ފަންސާސްތިންވަނަ ބައި
"ދޭ ދަރިފުޅާ. ދަރިފުޅު ކުރިމަތީގަ މިރޭ ރާނީ ނޫނެކޭ ބުނާނެ. ރާނީގެ ދުލުން އެހެންބުނީމަ ނޫނީ ދެރަގަބޫލުކުރަން ދަރިފުޅުގެ ޒަމީރު އެއްބައެއް ނުވާނެ. ޔާ ﷲ މިއަޅާގެ ދަރިފުޅުގެ ފާފަތައް ފުއްސަވާ އެދަރިފުޅަށް ކެތްތެރިކަން ދެއްވާށި. އާމީން" އުނޭޝް ނިކުމެގެން ދިޔަ ދިިމާލަށް ބަލަން ހުރެފައި ހިތާހިތުން ޙާއިޝާ ކިޔައިލިއެވެ.
***
ބޭރު ޖޯލީގައި އިނދެފައި އިރާނިޔާ ހިމޭންކަމާއެކު ކައިރީގައި އިން އާޝިދަށް ބަލައިލިއެވެ. އާޝިދްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިޔަސް އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން އިރާނިޔާއަށް އިހުސާސް ވެއްޖެއެވެ. އެހެންކަމުން އޭނާ އާޝިދްގެ އަތްތިލައަށް ފިތާލިއެވެ.
"އޭނަ ގެއިން ނައްޓާލައިފި" މަޑުމަޑުން އިރާނިޔާ ބުނެލިއެވެ. އާޝިދްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ.
"އަހަރެން ގެއަށް ދަނީ. ނިންމާފަ ހަބަރެއް ވެލައްޗޭ" އާޝިދް ތެދުވަން އުޅުނެވެ. އެހިނދު އިރާނިޔާ އާޝިދްގެ އަތުގައި ހިފެހެއްޓިއެވެ.
"އަހަރެންނަށް އިތުބާރު ކުރަންތަ؟" އިރާނިޔާ އަހައިލިއެވެ.
"އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް" އާޝިދް ބުނެލިއެވެ.
"ގުޅާނަން އިނގޭ. ފޯނު ނަގައްޗޭ" އިރާނިޔާ ބުނެލިއެވެ. އާޝިދް ބޯޖަހާލައި ދުރުގައި ހުރި ސައިކަލާއި ދިމާލަށް ހިނގައިގަތެވެ. ސައިކަލް ސްޓާޓް ކޮށްފައިވެސް އާޝިދް އިރާނިޔާއަށް ވަރަށް ވެސް ފުންނަޒަރަކުން ބަލައިލިއެވެ. އޭނާގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން އޭނާ ފޮރުވަން ބޭނުންވިޔަސް އެކަމުގައި އޭނާ ނާކާމިޔާބުވަމުން ދިޔައެވެ.
އާޝިދް ނައްޓާއިލިތާ މާގިނައިރު ނުވަނީސް އުނޭޝް އިރާނިޔާ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. އިރާނިޔާ އިސްއޮބާލައިގެން ހުއްޓެވެ. އަތުގައި އޮތް ފޯނުގައި ދެއަތުން ބާރަށް ހިފަހައްޓައިގެން ހުރިއިރު އޭނާއަށް ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ. ސައިކަލް ޕާކްކޮށްފައި އުނޭޝް އައިސް ހުއްޓުނީ އިރާނިޔާގެ ކުރިމަތީގައެވެ. ހުދުކުލައިގެ އަތްދިގު ކުރުތާއާ ކަޅު ކުލައިގެ ސްކިނީގައި އޭނާގެ އިސްތަށިގަނޑު އެއްކޮށްލާފައި އެއްފަރާތުން ކުރިމައްޗަށް ގެނެސްފައި ހުއްޓެވެ. އާޝިދަށް އިރާނިޔާގެ އެ ސްޓައިލް ވަރަށް ކަމުދިޔައެވެ.
"މިތަނުގަތަ ވާހަކަދައްކާނީ؟" އިރާނިޔާ ބަހެއްނުކިޔާ ހުރުމުން އުނޭޝް ބުނެލިއެވެ.
"މިތަން ރަނގަޅު ނޫނީތަ؟" އިރާނިޔާ ބުނެލިއެވެ.
"އަހަރެން މަގުމަތީގަ ހުންނަން ވަރަށް ލަދުގަނޭ. ގޭތެރޭގަ ވާހަކަނުދެއްކޭނެތަ؟" އުނޭޝް ބުނެލިއެވެ. ތެދެކެވެ. މިހާރުވެސް މަގުމަތިންދާ މީހުންގެ ނަޒަރުު އޭނާއަށް ހުއްޓެން ފަށައިފިއެވެ.
"ކޮޓަރީގަ މައްސަައެއްނެތްތަ؟ އިރުކޮޅަކުން ގޮމަ ކައިިރިއަށް ޓިޔުޝަނަށް އަންނަ ދެކުއްޖަކު އަންނާނެ" އިރާނިޔާ ބުނެލިއެެވެ.
