ފަންސާސްވަނަ ބައި
މުޅިން އާ ދުވަހަކަށް އިރު ފެނުން ތޮޅިލީ އެތައް ބައެއްގެ ހާލަތު ބަދަލުކުރަމުންނެވެ. މަންމަގެ ހިތް ހަލާލު ލިބުނު ކަމުގައި ވިޔަސް އުނޭޝްއަށް ލިބެންވާ ހިތްހަމަޖެހުން ނުލިބުނެވެ. އޭނާގެ ހަޔާތުގައި ހުސްކަމެއް ވާތީ ހާސްކަން ލިބެމުން ދިޔައެވެ. އަތުން ބީވެގެންދިޔަ ރަން ކޮކާލެއް ފަދަ ނާޒުކު އަންހެންކުއްޖާ އަލުން ލިބުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. އޭނާގެ ދިރިއުޅުން ފުރިހަމަވާނީ ދަރިފުޅާ އެދަރިފުޅުގެ މަންމަ އޭނާގެ ހިމާޔަތުގެ ދަށަށް އައުމަށް ފަހުގައެވެ.
"ދޮންބެ މާލިކްބެ ގުޅައިފި. ދޮންބެ ނާންނާތީ" ކޮޓަރިއަށް ވަން އަދްޔަން ބުނެލިއެވެ. އުނޭޝް އަދިވެސް އޮތީ ޙައިޝާގެ ކޮޓަރީގައެވެ.
"އަދޫވެސް ތިހުރީ ނުދާކަށްނު" އުނޭޝް ބުނެލިއެވެ.
"ވަދެލާފަ ގޮމަ ތަނަކަށް ގެންދަންވެގެން އޮފީހުން ނިކުމެލީ. އެއްޗެއް ބަލާ ގެއަށް މިވަދެލީ" އަދްޔަން ބުނެލިއެވެ.
ޙާއިޝާ ފާހާނައިން ނިކުތްއިރުވެސް އުނޭޝް އެނދުގައި އިނެވެ. ހަރުގައި ތުވާލި އަޅުވާލާފައި އައިސް ޙާއިޝާ އިށީނީ އުނޭޝްގެ ކައިރީގައެވެ.
"މާލިކް މަންމަ ފޯނަށްވެސް ގުޅި. ކޮބާ ދަރިފުޅުގެ ފޯނު. މަންމަ ބުނިން އުނޭޝް ބަލިކޮށް އުޅޭ ވާހަކަ" ޙާއިޝާ ވާހަކަދެއްކިއެވެ. އުނޭޝް އިނީ ކަޅިޖަހައިވެސްނުލާ ޙާއިޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"މަންމަގެ އުނގުގައި އަޅުގަނޑު ބޯއަޅާލަންތަ މަންމާ" އުނޭޝް ބުނެލިއެވެ. ޙައިޝާ ބޯޖަހައިލިއެވެ.
"މަންމާ! އަޅުގަނޑަށް ކީއްވެ ކުރެވުނު ކަމެއްތަ އެއީ. ރާނީ... ރާނީ ވަރަށް ރުއި ދޯ" އުނޭޝް ވާހަކަދެއްކިއެވެ. ދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ޙާއިޝާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ.
"ރާނީ މަތިން ދަރިފުޅު ހަނދާންނައްތާލާ. ރާނީގެ ވާހަކަނުދައްކާ" ޙާއިޝާ ބުނެލިއެވެ. ޙާއިޝާ އެހެން ބުނި ވަގުތު އުނޭޝްއަށް ކުއްލިއަކަށް ޙާއިޝާގެ އަތުގައި ހިފެހެއްޓިއްޖެއެވެ.
"ތިހެން ނުބުނޭ މަންމާ. އަޅުގަނޑު ކިހިނެއް ރާނީ މަތިން ހަނދާންނައްތާލާނީ. އަޅުގަނޑުގެ އެންމެފުރަތަމަ ލޯބިވި އަންހެންކުއްޖާއޭ އެއީ. އަންބެއްގެ ގޮތުގައި އަޅުގަނޑުގެ ހަޔާތަށް އެންމެފުރަތަމަ އައި ކުއްޖާ. އަޅުގަނޑުގެ ދެލޯފަދަ ލޯބިވާ ދަރިފުޅުގެ މަންމަ" އުނޭޝް ބުނެލިއެވެ. ޙާއިޝާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދެވަނަ ފަހަރަށްވެސް އުނޭޝްގެ އަނބެއްގެ ގޮތުގައި އިރާނިޔާ ހުންނަ މަންޒަރު ދެކެން ހުދު އޭނާވެސް ބޭނުންވެއެވެ. އެހެނަސް އެއީ ނުވާނެ ކަމެއްކަން ގަބޫލުކުރަން ޖެހެއެވެ.
