ފަންސާސްހަތަރުވަނަ ބައި
ޙާއިޝާގެ ދެލޮލުން ކަރުނަ އޮހިގަތީ އަދްޔަން ބަލަހައްޓައިގެން އިންދައެވެ. ޙާއިޝާގެ އުނގުގައި ދެއަތް ބާއްވާލައިގެން އަދްޔަން މުށިތަކުގެ މަތީގައި އިށީނެވެ.
"ދޮންބެ މޮޔަކަމެއް ނުކުރާނެ. އެއީ ކުރީގެ ދޮންބެއެއްނޫން" އަދްޔަން ބުނެލިއެވެ. އުނޭޝްގެ މައްޗަށް އޭނާގެ ހިތުގައި އިތުބާރު އޮތެވެ. އެހެންނަމަވެސް އުނޭޝް ވީތަނެއް ނޭނގި ފޯނުވެސް ނިވާލާފައި އޮތުމުން އޭނާގެ ހިތުގައިވެސް ބިރުވެރިކަމެއްވިއެވެ.
"މަންމަ ވަރަށް ބިރުގަންނަން ފަށައިފި" ޙާއިޝާ ބުނެލިއެވެ.
"ބިރުނުގަނޭ. މާލިކްބެ އެބައުޅޭ ދޮންބެ ހޯދަންވެގެން" އަދްޔަން ބުނެލިއެވެ.
"އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތައް މަންމައަށް ރާނީ ކިޔައިދިން. އުނޭޝް ޖެހޭނެ ހަގީގަތާއި ކުރިމަތިލާން. ރާނީ މިގެއިން އަމިއްލައަށް ނިކުމެގެން ދިޔައީއެއް ނޫނެއްނު. އޭނަ ބޭނުން ނެތިގެން ކުނިކޮޅެއް އެއްލާލާހެން އެއްލާލީނު" ޙާއިޝާ ވާހަކަދެއްކިއެވެ. އަދިވެސް އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ.
"އެގުޅަނީ މާލިކްބެ" އަދްޔަން ޙާއިޝާއާ ދުރަށް ޖެހިލިއެވެ. އަދި ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.
"މިއަންނަނީ ދޮންބެ ގޮވައިގެން" ޙާއިޝާއާ ގާތަށް ޖެހިލާފައި އަދްޔަން ބުނެލިއެވެ.
"އޭނަގެ ހާލު ރަނގަޅުތަ؟" އަވަސް އަވަހަށް ޙާއިޝާ އަހައިލިއެވެ. އަދްޔަން ބޯޖަހާލާފައި ގެއިން ނިކުންނަން ހިނގައިގަތެވެ.
***
ޑިޔުޓީ ނިންމާފައި ކަޝިޝް ގެއަށް އައިރުވެސް ޙާއިޝާ ސޯފާގައި ފިކުރެއްގައި އިނެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އޭނާ މިސްރާބުޖެހީ ޙާއިޝާ ގާތަށެވެ.
"މަންމާ!! ހާދަ ބޮޑު ފިކުރެއްގަ" ޙާއިޝާ ކައިރީގައި އިށީންނަމުން ކަޝިޝް އަހައިލިއެވެ. އޭރު ކޮޓަރިން ނިކުތް ޔަޝްފީވެސް ބޯހިއްކަމުން އައިސް ޙާއިޝާ ކައިރީގައި ހުއްޓިއްޖެއެވެ.
"ދަރިން ބޮޑެތިވެ މީހުންނާ ކައިވެނިކޮށް ދަރިން ލިބުނަސް އެދަރިިންނާ މެދު ކޮންމެ މަޔަކުވެސް ފިކުރުކުރާނެއްނު" ޙާއިޝާ ބުނެލިއެވެ. ކަޝިޝް އާއި ޔަޝްފީ އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ.
"މަންމަ ކިހިނެއްވީ؟" ޔަޝްފީ އެހިއެވެ.
"މި ވިސްނަނީ ދަރިފުޅުގެ ދޮންބެ އާ ދޭތެރެ" ޙާއިޝާ ބުނެލިއެވެ.
"އުނީއަށް ކިހިނެއްވީ؟" ޔަޝްފީއަށް ވުރެ ކުރިން ސުވާލުކުރީ ކަޝިޝްއެވެ.
ވީގޮތަކީ ރާނީ އޭނާއަށް މަޢާފްކުރިޔަސް އަލުން ގުޅެން އުނޭޝް ހުށައެޅުމުން އެކަމަށް ރާނީ އިންކާރުކުރީ. އެކަން އޭނާގެ ސިކުނޑި ބަލައިނުގަނެގެން އެ އުޅެނީ" ޙާއިޝާ ކިޔައިދިނެވެ. ރެއިން ފެށިގެން ގެއަށް ނިދަން ނާންނަ ވާހަކައާއި ފޯނުވެސް ނިވާލާފައި އޮތް ވާހަކަ ކިޔައިދިނެވެ. ޔަޝްފީގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުރިއިރު ކަޝިޝްގެ މޫނުމަތި މުޅިން އުދާސްވެގެން ދިޔައެވެ. އޭނާ އިންތިހާއަށް ހިތުގައި ޖެހިއްޖެއެވެ. އިރާނިޔާދެކެ އުނޭޝް އެވީ ލޯބި އޭނާދެކެ ވާނެ ނަމައޭ ހިތަށް އެރިއެވެ.
