ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 52

3

ފަންސާސްދެވަނަ ބައި

ދެކުދިން އެކުގައި ހިނގާފައި އައިސް މަޑުކޮށްލީ ދޮރާށި ކައިރީގައެވެ. ފޯނެއްގައި ހުރެ އާޝިދް އެއްފަރާތަކަށް ޖެހިލުމުން އިރާނިޔާ މަޑުކޮށްލައިގެން ހުއްޓެވެ. ނޫކުލައިގެ ދޮރާށިން ފެށިގެން ގޭ ނަންބޯޑާއި ހަމައަށް އިރާނިޔާގެ ނަޒަރު ދަތުރުކޮށްލައިފިއެވެ.

"ގޯލްޑަންވިއު" އާޝިދާއި އެކުގައި އެގެއަށް އެހާ ގިނައިން އައި އިރުގައިވެސް އޭނާއަށް އެގޭ ނަމެއް ނޭނގެއެވެ. ގޭގެ ނަން އޭނާއަށް އަދި ކިރިޔާ އިނގުމުން ހިނި އައެވެ. ފޯނު ނިންމާލާފައި އާޝިދް އައިރު އިރާނިޔާ ހެވިފައި ހުރުމުން ބަލައިލިއެވެ.

"އަދި ކިރިޔާ އަހަރެންނަށް މިއިނގުނީ އަހަރެންގެ ވާންއުޅޭ ފިރިމީހާގެ އާއިލާ ދިރިއުޅޭ ގެއަށް ކިޔަނީ ގޯލްޑަންވިއު ކަން" އާޝިދް ބަލަން ހުންނަން ފެށުމުން އިރާނިޔާ ހީލާފައި ބުނެލިއެވެ.

"ނަސީބެއްނު ކައިވެނިކުރުމުގެ ކުރިން އިނގުނުކަން" އިރާނިޔާގެ އުނގަނޑުގައި އެއް އަތުން ހިފާލަމުން އާޝިދް ބުނެލިއެވެ.

"އާނ ދޯ... ކާކު ގުޅީ؟" އިރާނިޔާ އެހިއެވެ.

"އެއީ އޮފީހުން" އާޝިދް ބުނެލިއެވެ.

***

މޭޒުކައިރީގައި ވަޙީދުއްދީންގެ އާއިލާ ތިބީ އާޝިދާއި އިރާނިޔާގެ އިންތިޒާރުގައެވެ. ދެކުދިން ވަދެގެން އަންނަތަން ފެނުމުން ޒަހުރިއްޔާ ހީލައިފިއެވެ. ބަގީޗާތެރެ ފޮޓޯނަގަން އުޅުނު ޒުކްވެސް އައިސް ހުއްޓިއްޖެއެވެ. އިރާނިޔާ ހީލިތަން ފެނުމުން ޒުކް އެދެމީހުންނަށް އަމާޒުކޮށް ފޮޓޯއެއް ނެގިއެވެ.

"ކޮބާ އަވަހަށް އާދޭ.. ޒުކްވެސް ދެން ތި ކެމެރާ ދުރުގައި ބާއްވާފައި އާދެބަލަ ސައިބޯން" ޒަހުރިއްޔާ ބުނެލިއެވެ. ހުރިހާކުދިން މޭޒު ކައިރީގައި އިށީނދެ ހަމަޖެހިލުމުން ޒަހުރިއްޔާ ވަޙީދުއްދީނަށް ބަލައިލިއެވެ.

"ބައްޕަ ވަރަށް އުފަލުން މީނީ. މަންމަގެ ފަޔަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެ. އަމިއްލައަށް ފިޔަވަޅު ނޭޅުނަސް މިހާރު ކޮޅަށް ހުރެވޭ. އެހެންވެ ބައްޕަ މިގަސްތުކުރަނީ މިރަށުގަ މަޑުކޮށްލަން" ވަޙީދުއްދީން ވާހަކަދެއްކިއެވެ. އިރާނިޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. ހިތާހިތުން ހެއްދެވި ފަރާތަށް ޙަމްދު ކުރިއެވެ.

"މިއަދު މިގޭ ކައްކަން އުޅުނު ކުއްޖާވެސް ފޮނުވާލައިފި. މަންމަ ބުނާގޮތުން ޒުކް އާ ބައިވެރިވެގެން އަމިއްލައަށް ކެއްކޭނެ" ހިނިތުންވުމަކާއެކު ވަޙީދުއްދީން ބުނެލިއެވެ.

"އަމިއްލައަށް މަސައްކަތް ކުރިވަރެއް ރަނގަޅުވާނީ" އިރާނިޔާ ބުނެލިއެވެ. ޒަހުރިއްޔާ ހީލައިފިއެވެ. އިރާނިޔާގެ އަތުގައި ހިފައިލަމުން ބަލައިލީ ޝުކުރުވެރިކަމުގެ ލޮލަކުންނެވެ.

