ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 55

2

ފަންސާސްފަސްވަނަ ބައި

އިރާނިޔާއާ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު އާޝިދްގެ ދެލޮލުން ކަރުނަ އޮހިގަތެވެ. އޭނާ ގޮނޑިން ތެދުވެގެން ގޮސް އިރާނިޔާ ކުރިމަތީގައި ހުއްޓުނެވެ.

"އަހަރެން ލޯބިވެޔޭ ބުނީ މަޖަލަކަށް ނޫން. މުޅި އުމުރު އެއް އަންހެންކުއްޖަކަށްޓަކައި އިންތިޒާރުކުރީ އެއީ އަމިއްލަ ނަފްސާ ޖެހި ސަކަރާތެއްނޫން. ތިގޮތަށް އަހަރެންނާ ދޭތެރެ ދެކުމުން އިނގޭތަ އަހަރެން ދެރަވީވަރު. ހިތުގައިޖައްސާ ކޮންމެފަހަރަކު ލޯތްބަށް ލޮޅުންއަރާނެ. އަހަރެން މިދަނީ..." އާޝިދް ހިނގައިގަތުމާއެކު އިރާނިޔާއަށް ފުންމައިގެން ތެދުުވެވިއްޖެއެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑުއަލިކަމުގެ ތެރެއިން އޭނާއަށް ވަށައިގެން ހޯދައިލެވިއްޖެއެވެ. ކައިރީގައި ލޯބިކޮށް ނިދާފައި އޮތް ހޫރު ފެނި އެއީ ހުވަފެނެއްކަން ޔަޤީންކުރެވިއްޖެއެވެ. ބޯދަށުުގައި އޮތް ބާލީސް އުފުލާލައިފައި ދަށުގައި އޮތް ފޯނު ނެގިއެވެ. ގަޑި ބަލައިލިރު މެންދަމު ތިނެއްޖަހަން ފަސްމިނިޓް ހުއްޓެވެ. ފެނުނު ހުވަފެނާމެދު އޭނާއަށް ވިސްނުން ހިންގައިލެވުނީ ދެނެވެ. ހަގީގަތުގައިވެސް އޭނާ ކީ އެއްޗެހިން އާޝިދް ހިތުގައި ޖެހުނީ ހެއްޔެވެ؟ އިރާނިޔާ މޭގައި ރިހުމެއް އުފެދިއްޖެއެވެ. އެވީ ވަގުތުތަކުގައި އެންމެފަހަރަކުވެސް އާޝިދް ގުޅާލާފައި ނެތެވެ. ފުރާޅުގައި ބީހޭންފެށި ވާރޭގެ ތިކިތަކުގެ އަޑާއެކު އިރާނިޔާ ސިހިގެން ދިޔައެވެ. ތެދުވެގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލާފައި ބޭރު ބަލައިލިއެވެ. ބޯކޮށް ވާރޭ ވެހޭ މަންޒަރު ފެނި ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. އަލުން އެނދުގައި އިށީނުމަށްފަހު އާޝިދްގެ ނަންބަރަށް ގުޅައިލިއެވެ. އާޝިދް ހޭލި އިރަކުން މިސްކޯލް ފެނިދާނެ އޭ ހިތާ ހަމަޖެހިލާފައި އިނެވެ. ފުރަތަމަ ރިންގާއެކު އާޝިދް ފޯނު ނެގުމުން އިރާނިޔާއަށް ކުއްލި ޙައިރާންކަމެއް ލިބިގެން ދިޔައެވެ. މިނޫނީ މެންދަމުގެ ވަގުތެއްގައި އޭނާ އާޝިދަށް ގުޅާފައެއްނެތެވެ.

"ސިޑް...! ނުނިދަންތަ؟" އާޝިދްގެ އަޑު ކަންފަތުގައި ޖެހުމާއެކު އިރާނިޔާ ބުނެލިއެވެ.

"ސޮރީ.. ކިޔުނު ހުރިހާ އެއްޗަކަށް. އަހަރެން މާބޮޑާށް ހާސްވީ. އީރަން ދޫކޮށްލާނެހާ ހިތްވަރު އަހަރެންގެ ނެތް" ކުރެހިގެންދިޔަ އަޑާއެކު އާޝިދަށް ބުނެވުނެވެ.

"އަހަރެން މަޢާފްކޮށްފިން. ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ" އިރާނިޔާ ބުނެލިއެވެ.

"ތެންކްސް. އެހެންވިއްޔާ ގެއަށް ދާން މިދަނީ. ގުޑްނައިޓް" އާޝިދް ބުނެލިއެވެ.

"މަޑުކޮށްބަލަ. ގެއަށްދާށޭ... ކޮންތާކު ތިހުރީ؟" އިރާނިޔާގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"އަހަރެންގެ ހިތުގެ ހަމަޖެހުމަކީ ތީ. އަހަރެންނަށް ބުނެވުނު ބަސްތަކާއެކު އަހަރެންގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައި. އެހެންވީމަ އަމިއްލަ ގެއަށް ގޮސް އަހަރެން ކިހިނެއް ހަމަޖެހިގެން ނިދާނީ" އާޝިދް ވާހަކަދެއްކިއެވެ.

