ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 51

4

ފަންސާސްއެއްވަނަ ބައި

އެނދުގައި އޮވެ ގިސްލާފައި ރޮމުންދިޔަ ޝެނަލް ކައިރީގައި ސަބްރީން އިނެވެ. ކުރެވުނު ކުށްތައް އިހުސާސްވެ އޭނާގެ ދެލޮލުން ކަރު ނީރާލާފައިވިއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ހުރި ބައްސާމް ހިތުގައި ރިއްސަމުން ދިޔައެވެ. ޒުވާން ދަރިފުޅުގެ ހިތުގައި އަލަށް އުފަންވި ލޯބި ނުލިބޭނެކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން އޭނާ އިރުކޮޅަކާއި ރޯން އޮތް ޝެނަލްއަށް ބަލައިލައެވެ.

***

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރެވެމުންދިޔަ ވަގުތެވެ. މޭޒު ކައިރީގައި ހުރިހާ މީހުން ހަމައަށް ތިއްބެވެ. ދިރިއުޅުން ހަމަޖެހި ގޭތެރޭގައި އުފާވެރިކަން ވަށާލައިފިއެވެ. އެ ހިތްހަމަޖެހުން މިހާރު ޙާއިޝާގެ ހިތަށް ލިބިއްޖެއެވެ. ތިންދަރިން އެއް ސުފުރާ މައްޗަށް ކާންއަރާ ތިބިއިރު މުޅި ސަރަހައްދުގައި ވަނީ އަޑުހިފާލައިފައެވެ. ކުދިންގެ ހަރަކާތްތަކަށް ބަލަން އިން ޙާއިޝާގެ ހަނދާނަށް މާޒީގެ ދުވަސްތަކެއް އަންނަމުން ދިޔައެވެ. އިރާނިޔާ އުނޭޝްގެ އަނބެއްގެ މަގާމުގައި ހުރި ދުވަސްތަކެވެ. އެދިރިއުޅުމުގައި އެއްވެސް މައްސަލަތަކެއް ނުވާ ދުވަސްތަކެވެ. ދެކުދިންގެ ސަމާސާ ތަކުން ސުފުރާމަތި ފަޅުފިލި ދުވަސްތަކެވެ. ނަމަވެސް ދެން އެދުވަސްތައް އިއާދަ ނުވާނޭކަން އިނގޭތީ އޭނާގެ ހިތުގެ ކަނެއްގައި ރިއްސާލައިފިއެވެ. ދެލޮލުން ކަރުނައެއް ފައިބަން އުޅޭހެން ހީވުމުން ދަރިންނަށް ނޭނގޭނެހެން ފޮހެލާފައި ހިނިތުންވެލައިފިއެވެ.

"މިއީ މިހެން އުޅެންވީ ބައެކޭ... ދޮންބެ ވެއްޖެވިއްޔާ ގޮނޑުން ނަޖިސްގަނޑެއް ފެންނައިރަށް އެހިފައިގެން ގެއަށް އަންނަން" ސަމާސާ ކުރުންތަކުގެ ތެރެއިން އަދްޔަން ބުނެލައިފިއެވެ. ޙާއިޝާ ކަންބޮޑުވުމާއެކު އުނޭޝްއަށް ނަޒަރެއް ދިނީ އަދްޔަންގެ ބަސްތަކުން އުނޭޝްއަށް އަސަރެއް ކޮށްފާނެ ކަމަށެވެ. ނަމަވެސް އުނޭޝްގެ ތުންފަތްމަތިން ފެނުނު ހިނިތުންވުން ފެނި އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ.

"އަދޫ ތިބުނީ ރަނގަޅަށް. އަހަރެންނަށް ތިބުނާ ނަޖިސްގަނޑު ފެނުނީ ގޮނޑުން. ނަޖިސްގަނޑު ވަށައިގެން އުފެދިފައިވި ލޮނުގަނޑު ތެރެއިން ވިދަމުންދިޔަ ރެދަންތައް ރީތިވީމަ މާބޮޑު ސަމާލުކަމެއް ނުދެވުނީ" އުނޭޝް ވާހަކަދެއްކިއެވެ. ކުއްލިއަކަށް ތަނުގެ މަޖާގަނޑަށް ނިމުމެއް އައެވެ. އުނޭޝްގެ މޫޑު ބަދަލުވުމާއެކުއެވެ.

"އެހެން ބުނި އެއްޗެއް ނޫން އެއީ. ސޮރީ.." އުނޭޝްގެ އަތުގައި ހިފައިލަމުން އަދްޔަން ބުނެލިއެވެ.

"ހެހެހެ.. އަމް ފައިން... ހިތަށް އަރަނީ ރާނީ ހުރިނަމަ އަދި ހާދަ މަޖައެއްވީހޭ.. އަހަރެންގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެއްޖެ" އުނޭޝް ބުނެލިއެވެ. ކާން އިން ތައްޓަށް އޭނާގެ ނަޒަރު ހުއްޓިފައި ވިޔަސް އަދްޔަންއާއި ޙާއިޝާ އެކަކު އަނެކަކަށް ނަޒަރެއް ދީފިއެވެ. ތަން ހިމޭންވެގެން ދިޔުމުން ޔަޝްފީއަށް ކަމަކުނުދިިޔައެވެ.

