ފަންސާސްއަށްވަނަ ބައި
(ފަސްއަހަރުފަސް)
ލޯގަނޑު ކައިރީގައި ހުރި އިރާނިޔާގެ ހެދުމުގެ ފަސްބައިގައި ހިފައި ދަމައިލިހެން ހީވެގެން ބަލައިލިއެވެ. ކައިރީގައި ހުރި ހޫރު ފެނުމުން އިރާނިޔާ ހީލައިފިއެވެ.
"މަންމީ! ހަރީއަޕް. ހޫރު މިހާރު ލަސްވެގެން މިއުޅެނީ" ދެއުކުޅުވަޅުގައި އަތް އަޅުވައިލަމުން ހޫރު ބުނެލިއެވެ.
"މި ނިމުނީއޭ ދޫނީ... ކޮބާތަ ސިޑްބައްޕި" އަޅައިގެން ހުރި ފިނިފެންމާ ކުލައިގެ ޝޯލް ރީތިކުރަމުން އިރާނިޔާ ބުނެލިއެވެ.
"ބޭރުގަ އެބައިން. ކާފަވެސް އެބައިން ލަސްވެފަ" ހޫރު ބުނެލިއެވެ.
"ލެޓްސް ގޯ. މި ނިމުނީ.... " ކަޅުކުލައިގެ ދަބަސް ކޮނޑުގައި އަޅުވައިލަމުން އިރާނިޔާ ބުނެލިއެވެ.
"ކޮބާ ދަރިފުޅުގެ ބޭގް؟" ހޫރުގެ އަތުގައި ހިފައިލަމުން އިރާނިޔާ އަހައިލިއެވެ. އެވަގުތު އެނދާއި ދިމާލަށް ހޫރު ބަލައިލިއެވެ. އަދި ދުވެފައި ގޮސް އެނދުމަތީގައި އޮތް ދަބަސް ނަގައިގެން އައިސް އިރާނިޔާ އަތުގައި ހިފައިފިއެވެ.
"މިހާރުވެސް މާ ލަސްވެއްޖެ. ދެންވެސް ހިނގާ ދާން" އިރާނިޔާ ކައިރީގައި ހުރި ހޫރު އަތްމައްޗަށް ލަމުން އާޝިދް ބުނެލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ވަޙީދުއްދީން ތެދުވެ ދެދަރިންގެ ފަހަތުން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ދެ ދަރިން ފުރާތަނަށް ނުދެވުނަސް ދޮރާއްޓާއި ހަމައަށް ނިކުންނަން ވަޙީދުއްދީން ބޭނުންވިއެވެ.
"މިދަތުރު ހާދަ ފޫހިވާނޭ ދޯ. ހިތަށްއަރާ މަންމަވެސް ޒުކްވެސް ހުރިނަމައޭ" ކާރުގައި އިނދެފައި އިރާނިޔާ ބުނެލިއެވެ. ކާރު ދުއްވަން އާޝިދް އިންއިރު ޖެހިގެން އިން ޝީޓުގައި އިނީ ހޫރެވެ. އިރާނިޔާ އިނީ ފަހަތު ޝީޓުގައެވެ.
"ޒުކް އަންނަން އަދި ދުވަސްނަގާނެ. ޒުކް ނުނިމެނީސް ނާންނަން މަންމަ އެހުންނަނީ" އާޝިދް ބުނެލިއެވެ.
***
ބަދިގެތެރޭގައި ޙާއިޝާއާއެކު ކަޝިޝް އުޅުނެވެ. ކޮޓަރިތައް ސާފުކުރުމުގައި ކަމްލާ އުޅުނުއިރު އެވަގުތު ޔަޝްފީ އިނީ ހޫރުގެ ނަމުގައި ހުޅުވާފައި ހުރި ކޮސްމެޓިކްސް ވިއްކާ ފިހާރައިގައެވެ.
"ކޮބާ އުނޭޝް؟" ޙާއިޝާ އަހައިލިއެވެ.
"ހޫރުގެ ކޮޓަރި ރެޑީކުރަނީނުން. ވަރަށް އެކްސްސައިޓްވެފަ ހުރީ" ކަޝިޝް ބުނެލިއެވެ.
"މިހާރު ގޮމައަށް ކާންދިނީތަ؟ އަހަރެން ހާދަ ދެރަވެޔޭ އެމަންޖެ އެހާ ބަލިކޮށް އުޅޭތީ. އަދްޔަންވެސް ހުންނަނީ މޫނުގެ ކުލަ އޮށްސިފަ" ޙާއިޝާ ބުނެލިއެވެ.
"ދެރަނުވޭ މަންމާ. ހުރިހާކަމެއްވެސް ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ" ޙާއިޝާގެ ކޮނޑުގައި އަތް ބާއްވައިލަމުން ކަޝިޝް ބުނެލިއެވެ.
"އަހަރެން ބޭނުން ބަނދަރަށް ނިކުންނަން. އަހަރެން މިހުންނަނީ އެދެމައިން ދެކިލާހިތުން މޮޔަވާވަރުވެފަ" ޙާއިޝާ ބުނެލިއެވެ.
"އެހެންވިއްޔާ މަންމަ ދޭ. އަޅުގަނޑު މިތަން ހަމަޔަކަށް އަޅުވާލާނަން" ކަޝިޝް ބުނެލިއެވެ.
