އެމްއެންޑީއެފުން ބުނީ، އެސްބީއައި ކައިރީގައި ހުރި ކެފޭ ޓިއޮލޯގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަޔަރުމަނުން ކުރި މަސައްކަތުން މިރޭ 12:34 ހާއިރު ނިއްވާލާފައިވާ ކަމަށް
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވެސް އެތަނުގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެއްވި ކަމަށް ވަނީ ވިދާޅުވެފަ. އަދި އެމްއެންޑީއެފްގެ ފަޔަރުމަނުންނާމެދު ފަހުރުވެރިވާ ކަމަށް ވިދާޅުވި
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓިއޮލޯ ކެފޭ އަދި ހ. ސަންލީޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް. އަދި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެ އަގުވަޒަންކުރާ ކަމަށް ވިދާޅުވި
ޝަމާލު ވިދާޅުވީ، އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔާ އިންޖީނާއި ވޯޓާ ބައުސަރު ހިމެނޭ ގޮތަށް އެމްއެންޑީއެފްގެ 10 ފަޔާ ވެހިކަލް އާއި އެއާޕޯޓް ފަޔަރުގެ ތިން ފަޔަރު އިންޖީނު ބޭނުންކުރި ކަމަށް
އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި
އެސްބީއައި ހިންގާ އިމާރާތުގެ ހަތް ވަނަ ފަންގިފިލާގައި އަލިފާން ރޯވެއްޖެ.
އަލިފާން ކޮންޓްރޯލް ކުރުމުގައި އެހީތެރިވި ސިފައިންނާއި ފުލުހުން އަދި އެއާޕޯޓްގެ ފަޔާ ރެސްކިއު ޓީމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައި
މިފަދަ ދަނޑިވަޅެއްގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމަކީ ގައުމަށް ހެޔޮ އެދޭނެ ބަޔަކު ކުރާނެ ކަމެއް ނޫން: ރައީސް ސޯލިހު
ރޯވި އަލިފާންގަނޑުގެ ގާތްގަނޑަކަށް 95 ޕަސެންޓް ކޮންޓްރޯލް ކުރެވިއްޖެ، މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވޭ: ރައީސް ސޯލިހު
ރައީސް ސޯލިހު އެ ސަރަހައްދަށް ވަޑައިގެންނެވި އިރު ނައިބު ރައީސް ފައިސަލް ނަސީމު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބައްލަވާފައި
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި
"މިތަނުގައި މީހުން ތިބީ ގައިދުރުކަން ބަހައްޓައިގެން ދުރުދުރުގައި. ފުލުހުން ވެސް އެކަމަށް އިލްތިމާސްކުރައްވަމުން އެބަ ގެންދަވާ. މި ސަރަހައްދަށް އިތުރަށް ވަޑައިނުގެންނެވުމަށް އަޅުގަނޑު ވެސް އިލްތިމާސްކުރަން. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން ތަހުގީގު ފައްޓަވާނެ،"
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި: ހޯމް މިނިސްޓަރު އިމްރާން
"ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަށަވަރުކުރުމަށްފަހު އެމީހުންނަށް އެކަން ހަމަޖައްސައިދޭނަން. އެކޮމޮޑޭޝަން ހޯދުމުގެ މަސައްކަތް އެބަ ކުރަން. އިވެކުއޭޓް ކުރި މީހުން މިހާރު ތިބީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދާ ތަންކޮޅެއް ދުރުގައި."
އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން
އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި މިވަގުތު އެއްވެސް މީހަކު ނެތް ކަމަށް.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަޑައިގެންފި
އަލިފާން ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އަދި މީހަކަށް އަނިޔާވި ކަމަށް ރިޕޯޓެއް ލިބިފައިނުވާ ކަމަށް.
އެސްބީއައި ބިލްޑިންގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފި
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އަދި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ އެއްވެސް އިމާރާތެއްގައި މިވަގުތު އެއްވެސް މީހަކު ނޫޅޭނެ ކަމުގެ ޔަގީންކަން ސިފައިން ވަނީ ދީފައި.
ޑިފެންސް މިނިސްޓަރު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަސަރުކުރި މީހުންނަށް ކަލާފާނު ސްކޫލް ތައްޔާރުވަމުން އަންނަ ކަމަށް
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގެންދަވަނީ ހަރަކާތްތެރިވަމުން.
މިނިސްޓަރު މާރިޔާ ވިދާޅުވީ، އަލިފާން ރޯވި އިމާރާތުގެ އެތެރެއިންނާއި ބޭރުން އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް. އަދި އަލިފާން ކޮންޓްރޯލް ވަމުން އަންނަ ކަމަށް.
އަލިފާން ނިއްވުމުގައި އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިން ޓީމުން ވެސް އަންނަނީ ހަރަކާތްތެރިވަމުން
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައިވާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި އަދި ޕޮޒިޓިވްވި މިހާކާ ބައްދަލުވެ ހޯމް ކަރަންޓީނުގައި ތިބި މީހުން 1676 އަށް ގުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގައިފި
ފަޔާ އެންޑް ރެސްކިއު ޓީމު އެސްބީއައި ހިންގާ އިމާރާތުގެ އެތެރެއަށް ވަދެއްޖެ. އަލިފާން ނިއްވުމަށް ފޯމް ބޭނުން ކުރަން ދަނީ ތައްޔާރުވަމުން
އެސްބީއައި އިމާރާތުގެ އެހެން ފްލޯތަކަށް ވެސް އަލިފާން ފެތުރެން ފަށައިފި
އަލިފާން ރޯވި އިމާރާތުގެ ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކޮށްފި
އަލިފާން ރޯވި ކެފޭއާ ޖެހިގެން ހުންނަ މަނީ އެކްސްޗޭންޖުގައި ވެސް ރޯވެއްޖެ
މިވަގުތު ބޮޑުތަކުރުފާނު މަގު އެސްބީއައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާންމު ފަރާތްތަކުން ނުދިއުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި
އެ މިނިސްޓްރީން ބުނީ ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެތީ، ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިންމު ކަމަށް
އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާއްމުފަރާތްތަކުން ނުދިއުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކޮށްފި
އަލިފާން ރޯވި އިމާރާތާ ޖެހިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ވެސް ވަނީ އަލިފާން ރޯވެފައި
އަލިފާން ނިއްވުމަށް ގިނަ އަދަދެއްގެ ފަޔަރ ލޮރީ ހަރަކާތްތެރި ވަނީ
އަލިފާން ރޯވި ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިއަކު ބުނީ އަލިފާން ރޯވެފައިވަނީ ހ. ރިވާސައިޑް ކެފޭގައި ކަމަށް. އެތަނާ ޖެހިގެން ހުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި އުރީދޫ ހުންނަ އިމާރާތް
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި އިމާޜާތުގެ ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކުރަމުން އަންނަ ކަމަށް
ބޮޑުތަކުރުފާނު ކިންގް ސަލްމާން މިސްކިތް ކުރިމައްޗަށް ހުންނަ އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ. އެތަނުގައި ރޯވެފައިވަނީ މިރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު އެވެ.