ފަންސާސްހަވަނަ ބައި
އުނޭޝް ހުއްޓުން އަރައިފިއެވެ. ހިތުގައި ވޭނެއް އުފެދިއްޖެއެވެ. ނާކާމިޔާބީގެ ލޭބެލްކޮޅު ނިތުގައި ތަތްކުރަން މަޖޫބުރު ވެއްޖެއެވެ. އޭނާ ފެއިލްވީ ކަމުގައި ހިތް ގޮވަން ފަށައިފިއެވެ. ދުުވަހަކުވެސް އެލޯބި ނުލިބޭނެ ބުނެ ސިކުނޑި މަލާމާތް ކުރަން ފަށައިފިއެވެ. ގޮތްދޫނުކުރުމާއި އަމިއްލަ އެދުން އެއްފަރާތްކޮށް އެލޯތްބަށް ޓާޓާ ކިޔަންވީ ވަގުތު ޖެހިއްޖެކަން ހަނދާންވުމާއެކު ދެލޮލުން ކަރުނަ އޮހިގަތެވެ.
ޙާއިޝާއަށް ހީވީ އޭނާގެ ހިތުގައި ރަހުމުކުޑަ ގޮތަކަށް މީހަކު ހިފާ ފިތައިގަތް ހެންނެވެ. ހިންދިރުވާލެވުނީ ދެރަވީ ވަރުންނެވެ. ލޮލުން ފައިބައިގެންދިޔަ ކަރުނަތަކާއެކު އުނޭޝްގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ފަހަތުން ޙާއިޝާވެސް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެފައި ދޮރުލައްޕާލުމުގެ ކުރިން އުނޭޝް ފަހަތް ބަލައިލިއެވެ. ޙާއިޝާ ހުރީ ފަހަތުގައި ޖައްސައިފައެވެ. އުނޭޝް ޙާއިޝާއަށް ދިނީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުން އޭނާގެ ހާލު ރަނގަޅުކަން މަންމައަށް އަންގައިދޭ ކަހަލައެވެ.
"މަންމާ! އަޅުގަނޑު އިރުކޮޅަކަށް އެކަނި ދޫކޮށްލާ" އުނޭޝް ބުނެލިއެވެ. އުނޭޝްގެ އަތުގައި ޙާއިޝާ ހިފައިލިއެވެ. ދަރިފުޅު އެހާލުގައި ދޫކޮށްލަން އޭނާ ފަސްޖެހެމުންދާކަމުގެ ނިޝާންތައް މޫނުމަތިން ފެންނަމުން ދިޔައެވެ.
"މަންމަ އަޅުގަނޑަށް އިތުބާރު ކުރަންތަ؟" އުނޭޝް އަހައިލިއެވެ.
"މަންމަގެ ތިން ދަރިންނަށްވެސް އިތުބާުކުރަން" ޙާއިޝާ ބުނެލިއެވެ.
"އެހެންވިއްޔާ އިހަށް މަންމަ ދޭ. އަޅުގަނޑު ފަހުން މަންމަ އާ ބައްދަލުކުރާނަން" އުނޭޝް ބުނެލިއެވެ. އުނޭޝް ދޮރުލައްޕައިލިއިރުވެސް ޙާއިޝާގެ ފައި ހުރިތަނުން ގުޑާވެސް ނުލައެވެ. އުނޭޝް އާ މެދު އޭނާ ކަންބޮޑުވަނީއެވެ. އޭނާ ސިހުނީ ޔަޝްފީ އައިސް ކޮނޑުގައި ހިފަހައްޓައިލުމުންނެވެ. ކޮޓަރީގައި އޮވެފައި ނިކުތް އަދްޔަންއަށްވެސް އެމަންޒަރު ފެނުމުން އައިސް ޙާއިޝާގެ އަނެއް ފަރާތުން ހުއްޓިއްޖެއެވެ.
"މަންމާ! މިއީ އެވަގުތު. ދޮންބެގެ ހިތް ހަމަޔަކަށް އެޅުވޭނީ ހަމަ ދޮންބެއަށް. ދޮންބެއަށް ވަގުތު ދީ" ސޯފާގައި ޙާއިޝާ ބައިންދަމުން ޔަޝްފީ ވާހަކަދެއްކިއެވެ.
"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" އަދްޔަން ބުނެލިއެވެ.
ދަރިން ދެއްކި ވާހަކައާމެދު ވިސްނާލަން އިނުމަށްފަހު ޙާއިޝާ ޔަޝްފީއަށް ބަލައިލިއެވެ.
"ޑރ.ކަޝިޝް ނިދީތަ؟" ޙާއިޝާ އަހައިލިއެވެ.
"މިތާ ބޭރުގަ އަޅުގަނޑާއެކު ކޮފީބޯން އިނދެފަ ހަމަ ދެންމެ އެވަނީ ކޮޓަރިއަށް. ހިއެއްނުވޭ އަދި ނިދާފާނެހެނެއް" ޔަޝްފީ ބުނެލިއެވެ.
ޙާއިޝާ ތެދުވެގެން ކަޝިޝްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަދްޔަން ޔަޝްފީއަށް ނަޒަރެއްދިން އިރު ޔަޝްފީގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްވިއެވެ.
"ކަޝްތަ ވަރަށް ލޯބިވޭ ދޮންބެދެކެ" އަދްޔަންގެ ހިތުގައި އުފެދިފައިވާ ސުވާލަށް އިނގުމަކާނުލާ ޔަޝްފީ ޖަވާބުދީފިއެވެ.
