ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 49

6

ސާޅީސްނުވަވަނަ ބައި

އިވިގެންދިޔަ ވާހަކަތަކާއެކު އިރާނިޔާއަށް އިންތަނުން ކޮޅަށް ތެދުވެވިއްޖެއެވެ. ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. މީހަކު އަތުގައި ހިފައިފިކަން އިހުސާސްވުމާއެކު ބަލައިލެވިިއްޖެއެވެ. އާޝިދްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް އިރާނިޔާ ކިޔައިލިއެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ ލޯބި އަތުން ބީވެދާނެ ކަމުގެ ބިރެވެ. އެސްފިޔަ ޖަހައިލަންވެސް ބޭނުންނުވެފައި އިނީ އެހިނދުކޮޅު ތެރޭގައިވެސް އިރާނިޔާ ގެއްލިދާނެތީއެވެ.

"ޑޯންޓް ވޮރީ. އަހަރެންނަކީ ހަމައެކަނި ސިޑްގެ މީހެއް" އިރާނިޔާ ބުނެލިއެވެ. ތަމަންނީގެ ހަގީގަތް ޙާއިޝާ ފޯނުން ކިޔައިދީ ނިމުނުއިރު އޭނާއަށް ވީ ގޮތެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. އެގޭތެރޭގައި ހިނގާ ދިޔަ ކަންތައްތަކާއި އުނޭޝް ރުއިވަރު އިނގުމުން އޭނާއަށް އުދަގޫތަކެއް އިހުސާސް ކުރެވިއްޖެއެވެ.

"އެއީ ހާދަ ނުބައި އަންހެނެކޭ ދޯ" އިރާނިޔާ ބުނެލައިފިއެވެ.

"އެވާހަކަ ނުދައްކާ. އުނޭޝްއަށް ވެސް ވިސްނޭ ދުވަހެއް އަންނަންވާނެއްނު. އަހަރެންގެ ހެޔޮދުޢާ އޭނައަށް" އާޝިދް ބުނެލިއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އިރާނިޔާ އިންއިރު އަދިވެސް އޭނާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ.

***

ލޯގަނޑު ކުރިމަތީގައި ހުރި ޝެނަލް އިރުކޮޅަކާ ޑްރެސިންޓޭބަލް މަތީގައި އޮތް ފޯނަށް ބަލައިލައެވެ. އިސްތަށިގަނޑު އޮމާން ކުރަމުން ދިޔަ ފުނާ ބާއްވާފައި ފޯނު ނެގިއެވެ. ފިންގަރޕްރިންޓް ޖަހައިލުމަށްފަހު ޑަޔަލް ޕެޑުގައި އަދްޔަންގެ ނަންބަރ ޖަހައިލިއެވެ. ދެވިސްނުމެއްގައި އިނދެފައި އެނަންބަރަށް ގުޅައިލިއެވެ. އިވެމުންދިޔަ ކޮންމެ ރިންގަކާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

"ކާކުބާ...؟" ފޯނު ނެގި ގޮތަށް ހަލޯއޭ ބުނުމުގެ ބަދަލުގައި ފުރަތަމަވެސް އަދްޔަން ބުނެލީ އެހެންނެވެ. ބަހެއްކިޔަން ޝެނަލްގެ ދޫ ހަރަކާތްކޮށްލިއެވެ. ނަމަވެސް އޭނާއަށް ހިތްވަރެއް ނުލިބުނެވެ. އެންމެފަހުން ފޯނު ދެއަތްތިލައިގެ ތެރޭގައި ފޮރުވާލައިފިއެވެ. އާ ނަންބަރަކުން ގުޅާތީ ކާކުކަން ދެނެގަންނަން އަދްޔަންއަށް އުނދަގުވެއްޖެކަން އޭނާއަށް އިނގިއްޖެއެވެ. ފޯނަށް ދެވަނަ ނަޒަރެއް ދިންއިރު އެކޮޅުން ފޯނު ކަނޑާލައިފިިއެވެ.

"އަނެއްކާ ގުޅަންވީތަ؟" ހިތާހިތުން ޝެނަލް ކިޔައިލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ގުޅަން އޭނާއަށް ނުކެރުނެވެ. އެ އަޑު އިވުނީމަވެސް އޭނާގެ ހިތް އުފަލުން ފުރިއްޖެއެވެ.

"އަދޫ އަހަރެންނަށް ލިބޭނެތަ؟ މި ހާލަތު ބަދަލުވެދާނެތަ؟" އޭނާގެ ހިތުގައިވީ އެންމެ ސުވާލެކެވެ.