ކަޝިޝް ބަހެއްނުކިޔާ ތެދުވެގެން ހިގައިގަތުމުން ޙާއިޝާ ބަލައިލިއެވެ. ކަޝިޝްގެ ހިތުގައި ޖެހިއްޖެކަން އޭނާއަށް އިނގިއްޖެއެވެ.
***
ކައިވެންޏަށްފަހު ފިރިމީހާގެ ރަށުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ޒީކް ރަށަށް އައިސް އެންމެ ފުރަތަމަވެސް ބައްދަލުކުރީ ޝެނަލްއާއެވެ. ސަބްރީންގެ ދައުވަތަކަށް ޒީކް އެގެއަށް އައީ ފިރިމީހާއާ ވެސް އެކުގައެވެ. ހަވީރުގެ ސައި ހުރިހާ މީހުން އެއް ސުފުރާ މަތިން ނިންމާލާފައި ޒީކްގެ ފިރިމީހާ ދިޔައީ ގެއަށް ދާން ބޭނުންވެގެން ޒީކްގާތު ބުނެފަ ގެއަށެވެ.
ޒީކް އަތުގައި ހިފައިގެން ޝެނަލް ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ދެކުދިން އެނދުގައި އިށީނެވެ.
"ރީންދައްތަ މަޢާފަށް އެދުމުން އަހަރެންނަށް އެހެން ކަހަލަ ފީލްއެއް ވީ" ޒީކް ބުނެލިއެވެ.
"މަންމައަށް ވަރަށް ބަދަލު އައިއްސި. މައްސަލައަކީ ހުރިހާކަމެއް މަންމައަށް ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެ" އަސަރާއެކު ޝެނަލް ބުނެލިއެވެ. ޒީކް ޝެނަލް އަތުގައި ހިފައިލިއެވެ.
"އަދި އެވާހަކަ ދައްކާކަށް ނޫނޭ އުޅުނީ. ވަރަށް ބޮޑު ކަމަކާ ޑިސްކަސް ކޮށްލަންވެގެން" ޝެނަލް ބުނެލިއެވެ. ޒީކް ޝައުޤުވެރިކަން ފާޅުކުރިއެވެ.
"އަހަރެން އުޅުނީ އަންނަ ވީކް ގަ ފުރަންވެގެން. އެކަމަކު ޝާމް.... ޝާމް ބޭނުންވޭ މެރީކުރަން. އަހަރެން ކޮން ޖަވާބެއް ދޭނީ" ޝެނަލް ވާހަކަދެއްކިއެވެ. ޙުޝާމް ދެއްކި ހުރިހާ ވާހަކަތަކެއް ޝެނަލް ޒީކަށް ކިޔައިދިނެވެ. އޭނާއަށް އެކަނި ގޮތް ނިންމަން އުނދަގުވެގެން އުޅޭކަން ހާމަކުރިއެވެ. މައިންބަފައިންނާ ހަމައަށް އެވާހަކަތައް ގެންދިޔުމުގެ ކުރިން ޒީކްގެ ޚިޔާލަކަށް އެދުނެވެ.
"އަހަރެން ކޮން ޖަވާބެއްދޭނީ؟ ޒީކް ބުނެބަލަ. ޒީކް ކޮންމެ ޖަވާބެއް ދިންނަމަވެސް ދޭނީ އަހަރެންނަށް އެންމެ ރަނގަޅަށް ވިސްނާފަ. ޒީކް ބުނާ އެއްޗަކީ އަހަރެންގެ ޖަވާބު" ޝެނަލް ބުނެލިއެވެ. ޒީކްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޝެނަލް އިތުބާރުކުރާވަރު އިހުސާސްވުމުން ހިތަށް އުފާވެރިކަމެއް ލިބިއްޖެއެވެ.
***
އުނޭޝް ގެއަށް ގެނައީ މާލިކްގެ ކާރުގައެވެ. މާލިކާއި އަދްޔަންގެ ދެމެދުގައި ހުރެގެން ގޭތެރެއަށް ވަދެގެން އައި އުނޭޝް ފެނުމުން ސޯފާގައި އިން ޙާއިޝާ ފުންމައިގެން ތެދުވިއެވެ. ބާރަކަށް ހިނގާފައި ގޮސް އުނޭޝްގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އޭނާއަށް ވުރެ އިސްކޮޅުން ދިގު ފިރިހެން ދަރިފުޅުގެ މޫނަށް ޙާއިޝާ ބަލަން ހުރީ މޫނު މައްޗަށް އުފުލާލައިގެންނެވެ. އުނޭޝްއަށް މަންމަ އާ ހަތަރުކަޅި ހަމަކުރަން އުނދަގޫވިއެވެ. އޭނާގެ ދެލޯ ވަނީ ރޮއެރޮއެ ފާރުވެފައެވެ. ގިނައިރު ފެނާއި ކާއެއްޗެއްގެ ބޭނުންނުކުރާތީ އޭނާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ކުރިމަތީގައި ހުރި މަންމަ އާ ހަތަރުކަޅި ހަމަކުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ލޯ މައްޗަށް ފުސްވެ އޭނާ އަރި އަޅާލައިފިއެވެ. އަދްޔަން ނުހިފެހެއްޓިނަމަ އުނޭޝް ބިންމަތީގައި ޖެހި މައިބަދައަށް ގެއްލުންވީހެވެ.
