ފަންސާސްހަތްވަނަ ބައި
"އަހަރެން ކަޝިޝް އާ ވާހަކައެއް ދައްކާލަން ބޭނުން. ވަކިން" އިރާނިޔާ ބުނެލިއެވެ. ކަޝިޝް އިރާނިޔާއަށް ބަލައިލާފައި އެތަނުން ތެދުވެލިއެވެ. ކަޝިޝްގެ އަތުގައި ހިފައިގެން އޭނާ ދުރަށް ހިނގައިގަތް މަންޒަރު ބަލަން އުނޭޝް އިނީ ވިސްނުމެއްގެ ތެރޭގައެވެ.
"އިނގޭ ދޯ އަހަރެންނަކީ ކާކުކަން" ކަޝިޝް އާއެކު އިރާނިޔާ ގޮސް ހުއްޓުނީ މީހުން ތިބި ހިސާބާ ތަންކޮޅެއް ދުރުގައެވެ.
"އިނގޭ. އުނީގެ އެކްސް ވައިފް. ހޫރުގެ މަންމަ" ހިނިތުންވުމަކާއެކު ކަޝިޝް ބުނެލިއެވެ.
"އަހަރެންގެ ސިކުނޑި ޤަބޫލެއްނުކުރޭ އުނޭޝްގެ ދެވަނަ ހުށަހެޅުމަށް އިންކާރުކޮށް އަހަރެންނަށް ކުރެވުނީ ގޯސްކަމެއްގެ ގޮތުގައެއް. އަހަރެމެން ވަކިވާން ޖެހުނު ގޮތް ފަހަރެއްގަ ކަޝިޝް އަށް އެނގިފަވެސް ނޫނީ ނޭނގިވެސް އޮވެދާނެ. އަހަރެން ބުނަން ބޭނުންވަނީ ވަރަށް ބޮޑު ބަދަލެއް މިހާރު އުނޭޝްގެ ފަރާތުން އެބަފެނެއޭ. އޭނައަކީ ހިތް ރަނގަޅު މީހެއް. ލޯބި ދޭންޖެހިއްޖިއްޔާ އޭގެ އިންތިހާއަށް ދޭނެ. އަހަރެން ކަޝިޝްގެ ކައިރިން އެދެން ބޭނުމީ އެންމެ އެދުމެއް" އިރާނިޔާ ވާހަކަދެއްކިއެވެ. އެސްފިޔަޖަހާވެސް ނުލާ ކަޝިޝް ހުރީ އިރާނިޔާއަށް ބަލަހައްޓައިގެންނެވެ.
"އުނޭޝް ތަޙައްމަލް ކުރަމުންއެދާ ހިތްދަތި ދުވަސްތައް ހަނދާންނެތޭ ވަރަށް އޭނައަށް ލޯބިދޭތި. އަހަރެންގެ ދަރިފުޅުގެ ބައްޕައަށް ވީތީ އަހަރެން އޭނައަށް އަދިވެސް އިހުތިރާމް ކުރަން. ފިރިހެނަކަށް ވީތީ ޤަދަރުކުރަން. އަހަރެންގެ ކުރީގެ ފިރިމީހާއަށް ވިޔަސް އޭނަ އާ މެދު އަހަރެންގެ ހިތުގައި ލޯތްބޭ މިކިޔާ ޖަޒުބާތުގެ ޒަައްރެއްގެ މިންވަރުވެސް ނެތް" އިރާނިޔާ ވާހަކަދެއްކިއެވެ.
