''މާމައާ ވާހަކަދައްކަން މިދަނީ، މާދަން އަންނާނަން މާކިން ގޮވައިގެން، ކަރީމް އަންކަލްއާ ބައްދަލުކުރަން...'' ޖާދިން ބުނެލިއެވެ. އުފާވެރިކަން އެމޫނުމަތިން އީވާއަށް ފެނުނެވެ. އެމަންޒަރުން އީވާގެ ހިތަށް ފިނިކަމެއް ލިބުނެވެ.
ޖާދިންއަށް ބަލަން ހުރި އީވާ ބޯޖަހައިލިއެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅިގެންދާނެކަމުގެ މަލަމަތި ފެންނަން ފެށިއެވެ. އުފާވެރިކަން ހާސިލުވެދާނެކަމުގެ އުއްމީދު ވެސް އާލާވެގެން ދިޔައެވެ.
''ދެއި އާރ ބްރަދާސް؟... އެކަމަކު ދެމީހުން ވެސް ހާދަ ތަފާތޭ!...'' ޖާދިން ދިޔަ ދިމާއަށް ބަލަން ހުރެފައި ހިތާހިތުން އިވާއަށް ބުނެވުނެވެ. އޭނައަށް އެކަން ފާހަގަ ނުވީތީ ވެސް އީވާ ހައިރާން ވިއެވެ. އަވަސްއަވަހަށް ރައުހާއަށް ގުޅާފައި އެޚަބަރު އީވާ ދިނެވެ. ރައުހާއަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ. އެތައް ސުވާލެއް ފެންމަތިކުރުވިއެވެ. އެނގިފައި އޮތް މިންވަރަކުން ރައުހާގެ ސުވާލުތަކަށް ޖަވާބު ދެވޭތޯ އީވާ މަސައްކަތްކުރިއެވެ.
*****
ހާޖަރާއާއި ޖާދިން ބައްދަލުކުރިއެވެ. އަދި މާކިންގެ ހަޤީޤަތް ކިޔައިދިނެވެ. އެއީ އޭނަގެ އެއްބަނޑުއެއްބަފާ ކޮއްކޮކަން ހާމަކުރިއެވެ. ހާޖަރާ އިނީ އަޖައިބުވެ އަންތަރީސް ވެފައެވެ. އެސްފިޔަ ތަޅުވާލަން ހަނދާން ނެތިފައެވެ. ހާޖަރާއާ އިތުރަށް ޖާދިން ދެއްކި ވާހަކައަކީ މާކިންއާއި އީވާގެ ގުޅުމަށް ރުހުން ދިނުމަށެވެ. އެލޯތްބަށް ފުރުސަތު ދިނުމަށެވެ. ވާހަކަތައް ނިމުމުން ވެސް ހާޖަރާ އިނީ އަބުއި ވެފައެވެ. ދޭނެ ޖަވާބެއް ނޭނގުނެވެ. އެވާހަކަތައް ހަޖަމުކުރަން ދަތިކަމަކަށް ވިއެވެ.
''މާމާ، މާކިންއަށް ފުރުސަތު ދެއްވާ...'' ޖާދިންގެ އަޑުގައި ވަނީ އާދޭހެވެ. އޭނަ ތަފާތު އެކި ގޮތްގޮތުން ހާޖަރާގެ ނިންމުން ބަދަލުކުރެވޭތޯ މަސައްކަތްކުރިއެވެ. މާކިންގެ ރަނގަޅު ވާހަކަ ބުނެދިނެވެ. މާކިން ފަދަ ދެވަނަ ބައިވެރިޔަކު އީވާއަށް ނުލިބޭނެކަން ސާބިތުކޮށްދޭން ވެސް އެތައް ވާހަކައެއް ދެއްކިއެވެ.
އާރަބްގެ ދަރިއަކަށް މާކިން ވުމުން ހާޖަރާގެ ވިސްނުން ބަދަލުވާން ފެށިއެވެ. މާކިންއާ މެދު ދެކެވެމުން އައި ނަޒަރިއްޔާތު ބަދަލުވާން ފެށިއެވެ. ޖާދިންގެ އާދޭސްތަކާ މެދުގައި ވެސް ވިސްނުން ހިންގާލެވުނެވެ.