"އެއީ ކުއްލިއަކަށް ވި ލޯތްބެއްނޫން. ވަރަށް ވަރަށް ކުރިން. ދޮންބެއާ ދޮންބެދައްތަ ދިމާވުމުގެވެސް މާކުރިން" އަދްޔަންގެ ނިތަށް ރޫއަރައިގެންދިޔަ މަންޒަރު ފެނުމުން ޔަޝްފީ އިތުރަށް އޮޅުންފިލުވައިދިނެވެ.
***
ޙާއިޝާ އެންމެފަހަރަކު ޓަކި ޖަހައިލުމާއެކު އެނދުގައި ނުނިދިފައި އޮތް ކަޝިޝް ދޮރުހުޅުވާލައިފިއެވެ. ޙާއިޝާ ކުރިމަތީގައި ހުރުމުން ކަޝިޝްއަށް ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނާ ބޮޑަށް ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަން ޙާއިޝާއަށް ދައުވަތެއްދިނެވެ.
"ވަރަށް ބޮޑަށް މަޢާފްކުރައްވާތި. ޑރ.ކަޝިޝް ނިދަން އުޅުނު ގަޑީގަ ދޯ އުނދަގޫ މިކުރެވުނީ" ޙާއިޝާ ބުނެލިއެވެ.
"ނޫނޭ މަންމާ. މަންމަ ބުނި ކޮންމެ ގަޑިއެއްގަ އަޅުގަނޑު ހުންނަ ތަނަކަށް އާދެވޭނެ. ބުނެލިނަމަ އަޅުގަނޑު މަންމަ ކައިރިއަށް ދާނަން" ކަޝިޝް ވާހަކަދެއްކިއެވެ.
"މަޑުމައިތިރިކަމާއި އަދަބު އަޚްލާޤް" ހިތާހިތުން ޙާއިޝާ ކަޝިޝްއަށް ތައުރީފް ކޮށްލިއެވެ.
"މަންމަ މިއައީ ވަރަށް ބޮޑު ކަމެއް އޮޅުންފިލުވަންވެގެން. މަންމަ އުންމީދުކުރަން ޑރ.ކަޝިޝް..."
"ޑރ ކަޝިޝްއެއްނޫން. ހަމައެކަނި ކަޝިޝް ކިޔަސް ރަނގަޅުވާނެ. އަޅުގަނޑަކީ ހަމަ އާދައިގެ އިންސާނެއް. މަންމަގެ ދަރިއެއް ފަދަ ކުއްޖެއް" ޙާއިޝާގެ ވާހަކަތައް ކަޝިޝް ހުއްޓުވިއެވެ. ޙާއިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"މަންމަ އޮޅުންފިލުވަން ބޭނުންވަނީ ކޯޗެއްކަން އަޅުގަނޑަށް އިނގޭ. އަޅުގަނޑު އުނޭޝްދެކެ ވަރަށް ލޯބިވަން. ވަރަށް ކުރިން ފެށިގެން. މިރަށަށް އަޅުގަނޑު އައީ ހަމައެކަނި އުނީއަށްޓަކައި. މިގޭގަ ހުރުމުގެ ފުރުސަތު ލިބުނީމަ އެހާ އަވަހަށް ޤަބޫލުކުރީވެސް އުނީ އާ އެއް ފުރާޅެއްގެ ދަށުގައި ހުރެވޭނެތީ" ޙާއިޝާގެ ދެއަތުގައި ހިފައިލަމުން ކަޝިޝް ވާހަކަދެއްކިއެވެ.
"ކަޝިޝް އުނޭޝް އާ ކައިވެނިކޮށްފާނަންތަ؟" ޙާއިޝާ އެހިއެވެ.
"ތިއީ އަޅުގަނޑަށް މިދުނިޔެމަތިން ލިބޭނެ އެންމެ އުފާވެރި ޚަބަރު. އެކަމަކު ތިހެން ބުނާ އަޑު އަހަން އަޅުގަނޑު ބޭނުންވަނީ މަންމަގެ ފަރާތަކުން ނޫން" ކަޝިޝް ބުނެލިއެވެ.
"މަންމަ ބޭނުންވަނީ ޖަވާބެއް. ހަމައެކަނި ކަޝިޝް ބޭނުންވާގޮތް" ޙާއިޝާ ބުނެލިއެވެ.
"އަޅުގަނޑު ބޭނުން. ވަރަށް ބޭނުން. އެކަމަކު އަޅުގަނޑު ކައިވެނިކުރަން ބޭނުންވަނީ އުނީގެ ރުހުމާއެކު" ކަޝިޝް ވާހަކަދެއްކިއެވެ. ޙާއިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވެއްޖެއެވެ.
"ދެން އެހެންވިއްޔާ ހުރިހާކަމެއް މަންމައަށް ދޫކޮށްލާ. އުނޭޝްގެ އަންބެއްގެ ގޮތުގައި ހުންނަ މަންމަ އެދޭ އަންހެންކުއްޖަކީ ތިއީ" ކަޝިޝްގެ ދަތްދޮޅިކޮޅުގައި ހިފައިލަމުން ހިނިތުންވުމަކާއެކު ޙާއިޝާ ބުނެލިއެވެ. ކަޝިޝްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓިއްޖެއެވެ. އެކަރުނައިގެ ތެރެއިންވެސް އޭނާއަށް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލައިފިއެވެ.