***
އެނދުގައި ދެލޯ މެރިފައި އޮތް ގުމްރޫހަށް ބަލަހައްޓައިގެން އަދްޔަން އިނެވެ. މިވީ ފަސްއަހަރު ދުވަސްތެރޭގައި ގުމްރޫހްގެ ހާލަތު ގޯސްނުވާވަރަށް މިދެތިން ދުވަހު ގޯސްވެއްޖެއެވެ. މައިބަދައިގައި ރިއްސާވަރުން މިއަދު އެއްވަރަކަށްވެސް ނުތެދުވެއެވެ. އެތައް ޑޮކްޓަރުންނަކަށް ދެއްކިއްޖެއެވެ. ރާއްޖެއިން ބޭރަށްވެސް ދެވިއްޖެއެވެ. ހުރިހާ ޓެސްޓްތަކެއް ރިޕީޓްކޮށް ހެދިއްޖެއެވެ. ނަތީޖާ ހަމަ އެކައްޗެކެވެ.
"ހިނގާ ކުޑަކޮށް ނިކުމެލަން. ގޮމަ ބުނީމެއްނު ކުޑަކޮށް ހިނގާލީމަ ރަނގަޅުހެން ހީވެޔޭ" ގުމްރޫހްގެ ބޮލުގައި ފިރުމައިލަމުން އަދްޔަން ބުނެލިއެވެ.
"އަހަރެން ބުނި ކަންތަކާ އަދޫ ވިސްނިންތަ؟" ގުމްރޫހް އަހައިލިއެވެ.
"އަބަދު ތިވާހަކަ ތިދައްކަނީ ކީއްވެތަ؟ އަހަރެން ކިހިނެއްތަ ގޮމަ ތިހުރި މަގާމަށް އިތުރު މީހަކު ގެންނާނީ" އަސަރާއެކު އަދްޔަން ބުނެލިއެވެ.
"ޕްލީޒް. އަދޫގެ އާއިލާ ފުރިހަމަވާ މަންޒަރު ދެކެން އަހަރެން ބޭނުން. އަދޫގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން އަހަރެން ބޭނުން" ގުމްރޫހް ބުނެލިއެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"އަހަރެން އެއްފަހަރު އެވާހަކަދެއްކިން. އެކަމަކު އަހަރެންގެ ބޭނުމެއް ނުބުނަން. އެކަމަކު ދެން އަހަރެން ވިސްނާނަން..." އަދްޔަން ބުނެލިއެވެ.
"ތެންކިޔު. އަދޫދެކެ އަހަރެން ވަރަށް ލޯބިވޭ. ދުވަހަކުވެސް މިލޯތްބަކަށް ބަދަލެއް ނާންނާނެ" އަދްޔަންގެ އަތްތިލައަށް ބޮސްދެމުން ގުމްރޫހް ބުނެލިއެވެ.
"ދެން ހިނގާ. ގޮމަ ބުނީމެއްނު އަހަރެންނަށް ވުރެ ކުރިން ހޫރު އުރާލަން ބޭނުމޭ" އެނދުން ތެދުވަން ގޮމައަށް އެހީތެރިވަމުން އަދްޔަން ބުނެލިއެވެ.
***
ފާހާނައިން ނިކުތްގޮތަށް އުނޭޝް މިސްރާބުޖެހީ އަލަމާރި ކައިރިއަށް ދާށެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ. އޭނާގެ ޓީޝާޓާއި ޖީންސް އިސްތިރިކޮށްގެން އެނބުރުނު ކަޝިޝް އާ މުޑިއަރި ވަގުތު އަނގައިން އަޑެއް ލައްވައިލިއެވެ.
"ހޫން.. ސާބަހޭ... އަނެއްކާ ބިންމަތީގަތަ ފިޔަވަޅު ތިއަޅަނީ" ހީލަމުން ކަޝިޝް ބުނެލިއެވެ.
"ނޫން... ކަޝްގެ ބޮލު މެދުގަ" ގަސްދުގަ އުނޭޝް ކަޝިޝް އާ ދިމާކޮށްލިއެވެ. ކަޝިޝް ތުންއަނބުރައިލިއެވެ.
"ދެންވެސް އަވަސްކުރޭ. ހޫރު ބޭނުންވާނެ ޖެޓީއަށް އޭނަ ފައިބާއިރު ބައްޕި އޭނަ ބަލާ ގޮސް ހުންނަން" ކަޝިޝް ބުނެލިއެވެ. އަދި އުނޭޝް އުނުން ނައްޓުވާފައި ދިން ތުވާލި ހިފައިގެން ގޮސް ހަރުގައި އަޅުވައިލިއެވެ.
"އޯކޭ ދަނީ. ތެންކިޔު އިނގޭ..." ކަޝިޝްގެ ދެކޮނޑުގައި އުނޭޝް ހިފަހައްޓައިލުމުން އެތަނަށް ކަޝިޝްއަށް ބަލައިލެވިއްޖެއެވެ. އޭނާގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އަދިވެސް އުނޭޝްގެ ލޯތްބަށްޓަކައި ކެތްތެރިކަމާއެކު އޭނާ އެދަނީ އިންތިޒާރު ކުރަމުންނެވެ.
***
ކައުންޓަރުގައި އިން ޔަޝްފީ ސިހުނީ ދާދި ކައިރީގައި އައިސް ހުއްޓުނު ޒުވާނާ ފެނުމުންނެވެ. ޔަޝްފީ ބަލައިލުމާއެކު ޒުވާނާ އެއްލޯ މަރައިލިއެވެ.
"ސާބަހޭ. މަނާކަމެއް ތިކުރަނީ" ޔަޝްފީ ބުނެލިއެވެ.
"ކޮބާ މަނާ ކަމަކީ. އަހަރެންގެ ވާންއުޅޭ އަނބިމީހާ ހޯދަން މިތަނަށް އައުމަކީ ކުށެއްތަ؟ އެހެންވިއްޔާ ޖަލަށްދާން ތައްޔާރު" މަޖާވެލާފައި އަރޫން ބުނެލިއެވެ.