*****
މާކިންގެ ބައްޕަޔަކީ އާރަބް ކަން ޔަޤީންވި ދުވަހުން ފެށިގެން މަކިންއާ މެދު ހާޖަރާ ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވެގެން ދިޔައީ ކުއްލިޔަކަށެވެ. ހީވީ މާކިން ރަނަށް ބަދަލުވީ ހެންނެވެ. ކުރިން ދެކެވުނު ވާހަކަތައް އަނބުރާ ގެނައެވެ. ލަދުވެތިކަމެއްގައި ނުބެދޭނެކަން ޔަޤީންވުމުން ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަގެ މަޤުސަދަކީ އާރަބްއާއި ކަރީމްގެ އެކުވެރިކަން އާއިލީ ގުޅުމަށް ބަދަލުކުރުމެވެ. ޖާދިންއާ އެހާވަރަކުން އީވާގެ ކައިވެނި ކުރުވަން ބޭނުންވީ ވެސް އެސަބަބާ ހުރެއެވެ. އޭނަ ދެކެމުން އައި ހުވަފެން މާކިންގެ ފަރާތުން ވިޔަސް ހަޤީޤަތަކަށް ވެދަނެތީ އެކަމާ ހާޖަރާ ހިތްހަމަޖައްސާލިއެވެ.
*****
އީވާގެ މައިންބަފައިންނާ ބައްދަލުކުރަން މާކިން އެގެއަށް ދިޔަ ދުވަހަކީ އާއިލީ ގުޅުންތައް ވެސް އިތުރަށް ބަދަހިވެގެން ދިޔަ ދުވަހެކެވެ. އޭރު ހާޖަރާއަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފިއެވެ. މާކިން ފެނުމުން އޭނައަށް ނުހަނު ކަމުދާ ޒުވާނަކަށް މާކިން ވިއެވެ. ހުރިހާ ވެސް ކަމަކީ ހާޖަރާ ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވުމެވެ. މާކިންގެ ކާމިޔާބީތައް ވެސް ފާހަގަ ވާން ފެށީ އެހިސާބުންނެވެ.
އެދުވަހު ސަޔެއް ބޭއްވުނެވެ. އީވާގެ ތުންފަތް މަތީގައި ރަކި ހިނިތުންވުމެއް ވިއެވެ. މާކިންއާ ބަދަލުކުރެވޭ ނަޒަރުތަކުން ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. އެއުފާވެރި މާހައުލުގައި މުސްތަޤުބަލާ މެދު ފޮނި ހުވަފެންތައް ދެކެވެމުން ދިޔައެވެ.
*****
ދުވަސް ނެގި ކަމުގައި ވިޔަސް ބަސްމާއާއި އާރަބްއަށް، މަންމަގެ އެދުމުގެ މަތިން މާކިން މަޢާފްކުރިއެވެ. އެއާއެކު އާރަބްއާއި މާކިންއާ ދެމެދު އޮތް ގުޅުން ވެސް ބަދަހިވެގެން ދިޔައެވެ. އެކަމާ އާރަބް ހުރީ ނުހަނު އުފަލުންނެވެ. މާކިންގެ ލޯބި ލިބުމުން ހިތަށް ފިނިކަމެއް ވެސް ލިބުނެވެ.
*****
ދީނުގެ ކަންކަމާ ފަހުންފަހުން އައިސް ހާޖަރާ މަސްއޫލުވާން ފެށީ އޭނައަށް ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. ޖެހިޖެހިގެން ތިން ރޭ އެހުވަފެން އޭނައަށް ފެނުނެވެ. އެއީ ބިރުވެރި ހުވަފެނެކެވެ. ހުވަފެނުގައި ފެންނަނީ އޭނަގެ ފަހަތުން އަލިފާންގަނޑެއް އަންނަތެނެވެ. އެއަލިފާންގަނޑުން ސަލާމަތްވާނެ ގޮތެއް ނެތި މީހާ ގޮތް ހުސްވާތެނެވެ. ހޭލެވެނީ އެހިސާބުންނެވެ. އޭރު ފަތިސްނަމާދުގެ ބަންގީގެ ވަގުތު އޮތްނަނީ ކައިރިވެފައެވެ.