"ކީއްވެ އެއްޗެއް ނުބުނީ؟" ޙާއިޝާގެ އަތުގައި ހިފާ ތަޅުވައިލަމުން އުނޭޝް ބުނެލިއެވެ.
"ކަމެއްނުވޭ. އުނޭ ނިދާލަންވީނުން. މަންމަ މިދަނީ ބަދިގެއަށް. ޔަޝްފީވެސް ކުޑަކޮށް ބަލިކޮށް އުޅޭތީ އެބަޖެހޭ އެ މަންޖެ ގޮވައިގެން ހޮސްޕިޓަލަށް ދާންވެސް" ތެދުވަމުން ޙާއިޝާ ބުނެލިއެވެ.
"މެންދުރަށް އަޅުގަނޑަށް ޗިކަން ކޮއްތުރޮށި ހަދައިދެއްޗޭ މަންމާ. ވަރަށް ދުވަސްވެއްޖެ މަންމަގެ އަތުން ތައްޔާރުކޮށްގެން އެކަހަލަ ކެއުމެއް ނުލިބޭތާ" އުނޭޝް ބުނެލިއެވެ. ޙާއިޝާ ހިނގައިގަތީ ބޯޖަހައިލާފައެވެ.
"ދަރިފުޅާ! ދެވަނަ ފަހަރަށް ދަރިފުޅު ހިތާމައިގެ ފުން ކަނޑަކަށް ވެއްޓޭކަށް މަންމަ ބޭނުމެއްނޫން. ހިތާމައިން ގޮސް ދަރިފުޅު ނިމިގެންދާ މަންޒަރު ބަލަން މަންމަގެ ހިތަކަށް ކެތެއްނުވާނެ. ރާނީގެ ވިސްނުމާ ހިޔާލު ދަރިފުޅުގެ ހިތާއި ސިކުނޑިން ނެރެލާ. އެއީ ދަރިފުޅަށް ދެވަނަ ފަހަރަށް ލިބޭނެ ލޯތްބެއްނޫން. ރާނީ އެދަނީ މީހެއްގެ އަންބަކަށްވާން ފޮނި ހުވަފެންތަކެއް ދެކެމުން. ރާނީ ދަރިފުޅުގެ އަތުން ބީވެގެން ދިޔައީ ދަރިފުޅަށް ވިސްނާނުލާ ހެދުނު ކުޑަކުޑަ ގޯހަކުން. ދަރިފުޅުމެންގެ ތިންކުދިން ފަދައިން ރާނީއަކީވެސް މަންމަގެ އުފަން ދަރިއެއް. ދަރިފުޅުގެ ލޯބި ޤަބޫލުކުރުމަށްއެދި މަންމަ ރާނީ ހުށައެއްނާޅާނަން. މަންމަ އެހާ އަމިއްލަ އެދުން ބޮޑެއްނުވާނެ. ދަރިފުޅުގެ ފަރުވާކުޑަ އަމަލުތަކެއްގެ ސަބަބުން ރާނީ ކަރުނައެޅި ވަރާއި ހިތާމަކުރި މަންޒަރާއި، ދަރިފުޅުގެ އަނިޔާތަކަށް ރާނީ ކެތްކުރިވަރު އެންމެ ކައިރިން ފެނުނު މީހަކީވެސް ހަމަ މި މަންމަ. ދަރިފުޅުގެ ހަނދާންތަކާއި ދުރުވުމަށް އެމަންޖެއަށް ނަޞޭޙަތް ދިން މީހަކީވެސް މަންމަ. އެފަދަ ހިތްދަތި ދަނޑިވަޅެއްގައި އާޝިދް ކަހަލަ އޯގާތެރިޔަކު އެދެމައިންނަށް މަދަދުވެރިވިކަން އެއީ ހެއްދެވިފަރާތުގެ މަތިވެރި ރަޙްމަތްފުޅު. މާޒީ ހަނދާން ނައްތާލާފައި މުސްތަގުބަލައިގެން ކުރިއަށް ދިޔުން މަންމަ ދަރިފުޅަށް ނަޞޭޙަތްތެރިވަން" ދޮރާއި ހަމައަށް ގޮސްފައި އެނބުރި އެނދާއި ދިމާލަށް ޙާއިޝާ ބަލައިލިއެވެ. ދެލޯމެރިފައި އޮތް އުނޭޝްގެ މޫނުމަތިން ހިތާމައިގެ ކުލަވަރު އަދިވެސް ފެންނަން ހުއްޓެވެ. އެހުރިހާ ވާހަކަތަކެއް އޭނާ އުނޭޝްއަށް މިދަނޑިވަޅުގައި ކިޔައިނުދީފިއްޔާ އުނޭޝް ކުރަމުންއެދާ އުންމީދުތަކަށް ބަދަލެއް ނާންނާނެއެވެ. ވަގުތު ފާއިތުނުވަނީސް އެއީވެސް ކުރަންޖެހޭ ކަމެކެވެ.