"ދޮންބެއަށް އިނގޭތަ! ކަޝްތަ އެބަހުރި މިކޮޅުގަ" ކުއްލިއަކަށް ޔަޝްފީ ބުނެލިއެވެ. އުނޭޝް އިސްއުފުލާ ޔަޝްފީއަށް ބަލައިލިއެވެ. އޭނާގެ ނިތަށް ރޫއަރައިގެން ދިޔައީ ދުރު ހަނދާނެއް އާވެގެން ދިޔުމުންނެވެ.

"ކަޝްތަ؟؟ އެ ކާކު؟" އަދްޔަން ބުނެލިއެވެ.

"ދޮންބެ ކައިރީގަ އަހާބަލަ" ޔަޝްފީ ބުނެލިއެވެ.

"އެއީ މިއަދު ހޮސްޕިޓަލުން ދިމާވި މަންޖެ ދޯ. ޑރ ކަޝިޝް. ހާދަ ރަނގަޅު ކުއްޖެކޭ އެއީ" ޙާއިޝާ ވާހަކަދެއްކިއެވެ. އުނޭޝް ޙާއިޝާއަށް ނަޒަރެއްދިނެވެ.

"އަންހެެނެއްތަ ފިރިހެނެއްތަ؟" އަދްޔަން އަހައިލިއެވެ.

"ސާބަހޭ ތިއްތީ... މަންޖެ ކިޔާތަ ފިރިހެނުންނަށް" ޔަޝްފީ ބުނެލިއެވެ.

"މަންމަ އާ ވެސް ދިމާވިތަ؟ ވާހަކަދެއްކިތަ؟ އަހަރެންނޭ ކިޔައިގެން އެއްޗެކޭ ކިއިތަ؟" ހުރިހާ ސުވާލެއް އެއްފަހަރާ އުނޭޝް އެހިއެވެ.

"ކީއްވެ އުނޭޝް އާ ބެހޭގޮތުން މަންމަ ކައިރީގައި އެއްޗެކޭ ކިޔަންވީ؟ ޙާއިޝާ ބުނެލިއެވެ. ޔަޝްފީ ހީލައިގެން އިނެވެ. ވާނުވާ ނޭނގި ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިފައި އިނީ އަދްޔަންއެވެ.

"ދަރިފުޅުމެންނަށް އެންމެ ރަނގަޅުތަ މިގޭގަ އެ މަންޖެއަށް ހުރެވޭނެ ގޮތް ހެދިޔަސް. ތަމަންނީ އުޅެފަ އެދިޔަ ކޮޓަރި ސާފުކޮށްލާފަ ބެޑްޝީޓާއި ދޮރުފަތިގަނޑު ބަދަލުކޮށްލާކަށްނު ޖެހޭނީ" ޙާއިޝާ ހުރިިހާ ދަރިންގެ ޚިޔާލަކަށް އެދުނެވެ.

"އަޅުގަނޑުމެންނަށް ހެޔޮ ދޯ ތިއްތީ... އެކަމަކު ދޮންބެއަށް އޯކޭތަ؟" މާނަވީ ގޮތަކަށް އުނޭޝްއަށް ނަޒަރެއް ދެމުން ޔަޝްފީ ބުނެލިއެވެ.

"އަޅުގަނޑަށް ހެޔޮ. މަންމައަށް ވަރަށް ކަމުގޮސްފިއެއްނު އޭނަ" އެއްވެސް މީހަކަށް ބަލައިލުމެއްނެތި އުނޭޝް ބުނެލިއެވެ.

***

ރޭގަނޑު ދިހައެއް ޖަހާލީހާއިރެވެ. ހޫނު ފެންތައްޓެއް ހިފައިގެން ބަދިގެއިން ނިކުތް ޙާއިޝާ ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު މައިދޮރު ބެލްއަޅަން ފެށި އަޑު އިވުނެވެ. ގޭތެރެއިން އެއްވެސް ކުއްޖަކު ފެންނާކަށް ނެތެވެ. ސޯފާ ކައިރީގައި ހުރި ކުޑަ މޭޒު މަތީގައި ހޫނުފެންތަށި ބަހައްޓާފައި ޙާއިޝާ ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ސަބްރީން ފެނުމާއެކު ޙާއިޝާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"ހާދަ ނުވަގުތެއްގަ. ކަމަކުތަ އަނެއްކާ. ވަދޭ އެތެރެއަށް" ހިތްހެޔޮކަމާއެކު ޙާއިޝާ ބުނެލިއެވެ. ހިނިތުންވެލައިގެން ހުރެ ސަބްރީން އެތެރެއަށް ވަނެވެ.

"އަ... އަދްޔަން އާ ބައްދަލުކޮށްލަން" ސަބްރީން ބުނެލިއެެވެ. ޙާއިޝާއަށް ސަބަބު އިނގުނު ކަހަލައެވެ. ސަބްރީން އެދުނު ފަދައިން އޭނާ އަދްޔަންއަށް ގޮވިއެވެ.