***
އިޝާނަމާދަށްފަހު އިރާނިޔާ ބޭރަށް ނިކުމެ މަގުމަތި ޖޯލީގައި އިށީނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ އާޝިދަށެވެ. ކޮންމެރެއަކު މިހާރު އޭނާ އާޝިދާއެކު ވަގުތު ހޭދަކުރަނީ އެ ޖޯލީގައެވެ. ރުޒާނާގެ ދެމަފިރިން ބޭރަށް ނިކުތީ އިރާނިޔާ އެހެން އިންނަތާ އިރުކޮޅެއް ފަހުންނެވެ.
"އެމަންޖެ ނިދީތަ؟" އިރާނިޔާ ފެނުމުން ރުޒާނާ އެހިއެވެ.
"ވަރަށް މަސައްކަތުން ނިދީ" އިރާނިޔާ ބުނެލިއެވެ.
"ރުޒާނައްތަމެން މިދަނީ ބަނދަރުމަތީ ކުޑަކޮށް ހިނގާލަން. ހީވަނީ ގޮމައަށްވެސް އޮތީ ނިދިފަހެން" ރުޒާނާ ވާހަކަދެއްކިއެވެ.
އަނދިރިކަން ވެރިވެފައިވާ އުޑަށް ބަލަހައްޓައިގެން އިރާނިޔާ އޮތެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ އުނޭޝް ކޮޓަރިން ނިކުމެގެންދިޔަ މަންޒަރެވެ. އަހަރެންނަށް އުނޭޝްއަށް ދެވުނީ އެންމެ ރަނގަޅު ޖަވާބުހެއްޔެވެ؟ ކޮންމެ އިންސާނަކަށްވެސް ދެވަަނަ ފުރުސަތު ލިބެންޖެހެއެވެ. ނޫނެކެވެ. ދެވަނަ ފުރުސަތެއް ދޭންޖެހޭނީ އެމީހާ ކުރި ކުށް މިނެ ކިރާފައެވެ. އުނޭޝްގެ ފަރާތުން ފެނުނީ އަނިޔާވެރިކަމުގެ އިންތިހާއެވެ.
"ޔާރައްބީ... މިއީ ކޮންކަހަލަ ވިސްނުންތަކެއް. އަހަރެން ކަންތައްކުރީ އަހަރެންގެ ހިތް ބޭނުންވާގޮތަށް" އަމިއްލަ ނަފްސަށް އިރާނިޔާ ބުނެލިއެވެ. އާޝިދް އައިސް ކައިރީގައި މަޑުކޮށްލުމާއެކު އިރާނިޔާ ދިޔައީ ސިހިގެންނެވެ.
"ސޮރީ ލަސްވީ ދޯ" ކައިރީގައި އިށީންނަމުން އާޝިދް ބުނެލިއެވެ.
"ލަހެއްނުވޭ" އިރާނިޔާ ބުނެލިއެވެ. އިރާނިޔާއަށް ނޭނގޭނެހެން ވަރަށް ފުން ނަޒަރަކުން އާޝިދް އިރާނިޔާގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ހަމަހިމޭންކަމެއް އޭނާއަށް ފެނިއްޖެއެވެ.
"ގުޅާނަމޭ ބުނެފަ ފަހުން ހަބަރެއްނުވޭ. ނިދީތަ؟" އާޝިދް ބުނެލިއެވެ.
"އާނ. އޭނަ ދިޔަތަނާ އެނދުގައި އޮށޯތީ ހޫރު ހޭލައިގެން ނިންދަވާލަން. އެހެން އޮށްވަ ނިދުނީ" އިރާނިޔާ ބުނެލިއެވެ.
"އަހަރެން ކައިރީގަ ނާހާނަންތަ އުނޭޝް ދެއްކި ވާހަކަތައް" އިރާނިޔާ ބުނެލިއެވެ.
"މުހިންމު ކަމެއް ނޫންވީމަ އަހަރެން ކީއްކުރަން އަހަންވީ" އުނޭޝް ބުނެލިއެވެ.
"ރާނީ ބޭނުންތަ ހޫރަށް ބައްޕަގެ ލޯބި ލިބެން. ބޭނުންތަ ހޫރު ބައްޕަ ކައިރީގަ ހުރެގެން ބޮޑުވާތަން ބަލަން" އާޝިދް ބުނެލިއެވެ. އިރާނިޔާ ޙައިރާންކަމާއެކު އާޝިދްގެ މޫނަށް ބަލައިލިއެވެ.
"އަހަރެންގެ ދަރިފުޅު ބޮޑުވާނީ އުފަން ބައްޕަ ނޫނަސް ހަމަ ވަރަށް ރަނގަޅު ބައްޕައެއް ކައިރީގައި ހުރެގެން. ކީއްވެ ތިސުވާލު ތިކުރީ؟" އިރާނިޔާ އެހިއެވެ.