"ދެން މަޖަލެއްނޫނޭ. ރަންކިޔާފަ އިންނަން އުޅޭ ދެމީހުން ވަކިން ބައްދަލުކުރާކަށް ނުވާނެ" ޔަޝްފީ ބުނެލިއެވެ.
"ކޮންތާކު އޮތް ފޮތެއްގަ ތިހެން އޮތީ. ޔަޤީނުންވެސް އޮފީހުގަ ހުރި ހުރިހާ ފޮތަކާއި ފައިލެއް އަހަރެންނަށް ޗެކް ކުރެވިއްޖެ. ތިކަހަލަ ވާހަކައެއް ނުދެކެން. ދެންޖެހޭނީ އުނޭސަރ ކައިރީގައި އަހާލަން އަހަރެންނަށް ނުފެންނަ ތަނެއްގަ ފޮތެއް އޮތްތޯ" ސަމާސާ އެކުލެވޭ ރާގެއްގައި އަރޫން ވާހަކަދެއްކިއެވެ.
"އެއްކަލަ އަރޫން. ދުވަހަކުވެސް ސީރިޔަސްނުވާނެ. މިތަނުން މިގަޑީގަ ދޭ. މީހުންނަށް ފެނިއްޖިއްޔާ ފާޑުފާޑުގެ ވާހަކަދައްކާނެ" ޔަޝްފީ ބުނެލިއެވެ.
"އޯކޭ ސާހިބާ. ބްރޭކަށް ނިކުމެފަ ހިތަށް އެރީ ލޯބިގެ މޫނު ބަލާލާފައޭ ދާނީ. އެކަމަކު ދެން މިފަހަރު ދާނީ ކިސްއެއް ހިފައިގެން" އަނެއްކާވެސް އަރޫން ސަމާސާ ކޮށްލިއެވެ.
"ނޫން... މާދަމާ ރެއަށް އިންތިޒާރުކޮށްލާ. ތިކަން ކުރެވޭނީ ހާއްސަ ޙުއްދައެއް ލިބިގެން" ހީލަމުން ޔަޝްފީ ބުނެލިއެވެ.
"އޯކޭ. ވެއިންޓިންގ. ލަވް ޔޫ" އަރޫން ފިހާރައިން ނިކުންނަން ހިނގައިގަތެވެ.
***
ލޯންޗުން ފޭބި ހޫރުގެ ހަށިގަނޑުގައި ބައްދައިގަނެގެން ހުރި އުނޭޝް ފެނި ބަނދަރުމަތީގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ މަދު މީހެއްގެ ނަޒަރު އެދެބަފައިންނަށް ވަނީ ހުއްޓިފައެވެ. އާޝިދްގެ އަތުގައި ހިފައިގެން ހިނގައިގަތް އިރާނިޔާ ގޮސް ހުއްޓުނީ ޙާއިޝާ ކައިރީގައެވެ. ޙާއިޝާ އިރާނިޔާގެ ގައިގައި ބައްދައިލިއިރު އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ނީރާލާއިފިއެވެ. އިރާނިޔާގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ފަދައިންނެވެ.
"އައްދެ މިއީ ބައްޕި ކުއްޖެއް އެކަނިތަ؟ މާމަގެ ކުއްޖެއްނޫންތަ؟ އޫމް.... މާމަ ދެރަވެއްޖެ" ހޫރާއި އެއްވަރަށް ތިރިވެލާފައި އަނގަ ހަދައިލަމުން ޙާއިޝާ ބުނެލިއެވެ. ކުދިކުދި ދަތްތައް ފެންނަވަރަށް ހީލާފައި ޙާއިޝާގެ ކަރުގައި ހޫރު ބައްދައިލައިފިއެވެ. ހޫރު އުރާލާފައި މޫނުގައި ބޮސްދީ ތިރީގައި ބެހެއްޓިއެވެ.
"މިފަހަރު ދަރިފުޅުމެން ހުންނަންވާނީ އެގޭގައި. އެހެން ތަނަކަށް ދާން މަންމަ އެއްބަހެއް ނުވާނަން. ހާއްސަކޮށް ތިހާލަތުގަ އިންދަ. މިފަހަރު އަހަރެއް ކޮށްފަ ތިއައީ" ޙާއިޝާ އިރާނިޔާއަށް ބުނެލިއެވެ. ޖަވާބަކަށް ބޭނުންވާ ފަދައިން އިރާނިޔާ ބަލައިލީ އާޝިދްގެ މޫނަށެވެ. އާޝިދް ބޯޖަހައިލުމުން އިރާނިޔާ ޙާއިޝާއަށް އާބަސް ދިނެވެ.
"މަންމާ! މިހާރު ގޮމަ ކިހިނެއް؟ އަޅުގަނޑު އެންމެފުރަތަމަ ބޭނުމީ ގޮމައާ ބައްދަލުކުރަން" ހިނގައިގަންނަމުން އިރާނިޔާ ބުނެލިއެވެ.
***
ގޯތިތެރޭގައިވާ ހުސް ބިމުގައި އުނޭޝްއާ އެކުގައި ދުވެ ސަކަރާތްޖަހަމުން ދިޔަ ހޫރަށް ބަލަހައްޓައިގެން ކަޝިޝް ހުއްޓެވެ. އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލައިފިއެވެ. މާލިކާއި ބައްދަލުކުރަން އާޝިދް ބޭރަށް ނިކުތްތާ އިރުކޮޅެއް ވެއްޖެއެވެ. ގޯތިތެރޭގައި ކެފޭއެއް ހުޅުވުމަށް ހަދަމުންދިޔަ ތަނުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި އިރާނިޔާ މަޑުކޮށްލައިގެން އިނެވެ. އޭނަގެ ކައިރީގައި ޙާއިޝާއާއި އަދްޔަންގެ އިތުރުން ޔަޝްފީ އިނެވެ.