"އަހަރެން އުނީ ދުލެއް ނުކުރާނަން. ރާނީއަށް ވުރެ ވެސް މާކުރިން އަހަރެން އުނީދެކެ ލޯބިވެއްޖައިން. އަހަރެމެން ދެމީހުންގެ މެދުގައިވަނީ ރާނީ ހީކުރި ވަރަށް ވެސް ބޮޑު ގުޅުމެއް އުފެދިފައި. އެކަން އުނީ ނެގީ ފޫހި ފިލުވާލަން ކުރި ކަމެއްގެ ގޮތުގަ. އެކަމަކު އަހަރެން ދެކުނީ ލޯބި ކަމުގައި. ފަހުން އަހަރެން މަތިން އުނީ ހަނދާންނުވީ އޭނަގެ ހަޔާތަށް ރާނީ އައިމަ. އެކަމަކު ދެން އެވާހަކަތައް ނުދައްކާ. މާޒީގައި ހިނގާފައިވާ ކަންތައްތައް ކޮނެގެން ނެގިޔަސް އޭގެއިން ވާނެ ފައިދާއެއް ނޯންނާނެ. އުނީގެ އަންބަކަށް ވުމުގެ ފޮނި އުންމީދުތައް މިހާރު ކުރެވެނީ. އަހަރެން މިރަށަށް އައުމުގެ އެންމެ ބޮޑު މަޤްސަދު ހާސިލް އެވަނީ. އަހަރެން މިހުރީ އުފަލުން. ދުވަހަކުވެސް މަންމައާއި ބައްޕަ ނޫން އާއިލާގެ އެހެން މެންބަރެއްގެ ލޯބި ލިބިފައެއްނެތް. އެކަމަކު މިހާރު އަހަރެންނަށް ބޮޑު އާއިލާއެއް ލިބިއްޖެ. މަންމައަކަށްވެސް ވެއްޖެ. ހޫރަކީ ހަމަ އަހަރެންގެވެސް ދަރިއެއް. އެހެންނު..." ކަޝިޝް ވާހަކަދެއްކިއެވެ. ކަޝިޝް ވެގެން ދިޔައީ އިރާނިޔާ ހީކުރި ވަރަށް ވުރެވެސް ހިތްހެޔޮ ކުއްޖަކަށެވެ. އޭނަގެ މޫނުމަތިންވެސް އެކަން ހާމަވެއެވެ.
***
ޙާއިޝާ ދިޔައީ އެކުގައި ހޫރުވެސް ގޮވައިގެންނެވެ. އެހާ ދުވަސްފަހުން ހޫރާއި ވަކިވާން އިރާނިޔާއަށް އުނދަގޫވިއެވެ. އޭނައަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ހޫރާއި ވަކިން އޭނާއަށް ނިދޭނެބާއޭ ހިތަށް އެރިއެވެ. މަންމަ މަތިން ހަނދާންވެގެން އެކުއްޖާ ނުރޯނެބާއޭ ހިތަށް އެރިއެވެ. ނަމަވެސް އޭނާ ހިތްވަރު ކުރިއެވެ. އޭނަގެ ކައިވެނި ކުރެވުނު ރެއަށް ވީތީ ހުރިހާ ވަގުތެއް ފިރިމީހާއަށް ހުސްކުރަން އޭނާ ހުރީ ތައްޔާރަށެވެ. އޭނާގެ އަތްތިލައިގެ ތެރެއަށް އާޝިދް އަތް ލައްވައިލުމާއެކު ހިނިތުންވެލާފައި ބަލައިލިއެވެ. އަނެއް އަތުން އުނަގަނޑުގައި އަތް އަޅުވާލުމާއެކު އިރާނިޔާގެ ހިތް ފުރިގެން އައެވެ. ފިރިމީހާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ އޭނާ ބޭނުންވާ ދުނިޔެއަށް އެެދެލޮލުގެ ތެރެއިން ދެވިދާނެކަމުގެ ޔަޤީންކަމާއެކުގައެވެ.
"ލެޓްސް ގޯ" އާޝިދް ބުނެލިއެވެ.
އާއިލާ މެންބަރުންނާއެކު އިރާނިޔާ ގެއަށް ދިޔުމަށް ހިނގައިގަތެވެ. މާޒީވި ހިތްދަތި ދުވަސްތައް ފަހަތަށް ދޫކޮށް މުސްތަގުބަލަށްޓަކައި އެޅުނު ފިޔަވަޅާއެކު އޭނާއަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެކަން ޔަޤީނެވެ. ފަހަތަށް ދޫވަމުންދާ ފިޔަވަޅުތަކަށް ބަލަން އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ދެލޯ ސީދާވެފައި ހުރީ ދިމާ ކުރިމައްޗަށެވެ. ދާދި ކައިރީގައި ހުރީ އޭނާ ދުވަހަކުވެސް ލޯބިވެވިދާނެ ކަމަށް ހީކުރި މީހެއް ނޫނެވެ. އާޝިދް ހިފާލައިގެން ހުރި އަތަށް އިރާނިޔާ ބަލައިލިއެވެ. އޭނާ ހިތް އުފަލުން ފުރިގެން އައެވެ. އެ އަތުން އޭނާ ދުވަހަކުވެސް ދޫކޮށްލަން ނޭދޭ ބައިވެރިޔާއަށް ޔަޤީންކަމެއް ދޭން އޭނާ ބޭނުންވިއެވެ. އޭނާގެ ހިތުގައި އޮތީ ކޯޗެއްކަން އަންގައިދޭން ބޭނުންވިއެވެ. ފުރަތަމަ ކައިވެންޏާ ޚިލާފަށް ފިރިމީހާގެ ހިތް ލޯބިން ފުރާލަދޭން ބޭނުންވިއެވެ. ލޯބީގައި އިސްނަގަންޖެހޭނީ ހަމައެކަނި ފިރިހެނުން ނޫންކަން ހާމަކޮށްދޭން ބޭނުންވިއެވެ. އާޝިދްގެ މޫނަށް ބަލަހައްޓައިގެން ހުރެ އޭނާ ހިނގަމުން ދިޔައިރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން އޭނާގެ ހިތްހަމަޖެހިފައިވާ މިންވަރު ރަމްޒުކޮށްދެއެވެ.