"ރޭގަ އަހަރެންނާ އުނޭޝް ބައްދަލުކުރި" އާޝިދް ބުނެލިއެވެ.
***
"އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ވުމުގެ ކުރިން އަހަރެންނަކީ އާދައިގެ ޑޮކްޓަރެއް" ހީލަމުން ކަޝިޝް ބުނެލިއެވެ. ޙާއިޝާ ދުރަށް ޖެހިލުމާއެކު ކަޝިޝް އުނޭޝްގެ މަގަތުން އިށީނެވެ. އޭނާގެ ނަޒަރު އުނޭޝްގެ މޫނަށް ހުއްޓުނު ވަގުތު މޫނުމަތީގައި މާޔޫސްކަން ވަށާލައިފިއެވެ. އުނޭޝްގެ މޫނުމަތިން ފެންނަމުންދިޔަ ހިތްދަތިކަން އޭނާގެ ހިތުގެ ބައްޔަކަށް ވިއެވެ. ދުވަހަކުވެސް އެލޯބި ނުލިބޭނެ ހެއްޔެވެ؟
އުނޭޝްގެ ހުރިހާކަމެއް ކަޝިޝް ބަލަންދެން ޙާއިޝާ ދުރުގައި ހުއްޓެވެ. އަދިވެސް އޭނާގެ މޫނުމަތި ވަނީ މިލާފައެވެ. ކޮޓަރީގައި ތިބީ ކަޝިޝްއާއި ޙާއިޝާގެ އިތުރުން ޔަޝްފީއެވެ. މާލިކްއާއި އަދްޔަން ތިބީ ސިޓިންގރޫމުގައެވެ.
"ބީޕީ ވަރަށް ލޯކޮށް ހުރީ. އެހެންވެ އަނބުރައިގަތީ ހެން ހީވަނީ" ޙާއިޝާާއާ ދިމާލަށް އެނބުރިލަމުން ކަޝިޝް ބުނެލިއެވެ.
"މަންމަ ހާސްނުވޭ. އިރުކޮޅަކުން ހޭލާނެ. އުނީ ހޭލަންވާއިރަށް ރަނގަޅު ކާއެއްޗެއް ހަދާލާފަ ބަހައްޓާ" ތެދުވެ ޙާއިޝާ ބުރަކަށީގައި ފިރުމައިލަމުން ކަޝިޝް ބުނެލިއެވެ.
"އުނީ ހޭލީމަ އިތުރު ޓެސްޓްތައް ހަދާލަަން ހޮސްޕިޓަލަށް ދާންފެނޭ. އެކަމަކު އޭނަގެ ރުހުމާއެކު ދިޔައިއްޔާ ރަނގަޅުވާނީ" ހީލުމަކާއެކު ކަޝިޝް ބުނެލިއެވެ.
"މަންމާ! އަދި ވަރަށް މުހިންމު އެއްކަމެއް އެބައޮތް. އުނީ ކައިރީގައި ބުނޭ ހަގީގަތް ޤަބޫލުކުރާށޭ. އޭނައަށް ވިސްނައިދީ. އެކަން ކުރެވޭނެ މީހަކީ މަންމަ. އެހެންނޫނީ ކިތަންމެ ހިތްވަރުގަދަ މީހަކަށްވެސް އެހިތްދަތިކަން ބަރުދާސްތު ނުކުރެވި ހިނގައިދާނެ. ނަތީޖާ އައިސް އަރާހަމަކުރާއިރު ހުރިހާ މީހުންގެ ހިތްހަލާކު ވާވަރުގެ ކަމެއް ހިނގާފައި އޮވެދާނެ" ކަޝިޝް ވާހަކަދެއްކިއެވެ. ޙާއިޝާ ވިސްނައިލިއެވެ. ޑރ.ކަޝިޝް އެދެއްކީ ރަނގަޅު ވާހަކައެކެވެ. ވަގުތު ފާއިތުނުވަނީސް ދަރިފުޅަށް ވިސްނައިދޭން އެބަޖެހެއެވެ. ލޯ ކުރިމަތީގައި އެދަރިފުޅު ނިމިދާ މަންޒަރު ބަލަން އޭނާގެ ހިތަށް ކެތެއްނުވާނެއެވެ.
"ދެރަވީވަރުން އޭނަ އައިސް އޮތީ ގެސްޓްހައުސްގަ. ހަށިގަނޑަށް ގެއްލުންވާވަރުގެ އެއްވެސް ކަމެއް ކޮށްފައެއްނެތް. މާބޮޑަށް ހާސްނުވައްޗޭ. ވަގުތާއެކު ހުރިހާ ކަމެއްވެސް ރަނގަޅުވަނެ" ޙާއިޝާ އައިސް ހުއްޓުމާއެކު މާލިކް ބުނެލިއެވެ.
"ދޮންބެ ފޯނު ނިއްވާލީކީ ނޫން. ބެޓްރީ ހުސްވެގެން ނިވުނީ" އިތުރަށް އަދްޔަން ބުނެލިއެވެ.