"ލައްބަ މަންމާ. ކޮންކަމަކު ކާކުތަ އައީ؟" ޓީޝާޓް ލަމުން ކޮޓަރިން ނިކުމެގެން އައި އަދްޔަން ވާހަކަދެއްކި އަޑަށް ސޯފާގައި އިން ސަބްރީން ތެދުވެފައި ބަލައިލިއެވެ. އަދްޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ސަބްރީނަށް ބަލަހައްޓައިގެން ހުރެވުނީ ހިތްހަމަނުޖެހިފައިވި ބެލުމަކުންނެވެ.

"އަހަރެން މިއައީ ވަރަށް ބޮޑު އެދުމަކު އެދެންވެގެން" ސަބްރީން ބުނެލިއެވެ. އޭނާ އަދްޔަންއާ ކުޑަކޮށް ގާތަށް ޖެހިލައިފިއެވެ. ޙައިރާންވެފައިވި ބެލުމަކުން ސަބްރީނަށް ބަލަހައްޓައިގެން ހުރެ ޙާއިޝާ އައިސް އޭނާއާ އެއް ހަމައެއްގައި ހުއްޓިއްޖެއެވެ.

"ކޮންކަމަކުތޯ؟" އަދްޔަން އެހިއެވެ.

"އަހަރެންގެ ދަރިފުޅަށްޓަކައި. އަދްޔަންގެ ލޯތްބަށްޓަކައި އޭނަ އެދަނީ މަރުވަމުން. އޭނަ ހިތާމަ އެކުރަނީ އެންމެންނަށް ސިއްރުން" ސަބްރީން ވާހަކަދެއްކިއެވެ.

"ތިއައީ ޝާނީ ފޮނުވައިގެން ދޯ. އަހަރެންގެ ޙަމްދަރުދީ ލިބޭނެކަމަށްތަ؟" އަދްޔަން ބުނެލިއެވެ. ޙާއިޝާ އަދްޔަންއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ނޫން. އަހަރެން މިގެއަށް އައިކަމެއް އެއްވެސް މީހަކަށް ނޭނގޭނެ. ހަމަ އެންމެ ފުރުސަތެއްވެސް ޝާނީއަށް ނުދެވޭނެތަ؟" ސަބްރީން ބުނެލިއެވެ.

"ވަގުތުފާއިތުވެއްޖެ. އަހަރެންގެ ހިތުގައި ޝާނީއަށްޓަކައި އެއްވެސް އިހުސާސެއް ނެތް. ސޮރީ" އަދްޔަން ބުނެލިއެވެ.

"ނޫން. ތިހެންނުބުނޭ. ޝާނީގެ އެއްވެސް ކުށެއްނެތް. އަހަރެން ކުށް ކުރީ. އަހަރެންނަށް ކުރެވުނު ކުށުގެ ސަޒާ ޝާނީއަށް ލިބެންވީ ކީއްވެ؟ އެއީ އިންސާފެއްތަ؟" ސަބްރީނަށް ރޮވިއްޖެއެވެ. ޙާއިޝާ އައިސް ސަބްރީންގެ ކޮނޑުގައި ދެފަރާތުން ހިފަހައްޓައިލިއެވެ.

"އަހަރެންނަށް ތިކަމުގައި އެއްވެސް ކަމެއް ކޮށެއްނުދެވޭނެ. އަހަރެން ޝާނީއަށް މަޢާފްކޮށްފިން" އަދްޔަން ބުނެލިއެވެ. ސަބްރީނަށް ރޮމުން ގޮސް އިސްޖެހިއްޖެއެވެ.

"ހުރި ހަމައެކަނި ދަރިފުޅު އެހާލުގައި ތެޅެމުންދާ މަންޒަރު ބަލަން މައިލަނގޮޑިއަށް ކެތްނުވީ. ތިއީ ދަރިފުޅުގެ ފަހު ނިންމުންތަ؟" ސަބްރީން އެހިއެވެ.

"ލައްބަ. މިވަގުތު އަޅުގަނޑު ޝާނީގެ އަތުގައި ހިފައިފިއްޔާ ގޮމައަށް ކިހާ ބޮޑު ލަނޑެއް އެދެވުނީ. ޝާނީއަކީ އަހަރެންގެ ވަފާތެރި ލޯބީގައި ކޮޅުފައިންޖެހި މީހާ. ގޮމައަކީ ކުޑައިރުއްސުރެ ފެށިގެން ދެގޮތެއް ނުވެ އަހަރެންދެކެ ލޯބިވި މީހާ. އަހަރެން ކިހިނެއް ގޮމައަށް ދެރައެއްދޭނީ. އަހަރެން ދުވަހަކުވެސް ނުވެސް ވިސްނާނަން އަހަރެންގެ ދިރިއުޅުމުން ގޮމަ އެއްފަރާތް ކުރާކަށް" އަދްޔަން ސަބްރީނަށް ފުރަގަސްދެމުން މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. އޭރު ކޮޓަރީގައި ފިލްމެއް ބަލަން ތިބި އުނޭޝްއާއި ޔަޝްފީވެސް ނިކުމެއްޖެއެވެ.