"ތިހުރި ތަނެއް ބުނެބަލަ" ދެވަނަ ފަހަރަށް އިރާނިޔާ އެހިއެވެ. އޭނާގެ އަޑުގައި ހާސްކަން އެކުލެވިގެންވިއެވެ.

"ތިގޭ ކައިރީގައި ހުރި ޖޯލީގަ. ހިތަށް އެރި އީރަންގެ މަޢާފް ނުލިބެނީސް މިތަނުން ނުތެދުވާނަމޭ. އީރަން ބުނީނު އެކަނިވެލަން ބޭނުމޭ. އެހެން ނުބުނިނަމަ ތިކޮޓަރީގަ މަޑުކުރީމުސް" އާޝިދް ވާހަކަދެއްކިއެވެ. ހިނދުކޮޅެއް ވަންދެން އިރާނިޔާއަށް ހުރެވުނީ ގަބުވެފައެވެ. އެހުރިހާއިރު އާޝިދް އެތަނުގައި އިނދެފާނެ ކަމަކަށް އޭނާއަށް ހީކުރެވިފައެއް ނެތެވެ.

"އެކަމަކު ސިޑް. ވާރޭވެސް އެބަވެހެއްނު" އިރާނިޔާ ބުނެލިއެވެ.

"ވައިވެސް އެބަޖެހޭ ވަރަށް ބާރަށް. ދުނިޔެމަތިން މި ފެންނަ ތޫފާނަށް ވުރެ މާ ވަރުގަދަ ތޫފާނެއްގެ އަސަރު މީގެ ކުޑައިރުކޮޅެއް ކުރިން އަހަރެންގެ ހިތަށާއި ސިކުނޑިއަށް ކުރި. އެކަމަކު މިހާރު ތޫފާނުގެ އަސަރު ފިލާ އަހަރެންގެ ރާސްތާ އަމާންވެއްޖެ. އީރަން ނިދާލާ. އަހަރެން ދަނީ...." އާޝިދް ވާހަކަދެއްކިއެވެ.

"ނޫން މަޑުކުރޭ" އިރާނިޔާ ބުނެލިއެވެ. ފޯނު ހިފައިގެން ކޮޓަރި ހުޅުވާލާފައި ނިކުތްގޮތަށް މައިދޮރާ ދިމާލަށް ދުއްވައިގަތެވެ. ތެމިފޯވެގެން ކުރިމަތީގައި ހުރި އާޝިދް ފެނުމާއެކު އިރާނިޔާއަށް ރޮވިއްޖެއެވެ. ވާރޭ ތެރެއަށް ނިކުމެ އާޝިދްގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.

"އަސްތާ... ތިއޯ..." ދަމުނަމާދަށް ތެދުވެ އުޅުނު ރުޒާނާއަށް ކޮޓަރިން ނިކުތް ވަގުތު ކުރިމަތީގައި ތިބި އިރާނިޔާއާއި އާޝިދް ފެނުމުން އެހިއެވެ.

"ކުޑަ މައްސަލައެއް ޖެހުނީ. މި ސިޑް އޭރުއްސުރެ ފެށިގެން މިތާ ބޭރުގަ އެ އިންނަނީ" އިރާނިޔާ ބުނެލިއެވެ. އެގަޑީގަ އާޝިދް އެގޭތެރެއިން ފެނުމުން ރުޒާނާ ނުބައި ގޮތަކަށް ވިސްނަފާނެތީ އިރާނިޔާ ކަންބޮޑުވިއެވެ.

"އާނ ރުޒާނައްތަމެން އައިރުވެސް އިނޭ ބޭރުގަ. ކިހިނެއްވެފަހޭ ބުނީމަ ކަމެއްނުވެއޭ ބުނި. ހީވި ކޮންމެސްކަމެއް ވެއްޖޭ. ރާނީ ކައިރީގަ އެވާހަކަ ބުނަން އައިރު ނިދާފަ އޮތީމަ އަޅާނުލީ" ރުޒާނާ ވާހަކަދެއްކިއެވެ. އާޝިދް ލަދުގަތެވެ.

"ދެން ދޭ ކޮޓަރިއަށް. މިހާރު ހުންނާނީ ވަރަށް ފިނިވެފަ. ހޫނު ސައިތައްޓެއް ހަދާލާފަ ދީ. ރުޒާނައްތަ މިދަނީ ނަމާދުކުރަން" ރުޒާނާ ވާހަކަދައްކާފައި ކޮޓަރިއަށް ވަނުމާއެކު ދެކުދިން އެކަކު އަނެކަކަށް ބަލައިލިއެވެ. އާޝިދްގެ ދަތްދޮޅިކޮޅުން ލަސްލަހުން އަދިވެސް ފެންތިކި ޖަހަމުން ދިޔައެވެ. ލައިގެން ހުރި ހުދުކުލައިގެ އަތްދިގު ގަމީސް އެއްކޮށް ވަނީ ހަށިގަނޑުގައި ތަތްލާފައެވެ. އިރާނިޔާ ހިތުގައި ރަހުމު އުފެދުނެވެ. އާޝިދްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ތުވާލި ހިފައިގެން އައިސް މޫނާއި އިސްތަށިގަނޑު ފޮހެން ފެށިއެވެ. އެހުރިހާއިރު އާޝިދް ހުރީ އިރާނިޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ތިއީ ކުޑަކުއްޖެއްތަ؟" އިރާނިޔާ އަހައިލިއެވެ.