***

އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން މީހެއްގެ ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. ފާރުގައި ހަރުކޮށްފައި ހުރި ޓީވީގެ ރަތްކުލައިގެ ކަރަންޓް ބޮކީގެ އަލި އެހިސާބަށް އެޅިފައި ހުރިއިރު ހިތްގައިމު އަލިކަމެއް ނޫނީ އެއްވެސް އަލިކަމެއް ނުވެއެވެ. އެނދުގައި ބަންޑުން އޮތް އުނޭޝްގެ ކަރުނަތަކަށް ބަދަލެއް ނާދޭއެވެ. ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އޭނާގެ މުޅި ނަފްސު ބަލިކަށި ކޮށްލައިފިއެވެ. މުޅި ދުނިޔެމަތިން ފޫހިކޮށްލައިފިއެވެ. މީހުން ފެންނަ ހިސާބަކަށް އެއްގޮތަކަށްވެސް ނިކުންނަހިތެއް ނެތެވެ. ބަނޑުހައިހޫނުނު ކަމުގެ އެއްވެސް އިހުސާސެއް އޭނާއަށް ނުކުރެވެއެވެ. އަތުގައި އޮތް އިރާނިޔާއާ ދެމީހުންގެ ކައިވެނީގެ ފޮޓޯ ފްރޭމުގެ ބިއްލޫރިގަނޑު މަތީގައި ކަރުނައިގެ ކޯރެއް ހެދިއްޖެއެވެ. ދުނިޔެއަށް ބިކަވެފައިވާ ނިކަމެތި އިންސާނެއް ފަދައިން އޭނާ ކަރުނަ އަޅަމުން ދިޔައިރު އެކަން ދެކޭނެ ދެލޮލެއް ނެތެވެ.

ލޯބިވާ ދަރިފުޅު ބަނޑުހައި ހޫނުކަމުގައި އޮވެ ކުރަމުންދާ ހިތާމަ އިހުސާސްވަމުން ދަނީ އޭނާ ބަނޑުއަޅައި ވިހޭ މައިމިހާ އަށެވެ. އޭރުއްސުރެ ފެށިގެން ޙާއިޝާވެސް ކޮޓަރިން ނުނިކުމެއެވެ. ނިކުންނާނެ ހިތްވަރެއް އޭނާގެ ވެސް ނެތީއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޝަކުވާތަކަށް ނިމުމެއްނެތެވެ. އެދަރިފުޅަށް ކުރިން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ މަންމަގެ ނަޞޭޙަތްތައް އެއްޗަކަށް ނުވީ ކީއްވެގެން ހެއްޔެވެ؟ މިއީ ޙާއިޝާގެ ހިތުގައިވާ ޝަކުވާއެވެ.

"މޭޒުމަތިން ކާއެއްޗެހިތައް ނަގާ" ކޮޓަރީ ދޮރުމައްޗަށް އެރި ކަމްލާ ފެނުމުން ޙާއިޝާގެ އެއްފަރާތުން އިށީނދެގެން އިން އަދްޔަން ބުނެލިއެވެ. އެއްވެސް މީހަކު ކައިފައި ނުވާތީ އިތުރު ސުވާލެއް ކުރަން ކަމްލާ އުޅުނެވެ. އެސުވާލުގެ ޖަވާބުވެސް އަދްޔަން ދިނެވެ.

"މިވަގުތު ގޭގައި ތިބި އެއްވެސް މީހަކު ކާކަށް ބޭނުމެއްނުވޭ. ކަމްލާ ބަނޑުހައިވިއްޔާ ކާލާ" އަދްޔަން ބުނެލިއެވެ. ކަމްލާ އިސްޖަހައިލައިގެން ނިކުމެގެން ދިޔައެވެ.

ހުއްޓާނުލާ ގިސްލެވެމުންދިޔަ ޙާއިޝާގެ މޫނުގެ އެއްފަރާތުގައި ހިފަހައްޓާލައިގެން ހުރިއިރު ދެކުދިންގެ ލޯވެސް ކަރުނައިން ތެމެމުން ދިޔައެވެ.

"ތިދެކުދިން ދޭ ދޮންބެ ކައިރިއަށް. އެހެންނޫނީ ދޮންބެ މަރުވެދާނެ. ދޮންބެއަށް މިއަދު ތިދެކުދިންގެ އެހީތެރިކަން ވަރަށް ބޭނުން" ކަރުނައިގެ ތެރެއިން ޙާއިޝާ ވާހަކަދެއްކިއެވެ.

***

ގަޑިން ރޭގަނޑު ދިހައެއް ޖަހާލިހާއިރެވެ. މަގުގެ އެއްފަރާތުން އާޝިދާއެކު ހިނގާފައި އައި އިރާނިޔާ ސިކުންތަކު އެއްފަހަރު އާޝިދްގެ މޫނަށް ބަލައިލައެވެ.

"އަހަރެން ހަމަ ވަންނަންވީތަ އެގެއަށް" އިރާނިޔާ ބުނެލިއެވެ.

"މިވަގުތު ޙާއިޝާއްތައަށް އީރަންގެ އެހީ ބޭނުންވަނީ. ޙާއިޝާއްތަ އަދިިވެސް އީރަން ދެކެނީ އަމިއްލަ ދަރިއެއް ފަދައިން" އާޝިދް ބުނެލިއެވެ.