"އަވަހަށް މައިންބަފައިންނަށް އަންގާ" ދޮރާއި ހަމައަށް ގޮސްފައި ޙާއިޝާ ބުނެލިއެވެ. އެނދުގައި އިށީންނަން ހަނދާންނެތިފައި ހުރި ކަޝިޝް އަވަސް އަވަހަށް ބޯޖަހައިލިއެވެ.
***
ފަތިސްނަމާދު ކޮށްގެން ހާއިޝާ ބޭރަށް ނިކުތެވެ. ހުރިހާ ކުދިން ވަޒީފާއަށް ދާންވާއިރަށް ކާއެއްޗެއް ރޯފިލުވުމަށް އޭނާ ބަދިގެއަށް ވަންއިރު ބަދިގެތެރޭގައި ކަޝިޝް އިންތަން ފެނި ޙައިރާންކަމެއް ލިބުނެވެ. ކަމްލާއަށް ވެސް ބަދިގެއަށް ނާދެވެނީސް އެހާ އަވަހަށް ކަޝިޝް ބަދިގެއިން ފެނުމުން ޙާއިޝާއަށް ހިނިތުންވެވުނެވެ.
"ހާދަ ފަތިހަކާ. މަންމަ ހީކުރީ އަދި އެއްވެސް ކުއްޖަކު ހޭނުލާނެކަމަށް. ޔަޝްފީވެސް އަދި ކިރިޔާ ނަމާދަށް އެރީ" ޙާއިޝާ ގޮސް ހުއްޓުނީ ފެން ހޫނުކުރާ ޖަގު ކައިރީގައެވެ.
"ބަންގިއާ އެއްކޮށް ހޭލެވިއްޖެ. ހިތަށް އެރީ އިތުރަށް ނުނިދާނަމޭ. މިއަދު ޑިޔުޓީވެސް އިނީ މެންދުރުފަހު" ކޮފީތަށި ގިރައިގެން ގޮސް އޭނާ އިށީނީ މޭޒު ކައިރީގައެވެ.
"އަހަރެން އެހަބަރު ދިން ފަހުން އަދި އުނޭޝް ލޮލަށް ނުފެނޭ. ހީވަނީ ހަލަތު ރަނގަޅުވާނެހެން" ޙާއިޝާ ވާހަކަދެއްކިއެވެ. ކަޝިޝް ހަމައެކަނި ހީލުމަކުން ފުއްދައިލިއެވެ.
އެންމެފަހުން ކާމޭޒު ކައިރިއަށް އައީ އުނޭޝްއެވެ. އޭނާގެ މޫނަށް ޙާއިޝާ ބަލަންހުރީ ކަމެއް ދިރާސާކުރާ ފަދައިންނެވެ. ފެންނަ ފެނުމަށް ވަރަށް ތާޒާއެވެ. ޙާއިޝާ ބަލާކަން އިނގުމުން އުނޭޝް ހިނިތުންވެލިއެވެ. ބެގީޖަހާ ތައްޔާރުވެލައިގެން ހުރިއިރު މުޅި ސަރަހައްދުގައި ހިފައިލާފައިހުރީ ދެ ފިރިހެންދަރިން ޖަހާފައި ހުރި ސެންޓްގެ ވަހެވެ. މޭޒުކައިރީގައި އިން ކަޝިޝް އެއްފަހަރު އުނޭޝްއަށް ނަޒަރެއް ދިނުމަށްފަހު އިސްއުފުލާވެސް ނުލިއެވެ.
"މަންމަ ބޭނުން ދަރިފުޅާ ވާހަކައެއް ދައްކާލަން" ޙާއިޝާ ބުނެލިއެވެ.
"އޮފީހުން އައިސް އެންމެފުރަތަމަވެސް ބައްދަލުކުރާނީ މަންމަ އާ. އެންމެ ރަނގަޅުތަ؟" އުނޭޝް ބުނެލިއެވެ. ޙާއިޝާ ބޯޖަހައިލިއެވެ.
"ދޮންބެ! އާރ ޔޫ އޯކޭ؟" ޔަޝްފީ އަހައިލިއެވެ.
"އަމް ފައިން. އަލްޙަމްދުލިﷲ" އުނޭޝް ބުނެލިއެވެ. އަދި މޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ.
"ދޮންބެ ބަލިވެއްޖެތަ؟" އަދްޔަން ބުނެލިއެވެ.
"ބަލިނުވިޔަސް ހާލު އެހިދާނެއްނު. ނޫންތަ ކަޝްތަ!" ޔަޝްފީ ބުނެލިއެވެ. ކަޝިޝް ބޯޖަހައިލިއެވެ.
***
އަޞުރަށްފަހު އުނޭޝް ގެއަށް އަންނާނެ ވަގުތަކަށް ޙާއިޝާ އިންތިޒާރު ކުރިއެވެ. ހޮސްޕިޓަލަށްދާން ތައްޔާރުވެގެން ކަޝިޝް ކޮޓަރިން ނިކުތްއިރު ޙާއިޝާ ޒިކުރު ކިޔަން ސޯފާގައި އިނެވެ. ޙާއިޝާ ފެނުމުން ދަނީ ކަމުގައި ބުނެލިއެވެ.
"ނަމާދުކޮށްގެންތަ ތިދަނީ؟" ޙާއިޝާ އެހިއެވެ. ކަޝިޝް ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ލަހުން ތައްޔާރުވެވުމުން އޭނާ ހުރީ ހޮސްޕިޓަލުގައި ނަމާދުކުރަން ނިންމައިގެންނެވެ.