"އެންމެރަނގަޅު" އެގޮތް އުނޭޝްއަށް މާ ކަމުދިޔައެވެ.
އިރާނިޔާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން އުނޭޝް ދިޔައެވެ. ކޮޓަރިއަށް ވަންނަން އުނޭޝްއަށް ދައުވަތު ދެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ. އުނޭޝްއަށް ހެޔޮ މީހަކަށް ވާން އޭނާ ބޭނުންނުވިޔަސް ހަރުކަށި ކަމެއްވެސް ނުދެއްކުނެވެ.
"ކޮޓަރި ހުޅުވާފައި ބަހައްޓާ" އެތެރެއަށް ވަދެފައި އުނޭޝް ދޮރުލެއްޕުމުން އިރާނިޔާ ބުނެލިއެވެ.
"އޭސީ ޖައްސާފައެއްނު. އަހަރެން ބޭނުންވަނީ ހަމައެކަނި ވާހަކަދައްކާލަން. ބިރުނުގަނޭ" އުނޭޝް ބުނެލިއެވެ. އިރާނިޔާ އިތުރަށް އެއްޗެއް ނުބުނެ ގޮސް އިށީނީ ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑީގައެވެ. އިރާނިޔާގެ އެ ހިމޭންކަން އުނޭޝްއަށް ޖަވާބަކަށް ވިއެވެ. ދޮރުލައްޕާލާފައި އެނބުރިލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުުގައި ލޯބިކޮށް ނިދާފައި އޮތް އޭނާގެ ދެލޯފަދަ ލޯބިވާ ދަރިފުޅެވެ. އޭނާއަށް ކުރިއަށް ފިޔަވަޅެއް އެޅުނެވެ. އެނދުގައި އެއްފައިގެ ކަކޫ ވިއްދާފައި ހޫރާއި ދިމާލަށް ގުދުވެލާފައި ފުށްކޮޅެއްފަދަ ލޯބި ކޯތާފަތުގައި ބޮސްދީފިއެވެ. ނިދީ ތެރޭގައި އޮވެފައިވެސް ހޫރަށް ބައްޕަގެ ބީހުން އިހުސާސްވެ ރަތްކުލައިގެ ކުޑަކުޑަ ތުންފަތްކޮޅަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ.
"ކޮންވާހަކައެއް ދައްކަން އުޅުނީ؟" އިރާނިޔާ ބުނެލިއެވެ. ހޫރުގެ މޫނުން ނަޒަރުވަކިކޮށް އުނޭޝްގެ ނަޒަރު އިރާނިޔާއަށް ހުއްޓާލައިފިއެވެ. އޭނާ ކޮޓަރި މެދުގައި ކޮޅަށް ހުއްޓެވެ. ވާހަކަފަށާނެ ގޮތަކާއިމެދު ވިސްނައިލިއެވެ. އިރާނިޔާގެ ނަޒަރު ހުއްޓިފައިވަނީ ހޫރަށެވެ.
"އަހަރެންނަށް އިނގޭ ރާނީ ކުރިމަތީގައި ވާހަކަދެއްކޭނެ ފެންވަރުގެ މީހެއް ނޫންކަން އަހަރެންނަކީ. އަހަރެންނަށް ވަނީ ވަރަށް ނުބައި ކަންތައްތައް ކުރެވިފައި. އަހަރެންނަށް ކުށްކުރެވިއްޖެ. އަހަރެންނަށް މަޢާފްކުރޭ. ވަގުތުފާއިތުނުވަނީސް ހެއްދެވިފަރާތުން އަހަރެންނަށް ރަނގަޅު މަގު ދައްކަވައިފި" އުނޭޝް ވާހަކަދެއްކިއެވެ.
"އަހަރެން މަޢާފްކޮށްފިން" އިރާނިޔާ ބުނެލިއެވެ. އުނޭޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ހިތަށް ލިބިއްޖެއެވެ.
"އަހަރެންނަށް އިހުސާސްވެއްޖެ އަހަރެންގެ ހިތުގައި އަދިވެސް ވަނީ ރާނީކަން. އެފަދަ ބަދަލެއް އަހަރެންނަށް އައީ ޝާއިތާނާގެ ނުބައިކަމުން. އަހަރެންނަށްވެސް އެއްބާރުލުން ދެވުނީ. އަހަަރެންގެ މުށުތެރޭގައި އަގުބޮޑު ޖަވާހިރެއް އޮތްއިރު ވިސްނާނުލާ އެއްލައިލެވުނީ. ދުނިޔެ އުމުރު ރާނީ ކައިރިން މަޢާފަށްއެދެން އަހަރެން ބޭނުން" އުނޭޝް ވާހަކަދެއްކިއެވެ. އިރާނިޔާ ބަހެއް ނުކިއިއެވެ.