"އެންމެރަނގަޅު. ގޮމަ ރުހިއްޖެނަމަ އަދްޔަންގެ ހަޔާތުން ދެވަނަ އަންބެއްގެ މަގާމުގައި އަހަރެންގެ ދަރިފުޅު ބައިންދާނަންތަ؟" ސަބްރީން އެހިއެވެ. އަދްޔަންއަށް ޙައިރާންކަމާއެކު ސަބްރީނަށް ބަލައިލެވިއްޖެއެވެ. ޙާއިޝާއަށް ވެސް ހުރެވުނީ ކިޔާނެ ބަހެއް ނޭނގިފައެވެ.

އަދްޔަން ބަހެއް ނުކިއިއެވެ. އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަނެއްޖެއެވެ. ރޯންހުރި ސަބްރީނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އަދްޔަން ފަހަތުން ކޮޓަރިއާ ދިމާލަށް އުނޭޝް ހިނގައިގަތެވެ. ސަބްރީނާއި މެދު ޙާއިޝާގެ ހިތުގައި ރަހުމު އުފެދިއްޖެއެވެ. އޭނާ ސަބްރީން ގޮވައިގެން ގޮސް ސޯފާގައި ބޭންދިއެވެ.

"ދަރިފުޅު ދޭބަލަ ފިނި ފެންތައްޓެއް ހިފައިގެން އަންނަން" ޔަޝްފީއަށް ޙާއިޝާ ބުނެލިއެވެ.

"ހަޤީޤަތަށް ބުނަންޏާ އަދްޔަން ރީންގެ މަންޖެއާ ގުޅުމެއް އޮތްކަމެއް ކުރިން އަހަރެންނަށް ނޭނގޭ. އަދި އެ ދެކުދިން މެދުގައި ޖެހުނު މައްސަލައެއްވެސް ނޭނގޭ. އަހަރެންނަށް އިނގޭ އެއްޗަކީ ވަރަށް އަވަހަށް އަދްޔަން ކައިވެނިކުރަން އުޅޭކަން" ޙާއިޝާ ސަބްރީން ކައިރީގައި އިށީނދެލިއެވެ. އަދި ޔަޝްފީ ގެނައި ފެންތަށި ސަބްރީންގެ އަތަށް ލައިދިނެވެ. ތަށީގައި ހިފިއެއް ކަމަކު ސަބްރީން އެންމެ ފެންފޮދެއްވެސް ނުބޮއެވެ.

"ޙާއިޝާއަށް ކުރެވުނު އެއްވެސް މާނައެއްނެތް ނަފްރަތެއްގެ ސަބަބުން އަހަރެންނަށް އަމިއްލަ އެދުން އިސްކުރެވުނީ. އަހަރެންގެ ދަރިފުޅުގެ އިހުސާސްތަކާއި އަހަރެންގެ މިދެއަތުން ކުޅެލެވުނީ. އަހަރެން ހިއެއް ނުކުރަން މިކަހަލަ ދުވަހެއް ދެކެން ޖެހިދާނެ ކަމަކަށް" ސަބްރީން ކިޔަމުން ދިޔައެވެ.

"އަހަރެން މިދައްކާ ވާހަކަތަކާމެދު ވަރަށް ހަމަޖެހިގެން ގެއަށް ގޮސް ވިސްނާލައްޗެ. ގާތްގަނޑަކަށް އަހަރެންނާ ސަބްރީނާ މިވަގުތު މިހެރީ އެއް ހާލަތެއްގަ. އަހަރެންގެ އުނޭޝްއަށް ވެސް ވިސްނުނުއިރު ރާނީ ވަނީ އޭނާގެ އަތްނުޖެހޭ ހިސާބު މާ ދުރަށް ގޮސްފައި. މިހާރު އަބަދު އެދައްކަނީ ރާނީގެ ވާހަކަ. އަހަރެން ވަރަށް ރަނގަޅަށް ބުނެފިން އެހަނދާންތަކާ ދުރަށްދާށޭ. އެއީ މާޒީކަމަށް ބަލާފައި މާޒީން ލިބުނު ފިލާވަޅުން ޢިބްރަތް ލިބިގަނެގެން މުސްތަގުބަލް ބައްޓަންކުރާށޭ. ހުދު އަހަރެންވެސް ބޭނުން އުނޭޝްގެ އަންބެއްގެ ގޮތުގައި މިގޭތެރެއިން ރާނީ ފެންނަން. އެކަމަކު އަހަރެންގެ ދަރިފުޅަށްޓަކައި ރާނީ ކައިރީގައި ރޮއެ އާދޭސްކުރާކަށް ނުދާނަން. އުނޭޝް ޖެހޭނީ ޙަގީގަތް ޤަބޫލުކުރަން. ހަމައެގޮތަށް ސަބްރީންގެ މަންޖެއަށްވެސް ވިސްނައިދީ. އަދްޔަން އެއީ މާޒީކަމަށް ބަލާފައި މުސްތަގުބަލާމެދު ވިސްނަން. ހުރިހާ މީހުންނަކަށް އެމީހުން އެންމެ ލޯބިވާ މީހާއެއް ނުލިބޭނެ. ނަސީބުވެރިންނަށް ނޫނީ. އެކަސް ސަބްރީނަށް ވަރަށް ރަނގަޅަށް އިނގޭނެ. ހިތްއެދޭ ހުރިހާކަމެއް ވާނެ ހަމައެކަނި ތަނަކީ ސުވަރުގެ" ސަބްރީންގެ ބުރަކަށީގައި ފިރުމަމުން ޙާއިޝާ ވާހަކަދައްކަމުން ދިޔައެވެ. ސަބްރީން ވިސްނުންތެރިކަމާއެކު އަޑުއަހަމުން ދިޔައެވެ.