***
ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކަށް ފެން ދިނުމުގައި ސަބްރީން އުޅުނެވެ. ޖޯލިފަތީގައި އިނގިރޭސި ވާހަކަފޮތެއް ހިފައިގެން އޮތް ޝެނަލްއަށް އިރުކޮޅަކާއި ސަބްރީން ބަލައިލައެވެ. ފެންދޭ ކުރާ ދުރުގައި ބަހައްޓަފާއި އައިސް ސަބްރީން ޝެނަލް ކައިރީގައި އިށީނެވެ. އަދި ވަރަށް ފުން ނަޒަރަކުން ޝެނަލްގެ މޫނަށް ބަލަން ފެށިއެވެ. އެކަން ޝެނަލްއަށް އިނގުމުން ފޮތް ލައްޕާލާފައި ޖޯލީގައި ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ލައިގެން އިން ގުރާފެހި ކުލައިގެ ޓީޝާޓްކޮޅަށް ދަމައިލާ ދެފަރާތުން އެއްވަރު ކޮށްލިއެވެ.
"ކަމެއްވީތަ މަންމާ!" ޝެނަލް އަހައިލިއެވެ.
"އައިނު އަޅާފައި ހުންނައިރު ދަރިފުޅު ވަރަށް ރީތި" ސަބްރީން ބުނެލިއެވެ. ޝެނަލް ހީލިއެވެ.
"އަސްލު ވަރަށް އުނދަގޫ. ފޮތްކިޔާލަންވީމަ އަޅަނީ އެހެންވެ" ޝެނަލް ބުނެލިއެވެ.
"އެކަމަކު ޑޮކްޓަރު ބުންޏެއްނު އަބަދުވެސް އަޅައިގެން އުޅެން" ސަބްރީން ބުނެލިއެވެ. "އާނ ބުނި. އެކަމަކު... ދެން ޓްރައި ކުރާނީ ދޯ" ޝެނަލް ބުނެލިއެވެ.
"ޝާނީ! މަންމަ ވާހަކައެއް އަހާލަންތަ" ސަބްރިން ބުނެލިއެވެ. ޝެނަލް ޙައިރާންކަމާއެކު މަންމަގެ މޫނަށް ބަލައިލިއެވެ.
"އަހާބަލަ. މަންމަ ނުޖެހޭނެ ހުއްދަ ހޯދާކަށް" ޝެނަލް ބުނެލިއެވެ.
"އަދްޔަން މަތިން އަދިވެސް ދަރިފުޅު ހަނދާންކުރަންތަ؟" ސަބްރީން ބުނެލިއެވެ. ޝެނަލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔަ މަންޒަރު ސަބްރީން ދުއްޓެވެ. ބަހެއްނުކިޔާ ހިމޭންކަމާއެކު އަލުން ޖޯލީގައި ޝެނަލް ބުރަކަށި ދަމައިލިއެވެ. އަދި އެއް އަތް ގެންގޮސް ނިތްކުރި މަތީގައި ބާއްވައިލިއެވެ.
"މަންމައަށް ގޯސް އެއްޗެއްތަ މިއެހުނީ؟" ސަބްރީން ބުނެލިއެވެ. ޝެނަލްގެ ދެލޮލުގެ އަރިމަތިން ފައިބައިގެން ދިޔަ ކަރުނަތިއްކާއެކު ހުރިހާ ސުވާލެއްގެ ޖަވާބު ސަބްރީނަށް ލިބިގެން ދިޔައެވެ. އޭނާގެ ދަރިފުޅު ހިތުން އަދިވެސް އެދެނީ އަދްޔަންއަށް ކަން އިނގުނު ހިނދު ހިތުގައި ރިއްސާލައިފިއެވެ. ކުއްވެރިކަމުގެ އިހުސާސްވެ ސަބްރީން އިސްޖަހައިލިއެވެ. އެތަނުން ތެދުވެގެން ދާން އުޅުނު ވަގުތު ޝެނަލް ސަބްރީންގެ އަތުގައި ހިފެހެއްޓިއެވެ.
"މަންމަ! ދެން ތިކަހަލަ ސުވާލެއް ނުކުރައްޗޭ. މަންމައަށް ކުރެވުނު ކަންތައްތައް އަބަދު ހަނދާންކޮށްދެން އަޅުގަނޑު ބޭނުމެއްނޫން" ޝެނަލް ބުނެލިއެވެ. އެހިނދު ސަބްރީންގެ ދެލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި ޝެނަލްގެ ދެއަތުން ފޮހެލަދިނެވެ.