"އަސްލު ބައްޕަ ތިދެކުދިންނާ ބައްދަލުކޮށްލަން ބޭނުންވީ މިހާރު ކައިވެނިކުރާ ދުވަހެއް ވިސްނައިފިންތޯ ބަލައިލަން" ވަޙީދުއްދީން ބުނެލިއެވެ. އިރާނިޔާއާއި އާޝިދް އެކަކު އަނެކަކަށް ބަލައިލިއެވެ. ދެކުދިންގެ ދެމެދުގައި މާނަފުން ހިނިތުންވުމެއް ބަދަލުވެގެން ދިޔައެވެ.

"ތެދެއް އީރަން. ވީސްނައިފިންތަ؟" އާޝިދް އިރާނިޔާއާ ސުވާލުކުރިއެވެ. ބުނާނެ އެއްޗެއް އިރާނިޔާއަށް ނޭނގުނެވެ. އާޝިދަށް ބަލައިލާފައި އަވަސް އަވަހަށް ކުރިމަތީގައި ހުރި ކަޅުސައި ތައްޓަށް ބަލައިލިއެވެ.

"މާދަމާ ބައްޕައަށް ޖަވާބެއްދޭނަން. އެގޮތް ކިހިނެއްވާނެ" އާޝިދް ބުނެލިއެވެ.

"ރަނގަޅުވާނެ. ތިގޮތަށް ކައިވެނިނުކޮށް އެކުގައި އުޅުމަކީ އެހާ ރީތިގޮތެއް ނޫން. އެހެންވެ ބައްޕަ މިވާހަކަ މިދެއްކީ. ބައްޕަ ބޭނުންވަނީ އަވަސްކުރަން" ވަޙީދުއްދީން ބުނެލިއެވެ. އިރާނިޔާ ހީލިއެވެ.

***

ކުޅެންދާން ނިކުތް ވަގުތު އަދްޔަންގެ ފޯނަށް މެސެޖެއް އައެވެ. ޝެނަލްގެ މެސެޖެއްކަން އިނގުމުން އަދްޔަންގެ ފިޔަވަޅު ހުއްޓިއްޖެއެވެ. ތެޅިތެޅި އޮތް ހިތަކާއެކު މެސެޖް ހުޅުވައިލިއެވެ. ބައްދަލުކޮށްލަން ބޭނުންވާކަމަށް އޮތުމުން އަދްޔަންއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. ގެއިން ނިކުންނަން ހިނގައިގަނެފައިވެސް މެސެޖްގެ ޖަވާބުދޭން ބޭނުންވާތީ އަލުން ފޯނަށް ބަލައިލިއެވެ. އަދި ހަމައެކަނި 'އޯކޭ' ޖަހާފައި ޖަވާބު ފޮނުވައިލިއެވެ.

"މަންމައަށް ހަމަ އެއްގޮތަކަށްވެސް ނޭނގުނު އަނެއްކާވެސް އުނޭޝް ކޮޓަރިން ނުނިކުންނަން އެ އުޅޭ ސަބަބެއް" ބޭރު ޖޯލީގައި އިން ޙާއިޝާ ވާހަކަދެއްކީ ކައިރީގައި ތިބި ޔަޝްފީ އަދި ކަޝިޝްއާއެވެ. ކަޝިޝް ކައިރިއަށް ހިނިއައެވެ. އޭނާގެ ކުރިމައްޗަށް އުނޭޝް އަރަން ބޭނުންނުވަނީކަން އިނގުމުން މަޖާވިއެވެ.

"އަދޫ...! ދަރިފުޅު އަވަހަށް އާދެވޭތޯ ބަލައްޗެ. އެބަޖެހޭ މަންމައަށް މަސައްކަތެއް ކޮށްލަދޭން" ދޮރާށިން ނިކުމެގެން ދަނޑާއި ދިމާލަށް ހިނގައިގަތް އަދްޔަންއަށް ގޮވާލާފައި ޙާއިޝާ ބުނެލިއެވެ. އަދްޔަން ބޯޖަހާލާފައި ދުއްވައިގަތެވެ.

"ދޮންބެ އެބައުޅޭތަ ރޫމުގަ" ޔަޝްފީއާ ގާތަށް ޖެހިލާފައި ކަޝިޝް އެހިއެވެ. ޔަޝްފީ ބޯޖަހައިލިއެވެ. ކަޝިޝް ތެދުވަން އުޅުމުން ޔަޝްފީ ހިފެހެއްޓިއެވެ. ކަޝިޝް ބަލައިލުމާއެކު ލޮލުގެ އިޝާރާތުން ޙާއިޝާ ދައްކައިލިއެވެ.

"އޯކޭވާނެ. މަންމާ! ހާސްނުވޭ އަޅުގަނޑު އުނީ ކޮޓަރިން ނެރެފާނަން" ކަޝިޝް ހިނގައިގަތެވެ. ޙައިރާންކަމާއެކު ޔަޝްފީގެ މޫނަށް ޙާއިޝާ ބަލައިލިއެވެ.

"މަންމައަށް ހާދަ އެއްޗެއް އެބަ ހީވެއޭ" ޙާއިޝާ ބުނެލިއެވެ.