ހުވަފެނާ މެދު ވިސްނާލުމުން އޭނަގެ ދިރިއުޅުން އިސްލާހުކުރަން ހާޖަރާ ގަސްދުކުރިއެވެ. މީހާގެ ބޮޑާކަމާއި ކިބުރުވެރިކަމާ ދުރުވެއްޖެއެވެ. ދީނުގެ ކަންކަމަށް އިހުނަށް ވުރެން ބޮޑަށް ސަމާލުވެއްޖެއެވެ. ފަޤީރުންނާއި ނިކަމެތިންނާ މެދު ދެކެމުން އައި ނުބައި ނަޒަރިއްޔާތު ބަދަލުވެއްޖެއެވެ. ސަދަޤާތްކުރުން އިތުރުކުރިއެވެ. ދިރިއުޅުމަށް އައި ހެޔޮ ބަދަލުތަކުން ހަޤީޤީ އުފާ ހާޖަރާއަށް އިހުސާސް ކުރެވުނެވެ. އިސްލާމްދީނުގެ ނޫރުން ހިތަށް ފިނިކަމެއް ލިބުނެވެ.
ލައިލާއާއި ހާޖަރާއާ ދެމެދު އޮތްނަނަ ގުޅުން ވެސް ބަދަހިވެއްޖެއެވެ. އެކަމުން ލައިލާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ކަރީމްއަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގޭތެރޭގެ މާހައުލު މުޅިންހެން ހަމައަކަށް އެޅިއްޖެއެވެ. އެހުރިހާ ކަމަކަށް މާތްﷲއަށް ހަމްދާއި ޝުކުރުކުރެވުނެވެ.
*****
ހަތްއަހަރު ފަސް...
ކުލަގަދަ ހަފްލާއެއްގެ ތެރޭން މާކިންއާއި އީވާގެ ކައިވެނި ކުރެވިގެން ދިޔައެވެ. ކައިވެނީގެ ހަފުލާ އޮތީ އާރަބް އަލަށް ހުޅުވި ފަސްތަރީގެ ރިސޯޓެއްގައެވެ. މާލެއާއި ކައިރީގައި އޮތްނަ ރިސޯޓެކެވެ. ދެފަރާތުގެ އާއިލާ މެންބަރުންގެ އިތުރުން އެކިއެކި ވިޔަފާރިވެރިންނާއި، އާއިލާގެ ރައްޓެހިންތަކަށް ދައުވަތުދެވުނެވެ.
އީވާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާން ރައުހާ އާއި އޭނަގެ ފިރިމީހާ ފަރްހާން ވެސް އައެވެ. ރައުހާ އައީ އޭނަގެ ދެއަހަރުގެ ފިރިހެންދަރިފުޅު ރާކިން ވެސް ގޮވައިގެންނެވެ. އުފާވެރި އަދި ހަލަބޮލިމާހައުލުގެ ތެރޭން ރައުހާ ފެނުމުން އީވާއަށް ހިނިތުންވެވުނެވެ. ފްލައިޓް ޑިލޭ ވުމުގެ ސަބަބުން ރައުހާއަށް ނާދެވިދާނެތީ އީވާ ހުރީ ނިކަން ފިކުރު ބޮޑުވެފައެވެ. އޭނަ ބޮޑު ރޭގައި ގާތުގައި އެކުވެރިޔާ ހުންނަން ބޭނުން ވީތީއެވެ. އެކުވެރިޔާ ފެނުމުން އޮޅުލައިގަންނަމުން ލިބިފައިވި އުފާވެރިކަން ހިއްސާކުރެވުނެވެ. ލައިގެން ހުރި ހުދުކުލައިގެ ކައިވެނީގެ ހެދުމުން ހަށިގަނޑަށް ލިބިފައިވި ބުރަހެލިކަން ވެސް ފިލައިގެން ގޮސްފިއެވެ. ރާކިން އުރާލަމުން އެލޯބިލޯބި މޫނުގައި ވަސްގަނެލެވުނެވެ.
އީވާއާއި މާކިންއަށް ވެސް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބިފައިވިއެވެ. ދެމަފިރިންގެ ހުވަފެންތައް ވަނީ މިއަދު ހަޤީޤަތަކަށް ވެފައެވެ. ރާއްޖޭގެ ނަން މަޝްހޫރު ހިތުގެ ޑޮކްޓަރުންގެ ތެރޭގައި ހިމެނެއެވެ. ދެމަފިރިން ވެސް ތިބީ ކާމިޔާބީގެ ބޮންތީގައެވެ. އެއީ ދިރިއުޅުމެއް ފަށަން އެންމެ ރަނގަޅު ވަގުތުކަމުގައި ވެސް ނިންމުނެވެ.
