ؟ ކީއްވެ މަޔޫރާ އެކަނި ހޮސްޕިޓަލަށް ދޫކޮށްލާފައި އެތަނަށް ނުވަދެ ތިއުޅެނީ؟ ދަރިފުޅު ތިހާ ޒިންމާދާރުކަން ކުޑަވީ ކޮންއިރަކު؟" އުންމީދާ އަހައިލިއެވެ. ހަޤީޤަތް ނޭނގޭ ހާލު އުންމީދާ އޭނާގެ ދަރިފުޅާ މެދު ޝަކުވާ ކުރަމުން ދިޔައެވެ. ދުރާލާ ކަންތައްތަކާއި ވިސްނާ ޒިންމާދާރު ފިރިހެންދަރިފުޅު އެގޮތަށް ކަންތައް ކުރުމުން އޭނާ ހިތްހަމަނުޖެހުނެވެ. މަޔޫރާއަކީ އަބާންގެ މުޅި ދުނިޔެކަން ސިއްރުވެފައިވާ މީހަކު އެގޭގައި ނޫޅެއެވެ.
"އަ... އަޅުގަނޑު ނިކުތީ ފެންވަރައިގެން ދާންވެގެން. މަޔޫރާގެ ބައްޕަމެން ތިބީމަ. އަޅުގަނޑު އައީ ސައިފްވެސް ބަހައްޓާފަ. ބުނިން ކަމެއް ބޭނުންވިއްޔާ ގުޅާށޭ" އަބާން ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި އެކުލެވިގެންވި މަޑުމޮޅިކަމާއި ހިތްދަތިކަން މައިންބަފައިންނަށް އިނގިދާނެތީ އޭނާ ވާހަކަދެއްކީ ވިސްނައިގެންނެވެ.
"ކޮބާ ފޯނު؟" މިފަހަރު ވާހަކަދެއްކީ ނަސީމްއެވެ. އަދިވެސް އެ ހަރުކަށިކަމެވެ.
"އެބައޮތް ޖީބުގައި" އަބާން ބުނެލިއެވެ.
"ނަގާފައި ބަލައިލަބަލަ. ކިތަން މީހުން ކިތަންފަހަރު ގުޅާފައި އޮތްތޯ" ހަރުކަށި ކަމާއެކު ނަސީމް ބުނެލިއެވެ. އަބާން ޖީބަށް އަތް ކޮށްޕާލުމަށްފަހު ފޯނު ނަގާފައި އަންލޮކް ކޮށްލިއެވެ. ސަތޭކަ ވިހި މިސްކޯލު ފެނުމުން އަބާންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ނަސީމާއި އުންމީދާގެ އިތުރުން ސައިފާއި މަޔޫރާގެ ބައްޕަވެސް އެތައް ފަހަރަކު ގުޅާފައި އޮތެވެ.
"ސައިލެންޓްގަ އޮތީމަ ނޭނގުނީ. ސޮރީ" ނަސީމަށް ނަޒަރެއް ދެމުން އަބާން ބުނެލިއެވެ.
"ދަރިފުޅާ! ކަމެއް ގޯސްވީތަ؟ މަޔޫރާގެ ޓެސްޓްތައް އައީ ކިހިނެއް؟" އަބާންގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން އުންމީދާ އަހައިލިއެވެ.