"މަންމަ މިދަނީ ބައްޕަ އަންނަންވާއިރަށް ކާއެއްޗެއް ތައްޔާރުކުރަން. ހަވީރު އެބައޮތް އީސަބެ ގޯތީގަ ސައެއް. އެންމެންވެސް ދާންވާނެ. ޝާނީއަށްވެސް އިނގެއެއްނު ބައްޕަގެ ތިމާގެ މީހަކަށް މިރަށުގައި ހުރި ހަމައެކަނި މީހަކީ އީސަކަން" ސަބްރީން ތެދުވަމުން ބުނެލިއެވެ.
"އެއީ ކޮން ސައެއް މަންމާ" ޝެނަލް އަހައިލިއެވެ.
"އީސަގެ ދެމަފިރިން އުމްރާއަކަށް ފުރާތީ. އެހެންވެ ގާތްމީހުންނަށް ދޭ ސައެއް އެއީ. ދަރިފުޅު ކީއްވެތަ އެގޭ ގޮމައާއި ގުޅުން ބަދަހިނުކުރަނީ. ތިއީ ނުލާހިކު ގާތް ދެކުދިންނޭ" ސަބްރީން ބުނެލިއެވެ.
"ނޭނގެ. އެކަމަކު ރުޅިވެރިކަމެއް އޮވެގެނެއްނޫން. ބީރައްޓެހިކަމެއް ކަންނޭނގެ އޮތީ" ޝެނަލް ބުނެލިއެވެ.
***
ޒަޙުރިއްޔާ އިން ގޮނޑި ދަމާފައި ބީޗާއި ދިމާލަށް ދިޔައިރު ހޫރު އިނީ ޒަހުރިއްޔާގެ އުނގުގައެވެ.
"އެއޮށް އުޅޭ ކުއްޖެއް. ރަށް ބަލާ ދިރާސާ ކުރަން އައިސް އުޅޭ ޕްރޮފެޝަނަލް ފޮޓޯގްރާފަރެއްހެން ހީވަނީ" ގަސްތަކުތެރޭ ގުދަށް އޮވެ ވީޑިޔޯ ކުރަމުންދިޔަ ޒުކްއަށް ބަލައިލަމުން އިރާނިޔާ ބުނެލިއެވެ.
"ހެހެހެ... ޒުކް އެންމެ ކުރިއަށްދާން ބޭނުންވާ ރޮނގު އެއީ. ޝައުޤުވެރިކަން ހުންނަ ކަމެއްތާ ދޯ ކުރެވޭނީ" ޒަހުރިއްޔާ ބުނެލިއެވެ. އިރާނިޔާ ހީލިއެވެ.
"މި ހިސާބުގަ ދޯ މަޑުކޮށްލާނީ. ވަރަށް ހިތްގައިމު ވައިވެސް އެބަޖެހެއްނު މިތަނަށް" ގަސްދަށުގައި މަޑުޖެހިލަމުން އިރާނިޔާ ބުނެލިއެވެ. މުޅި ސަރަހައްދަށް ދިއްލާފައިވަނީ ލޮލަށް އުނދަގޫވާ ކަހަލަ ދިލަގަދަ އަތްވެކެވެ. ނަމަވެސް ވައިޖެހެމުންދާތީ އަވީގެ ދިލަކަން ކުޑައެވެ.
"ކޮބާ ސިޑް؟ އެއީ މިއަންނަނީއޭ ބުނި މީހާ" ފަހަތަށް އެނބުރި ބަލައިލަމުން އިރާނިޔާ ބުނެލިއެވެ.
އެއޮށް އަންނަނީ ދޮންބެ" ޒުކް ބުނެލިއެވެ. ކާއެއްޗެހި ކޮތަޅު ހިފައިގެން އެދިމާލަށް ދުވެފައި އައި އާޝިދް ހިންދެމިލީވެސް އެހިސާބަށް އާދެވުމުންނެވެ.
"ފިހާރައެއް ހުޅުވައިގެން އެތަނަށް މުދާ ވައްދައިގެންތަ ވިޔަފާރި ކޮށްގެން ތިއައީ" އެއްފަރާތަކަށް ތުން ދަމައިލަމުން އިރާނިޔާ ބުނެލިއެވެ. ލޮލުގައި އޮތް އަވި އައިނު ނަގާފައި އާޝިދް އިރާނިޔާއާ ގާތަށް ޖެހިލިއެވެ.
"އަދި އެއްފަހަރު އެގޮތަށް ތުންފަތަށް ހަދާބަލަ. ހާދަ ރީއްޗޭ" އެހެންމީހަކަށް ނީވޭ ވަރަށް އިރާނިޔާގެ ކަންފަތާއި ގާތްވެލާފައި އާޝިދް ބުނެލިއެވެ.