*****
ކައިވެނީގެ ހަފްލާ ނިމި ހުރިހާކަމެއް ހަމައަކަށް އެޅުމުން އާއިލާގެ ހުރިހާ މެންބަރުން މާލެ ދިއުމަށް ދަތުރު ފެށިއެވެ. އާއިލާގެ މެންބަރުންނަށް އަލްވަދާއު ކިއުމަށްފަހު އީވާއާއި މާކިން ދިޔައީ ދެމަފިރިންނަށް ހާއްސަކުރެވިފައިވި ކޮޓަރިއަށެވެ. އެއީ ރިސޯޓްގައި ހުރި އެންމެ ހިތްގައިމު މޫދު ކޮޓަރިއެވެ. ކޮޓަރި ޒީނަތްތެރިކުރެވިފައިވަނީ ރަތްފިނިފެންމަލުގެ ފިޔަތަކުންނާއި އުށްބައްތިތަކުންނެވެ. ސަމޭދާންތަކުގައި ޖަހާފައި ހުރި އުއްބައްތިތަކުގެ އަލި ކޮޓަރިތެރޭގައި ނަށަމުން ދިޔައެވެ. މާހައުލަށް ފެތުރުފައި އޮތީ ފަނޑު އަލިކެމެވެ. ހިތްގައިމު އިޝްޤީ މާހައުލެކެވެ.
ކޮޓަރިއަށް ވަދެވުމާއެކު އީވާ އަވަސްވެގަތީ އޭނަ ލައިގެން ހުރި ބޮޑު އަދި އެހާމެ ބަރު ކައިވެނީގެ ހެދުމުން މިންޖުވެވޭތޯއެވެ. މެންދަމުން އަލިވެ އެކެއް ޖެހުމާ ހަމައަށް ކޮޅަށް ހުރެހުރެ ދެފައި ވެސް ވަރުބަލި ވެއްޖެއެވެ. މާކިންގެ އަނބިމީހާގެ ހައިސިއްޔަތުން ކޮޓަރީގައި މާކިންއާއެކު އެކަނިވެފައި ހުރިކަމެއް ވެސް އީވާއަށް ރޭކާނުލިއެވެ. ވެފައި ހުރި ވަރުބަލިކަމެއްގެ ސަބަބުންނެވެ.
ބޮލުގައި އޮތް ބުރުގާގެ ޕިންތައް ނައްޓަމުން އިސްތަށިގަނޑާއި ބުރުގާ ވަކިކޮށްލެވުނެވެ. އަދި ޖަހާފައިވި ހުޅިން އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ކޮޓަރީގެ ދޮރުކަންޏަށް ލެނގިލައިގެން ހުރި މާކިންއަށް އީވާގެ އިސްތަށިގަނޑު ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ދިހުން އަރާ ފަން އިސްތަށިގަނޑު އުށްބައްތީގެ ފަނޑުއަލިކަމުގެ ތެރޭން ފެނުނު ގޮތް މާކިންއަށް ނުހަނު ކަމުދިޔައެވެ. ހަމައެއާއެކު އުށްބައްތީގެ އަލި އީވާގެ ދޮންދޮން މޫނަށް އެޅިފައި ވާއިރު ނިކަން ފުރިހަމައެވެ. ކޮށްފައިވި ލުއި މޭކަޕުގެ ސަބަބުން އީވާގެ ރީތިކަން އިތުރުކޮށްދިނެވެ.
ހެދުމުގެ ޒިބްގައި އީވާގެ އަތް ޖެހޭ ގޮތެއް ނުވިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި މާކިން އެއްމިޔަކަނިން ހިނިތުންވެލިއެވެ. އަދި ލުއި ފިޔަވަޅުތަކެއްގައި އީވާގެ ގާތަށް ދިޔައެވެ. މާކިންގެ ބީހުން އިހުސާސްކުރެވުނު ވަގުތު އީވާގެ ހިތުގެ ތެޅުން މަޑު ޖެހިލިއެވެ. މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދައުރުކޮށްލިއެވެ. މާކިންގެ ހިލަން އޭނަގެ ހިތަށް ވީ ދެނެވެ. ހިތުގެ ތެޅުން ނުހަނު އަވަސްވެގެން ދިޔައެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުއިރު ލޯގަނޑުން އޭނަގެ ފުރަގަހުގައި ހުރި މާކިންގެ ބިޔަ ހަށިގަނޑު ފެނެއެވެ. އެރީތި މޫނު ސިހުރެއް ފަދައިން އީވާއަށް ފެނުނެވެ. އީވާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ނޭވާކުރުވާން ފެށިއެވެ.