"ގޯހެއްނޫން....." އަބާންގެ ޖަވާބު ވަރަށް ކުރެވެ. އޭނާ އެޖަވާބު ދިނީ ދުރުބަލަމުންނެވެ. ހަޤީޤަތް ފާޅުކުރަން އޭނާގެ ސިކުނޑި ދެކޮޅުހެދީ ކީއްވެކަމެއް އޭނާއަށް ނޭނގުނެވެ. އޭނާ ތެދަށް ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އެ ނަތީޖާ އަދިވެސް އޭނާގެ ސިކުނޑިއަށް އެދަނީ ހަމަލާ ދެމުންނެވެ. ދިރިއުޅުމާއި މަރާއި ދެމެދު މަޔޫރާ ހަނގުރާމަ ކުރަމުންދާ ވާހަކަ ބުނަން އޭނާއަށް ހިތްވަރެއް ނުލިބުނެވެ. އެއްވެސް މީހެއްގެ ސުވާލުތަކާއި ކުރިމަތިލާކަށް އޭނާ އަދި ތައްޔާރެއްނޫނެވެ. މައިންބަފައިންގެ ސުވާލުތައް ގިނަވީ ވަރަކަށް އޭނާގެ ބޮލުގެރިހުން ގަދަވަމުން ދިޔައެވެ.
"ތިވާހަކަ ބުނަން ބައްޕަވެސް މިއުޅެނީ. ޓީބީއަކީ ރަނގަޅު ކުރެވޭ ބައްޔެއް. ޤަވައިދުން ބޭސްކާންފެށީމަ އެއީ އެއްވެސް ކަމެއްނޫން. އެއީކީ މަޔޫރާގެ މައްޗަށް އަބާންގެ ޝައުޤުވެރިކަން ކުޑަވާންވީ ކަމެއްވެސްނޫން. އަބާންގެ މަންމައާއިބައްޕަގެ ކައިވެންޏަށް ސައްބީސް އަހަރުވެއްޖެ. ދުވަހަކުވެސް ދަރިފުޅުމެންނަށް ފެނިފައެއް ނޯންނާނެ އެއްވެސް ކަމެއްގައި ބައްޕަ އިހުމާލުވި ތަނެއް. ބުނަން މިއުޅެނީ ދަރިފުޅު މަޔޫރާއާ މެދު އިހުމާލުވި ވާހަކައެއްނޫން. މިއަދު މަޔޫރާ އެވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި. މަޔޫރާއަށް އަޅާލަން ހުރީ ހަމައެކަނި ދަރިފުޅު. ކުއްލި މަރެއްގައި މަޔޫރާގެ މަންމަ ނިޔާވިތާ އަދި ހަފްތާއެއް ނުވޭ. އަނެއްކާ މިކަންތައް މަޔޫރާއަށް ދިމާވީ. ވިސްނާލަބަލަ މަޔޫރާއަށް ވާނެގޮތް. މި ދަނޑިވަޅުގައި މަޔޫރާއަށް ކުރާނެ އަސަރު. މަޔޫރާއަށް ހިތްވަރުދޭން ހުރީ ދަރިފުޅު ނޫނީ ދެން ކާކު؟" ނަސީމް ވާހަކަދައްކަމުން ދިޔައީ މަޑުމައިތިރިކަމާ އެކުގައެވެ. ކުރިން ރާގުގައި ހަރުކަށިކަމެއް ވިޔަސް މިހާރު އެކަހަލަ އެއްވެސް ކަމެއް ނެތެވެ. އަބާން އިސްޖަހައިގެން އިނެވެ.
"އަޅުގަނޑު މަސައްކަތްކުރާނަން ބައްޕަ ތިދެއްކި ވާހަކަތަކާއި އެއްގޮތަށް ކަންތައް ކުރެވޭތޯ" އަބާން ބުނެލިއެވެ.
"މިހާރު ގަޑިން ބާރަ ޖެހުމާއި ގާތްވަނީ. ދަރިފުޅު ފެންވަރައިގެން އަވަހަށް ހޮސްޕިޓަލަށްދޭ" އުންމީދާ ބުނެލިއެވެ. އަބާން ތެދުވެގެން ހިނގައިގަތެވެ.
"މިއަދުގެ ކޭސް ކިހިނެއްވީ؟" ތެދުވެ ސިޑިއާ ދިމާލަށް އަބާން ހިނގައިގަތްތަނާ ނަސީމް ވާހަކަދެއްކި އަޑު އިވުނެވެ.