"އީރަންގެ ލޯތްބަށްޓަކައި އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނަން" އާޝިދް ބުނެލިއެވެ.

"ދެންހެޔޮ. ދެން އެކަހަލަ ކަމެއް ނުކުރާތި. ސިޑް ބަލިވެދާނެ" އިރާނިޔާ ބުނެލިއެވެ.

"އަހަރެން ހިތުގައިޖެހޭ ކަހަލަ އެއްޗެއް އީރަންވެސް ނުބުނާތި" އާޝިދް ބުނެލިއެވެ. އިރާނިޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ލަސްލަހުން އާޝިދްގެ ދެލޮލާއި ނަޒަރު ދިމާކޮށްލިއެވެ. މަޑުމަޑުން އާޝިދްގެ މޭގައި ލައްވެލިއެވެ.

"ސޮރީ..." އިރާނިޔާ ބުނެލިއެވެ. އާޝިދް ދެއަތުން އިރާނިޔާގެ ބުރަކަށީގައި ވަށައިލިއެވެ.

"އީރަން ނުޖެހޭނެ ސޮރީ ބުނާކަށް" އާޝިދް ބުނެލިއެވެ. އިރާނިޔާގެ މޫނުގެ ދެފަރާތުގައި ހިފައިލީ ނުލާހިކު ލޯބިންނެވެ. އޭނާގެ މޫނާއި ގާތްކުރަމުން އައިސް ދެ ޒުވާނުންގެ ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅޭހާ ކައިރިކޮށްލިއެވެ. އާޝިދްގެ ތުންފަތުގެ ބީހުން އިހުސާސް ކުރެވިގެން ދިޔުމާއެކު އިރާނިޔާއަށް ދެލޯމަރާ ބާރުކޮށްލެވިއްޖެއެވެ.

"ނޫން ސިޑް. އަހަރެމެން އެކަކު އަނެކަކަށް ވައުދުވީމެއްނު. މިއަންނަނީ ސައިތައްޓެއް ހިފައިގެން" އިރާނިޔާ ދުރަށްޖެހިލިއެވެ. އާޝިދް ހިނިތުންވެލައިފިއެވެ.

***

ޝެނަލްގެ ވާހަކަތައް އަހާފައި ބައްސާމާއި ސަބްރީން އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެހިނިތުންވުމުގައި އިންތިހާ ދަރަޖައިގެ އުފާވެރިކަން ވިއެވެ. ބައްސާމަށް ޝެނަލްގެ އިސްތަށިގަނޑުގައި ފިރުމައިލެވިއްޖެއެވެ.

"އަބަދު އެއްކަމެއް ހިތުގައި އަޅައިގެން ކިހިނެއް ދިރިއުޅޭނީ" ޝެނަލް ބުނެލިއެވެ. ސަބްރީން ތުންފަތްމަތީގައިވި ހިނިތުންވުން ހިނދުުކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ. ދަރިފުޅުގެ އެ ނިންމުމުގެ ފަހަތުގައި ވަރަށް ބޮޑު ހިތްދަތިކަމެއް ވެއޭ އޭނާގެ ހިތް ބުނެލައިފިއެވެ. އެހިތްދަތިކަން ދަރިފުޅަށް ދިނީ ހުދު އޭނާކަން ހަނދާންވެ އަމިއްލަ ނަފްސު ކުށްވެރި ކުރެވިއްޖެއެވެ. އޭނާއަށް ދަރިފުޅުގެ ކުރިމަތީގައި އިސްއޮބާލަން މަޖުބޫރު ވެއްޖެއެވެ. އެމަންޒަރު ބައްސާމަށް ފެނުމުން ޝެނަލްއަށް ދައްކައިލިއެވެ. މަންމަ އިން ގޮތް ފެނި ޝެނަލް ހިތުގައި ޖެހިއްޖެއެވެ.

"މަންމާ! މިއީ އަޅުގަނޑު ހިތުން ރުހުމުން ނިންމި ނިންމުމެއް. ކައިވެންޏަށްފަހު ޝާމްދެކެ ލޯބިވާން އަޅުގަނޑު މަސައްކަތްކުރާނަން. ހަގީގީ ލޯބި ފެށޭނީ ކައިވެންޏަށްފަހު އޭ މަންމައެއްނު ބުނީ" ޝެނަލް ތެދުވެގެން އައިސް ސަބްރީން ކައިރީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

"މަންމަ ކޮންކަމެއް ކޮށްދޭންވީ؟ ދަރިފުޅު ބުނި ކޮންމެ ކަމެއް މި މަންމަ ކުރާނަން" ސަބްރީން ބުނެލިއެވެ.

"މަންމަ ކޮށްދެންވި ކަމަކީ ހީލަންވީ" ޝެނަލް ބުނެލިއެވެ. ސަބްރީންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ.