ލަސްލަހުން ހެދުމުގެ ޒިބު މާކިން ތިރިކުރާކަން އީވާއަށް އިހުސާސްވިއެވެ. އޭރު މާކިންގެ ހޫނު ނޭވާތައް އީވާގެ ކަނދުރާއަށް އެޅެމުން ދިޔައެވެ. ހަށިގަނޑުގެ އެންމެ ހިމަނާރާ ހަމައަށް ކަރަންޓުގެ ބާނީތައް ދައުރުވާން ފެށިއެވެ. ހިތުގައި ހީލިކެރުވުމެއް ވެސް އުފެދުނެވެ. ހަށިގަނޑުގެ ލޯލިތައް ވެސް ކޮޅަށް ޖެހުނެވެ.
އިޝްގީ އަދި މަސްތުން ފުރިގެންވި މާހައުލުގައި އީވާގެ ހިތް އަވަސްވާން ފެށިއެވެ. ހިތުގައި އެދުމެއް އުފެދެން ފެށިއެވެ. މާކިންއާ އެހާ ގާތަށް އާދެވުމުން ޖަޒުބާތުތައް އުތުރިއަރަން ފެށިއެވެ. އޭނައަކީ މިހާރު މާކިންގެ މިލްކެކެވެ. ހަލާލު އަނބިމީހާއެވެ. މާކިންގެ ކޮންމެ އިޝާރާތަކަށް އީވާއަށް އިޖާބަ ދެވުނެވެ. ހިތާއި ރުހުމުންނެވެ. ހިތް ހުޅުވާލަ ދިނެވެ. އެޖިސްމު މާކިންއަށް ވެދުންކުރިއެވެ.
ދެހިތުގައި ވެސް ދައުރުވާން ފެށީ އެއް އިހުސާސެކެވެ. އެއް ވިންދެނެވެ. ހާމަވެގެން ދިޔަ އީވާގެ ބުރަކަށީގައި މާކިންއަށް އިނގިލިތަކުގެ ކުރި ހިންގާލެވުނެވެ. ގައިން ހީބިހިނަގައިގެން ދިއުމުން އީވާއަށް ލޯމަރައިލެވުނެވެ. އޭރު މާކިންގެ ހޫނު ނޭވާތައް ކަނދުރާއަށް އެޅެމުން އައިސް އެތުންފަތުގެ ހޫނު ބީހުން ވެސް އިހުސާސްކުރެވުނެވެ. ކަރަންޓުގެ ޝޮކެއް ލިބުނު ކަހަލައެވެ. ހިތް ހީވީ މޭފަޅާފައި ނިކުމެދަނެހެންނެވެ. ދެލޯމަރައި ތަގުޅިކޮށްލެވުނެވެ. އެއީ މާކިންއަށް އީވާ ދިން އިޝާރާތެކެވެ.
ނޭވާތައް ފުންވާން ފެށިއެވެ. ހަރަކާތްތައް އަވަސްވާން ފެށިއެވެ. ފިރުމުންތައް ގިނަވާން ފެށިއެވެ. ކައިވެނީގެ ރާހަތާއި އަރާމުގެ ތެރެއަށް ދެމަފިރިންނަށް ފީނައި ގަނެވުނެވެ. އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކުރަމުންނެވެ. ހިތްއެދޭވަރު ބަޔާންކޮށްދެމުންނެވެ. ހިތުގެ ހާލަތު އަންގައިދެމުންނެވެ. ލޯބީގެ ދިގު އިންތިޒާރަށް ވަނީ ނިމުން އައިސްފައެވެ. އުފާވެރިކަން އުޑުގައި ފިޔަޖަހަމުން ދިޔައެވެ. މާކިންގެ ލޯތްބާއި އޯގާތެރިކަމުން އީވާގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ހަމަ އެފަދައިން އީވާގެ ލޯބިން މާކިންގެ ހިތުގެ ޒަހަމްތަކަށް ޝިފާ ލިބި ލޯބިވާން ދަސްވެއްޖެޔެވެ. މާޒީ ހަނދާން ނައްތާލައި އީވާއާއެކު މުޅިން އައު ހަޔާތަކަށް ދަތުރުފެށިއެވެ. އެއަތުން ދޫކޮށްނުލާނަންކަމަށް ވަޢުދުވަމުންނެވެ. އުފާވެރިކަމުން އީވާގެ އުނގު ފުރާލަދޭނެކަމަށް ވެސް ވަޢުދުވަމުންނެވެ.