"ކޯޗެއް؟ އަޅުގަނޑަށް ހިއެއްނުވޭ" ޔަޝްފީ ބުނެލިއެވެ.

"މި މަންޖެ އަނެއްކާ ހަމަތަ؟ މަންމައަށް ހީވަނީ..." ޙާއިޝާ ބުނަން އުޅުނެވެ.

"މަންމާ! ކަޝްތަ ގެ މިޒާޖު ހުންނަ ގޮތް އެއީ. އެއްވެސް މީހަކާ ބީރައްޓޭހިކަމެއް ކަޝްތަގެ ނުހުންނާނެ" ޔަޝްްފީ ބުނެލިއެވެ.

"އެކަމަކު މަންމައަށް ހީވަނީ...؟"

"މަންމައަށް އެއްޗެއް ހީވަންޏާ އެންމެ ރަނގަޅުވާނީ ކަޝްތައާއި ސުވާލުކުރިއްޔާ" ޔަޝްފީ ތެދުވެގެން ހިނގައިގަތެވެ. ޙާއިޝާ ވިސްނާލަން އިރުކޮޅަކު އިނެވެ. ކަޝިޝްގެ ސަބަބުން އުނޭޝްގެ ވިސްނުން ބަދަލުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅޭ ޙާއިޝާގެ ހިތަށް އެރިއެވެ. ބަލައިލަން ރީތި ހިތްހެޔޮ ތަޢުލީމީ ކުއްޖެކެއެވެ. ދީނަށް ލޯބިކުރާކަންވެސް އެކުގައި ހޭދަވި މަދު ވަގުތުކޮޅު ތެރޭގައި އިނގިއްޖެއެވެ. އާއިލާއަކީ ކޮންކަހަލަ ބައެއްކަން އިނގުމުން ހުރިހާކަމެއް ހަމަޖެހުނީއެވެ. ޙާއިޝާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލައިފިއެވެ.

ކަޝިޝް އެތައްފަހަރަކު ދޮރުގައި ޓަކި ޖަހައިގެންވެސް އުނޭޝް ދޮރު ނުހުޅުވިއެވެ. ދޮރުކައިރީގައި އޭނާ މަޑުކޮށްލައިގެން ހުއްޓެވެ.

"އުނީ ދޮރުހުޅުވަބަލަ. ދެން ނުދަންނަ މީހެއްވެސް ނޫނެއްނު މިއީ" ކަޝިޝް ބުނެލިއެވެ.

"ނުހުޅުވާނަންތަ؟ އިނގެއެއްނު އަހަރެން ވަންނާނެކަން" ކަޝިޝް ބުނެލިއެވެ.

"އަހަރެން ކައުންޓް ކުރާނީ ތިނަކާ ހަމައަށް. ނުހުޅުވައިފިއްޔާ ޖިންނިއެއްހެން ދުންކޮޅަކަށް ވެގެން ދޮރުދަށުން އަހަރެން ވަންނާނަން" ހީލަމުން ކަޝިޝް ބުނެލިއެވެ. އެތެރެއިން އުނޭޝްގެ ހިލަމެއްވެސް ނުވެއެވެ. ކަޝިޝް ގުނަން ފެށިއެވެ. ތިނެއް ކިޔާފައި ހަތަރެއް ކިއިއިރުވެސް އުނޭޝް ދޮރުނުހުޅުވިއެވެ. ކަޝިޝް ކައިރިއަށް ހިނިއައެވެ. އުނޭޝް ދޮރުނުހުޅުވާނޭކަން މާކުރިންވެސް އޭނައަށް އިނގެއެވެ.

"އޯކޭ. އެބައަންނަން މަންމަ އަތުން ޑަބަލް ކީ ހިފައިގެން. އަނެއްކާ މިފަހަރު އެއްޗެހި ލައިގެން ހުންނާތި" ދޮރުފަތާއި އިތުރަށް ގާތަށް ޖެހިލާފައި ކަޝިޝް ބުނެލިއެވެ. އޭނާ ހިނގައިގަތްތަނާ ދޮރުހުޅުވާލައިފިއެވެ. ފަހަތަށް އެނބުރި ބަލައިލުމުގެ ކުރިން އުނޭޝް އަނެއްފަރާތަށް އެނބުރިއްޖެއެވެ. ހީލާފައި ކަޝިޝް ކޮޓަރިއަށް ވަދެ ދޮރުލައްޕައިލި މަންޒަރު ގޭތެރެއަށް ވަން ޙާއިޝާއަށް ފެނުނެވެ.

"ހާދަ ބިރެކޭ އަހަރެންދެކެ ތިގަންނަނީ" އުނޭޝް ކުރިމައްޗަށް އަރަމުން ކަޝިޝް ބުނެލިއެވެ.

"އަހަރެން ބިރެއްނުގަނޭ. ކީއްކުރަން މިރަށަށް އައީ؟" އުނޭޝް ގޮސް އެނދުގައި އިށީނެވެ. ކަޝިޝް ވެސް އިށީނީ އުނޭޝްއާ ޖެހިގެންނެވެ.