"އަސްލު ގޮަމަވެސް އެކަމާ ވިސްނަނީ. ގޮމަ އަމިއްލަ ނަފްސު ކުށްވެރިކުރަނީ. ގޮމަ ބޭނުމެއްނުވޭ އަހަރެން މާޔޫސްވެފަ ހުންނާކަށް. އަހަރެން ބުނިން އަހަރެން ގޮމައާ އެއްކޮށް ހަމަ ވަރަށް ހެޕީއޭ. އެކަމަކު ހުއްޓައެއްނުލި" އަދްޔަން ވާހަކަދެއްކިއެވެ. ޙާއިޝާގެ މޫނުމަތި މިލައިގެން ގޮސްފައިވާއިރު އޭނާއަށް ދަރިންގެ ވާހަކަތަކާއި ގުޅުވައިގެން ދައްކާނެ ވާހަކައެއް ނޭނގުނެވެ.
"އަސްލު ގޮމަގެ ވިސްނުން ގޯހެއްނޫން. ދެން ކީކޭ ބުނާނީ. ތިދެކުދިންގެ ދިރިއުޅުން. ވިސްނާފަ ރަނގަޅުގޮތެއް ނިންމާތި. ކޮންމެގޮތަކަށް ނިންމި ނަމަވެސް ގޮމަގެ އަތުން ދޫކޮށްނުލާތި" އިރާނިޔާ ވާހަކަދެއްކިއެވެ.
"މަންމަވެސް ބުނިން ތިހެން. ގޮމައަކީ ވަރަށް ރަނގަޅު ކުއްޖެއް. ބަލި ތަންމަތީގައި އެގޮތަށް އޮންނަން ޖެހުމުން އެމަންޖެއަށް ކުރާނެ އިހުސާސް އެންމެ ބޮޑަށް އިނގޭނީ ހަމަ އެމަންޖެއަށް" ޙާއިޝާ ވާހަކަދެއްކިއެވެ. އޭރު މަޑުމަޑުން ހިނގާލާފައި އެދިމާލަށް ނިކުތް ގުމްރޫހް ފެނި އިރާނިޔާ ތެދުވެއްޖެއެވެ. އަދި ހިނިތުންވުމަކާއެކު ތެދުވެގެން ގޮސް ގުމްރޫހްގެ ހަށިގަނޑުގައި ބައްދައިލިއެވެ.
***
މުޅިން އާ ދުވަހެކެވެ. އާ އިހުސާސްތަކަކާއެކު އެތައް ބަޔަކަށް ދުވަސް ހެޔޮގޮތުގައި ފެށުމުގެ ފުރުސަތު ހެއްދެވިފަރާތުން ދެއްވައިފިއެވެ. ނަމަވެސް އެގޮތް ޚިޔާރުކުރީ ޙާއިޝާގެ އާއިލާ ފަދަ މަދު ބައެކެވެ. ދުވަހަކީ ވަރަށް މަސައްކަތް އޮތް ދުވަހަކަށް ވާތީ ފަތިސްނަމާދަށްފަހު އަތުކުރި އޮޅާލައިގެން ހުރިހާ މީހުން މަސައްކަތް ފަށައިފިއެވެ. ޙާއިޝާގެ ގެ ވަނީ ފުރިފައެވެ.
ފަތިސްނަމާދަށްފަހު އޮފީހުގެ ކަންތައްތައް ހަމައަކަށް އަޅުވާލަން އުނޭޝް އޮފީހަށް ދިޔުމުން ހޫރުގެ ހުރިހާ ކަމެއްގައި އުޅުނީ ކަޝިޝްއެވެ. ކަޝިޝްއާއި ހޫރާއި ދެމެދުގައި އޮތް ގުޅުން ވަރަށް ރަނގަޅެވެ. ޔަޝްފީގެ ކައިވެނިކުރެވޭ ހިސާބުގައި މަސައްކަތްކުރުމަށް އަދްޔަންއާއެކު އާޝިދް އަދި އީސަވެސް އުޅުނެވެ. ބޭރު ގޯތީގައި ފިޔާ އެއްޗެއް ކޮށަން އިން އިރާނިޔާގެ ފޯނަށް މެސެޖެއް އައުމާއެކު ބަލައިލިއެވެ. އޭނާ ފޯނަށް ބަލައިލާފައި ރަކި ގޮތަކަށްް ހީލައިފިއެވެ. އަދި ޙާއިޝާ ކައިރީގައި ބުނެލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ.
ބަދިގެއާއި ދިމާލަށް ދަނިކޮށް ކުއްލިއަކަށް އޭނާގެ އަތުގައި ހިފާ މީހަކު ދަމައިގަނެފިއެވެ. ހަމަ އެހާ އަވަހަށް ކޮޓަރިއަށް ވައްދާފައި ދޮރުލައްޕާލައިފިއެވެ. އިރާނިޔާއަށް ހަމަޖެހިގެން ނޭވައެއްލިއިރު ކުރިމަތީގައި ހުރި އާޝިދެވެ.
"ސާބަހޭ... ބިރުން ހަލާކުވެއްޖެ" އާޝިދާއި ދުރަށް ޖެހިލަމުން އިރާނިޔާ ބުނެލިއެވެ.
"އީރަންއަށް ކެތްވޭތަ؟ މިރަށަށް އައިފަހުން އަހަރެންނަށް އަހަރެންގެ އަނބިމީހާގެ މޫނު ރަނގަޅަށް ނުފެނެއޭ" އާޝިދް ޝަކުވާކޮށްލިއެވެ.