"އަދި ނުކުރަން. ލަސްވާތީ ހޮސްޕިޓަލުގަ ކުރަންކަމަށް" ކަޝިޝް ބުނެލިއެވެ.
"ނޫނޭ. މަންމަގެ އެއްވެސް ދަރިއެއް އުޒުރަކާއި ނުލާ ނަމާދުވަގުތު ފަސްކުރާކަށް މަންމަ ބޭނުމެއްނޫން" ޙާއިޝާ ވާހަކަދެއްކިއެވެ. ޙާއިޝާ ހިތްހަމަނުޖެހުނުކަން އިނގުމުން ކަޝިޝް ދެރަވިއެވެ. އަދި ދަރިއެއްގެ ގޮތުގައި ދެކިގެން އެވާހަކަތައް ޙިއްސާކުރީތީ އޭނާ ހިތްހަމަވެސްޖެހުނެވެ. އޭނާ އެފަދަ ކަމެއް ދެން ތަކުރާރު ނުކުރާނެ ވާހަކަ ޙާއިޝާ ކައިރީގައި ބުނެލިއެވެ. އަމިއްލަ މައިމީހާގެ ފަރާތުން ނުލިބޭހާ ހެޔޮ ނަޞޭޙަތް އެވީ ކުޑަ ވަގުތުކޮޅުގައި ޙާއިޝާގެ ފަރާތުން އޭނާއަށް ލިބިއްޖެއެވެ.
***
އުނޭޝްއާއި އަދްޔަން ގެއަށް އައިސްވަނީ ޙާއިޝާ ކުޅެންދާން ތައްޔާރުވަމުން ދަނިކޮށެވެ. އަދްޔަންއަށް ވުރެ ބޮޑަށް ޙާއިޝާއަށް ސަމާލުކަން ދެވުނީ އުނޭޝްއަށެވެ.
"ހާދަ ބޮޑަކަށް ހިނިއައިއްސަ" އަދްޔަން އާއި އުނޭޝް ހީލައިގެން ހުރިތަން ފެނުމުން ޙާއިޝާ އެހިއެވެ.
"ހެވޭނެއްނު. ގެއަށް ވަނުމުގެ ކުރިން ދޮންބެ ބުނިގޮތަށް ވިއްޔަ މަންމަ ތިހުރީ" އަދްޔަން ބުނެލިއެވެ. އުނޭޝްއަށް ވެސް ހެވިއްޖެއެވެ. އަދްޔަން ހެމުން ގޮސް ކޮޓަރިއަށް ވަނުމުން ޙާއިޝާގެ ސަމާލުކަން އުނޭޝްއަށް ހުއްޓިއްޖެއެވެ.
"މިއަންނަނީ ހެދުން ބަދަލުކޮށްލައިގެން. މަންމަ އަޅުގަނޑަށް ކޮފީއެއް ހަދައިދީ" ޙާއިޝާގެ ކޮނޑަށް އަތް އެއްލަމުން އުނޭޝް ބުނެލިއެވެ. ހީލާފައި ވަގުތުން ޙާއިޝާ ހިނގައިގަތެވެ.
އުނޭޝް ބަދިގޭ ދޮރަށް އެރީ ޙާއިޝާ މޭޒުކައިރީގައި އިންދައެވެ. އާވިއަރަމުން ދިޔަ ހޫނު ކޮފީތައްޓަށް އޭނާ ނަޒަރު ހުއްޓިފައި ވަނިކޮށް އޭނާގެ ސަމާލުކަން އަތުލައިގަތީ ބަދިގޭ ދޮރަށް އެރި އުނޭޝްއެވެ. މަޑުނޫކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ކަކުލަށް ވުރެ ތިރިއަށް ހުރި ސޯޓުގައި އުނޭޝް ފެންނަ ގޮތް ތަފާތެވެ. ޙާއިޝާގެ ހިތަށް ސިފަވެގެން ދިޔައީ ފައުޒީއެވެ. އުނޭޝްއާއި ފައުޒީ ފެންނަ ފެނުމަށް ތަފާތެއްވެސް ނެތެވެ.
"ގޭތެރެ ހާދަ ފަޅޭ. ކޮބާ އެންމެން" އެތެރެއަށް ވަންނަމުން އުނޭޝް އެހިއެވެ.
"އެއް ދެދަރިން ގެއިން ދިޔަ ވަގުުތުގަ އަނެއް ދެދަރިން ގެއަށް އައިސް ތިވަނީ" ޙާއިޝާ ވާހަކަދެއްކިއެވެ. އުނޭޝް ފަނޑު ފަނޑުކޮށް ހީލިއެވެ.
"މަންމަ ކޮންވާހަކައެއްތަ ބުނަން އުޅުނީ؟" މޭޒު ކައިރީގައި އިށީންނަމުން އުނޭޝް އެހިއެވެ.
"ދަރިފުޅު ކޮންގޮތެއް ދެން ވިސްނީ؟" ޙާއިޝާ އެހިއެވެ.
"ތެދަށް ބުނަންޏާ ވަރަށް ދެރަވޭ. އަދިވެސް ބޭނުންވަނީ ރާނީ. އެކަމަކު ގަދަކަމުން އެލޯބި ހާސިލްކުރުމުގެ ވިސްނުމެއްނެތް" އުނޭޝް ބުނެލިއެވެ. އޭނާގެ އަޑުގައި އެކުލެވިގެންވި ރިހުން ޙާއިޝާއަށް އިހުސާސްވިއެވެ.