"ވަރަށް ލަސްވެއްޖެ. ހުރިހާކުދިން ނިދަން އުޅޭ އަވަހަށް. ދަރިފުޅުމެންވެސް ދޭ ކޮޓަރިއަށް" ގޭތެރެއަށް ވަދެ ސޯފާގައި އިށީންނަމުން ވަޙީދުއްދީން ބުނެލިއެވެ. އިރާނިޔާއާއި އާޝިދް އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ.
"ރާނީ އާދެބަލަ" ޒަހުރިއްޔާ ގޮވައިލިއެވެ. އިރާނިޔާ ގޮސް ކައިރީގައި ހުއްޓުނެވެ.
"އާޝިދަކީ މަންމަގެ އުފަން ދަރިއެއް ކަހަލަ ކުއްޖެއް. މިއީ މަންމައާއި ބައްޕަ އާޝިދްގެ އަންބަކަށް ވާ ކުއްޖަކަށް ދޭން މާކުރިން ފޮރުވައިގެން އުޅުނު އެއްޗެއް. މީގެ ޙައްޤުވެރިޔަކީ މިހާރު ތިއީ" ޒަހުރިއްޔާގެ ދަބަހުގެ ތެރެއިން ނެގި ރަން ދެ ތަނޑިގަނޑު އިރާނިޔާގެ ހިމަ އަތުގެ ތެރެއަށް ލައްވައިލަމުން ބުނެލިއެވެ.
"ވަރަށް އަވަހަށް ފުރަންޖެހޭނެ. ދަރިފުޅުމެން ނިންމާގޮތެއް މާދަމާ ބައްޕަ ކައިރީގަ ބުނަންޖެހޭނެ. ވަރަށް މަސައްކަތް ހުންނާނެ. ދަރިފުޅުމެން އެކޮޅަށް ދަންޏާ ކުޑަމަންޖެގެ ކޮޓަރިވެސް ތައްޔާރުކުރަންޖެހޭނެ" ވަޙީދުއްދީން ބުނެލިއެވެ. އޭނާގެ އަޑުގައި އުފާވެރިކަން ވިއެވެ. އާޝިދު ބޯޖަހައިލިއެވެ.
"ދެން ދޭ ކޮޓަރިއަށް" ޒަހުރިއްޔާ ބުނެލިއެވެ.
"ޒުކް! ތިތަނުގައި އިނދެ ނިދަންވީއެއް ނޫން. ދޭ ކޮޓަރިއަށް. ގައިދޮވެގެން ނޫނީ އެނދަށް ނާރާތި" ސޯފާގައި ނިދިޖެހިފައި އިން ޒުކްއަށް ގޮވައިލަމުން ޒަހުރިއްޔާ ބުނެލިއެވެ.
ހުރިހާމީހުން ކޮޓަރިއަށް ވަންނަންދެން އާޝިދް މަޑުކޮށްލައިގެން ހުއްޓެވެ. ކޮޓަރިތަކުގެ ދޮރުތައް ލެއްޕި ތަން ހަމަހިމޭންވުމާއެކު އާޝިދް އިރާނިޔާގެ މޫނަށް ބަލައިލިއެވެ. އިރާނިޔާ ހިނިތުންވެލިއެވެ. ކައިރިއަށް އާޝިދް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އިރާނިޔާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ދެއަތްތިލަ ފިނިވެގެން ދިޔުމުން ލައިގެން ހުރި ލިބާހުގެ ފަސްބައިގައި ދެއަތުން ހިފަހައްޓައިލެވިއްޖެއެވެ.
"ހާދަ ބިރުން. މިތަނުގަ ކޮންކަމެއް ކުރެވޭނީ" ކައިރީގައި ހުއްޓެމުން އާޝިދް ބުނެލިއެވެ. އޭނާގެ އަޑުގައި ލާނެއްކަން ވިއެވެ. އިރާނިޔާއަށް ހެވުނެވެ. ހިތުގެ ހިނގުން ހަމަޔަކަށް އެޅި ފުންނޭވައެއް ދޫކޮށްލެވިއްޖެއެވެ.