***
އިރާނިޔާ އާޝިދްގެ މޫނަށް ބަލައިލިއިރު އެމޫނުމަތިން ޙައިރާންކަން ފާޅުވާން ހުއްޓެވެ.
"އާނ. އުނޭޝް އަދިވެސް އީރަންދެކެ ވަރަށް ލޯބިވޭ. ތަމަންނީގެ ސަބަބުން އޭނާ އީރަންގެ ލޯބި މަތިން ހިނދުކޮޅަކަށް ހަނދާންނެތުނީ" އާޝިދް ވާހަކަދެއްކިއެވެ. އޭނާ ވާހަކަދައްކަން ފެށި މައުޟޫއެއްގެ ސަބަބުން އިރާނިޔާ އިނީ އުނދަގުވެފައެވެ.
"ކީކޭ ތިކިޔަނީ؟ ކޮބާތަ ސިޑް ތިދައްކާ ވާހަކަތަކުގެ މާނައަކީ؟" އިރާނިޔާ އަހައިލިއެވެ. އޭނާގެ އަޑުގައިވި ހިތްހަމަނުޖެހުން އާޝިދަށް އިހުސާސްވިއެވެ.
"އޭނަ އަހަރެން ކައިރީގައި އީރަންގެ ލޯތްބަށް އެދި ސަލާން ޖަހައިފި. އަހަރެންގެ ދެފައި ދަށަށް ތިރިވި. އޭނާގެ ދެލޮލުން ވޭނެއް އަހަރެން ދުށިން" އާޝިދް ވާހަކަދެއްކިއެވެ.
"ކޮންޖަވާބެއް ސިޑް ދިނީ؟" އިރާނިޔާ އެހިއެވެ.
"އަހަރެން ބުނިން އީރަން ދާންހުރިއްޔާ އަހަރެން ތިދެމެދަށް ނުވަންނާނަމޭ" އާޝިދް ބުނެލިއެވެ.
"ތިހެންވިއްޔާ ތިކަން ތި ނިމުނީނު. އަހަރެން ހިތް ބޭނުންވާ ގޮތް ބުނިން. އަހަރެން ބުނިން އުނޭޝްގެ ދިރިއުޅުމަށް އެނބުރި ދިޔުމަށް ޝައުޤުވެރިކަން ނެތް ވާހަކަ" އިރާނިޔާ ބުނެލިއެވެ.
"މިއީ އިންސާފަކަށް ވާނެތަ...؟" އާޝިދް ބުނެލިއެވެ. އިރާނިޔާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އިތުރަށް އާޝިދާ ވާހަކަދައްކަން ބޭނުންނުވިއެވެ. ޖޯލިން ފުންމައިގެން ތެދުވެއްޖެއެވެ. އާޝިދަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.
"އަހަރެން ހިއެއް ނުކުރަން ސިޑް ތީ ތިހާ ފިނޑި މީހެއް ކަމަކަށް. އޭނަ ސިޑް ކައިރިއަށް ގޮސް މޮޅު ދެތިން ޖުމްލައެއް ބުނެލާއިރަށް މިހާރު ތިއުޅެނީ ނިންމާނެ ގޮތެއް ނޭނގިގެން" އިރާނިޔާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ. އާޝިދް ހިތުގައި ޖެހިއްޖެއެވެ.
"އީރަން...! އަހަރެން..." އާޝިދް މަސައްކަތްކުރީ އިރާނިޔާގެ އަތުގައި ހިފުމަށެވެ. އެހެންނަމަވެސް އިރާނިޔާ އަތް ފޮޅުވާލަފައިފިއެވެ.
"ނޭނގެ އަހަރެންނަކަށް. އަހަރެން މީ ކުޅޭކުޅޭ ބުދެއް ނޫނޭ ކޮންމެމީހަކު ބޭނުންވާއިރަށް ގާތްކޮށްފަ ފޫހިވީމަ ދުރުކުރަން. ސިޑްވެސް ބޭނުންނުވަންޏާ ދޫކޮށްލާފަ ދޭ. އަހަރެންގެ ދިރިއުޅުމަށް އަންނާނެ ފިރިހެނަކު ނުވިޔަސް ދުވަހަކުވެސް އުނޭޝް ކައިރިއަކަށް ނުދާނަން. އަހަރެންގެ ގަޔަށް އެއް ހޮރަކުން ދެވަނަ ފަަހަރަށް ކަށި ޖެހުމުގެ ޖާގައެއް އެއްވެސް ހަރުފައަކަށް ނުދޭނަން" އިރާނިޔާ ވާހަކަދެއްކިއެވެ. ގެއަށް ވަންނަން އިރާނިޔާ ދުއްވައިގަތެވެ. އިތުރަށް އާޝިދް ކައިރީގައި މަޑުކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ފަހަތުން އާޝިދްވެސް އެހާ ބާރަށް ދިޔައެވެ. އޭނާދެކެ އިރާނިޔާ އެހާބޮޑަށް ހިތްހަމަނުޖެހުނު އެއީ ފުރަތަމަ ފަހަރެވެ. އެކަންވެގެން ދިޔައީ އާޝިދްގެ ހިތުގައި އަޅުވައިލި ކޫރުމަކަށެވެ.