"ވެދިޔަ ކަންތައްތައް މަތިން ހަނދާންނައްތާލާ. މުސްތަގުބަލާމެދު ކިހިނެއް ދަރިފުޅު ދެކެނީ؟" ޙާއިޝާ އެހިއެވެ.
"ދިރިއުޅުމެއް ފަށަން ނުވިސްނަން. ބިރުގަނޭ. އަނެއްކާ އެހެން ކުއްޖެއްގެ ދިރިއުޅުން އަޅުގަނޑުގެ ސަބަބުން ހަލާކުވެގެން ހިނގައިދާނެ. އެހެންނޫނަސް ކިހިނެއް ލޯބިވާނީ؟ އެއް އިރެއްގައި ލޯތްބަކީ ބަހާ އެއްޗަކަށް ހަދައިގެން އަޅުގަނޑު އުޅުނަސް އެއީ ފިހާރަތަކުން ވިއްކަން ހުންނަ އެއްޗެއް ނޫންކަން މިހާރު އިނގިއްޖެ" އުނޭޝް ވާހަކަދެއްކިއެވެ.
"މަންމަ ބުނަންތަ ރަނގަޅު ވާހަކައެއް. މިހާ ހިސާބަށް އައިރު ދަރިފުޅަށް ކުރެވިފައިވާ ހުރިހާ ކަމަކާމެދު ވިސްނާލަބަލަ. އެއީ ނުބައި ކަމަކަށް ވިޔަސް އަދި ރަނގަޅު ކަމަކަށް ވިޔަސް. ދިރިއުޅުން ފެށުނީ ހިތްއެދޭ ލޯބިވާ މީހަކާއެކު. ދަރިފުޅަށް ކުރެވުނު ފަރުވާކުޑަ ކަންތައްތަކެއްގެ ސަބަބުން އަތުން ރާނީ ބީވެގެން ދިޔައީ. މަންމަ މިއުޅެނީ އެވާހަކަދައްކާކަށް ނޫން. މިހާރު ރާނީދެކެ ލޯބިވަނީ ހަމައެކަނި ދަރިފުޅު. ރާނީ އެހެން މީހަކު ހޯދައިފި. އެހެންނު. މިފަހަރު ކިހިނެއްވާނެ ދަރިފުޅުދެކެ ލޯބިވާ މީހަކު ޚިޔާރުކުރިއްޔާ"؟ ޙައިޝާ ވާހަކަދެއްކިއެވެ. އުނޭޝް އިސްއުފުލާ ޙައިޝާއަށް ބަލައިލިއެވެ.
"މީހުން ބުނެއެއްނު ތިމާ ލޯބިވާ މީހަކަށް ވުރެ ތިމާދެކެ ލޯބިވާ މީހަކު މާ ރަނގަޅުވާނޭ" އުނޭޝްގެ އަތްތިލަ މަތީގައި އަތް ބާއްވައިލަމުން ޙާއިޝާ ބުނެލިއެވެ.
"އަޅުގަނޑުދެކެ ލޯބިވާ މީހަކު އެބަހުރިތަ؟" މަޑުމަޑުން އުނޭޝް ބުނެލިއެވެ.
"އެބަހުރި. އެހެންވިއްޔާ ބުނެބަލަ. މަންމަ ކުއްޖަކު ހޯދިއްޔާ ދަރިފުޅު ރުހޭނަންތަ؟" ޙާއިޝާ އަހައިލިއެވެ. އޭނާ ދިޔައީ ވަރަށް ފުން ނަޒަރަކުން އުނޭޝްއަށް ބަލަމުންނެވެ.
"ވިސްނާފަ ޖަވާބުދެއްޗޭ. މަންމަ އެކުއްޖާ ގެނައުމަށްފަހު ދަރިފުޅު ނޫނެކޭ ބުނެފިއްޔާ އަނެއްކާވެސް ކުއްޖެއްގެ އިހުސާސްތަކާ އުކުޅެވުނީ. އެބައެއްގެ ކުރިމަތީގައި ދަރިފުޅާ އެއްކޮށް މަންމަގެވެސް އަގުވެއްޓިގެން ދާނީ" ޙާއިޝާ ވާހަކަދެއްކިއެވެ.
"މަންމަ އަޅުގަނޑަކަށް ދެރަވާ ގޮތަކަށް ކަމެއް ނުކުރާނެ. އެހެންވީމަ ބުނާނީ އާއެނކޭ. މަންމަ ހޯދައިގެން ގެނޭ" އުނޭޝް ބުނެލިއެވެ. އޭނާގެ ހުރިހާ އުފާތަކެއް މަންމައާ ހަވާލުކުރިއެވެ. ކުރިންވެސް އޭނާއަށް ވަނީ އެ މަންމަ ހިތުގައި ޖެއްސިފައެވެ. އެމަންމަގެ އުފާތައް އޭނާއާ ގުޅިފައިވާތީ އެއްވެސް ކަމަކަށް މަންމައަށް ނޫނެކޭ ބުނަން ބޭނުމެއްނުވިއެވެ.
"ހުރިހާވެސް އެއްޗަކީ ތިމާގެ ހިތް. އިންސާނާގެ ހުރިހާ ބުނުމަކާ ހުރިހާ އަމަލެއް ގުޅިފައިވަނީ ހިތާ. ހިތް ރަނގަޅުވެއްޖިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ. ތިންވަނަ ކައިވެނި ކުރާނީ މާތްﷲ އަށްޓަކައި. އެކަލާނގެ ލޯބީގެ މަތީގައި ބިނާކުރާ ގުޅުމެއްގައި ﷲ ތަޢާލާ އެ އިލާހުގެ ލޯތްބާއި ބަރަކާތާ އުފާވެރިކަން ލައްވާނެ" ކަޅިޖަހައިވެސްނުލާ އުނޭޝް އިނީ މަންމައަށް ބަލަހައްޓައިގެންނެވެ.