"ނޭނގޭތީތަ ތިއަހަނީ. އައި ލަވް ޔޫ. މިހާރު އިނގިއްޖެތަ؟" ޖެހިލުމެއްނެތި ކަޝިޝް ބުނެލިއެވެ.

"ތިއީ ބޭކާރުކަމެއް. އަހަރެން ކުރިންވެސް ބުނީމެއްނު" އުނޭޝް ބުނެލިއެވެ. އަދި މަޑުމަޑުން ކަޝިޝްއާ ދުރަށް ޖެހިލިއެވެ. އެކަން އިނގޭއިރަށް ކަޝިޝް އުނޭޝްއާ ގާތަށް ޖެހިލައެވެ.

"މިހާރު ކޮބާ އޮތް ހުރަހަކީ؟ ހުސްކޮށް ހުރީ. ބިޓެއް ހުރީކީ ނޫން. ވައިފްއެއް ހުރީކީ ނޫން. ދެން...؟" ކަޝިޝްގެ މަޖާ މޫޑު މަޑުމަޑުން ބަދަލުވަމުން އައެވެ.

"ޔަޝްކޮ ހުރިހާ އެއްޗެއް ކިޔާދިނީ ދޯ. އަހަރެން އަދިވެސް ބޭނުމީ ރާނީ. އަހަރެން މިއުޅެނީ ރާނީ ނެތިގެން ނޭވާލާންވެސް އުނދަގުވާތީ" އުނޭޝް ބުނެލިއެވެ. ކަޝިޝް ހީލިއެވެ.

"ރާނީ. އަދި ބައްދަލެއްވެސްނުވޭ. އުނީ ބުނެފިއްޔާ އަދިވެސް އަހަރެން އިންތިޒާރުކޮށްފާނަން" ކަޝިޝް ބުނެލިއެވެ.

"ހެޔޮ ނުކުރިޔަސް. ތި ވިސްނުން ބަދަލުކުރަންވެއްޖެއްނު" އުނޭޝް ބުނެލިއެވެ.

"އައި ޓްރައިޑް. އެކަމަކު ނުވި. މުދަލާއި ފައިސާ ހިތްހަމަޖެހޭ އަގުބޮޑު ދިރިއުޅުން ދޫކޮށްލާފަ އަހަރެން ހަމައެކަނި މިއައީ އުނީ ކައިރިއަށް. އަހަރެންނަށް ފުރަގަސްނުދީ. އަހަރެން ދުވަހަކުވެސް ފިރިހެނެއްދެކެ ލޯބިނުވަން އުނީ ނޫން. ޝާހީ އާއިލާތަކުން އެތައް ބައިވަރު ހުށަހެޅުންތައް ލިބޭ. ފާޅުގައި މަންމައާއި ބައްޕަ ކައިރީގައި އަހަރެން ބުނިން. އަހަރެން ބޭނުމެއްނުވެއޭ" ކަޝިޝް އަސަރާއެކު ވާހަކަދެއްކިއެވެ.

"ކަޝިޝް މިރަށުން ފުރައިގެންދޭ. އަހަރެންގެ ފަރާތުން ލޯތްބެއް ލިބިދާނެކަމަށް އުންމީދުނުކުރޭ" އުނޭޝް ބުނެލިއެވެ.

"ފައިން... އުނީ ތިގޮތް ބޭނުމިއްޔާ އަހަރެން އުނީގެ ފަހަތުން ނޫޅެފާނަން. އުނދަގޫވެސް ނުކޮށްފާނަން. އެކަމަކު މިގެއިން ދާން ނުބުނޭ. އުނީ ފެންނަ ހިސާބުގައި އަހަރެން ދިރިއުޅުނަދީ" ކަޝިޝް ބުނެލިއެވެ.

"ދެން މިތަނުން ދޭ" އުނޭޝް ބުނެލިއެވެ. ކައިރީގައި ކަޝިޝް އިނުމުން އޭނާއަށް އުނދަގޫވާ ކަހަލައެވެ.

"ދިޔުމުގެ ކުރިން އަހަރެންގެ އެންމެ ސުވާލަކަށް ޖަވާބުދީ. އެސުވާލުގެ ޖަވާބުހޯދަން އަހަރެން ވަރަށް ބޭނުން" ކަޝިޝް ބުނެލިއެވެ.

"އަހަރެންނަށްޓަކައި އުނީގެ ހިތުގައި އެއްވެސް އިހުސާސެއް ނެތްއިރު ކީއްވެ އެރޭ އަހަރެންނާއެކު.... ކީއްވެ އަހަރެންގެ އިހުސާސްތަކާ ކުޅެލީ. ނިިދިން ހޭލެވެންދެން އަހަރެން ހީކުރިން އުނީގެ ހިތުގައި އަހަރެންނަށްޓަކައި ކޮންމެސް އިހުސާސެއް ވާތީއޭ އެހެން އުޅުނީ. އެކަމަކު ފޯނަށް އައިއްސައިން މެސެޖް ފެނުނީމަ އިނގުނީ އެހެން ކޮކާތައް ފަދައިން އުނީވެސް ބޭނުންވީ ހަމައެކަނި މަލުން ފޮނިކޮޅު ބޯލަންކަން. އަހަރެން ހާދަ ވަރަކަށް ރުއީމޭ" ކަޝިޝްގެ އަޑަށާއި ރާގަށް ބަދަލު އައުމުން އުނޭޝްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާގެ ހަނދާނަށް އެރޭ އަންނަން ފަށައިފިއެވެ.