***

ހަވީރުގެ ވަގުތެވެ. އޮފީހުން އައި ގޮތަށް ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްގެން އުނޭޝް ނިކުތެވެ. ޙާއިޝާގެ ކޮޓަރި ބަލައިލިރު ޔަޝްފީ ނަމާދަށް ހުއްޓެވެ. ޙާއިޝާ ފެންނަން ނެތުމުން ކޮޓަރި ދޮރުލައްޕާލާފައި ބޭރަށް ނިކުމެ ގޯތިތެރެ ބަލައިލިއެވެ. އެތަނުގައިވެސް ނެތުމުން އައިސް ބަދިގޭ ދޮރަށް އެރިއެވެ. އޭރު ކަމްލާއާއި ޙާއިޝާ މޭޒުކައިރީގައި ތިއްބެވެ. ކުރިމަތީގައި ހުރި ކުދި ތަށިތަކުގައި ހުރި އެއްޗެއް ކަމުން ދިޔައިރު ދެމީހުންވެސް ތިބީ ހަމަޖެހިފައެވެ.

"އަނހަ ދަރިފުޅުތަ؟" އުނޭޝް ފެނުމާއެކު ޙާއިޝާ ބުނެލިއެވެ.

"ކޯޗެއް ކަނީ؟ އެތެރެއަށް ވަންނަމުން އުނޭޝް އެހިއެވެ.

"ޑރ.ކަޝިޝް ޑިޔުޓީއަށް ދަމުން މިއަދު ކުޅިފާރޮށި މޮޑެފަ ދިޔަ ދުވަހެއްނު. ހާދަ މީރޭ. ކަޅުސަޔާ އެއްކޮށް އަދި މާ މީރު" ޙާއިޝާ ވާހަކަދެއްކިއެވެ.

"އަޅުގަނޑަށް މީރު އެއްޗެއް ނޫން" އަނގަ ހަދައިލަމުން އުނޭޝް ބުނެލިއެވެ.

"މަންމަ ކައިރީގަތަ ތިބުނީ. ފަހަރެއްގަ އެހެން މީހެއް ކައިރީގަ ބުނި ނަމަ ޤަބޫލުކުރިސް. އަން. މީރޭ. ޑރ.ކަޝިޝް ބުންޏޭ އޭނަ ހެދިކަން އިނގުނިއްޔާ އުނޭޝް ނުކާނޭ" އުނޭޝްއަށް ތައްޓެއް ކައިރިކޮށްލަމުން ޙާއިޝާ ބުނެލިއެވެ. ކަޝިޝް އެގޮތަށް ޙާއިޝާ ކައިރީގައި ބުނީތީ އުނޭޝް ހިތްހަމަނުޖެހުނެވެ.

"މަންމަ ކޮންއިރަކުން ރާނީ އާ ބައްދަލުކުރަން ދަނީ" ދަނޑިވަޅު ބަލާފައި އުނޭޝް އޭނާ އައި އަސްލު ބޭނުން ހާމަކޮށްލިއެވެ.

"މިރޭ ކޮންމެސް ގަޑިއެއްގަ ދާނަން" ޙާއިޝާ ބުނެލިއެވެ.

"މަންމަ ވަރަށް ވާހަކަދައްކައްޗޭ. ބުނައްޗޭ ހޫރަށްޓަކައި ނަމަވެސް ޤަބޫލުވާށޭ" އުނޭޝް ބުނެލިއެވެ. އެ މައުޟޫއަށް އުނޭޝް ވާހަކަދައްކަން ފެށުމުން ޙާއިޝާއަށް އުނދަގުވަމުން ދިޔައެވެ.

"އަޅުގަނޑު މިދަނީ ހޫރު ގޮވައިގެން ދުއްވާލަންދާން" ތެދުވަމުން އުނޭޝް ބުނެލިއެވެ. އުނޭޝް ދިޔަ މަންޒަރު ބަލަން ޙާއިޝާ އިންއިރު އޭނާގެ ހިތުގައި އެދަރިފުޅާ މެދު ޙަމްދަރުދީ އުފެދެމުން ދިޔައެވެ. ކޮންމެހެންވެސް އޭނާ އިރާނިޔާއާ ބައްދަލުކުރަން ބޭނުންވެއެވެ. ކޮންމެހެން އުނޭޝްގެ ހަޔާތަށް އިރާނިޔާ ގެނައުމުގެ ބޭނުމުގައެއްނޫނެވެ. އިރާނިޔާ އިންކާރުކުރުން ވެގެންދާނީ އުނޭޝްގެ ހިތް ބަދަލުކުރަން މަޖުބޫރުވެގެން ދާނޭ ކަމަކަށް ވާތީއެވެ.