"އަދި ވަރަށް މުހިންމު އެއް ވާހަކައެއް ބުނާނަން. މިވާހަކަ ބުނަން މަންމަ ބޭނުންވަނީ ދަރިފުޅު ދިރިއުޅުމެއް ފެށުމުގެ ކުރިން. ކުރިން ދަރިފުޅު އަތުން ގޯސް ކަންތައްތަކެއް ކުރެވިފައި ހުރީ މިވާހަކަތައް މަންމައަށް ބުނެދެވިފައި ނުވާތީ ކަމަށް ވެދާނެ" ޙާއިޝާ ވާހަކަދެއްކިއެވެ.
"ތޫނު އެއްޗަކުން ހަށިގަނޑުގެ ކޮންމެ ތަނެއް ޒަޙަމްވިޔަސް އޭގެ ރިހުމާއި ވޭން ފަސޭހަވޭ. އެހެނަސް ވިގަދަ ލަފްޒުތަކަކުން އުފެދޭ ފާރުގަނޑު ފަސޭހައެއްނުވޭ. ފަސޭހަ ވިޔަސް އޭގެ އަސަރު ދާއިމަށް ދެމިހުރޭ. ބުނަން މިއުޅެނީ ތިމާގެ ދޫ ރައްކާތެރިކުރާށޭ. ދުލުން ބަސް ބޭރުކުރުމުގެ ވިސްނައްޗޭ. ދުލުގެ ބޭނުން ރަނގަޅަށް ހިފައްޗޭ. ވަރުގަދަ ހަތަރުފާރުގެ އެތެރޭގައި ދޫ ލައްވާފައިވަނީސް މި ސަބަބުތަކަށްޓަކައި" ޙާއިޝާ ވާހަކަދެއްކިއެވެ.
"މަންމާ! އަޅުގަނޑު އުމުރުން ދުވަސްވެ ކިތަންމެ ދުވަހެއްވިޔަސް މަންމަގެ ތި ބަސްތައް ހަނދާންނުން ފިލުވައިނުލާނަން. ކުރިން އަޅުގަނޑަށް ގޯސްހެދުނީ އަޅުގަނޑުގެ ނުލަފާކަމުން. އެކަމުގައި މަންމަގެ އިހުމާލެއްނުވޭ" އުނޭޝްގެ ލޮލުން ކަރުނައެއް ވެއްޓުނެވެ.
"ދެން ކޮންއިރަކުންތަ މަންމަ ކުއްޖަކު ހޯދާނީ؟" އުނޭޝް ބުނެލިއެވެ. އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ.
"ހޯދައިފިން. މާދަމާ ބައްދަލުކޮށްދޭނަން. މާދަމާ ހުކުރެއްނު. މާދަމާ ރޭ ރާނީއާއި އަދްޔަންގެ ހަފްލާއަށް އުނޭޝްވެސް ދާންވާނެ. އެ އެންމެންގެ ކުރިމަތީގައި މަންމަ ދަރިފުޅުގެ ކައިވެނި ޢިއުލާން ކުރާނަން. އެގަޑީގަ ދަރިފުޅަށް އެމަންޖެވެސް ފެންނާނެ" ހީލުމަކާއެކު ޙާއިޝާ ބުނެލިއެވެ. އެކަމާއި އުނޭޝް ދެކޮޅެއް ނަހަދައެވެ. ނަމަވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ހިނގައިލިއެވެ.
***
ރަށުގެ އުުތުރުފަރާތު އޮންނަ ހުސްބިމުގައި ފަނުން ގަތާފައި ހޯލެއް ވަކިކޮށްފައި ހުއްޓެވެ. އެކި ކުލަތަކުގެ ބޮކިތަކުން އެސަރަހައްދު ޖަރީކޮށްލާފައިވިއެވެ. އެތެރޭގައި ދޮންވެލި ލާފައި ހުރިއިރު އެތެރެއާއި ބޭރު ހިމެނޭގޮތަށް ގޮނޑިއާއި މޭޒު ޖަހާފައި ހުއްޓެވެ. ހަނދުވަރުގެ ރިހި އަލިން މުޅި ސަރަހައްދު ވަނީ ހުޅުދާންވެފައެވެ. އެއްފަރާތުގައި ދިވެހިވަންތަ ކެއުންތައް އަތުރާލާފައިވާއިރު މުޅި ސަރަހައްދުގައި ހިފާލާފައިވަނީ ބަނޑުފުރޭ ކަހަލަ މީރު ވަހެކެވެ. ދެ ޖީންސުގެ މީހުންތަކުން ތަން ވަނީ ހަލަަބޮލި ވެފައެވެ. އެ ހުރިހާ މީހުންގެ ތެރެއިން ކައިވެނިކުރެވޭ އާއިލާތައް ދިވެހި ހެދުމުގައި ތިބުމުން ތަފާތުގޮތެއް ހުއްޓެވެ. އުފާވެރި މާހައުލަށް ދިރުން ގެނެސްދީފައިވަނީ އިވެމުންދިޔަ ދިވެހިވަންތަ މިޔުޒިކެއްގެ އަޑުންނެވެ. ގޭތެރެއަށް ވަދެގެން ދިޔަ ކޯޓު މުވައްޒަފުުންވެސް ތިބީ ދިވެހިވަންތަ ހެދުުމުގައެވެ. އެއީ އެ އާއިލާގެ އެދުމުގެ މަތިން އެމީހުން ގެނައި ބަދަލެކެވެ. ފަހުގެ ތާރީހުގައި އެރަށުގައި ކުރެވޭ އެންމެ ތަފާތު ކައިވެންޏަށް އެ ދެ ކައިވެނި ވާނެކަން ކަށަވަރެވެ. ދިވެހިވަންތަ ކައިވެއްޏެއް ރަމްޒުކޮށްދޭ އެތައް ކުލަވަރެއް އެތަނުން ފެންނަމުން ދިޔައެވެ.