"ދެންހެވޭ... މިހާރުވެސް ލަސްވެއްޖެ. މިތާ ގަސްދަށުގަ ހޫރު ގޮވައިގެން އިނދޭ. އެއީ އަދަބު" އިރާނިޔާގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އޭނާ ލަދުގަތްކަން އާޝިދަށް އިނގުނެވެ. އެހެންކަމުން ލާނެއް ފާޑަކަށް އިރާނިޔާއަށް ބަލައިލަމުން ހީލައިފިއެވެ.
"ހިނގާ މަންމާ" ޒަހުރިއްޔާ އަތުގައި ހިފާ ނަގަމުން އިރާނިޔާ ހިނގައިގަތެވެ. ކޮންމެ ހަފްތާއެއްގެ ތިންދުވަހު ޒަހުރިއްޔާ މޫދަށް ގެނެސް ކަސްރަތުކުރުވާ ފައި މޮޑެދިނުމަކީ ގަވައިދުން އިރާނިޔާ ކުރާ ކަމެކެވެ.
"ދޮންބެދައްތަ ހާދަ ރަނގަޅޭ. ދޮންބެ ކޮންތާކުން ހޯދި ކުއްޖެއް އެއީ" ފަސްގަނޑުމަތީގައި ގެނައި ދެކުނާ ފަތުރާފައި އޭގެމަތީގައި އިން ހޫރު ކައިރީގައި ކަރުގައި އަޅުވާލާފައި އޮތް ކެމެރާ ބާއްވަމުން ޒުކް ބުނެލިއެވެ.
"އެއީ ދޮންބެ މަންމަގެ ރަށުން" ދުރުގައި ހުރި އިރާނިޔާގެ ހަރަކާތްތަކަށް ބަލަމުން އާޝިދް ބުނެލިއެވެ.
***
ޙާއިޝާއާ އެކީގައި ޑޮކްޓަރަށް ދައްކައި ނިމިގެން ބޭސްފިހާރަ ގޮނޑީގައި މަޑުކޮށްލައިގެން ޔަޝްފީ އިނެވެ. ޙާއިޝާ އިނީ ވަކިން ކިޔޫގައެވެ. އެހެން އިންދާ އޭނާގެ ކުރިމަތިން ހުރަސްކޮށްލި ޒަމްޙާއަށް ޔަޝްފީ ފެނި ގޮވާލައިފިއެވެ. ސިހިފައި ޔަޝްފީ ބަލައިލިއެވެ. ޒަމްޙާއަށް އޭނާގެ ނަޒަރު ހުއްޓުމުގެ ކުރިން އޭނާގެ ދެލޮލުގެ ސަމާލުކަން ހޯދީ ޒަމްޙާ ކައިރީގައި ހުރި އިސްކޮޅުން ދިގު ހިމަތޮޅި ދޮން ބައްޓެއްފަދަ އަންހެންކުއްޖަކަށެވެ. ލައިގެން ހުރި މަޑު ރީނދޫ ކުލައިގެ ބުޑު ނިވާވާވަރުގެ ޓޮޕާއި ކަޅު ކުލައިގެ ސްކިނީގެ މަތިން ޑޮކްޓަރުން ލައި އުޅޭ ކަހަލަ ސާފު ހުދުކުލައިގެ ޖެކެޓް ލައިގެން ހުރި އަންހެންކުއްޖާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. އަޅައިގެން ހުރި ޝޯލްގެ ތެރެއިން ފާޅުވާން ހުރި މޫނުގެ ޖާދޫގައި ޖެހިފައި ޔަޝްފީއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އެންމެފަހުން އޭނާ ބުނި ވަޢުދު ފުއްދީތާއޭ ޔަޝްފީ ހިތަށް އެރިއެވެ. ކައިރީގައި ހުރި ޒަމްޙާ ޔަޝްފީގެ މޫނާއި ދިމާލުން ވައިގެ ތެރޭގައި އަތް ހިންގައިލިއެވެ.
"ބަލަ... މަށޭ ގޮވީ. ޔަޝްކޮ ބަލިވީތަ؟" ޒަމްޙާ އެހިއެވެ.
"ތިދެމީހުން ދަންނަންތަ އެކަކު އަނެކަކު" ޔަޝްފީގެ ފަރާތުން ޖަވާބެއް ނައުމުން ޒަމްޙާ އެހިއެވެ.
"ހޫމް... ޔަޝްފީއެއްނު" އަންހެންކުއްޖާ ހިތްހެޔޮކަމާއެކު ބުނެލިއެވެ.
"ކަޝްތަ އެހެން ބުންޏަސް ހިއެއް ނުކުރަން މިރަށުން ފެނިދާނެ ކަމަކަށް" ޔަޝްފީ ބުނެލިއެވެ. ކަޝިޝް ހީލިއެވެ.