***

ހޫރު އުރާލައިގެން ޒަމްޙާއާ އެއްވަރަށް ފިޔަވަޅު އަަޅަމުން އިރާނިޔާ ދިޔައެވެ. ދެއެކުވެރިން މަގު ހުރި ގޮތަށް ހިނގާފައި ނިކުތީ ރަށުގެ ރުއްދަނޑާއި ދިމާލަށެވެ. ރުއްދަނޑުން ނިކުމުގެން ސައިކަލުގަ އައި އަދްޔަން ފެނި ހުއްޓުނެވެ. އަވަހަށް ދާން އުޅުނަސް ހޫރު ފެނުމުން އަދްޔަން ހޫރު އުރާލާފައި ލޯބިކޮށްލިއެވެ.

"ދެން މީހެއްގެ ފިރިއަކަށް ވާން އުޅޭތީ ހާދަ ޒިންމާދާރޭ ދޯ" ޒަމްޙާ އަދްޔަން އާ ދިމާކޮށްލިއެވެ.

"ދިމާކުރޭ... އޯކޭ އޭ ތިހެން ކިޔަސް" އަދްޔަން ބުނެލިއެވެ.

"ގޮމަ ހޭލައިފިތަ ދޮންބެދައްތާ. ގުޅީމަ ފޯނެއް ނުނަގާ" އަދްޔަން ބުނެލިއެވެ. އިރާނިޔާ ބޯޖަހައިލިއެވެ. އަދްޔަން ސައިކަލް ދުއްވައިލުމުން ދެކުދިން ގޮސް މަޑުކޮށްލީ ގަސްތައްދަށު އެލުވާފައި ހުރި ޖޯލިތަކުގައެވެ. އިރާނިޔާގެ އުނގުގައި ހޫރު އިނެވެ.

"ގޮމަ ބަލީތަ؟" ޒަމްޙާ އެހިއެވެ.

"އާނ. ގޮމަ ކުޑައިރުންފެށިގެން މައިބަދައަށް ލިބިފަ އިން ގެއްލުމެކޯ. މިހާރު ތެދުވެ އުޅެވޭ" އިރާނިޔާ ބުނެލިއެވެ. ދެ އެކުވެރިން ވާހަކައިގައި ތިއްބާ އިރާނިޔާ ފޯނު ރިންގުވާން ފެށިއެވެ.

"އޭނަތަ؟" އިރާނިޔާ ފޯނު ބޭއްވުމުން ޒަމްޙާ އަހައިފިއެވެ. އިރާނިޔާ ބޯޖަހައިލިއެވެ.

"ހެނދުނު ގުޅާލާފައި ބުނި ހަވީރުން ހޫރު ރެޑީކޮށްލައްޗޭ" އިރާނިޔާ ބުނެލިއެވެ.

"ތިހެން ގޮސް ރާނީގެ ހިތް އަލުން އޭނާއަށް ނުދޭތި އަނެއްކާ" ޒަމްޙާ ބުނެލިއެވެ.

"އެ އަށްވުރެ މާލޯބިވޭ ސިޑް ދެކެ. ދެރަވެސްވޭ އުނޭޝް އެހާ ވަރަށް ރުއި ތަން ފެނުނީމަ. ކީއްކުރާނީ ގޯސްކަމެއް ކުރާއިރު ނޭނގޭ ހަމަ އެހާލަތު ތިމާއާ ވެސް ބައްދަލުކޮށްފާނެ ކަމަކަށް" އިރާނިޔާ ބުނެލިއެވެ. އޭރު ދުރުން ދައްކައިލި އުނޭޝް ސައިކަލުގައި އައިސް ހިނދުކޮޅެއްގެ ތެރޭގައި އިރާނިޔާއާ އަރާ ހަމަކޮށްފިއެވެ. އުނޭޝް ފެނުމާއެކު ހޫރު ދެއަތް ތަޅުވައިގަތެވެ. އިރާނިޔާ ތެދުވެގެން އައިސް އުނޭޝް ކައިރީގައި މަޑުކޮށްލިއެވެ. ހޫރާއި ސަމާސާ ކޮށްލާފައި އުނޭޝް ސައިކަލުން ފޭބިއެވެ. އަދި މަޑިދަށް ހުޅުވާލާފައި ބެލްޓް ނަގާފައި އަލުން ސައިކަލަށް އެރިއެވެ. ހޫރު އުރާލާފައި ބެލްޓް އަޅުވާލާފައި ހަމަޖެހިލިއެވެ.

"ގޭކައިރިއަށް އަހަރެން ދާނަން ހޫރު ގޮވައިގެން" އިރާނިޔާއަށް ބަލައިލުމެއްނެތި އުނޭޝް ބުނެލިއެވެ.

"ބާއި މަންމި ދޫނީ" އުނޭޝް ނައްޓާލަން އުޅުމުން އިރާނިޔާ އަތުން ހަނާއަޅަލަމުން ހޫރަށް ގޮވައިލިއެވެ. ހޫރަށް ހެވުނުވަރުން ޒަމްޙާއަށް ވެސް ހެވުނެވެ.

"ހާދަ ދެރައޭ ދޯ. އުނޭޝް ހުރިގޮތް ފެނުމުން އަހަރެން މިއޮށް ނުލަފާ މީހާވެސް ދެރަވެއްޖެ" އިރާނިޔާ ކައިރީގައި އައިސް ހުއްޓެމުން ޒަމްޙާ ބުނެލިއެވެ.