"ހިނގާ ރޫމަށް" އާޝިދް ބުނެލިއެވެ. އިރާނިޔާ ހިނގައިގަތުމާއެކު އާޝިދް އިރާނިޔާގެ އަތުގައި ހިފެހެއްޓިއެވެ. އެއްޗެއް ބުނަން ދޫ ހަރަކާތްކޮށްލި ވަގުތު އާޝިދްގެ ދެއަތް މައްޗަށް އިރާނިޔާ އުފުލާލައިފިއެވެ. އިރާނިޔާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ފެށިއެވެ.
"މީހަކު ނިކުމެދާނެ" އަވަސް އަވަހަށް އިރާނިޔާ ބުނެލިއެވެ.
"އެވަރު ކަމެއްތަ އެއީ. އަހަރެން އަތްމަތީގައި މިއޮތީ އަހަރެންގެ އަނބިމީހާއެއް ނޫންތަ؟" އާޝިދް ބުނެލިއެވެ. އިރާނިޔާ ހީލިއެވެ. އާޝިދްގެ ކަނދުރާގައި ދެއަތް އަޅުވައިލީ އެ ބީހުންތަކަށް އޭނާވެސް އެދޭކަން ފިރިމީހާއަށް އަންގައިދިނުމުގެ ގޮތުންނެވެ.
ދޮރުހުޅުވާލާފައި އެތެރެއަށް ވަނުމާއެކު އިރާނިޔާގެ ނޭފަތުގައި އައިސް ޖެހުނީ ލުއިލުއި މީރުވަހެކެވެ. މުޅި ކޮޓަރިތެރެ ވަނީ އުއްބައްތިތަކުން ޒީނަތްތެރިކޮށްލާފައެވެ. ކޮޓަރި ތެރެއަށް ފެތުރިފައިވަނީ އަޖައިބެއްކަހަލަ ކުލަވަރެކެވެ. އެނދުމަތި ވަނީ ފިނިފެންމަލުގެ ފިޔަތަކުން ހިތެއްގެ ބައްޓަމަށް ޖަރީކޮށްފައިވެއެވެ.
"ވާއު..." ކޮޓަރީގައި އިރާނިޔާ ބެހެއްޓުމާއެކު އޭނާއަށް އަނގަމަތީގައި އަތް އެޅިއްޖެއެވެ. ކޮޓަރީގެ ހުރިހާ ދިމާލަކަށް އަވަސް ނަޒަރެއް ދެވިއްޖެއެވެ.
"ބިއުޓިފުލް.." އާޝިދަށް ބަލައިލަމުން އިރާނިޔާ ބުނެލިއެވެ.
"ކުރިމަތީގައި ރީތި އަންހެންކުއްޖެއް ހުރުމުން މި ރޫމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފި" އިރާނިޔާގެ އަތުގައި ހިފައި ކައިރިއަށް ދަމައިލަމުން އާޝިދް ބުނެލިއެވެ. އިރާނިޔާ އަތުގައި ހިފައިގެން ހުރެ އެނދާއި ދިމާލަށް އާޝިދް ހިނގައިގަތެވެ. ދެމަފިރިންގެ ހަތަރުކަޅި އެކަކު އަނެކަކާއި ބައްދަލުވެފައިވާއިރު ދެހިތުންވެސް އެއް ލަވައެއް ކިޔަމުން ދިޔައެވެ. ދެ ހިތް ވެސް އެދެމުންދިޔައީ އެންމެ އެދުމެކެވެ. އިންތިޒާރު ކުރަމުން ދިޔައީ އެންމެ ވަގުތުކޮޅަކަށެވެ.
"ސިޑް.." އެނދުގައި އިރާނިޔާ ބޭއްވުމާއެކު އާޝިދަށް އިރާނިޔާ ގޮވައިލިއެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން" ދާދި ގާތުގައި އާޝިދް އޮށޯވެ އިރާނިޔާގެ ބަނޑުމަތީގައި އަތް ބޭއްވުމާއެކު ބުނެލިއެވެ.
"އަވަހަށް ބުނޭ" އާޝިދްގެ ހުރިހާ ސަމާލުކަމެއް އިރާނިޔާއަށް ހުއްޓައިލިއެވެ.