"އަހަރެންނަށް ދެވަނަ ފުރުސަތެއްދެވެން ނެތްތަ؟" އުނޭޝް އަހައިލިއެވެ. މިފަހަރުވެސް އިރާނިޔާ ބަހެއް ނުކިއިއެވެ.
"އަހަރެން އަދިވެސް ރާނީ ބޭނުން. ވަރަށް ލޯބިވޭ" އަސަރާއެކު އުނޭޝް ބުނެލިއެވެ. އިރާނިޔާ އަނެއްފަރާތަށް އެނބުރުނެވެ. އޭނާއަށް އެވާހަކަތައް އަހަން އުނދަގުވަމުން ދިޔައެވެ.
"ކޮންމެސް ޖަވާބެއްދީބަލަ. ތިހެން ނުހުރޭ" އުނޭޝް ބުނެލިއެވެ. އޭނާ އައިސް އިރާނިޔާ ކުރިމަތީގައި ހުއްޓިއްޖެއެވެ. އިރާނިޔާ ފަހަތަށް އެނބުރުނެވެ. އުނޭޝްއާ ކުރިމަތި ލައިގެން ހުރެ ވާހަކަދައްކަން އޭނާ ބޭނުމެއްނުވިއެވެ.
"އުނޭޝްގެ ދުލުން ތިދެއްކި ވާހަކަތައް އަހަން އަހަރެން ބޭނުންވީ މިއަދަކު ނޫން. މާކުރިން. ކީއްވެ ކުރިން ތިވާހަކަތައް ނުބުނީ؟ މިހާރު އަހަރެންނަށް ތިވާހަކަތަކަށް އިތުބާރު ކުރެވޭކަށްނެތް" އިރާނިޔާ ބުނެލިއެވެ.
"ރާނީ. ތިހެން ނުބުނޭ. އަހަރެންނަށް ދެވަނަ ފުރުސަތެއް ދީފަ ނިކަން ބަލައިލަބަލަ. އަހަރެން ބަދަލުވެފައިވާ މިންވަރު ފެންނާނެ. އަހަރެން މާޔޫސްކޮށްނުލާ. އަހަރެން ކުރިިކުށުގެ އަދަބު ތިގޮތަށް ނުދީ" އުނޭޝްގެ އަޑުގައިވަނީ އާދޭހެވެ.
"އުނޭޝް އަހަރެންނަށް މަޖުބޫރުނުކުރޭ. އުނޭޝް ކުރި ކަންތައްތަކަށް އަހަރެން މަޢާފްދީފިން. މަޢާފްކުރުމަކީ އަހަރެންނަށް ފަސޭހަކަމެއް އެކަމަކު އަލުން އިތުބާރު ކުރުމަކީ ދުވަހަކުވެސް އަހަރެންނަށް ކުރެވޭނެ ކަމެއްނޫން" އިރާނިޔާ ވާހަކަދެއްކިއެވެ.
"ނޫން ރާނީ. އަހަރެން މިތަނަށް މިއައީ ވަރަށް ބޮޑު އުންމީދަކާއެކު. އަހަރެން ހުސްއަތާ ފޮނުވާނުލާ. އަހަރެންނަށް އިތުރު ފުރުސަތެއްދީ. އާދޭސްމިކުރީ" އުނޭޝް އާދޭސްކުރަން ފެށިއެވެ. އެވާހަކަތައް އަހަން އިރާނިޔާއަށް އުނދަގުވަމުން ދިޔައެވެ. އޭނާގެ ހިތަށް ފުންއަސަރުތަކެއް ކޮށްފިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް އުނޭޝްއަށް ފެނުމުގެ ކުރިން ހިންދައިލިއެވެ.
"ރާނީ..!! އާދޭ އަހަރެން ކައިރިއަށް. ރާނީ ބުނި ކޮންމެ ކަމެއްވެސް އަހަރެން ކޮށްފާނަން. ތިލޯތްބަށްޓަކައި. އަހަރެންނަށް ހެދުނު ގޯސްތައް ރަނގަޅުކުރުމަށްޓަކައި ރާނީ ބުނޭ. އަހަރެން މަރުވެސްވެދާނަން" އުނޭޝް ކިޔަމުން ދިޔައެވެ.
"ހުއްޓާލާ އުނޭޝް. ތިވާހަކަތައް ހުއްޓާލާ. އަހަރެން ތިވާހަކަތައް އަހާކަށް ބޭނުމެއްނޫން" އިރާނިޔާ ބުނެލިއެވެ. އުނޭޝްއަށް ރޮވިއްޖެއެވެ. ހިތުގައި އޮތްގޮތަށް ކާމިޔާބު ނުވުމުން އޭނާގެ މުޅި ނަފްސުު މަރުވިހެން ހީވެއްޖެއެވެ. ރޮއެރޮއެ ދެލޯ ފާރުވެއްޖެއެވެ. ހިތުގައި އުފެދުނު ހުރިހާ ހިތްހަމަޖެހުމެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ.