"އަހަރެންގެ ދުޢާ އަކީ އުނޭޝްގެ ދިރިއުޅުން އުޖާލާކޮށްދެވޭނަވަރުގެ ބައިވެރިއެއް އޭނާއަށް ލިބުން. އިނގޭ އެއްޗަކީ އެމީހަކަށް އަހަރެންނަށް ދެން ނުވެވޭނެކަން. އަހަރެން ސިޑް ނޫން އެހެން މީހަކަށް އެފަދަ ނަޒަރަކުން ބަލައިލަންވެސް ބޭނުމެއްނޫން" އިރާނިޔާ ބުނެލިއެވެ.

"ތިންރޭ ފަހުން އަހަރެމެންގެ ބޮޑު ރޭ އަންނާނެ. އަހަރެން ގަޑި ގުނަން ފަށައިފިން ރަންކިއި ދުވަހު" ހިނިތުންވެލަމުން އިރާނިޔާ ބުނެލިއެވެ.

***

ޙާއިޝާ މަގުން އޮބާލަންދެން ދޮރުމަތީގައި އުނޭޝް ހުއްޓެވެ. އޭނާގެ ހިތުގައިވީ އުންމީދެވެ. ނަމާދަށްފަހު އެތައް ދުޢާއެއް އޭނާ ކުރިއެވެ. އިރާނިޔާގެ ޖަވާބަށްފަހު އޭނާގެ ނިންމުން ބަދަލުކުރަން ޖެހޭނެއެވެ. އެކަން ހަނދާންކޮށްގެން އޭނާ ހުރީ އަޒުމަކާ އެކުގައެވެ.

"އަހަރެންގެ ހުރިހާ ދުޢާއެއް ވަނީ އުނީ އާ އެކު" ބަދިގެ ދޮރުމަތީގައި އުނޭޝްއަށް ބަލަން ހުރި ކަޝިޝް ބުނެލިއެވެ. ކޮފީތަށި ހިފައިގެން އިން ޔަޝްފީ އައިސް ކަޝިޝް ކައިރީގައި ހުއްޓުނެވެ.

"ދެން އާދޭ ތިތާ ނުހުރެ. ދޮންބެއަށް މިރޭ ޤަބޫލުކުރެވޭނެ ހަގީގަތުގަވެސް ދޮންބެދައްތަ އެއީ މިހާރު ދޮންބެއަށްޓަކައި ހުރި މީހެއް ނޫންކަން" ޔަޝްފީ ބުނެލިއެވެ. ކަޝިޝްގެ ތުންފަތަށް އުންމީދުން ފުރިގެންވީ ހިނިތުންވުމެއް ވެރިވިއެވެ.

"ހިތަށް އަރާ މިރެއަށް ފަހު އުނީ އަހަރެންނާ މެދު ވިސްނާނެ ނަމައޭ. ހިތަށް އަރާ އަހަރެންގެ މި ހުވަފެންތައް ހަގީގަތަކަށް ވެދާނެބާއޭ" ގޮނޑީގައި އިށީންނަމުން ކަޝިޝް ބުނެލިއެވެ.

"އިންޝާﷲ. އަސްލު ދޮންބެ ހޫރާ ވެސް ވަކިވެދާނެތީ ބިރު އެގަންނަނީ" ޔަޝްފީ ބުނެލިއެވެ.

"އަހަރެންގެ ދަރިފުޅަށްވެސް މިދުނިޔެއަށް ނޭވާލާނެ ފުރުސަތު ލިބުނުނަމަ ފަހަރެއްގަ އުނީ އަހަރެންގެ މީހަކަށް ވިސް. ގޯޑް ނޯސް" ހިތިިގޮތަކަށް ކަޝިޝް ބުނެލިއެވެ.

"ވަޓް...؟ ޔޫ މީން..." ޔަޝްފީ މޫނުމަތިން ޙައިރާންކަން ފާޅުވެގެން ދިޔައެވެ.

"ޝްޝްޝް... މިއީ ވަރަށް ބޮޑު ސިއްރެއް އިނގޭ. އެކަން އިނގެނީ ހަމައެކަނި ޔަޝްގެ ދޮންބެ އާ މަށާ. އެފަހަރު އުނީ އައިރު އަހަރެން ޕްރެގް. އުނީއަށް އިނގުނީވެސް މިފަހަރު އަހަރެން ބުނީމަ" ކަޝިޝް ސިއްރުން ބުނެލިއެވެ. ޔަޝްފީ އިނީ ކިޔާނެބަހެއް ނޭނގިފައެވެ. އެއީވެސް ދޮންބެ ކުރި ކަމެއް ހެއްޔެވެ؟

"އަހަރެންގެ ދޮންބެއަށް އެންމެ ރަނގަޅުވާނީ ކަޝްތަ ލިބުނިއްޔާ. އަހަރެން ދުޢާ ކުރާނަން" ޔަޝްފީ ބުނެލިއެވެ.