"އަހަރެންގެ ފުރަތަމަ ދިރިއުޅުމަށް ޝާއިތާނާ އަތްދަގަކުރީ އެގުޅުމުގައި އެއްވެސް ބަރަކާތެއް ނެތީމަ. މިދިރިއުޅުމަކީ އަހަރެންނަށް ވަރަށް ބޮޑު އުންމީދެއް ކުރެވޭ ދިރިއުޅުމެއް. ޝާއިތާނާއަށް ކުޑަވެސް ފުރުސަތެއްދޭކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ސިޑްދެކެ...." އެހިސާބުން އިރާނިޔާއަށް ހުއްޓައިލެވިއްޖެއެވެ. އާޝިދަށް ބަލައިލެވިއްޖެއެވެ. އާޝިދްގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި އިރާނިޔާގެ ތުންފަތަށް ލަދުރަކި ހިނިތުންވުުމެއް ވެރިވެއްޖެއެވެ.
"ކީއްވެ ހުއްޓައިލީ. ސިޑްދެކެ... ކޯޗެއް؟" އާޝިދް ބުނެލިއެވެ.
"ފަހުން ބުނާނަން. އިހަށް އަހަރެން ބޭނުމީ ނަމާދުކޮށްލަން. ދެމީހުން އެކުގައި ދުޢާކޮށްލަން" އިރާނިޔާ ބުނެލިއެވެ. އާޝިދް ހީލައިފިއެވެ. އެނދުން ތެދުވެފައި އިރާނިޔާގެ ދެއަތުގައި ހިފާ ނަގައިފިއެވެ. ނިތުގައި ބޮސްދިނުމަށްފަހު އިރާނިޔާއަށް ބަލައިލިއެވެ.
"ދޭ ތައްޔާރުވެގެން އަންނަން. ތިހެދުމުގަތަ ނަމާދަކުރަނީ؟" އާޝިދް އެހިއެވެ.
"ނޫން. ހެދުން ބަދަލުކޮށްލާނީ" އިރާނިޔާ ބުނެލިއެވެ. އަދި އަލަމާރިއާއި ދިމާލަށް ހިނގައިގަތެވެ.
"އެންމެފަހު ފަހަރަށް އަހަރެން މިނިވަންކަމާއެކު ހެދުން ބަދަލުކޮށްލުމުގެ ފުރުސަތު ދެވިދާނެތަ؟" އަލަމާރިން ހެދުން ނަގައިގެން ފާހާނައަށް ވަނުމުގެ ކުރިން އިރާނިޔާ ބުނެލިއެވެ. އާޝިދް ކައިރިއަށް ހިނިއައެވެ.
"އަވަހަށްދޭ. އެކަމަކު ހަނދާންކުރައްޗޭ. އެންމެފަހު ފަހަރަށް އިނގޭ" އާޝިދް ބުނެލިއެވެ. އިރާނިޔާ ހެމުން ގޮސް ފާހާނާއަށް ވަނެވެ.
***
އިރާނިޔާގެ ހިތުގެ އެދުން އާޝިދް ފުރިހަމަކޮށްދީފިއެވެ. އެކުގައި ނަމާދުކޮށް އަނބިމީހާއަށްޓަކައި ދުޢާކުރިއެވެ. މުސައްލަ ނަގާފައި އިރާނިޔާ އަންނަންދެން އިންތިޒާރުގައި އެނދު ކައިރީގައި ހުއްޓެވެ.
"އިތުރުކަމެއް އެބައޮތްތަ؟" އިރާނިޔާ އައިސް ކައިރީގައި ހުއްޓުމުން އާޝިދް އެހިއެވެ. އިރާނިޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. އާޝިދްގެ އެއްވެސް އެދެމަކާނުލާ އޭނާ އާޝިދްގެ ގައިގައި ބައްދައިލިއެވެ. އިސްއުފުލާ އާޝިދަށް ބަލައިލަމުން އާޝިދްގެ ދެފައިތިލި މައްޗަށް އަރާ މަޑުކޮށްލިއެވެ. އަދި ދެއަތުން އާޝިދްގެ ކަނދުރާގައި ހިފަހައްޓައިލިއެވެ. އިރާނިޔާގެ އެ ގާތްކަމުން އާޝިދްގެ ހިއްސުތައް ހޭލަމުން ދިޔައެވެ. އޭނާގެ ދެލޮލުން ތަފާތު ކުލަވަރެއް ފާޅުވާން ފަށައިފިއެވެ. އޭނާގެ ދެއަތުން އިރާނިޔާ ލައިގެން ހުރި ހުދުކުލައިގެ ދޫ ހެދުމުގެ މަތިން އުނަގަނޑުގެ ދެފަރާތުގައި ހިފަހައްޓައިލިއެވެ. އާޝިދަށް ބަހެއް ބުނެވުމުގެ ކުރިން އިރާނިޔާ ކޮށްލި ކަމަކުން އޭނާއަށް ނޭވާލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އަނބިމީހާގެ އެ އިސްނެގުން އޭނާ ހިތުގައި އެތައް ޤަދަރަކާއި ދަރަޖައެއް އުފުލިގެން ދިޔައެވެ. އިރާނިޔާގެ އެ ބީހުމަށް އޭނާ އުފަލާއެކު މަރުހަބާ ކިޔަމުން ދިޔައެވެ. ފިރިއެއްގެ ފަރާތުން އަނބިމީހާއަށް ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން ދިޔައެވެ.