"ރާނީ..!! ތިއީ ފަހުގެ ނިންމުންތަ؟" އުނޭޝް އަހައިލިއެވެ. ރޮވިފައިވި އަޑަކުންނެވެ.
"އަހަރެމެންގެ މިކުޑަކުޑަ ދަރިފުޅަށްޓަކައި. އެދަރިފުޅުގެ މުސްތަގުބަލަށްޓަކައި ވެސް އަހަރެންނަށް އިތުރު ފުރުސަތެއް ނުދެވޭނެތަ؟" އިރާނިޔާގެ ފަހަތުގައި ހުރެ އުނޭޝް ބުނެލިއެވެ. އިރާނިޔާ ދެފަރާތަށް ބޯހޫރާލައިފިއެވެ. އުނޭޝްގެ ހިތުގައި އިންތިހާއަށް ރިއްސަންފެށިއެވެ.
"ރާނީ ކީއްވެތަ ހުރިހާ ކަމަކަށް ނޫނޭކޭ ބުނާއިރު އަހަރެންނާ ހަތަރުކަޅި ހަމަނުކުރަނީ. އަހަރެންނަށް ބަލަހައްޓައިގެން ހުރެފަ ބުނެބަލަ. ރާނީގެ ހިތުގައި އަހަރެންނަށްޓަކައި އެއްވެސް އިހުސާސެއް ނެތޭ. ބުނެބަލަ އަހަރެންދެކެ ލޯބިނުވެޔޭ. އޭރުން އަހަރެން ދުވަހަކުވެސް ރާނީ ކުރިމައްޗަށް ނާރާނަން" އުނޭޝް ވާހަކަދެއްކިއެވެ. އޭނާ އިރާނިޔާގެ އަތުގައި ހިފާ އޭނާއާ ދިމާލަށް އަނބުރައިލިއެވެ.
"ބުނޭ. ފަހު ފަހަރަށް ބުނޭ. މިކަރުނަތަކުގެ މާނަ އަހަރެން ނަގަންވީ ކިހިނެއް؟ އަހަރެންގެ ވިސްނުމަށް އަންނަނީ ހަމަ އެންމެ އެއްޗެއް" އުނޭޝް ބުނެލިއެވެ. އިރާނިޔާގެ ކަރުނައިން ފުރިފައިވި ދެލޯ ވަނީ އުނޭޝްގެ ދެލޮލާއި އަމާޒުކުރެވިފައެވެ. އޭނާގެ ދެތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ.
އިރާނިޔާ އެސްފިޔަތައް ތިރިކޮށްލިއެވެ. އުނޭޝްއަށް ތެދުހާމަކޮށްދޭންވީ ވަގުތު ޖެހުނީކަން އަމިއްލަ ނަފްސު ހަނދާންކޮށްދީފިއެވެ. އުނޭޝްއަށް ހީކުރެވިފައިވީ ރަނގަޅަށް ނޫންކަން ބުނަން ބޭނުންވިއެވެ.
"އުނޭޝް! އަހަރެން... އަހަރެން ލޯބިވަނީ ސިޑްދެކެ" އިރާނިޔާ ބުނެލިއެވެ. އިރާނިޔާގެ ދެކޮނޑުން ކުއްލިއަކަށް އުނޭޝްއަށް އަތް ދޫކޮށްލެވިއްޖެއެވެ.
"އުނޭޝް އަހަރެންނަށް އަނިޔާކޮށް ރޮއްވާ ހެދިއިރުވެސް އަހަރެންގެ ހިތް ހަމައެކަނި އެދުނީ ތިލޯތްބަށް. އެންމެފަހަރަކު އަހަރެންނަށް ރުހުމުގެ ލޮލަކުން ބަލާލާނެނަމައޭ ކިތަންމެ ފަހަރަކު ހިތަށްއެރި. އަހަރެންގެ ބަނޑުގައި އޮތް އުނޭޝްގެ ދަރިފުޅާއި ބެހޭގޮތުން ސުވާލުކޮށްލާނެ ނަމައޭ ހިތަށްއެރި. އަހަރެން ވަރަށް އިންތިޒާރުކުރިން. ވަރަށް ދުޢާވެސް ކުރިން. ހެއްދެވިފަރާތުން އަހަރެންނަށް މެދުވެރިކުރައްވާނީ އެންމެރަނގަޅު ގޮތަށޭ ހިތާ އަހަރެން ކެތްތެރިވިން. އެ ހިތާމައާއި އުދާސްވެރި ކަމުގައި އަހަރެންނަށް އެންމެބޮޑު އެހީތެރިކަމެއްވެދިނީ ސިޑް. އަހަރެންނަށް ނުވެސް އެނގި އަހަރެމެންގެ ދެމައިންގެ ހުރިހާ ހަރަދެއް ބެލި. އެހިތްހެޔޮކަން އަހަރެންގެ ހިތްބަލައިގަތީ ލޯބީގެ ސިފައިގައި. އަހަރެންގެ ހިތް ބުނެދީފި އަހަރެންނަށް ލޯބިވެވިފައި ވަނީ ސިޑްދެކެކަން. އަހަރެމެންގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ. އަހަރެން ސިޑްއާ ކައިވެނިކުރަން މިއަދު ރަންކިޔައިފިން. އަހަރެންގެ ވިސްނުމާއި ފިކުރު އުނޭޝްގެ ހިތާއި ސިކުނޑިން ފޮހެލާ. އަހަރެން މުޅިން ބަދަލުވެއްޖެ. އަހަރެންންނަކީ ހަމައެކަނި ސިޑްގެ މީހެއް. ދަރިފުޅުގެ މުސްތަގްބަލަށްޓަކައޭ ބުނެ އަހަރެން އަހަރެންގެ އުފާވެރިކަން ވެއްޔާއި މޮޑެލާންވީ ކީއްވެ؟ ދަރިފުޅުގެ މަންމަ ހިތްހަމަޖެހިގެން ހުރިއްޔާ ދަރިފުޅުވެސް ހުންނާނީ އުފަލުން" އިރާނިޔާއަށް ވާހަކަދެއްކުނީ އޭނާ ވަރަށް ހިތްވަރުކޮށްގެންނެވެ. ހަގީގަތުގައިވެސް އާޝިދް ދެކެ އޭނާއަށް ލޯބިވެވިއްޖެކަން އެވަގުތު އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. އެހެންނޫންނަމަ އުނޭޝް ކުރިމަތީގައި ފާޅުގައި ލޯތްބަށް އިންކާރު ނުކުރެވުނީހެވެ.
އިރާނިޔާގެ ވާހަކަތައް އަހާފައި އުނޭޝްއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ހަތަރުކަޅި ހަމަކޮށް އިރާނިޔާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ.
"އުނޭޝް ދެން ދޭ. އަހަރެންގެ ހިތްހެޔޮ. އުނޭޝް ވާނީ އަބަދުވެސް ހޫރުގެ ބައްޕައަށް. ތިދެބަފައިން ދުރުކުރަން އަހަރެން ދުވަހަކުވެސް މަސައްކަތެއް ނުކުރާނަން" އިރާނިޔާ ބުނެލިއެވެ. އުނޭޝް ފަހަތަށް އެނބުރިއްޖެއެވެ. ފަސްބެލުމެއްނެތި ކޮޓަރީގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. މަޑުމަޑުން ދިޔައިރު ކަރުނަތަކާއެކު އޭނާގެ ދެލޮލަށް ފުސްވާން ފަށައިފިއެވެ. މޭގައި އެއް އަތުން އަތް ހިންގައިލެވުނީ އެހިތުގައިވި ހުސްކަމަށް ބަދަލެއް ނައުމުންނެވެ. އެމަންޒަރު ބަލަން އިރާނިޔާއަށް ހުރެވުނީ ކަރުއެލުވާލައިގެންނެވެ. އޭނާއަށް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އޭނާގެ ހިތް ވަނީ އާޝިދްއަށް ހިބައިން ދެވިފައެވެ.
***
ދަމުނަމާދަށް ހޭލިގޮތަށް ޙާއިޝާ މިސްރާބުޖެހީ އުނޭޝްގެ ކޮޓަރިއާ ދިމާލަށެވެ. ތަޅުގައި ހިފައިލިއިރު ލޮކްކޮށްފައި ހުރުމުން ޙާއިޝާ ހިތްހަމަޖައްސައިލިއެވެ. އުނޭޝް ގެއަށް އައިކަން އިނގި އަނބުރާ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. އޭނާއަށް ނިދުނީ އުނޭޝް އަންނާނެ އިރެއްގެ އިންތިޒާރުގައި އިންދައެވެ. އިރާނިޔާގެ ޖަވާބު އިނގުމުން ދަރިފުޅުގެ ހިތަށް ހާދަ އަސަރެއް ކުރާނެއެވެ. އެކަމަކު އުނޭޝް ވެސް ހަގީގަތް ޤަބޫލުކޮށް ދިރިއުޅުމާއި ކުރިމަތިލާން ޖެހޭނެތާއެވެ. އަމިއްލަ ހިތާ ވާހަކަދައްކަމުން ޙާއިޝާ ކޮޓަރިއަށް ވަނެވެ.
***
މުޅިން އާ ދުވަހެކެވެ. ގުމްރޫހްގެ ރަންކިޔުން ހަމަޖެހިފައި އޮތީ އޭނާގެ ގޭގައެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. ރަންކިޔުއްވަން އައި މީހުންނަށް ސައި ހަދާލާފައި އޮތެވެ. ތަށި މައްޗަށް މަޑުކޮށްލައިގެން ހުރީ އިރާނިޔާއެވެ. އޭނާގެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ. ހޫރު ގޮވައިގެން ރުޒާނާ އިންއިރު އޭނާގެ ތުންފަތްމަތިންވެސް ހިނިތުންވުން ފިލައިނުދެއެވެ.