އިރާނިޔާއާއި ގުމްރޫހްގެ ކައިވެނި ވެގެން ދިޔައީ އެއް މަޖިލީހެއްގައެވެ. ތިންފަރާތުގެ މައިންބަފައިންނާ އާއިލާތައް އެތަނުގައި ތިބިއިރު ނެތީ ހަމައެކަނި އުނޭޝްއެވެ. އިރާނިޔާ އެހެން މީހެއްގެ ޙައްްޤަކަށް ވެގެންދާ މަންޒަރު ބަލަން އޭނާއަށް ކެތްނުވީއެވެ. އެކަން ޙާއިޝާއަށް އިހުސާސް ކުރެވި އުނޭޝްއަށް އިތުރަށް މަޖުބޫރުކުރަންވެސް ބޭނުންނުވީއެވެ. އޭނާ އެތެރެއަށް ވަދެގެން އައީ ކައިވެނި ނިމި ޕާރޓީ ފެށިގެންދިޔަ ވަގުތުގައެވެ. އަދްޔަންއާއި ގުމްރޫހަށް ކައިވެނީގެ ތަހުނިޔާ ކިޔުމަށްފަހު ހިނގައިގަތްތަނާ އޭނާގެ ނަޒަރު ހުއްޓުނީ އަދްޔަންގެ ދެމަފިރިންނާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބި އާޝިދްގެ ދެމަފިރިންނަށެވެ. ރަތްކުލައިގެ ކަސަބު އެޅި ލިބާހުގެ ފަސްބައިގައި ހިފާ ކުޑަކޮށް އުފުލާލައިގެން އިރާނިޔާ ހުސްފަޔާ ހުރިއިރު ކުރެހުންތެރިއެއް ކުރަހާލާފައިވާ ދިވެހިވަންތަ ތަސްވީރެކޭ ތަފާތެއްވެސް ނެތެވެ. ކަރުގައި އަޅާފައި އޮތް ރަން ފައްޓަރުބައިން އޭނާގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. އިރާނިޔާގެ އެސޫރަ އުނޭޝްއަށް ވަރަށް ކަމުދިޔައެވެ. އެސޫރައަށް އެތައް އިރަކު ބަލަހައްޓައިގެން ހުންނަން އޭނާ ބޭނުންވިއެވެ. އެހެނަސް އާހް.... ހިތަށް ވެރިވެގެންދިޔަ ފުންއަސަރާއެކު އިސްއޮބާލަން އޭނާއަށް މަޖޫބުރުވީ އިރާނިޔާގެ ކައިރީގައި އަތްދިގު ހުދުކުލައިގެ ގަމީހަކާއެކު ހަމައެކުލައިގެ ގޮޅިޖެހި މުންޑެއް އަނދެގެން އަދި ބޮލުގައި ހުދުފޮތިގަނޑެއް އައްސައިގެން ހުރި އާޝިދް ފެނިފައެވެ. ގުމްރޫޙާއި އަދްޔަން ވެސް ތިބީ އެ ހެދުމުގައެވެ.
އާޝިދް ކުރިމަތީގައި އުނޭޝް ހުއްޓުނެވެ. އިރާނިޔާއަށް ބަލައިލުމެއްނެތި ކައިވެނީގެ ތަހުނިޔާ ކިޔައިލިއެވެ. އޭނާގެ އެތަނުން ދުރަށްޖެހިލި ވަގުތު ޒަމްޙާ އަތުގައި އިން ހޫރު ލޮލުގައި އަޅައިގަތެވެ. އިރާނިޔާ ފަދައިން ހޫރުވެސް އިނީ ރަތްކުލައިގެ ކުޑަ ލިބާސްކޮޅަކާއެކު ފޭއްޔެއް ލައްވާފައެވެ. ފަންއިސްތަށިކޮޅު ހުރީ އެއް އަރިއަކަށް ގެންގޮސް ރަތްކުލައިގެ ކުޑަކުޑަ ދައްޗެއް ޖަހާލާފައެވެ. ހޫރުގެ ތުންފަތްމަތިން ފެންނަމުން ދިޔައީ އާދަޔާޚިލާފް ހިނިތުންވުމެކެވެ. މަންމަގެ އުފާވެރިކަން ހޫރުގެ ޅަ ހިތަށް ފޯރާފައިވާ ކަހަލައެވެ. އުނޭޝް ފެނުމުން އެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. ބައްޕަގެ ދެއަތުގެ ތެރެއަށް ވަންއިރު އެ ތުއްތު ދެލޮލުން އުފާވެރިކަމުގެ ވިދުމެއް ވިދަމުން ދިޔައެވެ.