ކޮޓަރިއަށް ވަދެ ލޮކްކުރަން ވާއިރަށް އާޝިދަށް ދޮރުފަތް ހިފެހެއްޓުނީ ކިރިޔާއެވެ. ދޮރުފަތުން އަތް ދޫކޮށްލާފައި އިރާނިޔާ އެތެރެއަށް ހިނގައިގަތެވެ.
"ސޮރީ" ކޮޓަރި ދޮރުލައްޕާލާފައި އިރާނިޔާއާ ގާތަށް ފިޔަވަޅެއް އަޅަމުން އާޝިދް ބުނެލިއެވެ.
"ކައިވެނިކުރަން ރަންކީ ފަހުންތަ ސިޑްއަށް ގޮތް ނިންމަން ނޭނގިގެން ތިއުޅެނީ؟" އިރާނިޔާ ބުނެލިއެވެ.
"އީރަން ތިވިސްނަނީ ނުބައިކޮށް" މަޑުމަޑުން އާޝިދް ބުނެލިއެވެ.
"ދެން ކިހިނެއްތަ އަހަރެން ވިސްނަންވީ؟ ސިޑްގެ ވާހަކަތައް އަހަރެން ނޫން މީހަކު އެހި ނަމަވެސް ވިސްނާނީ ހަމަ މިހެން" އިރާނިޔާ ބުނެލިއެވެ. އަދިވެސް އޭނާގެ ރުޅިގަނޑު މައިތިރި ނުވެއެވެ.
"ވަރަށް ހިތްހަމަނުޖެހިފަ ތިހިރީ. އާދެބަލަ މިތަނުގައި އިށީންނަން. ހަމަޖެހިބަލަ" އިރާނިޔާ ދެކޮނޑުގައި ހިފައި ގެނެސް އެނދުގައި ބޭންދިއެވެ. އިރާނިޔާ ހަމަޖެހިލައިގެން އިނެވެ. އަދިވެސް އާޝިދް ދެއްކި ވާހަކަތައް ހަޖަމްކުރަން އޭނާއަށް އުނދަގުވަމުން ދިޔައެވެ.
"ބުނަންތަ ސިޑް ވާހަކައެއް. އަހަރެންގެ ލައިފްގަ މަޑުކުރަން ސިޑްއަށް އެއްވެސް ފޯސްއެއް އަހަރެން ނުކުރާނަން. އުނޭޝްގެ އެ ހާލަތު ދެކެން ސިޑްއަށް ކެތްނުވަންޏާ ޔޫ ކެން ލީވް..." އިރާނިޔާގެ އަޑު ކުރެހިގެން ދިޔައެވެ.
"އަހަރެން މިއަދު ވަރަށް ދެރަވެއްޖެ. އަހަރެންނަށް އަހަރެންގެ ފެންވަރު އިހުސާސްވެއްޖެ. އަހަރެންނާ އަހަރެންގެ ދަރިފުޅާމެދު ވިސްނާނެ އެއްވެސް މީހެއްނެތް. އެންމެންނަކީ އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން. އެކަހަލަ މީހުންނަށް އިނގޭނީ އަންހެންކުދިންގެ ފީލިންގްސްތަކާ ކުޅެން. އެކަހަލަ މީހުންގެ ލިސްޓުން ސިޑްއަށް ޖާގަދޭން އަހަރެން ބޭނުމެއްނޫން. އެކަމަކު އެކަހަލަ މީހަކަށް ތިވީ" އިރާނިޔާ ތެދުވިއެވެ.
"އަހަރެން އެކަނިވެލަން ބޭނުން" އިރާނިޔާ ބުނެލިއެވެ. އޭނާ ތެދުވެގެން ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. އެމަންޒަރު ބަލަން އާޝިދް އިނީ ހިތުގައިޖެހިފައެވެ. އިރާނިޔާ ހިތުގައި ޖެއްސުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވިފައެވެ. ދެލޮލުގައި ކަރުނަ ނެތަސް އޭނާގެ ހިތް ރޮމުންދާކަށް މޫނުމަތި ވަށާލާފައިވި ކުލަވަރުން ހާމަވައެވެ.
***
އުނޭޝް ދެލޯ ހުޅުވައިލި ގޮތަށް ކޮޓަރިއަށް ވެރިވެފައިވި ފަނޑު އަލިކަމުގެ ތެރެއަށް ދެލޯ ހާނުވައިލިއެވެ. ހުރިހާ ދިމާލަކަށް ބަލައިލި ވަގުތު އެނދުގެ އަނެއް ފަރާތުގައި ދެލޯ މެރިފައި އޮތް މަންމަ ފެނިއްޖެއެވެ. އުނޭޝްގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ހުރިހާކަމެއްގެ މަތިން ހަނދާންވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ފޯނުން ގަޑި ބަލައިލިރު ރޭގަނޑު ބާރަޖަހަން ގާތްވެއްޖެއެވެ. އަނެއްފަރާތަށް ފުރޮޅިލަމުން ދެބަނިދީގެ ރޭގައި އޮތް ޙާއިޝާ ދެލޯ ހުޅުވައިލިއެވެ. އެހިނދު ފޯނަށް ބަލަހައްޓައިގެން އުނޭޝް ހޭލާ އޮތް ތަން ފެނުނެވެ. ޙާއިޝާ ތެދުވެ ހެޑްބޯޑުގައި ލެގިލައިފިއެވެ.