ރަންކިޔާ ނިމި ހެކިވެރިން ގެއިން ނިކުތުމާއެކު ގުމްރޫހް އޭނާގެ ކައިރީގައި އިން އީސަގެ ކޮނޑުގައި ބޯއަޅާލިއެވެ. ލޯތްބާއެކު އީސަ ހުރި ހަމައެކަނި ދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ.
"ދުވަސްކޮޅަކުން މިގޭ އުފާވެރިކަން ނެތިގެން ހިނގައިދާނެ. ގޭތެރެ ފަޅުވެ މަންމައާއި ބައްޕަ އެކަނިވެދާނެ" ގުމްރޫހް ކައިރީގައި އައިސް އިށިން ރުޒާނާ ބުނެލިއެވެ. ގުމްރޫހްގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"ތިކަހަލަ ވާހަކަނުދައްކާ. ކައިވެނިކޮށްގެން ދިޔަސް މި ފަސްގަނޑުގަ މަންމައާއި ބައްޕަ ލޮލަށް ފެންނަ ހިސާބުގައި އަޅުގަނޑު ހުންނާނީ" ގުމްރޫހް ބުނެލިއެވެ.
"ރާނީއްތާ...!" ދުރުގައި ހުރި އިރާނިޔާއަށް ގުމްރޫހް ގޮވައިލިއެވެ.
"ހަމަ އެއް ޑޭޓެއް ޖެހީ" އިރާނިޔާ އައިސް ކައިރީގައި ހުއްޓުމުން ހިނިތުންވުމަކާއެކު ގުމްރޫހް ބުނެލިއެވެ. އިރާނިޔާއަށް ހެވުނެވެ.
***
ބައިސްކަލުގައި ދުއްވާފައި އައި ޝެނަލް މަޑުކޮށްލީ އޯޝަންވޭ ކުރިމައްޗަށެވެ. އެއީ ހުޝާމްގެ ގެއެވެ. ހުޝާމްއަށް ވެސް އިނގުމަކާނުލާ އޭނާ އެގެއަށް އައީ ހުޝާމްއާ ބައްދަލުކުރުމަށެވެ. ދޮރާށި ހުޅުވާލާފައި ބައިސްކަލް އެތެރެއަށް ވެއްދިއެވެ. ބަގީޗާ ގަސްތައް ކައިރީގައި ބައިސްކަލް ބަހައްޓާފައި ގޭތެރެއަށް ވަންނަން އުޅުނު ޝެނަލް ކުޑަދޮރުން ބަދިގޭގައި ހުރި ޝިރޫއަށް ފެނިއްޖެއެވެ. ތުވާލިކޮޅުން އަތް ފޮހެލާފައި ޝިރޫ ނިކުމެގެން އައިސް އުފާވެރި ހިނިތުންވުމަކާއެކު ޝެނަލްއާ ބައްދަލުކުރިއެވެ.
"ކާންވީނުން" ހިތްހެޔޮކަމާއެކު ޝިރޫ ބުނެލިއެވެ.
"މަންމަ މިއަދު މާ މީރުކޮށް ނޫޑްލްސް ކެއްކި ދުވަހެއް. ވަރަށް ބައިވަރު ކެވިއްޖެ" ބަނޑުގައި ފިރުމައިލަމުން ޝެނަލް ބުނެލިއެވެ.
"ކަމަކުތަ އަނެއްކާ. އެހެންޏާ ނާންނަ ގަޑިއެއްގަ ފެނުނީމަ މިއަހާލީ" ޝެނަލްގެ ބުރަކަށީގައި ފިރުމައިލަމުން ޝިރޫ ބުނެލިއެވެ.
"ޝާމް ހޯދަން. ވަރަށް ގުޅައިފިން. ފޯނެއް ނުނަގާ. އެކަކުވެސް ނެތީތަ؟ އީޝް ވެސް ނުފެނޭ" ގޭތެރޭގެ ހުރިހާ ދިމާލަށް ލޯ ހިންގައިލަމުން ޝެނަލް ބުނެލިއެވެ.
"ކުޑަމީހާ ގޮވައިގެން އެސޮރު ވެއްޖެ އެތެރޭގަ. އެދުވަހުގެ ފަހުން ހުންނަނީ ފާޑަކަށް. ދެން ވިސްނާނެތާ. ފަހުން ރަނގަޅުވާނެކަމަށް ޝިރޫދައްތަ މިވިސްނަނީ" ޝިރޫ ވަހަކަދެއްކިއެވެ. އޭނާގެ އަޑުގައިވީ މަޑުމޮޅިކަމެވެ.
"އަޅުގަނޑު ވަދެލަންތަ ޝާމްގެ ކޮޓަރިއަށް" ޝެނަލް ހުއްދައަކަށް އެދުނެވެ.