އެއީ އޭނާގެ އެންމެ ޒުވާން ދުވަސްވަރެވެ. ޔަޝްފީ ކައިރިއަށް ކުރި ދަތުރެއްގައި އެޕާޓްމަންޓް ތެރެއިން ކަޝިޝް ފެނި އެނަލަ ސޫރައަށް އޭނާގެ ހިތްޖެހުނެވެ. ކަޝިޝް އޭނާއަށް ހަދިޔާކޮށްލި ލަދުރަކި ހިނިތުންވުން ފެނި އެކަން އޭނާއަށް ކާމިޔާބުވެދާނޭ ހިތް ބުނެލިއެވެ. ޔަޝްފީއަށްވެސް އިނގުމާއިނުލާ އޭނާ ކަޝިޝްގެ ހިތް އަތުލެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. އޭނާއަށް އޭރު ނޭނގުނީ ލަންޑަނުގައި ހޭދަކުރި ދުވަސްތަކު ތެރޭގައި އޭނާ މަޖާކޮށްލަން ކުރި ކަންތަކުގެ ސަބަބުން މައުސޫމް ހިތެއްގައި އޭނާއަށްޓަކައި އިންތިހާދަރަޖައަށް ލޯތްބެއް އުފެދިގެންދިޔަ ކަމެވެ. ކަޝިޝްގެ ޒުވާންކަމުގެ ފައިދާ އޭނާ ނެގީ ލޯބީގެ ދަޅަ ދައްކައިގެންނެވެ.

"އުނީއަށް އިނގޭތަ! އެރޭ އަހަރެމެންގެ ދެމީހުންގެ ދެމެދުގައި ހިނގައިދިޔަ ކަންތަކުގެ ނަތީޖާ ނިކުތީ ކިހިނެއްކަން" ކަޝިޝް ވާހަކަދެއްކިއެވެ.

"އަހަރެން ޕްރެގްވީ... ނަސީބަކުން އަހަރެން ބޭޒާރުވުމުގެ ކުރިން ބޭބީ އެބޯޓްވެއްޖެ. އެހެންނޫނަމަ އަހަރެން ޖެހުނީހީ ކިޔެވުން ދޫކޮށްލާފަ އަންނަން" ކަޝިޝް ބުނެލިއެވެ. އުނޭޝްއަށް ކުއްލި ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އެކަމަށް އޭނާއަށް އިންކާރެއްވެސް ނުކުރެވުނެވެ.

"އަހަރެން އަތުގައި އަދިވެސް ހުރިހާ ލިޔުންތައް އެބަހުރި. މިގޭގަވެސް. އަހަރެން އެއްވެސް އެއްޗެއް އެއްލާލަން ބޭނުންނުވީ" ކަޝިޝް ބުނެލިއެވެ.

"އަހަ... އަހަރެން ގަސްތުގަ ކުރިކަމެއްނޫން. ސޮރީ" އުނޭޝް ބުނެލިއެވެ.

"ހެހެހެ... އަބަދުވެސް މަޢާފްކުރާނަން. ދުވަހަކުވެސް ހިތްބުރަކަމެއް ނުބާއްވާނަން. އެއްވެސް އިންސާނެއް ކައިރީގައި އުނީގެ ގޯސް ވާހަކައެއް ނުދައްކާނަން. އެއަށްވުރެ މާބޮޑަށް ލޯބިވޭ. ހަނދާންނައްތާލަން ދަތިވީވެސް އެރެއަށްފަހު" ކަޝިޝް ވާހަކދެއްކިއެވެ.

"ހަގީގަތުގައިވެސް ކަޝިޝް އާ ދޭތެރޭ އަހަރެން ހިތުގައި އެއްވެސް އިހުސާސެއް އޮވެގެން ކުރެވުނު ކަމެއްނޫން އެއީ. އަހަރެންނަށް އަމިއްލަ އެދުން އިސްކުރެވުނީ. އެދަތުރުގައި ރަށަށް އައިސް އެހެން ރަށަކަށް ކުރި ވިޔަފާރި ދަތުރެއްގެ ތެރެއިން ރާނީ ފެނުނީ. އަހަރެންގެ ހިތުގައި އެންމެ ފުރަތަމަވެސް އަންހެންކުއްޖަކަށް ލޯތްބެއްޖެހުނީ ރާނީ ފެނުމަށްފަހު. އަހަރެން އެނބުރި ރަށަށް އައި ގޮތަށް ކައިވެނިކޮށްފިން" އުނޭޝް އޮޅުންފިލުވައިދިނެވެ.