"ނިމިއްޖެ. ކޯޓުން އޭނަ ދޫކޮށްލީ..." އަބާން ނަސީމަށް ބަލައިލަމުން ބުނެލިއެވެ.
"ވަރަށް ބޮޑަށް މަރުހަބާ... އަބަދުވެސް ތިގޮތުގައި މަސައްކަތްކުރާތި" އަބާންގެ ކޮނޑުގައި ޖަހާލާ ބައްދައިލަމުން ނަސީމް ބުނެލިއެވެ.
"އަހަރެންގެ ދަރިފުޅަށް ކޮންމެސް ކަމެއް ވެއްޖެ" އަބާން ދިޔަ ދިމާލަށް ބަލަން ހުރެފައި އުންމީދާ ބުނެލިއެވެ.
"އެއްކަލަ އުންމު. އެހެރީ ދެރަވެފައެއްނު. މަޔޫރާގެ ހާލު ރަނގަޅުވާން ފެށުމުން ކުރީގެ އަބާން ފެންނާނެ" އުންމީދާގެ ކޮނޑަށް އަތް އެއްލަމުން ނަސީމް ވާހަކަދެއްކިއެވެ. އުންމީދާ ޖަވާބެއް ނުދިނެވެ. އަބާންގެ ދެލޮލުގެ ތެރެއިން ވޭނެއްގެ ކުލަވަރު އޭނާއަށް ފެނިއްޖެއެވެ. އިސްވެ އަބާން އެކަހަލަ ވާހަކައެއް ނުދައްކާތީ އެކަމާ ގުޅުވައިގެން ވާހަކަދައްކަން އުންމީދާ ބޭނުންނުވީއެވެ.
ކޮޓަރިއަށް ވަންގޮތަށް އަބާންއަށް ކޮޓަރީގެ އެކި ދިމާލަށް ބަލައިލެވުނެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރޭގައިވަނީ މަޔޫރާގެ ހަނދާންތަކެވެ. ދިމާލަށް ހުރި ކިންގް ސައިޒް ބޮޑު އެނދާ ދިމާލުން ފާރުގައި ހުރި ވަރުގަދަ ފޮޓޯ ފްރޭމެކެވެ. އޭގައި ވަނީ ހަމައެކަނި ދެމީހުންގެ އަތްތިލަ ފެންނާނެހެން ދެމީހުންގެ އިނގިލީގައި އަޅުވާފައިވާ އަނގޮޓިއަށް ފޯކަސްކޮށް ނަގާފައިވާ ފޮޓޯއެކެވެ. އެއީ ކައިވެނީގެ ފުރަތަމަ ރޭގައި އެތައް ވަޢުދެއްވަމުން ދެމީހުން ދެމީހުންނަށް ބަދަލުކުރި ލޯބީގެ ފުރަތަމަ ހަދިޔާއެވެ. އެފޮޓޯނެގި ވަގުތުކޮޅަކީ ކައިވެންޏަށްފަހު އެހާ ވަރަށްވެސް މަޔޫރާއާއި ކައިރިވެލަން އޭނާއަށް ލިބުނު ހަމައެކަނި ވަގުތުކޮޅެވެ. ޑްރެސިންގްޓޭބަލް މަތިން ފެންނަން ހުރީ ހަމައެކަނި އަބާން ބޭނުންކުރާ ސާމާނެވެ. މަޔޫރާގެ އެއްޗެހި ވަކިކުރީ އޭނާ އަމިއްލައަށެވެ. އަލަމާރީގައި މަޔޫރާގެ އެއްވެސް އަންނައުނެއް ނެތެވެ. އެހެންނަމަވެސް ކޮޓަރީގެ އެކި ތަންތަނުން މަޔޫރާ އޭނާއަށް ދީފައިވާ ހަދިޔާތަކާ ކާޑުތައް ފެންނަން ހުއްޓެވެ.