"ދަރިފުޅު.. ރަނގަޅުތަ؟" އުނޭޝްގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ޙާއިޝާ ބުނެލިއެވެ. އުނޭޝް ޙާއިޝާގެ މޫނަށް ބަލައިލިއެވެ.
"ވަރަށް ބަނޑުހައިވެފަ މިހާރު ހުންނާނީ. މަންމަ އެބައަންނަން" ޙާއިޝާ ތެދުވެ އިސްތަށިތައް ރީތިކޮށްލިއެވެ. އުނޭޝް އޭނާގެ އަތުގައި ހިފުމާއެކު ޙާއިޝާ ބަލައިލިއެވެ. އުނޭޝްގެ ދެލޮލުގެ ތެރެއިން ވިދަމުންދިޔަ ކަރުނަތައް ފެނުމާއެކު ޙާއިޝާއަށް އެނދުގައި އިށީންނަން މަޖުބޫރުވި ކަހަލައެވެ.
"މަންމާ! އަހަރެންދެކެ ރާނީ ލޯތްބެއްނުވޭ. ރާނީ އެހެން ބުނި. އާޝިދާ އިންނަން ރަންވެސް ކިޔައިފި. ކިހާދެރަ" ކުރެހިފައިވާ އަޑަކުން އުނޭޝް ވާހަކަދެއްކިއެވެ.
"މަންމަ ކުރިންވެސް ބުނީމެއްނު. ރާނީއަކީ ދަރިފުޅުގެ މާޒީ. މާޒީ އެންމެ ރަނގަޅުވާނީ މާޒީއަށް ދޫކޮށްލިއްޔާ" އުނޭޝްގެ އިސްތަށިގަނޑުގައި ފިރުމަމުން ޙާއިޝާ ވާހަކަދެއްކިއެވެ.
"އަޅުގަނޑުގެ ހިތަށް ކެތްނުވޭ. ރާނީ ބޭނުން. އާއިލާ ފުރިހަމަވާން ބޭނުން. އެހެންނޫނީ އަޅުގަނޑުގެ ދުވަސް ހިނގައިދާނެ" އުނޭޝް ބުނެލިއެވެ. އޭނާއަށް މަޑުމަޑުން ގިސްލެވެންވެސް ފަށައިފިއެވެ.
"ހެޔޮނުވާނެ ދަރިފުޅާ. ތިވިސްނުން ދޫކޮށްލާ. ރާނީގެ ވާހަކަނުދައްކާ. ލޮލަށް ފެންނަމުންމިދާ މަންޒަރު ޤަބޫލުކުރޭ. އެމީހެއްގެ ފަރުވާކުޑަކަމުން ގެއްލުނު އެއްޗެއް އަލުން ހޯދަން އުޅުނީމަ އެންމެ އަވަހަށް ލިބޭނެ އެއްޗަކީ އެހެން މީހުންގެ މަލާމާތް. ވިސްނަންޖެހޭނީ ގެއްލުމުގެ ކުރިން. ގެއްލުމުގެ ފަހުންނެއްނޫން. އެހެންވީމަ އެހެން މީހުންގެ މަލާމަތާއި ފުރައްސާރައިން އަމިއްލަ ނަފްސު ދިފާއުކުރަން މަސައްކަތްކުރޭ" އުނޭޝްގެ ބުރަކަށީގައި ފިރުމަމުން ޙާއިޝާ ވާހަކަދެއްކިއެވެ.
"މީހުން ކިޔާފާނެ އެއްޗަކަށް އަޅުގަނޑު ނުވިސްނަން. އެމީހުންނަށް ކިހިނެއް އިނގޭނީ އަޅުގަނޑުގެ ހިތަށް ވަމުންމިދާ ގޮތް. ކިހިނެއް އެންމެންގެ ދުލުގަ ހިފަހައްޓާނީ. ކިހިނެއްތަ މީހުންގެ ވިސްނުން ބަދަލުކުރާނީ" އުނޭޝް ގޮތްދޫކުރަން ބޭނުންނުވާ ކަހަލައެވެ. ކޮންމެ ހާލެއްގަވެސް އިރާނިޔާ ހާސިލްކުރަން އޭނާ ބޭނުންވެއެވެ.
"ކިހިނެއް މަންމަ އުނޭޝްއަށް އިތުރަށް ވިސްނައިދޭނީ؟ އަހަރެން ވަރުބަލިވެއްޖެ. މަންމަ މަރުނުވެގެންތަ ތިއުޅެނީ؟" ޙާއިޝާ ވާހަކަދެއްކިއެވެ.