ކޮޓަރިން ނިކުތް ކަޝިޝް ދެލޯ ފޮހެމުން ކޮޓަރިއަށް ވަން މަންޒަރު ބަދިގެއިން ނިކުތް ޙާއިޝާއަށް ފެނުމުން ހިތުގައި ސުވާލު އުފެދުނެވެ. އޭނާ ކަޝިޝް އާއި ވަކިން ބައްދަލުކޮށް ހުރިހާ ވާހަކައެއް އޮޅުންފިލުވަން ނިންމިއެވެ.

***

ގުމްރޫހްގެ އަތުގައި ހިފައިގެން ރެސްޓޯރަންޓް ތެރޭގައި އިން އަދްޔަން ވަރަށް ފުން ނަޒަރަކުން ގުމްރޫހަށް ބަލައިލިއެވެ. ގުމްރޫހް އިނީ އަދްޔަންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

"ދެން ބުނެބަލަ. އަދޫ ތިހާ ސީރިޔަސްވެފަ އިންދަ އަދި ދުވަހަކުވެސް ނުދެކެން" ގުމްރޫހް ބުނެލިއެވެ.

"އަހަރެން ބޭނުމެއްނޫން ގޮމައަށް އެއްވެސް ކަމެއް ސިއްރުކުރާކަށް" އަދްޔަން ފެށިއެވެ. ކަޅިޖަހާވެސްނުލާ ގުމްރޫހް ބަލަހައްޓައިގެން އިނެވެ.

"ގޮމައާއި ރައްޓެހިވުމުގެ ކުރިން އަހަރެން އެހެންކުއްޖަކާ ރައްޓިހިވިން ވަރަށް ސީރިޔަސްކޮށް. އިހުސާސްތަކެއް އުފެދުނު" އަދްޔަން ވާހަކަދެއްކިއެވެ.

"ތިއީ މުހިންމު ވާހަކައެއް ނޫނެއްނު. މާޒީގެ ވާހަކަތައް އަހަރެން ނާހަމެއްނު" ގުމްރޫހް ބުނެލިއެވެ.

"ތީއޭ މައްސަލައަކީ. ގޮމަ އަހަރެން ކައިރީގައި އެއްވެސް އެއްޗެއް ނާހާތީ" އަދްޔަން ބުނެލިއެވެ.

"އިނގޭތަ އަހަރެން ރައްޓެހިވީ ކާކާ ކަން" އަދްޔަން ބުނެލިއެވެ. ގުމްރޫހްގެ ހިތް ތެޅިލިއެވެ.

"ޝެނަލް. ގޮމަގެ ރިލޭޓިވްއެއް" އަދްޔަން ބުނެލިއެވެ. ގުމްރޫހަށް ޙައިރާންކަމެއް ލިބިގެންދިޔައެވެ. އެންމެފަހުން ޝެނަލްއާއި އޭނަ އާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާނަނަށް އަންނަން ފެށިއެވެ.

އަދްޔަން ކިޔައިދޭން ފެށިއެވެ. ޝެނަލްއާއި އެންމެފުރަތަމަ ދިމާވި ގޮތެވެ. އެދެމެދުގައި ލޯބި އުފެދުނު ގޮތެވެ. ބައްދަލުކުރި ގޮތެވެ. ޝެނަލްއަށް ބަދަލު އަންނަން ފެށި ގޮތެވެ. ސަބްރީން އޭނާއާ ދިމާލަށް ގޮވި ހަޑި އެއްޗިއްސެވެ. ޝެނަލް އާ ކުރެވުނު އެންމެފަހުގެ ބައްދަލުވުމެވެ. އެރޭގައި ކަންތައް ހިނގާދިޔަ ގޮތެވެ. ޝެނަލްއާ މެދު އޭނާގެ ހިތުގައި ފޫހިކަން އުފެދިގެން އައި ގޮތެވެ. ސަބްރީން އެގެއަށް އައިސް އޭނާއާއި ބައްދަލުކޮށް ދެއްކި ވާހަކަތަކެވެ. ގުމްރޫހް ކަނުލާ އަޑުއަހަން އިނެވެ.

"އެކަމަކު މިރޭ ހަމަ މިތަނުން ޝެނަލް އަހަރެންނާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފި" އަދްޔަން ބުނެލިއެވެ.

"އަހަރެން ގޮމަ ގޮވައިގެން މިއައީވެސް ގޮމައަށް ފެންނަ ހިސާބުގައި އޭނަ އާ ބައްދަލުކުރަންވެގެން" އަދްޔަން ބުނެލިއެވެ.

"އަހަރެން... އަދޫ އަނެއްކާ..." ގުމްރޫހް ހިތުގައި އުފެދިގެންދިޔަ ބިރުވެރިކަން އަދްޔަން އާއި ހިއްސާކުރަން ބޭނުންވިއެވެ.

"އަހަރެން މިރޭވެސް މިބުނަނީ ހެއްދެވިފަރާތް ހެކިކޮށްފަ. އަހަރެން ކައިވެނިކުރަން ބޭނުންވަނީ ހަމައެކަނި ގޮމައާ. އަހަރެން ލޯބިވަނީ ގޮމަދެކެ. އަހަރެން ދުވަހަކުވެސް ގޮމަ ދޫކޮށްނުލާނަން. އެކަމަކު..."