އެނދުމައްޗަށް ވެއްޓިގަތުމާއެކު އޭނާގެ ނޭފަތުގައި އައިސް ޖެހުނީ މަޔޫރާގެ ހަށިގަނޑުގައި އަބަދުވެސް ހިފާފައިވާ ލުއިލުއި މީރު ވަހެވެ. އޭނާ މޫނުމަތީގައި ބާލީސް އަޅައިލިއިރު ހިތަށް އަސަރުކޮށްފިއެވެ. މިހުރިހާއިރު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގަންނަން ތައްޔާރުވިއެވެ. ނަމަވެސް މިފަހަރު އޭނާއަށް ކާމިޔާބެއް ނުވިއެވެ. އޭނާގެ ގޮތްދޫނުކުރުމުގެ މައްޗަށް ހިތުގައި ރަސްކަންކުރަމުން ދިޔަ އުދާސްތައް ގަދަވެގަތެވެ. އެނާއަށް ރޯންފެށުނެވެ. އަމިއްލަ ނަފްސަށް މަލާމަތްކުރަން ފެށުނެވެ. ހިތަށް ކެތްނުވާ މިންވަރަށް އޭނާގެ އިހުސާސްތައް ގަދަވެ ގަނެއްޖެއެވެ. ނުރޯން ކުރިހާ މަސައްކަތް ފެނަށްވެގެން ދިޔައެވެ. ބާލީހުގައި ބައްދައިގަނެގެން އަރިއަކަށް އޮވެ ރޮވެމުން ދިޔައިރު އޭނާގެ ކަރުނަތައް ބާލީހާއި އެނދުގައި އަޅާފައި އޮތް ބެޑްޝީޓްގެ ތެރެއަށް ފޭދެމުން ދިޔައެވެ. އިސާހިތަކު މަޔޫރާގެ އެންމެ ފުރަތަމަ ފެނިލުމުން ފެށިގެން ރިކޯޑްކޮށްފައިވާ މަންޒަރުތައް ލޯމަތީގައި ފިލްމެއް ފަދައިން ޕްލޭވާން ފަށައިފިއެވެ.
***
އަބާންގެ މާޒީ
މެންދުރު ބާރަގަޑި ސާޅީހުގައި ސްކޫލު ނިންމާފައި ގެއަށް އާދެވުމާއެކު އަބާން އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ މެންދުރު ނަމާދު ކުރުމެވެ. އެއަށްފަހު މެންދުރު ކައިގެން ކޮޓަރިއަށް ވަދެ އެދުވަހަކު ކިޔަވައިދީފައި ހުންނަ ފިލާވަލުތައް މުޠާލިޔާ ކުރުމާއި ގޭގައި ހަދަން ސްކޫލުން ހަވާލުކޮށްފައި ހުންނަ މަސައްކަތްތައް ކުރުމެވެ. އެވަގުތުތަކުގައި އަބާންއަށް ޓީވީ ބެލުމާއި ގޭމްކުޅުމާއި އެކުވެރިންނާއި ބައްދަލުކުރުންވެސް މަނަލެވެ. އެގޮތުގައި އަޞުރުވަންދެން އަބާން ހޭދަކުރެއެވެ. ދެން އަނެއްކާވެސް ނަމާދުކޮށްގެން އަބާންގެ ކަމަކީ ހަވީރު ސައި ބޮއެގެން އެކުވެރިންނާއެކު ވަގުތު ހޭދަކުރުމެވެ. ބައެއް ދުވަސްތަކުގައި ފުޓްބޯޅަ ކުޅެން ދަނޑަށް ދިޔުމަކީ އަބާންއާއި އޭނާގެ އެކުވެރިން އެންމެ ގަޔާވެގެން ކުޅޭ އެއް ކުޅިވަރެވެ. އަބަދުވެސް އެމީހުން ކުޅެންދާތަނަކީ އެކުވެރިއެއްގެ ގެއެއްގެ ބިތްދޮށުގައި ހަދާފައި އޮންނަ ފެހި ދަނޑެވެ. އަބާންގެ އެކުވެރިއެއް ކަމަށްވާ މޯޑަކީ މުޅި ސްކޫލުންވެސް ފުޓްބޯޅައަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ނަމަވެސް މޯޑަކީ އެހެން ރަށަކުން އެރަށަށް ކިޔެވުން ފުރިހަމަކުރަން އައިސްގެން އުޅޭ ކުއްޖަކަށްވާތީ ކުޅުމުގައި މޯޑަށް ބައިވެރިވެވެނީ ވަރަށް މަދުފަހަރަކުއެވެ.