"ޒަމް އެތެރެއަށްދޭ. އަހަރެން މިތާ ޔަޝް ކައިރީގައި ވާހަކަދައްކާލަން މަޑުކޮށްލާނަން" ކަޝިޝް ބުނެލިއެވެ. ޒަމްޙާ ހީލަމުން ހިނގައިގަތެވެ.
"ޑޯންޓް ބީ ޝޮކްޑް... އަހަރެން ބުނީމެއްނު މަސްދުވާނީ ފެން އޮންނަ ތަނަކަށޭ. އެގޮތަށް އަހަރެންވެސް މިއައީ އަހަރެންގެ ހިތް އޮތް ތަނަށް" ޔަޝްފީގެ އަތުގައި ހިފައިގެން އައިސް ގޮނޑީގައި އިށީންނަމުން ކަޝިޝް ބުނެލިއެވެ.
"އެކަމަކު ޔުއަރ ޕޭރެންޓްސް..." ޔަޝްފީ ބުނެލިއެވެ.
"މިހާރު މާލޭގަ ތިބީ. އަހަރެންނަށް މިރަށުން ޖޮބު ހަމަޖެހުނީމަ މާބޮޑު ޝަކުވާއެއް ނުކުރޭ. އިނގޭނެ އެކަމުގެ ފަހަތުގައި ކޮންމެސް ސިއްރެއް ވާނެކަން" ކަޝިޝް ބުނެލިއެވެ.
"ދެން ބުނެބަލަ. ކޮބަތަ އަހަރެންގެ ޕްރިންސް؟ ދެކިލާހިތުން ކެތްނުވޭ" ކަޝިޝް ބުނެލިއެވެ.
"ކަޝްތަ ހަމަ ސީރިޔަސްތަ؟" ޔަޝްފީ އެހިއެވެ.
"ހެހެހެ... ސީރިޔަސް ނޫންނަމަ ޔަޝްއަށް އަހަރެން މިރަށުން ނުފެންނާނެ. އެއްޗެއް ދައްކާލަންތަ؟" ކަރުގައި އަޅާފައި އޮތް ރިހިކުލައިގެ ފަށުގައި ހިތެއްގެ ބައްޓަމަށް ލާފައި އިން ފަށުފުލުގެ ދެފަރާތުން ފަސޭހަކަމާއެކު ހުޅުވައިލިއެވެ. އެއާއެކު ފެނިގެންދިޔަ ފޮޓޯއާއެކު ޔަޝްފީއަށް އަނގަމަތީގައި އަތް އެޅިއްޖެއެވެ.
"މިހާރު ބްލީވް ކުރެވިއްޖެތަ؟" ފަށް ހެދުމުގެ ކަރުވަޅުން އެތެރެއަށް ލަމުން ކަޝިޝް ބުނެލިއެވެ. ޔަޝްފީ ބޯޖަހައިލިއެވެ.
"އޭނަ އަދިވެސް މެރީޑްތަ؟ އިފް ޔެސް އަހަރެން އަދިވެސް ވެއިޓްކުރާނަން. ޓިލް މައި ލާސްޓް ބްރެތް" ކަޝިޝް ބުނެލިއެވެ.
ކައިރީގައި އައިސް ހުއްޓުނު ޙާއިޝާ ޙައިރާންކަމާއެކު ޔަޝްފީ ކައިރީގައި އިން އަންހެންކުއްޖާއަށް ބަލައިލިއެވެ.
"މް...މަންމަ..." ޔަޝްފީ ކަޝިޝްއަށް ބުނެލިއެވެ. ކަޝިޝްގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. އެ ހިތްހެޔޮކަން ފުރަތަމަ ނަޒަރުންވެސް ޙާއިޝާގެ ހިތް މިލްކު ކޮށްފިއެވެ.
"އަޅުގަނޑަށް ކިޔަނީ ކަޝިޝް މައުސޫމް. އަޅުގަނޑަކީ މިހޮސްޕިޓަލަށް އަލަށް އައި އަންހެނުންގެ ހާއްސަ ޑޮކްޓަރ. މަންމަގެ ހާލު ކިހިނެއްތަ؟" ޙައިޝާއާ ސަލާމްކުރަމުން ކަޝިޝް ވާހަކަދެއްކިއެވެ.
"ރަނގަޅު. އެކޮއި ކިހިނެއްތަ؟ ވަރަށް އުފާވެއްޖެ ބައްދަލުވީތީ" ޙާއިޝާ ބުނެލިއެވެ. ކަޝިޝް 'މަންމާ' އޭ ކިޔާފައި މުހާތަބް ކުރުމުން ޙާއިޝާއަށް ގާތްކަމެއް އިހުސާސް ކުރެވިއްޖެއެވެ. "މަންމަ ވަރަށް ބަލިވެގެން އެކޮޅުގަ ވަރަށް ގިނަދުވަހު ތިބެފަ އެއައީ. ކަޝްތައާ ބައްދަލުނުވޭތަ؟" ޔަޝްފީ އެހިއެވެ.