"އަހަރެންނަށް ފެންނަނީ ރީން ގެއަށްދާން. ހަމަޖެހިލައިގެން ވިސްނާލާ. ކުރެވުނު ކަންތަކާމެދު އަމިއްލަ ނަފްސު ކުށްވެރިނުކުރޭ. ހެއްދެވިފަރާތުން ސަބްރީންނަށް ތިވަނީ ހިދާޔަތް ދައްކަވާފައި. އެކަލާނގެ ސަބްރީން ތިއީ ކުށްވެރިއެއް ކަމަށް ކަނޑައެއްނާޅާ. ދެން އަމިއްލަ އަށް އެގޮތަށް ތި ނިންމަނީ ކީއްވެ؟" ޙާއިޝާ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.

"އަހަރެންގެ ހިތަށް ކެތްނުވީ... " ސަބްރީން ބުނެލިއެވެ.

"އަހަރެންނަށް ވިސްނޭ މައެއްގެ ހައިސިއްޔަތުން ރީނަށް ކުރާނެ އަސަރު. ބައެއްފަހަރު ސިކުނޑި ވިސްނައިދޭ ގޮތަށް ކަންތައް ކުރާކަށް ނުޖެހޭނެ. ހިތަށްވެސް ފުރުސަތުދޭން ޖެހޭނެ.... ދެން މިރޭ ދޭ ގެއަށް" ޙާއިޝާ ވާހަކަދެއްކިއެވެ. ސަބްރީން ކޮޅަށް ތެދުވިއެވެ. ނާކާމިޔާބުވި ހިތަކާއެކު އޭނާ ގެއިން ނިކުންނަން ފިޔަވަޅެއް އަޅައިލިއެވެ.

"ދެވޭނެތަ؟ އަހަރެން ދަންތަ އެކުގަ" ޙާއިޝާ ބުނެލިއެވެ.

"ނޫން. ބަނދަރުމަތިން ހިނގާލާފަ ދާނީ. އޭރުން ގެއަށް ދެވޭއިރު ހުންނާނީ މީހާ ހަމަޖެހިފަ" ޙާއިޝާއަށް ޝުކުރުއަދާކޮށްފައި ސަބްރީން ހިނގައިގަތެވެ.

***

އެނދުމަތީގައި އުނގަށް ބާލީހެއް އަރުވައިގެން ހޫރު ނިންދަވަން އިން އިރާނިޔާއަށް ބަލަހައްޓައިގެން އާޝިދް އިނެވެ. މެގަޒިނެއް ހިފައިގެން ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އިންއިރު ދޭތެރެ ދޭތެރެއިން އޭނާގެ ނަޒަރު އިރާނިޔާއަށް ހުއްޓެއެވެ. އެކަން އިރާނިޔާއަށް ނޭނގޭއެވެ.

"ނިދައިފި. ދެން ހޭލާނީ ފަތިހު. އެކަމު ދެތިން ފަހަރު ނަގައިގެން ފީޑްކުރަން" ހޫރު އެނދުމަތީގައި ބާއްވާފައި ދެފަރާތުން ބާލީސް ޖަހާލާފައި އިރާނިޔާ ކޮޅަށް ތެދުވިއެވެ.

"އަހަރެން ފެންވަރާލައިގެން ދިޔައިއްޔާ ލަސްވާނެތަ؟" އިރާނިޔާ އަހައިލިއެވެ. އާޝިދް ދެފަރާތަށް ބޯހޫރާލުމުން ތުވާއްޔާއި ބޭނުންވާނެ އެހެނިހެން ސާމާނު ހިފައިގެން އޭނާ ފާހާނާއަށް ވަދެއްޖެއެވެ. މާގިނައިރު ނުވަނީސް އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން އިރާނިޔާ ނިކުމެއްޖެއެވެ. އަދި އަތުގައި ހުރި ބޭލި އަންނައުނުތައް ދާ އެއްޗެހި އަޅާ ވަށިގަނޑަށް އެޅިއެވެ. ލޯގަނޑު ކުރިމަތީގައި އިރާނިޔާ ހުއްޓުމުން އާޝިދް ތެދުވިއެވެ. އިރާނިޔާއަށް ތަންދީފައި އޭނާ އެނދުގައި އިށީނެވެ.