އިރާނިޔާގެ ނަޒަރު އާޝިދާ އަމާޒުކޮށްލިއިރު އޭނާގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތައް ހިފަހައްޓަން އުނދަގުވަމުން ދިޔައެވެ.
"އަހަރެން ސިޑްދެކެ އިންތިހާއަށް ލޯބިވަން. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އައިލަވްޔޫ ފިރިމީހާ" އާޝިދްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލަމުން އިރާނިޔާ ބުނެލިއެވެ.
"އަހަރެން އަންނަންދެން ލޯބިން އިންތިޒާރުގަ ހުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ" އިރާނިޔާ ބުނެލިއެވެ. ހިތަށް ލިބިގެންދިޔަ ހިތްހަމަޖެހުމުގައި އާޝިދަށް އިރާނިޔާގެ ހަށިގަނޑު އޭނާގެ މެއާއިލާ ބޮނޑިކޮށްލެވިއްޖެއެވެ. ދުވަހަކުވެސް ދުރުކޮށްލަން ބޭނުންނުވާ ފަދައިންނެވެ. ފާއިތުވެދާ ކޮންމެ ސިކުންތަކާއެކު އޭނާއަށް އިރާނިޔާގެ ހަށިގަނޑަށް ބާރުކުރެވެމުން ދިޔައެވެ. އާޝިދް އޭނާއަށް ބޭނުންވެފައިވާ މިންވަރު އިހުސާސްވުމުން އިރާނިޔާވެސް ދުރުވާން ބޭނުމެއްނުވިއެވެ. ފިރިމީހާގެ ޙައްޤު އަދާކުރަން އޭނާގެ ނަފްސު ތައްޔާރުކޮށްލިއެވެ.
ދެމަފިރިންގެ ބީހުންތަކާއެކު އެނދާއި ހަމައަށް ވާސިލްވެވުނުއިރު ދެހިތުގައި ރޯވަމުންދިޔަ އަލިފާންގަނޑުގައި ހުޅުފަޅައިފިއެވެ. އެކަކު އަނެކަކުގެ ބީހުންތަކުން ޖިސްމަށް އުފާހޯދައިދެމުން ދިޔައެވެ. އެތައް ވަޢުދުތަކާއި އަޙުދުތަކެއް ވަމުންނެވެ. ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ. އެއްހިތުން އަނެއް ހިތާއި ހަވާލުކުރަމުންދިޔަ ލޯބީގެ ބަސްތަކާއި ހަދިޔާތައް އަނެއްހިތުން ބަލައިގަންނަމުން ދިޔައީ އިހުތިރާމާއެކުގައެވެ. އިރާނިޔާގެ ހަށިގަނޑަށް ވޭނެއްގެ ކުޑަވެސް މިންވަރެއްވެސް އިހުސާސްވިޔަ ނުދީ އަމަލުތައް ބެހެއްޓީ ނުލާހިކު ލޯބިންނެވެ. މީހެއްގެ އަތުތެރޭގައި އަގުބޮޑު ޖަވާހިރެއް ގެންގުޅޭހާ ލޯބިންނެވެ.
އެތައް ވަގުތުތަކެއް ފަހަނައަޅާ ދިޔައިރު ދެމަފިރިންނަށްވެސް ވަރުބަލިކަމެއް އިހުސާސް ކުރެވި ނިދީގެ ފުން ކަނޑަށް ދަތުރުކުރަން ބޭނުންވާކަމުގެ އަސަރުތައް މޫނުތަކުން ފާޅުވަމުން ދިޔައެވެ. ލޯބި ހިނިތުންވުމަކާއެކު އެކަކު އަނެކަކަށް ބަލައިލިއެވެ.
"ވަރަށް އުފާވެއްޖެ މިރޭ. އަހަރެންގެ ހަޔާތުގައި މިހާ އުފާވެރި ރެއެއް ދުވަހަކުވެސް ނާދޭ" އިރާނިޔާގެ ކޯތާފަތުގައި ބޮސްދެމުން އާޝިދް ބުނެލިއެވެ.