*****
ހަމަސް ފަސް...
ވިޔަފާރި ބައްދަލުވުން ނިންމާލުމަށްފަހު، ޖާދިން ހުރީ އިޓަލީން ރާއްޖެއަށް ދިއުމަށް އެއާޕޯޓްގައެވެ. ޖާދިންގެ ސަމާލުކަން ދެވިފައި އޮތީ އޭނަގެ ފޯނަށެވެ. އޭނަ ހުރީ ފުރާ ގަޑި ޖެހެން ދެން ކޮފީޝޮޕެއްގައެވެ. މޭޒުމަތީ ހުރި އާވިއަރަމުން ދިޔަ ކޮފީތަށިން އިރުއިރުކޮޅާ ކޯވަރެއް ބޯލައެވެ. އެހެން އިންދާ ބޯޓު ފުރުމަށް ތައްޔާރުވަމުން ދިޔަ ކަމުގެ އިއުލާން އިވިގެން ދިޔައެވެ. އެއާއެކު ފޯނު ޖިންސްގެ ޖީބަށް ލަމުން ޖާދިން ގޮނޑިން ތެދުވުނެވެ. އަދި ޖެހިގެން ހުރި ގޮނޑީގައި އޮތް އޭނަގެ ބެކްޕެކް ނަގައި ކޮނޑުގައި އަޅުވާލިއެވެ.
ޖާދިން ކުރިއަށް ހިނގަމުން ދަނިކޮށް، ވަރަށް ހަލުވި ފިޔަވަޅުތަކެއްގައި ތެޅެމުންފޮޅެމުން ހިނގަމުންއައި އަންހެންކުއްޖަކު އޭނަގެ އަތްދަބަހަށް ލާން އުޅުނު ޕާސްޕޯޓާއި ބޯޑިންޕާސް ބިންމައްޗަށް ވެއްޓުނު މަންޒަރު ޖާދިންއަށް ފެނުނެވެ.
''އެކްސްކިއުޒްމީ!...'' ގުދުވެލަމުން ޕާސްޕޯޓާއި ބޯޑިންޕާސް ނަގަމުން ޖާދިން އެއަންހެންކުއްޖާއަށް ގޮވާލިއެވެ. ޕާސްޕޯޓަށް ދިން ނަޒަރުން އެއީ ދިވެހި ޕާސްޕޯޓެއްކަން ނަގައިގަނެވުނެވެ. ޖާދިން އެކުއްޖާއަށް އަނެއްކާވެސް ގޮވާލިއެވެ.
''އޯހ!، ތެންކިއު!...'' ޖާދިންގެ އަޑަށް ފަސްއެނބުރި ބަލައިލި އެއަންހެންކުއްޖާ ޝުކުރުވެރިކަމާއެކު ބުންޏެވެ. އަދި ޖާދިން ދިއްކޮށްލި ޕާސްޕޯޓްގައި ހިފީ ހިނިތުންވުމަކާއެކުގައެވެ.
ޖާދިން އެއަންހެންކުއްޖާއަށް ބަލައިލިއެވެ. އިސްކޮޅުން ދިގެވެ. ހަށިގަނޑުވެސް ލޫޅާފައްޗެވެ. ހަމުގެ ކުލަ އައްޔެވެ. އަޅާފައި ހުރި ބުރުގާ އެދިގު މޫނާއި ނިކަން ގުޅެއެވެ.
އެއަންހެންކުއްޖާއަށް ބަލައިލަމުން ޖާދިން ހިނިތުންވެލިއެވެ. އެއީ ޖާދިންގެ ހަޔާތުގައި އައު ބާބެއް ހުޅުވާލަދިން އިއްތިފާޤީ ބައްދަލުވުމެކެވެ. އެވަގުތު ރޭކާނުލިޔަސް އެއީ ޖާދިން ދެކިލަން އެދެމުން ދިޔަ ހަޔާތުގެ ބައިވެރިޔާއެވެ.
-ނިމުނީ-