"އެކަމަކު...." އަވަސް އަވަހަށް ގުމްރޫހް ބުނެލިއެވެ.

"އެކަމަކު އަހަރެން ޝެނަލްއަށް މައާފްކުރާނަން. އަހަރެން ހުރިހާވާހަކައެއް ރަނގަޅަށް ކިޔައިދޭނަން" އަދްޔަން ބުނެލިއެވެ. ގުމްރޫހަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

އެދެމީހުން ކުރިމަތިންލާފައި ގޮސް ހުސްކޮށް ހުރި މޭޒުކައިރީގައި އިށިން ޝެނަލް ދެކުދިިންނަށްވެސް ފެނުނެވެ. އަދްޔަން ތެދުވެގެން ހިނގައިގަންނަން އުޅުނު ވަގުތު ގުމްރޫހް އަދްޔަންގެ އަތުގައި ހިފެހެއްޓިއެވެ. އަދްޔަން ބަލައިލިއެވެ. ގުމްރޫހްގެ ދެލޮލުގައިވިި ނުތަނަވަސްކަން އަދްޔަންއަށް ފެނުނެވެ.

"ޓްރަސްޓް މީ ބޭބީ... އައި ލަވް ޔޫ" އަދްޔަން ބުނެލިއެވެ.

***

ކުރިމަތީގައި އައިސް އިށިން އަދްޔަން ފެނުމާއެކު ޝެނަލްއަށް އެހެން ދިމާލަށް ކަޅިޖަހައިވެސް ނުލެވުނެވެ. އަދްޔަންއާއި އެކު ހޭދަކުރެވުނު މަދު ވަގުތުކޮޅު އޭނާގެ ސިކުނޑިއާއި ކުޅެލިއެވެ. ޝެނަލް ބަލަން އިންކަން އިނގޭކަމަށް އަދްޔަން ނެހެދިއެވެ. ވެއިޓަރަކު ގެނެސް ބެހެއްޓި ކުޑަ ފެންފުޅި ކަނޑާލާފައި ތައްޓަށް ފެންއަޅަން ފެށިއެވެ.

"އަދޫ...!" ޝެނަލް ގޮވައިލިއެވެ.

"ބުނޭ..." އަދްޔަން ބުނެލިއެވެ.

"އަހަރެންނަށް މަޢާފްކުރޭ" ޝެނަލް ބުނެލިއެވެ.

"ކޮށްފިން" އަދްޔަން ބުނެލިއެވެ. ޝެނަލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"އަހަރެން މިއުޅެނީ ފުރަންވެގެން. ނާހާނަންތަ ކީއްވެގެންތޯ ކޮންތަނަކަށްތޯ" ޝެނަލް ބުނެލިއެވެ.

"ކޮންތާކަށް" އަދްޔަން ބުނެލިއެވެ.

"ބޭރަށް ކިޔަވަން. މަންމައާއެކު. އަހަރެންނަށް މިހާރު ޔަޤީންކުރެވިއްޖެ ތި ލޯތްބަކީ އަހަރެންނަށް ލިބޭނެ އެއްޗެއް ނޫންކަން. އަހަރެންނަށް ވިސްނާނުލާ އެގޮތަށް ކަންތައްކުރެވުނީ. ތަމަންނީއާއި މަންމަ ބައިވެރިވެގެން އެގޮތަށް މޮޅު ޑްރާމާއެއް ކުޅެފާނެކަމަށް އަހަރެން ހިއެއް ނުކުރަން. ވެދިޔަ ކަންތަކުގައި އަހަރެން ކުށެއް އެބައޮތްތަ؟ ހަގީގަތުގައި އަހަރެންދެކެ އަދޫ ލޯބިވީ. އަހަރެންނަށް ލޯތްބެއް ނުވެވުނު. ލޯބިވެވުނުނަމަ އިތުބާރޭ މިކިޔާ އެއްޗެއް އަހަރެންނަށް އަދޫއަށް ކުރެވުނީސް.... އެކަމަކު މިވާހަކަތައް މިދަނޑިވަޅު މުހިންމެއްނޫން" ޝެނަލް ވާހަކަދެއްކިއެވެ.

"އަހަރެންގެ ހިތްސާފު. އަހަރެން ހަމައެކަނި ބޭނުމީ ގޮމަ. އަހަރެން ގޮމަދެކެ އިންތިހާއަށް ލޯބިވޭ" އަދްޔަން އެހެން ބުނި ވަގުތު ޝެނަލްއަށް ބާރަށް ދެލޯމަރައިލެވިއްޖެއެވެ. އޭނާއަށް އެޖުމްލަތައް އަހަން ކިތަންމެ އުނދަގޫ ވިޔަސް ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް އެ އިހުސާސް ކުރެވިއްޖެއެވެ. ހިތުގައި ރިއްސާވެސް ލައިފިއެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ.