އެއްދުވަހެއްގެ ހަވީރެވެ. ސްކޫލު މުބާރާތުގައި ފުޓްބޯޅަ ކުޅެން ހުރިހާ ކުދިން ދަނޑަށް ޖަމާވެފައި ތިއްބެވެ. މޯޑް ކުޅެން ހަމަޖެހިފައިވާތީ އޭނާގެ އާއިލާގެ ބައެއް މީހުން ވަނީ އެރަށަށް އައިއްސައެވެ. ލިބުނު އަނިޔާއެއްގެ ސަބަބުން ބެންޗުގައި އިން އަބާންގެ ނަޒަރު ހުއްޓިފައިހުރީ ދާދި ކައިރީގައި ތިބި ސަޕޯޓަރުން ތެރޭގައި ހުރި ދޮން ބައްޓެއްކަހަލަ އަންހެން ކުއްޖަކަށެވެ. އާދައިގެ އަންހެންކުއްޖެއްގެ ހުންނަ ވަރަށްވުރެ ދިގު އިސްކޮޅެކެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. ޒީނަތްތެރިވުމަށް އެއްވެސް ކަހަލަ ގަހަނާއެއްގެ ބޭނުންކޮށްފައެއް ނެތެވެ. ހަމައެކަނި އަތުކުރީގައި އޮތީ ރިހިކުލައިގެ ކެވެލިކޮޅެކެވެ. ހީލާ ކޮންމެފަހަރަކު ދެކޮލުގެ އިތުރުން ދަތްދޮޅީ މެދުގައި ފާޅުވާން ހުރި އަޑިކޮޅުން އަބާންގެ ހިތް އެކުއްޖާއަށް ފަހަރަކަށް ވުރެ ފަހަރަކު ފިދާވަމުން ދިޔައެވެ. ލައިގެން ހުރީ ކަށިމައްޗާއި ހަމައަށް އަންނަ ވަރުގެ ގުރާ ފެހިކުލައިގެ ދިގު މިޑީއެކެވެ. ފައިގެ ކުޑަތަންކޮޅެއް ހާމަވާން ހުރިއިރު އަބާންއަށް އެހިސާބަށް ވެސް ބެލެމުން ދިޔައެވެ. އެކުއްޖާގެ ކޮންމެ ހަރާކާތަކަށް އަބާން ދިޔައީ ފާރަލަމުންނެވެ. ދުވަހަކުވެސް އެފަދަ ރީތިކަމެއް އޭނާއަށް ފެނިފައެއް ނެތެވެ. އޭނާގެ ޅަ ހިތުގައި އާ ޖަޒްބާތެއް އުފަންވަމުން ދިޔައިރު އެކުއްޖާ އޭނާއަށް ވުރެ އުމުރުން ބޮޑު ކަންވެސް ނޭނގޭ ކަހަލައެވެ.
ހުރިހާ ކުޅުންތެރިންނަށް ސްކޫލުގެ ފަރާތުން ބޭއްވި ޑިނަރ ނައިޓަށް ދިޔުމަށް އަބާން ތައްޔާރުވަމުން ދިޔައެވެ. އުންމީދާގެ ހުއްދަ ލިބުމުން އަބާން ގެއިން ނިކުތީ ކްލާސް ކުއްޖަކު ބަލާ އައިސް ހުރުމުން އެކުއްޖާއާ އެކުގައެވެ. ދެކުދިން ހިނގާލާފައި ގޮސް މަޑުކޮށްލީ އެހެން ކްލާސް ކުއްޖެއްގެ ގޭ ބޭރުގައެވެ. އެކުދިން ބޭނުންވީ ގްރޫޕް ބޮޑުކޮށްލައިގެން އެތަނަށް ދާށެވެ. އެތަނުގައި އަބާންގެ އިތުރުން ދެތިން އެކުވެރިން ތިއްބެވެ.