"ވަރަށް އަވަސްކޮށްލާނަން އިނގޭ. އަދި ނަމާދުވެސް ނުކޮށް މިހިރީ" ހަރަކާތްތައް އަވަސްކޮށްލަމުން އިރާނިޔާ ބުނެލިއެވެ. އާޝިދް ކަޅި ޖަހައިވެސްނުލާ އިރާނިޔާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނެވެ. ރަކިވެފައި ހުއްޓަސް އެކަން އަންގަން އިރާނިޔާ ބޭނުމެއްނުވިއެވެ.

"މި ނިމުނީ..." ނަމާދުކޮށް ނިމި މުސައްލަ އޮޅާލާފައި އަލަމާރި މަތީގައި ބާއްވަމުން އިރާނިޔާ ބުނެލިއެވެ. އަތުގައި އޮތް މެގަޒިން އެނދުގެ ސައިޑްކަބަޑް މަތީގައި ބާއްވާފައި އާޝިދް ތެދުވިއެވެ. ނިދާފައި އޮތް ހޫރުގެ ކޯތާފަތުގައި ލުއިލުއިކޮށް ބޮސްދިނުމަށްފަހު އާޝިދްގެ ކުރީގައި ހުރެގެން އިރާނިޔާ ހިނގައިގަތެވެ. ދޮރާއި ހަމައަށް ގޮސް އިރާނިޔާއަށް ރަނގަޅަށް ދޮރުގެ އަތްގަނޑުގައި ނުހިފެނީސް ފަހަތުގައި ހުރި އާޝިދް ގެނައި ކުއްލި ހަރަކާތަކާއެކު އިރާނިޔާ އޭނާއާ ވީކޮޅަށް އަނބުރާލިއެވެ. އިރާނިޔާ ދިޔައީ ސިހިގެންނެވެ.

އިރާނިޔާގެ ފުން ކަނޑެއްފަދަ ދެލޮލުގެ ތެރެއަށް ގެއްލިގެންދާން ބޭނުންވެފައި ހުރިކަން އާޝިދް ބަލަހައްޓައިގެން ހުރިގޮތުން އިރާނިޔާއަށް އިނގުނެވެ. އާޝިދްގެ ދެލޮލުން ފާޅުވަމުންދާ ކުލަވަރު މިއިން ދުވަހަކުވެސް އިރާނިޔާއަށް ފެނިފައެއްނުވެއެވެ. އޭނާގެ އުނަގަނޑުގެ ދެފަރާތުގައި އާޝިދް ހިފަހައްޓާލައިގެން ހުރީވެސް ފުދޭވަރަކަށް ބާރަށެވެ.

ސިޑް...!!" އިރާނިޔާގެ ދެތުންފަތް ދޭތެރެއިން އާޝިދްގެ ނަން ބޭރުވެގެން ދިޔައެވެ.

"އަހަރެން ނުހުއްޓުވައްޗޭ" އާޝިދް ބުނެލިއެވެ. އިރާނިޔާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އާޝިދް ކޮށްލި ކަމަކުން އިރާނިޔާއަށް ހީވީ އޭނާގެ ނޭވާވެސް ހުއްޓިގެން ދިޔަހެންނެވެ. ވާހަކަދައްކާނެ ގޮތެއްނެތި އޭނާގެ އެ އިހުސާސް އާޝިދް ހިފަހައްޓައިފިއެވެ. ދެލޯބޮޑުކޮށްގެން އާޝިދަށް ބަލަހައްޓައިގެން ހުރެވުނީ އިރުކޮޅަކުއެވެ. އެލޯބިވެތި ވަގުތުކޮޅު ދެމިގެންދާން ހުދު އޭނާވެސް ބޭނުންވެއްޖެއެވެ. މަޑުމަޑުން ދެއަތް އުފުލާލެވި އާޝިދްގެ ބުރަކަށީގައި ވަށައިލެވިއްޖެއެވެ. އެކަން އާޝިދަށް ހިތްވަރަކަށްވެގެން ދިޔައެވެ.

"ސިޑް...! މިހާރު ލަހެއްނުވޭތަ؟" ވާހަކަދައްކަން ފުރުސަތު ލިބުމުން އިރާނިޔާ ބުނެލިއެވެ. އަދިވެސް އާޝިދްގެ ނަޒަރަށް ބަދަލެއް ނާދޭއެވެ. އިރާނިޔާ ތުންފަތުގައި ދަތްއަޅައިލަމުން އިސްޖަހައިލި ގޮތް އާޝިދަށް ކަމުދިޔައެވެ. އޭނާ އިރާނިޔާގެ ހަށިގަނޑުގައި ބާރަށް ބައްދައިލިއެވެ. ބޮސްދިނުންތައް އިތުރުވާން ފެށުމުން އިރާނިޔާ ބިރުގަންނަން ފަށައިފިއެވެ. ކަނދުރާއާ ހަމައަށް އާޝިދްގެ ލޯބީގެ އަސަރުތައް ފޯރުމުން އިރާނިޔާއަށް ފިޔަވަޅެއް އަޅަން މަޖުބޫރު ވެއްޖެއެވެ. އިންފަހަނައަޅާ ނުދަނީސް ނުހުއްޓުވައިފިނަމަ ދެމީހުންވެސް ފަހުން ހިތާމަކުރަން ޖެހިދާނެކަން އޭނާގެ ހަވަނަ ހިއްސު އިންޒާރު ދީފިއެވެ.