"ނޫން މަންމާ. ﷲ އިރާދަކުރެއްވިއްޔާ އެހާ އަވަހަށް މަންމަ މަރުނުވާނެ. މަންމައަކީ އަހަރެންގެ ހުރިހާވެސް ހިތްވަރަކީ. މަންމައަށް ވުރެ ބޮޑަށް އަހަރެންދެކެ ލޯބިވާނެ އެއްވެސް އިންސާނަކު ނެތް. މަންމަ ކޮންމެ ކަމެއްވެސް ކުރާނީ އަޅުގަނޑަށް ރަނގަޅަކަށް" އުނޭޝް ވާހަކަދެއްކިއެވެ. އަދި ޙާއިޝާގެ ދެލޯ ކައިރިން ފާޅުވާން ހުރި ކަރުނަތައް ފޮހެލައިދިނެވެ.
"ތިހުރިހާކަމެއް އިނގޭއިރު ކީއްވެ މި މަންމަގެ ބަސް ޤަބޫލުނުކުރަނީ؟" ޙާއިޝާ ބުނެލިއެވެ.
"ހިތްދެކޮޅުހަދާތީ. ރާނީ ބޭނުންވާވަރުން. އަދިވެސް ހިތުގައި އުންމީދެއް އޮތީތީ. ދަރިފުޅާ ވަކިވާންޖެހިދާނެ ކަމުގެ ބިރު ހިތުގައި އޮތީތީ" އުނޭޝް ވާހަކަދެއްކިއެވެ. ޙާއިޝާ އުނޭޝްއަށް ބަލަހައްޓައިގެން އިނެވެ.
"މަންމަ އެންމެފަހަރަކު ރާނީ އާ ބައްދަލުކޮށްބަލަ. އަޅުގަނޑަށްޓަކައި ވާހަކަދައްކަބަލަ. ފަހަރެއްގަ ރާނީގެ ވިސްނުން ބަދަލުކޮށްފާނެ. އަޅުގަނޑުގެ އުފާވެރިކަން އައިސް އަތުގައި ހިފައިފާނެ. ޕްލީޒް މަންމާ. ނޫނެކޭ ނުބުނައްޗޭ..." ޙާއިޝާގެ އަތުގައި ބޮސްދެމުން އުނޭޝް ބުނެލިއެވެ.
"ޔާރައްބީ. ތިއީ ކޮންކަހަލަ ބޮޑު ބޭއިންސާފެއް. މަންމަ ކިހިނެއް ރާނީ ކައިރިއަށް ދަރިފުޅުގެ ލޯތްބަށް އެދި ސަލާންޖަހަން ދާނީ. އޭރުން މަންމައަށް ރާނީ އާ މެދު އެވެވެނީ ބޭއިންސާފެއް ނޫންތަ؟ އެމަންޖެ ހީކުރާނީވެސް ކީކޭ. ދަރިފުޅު ވަރިކުރި ފަހުންވެސް މަންމަ ކައިރީގައި ބުނެފައި ނޫނީ އެއްވެސް ކަމެއް ކޮށްފައެއްނެތް" ޙާއިޝާ ވާހަކަދެއްކިއެވެ.
"ޕްލީޒް މަންމާ! އަޅުގަނޑަށް މިކަން ކޮށްދީ. މަންމަ ތިއީ އަޅުގަނޑުގެ އެންމެފަހުގެ އުންމީދަކީ. މަންމައަށް ރާނީ ނޫނެކޭ ބުނެފިއްޔާ އަޅުގަނޑު އެވިސްނުމާ ދުރަށްދާނަން. މިއީ އަޅުގަނޑު ވާ ވަޢުދެއް" ޙާއިޝާގެ އަތްތިލައިގައި ވަޢުދުވަމުން އުނޭޝް ބުނެލިއެވެ. ވިސްނުމަކަށް ގެއްލިފައި އިންނަހެން ޙާއިޝާ ގަބުވެފައި އިނެވެ.
***
އިރާނިޔާ ކޮޓަރި ހުޅުވައިލީ ދަންވަރު އެކެއްޖަހަން އުޅެނިކޮށެވެ. ސިޓިންރޫމުގައި މީހަކު އިންހެން ޔަޤީންވީ މީހެއްގެ ނޭވާގެ އަޑު އިވޭހެން ހީވުމުންނެވެ. އޭނާ ރަނގަޅަށް ބަލައިލިއިރު ސޯފާގައި މީހަކު އިންކަން ޔަޤީންވިއެވެ. ހިމޭންކަން ވެރިވެފައިވާ ގޭތެރެއިން އެމީހާއާ ދިމާލަށް އޭނާ ފިޔަވަޅު އަޅައިލިއެވެ.
ބޮލުގެ ދެފަރާތުން ހިފަހައްޓާލައިގެން އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ އާޝިދް ފެނި އިރާނިޔާ ހުއްޓުން އެރިއެވެ. ގެއިން އާޝިދް އަދިވެސް ނުދަނީ ހެއްޔެވެ؟ އިރާނިޔާގެ މޫނުމަތީގައި ޙައިރާންކަން ވަށައިލިއެވެ. އާޝިދް އިންހާލު ފެނި ހިތުގައި ރިހުމެއް އުފެދިއްޖެއެވެ.
"ސިޑް...!" ތުރުތުރު އަޅަމުންދިޔަ އަޑަކުން އިރާނިޔާ އާޝިދަށް ގޮވައިލިއެވެ.
(ނުނިމޭ)