"މިހާރު އިނގިއްޖެ ކެތްތެރިކަމާއެކު އިންތިޒާރުކުރާ މީހުންނަށް އޭގެ މޭވާ ލިބޭނީ ފޮނިކޮށްކަން. ތެންކިޔު ވައިފް" އިރާނިޔާގެ ހަށިގަނޑު އޭނާއާ އިތުރަށް ގާތްކޮށްލަމުން އާޝިދް ބުނެލިއެވެ.
"އަހަރެންވެސް. ފިރިއެއްގެ ލޯބިން އަހަރެން މަރުހޫމް ވިތާ ކިތަންމެ ދުވަހެއް. އަހަރެންނަށް އުނިވި ލޯބި ސިޑް ގެ ފަރާތުން ލިބިއްޖެ. ތެންކިޔު" އިރާނިޔާގެ ދެލޮލުން ކަރުނައެއް ވެއްޓުނެވެ. އާޝިދްގެ ދެތުންފަތް ދޭތެރޭގައި އެ ކަރުނަތިކި ހައްޔަރުކޮށްލި ހިނދު އިރާނިޔާއަށް ދެލޯ މަރައިލެވިއްޖެއެވެ.
***
ކަޝިޝް ދޮރުހުޅުވާލުމާއެކު އުނޭޝް އެތެރެއަށް ވަނުމަށް އެދި އިޝާރާތެއް ކޮށްލިއެވެ. ކަޝިޝް އިށީންނަން ގޮނޑި ދެއްކުމުން އޭނާ މަޑުމައިތިރިކަމާއެކު އިށީނެވެ.
"ކަޝިޝްގެ މައިންބަފައިން އަހަރެންނަށް ގުޅައިފި. އެމީހުންނަށް ނަންބަރު ދިނީ ކަޝިޝްތަ؟" އުނޭޝް އެހިއެވެ. އޭނާ އިށީނީ ކަޝިޝް އާ ދުރުންނެވެ.
"އާނ. އަހަރެން ކައިވެންޏެއް ކުރަން ބޭނުންވަންޏާ އެދެމީހުންނަށް އިނގެންޖެހޭނެއްނު. އެމީހުން ނޫނީ އަހަރެންގެ އެއްވެސް މީހެއް ނެތް" ކަޝިޝް ބުނެލިއެވެ.
"އަހަރެންނަށް މިއަދު މިއިނގުނީ ކަޝިޝްގެ ބައްޕައަކީ ސިފައިންގެ ވެރިޔާކަން" އުނޭޝް ބުނެލިއެވެ.
"ހެހެހެ... އުނީ ކުރިން އަހަރެންގެ އެއްވެސް ކަމެއް ހޯދަން އުޅުނިންތަ؟" ހީލަމުން ކަޝިޝް އެހިއެވެ.
"އަހަރެންގެ މަންމައަކީވެސް ސިފައިންގެ މަތީ އޮފިސަރެއް" އިތުރަށް ކަޝިޝް ބުނެލިއެވެ.
"އިނގޭ. ބުނި. އެވާހަކައެއްނޫން. އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެން ކަޝިޝް މިގެނައީ" އުނޭޝް ބުނެލިއެވެ.
"ބުނޭ. އަހަރެން އަޑުއަހަން މީނީ" ކަޝިޝް ބުނެލިއެވެ. އުނޭޝް ބުނަން އުޅޭ އެއްޗެއް ނޭނގޭތީ އޭނާގެ ހިތް ތެޅިލިއެވެ.
"އެއްވެސް އޮޅުވާލުމެއްގެ މަތީގައި މިގުޅުން ކުރިއަށް ގެންދަން އަހަރެން ބޭނުމެއްނޫން. ހަގީގަތަކީ އަދިވެސް އަހަރެން އެދެނީ ރާނީއަށް. ހަމަ އެއްގޮތަކަށްވެސް ހިތުން ފިލުވައެއްނުލެވުނު. އަހަރެންނަށް ރޭގައި އެންމެ ލޮލުފިޔައެއްވެސް ނުޖެހޭ. ރާނީ އަހަރެން އަތުން ބީވެގެން ދިޔައީ އަހަރެންގެ ނުލަފާކަމުން. އެކަން އަހަރެން ޤަބޫލުކުރަން. ކަން އެހެން އޮތްއިރުވެސް ރާނީގެ ހަށިގަނޑުގަ އެހެން ފިރިހެނަކު ބީހޭނެކަން އިނގޭތީ އަހަރެންނަށް ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވެނީ. އަހަރެސް ބޭނުންނުވިޔަސް ރާނީ އާ ދިރިއުޅުމެއް ފަށައިފި. އެދިރިއުޅުމަށް އަހަރެންގެ ފަރާތުން އެއްވެސް ބުރޫއެއް ނާރާނެ. އަހަރެން އެހަނދާންތަކާ ދުރަށްދާން މަސައްކަތް ފަށައިފިން. ﷲ އިރާދަކުރެއްވިއްޔާ އަހަރެން މިކުރާ މަސައްކަތް އަދި އަހަރެންނަށް ކާމިޔާބުވާނެ" އުނޭޝް ވާހަކަދެއްކިއެވެ.