"އެކަމަކު އަހަރެން..." އިރާނިޔާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އޭނާގެ އަތްތިލައިގައި އާޝިދް ހިފާ ފިތާލުމުންނެވެ.

ގޭ ދޮރާށި ކައިރީގައި އިރާނިޔާ މަޑުކޮށްލިއެވެ. އަދި އާޝިދްގެ މޫނަށް ބަލައިލިއެވެ. އާޝިދް ހީލިއެވެ.

"ސިޑް ނުވަންނާނަންތަ؟" އިރާނިޔާ އަހައިލިއެވެ.

"އީރަން ވަދޭ. އަހަރެން މި ޖޯލީގަ މަޑުކޮށްލާނަން" އާޝިދް ބުނެލިއެވެ.

މަޑުމަޑުން ހިނގާލާފައި ގޮސް އިރާނިޔާ މައިދޮރު ތަޅުގައި ހިފާ އެތެރެއަށް ކޮށްޕައިލިއެވެ. ގޭތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. މުޅި ހިސާބުން ފާޅުވަމުންދަނީ ފަޅުކަމެވެ. އެއްވެސް އިންސާނެއްގެ އަޑެއް ނީވެއެވެ. ގޭތެރޭއެކޭ އެތައް ޒަމާނެއް ވަންދެން ބަޔަކު ނޫޅޭ ތަނެކޭ ތަފާތެއް ނެތެވެ.

"ކާކު...؟" ސޯފާގައި މީހަކު އިންހެން ހީވުމުން އިރާނިޔާ ބުނެލިއެވެ. އެއީ އުނޭޝްއަށް ނުވޭތޯ އޭނާ ހިތާހިތުން ދުޢާކޮށްލިއެވެ. މިދަނޑިވަޅުގައި އުނޭޝް އާއި ކުރިމަތިލާކަށް އޭނާ ބޭނުމެއްނުވެއެވެ.

އިރާނިޔާގެ އަޑު ކަންފަތުގައި ޖެހުމާއެކު ސޯފާގައި އިން ޔަޝްފީ ދުވެފައި އައިސް އިރާނިޔާގެ ގައިގައި ބައްދައިގަތެވެ. އިރާނިޔާވެސް ދިޔައީ ސިހިގެންނެވެ.

"މިގޭގަ އަދި މީހަކު މަރެއްނުވެއެއްނު..." ޔަޝްފީ އަތުލައިފި ކޮށްލައިގެން ގޮސް ޓީވީ ބިއްދަށުގައި ހުރި ސްވިޗްތައް ޖައްސައިލިއެވެ. މުޅި ސަރަހައްދަށް އަލިވެގެން ދިޔައެވެ. އިރާނިޔާގެ ނަޒަރު ޔަޝްފީގެ މޫނަށް ހުއްޓުނު ވަގުތު އިންތިހާއަށް ހިތުގައި ރިއްސާލައިފިއެވެ.

"އަޅޭ.. ކަމެއް ދިމާވާއިރަށް އެހާ ބަލިކަށި ވާކަށް ނުވާނެ. އަދި ތިހާވަރު ވާކަށް ނުޖެހެއެއްނު" ޔަޝްފީގެ ދެލޯ ކައިރި ފޮހެލަމުން އިރާނިޔާ ބުނެލިއެވެ.

"އެކަކުވެސް ކޮޓަރިން ނުނިކުމޭ. ދޮންބެވެސް. އަދިވެސް ވީ އެތެރޭގަ. ގޮވާގޮވާ ހަބަރެއް ނުވި. އޮތް ހާލެއްވެސް ނޭނގޭ" ޔަޝްފީ ވާހަކަދެއްކިއެވެ. އިރާނިޔާގެ ނަޒަރު ޔަޝްފީ އިނގިލި ދިމާކޮށްގެން ހުރި ކޮޓަރިއަށް ހުއްޓުނެވެ. އެކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އުނޭޝް ކުރަމުންދާނެ ހިތާމަ އޭނާއަށް އަންދާޒާ ކުރެވިއްޖެއެވެ. އެހެންނަމަވެސް އޭނާ އުނޭޝްއާ ކުރިމަތިލާކަށް ބޭނުމެއްނުވެއެވެ.

"ކޮބާ މަންމައާއި އަދޫ...؟" އިރާނިޔާ އެހިއެވެ.

"ކޮޓަރީގަ. އެކަކުވެސް ނުކައި. މިއަދު ހެނދުނު މެންދުރު ކެއި ގޮތަށް" ޔަޝްފީ ބުނެލިއެވެ.

އިރާނިޔާ ތެދުުވެގެން ހިނގައިގަތެވެ. އުނޭޝް އޮތް ކޮޓަރި ދޮރުމަތިން ހުރަސްކުރި ވަގުތު ވަރަށް ފުންނަޒަރަކުން އޭނާ އެކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލިއެވެ.