"ސިޑް. ދިސް އިޒް ރޯންގް" އާޝިދްގެ ކަންފަތާއި ގަތްވެލާފައި އިރާނިޔާ ބުނެލިއެވެ. މެރިފައިވި އާޝިދްގެ ދެލޯ ހުޅުވާލެވުނީ ހަމަ ކުއްލިއަކަށެވެ. އިރާނިޔާގެ ދުލުން ބެރުވެގެންދިޔަ ޖުމްލަތަކާއެކު އޭނާއަށް ހަމަ ބިމަށް އާދެވިއްޖެއެވެ. ދެއަތުން އިރާނިޔާ ދުރުކޮށްލާފައި އަނެއްފަރާތަށް އެނބުރިއްޖެއެވެ. އޭނާގެ ހަށިގަނޑަށް އައިސްފައިވި ބަދަލު އިރާނިޔާއަށް ސިއްރުކުރަން ބޭނުންވިއެވެ.

"މިއަންނަނީ ޓޮއިލެޓަށް ވަދެލާފަ" އެތަނުގައި ހުންނަންވެސް އާޝިދަށް އުނދަގޫވިއެވެ. އޭނާ ބާރަށް ހިނގާފައި ގޮސް ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ. އާޝިދްގެ ހަރަކާތްތައް ހުރިގޮތުން އިރާނިޔާ ކައިރިއަށް ހިނިއައެވެ. ދެފަރާތަށް ބޯހޫރާލާފައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އަދި ޓިޝޫ ފޮށިން ދެތިން ޓިޝޫ ދަމައިގަތުމަށްފަހު އޭނާގެ ކަރުދޮަށް ސާފުކޮށްލިއެވެ.

އާޝިދް ފާހާނާއިން ނިކުތީ އޭނާ ހަމަޖެހިލައިގެން އެނދުގައި އިންދައެވެ.

"އާރ ޔޫ އޯކޭ" އިރާނިޔާ އަހައިލިއެވެ. އާޝިދް ބޯޖަހައލިއެވެ.

"ލެޓްސް ގޯ. އަދި ގޮމަ ކައިރީގައި ބުނެލާފަ ދެވޭނީ ހޫރު ބަލާލަން" އިރާނިޔާ ހިނގައިގަތުމުން އާޝިދް އިރާނިޔާގެ އަތުގައި ހިފެހެއްޓިއެވެ.

"ވަރަށް ބޮޑަށް ސޮރީ. އައި ހޭވް ނޯ ކޮންޓްރޯލް އޮން މައި ސެލްފް. ޕްލީޒް ސްޓޮޕް މީ ނެކްސްޓް ޓައިމް" އިރާނިޔާ ބަލައިލުމާއެކު އާޝިިދް ބުނެލިއެވެ. ކުރެވުނު ކަންތަކުން ހަގީގަތުގައިވެސް އޭނާ ހުރީ ދެރަވެފައެވެ.

"ނެވަރ މައިންޑް. އަހަރެންވެސް ބޭނުންވި. އެކަން ހަނދާންނައްތާލާ. ހިނގާދާން" އާޝިދްގެ މޫނުގައި ފިރުމައިލަމުން އިރާނިޔާ ބުނެލިއެވެ.

***

ޒަމްޙާގެ ސައިކަލް ފަހަތުގައި އިން ކަޝިޝް ފޭބިއިރު ދޮރުމަތީގައި އުނޭޝް ނޫން ބާކީ ތިބި ހުރިހާ މީހުން ތިއްބެވެ. ކަޝިޝްގެ ތުންފަތްމަތިން އަބަދުވެސް ފެންނަ އުފާވެރި ހިނިތުންވުމާއެކު ޙާއިޝާއާ ބައްދަލުކުރިއެވެ.

"މިއީ އަދްޔަން. އަހަރެންގެ ދެވަނަ ދަރިފުޅު" ކައިރީގައި ހުރި އަދްޔަން ދައްކައިލަމުން ޙާއިޝާ ބުނެލިއެވެ.

"އިނގޭ. ޔަޝް ހުރިހާ އެއްޗެއް ކިޔައިދިން" ކަޝިޝް ބުނެލިއެވެ.

"ދަރިފުޅާ. ޑރ.ކަޝިޝްގެ ސާމާނުތައް އެކޮޓަރިއަށް ގެންދަންވީނުން" ޙާއިޝާ ބުނެލިއެވެ. އަދްޔަން އެކަމާ އުޅެންފެށިއެވެ.