"އަވަހަށްދޭ. ތިކަމުގަ ހުއްދައެއް ހޯދާކަށް ނުޖެހޭނެ" ޝެނަލް ހިނގައިގަތުމުން ޝިރޫ ކުރަން ހުރި މަސައްކަތަށް މިސްރާބު ޖެހިއެވެ.
***
ތިންފަހަރު ޓަކި ޖެހުމުން ހުޝާމްގެ ހަބަރެއް ނުވިއެވެ. ތަޅުގައި ހިފާ އަނބުރައިލީ ދެފިކުރެއްގައި ހުރެފައެވެ. ދިމާލަށް ހުރި ކިންގް ސައިޒްގެ ބޮޑު އެނދުގައި ނިތްމައްޗަށް އަތް އެއްލައިގެން ހުޝާމް އޮތެވެ. އޭނާގެ ކައިރީގައި ހުޝާމްގެ ފޯނު އަނގައަށް ލައިގެން އީޝް ކުޅުމުގައި އިނެވެ. ޝެނަލް ފެނުމާއެކު އީޝް އަނގަ ތަންމިނަށް ހުޅުވާލާފައި ހީލިއެވެ. އެހިނދު ބޮޑު ސޮނިގުޅަ ވެއްޓުނީ އީޝްގެ އުނގުތެރެއަށެވެ. ޝެނަލްގެ ހިތް ލޯބިން ފުރުނެވެ. ކައިރިއަށް ގޮސް އީޝް އުރާލާފައި ކޮލުގައި ބޮސްދިނެވެ.
"ޝާމް..!" އެހުރިހާއިރުވެސް ހުޝާމްއަށް ކޮޓަރިއަށް މީހަކު ވަންކަމެއް ނޭނގެއެވެ. އޭނާ ސިހުނީ ދާދި ކައިރިން މީހަކު އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ. ބަލައިލިއިރު އީޝް އުރާލައިގެން ކައިރީގައި ޝެނަލް ހުއްޓެވެ.
"ޝާނީ...! ނުވެސް އިނގޭ" ހެޑްބޯޑުގައި ހަށިގަނޑު ސީދާކޮށްލަމުން ހުޝާމް ބުނެލިއެވެ.
"އެއްޗެއް އިނގޭނީވެސް މީހާ ހަމަ ދުނިޔޭގަ ހުރެގެންތާ. ޝާމް! ތިއީ ދެން ކޮންކަމެއް؟ އެންމެ މީހަކު ޝާމްގެ ލޯބީގައި ކޮޅުފައިން ޖެހީމަ އޭގެ މާނައަކީ ދިރިއުޅުން ހުއްޓަލާށޭ ނޫނެއްނު. އަހަރެންވެސް މިހިރީނު. މާޒީވެ ގޮސްފައިވާ ކަންތައް މާޒީއަށް ދޫކޮށްލައިގެން" ހުޝާމް ކައިރީގައި އިށީންނަމުން ޝެނަލް ވާހަކަދެއްކިއެވެ. އޭނާގެ އުނގުގައި އިން އީޝް ފައިބަން އުޅުމުން ކާޕެޓް މައްޗަށް އެކުއްޖާ ދޫކޮށްލިއެވެ.
"ހެހެހެ.. އަހަރެން މިވިސްނަނީ ޝާނީއާ މެދު" ހީލުމަކާއެކު ހުޝާމް ބުނެލިއެވެ.
"އަހަރެންނާ މެދު... ވަރަށް ހެއްވާ. އަހަރެންނާ މެދު ކޯޗެއް؟" މޫނުމައްޗަށް ހައިރާންކަން ގެނުވަމުން ޝެނަލް އެހިއެވެ.
"ސީރިޔަސްކޮށް. އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން" ހުޝާމް ބުނެލިއެވެ.
"އަހަރެންވެސް މިއައީ ވާހަކައެއް ބުނަންވެގެން" ޝެނަލް ބުނެލިއެވެ.
"ޝާނީ ބުނޭ" ޙުޝަމް ބުނެލިއެވެ.
"އަހަރެން ފުރަން މިއުޅެނީ. އެނބުރި ނާންނަގޮތަށް. މަންމައާއެކު" ޝެނަލް ބުނެލިއެވެ.
"އެއީ ކީއްވެ؟ ކޮންތާކަށް ފުރަނީ؟" ޙުޝާމް އެހިއެވެ.
"ބޭރަށް. ކިޔެވުން ކޮމްޕްލީޓްކުރަން" ޝެނަލް ބުނެލިއެވެ.
"ތިވިސްނުން ބަދަލުނުކުރެވޭނެތަ؟" ޙުޝާމް ބުނެލިއެވެ. ޝެނަލް ޙުޝާމް މޫނަށް ބަލައިލިއެވެ.