އިރާނިޔާއަށް ބަލައިލާފައި އަދްޔަން އެނދުން ތެދުވިއެވެ. ދެލޮލުން ކަރުނަ ހުސްވެފައިވިއެއް ކަމަކު ޙާއިޝާގެ މޫނުމަތި ވަނީ މިލާފައެވެ.

"މަންމާ...!" އިރާނިޔާ ގޮވައިލުމާއެކު ޙާއިޝާ އިސްއުފުލާ ބަލައިލިއެވެ. އެހިނދި ކުޑަކުއްޖެއް ފަދައިން ޙާއިޝާގެ ދެތުންފަތް ފިއްތައިލިއެވެ. އެ ހިތާމަވެރި ވަގުތުކޮޅުގައި އިރާނިޔާ ފެނުމުން އޭނާގެ ހިތުގައި މާބޮޑަށް ޖެހިއްޖެއެވެ.

"އަދޫވެސް... ސާބަސް..." ރޮވިފައި އިން އަދްޔަންއަށް ބަލައިލާފައި އިރާނިޔާ ބުނެލިއެވެ.

"ކިތަންމެ ހިތްވަރެއް ކުރަން ބޭނުންވިޔަސް ފެންނަ މަންޒަރުތަކުން ކިހިނެއް ހުންނާނީ. ދޮންބެއާއި އެއްކޮށް މަންމަ ބިމަށް ތިރިވެއްޖެ. ދޮންބެ ކޮޓަރިން ނުނިކުންނާތީ މަންމަވެސް ނުނިކުންނަން އި އިނީ. ނަމާދުވެސް ހަމައެކަނި ހަތަރު ރަކްޢަތް ކޮށްލީ. ނުވެސް ކައި. އޮށޯންނަންވެސް ބޭނުމެއްނުވި. ކެއުމުގެ ފަހުން ކާންޖެހޭ ބޭހެއްވެސް އެބަހުރި. އަހަރެން ބޯގޮވަނީ މިހާރު" އަދްޔަންގެ އޭނާގެ އިހުސާސްތައް އިރާނިޔާގެ ކުރިމަތީގައި ބޭރުކޮށްލިއެވެ.

"އަދޫ ދޭ ކާމޭޒު ކައިރިއަށް. ޔަޝްކޮ އިންނާނެ" އިރާނިޔާ ބުނެލިއެވެ. އަދްޔަން ތެދުވެގެން ހިނގައިގަތުމުން ޙާއިޝާ ކައިރީގައި އިރާނިޔާ އިށީނދެއްޖެއެވެ.

"މި މަންމައަށް މަންމާ އޭ ކިޔާފަ އެންމެ ފުރަތަމަ ގޮވައިލި ދަރިއޭ އެއީ. ނުވަމަހާ ނުވަދުވަހު މަންމަގެ ލެއިން ކާންދީގެން ބޮޑުކުރީ. އުނޭޝް މިދުނިޔެއަށް އުފަން ކުރަން މަންމަ ހާދަ ވޭނެއްގަ އުޅުނީމޭ. ވިންދު ނުލިބިގެން އެތައް ވަގުތެއް ހޭދަކުރިން ރުއިމުގަ. މިއަދު އެދަރިފުޅު އެވަނީ މިދުނިޔެއަށް ބިކަވެފަ. ބާކީވެފަ. އަޅާލާނެ މީހަކު ނެތި ދުނިޔެއަށް ގިނަވެފަ. މި މަންމަގެ ހިތަށް ކެތްވާނެތަ؟ މައިލަގޮނޑިއަށް ކެތްވާވަރެއްނޫން އެކޮޓަރި ތެރޭގައި އެފަކީރު ކަރުނަ އަޅާނެވަރު ހިތަށްއަރާފަ. ހިތާމައިން މުޅި މީހާ ފޯވެ ތިރިއަށް ސޮހިގެންދިޔަ ވަގުތު މަންމަގެ ހިތް ކިރިޔާ ފަޅައިގެން ނުދަިޔައީ. ރާނީ ބުނެބަލަ. އެސޮރު އެހާލުގައި އިންދާ މި މަންމަ ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް މަންމަގެ އަރުން އެތެރެއަށް ފެންފޮދެއްވެސް ދާނެހެން ހީވޭތަ؟ އޭނަގެ ކުރިމަތީގައި މަންމަ އެއްޗަކަށް ނުވި ނަމަވެސް ދުވަހަކުވެސް މަޔަކަށް ދަރިއަކު ދުރުކޮށްލެވޭނެތަ؟" ރޮމުން ގިސްލަމުން ޙާއިޝާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އިރާނިޔާ ޙާއިޝާގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު އެވާހަކަތައް އަހާފައި ހިތުގައި ރިއްސަމުން ދިޔައެވެ.