***

ޙާއިޝާ ކޮޓަރިއަށް ވަންއިރު އިރާނިޔާ އެނދުގައި ފޮތެއް ހިފައިގެން އިނެވެ. ކައިރީގައި ހޫރު ނިދާފައި އޮތެވެ. ހަފްތާއެއްހާ ދުވަސްފަހުން ޙާއިޝާ ފެނުމާއެކު އިރާނިޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެނދުން ތެދުވެގެން ގޮސް ޙާއިޝާގެ ގައިގައި ބައްދައިލިއެވެ. ޙާއިޝާގެ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ބަދަލުގައި އިރާނިޔާއަށް ހިނިތުންވުމެއް ދޭންވެސް ނޭނގުނެވެ. އޭނާގެ ހަށިގަނޑުގައި ދެއަތުން ވަށައިލިއެވެ.

"މަންމަ ކަމަކުތަ؟ މަންމަ ތިއައީ ކީއްކުރަން. އަޅުގަނޑަށް ގުޅާލިނަމަ މަންމަ ކައިރިއަށް އަޅުގަނޑު ދިޔައިމުސް" އިރާނިޔާ ބުނެލިއެވެ.

"މަންމައަށް މަޖުބޫރުވީ. މަންމައަށް މަޖުބޫރުކުރީ އުނޭޝް" ރޮވިފައިވާ އަޑަކުން ޙާއިޝާ ބުނެލިއެވެ. އިރާނިޔާއަށް ޙައިރާންކަމެއް ލިބިގެން ދިޔައެވެ. ޙާއިޝާގެ ދެލޯ ކައިރި އިރާނިޔާ ފޮހެދިނެވެ. އަދި ޙާއިޝާ ގޮވައިގެން އައިސް އެނދުގައި ބައިންދާފައި އޭނާ އިށީނީ މުށިތަކުގެ މަތީގައެވެ. ޙާއިޝާ އިތުރު އެއްޗެއް ބުނުމުގެ ކުރިން އުނގުގައި ބޯއަޅައިފިއެވެ.

"އަޅުގަނޑު މިދުނިޔެއަށް އުފަންކުރި މައިމީހާ ދުވަހަކުވެސް ލޮލުން ނުދެކެން. ހުންނަ ގޮތެއްވެސް ނޭނގޭ. ހިތަށް ސިފަކުރަންވެސް ނޭނގޭ. އެއީ ހެއްދެވިފަރާތުގެ މިންވަރުފުޅު ހުރިގޮތް. އެކަލާނގެ މިދުނިޔެމަތިން އަޅުގަނޑަށް މައެއް ދެއްވި. އަޅުގަނޑަށް ކުޑަކޮށްވެސް އިހުސާސެއް ނުކުރެވޭ އެއީ އަޅުގަނޑުގެ ފިރިމީހާގެ މަންމަކަމެއް. އެއީ އުފަން މަންމައަށް ވުރެވެސް ހެޔޮ މަންމައެއް. މާތް ނަމޫނާ މަންމައެއް. މިދުނިޔެމަތިން އަޅުގަނޑަށް ފެނުނު އެންމެ މާތް އިންސާނާ. ކެތްތެރިއެއް. އެހެން މައިންނަށް ހުރި ލާމަސީލު މިސާލެއް.. އެމީހަކީ ތި މަންމަ" އިރާނިޔާ ވާހަކަދައްކަމުން ދިޔައެވެ. ޙާއިޝާ އިރާނިޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.

"މިއަދާ ހަމައަށްވެސް ތި މަންމަ އާ ޙިއްސާނުކުރާ އެއްވެސް ކަމެއް އަޅުގަނޑުގެ ދިރިއުޅުމުގަ ނުހިނގާ" އިރާނިޔާ ބުނެލިއެވެ.

"އެންމެ ފަހަރަކުވެސް އަހާބަލަ މަންމަ ހިތުގައި އޮތީ ކީކޭތޯ" ޙައިޝާ ބުނެލިއެވެ.

"މިދުނިޔެއިން އަޅުގަނޑު އެންމެ އިތުބާރުކުރާ އިންސާނަކީ ތި މަންމަ. އަޅުގަނޑަށް ދެރަވާ އެއްވެސް ކަމެއް މަންމަ ނުކުރާނެކަން ޔަޤީން. އެހެންވީމަ މަންމަ ފަސްޖެހޭނެކަމެއްނެތް. އުނޭޝްގެ ހުށައެޅުން އަޅުގަނޑު ޤަބޫލުކުރަންވީތަ؟ އަލުން އުނޭޝްގެ އަންބަކަށް ވާންވީތަ؟ ސިޑްގެ ހިތް މާޔޫސްކޮށްލަންވީތަ؟ މަންމަ ބުނެފިއްޔާ އަޅުގަނޑު މިހާރުވެސް އުނޭޝް ކައިރިއަށް އެނބުރި ދާން މިހުރީ ތައްޔާރަށް" އިރާނިޔާއަށް ރޮވިއްޖެއެވެ. އޭނާގެ ހިތަށް ދަތިވެއްޖެއެވެ. ނޭވާލާންވެސް އުދަގޫވާހެން ހީވާން ފަށައިފިއެވެ.