"ދެތަނެއްގައި ތިބީމަ ނުވީތާ. އެކަމަކު ތިކަން އިނގުނުނަމަ ހަތްކަނޑާއި އެތައް ސަތޭކަ ފަރުބަދައެއް ހުރަސްކޮށްފަ ދާން ޖެހުނު ނަމަވެސް ދާނަން" ހިނިތުވުމަކާއެކު ކަޝިޝް ބުނެލިއެވެ. ޔަޝްފީއަށް ހެވިއްޖެއެވެ.
"މި ނިމުނީ. ހިނގާ ދާން. އަނހަ ޙާއިޝާއްތަވެސް. އެހެންވީމަ ޔަޝްކޮ ހަމަބަލިވީތާ ދޯ" ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްގެން އައިސް ހުއްޓުނު ޒަމްޙާ ކޮނޑުގައި އޮތް ބަދަސް ރަނގަޅުކޮށްލަމުން ބުނެލިއެވެ.
"ޔަޝްފީ ކައިރިއަށް މޫސުމީ ރޯގާ ގަނޑެއް ޒިޔާރަތެއް ކޮށްގެން މިއުޅެނީ" ޙާއިޝާ ބުނެލިއެވެ.
"ދަނީ އިނގޭ މަންމާ... ޔަޝް އަދި ވާނެ ދިމާކޮށްލަން. ހުންނާނެ ތަނެއް ހަމަޖެހެންދެން ޒަމްމެންގެ ގޭގަ އަދި މިހުރީ" ކަޝިޝް ބުނެލިއެވެ.
"އެއީ ކޮންކުއްޖެއްތަ ދަރިފުޅާ؟" ހޮސްޕިޓަލުން ނިކުންނަން ހިނގައިގަންނަމުން ޙާއިޝާ ބުނެލިއެވެ.
"އެއީ އަޅުގަނޑު ކިޔަވަންދިޔަ ޔުނިވަރސިޓީގެ މެޑިކަލް ރޫމުގައި ވަޒީފާ އަދާކުރި ކުއްޖެއް. އަޅުގަނޑުދެކެ ވަރަށް ލޯބިވާނެ. އެކޮޅުގައި އަބަދުވެސް އުޅޭނީ އަޅުގަނޑާއެކު. އަންނާނެ ގެއަށްވެސް އެއްފަހަރަކު ދޮންބެ އަޅުގަނޑާއި ބައްދަލުކުރަން އައިސް ހުރި ފަހަރެއްގަ ދޮންބެއާ ބައްދަލުކޮށްދިނިން. ދޮންބެއަށް އިނގޭނެ" ޔަޝްފީ އޮޅުންފިލުވައިދިނެވެ.
"އާނ ހީވޭ ވަރަށް ހިތްހެޔޮ ކުއްޖެއްހެން. ދަރިފުޅު ބޭނުންވިއްޔާ އެމަންޖެއަށް އަހަރެމެން ގެއިން ކޮޓަރިއަށް ހަމަޖައްސައިދެވިދާނެ" ޙާއިޝާ ބުނެލިއެވެ.
"މަންމައަށް އަދި ކަޝްތަ މިރަށުން ޖޮބް އޯކޭ ކޮށްގެން އައި ސަބަބު އިނގިއްޖިއްޔާ ޙައިރާންވެގެން އަންތަރީސްވާނެ" ޔަޝްފީ ބުނެލިއެވެ.
"އެއީ އަނެއްކާ ކޮން ސަބަބެއް؟" ޙާއިޝާ އެހިއެވެ.
"އަދި އިނގޭނެ ލަހެއްނުވެ" ޔަޝްފީ ބުނެލިއެވެ.
***
ރުޒާނާގެ ދެމަފިރިން ތައްޔާރުކުރި ސަޔަށް ޙާއިޝާގެ އާއިލާވެސް އައެވެ. ސަބްރީނާއި ޙާއިޝާ އެކަކު އަނެކަކާ ގާތްކޮށް ވާހަކަދައްކާ ސަމާސާ ކުރަމުންދިޔަ މަންޒަރު ފެނުމުން ރުޒަނާއަށް ޙައިރާންކަމެއް ލިބިގެން ދިޔައެވެ. ސަބްރީން ބަދަލުވެފައިވާ މިންވަރު ފެނި އުފާވެސްވިއެވެ. ސަބްރީން ކައިރީގައި ހުރި ހިނގައިގަތީ ތަށިތައް ހިފައިގެން ބަދިގެއަށް ވަން ގުމްރޫހްގެ ފަހަތުންނެވެ.