"ހިތްވަރުކުރޭ މަންމާ... މަންމައަށް އިނގެއެއްނު ތިގޮތަށް މަންމަ ރޮއެ ހިތާމަކުރީމަ މަންމައަށް ވާނެ ގޮތް. މަންމަ ތިއީ ބަލި މީހެއް. މަންމަ ވިސްނަބަލަ. އަޅުގަނޑު ހޫރަށް ބަނޑުބޮޑުއިރު ކިހާ ހިތާމައެއް ކުރިން. އެހުރިހާ ދުވަސްތަކު އަޅުގަނޑަށް އެންމެބޮޑު އެހީތެރިކަމެއް ދިން މީހަކީ މަންމައެއްނު. މަންމަ ބުނި ކޮންމެ ކަމެއް އަޅުގަނޑު ކުރީމެއްނު" އިރާނިޔާ ވާހަކަދެއްކިއެވެ.

"މިއަދު މަންމަ އުފާކުރަންވީ. ލަހުން ވިޔަސް އުނޭޝްއަށް ހެޔޮ ވިސްނުން ދެއްވައިފިއެއްނު. ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެކޭ މަންމާ" އިރާނިޔާ ބުނެލިއެވެ. ޙާއިޝާ ލޯ ކައިރިން ކަރުނަ ފޮހެލާފައި އިރާނިޔާގެ މޫނަށް ބަލައިލިއެވެ.

"މަންމަމެންގެ އެހީތެރިކަން އުނޭޝްއަށް ބޭނުންވަނީ. މިއަދު މަންމަމެން އަޅައިނުލިއްޔާ އޭނައަށް ވަރަށް އަސަރުކުރާނެ. އުނޭޝްއަށް ހިތްހެޔޮކުރޭ މަންމާ" އިރާނިޔާ ބުނެލިއެވެ.

"އޭނަ ހިތަށް ހިތްހަމަޖެހުން އިހުސާސްކުރެވޭ ވަރަށް ރޯލެވުނީމަ ބޭރަށް ނިކުމެދާނެ. ކަންބޮޑުނުވޭ މަންމާ" އިރާނިޔާ ބުނެލިއެވެ. އަދި ލޯތްބާއެކު ޙާއިޝާގެ ނިތަށް ބޮސްދީފިއެވެ.

"ދެން ހިނގާ ބޭރަށް ނިކުމެލަން. ޖޫސްތައްޓެއް ބޮއެގެން ވިޔަސް ބޭސްކާން ޖެހޭނެއްނު" އިރާނިޔާ ޙާއިޝާ ގޮވައިގެން ބޭރަށް ނިކުތެވެ.

***

އަދްޔަން ގެއިން ނިކުތީ ޙާއިޝާއާ ޔަޝްފީ ނިދަން އެނަދަށް އެރުމުންނެވެ. ސައިކަލަށް އަރާފައި އޭނާ ނައްޓައިލީ ފޯނުން ގަޑި ބަލައިލާފައެވެ. ސައިކަލް ގޮސް މަޑުކޮށްލީ ގުމްރޫހް ގެ ގޭދޮށަށެވެ. އޭނާ ގުޅައިލުމާއެކު ގުމްރޫހް އައިސް ދޮރު ހުޅުވައިފިއެވެ. އަދްޔަންގެ މިލާފައިވާ މޫނާއި ރަތްވެފައިވާ ދެލޯ ފެނުމުން ގުމްރޫހްގެ ހިތަށް ތަދުވެލިއެވެ.

"މަންމައާއި ޔަޝްކޮ ނިދީމަތަ ތިއައީ" އަދްޔަން އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ގުމްރޫހް ބުނެލިއެވެ. އަދްޔަން ބޯޖަހައިލިއެވެ.

"ކޮޓަރީގައެއްނުން ދޯ މަޑުކުރާނީ. ސޯފާގަ ތިބޭނީ" ގުމްރޫހް ބުނެލިއެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުގައި އަދްޔަން ގޮވައިގެން ނިދާ ކޮޓަރިއަށް ވަންނަން ގުމްރޫހް ބޭނުމެއްނުވިއެވެ.

އަދްޔަން ސޯފާގައި އިށީނުމުން ގުމްރޫހް ދިޔައީ ބަދިގެއަށެވެ. އަދްޔަންއަށް ކޮފީތައްޓެއް ހިފައިގެން އައިސް ކައިރީގައި އިށީނދެއްޖެއެވެ.

"ރާނީއްތަ ބުނި އެކަކުވެސް ރަނގަޅަށް ނުކާ ވާހަކަ" ގުމްރޫހް ބުނެލިއެވެ. އެހެން ދުވަސްތަކާއި ޚިލާފަށް އަދްޔަންގެ ދުލުން ބަސްހުސްވެފައިވާ ކަހަލައެވެ.