"ދަރިފުޅުމެން ވަންނަންވީނުން ޑރ.ކަޝިޝް ގޮވައިގެން އެތެރެއަށް. މަންމަ މިއަންނަނީ ފިހާރައަށް ވަދެލާފަ" ޙާއިޝާ ހިނގައިގަތެވެ. ޔަޝްފީއާއެކު ދޮރާށިން އެތެރެއަށް ވަން ކަޝިޝް ހުރިހާ ދިމާލެއް ބަލަމުން ދިޔައެވެ. އޭނާގެ ހިތުގެވެރިޔާ އަދި ލޮލަށް ދައްކައިވެސް ނުލައެވެ.

"ކޮފީ ބޯލައިގެން ދޯ ރޫމަށް ދާނީ" ޔަޝްފީ ބުނެލިއެވެ. ކަޝިޝް ބޯޖަހައިލިއެވެ.

"ކޮބާ އަހަރެންގެ ޕްރިންސް" ކަޝިޝް އަހައިލިއެވެ.

"ދެން ފެންނާނެއްނު އެއްގޭތެރޭގަ އުޅެންޏާ" މަޖާވެފައި ޔަޝްފީ ބުނެލިއެވެ.

"އަޅުގަނޑު ކަޝްތަ ކައިރީގައި ވަރަށް ބައިވަރު ވާހަކަތަކެއް ދައްކަންވެފަ އެބަހުރި" މޫނުމައްޗަށް ސީރިޔަސްކަން ގެންނަމުން ޔަޝްފީ ބުނެލިއެވެ. ކަޝިޝް އެކަމަށް ސަމާލުކަން ދިނެވެ.

"ދޮންބެ މިހާރު މެރީޑެއްނޫން. ވަރަށް ބައިވަރު ކަންކަން ބަދަލުވެއްޖެ. ދޮންބެއަށް އެހީވެދީ ހަގީގަތުގަވެސް ކަޝްތަ ދޮންބެ ބޭނުމިއްޔާ. އަޅުގަނޑު ބުނާނީ ކަޝްތަ ސީރިޔަސް ނޫންވިއްޔާ ދޮންބެގެ ހިތަށް އިތުރަށް ހަރޓްކުރަން އެއްވެސް ކަމެއް ނުކުރައްޗޭ" އުނޭޝްގެ ދިރިއުޅުމުގައި ހިނގައިދިޔަ ހުރިހާކަމެއް ޔަޝްފީ ކަޝިޝްއަށް ކިޔައިދިނެވެ.

"ޑޯންޓް ވޮރީ ޔަޝް. އައި ލަވް ޔުއަރ ދޮންބެ މޯރ ދެން އެނީތިންގް" މޭޒުމަތީގައި އޮތް ޔަޝްފީގެ އަތުގައި ހިފައިލަމުން ކަޝިޝް ބުނެލިއެވެ.

"އެބައުޅޭތަ ގޭގަ" ކަޝިޝް އަހައިލިއެވެ. ޔަޝްފީ ބޯޖަހައިލަމުން އުނޭޝްގެ ކޮޓަރި ދައްކައިލިއެވެ.

"މިއަންނަނީ އިނގޭ" ކަޝިޝް ތެދުވިއެވެ.

"މަންމަ އައިސްދާނެ" ޔަޝްފީ ބުނެލިއެވެ.

"ސޯ... މިއުޅެނީ ސިއްރުކަމެއް ކުރާކަށްނޫން. އަހަރެން މިރަށަށް އައި ސަބަބު މަންމައަށްވެސް އިނގެންޖެހޭނެއްނު. އެނީވޭސް. އަހަރެންގެ އުނީއަށް ވަރަށް ޖެއްސުންކުރާހިތްވޭ އަބަދުވެސް" ކަޝިޝް ހިނގައިގަތެވެ.

***

ކޮޓަރީ ދޮރުގައި ޓަކި ޖަހައިލުމެއްނެތި ކަޝިޝް ދޮރުހުޅުވައިލިއެވެ. ލޯގަނޑު ކުރިމަތީގައި ގައިގަ ލޯޝަން ހާކަން ހުރި އުނޭޝް ސިހުނުގޮތުން އުނުގައި އޮތް ހުދުކުލައިގެ ތުވާލި ތިރިއަށް ސޮހިގެން ދިޔައެވެ. ލައިގެން ހުރި ކުޑަ ބޮކްސާއަށް ނަޒަރެއްދެމުން ދެވަނަ ނަޒަރު އޭނާއަށް ދެވުނީ ކުރިމަތީގައި ހީލައިގެން ހުރި އަންހެންކުއްޖާއަށެވެ. ލަދުގަތްވަރުން ފިލަން އޭނާ ހަނދާންވީ ކުއްލިއަކަށެވެ. ހުޅުވާފައި ހުރި އަލަމާރީގެ ދޮރުފަތް ބިތްދޮަށް އުނޭޝް ވަނުމުން ކަޝިޝްއަށް ހެވިއްޖެއެވެ. އޭނާ ދޮރުލައްޕާލާފައި ހެމުން ގޮސް ކުރިން އިން ގޮނޑީގައި އިށީނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