"އަޅެ ސޮރީ ލޮބްސް. އިނގެއެއްނު މިރަށަށް އައިމަ އަހަރެން އުޅޭނެގޮތް. މިރޭ ވާނެ ދޯ ވަރަށް ލޯބިކޮށްލަން" އާޝިދްގެ ގައިގައި ބައްދައިލަމުން އިރާނިޔާ ބުނެލިއެވެ.
"އޯކޭ... އީރަން ކިތަންމެ ލަހުން ކޮޓަރިއަށް އަޔަސް އަހަރެން އިންތިޒާރުކުރާނަން އިނގޭ" އިރާނިޔާގެ ކޮލުގައި ބޮސްދީފައި އާޝިދް ބުނެލިއެވެ.
"އަދި މަޑުކޮށްބަ" އިރާނިޔާ ހިނގައިގަތުމާއެކު އާޝިދް އިރާނިޔާގެ އަތުގައި ހިފެހެއްޓިއެވެ.
"ކިތަންމެ ބުރަކޮށް އުޅުނަސް އަހަރެންގެ ޕްރިންސަށް ބަލައިގެން އުޅޭތި" އިރާނިޔާގެ ހަތަރުމަހުގެ ބަނޑުގައި އަތް ޖައްސައިލަމުން އާޝިދް ބުނެލިއެވެ.
"ބަލަންވާނެއްނު. އެހެންނޫނީ އަހަރެމެންގެ ޕްރިންސަސް ކިހާ ދެރަވާނެ" ހީލަމުން އިރާނިޔާ ބުނެލިއެވެ.
***
ކުރިމަތީގައި ހުރި ކޮފީތައްޓަށް ބަލަހައްޓައިގެން ވިސްނުމަކަށް ގެއްލިފައި އިން ޝެނަލް ސިހުނީ އޭނާގެ އިސްތަށިގަނޑުގައި މީހަކު ފިރުމައިލުމުންނެވެ. ކައިރީގައި މަންމައާއި ބައްޕަ ހުރިކަން އިނގުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ދަރިފުޅު އުފަލުންތަ ތީނީ" ސަބްރީނާއި ބައްސާމް އިށީނީ ޝެނަލްގެ ދެފަރާތުންނެވެ.
"ވަރަށް އުފަލުން. އަދޫގެ ހެޔޮ ހަތަރު އަނބިން ތިއްބަސް. ހެޔޮ އޭނަގެ ހަޔާތަށް އެންމެފަހު މީހެއްގެ ގޮތުގަ އަންނަން ޖެހުނަސް. އަޅުގަނޑު ބޭނުން" ޝެނަލް ވާހަކަދެއްކިއެވެ. އޭނާގެ ހިތަށް ލިބިފައިވާ އުފާވެރިކަން އޭނާގެ އަޑުން އެކަނިވެސް ހާމަވެއެވެ.
"ދަރިފުޅުގެ އުފަލަށްޓަކައި ބައްޕަ ވަލީދޭނަން" ބައްސާމް ބުނެލިއެވެ.
"ދަރިފުޅުގެ ތިއުފާވެރިކަމަށް އެޅޭ ހުރަހެއް ކަމުގައި މިފަހަރު މަންމަ ނުވާނަން. އެކަމަކު މަންމަ ދޭނެ ނަޞޭޙަތެއް އެބައޮތް. ގޮމައަކީ ދުރުކުއްޖެއްނޫން. ދަރިފުޅަށް ތިފުރުސަތު ލިބުނީވެސް ގޮމަގެ ސަބަބުން. އަދްޔަންގެ އާބަސް ލިބުނީވެސް އެކަމަށް ގޮމަ ބާރުއަޅާވަރުން. މަންމައަށް ޙާއިޝާ ހުރިހާ އެއްޗެއް ކިޔައިދިން" ސަބްރީން ވާހަކަދެއްކިއެވެ.
"މަންމަ ބުނަން މިއުޅެނީ ދިރިއުޅުމެއް އުޅެވޭނީ ވަރަށް ކެތްތެރިވެގެން. ފިރިމީހާ ކިޔަމަންވެގެން. އަބަދުވެސް ހަނދާންކުރަންވާނެ ތިމާގެ ފިރިމީހާގެ އިތުރު އަންބެއް އިންނަންކަން" ސަބްރީން ޝެނަލްއަށް ވިސްނައިދެމުން ދިޔައެވެ.
"މަންމާ! އަޅުގަނޑަށް ތިހުރިހާ އެއްޗެއް ވިސްނޭ. ޝާމް އާ އެއްކޮށް ދިރިއުޅެން އަޅުގަނޑު ވަރަށް މަސައްކަތްކުރިން. ކައިވެނި ރޫޅާލަން ޖެހުނީ ދެމީހުންނަށްވެސް ނޫޅެވުނީމަ. ދެމީހުންގެވެސް ރުހުމާއެކު. އަދިވެސް އެކުވެރިކަން އެބައޮތް" ޝެނަލް ވާހަކަދެއްކިއެވެ.
***
ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި ގުމްރޫހްގެ ފަހަތުން އަދްޔަން ހުއްޓުނެވެ. ގުމްރޫހް ހީލިތަން ފެނުމުން އަދްޔަންއަށް ހީވީ އޭނަގެ ހިތް ފުރިގެން އައި ހެންނެވެ. ގުމްރޫހްގެ ފުރަގަހުން ބައްދާލާފައި ކަނދުރާގައި ބޮސްދިނެވެ.