"އަހަރެން ދައްކަން އުޅުނު ވާހަކައަކީ އެއީ. އަހަރެމެން ދެމީހުންވެސް މިވަގުތު މިތިބީ އެއް ހާލެއްގަ. ޝާނީވެސް ތިދަނީ ސިއްރުން ހިތާމަތަކެއް ކުރަމުން. ހަމަ އެގޮތަށް އަހަރެންވެސް. ހުރިހާކަމެއްގެ މަތިން ހަނދާންނައްތާލާފައި އަހަރެމެންނަށް ލައިފެއް ނުފެށޭނެތަ؟" ޙުޝާމް ވާހަކަދެއްކިއެވެ. ޝެނަލް ހިމޭންކަމާއެކު އަޑުއަހަން އިނެވެ.
"ދެމީހުންގެ އުފަލަށްޓަކައި ދެފަރާތުގެ މައިންބަފައިން ދުލުގައި ތަޅު އެލުވައިގެން ތިއްބަސް އެމީހުންވެސް އެދޭ ގޮތަކީ އެއީ" ޙުޝާމް ބުނެލިއެވެ.
"މެރީކޮށްފަ މިކައިވެނި ކުރިއަށްދޭތޯ ބެލިދާނެއްނު. އަހަރެމެންގެ އެކުވެރިކަން ފަހަތަށް ޖައްސާފަ ލޯތްބަށް ޖާގައެއް ނުދެވުނިއްޔާ ދެމީހުން ވާހަކަދައްކައިގެން ކައިވެނި ރޫޅާލެވިދާނެއްނު. އޭރުން ކުރިން ތިބިހެން އެކުވެރިންގެ ގޮތުގަ ތިބެވިދާނެ" ޙުޝާމް ވާހަކަދެއްކިއެވެ. ޝެނަލް އިސްޖަހާލައިގެން އިނެވެ.
"އަހަރެން އެކަނި ވާހަކަދެއްކިޔަސް ނުވާނެއްނު" ޙުޝާމް ބުނެލިއެވެ.
"އަހަރެން ކިޔަވަން ބޭނުން" ޝެނަލް ބުނެލިއެވެ.
"އަހަރެން ޝާނީގެ ކިޔެވުމަށް ހުރަހެއް ނާޅާނަން. ޝާނީ ބޭނުން ކޮންމެކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ. ކައިވެނިކޮށްގެން ހޭދަވާ ދުވަސްތަކުގައި ޝާނީއަށް އެހެން މީހެއްދެކެ ލޯބިވެވިގެން އެމީހަކު ކައިރިއަށް ދާން ބޭނުންވިޔަސް އެފުރުސަތުވެސް އޮންނާނެ" ޙުޝާމް ވާހަކަދެއްކިއެވެ.
"މިކަމާ އަހަރެން ވިސްނާތާ ހަފްތާއެއްހާ ދުވަސްވެއްޖެ. ޝާނީ ކީކޭ ބުނާނީ؟" ޙުޝާމް ވާހަކަދެއްކިއެވެ.
"އަހަރެން ވިސްނާލަންތަ. މާދަމާ ޖަވާބެއްދެންތަ؟" ޝެނަލް ބުނެލިއެވެ.
"އޭސް ޔޫ ވިޝް" ޙުޝާމް ބުނެލިއެވެ.
***
ސޯފާގައި އިން ޙާއިޝާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. އޭނާ ހީކުރީ މިހުރިހާއިރު އުނޭޝް އިރާނިޔާއާ ބައްދަލުކޮށްފައި ގެއަށް އައި ކަމަށެވެ. ހަވީރު ވިއިރުވެސް ކޮޓަރިން ނުނިކުތުމުން އެންމެފަހުން ކޮޓަރި ހުޅުވައިގެން ބެލިއިރު އުނޭޝްއެއް ނެތެވެ. ވީތަނެއްވެސް ނޭނގެއެވެ. ފޯނަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. ކުރިން ގުޅުނަސް މިހާރު އޮތީ ނިއްވާލާފައެވެ. އަދްޔަން އައިސް ހުއްޓުމާއެކު ޙާއިޝާ އިސްއުފުލާ ބަލައިލިއެވެ. އަދްޔަންއާ އެއް ހަމައަކަށް ކޮޅަށް ތެދުވެލީ އުނޭޝްއާ ބެހޭގޮތުން އަދްޔަން ބުނާ އެއްޗެއް އިނގެން ބޭނުންވީ ވަރުންނެވެ.
"އޮފީހުގަ ނެތް. މިއަދު އެއްކޮށް އޮފީހަށް ނާދޭ" އަދްޔަން ބުނެލިއެވެ. ޙާއިޝާގެ ދެފައިކޮޅުން ވާގި ދިޔަހެން ހީވެ އިންދިމާލުން ގޮނޑިއަށް ވެއްޓިގަނެވިއްޖެއެވެ.
"ރާނީގެ އިންކާރުކުރީމަ އެހިތާމަތައް ބަރުދާސްތު ނުކުރެވުނީ...؟" ރޮއެގަންނަމުން ޙާއިޝާ ބުނެލިއެވެ. އަދްޔަން ޙާއިޝާގެ ގައިގާ ހިފަހައްޓައިލިއެެވެ.
(ނުނިމޭ)