ރަށު ރައްޔިތުންނަށް ދަޢުވަތުދީގެން ކުރިއަށްދިޔަ ވަރުގަދަ ކެއުން ނިމި މީހުން މަދުވާން ފެށިއިރު ގުމްރޫހާއި އިރާނިޔާ ތިބީ ދެފައިން ލޭފައިބާވަރު ވެފައެވެ. އެކުއްޖަކު ހުރި ދިމާ ގޮނޑީގައި އިށިންއިރު ވަރުބަލިކަމުގެ އަސަރުތައް މޫނުމަތިން ފެންނަމުން ދިޔައެވެ. ކައިވެނި ފެށިގެން ނިމުމަކާއި ހަމައަށް އަންނަންދެން ހުއްޓާނުލާ ފޮޓޯއާއި ވީޑިޔޯ ކުރަމުންދިޔަ ޒުކް ހިންދެމިލީ އިރާނިޔާއާއި ގުމްރޫހް ގޮނޑިތަކުގައި އިށީނުމުންނެވެ.
އާއިލާ ކާންފެށިއިރު ރޭގަނޑު ދިހަގަޑި ބައިވެ ބޮޑުވެއްޖެއެވެ. މަޖާ ވާހަކަތަކުގެ ތެރެއިން އެންމެންގެ ހުނުމުގެ އަޑު އިވެމުން ދިޔައިރު ހިމޭނުން ތިބީ އުނޭޝްއާއި ކަޝިޝްއެވެ. އިރުކޮޅަކާއި ކަޝިޝްގެ ނަޒަރު އުނޭޝްއަށް ހުއްޓެއެވެ. ހިތަށް އުނދަގުތަކެއް ވާތީ އުނޭޝް ހިމޭންކަން އިޚްތިޔާރުކުރަމުން ދިޔައިރު ކަޝިޝް ހިމޭނުން އިނީ އެތަނުގައި އޭނާ ނުދަންނަ މީހުން ގިނަކަމުންނެވެ. ޙާއިޝާ އުނގުތެރޭގައި ހޫރު ނިދާލާފައި އޮތްއިރު އިރުކޮޅަކާއި އިރާނިޔާގެ ނަޒަރު ހޫރަށް ހުއްޓެއެވެ.
"އަހަރެންގެ އުފަން ދެދަރިންގެ ކައިވެނިވެ މިނިމުނީ. އަލްޙަމްދުލިﷲ. އާޝިދް ކައިރީގައި ދައްތަ ބުނެލަން ބޭނުން ރާނީއަށް ގޮތެއް ނަހަދައްޗޭ. ދުވަހެއްގަވެސް އެއްވެސް ސަބަބަކާ ހުރެ ރާނީ ތި ދިރިއުޅުމުން ދުރުކުރަން ޖެހިއްޖެނަމަ އެމަންޖެ މަގުމަތިވާން ދޫކޮށްނުލާ އަހަރެން ހުރި ހިސާބަކަށް ގެނެސްދޭތި" ޙާއިޝާ ވާހަކަދެއްކިއެވެ. އިރާނިޔާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ތިކަހަލަ ދުވަހެއް ދުވަހަކުވެސް ނާންނާނެ" އާޝިދް ބުނެލިއެވެ.
"އަހަރެން އަދި ވަރަށް މުހިންމު ވާހަކައެއް އެންމެންގެ ހާޟިރުގައި ބުނަން ބޭނުން" ޙާއިޝާ ވާހަކަދެއްކިއެވެ. ހުރިހާ މީހުންގެ ނަޒަރު ޙާއިޝާއަށް ހުއްޓުނެވެ.
"އުނޭޝްގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ" ހީކުރި ފަދައިން ހުރިހާ މީހުންނަށްވެސް ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އުނޭޝް އިސްތިރިކޮށްލައިގެން އިނެވެ.
"އަހަރެންގެ އުނޭޝްއަށް އަހަރެން ހޮވި ކުއްޖަކީ މީ. ޑރ.ކަޝިޝް" ކައިރީގައި އިން ކަޝިޝްގެ އަތުގައި ހިފައިލަމުން ޙާއިޝާ އިޢުލާންކުރިއެވެ. ޙައިރާންކަމާއެކު އުނޭޝް އެދިމާލަށް ބަލައިލިއެވެ. އޭނާގެ ނަޒަރު ކަޝިޝް އާ ހަމަވެގެން ދިޔަ ވަގުތު ކަޝިޝްގެ ތުންފަތްމަތިން ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔަތަން ފެނުނެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން އިރާނިޔާގެ ނަޒަރު އުނޭޝްއަށް ހުއްޓުނެވެ. އުނޭޝްގެ މޫނުމަތިން އުފާވެރިކަމެއް އޭނާއަށް ނުފެނުނެވެ. އެހެންވިޔަސް އޭނާ ހިތާހިތުން އުފާކުރިއެވެ. އެ އަންހެންކުއްޖާގެ ލޯބިން އުނޭޝްގެ ހިތް ބަދަލުވެދާނެކަމަށް އޭނާ ޔަޤީންކުރިއެވެ.
"އަހަރެން ކަޝިޝް އާ ވާހަކައެއް ދައްކާލަން ބޭނުން. ވަކިން" އިރާނިޔާ ބުނެލިއެވެ. ކަޝިޝް އިރާނިޔާއަށް ބަލައިލާފައި އެތަނުން ތެދުވެލިއެވެ. ކަޝިޝްގެ އަތުގައި ހިފައިގެން އޭނާ ދުރަށް ހިނގައިގަތް މަންޒަރު ބަލަން އުނޭޝް އިނީ ވިސްނުމެއްގެ ތެރޭގައެވެ.
(ނުނިމޭ)