"ހާދަ ދުވަހެއް ފަހުންނޭ މަގޭ އަނބިމީހާ އެހާ ލޯބިކޮށް ހުއްޓަ މިފެނުނީ. ކަމެއް ކޮށްލާހިތްވެއްޖެ" އަދްޔަން ބުނެލިއެވެ. ތެދެކެވެ. ޔަޝްފީގެ ކައިވެންޏަށްޓަކައި މެރޫން ކުލައިގެ ފޮއްޗަކުން ފަހާފައިވާ ދިގު މިޑީގައި ގުމްރޫހްގެ ހިމަތޮޅި ހަށިގަނޑު ވަރަށް ރީއްޗެވެ. އެކައިވެނި ކުރެވޭ މާލަމަށް ދާން އޭނާ ތައްޔާރުވާން ހުރިއިރު އެހެން ދުވަސްދުވަހާއި ޚިލާފަށް ހަށިގަނޑަށް އަޅަމުންދިޔަ ވޭން ކުޑައެވެ.
"ދެން މިހާރަކު ނޫން. ހިތަށް މިއަރަނީ ކޮޅަށް ހުރީމަ އަނެއްކާ އޮޕަރޭޝަން ކޮށްފަ އިން ތަނުގައި ނުރިއްސާނެބާއޭ" ގުމްރޫހް ބުނެލިއެވެ.
"އެހާ ގިނައިރު ކޮޅަށް ނުހުންނާތި. މީހާއަށް ފުރިހަމައަށް ކޮޅަށް ހުރެވޭނީ އެންމެ ފުރަތަމަ މީހާގެ މައިބަދަ ރަނގަޅަށް ހުރެގެނެއްނު. ވަރުބަލިވަންޏާ އަހަރެންނަށް ގޮވާތި އިނގޭ" ގުމްރޫހްގެ ނިތުގައި ބޮސްދީފައި އަދްޔަން ބުނެލިއެވެ.
***
ޔަޝްފީގެ ކައިވެނި ކުރެވިއްޖެެއެވެ. ކައިރީގައި އިން އަރޫނަށް އޭނާ ބަލައިލީ ލޯބި ބެލުމަކުންނެވެ. އޭނާއާ ދާދި ކައިރީގައި ހުރި އަރޫންގެ އެއްބަނޑުއެއްބަފާ ދައްތަ ރިޔާ ޔަޝްފީގެ މޫނުގައި ފިރުމައިލިއެވެ. ރިޔާއަކީ އަރޫންގެ އާއިލާގައި ދުނިޔޭގައި ހުރި ހަމައެކަނި މެންބަރެވެ. ރަށުން އޭނާ އައީ ހުރި ހަމައެކަނި ކޮއްކޮގެ ކައިވެނި ކުރެވޭތީއެވެ.
"މާދަމާ ފުރަންވާނެ. ޔަޝްއަށް ދެން އާދެވޭނީ ދައްތި ފޮނުވި އިރަކުން" ރިޔާ ވާހަކަދެއްކިއެވެ. ޔަޝްފީ އަރޫންއަށް ބަލައިލިއެވެ.
"އެއީ ހަމައެކަނި ހަނީމޫން ދުވަސްކޮޅު. އަހަރެމެން ދިރިއުޅޭނީ މިރަށުގަ. މިގޭގަ. ދައްތިވެސް ދުވަސްކޮޅަކުން ފިިރިމީހާ ކައިރިއަށް ފުރާނެއްނު" އަރޫން ވާހަކަދެއްކިއެވެ. އޭނާގެ އަތްވަނީ ޔަޝްފީގެ އަތާއި ގުޅިލާ މެހިފައެވެ.
***
ލައިގެން ހުރި ހެދުން ކުޑަކޮށް ކޮށިކޮށްލައިގެން ހިނގާފައި އައި ކަޝިޝް ކޮޓަރި ދޮރުހުޅުވާލާފައި ވަނެވެ. މުޅި ތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ސްވިޗްތައް ޖައްސަން ހިނގައިގަތްވަގުތު ދޮރުލެއްޕުނު އަޑު އިވިފައި ސިހިގެންދިޔައެވެ. އަނގައިން ހަޅޭއްކެއްގެ އަޑު ނިކުތް ވަގުތު މީހަކު އޭނަގެ އަނގަމަތީގައި އަތް އަޅައިފިއެވެ.
"ޝްޝްޝް.... ކަޝިޝްގެ އަނގަމަތީގައި އަތް އަޅައިގެން ހުރެ ހިނގާފައި ދިޔަ އުނޭޝް މަޑުޖެހުނީ ސްވިޗްތައް ކައިރީގައެވެ. އެއްއަތުން އޭނާ ހަމައެކަނި ޖެއްސީ ނިދާ ބޮތްކެވެ. ފަނޑު ރަތްކުލައިގެ އައްޔަކުން މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ދާދި ކައިރިން ފެންނަން ހުރި އުނޭޝްގެ މޫނަށް ކަޝިޝް ބަލަަމުން ދިޔައީ ދެލޯ ބޮޑުކޮށްގެން ހުރެއެވެ. އަދިވެސް އޭނާގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ.
"އަނގަމަތިން އަތް ނެގިޔަސް ހަޅޭއްލަވައި ނުގަންނާތި" މަޑުމަޑުން އުނޭޝް ބުނެލިއެވެ. ކަޝިޝް ބޯޖަހައިލުމާއެކު އުނޭޝް އޭނާގެ އަނގަމަތިން އަތް ނެގިއެވެ.
"އަހަރެންގެ ހިތް ވަރަށް އެހެންކަހަލަ ވާހަކައެއް އެބަދައްކާ" ކަޝިޝް ބުނެލިއެވެ.
"ކީކޭ ކިޔަނީ؟" އުނޭޝް އަހައިލިއެވެ. އޭނާ ހުރީ ފާރުގައި އަތްތިލައިން ހިފަހައްޓާލައިގެން އަނެއް އަތް ލައިގެން ހުރި ޖީންސްގެ ޖީބަށް ޖަހާލައިގެންނެވެ. އޭނާގެ ނޭވާ އެޅޭހާ ދާދި ގާތުގައި ފާރުގައި ލެގިލައިގެން ކަޝިޝް ހުއްޓެވެ.