"ތިހެން އިންނަނީތަ؟ ކޮންމެސް އެއްޗެއް ކިޔާބަލަ" ހިމޭނުން އަދްޔަން އިންނަން ފެށުމުން ގުމްރޫހް ބުނެލިއެވެ. ދެކަކުލުގައި އަތުގެ އުނޅަބޮށި ވިއްދާލައިގެން އަތްތިލަ ގެނެސް އަނގައާއި ހިސާބު ޖައްސާލައިގެން އިނީ ވިސްނުމަކަށް ގެއްލިފައެވެ.

"ހިތަށް ހަމަޖެހުމެއް ހޯދަން ގޮމަ ކައިރިއަށް މިއައީ. އަހަރެން ގޮމަގެ އުނގުގައި ބޯއަޅާލަންތަ؟" އަދްޔަން ބުނެލިއެވެ. ގުމްރޫހް ހިނިތުންވުމާއެކު އަދްޔަން ސޯފާގައި ދިގަށް އޮށޯވެލިއެވެ. އަދި އަތް ގެންގޮސް ނިތްމަތީގައި ބޭއްވިއެވެ. ގުމްރޫހް މަޑުމަޑުން އަދްޔަންގެ އަތް ދުރުކޮށްލިއެވެ.

"ހުރިހާކަމެއް ބަދަލުވެއްޖެ. މަންމަވެސް. ދޮންބެވެސް. ވާނެގޮތެއް ނޭނގޭ. ދޮންބެ އަލުން ދޮންބެދައްތަ ބޭނުންވެއްޖިއްޔާ ދެން ކިހިނެއް ހަދާނީ؟" އަދްޔަން ބުނެލިއެވެ. އެއަށް ދޭނެ ޖަވާބެއް ގުމްރޫހަށް ނޭނގުނެވެ.

"އެހެން ހީވޭތަ؟" ގުމްރޫހް ބުނެލިއެވެ.

"ނޭނގެ. ފަހަރެއްގަ އެހެންވެއްޖިއްޔާ ޔޯ. އަނެއްކާ ދޮންބެގެ ހިތް ހަލާކުވާނީ. އިނގޭ ދޮންބެކަން ކުށްވެރިޔަކީ. އެކަމަކު..."

"ޝްޝްޝް..." އަދްޔަންގެ ތުންފަތުގައި ޝާހާދަތް އިނގިލި ހުރަސްކޮށްލަމުން ގުމްރޫހް އަޑެއް ލައްވައިލިއެވެ.

"ބޭކާރު ކަންތައްތަކާއި ނުވިސްނާ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް. އެއްވެސް އިންސާނަކަށް ނުއުފުއްލެވޭ ވަރުގެ ތަކުލީފެއް އެކަލާނގެ އެއްވެސް އަޅަކަށް ނުޖައްސަވާނެ" ގުމްރޫހް ބުނެލިއެވެ.

"އަދޫ މިވަގުތު އެންމެ ހިތްވަރުކުރަންވީ މީހަކީ... އެހެންވީމާ ހަމަޖެހިލާފައި ފިިނި ހިތަކުން ވިސްނާލާ. އަރާމުކޮށްލާ..." ގުމްރޫހް ބުނެލިއެވެ. އަދި މަޑުމަޑުން އަދްޔަންގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. ދެލޯ މަރާލައިގެން އޮތް އަދްޔަންއަށް ލޯބިވެރިޔާގެ އުނގު ތެރޭގައި ދެލޯމެރިގެން ދިޔަ ގޮތެއްވެސް ނޭނގެއެވެ.

***

އަދިވެސް ކޮޓަރި ތެރެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އުނޭޝް މަޑުމަޑުން ތެދުވެއްޖެއެވެ. ފާރުގައި ހުރި ސްވިޗްތައް ޖައްސައިލިއިރު އަތުގައި ތުރުތުރުލުމެއް ހުއްޓެވެ. ހަށިގަނޑުގައި އެއްވެސް ވަރެއްނެތް މީހެއް ފަދައިން ހިނގާފައި ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިއްޖެއެވެ. އަމިއްލަ ސޫރައަށް ނަޒަރެއްދިނީ އޭނާގެ އަމިއްލަ ނަފްސަށް އައިސްފައިވާ ބަދަލު އަމިއްލަ ދެލޮލުން ދެކިލަން ބޭނުންވެފައި ހުރުމުންނެވެ. ލައިގެން ހުރި ގަމީހުގައި ވަނީ ރޫޖެހިފައެވެ. އިސްތަށިގަނޑު ހޭވިފައެވެ. ދެލޯ ރަތްވެގެން ގޮސް ބޮނޑިއާއެކު ވަނީ ދުޅަވެފައެވެ. ދެތުންފަތް ކުރަކިވެ ކަރުތެރެވެސް ވަނީ ހިކިފައެވެ. ދެލޮލުގެ ކަރުނަވަޅަށް ހޫނު ކަރުނަތައް ޖަމާވާން ފެށީ އޭނާ ބަލަހައްޓައިގެން ހުއްޓައެވެ. ދެލޮލުން ކަރުނަތައް އޮހިގަތުމާއެކު ދެއަތުގެ ނުފުށުން ފޮހެލައިފިއެވެ. އަލުން އެނދު ކައިރިއަށް އައިސް ކާޕެޓް މައްޗަށް ވެއްޓިގަތެވެ. އެނދުމަތީގައި ބޭއްވި އަތުގައި އެއްޗެއް ޖެހުމުން ބަލައިލިރު ކުރިން ގެންގުޅުނު ފޮޓޯ ފްރޭމެވެ.