"ދެން އެންމެ ބަހެއްވެސް ނުކިޔާތި. މި މަންމަ ވާހަކަދައްކަންވެސް ފުރުސަތު ދީބަލަ" އިރާނިޔާ ދެކޮނޑުގައި ހިފާ ނަގާ އެނދުގައި ބައިންދަމުން ޙާއިޝާ ބުނެލިއެވެ.

"މަންމަގެ ބަނޑުން އުފަން ނުވިޔަސް ތިއީ މަންމަގެ އުފަން ދަރިއެއް. މަންމަ ނޭދޭނަން އާޝިދް ކަހަލަ އޯގާތެރިޔަކު ދޫކޮށްލާފައި މަންމަގެ ދަރިފުޅު ކައިރިއަށް ރާނީ ދާކަށް. މަންމަ އިސްކުރާނީ ރާނީގެ އުފާ. އުނޭޝް ޖެހޭނީ ހަގީގަތް ޤަބޫލުކުރަން. ކުށްކުރީ އުނޭޝްއެއްނު. މިހާރު މިފެންނަ މަންޒަރު އުނޭޝްޖެހޭނީ ބަލައިގަންނަން" ޙާއިޝާ ވާހަކަދެއްކިއެވެ.

"އެކަމަކު..." އިރާނިޔާއަށް ނުބުނެވުނެވެ.

"އަބަދުވެސް ދަރިފުޅަށް މަންމަގެ ހިތްހެޔޮވާނެ. އަބަދުވެސް މަންމަ ވާނީ ހަމަ މަންމައަށް. ޔަޝްފީ އާ ދެކުދިން ދުވަހަކުވެސް ތަފާތެއް ނުކުރާނަން" ޙާއިޝާ ބުނެލިއެވެ. ކަރުނައިގެ ތެރެއިން އިރާނިޔާއަށް ހިނިތުންވެވިއްޖެއެވެ.

"ދަރިފުޅު އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅޭތަން ފެނިއްޖިއްޔާ މަންމަ ހާދަ އުފަލެއްވާނޭ. އެފަދަ ބައިވެރިޔަކު ދަރިފުޅަށް ލިބިފައި ވަނިކޮށް މި މަންމަ އެދޭނެތަ އެހެން ކަމަކަށް. އެހާ އަމިއްލަ އެދުން އިސްކޮށްފާނެތަ މަންމަ. ރާނީ އެގޮތަށް ވިސްނީތީވެސް މަންމަ ދެރަވެއްޖެ" ޙާއިޝާ ވާހަކަދެއްކިއެވެ.

"ސޮރީ މަންމާ..." އިރާނިޔާ ބުނެލިއެވެ. އަދި ޙާއިޝާގެ ގައިގައި ބައްދައިގަތެވެ. އިރާނިޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު ޙާއިޝާގެ ދެލޮލުން ހިތްދަތިކަމެއްގެ އަސަރު ފެންނަން ހުއްޓެވެ.

***

ދެކޮޅަށް ހިނގަ ހިނގާ ހުރި އުނޭޝް ހުއްޓުނީ ގޭތެރެއަށް އައިސް ވަން ޙާއިޝާ ފެނިފައެވެ. ޙާއިޝާގެ މޫނަށް އުނޭޝް ބަލައިލީ އެއްޗެއް ދެނެގަންނަން އުޅޭ ކަހަލަ ގޮތަކަށެވެ. ނަމަވެސް އެ މަންމަގެ މޫނުމަތިން އެއްވެސް އެއްޗެއް ދެނެގަންނަން އޭނާއަށް ނޭނގުނެވެ.

"މަންމާ...!" އުނޭޝް ގޮވައިލިއެވެ.

"ދަރިފުޅު ބުނީމެއްނު. ވައުދުވީމެއްނު މަންމަ ކައިރީގަ. މަންމައަށް ރާނީ ނޫނެކޭ ބުނެފިއްޔާ ރާނީ މަތިން ހަނދާން ނައްތާލާނަމޭ. އެހެންވީމަ މިރޭގެ މިވަގުތުން ފެށިގެން ރާނީ މަތިން ހަނދާންނައްތާލާ" އުނޭޝްގެ ދެއަތް ތިލައިގައި ހިފައިލަމުން ޙާއިޝާ ބުނެލިއެވެ.

އުނޭޝް ހުއްޓުން އަރައިފިއެވެ. ހިތުގައި ވޭނެއް އުފެދިއްޖެއެވެ. ނާކާމިޔާބީގެ ލޭބެލްކޮޅު ނިތުގައި ތަތްކުރަން މަޖޫބުރު ވެއްޖެއެވެ. އޭނާ ފެއިލްވީ ކަމުގައި ހިތް ގޮވަން ފަށައިފިއެވެ. ދުުވަހަކުވެސް އެލޯބި ނުލިބޭނެ ބުނެ ސިކުނޑި މަލާމާތް ކުރަން ފަށައިފިއެވެ. ގޮތްދޫނުކުރުމާއި އަމިއްލަ އެދުން އެއްފަރާތްކޮށް އެލޯތްބަށް ޓާޓާ ކިޔަންވީ ވަގުތު ޖެހިއްޖެކަން ހަނދާންވުމާއެކު ދެލޮލުން ކަރުނަ އޮހިގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