"ބިރުގަނޭ. އުނީ ބުނާ އެއްޗަކުން އަހަރެންގެ ހިތަށް ތަދުވެދާނެ" ކަޝިޝް ބުނެލިއެވެ.
"ނުވާނޭ ބުނެފިއްޔާ" އުނޭޝް ބުނެލިއެވެ. ކަޝިޝްގެ ދެލޯ ވިދައިގަތެވެ.
"މިއަދު ހަވީރު އަހަރެންނަށް ލިބުނު ކަޝްގެ މެސެޖެއް. ކީކޭތަ އިނީ؟" އުނޭޝް އެހިއެވެ.
"އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި...." ކަޝިޝް މެސެޖް ކިޔައިލިއެވެ.
"މި ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި ކިތައްފަހަރު އަހަރެން ކައިރީގައި ތިހެން ބުނިން" އުނޭޝް އެހިއެވެ.
"ނޭނގެ. ނުއެއް ގުނަން" ކަޝިޝް ބުނެލިއެވެ.
"ތި އިންތިޒާރު ނިމުމަކަށް އައިއްސި. ކަޝް! އައި ތިންކް އައި ލަވް ޔޫ.." އުނޭޝް ބުނެލިއެވެ. އޭނާ ބަލަންހުރީ ކަޝިޝްގެ ދެލޮލަށެވެ.
"އަދި އެއްފަހަރު. ޕްލީޒް!" ކަޝިޝް ބުނެލިއެވެ.
"އަހަރެންނަށް ލޯބިވެވިއްޖެ. އައިލަވްޔޫ" ކަޝިޝްގެ ތުންފަތުގައި ބޮސްދެމުން އުނޭޝް ބުނެލިއެވެ. ހިތަށް ލިބިގެންދިޔަ ބަޔާންކުރަން ދަތި ހިތްހަމަޖެހުމުގައި ކަޝިޝްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ދިގު އިންތިޒާރަކަށްފަހު ފިރިމީހާގެ އަތުގެ ބީހުން އިހުސާސް ކުރެވި އޭނާގެ ހަށިގަނޑު އިތުރު ޝަކުވާއަކާއި ނުލާ ފިރިމީހާއަށް ހަދިޔާކޮށްފިއެވެ.
***
"މިއަންނަނީ ހޫރާއެކު ފޮޓޯއެއް ނަގާފަ" ގުމްރޫހް ތެދުވެގެން ހިނގައިގަތް ވަގުތު އެދިމާލަށް މަޑުމަޑުން ހިނގާފައި އައި ޝެނަލް އަރާ ހަމަވެއްޖެއެވެ. ގުމްރޫހް ތެދުވީވެސް އެދިމާލަށް ޝެނަލް އަންނާތީކަން އަދްޔަންއަށް އިނގުނެވެ. ޝެނަލްއަށް މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލާފައި އަދްޔަންއާ ވަކިކޮށްލި އަތްތިލައަށް ބަލައިލިއެވެ. އަދި އެ އަތް ގެންގޮސް މޭގައި ޖައްސައިލަމުން ގުމްރޫހް ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
"އަހަރެން ގޮމަދެކެ ވަރަށް ވަރަށް ލޯބިވޭ. އިތުރު ކައިވެންޏެއް ކުރަން މިއުޅެނީ ފަހަރެއްގަވެސް އަހަރެންގެ ހިތުގައި ގޮމައަށް އޮތް ލޯބި ކުޑަވެގެނެއްނޫން. އެކަމަކަށް ގޮމަ އެދޭތީ. މައިބަދައަށް ލިބުނު ބޮޑު އަނިޔާއަކަށްފަހު އޭނާ ދަރިން ލިބުމުގެ އުފަލުން މަހުރޫމްވެފައިވާ ކަމަށް ޑޮކްޓަރުން ހަބަރު ދިން ހިސާބުން ފެށިގެން އަބަދު އެވިސްނުން އެހުންނަނީ. ގޮމަ ވިސްނަނީ އަހަރެން ދެރަވެދާނެކަމަށް. އަހަރެންނަށް އުފާ ހޯދަދޭން. މާދަމާ ރޭ ރަންކިޔުއްވަން މީހުން ފޮނުވާނަން. ތައްޔާރަށް ހުންނާތި" އަދްޔަން ވާހަކަދެއްކިއެވެ. އެންމެފަހަރުކުވެސް އޭނާ ޝެނަލްއަށް ބަލައިނުލައެވެ. ނަމަވެސް އެހުރިހާއިރު ހިނިތުންވުމަކާއެކު ޝެނަލް އިނީ އަދްޔަންއަށް ބަލަހައްޓައިގެންނެވެ. އޭނާ ކުރި ދިގު އިންތިޒާރު ނިމުމަކަށް އައީތީ ހެއްދެވިފަރާތަށް ޙަމްދުކުރިއެވެ.
***
ޕާރޓީ ނިމި ހުރިހާ މީހުން އެމީހެއްގެ ކޮޓަރިއާ ދިމާލަށް ދަތުރު ފަށައިފިއެވެ. ނިދާލާފައި އޮތް ހޫރު ކޮނޑުމައްޗަށް ލައިގެން އައި އާޝިދްއާ ދާދި ކައިރީގައި އިރާނިޔާ ހުއްޓެވެ.
"ޔަޤީން އެނދުގައި ބާއްވާއިރަށް ފުންމައިގެން ތެދުވާނެކަން. އޭނަ ނިދާ ގަޑި ނޫން އެހެން ގަޑިއެއްގަ ނިދާނެހެން ހީވޭތަ؟" އިރާނިޔާއަށް އާޝިދް ބުނެލިއެވެ.