"ބައްޕަގެ ތިމާގެ މީހެއް އީސަބެއަކީ. އީސަބެގެ ހުރި ހަމައެކަނި ދަރިފުޅު ގޮމައަކީ. އަހަރެން ބޭނުން ގޮމަ ކައިވެނިކުރާ ދުވަހު އެތަނަށް ދާން. އެކަމަކު އެމަންޒަރު ދުށުމަކީ އަހަރެންނަށް ކެތްކުރެވޭނެވަރުގެ ކަމެއްނޫން" ޝެނަލް ވާހަކަދެއްކިއެވެ.

"ދެން ދަނީ..." އަދްޔަން ތެދުވަން އުޅުނެވެ.

"އެންމެފަހު ފަހަރަށް ސަލާމް ކޮށްލަފާނަންތަ؟" ޝެނަލް ބުނެލިއެވެ. އަދްޔަން ބަލައިލީ ދުރުގައި އިން ގުމްރޫހަށެވެ. ދެވަނަ ނަޒަރާއެކު ޝެނަލްއާ ސަލާމްކޮށްލާފައި ހިނގައިގަތެވެ.

***

ކައިގެން ކޮޓަރިއަށް ވަން އުނޭޝް ތައްޔާރުވެލައިގެން ބޭރަށް ނިކުތް މަންޒަރު ފެނުމުން ފަހަތުން ޙާއިޝާ ހިނގައިގަތެވެ. އޮފީހަށް ނޫން ގޮތަކަށް ބޭރަށް ނުނިކުންނަ ދަރިފުޅު އެތައް ދުވަހަކަށްފަހު ރޭގަނޑު ބޭރަށް ނިކުންނަން ދިޔުމުން ޙާއިޝާއަށް ހުރީ ކުޑަ ޙައިރާންކަމެއް ލިބިފައެވެ.

"ދަރިފުޅާ! ހާދަ އަވަސް އަރުވާލާފަ. އަނެއްކާ ކޮންތަނަކަށްދާ ރެއެއް؟" ފައިވާން ހަރުގަނޑު ކައިރީގައި ބޫޓަށް އަރަންހުރި އުނޭޝްއަށް ޙާއިޝާ ބުނެލިއެވެ.

"މަންމާ...!" ޙާއިޝާއަށް ގޮވާލާފައި އުނޭޝް އައިސް ހިފީ ޙާއިޝާގެ ދެއަތުގައެވެ. އެތައް ދުވަހަކަށްފަހު އުނޭޝްގެ މޫނުމަތިން ފެންނަމުންދިޔަ އުޖާލާކަމަކުން ޙާއިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"މިދަނީ ރާނީ އާ ބައްދަލުކުރަން. އަޅުގަނޑާ ބައްދަލުކުރަން ރާނީ އެއްބަސްވެއްޖެ. އަޅުގަނޑު ބުނީމެއްނު. އަޅުގަނޑުގެ އެއްވެސް ކަމެއްގަ ރާނީ ނޫނެކޭ ނުބުނާނޭ" އުނޭޝް ބުނެލިއެވެ. އޭނާގެ އަޑުން އެކަނިވެސް އެހިތަށް ލިބިފައިވާ އުފާވެރިކަން ހާމަވެއެވެ.

"އަޅުގަނޑު ގެއަށް އަންނާނީ އުފާވެރި ޙަބަރަކާއެކު. މަންމަ ދުޢާ ކޮށްދެއްޗެ" ޙާއިޝާގެ ގައިގައި ބައްދައިލަމުން އުނޭޝް ބުނެލިއެވެ. ދަރިފުޅަށް ލިބިފައިވާ އުފާވެރިކަން ފެނި ޙާއިޝާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އެ އުފާވެރިކަން ފެނި އެއްޗެއް ބުނާނެ ހިތްވަރެއް ޙާއިޝާއަށް ނުލިބުނެވެ. ކުލަނުޖެހޭނެ ހުވަފެން ބެލުން ހުއްޓައިލުމަށް ބުނަން އުޅެފައިވެސް އެދަނޑިވަޅުގައި އުނޭޝް ދެރަކޮށްލަން ޙާއިޝާގެ ހިތް އެއްބަހެއް ނުވިއެވެ.

"ދޭ ދަރިފުޅާ. ދަރިފުޅު ކުރިމަތީގަ މިރޭ ރާނީ ނޫނެކޭ ބުނާނެ. ރާނީގެ ދުލުން އެހެންބުނީމަ ނޫނީ ދެރަގަބޫލުކުރަން ދަރިފުޅުގެ ޒަމީރު އެއްބައެއް ނުވާނެ. ޔާ ﷲ މިއަޅާގެ ދަރިފުޅުގެ ފާފަތައް ފުއްސަވާ އެދަރިފުޅަށް ކެތްތެރިކަން ދެއްވާށި. އާމީން" އުނޭޝް ނިކުމެގެން ދިޔަ ދިިމާލަށް ބަލަން ހުރެފައި ހިތާހިތުން ޙާއިޝާ ކިޔައިލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