"ހާދަ ބުރަކޮށްލައިގެން" ރައްޓެހިގޮތަކަށް ޝެނަލް ބުނެލިއެވެ.
"ނޫން. އެހާބުރައެއްނޫން" ހީލަމުން ގުމްރޫހް ބުނެލިއެވެ.
"އަހަރެން ހެލްޕް ވެދޭނަން" ޝެނަލްގެ ހެޔޮކަމުން ގުމްރޫހަށް ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނެވެ. އެމަންޒަރު ފެނުމުން ސަބްރީނަށް ހިނިތުންވެވުނެވެ.
"ދެންމެ މަންމަ ކައިރީގައި ރުޒާނާއްތަ ގޮމަގެ ކައިވެނީގެ ވާހަކަދެއްކި އަޑު އިވުނު. ކޮންއިރަކުން މެރީކުރަނީ؟" ތަށިތައް ދޮންނަން ހުރި ގުމްރޫހް ހީލިއެވެ.
"ހޫމް.. ވަރަށް އަވަހަށް އިންޝާﷲ" ގުމްރޫހް ބުނެލިއެވެ.
"ހެޕީ ފޯރ ޔޫ... މިރަށު ކުއްޖެއްތަ؟" ޝެނަލް އެހިއެވެ.
"ހޫމް. އިނގޭނެ ކަންނޭނގެ ހާއިޝާއްތަމެންގޭ ކުއްޖެއް" ގުމްރޫހް ބުނެލިއެވެ. ޝެނަލްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.
"އަދްޔަން ކިޔަނީ. މިއަދު މީޓްކޮށްދޭނަން އިނގޭ" ގުމްރޫހް ބުނެލިއެވެ. ލިބިގެން ދިޔަ ޝޮކާއެކު އަތުގައި އޮތް ބިއްލޫރިތަށި ޝެނަލް އަތުން ދޫނިވީ ކިރިޔާއެވެ. އެއީ އޭނާގެ އަދްޔަންކަން ޔަޤީންވެއްޖެއެވެ. އޭނާގެ ކުރިމަތިން އެއްދުވަހު އަދްޔަން ވަނީ ގުމްރޫހް ގޮވައިގެން ސައިކަލުގައި ގޮސްފައެވެ. ފަހަތުގައި އިން އަންހެންކުއްޖާއަށް އެވަގުތު އޭނާއަށް ސަމާލުކަން ނުދެވުނީ އަދްޔަން ދެވުނު ސަމާލުކަން ބޮޑުވީމައެވެ.
"އޭއި... ކިހިނެއްވީ..؟؟ ކީއްވެ ބަސްހުއްޓުނީ؟" ގުމްރޫހް އެހިއެވެ.
"ކަމެއްނުވޭ. ކުޑަކޮށް ބޮލަށް އެނބުރުން އެރީ" ޝެނަލް ބުނެލިއެވެ.
"އެހެންވިއްޔާ ޝާނީ އޭނދަ ގޮނޑިގަ މަޑުކޮށްލާ. މި ނިމުނީއެއްނު" ގުމްރޫހް ބުނެލިއެވެ. ޓިޝޫއަކުން ދެއަތް ފޮހެލުމަށްފަހު ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ގުމްރޫހް ދެއްކި ގޮނޑީގައި ޝެނަލް އިށީނދެއްޖެއެވެ.
އިރާނިޔާއާ އެކުގައި ވަދެގެން އައި ފިރިހެންކުއްޖާ ފެނި ޝެނަލްއަށް ޖޯލިން ތެދުވެވިއްޖެއެވެ. އަދްޔަންއަށްވެސް ވީ އެވަރެވެ. އެގޭތެރެއިން ޝެނަލް ފެނިދާނެ ކަމަކަށް އޭނާ އުންމީދު ކޮށްފައެއްވެސް ނެތެވެ. ކަޅިޖަހައިނުލާ ޝެނަލް އަދްޔަންއަށް ބަލަން ހުރިއިރު އަދްޔަންގެ މޫނުމަތިން އެކަމަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ.
"އެއީ އީސަބެގެ ރިލޭޓިވްސް" އިރާނިޔާ ބުނެލިއެވެ.
ބަދިގެއިން ނިކުތް ގުމްރޫހް އަދްޔަން ކައިރީގައި ހުއްޓުނެވެ. އެހިނދު އަދްޔަން ދިން ލޯބި ހިނިތުންވުން ފެނި ޝެނަލްއަށް ހިންދިރުވައިލެވިއްޖެއެވެ. ގުމްރޫހް އަތުގައި ހިފާ ގަޔާއި ކައިރިކޮށްލި މަންޒަރު ފެނުމުން ޝެނަލްއަށް ހީވީ އޭނާގެ ހިތް ފަޅިފަޅިވެގެން ދިޔަހެންނެވެ.
(ނުނިމޭ)