"ކައިވެންޏަށްފަހު އަހަރެމެންނަށް އެކުވެރިންގެ ގޮތުގައި ތިބެވިދާނެތަ؟ އަހަރެންގެ ހިތުން ރާނީގެ ހަނދާންތައް ފިލާ ކަޝިޝްއަށް ޖާގައެއް ހުސްވަންދެން. އަހަރެން ކަޝިޝްއަށް ބޭވަފާތެރިއެއް ނުވާނަން. ދޫކޮށްލާފަ ނުވެސްދާނަން. އަހަރެންވާ ވައުދެއް މިއީ" އުނޭޝް ވާހަކަދެއްކިއެވެ.
"އެއް އަހަރު ދެއަހަރު ކީއްކުރަން. އެއްގަރުނު ވަންދެންވެސް އަހަރެން އިންތިޒާރުކޮށްފާނަން. އަހަރެންގެ ފަރާތުން އުނީ ބޭނުންވާ އެއްބާރުލުން ލިބޭނެ" ޔަޤީންކަމާއެކު ކަޝިޝް ބުނެލިއެވެ. އުނޭޝްގެ ތުންފަތަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
***
'ހާދަ ފާޑަކަށް ފޯނަށް ތިބަލަނީ" އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ނިކުތް ގުމްރޫހް އެނދުގައި ފޯނު ހިފައިގެން އިން އަދްޔަންއަށް ބުނެލިއެވެ. އެވަގުތު ފޯނުގެ ސްކްރީން ފެންނާނެހެން ގުމްރޫހް ހުރި ދިމާލަށް އަނބުރައިލިއެވެ.
"ކޯޗެއް؟" އަދްޔަން ކައިރީގައި އިށީންނަމުން ގުމްރޫހް އަހައިލިއެވެ.
"އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި.... ޝެނަލް..." ސްކްރީނުން ފެންނަން އިން މެސެޖް ގުމްރޫހް ކިޔައިލިއެވެ. އަދި ޙައިރާންކަމާއެކު އަދްޔަންއަށް ބަލައިލިއެވެ.
"އެކަމަކު ބައްޕަ ބުނި އޭނަ މެރީކުރަން އުޅޭ ވާހަކަ" ގުމްރޫހް ބުނެލިއެވެ.
"އަން... ރިޕްލައި ކުރަންވީނުން" އަދްޔަންއަށް ފޯނު ދިއްކޮށްލަމުން ގުމްރޫހް ބުނެލިއެވެ.
"ކުރަންވީ؟" އަދްޔަން އެހިއެވެ.
ސީރިޔަސްވެފައި އިންވަރުން ގުމްރޫހަށް އަދްޔަންގެ ތުންފަތަށް ވެރިވި ލާނެއްކަން ނުފެނެއެވެ. ކުއްލިއަކަށް ގުމްރޫހް ސިހުނީ އޭނާ ގޮވައިގެން އަދްޔަން އެނދަށް ވެއްޓިގަތުމުންނެވެ. އޭނާގެ ދެއަތުގެ ތެރޭގައި ގުމްރޫހް ހައްޔަރުކޮށްލުމުންނެވެ.
"ޕްލީޒް! ދެން މިގަޑިޔަކު ނޫން" ހެމުންހެމުން ގުމްރޫހް ބުނަމުން ދިޔައެވެ.
"ގޮމައާއި ކައިރިވެއްޖިއްޔާ އަހަރެންނަށް ދުރެއް ނުވެވޭނެ. އެކަން އިނގުނެއްނު ރޭގަވެސް" އަދްޔަން ބުނެލިއެވެ. ގުމްރޫހް އަދްޔަންގެ ހަށިގަނޑުގައި ބައްދައިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ހިތުގައި އުފެދުނު ނުތަނަވަސްކަން އަދްޔަންގެ އެންމެ ބީހިލުމަކުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ.
(ނުނިމޭ)