"އާނ. މިހާރުވެސް ނޭނގެ ނުހޭލާކަމެއް. މަންމިގެ ޑްރާމާ ކްއީން" ކޮޓަރިއަށް ވަދެ ދޮރުލެއްޕިއިރު ދެމަފިރިންގެ މޫނުމަތިންވެސް ވަރުބަލިކަން ފާޅުވަމުން ދިޔައެވެ.
އެނދުގައި ބޭއްވުމާއެކު ހޫރުގެ ކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އިރާނިޔާ އާޝިދްގެ މޫނަށް ބަލައިލާފައި ހީލިއެވެ. ހޫރުގެ އެ ސަމާސާގައި ބައިވެރިވަމުން އާޝިދް ހޫރުގެ ބަނޑުގައި ކޮށްޓައިލިއެވެ. އެވަގުތު ހޫރުގެ ހުނުމުގެ އަޑުން ކޮޓަރިތެރެ ގުގުމައިގެން ދިޔައެވެ.
"ދެން ދަރިފުޅު މަޖާކުރާނީ ނިދަން ރެޑީވެގެން. ހިނގާ މޭކަޕް ފިލުވަންދާން" އާޝިދާއެކު ސަކަރާތުގައި އޮތް ހޫރު އަތުގައި ހިފައިގެން އިރާނިޔާ ފާހާނާއަށް ވަން މަންޒަރު ބަލަން އާޝިދް ހެވިފައި އޮތެވެ. ހެއްދެވިފަރާތުން އޭނާއަށް ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާ ހާލުގައެވެ.
މާގިނައިރު ނުވަނީސް ހޫރު ނިދަން ތައްޔާރުކޮށްގެން ގެނެސް އެނދަށް އެރުވިއެވެ.
"ހޫރު ބޭނުމީ މާމަ ކައިރީގަ ނިދަން" ހޫރު ބުނެލިއެވެ. އިރާނިޔާ ވަގުތުން ޙާއިޝާއަށް ގުޅިއެވެ.
"މާމަ ބުނި އެބައަންނަމޭ ދަރިފުޅު ބަލާ" ހޫރުގެ ކޮލުގައި ފިރުމައިލަމުން އިރާނިޔާ ބުނެލިއެވެ.
އިރާނިޔާ ގައިދޮވެގެން އައިސް އެނދުގައި އިށީނުމުން އާޝިދް ފާހާނާއަށް ހިނގައިގަތެވެ. ދެމަފިރިން އެކު ނިދަން ތައްޔާރުވެގެން އައިސް އިށީނީ ޙާއިޝާގެ އިންތިޒާރުގައި އިން ހޫރުގެ ދެފަރާތުންނެވެ.
"މިސްވާނެ ދަރިފުޅު މަތިން" ހޫރު އިސްތަށިކޮޅު ރީތިކޮށްލަމުން އިރާނިޔާ ބުނެލިއެވެ.
"ދަރިފުޅު މާމައަށް އުނދަގޫ ނުކުރައްޗެ. މާމަ އެއީ ބަލިމީހެއް" އިރާނިޔާ ހޫރަށް ވިސްނައިދެމުން ދިޔައެވެ.
"މަންމީ! ހޫރު ވާހަކައެއް ބުނަންތަ؟" ހޫރު ބުނެލިއެވެ.
"އަވަހަށް ބުނޭ" އިރާނިޔާ ބުނެލިއެވެ.
"އަންނަންދެން ހުންނާނަން ލޯބިން އިންތިޒާރުގައި..." ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިގެން އިނދެ ހޫރު ބުނެލިއެވެ. އާޝިދާއި އިރާނިޔާއަށް ޙައިރާންކަމާއެކު އެކަކު އަނެކަކަށް ނަޒަރެއް ބަދަލުކޮށްލިއެވެ. ކުއްލިއަކަށް ހޫރު ބުނި އެއްޗަކުން ވިސްނަންވީ އެއްޗެއް އެދެމަފިރިންނަށް ނޭނގުނެވެ.
"ކާކު އަންނަދެން" އިރާނިޔާ އަހައިފިއެވެ. އެހިނދު ހޫރު އިރާނިޔާގެ ބަނޑުގައި ބައްދައިލިއެވެ. އަދި ނިދަންލާ ގަޔަށް ބާރު ޓީޝާޓްމަތިން ނިކުމެފައިވާ އިރާނިޔާގެ ކުޑަކުޑަ ބަނޑުގައި ބޮސްދިނެވެ.
"ޕްރިންސް. މަންމިގެ ބަނޑުން އަންނަދެން އިންތިޒާރުގަ ހޫރު ހުންނާނަމޭ" ހޫރު ބުނެލިއެވެ. އިރާނިޔާއަށް އާޝިދްގެ މޫނަށް ބަލައިލުމާއެކު ހެވިއްޖެއެވެ. އޭނާއަށް ހޫރުގެ ގައިގައި ބައްދައިލެވިއްޖެއެވެ. އެހިނދު އާޝިދް އެއް އަރިމަތިން ގާތްވެލާފައި އިރާނިޔާގެ އަތްމަތީގައި އަތް އަޅައިލިއެވެ. އިރާނިޔާ ބަލައިލުމާއެކު އިހުތިރާމާ ގަދަރު ދޭނަމޭ ބުނާ ފަދައިން އިރާނިޔާގެ ނިތުގައި ބޮސްދީފިއެވެ. އުފާވެރިކަން ވެރިވެފައިވާ ކޮޓަރި ތެރެއަށް އާޝިދްގެ އެ އަމަލާއެކު އިތުރު ފުރިހަމަކަމެއް ގެނެސްދީފިއެވެ.
ނިމުނީ