"އެއޮށް ނިކުތީ މޯޑު. ހިނގާ ނައްޓާލަން އަވަހަށް" އަބާން ބުނެލިއެވެ.
"މަޑުކޮށްބަލަ. ބޭނުން ތިމީހުންނަށް މީހަކު އިންޓްރޯ ކޮށްދެން" މޯޑް ބުނެލިއެވެ. ހުރިހާ މީހުންގެ ސަމާލުކަން އެވަގުތު މޯޑަށް ހުއްޓުނެވެ.
"ދޮންތާ!" މޯޑް ގޭތެރެއަށް ބޯދިއްކޮށްލަމުން ގޮވައިލިއެވެ. އެވަގުތު އެގޭތެރެއިން ނިކުމެގެން އައިސް މޯޑް ކައިރީގައި ހުއްޓުނު އަންހެންކުއްޖާ ފެނި އަބާންގެ ތަލިން ކުޅުހިކިގެން ދިޔައެވެ. މަޑު ނޫކުލައިގެ އަތްކުރު ރަތްކުލައިގެ ޓޮޕްކޮޅާއި ކަޅު ކުލައިގެ ސްކިނީގައި ހުރި އެކުއްޖާ ބަލައިލަން ވަރަށް ހިތްގައިމެވެ. އަބާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ދޮންތާ! މީ މޯޑުގެ ފްރެންޑުން" މޯޑް ބުނެލިއެވެ. ފަހަރަކު މީހަކަށް ބަލައިލަމުން އަންހެންކުއްޖާ ހީލިއެވެ. އަބާންގެ މޫނަށް ތަންކޮޅެއް ގިނައިރު އެކުއްޖާ ބަލަން ހުއްޓެވެ.
"މީ ދޮންތަ އިނގޭ. މެޗަށް އައީ. މާދަމާ ފުރާނެ. މީ މަގޭ ހުރިހާވެސް މީހަކީ. އަހަރެންގެ މުޅި ދުނިޔެއަކީ މަންމައާއި ބައްޕައާއި ދޮންތަ" މޯޑް އަންހެންކުއްޖާގެ ކޮނޑަށް އަތްލައިގެން ހުރެ ބުނެލިއެވެ. އޭރުވެސް އިރުކޮޅަކާއި އަންހެންކުއްޖާ އަބާންއަށް ނަޒަރެއް ދެއެވެ. އެހުރިހާ ފަހަރަކުވެސް އަބާން ހުންނަނީ އެކުއްޖާއަށް ބަލަހައްޓައިގެންނެވެ. އަބާންއަށް ހެވެމުން ދިޔައެވެ. އޭނާ އެއްވެސް ކަމެއް ކުރާކަށް ނުޖެހި އަންހެންކުއްޖާ ސެޓްވީއޭ ހިތަށް އެރުމުން ބޮލުގެ ފުށްކިބައިގައި ފިރުމައިލެވިއްޖެއެވެ.
"ދޮންތާ.. ދަނީ އިނގޭ. ޑިނަރ ނިމުނުހާ އަވަހަކަށް އަންނާނަން" މޯޑް ބުނެލިއެވެ.
"މަޑުކޮށްބަލަ. މޯޑުގެ ދޮންތަގެ ނަމަކީ...؟" އަބާން އަހައިލިއެވެ.
"މަޔޫރާ" ޖަވާބުދިނީ މަޔޫރާ އަމިއްލައަށެވެ. ހުރިހާކުދިން އެއްފަހަރާ ހީލިއެވެ.
(ނުނިމޭ)