"އަހަރެންނަށް މަޢާފްކުރޭ ރާނީ.... އަހަރެން ރާނީ ބޭނުން. އަހަރެންނަށް އެހީވެދީ... އަހަރެންނަށް ކުރެވުނު ކުށް އިހުސާސް ކުރެވިއްޖެ. އަހަރެން ކައިރިއަށް އާދޭ" މޭގައި ފްރޭމް ޖައްސައިލަމުން އުނޭޝް ބުނެލިއެވެ. މަޑުމަޑުން އޭނާގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. ދެކަކުލުގައި ބޯއަޅާލައިގެން ރުއިމުގައި އެތައް އިރެއް ވަންދެން އިނދެފައި ތެދުވެގެން ފާހާނާއާ ދިމާލަށް ހިނގައިގަތެވެ. ވުޟޫކޮށްލައިގެން ނިކުތް ގޮތަށް ކޮޓަރި ތެރެއަށް ނަމާދަށް އަރައިފިއެވެ. ތައުބާގެ ދެ ރަކުޢަތް ނަމާދެއް ކުރިއެވެ. ދެއަތް އުފުލާ އެކަލާނގެ ހަޟްރަތަށް ދުޢާ ދަންނަވަން ފެށިއެވެ. އޭނާގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ވާހަކަތަކެއްގެ ސިފައިގައި އެކަލާނގެ ހަޟްރަތަށް ދަތުރުކޮށްފިއެވެ. ނަމާދުކޮށް ނިމުނުއިރު މުޅި އުމުރުގައި ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުން އޭނާގެ ހިތަށް ލިބިފައިވިއެވެ. މުސައްލަ އޮޅާލާފައި އެނދުމަތީގައި ބޭއްވިއެވެ. އަދި ކޮޓަރި ދޮރުހުޅުވާލާފައި ނިކުތެވެ.

***

ރޭއެއްކޮށް ޙާއިޝާ އެންމެ ލޮލުފިޔައެއްވެސް ޖަހައިނުލައެވެ. ނުނިދިފައި އޮވެފައި ޔަޝްފީއަށް ވެސް ނިދުނީ ދާދި ދެންމެވާން އުޅެނިކޮށެވެ. ނަމާދަށް ތެދުވެފައިވެސް ކޮޓަރިން ބޭރަށް ނިކުމެ އޭނާ އުނޭޝް އޮތް ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ. ކުރިން ހުރިި ގޮތަށް ކޮޓަރީގެ ދޮރުދަށުން އެއްވެސް އަލިކަމެއް ފެންނަން ނެތުމުން ހިތްދަތިވެފައި އެތެރެއަށް ވަނެވެ.

ނަމާދުކޮށް އަވަދިވެގެން ދުޢާއަށް އަތް ނަގައިގެން ޙާއިޝާ އިނެވެ. އޭނާގެ ވެރިރައްބާ ހިތުގައިވާ ހުރިހާ ޝަކުވާތަކާއި ވޭންތައް ހިއްސާކުރަމުން ދިޔައެވެ. ގިސްލެވެމުން ދިޔަވަރުން ގޮނޑީގައި އިންނަންވެސް އުނދަގުވަމުން ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވުނުކަމެއްވެސް އޭނާއަށް ނޭނގެއެވެ. އެހެން އިންދާ އޭނާ ކުއްލިއަކަށް ސިހިގެން ދިޔައީ ކައިރީގައި އިށިން މީހަކު އޭނާގެ އުނގުގައި ބޯއަޅައިލުމުންނެވެ. އޭނާގެ ހަށިގަނޑުގައި ތުރުތުރުުމެއް އުފެދިގެން ދިޔައެވެ. އެއީ އުނޭޝްކަން އިނގުމުން މެއަށް ބާރުވެގެން ދިޔައެވެ. މޭފިތިފައިވާ މީހަކު ފަދައިން އަވަސް ނޭވާތަކެއް ލާން ފެށުނެވެ. އުނގުގައި ބޯއަޅައިގެން އޮވެ ބޮޑުވެފައި ހުރި ފިރިހެން ދަރިއަކު ރޮމުންދާއިރު މައި ލަގޮނޑިއަށް ކެތްވެދާނެ ހެއްޔެވެ؟ ޙާއިޝާއަށް ކެތްކުރަން ދަތިވެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ދުުޢާއަށް ނަގައިގެން އިން ދެއަތް މަޑުމަޑުން ގެނެސް އުނޭޝްގެ ބޮލުގެ އިސްތަށިގަނޑުގައި ޖައްސާލާއިފިއެވެ. އެތައް ދުވަހަކަށްފަހު ލޯބިވާ ދަރިފުޅުގެ އިސްތައްޓެއްގައިވެސް އަތް ޖެހުމުން އޭނާގެ ހިތަށް އިންތިހާދަރަޖައިގެ އުފާވެރިކަން ލިބިއްޖެއެވެ. އޭސީ ނިއްވާލާފައި ހުރިއިރު މެދުމިނެއްގައި އެނބުރެމުންދިޔަ ފަންކާގެ އަޑު ނޫން އެހެން އަޑެއް ކޮޓަރި ތެރެއިން ނީވެއެވެ. އެހެންނަމަވެސް މިހާރު ރާގު ބަދަލުވެއްޖެއެވެ. ދެމައިންގެ ރުއިމުގެ އަޑުން މުޅި ކޮޓަރި ގުގުމަން ފަށައިފިއެވެ. އެއްވެސް މީހަކު ބަހެއް ނުކިޔައެވެ. ރޮމުންދިޔައީ ދެލޮލުން ކަރުނަތައް ހުސްވަންދެން ކަހަލައެވެ. އެންމެފަހުން އެ އަޑަށް ނިދާފައި އޮތް ޔަޝްފީއަށްވެސް ހޭލެވިއްޖެއެވެ. އޭނާ ތެދުވެ ލައިޓް ޖައްސާލާފައި އެނދުގައި އިށީނެވެ.

ޙައިރާންކަމާއެކު ކޮޓަރިތެރެއަށް ބަލައިލިއެވެ. ފެނުނު މަންޒަރަކުން އޭނާގެ ހިތްހީވީ ފަޅައިގެން ދިޔަހެންނެވެ. ޙާއިޝާގެ އުނގުގައި ބޯއަޅާއިގެން ތިރީގައި އިށީނދެގެން އިންއިރު އުނޭޝްގެ އިސްތަށިގަޑުގައި ދެއަތުން އެއްވަރަކަށް ފިރުމަމުން ދިޔަ ޙާއިޝާވެސް ރޮނީއެވެ. ދެމައިންނަށް ކުރަމުންދިޔަ އަސަރުތައް ފެނި ޔަޝްފީއަށް އެތަނުގައި އިންނަން ދަތިވެއްޖެއެވެ. ތެދުުވެގެން ގޮސް އުނޭޝް ކައިރީގައި ކުރުކަކޫ ޖަހައިގެން އިށީނދެއްޖެއެވެ. ހިތުގައިޖެހިފައި ރޮމުންދިޔަ އުނޭޝްއަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ދެލޮލުން ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުން ދިޔައެވެ.

"މް....މަން...މަންމާ...! ކަރުނައިގެ ތެރެއިން ޙާއިޝާއަށް ގޮވާލަން އުނޭޝް މަސައްކަތް ކުރަމުން ދިޔައެވެ.

"އަޅުގަނޑަށް މަޢާފްކުރޭ. ހިތްހެޔޮކުރޭ... އަޅުގަނޑު މަރުވަން އުޅޭހެން ހީވަނީ.... ނޭވާލާންވެސް އުނދަގޫއެބަވޭ" އުނޭޝް ބުނަމުން ދިޔައެވެ. ދަރިފުޅަށް މަންމަގެ ހިތްހެވޭ ބުނަން ބޭނުންވިޔަސް ޙާއިޝާއަށް އެހިތްވަރެއް ނުލިބުނެވެ. އުނޭޝްގެ ހިތުގައި ޖެހިފައިވާވަރަށް ވުރެ ބޮޑަށް ޙާއިޝާގެ ހިތުގައި މާބޮޑު ވޭނެއް އަޅަމުން ދިޔައެވެ.

ހާއިޝާގެ ހަށިގަނޑަށް ކުއްލިއަކަށް ލޮޅުމެއް އައީ އޭނާގެ ދެފައިދަށަށް އުނޭޝް ތިރިވުމުންނެވެ. އަރައިގެން ހުރި ފައިއުރައިގެ މަތިން އުނޭޝްގެ ދެއަތްތިލަ ފައިތިލައިގައި ޖެހުމުން ޙާއިޝާއަށް ހީވީ އޭނާގެ ފަހުވަގުތުކޮޅު ހެންނެވެ. އެދަރިފުޅު އޭނާގެ ހިތްހަލާލު ބޭނުންވެފައިވާ މިންވަރު އިނގި ކަރުނައިގެ ފުން ކަނޑަކަށް މުޅި ނަފްސު ގެނބިގެން ދިޔަހެން ހީވެއްޖެއެެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